އޭނަގެ ކުރިމަތީގައި ހުރީ ޒިއާމް ފިޔަވާ ދެވަނަމީހެއް ނޫނެވެ. އޭނަވެސް ހުރީ ކަރުނަ އޮއްސާފައިކަމަށް އެރީތި ދެލޯ ހެކިދިނެވެ. އެ ބޯއެސްފިޔަތައް ހާސްފަހަރު ފެނުނަސް އެފަދަ އެސްފިޔަތަކަށް ލައިޝާގެ ހިތް ތައުރީފުކުރެއެވެ. އަދި އެފަދަ އެސްފިޔަތަކެއް ލިބުމަށް ބޭނުންވެއެވެ. ކުޑަކޮށް ހަސަދަވެރިވެއެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައިވެސް އެ ލޮލުގެ ރީތިކަމާއިމެދު ވިސްނަން ޖެހުނީތީ ލައިޝާ ހައިރާންވިއެވެ. 

"ސަރ.....ކަޔާން ކިހިނެއްތޯ؟" ލައިޝާ ޖެހިލުންވެފައި ހުރެވެސް އެންމެ ކުރިން އަހައިލަން އުޅުނީ ކަޔާންގެ ހަލެވެ.
"ކަޔާން އިޒް ފައިން، ގެއަށް ދާން އާދޭ...." ޒިއާމް ކުރީ އަމުރެކެވެ. ލައިޝާ ދެކޮޅުހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެންނޫނަސް ކަޔާން ނެތި އޭނަ ކެންޒިއާގައި އެކަނި ހުރުމަކީ ރީތިގޮތެއް ނޫނެވެ. ހީވަނީ ޒިއާމް ކަމަކާއި ހިތްހަމަނުޖެހިފައި ހުރި ހެންނެވެ. އޭނަ ކަޔާންއާއި ލައިޝާގެ ގުޅުމާއި ރުހޭހެނެއް ހިޔެއްނުވެއެވެ. ހިނިތުންވުމުގެ އެއްވެސް އަސަރެއްނެތެވެ. ލައިޝާ ޒިއާމްއާއި އެކީގައި ދިޔުމުގެ ކުރިން އަފްރީންގެ ކައިރިން ވާހަކައެއް އަހާލުން މުހިއްމުވިއެވެ. އަފްރީން ސިޑިން އަރައިގެން ދާތަން ފެނިފައި ލައިޝާ އެބައަންނަމޭ ކިޔާފައި އަފްރީންގެ ފަހަތުން ދުވެލާފައިގޮސް އަރާ ހަމަކުރިއެވެ. އޭރު އަފްރީން ހުރީ ބެލްކަނީގެ ރެއިލިންއަށް ލެނގިލައިގެންނެވެ. 

"ކަޔާން ސުއިސައިޑްވާން އުޅުނީ ކީއްވެ...." ލައިޝާ ގެއަށް ދިޔުމުގެ ކުރިން ކޮންމެހެންވެސް އެ ސުވާލުގެ ޖަވާބު ބޭނުންވިއެވެ. ކަޔާން ދެކެލަން ދާ ހިތުން ހުރެވެނީއެއް ނޫނެވެ.

"އާންޓީ ބުނި އެއްޗަކުން ކަޔާން ބިރުގަތީކަމަށް ވާނީ، ކެންޒީގެ އޮކްސިޖަން ދަށަށް ދާންފެށި ވާހަކަ ބުނީމަ ކެން އިތުރަށް އަޑުއަހާކަށްވެސް ނޫޅުނު، އާންޓީއަށް ފެނުނީ ކެން ކަޓަރު ދަމައިގަތްތަން، ކެންޒީއަށްވުރެ ކުރިން މަރުވާ ހިތުންކަން ނޭގޭ ކެން އެއުޅެނީ، ލައިޝާ ކެންއަށް ވިސްނާދީބަލަ، އަމިއްލަ ފުރާނަ އެގޮތަށް ނަގާލީމަ ވާނެގޮތް އޭނައަށް އަންގައިދިނީމަވެސް ބޮލުތެރޭގައި އުޅޭ ޑީމަންސް އިންތައް ބޭރެއް ނުކުރެވޭ، އަހަންނަށް އެނގޭ ލައިޝާ ކެންދެކެ ލޯބިވާވަރު، ކެންއާއި އެކީގައި ހަޔާތެއް ފަށަން ބޭނުންވާކަން، އެކަމަކު ލައިޝާ ވިސްނާލަބަލަ، ތިއީ އަންހެންކުއްޖެއް، އަހަންނަށް ފެއިތްފުލް ނުވެ ދަރިއެއް ދީފައި ހުރި މީހަކު ލައިޝާ ކާރިއަށް ގޮސްފައި އޮނެސްޓް ވާނެހެން ހީވޭތަ؟ އަދި އަހަރެން ކުރިންވެސް ބުނަން އުޅުނު ވާހަކައެއް މިއީ، ކެން ގަސްތުގައި ކެންޒީ މަރާލަން އެކްސިޑެންޓްކޮށްލީއޭ ވެސް ހިތަށް އަރާ....." އަފްރީން ތަންކޮޅެއް މަޑުން ބުނެލިއެވެ.

"ވަޓް؟ " ލައިޝާ ދިޔައީ ސިއްސައިގެންނެވެ.
"ކެންގެ މިޒާޖު ލައިޝާއަށް އަދި އެނގެނީ ފަސް ޕަސެންޓް، ކެންގެ ލައިފަށް އަންނަ އަންހެންކުއްޖެއް ވިއްޔާ ސަލާމަތެއް ނުވާކަން ލައިޝާއަށް އެނގޭތަ؟ ފުރަތަމަ ކެހި ލިބުނު މީހަކީ އަހަރެން، ދެންވެސް ކެންއާއި އެކު އުޅުނު ވަރަށް ރީތި އަންހެންކުއްޖެއް، އެކުއްޖާ ކުއްލިއަކަށް މަރުވި ސަބަބެއް މިއަދާއި ހަމަޔަށްވެސް ނޭގޭ، ދެން ކެން ރައްޓެހިވި އަންހެންކުއްޖާ ގެއްލުނީ، މިބުނަން އުޅޭ އެއްޗަކީ ކެންގެ ސުއިސައިޑް ޓެންޑެންސީއެއް ހުރީމަ ބަލައިގެން އުޅެއްޗޭ، ކެންގެ ލައިފަށް އަސްލު ބޭނުންވަނީ ތަންކޮޅެއް މެޗުއަރ ކުއްޖެއް، ނޫނީ އޭނަގެ އެ ބައިތައް ރަގަޅުކުރެވޭނެ ކުއްޖެއް، ލައިޝާ ތިއީ ކުޑަކުއްޖެއް، ވަރަށް އުދަގޫވާނެ، އެހެންވެ އަހަރެން ހިތަށް އެރީ ކުރިއްސުރެ ވޯނިން އެއް ދޭނީއޭ........" އަފްރީން ޖިންސްގެ ޖީބަށް އަތްތިލަ ޖަހާލައިގެން ހުރެފައި އެއް ބުމަ އަރުވާލިއެވެ. އޭނަ ވާހަކަދެއްކީ ހަގީގަތަށެވެ. އޭނަ ކަޔާން އާއިމެދު ދެކޭ ގޮތަށެވެ. ނަމަވެސް ލައިޝާ ބިރުގަންނަވާލާފައި ކަޔާންގެ ހަޔާތުން ބޭރުކޮށްލުމަކީ ވެސް އަފްރީންގެ އެއް ބޭނުމެވެ.

