ރަންދާ ކީވާގެ ގާތުން އެކި ވާހަކަތައް އޮޅުން ފިލުވިއިރު ހީވަނީ އެއް އުމުރުގެ ގާތް އެކުވެރިއެއް ހެންނެވެ. ކީވާގެ ކެމެރާ ހޯދައިގެން އޭނަގެ ތަސްވީރުތައް އެކިގޮތްގޮތަށް ނަގަން އެދިގެން ކީވާ އެކަންތައް ކޮށްލަދިނެވެ. ކީވާގެ ފަރާތުން ރަންދާއަށް ފެނުނު އެންމެ ރަގަޅުކަމަކީ އެ ހުނަރެވެ. އޭނަގެ ފޮޓޯ ތަކުގެ ރީތިކަމެވެ. ކީވާ ކިޑްނީގެ ބައްޔަކާއި ހަނގުރާމަ ކުރާއިރު މިފަދަ ކަމަކާއިގެން އުޅޭތީ ރަންދާ ހައިރާންވިއެވެ. އެކަމުގެ ސިއްރު އޮޅުން ފިލުވާލިއިރު އެކަމުގެ ފަހަތުގައިވަނީ ވިޝާން ދިން ހިތްވަރެވެ. ވިޝާންގެ ފަރާތުން ހިތްވަރު ނުލިބުނުނަމަ އޭނަ މާޔޫސްވެގެން މަރުވެދާނެކަން ނޭގެއެވެ.

"ވީއިރު ވިޝާން ދޯ އިންސްޕަޔަރ ކުރި މީހަކީ، ވިޝާން މަންމަވެސް ދެން މިވީ ކީވާގެ ފޭންއަކަށް......" ރަންދާ ކެމެރާގައިވާ ފޮޓޯތައް ބަލަން އެނދުގައި އިށީދެލައިގެން އިންއިރު އެހެން ކަމެއް ހަނދާނެއް ހުރިހެން ހިޔެއްނުވެއެވެ. މިއީ ރަންދާގެވެސް ޒުވާން އިރުގެ ހޮބީއެކެވެ. ކުރެހުމުގެ ރޮގުން ރަންދާ ވަނީ ކޮލެޖްގަޔާއި މުބާރާތްތަކުގައި މަތީ ވަނަތަކެއް ހާސިލުކޮށްފައެވެ. 

އޭނަ ދުނިޔެއިން އެންމެ ލޯބިވާ ދެމީހުން އެއްތާކު ވާހަކަދައްކަން ތިބިތަން ފެނިފައި ވިޝާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ވިޝާންގެ ހިތުގައި މަންމަގެ އިޚުލާސްތެރި ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. މަންމައަކީ ޖަޒުބާތީ ހިތްހެޔޮ މީހެކެވެ. ފިލްމަކުން ހިތާމަވެރި މަންޒަރެއް ފެނިލިޔަސް މަންމަ ރޯން ފަށާފާނެއެވެ. ވާހަކަ ކިޔާއިރު މަންމަގެ ގާތުގައި ޓިޝޫ ފޮށި ހުންނަތަން ވިޝާން ކުޑައިރުއްސުރެ ދެކެއެވެ. ކީވާގެ އެކަނިވެރިކަމުގެ ސަބަބުން މަންމަގެ ހިތުގައި ހަމްދަރުދީ އުފެދި އެގޭގައި ބަހައްޓަން ނިންމިކަން އެއީ ވިޝާންގެ ހިތަށް ލިބުނު ފިނިކަމެކެވެ. 

"ކިވީގެ މަންމަމެން އަހަރެމެންނާއި ބައްދަލުކުރުވަން މިގެއަށް ގެންނާނީ ކޮންއިރަކުންތަ؟ " ރަންދާ ހިތާއި ދެކޮޅަށް އަހާލައިފިއެވެ.
"މަންމަ ވީ މާމަގެ ރަށަށް ގޮސްލާފައި....." ކީވާ އިށީދެލައިގެން އިނީ މޮޑެލް ގޮތަކަށެވެ. ޖިންސް ފަޔަށް ހިފާލާފައިވާއިރު ފައިގެ ރީތި ބައްޓަން ފާހަގަވެއެވެ. ގިނައިރުވުމުން ވަރުބަލިވެ އޮށޯވެލަން ބޭނުންވެފައިވިޔަސް ކީވާ ހިތްވަރުކުރިއެވެ. ވިޝާން ފޯނެއްގައި ހުރެ އެކޮޓަރިން ބޭރަށް ދިޔުމުން ރަންދާ ދައްކަން ފެށީ ހީ ނުކުރާ ވާހަކައެކެވެ. ވިޝާންއާއި ދެމީހުން ކައިވެނީގެ ކުރިން އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށެވެ. ކީވާފަދަ ދީނީ ރަގަޅުކުއްޖަކު، ކައިވެނީގެ ކުރިން ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ ގޭގައި ހުރުމަކީ ރީތިކަމެއް ނޫންކަން ވިސްނައިދިނުމުން ކީވާ އިނީ ލަދުގެންފައެވެ. އެހެންނޫނަސް އޭނަ މިގެއަށް އައީ ދާއިމަކަށް ނޫނެވެ. މިއީ ވަގުތީ ހިޔާވަހި ކަމެކެވެ. ވަންނާނެ އެހެން ތަނެއް ނެތީއެވެ. ސަލްމާދައްތައަށް ގުޅާލެވޭނީވެސް ހަމަޖެހިލައިގެންނެވެ. އެހެންނޫނަސް އޭނަ ވިޝާންއަށް އިތުބާރުކުރެއެވެ. އޭނަގެ ހުއްދަނެތި ވިޝާން އޭނަގެ ގަޔަށް އަތް ފޯރުނުކުރާނެކަން އޭނައަށް އެނގެއެވެ. ކީވާ އެހެން ބުނުމުން ރަންދާ ބާރު ހިނިގަނޑެއް ޖަހާލައިފިއެވެ. ހީވީ ކީވާ ޖޯކެއް ކިޔާލީހެންނެވެ.

