"ކޮންކަމެއްތަ؟ "ވަރުޖިނާގެ ހިތް ތެޅިލިއެވެ. ޒުލްމާގެ ގާތުގައި ކުށްވެރިކަމުގެ އިހުސާސްތައް ކުރެވުނުލެއް ބޮޑުކަމުން އެލޮލާއި ހަތަރުކަޅި ހަމަކުރާކަށްވެސް ނުކެރުނެވެ.

"ވަރުޖިނާ އަހަންނާއި ޒިއާމް ވަކިކުރުވަންވެގެން އެ ދަރިފުޅު އެހާ ގާތުން ބޯން ބޭނުންވެފައިވަނިކޮށް ގަދަކަމުން ހުއްޓުވިދުވަސް ހަނދާންކޮށްފައި އަހަންނަށް މިހާރުވެސް އަސަރުކުރޭ، އަދިވެސް އެތުއްތު މައުސޫމް ދަރިފުޅުގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ހަރުލާފައިވޭ، އޭރު ޒިއާމް ކިރުފުޅި ނުބޯންވެގެން ރޮއި ރޮއި ހަލާކުވާއިރު އަހަރެން އޮތީ ކޮޓަރީގައި ނުނިދި ރޮއިރޮއި، ހިތަށް އަރާ ވަރުޖިނާގެ ހިތްވަނީ ހިލައިން ބާވައޭ، އަހަރެން ކިހާވަރަކަށް އާދޭސްކުރިން، ފައިގައި ހިފާ އާދޭސް ކުރިން، އެވަރުންވެސް ވަރުޖިނާ ބުނީ އެކަން ހުއްޓުވާނަމޭ، ނޫނީ އެއަށްވުރެ ބޮޑުވީމަ ޒިއާމް ކުރި ހުއްޓުވަން މާ އުދަގޫވާނެއޭ......." ޒުލްމާ އެވާހަކަތައް ދެއްކިއިރު ވަރުޖިނާގެ ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމެމުން ދިޔައެވެ.

ވަރުޖިނާ އެ ދުވަސްތައް މަތިން ހަނދާނެއް ނުނެތޭނެއެވެ. ތުއްތު ތުއްތު ފުރާނައެއް ރޮއި ހަލާކުވީ މަންމަގެ ގާތުން ކިރު ބުއިމަށެވެ. އެވަރުންވެސް ވަރުޖިނާގެ ހިތް ބިރުގެންފައިވަނީ ދަރިފުޅު ޒުލްމާއާއި މާ ބޮޑަށް ދޯހަޅިވެދާނެތީއެވެ. ޒިއާމް ރުއީމަ ބައެއްފަހަރު ވަރުޖިނާ ދަރިފުޅު ލޮއްސަންވެގެން ދެކޮޅަށް ހިގާލާއިރު އޭނައަށްވެސް ރޮވެއެވެ. ޒިއާމް ކިރުފުޅިއަށް ބަދަލުކުރަން ވަރަށް މަސައްކަތްކުރަން ޖެހުނެވެ. އެކަން ޒިއާމްއަށް އެނގިއްޖެއްޔާ އޭނަގެ މައްޗަށް ހިތް ނުބައިކޮށްފާނެއެވެ.

"ޒުލްމާ ތި ހަނދާންތައް އާކޮށްދީގެން މިއަދު އަހަރެން ރޮއްވާލައިފި، އަހަރެން ގަބޫލުކުރަން، އައިމް ގިލްޓީ، އެކަމަކު ކަމެއް ކޮށްދީފާނަންތަ؟ ޒިއާމް ގާތު އެވާހަކަ ނުބުނެ ހުރެދީފާނަންތަ؟ ޕްލީޒް...." ވަރުޖިނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ޒުލްމާ ބޯޖަހާލިއެވެ.

"އޭގެ ބަދަލުގައި އަހަރެން މިއެދެނީ އެންމެ ކަމަކަށް، ކޮންމެ ދުވަހަކު ޒިއާމް އިރުކޮޅަކަށް ނަމަވެސް އަހަންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުދީ، އަހަންނަށް އެނގޭ އަހަރެން ދަރިފުޅު ކުޑައިރު ގޮވައިގެން މާލެ އައިނަމަވެސް އެދަރިފުޅު އެހާ އިއްޒަތުގައި މުއްސަދިކޮށް ހުރިހާކަމެއް ފުރިހަމަކޮށްދީގެން ނުގެންގުޅެވޭނެކަން، އެހުރިހާ ކަމަކަށް މިއަދު އަހަރެން ވަރުޖިނާއަށް ޝުކުރުވެރިވަން...." ޒުލްމާ ހިނިތުންވެލާފައި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ. ދެމީހުންގެ ޒަމާންވީ ދުޝްމަންކަން ނެތިގެންދާން އެޅުނު ފުރަތަމަ ފިޔަވަޅަށް އެކަން ވެގެން ދިޔައެވެ. ވަރުޖިނާގެ ހިތުގައި ޒުލްމާއަށް ކޮންމެވެސް ވަރެއްގެ ގަދަރެއް ދެވުނެވެ. އޭނަގެ ޒިއާމްގެ ސަރޮގެޓް މަންމަ ނިކަމެތި މީހަކަށް ވިޔަސް މާތް ހިތެއް ލިބިފައިވާ މީހެކެވެ. ވަރުޖިނާ ގަސްތުކުރީ ކުދިންގެ ގާތުގައިވެސް ހަގީގަތް ހާމަކޮށްދޭށެވެ. ބޮޑުބޭބެ އައިމާންގެ އަސްލު ގާތިލު ނުހޯދުނުކަމާއި އެމީހަކީ ޒުލްމާގެ ބޭބެ ނޫންކަން އަންގާދިނުމަށެވެ.

