ލައިޝާ ފެންޑާއަށް ނިކުތުމުންވެސް ރޭންޖް އެހާ ރަގަޅަކަށް ނުލިބުނެވެ. ދިހަވަރަށް ފަހަރު ގުޅައިލުމުންވެސް ލިބޭ ޖަވާބަކީ ފޯނު އޮތީ ނިވާލާފައި ކަމެވެ. ލައިޝާ ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ގެއަށް ވަންނަން އައިއިރު ސަލްމާ އުނދޯލީގައި އިށީދެލައިގެން އަވަށްޓެރި މުސްކުޅި އަންހެނެއްކަމަށްވާ ފާތިމައާއި ވާހަކަ ދައްކައިލަން އިނެވެ. ފާތިމަ މުސްކުޅިކަމުން ހިނގާބިގާވެ އުޅޭވަރެއްނުވިޔަސް އަސާގެ އެހީގައި އެގެއަށް އައުމަކީ އާދައެކެވެ. މިފަހުން ނައިސް ހުރީ އާއިލާ މީހުންނާއިއެކު ބޭހަކަށް އިންޑިއާގައި ހުރީމައެވެ. ފާތިމަ ފެނުމުން ލައިޝާ އޭނަގެ މާމަ މަތިން ހަނދާންވިއެވެ. މާމަ ދުނިޔޭގައި ހުރިއިރު ލައިޝާ މާމަދެކެ އިންތިހާއަށް ލޯބިވިއެވެ. އޭނަގެ އުމުރުން ބާރައަހަރުގައި މާމަ ނިޔާވިޔަސް އަދިވެސް އެހަނދާންތައް ހިތުގައި ރައްކާކުރެވިފައިވެއެވެ.

ލައިޝާ ފެނުމުން ފާތިމަ ލައިޝާގެ އަތުގައި ހިފައިގެން ސަލާމްކޮށްލުމުން ލައިޝާ ހިތްހެޔޮކަމާއިއެކު ވާހަކަދެއްކިއެވެ. ކޮންމެ އުމުރެއްގެ މީހަކާއިވެސް އެކުވެރިވާކަހަލަ ގޮތެއް ލައިޝާގެ ހުރުމުން ފާތިމައާއި އަނގަތަޅާލަން އިދެވުނީމަ ފޫހިފިލިއެވެ. ކީވާ ސިޓިންރޫމަށް ނިކުތްތަނާ ލައިޝާ ގޮވާލުމުން އައިސް އެތާހުރި ސޯފާއެއްގައި އިށީދެ ފާތިމައަށް ބަލައިލީ ހިތްހެޔޮ ނަޒަރަކުންނެވެ. ފާތިމަ ލައްވާ ލައިޝާ ކިޔުއްވީ ހަންޑި ވާހަކަތަކެވެ. ކޮންވެންޝަން ސެންޓަރު ކާރީގައި އޮންނަ "ގޯވާ މަގު" ކިޔާ ގޯޅީގައި ހިނގާފައިވާ ރޫޙާނީ ޙާދިސާތައް ކިޔައިދޭން ފެށުމުން ދެކުދިންގެ ގައިން ހީބިހިނެގިއެވެ. ދާދިފަހުން އެ ޢިމާރާތް ބިނާކުރިއިރު ޒުވާނަކަށް އެ ހިސާބުގައި ކުރިމަތިވި ހާދިސާވެސް ކިޔައިދިނެވެ. ލައިޝާއާއި ދެކުދިން ޝައުގުވެރިކަމާއިއެކު ފާތިމައާއި ވާހަކަދައްކާލަން ތިއްބާ ވަގުތު ދިޔަގޮތެއްވެސް ނޭގި އިރުއޮއްސިއްޖެއެވެ.

ފާތިމަ ދިޔުމުން ދެކުދިން މަޣުރިބު ނަމާދުކުރުމަށްފަހު ޤުރުއާން ކިޔަވަންތިބިއިރު މިރޭ ލައިޝާއިނީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ކިރިޔާ އަޑެއް އިވިލިޔަސް ސިހިފައި ދޮރާއިދިމާލަށް ބަލައިލެވެނީ ދެލޯބޮޑުކޮށްލާފައިއެވެ. ކީވާ ހުރީ ތަންކޮޅެއް ގަދަކޮށްލައިގެންނެވެ. ލައިޝާ ހަމަޖެހިލައިގެން އުޅޭ ކުއްޖާ ބިރުން އުޅެން ފެށީމަ ކީވާއަށް ހިތްވަރު ލިބުނީކަން ނޭގެއެވެ. އެހެންނޫނަސް ލައިޝާ މިގޮތަށް ނާޒުކް ބައި މިދައްކާލީ އަލަށެވެ. މިހުރިހާ ދުވަހު އޭނަ ޖިންނިން އިންސާނުންނަށް އުދަގޫކުރާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ނަމަވެސް ފާތިމަ ގެ ވާހަކަތަކަށްފަހު ލައިޝާގެ ހިތަށް ބިރުވެރިކަމެއް ވަދެއްޖެއެވެ. ބޮޑެތި ގަސްތައް ގިނަތަންތާ ރޫހާނީ ކަންތައް ހުރެދާނެކަމަށް ހިތް އެއްބަސްވިއެވެ.

"ލައިޝް، އަހަރެން ބޮޑަށް ބިރުގަންނަނީ ވަގުންދެކެ، ޖިންނިންދެކެ ބިރުނުގަނެއޭވެސް ނޫން........ ސްޓިލް ހިތަށް އަރާ ވަގުން މާ ނުލަފާކަން ދައްކާނެއޭ........." ކީވާ ދޮރުފޮތިގަނޑު ރަގަޅަށް ދަމާލައިފިއެވެ. ނަސީބަކުން މިގޭ ހުރިހާ ދޮރުތަކެއް ހުންނަނީ ދަނގަޑު ތޭރިތައް ޖަހާލާފައެވެ. ވަގުންނަށް އެހާ ފަސޭހައިން ނުވަދެވޭނެއެވެ.

ބިރަކުން ނޫނޭ...." ލައިޝާ ކުދި ދަތްތައް ފެންނަވަރަށް ހީލާފައި ޚަތިމް ބޭއްވިއެވެ. ލާފައި ހުރި ޓީޝާޓްކޮޅު ހިއްލައިލަމުން ތުނި ބަނޑު ދައްކައިލިއެވެ.

"ކިވީ އައިމް ސްޓާވިން، މިރެއަށް ކޯންޗެއްތަ ކެއްކީ، ތަންކޮޅެއް ފިނިރެއެއްވީމަ ނިކަން ކުޅިކޮށް ނޫޑުލްސް ސޫޕް ބޯލާހިތްވަނީ......" ލައިޝާ ޑްރެސިންޓޭބަލް ކައިރީގައި ހުއްޓިލާފައި އިސްތަށިގަނޑު ރީތިކޮށްލާފައި ލޯޝަންކޮޅެއް އަތުގައި ހާކަންފެށިއެވެ. މީރުވަސްދުވާ އެއްޗެއްސާއި ދޯހަޅިކަމުން ލައިޝާ މީހަކާއި ކާރިވެލައިފިއްޔާ އަބަދު ދުވާނީ ލުއި މީރުވަހެކެވެ. 