"އަފްރީން ދޮގު ހަދަނީކަން ނޭގޭ، އެ ނުވާނެ ތެދަކަށް، ކަޔާން އެހެން އަންހެންކުއްޖަކަށް ދެރަގޮތެއް ނަހަދާނެ، އަދި ނުސީދާކޮށް އަފްރީން އެބުނަނީ ކަޔާން އެކުދިން މަރާލީއޭތަ؟ އަހަރެންގެ ކަޔާން އެހާ ގޯހެއް ނުވާނެ، ނޫން، ނޫން، އެހެން ހިތަށް އެރުމަކީވެސް ފާފައެއް....." ލައިޝާ ހިތާހިތުން ކިޔާލަމުން އިސްޖަހައިލިއެވެ.

"އެހާ ވަރަށް ކަޔާން އަފްރީން ދެކެ ލޯބިވެފައި އެ ލޯބި ނަފްރަތަށް ބަދަލުވީ ކީއްވެތަ؟ " ލައިޝާ ސުވާލުކޮށްލިއެވެ.
"ލައިޝާ ތި ސުވާލު އޭނައާއި ކޮށްބަލަ، އަހަރެންވެސް އެކަން އެނގެން ބޭނުން......" އަފްރީން ގަޑިއަށް ބަލައިލިއެވެ. ލައިޝާ ހުރީ ދައްކާނެ އިތުރު ވާހަކައެއް ނޭގިފައެވެ. އަފްރީން މާ ހިތްހެޔޮކަމަށް ހެދިގެން އޭނައަށް ނަސޭހަތްތެރިވާއިރު ހިތުގައިވާ އެއްޗެއް ލައިޝާއަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް ޔަގީންވާކަމެއް އެބައޮތެވެ. ކަޔާން އަފްރީންއާއި ބެހޭގޮތުން އޭނައާއި ވާހަކަ ނުދައްކާ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަމެވެ.

ލައިޝާގެ އިންތިޒާރުގައި ޒިއާމް ހުރީ ކާރު ކާރީގައެވެ. ލައިޝާ އެހާ ސީދަލަށް ހަށިގަނޑު ހުންނަ ކުއްޖާ މިއަދު އައީ އިސްއޮބާލައިގެން މޮޅިވެރިގޮތަކަށެވެ. އަބަދު ހެވިލާފައި ހުންނަ ކުއްޖާގެ މޫނު މިލާފައެވެ. ޒިއާމް އަނގައިން ބުނުމަކާއި ނުލައި ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދީފިއެވެ. ލައިޝާ ސީޓުގައި ހަމަޖެހިލިގޮތަށް ލޮލުގައި ވާ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. ލައިޝާގެ މަޑު ގިސްލުމުގެ އަޑު ޒިއާމްއަށް އިވުނެވެ. ލައިޝާއާއި މެދު ހަމްދަރުދީވިއެވެ. އޭނަގެ ކޮއްކޮ ކަޔާންދެކެ ލޯބިވާ އަންހެންކުއްޖަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ލިބޭނެބާވައެވެ. ލައިޝާ އެހާ ވަރަށް ލޯބިވާއިރުވެސް ލައިޝާ އާއި މެދުވެސް ވިސްނައިލުމެއްނެތި މިރޭ ކަޔާން އެކުރިކަމެއް ބަލާލާށެވެ. ކަޔާން މިރޭ ސަލާމަތް ނުވިނަމައެވެ.

ލައިޝާ ކަޔާން ދެކެން ދިޔައީ ލިލީ މާބޮނޑިއެއް ހިފައިގެންނެވެ. ރަތާއި ކަޅުކުލައިގެ ސްޓްރައިޕް ޓީޝާޓަކާއި ސްކިނީއެއް ލައިގެން ފަށުވި ސްކާފެއް އަޅައިގެން ހުރިއިރު އެ ދޮންމޫނު ތާޒާކަމާއި ރީތިކަމުން އެތައް ބަޔެއްގެ ނަޒަރު ހުއްޓުނެވެ. ލައިޝާއަށް އެއިންކަމެއް އިހުސާސެއް ނުވެއެވެ. ހަމަޖެހިލާފައި އާދައިގެ ވަރަކަށް ހިނގާލާފައިގޮސް ސިޑިބަރި ކަޑައްތުކޮށް ޕްރައިވެޓް ކޮޓަރިތައް ހުރި ދިމާލަށް ދިޔައެވެ. ލައިޝާގެ ހިތް އަވަސްވީ އެކޮޓަރީގެ ނަމްބަރު ފެނިފައެވެ. އެތާގައި އެ އާއިލާގެ ވަރަށް ގިނަ މީހުން އުޅޭނެކަން ނޭގެއެވެ. ވަންނަންވީ ބާވައެވެ. 
ލައިޝާ ޖެހިލުންވެފައި ހުރެ ދޮރުމަތީގައި ހުއްޓާ ދޮރު ހުޅުވާލާފައި ނުކުތީ ވަރުޖިނާއެވެ.

