ރައަދު ހުރީ ހައިރާންވެފައެވެ. މިހާވަރުގެ ބޮޑު ސިއްރެއް ފަޅާ އަރަން ލަހެއް ފަހެއް ނުވިތާއެވެ. އެކަމެއްގެ ވަގުތު ޖެހުމުން އެކަމެއް ބޭޒާރުވާން ކޮންމެވެސް ސަބަބެއް މެދުވެރިވާނެއެވެ. އެހެންނޫންނަމަ މިވަގުތު އޭނަގެ ކަންފަތުގައި މި ވާހަކަ ޖެހެންވީ ސަބަބެއްނެތެވެ. އޭނަ ތިރިއަށް އަންނަން މިޖެހުނީ އޭނައާއި ކެންޒީ ބެލްކަނީގައި ތިބެގެން ޖެހި ސަކަރާތެއްގައި އަތުގައިވާ ކެވެލިކޮޅު އަތުންދޫވެގެން ވެއްޓުމުން އެ ނަގާށެވެ. އެއްގޮތަކަށްވެސް އޭނަގެ މަންމަމެންނަށް ޖާސޫސް ކުރާކަށް ނޫނެވެ. މި އެނގުނީ ކޮންފަދަ މުހިއްމު މައުލޫމާތު ކޮޅެއް ހެއްޔެވެ؟

ރައަދު ދުވަމުންގޮސް ނުކުމެވުނީ ޒިއާމްގެ ކުރިމައްޗަށެވެ. މިވަގުތުވެސް ލާފައި ހުރީ ކަކުލާއި ހަމަޔަށް އޮތް ސޯޓަކާއި ލޭސް ޓޮޕެކެވެ. އެހެންވެ އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ. މިހާ ޅަކޮށް އުޅޭ އަންހެން ކުއްޖަކާއި އެއްފަހަރު ގުޅުމެއް ބޭއްވުނު މޮޔަކަމާއިމެދު ޒިއާމް އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އެއްގޮތަކަށްވެސް މިއީ އޭނަގެ ބައިވެރިޔަކަށް ކަމުދާ ޒާތުގެ އަންހެންކުއްޖެއް ނޫނެވެ.

"ބަލައިގެން އުޅެބަލަ..." ޒިއާމް ބުނެލިއެވެ. ދެންމެ އޮފީހުން ނިމިގެން އައިނަމަވެސް އަދިވެސް ޒިއާމް ފެންނަނީ ތާޒާކޮށެވެ. އެހާ ރަސްމީއެވެ.
"ޒިއާ، ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބައޮތް، ރަގަޅުވަގުތެއް ލިބުނީމަ އައި ވިލް އެނައުންސް........." ރައަދު ލާނެތް ހުނުމަކަށްފަހު ސިޑިން ދުވަމުން އަރައިގެން ދާ ތަން ބަލަން ޒިއާމް ހުރިއިރު ރައަދު ދޭން އުޅޭ ޚަބަރަކާއިމެދު ވިސްނާލިއެވެ. ރައަދު މީހަކާއި އިންނަން އުޅެނީ ހެއްޔެވެ؟ އެހާ އުފަލުން ހިނިއައިސްފައި ހުރެ ރައަދު ދާން ޖެހޭ އެހެން ސަބަބެއް ޒިއާމްއަކަށް ނުވިސްނުނެވެ. އެހެންނޫނަސް މިދުވަސްކޮޅު ރައަދު ކޮލެޖް ފިރިހެންކުއްޖަކާއި އެކު ސައިކަލުގައި އުޅޭތަން އޭނައަށްވަނީ ފެންނަން ފަށާފައެވެ. ވިޝާންއާއި ދެމީހުންގެ އޮތް ގުޅުމެއްވެސް މާރަގަޅަކަށް ނޭގެއެވެ. އެއް އިރެއްގައި ރައަދު ވިޝާންއާއި ހެދި މޮޔަވެގެން ނުކައި ނުބޮއި އެޑްމިޓް ކުރަންވެސް ޖެހުނެވެ. އާއިލާ މީހުން ވިޝާންއަށް މަޖުބޫރުކުރީމަވެސް ރައަދުއާއި އިންނާކަށް އެއްބަހެއް ނުވިއެވެ. ފަހުން ރައަދު މިވަނީ ހަމަޔަކަށް އެޅި އުފާވެރި ކުއްޖެއްގެ ގޮތުގައި ފެންނަން ފަށާފައެވެ. ލޯބިނުވާ ފިރިހެނަކަށް އާދޭސްކުރަމުން ފަހަތުން ދުވުމަކީ ބޭކާރު ކަމެއް ކަން އެނގި ރައަދު އެހެން މަންޒިލެއް ހޯދީކަމަށް ވެދާނެއެވެ.

ކަޔާންއާއި ލައިޝާ ދަރިފުޅު އައިކަން އާއިއެކުގައި އަތިރިމަތީގައި ކުޅެން އުޅެލާފައި މޫދަށްވެސް އެރުނެވެ. ސަކަރާތްޖެހިއެވެ. ކުޑަކުޑަ އައިކަންގެ އުފާވެރި ހަޅޭކުގެ އަޑު ދޭތެރެއަކުން ފަޒާގައި އުފާވެރި މިއުޒިކެއްފަދައިން ހަރުލާފައި ހުރެއެވެ. އެ އާއިލާ އެހާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި ގެއަށް އައިއިރު އައިކަން އޮތީ ކަޔާންގެ ކޮނޑުމަތީގައި ކުޑަކޮށް ވަރުބަލިވެފައެވެ. ފިނިފެނުން ގައިދޮވެލާފައި އެނދާއި ހަމަޔަށް ގެންދިޔައިރު އައިކަންއަށް ނިދިއްޖެއެވެ. ދަރިފުޅު ނިންދަވާލާފައި ބޭރަށް ނުކުތްގޮތަށް ކަޔާން އޮތީ ލައިޝާގެ އުނގުގައި ބޯއަޅާލައިގެންނެވެ. ކުޑަކޮށް ބޮލުގައި ރިއްސާތީ ލައިޝާ ކަޔާންގެ ބޮލުގައި ފިރުމަމުންދިޔައެވެ. އެ ނާޒުކް އޮމާން އަތުނގެ ފިރުމުންތަކުން ނާރުތަކުގެވާންކަން ކެނޑި އަރާމުވާންފެށިއެވެ.

