ރުޅިވެރިކަމަށް ވުރެ ބޮޑަށް ހައިރާންކަން އެދެލޮލުން ފެނިގެން ދިޔައެވެ. ލައިޝާ އެބުނި އެއްޗެއްގެ މާނަ އެންމެ ފުރަތަމަވެސް ކަޔާންއަށް ނެގުނީ ލައިޝާ ބަލިވެއިނީ ކަމުގައެވެ. ކައިވެންޏަށްފަހު އެއީ އެންމެ ކައިރީގައިވާ ކަންތައް އެނގޭއިރުވެސް ބައެއްފަހަރު ފަރުވާކުޑަވެސް ކޮށްލެވުނީއެވެ. ހަދަންވީގޮތެއް ނޭގިއިން ކަޔާން ނިތްކުރީގައި ފިރުމާލާފައި މާދުރަށް ބަލައިލިއިރު ފެންނަނީ މުޅިންވެސް ފަޒާ ފުސްކުރަމުންދާ ވާރޭގެ ތިކިތަކެވެ. މޫސުމް ފަދައިން ކެންޒިއާގެ ތެރެވެސް އޭނަގެ ސަބަބުން ހަލަބޮލިވެފައިވެއެވެ. 

"ލައިޝް ދެން ކިހިނެއް ހަދާނީ؟ " ކަޔާން ލައިޝާގެ އަތަށް ފިތާލިއެވެ.
"ތިބުނީ......" ލައިޝާ ކަންބޮޑުވިއެވެ.
"ލައިޝް، ޕީރިއެޑް މިސްވެއްޖެއްޔާ އެންމެ ކުރިން ބަލަން ޖެހޭނީ ޕްރެގް ވެދާނެކަމަށް، އަހަރެން މިހާ ކަންތައްބޮޑުވަނީ އެހެން މީހުންނަށް މިކަންތައް އެނގިގެން ބޮޑު މައްސަގަނޑަކަށް ވެދާނެތީ، އެކަމަކުވެސް ޕެރްގްވެއްޖެއްޔާ އަހަންނަށް ޔަގީން އަހަރެން ދަރިފުޅު ނައްތާލަން އެއްވެސް ކަމެއް ނުކުރާނެކަން، އަހަރެން ހަމަ ހޭ ހުރެގެން އެފަދަ ކަމެއް ކުރަން ހިތަށްވެސް ނާރުވާނަން، އޭރުން އަހަރެން ޖެހޭނީ ކޮންމެވެސް ބަހަނާއެއް ދައްކާފައި ލައިޝް ރާއްޖެއިން ބޭރަށް ފޮނުވާލަން، ދަރިފުޅު ވިހަންދެން ލައިޝް އެކޮޅުގައި މަޑުކޮށްލަންވާނީ، އެނޫން އެހެން ގޮތެއްނެތް، އަހަރެމެން މިހާ ސިއްރުންކޮށްގެން އުޅޭކަމެއް އެހާ އަވަހަށް އެނގިގެނެއް ނުވާނެ ދޯ...." ކަޔާން ލައިޝާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލާފައި ހިނިތުންވެލިއެވެ.

ކަޔާން އާއި ލައިޝާ އޮފީހަށް ދިޔަމަގުމަތީގައި ފާމަސީއަކަށް މަޑުކޮށްލާފައި ކިޓެއް ގަނެލިއެވެ. އޭރު ލައިޝާގެ ހިތްވަނީ ތެޅިތެޅިއެވެ. މި ޓެސްޓް ގެ ނަތީޖާ ދައްކާގޮތަކުން އޭނަގެ ހަޔާތަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ. ބައެއްމީހުންގެ ދިރިއުޅުން ވަރަށް އެއްގޮތަކަށް ކުރިޔަށް ގޮސް ނިމިގެން ދާއިރު އަނެއް ބަޔަކަށް ދުނިޔޭގައި އެތައް ގުނަ ތަފާތު ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. ލައިޝާގެ ހަޔާތަށް ކަޔާން އައުމަށްފަހު މުސްތަގުބަލާއި ދޭތެރޭގައި ދެކެނީ ނިކަން ފޮނި ފޮނި ހުވަފެންތަކެވެ. އެ ހުވަފެންތައް ހަލާކުކޮށްލަން ވަރުޖިނާފަދަ ބައެއް މީހުން މަސައްކަތް ކުރާނެކަން ހިތަށް އަރާފައި ބައެއްފަހަރު ލައިޝާގެ ޅަހިތަށް ބިރުވެރިކަން ވަދެއެވެ. އެވަރުންވެސް ލައިޝާ ފިނޑިވެ ފަހަތަށް ޖެހޭކަށް ބޭނުމެއް ނޫނެވެ.

ކަޔާންއާއި ލައިޝާ އޮފީސް ނިންމާލާފައި އެޕާޓްމެންޓަށް ދިޔަގޮތަށް ލައިޝާ އަވަހަށް އުޅެގަތީ ޓެސްޓްހަދާށެވެ. ޓެސްޓް ނެގެޓިވްކަމަށް ދެއްކުމުން ލައިޝާ ގެ ލޮލުން ކަރުނައައީ ކީއްވެކަމެއް ނޭގުނެވެ. ބަލިވެއިނުމަކީ މި ދުވަސްކޮޅު އެހާ މަސްލަހަތު ރަގަޅުނުވެ ހިނގައިދާނެކަމެއްކަން އެނގޭއިރުވެސް ހިތަށް އަސަރުކުރާ ގޮތްވިއެވެ.