ހަވީރު ފެންވަރާލައިގެން ކީވާ އަތިރިމައްޗަށް ދިޔަގޮތަށް ކެމެރާ ހިފައިގެން އުޅުނުއިރު އެ މޫނުމަތިން ކުޑަ މާޔޫސީކަމެއް ފެނުނެވެ. ކޮންމެ ދިމާލަކުންވެސް އޭނައަށް ފެނުނީ އުފާވެރި އާއިލާތަކެވެ. ނޫނީ ލޯބިވެރިން ހިނގާލަން ދާ ތަނެވެ. އޭނަގެ ކޮލެޖް ހުރިހާ އެކުވެރިންގެވެސް ފިރިޔަކު ނޫނީ ލޯބިވެރިޔަކު ހުރެއެވެ. އެހެންނޫނަސް މިދުވަސްކޮޅު ކަޔާންގެ އާއިލާގެ މީހުން އަންނާން ފެށީމަވެސް ކީވާއަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ. އޭނައަށް އާ ކިޑްނީއެއް ލިބި ޑައިލިސިސް ހެދުން ހުއްޓާލުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް އޭނަ އެހެން މީހުންނާއި ތަފާތުވާނެއެވެ. ބައެއް ކާ އެއްޗެހި ނުކެވޭނެއެވެ. އަދި އުމުރަށް ބޭސްކާން ޖެހޭނެއެވެ. އެހެންނޫނީ ހަށިގަނޑަށް ލައްވާފައިވާ ކިޑްނީއަކީ ފޮރިން ބޮޑީއަކަށް ބަލާފައި ދިފާއީ ނިޒާމް އެ ގުނަވަން ނައްތާލަން މަސައްކަތް ފަށާނެއެވެ. އެބޭހުގެ ނުގުޅޭ އަސަރުތައް އެހާ ގިނައެވެ. ކުރާނީ ކީތްހެއްޔެވެ؟ ވީވަރާއި ބަލާފައި އޭނައަށް މިހާރު ނޯމަލް މީހެއްގެ ގޮތުގައި އުޅުނަސް އެހާ ފިޓްމީހަކަށް ނުވާނެއެވެ. ދަރިން ހޯދުން އެހާ ނުރައްކާތެރިވާނެއެވެ. ވިޝާން ޑޮކްޓަރަކަށްވީމަ އޭނައަށް އެހުރިހާ އެއްޗެއް އެނގިގެން ދުރަށް ދިޔައީއެވެ. އައިދަންއަށްވެސް ވިސްނުނީ މާފަހުންނެވެ. އެންމެ ރަގަޅެވެ. އޭނަ ކެތްތެރިވާނެއެވެ. މި ލިބުނު ކިޑްނީއަކީ ވެސް ނިއުމަތެކެވެ. ދިހަ ނޫނީ ފަނަރަވަރަކަށް އަހަރަށް މި ކިޑްނީ މަސައްކަތް ކުރާނެ އެވެ. 

"ހޭއި ކިވީ، ހާލު ކިހިނެއްތަ؟ ވަރަށް އުފާވެއްޖެ ކިވީ ތިހާ ހެޕީކޮށް ހުއްޓާ ފެނުނީމަ.... "ވިޝާންގެ އަޑު އިވުމުން ސިހިފައި ކީވާ ބަލާލައިފިއެވެ.
"އައިމް އޯކޭ...." ކީވާ ޝަކުވާކުރާކަށް ނޫޅުނެވެ. އަމިއްލަ ބަލިކަށިކަން އޭނަ ހަނދާން ނައްތައެއް ނުލާނެއެވެ.
"އަހަންނަށް އެނގޭ ކިވީ ތިހިރީ އަހަރެންދެކެ ހިތްހަމަނުޖެހިފައިކަން، އަންގާނުލާ އަހަރެން މެރީކުރީމަ، އެކަމަކު މިއަދު މިހާވަރުން މިރަށަށް މިއައީ އެޓްލީސްޓް ކިވީއަށް ހަގީގަތް އެނގެން ޖެހޭތީ، އަހަރެން އުޅުނިން އިންޑިއާއަށް ދާން، އައިދަންގެ ފްރެންޑެއްގެ ގޮތުގައި އިންޑިއާއަށް ދިޔަ ފަޔާ އަހަންނާއި ކުޑަކޮށް ރައްޓެހިވާނެ، އޭނަ މަގޭގާތުގައި ސިއްރަކަށް ބުނީ އައިދަން އޭ ކީވާއަށް ކިޑްނީ ދިނީ، އެހެންވެ އަހަރެންނަށް އެނގުނު ކިވީ ލިބެންޖެހޭނީ އައިދަން އަށްކަން، އޭނައަށް ކިވީގެ ލޯބި ހައްގު، އައިދަން ކިވީދެކެ ލޯބިވާވަރު އެގޮތުންވެސް ސާބިތުކޮށްދިނީ...." ވިޝާން ހިތާމަވެރިގޮތަކަށް ހީލިއެވެ. 

ކީވާ ހުރީ އަނގަ ހުޅުވުނުގޮތަށް ލައްޕާލަން ނޭގިފައެވެ. މިއީ އަދި އޭނައަށްވެސް އެނގިފައިވާކަމެއް ނޫނެވެ. ހިތަށް ކުރި އަސަރުން ފެންކަޅިވާގޮތް ވުމުން ކީވާ އިސްޖަހާލައިގެން ހުރެ ކެމެރާއާއި ކުޅެންފެށިއެވެ. ޖަޒުބާތުގެ ސަބަބުން ކީވާގެ ކަރުތެރެ ބެދި ބުނަން ނޭގޭފަދަ އިހުސާސްތަކެއް ހިތުތެރޭގައި ހިނގާލައިފިއެވެ. 

