ދެ ޒުވާނުން އެކީގައި ގޮސް ފެންޑާއަށް އަރާފައިވެސް ލައިޝާގެ އަތްވަނީ ކަޔާންގެ އަތްތިލަ ތެރޭގައި ހައްޔަރުވެފައެވެ. އެއަތުން ދޫކޮށްނުލާ ކަޔާން ފިޔަވަޅުތައް ކުރިއަށް އަޅަން ފެށިއެވެ. 

ގޭގެ ރީތިކަމާއި ޝާހީކަމުން "ކެންޒީ ހޮޓެލް" އަކަށް ދޫނުކުރެއެވެ. ހުވަފެނީތަނެއް ފަދައެވެ. ލައިޝާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ގޭގެ ފާރުގައިވާ މޮޅު ކުރެހުންތަކާއި ކުލަ ގުޅުވާފައިވާ ގޮތެވެ. ޑިޒައިނަރ ސިޑިއާއި ރަތްކުލައިގެ ވަށް ސޯފާތަކެވެ. ހިތުގެ ބައްޓަމަށްވާ ރަތް ބާލީސްކޮޅުތައް ފެނުމުންވެސް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ރަތްކުލައިގެ ހިތްތައް ރަމްޒުކޮށްދެނީ ލޯބިއެވެ. ފެންނަ ކޮންމެ ތަނަކުން އެވަގުތު ލައިޝާއަށް ސޫރަވީ ހިތްތަކެވެ. ލޯބި އޭނަ ވަށާލާފައިވާހެން ހީވިއެވެ. އުފާވެރިކަމުގެ އިންތިހާއެވެ. ކަޔާން ލައިޝާއަށް ގެ ދައްކާލަން އެތަން މިތާ ބުރު ޖަހާލިނަމަވެސް ނިދާ ކޮޓަރިތަކަށް ނުވަދެއެވެ. އެންމެފަހުން ކާބަޔަށް ވަންއިރު އެތަނުންވެސް ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވެ. މިފަދަ ވަގުތެއްގައި ވަގަކު ވަދެ ގެ ހުސްކޮށްގެން ދިޔަސް ނޭގޭނެއޭ ލައިޝާގެ ހިތަށް އެރިއެވެ. ފަހަރެއްގައި ސީސީޓީވީ ކެމެރާތަކުން ހުރިހާތަނެއް ބަލާނެ އިންތިޒާމް ހަމަޖެހިފައި ހުރީކަމަށް ވެދާނެއެވެ.

ކާކޮޓަރިއަށް ވަދެފައި ކޮފީތައްޔާރުކުރީ ލައިޝާއެވެ. ލައިޝާ ކޮފީތަށިން އެތިފޮދެއް ބޯލާފައި ދޫފިހިގެން އުޅެގަތީމަ ކަޔާން ލައިޝާގެ އަނގަޔަށް ގަނޑުފެންކޮޅެއް ލައްވާލަދިނެވެ. ލައިޝާ ގަނޑުފެންކޮޅުތައް ހަފަމުންދާލެއް ލޯބިކަމުން ކަޔާން އިރުކޮޅެއްވާންދެން ބަލަން ހުރެފައި ފިނިވަމުން ދިޔަ އަތް ޖިންސްގެ ޖީބަށް ޖަހައިލިއެވެ. ލައިޝާއާއި ދުރުގައި ނުހުރެވޭނެހެން ހީވުމުން އިހުސާސްތަކަށްވުރެ ގަދަކޮށްލީއެވެ. އަމިއްލަ ނަފުސާއި ހަނގުރާމަކުރަން އޭނަ ހާދަ ކުޅަދާނަވެއްޖެއެވެ.

