ނަމަވެސް ދެވަނަ ސިކުންތުކޮޅުގެ ތެރޭގައި ވިޝާންގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ހިނިތުންވެލިގޮތުން ހުރިހާ ޝުއޫރެއް ފޮރުވާލައިފިއެވެ. އޭނަ ދެއްކި ވާހަކަތައް ކީވާއަށް އަޑުއިވޭނެކަން ޔަގީންވިއެވެ. ނަމަވެސް ދެނެހުރިކަމަކަށް ހަދާނުލައި އުޅުނީ ކީވާއާއި ދޭތެރޭގައި ވީހާވެސް ރަގަޅަށް ކަންތައްކުރާށެވެ. ކީވާ ހުރީ ދެރަވެފައެވެ. އަމިއްލަ ނަފުސަށް ކުރެވުނު އިތުބާރު މުޅިން ގެއްލިގެން ހިނގައްޖެއެވެ. އޭނަ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ވިޝާންގެ ކުރީގައި ހުރެ ކީވާ ހިނގައިގަތީ ސިޓިންރޫމާއި ދިމާލަށެވެ.

"ކިވީ، އަދި ދާކަށް ނުވޭ، ސްޓާރބަކްސް ކޮފީ ބޮއިގެން ޓެރެސްގައި އިރުކޮޅަކު ތިބެލާފައި ދާނީ، އެހެންނޫނަސް މިރޭ މަންމަމެންވެސް ދެން ނާންނާނެ، އެހެންވީމަ މުޅި ރޭ މިއޮތީ އަހަރެމެންނަށް....." ވިޝާން ކީވާގެ ކުރި ބެއްދުމުން ކީވާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އިސްއުފުލާލާފައި ބަލައިލެވުނީ އަޑި ނޭގޭހާ ފުން ދެލޮލަށެވެ. ކިތަންމެ ހޯދަން އުޅުނަސް އެ ދެލޮލުން ތެދުވެރިކަން ފެންނާނީ ކިހިނެއް ހެއްޔެވެ؟

ކީވާ ހުރީ މަޖުބޫރުވެފައެވެ. މިގޭތެރޭގައި އޭނައާއި ވިޝާން ނޫން އެހެން ފުރާނައެއްނެތެވެ. ވިޝާންއާއި އަރައިރުންވެލާފައި ގަދަކޮށްލާފައި ދާން ކެރޭ ވަރަށް ވުރެ ކީވާ ފިނޑިއެވެ. އެހެންނޫނަސް އޭނަ އެހެން އަންހެންކުދިންނަށްވުރެ ބަލިކަށިވާނެއެވެ. މީހަކު އަތުގައި ހިފާލާއިރަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވާނެއެވެ. އޭނަގެ އަތުގައި ހުރި ފިސްޓިއުލާ ބްލޮކްވެ ކަމެއްވެއްޖެއްޔާ އޭނައަށް ވާނެގޮތެއްވެސް ނޭގެއެވެ. އެހުރިހާކަމެއް ވިޝާން ރަގަޅަށް ދަންނާނެއެވެ.

"ކިހިނެއްވެފައި ތިހިރީ؟ މަ މިގެއަށް ގެނެސްގެން މިއުޅެނީ ޖިންނި ކުއްޖެއްހެން ހީވާން ފަށައިފި، އަނެއްކާ ފައި ބިންމަތީގައި ޖެހޭތަ؟ " ވިޝާން ހުރީ މަޖާވެފައެވެ. ކީވާ ހީލުމަކުން ފުއްދާލިއެވެ. އޭނަ ހުރީ ނުތަނަވަސްވެފައެވެ. 

ވިޝާންއާއި އެކީގައި ކޮފީ ބޮއިގެން ޓެރެސްއަށް ދިޔުމަށްފަހު ވިޝާން އެކަނިވެރިކަމުގެ ފައިދާ ކޮންމެވެސް ވަރަކަށް ނަގަން އުޅުނެވެ. ވަރަށް ނޫންކަމަށް ހަދާފައި ބޭނުންވާކަންތައް ސީދަލަށް ބުނުމުން ކީވާއަށް ލިބުނީ ޝޮކެކެވެ. ވިޝާން އެ އެދުނީ ކޮންފަދަ ގޮތްކުޑަކަމަކަށް ހެއްޔެވެ؟ ވީއިރު ވިޝާން އަންހެންކުދިން ލައްވާ ކުރުވާ ކަމަކީ އެއީއެވެ. ތެދެކެވެ. އޭރުން އަންހެންކުއްޖެއްގެ އިއްފަތްތެރިކަމެއް ނުގެއްލޭނެއެވެ. އެހެން އަންހެންކުދިން ވިޝާން ރުއްސާދޭން އެފަދަ ވިޔާނުދާކަންތައް ކުރިޔަސް ކީވާއަކީ އެހެން އުޅޭ ޒާތުގެ އަންހެންކުއްޖެއް ނޫނެވެ. ކީވާއަށް ވިޝާންގެ މޫނުމަތީގައި އެތިފަހަރެއް ޖެހުނީ ގަސްތުގައެއް ނޫނެވެ. އެވަގުތު އެހިތްވަރު ލިބުނުގޮތެއްވެސް ނޭގުނެވެ. ލޭ ހޫނުވެ މުޅި ކުއްޖާގެ ގައިގާ މަޑު ތުރުތުރެއްވިއެވެ.

