"ހޫމް އަހަންނަކީ ކެންޒީ، ކެންޒީއަކީ އަހަރެން، ލައިޝް ހާދަ ވަރަކަށޭ ހާސްވީ....." ކަޔާން ލާނެތް ގޮތަކަށް ހިނިތުންވެލުމާއިއެކު އިސްޖަހައިލީ ކޮންމެވެސް އެއްޗެއް ވިސްނާފައެވެ. ހީވީ ސިކުންތުކޮޅަކަށް އެހެން ދުނިޔެއަކަށް ގެއްލުނުހެންނެވެ. 

"ޓްވިންސްއިންވީމަ އެކަކު އަނެކަކަށް ގުޅިފައިވާވަރުން އަހަރެން އެހެންބުނީ، އަހަންނާއި ކެންޒީ ތަފާތެއްނެތީމަ މަންމަމެންނަށްވެސް ވަކިކުރަން އުދަގޫވި، ޑޯންޓް ވޮރީ ގާލް، އަދި ލައިޝާއަކަށް ދުވަހަކު ކެންޒީއާއި މީޓްވާން ޗާންސް ލިބިފައިވާނެހެން ހިޔެއްނުވޭ، ކެންޒީ ކުޑައިރުއްސުރެ އުޅެ ބޮޑުވީ ރާއްޖެއިން ބޭރުގައި، އަހަރެން ދޭތެރެއަކުން ރާއްޖެއަށް އަޔަސް ކެންޒީ ކުރިއަކުން ނާދޭ، ވަރަށް ފަހުން ކެންޒީ މާލެ ގެނެވުނީ......" ކަޔާން ސޯފާގައި އިށީނެވެ. ކެންޒީގެ ވާހަކަ ކުރިއަށް ގެންދިޔަވަރަކަށް އެ ރީތި މޫނުގެ ކުލަ ފަނޑުވެ ދެލޯ ފެންކަޅިވިހެން ހީވިއެވެ. ތުންފަތުގައި ދަތްއެޅީ ހިތާމަތައް ފޮރުވަންކަން ނޭގެއެވެ. ކޮންވެސް ސަބަބަކާއި ހުރެ ކެންޒީގެ ވާހަކަ ދައްކަން ކަޔާންއަށް އުދަގޫވީކަން ނޭގެއެވެ.

"ކެންޒީ ކޯމާއެއްގައި އޮންނަތާ ތިން އަހަރު މިވީ.... އަހަންނަށް އެ ވާހަކަ ދެއްކުން ފަސޭހައެއްނޫން، އެކަމަކު އަހަރެމެންގެ ގެއަށް ލައިޝާ ދިޔަ ދުވަހަކުން ޔޫ ކެން ސީ ހިމް...." ކަޔާންގެ ލޮލުގައި ވިދަ ވިދާހުރި ކަރުނަތައް ފޮރުވާކަށް ކަޔާން މަސައްކަތެއް ނުކުރިއެވެ. އެ މަންޒަރު ފެނުމުން ލައިޝާގެ ހިތް ރޯލިއެވެ. ލޯބިވެރިޔާއަށްޓަކައި ހިތް ފުރިގެން ބަންޑުންވިއެވެ. އެ ރީތި ދެލޮލުގައި ބޮސްދީފައި ދެރަނުވާން ބުނާހިތްވިއެވެ. ކަޔާން ކެންޒީގެ ވާހަކަދެއްކުމުން އެހާ ދެރަވިކަން އެނގުނީމަ ލައިޝާ އެ މައުޟޫއަށް ވާހަކަދައްކާ ހިތެއްނުވިއެވެ. ކަޔާން ދެރަކޮށްލާކަށް ލައިޝާ ބޭނުމެއް ނޫނެވެ. ބޭރުފުށުން ކިތަންމެ ފިރިހެންވަންތަކަމަށް ދެއްކިޔަސް ހިތް ހާދަ މަޑެވެ. ހާދަ ރަގަޅެވެ.

ލައިޝާއަށް އެއްކަމެއް ޔަގީންވެއްޖެއެވެ. އުފާވެސްވިއެވެ. ކަޔާންގެ އެއްމާބަނޑު ކޮއްކޮއަކު އެބަހުއްޓެވެ. ނަމަވެސް އޭނަގެ ހަޔާތަށް އައީ އެކަނި ކަޔާންއެވެ. އެކިފަހަރު އެކި މިޒާޖު ދެއްކިޔަސް އެއީ ހަމަ އޭނަގެ ކަޔާންއެވެ. ކަޔާންއާއި ކެންޒީއާއި ދެމީހުން ބައިވެރިވެގެން ކުޅިގަނޑެއް ކުޅުނީއެއް ނޫނެވެ. ކެންޒީ އޮތީ ކޯމާއެއްގައެވެ. ދެން ދުވަހަކު ކަޔާން ފަދައިން އޭނަ ހިނގާބިގާވެ އުޅޭނެތަން ދުނިޔޭގެ ލޯތަކަށް ފެންނާނެކަމެއް ނޭގެއެވެ.