"އެއީ މަގޭ ދަރިއެއް، އެކަމަކު އެއީވެސް ފިރިހެނެއް، ކީވާ ކިހާ މޮޔަ، އެއްވެސް ފިރިހެނަކަށް ތިގޮތަށް އިތުބާރު ނުކުރާތި، އެމީހުންގެ ޚިޔާލު ބަދަލުވާނީ ކޮންއިރަކު ކަމެއް ނޭގޭނެ، އޭރުން ކީވާއަކަށް ހެދޭނެ ގަދައެއް ނޯންނާނެ، މަގޭދަރިއަކަށް ވިޔަސް ފިރިހެނެއް ވެއްޖެއްޔާ....." ރަންދާ ވާހަކަދައްކާ ގޮތުން ހީވީ ނުބައި ތަޖުރިބާއެއް ކުރެވިފައި ހުރީހެންނެވެ.

"އާންޓީ ތި ބުނުއްވަނީ އަޅުގަނޑު މިގޭގައި ހުރުން ވައިސް އެއް ނޫނޭ ތަ؟ " ކީވާ ރަންދާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.
"ހޫމް، ސީރިޔަސްކޮށް މިބުނީ، އެހެންނޫނަސް މަގޭ އަފްރީންއަށް ލިބުނު ލަނޑު އެހެން އަންހެންދަރިޔަކަށް ލިބޭތަން ދެކޭކަށް ހިތެއް ނުރުހޭ، ފިރިހެނުން ބޭނުންވާނީ އެންމެ ކަމެއް، އެ ކަންތައް ކުރެވުނީމަ ދެން އިންނާކަށް ނޫޅޭނެ، ދަރިއެއް ވިހެއީމަވެސް ބުނާނީ ތިމަންނަގެ ކަމެއް ނޫނޭ، ޓްރަސްޓް މީ، ފިރިހެނުން ދުވަހަކު ރަގަޅެއް ނުވާނެ، އެމީހުންގެ ހިތް ހަމަޖައްސާލާ އުފާކޮށްލަން ގެންގުޅޭ ޓޯއިސް ތަކަށް ގިނަފަހަރު ތިކަހަލަ މޮޔަ އަންހެންކުދިން ވެގެން ދާނެ، އެހެންވެ ކީވާއަށް ރަގަޅަކަށް މިވާހަކަ މިބުނީ، ކައިވެނި ކުރެވެންދެން މަންމަމެން ގާތަށް ދޭ......" ރަންދާ ހިނިތުންވެލިއެވެ. ރަންދާ ވާހަކަދައްކާގޮތުން ހީވަނީ ހެޔޮއެދޭ މަންމައަކު ހެންނެވެ. 

"ކީވާގެ ހަގީގީ ބައްޕަ ކޮބައިތަ؟ " ރަންދާ އެކި ވާހަކަތައް އަހަމުންގޮސް ކޮށްލި ސުވާލަކުން ކީވާ އިސްޖަހަން މަޖުބޫރުކުރުވިއެވެ.
"ޖަލުގައި....." ކީވާ ބުނެލިއެވެ. އެހިސާބުން ފެށިގެން ކީވާގެ ތަބީއަތު ޚަރާބުވެ އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. އެހެންނޫނަސް އެނަން އަޑުއިވުނީމަ ވެސް އޭނަގެ ބޭބެ މަތިން ހަނދާންވެ ސިކުނޑިއަށް އުދަގޫ ގޮތެއް ވެ ދެލޮލަށް ކަރުނަ އާދެއެވެ. ކީވާގެ ޖަޒުބާތުތަކާއި ކުޅެލާފައި ރަންދާ އެކޮޓަރިން ނުކުމެގެން ދިޔުމުން ކީވާ ދޮރު ތަޅުލައިގެން އިރުކޮޅެއްވާންދެން އޮށޯވެލައިގެން އޮތެވެ. އެނދާއި ދިމާލުން މަތީގައި އެލުވާފައި އޮތް ބޮޑު ޗާންދަލިޔާގެ އޮރެންޖް އަލިންވެސް ލޮލަށް އުދަގޫވާން ފެށުމުން އޭނަ ބޮކީގެ އަލި ފަނޑުކޮށްލައިފިއެވެ. މަޑު އަރާމު ތަންމަތީގައި ބާލީސްތަކުގެ ތެރޭގައި އޮތްއިރު ކީވާގެ ޚިޔާލަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އެތައްގޮތަކަށް އޭނަ ވިސްނިއެވެ. ހަޔާތުގެ ނަވުގައި ކަނޑަށް ނުކުތުމަށްފަހު އެކި މަންޒިލްތަކުގައި މަޑުކުރަމުން އަންނަ ދަތުރުވެރިންނެކޭ އެމީހުންނެކޭ އެއްގޮތެވެ.