"މިގެ ވަރަށް ރީތި، މިފަދަ ތަނަކަށް ދުވަހަކު ނާންނަން. އަހަރެމެންގެ ގެއަށް ކަޔާން ވަދެފިއްޔާ ނޭވާ ނުލެވޭނެ، އެހާ ކޮންޖެސްޓެޑް....." ލައިޝާ އެގޭގެ ރީތިކަމަށް ތައުރީފުކުރިއެވެ. 
"އަހަރެން ސްލަމްއަކަށް ވަންނާކަށްވެސް ޖެހިލުމެއްނުވޭ........" ކަޔާން ހީލިއެވެ.
"އާފްރާ ބުނިގޮތުން ކަޔާންހާ އެރޮގެންޓް ބޮސްއެއް ނުފެންނާނެ. ވީއިރު ސްލަމްއެއްގައި ފައި ޖައްސާލަން ފަސޭހައެއްނުވާނެ، ބައެއްކަންތައް ދުލުން ބުނެލެވުނަސް އަމަލުކުރަން ފަސޭހައެއްނުވާނެއޭ ކަޔާން...." ލައިޝާ ހަނދާންވިއެވެ.
"ވަޓް؟ އަހަރެން އެރޮގެންޓް؟ " ކަޔާން ހޭންފެށިއެވެ.
"ކަޔާން އެކުދިންނާއި އަނގައިން ނުބުނާތީ އެގޮތަށް ހީކުރީ...." ލައިޝާ ބުނެދިނެވެ.
"ހުރިހާ އަންހެންކުދިންނާއި އަހަރެން ވާހަކަ ދައްކަން ޖެހޭތަ؟ ލައިޝާގެ ހުއްދަ އެއް ނޯންނާނެކަން ޔަގީނޭ....." ކަޔާން ފަން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

އިރުއޮއްސި އަނދިރިކަން ގަދަވަމުންގޮސް އިސާހިތަކު ޓެރެސް އަނދިރިކަމުގެ ތެރެއަށް ގެބެމުން ދާން ފެށިއެވެ. ޓެރެސްގެ ބޮކިތައް ދިއްލާލާކަށް ކަޔާން ބޭނުމެއްނުވިއެވެ. މިއަނދިރީގެ ތެރޭގައި ވާރޭގެ އަޑު އަހައިލުން ދެޒުވާނުން ސޯފާގައި ޖެހިފިތިގެން ކަހަލަގޮތަކަށް ތިއްބެވެ. ކަޔާން އެހާ ގާތުގައި އިށީނުމުން ދުރަށް ޖެހިލާކަށް ލައިޝާ ބޭނުމެއް ނުވިއެވެ. އެ ގާތްކަމުން ހިތަށް ލިބުނީ ހަމަޖެހުމެކެވެ. ކަޔާން ގެ ޖިންސްމަތީގައި އެ ލޫޅާފަތި އަތް ބާއްވާލުމުން ކަޔާން އެއަތުގައި ހިފާލިއެވެ. އޭރު ވާރޭގެ އެތައް ހާސްތިކިތައް ފަޒާގައި މުތީތަކެއް ފަދައިން އޮހެމުންދާތަން ފެނެއެވެ. ޓެރެސްގައިވާ ގަސްމުށިތަކުގައިވާ ފެހިކަން ގަދަ ގަސްތަކާއި މާތައް ވާރޭގައި ތެމެމުންދާއިރު ހާދަ ޗާލެވެ. ސޯފާގެ ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ކޮފީތަބައް އަދި މޭވާ ޓުކުރިއެއް ހުރިތަން ފެނެއެވެ. 

