"މާޔާ ޑިވޯސްވާން ބޭނުމޭ ކިޔައިގެން އުޅެނީ، އަދި މަންމަ ގާތު ބުނެފި އެއްނު އަހަރެން ރާދު އާއި ރައްޓެހިވެގެން އުޅެނީއޭ، މަންމަ އެކަމާއި ވަރަށް ދެރަވެގެން ރުއީ، އަހަންނަކަށް ނޭގޭ އަހަރެން ހަދަންވީ ގޮތެއް، މަޔާ ދާން ބޭނުމިއްޔާ އަހަރެން ނުހިފަހައްޓާނަން، މި އަންހެންކުދިންގެ ބޮޑު އަނގަޔާއި ހެދި ކަމެއް ކުރެވޭކަށްވެސް ނޯވޭ.........." ޒިއާމްގެ ހާސްކަން ނުރުހުމަށް ބަދަލުވިއެވެ. ތަންކޮޅެއް ބާރަށް ހުންގާނުގައި ގޮށްމުށުން ޖަހާލިއެވެ. ކަޔާންއަށް ވުރެ ޒިއާމްގެ ރުޅި މައިތިރިއެވެ. ފަސޭހައިން އަމިއްލަ ނަފުސަށް ބާރު ފޯރުވާން އޭނަ ދަނެއެވެ. އިރުކޮޅެއް ފަހުން ހަމަޖެހިލަމުން ކަޔާންގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަދައްކަން އިންއިރު ޒިއާމްގެ ކޫލް ކަމާއިމެދު ކަޔާންވެސް ހައިރާންވިއެވެ. ތިމާގެ އަނބިމީހާ ވަރިވާން އެދުނީމަވެސް ޒިއާމްގެ ހިތަކަށް އެއްޗެއް ނޭރިއެވެ. ވާނީވެސް އެހެންނެވެ. އެދެމީހުންގެ ދޭތެރޭގައި ލޯބި އޭ މިކިޔާ އިހުސާސް ލައްވާފައެއް ނުވެއެވެ. ލޯބިނުވާ މީހަކާއިއެކީގައި އެއް އެނދު ހިއްސާކުރާނީ ހާދަ ކެތްތެރިމީހެކެވެ. އޭނައަކަށް ނުވާނެއޭ ކަޔާންގެ ހިތަށް އެރިއެވެ.

އަފްރީނުގެ މަންމަ ރަންދާ ގާތުގައި ވަރުޖިނާ ކަޔާންއާއި ލައިޝާގެ ކައިވެނީގެ ވާހަކަ ދެއްކުމުން އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށްވިއެވެ. ރަންދާ ރުޅިގަދަވެގެން ކެތްނުކުރެވިގެން އޭނަގެ ދައްތައާއި ޝަކުވާކުރަން ފެށިއެވެ.

"ދޮންތަ ތިކަން ކުރުވަން ހިތްވަރުދޭއިރު އެއްޗެއް ހިތަށް ނާރާތަ؟ ކަޔާން އަޅުގަނޑުގެ ދަރިފުޅު ބަދުނާމުކޮށް ދުނިޔެއަށް ގިނަކޮށްލީމަވެސް އަޅުގަނޑު ހުރީ ހިމޭނުން، ކެތްކޮށްލައިގެން، މަގޭ ދައްތައެއްގެ ދަރިއަކަށްވީތީ، ކަޔާން ބޭނުމެއްނުވި އެހާލުގައި އަފްރީން ވިހޭ ދަރިފުޅުވެސް ދޫކޮށްލާކަށް، މިހުރިހާ ދުވަހުވެސް އަޅުގަނޑު މިހިރީ ދޮންތަމެން ހަދާގޮތެއް ބަލަން އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުންނެއް ނޫންތަ؟ ދޮންތަ އަހަރެމެންގެ މި މާތް އާއިލާގެ އަގުވައްޓާލަން ތިއުޅެނީ،ތަނަކުން އަންހެނަކު ފެންނައިރަށް ގެނެސް ކަޔާންއާއި ދެވަން ޖެހޭތަ؟ ދޮންތަ ތިކަން ހުއްޓުވާ، ނޫނީ އަޅުގަނޑުވެސް މަސައްކަތް ކުރާނަން އަޅުގަނޑުގެ ދަރިފުޅުގެ ހައްގު ހޯދަން....." ރަންދާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. ރަންދާ، ނަތާޝާ، މިންކާ އަދިވެސް ވަރުޖިނާގެ އެއްބަނޑު އެއްބަފާ ހުރިހާ ބެއިން އުޅެފައިވަނީ ވަރަށް ގާތްކޮށެވެ. އެ އާއިލާގައި މި ނޫނީ އަދި މިފަދަ މައްސަލަގަނޑެއް ޖެހިފައެއް ނެތެވެ.