ވިޝާން އަމިއްލަ މޫނުގައި ފިރުމާލާފައި ކުޑަކޮށް ހީލަމުން ބަލައިލިއެވެ. އޭރު ކީވާގެ ލޮލުގައި ކަރުނަވެސް ގިނަވެގަތެވެ. އޭނަ އަވަސްއަވަހަށް ދާންވެގެން އެނބުރުނެވެ. 

"ކިވީ ހާދަ ތަފާތޭ، އެހެން ގާލްސްއިން ވަރަށް ކޫލް، ވަގުތުން އެއްބަސްވާނެ، އެހާވަރުގެ ކުޑަ ހިތްހަމަޖެހުމެއް ނުދެވެންޏާ ތިކަހަލަ ލޯބިވެރިޔެއްގެ ބޭނުމަކީ ކޮބާ، އަހަރެންވެސް ނޫޅެން ގަދަކަމުން ކަމެއް ކުރުވާކަށް، ތިހާ ފިނޑި ކުއްޖަކާއިއެކު އަހަންނަކަށް ނޫޅެވޭނެ، މިރެއަށްފަހު އިޓްސް އޯވަރ، އަހަރެންގެ ގައިގާ ޖެހީތީ އަދަބެއް ދޭން ހިތަށް އަރާ، އެކަމަކު އެހެނެއްވެސް ދެން އަތްލާހިތެއްވެސް ނުވޭ، އެއްވެސް ފިރިހެނަކު ތިކަހަލަ ކުއްޖެއް ބޭނުމެއް ނުވާނެ، އެހެންނޫނަސް މަށަށް ހީވިޔޭ ލެޒްއެއްހެން..............." ވިޝާން ކީވާގެ ހިތުގައި ޖައްސާ ދެރަކޮށްލަންވެގެން ގަސްތުގައި ބުނެލިއެވެ.

ކީވާގެ ހިތް ކުނޑިކުނޑިވެގެން ދިޔަހެން ހީވިއެވެ. އަމިއްލަ ނިކަމެތިކަން ހިތަށް އަރާފައި ދެރަވެގެން ގޮސް ބާރަށް ރޮއިގަންނަން ހިތް އެދުނެވެ. ނަމަވެސް އޭނަ ކަރުނަތައް ދިރުވަމުން ކެތްކުރިއެވެ. ވިޝާންއާއި ދޭތެރޭގައި ލޯބިވެރިޔެއްގެ ގޮތުގައި ދެކުނުކަމީ އޭނަގެ މޮޔަކަމެވެ. އޭނައަށް ނުވިސްނުނީއެވެ. މިހާ ރީތި މޮޅުމީހެއް އޭނައާއި އެކަށީގެންވާކަމަށް ހީކުރެވި މާ މައްޗަށް އަރަން އުޅެވުނީއެވެ. ހަމަ ބިމަށްފޭބިއްޖެއެވެ. ކީވާއަށް ވިސްނިއްޖެއެވެ. 

ވިޝާން އަމިއްލަ ކާރުގައި ކީވާ ގެންދަންވެސް ދެކޮޅުހެދިއެވެ. މަގަށް ނުކުމެ ޓެކްސީއެއް ހޯދާފައި ކީވާ އަރުވާލާފައި ޑްރައިވަރއަތަށް ލާރި ދިނެވެ. ހަގީގަތުގައި ވިޝާން ހުރީ ވަރަށް ރުޅިގަދަވެފައެވެ. ކީވާއާއި ދޭތެރޭ އޭނަވެދިން އިހުސާންތެރިކަމާއި ހަދިޔާތަކުގެ ބަދަލުގައި ދޭން އެނގުނު އިނާމަކީ އެއީހެއްޔެވެ؟ މޫނުމަތީގައި އެތިފަހަރެއް ޖެހީއެވެ. އޭނަ އެހާ ކުޑަކަމަކު އެދުނީމަ ކޮށްދޭކަށް ނުކެރުނެވެ. މާ މާތްވާން އުޅެނީއެވެ. ރަގަޅުކަމަށް ހެދިގެން އުޅޭއިރު އެއީ ވަކި މަލާއިކަތެއް ހެއްޔެވެ؟ ކީވާ ނުލިބުނަސް ހެވެވެ. އޭނަގާތަށް ރުހުމުގައި އަންނާނެ ކުދިން މަދެއް ނޫނެވެ. ވިޝާން ބޮޑުކޮޓަރިއަށް ވަންގޮތަށް ބިއްލޫރި ވާސްގައި ހުރި ފިނިފެންމާތައްވެސް ނޮޅާފައި ބޫޓުދަށުގައި ލާ ޗިސްކޮށްލިއެވެ.