ލައިޝާގެ ހިތުގައިވާ ސުވާލަކީ ޕްރައިވެޓް ނަމްބަރަކުން ކަޔާންއަށް ވެގެން އޭނައަށް މެސެޖްކުރީ ކާކުބާވައެވެ. ލައިޝާ ކުރިން ހީކުރީ އޮފީހުގައި ކަޔާން ބޭނުންކުރާ ނަމްބަރު ނޫން އެހެން ނަމްބަރެއް ކަޔާން ނެގީ ލައިޝާއަށް ޚާއްސަކޮށް ކަމަށެވެ. އެހެނެއް ނުވިއެވެ. އެ ނުދަންނަ ނަމްބަރަކީ ކަޔާންގެ ނަމްބަރެއްނޫނެވެ. އެހެން ފިރިހެނެކެވެ. އެއީ ކާކުހެއްޔެވެ؟ އޭނަގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެމީހަކީ އައިދަންއަށް ވެދާނެހެއްޔެވެ؟

"ވެލް، އައި ޑޯންޓް ކެއަރ، އަހެރެން ދެން އެމީހަކާއި ވާހަކައެއް ނުދައްކާނަން، ކިތަންމެ ވަރަކަށް މެސެޖްކުރިޔަސް ހިތަކަށް ނާރުވާނަން..." ލައިޝާ ހިތާހިތުން ވަޢުދުވިއެވެ.

"ސަރ ގެ ފެމިލީގައި ދެން އުޅެނީ ކޮންބަޔެއްތަ؟ " ލައިޝާ "ސަރ" އޭ ކިޔާފައި ވާހަކަ ދެއްކުމުން ކަޔާން އިންޒާރުގެ ނަޒަރަކުން ބަލާލައިފިއެވެ.

"އެކަނި އޮފީހުގައި އުޅޭއިރު ތިނަމުން ކިޔާނީ އިނގޭ، އެހެންނޫނީ ޕަނިޝްމެންޓެއް ދޭން ޖެހިދާނެ......" ކަޔާން ލާނެތް ހިނިތުންވުމެއްދިނުމުން ހީވީ ކޯލްގެޓް އިޝްތިހާރެއް ފެނުނުހެންނެވެ. ހުދުހުދު ދަތްތައް ވިދާލިއެވެ.

"އޯކޭ........ކަޔާން..." ލައިޝާ އެނަން ކިޔާލަން ވުމުން ވަރަށް ލަދުގަތެވެ. ކޮންމެ ގޮތެއްވިޔަސް ތަނުގެ ވެރިޔާއަށް ވެފައި ލައިޝާގެ ހިތުގައި ވަރަށް ބޮޑަށް އިހުތިރާމަކާއި ގަދަރެއް ދެވިފައިވާ ފަރާތެކެވެ. ކަޔާން ސޯފާގައި ލެނގިލަމުން ލައިޝާގެ މޫނަށް ނަޒަރު ހުއްޓާލާފައި އޭނަގެ ގާތުގައި އިށީންނަން ލައިޝާއަށް އިޝާރާތްކުރިއެވެ. ލައިޝާ ލަދުން ހުރެގޮސް އިށީނީ އެދޭތެރޭގައި އެހެން މީހަކު އިށީންނާނެ ޖާގަ ބަހައްޓާފައެވެ. އަދި އައިސްކްރީމް އަޅާފައި ހުރި ބޯތަށި އުނގުގައި ބަހައްޓައިގެން އިނދެ ލަސްލަހުން ކާންފެށިއެވެ. ނޭގުމުގެ ތެރޭގައި ދެމީހުންނަށް ތަންކޮޅެއް ދުރަށް ދެވުނު ދުވަހެއް އަޔަސް އެފަހުން ކަޔާން އުޅުނީ ވިސްނައިގެންނެވެ. ދެވަނަފަހަރަށް އެކަން ތަކުރާރުކުރަން ކަޔާން ބޭނުންވާހެނެއް ހިޔެއްނުވެއެވެ. ނޫނީ ބޭނުންވިޔަސް ކެތްކުރަނީއެވެ. ދެމީހުންވެސް މަސައްކަތްކުރީ ދުރުން އުޅުމަށެވެ. އެހެންނޫނީ ގޯހެއް ހެދުމުގެ ފުރުސަތު ކިހާ ކާރިކަން ކަޔާން ދަނެއެވެ.

ކަޔާން އޭނައަކީ އަޒީޒުއްދީން އާއި ވަރުޖިނާގެ ދަރިއެއްކަމަށާއި ދެން އެ އާއިލާގައި އުޅެނީ ދޮންބެ ޒިއާމް ކަމަށް ބުނެދިނެވެ. އެދުވަހު ސީހައުސްއިން ދިމާވި ކޮއްކޮއަކީ ހަގީގަތުގައި މަންމަގެ ކޮއްކޮއެއްގެ ދަރިއެއް ކަމަށާއި ކުޑައިރުއްސުރެ ގެންގުޅުނީމަ އެފަދަ ގުޅުމެއް އޮތީކަމަށް ކަޔާން ބުނެދިނެވެ. އެލްސާއާއި ބެހޭގޮތުން ސުވާލުކުރުމުން ކަޔާން ހީގަނެފައި ފުރަތަމަ ލައިޝާ ތަޅުވާލަން އުޅެފައިވެސް އެއީ އޭނަގެ ދަރިފުޅު ޖުއާން ގެ ނެނީކަމަށް ބުންޏެވެ. ނެނީ އުޅެނީ އެމީހުންގެ ގެ "ކެންޒިއާ" ގައި ދަރިފުޅު ބަލައިދޭން ކަމަށާއި އެއީ ރާއްޖެއިން ބޭރު އަންހެންކުއްޖެއް ކަމަށް ކަޔާން ބުނުމުން ލައިޝާ ހީލިއެވެ. ނަމަވެސް އޭނަ އިނީ ކޮންމެވެސް ކަމަކާއި މޮޅިވެރިވެފައެވެ. ދެރަވެފައެވެ. ކޮންމެވެސް ކަމެއް އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އޭރު އެކަމުގެ ސަބަބެއް ލައިޝާގެ ޅަ ހިތަކަށް ނުވިސްނުނެވެ.