"ނެގެޓިވްދޯ......" ކަޔާންވެސް އުފަލެއްނުވިއެވެ. އަމިއްލައަށް އެ ސްޓްރިޕްކޮޅު ބަލާލާފައި މާޔޫސީގޮތަކަށް ޑަސްބިންއަށްލާފައި ލައިޝާ ގެނެސް މޭގައި ޖައްސާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ އޭނަވެސް ހުރީ ކޮންމެވެސް ވަރަކަށް އެ ޓެސްޓް ޕޮޒިޓިވްވާން ބޭނުންވެފައެވެ. އެކަމުންވެސް ކަޔާންއަށް އެނގުނީ ހަގީގަތުގައި ދަރިއަކު ބޭނުންވާ މިންވަރެވެ. ނަމަވެސް އޭނަގެ މައިންބަފައިން މިކަމުގައި ފައިވިއްދާލާފައިވާ މިންވަރު ހިތަށް އަރާފައި ދެން ފަރުވާތެރިވާން އަޒުމް ކަނޑައެޅިއެވެ. ދެމީހުންގެ ހަގީގަތް ދުނިޔެއަށް އެނގުމަށްފަހުގައި ނޫނީ ދަރިއަކު ނުހޯދާނީއެވެ. އެއީ ކުރިންވެސް އެމީހުން ރާވާފައިވާގޮތް ނޫން ހެއްޔެވެ؟

ހަވީރު އެޕާޓްމެންޓްގައި ހޭދަކޮށްލާފައި އޭނަ ގެއަށް ދިޔަގޮތަށް އެރޭވެސް ގެއިން ބޭރަށް ދާކަށް ނޫޅުނެވެ. ކެއީވެސް އެންމެނާއި އެކީގައެވެ. ކަޔާން ކެއުމުގައި ބައިވެރިވުމުން ރޭގަނޑުގެ ކެއުމުގެ މަޖުލިސް އިތުރަށް ފުރިހަމަވީކަމުގައި އޭނަ ދެކުނެވެ. ވަރުޖިނާ ހުރީ މިއިންދުވަހަކު ހިތްހަމަނުޖެހޭވަރަށް ހިތްހަމަޖެހިފައެވެ. ދަރިފުޅުގެ ކިޔަމަންތެރިވަރު ފެނިފައެވެ. ފަޚުރުވެރިވާފަދަ ދަރިއެކެވެ. ރޭގަނޑު ގެއިން ބޭރަށް ނުދާން އަޒީޒުއްދީން ހުރިހާ އެންމެނަށް ގަދަޔަށް ކުރި އަމުރުގެ ސަބަބުން އެންމެން އިޝާއަށްފަހު ކައިގެން ގޭގައި މަޑުކުރިއެވެ. ޒިއާމްވެސް މަންމަ ގާތުގައި ބުނީ އިޝާއަށްފަހު ދެން ދުވަހަކުވެސް ގެއިން ބޭރަށް ނުދާނެކަމުގައެވެ. ކަޔާން މަންމަމެންނަށް ޖެއްސުން ކުރާކަށްވެސް ނޫޅުނެވެ. ނޫނީ ރުޅިދައްކާލާފައި ކޮޓަރިއަށްވަދެ ތަންޑުއަޅައިގެން އޮންނާކަށްވެސް ނޫޅުނެވެ. ކައިގެން ސިޓިން ރޫމްގައި އެހެންމީހުންނާއި ބައިވެރިވެގެން ރާޒުވާ ކުޅެންއިންއިރު އެހެން ކަމަކާއި ޚިޔާލުކުރާހެނެއްވެސް ހިޔެއް ނުވެއެވެ. 

"އަހަރެންގެ ކަޔާން ނޫޅޭ އެ ލައިޝާ އަކާއި ހެދި، މިރޭ އަހަންނަށް ޔަގީންވީ، އެ ނުލަފާ އަންހެނާ މަގޭ ކުއްޖާއަށް ސިހުރުހަދަނީ، ކަޔާންގެ ފަހަތުން ނުފިލާ އަށްޓަމަހެއްހެން ތަތްލަވަން އުޅެނީ އޭނަ، މިރޭ ބޭރަށް ދާނީ އަހަރެން، މިރޭ އެ އަންހެނާހުރި ތަނަކުން ހޯދާލާފައި ރަގަޅަށް އަންގާނަން، މަގޭ ދަރިފުޅާއި ކާރިނުވާން އަންގާނަން، މަގޭ ދަރިފުޅުގެ ހަޔާތަށް ވިހަލާން އުޅޭ ސުތްޕެއް، ހަމަ ތެދެއް، އެ ސޫފީގެ ކަށިތަކުން ކަޔާން ސަލާމަތް ނުކޮށްފިއްޔާ މަގޭ ނަމަކަށް ވަރުޖިނާ ނުކިޔާނެ...." ވަރުޖިނާ މިރޭ ބާޒާރުކުރަން ދާނީކަމަށް ކިޔާފައި ތައްޔާރުވާންވެގެން އެތެރެއަށް ވަނެވެ. ފަނަރަވަރަކަށް މިނިޓްފަހުން ވަރުޖިނާ ތައްޔާރުވެލައިގެން ނުކުތްއިރު އަޒީޒުއްދީން ބައްލަވަންއިންނެވީ ޖަޒުބާތުން ފުރިގެންވީ ގޮތަކަށެވެ. މަންމައާއި ބައްޕަގެ ލޯބީގެ ނަޒަރުތައް އެއީ ކަޔާންމެންނަށް އާކަމެއް ނޫނެވެ.