"އެނގޭތަ؟ ކުރީދުވަހު ވާރޭ ވެހުނުއިރު އަހަރެން ހިތަށް އެރި މިގޮތަށް ލައިޝާ އަހަރެންގެ ގާތުގައި ވާނެނަމައޭ، އަހަރެންގެ ވިޝް ހަގީގަތަކަށް ވާން މާ ގިނަދުވަހެއް ނުނެގި...." ކަޔާން އެއަތުގައި ފިރުމާލުމުން ލައިޝާގެ ނާރުތަކަށް އެނގުންވެގެން ދިޔައެވެ. ކަޔާންގެ އަތުގައި އޮތް އަނގޮޓި އޭނަ ކޮންމެވެސް ދުވަހަކުން ނަގާފައި އެއްލަންކަމަށް ހިތާހިތުން ވައުދުވިއެވެ. އެކަމަށް އެދި ދުއާވެސް ކުރެވުނެވެ. ލައިޝާ ކަޔާންގެ ކޮނޑުގައި ބޯ އަޅާލުމުން ކަޔާންގެ ބާރުގަދަ އަތް ލައިޝާގެ ވަށާލެވިގެން ދިޔައީވެސް ބޭއިޚުތިޔާރުގައެވެ. 

"އަދިވެސް ކަޔާންގެ ހިތުގައިވާ އެއްވެސް އެއްޗެއް ނޭގޭތީ ދެރައީ، ގާލްފްރެންޑަށް ވުމުގެ ޝަރަފު ލިބުނަސް ތިޔަ ހިތާއި ހަމަޔަށް ފޯރުމަކީ ފަސޭހަކަމެއް ނޫންކަން ނޭގޭ، ރައްޓެހިވެގެން އުޅުމާއި ލޯބިވުމާއި ދޭތެރޭގައިވާ ފަރަގުވެސް އެނގޭ......" އަނދިރިކަމުގެ ނިވަލުގައި ބޭނުންހާ ވާހަކަތައް ދައްކަން ތަންކޮޅެއް ފަސޭހަކަމުން ލައިޝާ ބުނެލިއެވެ.
"އަހަންނަށް ދަސްކޮށްދޭންވީނު، ޑިފައިން ލަވް...." ކަޔާން ލާނެތްވެލިއެވެ.
"ޔޫ ނޯ އެވްރީތިންގް. ކަޔާން ބޭނުމެއް ނުވޭ އެކަމަށް އެއްބަސްވާކަށް....." ލައިޝާ އިނީ ނޭވާލާންވެސް ނުކެރިފައެވެ. ކަޔާންގެ އަތުގެ ހިމާޔަތާއި ރައްކާތެރިކަން ލިބުމުން އެކުރެވުނު ފޮނި ފޮނި އިހުސާސްތަކުން މުޅިކުއްޖާ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ހީވީ ކަޔާންގެ އަތުގެ ތެރެއަށް ވިރިގެން ފައިބަފާނެހެންނެވެ. ކަޔާންގެ ހަށިގަނޑުގެ ހޫނުކަން ނުލިބޭނަމަ ވާނެގޮތެއް ނޭގެއެވެ. އަލިފާނާއި ގަނޑުފެން އެކުވުމުން ވާނީ މިފަދަ ގޮތެއް ހެއްޔެވެ؟ 

"ޖަސްޓް ވެއިޓް ލައިޝާ، އަހަންނެއް ނުގެއްލޭނެ، މިބުނީ މަރުނުވަންޏާ އަހަރެން ހުންނާނީ އަބަދު މިގޮތުގައި، ބައެއްފަހަރު ދިގު އިންތިޒާރުގެ ނިމުން ރަގަޅުވެދާނެ، މާ އަވަސްއަރުވާލައިގެން ކަންތައް ކުރަންވެއްޖެއްޔާ ވީ ވިލް މޭކް އެ މިސްޓޭކް، އެހެންވެ އަހަރެންވެސް ކެތްކުރަނީ......" ކަޔާން ގެ އެ ވާހަކައިން ލައިޝާއަށް ދޭހަވީ އެހެން އެއްޗެކެވެ. އެބުނަނީ ޖުއާންގެ ވާހަކަހެއްޔެވެ؟ އެއީވެސް ކަޔާންއާއި އަފްރީންއަށް ކުރެވުނު ކުށެއްގެ ނަތީޖާއެވެ.