"ޖުއާންގެ އުމުރުން ދެއަހަރު އެކަމަކު ހުރިހާ ވާހަކައެއްހެން ދައްކާނެ، ޔޫ ވިލް ޖަސްޓް ލަވް ހިމް...." ކަޔާން ދަރިފުޅުގެ ވާހަކަ އިތުރަށް ކިޔައިދިނެވެ.

"ކޮންއިރަކުން ޖުއާން އާއި މީޓްވާނީ...." ލައިޝާ އެދުނެވެ.

"މާދަން އީދު، އީދު ސެލެބްރޭޓް ކޮށްލަން ކޮންމެވެސް ތަނަކަށް ދާނީދޯ......." ކަޔާން އާއި ލައިޝާ އެކި ވާހަކަތަކުގައި ތިބިއިރު ލައިޝާ އިރުއިރުކޮޅާ ވިސްނުމެއްގެ ތެރެއަށް ގެއްލެއެވެ. ކޮންމެވެސް ކަމަކާއި ލައިޝާ ނުތަނަވަސްވަނީކަން ކަޔާން ދެނެގަތެވެ. ލައިޝާގެ ސިއްރުތަކެއް އޮތީބާވައެވެ. ބޯއިފްރެންޑެއްހުރީ ބާވައެވެ. އަންހެންކުދިންނަށް ކަޔާން އެހާ އިތުބާރެއް ނުކުރެއެވެ. އެހެންނޫނަސް ލައިޝާގެ ފަރާތުން ކިތަންމެ ފަހަރަކު އޭނަވަނީ ޝައްކުވާފަދަ މަންޒަރުތައް ދެކެފައެވެ. ނަމަވެސް ލައިޝާގެ ހިތުގައި އެވާ އިހުސާސްތަކާއި ދޭތެރޭގައި ކަޔާން ޝައްކެއްނުކުރެއެވެ. ލައިޝާ އޭނަދެކެ ލޯބިވާކަމީ ހަގީގަތެކެވެ. އޭނައަށް ބޭނުންވާކަމީވެސް ފެންނަން ހުރި ހަގީގަތެކެވެ. އޭނަގެ ހުރިހާ އަނދިރި ސިއްރުތަކެއް އެނގިހުރެ އޭނަދެކެ ލޯބިވުމުގެ ހިތްވަރު ހުރި އަންހެންކުއްޖެއް ވިއްޔާ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ވެވިދާނެއެވެ. އެކުއްޖަކަށް އޭނަގެ ހުރިހާ ހަގީގަތެއް ކިޔައިދެވޭނެފަދަ ދުވަހެއްވެސް އަތުވެދާނެއެވެ. ނަމަވެސް ލައިޝާ ފަދަ ޅަކުއްޖަކަށް އެވަރުގެ ހިތްވަރެއް ކުރެވިދާނެހެއްޔެވެ؟ މުސްތަގުބަލުގައި ވެދާނެގޮތެއް ލަފާކޮށްލާކަށް އަދި ކަޔާންއަކަށް ނޭގެއެވެ.

ކަޔާން ގަޑިއަށް ބަލާލާފައި ޖުއާން ނިދާގަޑީގައި އޭނަ ކޮންމެހެންވެސް ގެއަށް ދާން ބޭނުންކަމަށް ބުނުމުން ލައިޝާ ހިނިތުންވެލާފައި ކަޔާންއަށް ޝުކުރުވެރިވިއެވެ. ކަޔާން ލައިޝާގެ އަތުގައި ހިފާލާނެކަމަށް ލައިޝާ ހީކުރިއެވެ. ނަމަވެސް ކަޔާން ހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންނެވެ.

"ތިގޮތަށް ހުރީމަ ވަރަށް މާތްކުއްޖެއްހެން ހީވޭ، ދުވަހަކުވެސް ދެން ސްކާފް ނުނަގާތި އިނގޭ، އޭރުން ޑެވިލްއަކަށްވެސް ނުކެރޭނެ ކާރިވާކަށް، ވަރަށް ވަރަށް ރީތި....... ކީއްވެކަމެއް ނޭގޭ އެކަމަކު އަހަރެން ބޭނުމެއްނުވޭ އެހެން މީހުން ލައިޝާއަށް ބަލައިލާކަށްވެސް، އެހެން ހުއްޓާ ސްކާފް އެޅީމަ ހާދަ އުފާވި. އެކަމަކު އިސްތަށިކޮޅުތައް ނުފެންނަގޮތަށް ރީތިކޮށް ދެން ފަހަރަކުން އަޅާލަންވާނެ،...ގުޑްނައިޓް ބިއުޓިފުލް........" ކަޔާން ލައިޝާގެ ނިތްމައްޗަށް ފައިބާފައިވާ އިސްތަށިކޮޅުތައް ރަގަޅުކޮށްލަދިނުމުން ލައިޝާގެ ހިތް ފުރުނެވެ. އޭރު ދެމީހުން އެކީގައި އައިސް ދޮރާއި އަރާހަމަވީއެވެ. އަފްރާޒު ދޮރުމަތީގައި ފޯނާއި ކުޅެންހުރެފައި ކުޑަކޮށް ބަލައިލުމުން ލައިޝާ ހުރީ ހިތްހަމަނުޖެހިފައެވެ. އަފްރާޒު ގޮސް މަންމަގެ ގާތުގައި ކުޓުވާނެކަން ޔަގީނެވެ. ހަދަހަދައިގެން ވާހަކަދައްކަން އަފްރާޒު ނިކަން މޮޅުވާނެއެވެ. އެފަދަ މަންޒަރެއްވެސް އަފްރާޒުއަށް ފެންނާނީ ނުބައިކޮށްކަން ނޭގެއެވެ. އަފްރާޒުއާއި ކަޔާން އެކީގައި ގޮސް ލިފްޓަށް އެރިތަން ފެނިފައި ލައިޝާ ބިރުގަންނަގޮތްވިއެވެ. އަނެއްކާ އޭނައަށް ފޯނުކުރާ މީހަކީ އަފްރާޒުހެއްޔެވެ؟ އަފްރާޒުއާއި ކަޔާން އެއްވެސް ގުޅުމެއް އޮވޭބާވައެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ.