"ކަޔާންގެ ގޮތް ދޫނުކުރުމާއި މިޒާޖު ރަންދުއަށް އެނގެއެއްނު، އޭނަ ނަފްސާނީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދިންކަންވެސް ރަންދުއަށް އެނގެއެއްނު، ދެން ކީއްވެތަ އެހާވަރުން އަފްރީން އާއި ކަޔާން ގުޅުވަން ކޮއްކޮ ތި މަސައްކަތްކުރަނީ، ކަޔާންއާއިއެކު އަފްރީންއަށް އުޅޭކަށް ފަސޭހައެއް ނުވާނެ، ލައިޝާކަހަލަ ނިކަމެތި ކުއްޖެއްވީމަ ލާރީގެ ބޭނުމުގައިވެސް ކަޔާން ދޫކޮށެއްނުލާނެ، އެހެންކުއްޖަކަށް ކަޔާންގެ ލައިފް ޕާޓްނަރގެ ގޮތުގައެއް ނުހުރެވޭނެ، ކަޔާން ރުޅިއަންނަ ވަގުތު ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ، ލައިޝާއަށް ފަހުން ކަޔާންގެ އަސްލު ސޫރަ ފެނުނަސް ބޭނުމެއްނުވާނެ ދާކަށް، ކަޔާންގެ ނޯކަރެއްހެން އުޅޭނެ، ވަރަށް ދުރަށް ވިސްނާލާފައި ދޮންތަ އެއްބަސްވީ........" ވަރުޖިނާ ނުތަނަވަސްވިއެވެ. އޭނަ ކޮފީތަށި ހިފައިގެން ގޮސް ކުޑަދޮރު ކާރީގައި ހުރި ގޮނޑިއެއްގައި އިށީދެ ފުންނޭވަޔެއް ދޫކޮށްލިއެވެ. ހަގީގަތުގައި އޭނަ ބޭނުމީ ކަޔާން އުފަލުގައި ހުންނަތަން ދެކުމެވެ.

"އަޅުގަނޑު ކަޔާންއަށް ރަގަޅުކޮށް ދީފާނަން، ނަފްސާނީ މީހުންނަށް ނުވާ ކަންތައް ފަންޑިތަވެރިން ރަގަޅުކޮށްފާނެ......" ރަންދާ ހުރީ މޫނު ބަނަކޮށްލައިގެންނެވެ. އަފްރީން ފަދައިން ސްޓައިލިޝްވެގެން ހުރިއިރު ތަނަވަސް ނިތްކުރިއާއި ބޮޑުދެލޮލުގެ ސަބަބުން އޭނަ ފެންނަލެއް އެހާ ނަލައެވެ.

"ރަންދާ ތިއުޅެނީ ފަންޑިތައަށް އީމާންވެގެންތަ؟ އެއީ މީހުންގެ ހަލާކު، އަހަރެން ކަޔާން އާއި ފަންޑިތަވެރިއެއް ކައިރިވިޔަވެސް ނުދޭނަން...." ވަރުޖިނާ ފުންމައިގެން ތެދުވެ އެންމެ ފަހު ޖުމްލަ ބުނެލީ ހަޅޭއްލަވައިގަންނަމުންނެވެ. ވަރުޖިނާގެ ރީތިކަން ހިނދުކޮޅަކަށް ނަމަވެސް ކޮންމެވެސް ވަރަކަށް ފަނޑުވެލައިފިއެވެ. ހޫރުޕަރީއެއްގެ ގޮތުގައި ހުރެލާފައި އެތެރޭގައިވާ ޝައިތާނާ މޫނުމަތިން ދައްކާލިހެން ހީވިއެވެ. ވަރުޖިނާ ޒުވާން ދުވަސްވަރުވެސް ރުޅިގަދަކަމުގެ އިންތިހާއެވެ. ކަޔާންމެންގެ ހަޔާތަށްވެސް ކޮށްފައިވަނީ އެކަމުގެ އަސަރުކަން ނޭގެއެވެ. ތަރުބިއްޔަތު ކުރެވުނުލެއްވެސް ގޯސްވީއެވެ.

"އެންމެ ރަގަޅު، ދޮންތަ އެހެންވިއްޔާ ތި ކައިވެނި ހުއްޓުވާ، އަޅުގަނޑުގެ ފުރާނަ ހުރެގެނެއް ކަޔާންއަށް ލާހިކެއްނޫން އަފްރީން ނޫން މީހަކާއި އިންނާކަށް......." ރަންދާ އަޒުމް ކަނޑައެޅިއެވެ. ވަރުޖިނާގެ ޚިޔާލު ދެއަތަށް ކިރެންފެށިއެވެ. އެބުނާހެން އޭނަ މިކަން ކުރުވަން އުޅެނީ ވިސްނާނުލާ ހެއްޔެވެ؟ އެފަދަ އަންހެންކުއްޖަކު ގެއަށް ގެނައުމުން އޭނަގެ އާއިލާގެ އިތުރުން އެކުވެރިންގެ މަލާމާތްތައް އަމާޒުވާނެއެވެ.

