އެވަގުތު ކަޔާން ޖޫގޯއަށް އޯޑަރު ދޭން ހުރެފައި ކުޑަކޮށް ވައަތް ފަރާތަށް ބަލާލާފައި އަތް އުފުލާލިގޮތުން ހީވީ ލައިޝާ އެތަނުން ފެނިގެން ހައިރާންވިހެންނެވެ.
"ހޭ ލައިޝާ، މިތަނުގައި އީދު ހޭދަކުރާ ދުވަހެއްތަ؟ " ކަޔާން ވާހަކަ ދެއްކިގޮތުން ލައިޝާ ރަކިވިއެވެ. ކަޔާން އޭނަ އަންނަން ދައުވަތުދިދިންކަން ހަނދާން ނެތުނީހެއްޔެވެ؟ ނޫނީ ގަސްތުގައި އޭނަ ދެރަކޮށްލަންވެގެން އުޅެނީހެއްޔެވެ؟ ލައިޝާ ސަޕްރައިޒްވެފައި ކަޔާންއަށް ހަނދާންކޮށްލަދޭން އުޅެނިކޮށް އޭނައާއި ދާދިކާރީގައި ހުރި އޮފީސްކުއްޖާ ފެނުނެވެ. ލައިޝާއަށް ކަޔާން އެ ގޮތަށް އަމަލުކުރި ސަބަބު ވިސްނުނީ އެވަގުތުއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އޭނަ އޮފީސް މީހުންނަށް އެދޭތެރޭގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން އަންގަން ބޭނުންނުވީއެވެ. ލައިޝާ އެކުއްޖާއާއި ހީލާފައި އަނެއްކާ ކަޔާންއާއި ދިމާލަށް ބަލައިލުމުން ކަޔާން ލައިޝާ ބޯން ބޭނުންވަނީ ކޯންޗެއްތޯ އަހައިލުމުން ލައިޝާ ޖަވާބުދިނެވެ.

"މިއީ ސަރ ގެ ދަރިފުޅުތޯ...." ލައިޝާއަށް ފާހަގަކުރެވުނީ ޖުއާންގެ ރީތި ދެލޮލާއި ދިގު އެސްފިޔަތަކެވެ. އިސްތަށިގަނޑު ދިގުކަމުން އަންހެންކުއްޖެއްހެން ހީވިޔަސް ހަތަރެސްކަން މޫނަށް ބަލައިލުމުން ފިރިހެންކުއްޖެއްކަން އެނގެއެވެ. ދެބަފައިން ހާދަ ރީއްޗެވެ. އެތައް ބަޔެއްގެ ނަޒަރު އެދިމާލަށް ހުއްޓިފައިވާ ސަބަބަކީ އެއީކަން ނޭނގެއެވެ. ކަޔާން ޖުއާން އަށް ލައިޝާ ތައާރަފުކޮށްދިނުމުން ޖުއާން އިނީ ލޯބިކޮށް ބަލާށެވެ. ބައްޕަގެ އެކުވެރިއަކަށްވީމަ ދަރިފުޅުވެސް ޝައުގުވެރިވީކަން ނޭނގެއެވެ. ލައިޝާ އިނީ އެ ފުށްގަނޑު މޮޑެލާހިތުން ކަމަށްވިޔަސް އެތައް ބަޔެއްގެ ލޮލުގެ ކުރިމަތީގައި އެފަދަ ކަމެއްކޮށްލާކަށް ނުކެރުނެވެ. ނަމަވެސް އެ މަޑު ކޮލުގައި ހިފައިލެވުނެވެ. އަތަށް ފިތައިލެވުނެވެ.

"ބިއުޓިފުލް......" ލައިޝާ އަށް ބުނެވުނެވެ.
"ލަޝް....." ޖުއާން ދިނީ އެހާ ލޯބި ނަމެކެވެ. ލައިޝާއޭ ކިޔާކަށް ނޭގުމުން އެ ތުއްތު ބަހުރުވައިން ދެވުނީ ލައިޝާ ހިތްހަމަޖެހޭފަދަ ނަމެކެވެ. ކަޔާން ހުރީ މަޖާވެލާފައެވެ.