"ނަތިން ސްޕެޝަލް، ރޮށްޓާއި ބިސްރިހަ...... މިގޭ ކާފައަށް ޗަސްބަތާއި ތަރުކާރީ..... އެކަމަކު ދެން ސޫޕް ހަދައިދީފާނަން...." ކީވާވެސް ދޮޅި ބޭލުމުން އެ ބުޅި އިސްތަށިގަނޑު ހާމަވެގެން ދިޔައެވެ. 

"ކިވީ ކިހާ ރަގަޅު، މީހަކަށް މިހާ ބެސްޓް ސިސްއެއް ނުލިބޭނެ، އެވަރުންވެސް އެ ސަލްމާ ޑައިނު ހީކުރަނީ ހުރިހާ މަސައްކަތެއް ކުރާ ރަގަޅު މީހަކީ މަ ކަމަށް ދޯ، އެހެންވީމަކަން ނޭގޭ ކިވީ ދެކެ ރުޅިއައިސްފައި އެހުންނަނީ، އަހަރެން މިރޭ ހަގީގަތް ހާމަކުރާނަން، ޝީ ކޭން ހޭޓް މީ، އަހަރެން ހިތަކަށް ނާރާނެ އެކައްޗެއްވެސް، ހޫމް، އެއީ އަސްލު ސަބަބު، ކިވީ މަސައްކަތެއްނުކޮށް ފޮނިވެގެން އުޅެނީކަމަށް ހީކުރީ، އައި ވިލް ޓެލް ހާރ ދަ ޓްރުތް......." ލައިޝާ އެއްޗެކޭ ނުބުނެ އަމިއްލަ ނަފުސާއި ހިތާއިހިތުން ވާހަކަދައްކަން ހުރެފައި އެނބުރި ބަލައިލިއިރު ކީވާ ފެންނާކަށް ނެތެވެ. ކީވާއަށްޓަކައި ލައިޝާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ކީވާއަށް އަންގައިނުލައި އޭނަ ސަލްމާއާއި ޒުބްދާ ގާތު ހަގީގަތް ކިޔައިދޭނީއެވެ. ކީވާގެ ރަގަޅުކަން އެދެމީހުންނަށް އަންގާދިނީމަ ހިތް ސާފުވެދާނެއެވެ. އޭނަ އެ ވާހަކަ އެމީހުން ކާރީ ބުނިކަން ކީވާއަށް ނާންގާނީއެވެ.

"ކިވީގަނޑާ، އަހަރެން ގަމާރެއް ނޫންތަ؟ މިއޮތް ހުރިހާ ދުވަހު އެކަން ވިސްނައިގަންނާކަށް ނޭގުނު، މަންމަ ގާތުގައި ސަލްމާ ދައްތަ އަހަރެން މަސައްކަތްކުރުވާ ވާހަކަ ބުނުވަން އަހަރެން މިގޮތަށް ހެދީ، މަކަރުހަދާއިރު ކިވީއަށް އެމީހުން އެހެން ކަންތައްކުރަނީ މަގޭ ސަބަބުންކަމެއް ނޭގުނު... އިޑިއަޓް ލައިޝާ އައި ހޭޓް ޔޫ....." ލައިޝާ ލޯގަނޑުންފެންނަން ހުރި އޭނަގެ ރީތި ސޫރައާއި ދިމާލަށް ދޫ ނެރެފައި ވައްތަރެއް ޖައްސައިލިއެވެ.

ލައިޝާ ކާކޮޓަރިއަށް ދިޔައިރު ބަދިގެ އެއްވަސްވެފައިވަނީ ނޫޑުލްސް ސޫޕްގެ ކުޅުދިޔާވާފަދަ މީރުވަހުންނެވެ. 
"ލަވް ޔޫ ކިވީ ފުރުޓް......" ލައިޝާ ކީވާގެ ގައިގާ ކުޑަކޮށް ބައްދާލާފައި އެތަށި ޖަހައިގަތީ ބަނޑަށް ޖެހިފައިވާކުއްޖެއް ފަދައިންނެވެ. ކީވާ އާއި ދެކުދިން ކާން އިށީދެފައި ކޮންމެވެސް ވަރަކަށް އައިދަންގެ ވާހަކަދެއްކިއެވެ. ބިއްތަކުގައިވާ މޮޅު ކުރެހުންތަކަކީ އައިދަންގެ ކަމަކަށްވާނެ ބާވައޭ އެކުދިން ހީކުރިއެވެ. އެވާހަކަވެސް ދެކެވުނެވެ. އައިދަން ހުންނަ ސިފައަކާއި އޭނަގެ ހޮބީސްތަކާއި ބެހޭގޮތުން ހިތަށްއެރިގޮތަށް ޚިޔާލު ފާޅުކުރެވުނެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. އައިދަންއަކީ މިއުޒިކަށް ލޯބިކުރާ ޒުވާނެކެވެ. ކުދި ކުދި ވާހަކައިގާ ތިބިއިރު މަންމަ އޭނަގެ ގާތުގައި ދައްކަން އުޅުނު ސިއްރާއި ބެހޭގޮތުން ވާހަކަދައްކަން އުޅެފައިވެސް ލައިޝާ ހިމޭންވިއެވެ. ފަހަރެއްގައި އެއީ މަންމަ ލައިޝާ ގާތުގައި އެކަނި ބުނަން ބޭނުން ވާހަކައަކަށްވެސް ވެދާނެއެވެ. ކީވާ އޭނަގެ ހިތަށް އެރި އެއްޗެއްވެސް ސިއްރުކުރިއެވެ. ސަލްމާމެން ލައިޝާ އައިދަން އާއި ގުޅުވަން ނިންމާފައިވާކަމަށް ހިތް ބުންޏަސް ކޮންމެވެސް ސަބަބަކާއިހުރެ އެ ވާހަކަދައްކަން ފަސްޖެހުނެވެ. ކީވާއަށް އައިދަންގެ ނަން އިވުނީއްސުރެން އެ ނަން ޚާއްސަވެއްޖެއެވެ. އޭނަގެ މަންމައާއި ވައްތަރުވީނަމަވެސް އައިދަން ރަގަޅު ޒުވާނަކަށް ވެދާނެއޭ ހިތް ބުނާ ސަބަބެއް ކީވާއަށް ނޭގެއެވެ.