ކަޔާން ފޯމު ފުރިޔަސް ވަރުޖިނާ ހުރީ އެކަން ހުއްޓުވާށެވެ. ރަންދާ އެހާ ވަރުން ދެކޮޅު ހަދާފައި އެކައިވެނި ހުއްޓުވަން އަތުކުރި އޮޅާލުމުން މުޅި އާއިލާވެސް އެކަމާއި ދެކޮޅަށް ތެދުވެއްޖެއެވެ. ވަރުޖިނާގެ މަންމަ އެހާ މުސްކުޅި ހާލުގައި ހުރެވެސް ކެންޒިއާއަށް ޒިޔާރަތްކުރީ ވަރުޖިނާ އާއި ވާހަކަ ދެއްކުމަށެވެ. ވަރުޖިނާ އެކަމަށް ހުއްދަ ދީގެން އެ ދަށް އަންހެންކުއްޖާ އަށް މިގެއިން ޖާގައެއް ދީފިއްޔާ ދުވަހަކު ހިތްހެޔޮ ނުކުރާނެކަމަށް މަންމަ އެންގިއެވެ. އެންމެންވެސް އެއްތަންވެ ވާހަކަދެއްކީ ސިއްރުންނެވެ. އެވާހަކަ ކަޔާންގެ ކަންފަތުގައި ޖެހޭކަށް އެމީހުންނެއް ނޭދެއެވެ. ވަރުޖިނާގެ އާއިލާގެ މީހުން އެގެއަށް މާ ގިނައިން ޒިޔާރާތްކޮށް އެންމެންވެގެން މަޝްވަރާކުރާ ކަމެއް އޮޅުން ނުފިލާ އޮތީ ކަޔާންއަށެވެ. ބައްޕަ ކަޔާންއަށް އެންގެވީ އިހަށް ކައިވެނި ފަސްކުރުމަށެވެ. ކެންޒީ އެހާ ބަލިއިރު ޕާޓީއެއް ބާއްވަން ބައްޕަ ބޭނުމެއް ނުވެޔޭ ބުނުއްވުމުން ކަޔާން ހުރީ ޝޮކެއްގައެވެ. ބައްޕަމެންގެ ޚިޔާލު ކުއްލިއަކަށް ބަދަލުވީ ކީއްވެހެއްޔެވެ؟ އޭނަ ކައިވެންޏެއް ނުކޮށްގެން އެކަމާއި ވާހަކަދެއްކެވީވެސް ބައްޕަމެންނެވެ.

ވަރުޖިނާ ކަޔާންގެ ކޮޓަރިއަށް ވަންއިރު ކަޔާން ފެންވަރާލައިގެން ނުކުތީއެވެ. ކަޔާންގެ ރީތި މޫނުމަތިން ފެންނަނީ އެހެން ދުވަހު ނުފެންނަވަރުގެ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ވަކިން ރީތިވެފައި ހަރުދަނާވެފައިވާހެން ހީވިއެވެ. ތެދުވެރި ލޯބީގެ އަސަރުތައް ކަޔާންގެ ލޮލުން ފެނެއެވެ. ހަމަ ރަގަޅަށްވެސް އޭނަގެ ދަރިފުޅު އެ އަގެއްނެތް އަންހެންކުއްޖާދެކެ ލޯބިވީހެއްޔެވެ؟ އޭނަ އަތުން ގޯހެއް ނެހެދުނީ ހަމަ ކިރިޔާއެވެ. ލައިޝާ ނޫނަސް އެހެން އަންހެންކުއްޖަކަށްވެސް ކަޔާންގެ ދިރިއުޅުން އާބާދުކުރެވިދާނެއެވެ. ކަޔާންގެ ބޮލުގައިވާ ޝައިތާނާ ނެރެލެވިދާނެއެވެ. އެހެންނޫނީ މީހުންވެސް ހާދަ މަލާމާތް ކުރާނެއެވެ.

"ދަރިފުޅާ، މަންމަ ބުނެފިއްޔާ ކަމެއް ކޮށްދީފާނަންތަ؟ " ވަރުޖިނާ ވާހަކަދެއްކީ ނިކަން ރީތިކޮށެވެ.
"އެނީތިންގް ފޯރ ޔޫ މަމް، ކީއްވެ ނުވާންވީ؟ މަންމަ ނުބުނާނެ އަޅުގަނޑަށް ނުކުރެވޭވަރުގެ ކަމަކަށް......." ކަޔާން ހުރީ ރަގަޅު މޫޑެއްގައެވެ. ކަޔާން އެހާ އުފަލުން ހުއްޓާ އެހިތަށް ދަތިވާފަދަ އެއްޗެއް ބުނަން ވަރުޖިނާގެ ހިތް ނުކުޅެދުނެވެ. ލޯބިވާ ދަރިޔަކަށް އެފަދަ ހިތާމައެއް ދޭން މަންމައެއްގެ މައިލަނގޮޑިއަށް ކެތްވާނެ ހެއްޔެވެ؟ ނަމަވެސް ކަޔާންގެ އަންހެނުންގެ ގޮތުގައި ހުރެ ލައިޝާ މިގެއަށް ވަދެއްޖެއްޔާ މިގޭގެ ކޮންމެ މެމްބަރަކީ އެކުއްޖާގެ ދުޝްމަނަކަށްވެގެން ދާނެއެވެ. ލައިޝާއަށް ކެތްނުކުރެވޭ ވަރުވާނެއެވެ. ލައިޝާއަށް ނޭގެނީއެވެ. މި އާއިލާގެ ނުފޫޒުގެ ތެރޭގައި ތާށިވާންވެއްޖެއްޔާ ލައިޝާ ގެނބިގެން ހިނގައިދާނެއެވެ. ވަރުޖިނާ ލައިޝާއަށް ގުޅާފައިވެސް އެ ވާހަކަ ދައްކަން ބޭނުމެވެ. 