"ޑެޑީ، ޑެޑީ......." ޖުއާން ތަންކޮޅެއް ދުރުގައި ބޯޅައެއް ހިފައިގެން އުޅުނު ކުދިންތަކެއްގެ ކައިރިއަށް ދާން ބޭނުންވެގެން ކަޔާންގެ އަތުތެރެއިން ސޮއްސާލައިފިއެވެ. ކަޔާން ޖުއާން ބިންމަތީގައި ބަހައްޓާފައި ފައިސާ ނަގަން ވޮލެޓް ހުޅުވާލިތަނާ ކަޔާން ތުއްތު ފިޔަވަޅުތައް އަޅަމުން ދުވަންފެށިއެވެ. އޭނަ ހުރީ މިނިވަންވާނެ ފުރުސަތެއް ނުލިބިފައިކަން ނޭނގެއެވެ. އެވަގުތު ކޮންމެވެސް ޒުވާނަކު އެއައިގޮތަށް ކަޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ކޮންމެވެސް އެއްޗެކޭ ބުނެލިގޮތުން އެއީ ކަޔާންގެ އެކުވެރިއެއްކަން ލައިޝާއަށް ވިސްނުނެވެ.

ކަޔާން އެކުވެރިޔާ ގާތުގައި ފައިސާ ދައްކަން ބުނެފައި ދުރުގައި ފިޔަވަޅު އަޅަމުން ހިނގަމުން ދިޔައީ ދުވަމުން ދިޔަ ޖުއާންގެ ފަހަތުންނެވެ. ތޮއްޖެހިފައިވާ މީހުންތައް ދުރުކުރަމުން ކަޔާން ދާތަން ބަލަން ލައިޝާ އިރުކޮޅެއްވާންދެން ހުއްޓެވެ. އޭރު ކަޔާންގެ އެކުވެރިޔާ ލާރި ދައްކާފައި ލައިޝާއަށް ވީ ޖޫގޯ އަތަށް ލާދިނެވެ. ކަޔާންގެ އެކުވެރިޔާގެ މޫނުމަތީގައި ފިރިހެންވަންތަ ގޮތަކާއި، ފޮނިގޮތެއް ހުރިހެން ހީވިއެވެ. ނޫނީ ތަންކޮޅެއް ރީތި އަންހެންކުއްޖަކާއި ރައްޓެހިވެގެން އުޅެނީކަމަށް ވެދާނެއެވެ. ފަރުވާލެއްނެތް ގޮތަކަށް ލައިޝާއަށް ބަލާލާފައި އޭނަ ހިނގައިގަތީ ކަޔާން ހުރި ދިމާލަށެވެ. އެވަގުތު ކަޔާން އެނބުރިފައި ލައިޝާއާއި ހަތަރުކަޅި ހަމަކުރިއިރު ލައިޝާގެ މޫނުން ފެނުނު ހިތްހަލާކުވާފަދަ އަސަރުތައް ރީއްޗަށް ފެންނާނެއެވެ. ހަގީގަތުގައިވެސް ލައިޝާގެ ހިތްހަލާކުވެއްޖެއެވެ.

އޭނަ މިތަނަށް އައީ ފޮނި އުއްމީދުތަކާއި އެކުގައެވެ. ނަމަވެސް ކަޔާންއަށް އޭނަ އެހާ މުހިއްމެއްނުވިއެވެ. ކަޔާން ބޭނުންވަނީ އެންމެނަށް އެ ގުޅުން ސިއްރުކުރާށެވެ. މިއީ ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ މިއަށް ދޭންވާ ނަމެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. ޕަރުވާނާއެއް ފަދައިން ހުޅުކޮޅުގެ ވަށައިގެން އެނބުރެނީ އޭނައެވެ. އެންމެފަހުން އަނދައިގެން ދާނީކަން ނޭނގެއެވެ. ކަޔާން އެންމެ ފަހަރަކުވެސް އޭނަދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. އެހެން ހީކުރެވިގެން އޭނަ ކަޔާންގެ ފަހަތުން އެނބުރެން ފެށީމަ ކަޔާން އޭނައާއި މެދު ހަމްދަރުދީވެގެން ރީތިކޮށް ވާހަކަ ދެއްކީމަ އޭނަ ނުބައި މާނައެއް ނެގީއެވެ. އެހެންނޫނަސް މިތަނަށް މިއައީ ޑޭޓަކަށް ނޫނެވެ. ކަޔާންގެ ދަރިފުޅު ދައްކާލަން ގެނައީއެވެ. 
ލައިޝާ އަނެއް ފަރާތަށް އެނބުރިލާފައި މަޑުމަޑުން ކުރިއަށް ދާންފެށީ އިސްއޮބާލައިގެން ހުރެ މަންޒިލް ގެއްލިފައިވާ މުސާފިރެއް ފަދައިންނެވެ.