އެރޭ ކީވާ އެ އާއިލާ މީހުންނާއިއެކު ކެއުމަށްފަހު ވިޝާން އާއި އެކުގައި ޓެރެސްގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. ކީވާ ވަރުބަލިވެފައިވާތީ މާގިނައިރުވަންދެން މިރޭ ހޭލާ ނުހުރެވޭނެ ކަމަށް ބުނެފައި އޭނަ ކޮޓަރިއަށް ވަނެވެ. ނިދަން ތައްޔާރުވިއެވެ. އަރާމު ތަންމައްޗެއްގައި ނިދާލުމުގެ ފުރުސަތު ލިބުމުންނާއި ވަރުބަލިވެފައި ހުރުމުގެ ސަބަބުން ތަނުގައި ބުރަކަށި ޖެހޭއިރަށް ނިދީގެ ފޮނި އާލަމަކަށް ދަތުރުކުރެވޭނެ ކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ލޮލަށް ނިންޖެއް ނައެވެ. ކަރުހިއްކާންވެސް ފެށިއެވެ. ކީވާ ހެދުމުގެ ބޭރުން ގައުންއެއް ލައިގެން ތިރިއަށް އައީ ފެންފުޅިއެއް ބަލައެވެ. އެއްގޮތަކަށްވެސް މީހަކަށް ފާރަލާކަށް ނޫނެވެ. ނަމަވެސް ނަސީބު އޭނައާއި އެހީވީކަން ނޭގެއެވެ. ކަރުހިއްކުމަކީ އޭނައަށް ލިބުނު "އިލްހާމް" އެކެވެ.

އޭނަ މަޑުމަޑުން ހިނގާލާފައި އައިސް ކާކޮޓަރި އާއި އަރާހަމަވިއިރު ނޭފަތުގައި ކޮފީގެ މީރުވަސް ޖެހުނެވެ. އެއާއިއެކު އެތެރެއިން އަންހެންކުއްޖެއްގެ އަޑުއިވުމުން ދޮރުފަތުގެ ނިވަލުގައި މަޑުކޮށްލަން ޖެހުނެވެ.

"ޝޯން، އަހަންނަށް އެނގޭ ތިއުޅެނީ ކީވާއާއި މެރީކުރަންކަން، މިހުރިހާ ދުވަހު ދެން އަހަންނަށް އޮޅުވާލީ ކީއްވެތަ؟ މެރީކުރާނީ އެކަނި ރާދުއާއި ކަމަށް ކިޔަ ކިޔާފައި އަހަރެން ވާ ވެއްދުމުގެ ބޭނުމެއް ބުނެބަލަ، ޝޯންއާއި އެކީގައި އަހަރެން ސްލީޕްކުރި ރޭ މަތިން އަހަރެން ހަނދާން އެބަހުރި، އެހެންވެ އެހެން މީހަކާއި އިންނަން ބޭނުން ނުވަނީ، ކީއްވެ އަހަރެން ދެރަކޮށްލަން ތިއުޅެނީ. އަހަރެން ލޯބިވާވަރު ނޭގެނީތަ؟" ރައަދުގެ އަޑު އިވުނެވެ. ހީވަނީ އެކުއްޖާ ރޮއިފަ ހުރިހެންނެވެ. އަޑުން އެކަހަލަގޮތެއް ހީވިއެވެ.
"އެރޭ ވިއްސާރަކަމުން އަހަންނަށްވެސް އަމިއްލަ ނަފުސަށް ބާރު ނުފޯރުވުނީ، އެއީ އެކްސިޑެންޓެއް، އެކަން ހަނދާން ނައްތާލާ، ނުވާކަމަކަށް ހަދާލާ........" ވިޝާން ނުރުހިފައި ހުރެ ބުނެލިއެވެ. ވިޝާންގެ ޖުމްލަތައް އަހާފައި ކީވާގެ ހިތް ހިދުކޮޅަކަށް ހުއްޓުނެވެ. އޭނަ ހުރީ މޭގައި އަތް އަޅާލައިގެންނެވެ. 
"ނޫން، ނޫން، ނޫން...." ރައަދު ރޮއިގެންފައި ވިޝާންގެ ގައިގާ ދެއަތުން ތަޅައިގަތެވެ.
"އަޑުގަދަނުކުރޭ، މާ މައްޗަށް ތިދަނީ........." ވިޝާން ރައަދުގެ އަނގަމަތީގައި އަތްއެޅިއެވެ. ރައަދު އެއްޗެކޭ ކިޔަން އުޅުނީމަވެސް އަޑުބޭރެއް ނުވިއެވެ. ވިޝާންއަށް ތިމާގެ ކުށް އިހުސާސް ކުރެވުނީކަން ނޭގެއެވެ.

"ލުކް ބޭބީ، އަހަރެމެން ދެމީހުންގެ ދޭތެރޭގައި ހިނގާފައިވާ ކަމެއްގެ ވާހަކަ ދެއްކީމަ ބަދުނާމުވާނީ އަހަންނެއް ނޫން، ރައަދު، ވާޖިން އެއްނޫންކަން އެނގުނީމަ ދެން އިންނާނެ މީހަކުވެސް ނުވާނެ، އެހެންނޫނަސް ރާދު ދައްކާ ވާހަކަ ކީވާ ގަބޫލެއް ނުކުރާނެ، އަހަރެމެން ވަނީ އެއަށްވުރެ ބޮޑަށް ގުޅިފައި، ސޮރީ ރާދު....." ވިޝާން ރައަދުގެ އަނގަމަތިން އަތް ނައްޓާލުމާއިއެކު ރައަދު ވިޝާންގެ އަތުގައި ދަތްއެޅިގޮތަށް ލޭ އަރުވާލައިފިއެވެ. ހީވީ އަތުން މަސްކޮޅެއް ނެއްޓުނުހެންނެވެ. ވިޝާން ރައަދު ކޮށްޕާލުމުން މާބްލްމަތީގައި ޖެހުނުގޮތަށް ބާރަކަށް ރޯންފެށިއެވެ.
"ޒުލަށް ގެންދާވަރުވެފައި ތިހިރީ، ހަމަ ތެދެއް މިބުނީ......" ވިޝާން ދަތްކުނޑި ވިކާލާފައި ރައަދުއާއި ދިމާލަށް ފިޔަވަޅެއް އެޅިއެވެ.