"އަބަދަށްޓަކައި ބޭސް ކާން ޖެހޭތަ ކެން..." ލައިޝާ ސުވާލުކުރިއެވެ.
"ބޭހާއި ނުލައިވެސް އަމިއްލަ ނަފުސް ކޮންޓްރޯލް ކުރެވެންވާނެ، އަހަރެން ލައި އާއިއެކު އުޅުނީމަ ބޭހަކަށް ބޭނުމެއް ނުވޭ، އެކަމަކު ދެންވެސް ދުރުކޮށްފިއްޔާ އައި ވިލް ގޯ މޭޑް، ދެންވެސް އެންޑްއަޕްވާނީ މެންޓަލް ހޮސްޕިޓަލެއްގައި، އަހަންނަށް ބައެއްފަހަރު ރުޅި ކޮންޓްރޯލެއް ނުކުރެވޭ، އެއީ އަހަރެން ބޭނުންވާގޮތެއް ނޫން، އެކަމަކު...." ކަޔާން ލައިޝާގެ ރީތި މޫނަށް ބަލާލިއެވެ.
"އަހަރެމެންނަށް ދެން އުދަގޫކުރާނެ މީހަކު ނެތެއްނު..." ލައިޝާ ޔަގީންކުރިއެވެ.
"ލައިއަށް ހީވާގޮތް، އަދިވެސް މަންމަމެންގެ ބާރު އަހަންނަށް ފޯރާނެ، އަހަރެންވެސް ބޭނުމެއްނޫން މަންމައާއި ވަކިވާކަށް، އަދި މަންމައާއި ދިމާލަށް އެއްޗެކޭ ބުނާކަށް، މަންމައަށް ވިސްނޭނެ ދުވަހަކަށް އިންތިޒާރުކުރަން، އަހަރެންގެ އުފާތައް ގުޅިފައިވަނީ އެކަނި ލައިއާއިކަން އެނގޭނެނަމަ ކިހާ ރަގަޅު، ލައި ގާތު އަހަރެން ސިއްރެއް ބުނަންތަ....." ކަޔާން ގަސްތުކުރީ ޒިއާމްއަކީ ކާކުކަން ލައިޝާ ގާތު ބުނެދޭށެވެ. ކަޔާންގެ ވާހަކަތައް އަޑުއަހަން އިންއިރު ލައިޝާގެ މޫނަށް އެތައްކުލަތަކެއް އަރާފޭބިއެވެ. ވީއިރު ޒިއާމްއަކީ އޭނަގެ ދޮންބެއެވެ. މަންމަ އަބަދަށްޓަކައި ހޯދަމުން އައި މަންމަގެ ފިރިހެން ދަރިފުޅެވެ. އަޒީޒުއްދީންއާއި ވަރުޖިނާގެ އަސްލު ދަރިއެއް ނަމަވެސް ވަރުޖިނާގެ ރަހިމުގައި ދަރިއަކު އުފުލާނެ ބާރުނެތްކަމަށް ޑޮކްޓަރު ބުނެގެން ރަހިމުން ބޭރުގައި ފާޓިލައިޒްކޮށްފައި ލެއްވީ ޒުލްމާގެ ރަހިމުގައެވެ. ބައޮލޮޖިކަލީ ޒިއާމްގެ ޖެނެޓިކްސް އަޒީޒުއްދީންއާއި ވަރުޖިނާއާއި ގުޅިފައިވިޔަސް އެކުއްޖާ ނުވަ މަހާއި ދިހަ ދުވަސްވާންދެން އޮތީ ޒުލްމާގެ ބަނޑުގައެވެ. ލޭގެ ގޮތުން އެވަނީ ގުޅިފައެވެ. ޒުލްމާ އެ ފިރިހެންދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާކަން ޒުލްމާގެ ވާހަކަތަކުން ލައިޝާއަށްވަނީ އެނގިފައެވެ. ޒުލްމާއަށް އެކަން އެނގޭއިރުން ވާނީ ކިހިނެއްހެއްޔެވެ؟ ޒިއާމްގެ ހިތުގައި މަންމައަށްޓަކައި އެއްވެސް ރަހުމެއް ވާނެހެއްޔެވެ؟

"ކެން، ދެން ވާނީ ކިހިނެއްތަ؟ ޒިއާމްއަކީ އަހަރެންގެ ދޮންބެ، ކެންގެވެސް ދޮންބެ، ކިހާ މަޖާގޮތެއް މި ވީ...." ލައިޝާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. ބުނަން ނޭގޭފަދަ ފޯރިއަކާއި ޖޯޝެއް ނާރުތަކުގެ ތެރޭގައި ހިގާލައިފިއެވެ.
"މަންމަމެން ފޮރުވައިގެން އުޅުނަސް އެކަން އެނގޭކަށް މާގިނަ ދުވަހެއް ނެތް، އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން މަންމަމެންގެ ސިއްރު ބޭޒާރުވާކަށް، ލައިވެސް އަދި މަންމަގެ ގާތުގައި ނުބުނާތި...." ކަޔާން ލައިޝާގެ ތުންފަތުގައި އިނގިލި ޖައްސާލައިފިއެވެ.
"އައިމް ސޯ އެކްސައިޓެޑް ކެން، އަހަރެންގެ ދޮންބެ ޒިއާ، ސަރ ސަރ ކިޔަމުން ފަހަތުން އާދޭސްކުރަމުން ދުވުނީ ހިލޭމީހެއްގެ ކައިރިއަކު ނޫން، މައި އޯން ބްރަދަރ ކައިރީ، އެކަމަކު ހިތަށް އަރާ ޒިއާއަށް ހަގީގަތް އެނގުނަސް އެކްސެޕްޓް ނުކުރާނެއޭ، ބުނެފާނެ ސަރޮގެޓް މަންމަ މުހިއްމެއްނޫނޭ، އެހެންނޫނަސް ބޭރުތަންތާވެސް އޮންނަނީ އެގޮތަށް ދޯ، ސަރޮގެޓްއަށް ލާރި ދިނީމަ ދެން އޭނަ ނުޖެހޭނެ އޭނަގެ ދަރި ވީތަނެއް ބަލާކަށް، އެކުއްޖާ ލިބޭނީ ބައިލޮޖިކަލް ޕޭރެންޓުންނަށް، އަނެއްހެން ޒިއާ ލިބިފައި އެހެރީ ނެޗުރަލް ކޮށެއްނޫން، މަންމައާއި ވަކިން ހުރެ ބޮޑުވެފައި އެހެރީ، ޒިއާ މަންމައާއި ދެން އެޓޭޗްވާނީ ކިހިނެއްތަ؟ އައި ޑޯންޓް ތިންކް ސޯ...." ލައިޝާ ކުޑަކޮށް ކަންބޮޑުވިޔަސް ހިތް އުފަލުން ނަށަނީއެވެ. ޒިއާމްފަދަ ބޭބެއަކު ލިބިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެފަދަ އުއްމީދެއްނުވެސް ކުރެއެވެ. ނޫނީ ދިރިހުއްޓާ ފެނިދާނެކަމަކަށްވެސް އޭނަ ހިތަކަށް ނާރައެވެ. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން ދެކެބަލާށެވެ.