"އަނހަ ލައިޝާތަ؟ "ވަރުޖިނާ ލައިޝާގެ ގައިގާ ބައްދާލީ ވަރަށް ގާތްކޮށެވެ.
"ކަޔާންއަށް ވިޒިޓްކޮށްލަން ވެގެން....." ލައިޝާ ލަދުރަކިގޮތަކަށް ހީލައިފިއެވެ.
"ކަޔާން އޮތީ ނިދިފައި، ތޭންކް ގޯޑް ހީޒް ފައިން، މަންމައަކަށް ދުވަހަކު އެހާ ބޮޑު ޝޮކެއް ލިބޭނެކަމެއް ނޭގޭ، އަމިއްލަ ދެލޮލުން އެހާ ބިރުވެރިކަމެއް ދެކެން ޖެހުނީމަ އިހުސާސްކުރެވޭނީ، އެއީ ދިރިހުއްޓާ ފެނުނު ބިރުވެރި ހުވަފެނެއް، ލައިޝާ، ކެން އަށްވަނީ ނަފްސާނީގޮތުން ވަރަށް ނޭދެވޭ އަސަރުތަކެއްކޮށްފައި އެހެންވެކަން ނޭގޭ ވިސްނާނުލައި އެކަހަލަ ކަންތައް އެކޮށްލަނީ، ލައިޝާގެ ލޯބީގެ ސަބަބުން އެކަންތައް ބަދަލުވާނެކަމަށް ހީކުރަން، ލައިޝާފަދަ ރަނގަޅުކުއްޖަކު ކެންގެ ހަޔާތަށް އައިކަން އެއީ އަހަރެމެންގެ ނަސީބުކަން ނޭގޭ، ލައިޝާ ކޮންމެ ހާލެއްގައިވެސް ކެން ދޫކޮށްނުލާތި، ހީ ނީޑްސް ސަމްވަން ލައިކް ޔޫ، ކެން ނިދިފައި އޮތީ، ހޭލެވުނީމަ އެއްޗެއް ކާންދީބަލަ، ކެން ރިފިއުޒްކުރަނީ ކާންވެސް........" ވަރުޖިނާ ލައިޝާ ގެ އަތުގައި ހިފާލިއިރު އެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. ވަރުޖިނާގެ ވާހަކަތަކުން ލައިޝާ ހުރީ ލަދުގެންފައެވެ. އެ ރީތި ދެލޮލުގެ ވިދުވަރު ގަދަކަމުން ވަރުޖިނާވެސް ހައިރާންވިއެވެ. ކަޔާންގެ ހޮވުން ފުރިހަމައެވެ.

"އަހަރެން ބޭނުން ކެންގެ ބޮލުތެރޭގައި އެވާ ޝައިތާނުންތައް ބޭރުކުރަން، އެހެންނޫނީ ކެން ސަލާމަތެއް ނުވާނެ، ލައިޝާ ސޭވް މައި ސަން...." ވަރުޖިނާ އަސަރާއިއެކުގައި ވާހަކަދެއްކިއެވެ.
"އަޅުގަނޑަށް ވެވުނު ވަރަކުން މަސައްކަތްކުރާނަން..." ލައިޝާ ޔަގީންކަން ދިނެވެ. 

ލައިޝާ އެ ކޮޓަރިއަށް ވަދެފައި ތަނުގެ ރީތިކަމާއި ސާފުތާހިރުކަމަށް ސަމާލުކަމެއް ނުދިނެވެ. އެއަށްވުރެ އޭނައަށް މުހިއްމުވެފައިވަނީ ލޯބިވެރިޔާގެ ހާލު ދެކެލުމެވެ. ލައިޝާގެ ނަޒަރު ކަޔާންއަށް ހުއްޓުނުގޮތަށް އެހެން ތަނެއް ބަލާލާހިތެއް ނުވިއެވެ. ކަޔާން ނިދިފައި އޮތްއިރު މޫނުމަތީގައި ހުންނަ ހަރުކަމާއި ސީރިޔަސްކަން ކެނޑި ފީޗަރސްތައް މަޑުވެފައިވެއެވެ. ހޭވިފައިވާ އިސްތަށިގަނޑާއި އެކު ތުބުޅި ނުބާލާ ހުރުމުން ފިރިހެންވަންތަކަމުގެ ނަމޫނާއެއްފަދައެވެ. އަތްކުރު ޓީޝާޓެއްލައިގެން އޮތުމުން އަތުގެ މުލައްދަނޑީގެ ބާރުގަދަކަން ހާމަވެއެވެ. އަތުކުރި ބެންޑޭޖްކޮށްލާފައިވާއިރު އަނެއްއަތަށް އައިވީ ގުޅާލާފައި ހުއްޓެވެ. އެ ރީތި މޫނުގައި ބޮސްދޭން ހިތަށް އަރާފައިވެސް އޭނަ އިންތިހާއަށް ކެތްކުރިއެވެ. ހިތަށް އެފަދަ އެއްޗެހި އަރާތީ ހައިރާންވިއެވެ. ކަޔާންގެ ހާލުފެނިފައި ލައިޝާ ކަރުނަތައް ހިފެހެއްޓުނީއެއް ނޫނެވެ.

"އަހަރެންގެ ކަޔާން، ހާދަ ލޯބިވެޔޭ، އަހަރެންގެ ފުރާނަވެސް ދީފާނަން، އެކަމަކު ކީއްވެ ތިހެން ހެދީ، އަހަންނަށް ކަޔާން ގެއްލުނުނަމަ، ކަމެއްވިނަމަ އަހަރެން މަރުވެދާނެ........" ލައިޝާގެ ހިތުގެ ފުންމިނުން ކިޔާލެވުނެވެ.
ދިހަވަރަކަށް މިނިޓްވާންދެން އެސްފިޔަޖަހައިލަން ނޭގިފައި ކަޔާންގެ މޫނަށް ބަލަން ހުއްޓާ ކަޔާން ދެލޯ ހުޅުވާލީ ބަލާވަރުން އުދަގޫވެގެންކަން ނޭގެއެވެ. ނިދާފައި ހޭލިއިރުވެސް އެ ރީތި ދެލޮލުގެ ރީތިކަން ބަޔާން ނުކުރެވެއެވެ. ލައިޝާ އެތާހުރުމުން ކަޔާން ފުރަތަމަ ހީކުރީ ހުވަފެނެއްކަމަށެވެ. ހުވަފެނުގެ ބަޔެއްކަމަށެވެ.