ލައިޝާ އެރޭ ކީވާއަށް ދޭން ކިރުދަޅެއް ގެނުވިއެވެ. އަމިއްލައަށް ނުކައި ހުރެވެސް ކީވާއަށް ރަގަޅު ކާއެއްޗެހިދޭން ލައިޝާ ނިންމިއެވެ. އެހެންނޫނީ ކީވާ ހައްތަހާ ބަލިވާނީއެވެ. ގެއަށް އައީ މޭވާއާއި ޖޫސްފުޅިއެއްވެސް ހިފައިގެންނެވެ. ކީވާގެ ހިތަށް އަސަރުކުރިއެވެ. ލައިޝާ ބުރަ މަސައްކަތްކޮށްގެން ލިބޭ ލާރިން މިގޮތަށް އޭނައަށް ޚަރަދުކުރަންވީމަ ހާދަ އުދަގޫވެއެވެ. ނަމަވެސް ބަލިވީމަ އަޅައިލުމާއި ލޯބިވެސް ބޭނުންވެއެވެ. އެރޭ ލައިޝާ އާއި ކީވާ ހޭލާތިބެގެން ޕިއްޒާއާއި ޗޮކްލެޓް ކޭކު ހެދިއެވެ. ނަސީބަކުން އައިދަން ޚަރަދުކުރަން ފައިސާދިނެވެ. އަފްރާޒުއަށް ވާވަރަށް ތައްޔާރު ކުރެވޭނީ އައިދަންގެ އެހީ ލިބިގެންނެވެ. ލައިޝާ ގަސްތުކުރީ އަފްރާޒުއާއިމެދު ހިތް ބުރަނުކޮށް އެކުއްޖާއަށްވެސް ވީވަރަކުން ހެޔޮކޮށް ހިތުމަށެވެ. ފަލަޔަސް ފުށްގުޅައެއްފަދައެވެ. ކަސްރަތުކޮށްލަނިކޮށް އަދި މާ ރީތިވާނެއެވެ.

ލައިޝާއާއި ކީވާ އެރޭ ހުރިހާ މަސައްކަތެއް ނިންމައިލުމަށްފަހު ކޮޓަރިއަށް ވަނުމާއިއެކުހެން ކީވާއަށް ނިދިއްޖެއެވެ. ކީވާ ނިދީގައި އޮވެ ކުކުރާލާތަން ފެނުމުން ލައިޝާ ދެރަވިއެވެ. ކީވާ މާ ބޮޑަށް ބަލިވީކަން ނޭގެއެވެ. ލައިޝާ ރީތިކޮށް ރަޖާ ގައިމަތީގައި އަޅާލަދިނުމަށްފަހު އެނދުގައި އޮށޯވެ އެ ލޫޅާފަތި ހަށިގަނޑު ދަމައިލުމުން ހަށިގަނޑަށް ނިކަން އަރާމުވިއެވެ. އޭނަގެ ފޯނަށް މެސެޖް އަންނަން ފެށީ އެވަގުތުއެވެ. ހީވީ މީހަކު އޭނަ އެނދުގައި ޖައްސާލާއިރަށް އިންތިޒާރުގައި ހުރިހެންނެވެ.

"ލައިޝް ހިތުން ވަރަށް އުފާވެފައިތަ ތިހިރީ، އަހަރެން ބުނެފާނަން މިރޭ ވާހަކައެއް، އާން މަށަކީ ކަޔާން އެއްނޫން، ކެންޒީއެއްވެސް ނޫން، ކަޔާން އާއި ކެންޒީއަކީ ޓްވިން ބްރަދަރަސް، އެވަރު ލައިޝްގާތު ބުނެދޭކަށް ނުޖެހޭނެ، އެކަން އެނގިފައި އޮންނާނީ، އަހަންނަކީ ކާކުކަން އެނގެން ބޭނުން ދޯ، އަހަންނަކީ މިއީ ލައިޝްދެކެ ލޯބިވާމީހެއްކަމަށް ބަލާ، އެހެންވެ ހެޔޮއެދޭތީ މަ ބުނެފާނަން ރަގަޅުވާހަކައެއް، ލައިޝް ފުންމާލަން ތިއުޅެނީ ބޮޑު އަލިފާންގަނޑަކަށް، ކަޔާންއަކީ ރީތި ސިފައެއްގައި ހުރި ޑެވިލްއެއް، ވަރަށް މަކަރުވެރިވާނެ، އެހާ ރެބޭލިއަސް، އޭނަ ފެމިލީއާއި ދުރުގައި ވަކި އެޕާޓްމެންޓެއްގައި އުޅޭ ސަބަބާއިމެދު އެއްފަހަރުވެސް ވިސްނާލިންތަ؟ އޭނަ ހުއްޓާލާނީ ލައިޝްއަށްވެސް ލަނޑެއް ދީފައި، ރޮއްވާލާފައި، ލައިޝް އަމިއްލަ ނަފުސްދެކެ ހޭޓްކުރާ ވަރުކުރާނެ، ކަޔާން ލައިޝް އޮޅުވައިލަން ނިކަން ސްމޫތުކޮށް ވާހަކަދައްކާނެ، ލައިޝްގާތަށް ދާއިރު އެންޖެލްއަކަށް ވެފައި ހުންނާނީ، އެކަމަކު.....ލައިޝް ބިލީވް މީ، ކަޔާން އަށް ހެއްލިއްޖެއްޔާ ފަހުން ހިތާމަކުރާނެ، މަ ލައިޝްދެކެ ވަރަށް ލޯބިވޭ، އަހަރެން ލައިޝް މާ ލޯބިން ގެންގުޅެފާނަން، މަގޭ ނަހަލާލު ދަރިންނެއް ނޫޅޭނެ، އައިމް އެ ވާޖިން........" އެޒުވާނެއްގެ ވާހަކައިން ލައިޝާ ރުޅިގަދަވެގެންގޮސް އަމިއްލަ ފޯނު ބިމަށް ހޫރަނުލެވުނީ ކިރިޔާއެވެ. ޖަވާބުނުދޭން ކެތްކުރިޔަސް އޭނަ ދައްކާ ވާހަކައިން ލައިޝާ ކޮންމެވެސް ވަރަކަށް އެމީހަކު ދެނެގެންނަން ބޭނުންވިއެވެ. އެންމެ ސަބަބަކާއިހެދިއެވެ. ހީވަނީ އެމީހަކަށް ކަޔާން ވަރަށް ރަގަޅަށް އެނގޭހެންނެވެ. ނޫނީ އޭނައަށްވެސް ފާރަލަނީހެއްޔެވެ؟

