ކަޔާންގެ ވާހަކަތަކުން ސިކުނޑި ގަނޑުވެފައި ހުރިވަރުން ވަށައިގެން ހިނގާ އެއްވެސްކަމެއް ލައިޝާއަށް ހިނދުކޮޅަކަށް ނޭގުނީކަން ނޭގެއެވެ. އައިދަން ވިސްނައިގެން ހުރެފައި ގޮސް ލައިޝާގެ އަތުގެ މުލައްދަނޑީގައި ހިފާފައި ޕޭވްމެންޓަށް އެރުވީ ހުޝިޔާރުކަމާއި އެކުގައެވެ. ލައިޝާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރި ހަށި ފާރަވެރިޔެއް ފަދައިން އޭނަ އަމަލުކުރިއެވެ. އައިދަން އެވަރު ނުވިސްނިނަމަ ބާރު ސްޕީޑެއްގައި އައި ކާރުން ލައިޝާގެ ގައިގާ ޖެހި ހިތް ނޭދޭފަދަ ހާދިސާއެއް ހިނގީހެވެ. އެ މަންޒަރު ފެނުމުން ކަޔާން ދެލޯ މަރާލާފައި ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ. އެ ނާޒުކް ހަށިގަނޑުގައި ކާރުން ޖެހުނުނަމަ ވެދާނެގޮތެއް ޚިޔާލުކުރުން ދަތްޗެވެ. ކަންތަކާއި އާއްމުކޮށް ބިރުގަންނަން އާދަވެފައި ނުވިޔަސް އެއީ ކަޔާންއަށް ޝޮކެއް ލިބުނު ހިނދުކޮޅެކެވެ. ބިރާއި އެއްވަރަށް އެހެން އިހުސާސްތަކެއްވެސް ސިކުނޑިއަށް ވެރިވިއެވެ. 

"ޕްލީޒް ރުޅިނާދެބަލަ، ބުނާގޮތަށް ހަދާނަމޭ....." ލައިޝާ ހުރީ ދެރަވެފައެވެ. ކަޔާން އެގޮތަށް ކަމަކާއި ނުލައި ރުޅިއައުމުން ލައިޝާ ހަގީގަތުގައި ވަރަށް ދެރަވެއްޖެއެވެ.
"ހޫމް އަހަރެން މިއެދުނީ ކުޑަ ކަމަކަށޭ ލައިޝް، މިވަގުތު އެ ނޫންކަމެއް އަހަރެން ބޭނުމެއް ނޫން......" ކަޔާން ދެލޯ ހުޅުވާލާފައި އަނެއްކާ ލައިޝާމެން ތިބި ދިމާލަށް ބަލައިލިއިރު އައިދަންގެ ފަހަތުން ކަހަލަ ގޮތަކަށްގޮސް ލައިޝާ އަނެއްކާ ފިހާރައަށް ވަދެ ނިވާވެލިއެވެ. މަގުން ދެކޮޅަށް ހިނގަމުންދާ ކުދިންނާއި ދިމާލަށް ކަޔާންގެ ސަމާލުކަން އެއްވެސް ވަރަކަށް ނުހުއްޓެވެ.

"އެންމެ ރަގަޅު........" ލައިޝާ ޔަގީންކަން ދިނެވެ.
"އަހަންނަށް މިހެން ވާހަކަދެއްކުމުގެ ހައްގު އޮތީ ހެއްޔޭވެސް ލައިޝާ އަހާނުލީމެއްނު، އަހަރެން ނުޖެހޭނެކަން ނޭގޭ ފާޑުފާޑަށް އަމުރުކުރާކަށްވެސް، ނޭގޭ ކީއްވެކަމެއް. ހިތަށް އަރަނީ ތިއީ މަގޭ އެކަނި ހައްގެކޭ. އެހެން ފިރިހެނަކު ބަލާލާކަށްވެސް އަހަރެން ބޭނުމެއްނޫން، އަހަރެން މިއީ އަމިއްލަ އެދުންބޮޑުމީހެއް......" ކަޔާން ހީލާފައި ކިޔައިލިއެވެ. ލައިޝާ ހުރީ ކިޔާނެ އެއްޗެއް ނޭގި ހުއްޓުން އަރާފައިކަން ނޭގެއެވެ. އެކޮޅުން އެއްޗެކޭ ނުބުނުމުން ފޯނު ކެނޑުނީކަމަށް ހީކުރެވިފައި ކަޔާން ލައިޝާއަށް ގޮވާލުމުން މަޑުމަޑުން އެއްޗެކޭ ބުނެލައިފިއެވެ.

"މާދަން ހަވީރު ހިނގާ ކޮންމެވެސް ތަނަކަށް ދާން، އިރުއޮއްސޭ މަންޒަރު ބަލަން އަދި ދުވަހަކު ގާލްއެއް ނުގެންދަމޭ، އަހަންނާއެކީގައި ރަށުން ބޭރަށް ދާންކެރޭނެތަ؟ މާލޭގައި މީހުން ގިނަކަމުން ދެމީހުންނަށް އެކަނި އެހާ ހިތްގައިމު ވަގުތުކޮޅެއްގެ އުފާ ނުހޯދޭނެކަން އެނގޭ..... "ކަޔާން ރޭބަން އައިނުން އެ ރީތި ދެލޯ ފޮރުވައިލުމަށްފަހު ކާރުގައި ނައްޓާލައިފިއެވެ.
"އޮފްކޯޒް، ސަންސެޓް މަންޒަރު ބަލަން ދާހިތުން މިހިރީ، ސައި ހިފައިގެން ދާނީ...." ލައިޝާ ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. ކަޔާން އާއި އެކީގައި ޑޭޓަކަށް ދެވޭތީ އުފަލުންގޮސް ލައިޝާގެ ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރިވެފައިވާއިރު ކުރިން ކަޔާން ވާހަކަދެއްކި ރާގުމަތިން އެއްވެސް ވަރަކަށް ހަނދާނެއްނުވިއެވެ. އެތައް ދުވަހަކުއްސުރެން ހިތުގައި އަޅައިގެން އުޅޭ ލޯބި ހާސިލުވެދާނެކަމުގެ އުއްމީދުގެ ސަބަބުން ލައިޝާގެ ހިތަށްވަނީ ނޭގޭފަދަ އުފަލެއް ލިބިފައެވެ. ހިތް ހީވީ އުދުހިގެން ހިނގައިދާނެހެންނެވެ. ކަޔާންގެ ލޯތްބަށްޓަކައި އޭނަ މިހިރީ ކިތަންމެ ދަތި ކަށި ޖަންގައްޔަކަށް ނަމަވެސް ވަންނާށެވެ. އެއީ ލައިޝާގެ ހިތުގެ ހަމަޖެހުމެވެ. އުފާތަކެވެ. އެނޫނީ މިދުނިޔެއިން ލައިޝާ ހޯދަން ބޭނުންވާ އުފަލެއްނެތެވެ.