މީރުކޮށް ކާން އިނދެފައި ލައިޝާ އާދައިގެ މަތިން ސީލިންއަށް ބަލައިލިއިރު އެދިމާލުން މަތީގައި ހޯނު އިންތަން ފެނުމުން ލައިޝާގެ މޫޑު ޚަރާބުވީ އިންތިހާއަށެވެ. އޭނަ ވަގުތުން ތަށި މަތިޖަހާފައި ދުއްވައިގަތީ ކުނިފޮހެން ގެންގުޅޭ ފިހިގަނޑެއް ބަލައެވެ. ކީވާ އިނީ މަޖާވެފައެވެ. ހޯނެއް ފެނިގެން ކީވާއަކަށް ގޮތެއް ނުވާނެއެވެ. އެކަމަކު ކުރަތްޕެއް ނޫނީ ފައިދިގުމަކުނެއް ފެނިއްޖެއްޔާ ހުރިތަނަށް އޭނަ ހަނާވެދާނެއެވެ. ލައިޝާ ފްރިޖްކާރީގައި ގޮނޑިއެއް ބަހައްޓައިގެން އަރާފައި ފިހިގަނޑުން އޭތި މަރާލަން އުޅެނިކޮށް ނަސީބުދެރަކަމުން އަތުން ޖެހިފައި ފްރިޖްމަތީގައި ހުރި ބިއްލޫރިވާސްއެއް ވެއްޓުނެވެ. ސިހިފައި ފިހިގަނޑުން އަތް ދޫކޮށްލެވުމުން މޭޒުމައްޗަށް ވެއްޓި އެތާހުރި ރިހަބޯތަށިވެސް ބަންޑުންވެއްޖެއެވެ. ކީވާގެ ކަރުތެއިން ހަޅޭކެއްގެ ތޫނު ހަޅޭކެއްގެ އަޑު ބޭރުވިއެވެ.

"ވަޓް އަ މެސް...." ލައިޝާ ބޯ ހޫރާލިއެވެ. އަމިއްލައަށް ކުރިކަމެއްގެ ޒިންމާ ނަގާފައި އެތަން ސާފުކުރަން އޭނަ ގަސްތުކުރިތަނާ ސަލްމާ ދޮރުހުޅުވާލާފައި ވަދެއްޖެއެވެ. އޭނަ ހީކުރީ ކީވާ ކޮންމެވެސް ސަކަރާތެއް ޖަހާލައިގެން އުޅެނީކަމަށެވެ. އަލިފާނުގެ ބެލުން ކީވާއަށް އަމާޒުވުމުން ކީވާ ބިރުގަތްނަމަވެސް ވަގުތުން އެއްބަސްވީ އޭނައަތުން ކުރެވުނުކަމެއް ކަމަށެވެ. ސަލްމާ އާދައިގެމަތިން އެތިވަރެއް ގޮވާލައިފިއެވެ. މިރޭ އެހެންމީހުން ކާނެ އެއްޗެއްނެތީމަ ކުޅިމަސް ހަދަން އެންގިއެވެ. އެހެންވާނެތާއެވެ. ޒުބްދާވެސް ޕިންކްބެރީއަށް އަންނަގޮތަށް ކާން އަންނާނީ މިގެއަށެވެ.

ލައިޝާ އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓަސް ސަލްމާދެކެ ވަރަށް ފޫހިވިއެވެ. ނަމަވެސް މަންމަގެ އެކުވެރިއަކަށްވީތީ އިހުތިރާމްކުރުން މުހިއްމުކަން ދަނެއެވެ. ތިމާއަށްވުރެ ބޮޑެތިމީހުންނާއި ރީތިބަހުން ނޫނީ ވާހަކަނުދައްކަން މަންމަ އެތައްފަހަރެއްގެ މަތިން ބުނެދީފައިވާނެއެވެ. ކެތްކޮށްލައިގެން ހުރެ ލައިޝާ އެތަނުން ނުކުމެގެންގޮސް ކޮޓަރިއަށްވަންއިރު މޫނުމަތިވަނީ ރަތްވެފައެވެ.

ލައިޝާއާއި ކީވާ އެކީގައި ޕިންކްބެރީއަށްގޮސް އުޅުނީ އެކަން ހަނދާންނައްތާލާފައި އަވަދިނެތިއެވެ. މަހުގެ ކުރީކޮޅުވީމަ މުސާރަ ނަގައިގެން އެކުވެރިންނާއި އާއިލާތައް ގޮވައިގެން އަންނަ ކަސްޓަމަރުން ގިނަކަމުން ހުރިހާ ގޮނޑިތަކެއްހެންވަނީ ފުލްވެފައެވެ. ނުހާ މީހުންނަށް ސާރވްކުރަން ދިޔައިރުވެސް ލައިޝާއިން ތަނުން ގުޑާނުލިއެވެ. އެހެންނޫނަސް އޭނަގެ ޚިޔާލުވަނީ އެހެން ދިމާލެއްގައެވެ. މަންމައަށް ނުގުޅިގެން އެކަމާއި ފިކުރުބޮޑުވިއެވެ. ކީވާއާއިމެދު ބޭއިންސާފުން ކަންތައް ކުރެވޭތީ އެކަމާއި އެހާ ވިސްނިއެވެ. ކޮންމެ ކަމެއް ކީވާގެ ބޮލުގައި އަޅައިގެން ހުރެ ލައިޝާގެ ކުށްތައް ފޮރުވާތީ އެއަށްވުރެ ދެރަވިއެވެ. ބިލްހެދިއިރު ކޮންމެވެސް ވަރަކަށް ލައިޝާގެ އަތުން ގޯސްތައް ހެދުނެވެ. އެންމެ ފަހުން ބޮލުގައި ރިއްސަނީކަމަށް ބުނެފައި އޭނަ އެކަނި އެވަރޓަންއަށް ވަންއިރު ސަލްމާއާއި ޒުބްދާ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ.

"ސަލްމާދައްތާ، އަޅުގަނޑު ވާހަކައެއް ބުނެލަން ބޭނުން...." ލައިޝާ ގެއަށް އައުމާއިއެކުހެން ބޮލުގައި ރިއްސުން ފިލައިފިއެވެ. އެހުރިހާކަމެއްގެ ހައްލު ވިސްނުނީ ސަލްމާއާއި ޒުބްދާ އެއްތަނަކުން ފެނުނީމައެވެ. ކަންތަކެއް ބޮލުގެ ތެރޭގައި ބަހައްޓައިގެން ހުރުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ.

"ވަޒީފާއެއް ލިބުނީތަ؟ އަވަހަށް އިށީދޭ.." ސަލްމާ އުނދޯލީގެ އަނެއް ފަޅީގައި ހުރި ހުސްތަން ދައްކައިލުމުން ލައިޝާ އެތަނުގައި އިށީންއިރު ތުންފަތުގައި މަޑު ހިނިތުންވުމެއްވިއެވެ. އެ ވާހަކަ ދައްކަން ހިތަށް އެރުމުންވެސް ސިކުނޑިން ހީވީ އެތައް ހާސްޓަނެއްގެ ބުރަދަން ލުއިވިހެންނެވެ.