"މަންމަ ވަރަށް ވިސްނާފައި މިބުނަނީ، ދަރިފުޅު ޖުއާންއަށް ދޮންމަންމައަކު ހޯދާދޭން އުޅެންޏާ ޖުއާން އަފްރީން ގާތަށް ފޮނުވާލާފައި އެކަން ކުރޭ....." ޖުއާންއަކީ ކަޔާންގެ ބަލިފައިކަން ވަރުޖިނާ ރަގަޅަށް ދަނެއެވެ. ކަޔާންގެ ނިތަށް އަރައިގެން ދިޔަ ރޫތަކުން އޭނަ ހިތްހަމަނުޖެހުނުވަރު ވަރުޖިނާ ދެނެގަތެވެ. 

"ނޫން މަންމާ، ކައިވެންޏަށްފަހު އަޅުގަނޑުގެ ދަރިފުޅު ބަލާނީ ލައިޝާ، ޖުއާންގެ މަންމައަށް ވުރެން ލައިޝާ މާ ހެޔޮވާނެ، އައި ހޭވް ނޯ ޑައުޓް އެބައުޓް އިޓް........" ކަޔާން ދެކޮޅުހެދިއެވެ.

"ކަޔާން ތިހިރީ މަންމަމެންނާއި ދެކޮޅަށް ތި އަންހެނާއާއި އެކީގައި ދާންތަ؟ އިހަށް ދުވަހު ފެނުނު އަންހެނަކު މަންމަމެންނަށް ވުރެ ކަޔާންއަށް މުހިއްމުވީ ކޮން ދުވަހަކުންތަ؟ މަންމަމެން ދަރިފުޅު ދުނިޔެއަށް އައީއްސުރެން ގާތުގައި މިތިބީ...... " ވަރުޖިނާ ތަންކޮޅެއް ރުޅިގަދަވާގޮތްވެފައި ހުރުމުން ވާހަކަދެއްކީ ހަރުކަށިކޮށެވެ. ކަޔާން ހިމޭންވިއެވެ. ސިކުނޑީގެ ތެރޭގައި އޮއިވަރެއް ހިނގާލިނަމަވެސް މަންމައާއި ޒުވާބުކޮށް ޖަދަލުކުރާކަށް އޭނަ ބޭނުންނުވިއެވެ. މަންމަމެން މިއަދާއި ހަމަޔަށް އެކައިވެނި ކުރުވަން އުޅެފައި މިވީ ކިހިނެއްހެއްޔެވެ؟ ކުއްލިއަކަށް ޚިޔާލު ބަދަލުވުމުގެ ސިއްރެއްވާނެ ކަމަށް ސިކުނޑިން ސިގްނަލް ދިނެވެ. މަންމަމެން އެކަން ހުއްޓާލާށޭ ބުނަންވީ ކައިވެނީގެ ފޯމު ކޯޓަށްލީމަ ހެއްޔެވެ؟ އޭނައާއި ލައިޝާ މިވަނީ އެހިސާބަށް ދުރަށް ގޮސްފައެވެ. 

ކެންޒީއަށްޓަކައި އޭނަވެސް ހުރީ މީހަކާއި ނީންނާށެވެ. ދުނިޔޭގެ އުފަލެއް ނުހޯދާށެވެ. ނަމަވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އޭނަ ވަރަށް ދުވަހަށް ކެތްކޮށްފިއެވެ. އޭނަ ދެން މަޑަކުން ނުހުންނާނެއެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް މިކަން ނުހުއްޓުވޭނެއެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އެޅިގޮތަށް ދާނީ ކުރިއަށެވެ. ދިމާވާ ކޮންމެ ހުރަހެއްވެސް ނައްތާލުމުގެ ހިތްވަރު އެބަހުއްޓެވެ. ނެތީ އެންމެ ހިތްވަރެކެވެ. މައިންބަފައިންގެ ހިތުގައި ޖެއްސުމެވެ. އެމީހުންނަށް ހިތުގައި ދެވިފައިވާ މަގާމާއި ލޯބި ދުވަހަކު ދެގޮތެއް ނުވާނެއެވެ.

ކަޔާންއަށް ވިސްނައިދޭން ވަރުޖިނާ އެކިގޮތްގޮތަށް މަސައްކަތްކުރިއެވެ. އަފްރީން އެހާ ނިކަމެތިކޮށްލާފައި އެއްފަރާތް ކޮށްލުމުން އެއާއިލާއާއި އޮތްހާ ގުޅުމެއް ކެނޑިގެން ދާނެކަމަށާއި ރަންދާ ބޮޑުދައިތަ އަދިވެސް ހުންނަނީ ކަޔާން އާއިމެދު ފޮނި އުއްމީދުތަކެއް ކޮށްގެން ކަމަށް ބުނެ ވިސްނާދިނެވެ. ވަރުޖިނާގެ ވާހަކަތައް އަޑުއަހަން ކަޔާން ހުރީ ހިމޭންކަމާއި އެކުގައެވެ. އޭނަ ގަމީސްލައިގެން ގޮށްތައް އަޅުވަންފެށިއެވެ. އަރްމާނީ ކޯޑްގެ މީރުވަހުން މުޅިތަން އެއްވަސްވެލައިފިއެވެ. އޭނަގެ ކޮންމެ ހަރަކާތެއްގައިވަނީ ލަސްކަމެކެވެ. ކިތަންމެ ގިނަ ކަންތަކެއް ސިކުނޑީގައި ވާކަހަލައެވެ. އެފަދަ ކަމެއް ހިގަމުން ދިޔަސް އޭނަ މޫނުމަތިން އެކަމެއް ނުދައްކައެވެ. އޭނަ ހުރީ ފޮނި އުއްމީދެއްގައެވެ. ލައިޝާ މިގެއަށް ގެނައުމަށްފަހު އުފާވެރި ކުޑަ އާއިލާއެއް ބިނާކުރުމުގެ ހުވަފެންތައް އެއްފަހަރާ ފެނަށްވެގެން ހިގައްޖެއެވެ.