ލައިޝާ މަގަށް ނިކުމެފައި ޓެކްސީއެއް ހުއްޓުވަން ކުރި ޚިޔާލު ބަދަލުކޮށްލާފައި ފައިމަގުގައި ގެއަށް ދާން ނިންމިއެވެ. އޭނަ އެކަނި ޓެކްސީއަކަށް ނާރަން ނިންމާފައިވާތާ ކޮން ދުވަހެއްހެއްޔެވެ؟ މަންމަވެސް އަންގާފައިވަނީ މަޖުބޫރު ހާލަތެއްގައި ނޫނީ ޓެކްސީއަށް ނޭރުމަށެވެ.

ލައިޝާ ގެއަށް ދިޔަގޮތަށް ހިތާމަތައް ފިލުވަން އެކިކަންތަކުގައި މަޝްޣޫލުވެގެން އުޅުނެވެ. ދިހައެއްޖަހަން އުޅެނިކޮށް ނިދާލަން ކަމަށް އެނދަށް އެރިތަނާ ކަޔާން ގުޅައިލުމުން ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހިތް ހުއްޓުނުހެން ހީވިއެވެ. ހުރިހާ ހިތާމައަކާއި މޮޅިވެރިކަމެއް ފިލައި ހިތަށް ފިނިވިއެވެ. ހީވީ ގަނޑުފެނުން ހިތް ތެންމާލަ ދިންހެނެވެ.
"ސޮރީ އެބައުޓް ދެޓް ލައިޝާ، އަހަރެންވެސް ބޭނުންގޮތަކަށް ނޫން އެކަންތައް އެވީ، އޮފީސް ކުދިންނަށް ފެނިގެން ފާޑުފާޑުގެ ވާހަކަ ދައްކަން ފަށާފާނެތީ އަހަރެން އިގްނޯ ކުރީ، ނޯ ހާޑް ފީލިންގްސް އިނގޭ، ތިހިރީ ވަރަށް ދެރަވެފަތަ؟ " ކަޔާން ގެ ޖާދުވީ އަޑުން ލައިޝާގެ ހިތުގައިވި މާޔޫސްކަމެއް ފިލިއެވެ. 

"އަހަންނަށް އެނގުނޭ، އެހެންނޫނަސް ވަރަށް އުފާވި ޖުއާން ފެނުނީމަ، ހީޒް ސިމްޕްލީ އެޑޮރަބަލް. ސަރ.... ކަޔާން ގުޅާލީމަ މިހާރު މިހިރީ އުފާވެފައޭ....."ލައިޝާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. މިހާރު އިންތިޒާރު ފަށައިގެން އުޅެނީ އޮފީހަށް ދާނެ އިރަކަށެވެ. ކަޔާން ގެ ރީތި ސޫރަ ނުފެނި މާ ގިނައިރުވާން ވެއްޖެއްޔާ ހިތަށް ކެތްވާވަރެއް ނޫނެވެ.
"އަހަންނާއެކު ރަށުން ބޭރަށް ދާން ކެރިދާނެތަ؟ " ކަޔާންގެ ސުވާލުން ލައިޝާގެ ހަށިގަނޑުގައި ކަރަންޓުގެ އަސަރު ހިނގައިލިއެވެ. އަތްލުމަކާއި ނުލައި އެކަނި އެ ޖާދުވީ އަޑު އަހާލައިގެންވެސް ލައިޝާއަށް މިވަނީ ކޮންފަދަ ގޮތްތަކެއްހެއްޔެވެ؟