"އަދިވެސް މިއޮވެވެނީ ޑްރީމްގައިތަ؟ ލައިޝާ، އައި ވޯޒް ޑްރީމިން އެބައުޓް ޔޫ...." ކަޔާންގެ ރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކަޔާން، ރޭ ކުރިކަމަކުން މިހިރީ ވަރަށް ހިތްހަމަނުޖެހިފައި، ރުޅި، ސުއިސައިޑް ވާން ޖެހޭތަ؟" ލައިޝާ ދެރަވީލެއް ބޮޑުކަމުން މިހުރިހާ ދުވަސްވާންދެން ނިދާފައިވާ އިހުސާސްތަކެއް ހޭލައިގަތެވެ. ލޯބިވާމީހަކަށްޓަކައި ފިދާވާގޮތަށް ރުޅިވެސް އާދެވިދާނެއެވެ. އޭނަގެ މަންމަ ފަދައިންނެވެ. އޭނަ ބަސްނާހާތީ ކުޑައިރު މަންމަ އަދަބުދިނެވެ. އެއީ މަންމަ ލޯބިނުވާތީއެއް ނޫނެވެ. އޭނަ ގަހަކަށް އަރާފައި އޮތްވާ މަންމަ ރުޅިގަދަވެގެން ބޮނޑިއެއް އެޅި ހަނދާން އަދިވެސް ރީއްޗަށް ހުރެއެވެ. ގަހުން ވެއްޓި ހާނީއްކައެއް ވުމަށްވުރެ އެކަމުން ދުރުކުރުވަން މަސައްކަތްކުރަން ޖެހޭނެއެވެ.
ކަޔާން ގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވިއެވެ.

"އަސްލުވެސް، ކަޔާން ބުނީމެއްނު ލޯބިވާ މީހުން އުފާކޮށްދޭން ބޭނުމޭ، އެކަމަކު އޭގެ ދިމާ އިދިކޮޅު މިފެނުނީ، ކަޔާންއަށް އެނގޭތަ މަންމައަށް ވީވަރު، ފެމިލީ އެހެން މީހުން ހިތާމަކުރިވަރު، ރޭގައި އަހަންނަކަށްވެސް ނުނިދުނު. ހަތަރުދަމު ރޮވުނީ، ކަޔާން، ކީއްވެ އެންމެންގެ ހިތް ހަލާކުކުރަން ތިއުޅެނީ، އަހަރެން ކަޔާން ނުފެންނަ ހިސާބަށް ދާންވީތަ؟ އަބަދަށްޓަކައި ދުރަށް ދާންވީތަ؟ އެއީތަ ބޭނުންވާގޮތަކީ...." ލައިޝާ ނެތް ހިތްވަރުކޮށްލާފައި ވާހަކަ ދެއްކިއެވެ.

"ތިއީ ގުޑްބައިއެއްތަ؟ " ކަޔާން ގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.
"ގުޑްބައި ކިޔަން ބޭނުންވީ ކަޔާންއެއްނު، ކީއްވެ؟ ކީއްވެ އެހެން ހަދަންވީ........" ލައިޝާގެ ހިތްވަރު އެލުނެވެ. ކުއްލިއަކަށް ކަޔާންގެ މޫނުގައި މޫނު ޖައްސާލިގޮތަށް ލައިޝާ ރޯންފެށިގޮތުން ހީވީ ހިތް ކުދިކުދިވެގެން ފައިބައިގަތްހެންނެވެ.
"ކަޔާން، ދުވަހަކުވެސް ސެލްފް ހާމް ނުކުރާނެކަމަށް ޕްރޮމިސް ކޮށްދީފާނަންތަ؟ " ލައިޝާ ބޯ ހިއްލައިލިއިރު އެ މޫނުން ފެނުނު މޮޅިވެރިކަމަކުން ކަޔާންގެ ހިތަށް ތަދުވިއެވެ. ކެތްކުރުމުގެ އިންތިހާ ޒުވާނަކަށްވިޔަސް އެ ހިނދުކޮޅު ކަޔާންގެ ލޯވެސް ފަތަމުން ދިޔައީ ކަރުނައިގެ ތެރޭގައެވެ. ކަޔާން ލައިޝާ އެދުނު ފަދައިން ވައުދުވިއެވެ.
ކެންޒީގެ ހާލު ކިތަންމެ ވަރަކަށް ދަށަށް ދިޔަނަމަވެސް އެންމެންގެ ދުޢާތަކުން ކެންޒީއަށް ޝިފާ ލިބުނެވެ. ނަމަވެސް ކޯމާއިން ހޭއަރާފާނެކަމުގެ ކުޑަނަމަވެސް އުއްމީދެއް ނުލިބުނެވެ. އަނެއްކާވެސް ކެންޒީ ގެއަށް ގެނެވުނެވެ. ކަޔާން ކެންޒީގެ ކޮޓަރިއަށް ދާންވެގެން ކޮރިޑޯއިން ހިނގާލާފައި ދިޔައިރު ޑޮކްޓަރަކު ހުރީ އޭނަގެ ބައްޕަ، މަންމަ އަދި ދޮންބެއާއި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. 

"އެ ހާލުގައި އޮތުމަށްވުރެ ކެންޒީއަށް މާ ރަގަޅުވާނެ މަރުވިއްޔާ...." އެ ޖުމްލައިން ކަޔާންގެ ލޭ ކެކިގެން ދިޔަހެން ހީވިއެވެ.
"ވަޓް ދަ ހެލް އާ ޔޫ ޓޯކިން އެބައުޓް...." ކަޔާންގެ އެ ޖުމްލައިން ޒިއާމްއަށްވެސް އިސްއުފުލާލާފައި ކަޔާންގެ މޫނަށް ބަލައިލެވުނެވެ. ކަޔާންގެ ދެލޮލުން އަލިފާން ކަނިބުރާހެން ހީވިއެވެ. 
"މައިންޑް ޔޯ ލެންގުއޭޖް ދަރިފުޅާ...." އަޒީޒުއްދީން ގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. ކަޔާން އިނގިރޭސިންވެސް އެފަދަ ބަހުރުވައެއް މައިންބަފައިން ކުރިމަތީގައި ބުނެފާނެކަމަކަށް އެކަކުވެސް ހިޔެއްނުކުރެއެވެ. ކަޔާން ގެ މިޒާޖު ކުއްލިއަކަށް ބަދަލުވާއިރު ވަށައިގެން ހިނގާކަމެއްވެސް ނޭގެނީބާވައެވެ. ޒިއާމް ވަގުތުން ކަޔާންގެ ބުރަކަށީގައި އަތް ޖައްސައިލަމުން އެތަނުން ދުރަށް ގެންދިޔައީ ކަޔާން އިތުރަށް ހޫނުވެދާނެތީއެވެ. އަމިއްލަ ނަފުސަށް ގެއްލުންދޭގޮތަށް އެހެން މީހަކަށް އަނިޔާ ނުކުރާނެކަމުގެ ޔަގީންކަން އޮންނާނީ ކާކުގެ ހެއްޔެވެ؟