ވަރުޖިނާ ބޭރަށް ނުކުމެފައި ކުއްލިއަކަށް ހަޅޭއްލަވައިގަތް އަޑަށް އެންމެން ކަންބޮޑުވެފައި ދޮރުމައްޗަށް ނުކުތެވެ. އޭރު ވަރުޖިނާ ބިންމަތިން ތެދުވަނީއެވެ. އަތަށް ވަރަށް ތަދުވެފައިވާކަން އެނގެނީ ލޮލުގައި ވިކަރުނައިންނާއި ރޯންފެށުމުންނެވެ. ވަރުޖިނާ ބުނިގޮތުން ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް ބުޅަލެއް ނުކުތުމުން ސިހުނުވަރުން ވެއްޓިފައި އަތަށް ތަދުވީއެވެ. ވަރުޖިނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގިއިރު އަތުގައި ރެދެއްލާފައި ހުރިކަން އެނގުމުން ވަރުޖިނާ ދެރަވެގެންގޮސް ހަލާކުވާވަރުވިއެވެ. ރަންދާމެން އޭނަ ވަށާލައިގެން ތިބެފައި އެކި ސުވާލުތައް ކުރަންފެށިއެވެ. އަންހެންވެރިން އެއްތަންވުމުން ދެކެވުނު ވާހަކައެއްގައި ކަޅުބުޅަލާއި ސިހުރު ގުޅުވާލި މީހަކީ ރަންދާއެވެ. ރަންދާ ބުނިގޮތުން ކޮންމެވެސް މީހަކު ވަރުޖިނާދެކެ ހަސަދަލީއެވެ. ސިހުރުހަދަންފެށީއެވެ. ވަރުޖިނާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ރަންދާގެ ވާހަކަ ގަބޫލުކުރެވޭގޮތްވިއެވެ. ނަމަވެސް އޭނަ އޮތީ ހިމޭނުންނެވެ. ސިހުރުގެ ވާހަކަތައް ދެއްކިޔަސް އޭނަ އެހާވަރަށް އެކަމަށް އީމާންވަނީއެއްވެސް ނޫނެވެ. 

ވިއްސާރަ ދުވަހަކަށް ވުމުން ކީވާ ހުރީ ކޮލެޖަށް ދާހިތްނުވެފައެވެ. އެހެންނޫނަސް އޭނަގެ އެކަނިވެރިކަމާއި ހިތަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މީހުންގެ ތެރެއަށް ނުކުމެ އުޅެވޭ ހިތްވަރެއްވެސް ނެތެވެ. ވިޝާން އޭނައާއި ވަކިވުމުން އެހިތަށް ލިބުނު މާޔޫސީކަމުގައި އެ ރޭ ނުވެސް ނިދުނެވެ. އެތައް އިރެއްވާންދެން ރޯން އޮތެވެ. އެއީ ވިޝާން އަށްޓަކައި އޮއްސި ކަރުނައެއް ނޫނެވެ. އަމިއްލަ ނަފުސަށްޓަކައެވެ. އަމިއްލަ ހާލާއިމެދު ހަމްދަރުދީވެފައެވެ. އޭނަދެކެ ލޯބިވާނެ މީހަކު ދުވަހަކު ނުލިބޭނެކަން ހިތަށް އަރުވާފައި ހިތް ކުދިކުދިވާވަރުވިއެވެ. ކީވާ ހީކުރާގޮތުން އޭނަހާ ބަދު ނަސީބު އަންހެންކުއްޖެއް މިއުޑު ހިޔަލަކު ނުވެއެވެ. ކީވާ ތައްޔާރުވެލުމަށްފަހު މަގަށް ނިކުމެލާފައި އުޑާއި ދިމާލަށް ބަލާލިއިރު ފެނުނީ އަޅިވިލާތަކެވެ. އޭނަގެ ތަބީއަތާއި ނިކަން ގުޅެއެވެ. އޭނަގެ އަނދިރި ދުނިޔޭގައިވެސް އަލިކަމެއް ނުވެއެވެ. މަޑުމޮޅިގޮތަކަށް އިސްއޮބާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދަނިކޮށް ތުނިކޮށް ވާރޭ ވެހިގަތެވެ. މަގުން ހިނގާލާފައި އެކިކޮޅަށް ދިޔަ މީހުންތައް ހިޔާވެލަން ދުއްވައިގަތެވެ. ކީވާވެސް ފިހާރައަކާއި ދިމާލަށް މިސްރާބު ޖެހިތަނާ އޭނައާއި ކައިރިއަށް ކާރެއް މަޑުކޮށްލައިފިއެވެ.

"ކިވީ، ކާރަށްއަރާ ބަލަ، ވާރެޔާއި ތެމުނީމަ ބަލިވެދާނެ....." މަޑުމައިތިރި އަސަރުގަދަ އަޑަކުން މީހަކު ވާހަކަ ދެއްކުމުން ކީވާ ބަލައިލިއިރު އެއީ އައިދަންއެވެ. ވާރޭ ތިކިތަކުގެ ތެރެއިންވެސް އައިދަންގެ އަޅި ދެލޯ ފެނުނީ ސިހުރުވެރިކޮށެވެ. ކީވާގެ ހިތް ބާރަކަށް ތެޅިލިއެވެ.

މިފަދަ ފުރުސަތެއް އުމުރު ދުވަހުވެސް ލިބޭނެކަމެއް ނޭގެއެވެ. ކީވާ ކުޑަކޮށް ހީލާފައި އަވަހަށް ކާރުގެ ފަހަތު ސީޓު ހުޅުވާލާފައި ކާރަށް އަރައިފިއެވެ. އޭރު ކާރުތެރޭގައި ހިފާފައިވަނީ ހިއުގޯ ބޮސްގެ މީރުވަހެވެ. އަދި ރީތި އިނގިރޭސި ލަވައެއް ޖަހާލާފައި ވުމުން އިތުރަށް ކީވާގެ ހިތް އަވަސްވެލިއެވެ. އައިދަން ކީވާއާއި އެކި ސުވާލުތައްކުރިއެވެ. މިއަދު ޑައިލިސިސް ހަދަން ނުދަންހެއްޔޭވެސް އަހައިލިއެވެ. އެކި ސުވާލުތައް ކުރަންފެށުމުން ހީވީ އެދޭތެރޭގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ މަޑުމަޑުން އުފުލެން ފެށިހެންނެވެ. އައިދަންގެ ރަގަޅުކަން ހިތަށް އަރާފައި ކީވާގެ ނުތަނަވަސްކަން ފިލިއެވެ. ހިތުގައިވާ ލޯބި ވަޅުޖަހާލާފައި އެކުވެރިކަމަށް ފުރުސަތުދޭން ކީވާ ނިންމިއެވެ. އޭނަ ވިޝާންއާއި އެކަށީގެންނުވާ މީހަކަށްވީއިރު ވަކި އައިދަންގެ ހިތުން ޖާގައެއް ލިބިދާނެ ހެއްޔެވެ؟ ރީތިކަމުގެ ގޮތުންބަލާއިރު އައިދަންއަށްވެސް ވިޝާންއާއި ވާދަކުރެވިދާނެއެވެ. އެހެރަ ދެލޮލެއްގެ ތަފާތު ކަމަކުންވެސް އަންހެންކުދިންގެ ހިތްތައް ގުރުބާންވާނެއެވެ. ވީއިރު ކީވާ ދެކޭ ގޮތުން އެފެންވަރުގެ ޒުވާނެއްދެކެ ލޯބިވުމަކީ ކުށެކެވެ.