"ހެވޭ ޖުޕިޓަރއަށް ދާން ޖެހުނަސް، އަހަރެން މިހިރީ ކަޔާން ބުނި ކޮންމެ ތާކަށް ދާށޭ. ކޮންއިރަކުންތަ ދާންވީ؟ ހަމަ މިހާރުވެސް ރެޑީގަ މިހިރީ......." ލައިޝާގެ ހިތް އަވަސްވެފައިވާ ވަރުން އަޑުންވެސް އެކަން އެނގެއެވެ.
"ރިއަލީ؟ ތިގޮތް ބަލާނަމޭ، ބޭރަށް ނުކުމެފާނަންތަ؟ ނިދަން ދިޔުމުގެ ކުރިން ދެކެލާހިތުން މިހިރީ....." ކަޔާން ގެ އެ ޖުމްލަ ނިމުނުއިރަށް ލައިޝާ ހުރީ އެޕާޓްމެންޓްގެ ދޮރުން ބޯދިއްކޮށްލައިގެން ބޭރަށް ބަލާށެވެ. އޭރު ތަންކޮޅެއް ދުރުގައި ކަޔާން އަނދިރީގައި ހުއްޓިލައިގެން ހުރެފައި އަތުން އިޝާރާތްކޮށްލާފައި ކައިރިއަށް އައުމަށް އެދުނެވެ. ހިޔަންޏެއްހެން ފެނުނުއިރުވެސް ހާދަ ސްމާޓެވެ. ކަޔާން ލައިޝާއާއި ދިމާލަށް ހިނގާފައި އަންނަން ފެށުމުން ލައިޝާ ހުރީ ކަޅިޖަހައިލަން ނޭނގިފައެވެ. ކަޔާން ލައިގެން ހުރީ ހަވީރު ލައިގެން ހުރި ބާރބެރީ ރަތާއި ކަޅުކުލައިގެ ރޮނގުދެމި ގަމީހާއި ނޫ ޖިންސެވެ. އެހިސާބުގައި ހިފާލާފައިވަނީ ކަޔާންގެ ސެންޓުގެ މީރުވަހެވެ. ލައިޝާ ކުރިއަށް ދާންވެގެން ފިޔަވަޅެއް އެޅިތަނާ މަންމަ ކޮޓަރިން ނުކުމެ އެތަނުގައި ހުރީމަ ސުވާލުކުރިއެވެ. ލައިޝާ ބުނީ ދޮރު ތަޅުލާފައި ހުރިކަން ޔަގީންކުރީކަމަށެވެ.

އަފްރާޒުވެސް ސޯފާގައި އޮވެފައި ބަލައިލިގޮތަކުން ލައިޝާ އަވަހަށް ދޮރު ލައްޕާލާފައި ހިތާހިތުން ކުދިކިޔަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކަޔާންގާތުގައި އޭނަގެ މަޖުބޫރީ ކިޔައިދިނުމުން ފިނޑިކުއްޖެކޭ ބުނެލީ ސަމާސާއަކަށެވެ. ނަމަވެސް ލައިޝާ އިންތިޒާރުކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހަކަށެވެ. އަދި އޭނަ މިއުޅެނީ ބަޔެއްގެ އެހީތެރިކަމުގައި އުނދަގޫ ދިރިއުޅުމެކެވެ. ނަމަވެސް ކިޔަވާ މޮޅުވެގެން މީހަކަށް ވީ ދުވަހަކުން އޭނަ މިނިވަންވާނެއެވެ. ލޯބި ހާސިލުކުރަން ހުރަސް އެޅޭނެ ދުނިޔޭގެ ބާރެއް ނުވާނެއެވެ.

އެހެން ގެއަކަށް ދާންވުމުން ލައިޝާހުރީ ނިކަން ބޮޑަށް ދެރަވެ އެ ވާހަކަ ކަޔާން ގާތުގައި ބުނަން ބޭނުންވެފައެވެ. ކެންޒިއާ ފަދަ މުއްސަނދި ކުންފުންޏެއްގެ ވެރިޔެއްގެ ދަރިއަކަށްވާއިރު ކަޔާންއަށް މިފަދަ ތަނެއްގެ ކުލިދެއްކުމަކީ މާބޮޑުކަމަކަށް ނުވާނެއެވެ. ލައިޝާއަށް އޮތީ އެހީއަށް އެދި ބުނުމެވެ. ކަޔާން ފަސްޖެހުމެއްނެތި އެކަން ކޮށްދޭނެކަން ޔަގީނެވެ. ނަމަވެސް ލައިޝާއަކީ ކުޑައިރުއްސުރެ އުސޫލުތަކެއް ގެންގުޅޭ އަންހެންކުއްޖެކެވެ. ފުރާނަހުރެގެން އޭނަ މީހެއްގެ ގާތު ކަމަކު ނުކިޔާނެއެވެ. ކަޔާންގެ އަތުން އެންމެ ފައިސާ ފޮތްޗެއްވެސް އޭނަ ބޭނުމެއްނޫނެވެ. އޭނަގެ ހިތާމައަކީ ކަޔާން މުއްސަނދި މީހެއްގެ ދަރިއަކަށްވީ ކަމެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އޭނައަށް އެކަމުގެ އުނދަގޫ ފޯރާނެކަމުގެ އިންޒާރު ހިތް ދޭތާ ކޮން ދުވަހެއްހެއްޔެވެ؟ އޭނަ ކަޔާންއާއި ލޯބީގެ ގޮތުން ގުޅުމަށް އެ އާއިލާ ގަބޫލުނުވާނެކަމީ އިރުފެންނަ ފަދައިން ހަގީގަތެކެވެ. އޭރުން ކަޔާން ޚިޔާރުކުރާނީ ކޮންފަރާތެއް ބާވައެވެ. 