"ކަޔާން، އާންސާ މީ....." ކަޔާން ހިމޭނުން ހުރުމުން ހިތްވަރު ލިބިފައި ވަރުޖިނާ ހަޅޭއްލަވައިގަތެވެ.
"އޯކޭ މަންމާ، މަންމަ ބުނާގޮތަށް ހަދާނަން، ރަސްމީކޮށް އެކަންތައް ނިންމާލައިފިން، ކައިވެނީގެ ފޯމުވެސް އަނބުރާ ގެންނާނީ........" ކަޔާން މަންމައާއި ދިމާލަށް އެނބުރެމުން ތަންކޮޅެއް ސީރިޔަސްކޮށް ބުނެލިއެވެ. 
"ތެންކިއު މައި ސަން.... މަންމައަށް އެނގޭ ދަރިފުޅަކީ އެހާ ނުބައިކުއްޖެއް ނޫންކަން، މަންމަގެ ބަސްއަހާ ދަރިއެއް ތިއީ، އައިމް ސޯ ޕްރައުޑް އޮފް ޔޫ ޑާލިން....." ވަރުޖިނާ ކަޔާންގެ ތަނަވަސް ނިތުގައި ބޮސްދިނެވެ. އޭނަ ހުރީ އުފަލުން މަރުވާވަރުވެފައެވެ. ފިޔައެއް ލިބިފައިވާނަމަ އުދުއްސައިގަތީހެވެ. އެންމެނަށް އެޚަބަރު ދޭން ގުޅާލާހިތުން ކެތެއްނުވިއެވެ. ކަޔާން ލައިޝާއާއި ކައިވެނިކުރަން އުޅެފައި ކެންސަލް ކުރިގޮތަށް އަދި އަފްރީންއާއި ކައިވެނިކުރާނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. އެދުވަހަކު ހުރިހާ ދައްތަމެންނާއި ކޮއްކޮމެން ވަރުގަދަ ޕާޓީއެއް ބާއްވަން ޖެހޭނެއެވެ. ވަރުޖިނާގެ ހިތް އަވަސްވިއެވެ. މޭގައި ފިރުމާލެވުނެވެ. ބޭރަށް ނިކުންނަމުން ހާމަޔަށްވާ އުދަރެހާއި ދިމާލަށް ބަލައިލަމުން އޭނަ ދުޢާކުރިއެވެ.

ކަޔާންއަށް މިގޭތެރޭގައި ހިނގަމުންދާ ކަންތައް ރޭކާލާންފެށީ މާ ފަހުންނެވެ. އޭނަގެ މަންމަގެ ބޮޑު އާއިލާގެ އެންމެން އެހާ ގިނައިން އެގެއަށް ޒިޔާރަތްކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. މުސްކުޅި މާމަ ގޮވައިގެން އައިސް އެކުރާ ސައްލާ ދެނެގަންނާން ކަޔާންއަށް ނެގީ ކުޑަދުވަސްކޮޅެކެވެ. އެމީހުން އެދައްކަނީ އޭނަގެ ވާހަކައެވެ. އެކައިވެނި ހުއްޓުވަން ބާރުއެޅީ ކަޔާންގެ ބޮޑުދައިތައިންނެވެ. މަންމަ އެންމެން ގާތުގައި ހީހީފައި އުޅޭތަން ފެނުމުން ކަޔާން ގެ ހިތްވެސް އެ އުފަލުގައި ބައިވެރިވިއެވެ. އެއީ އޭނަގެވެސް އާއިލާއެވެ. އެމީހުންނަށް ހިތާމައެއް ލިބޭކަށް އޭނަގެ ހިތެއް ނޭދެއެވެ. ވީމަ ހަދަންވީގޮތް އޭނަވަނީ ވިސްނާފައެވެ. ހުރިހާ ކަމެއް އޭނަ ކުރަމުންދާނީ އެހެން މީހުންނަށް ނޭގޭނެ ހާ ސިއްރުންނެވެ. އާއިލާގެ އިއްޒަތާއި ޝަރަފަށްޓަކައި އޭނަގެ ލޯބިވެރިޔާގެ ހިތް ހަލާކުކޮށެއްނުލެވޭނެއެވެ.