"ހޫ ދަ ހެލް އާރ ޔޫ....." ލައިޝާއަކީ އާއްމުކޮށް އެގޮތަށް ބަހުރުވަ ހުންނަކުއްޖަކަށް ނުވިޔަސް ރުޅިގަދަވިވަރުން މެސެޖްކުރީ އާދައިގާ ވާހަކަ ހުންނަ ގޮތަކަށް ނޫނެވެ.

"އަހަންނަށް މިހާރު ލައިޝްގެ މޫނު ފެނޭ، ވަރަށް ރީތި، ރުޅިއައިމަ މާ ރީތި، އޭ މަވެސް ކަޔާންއަކަށްވުރެ ހަޑިއެއް ނުވާނެ، ދެކެން ބޭނުންތަ؟ އަޅައިގެންފައި ވެއްޓުނިއްޔާ އެނގޭނެތަ؟ " އެމީހަކު ގެ ވާހަކައިން ރުޅިއައިވަރުން ލައިޝާ ފޯނު ނިއްވާލާފައި ކަންފަތްމަތީގައި ބާލީސް އެޅިއެވެ. ނަމަވެސް އިރުއިރުކޮޅާ އިވެނީ އެޖުމްލަތަކެވެ. ކަޔާން އެހާ ގޯސްވާނެކަމަކަށް އޭނަ ގަބޫލެއް ނުކުރާނެއެވެ. 

"އިޑިއަޓް...." ލައިޝާ އެތެރެއެތެރެއިން ހަޅޭއްލަވައިގަތެވެ. އަތުގެތެރޭގައި ބާލީސް ބޮނޑިކޮށްލިގޮތުން ހީވަނީ އެމީހަކު އަތުޖެހިއްޖެއްޔާ ކުދިކުދިކޮށްލެވިދާނެ ހެންނެވެ. ލައިޝާގެ ޚިޔާލުތައް ގިނަވެފައިވާވަރުން ނުނިދިފައި އެތައް އިރެއްވާންދެން އޮތެވެ. މިހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ކަޔާންގެ ތައުރީފުތަކާއި ގާތްކަމުން ހިތްހަމަޖެހުމެއް ނުލިބުނީ ކީއްވެހެއްޔެވެ؟ ބިރުންއޮތް ނަމަވެސް އިރުކޮޅަކުން އެ ސުވާލުގެ ޖަވާބުތައް ހިތަށް ލިބުނެވެ. ހުރިހާ މައްސަލައަކީ ކަޔާންގެ ދަރިއެއް ހުރިކަމެވެ. އެ ދަރިފުޅަކީ ކަޔާން މީހަކާއި ނީދެ ލިބުނު ކުއްޖަކަށްވީމައެވެ. އަދި ކަޔާންއަކީ އެހެން މީހެއްގެ ހައްގަކަށް ވާން ހިތް ނޭދޭއިރުވެސް އެހެން އަންހެންކުއްޖަކު މިލްކުކޮށްފައިވާ ޒުވާނަކަށްވީމައެވެ. އަދި ކަޔާން އޭނައާއިމެދު އެކުވެރިއެއްގެ ގޮތުން ދެކޭކަމެވެ. ލިބުނު ހިތްދަތިކަމާއިއެކު ދެލޯ މަރާ ބާރުކޮށްލުމަށްފަހު އެ ޚިޔާލުތައް ނެރެ އެއްލާލަން މަސައްކަތްކުރިއެވެ. އެންމެ ފަހުން ބަނޑުހައިވެގެން ކާއެއްޗެއް އަނގަޔަށް ލާންކަމަށް ބޭރަށް ނުކުތްއިރު އަފްރާޒު ސޯފާގައި ނިދިފައި އޮތެވެ. ހީވާގޮތުން ފޯނުހިފައިގެން އޮތްވާ ނިދިގެން ވެއްޓުނީއެވެ. ލައިޝާ ބޮކި ނުދިއްލީ އަފްރާޒުގެ ނިންޖަށް ހުރަސް ނާޅަންވެގެންނެވެ. އަފްރާޒު އޭނަ ރުޅި އަރުވައިލުމުގައި ކާމިޔާބުކުރިޔަސް ހިތުގެ ކަނެއްގައި އެކުއްޖާއާއިމެދު ކޮންމެވެސް ކަހަލަ ޝުޢޫރެއް ފޮރުވިފައިވެއެވެ. އެކަން ނުދެއްކިނަމަވެސް އޭނަ އަފްރާޒުއަށް ހެޔޮއެދެއެވެ. ދެރަގޮތެއްވާކަށް ބޭނުމެއް ނުވެއެވެ. ލައިޝާ ފްރިޖް ހުޅުވާލާފައި ކޮންމެވެސް އެއްޗެއް ކާލުމަށްފަހު އެނދަށް އަރާ ރަޖާގަނޑު ދަށުގައި އެތުނި ހަށިގަނޑު ފޮރުވާލައިފިއެވެ.