އަފްރީން ޕެރިހުން އެނބުރި އައުމުން ރަންދާ އަފްރީންގެ ގާތުގައި ކަޔާންގެ ވާހަކަ ދެއްކިއެވެ. ކަޔާން އެހެން މީހެއްގެ ފިރިއަކަށްވެއްޖެއްޔާ އަފްރީންއަށް ދެރަވާނެކަމުގަޔާއި ދަރިފުޅުގެ ބައްޕައާއި އިންނަން ކޮންމެފަދަ ގުރުބާނީއަކާއި އަގެއް ދައްކަން ޖެހޭނެކަމަށް ކިޔަންފެށިއެވެ. އަފްރީންފަދަ ހުރިހާ ގޮތަކުން މޮޅު އަންހެންކުއްޖަކާއި ވާދަކޮށްގެން ނިކަމެތި ކުއްޖަކު ކުރިއަތުލާތަން ބަލަން އަފްރީން ހުންނަންވީ ދެލޯ މަރާލައިގެން ހެއްޔެވެ؟ އަފްރީންގެ ބޮޑުދައިތަމެންވެސް ދިނީ އެ ޚިޔާލެވެ. އެންމެފަހުން ނަތާޝާ އަފްރީންއަށް ހިތުން މޮޅު ޚިޔާލެއް ދިނެވެ.

އިރުއޮއްސުނުއިރު މާލެއަށް ވިއްސާރަވާން ފެށިގޮތަށް ހީވީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ކެންޒިއާގެ ހުރިހާ މެމްބަރުން އެކީގައި ރޭގަނޑު ކެއުމަށް އިންސާފުކުރަން ތިބިއިރު އަފްރީންވެސް އެމީހުންނާއިއެކު ބައިވެރިވިއެވެ. ވާރެޔާއި ޖެހިގެން އޭނަ އެގޭގައި ހައްޔަރުވީއެވެ. މަދީ ކަޔާން އެކަންޏެވެ. ކަޔާންގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެކެވުނެވެ. މިހާ ވިއްސާރަ ރެއެއްގައި ކަޔާން ގެއަށް ނާންނާތީ އަޒީޒުއްދީން ކަޔާންއަށް ގުޅުއްވިއެވެ. ކަޔާން ބުނީ އޭނަ އުޅެނީ އެކުވެރިއަކާއި އެކުގައި ކަމުގައެވެ. އަފްރީން އިނީ ޝައްކެއްގެ މަތީގައެވެ. ބޮޑުދައިތަމެން ބުނިފަދައިން ކަޔާން އެ އަންހެންކުއްޖާގެ ގާތަށް ދަނީ ހެއްޔެވެ؟ ކަޔާންއާއިމެދު ލޯބީގެ ނަޒަރަކުން ދެކެން ބޭނުން ނުވިޔަސް އޭނަ މިހިރީ ކަޔާން ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރާށެވެ. ނަސީބަކުން މިރޭ މާހައުލުވެސް އައީ އެފަދަ ރެއެއްގެ ކުލަތައް ޖައްސަމުންނެވެ. ދެން އޮތީ އޭނަގެ ހިތްވަރެވެ.

އަފްރީން މަތީބައިގެ ކޮޓަރީގައި ކަޔާން ގެއަށް އަންނާނެއިރެއްގެ އިންތިޒާރުގައި ކުޑަދޮރުގެ ފޮތިތައް ކަހާލައިގެން އޮތެވެ. ގަޑީގެ ކަށިތައް ހިގަމުން ދާވަރަކަށް އަފްރީންގެ ހިތްވެސް އަވަސްވަމުން ދިޔައެވެ. އޭނައަށް އެފަދަ ހިތްވަރެއް ކުރަން ކެރިދާނެހެއްޔެވެ؟ ކަޔާން ކަންތައްކުރާނީ ކިހިނެއްބާވައެވެ. އެހެންނޫނަސް އެފަދަ އުފަލެއް ހާސިލުނުވާތާ ގިނަ އަހަރުތަކެއްވާން ފެށުމުން ބައިވެރިޔެއްގެ އަތުތެރޭގައި މިފިނި ރޭ ވޭތުކޮށްލަން ބޭނުންވިއެވެ. އަފްރީން ގަޑި ބަލާލައިފިއެވެ. ދަންވަރު ބާރަޖަހަނީއެވެ. އަދިވެސް އެފިރިހެނާ ގެއަށް އަންނާކަށް ނޫޅެއެވެ. ފަނަރަ ވަރަކަށް މިނިޓްފަހުން ކަޔާން އަންނަތަން ފެނުމުން އަފްރީން އަވަހަށް އެނދުން ފުންމާލައިގެން ގޮސް ކަޔާންގެ ފަހަތުން ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލާއިރަށް އޭނަ އަތުގެ ތެރެއިން ދެމިގެން ކޮޓަރިއަށް ވަދެ ހަށަން ބަދެލިއެވެ.

