ފުރަތަމަ ފަހަރަށް މީހަކު ދެކެ އައިދަންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް އުފެދިގެން ދިޔައެވެ. އެ ޒުވާނާ އާއި ކުރިމަތިލާފައި ކީވާ އަކީ އޭނަގެ ހައްގެއްކަމާއި ދުރުން އުޅެން އިންޒާރު ކުރަން ހިތް ބޭނުންވިއެވެ. ނަމަވެސް ކީވާގެ ހިތް ނޭގެނީސް އެހާ ގަދަކޮށްލަން ނުވާނެކަން ވިސްނާލާފައި މުށްކެވިފައިވާ އަތް ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ. ނޭގިނަމަވެސް އެ ދެލޮލުން ކަރުނަ ހިލުނެވެ.
"ކިވީ، އެއްޗެއް ކާނަންތަ؟ " އައިދަން އަހާލައިފިއެވެ.
ކީވާ އޮތީ އައިދަންގެ މޫނަށް ނުބަލާންވެގެން ފޮތުގެ ގަނޑުތަކާއި ކުޅެލަ ކުޅެލައެވެ. އެ އަޅި ދެލޮލަށް ބަލައިފިއްޔާ ކީވާގެ ހިތް ގެނބިގެން ހިގައިދާނެއެވެ. އައިދަން ފެންނަ ކޮންމެ ފަހަރަކު ހިތް އަވަސްވެ ކޮންމެވެސް ވަރަކަށް ފިނިވާގޮތްވެއެވެ. އައިދަންގެ ހަޔާތަށް އޭނަ ފަދަ ބަލިކުއްޖަކު ގެންނާންވީ ކީއްވެހެއްޔެވެ؟ ކީވާގެ އަތުން ފެން ހިލި ފޮތް ކުޑަކޮށް ތެމުނެވެ. އެއިން ކޮންމެ ކަމަކީ ކީވާ އަމިއްލަ ނަފުސަށް އިތުބާރު ގެއްލުވާލަން މަޖުބޫރުކުރުވާ ކަމެކެވެ. އޭނަ އެއޮތްގޮތަށް އޮވެފައި ބޯ ހޫރާލިއެވެ.

"އަދި ކުރުނބާއެއް ގެންނާނީ ދޯ، ނޫނީ ޕްރެޝަރ ދަށްވެދާނެ...... " އައިދަން ހުރީ ނުތަނަވަސްވެފައެވެ. ހީވަނީ ކީވާ އޭނައާއި އަނގައިން ނުބުނަން މަސައްކަތް ކުރާހެންނެވެ. ހިތަކީ ނަގާފައި ދެއްކޭނެ އެއްޗެއް ނަމައެވެ. އޭރުންވެސް ކީވާ ބަލައިނުލާނެ ހެއްޔެވެ؟ ފުންކަނޑެއްފަދަ ބޮޑު ދެލޮލުގައި އެހުންނަ މާޔޫސީ ގޮތާއި ސިހުން އެކުލެވިފައިވާ ނަޒަރަށް އައިދަން ހިތް ކިޔަން ފެށިތާ ކޮން ދުވަހެއް ހެއްޔެވެ؟ އައިދަން އެތާ ހުރީމަ ކީވާ ހިތްހަމަނުޖެހުނީ ހެއްޔެވެ؟
"އިފް އެނީ ތިންގް ކޯލް މީ އިނގޭ...." އައިދަން ކުޑަކޮށް އަމިއްލަ ކަނދުރާގައި ފިރުމާލިގޮތުން ނުތަނަވަސްވެފައިވާކަން އެނގުނެވެ.

އައިދަން ނުކުމެގެން ދާން ފެށުމުން ކީވާ އެސްފިޔަތައް ހިއްލާލާފައި ބަލައިލިއެވެ. އައިދަން އެނބުރި ބަލައިލުމެއްނެތި ދޮރުލައްޕާލާފައި ދިޔުމުން ކީވާގެ މޭގައި ރިއްސާލިއެވެ. ފިލްމުތަކާއި ވާހަކައިގާ އެގޮތަށް އެނބުރި ބަލަނީ ލޯބިވާ މީހުންނެވެ. ހަގީގީ ދިރިއުޅުމުގައި އޭނަ ބޭނުންވާފަދަ ރަގަޅު ޒުވާނެއް ހަޔާތަށް ނާންނާނެއެވެ. މަރާއި ހަނގުރާމަކުރަމުން ދާއިރު އަދި ވަކިން ބޮޑަށް އޭނަގެ އުއްމީދު ކުޑަވިއެވެ. ނަމަވެސް އެހެން އޮތްއިރު ފިޔަވަޅެއްގެ އަޑުއިވިލިޔަސް ކީވާގެ ހިތް ތެޅިގެންދަނީ އޭނަގެ ހިތުގެ ވެރިޔާކަމުގައި ވެދާނެތީއެވެ. ޑައިލިސިސް ނިމުނުއިރު ވަރުބަލިވެގެންގޮސް ކޮޅަށް ހުންނާނެހާވަރެއް ކީވާގެ ނެތެވެ. ހިތް ނުތަނަވަސްވަނީއެވެ. ނޭގޭ ސަބަބަކާއި ހުރެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ޑައިލިސިސް ނިމިގެން ގެއަށް ދިޔަގޮތަށް ކީވާ އާދައިގެ މަތިން އޮށޯވެލައިގެން އޮވެލާފައި ވިޝާން ދިން ވާހަކަ ފޮތް ހުޅުވާލައިފިއެވެ. މެދުތެރެއިން ކިޔާލި ތަންކޮޅުންވެސް ސިފަކޮށްލާފައިވަނީ އާދައިގެ މަތިން ވިޝާން އަދި އައިދަން ސިފަވާފަދަ ރީތި މީހެކެވެ. މިހާ ބަލިކޮށް އުޅެމުން ލޯތްބާއިމެދު ވިސްނާން ވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ކީވާ ދެލޯ މަރައިލީމަ އެސްފިޔަތަކުގެ ތެރެއިންވެސް ފެނުނީ އައިދަންގެ މޫނެވެ. އައިދަން އޭނަ ދެކެން އައީ ލައިޝާ ބުނެގެން އޭނަގެ އެހީތެރިޔަކު ނެތީމައެވެ. ވިޝާންވެސް ޒިޔާރަތްކުރީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. އޭނަފަދަ ބަލިކުއްޖަކާއި ރުހޭނީ ކާކުހެއްޔެވެ؟ އެއިން އެކެއްގެ ފަރާތުންވެސް ލޯބި ލިބިދާނެކަމުގެ އުއްމީދުކުރާކަށް ނުވާނެއެވެ.