އީދުދުވަސްކަމަށް ވާތީ ލައިޝާއާއި ކީވާ ތެދުވުނުގޮތަށް އުޅުނީ އައިދަންމެން އީދު ނަމާދުކޮށް އަންނަންވާއިރަށް ސުފުރާ ތައްޔާރުކޮށްލުމަށެވެ. މޭޒުމަތީގައި ބާވަތްތައް ގިނަކަމުން ކީވާ ހުރީ އުފާވެފައެވެ. ކުޑަކޮށް ހުންވައްތަރުވެލާފައި ހުރިނަމަވެސް ހިތްވަރުކޮށްލާފައި އޭނަ ތެދުވެ އުޅުނީ އައިދަންގެ ހައްގުގައެވެ. ސަލްމާ އައުމަށްފަހު މިފަދަ ފުރުސަތުތައް ކުޑަވެގެން ދާނެކަން ކީވާއަށް އެނގޭތީ ކަށިން ހިތްވަރު ނެރެގެން އޭނަ އުޅުނީ އަވަދިނެތިއެވެ. ކިރުސަޔާއި ކޮފީ ތައްޔާރުކުރީވެސް ކީވާއެވެ. ވައިލެޓްކުލައިގެ އަތްދިގު ގަމީހަކާއި ޖިންސަކާއިއެކު ބޮލުގައި އޮޅާލާފައިވާ ސްކާފްގައި ކީވާ ފެންނަލެއް ނިކަން ލޯތްބެވެ. ޒުލްމާވެސް ފިޒިއޮތެރަޕީގެ ސަބަބުން ކުޑަކޮށް ހިނގާބިގާވެ އުޅެވޭތީ ކުދިން ކުރާ މަސައްކަތާއި ކޮންމެވެސް ވަރަކަށް ބައިވެރިވެގެން އުޅެއެވެ. ޑޮކްޓަރު އަންގަވާފައިވަނީވެސް ހަރަކާތްތެރިވެ އުޅުމަށެވެ.

"އަފޫ އަންނަގޮތަށް މޭޒުމަތި އެކީ ހުސްކޮށްނުލައިފިއްޔާ ރަގަޅުވާނެ...." މޭޒުމަތީގެ ފޮޓޯއެއް ފޯނުގައި ރައްކާކޮށްލަމުން ލައިޝާ ކީވާގެ ގަޔަށް ލެނގިލިއެވެ. އޭނަގެ ޝަކުވާއަކީ ހަވީރުވާލެއް ލަސްކަމެވެ. ކަޔާން އީދު މުބާރަކު ކިޔާލާފައި ފޮނުވައިލި މެސެޖް ލައިޝާއަށް ކިޔައިލެވުނު އަދަދެއްވެސް ނޭގެއެވެ. ކަޔާން އެދިފައިވަނީ އާޓިފިޝަލް ބީޗަށް ހަވީރު އައުމަށެވެ. ކަޔާންވަނީ ވަކި ޚާއްސަތަނެއް ބުނެދީފައެވެ. އޭނައާއި ކީވާވެސް އެތަނަށް ޖޫގޯ ބޯން ޒިޔާރާތްކުރިއެވެ.

"އަފޫއަށް އެސްފީނާ ޖަހާނެކަމެއްނެތް ލައިޝް، އޭނަ އެހެން ހުރީމަ ކިހާ ކިއުޓް. ލައިޝް ސައި ބޯކަށް ނުވޭތަ؟..... " ކީވާ ޓިޝޫއަޅާ އެތީގައި ޓިޝޫ ބޮނޑިއެއް ޖެހިއެވެ.

"އެއްޗެހީގެ ރަހަ ބަލަމުންގޮސް ފުލްވެފައި މިހިރީ، އެހެންނޫނަސް ކާހިތެއްވެސް ނުވޭ...." ލައިޝާ އެހެން ބުނުމުން ކީވާ ދިމާކުރަން ފެށިއެވެ. އިރުކޮޅެއް ނުވަނީސް އައިދަން އާއި އަފްރާޒު ދޮރު ހުޅުވާލާފައި ވަނުމުން ކީވާ ސިއްރު ނަޒަރަކުން ބަލާލައިފިއެވެ. އައިދަންވެސް ހުރީ ޢީދަށް އާ ގަމީހަކާއި ޖިންސެއްލައިގެންނެވެ. ވަރަށް ސްމާޓެވެ. އިސްތަށިގަނޑު މައްޗަށް ކަހާލާފައިވާއިރު ޝަޚުސިއްޔަތު ވަރުގަދައެވެ. އެ އަޅިދެލޮލުގެ ވިދުން އެހާ ގަދައެވެ.