"ނޭގޭ ދޮންބެ ދެކޭނެގޮތެއް، ވަރަށް ކައިންޑްވާނެ، ލައިއަކީ ކޮއްކޮކަން އެނގުނީމަ ރިއެކްޓްކުރާގޮތް އެނގިދާނެތާ، ސަރޮގެޓް މަންމައިންނަކީ އަސްލު އެކަހަލަ ކުދިންނާއި ގުޅުން އޮންނަ ބަޔަކަށް ނުވިޔަސް މީގެއިން ވީގޮތް ތަފާތު، އަނެއްކާ ލައިގެ މަންމަ އަމިއްލަ ދަރިއެއްހެން އެކުއްޖާދެކެ ލޯބިވި، ފީޑްކުރިކަމަށްވަނީ، ވީމަ ކޮންމެގޮތެއްވިޔަސް ވާނީ މަންމައެއް ކަމަށް......" ކަޔާންއާއި ލައިޝާ އެވާހަކަތަކުގައި ތިއްބާ ވަރުޖިނާ ފޯނުކުރަން ފެށިއެވެ. އެތައް އިރެއްވާންދެން ފޯނު ނިވާލައިގެން ކަޔާން އުޅުނީވެސް އާއިލާ މީހަކާއި ވާހަކަ ނުދައްކަންވެގެންނެވެ. އޭނަ ހުރީ މަންމަދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މަންމައޭނަގެ ހަޔާތާއި ކުޅެލިގޮތުގެ ސަބަބުން ހިތަށް ކޮށްފައިވާ އަސަރު މަންމައަށް އެނގޭނެނަމައެވެ. މަންމައަކަށްވިޔަސް ދަރިއާއިމެދު އެގޮތަށް ކަންތައްކުރުމުގެ ހައްގު ލިބިފައިވޭބާވައެވެ.

"ދަރިފުޅާ ކޮންތާކު ތިއުޅެނީ...." ވަރުޖިނާ މައިތިރިކޮށް ސުވާލުކުރިއެވެ.
"ވިޒިޓިން މައި ސަން...." ކަޔާން ލައިޝާގެ އުނގުން ތެދުވެގެން ތާޒާވައިކޮޅެއް ހޯދާލަން ބޭރަށް ނުކުތެވެ.
"ހޫމް މަންމައާއިވެސް އެކުއްޖާއާއި ދިމާވި، މަންމަހުރީ ކަޔާންގާތު އެވާހަކަ ބުނަންކަމަށޭ، ބޭބީ ގޮވައިގެން ކެންޒިއާއަށް އަންނަންވީއެއްނު...." ވަރުޖިނާ އަވަސްއަވަހަށް ބުނެލިއެވެ.
"އައިމް ސޮރީ މަމް، އަދި ގެއަށް ދެވޭކަށްނެތް، އަޅުގަނޑަށް ހަގީގަތް އެނގުމަށްފަހު އަލުން އެހިތްވަރު ލިބޭނީ ކިހިނެއް؟ މަންމަ ސަރޮގެޓްއަކު ލައްވާ ހޯދި ދަރިއަކީ ޒިއާމްކަން މިހާރު ޔަގީންވެއްޖެ، އެހާ ބޮޑު އޮޅުވާލުމެއް، ކީއްވެތަ މަންމާ، އަޅުގަނޑުގެ އުފަލާއިމެދު އެންމެ ފަހަރަކުވެސް މަންމަ ވިސްނާލިނަމަ މުޅި ދެއަހަރުވާންދެން މެންޓަލް ހޮސްޕިޓަލެއްގައި ހުރެ އެހާބޮޑު އަނިޔާތަކެއް ނުލިބުނީސް، ދަރިފުޅާއިއެކު އަޅުގަޑަށް ހޭދަކުރެވުނީސް، މަންމައަށް އެނގިލައްވާތަ؟ އައިކަން ބައްޕައެއްގެ ލޯބި ނުލިބި އުޅުނީ ކޮންފަދަ ނިކަމެތި ހާލެއްގައިކަން، މަންމާ، ޕްލީޒް ދެން އަޅުގަނޑު މިގޮތަށް ވަކިން އުޅުނަދީ، މާޒީ އަލުން ރިޕީޓްވާކަށް އަޅުގަނޑު ބޭނުމެއްނޫން..." ކަޔާން ވާހަކަދެއްކީ ކެތްތެރިކަމާއި އެކުގައެވެ. މަންމައަކީ ކާކުކަން ދެނެގެންނެވެ. އޭނަ މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. މިޒަމާނުގެ އެހެން ޒުވާނުންނާއި އޭނަ ތަފާތެވެ. އޭނަ ބޭނުންވީ ހަޔާތުގެ ބައިވެރިއާއި އެއްވަރުގެ މަގާމެއް މަންމައަށްވެސް ދީގެން އެންމެން އެކީގައި އުޅޭށެވެ. ނަމަވެސް އެ ފުރުސަތެއް އޭނައަކަށް ނުލިބުނެވެ.

"ކާ....ކާކު ތިވާހަކަ ބުނީ...." ވަރުޖިނާ ކަންބޮޑުވެ އަޅައަޅައިގެންފައި ބުންޏެވެ.
"ދެކުނިން ހުރިހާ ކަރުދާސްތަކެއް މަމް، ޕްލީޒް ދެން އިތުރަށް މަންމަ އަޅުގަޑަށް އޮޅުވާނުލައްވާ...." ކަޔާން ގޮސް ގަހެއްގެ ގޮފިގަނޑެއްގައި އަތް އަޅުވާލިއެވެ.

