އަސުރުން އިރުތިރިވީއިރު އިރުގެ އަލިކަމުން ދުނިޔެމަތި މަހުރޫމް ކޮށްލި ގޮތުން ހީވަނީ ކަޅު ސާލެއް އޮޅައިލެވުނު ހެންނެވެ. ވިލާތައް ބޯކަމުން ފަރުބަދަފަޅިތަކެއްހެން ހީވެއެވެ. ވިލާތައް މަތިމައްޗަށް ނަގާފައިވާ ގޮތުން އިރަކަށް އެ ވިލާތައް ފޫއަޅުވާލުމުގައި ކާމިޔާބެއް ނުކުރެވުނެވެ. އިރުއޮއްސުމަށްފަހު ވިއްސާރަ ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. ދޭތެރެ އަކުން ގުގުރީގެ އަޑާއި އެކު ވިދުވަރުގެ ހުދު އަލި ރޮގުތަކުން އުޑުމަތި ދިއްލިގެންދާން ފެށިގޮތަށް ރޭގަނޑުގެ ބޮޑު ބަޔެއް ވޭތުވެގެން ދިޔައީ އެގޮތުގައެވެ. ދަންވަރު ތިނެއް ޖެހިފަހުން ވިލާތަކަށް އޮބިނޯވެގެން ވެހެން ފެށި ވާރޭގެ ބޮޑެތި ތިކިތައް ބައެއްފަހަރު ޖެހެމުންދާ ވައިރޯޅިތަކުގެ ބާރުގައި އެކި ދިމާލަށް ބުރުއްސައިގެންދާތަން ފެނެއެވެ. ވަޔާއި ވާރޭގެ ޝިކާރަ އަކަށް ވަމުން ދިޔައީ ހިމާޔަތެއް ނެތި ހާމަޔަށް ވާ ގަސްތަކެވެ. ވާރޭ އެންމެ ބޯކޮށްލި ވަގުތު "މޯލްޑިވިއަން" ވިލާތައް ކަފާލާފައި އޮމާން ދުވެއްޔެއްގައި ތިރިކުރަމުން ގޮސް ގަމުގެ ރަންވޭގެ ކޮޅުގައި ފުރޮޅި ބީއްސާލީ ނިކަން ހިތްގައިމު ކޮށެވެ. ދަތުރުވެރިންގެ އިސްގިތުބާލުގައި ނިދި ބަރުކަގަނެފައިވާ ގާތްތިމާގެ މީހުންގެ މޫނުމަތީގައިވި ނުތަނަވަސްކަން ފިލައި ހަމަޖެހުމުގެ ނޭވާތައް ދޫކޮށްލެވިއްޖެއެވެ.

މަތިންދާބޯޓުގެ ދޮރު ހުޅުވުމާއި އެކު ކޮންމެ ދަތުރުވެރި އަކަށްޓަކައި ކުޑައެއް ހިފައިގެން މުވައްޒަފުން ތިބިތަން ފެނިފައި ދަތުރުވެރިންނަށް ހީކުރެވުނީ ހިނދުކޮޅަކަށްޓަކައި ނަމަވެސް ވީ އައި ޕީ ވުމުން ކުރެވޭފަދަ ޚާއްސަ އިހުސާސެކެވެ. ގިނަމީހުންނަކީ އުމުރު ދުވަހުވެސް މިފަދަ ޚާއްސަގޮތަކަށް ބަޔަކުގެ ފަރާތުން މެހުމާންދާރީ އާއި ޚާއްސަ އިސްތިގުބާލެއް ކުރެވިފައިނުވާ ބަޔަކަށް ވާތީ އެކަންތައް ބަލައިގަނެވުނީ އުފަލުން ހިނިތުންވެލާފައި ތިބެގެންނެވެ. އެންމެ ފަހަތުން ފޭބި ދެއަންހެން ކުދިން ކުޑައިގައި ހިފުމާއިއެކު ތަންކޮޅެއް އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އެރައިވަލް ބަޔަށް ވަދެއްޖެއެވެ. ރޭގަނޑުގެ ބޮޑުބައި ދަތުރުމަތީގައި ހޭދަވެފައިވާތީ ދަތުރުވެރިންގެ މޫނުމަތިން ވަރުބަލި ކަމާއި ނިދީގެ އަސަރުތައް ފާޅުވިޔަސް އެދެ އަންހެން ކުދިންގެ މޫނުމަތިން ފެންނަނީ ޒުވާންކަމުގެ ޖޯޝާއި ތާޒާކަމެވެ. ޚާއްސަކޮށް އެދެކުދިންގެ ތެރެއިން ފަން އިސްތަށިގަނޑުލާފައި ހުރި އަންހެންކުއްޖާގެ ވިދުންގަދަ ދެލޮލުން ކޮންމެތަނަކަށް ބަލަމުން ދިޔައީ ޝައުގުވެރި ކަމުގެ ނަޒަރަކުންނެވެ.

"ފައިނަލީ، ސަލާމަތުން މިސިޓީއަށް އާދެވިއްޖެ، އަހަރެން ހައިރާންވީ އެހާ ކުޑަދޮރުން އެހާ ގަދަޔަށް ވިދާތަން ފެނުނު އިރުވެސް ކައިރާ ހަމަޖެހިލައިގެން ނިދަން އޮތީމަ...." ތަންކޮޅެއް ކަޅުކޮށް ހުރި އަންހެންކުއްޖާ ޓްރޯލީތައް އަތުރާފައި ހުރި ދިމާލަށް ހިނގައިގަތީ ކައިރާގެ އަތުގައި ހިފައި ދަމައިލަމުންނެވެ.

"އަހަރެން ހީކުރީ މިހުރިހާ އިރުވާންދެން ކީވާ އިނީ މަންމަން ވެފައިކަމަށޭ، ފްލައިޓަށް އެރީއްސުރެ އެކަނިމާ އެކަނި އަނގަތަޅަމުން ގޮސް ކިވީ އެއްޗެކޭ ނުބުނާތީ ފޫހިވެގެން ލޯމަރާލި ގޮތަށް ދެލޯ ނުހުޅުވަން ކަމަށް އޮތީ....." ކައިރާ ގެ ތުންފަތްމަތިން އަބަދު ފެންނަނީ ފަނޑު ހިނިތުންވުމެކެވެ. އެކަމުން ހާމަވަނީ ކައިރާއަކީ ޚިޔާލެއް ފިކުރެއްނެތް އުފާވެރި އަންހެން ކުއްޖެއް ކަމެވެ. ހިތާމައިގެ ހިޔަނިވެސް އެ ހަޔާތަށް އަދި ނޭޅެނީހެން ހީވެއެވެ. 