އޮފީސް ނިންމާލާފައި ގެއަށް ދަމުން ލައިޝާ ކެންޒިއާއަށް ވަދެލީ ކަޔާން އެދުނީތީއެވެ. އެގޭތެރެއިން ލައިޝާއަކަށް ނޭދެވޭ އެހެން މަންޒަރެއް ނުފެނުނެވެ. ނަމަވެސް ރަޢަދުގެ އެހެން ފަރާތެއް މިއަދު ފެނުނެވެ. އެ ހާ ކުޑަކުއްޖަކު އެގޮތަށް އުޅޭއިރު ވަރުޖިނާއަށް ނޭގެނީހެއްޔެވެ؟ ވަރުޖިނާ ކުރީދުވަހު ވާހަކަދެއްކިގޮތުން ރަޢަދު ސިފަވީ ވަރަށް ރަގަޅު ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް އޭނައަށް ފެނުނީ އެގޭގެ ގަސްތަކުގެ ތެރޭގައި ރަޢަދުއާއި ވިޝާން ވަރަށް ކާރީގައި ތިބިތަނެވެ. ރަޢަދު ވިޝާންގެ އަތުގެ ތެރެއިން ނުކުންނަން ދެފަހަރު ގަދަހަދާލާފައިވެސް އެންމެފަހުން އެއަތުގެގެ ތެރެއަށް ދިޔައީއެވެ. ލައިޝާ އަވަހަށް ފަހަތަށް ޖެހިލިއެވެ. އިތުރު އެހެން މަންޒަރެއް ބަލަން ޖެހިދާނެތީއެވެ. އެކްސްރޭޓެޑް މޫވީއެއް ފެނިދާނެތީއެވެ. ލައިޝާ ފަހަތަށް ޖެހިލުމުން ގޮސް ޖެހުނީ ކަޔާންގެ ތަނަވަސްމޭމަތީގައެވެ.

"ބޭބީ، ގޯސްޓެއް ފެނުނީތަ؟ ހާދަ ފާޑަކަށޭ..." ކަޔާން އަހާލައިފިއެވެ.
"ޑޯންޓް.....ލުކް..." ލައިޝާ ދެލޯބޮޑުކޮށްލިއެވެ.
"ފޮބިޑްން ކަމެއް ހިނގަނީތަ؟ " ކަޔާން ހުރީ ޝައްކުވެފައެވެ.
"ހޫމް، ހިތަކަށްވެސް ނާރާ.......ކަޔާންގެ ޕޭރެންޓުންވެސް އެހާ ރޮމެންޓިކްތަ؟ " ލައިޝާ އެހެން ބުނުމުން ކަޔާން ހީކުރީ އޭނަގެ މައިންބަފައިންގެ ކޮންމެވެސް ކަހަލަ ކަމެއް ފެނިގެން ލައިޝާ ސުވާލުކުރީ ހެންނެވެ. ހަގީގަތުގައި ކަޔާންގެ މައިންބަފައިން އުޅެނީ ވަރަށް ލޯބިންނެވެ. ދެމީހުން އަތުގުޅުވާލައިގެން ގަސްތަކުގެ ތެރޭގައި ހިނގާލަން ދެއެވެ. އަތު ގުޅުވާލައިގެން ޓީވީ ބަލަން ތިބޭއިރުވެސް ޅަ ޒުވާނުން ފަދައެވެ. މަންމެ ދެރަވެގެން އުޅެންޏާ ބައްޕަ ގޮސް ނިތްކުރީގައި ބޮސްދީފައި އެހާ ލޯބިން ވާހަކަ ދައްކާނެއެވެ. ކަޔާން އަށް ވަނީ އެފަދަ ކިތަންމެ ލޯބިވެތި މަންޒަރު ފެނިފައެވެ. ޚުދު އޭނަވެސް ބޭނުންވަނީ އޭނަ ލޯބިވާ އަންހެންކުއްޖާއާއި އެކީގައި މުސްކުޅިވާންދެން އެގޮތަށް އުޅޭށެވެ. އޭނަ ދުރުން އުޅޭތީ ލައިޝާ ހީކުރަނީ އޭނައަކީ އިހުސާސެއްނުވާ ހިލަ ބުދެއްކަމަށް ހެއްޔެވެ؟ އެހެނެއް ނޫނެވެ. އޭނައަކީވެސް ހިއްސުތައް ހަމަޔަށް ހުރި ފިރިހެނެކެވެ. އަމިއްލަ ބޭނުންތަކާއި ލޯތްބަށްޓަކައި އެހިތްވެސް ވަނީ ފެންބޮވައިގެންފައެވެ. ނަމަވެސް އޭނަ އަމިއްލަ ނަފުސްދެކެ ލޯތްބެއްނުވެއެވެ. އޭނަފަދަ މީހަކަށް އުފާވެރިކަން ހައްގުވާކަމަށް ގަބޫލެއް ނުކުރެއެވެ. ބައެއްފަހަރު ސަޒާ ދޭންޖެހޭ ސަބަބަކީ އެއީއެވެ.

"ހަޒްބެންޑް ވައިފްވީމަ ރޮމެންޓިކް ވާނެއްނު، ޓެލްމީ ލައިޝާ، ކޮން މަންޒަރެއް ފެނުނީ؟ އަހަރެންގެ މަންމަމެންތަ ނޫނީ ދޮންބެތަ؟ ކިއުރިއަސް ވެއްޖެ އޭ....." ކަޔާން ބެލްކަނީއަށް ފުރަގަސްދީގެން ހުރެފައި ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. ލައިޝާ ހުރީ ކަޔާންގެ ގާތުގައި އެއިން އެއްވެސް ވާހަކައެއް ނުބުނާށެވެ. ނަމަވެސް އޭނަ އެންމެފަހުން ރަޢަދު ޒިއާމް އަދި ވިޝާން އާއި ގުޅުމެއް ބާއްވާކަން ޝައްކުކުރެވޭ ވާހަކަ ބުނުމުން ކަޔާން ދެލޯ މަރައިލީ އެކަމުން ހިތްހަމަނުޖެހުނުލެއް ބޮޑުކަމުންހެން ހީވިއެވެ.