އައިދަން ފިހާރަ ތެރޭގައި ހަރުގަނޑުގައިވާ ޗޮކްލެޓްތަކަށް ބަލަމުން ދިޔައިރު ލައިޝާ ދެއްކި ވާހަކަތައް ކަނުލައިގެން ހުރުމުން އައިދަންއަށް އެއްޗެހިތަކެއް ވިސްނުނެވެ. ލައިޝާގެ ޚާއްސަ މީހަކު ހުރީކަން ޔަގީންވިއެވެ. މަންމަ އެވަރުން އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން އުޅޭއިރު ލައިޝާއަކީ އެހެން މީހެއްގެ ހައްގެއްކަން މަންމައަށް ނޭގޭކަމާއިމެދު އޭނަ ހިތާމަކުރިއެވެ. ހަޔާތުގެ ބައިވެރިޔަކަށް ވާން ޖެހެނީ އެކަނި ލައިޝާފަދަ ކުދިން ހެއްޔެވެ؟ ކީވާފަދަ މަޑުމައިތިރި ގެވެހި ކުއްޖެއްދެކެ މަންމަ ފޫހިވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ލައިޝާ އޭނައާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭއިރު ކާމިޔާބު ކައިވެންޏަކުން ގުޅެވޭނެ ގޮތެއް އައިދަންއަކަށް ނުފެނެއެވެ.

އައިދަން އާއި ލައިޝާ އައީ ގެއަށް ކައްކަން ބޭނުންވާ ބައެއް އެއްޗެހި ހޯދާ ބަޒާރުކޮށްލުމަށެވެ. ކީވާ ކުޑަކޮށް ބަލިވެއުޅޭތީ ނާދެވުނީއެވެ. ވަކި ބަޔެއްގައި އުޅެން ޖެހުމުން ކުރިން ފެންނަގޮތަށް ކީވާ ނުފެންނާނެއެވެ. އެކުއްޖާގެ ހާލު ބަލައެއް ނުލެވޭނެއެވެ. ކީވާގެ މީރު ކެއުމާއިވެސް ވަކިވާން ޖެހުނުކަމުގެ ހިތާމަކުރަން އައިދަންއަށް އެބަޖެހެއެވެ. ކީވާއާއި ދޭތެރޭގައި މިވަރަށް ޚިޔާލުކުރެވެނީ އޭނަ ހުންނަލެއް މަޑުމައިތިރިކަމާއި ލަދުވެތިކަމުންކަމަށް އައިދަން ނިންމިއެވެ. އެހާ ނާޒުކް ބަލިކުއްޖެކެވެ. އެންމެންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާފަދަ ކުއްޖެކެވެ. އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް ހަމްދަރުދީއިން ފުރެނީ އެހެންވީމައެވެ. އައިދަން ގަސްތުކުރީ އެނބުރި ދާ މަގުމަތީގައި ރެސްޓޯރެންޓަކުން މިރެއަށް ކާނެ އެއްޗެއް ގަނެލުމަށެވެ. މާދަމާ މަންމަ މާލެ އަންނާނެއެވެ. އޭރުން މަންމަ އޭނައާއި އަފްރާޒުއަށް ކެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ. 

އެރޭވެސް އާދައިގެ މަތިން ލައިޝާ އަށް ނިދުމާއިއެކު ފެންނަން ފެށީ ކަޔާންގެ ހުވަފެންތަކެވެ. އެ ރޭގަނޑެއްފަދަ ކަޅުދެލޮލެވެ. އެ ހިނިތުންވުންތަކެވެ. ހޭލެވުނީވެސް ހުވަފެނެއްގެ ތެރޭގައި އޮވެފައެވެ. އޭރު ވައިގެ ހަމަލާތަކުން ދޮރުފަތް ތެޅޭ އަޑުއިވެއެވެ. ކަންނެތްވެފައި އޮވެވެސް ލައިޝާ ތެދުވެ ވުޟޫކޮށްލައިގެން ބޭރަށް ނުކުތްއިރު މަންމަ އޮތީ ކުޑަ ސިޓިންރޫމްގައި ހުރި ސޯފާބެޑްގައި ނިދާލާފައެވެ. މަންމަ އެތާ ބާއްވާފައި ދެއަންހެންކުދިން ކޮޓަރީގެ އެނދުގައި ތިބެން ހިތް ނޭދުނަސް ޒުލްމާ އެއްގޮތަކަށްވެސް ގޮތްދޫނުކުރީއެވެ. އަންހެންކުދިން ބޭރުގައި ތިބުން ރައްކާތެރި ނުވާނެކަމަށާއި އޭނައަށް ހިތްހަމަޖެހިގެން ލޮލުފިޔަ ޖަހައިލެވޭނީ މިތާގައި އޮތުމުން ކަމަށް ކިޔަންފެށުމުން ހިތާއި ދެކޮޅަށް ލައިޝާ މެންނަށް ޖެހުނީ އެނދުގައި ނިދާށެވެ. ފިނިގަދަކަމާއި އަނދިރިކަމުން ލައިޝާގެ ހަށިގަނޑުވެސް ކަންނެތްވިއެވެ. މަންމަ ރަޖާގައިގާ އޮޅާލައިގެން އަރާމުގައި ނިދަން އޮތްތަން ފެނުމުން ލައިޝާ ހިނިތުންވެލިއެވެ.

މަންމަމެން ދަރިންދެކެ ލޯބިވަނީ ހާދަ ވަރަކަށެވެ. ދަރިންނަށް ރައްކާތެރިކަން ދޭން ހާދަ މަސައްކަތްކުރެއެވެ. މިގެއަށް ވަގަކު ވަދެއްޖެއްޔާ މަންމަ ކުދިން ދިފާއުކުރާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް މަންމައަށް ވީވަރަކުން އެ ބަލަނީ ހިމާޔަތްކޮށްދޭށެވެ. ލައިޝާގެ ހިތަށް އުދަގޫވިއެވެ. މިގޮތަށް އެކަނިވެރިކޮށް އުޅޭއިރު މަންމަގެ ފޭރިގެންފައިވާ ފިރިހެން ދަރިފުޅުގެ ހަނދާންތައް މަންމަ އާކުރާނެކަން ޔަގީނެވެ. އެކުއްޖާ ކޮބާހެއްޔެވެ؟ ދުނިޔޭގައި އެބަހުރިބާވައެވެ. އެކުއްޖާއަށް ހަގީގަތް އެނގޭނެބާވައެވެ. ދުނިޔޭގައި ހުރެއްޖެއްޔާ މަންމަ ހޯދަން އޭނަ މަސައްކަތް ނުކުރާނެ ހެއްޔެވެ؟ ލައިޝާވެސް ބޭބެއަކަށް ބޭނުންވާފަހަރު އާދެއެވެ. ބައެއްފަހަރު އައިދަން ފެނުމުން އެފަދަ އިހުސާސްތަކެއް ހިތުގައި ހޭލައިގަނެއެވެ. ބޭބެއެއްގެ ގޮތުގައި ދެކެން ބޭނުންވަނީ އެފަދަ ރަގަޅު ޒުވާނެކެވެ. ނަމަވެސް ކަޔާންވަނީ އައިދަންއާއި ވާހަކަ ނުދައްކަން އަންގާފައެވެ. ކަޔާން ގެ ނަން ހިތަށް އެރުމާއިއެކު ލައިޝާއަށް ހެވިއްޖެއެވެ. ލައިޝާގެ ސިކުނޑިން އެ ނޫން ޚިޔާލެއް ނުކުރެވޭތީ އޭނަ ހައިރާންވެއެވެ. ކަޔާން އެނަން އޭނަގެ ހިތާއި ސިކުނޑީގައި ހަރުލާފައިވަނީ ދުވަހަކު ފިލައިގެން ނުދާވަރަށެވެ.