ކީވާއަށް އިތުރަށް އެތާގައި މަޑުކުރަން ނުކެރިގެން ފަހަތް ފަހަތަށް ގޮސް ސިޑިބަރިއާއި ނިވާވެލާފައި އަވަހަށް ދާން ހިނގައިގަތީ އޭނަގެ ކޮޓަރިއަށް ވަންނާށެވެ. އޭރު ކީވާގެ ހިތަށް ކޮށްފައިވާ އަސަރަކުން މުޅި ދުނިޔެ އެނބުރޭހެން ހީވިއެވެ. އޭނަ މި ފައިތުވެގެން ދިޔަ އަހަރު ދުވަހު ތެރޭގައި އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ހަޔާތުގައިވެސް އެހާ އުފާވެރި ދުވަސްތަކެއް އައިކަމެއް ނޭގެއެވެ. އޭނަފަދަ ބަލިކުއްޖެއްގެ ދިރިއުޅުމަށް ޑޮކްޓަރ ވިޝާންއައީ އިންސާނެއްގެ ސިފައިގާ ހުރި މަލާއިކަތެއްގެ ގޮތުގައެވެ. އެރީތި ހިނިތުންވުންތަކުން ކީވާގެ ހިތް އުފާކޮށްދިނެވެ. އެ ވާހަކަތައް ހިތަށް ލިބުނު ޝިފާއަކަށްވިއެވެ. ވިޝާންއަކީ އޭނަގެ ވީރާނާވަމުން ދިޔަ ރޫހަށް ދިރުން ގެނެސްދިން ޒުވާނާއެވެ. ނަސީބު އަތުގައި ހިފީ އޭނަގެ އެކަންޏެއް ނޫނެވެ. ލައިޝާވެސް އޭނަގެ ލޯބިވެރިޔާއާއި އެކު ބަރާބަރު އެއްއަހަރު އުފަލުގައި ހޭދަކުރިއެވެ.

ކީވާގެ ހިތުގައި އައިދަންގެ ލޯބި އުފެދުނު ނަމަވެސް ވަކި ހިސާބަކުން އެ ލޯބި ވަޅުލަން އޭނަ ނިންމިއެވެ. އޭނަ ވިޝާންއަށް ފުރުސަތު ދިނީ ވިޝާން ލޯބިވާކަމަށް ހީކުރެވުނީމައެވެ. އޭނައަށްޓަކައި ވިޝާން ވީވަރު ފެނިފައި ކީވާ ހައިރާންވިއެވެ. އެ ފޮނުވާ ލޯބީގެ މެސެޖްތަކާއި ހަދިޔާތައް އެހާ ރޮމެންޓިކްއެވެ. އިނގިލީގައި މިއޮތް އަގު ނުކުރެވޭފަދަ އަނގޮޓިއަކީ އޭގެ ހެއްކެކެވެ. ނަމަވެސް ވިޝާން ކިތަންމެ ވަރަށް އޭނަދެކެ ލޯބިވިޔަސް އޭނައަކީ ވަފާތެރިއެއް ނޫނެވެ. ތެދުވެރިއެއް ނޫނެވެ. އޭނައާއި ރައްޓެހިގެން އުޅެމުން އެހެން އަންހެންކުއްޖެއްގެ ތަންމަތި ފަޅުފިލުވާލަދިނީއެވެ.

"އަހަރެން ދެން ކިހިނެއް ހަދާނީ......." ކީވާގެ ލޮލުން ކަރުނަ އައެވެ. ހީވީ ބަދުނަސީބުގެ ކޮޅިގަނޑު ކީވާ ވަށާލިހެންނެވެ. ވިޝާންދެކެ ލޯބި ނުވިކަމުގައިވިޔަސް އޭނައަށް އެނގުނު ކަންތައްތަކުގެ ސަބަބުން ހިތަށް ތަދުކޮށްލައިފިއެވެ. ދެރަވެގެންގޮސް އެރޭ ކީވާގެ ލޮލަށް އެންމެ ފަހަރަކުވެސް ނިދި އައިކަމަކަށް ނުވިއެވެ. ދެފަރާތަށް ފުރޮޅެން އޮތްއިރު އެ ފިނި އަރާމު ތަންމަތި އޭނައަށްވެފައިވީ އަނގުރު އަލިފާނަށެވެ. 

ރަންދާ ކީވާގެ ކުރިމަތީގައި ރީތިކޮށް ވާހަކަދައްކަ ދައްކާފައިވެސް ޓެރެސްއަށް އަރާ އެތާހުރެ އޭނަގެ ދައްތަ ވަރުޖިނާއަށް ގުޅާފައި ރޮއިގަތެވެ. ކީވާއާއި ވިޝާން ކައިވެނިކުރަން އުޅޭ ކަމަށާއި އެއަށްވުރެ އެ ދުވަސްޖެހުމުގެ ކުރިން އޭނަ މަރުވިޔަސް މާ ރަގަޅުކަމުގައި ބުނެލިއެވެ.