"އަހަރެން އަންނަންތަ ނިމޭގަޑިއަށް ބަލާ...." އައިދަން އަހާލައިފިއެވެ.
"ތިއީ އައިދަންގެ ކާރެއްތަ؟ "ކީވާ ހައިރާންވިއެވެ.
"މީހެއްގެ ކާރަށްވިޔަސް އަހަންނަށް ނުދުއްވޭނެތަ؟ އާއެކޭ ބުނެބަލަ، ތިހާ ބަލިކުއްޖަކު އެކަނި ހިނގާފައި އެހާ ދުރަށްދާތީ ވަރަށް ދެރަވޭ....." އައިދަންގެ އެޖުމްލައިން ކީވާއަކަށް އުފަލެއް ނުލިބުނެވެ. ވީއިރު އެންމެންވެސް އޭނައަށް ހަމްދަރުދީވަނީ އޭނައަކީ ބަލިކުއްޖަކަށް ވާތީތާއެވެ.
"ވެލް......" ކީވާ ކުޑަކޮށް ހީލިއެވެ.
"ޕްލީޒް، މިހާވަރުގެ ކުޑަކަމެއް އަހަންނަށްވެސް ކޮށްލެވިދާނެ، އާއެކޭ ބުނެބަލަ، ނިމުނީމަ އަހަންނަށް މިސްކޯލެއް ދީފާނަންތަ؟" އައިދަން އެތައްވަރަކަށް ކިޔަން ފެށުމުން ކީވާ އެކަމަށް އެއްބަސްވިއެވެ. 

އެދުވަސްފަހުން އައިދަން ކޮންމެވަގުތެއްގައި ކީވާ ކޮލެޖަށް ގެންގޮސް ބަލާ ދާން ފެށިއެވެ. ކީވާ އައިދަންއާއި އެކީގައި ކޮލެޖަށް ދާ ތަން ފެނިފައި ވިޝާންގެ ހިތް ހަސަދައިން ފުރޭވަރުވިއެވެ. އެއްޗެއް ގެއްލުމުގެ މުހިއްމުކަން އިހުސާސް ކުރެވެނީ އަތުން ބީވެގެން ދިޔައީމައެވެ. ރީތި އަންހެންކުދިންނާއި އެކީގައި އުޅެލެވޭ އިރުވެސް ވިޝާންގެ ހިތް ކީވާއަށް ބޭނުންވާންފެށިއެވެ. ހިތަށް އައިހާ ގޮތަކަށް އުޅެނިކޮށް އެ އަންހެންކުއްޖާ ދެކެ އޭނައަށް ލޯބިވެވުނީ ބާވައެވެ. ރައަދު އޭނަގެ ހިޔަނިފަދައިން ފަހަތުން އުޅޭއިރުވެސް އެކުއްޖާއަށްޓަކައި މިފަދަ ގޮތަކަށް ހިތުގައި ވިންދު ނުޖަހަނީ ކީއްވެހެއްޔެވެ؟ ވިޝާން ކާރުގައި އެ މަންޒަރު ބަލަން އިންއިރު ހުރިހާ ބާރެއް ލެވުނީ ހުންގާނަށެވެ.

"އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް ކީވާ ހާސިލުކުރާނަން، އައިދަން މަރާލާފައިވެސް ހެޔޮ، ކީވާއަކީ އެކަނި މަގޭ ހައްގެއް، އަހަރެން ބަލާނަން ކާމިޔާބުވާނެ މީހެއް....."ވިޝާން ދަތްކުނޑިވިކާލާފައި ކާރު ދުއްވާލައިފިއެވެ.

ގެއަށް ދެވުނުގޮތަށް ވިޝާން އޭނަގެ މަންމަ ރަންދާ ގާތުގައި މީހަކާއި އިންނަން ބޭނުންވާ ކަމަށާއި އެކުއްޖާގެ ނަމަކީ ކީވާ ކަމުގައި ބުނެލިއެވެ. ކީވާގެ ހަގީގަތް އެނގުމުން ހީވީ ރަންދާގެ ގައިގާ ހުޅުހިފާލިހެންނެވެ. ވަގުތުން އޭނަގެ ދައްތަ ވަރުޖިނާއަށް ގުޅާފައި އެ ޚަބަރު ކިޔާދިންއިރު ރަންދާ ގެ ލޮލުން އަލިފާންކަނި ބުރައެވެ. އެމީހުންގެ ފިރިހެން ދަރިން އެއްވެސް އަގެއްނެތް އަންހެނުންތަކެއް ހަޔާތުގެ ބައިވެރިންނަށް ހަދަން އުޅޭއިރު ދެލޯ މަރާލައިގެން ދަރިންގެ އުފަލަށްޓަކައި ހިމޭނުން ތިބެންވީ ހެއްޔެވެ؟ ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހޭނެއެވެ. ރަންދާގެ އެންމެ ބޮޑު ހާސްކަމަކީ ވިޝާންގެ ގޮތް ދޫނުކުރުމެވެ. އަންހެންކުއްޖެއް ވިއްޔާ ރަންދާ ބޭނުންގޮތަކަށް ހެދިދާނެއެވެ. މައިތިރިކުރަން އުދަގޫވާނީ ފިރިހެން ދަރިންނެވެ.