ލައިޝާ ގަސްތުކުރީ ވާރޭ ވެހެން ފެށުމުގެ ކުރިން އޮފީހަށް ދާށެވެ. ލައިޝާ ފެންވަރާލައިގެން މިއަދު ލާން ގަސްތުކުރީ ކަޅުކުލައިގެ ހެދުމެކެވެ. މޫސުމާއި ގުޅޭފަދަ ހެދުމެވެ. ސްވެޓަރފޮތިން ވިޔެފައިވާ އަތްދިގު ހެދުމުގައި އޭނަ ފެންނަލެއް ނިކަން ރީއްޗެވެ. ކަޅު އެސްފިޔަތަކުން ފޮރުވިފައިވާ ދެލޮލުގެ ވިދުން ގަދައެވެ. އޭރު ޒުލްމާއާއި ކީވާވެސް ނަމާދުކޮށްލައިގެން ސައިބޯން ތައްޔާރުވަނީއެވެ. ރީތިވެލުމަށްފަހު މައިލޯތަށްޓަކާއި ބިސްގަނޑެއް ކާލައިގެން ވާރޭކޯޓުގަޔަށް މަހައިލުމަށްފަހު ދޮރު ހުޅުވައިލިއިރު އައިދަންވެސް އޮފީސްސޫޓުގައި ކޮޓަރިން ނުކުތީއެވެ.

"ކާރަކަށް ގުޅައިފިންތަ؟" އައިދަން އާދައިގެ ގޮތަކަށް އަހާލައިފިއެވެ. ލައިޝާ އާއެކޭ ބުނެލީ އިޝާރާތުންނެވެ. 
"ގަޑިޖެހެން އަދި ވަގުތުވެސް އެބައޮތް، އެކަމަކު ހިޔެއްނުވޭ މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިއޮތް އިރު ކާރެއް ލިބިދާނެހެން، އަހަރެން ގެންގޮސްދީފާނަން......" އައިދަން ގަޑިއަށް ބަލާލައިފަ އެހީވާން ގަސްތުކުރިއެވެ. ލައިޝާ ހުރީ ހިމޭނުންނެވެ.
"މަންމަންވީތަ؟ ނޫނީ އަހަންނާއި އަނގައިން ނުބުނަން ހުވާކޮށްގެންތަ ތިހިރީ؟" އިއްޔެއިން ފެށިގެން ކަމަކާއި ނުލައި ލައިޝާ އޭނައާއި ވާހަކަނުދައްކާ ބީރައްޓެއްސެއް ފަދައިން އުޅޭތީ އައިދަން މިހިރީ ހައިރާންވެފައެވެ. ރޭ އެމީހުންނަށް ކާން ހިފައިގެން ލައިޝާ އައެވެ. ކާން ގެނައި ތަށިބަރި މޭޒުމަތީގައި ބަހައްޓާފައި ލައިޝާ އަވަސް އަރުވާލާފައި ނުކުމެގެން ދިޔައީއެވެ. އައިދަން މިހިރީ ވާނުވާ ނޭގި އެހާ ބޮޑަށް ދެރަވެފައެވެ. އައިދަން ސައިކަލަށް އަރާ އިށީންނައިރަށް ލައިޝާ އަނގައިން ބުނުމެއްނެތި ފަހަތު ސީޓަށް އަރާ ހަމަޖެހިލަމުން ބަލައިލިއިރު އަފްރާޒު ކުޑަދޮރު ހުޅުވާލައިގެން އެ ބޮޑު ދެލޮލުން ކަޅި އަޅާލައިގެން ހުރިތަން ފެނުމުން ލައިޝާ ހިނިއަންނަގޮތްވިއެވެ.
"ހީ ހޭޓްސް މީ، ހީ ރިއަލީ ޑަޒް......" ލައިޝާ ހިތާހިތުން ކިޔާލައިފިއެވެ.

ލައިޝާ ކެބިންއަށް ވަނުމަށްފަހު އަރާމުގައި ގޮނޑީގައި ހަމަޖެހިލިތަނާހެން ނުދަންނަ ނަމްބަރުން މެސެޖްކުރަން ފެށިއެވެ. އަޖައިބުވަނީ އެ މެސެޖްތަކުގައި ހުންނަ ލޯބީގެ ޝުޢޫރުތަކުންނެވެ. ބައެއްފަހަރު އެއީ ކުޅަދާނަ ޝާޢިރެކޭ ހިތަށް އަރައެވެ. އެހާ ފަށުވިކޮށް ލިޔަން ކޮންމެ ކޮންމެ މީހަކަށް ނޭގޭނެއެވެ. ލައިޝާދެކެ ދީވާނާވެފައިވާ ހިތެއްގެ މޮޅިވެރި އިހުސާސްތައް ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން ދާކަން މެސެޖްތަކުން އެމީހަކު ހާމަކޮށްދޭން މަސައްކަތްކުރެއެވެ. ކަޔާންގެ ވާހަކަ ދޭތެރެއަކުން ދައްކާފައި ކަޔާންއާއި ދުރުހެލިވާން އިންޒާރުކުރެއެވެ. އެއީ ކަޔާންއަށް ވާނެނަމައެވެ. ކަޔާން އެހާ ލޯބިން އޭނައަށް މެސެޖްކުރާނެ ނަމައެވެ. އެފަދަ ދުވަހެއް ފެންނާނެ ބާވައެވެ. ވާހަކަ ފޮތްތަކާއި ފިލްމުތަކުން ލައިޝާގެ ހިތުގައި ހަރުލާފައިވާ ރީތި ސޫރަ ހަގީގަތަކަށް ވީ ކަޔާން ފެނުނީމައެވެ. އޭނަ އެއްގޮތަކަށްވެސް އެފަދަ މީހަކު މާލެއިން ފެނިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ހިތް އަޅައިގަންނަގޮތެއް ހުރެފައި އޭނަގެ ހިތުގައި ލޯބީގެ އިހުސާސްތައް ހޭލައްވާލި އެކަނި ފިރިހެނަކީ ކަޔާންއެވެ. ވީއިރު އެހެން މީހަކު ކިތަންމެ ލޯބިން އުޅުނަސް އޭނަގެ ހިތުން މަގާމެއް ނުހޯދޭނެއެވެ. އެމީހަކު އެކުރަނީ ބޭކާރު މަސައްކަތެކެވެ. ލައިޝާ ގަސްތުކުރީ ނަމްބަރު ބަދަލުކުރާށެވެ. އޭރުން އެމީހަކަށް އުދަގުލެއް ނުކުރެވޭނެއެވެ.