"އަހަރެން މަރުވާނީ ކަން ނޭގޭ، ނެޓުގައިވެސް އެއޮތީ އާއްމުކޮށް ޑައިލިސިސް ހަދާތާ ތިން އަހަރުވާއިރު ފަހަރެއްގައި މީހާ ނިމިގެން ހިނގައިދާނެއޭ، ކިޑްނީ ޓްރާންސްޕްލާންޓް ފެއިލްވާ މީހުންވެސް އެބަތިބި، އައިމް ސޯ ވީކް ނޭގޭ މީހަކު ކިޑްނީއެއް ދިނަސް އެހާ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުވާނެކަމެއްވެސް، ވިޝާން އެހެން ބުނީމަ ކުޑަކޮށް އިންސްޕަޔަރ ވި، އެކަމަކު ވިޝާންވެސް އެދިޔައީ، އަހަރެން ހާދަ އެކަނިވެރިއޭ...." ކީވާގެ ދެލޮލުގައި ކަރުނަ ބޮނޑިވެގަތެވެ.

"އަހަންނަކީ ސުންޕާކުއްޖެއް، އެހެންވެކަން ނޭގޭ ދޮންބެވެސް މަރުވީ، އަބަދު މިހާ ހިތްދަތި ކަންތައް ދިމާވާތީ މޮޔަވެދާނެ، އަހަރެންހާ ބަދުނަސީބު އިންސާނަކު ދުނިޔޭގައި ހުންނާނެކަމެއް ނޭގޭ، މި ދިރިއުޅުންދެކެ ފޫހިވެއްޖެ، އެކަމަކު މަރުވެދާނެތީ ބިރުގަނޭ....." ކީވާ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލިއެވެ.

ލައިޝާ ގެއަށް އަތުވެއްޖެއްޔާ ގޭގެ ދިރުން ދެގުނަ އިތުރުވާހެން ހީވެއެވެ. ލައިޝާ އޮފީހުން އަންނަނީ ތަފާތު ވައްތަރުގެ މީރު ކާއެއްޗެހި ހިފައިގެންނެވެ. ކިޑްނީގެ ބަލިމީހުންނަށް ކެވޭނެ ފަދަ ތަކެއްޗަށް ލައިޝާ ޚާއްސަ ސަމާލުކަމެއް ދެއެވެ. ގޭގައި އޭނަ ހުރިއްޔާ ލަވައެއް ޖައްސާލައިގެން ހުރެ މަސައްކަތްކުރެއެވެ. ކުރީގައި ކެއްކުމާއި ދޮވުން ފަދަ ކަންތައްތަކަށް ފޫހިވާ ކުއްޖާ މިހާރު ގެވެހިކަމުގެ ނަމޫނާއެކެވެ. އެހާ ހީވާގިއެވެ. ތަންތަން ސާފުކޮށްލާފައި އޮފް އަރުވާލާފައި ކެއްކުމާއިގެން އުޅޭއިރު ޒުލްމާވެސް އެހީވެދެއެވެ. ކީވާ ހުންނަނީ ލައިޝާ ލައްވާ އޭނަގެ އެއްޗެހި ދޮންނަން ވީމަ އުދަގޫވެފައެވެ. ނަމަވެސް ދެއަތުންވެސް އެއްވެސް މަސައްކަތެއްކުރެވެން މި ދުވަސްކޮޅު ނެތީއެވެ. އަމިއްލަ ނިކަމެތިކަމާއި މަޖުބޫރީ ހިތަށް އަރުވާފައި ހިތާހިތުން ކަރުނަ އޮއްސުން ނޫންކަމެއް ކީވާއަކަށް ނުކުރެވެއެވެ. 

ދެދުވަސްފަހުން ޑައިލިސިސް ހަދަން އައިތަނާހެން ވިޝާން ފެނިލުމުން ކީވާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. ވިޝާން އާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ކަޅި ޖަހައިލަން ނޭގިފައެވެ. ހަމަ މިހާ ރީތި މީހުންވެސް ދުނިޔޭގައި އުޅެނީހެއްޔެވެ؟ ވާހަކަތަކާއި ފިލްމުތަކުން ސިފަވާފަދަ ރީތިކަމެކެވެ. ތަފާތު ގޮތަކަށް ރީއްޗެވެ. ބޮޑަށް ރަގަޅުވާނީ ވެމްޕަޔަރ ފިލްމެއް ކުޅެން ބެހެއްޓިއްޔާއެވެ. ހިތަށް އަރާ އެއްޗެހިން ކީވާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.