ލައިޝާ އާއި ކީވާ އެކުދިންގެ ސާމާނުތައް ޕެކްކުރަން ތިބިއިރު ހީހީފައި އެމީހުންވެސް ރެފިއުޖީއިންނަށް ވެއްޖެކަމަށް ކިޔާ ހެދިއެވެ. އަބަދުހެން މިޖެހެނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާށެވެ. އަމިއްލަ ގެއޭ ކިޔާފަދަ ހިޔާވައްސެއް ލިބޭނެ ދުވަހެއް ނޭނގެއެވެ. ލައިޝާ މިތަނާއި ވަކިވާން ޖެހުނީމަ ހިތާމަކުރާވަރު ދަންނަނީ އެކަނި ކީވާއެވެ. އަބަދު ހެވިލާފައި ހުންނަ އުފާވެރި ކުއްޖާ އުޅޭގޮތަކުން އެކަން ދަންނާނީ ކާކުހެއްޔެވެ؟ ލައިޝާއަކީ އިހުސާސްތައް ފޮރުވުމުގައި ކުޅަދާނަ އަންހެންކުއްޖެކެވެ. ފޮށިތައް ތައްޔާރުކޮށް ނިމުމަށްފަހު ދެކުދިން ރީތިވެލިއެވެ. އައިދަން އޮތީ ގަޑި ކިޔާފައެވެ.

އިރުކޮޅެއްނުވަނީސް އައިދަން އައުމުން ކީވާއަށް ބަލަން ހުރެވުނީ ހުވަފެނީގޮތަކަށެވެ. ހުދު ޓީޝާޓަކާއި ކަޅު ޖިންސެއްލައިގެން ހުރިއިރު އައިދަން ހާދަ ފިރިހެންވަންތައެވެ. ދެ އަންހެންކުދިންގެ ބަރު ފޮށި ދެއަތުން ހިއްލާލިއިރު އެ މުލައްދަނޑީގެ ރީތިކަމާއި ވަރުގަދަކަން ފެނިފައި ކީވާ އާޝޯޚުވިއެވެ. ކޮންފަދަ ކަސްރަތީ ރީތި ހަށިގަނޑެއްހެއްޔެވެ؟ ކަޔާން އަކަށް ދޫނުކުރެއެވެ. ނަމަވެސް ލައިޝާއަށްވެސް ކަޔާން ލިބެން ހުއްޓާ އައިދަންގެ ފަހަތުން ނާންނާނެކަން ޔަގީނެވެ. ކަޔާންގެ މަދީ ކޯންޗެއްހެއްޔެވެ؟ ނަމަވެސް އައިދަންހާ އޯގާތެރި ރަނގަޅުމީހަކަށް ކަޔާން ވެދާނެބާވައެވެ. ލައިޝާގެ މޮޔަކަމުން އަގުބޮޑު ޖަވާހިރެއް ދޫކޮށްލާފައި ދުރަށް ދުވަނީހެއްޔެވެ؟ އައިދަން ހުރިހާ ފޮށިތައް ބޭރަށް ނެރެ ބައެއް ފޮށިގަނޑުތައް ބަންދުކުރުމުގެ މަސައްކަތުގައި އުޅުނުއިރު އަފްރާޒު ސޯފާގައި ދިގުދެމިލައިގެން ކޮންމެވެސް އެއްޗެއް ކާން އޮތެވެ. 