"އަހަރެން އިނީ ހާދަ ބިރުންނޭ، ހީކުރީ ކޮންމެ ވަގުތަކުވެސް ކްރޭޝް ވެދާނެ ކަމަށް، އުމުރުގައި ތަންހުރީމަ ސަލާމަތްމިވީ......." ކީވާ މޫނުމަތީގައި ހުރި ވާރޭތިކިތައް ޓިޝޫއަކުން ފޮހެލިއެވެ. ކައިރާ ކީވާގެ ބަލިކަށިކަން ރަނގަޅަށް ދަނެއެވެ. ހުރިހާ ކަމަކާއި ނެގެޓިވްކޮށް ވިސްނަމުންދާ ކުއްޖަކަށް ވާތީ ކީވާ ފިނޑިނުވާކަށް ކަމެއް ނޯވެއެވެ. އަބަދު ހުންނަނީ ސިހިފައެވެ. ކީވާގެ ނަފްސާނީ މައްސަލައެއް ހުންނަނީ ބާވައޭ ހިތަށް އަރާފައިވެސް ކައިރާ މިވީހާތަނަށް އެހެނޭ ކިޔައިގެން ދިމާނުކުރަނީ ވިސްނާލާފައެވެ. ކީވާގެ ހިތުގައި އަދި މާ ބޮޑަށް ޖެހި އަމިއްލަ ނަފުސާއިމެދު އޮތް އިތުބާރު މިހާރަށްވުރެ ކުޑަވެއްޖެއްޔާ މާ ދެރައެވެ.

"ކްރޭޝްވިނަމަ އަހަރެމެންގެ ވާހަކަ ރާއްޖޭގެ މީޑިއާތަކުގައި އޮންނާނީ، ވަގުތުން ފޭމަސްވެދާނެ، ރާއްޖޭގެ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި ފޮޓޯގްރާފަރ ކީވާ ފްލައިޓް ކްރޭޝް ހާދިސާއެއްގައި ނިޔާވެއްޖެ.... ހުރިހާ ކުދިން އެފްބީގައި ލިޔާނީ ރެސްޓް އިން ޕީސް ކިވީ..........." ކައިރާ އެއްލޯ މަރައިލި އެވެ.

"މަރުވެގެން އެފަދަ މަޝްހޫރު ކަމެއް ލިބިގެން ވަކި އުފާވާނެތަ ސިލީ...." ކީވާ ކައިރާގެ މޫނަށް ބަލަން ހުރީ ކުޑަކޮށް ހިނިއައިސްފައެވެ. އޭރުވެސް ކައިރާ ހުރީ ކުފިދަތްތައް ފެންނަވަރަށް ހީލަހީލައެވެ. ހިތުގެ ބައްޓަމަށްވާ މޫނަށް އެތަނުގައިވާ ލައިޓްތަކުގެ އަލި އެޅުމުން ރަންކުލައެއްގައި ފެނެއެވެ. ދޮންކުއްޖަކު އަވީގައި އުޅުމުން ޓޭންވެފައިވާފަދަ ގޮތަކަށް ހަމަށް ރީތިކުލައެއް ވެރިވެފައިތީ ކައިރާ ފާހަގަ ކުރެވެއެވެ. ބައެއްމީހުން ހީކުރީ އަފްޣާނިސްތާނު ހިސާބު ކުއްޖެއްކަމަށެވެ.

"ސަލްމާ ދައްތައަށް ގުޅާބަލަ، އެމީހުން ނިދައިފިއްޔާ މިރަށުގައި ކޮންމެ ފަދަ ހާދިސާއެއް ހިގާފާނެ، ފޯނު އެބައޮތްތަ؟ ފްލައިޓް ތެރެއަށް ފޯނު އެއްލާލާފައި ނައިއްޔާ ވެދާނެ، ކައި ވަރަށް އިރެސްޕޮންސިބްލްވާނެ......." ކީވާ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ބުނެލައިފިއެވެ. ކައިރާ އަވަހަށް ދަބަސް ތެރެއިން ފޯނު ނެރެލާފައި ދެއްކިއެވެ. 

"ކަމްއޯން ކިވީ، ބައިވަރު ދަތުރުވެރިން މިއުޅެނީ، އެމީހުންގެ ހެލްޕް ހޯދިދާނެ، މިއީ ބީރައްޓެހި ކަންޓްރީއެއްވެސް ނޫނެއްނު، އަހަރެމެންގެ ތަނެއް މިވެސް، ވީ ކެން މެނޭޖް، އަހަރެމެން އެހާ ބަލިކަށިތަ؟ ފިޒިކަލީ ހިކިކޮށް ތިއްބަސް މެންޓަލީ ވަރުގަދަވާނެ، އެހެންނޫނަސް ޑިފިކަލްޓް ސިޗުއޭޝަން ތަކުގައި ބޭނުން ކުރަން މާތް ﷲ ސިކުނޑި ދެއްވީ، މިއޮތް އަންނަނީ ލަގެޖް...." ކައިރާ ފިނިވާން ފެށުމުން ދެއަތްތިލަ އުގުޅާލިއެވެ.

ކައިރާ އާއި ކީވާ ޓްރޯލީތައް ދަމަމުންގޮސް ކޮންވޭޔާ ބެލްޓް ކާރީގައި ހުއްޓިލިއެވެ. ކައިރާ އެހީއަކަށް ނޭދުނު ނަމަވެސް ޒުވާނަކު އިސްނަގައިގެން ދަބަސްތައް ޓްރޯލީއަށް އަރުވަން އެހީތެރިވެދިނުމުން ކައިރާގެ ރީތި ދެލޮލުން ބަލައިލުމަކާއި ނުލައި "ޝުކުރިއްޔާ" އޭ ބުނެލާފައި ކީވާ އާއި އެކީގައި ނިކުންނަން ހިނގައިގަތެވެ.

ކައިރާ އާއި ކީވާ އެރައިވަލްސް ހޯލުން ނިކުތްއިރުވެސް ތުނިކޮށް ވާރޭވެހޭތަން ފެނެއެވެ. ދެކުދިން ބަލާއައިސްފައި ހުރި ޑްރައިވަރ އަހުސަން އެކުދިންގެ ލަގެޖްތައް އަތުލައިގެން ގޮސް ކާރުގެ ޑިކީއަށް އަރުވާފައި ކާރުގެ ދޮރުތައް ހުޅުވާލަދިނުމުން އެންމެ ކުރިން ކައިރާ އެތެރެއަށް ދެމިގެންފިއެވެ. މިހާ ފިނި ރެއެއްގައިވެސް ކާރުގެ ތެރެ ފިނިކޮށް ބަހައްޓާތީ ކައިރާ އިނީ ހައިރާންވެފައެވެ. އޭނަ ހީކަރުވައިގެން ރޫރޫ އަޅަނީއެވެ. ނަމަވެސް ކާރުގެ އޭސީ އެންމެ ދަށްކޮށްލާފައިވާ ގޮތުން ހީވީ ފްރީޒަރަކަށް އެރެވުނުހެންނެވެ. ކީވާ އެހާ ފިންޏަށް ބަލިހެނެއް ހިޔެއް ނުވެއެވެ. ލަސް ހިގުމެއްގައި ކާރަށް އަރަން ހަދައިގެން ކުޑަކޮށް ތެމިފައި ހުއްޓަސް އޭނަ އަށް ވަރިހަމަވާނެކަން ކައިރާއަށް އެނގެއެވެ. މިރަށަށް އަލަށް އައިކަމުގައި ވިޔަސް ރަށުގެ ރީތިކަން ދެކެލާނެ ހިތްވަރެއްވެސް ކައިރާގެ ނެތެވެ. ފިނިކަމުން އޭނަގެ ސިކުނޑިއަށް މިހާރު އެނދު ފިޔަވާ އެހެން ތަނެއް ނުފެނެއެވެ. ރަޖާގަނޑެއްގެ ދަށަށް ވަދެފައި ނިދަން ތިބި މީހުންނާއި މެދު އޭނަ ހަސަދަވެރިވިއެވެ.