"ކެން، އަހަރެން ވާހަކައެއް ދައްކާލަން ބޭނުން...." އަފްރީން ހުރީ ނިކަން ތުނި ނައިޓީއެއް ގައެވެ. ހެދުމެއް ނުލައި ހުރުމެކޭ އެއްވަރެވެ. 
"އަހަރެމެން ރޭގަނޑު ދަންވަރު ދައްކާކަށް ވާހަކައެއް ނޯންނާނެ، އަހަރެން މިހިރީ ނިދިއައިސްފައި، މާދަން ބޭނުން ވާހަކައެއް ދައްކަން ގުޅާލާ..." ކަޔާން ކެތްތެރިވެލިއެވެ. އެހެންނޫނަސް އަފްރީންއާއި އޭނަގެ ދުޝްމިންކަން ނެތިގެން ދާން ދެން މާ ގިނަދުވަހެއް ނެތޭވެސް ހިތް ބުނެއެވެ.

އެވަގުތު އަފްރީން ކޮށްލީ ކަޔާން ހިތަށްވެސް ނާރާކަހަލަ ކަމެކެވެ. އެއައިގޮތަށް ކަޔާންގެ ކަރުގައި އެލިގަނެގެން އުޅެގަތީ މޮޔަވެފައިވާ ކުއްޖެއްފަދައިންނެވެ. ކަޔާންގެ މޫނުގެ އެތަންމިތަން ފޮރުވައިލީ އެ ރީތި ތުންފަތުންނެވެ. ކަޔާން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. އަފްރީން އޭނަދެކެ ނަފްރަތުކުރާވަރަށް އޭނަހުރީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެއްޗެހި ކިޔާ ޖެއްސުންކޮށްފައެވެ. އެދޭތެރޭގައި ގާތްތިމާގެ ކަމުގެ ކުލުނުވެސް ނުވާހާ މިންވަރަށެވެ. ނަމަވެސް އަފްރީން ހަގީގަތުގައިވެސް އޭނަދެކެ ލޯބިވާން ފެށީ ހެއްޔެވެ؟ އަފްރީންގެ ރީތި ބުޅި އިސްތަށިގަނޑު ވިހުރުވާލައިގެން ހުރިއިރު އޭނަދެކޭ ކޮންމެ ފިރިހެނެއްގެ ލޭގެ ހިނގުން އަވަސްކުރާހާ ރީއްޗެވެ. ކަޔާން ވީ ފޫއްސެވެ. އޭނަ އަފްރީން ގަޔާއި ވަކިކޮށްލާފައި ކޮށްޕާލިގޮތަކުން އަފްރީން ވިއްސައިގެންގޮސްފައި ގުޅައަކަށް ދޫލަމަތީގައި ޖެހުނެވެ. އެވަރުންވެސް އަފްރީން ބަލިވީހެން ހިޔެއްނުވެއެވެ. ގައިގާ އޮތް ހެދުން ހަށިގަނޑާއި ވަކިކޮށްލަމުން ތެދުވެއްޖެއެވެ.