"އެހާ ލޯބިވާ މީހަކަށް ކިވީހާ ފްރޭޖިލް ލޯބި ކުއްޖެއް ގެންގުޅެވޭނީ....." ވިޝާން އެ ބުނި އެއްޗެއް ކީވާއަކަށް ނުވިސްނުނެވެ. ހަގީގަތަކީ އޭނަފަދަ ޒުވާނަކަށް ކީވާފަދަ ބަލިކުއްޖަކާއިއެކު އުޅެމުން އެހެން އަންހެންކުދިންގެ ގާތަށް ޖައްސާލެވޭނެކަމެވެ. އޭނަވެސް އަރާމާއި އުފާ ބޭނުންވާކަމެވެ. ކީވާއާއި ކައިރިވާން އޭނަ ބިރުގަންނަކަމެވެ. އަބަދުވެސް އޭނައަށް ކީވާ ސިފަކުރެވުނީ ނާޒުކް މަލެއްގެ ގޮތުގައެވެ. ކިރިޔާ އަތްލިޔަސް ރޫޅިގެން ހިނގައިދާނެއެވެ. އެކަނި ބަލަން ހުރެގެންވެސް ވާކަށްނެތެވެ. ރައަދު ތަފާތެވެ. އެއީ ވިޝާން ހީކުރި ވަރަށް ވުރެ ހީވާގި ހަލަނިގަނޑެކެވެ. ވިޝާންގެ ޚިދުމަތުގައި އޭނަ ބޭނުންވާ ކޮންމެ ގަޑިއެއްގައި ހުންނަފަދަ ކުއްޖެކެވެ. ވިޝާން އާއިހެދި ފާޑަކަށް މޮޔަވެފައި ހުރުމުން ބައެއްފަހަރު ބޮލަށް އުދަގޫވިޔަސް ނިކަން ފޫހިވެސް ފިލައެވެ. އެމީހެއްގެ ހަޔާތުގެ ބައިވެރިޔަކަށް އެކަށީގެންވާ މީހަކު އައުމުން އެހެން ފަރާތްތައް ހޯދާކަށް ނުޖެހޭނެއެވެ.

"ކޮންގްރާވެސް އަދި ނުކިއިގެން މިއުޅެނީ...." ކީވާ ހިނިތުންވެލާފައި އިސްއުފުލާލި އިރު އެލޮލުން ވިޝާންއަށް ކަރުނައިގެ އަސަރު ފެނުނެވެ. ކީވާ ވިޝާންއަށް މަރުހަބާކިއެވެ. އުފަލުގައި އެދެމަފިރިން އަބަދުވުމަށް އެދުނެވެ. ވިޝާންވެސް ބޭނުންވީ އައިދަންއާއި ކީވާއަށް އުފާވެރި ހަޔާތެއް ލިބުމެވެ. ނަމަވެސް ވިޝާންގެ ހިތް އައިދަންއާއި މެދު ހަސަދައިން ފުރިފައިވާ ސަބަބެއް ނޭގުނެވެ. އައިދަން ކީވާ އޭނަގެ އަތުން ޖަހައިގަތުމުގެ ސަބަބުން އައިދަންއަށް މާފުދޭހިތެއް އޭނަ ނުވެއެވެ. އޭނަގެ ލޯބި ޖަހައިގަތީމަ އައިދަންއާއި ރީތިކޮށް ވާހަކަދެއްކޭނީ ކިހިނެއް ހެއްޔެވެ؟ ކައިވެންޏަށް ދައުވަތު ދިނަސް ބަހަނާއެއް ދައްކާފައި އޭނައެއް ނުދާނެއެވެ. އެދެމަފިރިން އެކީގައި އުޅޭތަން ފެނިއްޖެއްޔާ މިއަދުވެސް އޭނަގެ ގައިގާ ހުޅުރޯވެގަންނާނެއެވެ. އިރުގެ އަލި ކީވާގެ ރަންކުލަ އަރާ އޮމާން ހަމަށް އެޅިފައިވާއިރު ރީތިކަމުން ވިޝާންއަށް ބަލަން ހުރެވުނެވެ. އަޅައިގަންނަގޮތް ހުރި ކުއްޖެކެވެ. އެހާ ބޭނުންވިއިރުވެސް ނުލިބުނު ކުއްޖެއް މިނޫނީ މިދުނިޔެއަކު ނުވެއެވެ.

ވިޝާން ކީވާގެ ގާތުގައި އެދުނީ ބަލައިގެން ރަގަޅަށް ކެއުމަށާއި ޑޮކްޓަރުދެއްވި އިރުޝާދު ހަނދާންނައްތާނުލުމަށެވެ. ކިރިޔާވެސް ކަމެއް ދިމާވެއްޖެއްޔާ ހޮސްޕިޓަލަށް ދިޔުމަށެވެ. ދޭތެރެއަކުން ލޭ ޓެސްޓްހަދަން ކީވާ އަދި ޖެހޭނެއެވެ. ކީވާ އަށް ވަދާއުގެ ސަލާމްކޮށްލާފައި ދިޔުމުން ކީވާ ހުރީ މޫދާއި ދިމާލަށް ބަލަހައްޓައިގެން ގަނޑުވެފައެވެ. އައިދަން އިންޑިއާގައި ހުރިއިރު ހަރަކާތްތައް ހުރިގޮތާއި މެދު ވިސްނަން ހުރެފައި ގެއަށްދާން ކަމަށް އެނބުރިލި ވަގުތު މީހެއްގެ ގައިގާ އަޅައިގެންފާ ނުވެއްޓުނީ ކިރިޔާއެވެ. އޭނަގެ ގައިގާ ހިފެހެއްޓީ އައިދަން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އައިދަންގެ ރީތި މުލައްދަނޑީގައި ހިފާލެވުނުގޮތަށް އެ އަޅި ދެލޮލަށް ބަލާލައިގެން ހުރިއިރުވެސް ކީވާގެ ދެލޮލުގައި ކަރުނަތިކިތައް ވިދަ ވިދާހުއްޓެވެ. އައިދަން ހާދަ ސްމާޓެވެ. ހާދަ ރީއްޗެވެ. ކަޅުކުލައިގެ ރޮގުދެމި ގަމީހަކާއި ނޫ ޖިންސެއްގައި ހުރިއިރު ގަމީސް އިޝްތިހާރެއްފަދައެވެ.