"ކަޔާން، އާން މަންމަ އޭރު ވާހަކަދެއްކީ ހަގީގަތާއި އެއްގޮތަކަށް ނޫން، އެކަމަކު މަންމަ ލައިޝާގެ އާއިލާއާއި ދުރަށް ދާންޖެހުނު ސަބަބު ދަރިފުޅު ގާތު ބުނެފާނަން، އެނގޭތަ ދަރިފުޅުގެ އަންކަލްގެ ގާތިލަކީ ކާކުކަން، އަޑުއަހާބަލަ، މަންމަ ދަރިފުޅު ތި ނުބައި ރަހުމްކުޑަ ދައްޖާލުން އުޅޭ އާއިލާގެ ވަކިތަކުން ސަލާމަތްކުރަން ދުރުކުރަން އުޅުނީ، ކަޔާންގެ އަންކަލް މަރާލީ ޒުލްމާގެ ބޭބެ، އެހެންވެ އަދިވެސް އެ ފިރިހެނާ އޮތީ ޖަލުގައި....." ވަރުޖިނާ ދަތްތަކަށް ބާރުލިއެވެ.
"ކުރިން މަންމަ އެވާހަކަ ނުބުނަމެއްނު، އެކަމަކު އަންކަލްގެ ގާތިލަށް އަދަބު ލިބިފައެއްނު އެއޮތީ، އެކަމުގައި ލައިޝާގެ ކުށެއްނެތެއްނު މަންމާ....." ކަޔާންގެ ބޮލުގައި ރިއްސާލިއެވެ.
"ލައިޝާގެ މަންމަ ބުނެގެންނޭ އެމީހާ ގޮސް އައިމާންގެ ގަޔަށް ވަޅިހެރީ....." ވަރުޖިނާ އަށް އެހެން ވާންޖެހުނު ސަބަބު ރަގަޅަށް އެނގެއެވެ. ޒުލްމާގެ ކުށެއް ނެތްކަން ކިތަންމެ ރަގަޅަށްވެސް އެނގެއެވެ. މީހަކު ކުރިކަމެއްގެ ސަބަބުން މުޅި އެއާއިލާ ޒިންމާވާކަށް ނުޖެހޭނެއެވެ. ރަގަޅު އާއިލާއެއްގައި ނުބައި ނުލަފާ މީހަކު ހުރެދާނެއެވެ. އަދި ބައެއްފަހަރު ޝަރީއަތްތައް ނާއިންސާފުކަމުން ރަގަޅު މީހަކު މުޖުރިމަކަށްވެދާނެއެވެ. ކުށްވެރިޔާއަށް ހައްގު އަދަބު ނުލިބި ސަލާމަތްވެގެންދާތީއެވެ. އެއީ އޭގެ މިސާލެކެވެ. ވަރުޖިނާއަށް ހަގީގަތް އެނގެއެވެ. އައިމާންގެ ކުށް ރަގަޅަށް އެނގެއެވެ. ނަމަވެސް އެކަންވަނީ ދުނިޔެއަށް ފޮރުވިފައެވެ. އެހެންނޫނަސް އަޒީޒުއްދީންގެ ރުޅި އަމާޒުވާނެކަން އެނގޭތީ ވަރުޖިނާ ވަނީ ކަޔާންގެ ގާތުގައި ހަގީގަތް ހާމަނުކުރަން މާ ކުރިން ބުނެފައެވެ. ކަޔާން ގެ ރުޅިގަދަވެ މޮޔަވާ ހިސާބަށް ދިޔައީ ވަރުޖިނާ ލައިޝާއަކީ ކޮއްކޮއެއްކަމަށް ބުނުމުންނެވެ. އެކަން އެނގިލައްވައިފިއްޔާ އަޒީޒުއްދީން ކޮންމެފަދަ ފިޔަވަޅެއްވެސް އަޅުއްވަފާނެއެވެ.

"ކަޔާން، ރަގަޅަށް އަޑުއަހާ، ތަންކޮޅެއްކުރިން މަންމަ ތިކައިވެންޏަށް ރުހުން ދޭން އުޅުނިން، ނުވިސްނާ، މާޒީ ހަނދާން ނައްތާލާފައި ސުލްހައިގެ އަތެއް ދިއްކުރަން އުޅުނިން، ނަމަވެސް ޒުލްމާގެ ނުބައި ނުލަފާކަން އަހަންނަށްވަނީ ތިގެއަށް ދިޔަ ދުވަހުވެސް ދައްކާފައި، އެ ނުބައި އަންހެންމީހާ އޭނަގެ ބޭބެފަދައިން ނުލަފާވެގަނެގެން މަންމައަށް އެއްޗެހި ގޮވާލީ، ކަޔާން، ހަނދާންކުރާތި، މަންމަ އެއްގޮތަކަށްވެސް ކަޔާން ތިގޭގައި ހުންނާކަށް ހުއްދައެއް ނުދޭނަން، ކަޔާން ޖެހޭނީ މަންމަމެން ގާތަށް އަންނަން....." ވަރުޖިނާ ބޭނުންވާހާ އެއްޗެއް ކަޔާންގެ ކަންފަތަށް އިއްވާލާފައި ފޯނު ކަނޑާލައިފިއެވެ. ކަޔާން ފޯނު ހޫރާލިގޮތަށް ފާރުގައި ޖެހިފައި އަޑުފަށްގަނޑަކާއިއެކު ކުދިކުދިވެގެން ދިޔައެވެ. އެ މަންޒަރު ފެނިފައި ލައިޝާ ކަންބޮޑުވެގެން ދުވެފައިގޮސް ކަޔާންގެ ގައިގާ ބައްދައިގެން ރޯންފެށިއެވެ. ކަޔާންގެ ރުޅިގަނޑު ހިލިގެން އަނެއްކާ މޮޔައިންގެ ހޮސްޕިޓަލަށް ގެންދާންޖެހިދާނެތީ އޭނަގަތީ އަމަށަކު ބިރެއްނޫނެވެ.