"އެއަށްވުރެ ކަޔާން ވައިސްކަން އެނގޭ. މިސްޓޭކެއް ރިޕީޓް ނުކުރާނެ......." ލައިޝާ ކުޑަކޮށް ހީލިއެވެ.
"ތިހުރިހާ ތައުރީފެއް ހައްގީ މަގޭ ޕީއޭ އަށޭ، ލައިޝާ، ކޮފީތަށި ހިހޫވެދާނެ...." ކަޔާން ހިނިތުންވެލާފައި ލައިޝާ ގަޔާއި ދުރުކޮށްލީ ހިތުގެ މިސްރާބު އެހެން ދިމާލަށް ދާންފެށީމައެވެ. އޭނަވަނީ އަމިއްލަ ނަފުސްގެ ކޮންޓްރޯލް އަތުލާފައެވެ. އެހާ ފަސޭހައިން އޭނަގެ ހިތް ވީއްލިޔަނުދޭން އޭނަ މަސައްކަތްކުރެއެވެ. ކަޔާން އާއި ލައިޝާ ކޮފީބޯން ފަށާފައިވެސް ތިބީ އެކަކު އަނެކަކަށް ބަލާށެވެ. ކަޔާންގެ ކަޅުރޭގަނޑެއްފަދަ ދެލޯ އެ އަނދިރީގެ ތެރެއިންވެސް ވިދައެވެ. އެވަގުތު ފިޔަވަޅުތަކެއްގެ އަޑުއިވިފައި ކަޔާން އެނބުރި ބަލައިލުމާއިއެކު ފެނުނު ސޫރައަކުން މޫޑު އެކީ ޚަރާބުވިއެވެ. އަފްރީން މިވަގުތުގައި ކޮންމެހެން އަންނާން ޖެހޭހެއްޔެވެ؟ 

"ވާއު......ލަވްބާޑްސް ރޮމެންސް ހިންގަން ބޮކިވެސް ނުދިއްލާ، އަހަރެން މިއައީ ޑިސްޓާބްކުރާކަށް ނޫނޭ، އަހަރެން މިއުޅެނީ ފޯނުގެއްލިގެން......." އަފްރީނު ހަގީގަތުގައިވެސް އޭނަގެ ފޯނު ނުފެނިގެން ރައަދުމެން ލައްވާ ހޯދުވާފައި އަމިއްލައަށް ޗެކްކޮށްލަން އައީއެވެ. އާދެވުނުކަމުން ޚުދު އޭނަގެ ހިތަށްވެސް ނުބައިގޮތެއް ވެއްޖެއެވެ. ކަޔާން މިއިނީ އެ ކުޑަ އަގެއްނެތް ނާސިކުއްޖާ އުނގުގައި ބައިންދައިގެންނެވެ. އޭނައާއި ބަލާއިރު ލައިޝާއަކީ ކާކުހެއްޔެވެ؟ އޭނައަކީ ތައުލީމީ ހަޔާތުގައި އަބަދު އޭ ނަގަމުން އައި ކުއްޖެކެވެ. އަބަދު އެންމެ މަތިން ފާސްވަމުން އައިސް އޭނަވަނީ ޔޫކޭއިން ޑިގްރީ ހަދާފައެވެ. އެފަހަރުވެސް ކޮލެޖުން އެއްވަނަ ހޯދައިގެން އޭނަ މުޅި ރާއްޖެއަށް ރީތި ނަން ހޯދަދިނެވެ. އެހެންނޫނަސް އޭނަ ލައިޝާއަށް ވުރެ މާ ރީއްޗެވެ. ދެރައީ އެކަނި އިސްކޮޅުން ތަންކޮޅެއް ކުރުވީމައެވެ.