ލައިޝާ ކިޔައިދޭން ފެށީ ކުރީދުވަހު އޭނަ ކުނި ނައްތައިލަން އުޅެނިކޮށް ކަންތައް ހިނގިގޮތެވެ. މިރޭ ހިނގި ހާދިސާވެސް ހިނގީ އޭނަގެ ސަބަބުން ކަމަށް ބުނެދިނެވެ. މާލޭގައި މަންމަ ގާތުގައި އުޅުނުއިރުވެސް އޭނަ ދުވަހަކު މަސައްކަތެއް ނުކުރާކަމަށާއި އެފަދަ އެކްސިޑެންޓްތައް ހިނގާލެއް ގިނަވެފައި އޮންނަކަމުގައެވެ. އޭނަގެ ހެދުންދޮވެ އިސްތިރިކޮށްދީ ކައްކައި ހަދަނީ ކީވާ ކަމަށާއި މިރަށަށް އައިފަހުންވެސް ސަލްމާމެންނަށް އޮޅުވާލައިގެން އުޅުނީކަމަށް އޭނަ ކިޔައިދިނެވެ. އެ ވާހަކަދައްކަން ޖެހުނީ އޭނައަށް ކީވާއާއި ދޭތެރޭގައި ސަލްމާމެން ދެކޭގޮތް ބަދަލުކުރުވަން ކަމަކަށް ލައިޝާ ނުބުނެއެވެ. ލައިޝާ މަސައްކަތްކުރީ ކީވާގެ ރަގަޅުކަން އެމީހުންނަށް އަންގާށެވެ. އެދެކުދިންގެ ތެރެއިން ކީވާ މާ ބޮޑަށްވެސް ރަގަޅުވާނެކަމަށް ސީދަލަށް ލައިޝާ ބުނެލިއެވެ.

"އެއީ މައްސަލައެއްނޫން، އެކަމަކު ލައިޝާވެސް ކަންތައްކުރަން ދަސްކުރަންވާނެ، ދައްތަމެން ކަންތައްކުރާއިރު ބަދިގެއަށް ވަދެ ކަންތައް ދަސްކޮށްބަލަ، މީހަކާއި އިނީމަ އެމީހެއްގެ ހެދުން ދޮވެ އިސްތިރިކޮށް ކައްކާދޭން ޖެހޭނެއްނު. އެހެންނޫނީ ވަރަށް ފަސޭހައިން ކައިވެނި ރޫޅިދާނެ....." ސަލްމާ އެކަން މާބޮޑުކަމަށް ހަދާނުލިތާގައި ކީވާއަށް ތައުރީފުކޮށްފައި އެންމެ ޖުމްލައެއްވެސް ބުނެނުލިއެވެ. ލައިޝާއަށް ކައިވެނި މުހިއްމެއްނޫނެވެ. ކައިވެންޏަކާއި ހަމަޔަށް ދާނީ އަދި ކޮން ދުވަހަކުންހެއްޔެވެ؟ އޭނައަކީ އަދި ފުރާވަރުގެ އަންހެންކުއްޖެކެވެ. ލޯބިވެރިޔެއް ހުރީއެއްނޫނެވެ. އެފަދަ ޚިޔާލެއް ކުރެވޭނީވެސް ހަރުދަނާ ގުޅުމެއްގެ ތެރެއަށް ވަދެވިގެން ނޫންހެއްޔެވެ؟ ނަމަވެސް ލައިޝާ އިނީ ސަލްމާކިޔާ ކޮންމެ އެއްޗަކަށް ހީލައިގެން އެއްބަސްވުމުގެ ގޮތުން ކޮންމެވެސް އެއްޗެކޭ ކިޔާލަކިޔާލައެވެ.

ސަލްމާއަށް ހަމީދު ގޮވަންފެށުމުން ޒުބްދާއާއި ދެމައިން އެތެރެއަށް ވަނެވެ.

"މިހާރު އަންޑަސްޓޭންޑް ވާނެކަން ނޭގޭ، ދެން މާދަމައިން ފެށިގެން ޗޭންޖްވާނެކަން ޔަގީން، ސަލްމާދައްތަ ދެން ރުޅިގަނޑު ބާލާނީ އަހަންނަށްކަން ނޭގޭ...." ލައިޝާގެ ރީތި ދެލޮލުގެ ވިދުވަރުގަދަވިއެވެ. އެކަނި ކޮޓަރިއަށް ދާންވީމަ ޖެހިލުންވެފައި ކީވާ އަންނާންދެން އޭނަ އިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. އެކި ޗެނެލްތައް ޖައްސަމުންދަނިކޮށް އިނގިރޭސި ފިލްމެއް ދައްކަން ފެށުމުން ގަޔާވެލާފައި ބަލަން އިންއިރު ބައެއްފަހަރު ދައްކާލާ މަންޒަރަކުން އެކަނި އިނދެ ރަކިވެގެން ނިޔަފަތީގައި ދައިގަނެވެއެވެ. ކަންބޮޑުވެފައި އަވަސްއަވަހަށް އެހެން ޗެނެލްއެއް ޖައްސައިލެވެއެވެ. ފާފައެއްކުރެވެނީ ކަމަށް ހީކުރެވެނީއެވެ. އެފަދަ އެއްޗެހި ބެލުން މަނާވާނެ ކަމުގައި އޭނަ ޔަގީންކުރިއެވެ. އެންމެ ފަހުން ފިލްމު ނިމުނީމަ ޓޮމް އެންޑް ޖެރީ ބަލާފައި ހޭންއިނުމުން ސިކުނޑި އިތުރަށް ހުޅުވި ހުރިހާ ޚިޔާލުތަކެއް ހިތުން ފޮހެވިގެން ހިނގައްޖެއެވެ.

ކީވާ ގެއަށް އައީ ލައިޝާ އުފާވާވަރުގެ ބޮޑު އައިސްކޯނަކާއި ޕޮޓޭޓޯ ޗިޕްސް ދަޅެއްހިފައިގެންނެވެ. ލައިޝާ ހުންނަނީ އައިސްކްރީމާއި ޗޮކްލެޓްދެކެ މޮޔަވެފައެވެ. މިފަހަކަށް އައިސް ލޮނުއެއްޗެހީގެ ތެރެއިން ޗިޕްސްއަށް މާ ދެވިހިފައިގެން އުޅޭ ދުވަސްކޮޅެކެވެ. އެއްޗެހި ކިތަންމެ ވަރަށް ކެޔަސް ލައިޝާގެ ހަށިގަނޑުގެ މަސްތަކުން އެންމެ އައުންސެއްވެސް އިތުރެއްނުވެއެވެ. ކީވާ ބުނާގޮތުން ލައިޝާގެ މެޓަބޮލިކް ރޭޓް ތަންކޮޅެއް މަތީ އެވެ. ހައިޕަރކޮށް އުޅޭކުއްޖަކަށްވާތީ ބޭނުންވަރަކަށް ކެވިދާނެއެވެ. ކީވާ އެގޮތަށް ބަލާނުލައި ކައި ނޫޅެއެވެ. ކެއުމަށް އެހާ ފޯރިއެއްވެސް ނުހުންނަނީއެވެ.