"މޮޔަވީތަ؟ " ކަޔާން ދަތްކުނޑި ވިކައިގަތެވެ.
"ކަޔާން ހަނދާން ނައްތާލިޔަސް އަދިވެސް އަހަރެމެންގެ ފަސްޓް ނައިޓް ހަނދާންއެބަހުރި، އާން އައިމް ކްރޭޒީ، އަހަރެން ލަދެއް ނުގަނޭ މިހެން ބުނަން، އަހަންނަކީ ކަޔާންގެ މީހަކަށް އެތައް ރެޔަކު ހެދީމެއްނު، ކީއްވެތަ މިހާރު ނުކެރެންވީ؟ އަދިވެސް އަހަރެން މިހިރީ ބޭނުންހާ ކަމެއް ކޮށްދޭން، ނުކެރެނީތަ؟ ބަޔެއް މަދީތަ؟ ނޫނީ ގޭއިތަ؟ އެހެންނޫންނަމަ ތިހާ ނުކެރި ނުހުންނާނެ...." އަފްރީން ކުރިއަށް ފިޔަވަޅު އަޅަމުން އައިއިރު އެ ތުންފަތްމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ކޮޓަރީގައި ދިއްލާލާފައިވާ ރީދޫ ބޮކީގެ އަލި އަފްރީންގެ އޮމާން ހަށިގަނޑަށް އެޅިފައިވާއިރު ވިދައެވެ. ބޮޑު ދެލޮލުގައިވަނީ ތޫނު ވިދުވަރެކެވެ.
"ސޮރީ އަފްރީން......." ކަޔާން އަފްރީން ގެ އަތުގައި ހިފާ ކޮރިޑޯއާއި ދިމާލަށް ފޮނުވައިލުމުން އަފްރީން ހުއްޓުނީ ބެލްކަނީގެ ރެއިލިންގައި ޖެހިފައެވެ. އަފްރީންއަށް އެއްޗެއް ވިސްނެން ފެށީ ދެނެވެ. ކަޔާންގެ ހިތުގައި އޭނައާއި ދޭތެރޭގައި އެއްވެސް ކަހަލަ އިހުސާސެއްނުވާކަން އެނގުމުން ލަދުގަންނަގޮތްވިއެވެ.
"ޔޫ ރިޖެކްޓެޑް މީ، އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ، އަހަންނާއި ދޭތެރޭ ތިހެން ކަންތައް ކުރާއިރު ޖުއާން ބޮޑުވެގެން ތި ފިރިހެނާދެކެ ލޯބިވާނެހެން ހީވޭތަ؟ އެކުއްޖާގެ މަންމައާއި ދޭތެރޭގައި ހިތަށް އެރިގޮތެއް ހަދާލާއިރު ޖުއާންދެކެ ލޯބިވަނީ ކީއްކުރަންތަ؟ އެއް ޒަމާނެއްގައި އަހަރެން ވަރެއްނެތް، އޭރު އަހަރެން ފެނުމުން މޮޔަވެގެން އުޅުނު، އަހަރެން ދެކޮޅުހަދަނިކޮށް ހައްލާލައިގެން ހުރިހާކަމެއް ކުރީ، ނަތިން ވިލް ހެޕެން އޭ، އެކަމަކު ތި ފިރިހެނާ އަހަރެން ޕްރެގްކުރީ، ހަމަ ތެދަށް މިބުނީ، އަހަރެން ޖުއާން ގާތު ހުރިހާ ވާހަކައެއް ކިޔައިދޭނަން، ޖުއާން މިގޭގައިވެސް ނުބަހައްޓާނަން، އަހަންނޭ އެކުއްޖާ ވިހެއީ، ހުރިހާ ބުރައެއް އުފުލި މީހަކީ އަހަރެން، ދެން ޖުއާންގެ މައްޗަށް އޮންނަންވީ އެކަނި ކަޔާންގެ ހައްގުތަ؟ ކަޔާންއަކަށް އަހަރެންގެ ދަރިއަކަށް ވެރިކަމެއް ނުކުރެވޭނެ، އަހަރެން މިރޭ މިތަނަށް އައީ ކޮންމެހެން ތިފިރިހެނާ ނޫން މީހަކު ނުވެގެނެއް ނޫން، ޖުއާންގެ ހައްގުގައި، އައި ހޭޓް ޔޫ....." އަފްރީން ތުން އޫކޮށްލައިގެން ހުރެ ވަރަށް ހަމަޖެހިލައިގެން ހުރެ ހެދުން ލާންފެށިއެވެ. ކަޔާން ދަނެއެވެ. އަފްރީންމެން ރިޒޯޓަށްގޮސްފައި އާއިލާ ފިރިހެންކުދިން އުޅޭއިރުވެސް ކުރު ސޯޓް ކޮޅާއި ބަނޑުފެންނަ ޓޮޕްތަކުގައި އުޅެއެވެ. އެމީހުންނަށް އެއީ އެހާ ލަދުވެތިކަމެއް ނޫނެވެ. ރީތިހަށިގަނޑެއް ލިބިފައިހުރީމަ އިޝްތިހާރުކުރާ ހިތްވާހެންވެސް ހީވިއެވެ.

ކަޔާން ޖަވާބެއް ނުދީ ބާރަކަށް ދޮރު ލައްޕާލައިފިއެވެ. އަފްރީންއަށް ހަދަންވީގޮތް ނޭގެނީއެއް ނޫނެވެ. އޭނަ ވަގުތުން ވިޝާންއަށް ގުޅާފައި ރޯންފެށިއެވެ. ވިޝާންއައިއިރު އަފްރީން އޮތީ ކޮޓަރި ތެރޭގައެވެ. އެކޮޓަރީގެ އެނދަށް ހީވަނީ ހުވަން ރޯޅިއެއް އަރާފައި ހުރިހެންނެވެ. އަފްރީންލައިގެން ހުރި ނިދާހެދުން ވީދިފައި އޮތްއިރު އޭނަ އޮތީ ރަޖާގައިގާ އަޅައިގެންނެވެ. ވިޝާންގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އަފްރީން ކަޔާންގެ ނަން ބުނުމުން ވިޝާން ވިދުވަރެއްހާ ބާރަށް ނުކުމެގެންގޮސް ކަޔާންގެ ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ. އޭރު ވިޝާންހުރީ ހަމަހޭގަހެނެއް ހިޔެއްނުވެއެވެ. ކަޔާން ދޮރު ހުޅުވާލިއިރު އޭނައަށް ވެގެން އުޅޭގޮތެއް ރޭކާނުލައެވެ. ކަޔާން އޭރު ހުރީ އެކަނި ޖިންސްގައެވެ. ފެންވަރަން ތައްޔާރުވަނީކަން ނޭގެއެވެ. ވިޝާންއަށް ކަޔާންގެގެ މޫނުމަތިން އެވަގުތު ފެނުނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.

ކަޔާންގެ މޫނަށް ހޫނު އެތިފަހަރެއް އަރައިގެން ދިޔުމުން ކަޔާން ސިހުނެވެ. ކަޔާންއަށް އެވަގުތު ފެނުނީ ދޮރުން ބޯދިއްކޮށްލި އަފްރީންއެވެ. އޭނަ ހުރީ ރަޖާ ގައިގާ އޮޅާލައިގެންނެވެ. މަސްނޫއީ ކަރުނަތައް އެބޮޑު ދެލޮލުގައިވިއެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން ހުރެލާފައި އަފްރީން ކަޔާންއާއި ހީލީ ފޮނިގޮތަކަށެވެ. އަފްރީންގެ ނުލަފާކަން ކަޔާން އަޖައިބުވިއެވެ. އޭނަގެ ބޭބެ ގާތުގައި ދޮގުހަދައިގެން ރުޅިއަރުވާލީއެވެ. ހާދަ ގޮތްކުޑައެވެ.