"ރޮނީތަ؟ ކިހިނެއްވީ ދޫނި...." އައިދަން ގެ ހިތަށް އަސަރުކުރިއެވެ. އޭރު ދެމޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކާރީގައެވެ. ދެހިތުގެ ތެޅުންވެސް އެކަކު އަނެކަކަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެހާވެސް ދެމީހުންވަނީ ގާތުގައެވެ.
"އަހަ...އަހަންނަށް ހުރިހާކަމެއް އެނގިއްޖެ، ކީއްވެ ނުބުނީ، ކީއްވެ އެހެން ހެދީ....." ކީވާ ގެ ލޮލުން ވެއްޓުނު ކަރުނަތިކި އައިދަންގެ އިނގިލިތަކުން ފޮހެލަދިނީ ލޯތްބާއި އެކުގައެވެ.
"ޝޫ.....ނުރޮއި ކިވީ، ކިވީ ގާތު ކާކު ކޮން ވާހަކައެއް ދައްކައިގެން ތިއުޅެނީ...." އައިދަން އަހާލައިފިއެވެ. މީހުންގެ ތޫނު ނަޒަރު ހުއްޓިފައިވާކަން އެނގިފައި އޭނަ ކީވާގެ އަތުން ދޫކޮށް ދުރަށް ޖެހިލައިފިއެވެ.
"އަހަންނަށް ދެން ސިއްރު ނުކޮށްބަލަ، އަހަންނަށް ކިޑްނީ ދިނީ އައިދަން، އަހަންނަށް ކުރިން އެނގުނުނަމަ އެކަމަށް ހުއްދައެއް ނުދޭނަން، އައިދަން ބަލިވެއްޖެއްޔާ އަހަރެން ވާނެ ދެރަ ނޭގޭތަ؟ އަހަރެން ގޮތަށް އައިދަން ސަފަރ ކުރާތަން ދެކޭކަށް ކެތެއްނުކުރެވޭނެ...." ކީވާ ހުރީ ދެރަވެގެން ހަލާކުވާވަރުވެފައެވެ. ދެމީހުން އެއްވަރަކަށް ހިނގާލާފައި ދިޔައިރު އައިދަން އެ ވާހަކަ ކިޔާދިނެވެ. އޭނަ އެކަން ސިއްރުކުރަން ބޭނުންވީ ކީވާ ދެރަވާނެކަން އެނގޭތީއެވެ. އައިދަން ހުރީ ކިޑްނީ ކީއްކުރަން ހިތާއި ފުރާނަވެސް ކީވާއަށްޓަކައި ގުރުބާންކުރާށެވެ. އެހެންނޫނަސް ކިޑްނީ ދޭ މީހާ ހައެއްކަ ހަފްތާފަހުން މުޅިން ރިކަވަރ ވެއެވެ. ބޭނުން އެއްޗެއް ކައި ބޭނުންގޮތަކަށް އުޅެވިދާނެއެވެ. އެންމެ ކިޑްނީއެއްގެ އެހީގައިވެސް އިތުރު މައްސަލައެއް ނުޖެހި އަބަދަށްޓަކާ ހުރެވިދާނެއެވެ. އެއީ ބޮޑު އޮޕަރޭޝަނަކަށް ވިޔަސް އޭނައަށް އިތުރު މައްސަލަތަކެއް ނުޖެހި ރަގަޅުވިއެވެ. އޭރު ވިކޯޑިން ބޭސްގުޅައެއް ކާލަން ޖެހުނުކަން އެކަނިއެވެ.

އައިދަން ކީވާދެކެ ވާ ލޯބި އެތައް ގޮތަކަށް ބުނެދިނެވެ. އެންމެފަހުން އެ ރީތި ދޮންވެލި ގޮނޑުދޮށުގައި ރާޅު ޖަހާ ހިސާބުގައި އޭނަ ކީވާގެ ގާތުން ކައިވެންޏަށް އެދުމުން ކީވާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ބަސް ހުއްޓޭގޮތް ވިއެވެ. ކީވާ އާއެކޭ ބުނެލުމުން އޭނަ އަތުގައި އަޅުވާދިނީ ރޫބީ އަނގޮޓިއެކެވެ. ދެ މީހުން އަތުގުޅުވާލައިގެން ހިނގާލާފައި ދިޔައިރު މުސްތަގުބަލަށްޓަކާ ފޮނި ހުވަފެންތަކެއް ދެކެމުން ވައުދުތައްވިއެވެ.

ކީވާ އެންމެ ފުރަތަމަވެސް އެ ޚަބަރުދިނީ ލައިޝާ އަށެވެ. ލައިޝާވެސް އުފަލުން ކީވާގެ ގައިގާ އޮޅުލައިގަތެވެ. އޭނަ ހުރީ ކީވާއަށްޓަކައި ނިކަން ބޮޑަށް އުފާވެފައެވެ. މިފަދަ ދުވަހަކަށް އޭނަ އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ މަންމަވެސް އުފަލުން ދެފައި ބިންމަތީގައި ހަރުނުލައެވެ. ގޭތެރެ ހަލަބޮލިވިއެވެ. ސަލްމާއާއި ޒުލްމާއާއި ދެމީހުންވެގެން މިހާރުއްސުރެން ޕާޓީއަށްޓަކައި ތައްޔާރުކުރާން އުޅެގަތެވެ. ގޭތެރެއިން ފެންނަނީ އުފާވެރި މޫނުތަކެކެވެ. ޕާޓީ ބާއްވާނެ ތަނަކާއި ކެއުމުގެ އިންތިޒާމް ހަމަޖައްސަން އުޅެގަތްއިރު އެއީ މިޒަމާނުގައި އެހާ އުނދަގޫކަމެއް ނޫންކަމާއި ބަޔަކާއި ހަވާލުކުރުމުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމެއްވެސް ނުވިސްނުނެވެ.