"މައި ފޭވްރިޓް ޕޭޝަންޓް، ކިހިނެއްތަ؟ " ޑޮކްޓަރ ވިޝާން އެނދުކާރީގައި މަޑުކޮށްލިއެވެ.
"ރަގަޅު..." ދޮންކުއްޖަކަށްވިނަމަ ކީވާގެ މޫނު އެވަގުތު ރަތްވީހެވެ. ހުރިހާ ލެޔެއް މޫނަށް ޖަމާވިފަދަ އިހުސާސެއް ކުރެވުނެވެ. ވިޝާން އެހެން ބުނީ ކީއްވެހެއްޔެވެ؟ އޭނައަކީ އެކުވެރިއެއް ކަމުގައި ދެކެނީހެއްޔެވެ؟ ނޫނީ އެކަނި ބަލިކުއްޖެއްގެ ގޮތުގައި ބާވައެވެ. ވިޝާން އޭނައަށް ޒިޔާރަތްކުރަނީ ޑައިލިސިސް ބައިގެ ޑޮކްޓަރަކަށް ހުރީމަކަމަށް ވެދާނެއެވެ. ހުރިހާ ބަލިމީހުންނާއި އޯގާތެރިކޮށް ވާހަކަ ދައްކާ ރަގަޅު ޑޮކްޓަރަކީ ކަން ނޭގެއެވެ. ކީވާ ތުންފަތުގައި ދަތްއަޅާލިއެވެ.
"ވާހަކަ ކިހާ ހިސާބަކަށް ދިޔައީ؟ "ވިޝާން އަހާލައިފިއެވެ.
"އަދި ނު...ނުކިޔަން....." ކީވާ ކުޑަކޮށް އަޅައިގަންނަގޮތްވެފައި ލަދުރަކިގޮތަކަށް ހީލައިފިއެވެ. ހަގީގަތުގައި ގޭގައި ހޭދަކުރި ދެދުވަހު އޭނަގެ ހިތްވަރެއް ނެތެވެ. ވަރުބަލިވެގެންގޮސް ހަށިގަނޑުގައި ތެދުވާނެ ވަރެއް ހުރީއެއް ނޫނެވެ. ބޭނުން ނުވިޔަސް އެހާ ޚިޔާލުތައް ގިނަވިއެވެ. ލައިޝާ އޮފީހުގައި ހުރިއްޔާ ކީވާގެ ބައިވެރިޔަކީ ކަރުނައެވެ.
"ލެޕެއްކަން ނޭގޭ ގެނެސްދޭންވީ، ނޫނީ އައިޕެޑެއްތަ؟ އަހަންނަށް ވަރަށް އުދަގޫވޭ ކީވާ ތިހެން ފޫހިވެފައި އޮތީމަ، ކީވާއަށް އެނގޭތަ؟ ދުނިޔޭގައި ކޮންމެ އިންސާނަކަށްވެސް ކޮންމެވެސް ހިސާބަކުން ބަލިވެ، ނޫނީ ބޮޑު ހިތާމައެއް ލިބި ހިތްހަމަނުޖެހޭކަންތައް ވާނެ، އެކަމަކު ކެތްކުރަންވާނެ، މިއީ ޕާމެނެންޓް ޕްލޭސްއެއް ނޫން، އެހެންވީމަ މިހާ ކުރު ދުވަސްކޮޅަކަށް ދުނިޔެއަށް އައިސްފައި ވަރަށް އުފަލުގައި އުޅެފައި ނިމިގެން ދާންވާނީ، ބަލިއަށްވުރެ ގަދަވާން ވާނެ....." ވިޝާން ގެ ވާހަކަތަކުން މިއަދުވެސް ކީވާއަށް ހެވިއްޖެއެވެ.
"ސެލްފީއެއްވެސް ނަގާލަން ވާނެ ދޯ...." ވިޝާން ތަންކޮޅެއް ކާރިއަށް ޖެހިލާފައި ދެކުދިންގެ ތަސްވީރެއް ނަގަންވެގެން ކާރިއަށް ޖެހިލިވަގުތު އައިދަން ދޮރު ހުޅުވާލާފައި ނުރުހުމުގެ ނަޒަރަކުން ބަލާލައިފިއެވެ. ވިޝާންގެ ނަޒަރުވެސް އެފަދައެވެ. އައިދަން ހުޅުވާލިވަރަށްވުރެ ބާރަށް ދޮރު ލައްޕައިލުމުން ވިޝާން މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"އެއީ ކާކުތަ؟" ވިޝާން އަހާލައިފިއެވެ.
"މަންމަގެ ބެސްޓްފްރެންޑްގެ ދަރިފުޅު، އައިދަން، ކުރިން އެއް އެޕާޓްމެންޓެއްގައި އުޅުނީ، މިހާރުވެސް ނެއިބަރސްއިން...." ކީވާގެ ހިތް އޭރު ތެޅޭކަން އިހުސާސްވެއެވެ.
"އޭނަ ހީވަނީ އަހަރެން ކީވާއާއި ވާހަކަ ދެއްކީމަ ނުރުހުންވެފައި ހުރިހެން، އޭނަގެ ގާލްފްރެންޑަކާއި ނޫނެއްނު މި ވާހަކަ ދައްކަނީ، ވެލް، މި ޕިކް ކިހާ ރީތި..." ވިޝާން އެ ތަސްވީރު ކީވާއަށް ދައްކާލުމުން އޭނަ ސިހިއްޖެއެވެ. އެދެމީހުންގެ ފަރަގު ހާދަ ބޮޑެވެ. ކުލަ ތަފާތުކަމުން ކީވާ ލަދުގަންނަގޮތްވެ ހިންދިރުވައިލެވުނެވެ. ހީވަނީ އިރު ކޭތަ ހިފާފައިވާހެންނެވެ. ވިޝާން ސަމާސާ އަކަށް ހަދާފައި ބުނީ މި ފޮޓޯ އިންސްޓަގްރާމަށް ލާނެކަމަށެވެ.
"އަހަރެން ބުނާނަން މަގޭ ގާލްފްރެންޑޭ..." ވިޝާން އެއް ލޯ މަރާލިއެވެ.
"ނޫން، ނޫން، ނޫން....." ކީވާ ލަދުން މޯޅިވާވަރުވިއެވެ.
"ތިހާ ހާސްވީ ކީއްވެތަ؟ އަހަރެންނާއި އެކު ފެންނަން ބޭނުންނުވީތަ؟ ކީވާގެ ޚާއްސަ ކުއްޖެއް ހުރީތަ؟ " ވިޝާން އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.
"ނުހުރޭ...." ކީވާ ވިޝާންގެ ރީތި ދެލޮލަށް ބަލާލައިފިއެވެ. ދެވަނަފަހަރަށްވެސް ކީވާ އެދުނީ އެ ފޮޓޯ މީހަކަށް ނުދެއްކުމަށެވެ. މީހުން މަލާމާތް ކުރާނެ ވަރު ހިތަށް ގެނެވެނީއެވެ.

"ތިވަރަށް އާދޭސްނުކުރިޔަސް އަހަރެން ކީވާ ގެ ހުއްދަނެތި އެކަހަލަ ކަމެއް ނުކުރާނަމޭ، އެކަނި އަހަރެންގެ ޑިސްޕްލޭ ރީތިކޮށްލަން މި ފޮޓޯ ބަހައްޓާނީ...." ވިޝާންގެ ވާހަކަތަކުން ކީވާއޮތީ ހައިރާންވެފައެވެ. ވިޝާން ކީވާގެ ގާތުން އެގޭގައި އުޅޭ މީހުންގެ މައުލޫމާތު އޮޅުން ފިލުވިއެވެ. ލައިޝާގެ ނަން ބުނުމުން ވިޝާން ހީލާފައި ބުނީ އެހެންވީއިރު ނޭގިނަމަވެސް ދެ އާއިލާ މިއޮތީ ގުޅިފައިކަމަށެވެ. ކީވާ އެހުމުންވެސް ވިޝާން ސަބަބެއް ނުބުންޏެވެ.