އެދުވަހުވެސް ކަޔާން އޮފީހަށް އައީ އާދައިގެ މަތިން ދިހައެއް ޖަހާ ބޮޑުވިފަހުންނެވެ. އޭނަ ހުރީ އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައެވެ. ލައިޝާގެ ހިތުގެ ވިންދު އަވަސްވެފައި ބިއްލޫރި ޕާޓިޝަނުން ބަލަން އިންދާ ކަޔާން ބަލައިލުމާއިއެކު މޫނަށް ރަތްކުލަވެރިވެ މޫނަށް ހޫނުވިހެން ހީވިއެވެ. ހުރިހާ ލޭތައް މޫނަށް ޖަމާވާން ޖެހޭހެއްޔެވެ؟ އެވެސް ކަޔާން ބަލާލީމައެވެ. ކަޔާންގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއްގެ އަސަރު ފެނުނެވެ. 

"އަހަންނަށް ވާވަރު ކަޔާންއަށް ރަގަޅަށް އެނގޭނެ، އަދި މި ބްލަޝްވާވަރަކުން ކަމެއް ފޮރުވޭކަށް ނެތެއްނު، އެހެންނޫނަސް ކަޔާންއަށް ފޮރުވަން އުޅެނީ ކާކުތަ؟ އަންގަން ބޭނުމީ، އަހަންނަށް ކަޔާން ފެނުމުން ކުރާ އަސަރު....ހީވަނީ ހުރިހާ ހޯމޯންސްތައް މޮޔަވާހެން ވިއްޔަ. އަމިއްލަ ނަފުސް ކޮންޓްރޯލްވާ ވަރެއްވެސް ނުވޭ..ދެރައީ ކަޔާންގެ ވާހަކަތަކުން ޑަބަލް މީނިން ނެގޭތީ، ބައެއްފަހަރު އޭނަ އަހަރެން ދެކެ ލައިކްވާހެން ހީވާ ވަގުތު އާދޭ، އިރުކޮޅަކުން ސްޓްރޭންޖަރއަކަށް ވެދާނެ، އެހެން ކަޔާން އެ ހަދާ ސަބަބަކާއިމެދު ވިސްނަ ވިސްނާ އަހަރެންގެ ބޯ ގޮވައިފި، އެކަމަކު އަހަންނަށް އެނގެނީ އަހަރެންގެ ހިތް ދުވަހަކު ބަދަލުނުވާނެކަން، އުމުރަށް ލޯބިވާނެ އެކަނި މީހަކީ ތިއީކަން....." ލައިޝާ ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި އިނދެލާފައި ގަސްތުކުރީ ކަޔާންގެ ގާތަށް އެކެބިންއަށް ޒިޔާރާތްކުރާށެވެ.

ކަޔާން އިނީމަ ލައިޝާގެ އޮފީސް މަސައްކަތް ކުރާ ގަޑި މާ އަވަހަށް އުދުހިފައިދާހެން ލައިޝާއަށް ހީވެއެވެ. ވަގުތުތައް ދިގު ދަންމަން އޭނަ ބޭނުމެވެ. ވެވެންޏާ ގަޑީގެ ކަށިތައްވެސް އޭނަ ހުއްޓުވާނެއެވެ. ނަމަވެސް އެފަދަ ބާރެއް އޭނައަކަށް ލިބިފައެއްނެތެވެ. އޮފީސް ގަޑި ނިމުނުއިރަށް ވާރޭ ބޯކޮށްލުމުން ގިނަކުދިންތައް ތިބީ ގެއަށް ނުދެވި ތާށިވެފައެވެ. އޮފީސް ކާރުގައި ކުދިން ގެއަށް ލާދޭން ޑްރައިވަރު ކާރީގައި ކަޔާން އެދުނެވެ. އެންމެފަހުން ކަޔާން ލައިޝާ ގާތު އެދުނީ މަސައްކަތެއް ނިންމައިލަން މަޑުކުރުމަށެވެ. ބައެއްފަހަރު އެފަދަ ވަގުތުތަކުގައި ކަޔާންގެ އެހުންނަ ޝަޚުސިއްޔަތުގެ ސަބަބުން ލައިޝާގެ ގައިން ހީބިހި ނަގާލައެވެ. ލައިޝާގެ ހިތް ބާރަކަށް ތެޅިގަތެވެ.

"ކޯންޗެއްތަ ތިވިސްނަނީ؟ " ކަޔާން އާއި ލައިޝާ އެތެރެއަށް ވަނީ އެކީގައެވެ.
"މިއަދު އިރުއޮއްސޭ މަންޒަރު ބަލަން ނުދެވުނީމަ....." ލައިޝާ ރަކިގޮތަކަށް ހީލިއެވެ. ކަޔާންއާއި ޖެހުނީމަ އޭނަގެ ކެރޭކަމާއި، ހިތްވަރު ދަނީ ކޮންތާކަށް ކަމެއްނޭގެއެވެ. ކަޔާން އޭނަ ބަލިކަށިކޮށްލާ ބޭނުންގޮތަކަށް ހަދާލުމުގައި ކާމިޔާބު ކޮށްލަނީ އެ ތޫނު ދެލޮލުގެ އެންމެ ނަޒަރަކުންނެވެ. އެ ލޮލުގެ ތެރެއަށް ގެނބިގެން ދާން ހިތް ބޭނުންވެއެވެ. އަތްލައިފިއްޔާ އެ އަތުގެ ތެރެއަށް ގަނޑުފެންކޮޅެއްހެން ވިރިގެން ހިނގައިދާނެކަން ޔަގީނެވެ.