"ދެވަނަ ފަހަރަކު އަހަރެންގެ ކޮއްކޮގެ ގައިގާ އިނގިލި ކުރި ޖައްސާލިޔަސް އިނގިލިތައް ބިންދާލާނަން......" ވިޝާން ދަތްތަކަށް ބާރުކޮށްލަމުން ވާހަކަދެއްކިއެވެ.

ޖެހިގެން އައި ދުވަހު ކެންޒިއާގައި އޮތީ އެވާހަކައެވެ. އޭރު ކަޔާންއަކަށް އެކަމެއް ނޭގެއެވެ. އޭނަ ހެދުނު އޮފީހަށް ދިޔައީ ސައިވެސް ނުބޮއެވެ. އެކަމުން އެންމެ ބޮޑު އަސަރެއްކުރީ ކެންޒީއަށެވެ. ނޭގިނަމަވެސް އެ ވާހަކަތަކުން އޭނަގެ ހިތް ހަލާކުކުރުވައިފިއެވެ. ކެންޒީގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެކަމަށް ހެކިދިނެވެ. ކަޔާންއާއި ބެހޭގޮތުން އެކަހަލަ ވާހަކައެއް އަޑުއިވުނީމަ ކެންޒީއަށް ކެތްނުވާނެކަން އެންމެނަށް އެނގުނެވެ. ވަރުޖިނާ އަވަހަށް ކެންޒީގެ ފުރޮޅުލީ ގޮނޑިދަމަމުންގޮސް ފެންޑާއަށް ނުކުތެވެ.

"ކެން....ވޯންޓް. ޑޫ...އިޓް..." ކެންޒީ އުދަގުލުން ވާހަކަދެއްކިއެވެ.
"ދަރިފުޅާ، އެކަމާ ނުވިސްނާ، އަފްރީން އަކީ ވަރަށް ޅަކޮށް އުޅޭކުއްޖެއް، އޭނަ އެހާވަރުން ކަޔާންދެކެ ލޯބިން ފަހަތުން އުޅޭއިރުވެސް އަދިވެސް އިންނާކަށް އެއްބަހެއްނުވޭ، އަފްރީން ބޭނުމެއް ނުވޭ އެހެން މީހަކާއި އިންނަން، އެހެންވެ އަފްރީން ކަޔާން ކައިވެންޏަށް އެއްބަސްކުރުވަން ދެއްކި ވާހަކައެއްހެން މަންމައަށް ހީވޭ، އެހެންނޫނަސް އަފްރީންވެސް ކައިވެންޏެއް ނުކޮށް ހުރެ މާ ގިނަދުވަސް އެވަނީ، ޖުއާންއަށްވެސް ލިބޭ ކިހާ ބޮޑު ދެރައެއް......" ވަރުޖިނާ އެވާހަކަ ދެއްކުމުން ކެންޒީ އިނީ ވިސްނުމެއްގައެވެ. ތެދެކެވެ. އަފްރީންއާއި ކަޔާން ކައިވެނި ކުރުމަށްވުރެ ރަގަޅުގޮތެއް ނެތެވެ. އެހެންނޫނީ އަފްރީންގެ ހިތް ހަލާކުވެދާނެއެވެ. ކަޔާންގެ ގާތުގައި އޭނަ އެދުނިއްޔާ ގަބޫލުކުރާނެ ހެއްޔެވެ؟ ފަހަރެއްގައި އޭނައަށްޓަކައި ކަޔާން އެ ކައިވެނި ކޮށްފާނެކަން ނޭގެއެވެ.

ލައިޝާ އެޕާޓްމެންޓަށް ދަނިކޮށް ދުއްވާފައި ދިޔަ ކާރެއް އޭނަގެ ގައިގާ ޖެހިފައި މަގުމައްޗަށް ވެއްޓުނެވެ. ނަސީބަކުން ވާރޭވެހޭތީ މީހުން ތަންކޮޅެއް މަދެވެ. ލައިޝާގެ އަނގަމަތި ފެޅި ނިތްކުރި ދުޅަވިއެވެ. އެހެން ބޮޑު އަނިޔާއެއް ނުވިކަން އެއީ ނަސީބެކެވެ. އެޕާޓްމެންޓަށް ގޮސް ޓަކި ދޭއިރަށް ކަޔާން ދޮރު ހުޅުވާލާފައި ލައިޝާގެ ހާލު ފެނުމުން ކަންބޮޑުވިއެވެ. ލައިޝާ ވީގޮތް ކިޔައިދިންއިރު ކަޔާން ގަނޑުފެން ހިފައިގެން އައިސް ލައިޝާގެ އަނގައިގަޔާއި ނިތްކުރީގައި އަޅާދޭން ފެށިއެވެ. ލައިޝާ އެގޮތަށް އެކަނި ހިނގާފައި އަންނަން ޖެހޭތީ ކަޔާން ދެރަވެ މާފަށް އެދުނެވެ. އޭނައަކީ ފިރިހެނަކަށް ނުވާމީހެއް ކަމަށްވެސް އެވަގުތު ގަބޫލުކުރިއެވެ. މައިންބަފައިން ރުޅިއައިސްދާނެތީ ސިއްރުން މީހަކާއި އިނދެގެން އުޅޭ އެހެން ފިރިހެނެއް ހުންނާނެ ކަމެއް ނޭގެއެވެ.