ދެކުދިން މާގިނަ ވާހަކައެއް ނުދައްކައެވެ. ވާހަކަދެއްކެން ނުވެސް ނެތީއެވެ. އަހުސަން އިނީ ބާރުބާރަށް ލަވައެއް ޖަހާލައިގެންނެވެ. ހީވަނީ އެކުދިންނަށް އޭނަގެ ޓޭސްޓް ރަނގަޅުކަން އަންގާލަން ބޭނުންވާހެންނެވެ. އެހެންނޫނަސް ޓޭލަރ ސްވިފްޓްގެ ލަވަތައް ކައިރާ އާއި ކީވާއަށް ނިކަން ހިތްގައިމެވެ. ޓޭލަރ ސްވިފްޓް ރައްޓެހިވާ ކޮންމެ ލޯބިވެރިޔަކަށް ޚާއްސަ ލަވައެއް ހަދާތީ އެކަން ކީވާ ހުންނަނީ ފާހަގަކޮށްފައެވެ. އެފަދަ ލަވަކިޔުންތެރިޔަކު އޭނަގެ ލޯބިވެރިޔަކަށް ހުންނާނެ ނަމައޭ ކިޔާތީ ކައިރާ ދިމާކުރަނީ ޖަސްޓިން ބީބަރ އާއި ރައްޓެހިވާށޭ ކިޔައިގެންނެވެ.

އަހުސަން އެކުދިން ބަލާ ފޮނުވާނީ ސަލްމާ އިތުބާރު ކުރާތީ ކަމުގައި ކައިރާ ނިންމިއެވެ. އިރުކޮޅެއްވާންދެން ދުއްވުމަށްފަހު ކައިރި ފާލަމަކުން ދާން ފެށުމުން ކީވާ ބިރުގަތްވަރުން ކައިރާގެ އަތުގައި ހިފާ ބާރުކޮށްލިއިރު މޭގަނޑު ނެގިނެގިފައި ޖެހެއެވެ.

"ކާރު މިތަނަށް ނުވެއްޓޭނެތަ؟" ކީވާ ދެލޯ ބޮޑުކޮށްފައި ތިރިއަށް ބަލައިލާއިރު ފެންނަނީ ރާޅުޖަހާ މޫދެކެވެ. ދޭތެރެއަކުން އާގަ ކަނޑާފައިވާއިރު އެދިމާލުން އޮއިގަދަކަމުން ކީވާގެ ހިތް ގުޑަންފެށިއެވެ. މިރަށަށް އާދެވުނުކަމުގެ މޮޔަހީވިއެވެ. ފްލައިޓް ދަތުރަށްފަހު ކާރަށް އެރުމުން ބިރުވެރިކަން ކުޑައެއްނުވިއެވެ. މި ގުޅިފައިވާ މަގުތަކުގައި އެކްސިޑެންޓްތައް އިންތިހާއަށް ގިނަކަން ކީވާ ނޫސްކިޔާތީ އެނގިފައިވެއެވެ. ބިރުގަންނަނީ އެހެންވީމައެވެ. ނަސީބަކުން ގަން އެއަރޕޯޓްގެ ފާލަން މާ ދިގެއްނޫނެވެ. ކީވާގެ ހިތުގެ ތެޅުން މަޑުވިއެވެ. މީހުން އުޅޭ ރަށްތަކެއް ފަސްދިނުމަށްފަހު ދެން އޮތީ ބޮޑު ޖަންގައްޔެއްކަމުގައި ކީވާއަށް ހީކުރެވުނެވެ. އެއްފަރާތުން މޫދު ފެންނަން އޮތްއިރު އަނެއް ފަރާތުގައި އޮތީ ބޯގަސްތަކެވެ. އަނދިރިކަމުން ގަސްތައް ހަލުވާލާއިރު ފެންނަނީ ފުރޭތަތަކެއް ކާރާއި ވާދަޔަށް ދުވަމުން ދާހެންނެވެ. ވައިޕަރުން ކާރުގެ ބިއްލޫރިތައް ފޮހުމާއި ނުކުޅަދާނަ އިރުވެސް އަހުސަން ކާރުގެ ސްޕީޑް ދަށްކޮށެއް ނުލައެވެ.

ކައިރާ އިނީ ފެންނަ މަންޒަރުތައް ރީތިކަމުން އާޝޯޚުވާވަރުވެފައެވެ. އޭނަ އިނީ މޫދާއި ވީ ފަޅީގައިކަމުން ވާރޭގެ ތެރެއިން މޫދު ފެންނަލެއް ސިފަވީ މިވީހާތަނަށް ދެކުނު އެންމެ ރީތި މަންޒަރުގެ ގޮތުގައެވެ. ދުވާލު މިރަށަށް އާދެވުނުނަމަ ވަކިން ނަލަވީސްކަން ނޭގެއެވެ. މާލެއިން ބޭރަށް ދުވަހަކު ދަތުރުކޮށްފައި ނުވާކަމުން ދެކުދިންނަށްވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ވިއްސަކަށް މިނިޓްގެ ދަތުރަކަށްފަހު އެކުދިންނަށް މީހުން އާބާދުވެފައިވާ ހިސާބަށް އާދެވިއްޖެއެވެ. އެކުދިން އަންނަން ހަމަޖެހިފައިވާ ގެ "އެވަރޓަން" އާއި ހަމަޔަށް ކާރު މަޑުކޮށްލުމާއި އެކު ދެކުދިންނަށް ބަލައިލެވުނީ ގެއާއި ދިމާލަށެވެ. ހީވީ ފިލްމުތަކުން ފެންނަ ކަހަލަ ކާސްލްއަކަށް އާދެވުނުހެންނެވެ. މާލެއިން މިފަދަ ގެއެއް ނުފެންނާތީ އެކުދިން އެކަކު އަނެކަކަށް ބަލާލާފައި މާނަވީ ހިނިތުންވުމެއް ދިނެވެ.

"އެވަރޓަން" އާއި ބަގީޗާ ވާރެޔާއި ތެމެމުންދާއިރު ފެންނަނީ ޖާދުވީކޮށެވެ. ހުދު ދަވާދުން ޕެއިންޓްކޮށްފައިވާ ގޭގެ ކުރިމަތީގައި އެތައް ބައިވަރު ގަސްތައް އިންދާފައިވާއިރު ގަސްތަކުގެ ތެރޭގައި ދިއްލާލަފައިވާ އެންމެ ލައިޓެއްގެ ސަބަބުން ދައްކަނީ ހުވަފެނީކޮށެވެ. ހިނގަން ހަދާފައިވާ މަގުއޮތީ ރަތްކުލައިގެ ގާތައް ޖަހާފައެވެ. ގަސްތަކުގެ ތެރޭގައި ފެހި ވިނަ ދުއްވާލާފައިވާއިރު ވާރޭގެ ތިކިތައް އެގަސްތަކާއި އަދަދުނުކުރެވޭ މާތަކަށް ގޯނާ ކުރަމުންދާއިރު ސިފަވަނީ ފިލްމީ މަންޒަރެކެވެ. 