"އެކަމާއި ނުވިސްނާ، ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅަށޭ ބުނެއުޅެއެއްނު، މިތާގައިވެސް އަހަރެމެން ދެމީހުންނަށް ޑިސްޓާބް ކުރާނެ އެހެން މީހަކު ނުވާނެ، ޑެވިލް ފިޔަވާ، އެހެންވީމަ ކޮފީއެއް ބޯލާފައި ވާރޭވެހޭ މަންޒަރު ބަލާލާނީ، އައި ލަވް ރެއިން......" ކަޔާން ލާނެތް ހިނިތުންވުމަކާއިއެކު ހިނގައިގަތީ ސައިކޮޓަރި އާއި ދިމާލަށެވެ. އޭރު ލައިޝާ ހުރީ އެ އަތުގައި ހިފާލަން ބޭނުންވެފައެވެ. ދެއަތުގެ އިނގިލިތައް މަހާލެވޭނެނަމައެވެ. ކަޔާން ހުރީ ވާރޭވެހޭ މަންޒަރު ބަލައިގެން ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެފައިހެން ހީވެއެވެ. 

ލައިޝާ ކޮފީހަދަން އުޅުނުއިރު ކަޔާން ހުރީ ދޮރުމަތީގައި ފޯނެއްގައެވެ. އޭނަ ވާހަކަދެއްކީ ލައިޝާއަށް އަޑުނީއްވަން ވެގެން ތަންކޮޅެއް މަޑުމަޑުންކަން ލައިޝާއަށް އެނގުނެވެ. ބޯވާރޭގެ ސަބަބުން ކިޔާއެއްޗެއް ސާފުނުވިޔަސް ކަޔާން ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިވާކަން ލައިޝާ ދެނެގަތެވެ. ރުޅިގަދަވެގެން ގޮސް ކަޔާންގެ ރަންކުލައިގެ މޫނުގެ ކުލަ ބަދަލުވިއެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ ރުޅި ކޮންޓްރޯލް ކުރާށެވެ.

ކަޔާން ފޯނު ކަނޑާލިގޮތަށް އައިސް ލައިޝާ ތައްޔާރުކުރި ކޮފީގެ ރަހަ ބަލާލާފައި ރަހަމީރުވެގެން ތައުރީފުކުރިއެވެ. އޭރު ކަޔާންގެ މޫނުމަތީގައި ރުޅިވެރިކަމުގެ ކުލައެއްނެތެވެ. ކަޔާން އާއި ލައިޝާ އިރުކޮޅެއްވާންދެން ދޮރުކާރީގައި ތޫފާން އެމީހުންގެ ކުރިމަތީގައި ނިއުޅެމުންދާތަން ބަލަން ތިބެފައި ސިޑިން މައްޗަށް އެރިއެވެ. ދެމީހުން އެހާ ގިނަ ވާހަކައެއް ނުދައްކައެވެ. ގިނަވަގުތު ވޭތުވެގެން ދިޔައީ ހިމޭންކޮށެވެ. މަސައްކަތުގައި ތިބިއިރުވެސް ކަޔާން އިރުއިރުކޮޅާ ލައިޝާގެ މޫނަށް ބަލާލާއިރު ހީވަނީ ލައިޝާގެ ލޮލުގެ ތެރެއަށް ގެއްލިފައި އިންނަހެންނެވެ. ބައެއްފަހަރު އެރީތި ތުންފަތްމަތިން މާނަވީ ހިނިތުންވުމެއް ފެނިލައެވެ. ހިމޭންކަމުގެ ބަސްމޮށުމުން ލޯބިވެރިން ބަސްމޮށެއުޅެއޭ ބުނަނީ މިގޮތަށްބާވައެވެ. އޭނަގެ ހިތާއި ސިކުނޑީގައިވާ އެއްޗެއް ކަޔާންއަށް އެނގޭހެއްޔެވެ؟ ލައިޝާވަނީ ލޯބިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް ކަޔާންގެ ފަރާތުން މާބޮޑު އެއްޗެއް ނޭގޭތީ އެކަން ކުރިއަށް ގެންދާނެގޮތެއް ލައިޝާއަކަށް ނޭގެއެވެ.

ބާރު ވަޔާއިއެކު ދޮރުފަތްތައް ތެޅިލާއަޑާއި، ވައިގެ ބޫންއަޑު ފަޒާގައި އެއް ވާނަކަށް ހިފާލާފައިވާއިރު ބައެއްފަހަރު ލައިޝާގެ މޭވެސް ގުޑައިގެން ދާހެން ހީވެއެވެ. ކަޔާން ނެތްނަމަ އޭނަ ހާދަ ބިރުގަތީހެވެ. ދުނިޔެމަތީގެ ތޫފާނާއި އެއްވަރަށް ކަޔާންގެ ހިތުގެ ތޫފާން ބޮޑުވަމުންދާ ކަމެއް ލައިޝާ އަކަށް ނޭގެއެވެ. ކަޔާންގެ ކުރިމަތީގައި މިހާ ރީތި އަންހެންކުއްޖަކު އިނުމުން ކުރާނެ އަސަރާއި ބޭނުންވާނެ ވަރު ލައިޝާއަކަށް ނޭގެއެވެ. ކަޔާން އިހުސާސްތަކާއި ދެކޮޅަށް ހަނގުރާމަކުރާކަމުގެ ހިލަމެއްނުވިއެވެ. ކަޔާން ކެތްކުރިއެވެ.

"މިތާގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނާނެތަ؟" ލައިޝާ ކުއްލިއަކަށް ކުރި ސުވާލުން ކަޔާން ހިނިއަންނަގޮތްވިއެވެ.

"އަނެއްކާ އަހަރެން ކަމެއް ކޮށްފާނެތީ ބިރުގަތީތަ؟ ނޫން ލައިޝާ، މިކެބިންގައި ކުރާކަމެއް އެހެން މީހަކަށް ނުފެންނާނެ، އެހެންނޫންނަމަ އަހަރެމެން ބަސްޓްވިތާ ކޮންދުވަހެއް، ލައިޝާ ހަނދާން އެބަހުރިތަ؟ ނޫނީ އެދުވަސް ހަނދާންނައްތާލީތަ؟ އަހަރެން ރަގަޅަށް ހަނދާން އެބަހުރި......" ކަޔާން ޓައީއަށް ދޫކޮށްލަމުން ގޮނޑީގައި ލެނގިލައިގެން ލައިޝާއަށް ބަލަން ފެށިގޮތަކުން ލައިޝާ އަމިއްލަ ނަފުސަށް އަޑުލިއެވެ. ހުރިހާވެސް މައްސަލައަކީ އޭނަގެ ބޮޑު އަނގައެވެ. ހިމޭނުން އިނދެ މަސައްކަތް ނިންމާލާފައި ދިޔަނަމަ މިހެން ލަދުގަންނާކަށް ނުޖެހޭނެއެވެ. އެތޫނު ދެލޮލުގެ ސަބަބުން އަތްނުލާވެސް ލައިޝާގެ ހިތާއި ހަށިގަނޑަށް ގޮތްގޮތް ހަދާލަނީއެވެ. މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. އެބުނާ ވަގުތާއި ދުވަސް ލައިޝާ ހަނދާންނެތޭނީ ފުރާނަ ހަށިގަނޑާއި ވަކިވާ ދުވަހަކުންނެވެ. އެފަދަ ފޮނި އިހުސާސްތަކެއް މިވީހާތަނަށް ހަށިގަނޑަށް ކުރެވިފައެއް ނެތެވެ.