ކީވާ ޑައިލިސިސް ހަދަން އައިއިރު ވިޝާން އެތާ ހުރުމުން ކީވާ ހުރީ ހާސްވާގޮތްވެފައެވެ. ވިޝާން ކީވާއާއި ވާހަކަދެއްކިގޮތުން އެދެމީހުން ދޭތެރޭގައި ހިނގިކަންތައް އޭނަ ހަނދާންހުރިހެން ހިޔެއްނުވެއެވެ.

"މައި ފެވް ގާލް، ކިހިނެއްތަ؟ ހާދަ ޕޭލްކޮށް މިއަދު ފެންނަނީ، ވިއްސާރަވީމަތަ، އާދޭ އޮށޯވެލާން..." ވިޝާން ޖެހިލުމެއްނެތި ކީވާގެ އަތުގައިވެސް ހިފާލައިފިއެވެ. ކީވާއަތް ފޮޅުވާލަން އުޅެފައިވެސް ހިތަށް ވިސްނައިދިނީ މިއީ އޭނަގެ ޑޮކްޓަރު ކަމުގައެވެ. ވިޝާން އޭނައާއި ހެދި ނޫޅޭކަން އޭނަވަނީ ކިތަންމެ ރީއްޗަށްވެސް ހާމަކޮށްފައެވެ. އެ ގުޅުން ކެނޑިފައިވާކަން ވިޝާންވަނީ އަންގާފައެވެ. ވީމަ ޑޮކްޓަރެއްގެ ގޮތުން ވިޝާން އެހާ ރީތިކޮށް ވާހަކަދެއްކީމަ ނުބައި މާނައެއް ނެގިގެން ނުވާނެއެވެ.

"އަހަރެން ކިވީއަށް ދޭން ފޮތެއް ގެނައިން، ވަގުތެއްވީމަ ކިޔާލަންވާނެ....." ކީވާ އޮށޯވެލުމުން ގައިމަތީގައި ރަޖާ އަޅާލަދިނީވެސް ވިޝާންއެވެ.
"ތޭންކްސް...." ކީވާ ފޮތުގައި ހިފާލިއެވެ. އެދުވަހު ވަރަށް ގިނައިރު ވާންދެން ވިޝާން ކީވާގެ ގާތުގައި ވާހަކަދައްކާލަން އިނެވެ. އެރީތި ދެލޮލުން އެހާވަރަށް ބަލާތީ ކީވާ އޮތީ ކަންބޮޑުވެފައެވެ. އެލޮލުގައިވި ޖަޒުބާތާއި އަސަރުތައް މާނަކުރުމުގައި ކީވާވަނީ ނުކުޅެދިފައެވެ. އެވަރުންވެސް ވިޝާންގެހިތުގައިވާ އެއްޗެއް ކީވާއަކަށް ނޭގުނެވެ. ޑައިލިސިސް ނިންމާލާފައި ކީވާ ދާން އުޅެނިކޮށް ވިޝާން ބުނެލި ވާހަކަ އިވުމުން ކީވާ ހައިރާންވިއެވެ.
"ކިވީ، އައިދަން އާއި ވާހަކަ ނުދައްކައްޗޭ، އަހަރެން ހިތް ހަލާކުވާވަރުވޭ، އަހަންނަށް ކިވީ ލިބުމުގެ ނަސީބެއްނެތަސް އެހެން މީހަކު ކިވީއާއި ވާހަކަދައްކާތަން ފެނުނީމަ އަހަންނަށް އުދަގޫވޭ، ޕްލީޒް....." ވިޝާން ކީވާގެ އަތުގައި ހިފާ ފިތާލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ އަނެއްފަރާތަށް އެނބުރުނީއެވެ. ކީވާ ބަލާ އޭރު ޒުލްމާ އައިސްފައި ހުރުމުން ކީވާ ދޭނެ ޖަވާބެއް ނޭގިފައި އަވަހަށް މަންމައާއި އެކު ހިނގައިގަތީއެވެ.

ކަޔާން އާއި ކެންޒީ ކާރު ދުއްވާލަން ގޮސްފައި ލައިޝާގެ އެޕާޓްމެންޓް ކާރިއަށް މަޑުކުރިއެވެ. ލައިޝާގެ ގާތުގައި ނުކުންނަން އެދުމުން ބޭރަށް އައިސް ކެންޒީއާއި ބައްދަލުކުރިއެވެ. ކެންޒީ ކާރުން ނުފޭބިޔަސް ދޮރުހުޅުވާލާފައި ސަލާމްކުރިއެވެ. އިރުކޮޅަކަށް ވާހަކަދައްކާލަން ހުރެފައި ލައިޝާ ދިޔުމުން ކެންޒީ ހީލިއެވެ.