"އަހަރެން ހިތަށް އެރި ވާސް ތެޅުނީމަ ބަދަލުގައި މިރޭ ވާސްއެއް ގަނެލައިގެންނޭ އަންނާނީ، އެކަމަކު އެހާ ދުރަށް ދާކަށް ނުކެރުނީ، ދުވާލު ފިހާރައަކަށް ދާނީ ދޯ...." ކީވާ ކޮޓަރިއަށްވަދެ ވަރުބަލިވެފައިވާ ގޮތަކަށް މޯޅިއަކަށް ދެމިލިއެވެ. ހަގީގަތުގައި މިއަދު އޭނަ އުޅުނީ ވަރަށް އަވަދިނެތިއެވެ. ހެދުނު ހޭލިގޮތަށް ކޮންމެވެސް ކަމަކާއި އުޅެފައި ނޭވާލެވޭވަރު މިވީ ކިރިޔާއެވެ. ހަށިގަނޑުގެ ހުރިހާ ސެލްތަކެއް ގޮވަނީ އަރާމުކުރުމަށެވެ. 

"ކިވީ ވިއްޔާ ވާސްތަޅާލީ، ގަނެދޭން ޖެހޭނީ ހަހަ...." ލައިޝާ ބާލީހަކުން ކީވާގެ ގައިގާ ޖެހިއެވެ.
"ޔޫ ޝުޑް ބީ އެޝޭމްޑް ގާލް، އަހަރެން ބޮލުގައި އަޅުވާފައި ހިނިއައިސްފައި މާ އިނޮސެންޓްވެގެން އުޅޭއިރު ސަލްމާދައްތައަށް ތިއީ ކުޑަ އިބުލީހެއްކަން އެނގޭނެނަމަ......" ކީވާ ހެމުންގޮސް ފާޚާނާއަށް ވަދެ ދޮރުލައްޕާލައިފިއެވެ. ކީވާ ނުކުތީ ތާޒާވެލައިގެން ވުޟޫކޮށްލައިގެންނެވެ. މަޑުއޮރެންޖްކުލައިގެ ނިދާ ހެދުމެއްލައިގެން ހުރިއިރު ކީވާގެ އޮމާން ހަށިގަނޑު ފެންނަލެއް ނިކަން ރީއްޗެވެ. މަޑުތަންމަތީގައި ޖައްސާލިގޮތަށް މިރޭ ކީވާ ބޭނުންވީ ނިދާލާށެވެ. ދެކުދިން އާދައިގެ މަތިން އެކި ވާހަކަތައް ދެއްކިއެވެ. ލައިޝާ މިރޭ ބެލި ފިލްމުގައިވާގޮތް ކިޔައިދިނެވެ. ވާހަކަދައްކަން ތިއްބާ ދެކުދިން ދާދިއަވަހަށް ނިދީގެ ފޮނި އާލަމަށް ދަތުރުކޮށްފިއެވެ. ލައިޝާ ބާލީހުގައި ބައްދާލައިގެން ނިދާލާފައި އޮތްއިރު ނިދީގައިވެސް ހީވަނީ ހީލާހެންނެވެ. އުފާވެރިކަމުގެ އިންތިހާއެވެ. ރީތި ހުވަފެނެއްގައި އޮތީހެން ހީވެއެވެ.

ހެދުނު ހޭލިތަނާހެން ލައިޝާމެންނަށް ލިބުނީ ހިތާމަވެރި ޚަބަރެކެވެ. ހަމީދު ތަންކޮޅެއް ބަލިވެގެން ހޮސްޕިޓަލަށް ގެންދާން ޖެހުނީއެވެ. އެއީ ހުކުރުދުވަސް ކަމަށްވާތީ ކީވާ ގޭގައި ހުންނަން ޖެހުނުކަން އެއީ ނަސީބެކެވެ. ސަލްމާ ނޫޅޭތީ ގެ އޮތީ ހިތަކަށް ލިބިފައެވެ. ދެކުދިން ކުރާނެކަމެއް ނޭގިގެން އެތަންމިތަން ހާވަމުންގޮސް ގޭގެ ވަޅުކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން އެބަޔަށް ވަނެވެ. މިގެ ކޮންމެވެސް ވަރަކަށް އާސާރީގޮތެއް ހުރެއެވެ. ނަމަވެސް ވަޅުކޮޓަރިއަށް ވަނުމުން ހީވީ އިހުގެ ދުނިޔެއަކަށް އާދެވުނުހެންނެވެ. އެއްފަރާތުގައި ހަދާފައިވާ ނަމާދުގޭގައި އޮތީ އޮމާން ތަޅުން އަޅާފައި މުސައްލާތައް އަޅާފައެވެ. ކުޑަ ހަރުގަނޑެއްގައި ދީނީފޮތްތަކާއި ޚަތިމުތައް އަތުރާލާފައިވެއެވެ.

"ވާއު، މިއީ ސަލްމާދައްތަގެ ޚާއްސަ ބައި.....މަ ވެސް ދެން ރޫމަށް ނަމާދަކަށް ނާރާނަން، މިތަން ކިހާ ޕީސްފުލް، މިސްކިތަކަށް ވަދެވުނުހެން ހީވީ......މިހާ ބޮޑެތި ގެތަކުގައި ނަމާދު ބަޔެއްހުރީމަ ވަކިން ބޮޑަށް އާސާރީ.........." ލައިޝާ އެތަނުން ނިކުމެން ވަނީ ވަޅު ހުރި ބަޔަށެވެ. އެ ވަޅުގެ ކާރީގައި ސިމެންތިން ހަދާފައިވާ ފެންވަރާ ބިލިގާއެއް ވާތަން ފެނުމުން ދެކުދިންނަށް މަޖާވެލާފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ހޫނުދުވަސްތަކުގައި ފެންވަރަށް ރަގަޅުވާނެއެވެ.