"ވާއު، އައިމް އިން ލަވް...." ކީވާއަށް ބުނެވުނެވެ.

"އަހަންނަށް އެނގޭ، ކިވީ، ކޮންޖެސްޓެޑް މާލެއާއި ދުރަށް އާދެވުނީމަ ވަރަށް ތާޒާވެއްޖެ، ކިހާ ފިނި، ގަސްތައް ގިނަވީމަ ކިހާ އަރާމުވާނެ......" ކައިރާ ވިސްނަމުން ދިޔައީ ނުތެމި ގެއަށް ވަންނާނެ ގޮތަކާއި މެދުގައެވެ. ޑްރައިވަރަކީ މާ ހަމަޖެހޭ މީހެކެވެ. ދަބަސްތައް ތެމިދާނެތީ ވިސްނައިލުމެއްނެތި ޑިކީ ހުޅުވާލާފައި ދެއަތަށް ދެ ދަބަސްއުފުލައިލުމަށްފަހު ބާރުބާރަށް ހިނގާލާފައި ގޮސް ގޭގެ ފެންޑާގައި ދަބަސްތައް ބަހައްޓާފައި އަންނަތަން ފެނުމުން ކައިރާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިގޭ ބަޔަކު ނޫޅެނީ ހެއްޔެވެ؟ އެއަރޕޯޓުން ފޭބިގޮތަށް ފިނިވެގެން އޭނަ ގަނޑުވަނީއެވެ. ހީވަނީ އައްޑޫގެ ބަދަލުގައި އޮޅިގެން ފްލައިޓް އެންޓާޓިކާފަދަ ތަނެއްގައި ޖައްސައިގެން އުޅޭހެންނެވެ. މިތަނުގައި މަދު އެއްޗަކީ ގަނޑުފެނެވެ. ޑްރައިވަރަކީ މީހުންގެ އިހުސާސްތައް ނުދަންނަ މީހެއްކަން ޔަގީންވީ މިހާރުއެވެ. ކައިރާ ޕަރސް ހުޅުވާލާފައި އޭނަ ބުނި އަދަދަކަށް ފައިސާދީފައި އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ފޭބުމާއި އެކު ތުނިވާރޭ ތިކިތައް ހަމުގައި ބީހިލުމުން ކައިރާ ހީބިހިނެގިއެވެ. މެދުގޯތީގައިވެސް އޮތީ ކުދި ފެންކޯރުތައް ހެދިފައެވެ. ކައިރާ އަރާފައި ހުރީ ހައިހީލް އަކަށް ކަމުން ނުތެމުނަސް ކީވާ ލައިގެން ހުރި ރީތި ބޫޓު ތެމުމުން ކީވާ ދެރަވެ ޝަކުވާކުރިއެވެ. ލާފައި ހުރި ޖިންސްގެ ފައިކުރި އޮޅާލަން އުޅެލާފައިވެސް އޭނައަކަށް އެކަމަކަށް ކުޅަދާނައެއް ނުވިއެވެ. ކޮންމެވެސް ދިމާލެއްގައި އިންސާނެއް ނޫނީ އެހެން މަޚުލޫގެއް އަނދިރީގެ ތެރޭގައި ހުރެ ބަލަހައްޓައިގެން ނެތްކަމަކަށް އޭނަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ކީވާ އެކަކަށްވެސް އިތުބާރެއް ނުކުރާނެއެވެ.

ދެކުދިން ދުވަމުންގޮސް ފެންޑާއަށް ވަދެފައި ކައިރާ އެ ބޮޑު ބިއްލޫރި ދޮރުފަތުގައި މޫނު ޖައްސާލާފައި އެތެރެއިން މީހެއްގެ ހިލަމެއްވޭތޯ ބެލިއެވެ. ހަގީގަތުގައި ފުރުމުގެ ކުރިން އަހުސަން ކިޔާ މީހަކު އެކުދިން ފޮނުވާނެ ކަމަށް މަންމަ ގާތުގައި ސަލްމާ ވަނީ ބުނެފައެވެ. ކީވާ ބުނެގެން ސަލްމާއަށް ގުޅުމުން ފޯނު ނުނެގިވާހަކަ ކައިރާ ސިއްރު ކުރީ ކީވާ ބިރުގެންފާނެތީއެވެ. ފަޅުރަށެއްގައި ހާލުގައި ޖެހުމުން ވެދާނެ ގޮތަކާއި މެދު ކީވާ ވިސްނާނެއެވެ.

"ސަލްމާ ދައްތައަށް ނިދުނީ ކަމަށްވާނީ....." ކައިރާ ދެވަނަ ފަހަރަށްވެސް ސަލްމާގެ ފޯނަށް ގުޅިއެވެ.

"ބެލްއެއްވެސް ނެތް ގެއެއްތަ؟ އެހެންނޫނަސް ވާރޭގެ މިޔުޒިކްގެ ސަބަބުން އެންމެން ނިކަން އަރާމުގައި ނިދާލާފައި ތިބޭނީ......." ކީވާ ވާހަކަ ދައްކަން ހުއްޓާ ދާދިގާތުން ބުޅާތަކެއް ކޯޅިގަތްއަޑާއިއެކު ކީވާ ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެންފާ ކައިރާގެ ގައިގާ ހިފައިގަތެވެ. ކައިރާ ބެލެންސް ގެއްލުނު ގޮތަށް ގޮސް ދެމީހުން އެކީގައި ފާރުކާރިއަށް ގުޅައަކަށް ޖެހިފައި ކައިރާގެ ބޮލަށް ކުޑަކޮށް ތަދުވިއެވެ. ކީވާގެ ތޫނު ހަޅޭކުގެ އަޑަށް ގައިމު ކޮންމެވެސް ބަޔަކު ހޭލިކަމީ ކާކުގެ ނަސީބެއްކަން ނޭގެއެވެ. ގޭތެރެއިން މީހަކު ވާހަކަ ދައްކާއަޑު އިވިފައި މިނިޓް ކޮޅެއްގެ ތެރޭގައި ތަންކޮޅެއް ބިޔަކޮށް ހުރި އަންހެނަކު ދޮރު ހުޅުވާލައިފި އެވެ. ހީވަނީ އަރަތްބެއްހެންނެވެ. އެ ކުޑަ ކުޑަ ލޮލުން ފެންނަނީ ނިދީގެ އަސަރުތަކެވެ.