"ހާދަ ރީއްޗޭ...." ކެންޒީ ތައުރީފުކުރިއެވެ.
"ކެންޒީ، އެއީ ފަހަރި، އަހަރެން ބޭނުމެއްނޫން ކެންޒީ އަހަންނޭ ކިޔައިގެންގޮސް ލައިޝްއަށް އޮޅުވާލާކަށް، ހަނދާންކުރައްޗޭ...." ކަޔާން ސަމާސާ ގޮތަކަށް ބުނެލި އެވެ.
"އަހަންނަށް ޓްރަސްޓްކުރާކަށް ނުވާނެ....." ކެންޒީ ހޭންފެށިއެވެ. އޭރު ކަޔާން އީސިގްރެޓެއް ތުނބުގައި ޖަހާލިއެވެ. ކެންޒީއެދުނީ އޭނައަށްވެސް ދިނުމަށެވެ. 
"ޝަޓަޕް ކެންޒީ...." ކަޔާން ދެކޮޅުހެދިއެވެ. އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓުނަސް ކޮއްކޮއަށް އެއްވެސް ގެއްލުމެއްވާކަށް ކަޔާން ބޭނުމެއްނޫނެވެ. ސިގްރެޓަކީ ކިހާ ނުރައްކާތެރި އެއްޗެއް ކަމާއި މީހާ މަރާއި ކައިރިކުރާ އެއްޗެއްކަން އޭނައަށް ނޭގެނީއެއް ނޫނެވެ. އެނުބައި އާދަ ހަރުލިގޮތަށް އެކަމާއި ދުރަށްދާން އޭނަ މަސައްކަތްކުރެއެވެ. ދެރައީ އަދިވެސް ފިކުރުބޮޑުވުމާއި ކަންތަކާއި ހާސްވާލެއް ބޮޑުކަމެވެ. ދިރިއުޅުން ބޭނުންވާގޮތަށް ކުރިޔަށް ނުދާތީ އެކަމުގެ ޚިޔާލުބޮޑުވެ ސިކުނޑި މުޅީން ހަމަޔަކަށް އެޅޭގޮތެއްނުވެއެވެ.

"ކެން، އަހަންނަށް ނޭގޭ މަންމަމެން އެހާ ރަގަޅު ކުއްޖަކާއި ނުގަބޫލުވާންވީ ސަބަބެއް، މަންމަމެން ގާތުގައި ހަގީގަތް ހާމަކޮށް ފަހަރި ގެއަށް ގެންނަންވީނު ކެން، ތިހެން އުޅެނިކޮށް ލައިޝް ޕެރްގްވެއްޖެއްޔާ ހަމަ ބޭޒާރުވާނެ، އެކުއްޖާގެ ބައްޕައަކީ ކާކުކަން އެނގެންޖެހޭނެއްނު، އަހަރެން މަންމަމެންނާއި ވާހަކަދައްކަންތަ؟ މެރީކޮށްގެން ދެމީހުން ތިހާ ހާލުގައި އުޅޭކަށް ނުވާނެ..... ޔޫ ޝުޑް ލިވް ޓުގެދަރ، މަންމަމެންގެ ސަބަބުން ރޭގަނޑު ކެންއަށް ބޭރަކަށް ނުދެވޭ، އަހަންނަށް އެނގޭ ވައިފް ގާތުގައި ބާއްވަން ބޭނުންވާނެވަރު، ކެންއަށް ނިދޭތީވެސް ހައިރާންވޭ......" ކެންޒީގެ ހިތުގައި އަފްރީންގެ ލޯބި އެހާ ބޮޑެވެ. ދޭތެރެއަކުން މިގޭތެރެއިން އަފްރީން ފެންނަ ކޮންމެފަހަރަކު ހިތަށް ވާގޮތެއް ބުނެދޭކަށްވެސް ނޭގެއެވެ. މާޒީގެ ރީތި ހަނދާންތައް ހިތް ރޮއްވާލައެވެ. އަމިއްލަ ހާލާއިމެދު ވިސްނާލާފައި ކެތްކުރާން އޭނައަށްވެސް މިވަނީ މަޖުބޫރުވެފައެވެ.

"ކެންޒީ ތިބުނަނީ ތެދެއް، އަހަންނަށް ފަސޭހައެއް ނޫން، އަހަރެންގެ އަނބިމީހާ ހުއްޓާ އެކަނި ނިދާލަން މިޖެހެނީ، ކޮންމެ ރެއެއް އެކަނިމާ އެކަނި، ހެދުނު ހޭލާއިރުވެސް ގާތުގައި ނެތީމަ އަހަންނަށް ވަރަށް އުދަގޫވޭ، މިދެރޭ ލައިޝް އުޅެނީވެސް ބަލިވެ، ބޭސްތަކެއް ކާތީ އަދި ވަރުބަލިވެ ސިކްވެފައި ހުރީ، އޭނަވެސް އަހަރެން ގާތުގައި ހުންނަން ބޭނުންވާނެ، ނަމަވެސް އަހަންނަށް އެކަމެއް ކޮށްނުދެވޭ، ނޭގޭ މަންމަމެންނަށް ކޮންވިންސް ކުރާނެ ގޮތެއް، ލައިޝްގެ ކުށަކީ ކޮބާކަމެއް ނޭގޭ......" ކަޔާން އިނީ ދެރަވެފައެވެ.