"އައި ނޯ ލައިޝާ، ވިޝާން ދުވަހަކު ރަގަޅެއްނުވާނެ، އަހަރެންގެ ބެސްޓްފްރެންޑް ގޮތުގައި ހުރެ މަގޭ ކޮއްކޮ ހައްލާލަން ކެރިދާނެއޭ މަގޭ ހިތަކަށް ނާރާ، ދޮންބެއާއި ރަޢަދު.......އައި ހޭވް ނަތިން ޓު ސޭ....." ވިޝާންއާއިމެދު ކަޔާން ޝައްކުވާ ކިތަންމެ ކަމެއް އޭނަގެ ފަރާތުން ފެނިފައިވެއެވެ. ވިޝާން ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވާ ފަހަރު އާދެއެވެ. ނަމަވެސް އޭނަގެ ދޮންބެހާ ރަގަޅު ފިރިހެނަކު ކުޑަކުއްޖަކާއިއެކު ލޯބީގެ ގުޅުމެއް ބާއްވާނެއޭ ހިތަކަށް ނާރައެވެ. ޒިއާމްއާއި މާޔާގެ ދޭތެރޭގައި ވާ ބީރައްޓެހިކަމުގެ ފަރުދާ އަދިވެސް ނުއުފުލޭކަން ކަޔާން ދަނެއެވެ. ޒިއާމް އެހެން އަންހެންކުދިންނާއި ގުޅުން ބާއްވަން ފުރުސަތު މާޔާ ނުދޭނަމަ އެހެނެއް ނުވީހެވެ. ޒިއާމް އެހެން އުޅުމަކީ މާޔާ ބޭނުންވާގޮތް ކަމަށް ވެދާނެއެވެ. މާޔާ އިންނާނީ އަބަދު ފޮތެއް ހިފައިގެންނެވެ. ނޫނީ ޓީވީ ބަލާށެވެ. ޒިއާމްގެ ހުރިހާކަމެއްކޮށް އެ ކޮޓަރި ރީތިކުރަނީ ނޯކަރުންނެވެ. ޒިއާމްގެ ހެދުންތައް ދޮވެ އިސްތިރިކުރުމަކީވެސް ނޯކަރުންގެ ޒިންމާއެކެވެ.

"ލައިޝާ، އަހަރެން މިއުޅެނީ އައްޑޫ ޓްރިޕެއް ރާވަންކަމަށޭ، ރެއިންލޮޖް ގައި އަހަރެމެންނަށް ވީކެންޑް ސްޕެންޑް ކުރެވިދާނެއްނު ދޯ......" ކަޔާން ކުއްލިއަކަށް ކަމެއް ހަނދާންވެފައި ހިނިތުންވެލިއެވެ.
"ދެމީހުން އެކަނިތަ؟ " ލައިޝާގެ ހިތް ފިނިވިއެވެ.
"އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟ މާރސްއަކަށް ނޫނޭ މިގެންދަނީ، މަންމަ ގާތު ބުނޭ އޮފީސް ޓްރިޕެއްގައި ދާށޭ މިއުޅެނީ، ހުއްދަ ލިބިއްޖެއްޔާ ދެމީހުންނަށް ގޮސްލާފައި އާދެވިދާނެ....." ކަޔާން ހުރީ މިފަދަ ދުވަހެއްގެ އިންތިޒާރުގައެވެ. އައްޑޫގެ ރީތި ހަނދުވަރުދޭ ރޭތަކާއި އެކަނިވެރިކަމުގައި ހަޔާތުގެ ބައިވެރިޔާއާއި އެކުގައި ހިނގާލަން ނޫނީ ދުއްވާލަން ދިޔުމަކީ އޭރުއްސުރެ ކަޔާންގެ ފޮނި އުއްމީދެކެވެ. ލައިޝާ ހުރީ ކޮރިޑޯގެ އަނެއް ފަރާތުގެ ފާރަށް ލެނގިލައިގެންނެވެ. ދެމީހުންގެ ދޭތެރޭގައި އެހާ ދުރުމިން ބަހައްޓައިގެން ތިބިއިރުވެސް އެ ލޮލުން އެމީހުން އެކަކު އަނެކަކަށް ބޭނުންވެފައިވާ ވަރު ހާމަކޮށްދިނެވެ. އެކަކަށްވެސް އެހެން ތާކަށް ބަލައެއް ނުލެވެއެވެ. ލޯބިން ވިންދުޖަހަމުންދާ ދެހިތެއް ކަމަކު ކެތްތެރިވާން ދަސްވެފައި ވަނީއެވެ.

"އޯކޭ....." ލައިޝާ ހިނިތުންވެލިއެވެ.
"އަހަރެމެން ދެމީހުން އެކަނި ދިޔައިމަ ކިހާ މަޖާވާނެ، ލައިޝާ ބޭނުމެއްނުވޭތަ؟ ކޯންޗެއްތަ ތި ވިސްނަނީ؟ މީހަކު އަހަންނާއި ބެހޭގޮތުން ވާހަކަތަކެއް ދެއްކީތަ؟ ހާދަ މަޑުން ތިހިރީ....." ކަޔާން ބުމަ ކާރިކޮށްލާފައި ލޮލަށް ހަދައިލިގޮތަކުން ލައިޝާގެ ހިތް ލޯބިން ބަންޑުން ވާ ވަރުވިއެވެ. އެ ރީތި މޫނުގައި ފިރުމާލާ ހިތްވިއެވެ. އަމިއްލަ މީހަކަށް ވާނެނަމައެވެ.
"ނޫނޭ، ދެން ހަމަ ހުރެވުނީ......." ލައިޝާގެ ހަނދާނަށް އައީ އަފްރީންގެ ވާހަކަ ތަކެވެ.
"ބައެއްފަހަރު ހިތަށް އަރާ މިހާ ނާޒުކް މަލެއްފަދަ ކުއްޖަކާއި އަހަރެން ފަދަ މީހަކު ގުޅުނީ ކީއްވެ ބާވައޭ، އެނގޭތަ އަހަރެން ދުރުވާން ކުރި މަސައްކަތް؟ ލައިޝާއާއި ގާތްނުވާން އުޅުނީމަވެސް އޮޕޮޒިޓް އެޓްރެކްޓް ވާހެން ދަމައިގަތީ، ދަގަނޑު ދަގަތްފާނަށް ދަމާހެން، ބައެއްފަހަރު ހިތަށް އަރަނީ ކޮންމެވެސް މީހަކު ދައްކާ ވާހަކަތަކުން ލައިޝާގެ މައިންޑް ޕޮއިޒަން ކޮށްފާނެއޭ، ސީދަލަށް ބުނެބަލަ، އަފްރީން ދޯ އެއްޗެކޭ ކިޔައިގެން އުޅެނީ؟ " ކަޔާން ތަންކޮޅެއް ސީރިޔަސްވިއެވެ.
"ނޮޕް، އަފްރީން ދެއްކީ ކެންޒީ ދެކެ ކަޔާން ލޯބިވާލެއް ބޮޑުކަމުން އެ ވާހަކަ، އެހެންވީމަ ސުއިސައިޑް ކުރީއޭ، އެކަންވީގޮތް އޮޅުން ފިލީ އަފްރީންގެ ފަރާތުން، ކަޔާން، ޝީ ހޭޓްސް މީ، އަހަރެން ފެނުނީމަ ދެ ލޯ އަޅާލާފައި ހުރެ ހިނގައިދާނެ، ޓްރަސްޓްމީ ކަޔާން، ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެންގެ ހިތް ބަދަލެއް ނުކުރެވޭނެ، ދުވަހަކު އަހަރެން މިވާ ލޯބި ބަދަލެއް ނުވާނެ، ތިއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބި........" ލައިޝާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.
"ތެންކިއު ބޭބީ......" ކަޔާން ހުރީ ބަލާށެވެ. ހިތަށް ކެތްވަނީއެއް ނޫނެވެ. މިހެން ދުރުގައި ހުރެގެން އެކަނި ބަލާލައިގެން ހިތްހަމަޖައްސައިލެވޭނީ ކިތައް ދުވަހަށް ހެއްޔެވެ؟