އައިދަން އާއި ކީވާގެ ޕާޓީ ބޭއްވުނީ ކެންޒިއާ ފްލޯޓިން ހޮޓެލްގައެވެ. ކަޔާންގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައެވެ. ވިޝާންއަށް ދައުވަތު ދިނަސް އޭނަ ނާދެއެވެ. އަފްރާޒުގެ ދެމަފިރިންވެސް އެޕާޓީއަށްޓަކާ މާލެއަށް އައެވެ. އަފްރާޒު ހިކިފައިވާވަރުން އެއްވެސް މީހަކަށް އޭނަ ވަކިކުރާކަށް ނޭގޭނެއެވެ. އޭނަގެ ދޮންބެ އައިދަންފަދައިން ރީތި ޒުވާނަކަށް ވެފައިވެއެވެ. މަލާމާތުން ހިތްވަރުދިން ކަމަށްޓަކާ ޝުކުރު ކުރާ ވާހަކަ އަފްރާޒު ލައިޝާ ބުނީ ހެވިލާފައެވެ. މިހާރު އޭނަ އަމިއްލަ ނަފުސަށް އިތުބާރުއޮތްވަރު ފެނިފައިވެސް މީހަކު ހައިރާން ވާވަރުވެއެވެ. ލައިޝާގެ އަވަށްޓެރި އަންހެންކުދިންކޮޅު އެޕާޓީއަށް އައިސްފާ އެ ރީތި ޒުވާނާ ލޮލުގައި އަޅައިގެން ލައިޝާގާތު އެކުއްޖަކަށް ސަލާމް ބުނަން އެދުނެވެ. އެއީ ކާކުކަން އެކުދިންގާތު ލައިޝާ ބުނެދިނުމުން އެކުދިން އަނބުރައިގަންނަ ގޮތްވިއެވެ. އެކުދިންނަށް ލިބުނު ފުރުސަތު ގެއްލުވާލެވުނީތީ ދެރަވިއެވެ. މަލާމާތް ނުކުރެވުނުނަމައޭ ހިތަށްއެރިޔަސް ވަގުތު ފާއިތުވެއްޖެއެވެ.

"ހީޒް މެރީޑް، އެހެރީ އޭނަގެ ވައިފް..." ލައިޝާ އިނގިރޭސި އަންހެންކުއްޖަކު ދައްކާލިއެވެ.
"ދެރައޭ ދޯ..." އެކަކު އަނގަޔަށް ގޮތެއް ހަދާލިއެވެ. 
ޕާޓީ ނިމުމުން ކަޔާންމެން މާލެ އައިއިރު ލައިޝާ ހުރީ ވަރުބަލިވާ ގޮތްވެފައެވެ. އައިދަން ގަސްތުކޮށްފައިވަނީ ތިންދުވަސްފަހުން ލަންޑަނަށް ހަނީމޫންގެ ބާކީ ބައި ހޭދަކުރަން ދާށެވެ. އެނބުރި އައުމަށްފަހު އައިދަން އާއި ކީވާ އަދި ދެކުދިންގެ މަންމައާއިއެކު ވިލިމާލޭގައި އުފަލުން އުޅެވިދާނެއެވެ. ދޭތެރެއަކުން ލަންޑަނަށްވެސް އެމީހުން ދާނެއެވެ. އައިދަންގެ ގެއެއް ލަންޑަނުގައި ހުރެފައި އަފްރާޒުވެސް ދިރިއުޅެނީ އެތާގައި ކަމަށްވާތީއެވެ.

"އައިދަންމެން ހަނީމޫނުން އަންނަންވާއިރަށް އަހަރެމެން މާލެއިން އެޕާޓްމެންޓެއް ހޯދައިގެން ބަދަލުވާން ޖެހޭނެ، އެހެންނޫނީ އެމީހުންނަށްވެސް އުދަގޫވާނެ، ހަނީމޫން ކަޕްލްއަށް ޕްރައިވެސީ ދޭންވާނެއެއްނު......" ކަޔާން ލައިޝާގެ އުނގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. ހުޅުވިފައިވާ ކުޑަދޮރުން އޮރެންޖް ކުލައިގެ ބޯޅައެއްހެން ހަނދު ފެންނަން އިނެވެ. ވައިރޯޅިތައް ހުރަހެއްނެތި ވަދެ މޭޒުމަތީގައި ހުރި އުއްބައްތީގެ ހުޅުކޮޅާއި ކުޅެލާއިރު ކޮޓަރިތެރޭގައި ހިޔަނިތައް ނަށާލައެވެ. އެ ހުޅުކޮޅުގެ އަލި ދެމަފިރިންގެ ގަޔަށް އެޅިފައިވާއިރު ނިކަން ރީއްޗެވެ. ލައިޝާގެ ރީތި މޫނަށް ބަލަން ހުރެފައި އަދިވެސް ބޮޑަށް ކާރިކޮށްލިއެވެ. ކަޔާންއަށް މޮޅު ޚިޔާލެއް އައެވެ. އޭނަ އަމިއްލައަށް ހިނިތުންވެލިއެވެ.

އެރި އިރާއެކު އައި ބައްޕަގެ ފޯނު ކޯލަކަށްފަހު ކަޔާން ދަބަސްތައް ޕެކްކޮށްލައިގެން މާލެ ދާން ތައްޔާރުވާން ފެށިއެވެ. އެހެން އެޕާޓްމެންޓަކަށް ބަދަލުވަނީ އައިދަންއާއި ކީވާއަށް އެގޭގައި އެކަނި އުޅެން ފުރުސަތު ދޭންވެގެން ކަމަށް ބުނުމުން ސަލްމާއާއި ޒުލްމާ އެކަމާއި އެއްބަސްވިއެވެ. އެހެންނޫނަސް ކަޔާންފަދަ މުއްސަދިކޮށް އުޅުނު ޒުވާނަކަށް ކުޑަ ކޮޓަރިއެއްގައި ދަތިކޮށް އުޅެން އުދަގޫވާނެކަން އެމީހުންނަށް ވިސްނުނެވެ. ކަޔާންގެ ކެންޒިއާގެ ގޭގެ ބާތްރޫމްވެސް އެމީހުން މިގޭގައި އުޅޭ ކޮޓަރިއަށްވުރެ ބޮޑުވާނެއެވެ. ކަޔާންއަތުގައި ފައިސާ ހުރީމަ އޭނަ އުޅެން ބޭނުންވާނީ އަރާމުގައެވެ. ކާރު "ކެންޒިއާ" ގެ ގޭޓުން ވަތްތަން ފެނިފައި ލައިޝާގެ ގައިން ހީބިހި ނަގާލިއެވެ.