"ފަގީރުވީމަ....." ކެންޒީ ކުށްބުނެދިނެވެ.
"އަހަރެން އެކައުންޓްގައި ހުރި ހުރިހާ އެއްޗެއް ލައިޝްއަށް ދީފައި ގެވެސް ރެޖިސްޓްރީކޮށް ދީފާނަން....." ކަޔާން ބުނަން ބޭނުންވީ މުއްސަދިކަން ކޮންމެ މީހަކަށްވެސް ހާސިލުކުރެވިދާނެކަމެވެ.
"ޝާހީކަން.... ކެންއަކަށްވެސް ލައިޝްގެ ހަސަބާއި ނަސަބު ބަދަލެއް ނުކުރެވޭނެ، އެއީ އަބަދުވެސް މަންމަމެންގެ ފަޚުރު، ރަގަޅު އާއިލާއަކުން އައީމަ...." ކެންޒީ ހަނދާންކޮށްލަދިނެވެ.
"އަހަންނަށް އެނގޭ، އެކަމެއް ބަދަލެއްނުކުރެވޭނެ، އެކަމަކު އަހަރެމެންގެ ފެމިލީއިން އެހާ ކަޓުކޮށް ވިސްނަން ހަމަޖެހޭތަ؟ ރަޝިއާ ތަންތާ އެހާރޭސިސްޓް ވެގެން އުޅޭތީ މަންމަމެން ހަޖޫ ޖަހާ، އެފްރިކާގައި ނަސްލީ އިމްތިޔާޒު އޮތް ދުވަސްވަރުގެ ވާހަކަދައްކާއިރު ބައްޕަމެން އެވަރަށް އެކަމާއި ދެކޮޅުވެރިވެލައްވާނެ، އެންމެން ހަމަހަމަކުރަން އެހާ ބާރުއަޅާއިރު އަހަންނަށް ނޭގޭ އަމިއްލަ ގައުމުގައި މިގޮތަށް އާއިލާތައް ލޭބަލް ކުރެވެންވީ ކަމެއް....." ކަޔާންމެން އެވާހަކައިގާ ތިއްބާ ގެއާއި ހަމަޔަށް އާދެވުނެވެ. ކަޔާން ހުރީ ގެއަށް ވަންނަހިތް ނުވެފައެވެ. މަތި އޮމާންކޮށްލައިގެން ހިތުގައިވާ ޝުއޫރުތައް މަންމަމެންނަށް ފޮރުވައިގެން ހުއްޓަސް އޭނަގެ ހިތަށް ކެތްވަނީއެއް ނޫނެވެ. ލައިޝާ މަންމަމެންގެ ކައިރިއަށް ގެނެސް ދައްކާފައި މިއީ މަންމަމެންގެ ޅީދަރިފުޅޭ ކިޔާފައި ގޭގައި ލައިޝާ ބަހައްޓަން ހިތް ބުނާފަހަރު އާދެއެވެ. ލައިޝާ ގެއިން ނެރެންވިއްޔާ އޭނަވެސް ފަހަތުން ދާނެއެވެ.

"ކެން، ލޯތްބަށްޓަކައި މީހުން ރަސްކަންވެސް ދޫކުރޭ، ކީއްވެ ކެން ބިރުގަންނަންވީ؟ މަންމަމެންނާއި ދެކޮޅަށް ކެން އެއްޗެކޭ ނުބުނަނީ ކީއްވެތަ؟ "ކަޔާންއަށް އައިސްފައިވާ ބަދަލު ދެނެގަންނަން ކެންޒީ ބޭނުންވިއެވެ. ކަޔާންގެ ރުޅިގަދަކަމުން ކުރިން މަންމަމެން ތިބެން ޖެހުނީ ބިރުގެންފައެވެ. ކަޔާންގެ އެ ޝައިތާނީ ރުޅިގަނޑު މިހާ މައިތިރިވީ ކޮންއިރަކުން ހެއްޔެވެ؟
"އަހަރެން ބޭނުމެއްނުވޭ މަންމަމެންގެ ހިތް ހަލާކުކޮށްލާކަށް......." ކަޔާން ފުންނޭވަޔެއްލިއެވެ.
ކަޔާން ފުރޮޅުލީ ގޮނޑި ގެނެސް ކެންޒީއަށް އެހީވެދީގެން ގޮނޑީގައި ބޭންދިއެވެ. އޭރު އަޒީޒުއްދީނު ވަރުޖިނާ އަތުލަފިކޮށްގެން ގަސްތަކުގެ ތެރޭގައި އުޅުއްވާތަން ފެނެއެވެ. ވަރުޖިނާގެ އަތުގައި ޕްލާސްޓަރ އަޅާފައި ހުއްޓަސް އަނެއްހެން ބަލީއެއް ނޫނެވެ. ނަމަވެސް ވަރުޖިނާ އަޒީޒުއްދީން ލައްވާ ޅަކުރުވަން އުޅޭއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. ކަޔާން އަށް މަންމައާއި ބައްޕަގެ ދޭތެރޭގައި އޮންނަ ލޯބި ފެނުމުން ހިތަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. އެއީ އޭނަވެސް އުޅެން ބޭނުންވާ ދުނިޔެއެވެ. ދަރިން ބޮޑެތިވީމަވެސް ލައިޝާގެ އަތުގައި ހިފައިގެން އެގޮތަށް އުފާވެރި ދުނިޔެއެއްގައި ލޯބިން އުޅޭނެ ދުވަހެއް އަދި އޭނައަށްވެސް ދައްކަވާނެކަމުގެ އުއްމީދު އޮވެއެވެ.

"އައި ވިޝް...." ކެންޒީ ހީލާފައި އެއްޗެކޭ ބުނަން އުޅުނެވެ.
"ކޮންކަމެއްތަ؟ "ކަޔާން ހީލިއެވެ.
"އަހަރެންގެ ގައިގާ ބާރު ޖެހޭނެނަމަ، އަހަރެން މިގޮތަށް އިންނަންވީމަ ފޫހިވެގެން ހަލާކުވަނީ ކެން، ފިޒިއޯގެ މެޖިކް ވައްތަރެއް ނީންނާނެތަ؟ އަހަރެންވެސް ބޭނުން އަހަރެންގެ ލޯބި ހާސިލުކުރަން..." ކެންޒީ ފުރަތަމަ ފަހަރަށް ކަޔާންގެ ގާތުގައި ހިތް ހުޅުވާލިއެވެ. އަފްރީންއަށް ޓަކައި އެހިތުގައި ވިންދުޖަހާވަރާއި އަމިއްލަ ބާރެއްނެތްކަން ހިތަށް އަރާފައި ހަމަ ދެރަވަނީއެވެ. އޭނަގެ މޫނުގެ ސިފަ ބަދަލެއް ނުވިޔަސް ހަށިގަނޑުގެ ނިކަމެތިކަން ނޭގެނީއެއް ނޫނެވެ. 
"ކުޑަކޮށް ކެތްކޮށްލާ ލިޓްލް ބްރޯ، އިރާދަކުރެއްވިއްޔާ މާ ލަހެއްނުވާނެ...." ކަޔާން ކެންޒީގެ ބޮލުގައި ފިރުމާލަމުން ހިތްވަރު ދިނެވެ. އެދެބެންގެ ދޭތެރޭގައި އޮންނަ ލޯތްބާއި ގާތްކަން މިއެކްސިޑެންޓަށްފަހު ކުރިއަށްވުރެ ވަރުގަދަވެފައިވެއެވެ. ކޮންމެކަމެއްވެސް ހިގަމުންދާނީ ހެއްދެވިފަރާތުގެ މޮޅު ޕްލޭނާއި އެއްގޮތަށެވެ. ތަގުދީރުގައި ކޮންމެކަމެއްވެސް ރޭވިފައިވާނީ އެންމެ ފުރިހަމަގޮތުގައެވެ. ސަބަބެއްވެސް ވާނެއެވެ.