ލައިޝާ ހުރީ ނުތަނަވަސްވެފައެވެ. އޭނަ އަފްރީން ދެއްކި ވާހަކަތައް ވަންހަނާ ކުރީ ވިސްނާފައި އެންމެ ރަގަޅުގޮތަކީ އެއީކަމަށް ގަބޫލުކުރެވިގެންނެވެ. އަފްރީންގެ ވާހަކަ ދައްކައިގެން ކަޔާން ރުޅިގަދަވެގެންގޮސް އަފްރީންއަށް ގޮތެއް ހަދައިފިއްޔާ އޭނަގެ ސަބަބުން މިގޭގެ މަސްލަހަތު ގެއްލިދާނެއެވެ. އޭނައަށް ޔަގީންވަނީ ކަޔާންއަކީ އާދައިގެ ފިރިހެނުންފަދަ މީހެއް ނޫން ކަމެވެ. ކަޔާންގެ ނަފްސާނީ މައްސަލައެއް ހުންނަކަން ގާތްގަޑަކަށްވަނީ ޔަގީންވެފައެވެ. ވަރުޖިނާގެ ޖުމްލަތައް އެކަމަށް ހެކިދެއެވެ. އަދި އަފްރީންގެ ވާހަކަތަކުން ބައެއްފަހަރު ކަޔާން އަކީ މޮޔައެއްކަމަށް އޭނަ ދެކޭހެންވެސް ހީވެއެވެ.
ކަޔާން ހިތްހަމަޖައްސާލަދޭން އައްޑޫއަށް ދާނެ ވާހަކަ ބުނިކަމުގައި ވިޔަސް އޭނަގެ ޔަގީންކަމެއް ނެތެވެ. މަންމަގެ ގޮތްދޫނުކުރުމުގެ ސަބަބުން އޭނަ މަންމަ ދެކެ ބިރުގަނެއެވެ. އެހެންނޫނަސް މަންމަ އޭނަގެ ހުރިހާ ޙަރަކާތްތަކަށް ފާރަލާކަން އޭނަ ދަނެއެވެ. މިއަދުވެސް ކެންޒިއާއަށް އައީ މަންމަގެ ހުއްދަ ހޯދައިގެންނެވެ. ވަރުޖިނާގެ ދައުވަތަކަށް އެގެއަށް ސައިބޯން ދަނީކަމަށް ބުނުމުން މަންމަ އެންގީ ބައިގަޑި ތެރޭގައި ގެއަށް އައުމަށެވެ. މަންމަ އަންގަނީ ކައިވެނި ވީހާވެސް އަވަސްކުރުމަށެވެ. ލައިޝާ ކަޔާން ގާތުގައި އެ ވާހަކަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ކަޔާންގެ ކޮއްކޮ ބަލިވެއުޅޭއިރު ކަޔާންވެސް އެހާ އަވަސްކުރާކަށް ބޭނުމެއް ނުވާނެއެވެ. ލައިޝާ މިހާރު ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަނީ ކަޔާން ކައިވެންޏަށް އަހާނެ ވަގުތަކަށެވެ. ރޮމެންޓިކް ލޯބިވެރިޔެއްގެ ގޮތުގައި އެކަމަށް އެދޭނެ ވަގުތަކަށެވެ. ނަމަވެސް މިވީހާތަނަށް ކަޔާންގެ ރޮމެންޓިކް ބައިވަނީ ފޮރުވާލާފައެވެ. ލައިޝާއަށް މެސެޖް ނުކުރާތާގައި ލޯބިން ވާހަކަ ދައްކާފައެއްވެސް ނުވެއެވެ. ނަމަވެސް އަމަލުން މަދުފަހަރެއްގައި ވަނީ އެކަން ސާބިތުކޮށްދީފައެވެ. އޭނަގެ ފައިތިލައިގާ ބޮސްދިން ވަގުތުކޮޅުފަދަ ރީތި ހަނދާންތައް އަދިވެސް ހިތުގައި ހަރުލާފައިވެއެވެ. އެ ހަނދާންތަކުން ހިތަށް ފޮނި މީރުކަމެއް ލިބެއެވެ.

ކީވާ ގެ ބަލިހާލު ހުރިގޮތުން ވަޒީފާއަކަށް އަދި ދެވޭވަރު ނުވިޔަސް އޭނަ ކޮލެޖަށް ދާންފެށިއެވެ. ކޮލެޖް އެސައިންމެންޓްތައް ހަދާ ނިމޭއިރަށް ކީވާ ހުންނަނީ ވަރުބަލިވެފައެވެ. ދެއަތްވަނީ ބަނދެވިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދެއަތުން ބުރަ މަސައްކަތެއް ކުރާކަށް ހުއްދައެއްނެތެވެ. ނިދާއިރު ބާއްވަން ޖެހެނީ ވަކި ގޮތަކަށެވެ. އޭނަ އަށް ކެވެނީ ޑޮކްޓަރު އަންގަވާފައިވާ ކާ އެއްޗެއްސެވެ. ޗިޕްސްފަދަ ތަކެތި ކާހިތުން މަރުވާއިރުވެސް އެކަން ކުރެވޭކަށް ނެތެވެ. ދޭތެރެއަކުން ޓެސްޓް ހަދަން ދާންޖެހޭތީ ކީވާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެހާ ގިނައިން ލޭ ނަގާއިރުވެސް ކަށިތަކަށް ކީވާ ނުހޭނޭތީ އޭނަވެސް ހައިރާންވެއެވެ. ކޮންމެ ފަހަރަކު ލޭ ނަގާއިރު ކީވާ ތަދުވެގެން ރޮއިހަދައެވެ. ޑައިލިސިސް ހަދާއިރު އޭނަ އޮންނަނީ ބިރުންނެވެ. ޑައިލިސިސް ހަދާއިރު ކަމެއް ގޯސްވެދާނެތީ އެ ޚިޔާލުގައި އޮންނަން ޖެހެއެވެ. ކިޑްނީ ފެއިލްވެފައިވާ ބަލިމީހުންގެ ހާލު އެހެން މީހުންނަށް އެނގޭނެނަމައޭ ކީވާގެ ހިތަށް އެރިއެވެ. އެހާ ބޮޑު ހިތްދަތިކަމަކާއި ވޭނެއް އެހެން އިންސާނަކަށް ނުލިބުމަށް އެދި ދުޢާކުރެވެއެވެ. އަބަދު ހިތާ ޝަކުވާކުރެވެނީއެވެ. މިހާރު ކީވާގެ ހިތަށް އެލިބޭ ބިރުވެރިކަމާއިއެކު ކުޑަ ކުޑަ ހިތްވަރެއް ލިބެނީ ވިޝާން ފެންނާތީއެވެ. ޑައިލިސިސް ހަދާ ކޮންމެ ފަހަރަކު ވިޝާން އޭނައަށް ޒިޔާރަތް ކުރާތީއެވެ. 