"ހެހެ، އެހެނެއް ނޫނޭ .....ހިތަށް އެރީ......ވެލް......." ލައިޝާ ރަކިވިވަރުން ހަމަޖެހޭ އެއްޗެއް ކިޔާކަށް ނޭގުނެވެ.
"ހާދަ އާދަޔާ ޚިލާފުކުއްޖެކޭ، ބައެއްފަހަރު ގަދަކޮށްލާފައި ބުނެފާނެ ލޯބިވެޔޭ، އަނެއްބައިފަހަރު އަހަރެން ވާހަކައެއް ދައްކާލާއިރަށް ލަދުންގޮސް މީހާ މަރުވެދާނެހެން ހީވޭ، ސީރިޔަސްކޮށް އަހަންނާއި ވާހަކަދައްކަބަލަ، ދެމީހުން އެކަނި މިތިބީ، އަހަރެންދެކެ ލޯބިވާކުއްޖަކު ވަރަށް ބްރޭވް ވާންޖެހޭނެއޭ އަހަރެން ބުނަމެއްނު....." ކަޔާން ތެދުވެގެން އައިސް ލައިޝާގެ ގާތުގައި މޭޒުގައި އަތް ވިއްދާލައިގެން ހުއްޓުނުއިރު އެމޫނުމަތީ ނުރައްކާތެރި ދަރަޖައަކަށް ކާރީގައެވެ.

"އެއީ ކީއްވެތަ؟ ތިއީ އެހާ ނުރައްކާތެރި މީހަކީތަ؟ " ލައިޝާ ރަކިގޮތަކަށް ހީލިއެވެ.
"ލައިޝާ ފިރިހެނަކާއި ވާހަކަދެއްކީމަ އަހަރެން ރުޅިގަދަވީމަ ކީކޭ ހިތަށް އެރީ......." ކަޔާން އެއްފައި ބިންމަތީގައި ވިއްދާލައިގެން އިށީނީ މޭޒުމަތީގައެވެ. ލައިޝާއާއި ދާދިކާރީގައި އޭނައާއި ދިމާލަށް އެނބުރިގެން އެހެން އިނުމުން ކަޔާންގެ ފައިމަތީގައި އަތްބާއްވާލަން ލައިޝާގެ ހިތް ބޭނުންވިއެވެ. އޭރު ކަޔާންގެ ވައަތްތިލަވަނީ ލައިޝާގެ އަތާއި ކިރިޔާޖެހޭހިސާބުގައެވެ.
"ހިތަށް އެރި އެއީ ކީއްވެގެންބާވައޭ......ވިސްނާންވީ ގޮތެއް ނޭގުނު...." ލައިޝާ ކުޑަކޮށް އެސްފިޔަތައް ހިއްލާލާފައި ބަލާލިއެވެ.
"އަހަރެން އެހެން އަންހެންކުދިންނާއި ވާހަކަ ދައްކާތަން ފެނުނީމަ ލައިޝާ ރުޅި ނާންނާނެތަ؟ ބުނެބަލަ، ލައިޝާ ބޭނުންތަ؟ އަހަރެން އެހެން ކުދިންނާއިއެކީގައި އުޅުނަސް ހެޔޮތަ؟ " ކަޔާން ލައިޝާގެ އަތްތިލަމަތީގައި އަތް ބާއްވާލުމުން ލައިޝާ ސިހޭގޮތްވިއެވެ. ކަޔާން އެއަތުގައި މަޑުމަޑުން ފިރުމަން ފެށުމުން ލައިޝާގެ މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ.
"ނޫން....." ލައިޝާއަށް ބުނެވުނެވެ.
"އަހަރެން ވާހަކަ ނުދައްކާށޭ ބުނީމަ މިއަދު އައިދަން އާއި އެކުގައި ލައިޝާ އޮފީހަށް އައީ، އަހަރެން ދެރަކޮށްލަން ދޯ، ދެންވެސް އަހަރެން ހުންނަންވީ ނުފެންނަކަމަށް ހަދައިގެންތަ؟ ޓެލްމީ ލައިޝާ، އަހަރެންގެ ނެތްކަމެއް އައިދަންގެ ހުރީތަ؟ " ކަޔާންގެ އެ ޖުމްލައިން ލައިޝާ ހައިރާންވިއެވެ. ކަޔާން އޭނަގެ ހުރިހާ ކަމަކަށް ފާރަލަނީބާވައެވެ. ލައިޝާ ދެލޯ ބޮޑުކޮށްލިގޮތާއި ބިރުން އިންކަން އެނގުމުން ކަޔާން ހޭންފެށިއެވެ.

"ކިހި...ކިހިނެއްތަ އެނގުނީ...." ލައިޝާ ގެ ކަރުތެރެ ހިކުނެވެ. 
"އަހަރެން އަމިއްލައަށް ދެނެގަތީ، ބަސްޓްވީދޯ...." ކަޔާން ލައިޝާގެ އަތުގައި ހިފާފައި ތެދުކޮށްލަމުން އޭނައާއި ގާތަށް ގެނައެވެ. އޭރު ވާރޭ ހައްތަހާ ބޯކޮށްލައިފިއެވެ. އަނދިރިކަން ގަދަވެ ބޮކިތަކުގެ އަލިކަމަށް ކެބިންތައް ބޭނުންވާން ފެށިއެވެ. ނަމަވެސް އެ އަނދިރިކަމާއި ފިނިކަމާއި ކަޔާން ގަޔާވިއެވެ. މިފަދަ ވަގުތެއްގައި އޭނަ އެންމެ ހިތް ބޭނުންވާ އަންހެންކުއްޖާ ގާތުގައި ހުރެވުމުން ކަޔާން ވަނީ ދުނިޔެމަތިން ހަނދާންނެތިފައެވެ. ލައިޝާ ލަސްލަހުން އެސްފިޔަތައް ހިއްލާލާފައި ކަޔާންއާއި ދިމާލަށް ބަލާލުމާއިއެކު ދެހިތަށްވެސް ކުރީ ތަފާތު އަސަރުތަކެވެ. އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ތިބެވުނީ ހުވަފެނީ ގޮތަކަށެވެ. އެވަގުތު ކޮންމެވެސް މީހަކު ކެބިންގެ ދޮރުމައްޗަށް އެރުމުން ކަޔާން ސިހިފައި ދުރަށް ޖެހިލަމުން ހަށަން ބަދެލިއިރު މޫނުމަތިން ކުޑަކޮށް ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. ލައިޝާވެސް އެނބުރުނުއިރު އެ ލޮލުގައިވަނީ ސިހުމެވެ.