ލައިޝާ އާފްރާމެންނާއި އެކީގައި އެރަށަށް ހަފްތާއެއްގެ ދަތުރެއްގައި ދާން އުޅޭ ވާހަކަ ބުނުމުން ޒުލްމާ އެންމެ ފުރަތަމަ ދެކޮޅުހެދިއެވެ. ނަމަވެސް އާފްރާ އެގެއަށް އައިސް ވާހަކަދައްކާ ޒުލްމާ އެއްބަސްކުރުވިއެވެ. އާފްރާ ބުނިގޮތުން އެދަތުރު ބައިވެރިވަނީ މުޅިންވެސް އަންހެނުންނެވެ.

"ލައިޝް މަ ހުރީ މުޅިން ފިނިވެފައި، ދޮގުހަދަންވީމަ، ހަމަ ކަޔާންއާއިއެކު އައްޑޫއަށް ބުރެއް ޖަހާލަން ދާން ތިއުޅެނީ ދޯ...." އާފްރާ ބޭރަށް ނިކުމެފައި ލައިޝާއާއި ދިމާކޮށްލިއެވެ.

"ތެންކިއު، ދުވަހަކު ތި އިހުސާންތެރިކަން ހަނދާންނައްތައެއް ނުލާނަން، އާފްރާ ރަށަށް ދާކަން އެއީ އަހަރެންނަށްވެސް ލިބުނު ނަސީބެއްނު، އެހެންވެ މަންމައަށްވެސް އޮޅުނީ...." ލައިޝާ އާފްރާގެ ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ. ކީވާއަކަށްވެސް ހަގީގަތެއް ނޭގޭނެއެވެ. ލައިޝާ ދެރަވިއެވެ. ކީވާގެ ގާތުގައި ބުނަން އެތައްފަހަރަކު ހިތަށް އެރިއެވެ. ކީވާ ވިޝާންއާއި ރައްޓެހިވެގެން އުޅޭއިރު އެއީ ބުއްދިވެރިކަމެއް ނޫނެވެ. އަފްރީންއަކީ ވިޝާންގެ ކޮއްކޮއެވެ. ވިޝާންއަށް އެކަން ފަޅާއަރާއިރަށް އަފްރީންއަށް ނޭގެންވީ ސަބަބެއް ނެތެވެ. އެ ސިއްރު އަފްރީންގެ ކަންފަތާއި ހަމަޔަށް ފޯރައިފިއްޔާ ދެން ވާނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. ލައިޝާ ގެ ދަބަސް ޕެކްކުރިއިރު ކީވާ އިނީ ބަލަހައްޓައިގެންނެވެ. ލައިޝާއާއި އެކީގައި ދާން ބޭނުންވެފައެވެ. ނަމަވެސް ޑައިލިސިސް ހަދާކުއްޖަކަށް ހަފްތާއަކަށް އެހާ ކުޑަރަށެއްގައި ހުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ވިޝާން އެދުވަސްކޮޅު އެމެރިކާއަށް ފުރީ އެކުވެރިއެއްގެ ކައިވެނީގެ ޕާޓީއަށެވެ. އޭނަ ހުރިނަމަ ތަންކޮޅެއް އުދަގޫވާނެކަން ކަޔާންއަށް މާ ރަގަޅަށްވެސް އެނގެއެވެ. ވިޝާން މާލޭގައި ނެތްކަމީ އޭނަގެ ނަސީބުކަމަށް ކަޔާން ނިންމިއެވެ. އެހެންނޫންނަމަ އާއިލާގެ އެހެން މީހުންފަދައިން ހައްލައެއް ނުލެވޭނެއެވެ. ވިޝާން އޭނަގެ ކަންތައް ގާތުން ބަލާކަން ކަޔާންއަށް އިހުސާސްކުރެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

ލައިޝާގެ ކާފައަކީ އުތުރު ރަށެއްގެ މީހެކެވެ. އެރަށަކީ ކުޑަ އާބާދީއެއް އޮންނަ ކުޑަ ތަނެކެވެ. ސިއްރުން ކައިވެންޏެއް ކުރަންޏާ ދާންވީ އެކަހަލަ ތަނަކަށްކަން ދެނެގަތީ ކަޔާންގެ އެކުވެރިއެކެވެ. އަލުން ފޯމު ލައިގެން އެރަށަށް ދާން ނިންމީވެސް އެނޫން ގޮތެއް ނެތިގެންނެވެ. ލައިޝާގެ ބައްޕަ ޝަދީންވަނީ އެދެކުދިން ކައިވެނިކުރަން ވަލީ ދީފައެވެ. ދެން ޖެހެނީ ރަންކިޔާށެވެ. ޝަދީންއަކަށް ލައިޝާ އިންނަން އުޅެނީ ކިހާ ފެންވަރެއްގެ މީހަކާއި ކަމެއްވެސް ނޭގެއެވެ. އެހެންނޫނަސް އޭރު ޝަދީންވަނީ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައެވެ. އެއީ ލައިޝާއަށް ލެއްވި ރަހުމަތެއްކަން ނޭގެއެވެ.