"އެކުއްޖާގެ ބައްޕައޮތީ ޖަލުގައި، ރީތި ސިފައެއްގައި ހުރި ސުއިތްޕެއް ޝޯންގެ ގަޔަށް ވިހަލާން އެއުޅެނީ، އެކަމަށް ކެތްކުރާނީ ކިހިނެއްތަ؟ ޕްލީޒް އައިޑިއާއެއް ދީ....." ރަންދާ ދެކޮޅަށް ހިގާލަ ހިގާލާ ހުއްޓެވެ. އެއްފަރާތުގައި ހުރި ސޯފާގައި ވާހަކަ ފޮތެއް ހިފާލައިގެން އޮތް އަފްރީން އޮތީ ހެވިފައެވެ. ދޭތެރެއަކުން އަނގައިގާ އޮތް ބަބްލްގަމުން ބޮއްކެއް އަރުވާލައެވެ. މަންމަމެންފަދަ ތަހުޛީބު ބަޔަކުވެސް ހިންދީ ޑްރާމާތަކުގައި އުޅޭ މީހުންގެ ގާތުން ދަސްކޮށްގެން ނުބައި ބައި ކުޅެން އުޅެނީތާއެވެ. ކީވާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ މަންމަ އޭނައާއި ރީތިކޮށް ވާހަކަދައްކަން އިނދެލާފައި އެއްފަރާތަކަށް ޖެހިލާފައި އެއްޗެހި ކިޔާލަނީއެވެ. ހުރިހާ އަންހެންވެރިންގެ އާދައެއް ހެއްޔެވެ؟

މަންމައާއި ބޮޑުދައިތަމެން ކޮންފްރެންސް ހަދައިގެން ވާހަކަދައްކަން ތިބިއިރު އަފްރީން އެހުރިހާ ވާހަކަތަކެއް ކަނުލާ އެހިއެވެ. ރަންދާ ހުރީ ވަރަކަށް ރުޅިއައިސްފައެވެ. އޭނަގެ ދެދަރިންގެ ދިރިއުޅުން އޭނަގެ ލޮލުގެ ކުރިމަތީގައި ވީރާނާވެގެން ދަނީކަމަށް ބުނެލާފައި ދޭތެރެއަކުން ރޮއިލައެވެ. ގަޑިއެއްހާއިރު ފަހުން މަންމަ ފޯނު ބާއްވާފައި އައިސް އަފްރީންގެ ގާތުގައި ހުރި ސޯފާގައި އޮށޯތެވެ.

"މަންމަ ބޯ ހަލާކު، އެކުއްޖާ ހިލޭ ބަޔެއްގެ ގާތަށް އަންނާކަށް ލަދެއްވެސް ނުގަތެއްނު، މިގެ ފެނުނީމަ ދެން އެކަހަލަ ކުދިން އެހެންވެސް ވާނެ ދޯ، ނެޗުރަލްކަމެއް ހަމަ، ދޮންބެއަކާއި ނޫން އިންނަން އުޅެނީ، މިގެއާއި މުދަލާއި، ފޫހިވެގެންގޮސް މަންމަ އަދިވެސް މިއިނީ ބޮލުގައި ރިއްސާލާފައި، ސްކާފް އަޅައިގެން އިނީމަ ރީތިކަމުންގޮސް މާތް ކުއްޖެއްހެން ހީވޭ، އެހާ އޮމާން، ތަނަވަސް ނިތްކުރި، ރަތް ތުންފަތް، ފީޗަރސްތައް ރީތި އެކަމަކު ހަމަ ހުރިގޮތަށް ހުރި ހަރުފައެއް.........." ރަންދާ ކުޝަންއަކާއި ކުޅެލަމުން ބުނެލިއެވެ. ހީވާގޮތުން މަންމަ އެވިސްނަނީ ކީވާ މިގެއިން ދުރަށް ލާނެގޮތަކާއި މެދުގައެވެ.

"މަންމަ ދޮންބެ ގާތުގައި ބުނޭ ކީވާއާއި އިންނަން ބޭނުމިއްޔާ ގެއާއި ހުރިހާ އެއްޗެއް ދޫކޮށްލާފައި ދާށޭ...." އަފްރީން ޚިޔާލެއްދިނެވެ. އެގޮތަށް ރަންދާއަކަށް ހެދޭކަށް ނެތެވެ. އެއަށްވުރެ މާ ބޮޑަށް ހުރި އެންމެ ފިރިހެން ދަރިފުޅުދެކެ ލޯބިވެއެވެ. ވިޝާން ގޮތް ދޫނުކުރާ ޒުވާނަކަށްވީވެސް އެހެންވީމައެވެ. އެހެންނޫނަސް ވިޝާން އެހެރީ އެކަނި މައިންބަފައިންގެ މުދަލަށް ބަރޯސާވެގެނެއް ނޫނެވެ. އޭނައަކީ މޮޅަށް ކިޔަވައިގެން ހުރި ގާބިލު ޒުވާނެކެވެ. ޑޮކްޓަރެކެވެ. ކޮންމެ ތާކުންވެސް ވަޒީފާ ހޯދައިގެން އަމިއްލައަށް ދިރިއުޅެވިދާނެއެވެ. ފިރިހެންދަރިފުޅު ގެއްލިގެންދާކަށް ރަންދާ ބޭނުމެއް ނޫނެވެ.