"މަށަކީ ސަލްމާ ދައްތަ، މަންމަގެ ޒަމާންވީ އެކުވެރިއެއް، މިފަހުން އެހާ ބައްދަލު ނުކުރެވުނަސް އަހަރެމެން ނިކަން ރައްޓެހި ވާނެ، ކައިރާ، ކީއްވެތަ ހަޅޭއްލެވީ، ބިރުގަންނަ އެއްޗެއް ފެނުނީތަ؟ އަހުސަން ފޮށިތައް އެތެރެއަށް ނުވައްދާ ދިޔައީތަ؟ ވަދޭ އަވަހަށް އެތެރެއަށްވަދެ ހިކިލައިގެން ނިދަންވީނު....." ސަލްމާ އެއް ނޭވާއިން ވާހަކަ ދެއްކިއިރު އެއްވެސް ސުވާލެއްގެ ޖަވާބު ބޭނުންވިހެނެއް ހިޔެއްނުވެއެވެ. އޭނަގެ ދެލޯ އަމާޒުވެފައި ވަނީ ކައިރާ އަށެވެ. ކީވާ ހުރިކަން އެނގުނު ކަމަކަށްވެސް އޭނަ ހަދައެއްނުލިއެވެ. އޭނަ ހުރީ ހެރީ ޕޮޓަރގެ ކްލޯކް އަޅައިގެން ކަމަށް ވެދާނެއެވެ. ނޫނީ މިނި ތެޔޮ އުގުޅައިގެންނެވެ. ކީވާ ދެރަވާގޮތްވިއެވެ. ކީވާ ޔަގީން ކުރީ އޭނަގެ ހަގީގަތް އެނގޭތީ ސަލްމާ ފޫހިވީކަމަށެވެ. އޭނަގެ އަނދިރި ސިއްރުތައް އެނގުނީމަ އެންމެންވެސް އޭނަދެކެ ނަފްރަތު ކުރާނެއެވެ. ކީވާ އަށް އިސްޖެހިއްޖެއެވެ.

ސަލްމާ ކައިރާގެ ކޮނޑުގައި އަތް ޖައްސާލިގޮތަށް ތަންކޮޅެއް ގަޔާ ކާރިކޮށްލުމަށްފަހު ހިނގައިގަންނަމުން ކީވާއަށް އަމުރުކުރީ ފޮށިތައް އެތެރެއަށް ވެއްދުމަށެވެ. އެހާ ކުޑަކަމަކާއިވެސް ކީވާގެ ހިތުގައި ޖެހި ލޮލަށް ކަރުނަ ނައީ ކިރިޔާއެވެ. ކެތްކުރަންވެގެން ތުންފަތުގައި ބާރަކަށް ދަތްއަޅާލުމަށްފަހު އޭނަ ފޮށިތައް އެތެރެކޮށްލާފައި ކުޑަކޮށް ވިސްނާލުމަށްފަހު ދޮރުގެ ތަންޑުތައް އަޅުވާލައިފިއެވެ. އޭނަ ދިގުކަމުން އެހިސާބަށް އަތް ފޯރުވުމަކީ އުދަގޫކަމެއްނޫނެވެ. އިސްކޮޅުން ދިގުކަމުން ބައެއްފަހަރު ކީވާ ލަދުގަންނަ ހިސާބަށް ދިޔައެވެ. ސްކޫލުގައި ކިޔެވިއިރު ކުދިން ދިމާކުރާނީ ރާއްޖެއިން ކީވާ އިންނާނެ މީހަކު ނުވާނެ ކަމުގައެވެ. ނަމަވެސް އޭނަގެ އިސްކޮޅުގެ ސަބަބުން އެކަމުގެ ފައިދާކުރި ދާއިރާއެއް އޮތެވެ. ކުޅިވަރުގެ ރޮގުގައި ކީވާއަކީ ވިދާ ތަރިއެކެވެ.

ސަލްމާ ދެކުދިން ގޮވައިގެން ސިޓިންރޫމް ހުރަސް ކޮށްގޮސް އަނދިރިކޮށްފައިވާ ކޮރިޑޯއަކުން ދިޔައެވެ. އެންމެ ފަހަތުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ސްވިޗް ޖައްސައިލުމަށްފަހު އެއީ ކައިރާމެންގެ ކޮޓަރިކަން ސަލްމާ އެންގިއެވެ. 

"ފަތިސްވާން އެއުޅެނީ، ރަގަޅަށް ނިދާލާ، ވާރޭވެސް ތުނިކޮށްލީނު......" ސަލްމާ ދަމުން ހޮޅިބުރިތައް ނިވާލައިފިއެވެ. ކައިރާއަށް އެނދު ފެނުމާއިއެކު ހެދުން ބަދަލުކޮށްނުލައި އެނދަށް ވެއްޓިގެން ރަޖާގެ ދަށަށް ވަދެ ފޮރުވިގަތެވެ. ކީވާ ފާޚާނާއަށްވަދެ ހެދުން ބަދަލުކުރިއެވެ. ނިދާހެދުން ނުލައި އޭނައަކަށް ނުނިދޭނެއެވެ. އެހެންނޫނަސް އޭނަގެ ބޮލުގެ ތެރޭގައި މިރޭ ޚިޔާލު ނިކަން ގިނަރެއެކެވެ. މިރޭގެ ކޮންމެ ހާދިސާއަކުން ކީވާއަށް ވިސްނުނީ އޭނައަކީ މީހުން މާ ރުހޭކުއްޖެއް ނޫންކަމެވެ. އެހެންނޫނަސް "އެވަރޓަން" އިން މިލިބުނީ ކޮންކަހަލަ މެހުމާން ދާރީއެއް ހެއްޔެވެ؟ އެމީހުން ދަތުރުކުރި ފްލައިޓެކޭ ތަފާތެއްނެތެވެ. ކީވާ ޔަގީންކޮށްގެން ހުރީ ފްލައިޓުން ކާއެއްޗެއް ލިބޭނެ ކަމުގައެވެ. އޭނަ ރޭގަނޑު ނުކައި އައީ އެ ކުށްހީގައި ހުރެއެވެ. ފެންޓާ ތަށްޓަކާއި މެޓާ އިން ފުއްދާލީމަ މޯލްޑިވިއަންގެ ޚިދުމަތް އެހާ ބަރާބަރުހެއްޔެވެ؟ ކުރު ދަތުރަކަށްވީމަ ކަމަށް ވެދާނެއެވެ. ކީވާ ހައިރާންވެފައި އިނދެ އެންމެ ފަހުން ކެބިންކްރޫއެއްގެ ގާތުގައި ފެންތަށް ޓަކަށް އެދުނީމަ ދިޔަގޮތަށް ޚަބަރެއް ނުވިއެވެ. އެންމެ ރަނގަޅެވެ. އިންސާނުން ވެއްޖެއްޔާ ހަނދާންނެތިދާނެއެވެ. ނަމަވެސް މާ ގިނައިރުތަކެއްނުވެ ކައިރާ ފިނިވެގެން ރަޖާއަކަށް އެދުނީމަ މިނިޓެއްގެ ތެރޭގައި ކައިރާއަށް ރަޖާއެއް ގެނެސްދިނެވެ. ކައިރާއަކީ އަންހެންކުދިންނަށް ދާންދެން ހިތް ކިޔާކުއްޖަކީކަން ނޭގެއެވެ. އެންމެން ކައިރާ ދެކެ ލޯބިވެއެވެ.

ފްލައިޓުން ކާއެއްޗެއް ނުލިބުނަސް އެވަރޓަންއިން ކޮންމެވެސް ގޮތެއް ހަދައިލެވޭނެކަމަށް ކީވާ ޔަގީންކުރިއެވެ. ނަމަވެސް ކާއެއްޗެއް ނުލިބުނުތާގައި ފެންފޮދަކަށްވެސް އެދޭކަށް ނުކެރުނެވެ.