"އިޓްސް އޯކޭ، އިޓްސް އޯކޭ، ލައި، ހާސްނުވެބަލަ....." ކަޔާން ލައިޝާގެނެސް މޭގައި ޖައްސާލަމުން އެ މީރުވަސްދުވާ އިސްތަށިގަނޑުގައި މޫނު ފޮރުވާލައިފިއެވެ.
"ކީއްވެ އެހެން މީހުން އެވަރު ނުވިސްނަނީ؟ ކެން ރުޅިއަންނަ ވާހަކަ އެންމެން ގުޅާފައި ދައްކަނީ..." ލައިޝާ އެމީހަކުދެކެ ފޫހިވިއެވެ. ކަޔާންގެ ނަފްސާނީ މައްސަލައެއް ހުރިކަން އެނގޭއިރު ލޯބިވާމީހުން ކަންތައްކުރަން ޖެހޭނެ ގޮތަކީ އެއީއެއް ނޫނެވެ.
"ލައިގެ އަންކަލްއެއް ހުރޭތަ؟ "ކަޔާން އެހީ އެހެން ވާހަކައެކެވެ.
"ހީޒް އިން ޖެއިލް...." ލައިޝާ ބުނެލިއެވެ.
"ކީއްވެތަ؟ " ކަޔާން ބޭނުންވީ ލައިޝާއަށް އެނގިފައިވާ މިންވަރެއް އޮޅުން ފިލުވާށެވެ.
"ނޭގޭ، މަންމަ ބުނާގޮތުން ބޭބެ އިނޮސެންޓް، ރިޗްބަޔަކު ބޭބެގެ ބޮލުގައި މީހަކު މަރާލިކަމުގެ ތުހުމަތު އަޅުވާފައި އުމުރަށް ޖަލަށް ލީ، ކެން ގާތުގައި އެވާހަކަ ބުނީ ކާކުތަ؟ "ލައިޝާ ހައިރާންވިއެވެ. އޭނަގޮސް ފޯނުގެ ކުދިކުދިވެފައިވާ ބައިތައް ނަގައިގެން ފޯނު ހަދަން މަސައްކަތްކުރިއެވެ. ކަޔާން ރުޅިގަދަވެ އެއްޗެހި އުކާތަން އައިކަންއަށް ފެނިގެން އެކަންތައް ދަސްކޮށްފާނެތީ އޭނަ ބިރުގަނެއެވެ. ނަމަވެސް މިވަގުތު އެހެން ބުނެގެން ކަޔާންގެ ހިތަށް އަސަރުކޮށްފާނެތީ ވެސް ލައިޝާ ވިސްނިއެވެ. ކަޔާން ރަގަޅަށް ހުރި ގަޑިއެއްގައި ވިސްނާދޭނީއެވެ. އެހެންނޫނަސް ކަޔާން ކުޑައިރުއްސުރެން ހުރި މައްސަލައަކަށް ވަންޏާ ރުޅިގަދަވާ ވަގުތުގައި ކޮންޓްރޯލް ނުވެ ހިނގައިދާނެއެވެ. އެއީ ކޮން މައްސަލަތަކެއްކަން އެނގެން ލައިޝާ ބޭނުމެވެ. އޭނައަށްވެސް ކަޔާންއާއި އަޅާލެވޭނީ އޭރުންނެވެ. މޮޔަވިޔަސް ނަފްސާނީ މައްސަލަހުއްޓަސް ލައިޝާގެ ހިތުގައިވާ ލޯތްބަކަށް ދުވަހަކު ބަދަލެއް ނާންނާނެއެވެ. ކަޔާންއަކީ އޭނަގެ ހިތެވެ. ފުރާނައެވެ. ހުރިހާވެސް އުފަލެކެވެ.

"ފޮގެޓް އިޓް ލައި، ނޫނީ އަހަރެންގެ ބޮލުގައި ހައްތަހާ ރިއްސާނީ، ކޮފީއެއް ހަދާދީފާނަންތަ ލަވް...." ކަޔާން ލައިޝާގެ ކަރުނުން ތެމިފައިވާ އެސްފިޔަތަކުގައި ބޮސްދިނުމަށްފަހު އަތުގައި ހިފައިގެން ގެއަށް ވަންނާން ދާން ހިނގައިގަތެވެ. 

ކީވާ ދެކެލަން ކަޔާންމެން ހަވީރު ހޮސްޕިޓަލަށް ދިޔައެވެ. އެތަނުން ކެންޒީއާއި އަފްރީންއާއި އަދި ޖުއާންވެސް ކަޔާންމެންނާއި ބައްދަލުކޮށް ވާހަކަދެއްކިއެވެ. ޖުއާންއާއި އައިކަން ވަގުތުން ރައްޓެހިވެ އެކީގައި ކުޅެން އުޅެގަތެވެ. ދެކުދިން އައިޕެޑް ހިފައިގެން މަޖާވެލާފައި ގޭމް ކުޅެން އުޅުނީ އެކުވެރިކަމާއިއެކުގައެވެ. ދެކުދިން ވައްތަރުކަމުން ހީވަނީ އެއްބަނޑު އެއްބަފާ ދެކުދިންހެނެވެ. ވިޝާންއާއި ކަޔާންމެން ދިމާވެގެން ވިޝާން ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ. ކީވާގެ ގާތުގައި އޭނަ ކަޔާން އަމިއްލައަށް މަރުވިކަމަށް ބުނީ ލައިޝާގާތު ބުނުވާށެވެ. ލައިޝާ ކުރާ އިންތިޒާރު ނިމުމަކަށް ގެނައުމަށެވެ. ފަހުން ކީވާގެ ފަރާތުން ވިޝާންއަށް އެނގުނުގޮތުގައި އެސިއްރު އޮތީ ކީވާއާއި ހަމައިގައެވެ. ލައިޝާ ދެރަވާނެވަރު އެނގޭތީ ކީވާ އެވާހަކަ ސިއްރުކުރިއެވެ. އެވަރުންވެސް ވިޝާން ކީވާގެ ގާތުގައިވެސް ހަގީގަތް ހާމަކުރާކަށް ނޫޅުނެވެ. 

އަފްރީންގެ ދަރިފުޅުގެ ބައްޕައަކީ ކެންޒީކަމާއި ކަޔާންގެ ކުށެއްނެތްކަން އެނގުމަށްފަހު އޭނަވަނީ ކަޔާންގެ ގާތުން މާފަށް އެދެން ނިންމާފައެވެ. މައްސަލައަކީ ބޮޑުދައިތަމެންގެ ނުފޫޒެވެ. އެންމެންވެގެން ލައިޝާ ދުރުކުރަން ކުރާ މަސައްކަތެވެ. ބޮޑުބޭބެގެ ގާތިލަކީ ޒުލްމާގެ ބޭބެކަން ރަންދާއަށް އެނގުމަށްފަހު އަދި ވަކިން ބޮޑަށް ޒުލްމާއާއި ލައިޝާދެކެ ރުޅިއައިސްފައިވެއެވެ. ވީއިރު އޭނައަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މައިންބަފައިންގެ ދެކޮޅުވެރިކަމާއި ދުޝްމިންކަމުގެ ސަބަބުން ދެލޯބިވެރިންނަށް ހުރަސްއެޅެނީއެވެ. ވިޝާން އައިކަން އުރާލާފައި އެކުޑަ މޫނުގައި ބޮސްދިނެވެ.