"މިތާކު ނެތޭ ފޯނު...." ކަޔާން ތަންކޮޅެއް މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ.
"ހާދަ މޫޑު ރަގަޅޭ ދުވަހެކޭ، އައި ޑޯންޓް ބިލީވް ކަޔާން، އަހަރެން އަމިއްލައަށް ޗެކްކޮށްލާފައި ދާނީ...." އަފްރީން ލައިޝާގެ ގާތުގައި އޮތް ކޮތަޅު ހުޅުވާލާފައި އޭގައި އޮތީ ކޯންޗެއްތޯވެސް ބަލާލައިފިއެވެ. ވާހަކަ ފޮތެއްކަން އެނގުމުން އެފޮތް ލައިޝާގެ އުނގަށް ޖަހާލާފައި ކުޝަންތައް ހިއްލާލާފައި ބަލަންފެށިއެވެ. ލައިޝާވެސް އަފްރީންއަށް ފަސޭހައަކަށް އެތަނުން ތެދުވެ އޭނަ ބޭނުންވަރަކަށް ހާވަން ފުރުސަތު ދިނެވެ. އެ އަމަލުން އަފްރީން ނިންމީ ލައިޝާ މާ މާތްވާން އުޅެނީކަމަށެވެ. އަފްރީންގެ ހިތުގައިވި ހަސަދައިގެ އަލިފާންކޮޅު އިންތިހާއަށް އަނދައިގަތެވެ. ކަޔާން ފޮނިކަމުން އިންތަނުން ނުތެދުވާނެކަން އެނގުނެވެ. އަދި ލައިޝާގެ ކުރިމަތީގައި މާ ރަގަޅުވާންވެގެން ކަޔާން މައިތިރިވެގެން އިނީމަ ރުޅި އަރުވާލާހިތްވިއެވެ.

"ލައިޝާ، އަހަންނަށް ތި ޝޯލް ނަގާފައި ދައްކާލަބަލަ، ޖިންސްގެ ޖީބު ހުރީ ހުހަށްތަ؟ އަހަންނަށް ޔަގީންކަމެއްނެތޭ ކަޔާން ފާޑުފާޑުގެ ނާސިން ގެއަށް ވައްދައިގެން އުޅެންޏާ، ލައިޝާ އަހަރެންގެ ފޯނު ނެގިއްޔާ ދޭން އުޅޭ........." އަފްރީންގެ ޖުމްލައާއިއެކު ކަޔާން ކުއްލިއަކަށް އެތާ އޮތް ފިޔޮހި ހިފައިގެން ތެދުވިގޮތަށް އަތް އުފުލާލިއެވެ. އަފްރީންވެސް ބިރުން ދެލޯ ބޮޑުކޮށްލާފައި ފަހަތަށް ފިޔަވަޅެއް އެޅިއިރު ލައިޝާހުރީ ބުދެއްހެން ހުއްޓުން އަރާފައެވެ. ކަޔާން ފިޔޮހީގައި ހިފާލިއަތް ތިރިކޮށްލިގޮތަށް އެ ތޫނު ފިޔޮހި ހަރާލީ ސޯފާއަށެވެ. އެރީތި ސޯފާ ހަލާކުކޮށްލަން ކަޔާން ފަސްނުޖެހުނުތަން ފެނިފައި ލައިޝާ ނޭވާ ހިފަހައްޓާލިއެވެ. ކަޔާން ފިޔޮހި ނެގީ ކޮންމެހެން އަފްރީންގެ ގަޔަށް ހަރައިލުމުގެ ނިޔަތުގައެއް ނޫނެވެ. ހިމޭންކަން ގަރުނަކަށް ދެމިގެން ދިޔުމަށްފަހު ބިރުން ހުދުވެފައި ހުރި އަފްރީން ކަޔާންއަށް ލޯ އަޅައިލިއެވެ. ލައިޝާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލާފައި ތުންފަތުގައި ދަތްއަޅާލިއެވެ.