"އަފޫ، ދޮންބެ ލައްވާ މަސައްކަތްކުރުވަންޏާ ދުވަހަކު ތި ބޭބީ ފެޓް ނުވިރޭނެ އިނގޭ..." ލައިޝާ އަފްރާޒު ރުޅިއަރުވައިލަންވެގެން ދިމާކޮށްލުމުން އޭނައަޑުއިވުނު ކަމަކަށް ހަދައިނުލިއެވެ.
"ލައިޝް ސްލިމްކަމުން މީހުންނަށް މަލާމާތްކުރަނިކޮށް އަފޫއަށްވުރެ ފަލަވެއްޖެއްޔާ ކިހިނެއް ހަދާނީ...." ކީވާ އަފްރާޒުގެ ދިފާޢުގައި ވާހަކަދެއްކިއެވެ.

"އޭރުން އެހެން މީހުން އިންސްޕަޔަރ ވާގޮތަކަށް އުޅޭނީ، އަފޫގޮތަށް އަބަދު ޓީވީ ކުރިމަތީގައި މީހުންނާއި އަނގައިން ނުބުނެ މަށެއް ނީންނާނަން....." ލައިޝާ ނުސީދާކޮށް އެހެން ބުނެލީ އަފްރާޒުއަށް ހިތްވަރު ދިނުމަށެވެ. އަފްރާޒު އެގޮތަށް ސޯޝަލައިޒްނުވެ އެކަހެރިވެގެން އުޅެންޏާ ބޮޑުބައްޔަކަށް ވެދާނެއެވެ. އަފްރާޒުގެ ދޮންބެއަށްވެސް އެކަން މާބޮޑުކަމަކަށް ނުވަނީހެއްޔެވެ؟ ބޭނުންހާ އެއްޗެއް ގަނެދީފައި ބޭންދީމަ އަފްރާޒު އިންނަނީ ޓީވީއާއި ގޭމަށް ދެވިހިފާފައެވެ. އެއީ އޭނަގެ ދުނިޔެއެވެ. އެކަނިވެރިކަމުގެ ތޮށީގެ ތެރެއިން ނެރެން އާއިލާ މީހުން މަސައްކަތްކުރަންވެއްޖެއެވެ. އެހެންނޫނީ އަފްރާޒުގެ މުސްތަގުބަލް ބަނަވެގެން ހިނގައިދާނެއެވެ.

ޑިއު ކިޔާ ގޭގެ ތިރީބައި ހަދާފައި ހުންނަނީ ހިނގަން ހަދާފައި އޮންނަ ހަނި ގޯޅިގަނޑުން ގޮސް ކޮންމެ ކޮޓަރިއަކަށް ވަދެވޭ ގޮތަށެވެ. ކޮންމެ ބަޔެއްވެސް ހަދާފައި ހުންނަނީ ސިޓިން ރޫމަކާއި އެކުގައެވެ. ލައިޝާމެން އުޅުނު އެޕާޓްމެންޓާއި ބަލާފައި މިތަންކޮޅު ކުޑަކަމުން އެމީހުން ތިބީ މާޔޫސްވާގޮތްވެފައެވެ. ނަމަވެސް ޒުލްމާ، ކީވާ އަދި ލައިޝާއަށް ވަކި ބަޔެއް ލިބުނުކަން އެނގުމުން ލައިޝާމެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. އަމިއްލައަށް ކައްކައިގެން ބޭނުންގޮތަކަށް މިކުޑަތަންކޮޅުގައި އުޅެލެވޭނެއެވެ. އައިދަންމެންނާއިއެކުގައި އެބައި ހިއްސާކުރަން ޖެހުނުނަމަ ހާދަ އުނދަގޫވީހެވެ. މިވީގޮތުން ލައިޝާއަށް ސޯޓު އެއްޗެހި ލައިގެން ގޭތެރޭގައި އުޅެލެވޭނެއެވެ. ކީވާވެސް ހުރީ އުފާވެފައެވެ. އެހެންނޫނަސް ކޮޓަރީގެ ބޭރުގައި ގަސްއިންދާނެ ތަންކޮޅަކާއި ޖޯލިފަތްޗެއް ހުރެއެވެ. ބޮޑު ގަހެއްގެ ހިޔާ އެދިމާލަށް އެޅިފައި އޮތެވެ.