"ކެން، މިގެއަކަށް ވަންނާކަށް ނުކެރޭނެ..." ލައިޝާ އިނީ ހަށަން ބަދެލައިގެންނެވެ. ކަޔާން ލައިޝާ ބުނި އެއްޗަކަށް ސަމާލުކަމެއް ނުދީ ޑިކީ ހުޅުވާލައިގެން ދަބަސްތައް ބާލަންފެށިއެވެ. އައިކަން ކާރުން ފުންމާލި ގޮތަށް އޭނަގެ ކާފަ ފެންޑާގައި ހުރިތަން ފެނިފައި ގޮސް އަތުގެ ތެރެއަށް ވަނެވެ.

"ކާފަގެ ކުޑަ ކުޑަ ޕްރިންސް....." އަޒީޒުއްދީން ދަރިފުޅު އުރާލައިގެން ގެއަށް ވެންނެވިއެވެ. ލައިޝާގެ ލޮލުން ކަރުނަ ނައީ ހަމަ ކިރިޔާއެވެ. މިގެއަށް ގެންނަންވީމަ ކަޔާން އޭނަގެ ލަފާ ހޯދާލުމެއްވެސް ނެތެވެ. ދިރިއުޅުން ދަތިވެދާނެ ވަރެއް ކަޔާން ވިސްނައެއް ނުލިއެވެ. އަފްރާޒުމެން އެގޭގައި އުޅުނަސް މައްސަލައެއްނެތެވެ. އެމީހުންނަށް ކޮންމެވެސް ގޮތަކުން އުޅެވިދާނެއެވެ. ނަމަވެސް މިގޭގައި އޭނަ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ މައިދައިތަ އޭނަ ރޮލާ ކާލަފާނެއެވެ. އެހެން ހިތަށް އެރިޔަސް ލައިޝާގެ ހިތް ހުއްޓިދާވަރުވެއެވެ.

ކަޔާން ކާރުގެ ދޮރުފަތް ހުޅުވާލާފައި ލައިޝާގެ އަތުގައި ހިފާލިއެވެ.
"ޔޫ ޑޯންޓް ލަވް މީ އެޓް އޯލް، އެކަން ތި ޔަގީންކޮށްދިނީ ކެން، އަހަރެން ނުވަންނާނަން މިގެއަށް، މިއަށްވުރެ ކުޑަ ޖިފުޓިގަނޑެއްގައި އުޅެންވެސް މާރަގަޅުވާނެ، އަހަރެން ދާނީ ގެއަށް........." ލައިޝާގެ ހިތާމަ ރުޅިވެރިކަން ޚިޔާރުކުރިއެވެ. އެ ދޮންދޮން މޫނަށް މަޑު ޖަންބުކުލައެއް ވެރިވާތަން ފެނުނެވެ. ލޮލަށް ކަރުނަ ޖަމާވިޔަ ނުދޭން އޭނަ އެ ތުންފަތުގައި ދަތްއަޅާލާ ރަތް ލޭ ކޮޅަކަށް ހަދާލައިފިއެވެ. ލައިޝާ އުޅުނީ ކަޔާންގެ އަތް ފޮޅުވާލާށެވެ. ނަމަވެސް ކަޔާންގެ އެކަތައިގެ ބާރު އެކުލެވޭ އަތުގެ ތެރެއިން ސަލާމަތްވާން އެއްވެސް މަސައްކަތެއް ނުކުރެވިގެން އުޅެނިކޮށް ކަޔާން ލައިޝާ ކާރުން ބާލުވައިފިއެވެ. އަނެއްކޮޅަށް ދާންވެގެން ލައިޝާ ގަދަ ހެދިޔަސް ދާންޖެހުނީ ކަޔާންއާއިއެކު ގެއާއި ދިމާލަށެވެ.

"އަހަރެންދެކެ ކެންގެ މަންމަ ހޭޓްކުރޭ، ވީއިރު މިތަނަށް ގެނެސްގެން އެމީހުން ލައްވާ މަރާލަންތަ..." ލައިޝާ ބޭނުންވީ ބާރަށް ރޮއިގަންނާށެވެ. ހަގީގަތަކީ އޭނައާއި ދޭތެރޭގައި ކަންތައް ކޮށްފައިވާގޮތަށްވުރެ ބޮޑަށް އޭނަ ވަރުޖިނާދެކެ ފޫހިވަނީ ކަޔާންއަށް ހެދިގޮތުންނެވެ. ކަޔާން މެންޓަލް ހޮސްޕިޓަލަކަށް ލާންޖެހުނީ އެ މަންމަގެ ސަބަބުންނެވެ. އޭނަދެކެ ރުޅިއައެއްކަމަކު އަމިއްލަ ދަރިފުޅާއި ދޭތެރޭގައި ވިސްނަން ޖެހޭނެ ނޫންހެއްޔެވެ؟ ކަޔާންގެ ބަލި ހިތަށް އަރާފައި ލައިޝާގެ ރުޅި ފިނިވާން ސިކުންތުކޮޅެއްވެސް ނުނަގައެވެ. އެގޮތަށް ކަޔާން ދެރަކޮށްލަން އުޅުމުން ކަޔާންގެ ސިކުނޑިއަށް އަސަރުކޮށް މޮޔަވެދާނެއެވެ. އެހެން މީހުން ކަޔާންގެ ސިކުނޑިއަށް ބާރުކުރާފަދަ ގޮތަކަށް އުޅުނަސް އޭނަ މިހެން އުޅެގެން ނުވާނެއެވެ. އޭރުވެސް ކަޔާން ލައިޝާ ގެނެސް ގައިގާ ޖައްސާލައިގެން އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ ފިޔަވަޅުތައް ކުރިއަށް އެޅިއެވެ.