"މިރޭ ނިދަން އޮންނާނީ މިގޭގައިދޯ، ވިއްސާރަ ރެއެއްވީމަ އަހަންނަށްވެސް އެކަނި ނިދަން އޮންނާކަށް ފަސޭހައެއް ނޫން....." ކަޔާން ލައިޝާގެ އިސްތަށިގަނޑާއި ކުޅެލަން އިންއިރު ލިބޭ އަރާމަކުން ލައިޝާގެ ދެލޯމެރޭގޮތްވިއެވެ. އެއަތުގެ ފިރުމުންތަކުގައި އެހުންނަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟ އެއިން ކޮންމެ ބީހިލުމެއް އެހާ އަރާމެވެ. އެ އުނގުގައި ބޯ އަޅާލައިގެން އޮންނަން ލިބުމުން އަބަދު ބަލިވާނެނަމައޭ ލައިޝާގެ ހިތަށް އެރިއެވެ.
"މަންމަ ޝައްކުކޮށްފާނެ، އާފްރާވެސް ހުރީ ލަންކާގައިކަން މަންމައަށް އެނގޭ..." ލައިޝާވެސް ގެއަށް ދާކަށް ބޭނުމެއް ނޫނެވެ. މި އަނިޔާވެރި ދުނިޔެ ލޯބިވެރިންނަށް ދޭ ހިތާމަތައް ނިކަން ދެކެބަލާށެވެ.
"ކޮންމެވެސް އެހެން ކުއްޖެއްގެ ގޭގައޭ ބުނޭ، އަހަރެން ކިހިނެއް މިހާ ފިނި ރެއެއް އެކަނި ވޭތުކޮށްލާނީ، އައި ނީޑް ޔޫ ބޭބީ...." ލައިޝާ ތެދުވެ ކަޔާންގެ އުނގުގައި އިށީދެ އެއަތުގެ ތެރޭގައި ބޮނޑިވެލިއެވެ. ކަޔާންގެ މޫނު ލައިޝާގެ ކޯތާފަތުގައި ޖެހިބާރުވެފައިވާއިރު އެ ނޭވާގެ މީރުވަހުން ބަނޑުފުރިދާހާ ވިއެވެ. މިހާރަކަށް އައިސް ކަޔާން ސިގްރެޓް ނުބޯކަން ލައިޝާއަށް ޔަގީނެވެ. ބައެއްފަހަރު އީ ސިގްރެޓް ބޯލާކަން އެނގުނަސް ލައިޝާ އެހާ ޝަކުވާކުރާ ހިތެއްނުވެއެވެ. މަޑުމަޑުންގޮސް ކަޔާން ހުއްޓާލާނެއެވެ. އެވަރު އޭނައަށް ޔަގީނެވެ. ލޯބިވަންޏާ އެފަދަ ކުދި ގުރުބާނީތައް ނުވާންވީ ސަބަބެއްނެތެވެ. ލައިޝާ ޒުލްމާއަށް ގުޅާފައި ޖެހިލުންވެފައި ހުރެ ވާހަކަދެއްކުމުން ޒުލްމާ ވަގުތުން އެއްބަސްވިއެވެ. މަންމަ ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ އޭނަ ނަގާކަން މަންމައަށް އެނގޭ ދުވަހަކުންވާނެ ގޮތަކާއި މެދުގައިވެސް ލައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ.

ކަޔާންއާއި ލައިޝާ އެރޭ ވޭތުކުރީ ހިތްހަމަޖެހުމާއިއެކު އެކަކު އަނެކަކުގެ އަތުތެރޭގައެވެ. މިރޭ ދެކެވުނު ވާހަކައެއްގައި ލިބޭކުދިންނަށް ކިޔާނެ ނަންވެސް ނިންމިއެވެ. އަންހެންކުއްޖެއް ވިއްޔާ ޝެނެލްއެވެ. ފިރިހެންކުއްޖެއް ވިއްޔާ ޔާކިންއެވެ. މުސްތަގުބަލާއި ދޭތެރޭގައި ދެމަފިރިން ކުރަމުންދިޔައީ ފޮނި އުއްމީދުތަކެކެވެ. މި ސިއްރު ކައިވެނި ބޭޒާރުވުމަށްފަހު ދަރިންވެސް ހޯދިދާނެއެވެ. މިހާރު ބަލައިގެން އުޅުނަސް އޭރުން ވިސްނާންޖެހޭނެ އިތުރު ކަމެއް ނޯންނާއެވެ. 