ކަޔާން ލައިޝާއުޅޭ އެޕާޓްމެންޓް ކައިރިއަށް މަޑުކޮށްލާފައި އެގެއާއި ދިމާލަށް ބަލައިލީ ބޭގަރާރުވެފައިވާ ދެލޮލުންނެވެ. ކޮންމެ ދުވަހަކު ހެދުނު ލައިޝާގެ ރީތި މޫނު ފެނުމުން ހިތަށް އެލިބޭ އުފާ ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ދުވަހު ކަޔާން އިންތިޒާރުގައި މާގިނައިރު އިންނާކަށް ނުޖެހެއެވެ. މިސްކޯލެއް ދޭންވާއިރަށް ލައިޝާ ހުންނަނީ ދޮރުމަތީގައެވެ. މިއަދު ޚަބަރެއްނުވުމުން ކަޔާން ތެޅިތެޅިވާ ހިތަކާއިއެކު ދެވަނަފަހަރަށް ގުޅާލައިފިއެވެ. އިރުކޮޅެއްނުވެ ލައިޝާ ނުކުމެގެން އައިއިރު އެހެން ދުވަހު ހަށިގަނޑު އެހާ ސީދާކޮށް ހުންނަކުއްޖާ ހިނގާފައި އައީ ކުޑަކޮށް ގުދުވެލައިގެން ކަހަލަގޮތަކަށެވެ. މޫނަށްވަނީ މަޑު ރަތްކުލައެއް ވެރިވެފައެވެ.

"ބޭބީ ކިހިނެއްވީތަ؟ ތަނަކަށް ތަދުވަނީތަ؟ "ކަޔާން އަވަހަށް ފައިބައިގެން އައިސް ކާރުގެ ދޮރު ހުޅުވާލަދިނެވެ. 
"ބަނޑު......." ލައިޝާ އެއްޗެކޭ ބުނަން އުޅެފައިވެސް ވާހަކަ ދައްކާނެ ހިތްވަރެއްވެސް ނުލިބުނެވެ.
"ބޭސް ކައިފިންތަ؟ " ކަޔާން ކާރުގެ ސީޓުގައި އިށީދެލަމުން ލައިޝާގެ އަތުގައި ހިފާލިއިރު އާއްމުކޮށް ގަނޑުފެންކޮޅެއްހާ ފިނި އަތްތިލަ ހޫނެވެ. ހީވަނީ ހުމާއި ފިހޭހެންނެވެ. ތުންފަތުގައި ލިޕްސްޓިކް ނުޖައްސާ ހުރިއިރުވެސް ރަތްކަމުން ހީވަނީ ލޭ ފައިބާހެންނެވެ. ހުމާ ހުރީމަ ތުންފަތުގެ ކުލަ އެހާ ގަދަވީއެވެ. ލައިޝާ އާއެކޭ ބުނެލާފައި ބޯ އުނގުގައި އަޅާލިގޮތުން އޭނަ އުޅެނީ ވޭނެއްގައިކަން އެނގި ކަޔާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ކަޔާން ހާސްވިވަރުން ލައިޝާގެ ބޮލުގައި ހިފާ މަޑުމަޑުން ނަގާފައި ސުވާލުކުރަން އުޅުނުއިރު އެ ރީތި ދެލޮލަށް ކަރުނަ ޖަމާވެފައިވާތަން ފެނުމުން ކަޔާންގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ފެންކަޅިވާގޮތްވިއެވެ. އޭނަގެ ލޯބިވާ ލައިޝާ ވަރަށް ބަލިކަން އިހުސާސްކުރެވުނެވެ. ލައިޝާއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އާދައިގެ ކަމެއްގައި ލައިޝާ އެގޮތަށް ފިނޑިއެއް ނުވާނެއެވެ. ތަދުވާވަރުގެ ބޮޑުކަމުން ނޫންނަމަ އެގޮތަށް ނުރޯނެއެވެ. ކަޔާން ލައިޝާގެ އަނދަ އަނދާ ހުރި މޫނުގައި ބޮސްދެމުން ކެތްކުރަން އެދުނެވެ.

ކަޔާން އޮފީހަށް ދިޔުމުގެ ޚިޔާލުދޫކޮށްލާފައި ދިޔައީ ހޮސްޕިޓަލަށެވެ. ލައިޝާ ބުނީ ކެޝުއަލްޓީއެއް ނުގެންދިޔުމަށާއި އަންހެނުންގެ ޑޮކްޓަރަށް ދެއްކޭނެގޮތެއް ހަދާދިނުމަށެވެ. އޭރު ކަޔާން ގާތްގަނޑަކަށް ޔަގީންކުރީ "އެކްޓޮޕިކް ޕްރެގްނެންސީ" އެއް ކަމަށެވެ. ސިއްހީ ކަންތައް އެހާ ބޮޑަށް ނޭގުނުނަމަވެސް ލައިޝާ ޕީރިއެޑް މިސްވިކަން އެނގުމުން ކަޔާންވަނީ ކޮންމެވެސް ވަރަކަށް ޕްރެގްނެންސީއާއި ބެހޭގޮތުން ނެޓުން މައުލޫމާތު ހޯދާފައެވެ. 

ކޮމެންޓް 0