"ކިވީ ރަގަޅުވާނެތަ ޝޯން...." ލައިޝާ އަހާލައިފިއެވެ.
"ހެނދުނު ވަރަށް ސިކްވި، އެކަމަކު މިހާރު ތަންކޮޅެއް ހުން ފިނި، ދުއާކުރޭ ލައިޝް، މި ބަލަނީ ކިޑްނީ ޓްރާންސްޕްލާންޓް އެއް ވީހާވެސް އަވަހަކަށް ހަދަން، އެ ޗާންސް ލިބިއްޖެއްޔާ ކިވީ މުޅިން ރިކަވަރ ވާނެ، މިހާރު ކްރިޓިކަލް ސްޓޭޖެއްގައި ވަނީ، މި ސްޓޭޖުން ސަލާމަތް ކުރެވިއްޖެއްޔާ........." ވިޝާން ހެޔޮހިތުން ބުނެލިއެވެ. ޒުލްމާ ކަޔާންއާއި ދިމާލަށް ބަލާވެސް ނުލައި އަވަހަށް އެއްފަރާތަކަށްގޮސް ނިވާވިތަން ކަޔާންއަށް ފެނުނެވެ.

އެދުވަހު ކަޔާންއާއި އައިދަން ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. ލައިޝާ ދެމީހުން ތައާރަފުކޮށްދިނުމުން ވަރަށް އެކުވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. އެތާ ކެފޭއަށް ވަދެ އެންމެން އެކީގައި ކޮފީ ބުއެވެ. އެކަމަކު ވިޝާން އެމީހުންނަކާއި ބައިވެރިވާކަށް ނައެވެ. އުޒުރެއް ދައްކާލާފައި އޭނަ އެއްފަރާތަކަށް ޖެހިލިއެވެ. ލައިޝާއަށް ސަބަބު އެގުނެވެ. އަދިވެސް ވިޝާން ބޭނުމީ ކީވާއެވެ. އައިދަންއާއި ކީވާ ރައްޓެހިކަން އެނގޭއިރުވެސް ވިޝާން އެހެރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ވިޝާންގެ ހިތުގައިވާ ހަސަދައަކުން އައިދަން އާއި އެކުގައި ކޮފީއަކަށް އަންނަންވެސް ނޭދުނީކަން ޔަގީނެވެ. އައިކަން ޝައުގު ހުރީ ކެއުމަކަށް ނޫނެވެ. އައިދަންގެ ފޯނު ހިފައިގެން ގޭމް ކުޅޭށެވެ. ކަޔާން ފޯނު ތަޅާލިގޮތަކަށް އަދިވެސް ފޯނެއް ނުގަނެއެވެ. 

އިރުއޮއްސެންވާއިރަށް ކަޔާންމެން ވިލިމާލެއަށް ދިޔައިރު ގެ ހީވަނީ ފަޅުތަނެއް ހެންނެވެ. ގެއަށް ވަންގޮތަށް ނަމާދަށްފަހު ލައިޝާ އުޅެގަތީ ކާން ތައްޔާރު ކުރާށެވެ. ކަޔާން އައިކަން ގޮވައިގެން އުޅުނުއިރު ލައިޝާ ދޭތެރެއަކުން އެދެބަފައިން އުޅޭލެއް ލޯބިކަން ދެކެލާފައި އުފަލުން ހީލައެވެ. އައިކަން ކެއީވެސް ބައްޕަގެ އުނގުގަ އިނދެއެވެ. މިވީހާ ތަނަށް އައިކަންގެ ހަޔާތުން އުނިވި ބައްޕަގެ ލޯބި ދޭން ކަޔާން ބޭނުންވަނީކަން ނޭގެއެވެ. އައިކަން ނިންދަވަން ކަޔާންގެ ތަނަވަސް މޭމަތީގައި ބާއްވައިގެން އޮތްވާ ލައިޝާ ފާޚާނާއަށްވަދެ ނިދަން ތައްޔާރުވެގެން ނުކުތެވެ. އެކަނި ކަޔާންގެ ގަމީހެއް ލައިގެން ހުރިއިރު އެ ގަމީސްފޯރަނީ ލައިޝާގެ ފައިގެ ފަލަމަސްގަނޑުގެ މެދަކާއި ހަމަޔަށެވެ. އެ ރީތި ދެފައި ހާމަޔަށްވާ އިރު އިޝްތިހާރެއްފަދައެވެ.

"އާހް ގޯޖަސް...." ކަޔާން ތައުރީފުކުރުމުން ލައިޝާގެ މޫނުމަތި ރަތްވެގެންދިޔައެވެ. މިހާ ދުވަހަށް އެކީގައި އުޅުމުންވެސް އެލަދުވެތިކަން އެކީގައި ފިލައިގެން ދާ ގޮތެއް ނުވިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭން ފެށިއެވެ. ދެތިންފަހަރު ޓަކިޖަހާލިގޮތަކުން ލައިޝާ ހައިރާންވިއެވެ. މިގަޑީގައި އަންނާނީ ކާކުބާވައެވެ.

"ވެއިޓް ލައި، އަހަރެން ދާނަން، މިގަޑީގައި އަންނާނީ ކާކުތަ.." ކަޔާން ބުނެލިއެވެ.
"ނޫނޭ ކެން، އަހަރެންވެސް ސިއްރު ސިއްރުން ބަލާފާނަން، ނުދަންނަ މީހެއް ވެއްޖެއްޔާ ދޮރު ނުހުޅުވާނަމޭ......" ލައިޝާ ގުދުވެ ކަޔާންގެ އިސްތަށިގަނޑުގައި ބޮސްދީފައި ދަރިފުޅަށް ބަލައިލިއެވެ. އައިކަންއޮތީ ދެލޯ މެރިފައެވެ. އެ ދިގު އެސްފިޔަތަކުގެ ހިޔަނި ކޯތާފަތަށް އެޅިފައިވެއެވެ. ލައިޝާ އަވަހަށް ޓައިޓެއްލައިގެންގޮސް ކުޑަދޮރުގެ ފަރުދާ ކުޑަކޮށް ކަހާލާފައި ސިއްރުސިއްރުން ބޭރަށް ބަލާލައިފިއެވެ. ދޮރުމަތީގައި ހުރީ ޒިއާމްއެވެ. ލައިޝާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއްނޫނެވެ.