"އަމިއްލައަށް ސުއިސައިޑްވާން އެތައް ފަހަރު ޓްރައިކުރި މީހާ މިހާރު ތި އުޅުނީ އަހަރެން މަރާލަން، އަހަރެން މަރާނުލިޔަސް ބޭނުންގޮތަކަށް އުޅެބަލަ، މަ ނޫޅެމޭ ތިކަން ހުއްޓުވާކަށް، އެހެންނޫނަސް ކަޔާން އަމިއްލަ ޕާސްޓް ތި އަންހެންކުއްޖާއަށް ކިޔައިދިންތަ؟ އަހަންނަށް ޝައްކު، އެހެންނޫންނަމަ ސައިކޯޕާތެއްގެ ކާރީގައި ހެވިފައި އަންހެންކުއްޖަކު ނީންނާނެ، ހުރިހާ ހަގީގަތެއް އެނގުނީމަ ބޭނުމެއްނުވާނެ އެކީގައި އުޅޭކަށް.........." އަފްރީން މަލާމާތުގެ ގޮތަކަށް ހީލާފައި އެތަނުން ދާން ހިނގައިގަތީ ލައިޝާގެ ސިކުނޑި ސުވާލު ތަކަކުން ބަރާކޮށްލާފައެވެ. ލައިޝާ އެ ވާހަކަ އޮޅުން ފިލުވާކަށް ބޭނުމެއްނުވިއެވެ. ކަޔާންގެ މާޒީ އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. މާޒީގައި ހިފަހައްޓައިގެން މީހަކަށް އުފަލެއް ނުލިބޭނެއެވެ. އޭނަ ބޭނުންވަނީ އުފާވެރި މުސްތަގުބަލެކެވެ. ކަޔާންގެ "ޑިޕްރެޝަން" މައްސަލައެއް ހުރީކަމަށް ވެދާނެއެވެ. ޑިޕްރެޝަންއަކީ މައްސަލައެއް ނޫނެވެ. ކަޔާން ކުޑައިރު ހާދިސާއެއް ދިމާވީހެއްޔެވެ؟ އޭނައަށް މައްސަލައެއް ނެތެވެ. ލައިޝާގެ އިންތިހާ ލޯބީގެ ސަބަބުން ކަޔާންގެ ހުރިހާ ހިތާމައަކާއި އަނދިރިކަމެއް ފިލުވާލަފާނެއެވެ.

ކަޔާން ސޯފާގައި ހުރި ފިޔޮހި ނައްޓާލާފައި މޭވާ ޓުކުރިކާރީގައި ބޭއްވިއިރުވެސް މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހިފައިވާކަމުގެ ކުލަވަރެވެ. 

"ސޮރީ، އަފްރީން ދެއްކި ވާހަކައަކުން އަހަންނަށް ކެތް ނުކުރެވުނީ، އެކަމަކު އަހަރެން އުޅުނީ އަފްރީންގެ ގަޔަށް ސްޓޭބް ކުރާކަށް ނޫން، އަފްރީން ބިރުން ހުރި ގޮތުން ވަރަށް ހިނި އައި...." ކަޔާން ލައިޝާގެ ލޮލަށް ބަލާލީ ފުން ކޮށެވެ. ލައިޝާގެ ސިކުނޑީގައި ހިނގާ ކަންތައް ދެނެގަންނަން ބޭނުންވީކަން ނޭގެއެވެ. ލައިޝާ އޭނަދެކެ ބިރުގަތީހެއްޔެވެ؟ އޭނަ ރުޅިގަދަވެގެން މޮޔަވާވަރުވިޔަސް ލައިޝާއަށް އަނިޔާއެއް ނުކުރާނެކަން ނުވިސްނެނީހެއްޔެވެ؟