އެއީވެސް ކީވާގެ ހަޔާތުގައި ޑައިލިސިސް މެޝިނާއެކު ހޭދަކުރާން ޖެހުނު ދުވަހެކެވެ. ބައެއްފަހަރު ހަފްތާއަކު ތިން ދުވަހު ޑައިލިސިސް މެޝިނާއެކު ޑޭޓަކަށް ދާން މަޖުބޫރުވެފައިވާ ކުއްޖެކޭ ކިޔައިގެން އޭނަ ލައިޝާ ގާތު ޖޯކުވެސް ޖަހާފައި ހީހަދައެވެ. އާދައިގެ މަތިން މިއަދުވެސް ކީވާގެ ހިތް އިންތިޒާރުކުރީ އެންމެ މީހަކަށެވެ. ވިޝާންގެ ރީތި ސޫރަ ފެންނާނެ އިރެއްގެ އިންތިޒާރުގައި އޮތްއިރު ފޯނުން ނެޓަށް ވަދެފައި އޮވެ ފޮޓޯތަކެއް ބަލަމުން ދިޔައެވެ. ވިޝާން މިއަދު މާ ރީތިހެން ހީވިއެވެ. ބްރައުން ކުލައިގެ ގަމީހަކާއި ޖިންސެއްގައި އޭނަ ފެންނަލެއް ވަރަށް ސްމާޓެވެ. ވިޝާން ފެނުމުން ކީވާގެ މޫނު އުޖާލާވެގެން ދިޔަހެން ހީވިއެވެ. އެ ރީތި ދެލޮލުގެ ވިދުވަރު ގަދަވިއެވެ. ވިޝާން ގޮނޑިއެއް ދަމާލައިގެން ކީވާގެ ގާތުގައި އިށީދެ އެކި ވާހަކަދައްކަމުން ގޮސް މިއަދަކީ އޭނަގެ އޮފް ދުވަހެއްކަމުގައި ބުނެލިއެވެ. ދެކެވުނު ވާހަކަތަކުގެ ތެރޭގައި ވިޝާންއަށް ކީވާއަކީ ކިހާ ވަރެއްގެ ހުނަރެއް ލިބިފައިވާ ކުއްޖެއްކަން އެނގުނެވެ. ކީވާގެ އެފްބީ ޕޭޖެއްވެސް އޮންނަކަމަށާއި އެކަމަކު އެއްވެސް މީހަކަށް ކީވާގެ ހަގީގަތް ނޭގޭނެކަމުގައި ކީވާ ބުނެލީ ހީލާފައެވެ.

"ނޫނޭ ކީވާ، އެންމެނަށް ހަގީގަތް އެނގެން ޖެހޭނެ، ތިހާ ޓެލެންޓެޑް ކުއްޖެއްވީމަ އިންވިޒްބްލްވެގެން ހުރުމުގެ ބޭނުމެއް ނެތޭ، ކީވާ މާ ނެގެޓިވްކޮށް ކަންތަކާ ދެކޭތީ ވާހާ ކަންތަކޭ، ކަމް އައުޓް އޮފް ޔޯ ޝެލް، ގިނައިން ފެރެންޑުންނާއި ވާހަކަ ދައްކައި ކީވާގެ ކޮންޑިޝަންވެސް އެކުވެރިންނާއި ޝެއަރކޮށްބަލަ...އަހަންނަށް ތި ޕޭޖްގެ އެޑްމިންކަން ދީ، އޭރުން ދުވަސްކޮޅަކުން ރާއްޖޭގެ އެންމެ ހިނގާ ޕޭޖަށް ހަދާދޭނަން......" ވިޝާން އިނީ ވަރަށް ޝައުގުވެރިވެފައެވެ. ކީވާއަކީ އާޓިސްޓެއްކަން އެނގުމުން އޭނަ ހަމަ ހައިރާންވިއެވެ.

ކުއްލިއަކަށް ލައިޝާ އެތަނަށް ވަދެފައި ވިޝާން ފެނުމުން ފާޑަކަށް ހުއްޓުން އެރުމުން ވިޝާން ހިނި އައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ވިޝާންގެ ލޮލުގައި ލާނެތްކަމެއްވިއެވެ. ވިޝާންއަކީ ލައިޝާއަށް އާ މޫނެއް ނޫނެވެ. އެއީ ކަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަފްރީންގެ ބޭބެއެވެ. އަދި ރައަދުގެ ލޯބިވެރިޔާއެވެ. އެފެނުނު މަންޒަރު ލައިޝާގެ ހިތަކުން ނުފިލާނެއެވެ.
"ކިވީ ނުވެސް ބުނަމެއްނު........" ލައިޝާ ދިމާކޮށްލިއެވެ. އެހެންނޫނަސް ވިޝާން އާއި ކީވާ ގުޅުވާކަށް ލައިޝާ އެހާ ހިތްހަމައެއް ނުޖެހެއެވެ. އައިދަންފަދަ މާތް ޒުވާނަކު ކީވާދެކެ އެހާ ލޯބިވާއިރު ވިޝާންފަދަ ބޮޑު ފްލާޓްގަނޑަކަށް ކީވާ ހިތްކިޔުމަކީ ކީވާގެ ބަދުނަސީބެވެ. ކީވާގެ ހިތުގައިވާ އެއްޗެއް ހަމަ މިވަގުތު އެނގޭނެނަމައެވެ.
"ކީކޭތަ ލައިޝް ތިކިޔަނީ، ހީޒް ޖަސްޓް އެ ފްރެންޑް....." ކީވާ ލަދުގަންނަގޮތްވިއެވެ.

ކޮމެންޓް 0