"އީދު މުބާރަކު ދެކުދިން......" އައިދަން ސަލާމްކޮށްލިއެވެ. ކީވާގެ ގަނޑުފެންކޮޅެއްފަދަ މަޑުއަތުގައި ހިފައިލެވުނު ވަގުތު ދެޒުވާނުންގެ ހަތަރުކަޅި ހަމަވެ އެދެމެދުގައި ހިމޭންކަމުގެ ބަހުރުވައިން ކޮންމެވެސް ވާހަކަތަކެއް ދެކެވުނެވެ. އައިދަންގެ ހިތްވެސް އަވަސްވެލިއެވެ. ކީވާ ފެންނަވަރަކަށް އެ ރީތިކަން އިތުރުވާހެން ހީވެއެވެ. އެހާ އޮމާނެވެ. ހޫރެއްފަދައެވެ. ހީލިއިރު ކުދިދަތްތައް ފެނުނުގޮތަކުން ހީވީ ތަރިތަކެއް ވިދާލިހެންނެވެ. ރީތި އަންހެންކުދިންނޭ ބުނެވެނީ ދެގޮތެއްނުވާ މިފަދަ ކުދިންނަށެވެ. އައިދަންގެ ހިތަށް ބާރު ފޯރުވަން މަސައްކަތްކުރިއެވެ. ނޫނެކެވެ. އޭނަގެ މަންމަ އަންގާފައިވާތީ މިދޭތެރޭގައި އެކުވެރިކަން ނޫން އެހެން ގުޅުމެއް އޭނަ ނުބާއްވާނެއެވެ.

"އަހަރެމެންނާއިއެކު ކިވީމެންވެސް ސައިބޯންވާނެ...." އައިދަން ކީވާގެ އަތުން ދޫކޮށްނުލާގެނެސް ގޮނޑީގައި ބޭންދިއެވެ.
"ތިއީ މަނާކަމެއް، ބޯއިސްއިންނާއި އެކީގައި އެއް ސުފުރާމަތީގައި ކާކަށް ނުވާނެ...." ލައިޝާ ސަމާސާގޮތަކަށް އެއްލޯ މަރައިލިއެވެ.

އަފްރާޒު ހުރީ ދެ ޚިޔާލެއްގައެވެ. އޭނަ ބޭނުމީ މިއަދު އެކަނިވެރިކަމެވެ. ލައިޝާއާއިއެކީގައި އެއް މަޖުލީހުގައި އިންނަންވެސް އޭނައަށް އުދަގުލެވެ. ލައިޝާ އޭނަގެ މަންމައަށް ގޮވާ ގެނެސްގެން އެންމެން އެކީގައި ކާން ތިބިއިރު މާހައުލު ނިކަން އުފާވެރިއެވެ. އެންމެން އެކި ވާހަކަތައް ދައްކާފައި ހިނިގަނޑު ޖަހާލާއިރު ފެންނަނީ އުފާވެރި އާއިލާއެއްގެ ގޮތުގައެވެ. ލޭގެ ގުޅުމެއްނެތް އެކި އާއިލާތަކެއް ކަމަށް ބަލާލާ މީހަކަށް ނޭގޭނެއެވެ.

"ރޭ ހުރިހާ އެއްޗެއްސެއް ހެދީ މަށޭ، ކިވީ ބަލިކަމުން ކަމެއްނުކުރެވުނު، އެހެންވީމަ އެހާ ރަހަމީރެއްނުވާނެ އިނގޭ...." ލައިޝާ އަފްރާޒުއަށް ބަލާލާފައި އެހެންބުނެލިއިރު ހިނިގަނޑު ކޮންޓްރޯލް ކުރަން މަޖުބޫރުވިއެވެ. ހަގީގަތުގައި ލައިޝާ މޮޅީ ކޮފީ ހަދާށެވެ. ހެދިކާ އެއްޗެހި ހެދުމުގައި ކީވާ އުޅެނީ ކުރީގައެވެ. އެހެންނޫނަސް ލައިޝާއަކީ ކުރީގައި ބަދިގެއަށް ވަދެ އުޅުނު ކުއްޖެއްނޫނެވެ. އޭނަ މިފަދަ ކަންތައްތަކާއި ގަޔާވެ އުޅެންފެށީ ކަޔާންއަށް ދެވުނު ޝައުގެއްގެ ބޮޑުކަމުންނެވެ. ކަޔާންގެ އަންބަކަށް ވުމުގެ ހުވަފެން ދެކެން ފެށުމަށްފަހު ލައިޝާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ގެންނާން އޭނަ މަސައްކަތްކުރިއެވެ. ހަރުދަނާ ޒުވާނެއްގެ ބައިވެރިޔަކަށް ވެވޭނީ މަސައްކަތުންނެވެ. ހީވާގިވެގެންނެވެ.
އަފްރާޒު ކާން އިށީދެފައި އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. އެކައްޗެއްވެސް މީރުވިކަމަކަށް ނުވިއެވެ. ނަމަވެސް ތަށިތައް ހުސްވަމުން ދިޔައީ ނިކަން ހަލުވިކޮށެވެ. 

"އަފޫ، ލަސްވެގެން މީހަކު ނޫޅެއެއްނު، ހަމަޖެހިލައިގެން ލަސްލަހުން ކައިބަލަ.." ލައިޝާއަކަށް އަފްރާޒު އާއި ދިމާނުކޮށް ނީދެވެއެވެ.
އަފްރާޒު އަޑު އިވުނުކަމަކަށް ހަދައިނުލިއެވެ. އޭނަ ލައިޝާއާއި ވާހަކަދައްކަން ބޭނުންނުވާކަން މިހާ ރީއްޗަށް އަންގައިދޭއިރުވެސް ލައިޝާއަށް އެއްޗެއް ނުވިސްނެނީ ހެއްޔެވެ؟ އައިދަން ދެން ފެށީ ސީރިޔަސް ވާހަކައަކުން ލައިޝާއާއި ކީވާގެ ސަމާލުކަން އައިދަންއަށް ހުއްޓުނެވެ. މިއެޕާޓްމެންޓް އޭނައަށް ވިއްކި އެކުވެރިޔާ މިތަނާއި ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ އެންމެ ހަފްތާއެކެވެ. މިތަނުގެ ވެރިން ބޭނުންވަނީ ކޮންޓްރެކްޓް އާކުރާއިރު ކުލި ބޮޑުކުރާށެވެ. އެއީ އައިދަން އާއި އެކަށީގެންވާފަދަ އަގެއްނޫނެވެ. މިހާރުވެސް ހަގީގަތުގައި އެމީހުންނާއި ބަލާއިރު އަގު ފުދޭވަރަކަށް ބޮޑެވެ. އެކުވެރިޔާ ބުނެފައިވަނީ އެހެން ތަނެއް އެމީހުންނަށްޓަކައި ބަލައިދޭނެ ވާހަކައެވެ. މިހާ ހިތްފަސޭހަ ވާނެކަމެއް ނޭގެއެވެ.