އެދުވަހު ޑައިލިސިސް ހަދައި ނިމެންދެން ވިޝާން އޭނަގެ ކާރީގައި އިން ސަބަބެއް ކީވާއަކަށް ނޭގުނެވެ. ވިޝާންގެ އެކުވެރިކަމާއި ހިތްހެޔޮކަމަށް ދޭންވީ ނަމެއް ކީވާއަކަށް ނުވިސްނުނެވެ. ނަމަވެސް ޔަގީނުންވެސް ކީވާ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ ވިޝާންގެ ސަބަބުން ހިތްވަރު ލިބުނެވެ. ވިޝާން ނަފްސާނީ މާހިރަކަށް ވިނަމަ ހަލަބޮލިވެފައިވާ ސކުނޑިތަކަށް ލިބޭނެ ފަރުވާއެއްކަމަށް ވާނެއެވެ. ވިޝާން ކުރިޔަށް އެދިޔައީ އެންމެ އެކަށީގެންވާ ރޮގުގައެއް ނޫންކަމަށް ކީވާ ނިންމިއެވެ. ވިޝާން ދިޔުމަށްފަހުވެސް ކީވާގެ ތުންފަތް މަތިން ހިނިތުންވުން ފިލައިގެންނުގޮސް ހުއްޓެވެ. ކީވާ ޑައިލިސިން ނިމިގެން ގެއަށް ދިޔައި އޭނަގެ މަންމަ ޒުލްމާއާއި އެކުގައެވެ. މަންމަ ބަލިމީހަކަށްވެފައި އޭނައަށްޓަކައި ބުރަ އުފުލާވަރުފެނިފައި ކީވާގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ މަންމައަށް ހެޔޮ ދުއާކުރެވުނެވެ.

ގެއަށް ދިޔައިރު ކޮޓަރީގެ ދޮރު ތަޅުލެވިގެން އުޅޭތީ ކީވާ ގޮސް ޖައްސާލީ އެގޭގެ ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލިފަތީގައެވެ. މަންމަ އަނެއްބަޔަށް ވަންގޮތަށް ސަލްމާދައްތައާއި އަނގަތަޅަން އިނދެފާނެއެވެ. އޭނަ އެއްގޮތަކަށްވެސް ސަލްމާމެން އުޅޭ ކޮޓަރިއަށް ވަންނަ ހިތެއްނުވިއެވެ. ކޮންމެހެން ސަލްމާދެކެ ހިތްބުރަވެގެން ނޫނެވެ. ސަލްމާ އޭނަދެކެ ނަފްރަތުކުރާތީއެވެ. އިރުކޮޅެއް ނުވަނީސް އައިދަން ނުކުމެގެން އައެވެ.

"ކީވާ، ކިހިނެއްތަ؟ " އައިދަން ހިނިތުންވެލިއެވެ. އިރުގެ އަލީގައި އެ އަޅި ދެލޯ ފެންނަލެއް ވަރަށް ރީއްޗެވެ. އެ ރީތި ދެލޯ އަމިއްލަ ކުރެވޭނީ ނަސީބުވެރިއަކަށެވެ. ކީވާގެ ސިކުނޑީގައި ބޮޑިވެގަތް ޚިޔާލުތަކުން އިސްޖަހައިލެވުނެވެ. އައިދަން ގެނައި ކުޑަ ކުޑަ އެއްޗެއް ކޮށްޕާލައިގެން ވަރަށް ފަސޭހައިން ދޮރު ހުޅުވާލަދީފިއެވެ. ކީވާ އޮތީ ތެދުވާން ނުކެރިފައެވެ. އައިދަން ޖެހިލުމެއްނެތި އެދިމާލަށް އައެވެ.

"ކިވީ، އެއީ ކާކުތަ؟ މިބުނީ މިއަދު ޑައިލިސިސް ހެދިއިރު އެތާ ހުރީ ކާކުހޭ؟ " ކެތްނުކުރެވިފައި ހުރި އައިދަން އަހާލިއެވެ.
"އަހަރެންގެ ޑޮކްޓަރ......" ކީވާ އަނގައިން ބުނީ މަޑުމަޑުންނެވެ.
"އޭނަ އެއުޅެނީ ޑޮކްޓަރުން އުޅޭގޮތަކަށް ހެނެއް ހިޔެއް ނުވޭ، އެމީހުން ޕޭޝަންޓުންނާއި އެކީގައި ސެލްފީ ނެގުމަކީ ރީތިކަމެއް ނޫން، ޑޫ ޔޫ ލައިކް ހިމް؟ " އައިދަން ފާޑަކަށް އަހާލައިފިއެވެ.
"އޮފްކޯސް އައި ލައިކް ހިމް...." ކީވާ ހައިރާންކަމުގެ ނަޒަރަކުން އައިދަންގެ މޫނަށް ބަލާލައިފިއެވެ. އައިދަން ހިމޭންވިއެވެ. އެ މައުޟޫއަށް އިތުރު އެއްޗެއް ބުނާހިތެއް އޭނަ ނުވިއެވެ. އެހެންނޫނަސް ކީވާގެ ހިތް އޮތްގޮތް އެނގުނީއެވެ. އެ މީހަކާއި ރުހޭކަން އެނގުނީއެވެ. އިތުރަށް އޮޅުން ފިލުވާންވެއްޖެއްޔާ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެއެވެ. ކީވާގެ ލޯބި ހާސިލުކުރަން އޭނަވެސް މަސައްކަތްކުރާނެއެވެ. 

ލައިޝާ "ކެންޒިއާ" އަށް ދާން ތައްޔާރުވާން ހުރިއިރު ޒުލްމާ ސުވާލުކުރުމުން ކުޑަ ދޮގެއް ހަދަން ޖެހުނެވެ. އިތުރުގަޑިއަށް އޮފީހަށް ކޮންމެހެން ދާން ޖެހުނީކަމުގައި ބުނެލިގޮތަކުން ކީވާވެސް ލައިޝާގެ މޫނަށް ބަލާލައިފިއެވެ. ޒުލްމާ އެކި ވާހަކަތައް ދައްކަމުންގޮސް ފެށި ވާހަކައަކުން ލައިޝާގެ ހިތް އަވަސްވެލިއެވެ.