"ކަޔާން، ތިކުރަނީ މާރަގަޅުކަމެއްނޫން، އޮފީހުގައި ނުރަސްމީގަޑީގައި ކުރަން އޮތީ ތި މަސައްކަތްތަ؟ އެހެންނޫނަސް ކަޔާންއަށް ރަގަޅަށް އެނގޭނެ ތިއީ ކިހާ ގޮތްކުޑަކަމެއްކަން، ލައިޝާ ގެއަށް ދޭ........" ޒިއާމް އަމުރުވެރި ގޮތަކަށް ބުނެލިއިރު އެ ދެލޮލުން ރުޅީގެ އަސަރުތައް ފެނުނެވެ. ލައިޝާގެ ހިތް ބިރުންގޮސް އުށްކޮޅެއް ފަދައިން ވިރުނެވެ. ނޭވާލާކަށްވެސް ނުކެރުނެވެ. ބޭރުގައި އުފެދިފައިވާ ތޫފާން ހައްތަހާ ގަދަވާ އަޑުފަށްގަނޑު އިވެއެވެ. ހީވީ ފުރާޅުތައް ވަޔާއިއެކު ގެންގޮސްފާނެހެންނެވެ. ވައިރޯޅިތަކުގެ ރުޅިވެރި ހަމަލާ ޖެހުނު ކޮންމެ އެއްޗަކަށް ދެމުންދާ ގޮތުން އަވަހަކަށް ކޮޅިގަނޑު މަޑުވާނެކަމަކަށް ނުފެނެއެވެ. 

ލައިޝާ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ވަގުތުން އެތަނުން ދާން ހިނގައިގަތެވެ. އޭނަ ސިޑިއާއި އަރާހަމަވީއިރު ކެބިންގެ ތެރެއިން އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑުއިވިފައި ވަކިން ބޮޑަށް ބިރުގަތެވެ. އަނބުރާލާފައި މައްޗަށް ދާން ހިތަށް އަރާފައިވެސް އޭނަ ފިޔަވަޅުތައް ކުރިއަށް އެޅިއެވެ.

"ނޫން، މިފަދަ ވަގުތެއްގައި އެތަނަށް ގޮސްފިއްޔާ އަހަރެން ފަޔަރ ކުރާކަށްވެސް ޒިއާމް ފަހެއްނުޖެހޭނެ، އޭރުން ވާނީ ކިހިނެއްތަ؟ އެކަމަކު ކަޔާންއަށް ހާޓްވެދާނެތަ؟ ޒިއާމް ކަޔާންގެ ގައިގާ ޖެހީ ކަމަށް ވެދާނެ، ޒިއާމް ހާދަ ގޯހޭ، އަހަރެމެން ގޯސްކަމެއް ކުރީއެއް ނޫން، ވާހަކަ ދައްކާލަން ތިބީ، ކަޔާންގެ މިހިރީ ހާދަ ނުފޫޒުގަދަ ޕަވަރފުލް ބޭބެއެކޭ، އަހަންނާއި ވާހަކަދެއްކީމަ އޭނަ ރުޅިއަންނަންވީ ކޮންކަމަކާތަ؟ " ލައިޝާ ހަލާކުވެފައިވާ ހިތަކާއިއެކު އޮފީހުން ބޭރަށް ނުކުމެ ފެންޑާގައި ހުރިއިރު ވާރޭގެ ތިކިތައް ވަޔާއިއެކު އޭނަގެ މޫނުގައި ބީއްސާލައެވެ. ހީކަރުވާވަރުން ދެއަތް މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރިއިރު ޓެކްސީއަކަށް ގުޅާން ބޭނުންވިއެވެ. ނޫނީ އައިދަން ގާތު އޭނަ ބަލާ އަންނަން ބުނަން ވީހެއްޔެވެ؟

ދެޚިޔާލުގައި ހުރެފައި އެންމެ ފަހުން ލައިޝާ ވާރޭކޯޓު ގަޔަށް މަހާލައިގެން ހުރެ އެ ބޯވާރޭގެ ތެރޭގައި މަގަށް ނިކުތުމުން ހީވީ ވަޔާއި އެއްލާލަފާނެ ހެންނެވެ. އެވަރުންވެސް ހިތްވަރުކޮށްލާފައި ހިނގަމުން ދިޔައިރު ހިތާހިތުން ރުޔެވެ. ޒިއާމްގެ ރުޅިވެރި ނަޒަރާއި އެ ދެއްކި ވާހަކައިން ލައިޝާއަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. ދޮންބެ އެހާ ނުފޫޒުގަދަވެއްޖެއްޔާ ކަޔާންގެ މައިންބަފައިން ކިހާވަރެއްވާނެ ހެއްޔެވެ؟ އާފްރާމެން ބުނިފަދައިން އެއީ އަޒީޒުއްދީނުގެ ދަރިއެއް ނޫންކަމަށްވެސް ވެދާނެއެވެ. ކޮޓަރިއަށްވަންއިރު ކީވާ އޮތީ ބާލީހުގައި މޫނުޖަހައިގެންނެވެ. އެނދުމަތީގައި ހުރީ ކީވާ ކިޔަވަން ގެންގުޅޭ ފޮތްތަކެވެ. ކީވާ އޮތްގޮތުން އޭނަ ރޮނީކަން ލައިޝާ ވަގުތުން ދެނެގަތެވެ.

ލައިޝާ ޚަބަރު އަހައިލުމުން ކީވާ ބުނީ ސަލްމާ ދައްތަ މާލެއަތުވެއްޖެ ކަމަށާއި އެގެއަށް އައިސް މަންމަ ގާތުގައި ދެއްކި ވާހަކަ އަޑުއިވިފައި ކީވާއަށް ވަރަށް އަސަރުކޮށްފިކަމުގައެވެ. ސަލްމާ ގެނައި ނޫހުގައި އޮތީ ކީވާގެ ހަގީގީ ބައްޕަ މަސްތުވާ ތަކެތި ބޭނުންކުރުމާއި ދަރިއަކާއި ބެހުމުގެ ކުށުގައި ޖަލަށް ލީ ވާހަކައެވެ. ސަލްމާ ކީވާގެ ބައްޕަގެ ނަން ހޯދިގޮތެއް ކީވާއަކަށް ނޭގެއެވެ. ނަމަވެސް ޒުލްމާ ކާރީގައި ވަރަކަށް އެއްޗެހި ގޮވާލިއެވެ. މީހަކާއި ދެވާފައި އަވަހަށް އެގެއިން ފޮނުވާލަން ވީކަމަށާއި އެހެންނޫނީ ލައިޝާވެސް ހަލާކުވެދާނެކަމަށެވެ. ނޫނީ ކުޑަކުދިންގެ ހިޔާއަށް އަނބުރާ ފޮނުވައިލުމަށްވެސް ބުނެލިއެވެ.