"ގުޑް ނިއުސް އައިދަން، އަހަންނަށްވެސް ރަގަޅީ ކުޑަތަންކޮޅެއް ލިބުނީމަ، އަހަރެން ބޭނުން ޑިގްރީ ހަދަން، ފައިސާކޮޅެއް ބާކީކުރަން މިހާ ބޭނުންވެފައި ހުރީމަ ދަތިކޮށް އުޅެން އަހަންނަށް އޯކޭ، ނަސީބެއްނު ކޮންޓްރެކްޓް ހަމަވިކަން، ތޭންކް ގޯޑް......." ލައިޝާ އަށް ކީވާވެސް ތާއީދުކުރިއެވެ. އެއާއިއެކު ލައިޝާގެ ހިތަށް އެރި އެއްޗަކުން ކޮށިނޭރީ ކިރިޔާއެވެ. ކަޔާން އާއި ވަކިން ދުރުތަނަކަށް ދާން އޭނަގެ ހިތެއް ނޭދެއެވެ. މިވާން އުޅެނީ ކިހިނެއްބާވައެވެ. 

"މިފަހަރު ހޯދަން ބުނެފައިވާނީ ދެކޮޓަރީގެ ތަނެއް..." އައިދަން އިތުރަށް ބުނެދިނެވެ. ލައިޝާ އޭރު އިނީ އިސްޖަހާލައިގެން ހިމޭނުންނެވެ. ކުއްލިއަކަށް ލައިޝާ ހިމޭންކަން ޚިޔާރުކުރުމުން އަފްރާޒު ފާޑަކަށް ލޯ އަޅާލައިފިއެވެ. 

އީދުދުވަހުގެ ހަވީރު މާލޭގެ މަގުތައް ހަލަބޮލިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. ޓްރެފިކްއާއި އެއްވަރަށް ޕޭވްމެންޓްތައް ވަނީ ފުރިބާރުވެފައެވެ. ލައިޝާ ހުރީ ގަޑިއަށް އާޓިފިޝަލް ބީޗަށް ނުދެވި ހިގައިދާނެތީއެވެ. ކަޔާން އާއި ބައްދަލުކުރާހިތުން އެހިތްވަނީ އިންތިހާއަށް އަވަސްވެފައެވެ. މީހުންތައް ގިނަކަމުން އޭނަ ހުރީ ނޭވާލާން އުދަގޫވެފައެވެ. ގިނައީ ބަންގްލާދޭޝް މީހުންނެވެ. އަވަސް އަރުވާލާފައި އެމީހެއްގެ މަންޒިލަށް ދާ މީހުންގެ ސަމާލުކަން ލައިޝާއަށް ހުއްޓޭކަމެއް އޭނައަކަށް ނޭގެއެވެ. ލައިޝާ އާޓިފިޝަލް ބީޗަށް ދިޔައިރު އެތާގައިވެސް އޮތީ މީހުންގެ އޮއިވަރެވެ. ޕަބްލިކް ތަނެއްގައި ކަޔާން އޭނައާއި ބައްދަލުކުރަން ބޭނުންވީ އެހެން މީހުންނަށް އެދެމެދުގައިވާ ގުޅުން އަންގަން ބާވައެވެ. ކަޔާންގެ ހިތް އަދިވެސް އޭނައަކަށް ހުޅުވައެއްނުލައެވެ. ލައިޝާ މީހުންގަނޑުގެ ތެރެއިން ކަޔާންއާއި ވައްތަރު މީހަކު ފެނޭތޯ ބެލިއެވެ. ކުދިން ގޮވައިގެން އުޅޭ ޒުވާން ޖޯޑުތައް ހަރަކާތްތެރިވާތަން ފެނެއެވެ. އޭނަވެސް އެފަދަ ދުވަހެއް ގެންނަހިތްވިއެވެ.

"ކަޔާން....." ލައިޝާގެ ނަޒަރު ހުއްޓުނީ ރަތްކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރި ރީތި ޒުވާނާގެ މައްޗަށެވެ. އޭނަ އައީ ކުޑަ ފިރިހެންކުއްޖަކު ކޮނޑަށް ލައިގެންނެވެ. ހާދަ ސްމާޓެވެ. ލައިޝާގެ ހިތް ހީވީ ފުންމާލަފާނެހެންނެވެ. އޭނަ އަތްނަގަން އުޅުނުއިރު ކަޔާން އާއި ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. ކަޔާން ލައިޝާ ނުފެންނަކަމަށް ހަދާފައި ހިނގައިގަތީ ޖޫގޯ އާއި ދިމާލަށެވެ. ލައިޝާއަށް ކަޔާން އެހެން ކަންތައް ކުރާން ޖެހުނު ސަބަބު ވިސްނުމަކަށް ނައެވެ. އޭނައަށް ދައުވަތު ދިނީ ކަޔާންއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ލައިޝާ ތުންފަތުގައި ދަތްއަޅާލާފައި ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

ކޮމެންޓް 0