"މަންމަ ރުޅި ނާންނާނެތަ؟ " ލައިޝާ އިޝާރާތްކުރީ ސޯފާއަށެވެ. ކަޔާން އެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އަޑު އިވުނު ކަމެއްވެސް ނޫނީ ގަސްތުގައި ޖަވާބު ނުދޭންވެގެން ކަން ނޭގެއެވެ. ކަޔާން ލައިޝާގެ އަތުގައި ހިފައިގެން ތިރިއަށް ދާން ހިނގައިގަތީ އޭނަގެ މަންމައާއި ލައިޝާ ބައްދަލު ކުރުވުމަށެވެ. ހިތްވަރުގަދަ ކުއްޖެއް ކަމުގައި ވިޔަސް ބައެއްފަހަރު ކުރިމަތިލާން ޖެހޭ ބޮޑެތި ކަންތައްތަކުގެ ސަބަބުން ނުތަނަވަސް ކުރުވަފާނެއެވެ. ލައިޝާވެސް ހުރީ ވަރުޖިނާއާއި ބައްދަލު ކުރަންވީމަ އުނދަގޫތަކެއްވެފައެވެ. މުސްތަގުބަލުގެ މައިދައިތަގެ ރަގަޅުކަން ނޫނީ ނުބައިކަން ދަސްވާން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ލައިޝާގެ އެކުވެރިއަކު ބުނީ ހަގީގަތެވެ. މައިދައިތައިން ދެ ގިންތިއަކަށް ލެވިދާނެއެވެ. ބައެއް މައިދައިތައިން ބޭރުފުށުން ނިކަން ހެޔޮވެފައި އަޑި އެހާ ނުބައިވާނެއެވެ. ނެތްތަންތާ އެއްޗެހި ކިޔާ ބަދުނާމު ކުރާނެއެވެ. އަނެއްބަޔަކު މޫނުމަތީގައި އެއްޗެހި ކިޔާފައި ދިރިއުޅުން ނަރަކައަކަށް ހަދާލާނެއެވެ. ހެޔޮ ރަގަޅު މައިދައިތައެއް ލިބޭނީ ނަސީބު ރަގަޅު އަންހެންކުއްޖަކަށެވެ. އެހެންނޫނީ ކިތަންމެ ރަގަޅު އަންހެންކުއްޖަކުވެސް ހަލާކުވެގެން ހިގައިދާނެއެވެ. ލައިޝާ އުއްމީދުކުރަނީ އޭނަ އެ މަދު ނަސީބުވެރިންގެ ތެރޭގައި އޭނަ ހިމެނުމަށެވެ.

"އަހަރެން ހާދަ މޮޔައޭ، އަދި ނޭގޭ ކަޔާންއާއި މެރީކުރުމުގެ އުފާ ލިބޭނެކަމެއްވެސް، އެކަމަކު ހުވަފެންތައް ބަލަންފެށީ، ވަރުޖިނާއަކީ މައިދައިތަކަމަށް ބަލަން ފެށީ، ނޫން، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ، ކީއްވެ ނުވާންވީ؟ އަހަރެން އެންމެ ފަހުގެ ނޭވައާއި ހަމަޔަށްވެސް ކަޔާންގެ ލޯބި ހާސިލުކުރަން މަސައްކަތްކުރާނަން، އަހަރެންގެ ހަޔާތަށް އައި އެކަނި ލޯތްބަކީ އެއީ، އަހަންނަކީ އެކަނި ކަޔާންގެ، އެއީ އަހަރެންގެ ފުރަތަމަ ލޯބި، އަހަރެންގެ ކޯޗަކަށް އައިދުވަހުން ފެށިގެން އަހަރެންގެ ހިތްވަނީ ކަޔާންއަށް ދެވިފައި. އެދުވަހުން ފެށިގެން ނޭގިނަމަވެސް ކަޔާންއާއި ހަމަޔަށް އަންނާން މަސައްކަތް ކުރެވުނީ..........." ލައިޝާގެ ހިތަށް ކިތަންމެ އެއްޗެއް އެރިނަމަވެސް އެ ހުރިހާ ވާހަކަތަކެއް ދުލާއި ހަމަޔަކަށް ނައެވެ. އޭނަ ހިނިތުންވެލާފައި ކަޔާންގެ މޫނަށް ބަލައިލުމުން ކަޔާން ބުމަ އަރުވާލިއެވެ. 