"އަހަރެން އޯވަރ ރިއެކްޓް ކުރަނީ ކަމަށްވާނީ، ސަލްމާދައްތަ ހީކުރާނީ ފްލައިޓުން ކާންދޭނެކަމަށް ތާ، އެހެންވީމަ ރޭގަނޑު ދަންވަރަށް ކާކަށް ނަހަދާނެ، ބަޓް އައިމް ސްޓާވިން، ހެދުނު ވާންދެން ދިރިއޮތިއްޔާ ރަނގަޅު......" ކީވާ ފޮތް ހުޅުވާލައިގެން އޮތްއިރު އެ ރީތި ކަޅު ދެލޮލުގައިވަނީ ވަރުބަލިކަމުގެ އަސަރުތަކެވެ. ރަތްކުލަ ގަދަ ތުންފަތާއި އޮމާން މޫނު އަދި ބުޅި އިސްތަށިގަނޑުގެ ސަބަބުން އޭނަ ތަފާތެވެ. ކީވާއަށް އޭނަގެ އިސްކޮޅު އަދި ކުލަވެސް ރީއްޗެއް ނޫނެވެ. ނަމަވެސް އެއިން ކަމެއް ބަދަލުނުވާނެކަން ދަނެއެވެ. ނަމަވެސް އިންސާނުން އަބަދުވެސް ތިމާއަށް ލިބިފައިނުވާ އެއްޗެއް ހާސިލު ކުރަން ވަރު ހުންނާނެއެވެ. ލިބޭ އެއްޗަކުން ފުދި ޙަމްދު ކުރާނީ މަދުމީހެކެވެ. 

ކީވާ ކައިރާއަށް ގޮވާލީމަ އަނގައިން ބުނާކަށް ނޫޅުނެވެ. ކައިރާ އެހާ އަވަހަށް ނިދާނެއެވެ. ވާހަކަދައްކަން އޮވެފައިވެސް ކީވާ ބަލާއިރު ގަދަ ނިދީގައި އޮތުމަކީ ކައިރާގެ އާދައެކެވެ.

ކީވާ އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި ލޮލަށް ނިންޖެއް ނައުމުން ވާހަކަފޮތެއް ހުޅުވާލައިގެން ކިޔަންފެށިއެވެ. އެންމެ ލަފުޒެއްވެސް އޭނަގެ ސިކުނޑިއަށް ވަންނަނީއެއް ނޫނެވެ. ވަރޭވެހޭއިރު ފުރާޅުގައި ވާރޭގެ ތިކިތައް ބީހިލާ އަޑުއިވެމުން ދިޔައީ މިއުޒިކެއް ފަދައިންނެވެ. އެއީ މާލެއިން އާއްމުކޮށް އިވޭފަދަ އަޑެއް ނޫނެވެ. 

ކީވާ ވާރޭގެ އަޑުއަހަން އޮތްވާ ކުއްލި އަކަށް ވާރޭ ހުއްޓާލުމާއިއެކު ހިމޭންކަމުގެ ތެރެއިން ކޮންމެވެސް ކަހަލަ އެއްޗެއް ގޮވާ އަޑު އިވިފައި ކީވާ ބިރުންގޮސް ކުރިއަށްވުރެ ފިނިވާގޮތްވިއެވެ. އެހެންއޮވެލާފައި ފުންމައިގެން ދިޔަގޮތަށް ކައިރާ އޮތް އެނދަށް އަރާފައި ކައިރާގެ ގައިގައި ހިފާ ތަޅުވައިގަތެވެ. ކައިރާ ދެލޯބޮޑުކޮށްލުމުން ކީވާ ހިމޭންވުމަށް އަތުން އިޝާރާތްކޮށްފައި ބޭރުން އިވެމުންދާ އަޑަށް ސަމާލުވާން އެދުނެވެ. އެއީ ކައިރާވެސް ދުވަހަކު އެހި ޒާތުގެ އަޑެއްނޫނެވެ. ކައިރާ ނިދީގައި އޮވެފައި ކޮންމެވެސް ހަމަނުޖެހޭ އެއްޗެހިތަކެއް ކިޔާލާފައި އަނެއްކާ ބަލީހުގައި މޫނު ޖެހިއެވެ. ކޮޓަރި ތެރޭގައި ދެ އެނދު ހުރީ ކޮޓަރީގެ ދެކޮޅުގައި ބަހައްޓާފައެވެ. ކީވާ ބިރުގަތީމަ އަބަދުވެސް ކައިރާއަށް މިގޮތަށް އުދަގޫކުރެއެވެ. ހޫނުގަދަ ރެއެއް ވެއްޖެއްޔާ އެގޮތަށް އެނދު ހިއްސާކުރަން ކައިރާ އަކަށް ފަސޭހައެއް ނޫނެވެ. ހޫނުވާވަރުންނެވެ. މިރޭ ފިނިކަން ނަސީބެކެވެ.

އެރޭ ކީވާ އެންމެ ފަހަރަކުވެސް ލޮލު ފިޔަ ޖަހައެއްނުލައެވެ. ކައިރާ ހެދުނު ނުވައެއް ޖަހަންދެން ގަދަ ނިދީގައި އޮވެފައި ތެދުވުނީ ކީވާ ދޮރުފޮތިތައް ދަމައިލުމުންނެވެ. މިހާރު ރޭގައި ވެހުނު ވާރޭގެ އަސަރު ކުޑަވެ އިރު ވިލާތަކުގެ މައްޗަށް ގަދަވެ ރަންދަޅަތައް ފަތުރާލައިފިއެވެ. ކައިރާ އާއި ކީވާ ކޮޓަރިން ނުކުތްއިރު ގޭތެރެ ހީވަނީ ފަޅުތަނެއްހެނެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ކައިރާ ތެދުވުމުން އެމޫނަށް އިރުގެ އަލިއެޅިފައި އުޖާލާވި ތަން ބަލަން ކީވާ އިނީ ހައިރާންވެފައެވެ.