"ހަގީގަތް އެނގުނީކަން ނޭގޭ....." ލައިޝާ ތެޅިތެޅިވާ ހިތަކާއިއެކު ދޮރު ހުޅުވާލައިފިއެވެ. ޒިއާމް ހުރީ އޮފީހަށް ދާ ހެން ރަސްމީވެގެނެއް ނޫނެވެ. ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. އެކަމަކުވެސް ރަސްމީގޮތެއް އެ މޫނުން ފެނުނެވެ. އެހެންނޫނަސް އޭނަ ހުރީ ނުރުހުންވެފައިކަން ލައިޝާ ދެނެގަތެވެ. ލައިޝާ ސްކާފް ނާޅާ އޭނަގެ ކުރިމަތީގައި ހުރިތަން ފެނިފައި ޒިއާމް ހައިރާންވިއެވެ. ދީންވެރިކުއްޖެއްގެ ގޮތުގައި ނަންވެފައިވާ ކުދިންވެސް ގޭތެރޭގައި އުޅޭއިރު ބުރުގާނާޅާ އުޅޭކަން އޭނަ ދަނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ހިލޭ ފިރިހެނަކު ގެއަށް އައީމަ ހުރިގޮތަށް ހުރެ ނިކުންނަން ޖެހޭހެއްޔެވެ؟ 

"ކަޔާންއަށް ގޮވާ..." ޒިއާމް އަމުރުވެރި ގޮތަކަށް ބުނެލިއެވެ. 
"ޕްލީޒް ހޭވް އެ ސީޓް، ވަން މިނިޓް އިނގޭ ދޮންބެ......." ލައިޝާ ހުރިހާ ދަތްތައް ފެންނަވަރަށް ހީގެންފައި ދުއްވައިގަތެވެ. ޒިއާމްއަށް ދޮންބެ އެ ލަފުޒު އަޅައިގަތެވެ. ލައިޝާ އޭނަ ބޭބެއަކަށް ހެދީ ކޮންއިރަކުހެއްޔެވެ؟ އަބަދު ސަރ ކިޔަކިޔާފައި ބޭބެއޭ ކިޔަން ފެށީމަ ޒިއާމްއަށް އެކަން ފާހަގަނުކުރެވެންވީ ކީއްވެހެއްޔެވެ؟ ޒިއާމް އެގޮތް ބޭނުންނުވިޔަސް ކަޔާންގެ އަންހެނުންގެ ހައިސިއްޔަތުން އެހެން ކިޔުމުގެ ހައްގު ލައިޝާއަށް އެބައޮތެވެ. ޒިއާމް ގެ ނަޒަރު ހުއްޓުނީ ޓީވީ ރެކްމަތީގައިވާ ތަސްވީރުތަކަށެވެ. ޒުލްމާގެ ފޮޓޯތައް ފެނުމުން ޒިއާމްގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އައެވެ. އެ އަންހެންމީހާގެ ދެލޯ ރީއްޗެވެ. ފުނެވެ. އެކަމަކު ހިނިތުންވެލާފައި ހުންނަ ފޮޓޯތަކުންވެސް އެލޮލުގައިވާ ހިތާމަވެރިކަން އެވަނީ ހާމަޔަށެވެ. ހިނިތުންވުން ލޮލާއި ހަމަޔަކަށް ނުފޯރައެވެ. ޒިއާމް މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އިރުކޮޅެއް ނުވަނީސް ކަޔާން އެތަނަށް ނުކުމެލާފައި ކުޑަކޮށް ހީލިއެވެ.

"ކެން، ވާހަކައެއް ދައްކާލަން ބޭނުން......" ޒިއާމް ދޮރުހުޅުވާލަމުން ބުނެލިއެވެ. ކަޔާން ޒިއާމްގެ ފަހަތުން ބޭރަށް އައުމުން ޒިއާމް ހުއްޓުނީ ދޮރާށި ކާރީގައެވެ. އެހިސާބުގައިވާ ހޮޅިބުރިއެއްގެ އަލި ޒިއާމްގެ މޫނަށް އެޅިފައިވެއެވެ. ކަޔާން ހީކުރީ ކެންޒީގެ ފަރާތުން ޚަބަރެއް އިވިގެން ޒިއާމް މިގެއަށް އައީކަމުގައެވެ. ވީ އެހެނެއް ނޫނެވެ. ޒިއާމް އައީ މަންމަގެ ހައްގުގައެވެ. އެތެރެ އެތެރެއިން އަނދައަނދާހުރި ކަމުގައިވިޔަސް ކަޔާންގެ މިޒާޖު އެނގޭތީ ކޮއްކޮ ރުޅިއަރުވާލާކަށް ޒިއާމް ބޭނުމެއް ނުވިއެވެ. އޭނަ ވާހަކަދެއްކީ ރީތިކޮށެވެ. ކަޔާން މަންމަ ދޫކޮށްލާފައި ދިޔުމުން މަންމަ އެކަމާއި ރޮނީކަމަށާއި މަންމަ ގާތަށް ކަޔާން އައުމަށް ޒިއާމް އެދުނެވެ. ދޭތެރެއަކުން ލައިޝާ ގާތަށްވެސް އާދެވިދާނެ ކަމުގަޔާއި ވިހޭ މައިމީހާގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައި ހިލޭ އަންހެނަކަށްޓަކައި ދުރަށް ނުދިއުމަށެވެ.

"ދޮންބެ، ޝީޒް މައި ވައިފް، އެހެން ނޫނަސް ދޮންބެއަކަށް އަންޑަސްޓޭންޑް ނުވާނެ، ހުރިހާ ވާހަކައެއް ކިޔައެއް ނުދެވޭނެ، ދޮންބެ މަންމައަށް މި މެސެޖްދީ، މިހާރު އަހަރެންގެ ވައިފް އަދި ދަރިފުޅު ވަރަށް މުހިއްމު، ދޭ ނީޑް މީ، ވީމަ އާއިލާ ދޫކޮށްފައެއް ނުދެވޭނެ، މަންމަދެކެ ލޯބިވޭ، ދޭތެރެއަކުން އައި ވިލް ވިޒިޓް މަމް، އެކަމަކު ކެންޒިއާގައި ހުރެފައި ދޭތެރެއަކުން އަންހެނުންނާއި ދަރިފުޅު ދެކެލަން އައުމަކީ ކިހާ ހެއްވާ ކަމަކަށް ވާނެ، ސޯ މަންމަ ގާތުގައި ބުނެދީ މަޖުބޫރުވީއޭ......." ކަޔާން ނިތްކުރީގައި ފިރުމާލިއެވެ. ހަގީގަތުގައި މަޖުބޫރުވެގެން އެއް ފަރާތެއް ޚިޔާރުކުރަންވީމަ އޭނައަށްވެސް އަސަރު ނުކުރަނީއެއް ނޫނެވެ. ދެރަވެއެވެ. މަންމަގެ ހިތުގައި ޖައްސާކަށް އޭނަ ނެތެވެ. ނަމަވެސް މަންމަ ކަންތައްކުރިގޮތް ދޮންބެއަށް އެނގިއްޖެއްޔާ އޭނައާއިމެދު ހަމްދަރުދީވާނެއެވެ. އޭނައަކީވެސް އިންސާނެކެވެ. ދަރިފުޅަށްޓަކައި އެހިތުގައި އިންތިހާއަށް ލޯބިވެއެވެ. އަދި ދަރިފުޅުގެ މަންމައަށް އެހާ ގަދަރު ކުރެވެއެވެ. އެއީ އޭނަގެ އުނަގަނޑާއި ހަމަޔަށް ފޯރާ ކުޑަކުޑަކުއްޖެއްގެ ގޮތުގައި ހުރީއްސުރެން އޭނަދެކެ ދެގޮތެއްނުވެ ލޯބިވަމުން އައި އަންހެންކުއްޖެކެވެ.