ކަޔާން އޮފީސް ދަތުރަކު ކަމަށް ހަދާފައި މާލެއިން ފުރީ ލައިޝާ ގޮވައިގެންނެވެ. ދެމީހުން އެރަށު ކޯޓަށް ގޮސް ކައިވެނީގެ ކަންތައް ނިންމާލިއެވެ. ކައިވެނީގެ ކުޑަ ރަސްމިއްޔާތުން ނިމުމާއިއެކު ސަފާރީއަށް ދެމީހުން އެރީ ދެމަފިރިންގެ ގޮތުގައެވެ. އެ ސަފާރީއަކީ އެއްފަހަރު ކަޔާންގެ ބައްޕަ އޭނައަށް ހަދިޔާކޮށްފައިވާ ސަފާރީ އެކެވެ. ސަފާރީއަކީ އެންމެ ޒަމާނީގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ކިންގްސައިޒް ސޫޓް،ޑަބަލް ޑެކަރ އެނދު، އަމިއްލަ ބާތުރޫމް، ހޫނުފެނާއި ފިނިފެނުން ފެންވެރޭނެ ނިޒާމު އަދި ޖަކޫޒީއާއި ސެޓެލައިޓް ޓީވީ ހުރުމުން ކަނޑުމަތީގައި ދުވަސްތައް ހޭދަކުރާ ފަޅުވެރިންނަށް އަމިއްލަ ގެއަށްވުރެ އަރާމުކޮށް އުޅެލެވިދާނެއެވެ. ކަޔާންމެން މަސްބާނަން މީގައި ކިތަންމެ ފަހަރަކު ގޮސްފައި މަޖާކޮށްލާފައިވެއެވެ. އޭރު އެއްގޮތަކަށްވެސް ހަޔާތުގެ އެންމެ އުފާވެރި ރޭތައް މީގައި ހޭދަކޮށްލަން ޖެހިދާނެކަމާއިމެދު ޚިޔާލުކޮށްފައެއް ނެތެވެ. ހަނީމޫން ހޭދަކުރާނީ އޭނަގެ އަމިއްލަ ސަފާރީގައިކަން ހިތަކަށް ނޭރިއެވެ.

ސަފާރީގެ ފަޅުވެރިންނަށް ލައިޝާއަކީ ކާކުކަމެއް ނޭގޭނެއެވެ. އެމީހުން އެރޭ އެ ރަށުގައި މަޑުކުރަން ކަޔާން އެދުނެވެ. ކަޔާން އަންހެންކުއްޖަކާއިއެކު ނިދާލަން ސަފާރީއަށް ދާ ވާހަކަ ޒައިފް ބުނުމުން އެފަޅުވެރިން ތިބީ ފާޑަކަށް ހިނިއައިސްފައެވެ. އެމީހުން ހީކުރީ ކަޔާން ގެންގުޅޭ ނާސި އަންހެން ކުއްޖެއް ކަމުގައެވެ. ކަޔާންފަދަ މުއްސަދި ޒުވާނުންގެ ރޭތައް ފަޅުފިލުވާލަދޭން އެފަދަ ކިތަންމެ އަންހެން ކުދިންނެއް އަންނާނެއެވެ. 

ލައިޝާއާއި ކަޔާންގެ އެ ސިއްރު ކައިވެނީގެ ޚަބަރު އެނގެނީ ކަޔާންގެ ސިއްރު އެކުވެރި އަކަށް އެކަނިއެވެ. އެނޫން މީހެއްގެ ގާތުގައި އެވާހަކަ ނުކިޔަން ދެމީހުން ނިންމައިގެން ތިބިއިރު ލައިޝާއަށްވެސް އޭގެ ސަބަބު އެނގެއެވެ. ކަޔާންގެ މަންމަމެން އެންމެ ފަހު ވަގުތު އެކައިވެންޏަށް ރުހުން ނުދިނީއެވެ.

ލައިޝާ އުފަލުން މޮޔަވެދާ ވަރުވިއެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އުނގަށް ބަންޑުން ވެފައިވާފަދަ އިހުސާސެއްކުރެވުނެވެ. އަބަދުހެން އެ ތުންފަތްމަތީގައިވާ ހިނިތުންވުމަކީ އުފާވެރިކަމުގެ ހެއްކެވެ. ކަޔާންގެ އަނބިމީހާއަށް ވުމަށްވުރެ ހާސިލްކުރަން އޭނަ އެދޭ އެހެންކަމެއް ދުނިޔެއަކު ނެތެވެ. ޅައިރުއްސުރެން އޭނަގެ ހިތުގައި ރަސްކަން ކުރަމުން އައި ޒުވާނާ ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އަބަދަށްޓަކައި އޭނަގެ އަތުގައި ހިފީއެވެ. އެވަރުގެ ނަސީބަކާއި ރަހުމަތެއް ލިބެން އޭނަ އަށް ކުރެވުނީ ކޮންފަދަ ރަގަޅުކަމެއްކަމެއްވެސް ނޭގެއެވެ. ލައިޝާ ހިތާހިތުން ހެއްދެވިފަރާތަށް ހާސްފަހަރު ޝުކުރުވެރިވިއެވެ. ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. 

ދެމީހުން އެކަނިވީ ސަފާރީގައި އޮތް ރޭގަނޑުގެ ކެއުމަށްފަހުގައެވެ. އެ ކެއުމުގައި ކަޔާންގެ އެކުވެރިޔާ ބައިވެރިވިއެވެ. ޑެކްމަތީގައި ކާންތިބިއިރު ލައިޝާ އިނީ ރަކިވެ ބަސްމަދުވެފައެވެ. ކަޔާންގެ އެކުވެރިޔާ ޒައިފްއަކީ ސަމާސާ މިޒާޖެއްގެ ޒުވާނެކެވެ.