ދެމައިން ވާހަކަދައްކަން އެތާތިބިއިރު އަފްރީންވެސް މަންމައަށް އެކި ޚިޔާލުދިނެވެ. ނަމަވެސް އޭނަގެ ހިތުގައި ކީވާއާއި ދޭތެރޭގައި އެއްވެސް ކަހަލަ ކިލަބުކަމެއްނެތެވެ. ދޮންބެ ކީވާދެކެ ލޯބިވަންޏާ އެދެމީހުން ހަމަ ގުޅެންވީއެވެ. 

ޒުލްމާއާއި ލައިޝާ ވިލިމާލެއަށް އައީ ވިޝާންގެ ޕްލޭންގައި ކޮޅުފައިން ޖަހާފައެވެ. ވިޝާންއަށް އޮޅުވާލާފައި ލައިޝާ ސިއްރުން އައިދަންއަށް ގުޅައިގެން ވާހަކަދެއްކީމަ އައިދަން ވިލިމާލެއިން ގެއެއް ހަމަޖައްސައިދިނެވެ. ލައިޝާ އައިދަން ގާތުގައި އެދުނީ އޭނަ މިރަށުގައި އުޅޭ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނެ އިހަށް ސިއްރުކުރުމަށެވެ. އޭނައަށް މެސެޖް ކުރަމުންދާ މީހަކު އޭނަ މަރާލާނެކަމުގެ އިންޒާރު ދޭތީ މާލެއިން ފިލައިގެން ދުރަށް ދާންޖެހުނީ ކަމަށް ބުނިއިރު އެއީ ކާކުކަން ލައިޝާ ސިއްރުކުރިއެވެ. ލައިޝާއާއި މަންމަ ވިލިމާލޭގެ ފެރީ ޓާމިނަލަށް ފޭބިއިރު އައިދަން އެދެމައިން ބަލާ އައިސްފައި ހުއްޓެވެ. ދެމީހުން ބަގީއަކަށް އަރުވާފައި އައިދަން ބުނި ހިސާބަކަށް ގެންގޮސްދޭން ބުނެލާފައި އޭނަ ދިޔައީ ސައިކަލުގައެވެ.

ލައިޝާމެން ތިބެން ހަމަޖެހުނު ގެ ކުޑަވެފައި ރީތިކަމުން ލައިޝާ ހުރީ އާޝޯޚުވެފައެވެ. ގޭގެ ކުރިމަތީގައި ފިނިފެންމަލާއި ސަންފްލާވަރ ކުޑަ ބަގީޗާއެއް އޮތެވެ. ގޭތެރެއަށް ރާޅުޖަހާ އަޑު އިވެމުންދާތީ މޫދު އޮތީ ދާދި ކާރީގައި ކަން ލައިޝާ ދެނެގަތެވެ. އޭނަ އެއްގޮތަކަށްވެސް މިހާ ކުރު މުއްދަތެއްގައި މިހާ ހިތްގައިމު ހިސާބަކުން ގެއެއް ލިބިދާނެކަމަށް ހިޔެއް ނުކުރެއެވެ.

"ތެންކިއު އައިދަން، މިގެ ހާދަ އަރާމޭ، ކިހާވަރަކަށްތަ ދޭން ޖެހެނީ....." ޒުލްމާ އަރާމުކޮށްލަން ގެއަށް ވަދެލުމުން އައިދަންއާއި އެކުގައި ބޭރަށް ނުކުމެލާފައި ލައިޝާ އައިދަންގެ މޫނަށް ބަލާލައިފިއެވެ. ފާއިތުވެގެންދިޔަ އަހަރު ދުވަހުގެ ތެރޭގައި އައިދަން ތަންކޮޅެއް ހަރުވެ، ފިރިހެންވަންތަ ކަން އިތުރުވެފައިވާހެން ހީވިއެވެ. ގަދަބުމައާއިއެކު ފެންނަ އަޅި ދެލޯ ހަލާކުކޮށްލާފައިވަނީ ކިތައް އަންހެންކުދިންގެ ހިތްކަމެއް ނޭގެއެވެ.

"އަގު ހަމަޖައްސާނީ އަހަރެން، އެކަމާއި ނުވިސްނާ...." އައިދަން ހިނިތުންވެލިއެވެ. ކޮންފަދަ އޯގާތެރި ހިނިތުންވުމެއް ހެއްޔެވެ؟ އެހާ ބޮޑު އިހުސާންތެރި ކަމެއްގައި ބަނދެވެން ލައިޝާ ބޭނުމެއް ނޫނެވެ. ކަޔާންގެ ފައިސާއަކީ އޭނަގެ އެއްޗެހިކަމަށް ކަޔާންވަނީ ބުނެފައެވެ. ކަޔާން ދުނިޔޭގައި ހުރެ އޭނަގެ ގާތަށް އަތުވެއްޖެއްޔާ އައިދަންގެ ފަރާތުން ލައިޝާ އެއްޗެއް ހޯދިކަން އެނގި ރުޅިއަތުވެދާނެއެވެ. އެފަދަގޮތެއް ވާކަށް ލައިޝާ ބޭނުމެއްނުވިޔަސް އައިދަންގެ ހިތުގައި ޖެހިދާނެފަދަ ވާހަކައެއް މިވަގުތު ބުނާކަށް ބޭނުމެއްނޫނެވެ. އައިދަންގެ ދިރިއުޅުމާއި ބެހޭގޮތުން ލައިޝާ ސުވާލުކުރަން ފެށުމުން އައިދަން ސިއްރެއް ބުނެދިނެވެ. އޭނަ އޮފީހުން ލިބުނު ކޯހެއްގައި ޔޫކޭއަށް ގޮސްގެން އުޅެނިކޮށް ދަރިއަކުނެތް ދެމަފިރިއަކާއި ދިމާވެގެން އެމީހުންވަނީ އައިދަން ދަރިއެއްގެ ގޮތުގައި ބަލައިގެންފައެވެ. އެމީހުންގެ ގެ އައިދަންއަށް ރެޖިސްޓްރީކޮށްދީ އަތުގައިވާހާ ފައިސާވެސް އައިދަންއަށް ހިބަކޮށްދިނީ އައިދަން އެކަމާއި ދެކޮޅު ހަދަނިކޮށެވެ. އިންސާނާގެ ނަސީބު އަތުގައި ހިފަންވެއްޖެއްޔާ ކޮންމެފަދަ ހާދިސާއެއްވެސް ހިގާފާނެއެވެ. 