"ތޭންކް ގޯޑް. އެގޭގައި ކައްކަން ހުންނައިރުވެސް ސްކާފް އަޅަން ޖެހުނީމަ ހާދަ އުނދަގުލޭ، ދެން ބޭނުންގޮތަކަށް އުޅެލެވޭނެ، ނެށިޔަސް ފުމުނަސް ގޮތްކިޔާނެ މީހަކު ނުހުންނާނެ ދޯ........" ކީވާ އަވަހަށް ސްކާފް ނައްޓާލާފައި ހެދުން ބަދަލު ކޮށްލިއެވެ. ޓައިޓަކާއި ޓޮޕްކޮޅެއް ނުލެވޭތާ ހާދަ ދުވަހެކެވެ. ލައިޝާ ޚިޔާރުކުރީ ސޯޓެކެވެ. ވަރުބަލިވެފައި ހުއްޓަސް ކީވާ ހެދުންތައް އަލަމާރީގެ ހަރުގައި އަޅުވާ ރީތިވާ ސާމާނު ރީތިވާމޭޒުމަތީގައި ތަރުތީބުކުރަން ފެށިއެވެ. 

ހިރަފުސްފޮޅާ، މޮޕްޖަހާލައިގެން ނޫނީ ކީވާއަކަށް ތަންމަތީގައި ޖައްސައެއް ނުލެވޭނެއެވެ. އޭރުވެސް ކީވާ ޚިޔާލުކުރަމުން ދިޔައީ އަންހެނެއް ނެތި އައިދަން އާއި އަފްރާޒު ކައްކައިއުޅޭނެ ގޮތަކާއިމެދުގައެވެ. ސަލްމާ މާލެ އަންނާންދެން އެމީހުންނަށް ކައްކާފައި ފޮނުވުމަކީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭކަމެކެވެ. ނަމަވެސް ކީވާ ހުރީ އެ ވާހަކަ އިސްވެ ބުނަން ނުކެރިފައެވެ. މަންމަ އެވަރު ވިސްނާނެ ބާވައެވެ. އޭރު ޒުލްމާ އޮތީ ބޭރުގައި ހުރި ސޯފާގައި އޮށޯވެލައިގެންނެވެ.

"ދެން އަރާމުގައި އުޅެލެވިދާނެ، އެކަމަކު އެ އަފޫގަނޑު މިސްވޭ، ނެއިބަރސްއިންވީމަ ދެން އަހަރެމެންނަށް އެބަޔަށްވެސް ވަދެލެވޭނެތާ، އެއްޗެއް ކައްކައިފިއްޔާ މަންމައަށް އެމީހުންނަށް ނުދީ ނުކެވޭނެ، އަނެއްކާ އަހަރެމެންގެ ރިއަލް ސިޓިންރޫމަކީ ޖޯލިފަތި، ދޭތެރެއަކުން އެތަނަށް ގޮސް ޖައްސާލާނީ......" ލައިޝާވެސް ގަސްތުކުރީ ވަރުބަލިފިލުވައިލަން ޖައްސައިލުމަށެވެ. އަވަދިނެތި އުޅުނުއިރުވެސް ދޭތެރެއަކުން ކަޔާން އާއިމެދު ވިސްނެއެވެ. ސިކުނޑީގެ ތެރޭގައި އަބަދުހެން އެ ޚިޔާލު ހަރުލާފައި ހުރެއެވެ. ދެލޮލުގެ ތެރޭގައި އަބަދު ކަޔާންގެ ތަސްވީރު ހުރެއެވެ. 

"ލައިޝާ، މީހަކު ފޮނުވި ހުވަދުމާކޮޅެއް، ހިފައިގެން އައީ ކުޑަ ފިރިހެންކުއްޖެއް......." ޒުލްމާ ކޮޓަރިއަށް ވަދެ އެ ފަތްކޮޅު ދިއްކޮށްލުމުން ލައިޝާ ހައިރާންވެފައި ހުރެ އެ ބެހެއްޓީ ރީތިވާ މޭޒުމަތީގައެވެ. ޒުލްމާ އަކަށްވެސް އެގެނެސްދިނީ ކޮންކުއްޖެއްކަމެއް ނޭގެއެވެ. އޭނަ މިގެއަށް އައިކަން އެނގޭނީ ހާދަ ވަރަކަށް ފާރަލާ މީހަކަށެވެ. އޭރު ހުވަނދުމަލުގެ ސިހުރުވެރި މީރުވަހުން މުޅިތަން ތާޒާވެއްޖެއެވެ. 