"އިންޓެރެސްޓިން، ހޮލީވުޑް ފިލްމެއްގެ ސީންއަކާއި ވައްތަރީ........" ކީވާ ވަޅާއި ދިމާލަށް ގުދުވެފައި ހަޅޭއްލަވައިގަނެވުނެވެ. ފެންގަނޑު ހާދަ ފުނެވެ. އެންމެ ރަގަޅެވެ. އެހާ ފުންނުވިޔަސް ވަޅުގެ ބޮޑުކަމާއި ހަތަރުވަރަކަށް ފޫޓްފެންގަނޑު ފެނުމުން ގައިން ހީބިހި ހަލުވައިލިއެވެ. އޭނަ ވަގުތުން ލައިޝާގެ އަތުގައި ބާރަކަށް ހިފައިލުމުން ލައިޝާގެ އަތަށް ތަދުވިވަރުން އަތްނައްޓުވަން އުޅެގަތެވެ.

"ކާމް ޑައުން ކިވީ، މިތާ ޖިންނިއެއް ނެތޭ ކިވީ އުފުލާލާފައި ވަޅަށް ވައްޓާލާކަށް..." ލައިޝާ ހީލިއެވެ. އޭނަ އެދިމާލުން ވަލަށް ނިކުމެވެން ހުރި ދޮރުފަތުގައި ހިފާލުމުން ނިކުމެވެނީ އެކިވައްތަރުގެ ގަސްތައް ހެދިފައި އޮތް ތަނަކަށެވެ. އެގޭ ބަދިގޭގެ ސްޓޯރު ބައިންވެސް ވަދެވެނީ މި ވަލުތެރެއަށް ކަން ޔަގީންވިއެވެ. ބަދިގެއާއި ގުޅިފައި ހުންނަ ސްޓޯރުން ވަލަށް ނިކުމެވެން ހުންނަ ދޮރުގައި ބޮޑުތަޅު އަޅުވާފައި ހުންނާތީ އެކުދިންނަށް ދުވަހަކު އެބައިން ބޭރަށް ނިކުމެވިފައިނުވާތީ މި ވަލަށް ވަދެވުމުގެ ނަސީބެއް ނުލިބުނީއެވެ. ލައިޝާގެ ލޮލުގައި އަޅައިގަތީ ފާރުކާރީގައި އޮތް ރަންކަށި ވިނަގަޑެވެ. ގޭގެ ކަންމަތީގައި ތިރިކޮށް ހެދިފައިވާ ގަހުގައި ދޮން ޖޭމުބަރާވެފައި ހުރިއިރު ރީތިކަމުން ކީވާ އުޅުނީ ކެމެރާއާއިގެން ފޮޓޯނެގުމުގައި އަވަދިނެތިއެވެ. ލައިޝާ މޮޑެލްއަކަށްވެގެން ކީވާ ބުނާހާތަނެއްގައި ބުނާގޮތަކަށް ހުއްޓިލައިގެން ހުރެއެވެ. ބައެއްފަހަރު ކޮންމެވެސް ނުލަފާ ވައްތަރެއް އަނގަޔަށް ޖައްސާލައިގެން ހުރެއެވެ. ކޮންމެ ގޮތަކަށް ހުއްޓަސް ލައިޝާ ރީތިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. ދެކުދިން ސަކަރާތްޖަހައި ހީހީފައި އެތާ އުޅުނު ވަގުތު ކީވާވެސް އެއްވެސް އެހެން ކަމެއް ހަނދާންހުރިހެން ހިޔެއްނުވެއެވެ. 

ކީވާ ކައްކަން އުޅެނިކޮށް ލައިޝާ ދެވަނަފަހަރަށްވެސް އެ ބައި ބަލައިލަން އެތަނަށް ވަނެވެ. ޖެހިގެން ހުރި ގޭ ފާރުގައި އިން ބާކޮޅަކުން ބަލައިލުމުން އެގޭގެ ވަލުތެރެ ރީއްޗަށް ފެންނަން އޮތެވެ.

"މިހެން އުޅުނީމަ ފީލްވަނީ އެޖެންޓެއްހެން، މީހުންނަށް ޖާސޫސް ކުރެވޭނެ، އެކަމަކު ދެރައީ މިގޭގައި ދިރިއުޅެނީ މުސްކުޅި ޓީޗަރަކަށްވާތީ، ކްލައުސް ހާ ސަޅި ވެމްޕަޔެއް މިގޭގައި އުޅޭނެނަމަ ކިހާ މަޖާވާނެ......" ލައިޝާ އެބާކޮޅުން ބަލަން ހުރިއިރު ތަފާތު ޚިޔާލުތައް ކުރެވުނެވެ. އޭރުން އޭނަގެ ޑައިރީގައި އަލީނާފަދައިން ކޮންމެވެސް ކަހަލަ ތަފާތު ވާހަކައެއް ލިޔެވިދާނެއެވެ. ދިރިއުޅުން މާ އާދައިގެ ގޮތަކަށް ދާތީ ބައެއްފަހަރު ފޫހިވެސް ވޭމެއެވެ. އުމުރުން ނަވާރައަހަރު ފުރުނުއިރު އެހާ ބޮޑުކަމެއް ނުހިނގިއެވެ. ހިތްއެދޭފަދަ ފިރިހެންކުއްޖަކުވެސް ފެނުނީއެއް ނޫނެވެ. ރީތި މީހުން އުޅެއެވެ. މިރަށުންވެސް ފެނެއެވެ. ނަމަވެސް ފިލްމުތަކާއި ވާހަކައިން އެބުނާފަދަ ކަރަންޓުގެ އަސަރެއްނުކުރެއެވެ. ހިތްއަވަސްވެ ކަކުލުހުޅުން ވާގިދޫވެ އެފަދަ ލޯބީގެ އެއްވެސް އަސަރެއް ނުކުރެއެވެ. އޭނަގެ ނަސީބުގައި ލޯބި މިންވަރުކުރައްވާފައި ނެތީކަން ނޭގެއެވެ. ލޯބި އިޝްގު ދީވާނާ އެފަދަ ލަފުޒުތައް މުހިއްމުވާނެ ދުވަހެއް އަންނާނެނަމައެވެ. އައްޑޫއަށް އައުމުން ހަޔާތް ބަދަލުވާނެކަމަށް ހީކުރެވުނީ ރަގަޅަކަށް ނޫނެވެ. ލައިޝާ ފާރާއި ދުރަށް ޖެހިލިތަނާހެން ކީވާ ދޮރު ހުޅުވާލިތަން ފެނުނެވެ.

"ލައިޝް......ކީއްކުރަނީ، އެކަނި ތިހެން މި ޖަންގަލީގެ ތެރެއަށް ނުވަދެބަލަ...ފާރުމަތިން މީހަކު އަރާ ގެންގޮސްފިއްޔާ......" ކީވާ ބޮޑު ދެލޯ އަދި ކުރިއަށް ވުރެ ބޮޑުކޮށްލިއެވެ.

"ހެހެ، ރީތި ޕްރިންސެއް ފާރުމަތިން އަރާފައި ގެންދާނެނަމަ ވަރަށް ރޮމްވާނެ ދޯ...." ލައިޝާއަށް ކޮންމެވެސް ވަރަކަށް ހިތުގައިވާ އެއްޗެއް ބުނެވުނެވެ.