ދުނިޔޭގެ ލޯ ތަކަށް އޮޅުވާލައިގެން ކަޔާންއާއި ލައިޝާ ދުވަސްތައް ވޭތުކުރަމުންދާއިރު އެދެމީހުން އެކީގައި އުޅޭކަން ދަންނަ ބަޔެއްމީހުން ކަޔާންގެ އާއިލާގައި އެބަތިއްބެވެ. ކަޔާން ލައްވާ އެކަންތައް ހުއްޓުވަން އެމީހުން ދިޔައި މަސައްކަތް ކުރަމުންނެވެ. އެހެންނޫނަސް ކަޔާންއާއި އަފްރީންގެ ކައިވެނީގެ ކަންތައް ސިއްރުން ތައްޔާރުކުރަމުން ދާއިރު ކަޔާންއަކަށް ރޭކާނުލައެވެ. ވެޑިންކާޑަށް ދާންދެން ހަދާފައި ތާރީޚުވެސް ކަނޑައަޅައިފިއެވެ. އަފްރީންގެ ހިތުގައި ނޭގޭ ބިރުވެރިކަމެއްވެސް ވެއެވެ. ބޮޑުދައިތަމެން އެކުރުވަން އުޅޭ ކަންތަކާއި ކަޔާން އެއްބަސްވެދާނެ ހެއްޔެވެ؟ އެންމެންގެ ތެރޭގައި ނޫނެކޭ ބުނެފިއްޔާ އޭނަ ލަދުން ހަލާކުވާނެއެވެ.

ވާރޭވެހުމަށްފަހު މިއަދު އިރުގެ އަލިދޯދިތަކުން ބިންގަނޑު ރަންކޮށްލާފައިވާއިރު ކޮންމެ ތަނެއްފެންނަނީ ތާޒާކޮށެވެ. ގަސްތަކުގައިވާ ފަތްތަކުގެ ހިރަފުސްދޮވެވި ފެހިކަން ގަދަވެފައިވެއެވެ. ކެންޒިއާގެ ކުޑަ ބަގީޗާވެސް ފެންނަނީ ނިކަން ތާޒާކޮށެވެ. އެއްފަރާތުގައިވާ ގަސް މުށިތަކުގައިވާ އެތައް ވައްތަރުގެ މާގަސްތަކުގައި މާތައް ބަރާވެފައިވެއެވެ. ދޭތެރެއަކުން ޖެހިލާ އިރުވައިމޫސުމްގެ ވައިރޯޅިތަކުން ފަޒާގައި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. މި ހިތްގައިމު ވަގުތުގައި ކަޔާން ކެންޒީގެ ގޮނޑި ދުއްވަމުންގޮސް ގަހެއްގެ ދަށުގައި ބެހެއްޓިއެވެ. ގޭތެރޭގައި އިނދެ ފޫހިވެގެން ކެންޒީ ބޭރަށް ނުކުމެލާހިތްވީއެވެ. އޭރު އަފްރީން ފޯނު ކަންފަތުގައި ޖަހާލައިގެން ގޭޓުކާރީގައި ހުރިތަން ފެނުނެވެ. އެމީހުން ފެންނައިރަށް އޭނަ އަވަހަށް ގޮސް ކާރަށް އަރައިފިއެވެ. އޭރު ކެންޒީވެސް އިނީ އެ ރީތި ހޫރެއްފަދަ ކުއްޖާއަށް ބަލާށެވެ. ތިން އަހަރު ވޭތުވެގެން ދިޔައިރު އަފްރީން ކުރިއަށް ވުރެން ރީތިހެން ހީވެއެވެ. އެހާ ސްޓައިލިޝްއެވެ.

"ކެން، އައި ހޭވް ސަމްތިން ޓު ކޮމްފެސް..." ކެންޒީ އާދައިގެ މަތިން ވާހަކަދެއްކީ އުދަގުލުންނެވެ. ކަޔާންގެ ހިތް ތެޅިލިއެވެ. ކެންޒީ ދައްކަން އުޅޭ ވާހަކަ މިހާރުވެސް އޭނައަށް އެނގިއްޖެހެން ހީވިއެވެ. ކެންޒީ ބުނަން އެއުޅެނީ އޭނަ ހިތަށް އެރި ވާހަކަ ހެއްޔެވެ؟ ނޫނީ އޭނައަށް ނޭގޭ ވާހަކައެއް ބުނަން އުޅެނީހެއްޔެވެ؟ 

"އަހަންނަށް އެނގޭ ކެން ރުޅިއަންނާނެކަން، އަހަރެންވަނީ ވަރަށް ބޮޑު ކުށެއްކޮށްފައި......." ކެންޒީ ފުންނޭވަޔެއް ދޫކޮށްލިއެވެ. ކަޔާން ކައިރިއަށް ޖެހިލާފައި ކެންޒީގެ ފިނިވެފައިވާ އަތުގައި ހިފެހެއްޓިއެވެ. 

ކޮމެންޓް 0