"މީހަކާއި ކައިވެނި ކުރުމަށްފަހު އާއްމުކޮށް ދިރިއުޅުން ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓެން ތިން ސަބަބު އޮންނާނެ، ދޮންދަރިން، މައިދައިތައިން ނޫނީ ދެމަފިރިންކުރެ އެކަކު ހިލޭ މީހަކާއި ގުޅުން ބާއްވަން ފެށުން، ލައިޝާމެންވެސް މީހުންނާއި އިންނައިރު އެކަންތަކަށް ވަރަށް ވިސްނަންވާނެ...." ޒުލްމާގެ އެ ޖުމްލައިން ލައިޝާ ޔަގީންކުރީ މަންމައަށް ކަޔާންގެ ދަރިއަކު ހުރިކަން އެނގިފައިވާކަމެވެ. ދޮންދަރިއަކު ހުރީމަ އޭނައަށް ވާނީ ކޮން އުދަގުލެއްހެއްޔެވެ؟ ކަޔާންގެ ދަރިއެއް ދެކެ އޭނަވެސް ލޯބިވާނެއެވެ. ދޮންދަރިއަކު ހުރުމުން އުދަގޫވެދާނެ ސަބަބު އަހަން އުޅެލާފައިވެސް ލައިޝާ ތުންފަތުގައި ދަތްއަޅާލިއެވެ.

ލައިޝާ ކެންޒިއާއަށް ދިޔައީ ކަޔާން ރޭގަނޑު ކެއުމަށް ދިން ދައުވަތަކަށެވެ. ކެންޒިއާގެ ތެރޭގައި ފައި އެޅުމާއިއެކުވެސް ހިތަށް ލިބުނު ފިނިކަމަކީ އޭސީގެ ސަބަބުން ނޫނީ އެހެން ޖަޒުބާތެއްގެ ސަބަބުން ވީކަމެއްކަން ނޭގުނެވެ. މިގެއަށް ވަނުމުން ބީރައްޓެހިކަމުގެ އިހުސާސެއް ނުކުރެވެއެވެ. ހީވަނީ އަމިއްލަ ތަނެއްގައި އުޅެވޭހެންނެވެ. މޭގައި އަތް ބޮނޑިކޮށްލައިގެން ހުރިއިރު އޭނައާއި ދާދި ކާރީގައި ހުރި ލޯބިވެރިޔާގެ މޫނުންވެސް ފެންނަނީ އުފާވެރިކަމުގެ އިންތިހާއެވެ. ކަޔާން މަޑުމަޑުން އޭނަގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ.

"ފިނިވަނީތަ؟ " ކަޔާން ލައިޝާގެ އަތުގައި އިނގިލީގެ ކުރި ޖައްސާލުމުން ގައިން ހީބިހި ހަލުވާލިއެވެ. "އޫ" އޭ ވެސް ބުނެލެވުނެވެ. ކަޔާންގެ އެ ކުދި ބީހިލުންތައް އެހާ ޚާއްސަވިއެވެ. އެކަމަކު ކަޔާން އޭނަގެ ގައިގާ އަތްލާން ބިރުގަންނަހެންވެސް ހީވެއެވެ. ވަކި ދުވަހަކަށް ހުރިހާ ލޯތްބެއް ފޮރުވަން ކަޔާންވެސް ބޭނުންވަނީ ކަން ނޭގެއެވެ. އެހެން ނޫންނަމަ ދުރުން އުޅެންވީ ސަބަބެއް ލައިޝާއަކަށް ނުވިސްނެއެވެ.

"ކުޑަކޮށް......" ލައިޝާ ރަކިގޮތަކަށް ހިނިތުންވެލއެވެ.
"ލައިޝާ ހުންނަލެއް ނާޒުކްކަމުން ބައްދާލަންވެސް ބިރުގަނޭ، އަހަރެން ތަންކޮޅެއް މުރަނައޭ އެންމެން ކިޔާ، އެއްޗެއްގައި އަތްލާއިރަށް އެއެއްޗެއް ތެޅިވެސް ދާނެ......." ކަޔާން ގެ ހަނި ނަޒަރަކުން ލައިޝާގެ ހިތް ފިދާކުރަމުން ދިޔައެވެ. އެހިސާބުގައިވާ ޗާންދަލިޔާގެ އޮރެންޖް އަލި ކަޔާންގެ މޫނަށް އެޅިފައިވާއިރު ވަކިން ރީތިހެން ހީވެއެވެ. އިސްތަށިގަނޑުވެސް ވިހުރުވިފައިވެއެވެ. ދެތިންދުވަހު ތުބުޅި ނުބާލާ ހުރުމުން މިރޭ ވަކިން ފިރިހެންވަންތަގޮތެއް ހުއްޓެވެ. ލައިޝާއަށް ކަޔާން ނޫންތަނެއް ނުބެލެއެވެ. ހީވަނީ ލޯ ގުޅިފައިވާހެންނެވެ.

"ކީއްވެތަ؟ " ލައިޝާ އެއަތުގައި ހިފާލިއެވެ. ވައަތުގައި ގަޑިއަޅާފައިވާއިރު ރީތިކަމުން ނުހުރެވިގެން އެއަތުގައި ބޮސްދިނެވެ.
"ލައިޝާ، ތިހެން އަތްލާން ހަދައިގެން އަހަރެން ބިރުގަނޭ.......ކީއްވެކަން އެނގޭތަ؟ ލައިކް އައި ސެޑް އަހަންނަކީވެސް އިންސާނެއް، އެހެންވީމަ ތިހާ ރީތި ކުއްޖަކާއިއެކު މިއޮތް ބޮޑު ގޭގައި އެކަނި އުޅެންވީމަ އަހަންނަށް ގޯހެއް ހެދިދާނެ، މިރޭ އެންމެންވީ ކެންޒީގާތުގައި ހޮސްޕިޓަލުގައި، އަހަރެންވެސް ރޭއްސުރެން ފެށިގެން އެތާ ހުރެފައި މިއައީ، ކެންޒީ މިރޭ ރަގަޅުކަމަށް ޑޮކްޓަރު ބުނި، މަންމަމެން ކިޔާވަރުން ނިދާށޭ ކިޔާފައި ގެއަށް މިއައީ، އެކަމަކު ހިތަށް އެރީ މިރޭ ކާނީ ލައިޝާއާއި އެކީގައޭ، ކައިގެން އަހަރެމެންނަށް ފިލްމެއްވެސް ބަލާލެވިދާނެ، މަންމަ ލަސްވެގެން އުޅޭނެ ތަ......." ކަޔާން ޑިޒައިނަރ ސިޑީގައި އަތް އަޅުވާލައިގެން އަތްތިލަމަތީގައި ދަތްދޮޅި ޖައްސާލިގޮތަށް ލައިޝާއަށް ބަލަން ހުރީ ލަދުގަންނަވާފަދަ ނަޒަރަކުންނެވެ.