"ލައިޝް، މިހާރު އަހަރެންގެ އަތުގައި ފައިސާ އެބަހުރި، އަހަރެން މިހެން އުޅޭތީ މީހަކަށް ނޭގެނީ، ކޮބާތަ ކިވީ؟" އައިދަންގެ ހިތަށް ކެތްނުވެގެން އެންމެފަހުން ހިތުގައިވާ ސުވާލުކޮށްލައިފިއެވެ.
"ވިޝާންއާއި އިންނަން ޑޭޓްވެސް ކިޔައިގެން އުޅެނީ...." ލައިޝާ ހިތާމަވެރި ޚަބަރެއްދިނެވެ.
"އޯ....ކޮންމެގޮތެއް ވިޔަސް އަހަރެމެން ދުވަހަކުވެސް ވިޝާން ވަރެއްނުވާނެ، އެމީހުން ވަރަށް ރޯޔަލް ބަޔެއްނު ދޯ....." އައިދަން ފުން ނޭވަޔެއް ދޫކޮށްލިއެވެ. އޭނަ ހީކުރީ މިހާދުވަސްވާއިރު އެދޭތެރޭގައި ކޮންމެވެސް މައްސަލައެއްޖެހި ދެމީހުން ދެ މަގުން ހިނގައިދާނެކަމުގައެވެ. އެހެން ހީކުރާންވީ ކީއްވެ ހެއްޔެވެ؟ ކީވާވެސް އެހާ މޮޅު ޒުވާނަކު ލިބެން ހުއްޓާ ދުރަކަށް ނުދާނެއެވެ. ވިޝާން ދެލޯ އަނދިރިއެއް ނޫނެވެ. ކީވާއަކީ ވެލިތަކުގެ ތެރޭގައި ވިދާ ޖަވާހިރެކެވެ. ވިޝާން ހަމަހޭގައި ހުރެގެން ކީވާ ދޫކޮށެއްނުލާނެއެވެ.

"ޝާހީ ފެމިލީއެއް ވީމަ އެމީހުންނަކަށް އަހަރެމެން ކަމަކުނުދާނެ، ކިވީއަށްވެސް ހިޔެއްނުވޭ އެގޭގައި ހަމަޖެހިލައިގެން އުޅެވިދާނެހެން، ކިވީ އަދި ރިގްރެޓްކުރާނެ...." ލައިޝާ ބަލަންހުރީ މާތަކުގެ ތެރޭގައި އުދުހެމުންދާ ކޮކާތަކަށެވެ. 
"ނުކުރިއްޔާ އަހަންނަށް ރަގަޅީ، ވަރަށް އުފާވާނެ ކިވީ އުފަލުގައި އުޅެންޏާ، ލައިޝް ދެން ކޮންމެފަހަރަކު ކޮލެޖަށްދާންވީމަ މާލެ ދާކަށްނު ޖެހޭނީ، ތިބުނާ މީހަކަށް ފެނިއްޖެއްޔާ ވާނީ ކިހިނެއްތަ؟ " އައިދަން މާޔޫސްވިނަމަވެސް އެކަން ލައިޝާއަށް ނުދައްކަން މަސައްކަތްކުރިއެވެ.
"އަހަރެން އުޅޭނީ ހިޖާބުގައި، އަހަރެން ކޮލެޖަށްދާކަން އޭނައަށް އެނގިގެން ނުވާނެ......" ލައިޝާ ހީލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. އޭރު އިރުއޮއްސުމުގެ ކުލަވަރު އުޑުމަތިން ފެންނަން ފަށައިފިއެވެ. ހީވަނީ އުޑުމަތީގައި އެކި ކުލަތައް ޖެހެމުންދާ ހެންނެވެ. ވައިރޯޅިތަކުގައި ލޮނުގެ އަސަރު ކުޑަކޮށް އެކުލެވޭތީ ތެތްކަމެއް ހުއްޓެވެ. މި މާހައުލުގެ ސަބަބުން ލައިޝާގެ ހިތަށް ކުޑަފިނިކަމެއް ލިބި ދިރިއުޅުން ކުރިއަށް ގެންދާން ލިބުނު ބާރަކަށްވިއެވެ. ވިޝާން އޭނަ މާ ދުރަށް ފޮނުވާލަން އުޅުނަސް އޭނަ އެހާ ފަސޭހައިން އޭނަގެ ކަޔާން އާއި ދުރަކަށް ފޮނުވައެއް ނުލެވޭނެއެވެ. ކަޔާން ފަހަރެއްގައި މާލެ އަޔަސް އޭނައަށް ފެންނާނީ އޭރުންނެވެ. އެދެމީހުން ދިރިއުޅުނު އެޕާޓްމެންޓާއި "ކެންޒިއާ" ކާރިންވެސް އޭނަ ބުރު ޖަހާނެއެވެ. ކޮލެޖުން ކަޔާން ހޯދަދިން ޑިގްރީވެސް ފުރިހަމަކުރާނެއެވެ. ވިޝާން ބޭނުންގޮތަކަށް ލައިޝާގެ ދިރިއުޅުމާއި ކުޅެލެވިދާނެކަމަށް ހީކުރަންޏާ ވިޝާން އެހެރީ ކުށްހީއެއްގައެވެ. ވިޝާންއަށް އޭނަ ނޭގުނީއެވެ. ދަސްވެފައި ނުވަނީއެވެ. އޭނައަކީ ކިހާ ޕޮޒިޓިވް ކުއްޖެއްކަން ވިޝާންއަށް ވިސްނިފައި ނެތީއެވެ. ލައިޝާގެ ހަޔާތުން ވިޝާންއަށް ދަސްވެފައިވަނީ މަދު ސަފުހާތަކެކެވެ.