"ޝީޒް ސޯ ޕްރިޓީ، އަހަންނަށްވެސް އެކަހަލަ ސްކިން އަކާއި އިސްތަށިކޮޅެއް ލިބުނުނަމަ....." ކީވާ އެނދުގެ ތަންމަތި އަޅަން ހުރިއިރު ކައިރާ ރީތިވާން ހުއްޓެވެ. ދެކުދިން އެކީގައި ބޭރަށް ނިކުތްއިރު ސަލްމާ އުޅެނީ ހެދުނުގެ ނާސްތާ ތައްޔާރު ކުރުމާއިގެންނެވެ. މެދުމިނުގެ ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށް ވިޔަސް ގޭގެ ކެއުން ހުންނަނީ ރަނގަޅަށެވެ. ހެދުނުވެސް މޭޒުމަތީގައި ކޮފީ، ޕާން، ޗީޒް ފަދަ ތަކެތި ހުރުމުން ކައިރާމެންނެކޭ އެއްފަދައިން ފޯރުންތެރި އާއިލާއަކުން އައިސްފައިވާ ބަޔަކުކަން ހާމަވިއެވެ. ނަމަވެސް ގޭގެ އިމާރާތް ބޭރުން ރީތިކޮށް ފެންނަން ހުއްޓަސް ގޭތެރެ ފަރުމާކޮށްފައިވާ ގޮތުން ހީވަނީ އާސާރީ ތަނެއްހެންނެވެ. ސަލްމާ އެކި ވާހަކަތައް ދެއްކިއިރު އެގޭގައި ޒަމާނުއްސުރެން ހުންނަ ވަޅުކޮޓަރި ތަޅާނުލައި ބޭނުންކުރާކަން އެނގުނެވެ. ރޭގައި ވަލުތެރެއިން ފާޑެއްގެ ސޫތްޕެއް ގޮވާތީ ކީވާ އޮތީ ނުނިދިފައިކަމަށް ބުނުމުން ސަލްމާ ހޭންފެށިއެވެ. އެއީ ބޮއްތައް ގޮވާއަޑުކަމަށް ބުނުމުން ދެކުދިންވެސް ތިބީ މަޖާވެލާފައެވެ. ކައިރާ ތަންކޮޅެއް އުފާވެރި މޫޑެއްގައި އިނދެ ގިނަ ވާހަކަދެއްކި ކަމުގައިވިޔަސް މަޑުމައިތިރި މިޒާޖުގެ ވެރި ކީވާ އިނީ އާދައިގެ މަތިން ބަސްމަދުވެފައެވެ. މީހަކު ކުރި ސުވާލެއްގެ ޖަވާބުދިނުން ފިޔަވާ އިތުރު ވާހަކަ ދައްކަން އޭނަ ބޭނުމެއްނުވެއެވެ. ކީވާ އެހެން އިންއިރު މިއޮތް ބޮޑުގޭގައި އެންމެ އަންހެނަކު އެކަނިމާއެކަނި އުޅޭ ސަބަބަކާއި މެދުވެސް ވިސްނިއެވެ. ގޭގައި އިތުރު މެމްބަރަކު އުޅޭކަން އެނގުނީ ސަލްމާފެށި ވާހަކައަކުންނެވެ.

"ޒުބްދާ އަހަރެން ގާތުގައި ބުނި ކައިރާމެންނަށް ޕާޓް ޓައިމްގައި މިގޭ އައިސްކްރީމް ޕާލަރގައި މަސައްކަތް ކުރެވިދާނެއޭ، މިގެއާއި ޖެހިގެން މިހުންނަނީ ސަލްމާދައްތަ ހިންގާ އޭނަގެ އަމިއްލަ ތަނެއް، ރޭގަނޑު ކޮންމެވެސް ގަޑިއެއްގައި ދެކުދިން އެތާގައި މަސައްކަތް ކޮށްލީމަ ވިޔަފާރީގެ ތެރެއަށްވެސް ވަދެވޭނެ، ކައިރާ ކުރިއަށް ދާނީ މެނޭޖެމެންޓް ރޮގުގައިތަ؟ " ސަލްމާ ކޮންމެ ފަހަރަކު ކައިރާ ޚާއްސަ ކުރާތީ ކީވާއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނަސް ކައިރާއަށްޓަކައި އުފާވެސްވެއެވެ. 

"މިއުޅެނީ އޮފީހަކުން ޖޮބެއް ހޯދަން، ކިޔަވަންވެސް ޚިޔާލުކުރަން، ހަވީރު ގަޑީގައި ކިޔަވާފައި ހެދުނު އޮފީހަށް ދާކަހަލަ ޚިޔާލެއް މިކުރަނީ......." ކައިރާއަށް އެ މައުޟޫއަށް ވާހަކަ ދައްކާކަށް ފަސޭހައެއްނޫނެވެ. ގޭތެރޭގެ މާހައުލުގެ ސަބަބުން ކިޔަވާހިތްނުވެ ރިޕީޓްކޮށްފައި އެންމެ ފަހުން ބާރަ ނިންމާލިގޮތަށް އޭނަ ވިސްނަނީ ވަޒީފާއެއް ހޯދުމަށެވެ. ރަނގަޅު ނަތީޖާއެއް ލިބުނުނަމަ ކިޔެވުން ކުރިޔަށް ގެންދެވުނީހެވެ. ނަމަވެސް ނަތީޖާ ލިބުމުން ކިޔެވުމުގެ ޚިޔާލު ދޫކޮށްލެވުނީއެވެ. ކީވާ ގެ ކިޔެވުމުގެ ފެންވަރު ކައިރާއަށް ވުރެ މާ ދަށެވެ. ކީވާ ދިހައެއް ނިންމާލިގޮތަށް ދާންފެށީ ކޮލެޖަށެވެ. ޑިޕްލޮމާ ހަދާ ނިންމޭނެ ދުވަހެއް އެނގެނީއެއް ނޫނެވެ. 

ސައިބޮއި ނިމިގެން ކައިރާ ގޭގެ އެތަންމިތަނަށް ބޯ ބާނާފައި އުޅެންފެށުމުން ކީވާހުރީ ނުތަނަވަސްވެފައެވެ. ބީރައްޓެހި ގެއެއްކަން ކީވާއަށް ނޭގެނީ ހެއްޔެވެ؟ އެންމެފަހުން ހުޅުވާލި ކޮޓަރިއަކުން ޕިއާނޯއަކާއި މިއުޒިކް ސާމާނުތަކެއް ފެނިގެން އެއީ ކާކުގެ އެއްޗެއްތޯ ސުވާލުކޮށްފިއެވެ.

"އައިދަންގެ ސާމާނު، އޭނަވީ އަމިއްލަ ދަތުރެއްގައި ބޭރަށް ގޮސްފައި، ދެތިން ދުވަސްތެރޭގައި އަނބުރާ އަންނާނަމޭ ބުނި.........." ސަލްމާގެ ގާތުން ދަރިންގެ ޚަބަރާއި އެއްޗެހި އޮޅުން ފިލުވަން ފެށުމުން ކީވާ ނުކުތީ ފެންޑާއަށެވެ. ދުވާލު ވަގުތު ގަސްތައް ފެންނަނީ މާ ޗާލުކޮށެވެ. ފެނުން ދޮވެވިފައިވާ ގަސްތައް މަޑުމަޑުން ހެލިލާއިރު ހީވަނީ ފަޒާގައި ރާގެއްކުޅެލާހެންނެވެ. ތަފާތު ވައްތަރުގެ ބިޔަގަސްތަކާއި މާގަސްތައް ފެނުމުން ކީވާހުރީ އެގަސްތަކުގެ ތެރެއަށް ދާހިތުން ކެތްނުލަވާފައެވެ. މާތައް ބިންނަން އެހާވަރުހުރެއެވެ. ތަންކޮޅެއް އެތެރޭގައި ބޮނޑިއަކަށް ހެދިފައިވާ ފިނިފެންމާގަސް ތަކުގައި އެތައް ސަތޭކަ މަލެއް ފޮޅިފައިވާތަން ފެނެއެވެ.

"ކޮންމެހެންވެސް ޕޭޖަށްލާން ޕިކް ނަގަން ޖެހޭނެ...." ކީވާ އަވަހަށް އެތެރެއަށް ދާން ހިގައިގަތީ ކެމެރާ ބަލައެވެ.