"އަހަންނާއި ކެންޒީ ބައްދަލު ނުކުރުވަނީ ކީއްވެތަ؟ " ލައިޝާ އެހެން އަހައިލުމުން ކަޔާން ދެރަވިއެވެ.
"ލައިޝާ ބޭނުމެއްނުވާނެ އެހާލުގައި ކެންޒީ އޮތްވާ ދެކެން، އެހެންނޫނަސް ކެންޒީ ބަލަން ބޭނުމިއްޔާ އަހަރެން މިހިރީނު، އަހަރެމެން ދެމީހުންގެ ކުޑަ ކުޑަ ތަފާތެއްވެސް ނުހުންނާނެ، ވަން މޯރ ތިންގް، ޓްވިންސްއިންވިޔަސް އަހަރެމެންގެ ބާތްޑޭ ތަފާތުކަން އެނގޭތަ، ބަރާބަރު ވަން މަންތުގެ ތަފާތު......" ކަޔާންގެ ޖުމްލައިން ލައިޝާ ދިޔައީ ސިއްސައިގެންނެވެ.
"ވަޓް......" ލައިޝާ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

"މަމް މިސްކެރިޖްވެގެން މާ ކުރިން އަހަރެން ދުނިޔެއަށް އައީ، އަހަރެން މިއީ ވަރަށް އިމްޕޭޝަންޓް މީހެކޭ ދޯ، ޓްވިން ދޫކޮށްލާފައިވެސް ދުނިޔެ ދެކެލާހިތުން ގަދަކޮށްލާފައި އައީ......." ކަޔާން ގެ ވަހަކަތައް އަޑުއަހަން ލައިޝާ ހުރީ މެސްމެރައިޒް ވެފައިވާ ކުއްޖެއްހެންނެވެ. ކަޔާންގެ ކޮންމެ ޖުމްލައެއް ލައިޝާގެ ހިތުގައި ބިންވަޅު ނެގެއެވެ.
"ވާއު، އެމޭޒިން، އެކަމަކު ކަޔާން އިމްޕޭޝަންޓެއް ނޫން......." ލައިޝާއަށް ހެވިއްޖެއެވެ.
"އަހަރެން ކެތްގަދައީ މިހާރު، އިބުރަތެއް ލިބުނީމަ މައިތިރިވެގެން މިހިރީ، އެހެންވެ އަބަދުވެސް ލައިޝާއާއި ދުރުން މިއުޅެނީ، އަހަންނަށް ބައެއްފަހަރު ވާނުވާ ނޭގޭ ގަޑިއެއްގައި ލައިޝާއަށް ދެރަގޮތެއް ހަދާފައި ފަހުން ގިލްޓީވާން ނުޖެހޭނެކަން ލައިޝާއަށް ޔަގީންތަ؟ ލައިޝާއަކަށްވެސް އަދި މުޅިން އަހަރެން ނޭގޭނެ، އެހެންވެ ކަންބޮޑުވޭ، ބަޓް........ " ކަޔާން ފުރިހަމަ އިސްކޮޅަށް ތެދުވަމުން ލައިޝާގެ އަތުގައި މަޑުމަޑުން ހިފާލާފައި ފިތާލިއެވެ.

"އަހަރެން ބޭނުން ލައިޝާ ވަރަށް އަވަހަށް މަގޭ މީހަކަށް ހަދަން، އެހެން ނޫނީ ލައިޝާއަކަށްވެސް އިންސާފަކަށް ނުވާނެ، ލޯބިވާ މީހުންނަށްޓަކައި އަހަރެންވެސް ޖެހޭނެ ކޮންމެވެސް ކަމެއް ކޮށްދޭން، އެހެންނޫނީ އަނެއްކާ........ލައިޝާ، އަހަންނަށް އެނގޭ ލައިޝާ އަހަރެންދެކެ ލޯބިވާވަރު، ތި ދެލޮލުން އަހަންނަށް ފެންނަނީ އެކަނި ލޯބި، އެހެންވެ އަހަރެން ބޭނުން ލައިޝާ އުފާކޮށްދޭން........" ކަޔާން ލައިޝާގެ ކޮލުގައި ބޮޑުވާ އިނގިލި ޖައްސާލާފައި މަޑުމަޑުން ތިރިއަށް ގެންދިޔައިރު ލައިޝާއަށް ހީވީ ހުވަފެނެއްގައި އުޅެވުނުހެންނެވެ. ކަޔާންގެ އިޝްގީބައި ކުޑަކޮށް ނަމަވެސް ހޭލާން ފެށީކަން ނޭގެއެވެ. 

ބައެއްފަހަރު ކަޔާން ކޮންމެވެސް ކަމެއް ފޮރުވާހެންވެސް އޭނައަށް ހީވެއެވެ. ކެންޒީގެ އެކްސިޑެންޓާއި ކަޔާންއާއި ގުޅުމެއް ވެދާނެހެއްޔެވެ؟ އެވާހަކަ ކަޔާން ނުދައްކަނީ ކީއްވެހެއްޔެވެ؟ ކަޔާން ކުއްލި ކުއްލިއަކަށް މިޒާޖު ބަދަލުވަނީ ކީއްވެހެއްޔެވެ؟ ލައިޝާ އިރުކޮޅެއްވާންދެން ކަޔާންގެ މޫނަށް ބަލަން ހުރިއިރު ދެމީހުންވެސް ތިބީ ހިމޭނުންނެވެ. މަރުފަދަ ހިމޭންކަމެއް އެތަނަށް ވެރިވެގެން ދިޔައެވެ.