"މިރަށުގައި ތިބުނާ ޕްރިންސެއްނޫން އުޅޭނީ، ޕާޓޭއެއް ނޫނީ ވަގެއް ނޫންތަ އަންނާނީ...." ކީވާ ހުރީ ބިރުގެންފައެވެ. ލައިޝާ މިގޮތަށް އެކަނިމާއެކަނި ވަލުތެރެއަށް ވަދެގެން އުޅެނިކޮށް ކަމެއްވެދާނެތީ ޒިންމާވާނީ ކާކުހެއްޔެވެ؟ އެވަގުތު ލައިޝާގެ މަންމަ ޒުލްމާ ގުޅާފައި ބުނީ އެމީހުން ތިބީ ފަރުބަދަމަތީގެ ރަށެއް ބަލަން އައިސްފައި ކަމަށާއި މިރޭ އަދި ގުޅާނެކަމުގައެވެ. މީހުން ގިނަކަމުން ލައިޝާގެ ހިތުގައިވާ ސުވާލުތަކެއް ނުކުރެވުނެވެ. މަންމަގެ ސިއްރު އޮޅުން ފިލުވާހިތުން އޭނަގެ ހިތަށް ކެތްވަނީ އެއްނޫނެވެ. މަންމަ ބުނަން އެއުޅެނީ މުހިއްމު ވާހަކައެއްކަމާއި މެދު ޝައްކެއްނެތެވެ. ވިސްނަ ވިސްނާ ލައިޝާގެ ސިކުނޑިއަކަށް އެކައްޗެއްވެސް ނުވަނެވެ.

"ޒުބް ގުޅާފައި ބުނި ފްރިޖްގައި އޮތް ކުކުޅު ފިހެލާފައި ބަތްކައްކާށޭ، ދެން ފޮނި އެއްޗެއް ތައްޔާރުކޮށްލަން، ހުކުރުވީމަ ސްޕެޝަލްވާނެތާ، އެކަމަކު ލައިޝް ބުނެދޭންވީ ހަދަންވީ ކޮން ފޮނި އެއްޗެއްކަން، ކައްކާފޮތުން ބަލާދީ....." ކީވާ ކުކުޅު ނަގައިގެންގޮސް ފެނަށް ލައިގެން ފިނިކަން ކަނޑުވަން އުޅެގަތެވެ. އޭރު އޭނަ ހުރީ ފިޔާ މިރުސްފަދަ އެއްޗެހި ކޮށާފައެވެ. ލައިޝާ ވެސް ކޮންމެވެސް އެއްޗެއް ވިސްނާލާފައި ކީވާއާއި އެހީވާން އުޅެގަތެވެ. އަނބުޖޫސް ގިރާލާފައި، ތާނގީއިން ފުޅިތަކަށް ފެންލާފައި ފްރިޖަށް ލާދިނެވެ. އެފަދަ ކުދިކަންތައް ކޮށްދިނުމުންވެސް ކީވާއަށް ނިކަން ފަސޭހަވިއެވެ. ލައިޝާގެ ކަންނެތްކަން ފިލައި އެފަދަ ކަންތަކާއި ބައިވެރިވާނެނަމަ ހާދަ އަވަހަށް ދެކުދިންނަށް މަސައްކަތް ނިންމައިލެވުނީހެވެ. ކާން މޭޒުމަތި ތައްޔާރުކޮށްލާފައި ކީވާ މަޑުން ހުންނާކަށް ނޫޅުނެވެ. ކޮޓަރި ސާފުކޮށްލާފައި ހެދުން ދޮވެ ހިއްކަން އަޅަންފެށިއެވެ.

"އަހަރެމެން ގާލްސްއިން ލޭޒީކަމުން ދޯ ކޮންމެ ގެއަކަށް ބަންގާޅީކުދިން ގެންނަން މިޖެހެނީ...." ލައިޝާ ކީވާގެ މަސައްކަތް ދެކެން އަނބުގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައި އިނެވެ. ދޭތެރެއަކުން އާޗީ ކޮމިކުން ތަންކޮޅެއް ކިޔާފައި ހީގަންނައިރު ކޯތާފަތަށް އެޅޭ އަޑިކޮޅުން އެ މޫނުމަތި ވަކިން ރީތިވެގެން ދެއެވެ.

"ލައިޝްވެސް މީހަކާއި އިނީމަ އަދި ފަހަރެއްގައި ކަންނެތްކަން ފިލާފާނެ. ލައިޝްއަށް ލިބޭނީ ވަރަށް ރިޗް މީހެއްކަން ނޭގޭ......" ކީވާ ލައިޝާއަށް ބަލައިލީ ހިނިތުންވެލަމުންނެވެ.

"އޮފްކޯޒް އިޓްސް މައި ޑްރީމް، އެކަމަކު ކިވީ ތިހެން ހިތަށް އެރީ ކީއްވެތަ؟ ކިވީއަށްވެސް ހަމަ ރިޗްމީހެއް ލިބިދާނެ.....އަހަންނަށް ރަގަޅީ ފަސޭހަ ދިރިއުޅުމެއް، ނޯކަރުން ތިބީމަ މިގޮތަށް ވާހަކަކިޔަން އޮވެވޭނެ، ނެނީސް އިން ތިބީމަ ކިޑްސްއިން ބަލައިދޭނެ....... "ލައިޝާ ގެ ދެލޮލުގެ ބެބުޅުން އިތުރުވިއެވެ. ކޮންމެއަކަސް މީހުންނާއި އިނުމާއި، ލޯބި މި މައުޟޫ މިފަހަކަށް އައިސް ލައިޝާ ގަޔާވާ ވާހަކަތަކަށް ވާންފެށިއެވެ. ލޯބީގެ ވާހަކަތަކާއި ފިލްމުބަލާހިތުން އުޅެވެއެވެ.

"ޕޮޒިޓިވްކޮށް ވިސްނާކުދިންނަށް ފަހަރެއްގައި ކަންތައް ވާނީ ރަގަޅަށް......." ކީވާ މަސައްކަތްތައް ނިންމާލާފައި ގޮސް ލައިޝާގެ ގާތުގައި އިށީދެއްޖެއެވެ.

"ކިވީވެސް ޕޮޒިޓިވްވެބަލަ، އަބަދު ކަމެއް ނުވާނެއޭ ހިތަށް އަރުވަންޏާ އެކަމެއް ނުވާނެ، މީހުން ބުނޭ ނެގަޓިވް މީހުންނާއި ދުރަށް ދުވާށޭ ނޫނީ އެގޮތަށް އެމީހަކުވެސް އަނބުރައިލަފާނެއޭ......" ލައިޝާ ގެ ވާހަކައިން ކީވާ ނުތަނަވަސްވިއެވެ.