"އެޓްލީސްޓް ކެން ފޯނު ގެންގުޅޭނަމަ، ކޮބާތަ ފޯނު، މަންމަ ކިހާ ހާސްވާނެ ކެންއަށް ނުގުޅުނީމަ....." ޒިއާމް އެވަރުންވެސް ހިތްހަމައެއް ނުޖެހުނެވެ.
"ފޯނު ހަލާކުވީ...." ކަޔާން އުޒުރެއް ދެއްކިއެވެ.
"ފޯނެއް ގަންނާނެ ލާރިއެއްވެސް އަތުގައި ނެތީދޯ، ކެން ޖޮބަށް އަންނަންފަށާ، އޮފީހުގައި އަދިވެސް އެ މަގާމު އެއޮތީ ކެންއަށް....." ޒިއާމް ހުރީ ކޮންމެހެންވެސް ކަޔާން ރުއްސަން ބޭނުންވެފައެވެ. ކަޔާން ހުރީ އެހާ ފަސޭހައިން ވަޒީފާއަށް ނުކުންނަގޮތަކަށް ނޫނެވެ. ނަމަވެސް ޒިއާމްއަށް އިހުތިރާމްކުރާތީ އޭނަ ޖަދަލުކުރާކަށް ނޫޅެ ވިސްނާނަމޭ ބުނެލާފައި ނިންމާލައިފިއެވެ. ޒިއާމް އައިކަން ދެކެލާހިތުން އެވާހަކަ ދެއްކުމުން ޒިއާމް އެކޮޓަރިއަށް ގެންދިޔައެވެ. އޭރު ލައިޝާ އިނީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ޒިއާމް ފެނުމުން އޭނަގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. ޒިއާމްއާއި ދިމާލަށް ލައިޝާ ތަފާތު ނަޒަރަކުން ބަލާލިހެންވެސް ޒިއާމްއަށް ހީވިއެވެ.

ރައަދު އެހެން ފިރިހެންކުއްޖަކާއިއެކު ސައިކަލު ފަހަތަށް އަރައިގެން އައިތަން ފެނިފައި ވަރުޖިނާ ރުޅިގަދަވެގެން ރައަދު އަތުން ފޯނު ފޭރިގެންފައި ކޮޓަރީގައި ބަންދުކުރިއެވެ. އެއްވެސްތާކަށް ހުއްދަނެތި ނުދެވޭނެކަމަށް އެންގިއެވެ. ރައަދު ރޮއިރޮއި ހަލާކުވާވަރުވިއެވެ. ވަރުޖިނާގެ އަތުން ދެތިން އެތިފަހަރު މޫނަށް އަރައިގެން ދިޔުމުން ހިތަށް ތަދުވެ މޮޔަވާވަރުވިއެވެ. އޭނަގެ ބަދުނަސީބުކަމާއިމެދު ވިސްނާލިއެވެ. ރޭގަނޑުވުމުން ބަނޑުހައިވެގެން ކާކޮޓަރިއަށް ދިޔައިރު އަޒީޒުއްދީން ކޮފީތަށްޓެއް ބޯލަން ގޮނޑިއެއްގައި އިންނެވިއެވެ. އަތުގައި އޮތީ ދުވަހު ނޫހެވެ. ރައަދުގެ އުޅުމާއި ބެހޭގޮތުން އެކި ވާހަކަތައް އިވިލައްވާފައިވާތީ އަޒީޒުއްދީން އިންނެވީ ދެރަވެފައެވެ.

"ރާދު، މިރޭ ކާގަޑީގައިވެސް ނުފެނުނު، އެއްޗެއް ކާލަންވީނު......" އަޒީޒުއްދީން އެދިލެއްވިއެވެ. ކަޔާންއަށް ނުގުޅިގެން އުޅުމަށްފަހު ޒިއާމްގެ ފަރާތުން އިވުނު އެއްޗަކުންވެސް އަޒީޒުއްދީން އިންނެވީ އެހާ އަސަރުކޮށްފައެވެ. ކުދިން ވަކިވާންވެއްޖެއްޔާ ދިރިއުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަޒީޒުއްދީން ދެކެލައްވާގޮތުގައި ހަޔާތުގެ އެންމެ ބޮޑު އުފަލަކީ އަންހެނުންނާއި ކުދިންނެވެ. އެހެންނޫނީ ފައިސާއާއި ބާރަކުން ލިބޭނެ ހިތްހަމަޖެހުމެއްނުވާނެއެވެ.

"މަންމަ ރުޅިއައިސްގެން މޫނުމަތީގައި ތަޅައިގަތީމަ އަދިވެސް މިއޮތީ ދުޅަވެފައި، ވަރަށް ތަދުވޭ، ބައްޕާ އައި ހޭވް ސަމްތިން ޓު ޓެލް ޔޫ......" ރައަދު ފްރިޖް ހުޅުވާލާފައި ކިރު ޕެކެޓެއްނެގިއެވެ.
"ބުނެބަލަ ދަރިފުޅާ......." އަޒީޒުއްދީން ނޫސް އެއްފަރާތުގައި ބާއްވާފައި ރައަދުގެ ވާހަކަތަކަށް ސަމާލުކަން ދެއްވިއެވެ. ދަރިންގެ ވާހަކަތަކާއި އިހުސާސްތަކަށް ގަދަރުކުރަންވާނެކަމަށް މިހާރަކައަށް އައިސް އޭނަ ގަބޫލުކުރައްވައެވެ.

ކޮމެންޓް 0