"ކަޔާން ދެން އަހަރެން ދިޔައިމަ މި ސަފާރީ ފައްތާ ނުލާތި އިނގޭ...." ޒައިފް އެއް ލޯމަރާލިއެވެ. ކަޔާން ހޭންފެށިއެވެ.
"ލައިޝް، މިއޮތީ މިރޭ ލައިޝްއަށް އަހަރެން ގެނައި ހެދުން، ލައިގެން އާދެބަލަ....." ކަޔާން ލައިޝާގެ އަތަށް ޕާރުސަލެއް ދިއްކޮށްލުމުން ލައިޝާގެ މޫނުމަތިން ލަދުރަކިކަން ފެނިގެން ދިޔައެވެ. މި ސަފާރީގައި އެކަކުވެސް ނެތްކަމާއި އެތަނުގައިވަނީ އެކަނި ދެމީހުންކަން ހަނދާންވެ އަދި މާ ބޮޑަށް ލަދުގަންނަ ގޮތްވިއެވެ. އޭނައަކީ މިހާރު ކަޔާންގެ އަނބިމީހާއެވެ. އެހެން ހިތަށް އަރާލިޔަސް ހިތަށް އެލިބެނީ ކޮންފަދަ އުފަލެއްހެއްޔެވެ؟ ލައިޝާ އެ ޕާރުސަލް މޭގައި ޖައްސާލާފައި ދެލޯ މަރާލިއެވެ.

ކަޔާންގެ ހިތަށްވެސް ލިބިފައިވަނީ ބަޔާން ނުކުރެވޭފަދަ ފިނިކަމެކެވެ. އޭނަގެ ހިތުގައި މައިންބަފައިންނާއި ލޯބިވެރިޔާދެކެ ވާ ލޯބި ފުންކަމުން ހޮވަންވީ ކޮން ފަރާތެއްކަން އޭނައަށް ނޭގުނީއެވެ. އޭނަ ޚިޔާރުކުރީ އޭނައަށް ފެނުނު އެންމެ ރަގަޅުގޮތެވެ. ދެފަރާތަށްވެސް އިންސާފުން ކަންތައްކޮށް ދެވުނީއެވެ. ކަޔާން ސަފާރީގެ ޑެކްމަތީގައި ހުރިއިރު ދުރުން އެ ކުޑަ ރަށް ފެނުނީ ނިކަން ހިމޭންކޮށެވެ. މުޅިރަށް އޮތީ ނިދާލާފައެވެ. އިވެނީ އެކަނި ލުއިރާޅުތަކުގެ މިއުޒިކެވެ. އެތައް ހާސް ތަރިތަކުން އުޑުމަތި ވިދާ ބަބުޅާތަން ފެނުނެވެ. ކޮންފަދަ ރީތި ރެއެއް ހެއްޔެވެ؟ ފިނި ވައިރޯޅިތައް އޭނަގެ ހަމުގައި ބީހިލުމުން ހީވީ ލައިޝާގެ މަޑުއަތުން ފިރުމާލަ ދިންހެންނެވެ. ކަޔާންގެ ނާރުތަކުގައި ލޭ ހިނގުން އަވަސްވެލައިފިއެވެ. މިހާރު އެދޭތެރޭގައި އެއްވެސް ހުރަހެއް ނެތެވެ. އެދެމީހުންނަކީ ލޯބިވެރިންނެއް ނޫނެވެ. ދެމަފިރިންނެވެ. ކަޔާން ހިނިތުންވެލާފައި އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

ކަޔާން އެނބުރި ބަލައިލިއިރު ލައިޝާ ހުރީ ފެންނަ ހިސާބުގައި ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައެވެ. ހުދުކުލައިގެ ލޭސް ފޮތީގެ ނައިޓީކޮޅު ކުރުކަމުން ފައިގެ ފަލަމަސްގަނޑުގެ މެދަކާއި ހަމަޔަށް ފޯރާއިރު އެ ރީތި ދޮން ފައިގެ ބޮޑުބައިވަނީ ހާމަޔަށެވެ. ވޫލްކޮޅަކުން ފަން އިސްތަށިގަނޑު އައްސާލާފައިވާއިރު ވަރަށް ސާދާވެފައި ފުރިހަމައެވެ. ސަފާރީގައި ދިއްލާލާފައިވާ އޮރެންޖްކުލައިގެ އަލި އެދޮން މޫނަށް އެޅިފައިވާއިރު ހީވަނީ ޕަރީއެއްހެންނެވެ. ކަޔާންގެ އަތްފައި ކުރިއަށްވުރެ ފިނިވެލިއެވެ. އެރީތި ނާޒުކް ކުއްޖާ އަތުތެރެއަށްލާ ހިތުން ކެތްކުރެވުނީ އެއް ނޫނެވެ. ކަޔާން އެއް ފިޔަވަޅުކުރިއަށް ޖެހިލާއިރަށް ލައިޝާ ކަންބޮޑުވެފައި ފަހަތަށް ޖެހިލިއެވެ.

ކޮމެންޓް 0