"ކަޔާން، ވަރަށް ވަރަށް ލޯބިވޭ...އެކަމަކު، ކަޔާން އެންމެ ފަހަރަކުވެސް އަހަރެން ދެކެ ލޯބިވެޔޭ ނުބުނަމެއްނު...." ލައިޝާގެ ލޮލުގައި ވިދާލީ އުފަލުގެ ކަރުނައެވެ. ކަޔާން ފުރަތަމައަށް ބުނި ޖުމްލަ ހީވީ ކަންފަތުގައި ގުގުމާލާފައިވާހެންނެވެ. ކަޔާންގެ މީހަކަށްވުމަށްވުރެ ބޮޑު އުފަލެއް މި ހަޔާތުން ލިބޭނެހެއްޔެވެ؟ އެއީ އޭނަގެ ހުވަފެނެވެ. ދިގު އިންތިޒާރުގެ ނިމުމެވެ. 
"ދުލުން އެހެން ބުނުން މަޖުބޫރު ކަމެއްތަ؟ ލޯބިނުވާ މީހަކުވެސް އެހެން ބުނެލީމަ ގަބޫލުކުރެވޭނެތަ؟ " ކަޔާން ހިނިތުންވެލާފައި ލައިޝާގެ ނިތްކުރީގައި ބޮސްދިނެވެ. 
ދެމީހުން އެކީގައި ޓެރެސްއަށް އެރިއިރު ވަށް މޭޒެއް ބަހައްޓާފައި އުއްބައްތިތަކުން ދިއްލާ އަޅާފައިވެއެވެ. ފަލަކުގައި އަލިފާން ބޯޅައެއްހެން ފާޅުވާ ހަނދުވެސް ވިލާތަކުގެ ތެރެއިން ނިކުމެ އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހިނިތުންވާފަދައެވެ. މިފަދަ ރީތި ރެއެއްގައި އެދެމީހުން އެކަނި ހޭދަކޮށްލެވޭކަމީ ކޮންފަދަ ބޮޑު ނަސީބެއްހެއްޔެވެ؟ ލައިޝާ ގޮނޑީގައި އިށީނުމުން ކަޔާން ގެ ހިތް ތެޅިލިއެވެ. އުއްބައްތީގެ އަލީގައި އެ ދޮންމޫނު ފެންނަލެއް ހާދަ ރީއްޗެވެ. ކުޑަ ޕަރީއެއްފަދައެވެ. އުޑުގައިވާ ހަނދަށްވެސް އޭނަގެ ލައިޝާގެ ރީތިކަމާއި ވާދައެއް ނުކުރެވޭނެއެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމެވެ. ކަޔާން ލައިޝާގެ ތަސްވީރު ނަގަން އުޅެފައި ހަނދާންވީ ފޯނު ކޮޓަރީގައި ބާއްވާފައި އާދެވުނުކަމެވެ.

ކަޔާން ކޮޓަރިއަށް ވަދެފައި ފޯނު ނަގައިގެން ނުކުންނަން އުޅެފައި ޚިޔާލުބަދަލުވެގެން ބެލްކަނީއަށް ނިކުމެލާފައި އެތާހުރި ޕޮޓަކުން ރަތްކުލައިގެ ފިނިފެންމަލެއް ބިނދެލިއެވެ. އަންހެންކުދިން ތިބޭނީ މަލާއިހެދި މޮޔަވެފައެވެ. އެހެންނޫނަސް އޭނަގެ ފަރާތުން ލައިޝާއަށް މިފަދަ ހަދިޔާއެއް ދެވުނުކަމަށް ވާނީ އަތުން އަތަށް ދެވުނީމައެވެ. މިމަލުގެ ނާޒުކްކަމުންވެސް ލައިޝާހާ ވަރުވެއެވެ. އެހާ އޮމާނެވެ. ކަޔާން އެމަލުގައި ތުންފަތް ޖައްސާލިއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވިފައި ކަޔާން އިސްއުފުލައިލިއިރު ދޮރުމަތީގައި ހުރީ އޭނަގެ މަންމަ ވަރުޖިނާއެވެ. ރޮއިރޮއި ވަރުޖިނާގެ ދެލޯ ވަނީ ދުޅަވެފައެވެ. ޓިޝޫއަކުން ލޯ ފޮހެމުންދާއިރުވެސް ކަރުނަތަކަށް ނިމުމެއްނެތެވެ. ކަޔާންގެ މޫނުގެ ކުލަ ފަނޑުވިއެވެ. އޭނަ ހުރީ ސްޓެޗޫއެއްހެން ހުއްޓުން އަރާފައެވެ.

"ދަރިފުޅާ، ކުއްލިއަކަށް ކެންޒީގެ ހާލު ދަށަށް ދިޔައީ، އޮކްސިޖަން ޑްރޮޕްވާން ފެށީ، ޑޮކްޓަރުން......" ވަރުޖިނާ އެހިސާބަށް ބުނުމާއިއެކު ކަޔާން ބަލާކަށް ނުހުރެ ޑްރޯވަރ ދަމައިގަނެފައި ނެގި ކަޓަރު އެޅީ އަތުގައެވެ. ހީވީ އެ ޚަބަރު އަޑުއަހާން އޭނަ ބޭނުން ނުވީހެނެވެ. އެ މަންޒަރު ފެނިފައި ވަރުޖިނާގެ ދުނިޔެ އަނދިރިވެގެން ދިޔަހެން ހީވިއެވެ. ސިކުންތުކޮޅަކަށް ވަރުޖިނާގެ ސިކުނޑީގެ މަސައްކަތް ހުއްޓުނެވެ. ހަމަހޭވެރިކަން ވުމުން ވަރުޖިނާ ކަރުފަޅައިގެން ދާހާ ބާރަށް މަގޭ ދަރިފުޅާއޭ ކިޔާފައި ހަޅޭއްލަވައިގަތްގޮތަށް މެދުކެނޑުމެއްނެތި ހަޅޭއްލެވެމުން ދިޔައެވެ. ހީވީ އެ އަޑު ގޭތެރޭގައި ގުގުމާލިހެންނެވެ. އޭނަގެ ފުރާނަ ކަމުގައިވާ ދެދަރިން އެއްފަހަރާ ގެއްލިގެން ދާތަން ދެކެން ކުޅަދާނަވާނީ ކޮން މަޔަކަށް ހެއްޔެވެ؟