ސަލްމާ ކައިރާ އާއި ވާހަކަދައްކަން ހުރެފައި އެއްފަރާތަކަށް ޖެހިލާފައި އޭނަގެ ޒަމާންވީ އެކުވެރިޔާ ޒުލްމާ އަށް ގުޅާލައިފިއެވެ.

"މަ ބުނީމެއްނު އެތަން މިތަނުން ގޮތް ނޭގޭ ކުދިން ނުގެންނާށޭ، ފުރަތަމަ ނަޒަރުންވެސް އަހަންނަށް އެނގިއްޖެ އެކުއްޖާގެ މައްސަލައެއް އެބަހުރިކަން...." ސަލްމާ އާއި ޒުލްމާ ވާހަކަ ދައްކާއަޑު އެހެން މީހަކަށް އިއްވަން ބޭނުންނުވާތީ ސަލްމާ ދިޔައީ ގަސްތަކުގެ ތެރެއަށެވެ.

"ސިއްހީ މައްސަލައެއްތަ؟" ޒުލްމާ ކަންބޮޑުވިއެވެ.
"ނޫން، ސައިކޯ....... ސައިކޯ މައްސަލައެއް އުޅެނީ، އާއްމުކޮށް ކުޑަކުދިންގެ ހިޔާތަންތަނަށް ލާފައި ތިބޭނީ އެބިއުޒްކޭސްތައް ނޫނީ ބަލާނެމީހެއްނެތް ކުދިންތައް، ޒުލްގެ ދަރިއަށްވެސް އެކަމުގެ ނުބައި އަސަރުކުރާނެ، ޔަގީންތަ އެކުއްޖާ ކުޑައިރު ހާދިސާއެއް ނުހިގާކަން..... އޭރުވެސް މަ ބުނީމެއްނު، ނުބުނަންތަ؟" ސަލްމާ ހަނދާން ކޮށްލަދިނެވެ.

ސަލްމާގެ ދަރިންތައް ބޮޑުވެގެން މީހުންނާއި ކައިވެނިކޮށްގެން އެތަންމިތަނަށް ދިޔަފަހުން އޭނަވަނީ އެކަނިވެރިވެފައެވެ. ހަގު ދަރިފުޅު އައިދަން އިތުރަށް ކިޔަވާން ބޭނުންވިޔަސް ބަހަނާއެއް ދައްކާފައި ރަށުގައި މަޑުކޮށްލީ މަންމައަށްޓަކައެވެ. މަންމަގެ އެކަނިވެރިކަމުގެ ބައިވެރިޔަކަށްވެގެން ގާތުގައި ހުރުމަށެވެ. އެ ބޮޑުގޭގައި ކިތަންމެ ކޮޓަރިތަކެއް ހުހަށްވިޔަސް ގިނަ ތަންތަން ހުންނަނީ މަރާމާތު ކުރަން ޖެހޭ ހިސާބުގައެވެ. އެވަރޓަންގައި ސަލްމާގެ ގާތުގައި އޭނަގެ ބައްޕަ ހަމީދު ދިރިއުޅެއެވެ. ސްޓްރޯކެއްޖެހި ވާގި ދޫވެފައި އޮތުމުން ބައްޕަ ގެންގުޅެން ޖެހެނީ ކުޑަކުއްޖެއް ހެންނެވެ. އެހެންނޫނަސް އުމުރުން ދުވަސްވުމުގެ ސަބަބުން އޭނަގެ ސިކުނޑިއަށް އެކަމުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ސިކުނޑި ގޯސްވެފައިވެއެވެ. ހަމީދުގެ ތިބީ އެކަނި އަންހެންކުދިން ކަމަށްވާތީ އެހެންކުދިންގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބުނެވެ. ހަމީދު ބަލިކޮށް އުޅުނަސް އަދި އަމިއްލައަށް ފެންވަރައި އުޅެވޭވަރުވެއެވެ. މުސްކުޅިކަމުން އެކަނި ހިގަން ދަތިވީމަ ކޮންމެ ފަހަރަކު ފާޚާނާއާއި ހަމަޔަށް އަތުލަފިކޮށްގެން ގެންގޮސްދީ ހަދާ މީހަކީ ސަލްމާއެވެ. ބަލި ބައްޕައަށް ބެލުމަކީ އެއްވެސް އަންހެން ދަރިއަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެ ޒިންމާނެގީ އެންމެ ހަގު ދަރިފުޅު ސަލްމާއެވެ. ބައްޕައެކޭ އެއްފަދައިން ސަލްމާވެސް ވިހެއީ އަންހެންކުދިންނެވެ. ނަސީބަކުން ސަލްމާ ވަރަށް ދުޢާކޮށްގެން ފިރިހެން ދަރިއަކު ލިބުނެވެ. އައިދަން ވެފައިވަނީ ކޮންމެ މަންމައަކު އެންމެ ހިތްއެދޭފަދަ ރަނގަޅު ފިރިހެން ދަރިއަކަށެވެ.

ކައިރާ އާއި ކީވާ އެކުދިންގެ އައްޑޫ ދަތުރު ޕްލޭންކޮށްލާފައިވަނީ ވިސްނުންތެރި ކަމާއި އެކުގައެވެ. މަންމައާއި ވަކިން އުޅެންވުމުން ބޮޑުވެ އަމިއްލައަށް މަސައްކަތްކޮށްގެން އުޅެންޖެހިއްޖެކަމަށް ދެކުދިންވެސް ގަބޫލުކުރެއެވެ. ކީވާ ގަސްތުކުރީ އައިސްކްރީމް ޕާލަރގައި މަސައްކަތްކުރަމުން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ނަސީބަކުން ކެމްޕަސްއިން ޖާގަ ލިބުން އުދަގޫކަމަކަށްނުވިއެވެ. ކައިރާއާއި ކީވާ ކުޑަކޮށް ރަށުތެރެ ބަލައިލަން އުޅެލާފައި ނުކުތީ ކޮންވެންޝަން ސެންޓަރާއި ދިމާލަށެވެ. އެގެ ހުންނަނީ އެހިސާބާއި ފުދޭވަރަކަށް ކާރީގައިކަމުން އެކުދިންނަށް ހީވަނީ މިއީ ދުނިޔެމަތީގެ ސުވަރުގެހެންނެވެ. ބިޔަގަސްތަކުން މުޅި ހިސާބުވަނީ ފެހިވެފައެވެ. ވާރޭގެ ސަބަބުން ދޮވެފައިވާ ފަތްތައް ވަކިން ފެހިވެފައި އާރޯކަމަށް ދައްކައެވެ. މިނިވަންކަމުގެ ނޭވާ ލެވެންފެށީ އަދި ކިރިޔާއެވެ.

"ސަލްމާދައްތަ އެ ބުނާ އައިދަން ރީތިވާނެތަ؟ ފްރެންޑްލީ ވާނެތަ؟ ހީވަނީ ޖަސްޓިން ބީބާރ އާއި ވައްތަރުވާނެހެން....." ކައިރާ ވިނަގަނޑުމަތީގައި ފޮޅިފައިވާ ވައިލެޓްއަދި ރީދޫމާތަކާއި ކުޅެލަމުން އަހައިލިއެވެ.
"ނަން ރީތި..." ކީވާ ކޮނޑު އަރުވާލައިފިއެވެ.

ކޮމެންޓް 0