"ލައި އަހަންނަށް ޓްރަސްޓް ނުކުރަންތަ؟ ހީވޭތަ އެކަކަށްވެސް ލައިއަށް އަނިޔާކުރަން ކެރޭނެހެން، އަހަރެންގެ މަންމަ އަހަރެންދެކެ ލޯބިވާނަމަ ލައިދެކެވެސް ލޯބިވާނެ، އަހަރެން ގާތުގައި މަންމަ އެތައް ފަހަރު ބުނި ދަރިފުޅު ގޮވައިގެން ގެއަށް އަންނާށޭ، ނަމަވެސް އަހަރެންގެ ނުކިޔަމަންތެރި ހިތް އެކަން ގަބޫލެއް ނުކުރި، ނަމަވެސް ބައްޕަ ލައިޝާ ގޮވައިގެން އަންނާށޭ ގެއަށް އައިސް އުޅެންފެށީމަ މަންމަ އޯކޭވެދާނެ އޭ ބުނުއްވީމަ އަހަރެންގެ ވިސްނުން ބަދަލުވީ، އެއީ ތެދެއް، ބައްޕަ ބުނުއްވާގޮތަށް ހަދައިގެން ގެއްލުމެއްނުވާނެ، މަންމަ ކިތަންމެ ރުޅިއަޔަސް އަހަންނަށްޓަކާ އެންމެފަހުން ގޮތް ދޫކޮށްފާނެ، ލައި، އަހަރެން ބޭނުންވާގޮތް އެނގޭތަ؟ ދުނިޔެއިން އަހަރެން އެންމެ ލޯބިވާ ދެ އަންހެނުން އެކީގައި އުޅޭތަން ދެކެން، ލައި އަހަންނަށް ހެލްޕް ވެދީފާނަންތަ؟ ޕްލީޒް ލަވް........" ތަނަވަސް ސިޓިން ރޫމާއި އަރާ ހަމަވެފައި މަޑުކޮށްލަމުން ކަޔާން ލައިޝާގެ އަތުން ދޫކޮށްލާފައި ލައިޝާއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އޭރު ލައިޝާގެ ލޮލުގައިވާ ކަރުނަތައް އެސްފިޔަތައް ދޫކޮށްލާފައި އޮހިގެންފިއެވެ.

"ސޮރީ ކެން، އަހަރެން ކެން ބުނާގޮތަށް ހަދާނަމޭ، ދުނިޔޭގެ ނަރަކަށް އަށް ގެނަޔަސް ހެވޭ، އައިމް ސޮރީ....." ކަޔާން އިންތިހާއަށް ދެރަވެފައި ހުރިތަން ފެނުމުން އެ އަތުގައި ހިފާފައި ބޮސްދެމުން ކަޔާން ގެ ގައިގާ ބައްދައިގަތެވެ. އޭރު ގޭގައި އުޅޭ އުޅޭ ޑްރައިވަރ ދަބަސްތައް ކަޔާންގެ ކޮޓަރިއަށް ގެންގޮސްދިނުމުގައި އުޅުނެވެ. ކަޔާން ޑިޒައިނަރ ސިޑިން އަރައިގެން ގޮސް ކޮޓަރި ހުޅުވާލަދީފައި އައިއިރު ލައިޝާ އިނީ ސޯފާގައި އިށީދެލައިގެން ފޮތެއް ކިޔާށެވެ. ކަޔާން އެދުނީ ސައިބޯން ދިޔުމަށެވެ. އެގޭގެ ތަނަވަސް ކާކޮޓަރިއަށް ވަންއިރު ޒިއާމް ކޮފީއެއްގައި އިނެވެ. ކާކޮޓަރީގެ ތެރޭގައި ދުވަނީ މީރުވަހެކެވެ. މޭޒުމަތީގައި މަތިޖަހާފައި ހުރި ރީތި ތަށިތަކުގައި އެތައް ބައިވަރު ސާމާނެއް ހުއްޓެވެ. ކަޔާން ތަށިތަކުގެ މަތި ހިއްލާލިއިރު ނާސްތާއަށް އެތައް އެއްޗެއް ތައްޔާރުކޮށްލާފައިވެއެވެ. މިގެއަށްވަނުމުން ލައިޝާ ހުރީ ބީރައްޓެހިވެފައެވެ. ހީލަންވެސް ނޭގިފައެވެ. އިއްޒަތްތެރިކަމާއި ގަދަރުވެރިކަން ކޮންމެ ތަނަކުންވެސް ފެންނަހެން ހީވިއެވެ.

"ހޭ ސިސް، ރާދު ނެތުމުން އުދަގޫކޮށްލާނެ ކުއްޖަކުވެސް ނެތިފައި ހުއްޓާ ސިސް އެއް މިލިބުނީ، ލައިޝް އައިމަ ވަރަށް އުފާވެއްޖެ......." ޒިއާމް އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އަވަހަށް ތެދުވެގެން އައިސް ލައިޝާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ.

"އަސްލުވެސް ދޯ، ރާދުމަތިން ވަރަށް ހަނދާންވޭ، ޝޯންއާއި ޖެހުނީމަ ދެން އެކުއްޖާ މިގެއަކަށް ނުވެސް އާދޭދޯ....." ކަޔާން ބުނެލިއެވެ. ރައަދުއަކީ އަޒީޒުއްދީންމެންގެ އަމިއްލަ ދަރިއަކަށް ނުވިޔަސް ކުޑައިރުއްސުރެން އެޑޮޕްޓްކޮށްފައިވާ ކުއްޖަކަށްވާތީ އެންމެންވެސް އެކުއްޖާދެކެ ލޯބިވަނީ އިންތިހާއަށެވެ. އެންމެނަށް ރައަދުއަކީ ހަގީގީ ކޮއްކޮ ނޫންކަން އެނގޭއިރުވެސް މެއެވެ. ޒިއާމްއާއި ރައަދު ދުވަސްކޮޅަކަށް ރައްޓެހިވެގެން އުޅުނު ސަބަބަކީވެސް އެއީއެވެ.