ޓެރެސްގައި ކަޔާންގެ އިންތިޒާރުގައި އިން ލައިޝާއަށްވެސް ގޭތެރޭގައި ބޮޑު ހާދިސާއެއް ހިނގިކަން އެނގިގެން ނުތަނަވަސްކަމާއި އެކުގައި ތިރިއަށް ފޭބުމާއިއެކު އޭނަވެސް އަނބުރައި ނުގަތީ ކިރިޔާއެވެ. ލައިޝާ ސިޑީގެ ތިރީފަތްތަރު މަތީގައި އިށީންގޮތަށް އުނގުގައި މޫނު ޖައްސާލިއެވެ. އޭނައާއި އަޅާލާނެ ހޭވެރިކަމެއް ހުރި މީހަކު އެގޭގައި ނެތެވެ. ބައިގަޑިއެއްހާއިރު ފަހުން ލައިޝާގެ މަންމަ ގުޅަންފެށިއެވެ. މެދުކެނޑުމެއްނެތި ފޯނު ރިންގުވަމުން ދިޔައިރުވެސް ލައިޝާ ފޯނަކަށް ބަލާނުލައެވެ. އެތަނުން ތެދުވާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ. މަޑުމަޑުން ވަގުތު ފާއިތުވަމުންގޮސް ގަޑީގެ ކަށި ނުވައަކަށް އެރިތަނާހެން އަފްރީން އެގެއަށް އައެވެ.

"ލައިޝާ، އަދިވެސް ރޮނީތަ؟ ލައިޝާ ކެންއާއި އިންނަން އުޅެނީ ކެން ކާކުކަން ނޭގިދޯ، އަހަރެން ކުރީދުވަހެއްގައިވެސް ލައިޝާއަށް އިންޒާރުކުރިން، ޓްރަސްޓް މީ، ކެންއާއިއެކު އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ އޭނަ އަބަދުވެސް ކުރާކަމެއް އެއީ، ސުއިސައިޑް ވެގަތީމަ ހުރިހާ ކަމެއް ހައްލުވީކަމަށް ކެން ގަބޫލުކުރޭ، އެހެންވެ އަހަރެން އެ ވާހަކަ ބުނީ، ލައިޝާ، ހަގީގަތަށް ބުނަންޏާ އަހަންނާއި ކެންގެ އޮތް ލޯބީގެ ގުޅުން ވަރަށް ވަރުގަދަ، އައި ލަވްޑް ހިމް، އަދި އޭރު އޭނަވެސް އަހަރެންދެކެ ވަރަށް ލޯބިވިކަން އެނގޭ، އަހަރެމެން އެތައް ރެއެއް އެކީގައި ވޭތުކުރިން، ނަމަވެސް މައްސަލައަކީ ކެން އެންމެ ލޯބިވަނީ ކެންޒީދެކެ ކަމަށް ވާތީ، އެއީ ކީއްވެކަމެއް ނޭގޭ، ކެންޒީގެ އެކްސިޑެންޓަށްފަހުވެސް ކެން އަމިއްލައަށް މަރުވާން އުޅުނު، އެފަހުން އަހަރެން ޓްރައިކޮށްކޮށް އަނގައިން ބުނާކަށްވެސް ކެން ބޭނުމެއް ނުވި، އަހަރެން މުޅިން ދުރުކޮށްލީ، އަހަންނަށް އެނގޭ ކެންޒީ ކޯމާއަކަށް ދިޔައިމަ ކެން މާ ބޮޑަށް ނަފްސާނީ މައްސަލަޖެހި އެންމެ ފަހުން ޑޮކްޓަރަށްވެސް ދައްކަން ޖެހުނުކަމާއި އޭނަ ދުނިޔެމަތިން ފޫހިވިކަން، ލައިޝާއަށް އެނގިފައިވެސް އޮވެދާނެ، ކެންޒީއާއި ކެން ކިތަންމެ ގުޅިގެން އުޅުނަސް ކެން ރުޅިގަދަ ވާ ވަގުތު ކެންޒީއަށް ހާޓް ކުރޭ، ޖަހަންވެސް ޖަހާފާނެ، އެކްސިޑެންޓަށްފަހު ކެން އެހެރީ މުޅިން ޗޭންޖްވެފައި، ފިލާވަޅެއް ލިބުނީކަން ނޭގޭ، އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ކެން، އަހަރެން ހިތަށް އެރީ ކެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވީމަ ގިލްޓީވެގެން ކެން ސަކަރާތްވީއޭ، ނޫނީ ބައެއްފަހަރު ހިތަށް އަރާ......." އަފްރީންވެސް ހުރީ ކޮންމެވެސް ވަރަކަށް ދެރަވެފައެވެ. ސިއްރު ސިއްރުން އޭނަވެސް ނުރޯކަމެއް ނޭގެއެވެ. 

އަފްރީން ބުނަން އުޅުނު އެއްޗެއް ހާމައެއް ނުކުރިއެވެ. އަފްރީން އެވާހަކަ ސިއްރުކުރަން ބޭނުންވީކަން ނޭގެއެވެ.

ލައިޝާ އިނީ ޝޮކެއްގަ އެވެ. އަފްރީން ގެ ވާހަކަތަކުން އޭނަގެ ހިތާމަތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. ކަޔާން އާއި އަފްރީން ދެއްކި ވާހަކަތައް ހާދަ ތަފާތެވެ. ދޮގު ހެދީ ކާކުހެއްޔެވެ؟ ނޫނެކެވެ. ކަޔާން އަށް އޭނަ އިތުބާރުކުރާނެއެވެ. އަފްރީން އުޅެނީ އޭނައާއި ކަޔާންގެ ދޭތެރެ ޖައްސާށެވެ. ގޭތެރެ ފިނިކަމުން ކަށިގަނޑުގެ ތެރެއަށް ފިނި ވަންނަހެން ހީވިއިރުވެސް އެތަނުން ތެދުވާކަށް ލައިޝާ ނޫޅުނެވެ. ލައިޝާ ހިތަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އޭނަ މިހާ ފިނޑިވާންވީ ކީއްވެހެއްޔެވެ؟ އެންމެ ފަހު ވަގުތާއި ޖެހެންދެން ހިތްވަރުކުރަން ނިންމާފައިވާ ކުއްޖާ މިގޮތަށް މާޔޫސްވެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ކަޔާން އޭނަގެ ދުޢާ ބޭނުންވާނެއެވެ. ކަރުނައަކީ ހައްލެއްނޫނެވެ.
ލައިޝާ އިސްއުފުލާލީ ކޮންމެވެސް މީހެއްގެ ހިލަންވެގެންނެވެ. ލައިޝާ ކަންބޮޑުވިވަރުން ފުންމައިގެން ތެދުވެއްޖެއެވެ.

ކޮމެންޓް 0