ލައިޝާ ފެނުމުން ވަރުޖިނާ އުފާވެރި ހިނިތުންވުމަކާއި އެކު ލައިޝާ ގެންގޮސް މޭގައި ޖައްސާލާފައި ވާހަކަދެއްކިގޮތަކުން ލައިޝާއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ހީވީ މަންމައެއްގެ ހޫނުކަމާއި ލޯބި ލިބުނުހެންނެވެ. މަންމަގެ އެ އަމަލުން އެންމެ ބޮޑަށް ހިތްހަމަޖެހިފައި ހުރީ ކަޔާންއެވެ. ހުރިހާކަމެއް ދިޔައީ ކަޔާން ހީ ނުކުރާހާ އޮމާންކޮށެވެ.

ރޭގަނޑު ކެއުމަށް ކެންޒިއާގެ ކާ ކޮޓަރިއަށް އައީ ވަރުޖިނާ، ޒިއާމްގެ ދެމަފިރިން، ރައަދު، ކަޔާން އަދި ލައިޝާއެވެ. އަޒީޒުއްދީން ރަށުން ބޭރުގައި އުޅުއްވާތީ އޭނަ ނުދުރުވެއެވެ. ލައިޝާގެ ތަށްޓައް ވަރުޖިނާ ކާއެއްޗެހި އަޅާދޭން ފެށިގޮތަށް ލައިޝާއަށް ނުކެވޭހާ ގިނައިން އެޅިއެވެ. ރޯސްކޮށްފައިވާ ކުކުޅު ދެ ފަޔާއި ސެލެޑް ލާއިރަށް ތަށި ފުރުނެވެ. ލައިޝާ ލަދުގަންނަ ގޮތްވިއެވެ. ވަރުޖިނާ ޖެއްސުމަށް ކުރާ ކަމެއް ބާވައޭ ހިތަށް އަރާފައިވެސް އެ ޚިޔާލު ވަގުތުން ހިތުން ނެރެ އެއްލާލައިފިއެވެ. މީހުން ކުރާ ރަގަޅު ކަންތަކާއިމެދު ހިތް ނުބައިކުރުމަކީ ރަގަޅު ސިފައެއް ނޫނެވެ.

"މިތަށި ހުސްކުރަންވާނެ، އޭރުން ތަންކޮޅެއް ފަލަވެދާނެ، މިހާރު މާ ހިކީ...." ވަރުޖިނާ ގެ ތަށީގައި ގިނައީ ތަރުކާރީއެވެ. ހިނިތުންވެލައިގެން އިންގޮތުން އެ ލޮލުން ހިތްހެޔޮކަން ނޫނީ ފާޅެއް ނުވެއެވެ. ލައިޝާ އަތުން ކާން އުޅުނީމަ ވަރުޖިނާ އެންގީ އުލާއި ސަމުސަލުން ކާން ދަސްކުރުމަށެވެ. އޭނަ ތެދުވެގެންގޮސް ކުކުޅު މަސް އުލުން ކާނެގޮތް ކިޔައިދިނެވެ. އުލުގައި ހިފަހައްޓަންވީ ގޮތާއި މޭޒުމަތީގެ އަދަބުތައް ކިޔާދޭންފެށިއެވެ. ލައިޝާ އިނީ އަޑުއަހާށެވެ. ވަރުޖިނާގެ ރުހުން ލިބިގެން ނޫނީ މިގެއިން އޭނައަށް ޖާގައެއް ނުލިބޭނެއެވެ.

ލައިޝާ ކާންފެށިއިރު އިށީދެލައިގެން އިން ގޮނޑިމަތީގައި ފޯނު އޮތެވެ. ލައިޝާގެ އަތުން ޖެހިފައި މަޑު އަޑަކާއިއެކު ފޯނު ތަޅުންމަތީގައި ޖެހުމާއިއެކު ލައިޝާ ގުދުވީ ފޯނު ނަގާށެވެ. ނަމަވެސް އެވަގުތު މޭޒުގެ ދަށުން ފެނުނު މަންޒަރަކުން ލައިޝާ ދިޔައީ ސިއްސައިގެންނެވެ. 

ކޮމެންޓް 0