"އަހަރެން އެގޮތަށް ވިސްނާއިރުވެސް ލައިޝް އަނބުރައިނުލެވޭ...ތިވާހަކަ ގަބޫލު ނުކުރެވެއެއްނު....." ކީވާ ބުމަކާރިކޮށްލިއެވެ.
"އަހަރެން މާ ބޮޑަށް ޕޮޒިޓިވްވީމަކަން ނޭގޭ......." ލައިޝާ ހީލިއެވެ. ކީވާއަށް އެ ވާހަކަތައް ގަބޫލުކުރެވުނެވެ. ހަގީގަތުގައި ލައިޝާގެ އުފާވެރިކަމުން ބަޔެއް އޭނައަށް ނުފޯރާނެނަމަ އޭނަ މިހާރު މޮޔަވެއްޖައީސްކަން ނޭގެއެވެ. ލައިޝާގެ ސަބަބުން އޭނަގެ ދިރިއުޅުމުގައި ކޮންމެވެސް ކުލަތަކެއް ޖައްސައިދީފިއެވެ. އޭނައަކީ ފޮޓޯނަގަން ކުޅަދާނަކުއްޖެކެވެ. އެހެން ނަމެއްގައި އެފްބީ ޕޭޖެއް ހަދައިގެން އެތައް ތިރީހަކަށް ހާސްމީހުން އޭނަގެ ޕޭޖާއި ގުޅިފައިވާއިރު އޭނަ ލާ ކޮންމެ ފޮޓޯއަކަށް އެތައް ބަޔަކު ތައުރީފުކުރެއެވެ. މޫދާއި އިރުއޮއްސޭ މަންޒަރުންފެށިގެން ގަހެއްގެ ފޮޓޯލިޔަސް އެ ފޮޓޯއިން އޭނަގެ ހުނަރު ހާމަވެއެވެ. ނަމަވެސް އޭނަ ހުންނަނީ ފޮރުވިގެންނެވެ. އެއީ ކީވާގެ ފޮޓޯތައްކަން އެނގޭނީ ކާކަށްހެއްޔެވެ؟ ލައިޝާ ދެކޭގޮތުން ކީވާ ފޮރުވިފައިވާ ބޮލީގެތެރެއިން ނިކުންނަން ވެއްޖެއެވެ. ކީވާގެ ހަގީގަތް އެހެންމީހުންނަށް އެނގެންވެއްޖެއެވެ.

ކީވާ ފެންވަރަންވަނީ އިރުއޮއްސެން އުޅެނިކޮށެވެ. ލައިޝާ ޓީވީ ބަލަން އޮވެލާފައި އެހާ ކަމުދާ އެއްޗެއް ނުދައްކާތީ ހިނގާލަން ވަލުތެރެއަށްވަނެވެ. އޭނަ ދޮންޖޭމުތައް ބިންނަންއުޅުނީ ކާހިތަކުންނޫނެވެ. ރީތިކަމުންނެވެ. އެހެން އުޅެނިކޮށް ފަތްތައް މުރުމުރުވާފަދަ އަޑެއް އިވެންފެށުމުން ލައިޝާގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. މިގަޑީގައި އުޅޭނީ ޖިންނި ޕްރިންސެއްކަން ނޭގެއެވެ. ލައިޝާ ބިރުން ދުއްވައިގަންނަން އުޅެފައި އަމިއްލަ ފިނޑިކަމާއިމެދު ހިނިއަންނަ ގޮތްވިއެވެ. މަޣުރިބު ނަމާދަށް ބަންގި ނުގޮވަނީސް އެފަދަކަމެއް ނުފެންނާނެތާއެވެ. އިރުކޮޅަކުން ނޭފަތަށް ދުމުގެ އަސަރުކޮށްގެން ލައިޝާ ނޭފަތުގައި އަތްއެޅިއެވެ. ކޮންމެވެސް މީހަކު އެއްޗެއް އަންދަނީކަން ނޭގެއެވެ. އެތާހުރި މީހަކު ބަލާލާފައި ނޫނީ އޭނަ މިތަނުން ނުދާނެއެވެ.

"ހާދަ އިންޓެރެސްޓިން އޭ، ކިވީ ގާތުގައި ބުނަން ޖެހޭނެ، މާލޭގައި ތިބޭއިރުވެސް ބެލްކަނީއިން ބައެއްފަހަރު މިގޮތަށް އެހެން މީހުންގެ ހަރަކާތްތަކަށް ފާރަލެވޭ، ނަމަވެސް މިއީ އަދި މާ މަޖާކަމެއް، އެކަކަށްވެސް ނޭގޭނެ ފާރުގައި ހުންނަ ހޯލްއަކުން ޖާސޫސް ކުރެވޭނެ ކަން، މިގޭގައި ހުންނަ ބެގަނޑު ޑްރަގް ނަގަން ހުރެދާނެ، މޮބައިލުން ޕިކްއެއް ނެގޭނެނަމަ..........." ލައިޝާ ފިޔަވަޅުގެ އަޑުނީވޭހާ މަޑުންގޮސް ފާރުގައިވާ ބާކޮޅުން ބަލައިލީ ލާނެތްގޮތަކަށް ހެވިލާފައި ހުރެއެވެ. ލައިޝާގެ ހިތް ހުއްޓި ނޭވާ އެތެރެހަށީގައި ތާށިވިކަމުގެ އިހުސާސް ކުރެވުނެވެ. މުޅިހަށިގަނޑުން ހީބިހި ނެގިހެން ހީވިއެވެ. އެސްފިޔަޖަހައިލަން ނޭގިފައި ހިލައިގެ ބުދެއްފަދައިން ލައިޝާއަށް ހުރެވުނީ އަނގަ ހުޅުވިފައެވެ.

"ނޫން ނޫން ނޫން....ނޮޓް ޕޮޒިބްލް....އަހަރެން މަރުވެދާނެ......." ލައިޝާ މޭގައި އަތްއަޅާލާފައި ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. އޭރު އޭނަގެ މޫނު ކަފަކޮޅެއްހެން ވެފައި ނިތްކުރީގައި ކުދި ދާތިކިތައް ވިދައެވެ. އެސްފިޔަތައް މަރާ ތަގުޅިކޮށްލައިގެން ހުރެފައި އަނެއްކާވެސް ލައިޝާ ބޭނުންވީ ޔަގީންކުރުމަށެވެ. ލޮލަށް ފެނުނު މަންޒަރަކީ ހުވަފެނަކަށް ވެދާނެތީއެވެ. ލައިޝާ ދެވަނަފަހަރަށް ފާރުގައިވާ ބާކޮޅުގައި ލޯ ޖައްސައިލިގޮތަށް މެސްމެރައިޒްވެފައި ހުރީ ދުނިޔޭގެ ހުރިހާކަމެއް ހަނދާންނެތިފައެވެ.

ކޮމެންޓް 0