"ކިވީ ހާދަ މޮޔައޭ، ސަލްމާދައްތަ ކޮންމެ އެއްޗެކޭ ކިޔަސް މަންމަ އަހަންނަށްވުރެ ކިވީ ދެކެ ލޯބިވޭ، ވީއިރު މަންމަ ކިވީއާއި ދޭތެރޭގައި ތިހެން ކަންތައް ކުރާނެހެން ހީވަނީތަ؟ ބީ ޕޮޒިޓިވް ސިސް، ކިވީގެ ބައްޕައަކާއި ކިވީގެ އެއްވެސް ގުޅުމެއްނެތެއްނު، އޭނަ ކޮންމެތާކު އުޅުނަސް ކިވީއާއި ބެހޭކަމެއް ނޫނޭ، މައިންބަފައިން ކުރާ ކުށްތަކުގެ ސަބަބުން ދަރިންނަށް އޭގެ ސަޒާ ލިބުމަކީ ދީނުގައި އޮތްގޮތެއް ނޫން، ފޮގެޓް އިޓް ކިވީ، އަހަރެމެންނަކީ ކިވީގެ ފެމިލީ، މަންމައަށް ކިވީ ތިކަމާ ހިތާމަކުރާކަމާއި އެމީހުން ދެއްކި ވާހަކަތައް އަޑުއިވިއްޖެކަން އެނގިއްޖެއްޔާ ސަކަރާތްވާނެ، ތެދުވެގެން މޫނު ދޮވެލައިގެން ކާން ހިނގާ. ކިވީ އަދިވެސް ބޭސްސިޓީ ލެވުނު ތަނެއް ނޭގޭތަ؟ އޭގައި ޑޮކްޓަރު ލިޔުނު ބަލީގެ ނަން ހަނދާން ނުވެގެން ގޫގުލްވެސް ނުކުރެވުނު...." ލައިޝާ ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކިއެވެ. އަމިއްލަ ހިތުގެ ހާލު ކިތަންމެ ބޮޑުވިޔަސް އޭނަ އިސްކަން ދެނީ އެހެން މީހުން އުފަލުގައި ބޭތިއްބުމަށެވެ.

"ސީ ޕީ އާރްތަ؟ "ކީވާ ބާލީސް އެއްފަރާތްކޮށްލާފައި ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ.

"އެއްގޮތަކަށްވެސް ހަނދާނެއްނުވޭ، އަހަރެން ހުރީ ކިވީގެ ބޭސްސިޓީ ބަލާލަން ކަމަށޭ، ކިވީ އެހާ ފަސޭހައިން އެއްޗެހި ގެއްލުވާލާނެކަން އެނގޭނީ ކިހިނެއްތަ؟ ކިވީ މާ ނެގަޓިވް ކޮށް ކަންތަކާއި ދެކޭތީ ސައިކޭޓްރިސްޓަކަށްވެސް ދައްކަން އެބަޖެހޭ..." ލައިޝާ އުނގުގައި އޮތް ބާލީހުގައި ބައްދާލައިގެން އިންއިރު ދޭތެރެއަކުން ކަޔާންގެ ޚިޔާލު ހިތަށް އުދަގޫކޮށް ރޮވެން އުޅެއެވެ. ނަމަވެސް ލައިޝާ ހިނިތުންވުންތަކުން އެ ހިތާމަ ހިތުގެ ކަނުގައި ފޮރުވާލާފައި ކާމިޔާބުވާނެކަމަށް ބުނެ ހިތަށް ހިތްވަރު ދިނެވެ.

ލައިޝާ ކަޔާންގެ މެސެޖެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ހުރެ ފޯނު ބަލައިލިއިރު ނުދަންނަ މީހާގެ ވިއްސަކަށް މެސެޖް އިނެވެ. ހާދަ ކުޅަދާނަ މީހެކެވެ. އެނޫން މަސައްކަތެއް އޭނަގެ ނޯންނާނީ ބާވައެވެ. ޕޯސްޓުން އަންނަ މަލުގެ ބުކޭތައްވެސް ވަނީ ގިނައެވެ. ލައިޝާ އެ ވާހަކަ ކަޔާން އާއި ހިއްސާކުރަން ބޭނުންވިއެވެ. ފަހަރެއްގައި އެމީހަކު ހޯދުމަކީ ކަޔާންއަށް އުދަގޫކަމަކަށް ނުވާނެއެވެ.

ތޫފާނީ ރެއަކަށްފަހު ހެނދުނު ދުނިޔެމަތި އޮތީ ތަންކޮޅެއް ހިމޭންކޮށެވެ. "ކެންޒިއާ" ގެ ތެރޭގައި ވެސް ރޭގައި ކުރެވުނީ ވަރުގަދަ ހަނގުރާމައެކެވެ. ކަޔާން ހޭލައިގެން ދެލޯ ހުޅުވާލީ އިރުގެ ރަންދޯދިތައް ކޮޓަރިތެރެއަށް ފާއްދާލާފައި ހަށިގަނޑަށް އަވީގެ މަޑު ހޫނުކަން ފޯރަން ފެށުމުންނެވެ. ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސްފައިވާހެންނެވެ. ކަޔާން ތެޅިފައިވާ އެއްޗެއްސަށް ނާރާ ފާޚާނާއަށް ވަދެފައި ހޫނުފެނުން ފެންވަރާލިއެވެ. އޭނަ ތުވާލި އޮޅާލައިގެން ނުކުތުމުން ކޮޓަރިތެރެއަށް ވެސް އާވި ފެތުރިގެންދިޔައެވެ. ކަޔާން އޮފީހަށް ދާން ތައްޔާރުވެލައިގެން ސިޑި ގިރާކޮށްފައި ކާކޮޓަރިއަށް ވަންއިރު އެންމެންހެން އޭނަގެ އިންތިޒާރުގައި ތިއްބެވެ.

"މޯނިން ސްވީޓްހާޓް، އަދިވެސް ރުޅިފިނި ނުވޭތަ؟" ކަޔާންގެ މަންމަ ވަރުޖިނާ އިނީ ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެންނެވެ.

"ރުޅިފިނިވާނެއްނު، ސްޓޯމްވެސް މައިތިރިވެއްޖެ. ކަޔާން، އޮފީހަށް ނުގޮސް ފަރުނިޗަރު ފިހާރައަކަށްދާންވީނު......" ޒިއާމް ކަޔާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.

ކޮމެންޓް 0