އެދުވަހު އައިދަން ދިޔައީ އެމީހުންނާއި އެކީގައި ސައިބޮއިގެންނެވެ. އައިދަން ދިޔުމަށްފަހު ލައިޝާ ތަނެއްގައި ބުރަކަށި ޖައްސާލީ ދަތުރުގެ ވަރުބަލިކަން ފިލުވާލާށެވެ. އެންމެ ފުރަތަމަ ހުޅުލެއަށް ދިޔައީވެސް އޮޅުވާލާށެވެ. ވިޝާން އޭނަ އައްޑޫއަށް ގޮސްފައި ގުޅަން ބުނި ނަމްބަރަށް ލައިޝާ ގުޅައިގެން އެމީހާ ގާތު އާދޭސްކޮށްގެން އެމީހުން އެރަށަށް ނާންނަ ވާހަކަ ވިޝާން ކާރީގައި ނުބުނަން އެމީހަކު ވައުދުވިއެވެ. އެހެންނޫނަސް ވިޝާން އަނގައިން އެއްޗެކޭ ކިޔަސް ކަޔާން މަރާލަން ނުކެރޭނެއޭ ހިތަށް އެރީ ކީއްވެކަން ނޭގެއެވެ. ބައެއްފަހަރު ޝައްކު ކުރެވޭގޮތެއްވެސް ވެއެވެ. ކެންޒީ އެކްސިޑެންޓްކޮށްލީ ވިޝާންއަށް ވެދާނެއޭ ހިތަށް އެރިއެވެ. އެ އެކްސިޑެންޓްގެ ހަގީގަތް ކަޔާންވަނީ އޭނައަށް ފޮރުވާފައެވެ.

އެރޭ ލައިޝާ އޮތީ ނުނިދިފައެވެ. ގާތުގައި މަންމަ ނިދާލާފައި އޮތްއިރުވެސް އޭނަ އޮތީ ބިރުގެންފައެވެ. މިރަށް އަމާންވާނެ ބާވައެވެ. ވަގަކު ނުވަންނާނެހެއްޔެވެ؟ ކުޑަދޮރުތަކުގައި ފްރޭމް ޖަހާލާފައި ހުއްޓަސް އޭނަގެ ޔަގީންކަމެއް ނެތެވެ. ބެއަރގައި ބައްދާލައިގެން އޮތްއިރު ކަޔާންގެ މަތިން ހަނދާންވެ ދޭތެރެއަކުން ރޮވޭގޮތްވެއެވެ. ވިޝާން މަނާކުރިޔަސް އެ ސިމްލައްވަން ހިތަށް އެރީ ކިތައްފަހަރު ކަމެއްވެސް ނޭގެއެވެ. 

"އޭނަކަން ނޭގޭ އަހަންނަށް މެސެޖްކުރި މީހަކީވެސް، އަފްރާޒު އޭ ހީކުރެވުނީތީ ދެރަވެއްޖެ، އަފޫ އެހާ ނުބަޔެއްނުވާނެ، ވިޝާން ކަހަލަ ޑެވިލްއެއް ކެންއާއި ބެހޭގޮތުން އެކަހަލަ މެސެޖްކުރާނީ، ކުރިން ނުވިސްނުނީ ކީއްވެތަ، އެއީ ހަމަ އެ ނުލަފާ ވިޝާން ގަނޑު......." ލައިޝާ ހިތާހިތުން ކިޔާލިއެވެ. ޚިޔާލުތަކެއްގެ ތެރޭގައި ފީނަން އޮތްވާ ވަރުބަލިވެގެންގޮސް ނިދުނުއިރެއްވެސް ނޭގުނެވެ. ހޭލެވުނީ ދޮރުގައި ދަމާފައި ހުރި ފަރުދާތައް ފުރާނާލާފައި މޫނަށް އަވި އެޅެން ފެށީމައެވެ. އޭރު ރަންދޯދިތައް އެ ދޮން ފައިތިލައިގާ ބޮސްދީ މަޑު ހޫނުކަމެއް ފަޔަށް ވެރިކޮށްލާފައިވެއެވެ.

"ލައިޝާ، ފޯނެއް...." ޒުލްމާ ފޯނު ގެނެސްދިނުމުން ލައިޝާ ފޯނު އަތުލާފައި މަންމަ ކާރިން އެއްޗެއް އަހާލަން ބަލައިލިއިރު މަންމަ ފެންނަ ހިސާބަކު ނެތެވެ.
"ކާކުތަ؟ "ލައިޝާ ތެޅިތެޅިވާ ހިތަކާއިއެކު ސުވާލުކޮށްލައިފިއެވެ.

ކޮމެންޓް 0