"ދޮންބެ، މިއީ ވިޒިޓެއްނޫން، ދެން އަޅުގަނޑު އުޅޭނީ މިގޭގައި، ދޮންބެ އޮފީހުން ކަނޑާލިގޮތަށް މިގެއަކުން ދެން ނުފޮނުވޭނެ އިނގޭ......." ލައިޝާ ލާނެތް ގޮތަކަށް އެއް ލޯމަރާލާފައި ހިނިތުންވެލިއެވެ. ސައިނުބޮއި ހުރުމުން ބަނޑުހައިވެފައިވާތީ ޖޯޑަށް ކޮފީއަޅަންފެށިއެވެ. މަންމައާއި އީވާމެން މަތިން ހަނދާންވާގޮތްވިޔަސް ދެން ކައިވެންޏަށްފަހު އެންމެން ވަކިވެގެން ދާންޖެހޭނެ ދުވަހެއް އަންނާނެއެވެ. މިއޮތީ އެދުވަސްޖެހިފައެވެ. 

"ވެލްކަމް ސިސް، ގުޑް ނިއުސްއެއް، ދޮންބެއަށް މާފުކޮށްނުދޭނަންތަ؟ ހަނދާން އެބަހުރި ކެން އެމެރިކާއަށް ދިޔަފަހުން ކެން ވީތަނެއް ނޭގިގެން އާދޭސްކުރި ދުވަސް، ސޮރީ ލައިޝް......." ޒިއާމް މާފަށް އެދުނެވެ. 
"އެއްގޮތަކަށްވެސް އެކަމާއި ހެދި ދޮންބެއަށް ހިތް ބުރަ ނުކުރަމޭ، މާކުރިން މާފުކޮށްފިން، ދޮންބެއަށް ހަގީގަތް އެނގުނުނަމަ ކަންތައް ކުރިގޮތް ތަފާތުވާނެކަން އެނގޭ، ނޭގުމުގެ ތެރޭ އެންމެނަށް މިސްޓޭކް ހެދުނީ، މަންމަ ހާދަވަރަކަށް މަންމަގެ ބޯއި ނުފެނިގެން ކުރިން އުޅުނު، އޭރުވެސް ޒިއާ ހުރީ ފެންނަ ހިސާބުގަ، އެކަމަކު ހިތަކަށް ނޭރި އެއީ ދޮންބެއަށް ވެދާނެއޭ، ޒިއާ ދޮންބެކަން އެނގުނީމަ އިޓް ވޯޒް ލައިކް...ބުނެދޭނީ ކިހިނެއްތަ؟...ވަރަށް ވަރަށް އެކްސައިޓްވި....." ލައިޝާ އޮމްލެޓްކޮޅެއް އަނގަޔަށް ލިއެވެ. އޮފީހުގައި ހިނގާފައިވާ އެކި ހާދިސާތަކުގެ ވާހަކަ ހަނދާންކޮށްފައި ހޭންތިއްބާ ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. ލައިޝާ ބިރުގަތީ ވަރުޖިނާއަށް ވެދާނެތީއެވެ. ވަރުޖިނާ އާ ކުރިމަތިލާން ވުމުން ކޮންމެވެސް ވަރެއްގެ ފިނޑިކަމެއްގެ އިހުސާސްކުރެވެއެވެ. 

އެތަނަށްވަނީ ކެންޒީގެ ދެމަފިރިންނާއި މާޔާއެވެ. މިހާ ހެދުނު ލައިޝާ ފެނުމުން އެންމެން ސުވާލުކުރަން ފެށިއެވެ. ހަގީގަތް އެނގުމުން އެންމެން ތިބީ އުފާވެފައެވެ. ކެންޒިއާގެ ތިން ފިރިހެންކުދިންނާއި އަނބިންގެ ދޭތެރޭގައި އޮތް ގުޅުން ކުރިއަށްވުރެ ބަދަހިވެ ގާތްވާނެ ފުރުސަތު ލިބުނީއެވެ. އެންމެންވެސް އެހާ ހިތްހެޔޮވެފައި ސަކައެވެ. އެގޭތެރޭގެ ދިރުން އެތައް ގުނަ އިތުރުވެ އާއިލާ ފުރިހަމަވީކަމަށް އަޒީޒުއްދީން ގަބޫލުކުރެއްވިއެވެ. ވަރުޖިނާ ސައިކޮޓަރިއަށް ވަދެފައި ލައިޝާ ފެނުމުން މޫނުގެ ކުލަވަރު ބަދަލުވާން އުޅުނެވެ. އޭނަ ލައިޝާ ނުފެންނަކަމަށް ހަދާފައި ބޭރަށް ނުކުމެ އަޒީޒުއްދީން ގާތުގަ ޝަކުވާކުރިއެވެ.

"އަހަރެން ކެން ގާތު ބުނީ ލައިޝާ ގެއަށް ގެންނާށޭ، ޖީން ޅީދަރިއަކަށް ގޯސްވާނެ ކަމަކަށް އަހަރެންގެ ހިތެއް ނުބުނޭ......" އަޒީޒުއްދީންގެ ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ.
"ކެން އަށް އެނގޭނެ މަންމަ ރުޅިއަންނާނެކަން، ކެން ހިތަކަށް އެއްޗެކޭ ނޭރިއެއްނު...." ވަރުޖިނާ އެކަމާ ބެހޭގޮތުން އިތުރު ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ.

ކަޔާން އެގެއަށް ލައިޝާ ގެނައުމުން ހީވީ ކަޔާން އޭނައަށް ކުރި ޖެއްސުމެއްހެންނެވެ. ދުވަހަކު އޭނަގެ ހިތް ލައިޝާއަކަށް ހެވެއްނުވާނެއެވެ. ކުރީކޮޅު ހިތް ބަދަލުވާން އުޅުނެވެ. އެކަމަކު ކަޔާންއާއި ލައިޝާ އެކީގައި އުޅޭ މަންޒަރުތައް ފެންނަން ފެށުމުން އޭނަ ހިތް ގަދަކުރިއެވެ. ލައިޝާ ފެނުމުން ހިތާހިތުން އަނދައިގަތްނަމަވެސް އޭނަ ބޭރުފުށުން އެކަން ނުދައްކަން ވަރަށް މަސައްކަތްކުރިއެވެ.

ކޮމެންޓް 0