"މީހަކު ފަންޑިތަ ހަދާފައި ފޮނުވީކަމަށް ވާނީ....." ކީވާ ހުރީ ބިރުގެންފައެވެ.
"ކާކުތަ؟ ކީއްވެ ފަންޑިތަ ހަދަންވީ...." ލައިޝާ ކުޑަކޮށް ހާސްވިޔަސް އެހާ ފަސޭހައިން ފަންޑިތަ ޖެހިދާނެކަމަކަށް ގަބޫލެއްނުކުރެއެވެ.

"ލައިޝް ރީތިކަމުން ފިރިހެންކުއްޖެއްގެ ހިތުގައި އަޅައިގަތީ ކަމަށްވާނީ....." ކީވާ މީރުވަސްދުވާތީ އެ މާކޮޅު އެއްލާލާކަށް ބޭނުމެއްނުވިއެވެ. އެއަރފްރެޝްނަރގެ ބަދަލުގައި ޚަރަދުކުޑަކުރަން މިކަހަލަ މަލެއް ކޮޓަރީގައި ބެހެއްޓުން މާރަގަޅެވެ. އެހެންނަމަވެސް ކީވާ ބުނި އެއްޗަކުން ލައިޝާ ވިސްނާލަން މަޖުބޫރުވިއެވެ. އޭނައަށް މެސެޖްކުރާ ޒުވާނާގެ އަމަލެއްބާވައެވެ. އެއީ ކާކުހެއްޔެވެ؟ ހުރިހާ އަންހެންކުދިންގެ ހަޔާތަށް އެފަދަ ގޮތްނޭގޭ މީހުން އަންނާނެހެއްޔެވެ؟ އޭނަގެ އެކުވެރިން ބުނާގޮތުގައި މައްސަލައަކީ ލައިޝާ ރީތިވީމައެވެ. މިފަދަ އުދަގޫ ދިރިއުޅުމެއް ލިބެންޏާ ރީތިކަމުން ހުރީ ކޮން އުފަލެއްހެއްޔެވެ؟ އާދައިގެ ކުއްޖަކަށްވިނަމައެވެ. ނަމަވެސް ކަޔާންގެ ރީތި ސޫރަ ހިތަށް ސިފަވުމާއިއެކު ލައިޝާގެ ހިތް އެހެން ހުރިހާ ކަމަކުން ހުސްވިއެވެ.

ކަޔާން މާލޭގެ ހަލަބޮލި މަގުތަކުން ކާރު ދުއްވަމުން ގޮސް ގޯޅިއަކުން ލަނބައިލި ވަގުތު ފެނުނު މަންޒަރަކުން ކާރު އެއްފަރާތެއްގައި ޕާކްކޮށްލަން މަޖުބޫރުކުރުވިއެވެ. ލައިޝާ ޒުވާން ފިރިހެނަކާއި ވާހަކަދައްކާފައި ހެމުންގޮސް ވަނީ ފިހާރައަކަށެވެ. އެ ޒުވާނާ އިސްކޮޅުން ދިގުވެފައި ލޮލުގެ ކަޅީގައި ތަފާތު ކުލައެއް ހުރުމުން ފާހަގަކުރެވޭފަދަ ގޮތެއް ހުއްޓެވެ. އެއީ ލައިޝާގެ ކާކުހެއްޔެވެ؟ އައްޑޫ މީހުންނާއި ލައިޝާގެ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ކަޔާން ހިތްހަމަނުޖެހިފައި ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލައިގެން އިނދެލާފައި ލައިޝާއަށް ގުޅާލިއިރު އަތްތިލަ ގަނޑުފެންކޮޅަކަށްވެއްޖެއެވެ. 

"ކޮންތާކު ތިހިރީ...." ކަޔާން މަޑުމައިތިރިގޮތަކަށް އަހާލައިފިއެވެ.
"ޝޮޕިންގައި، ޔޫ ނޯ ވަޓް އަހަރެމެން މިއަދު އާގެއަކަށް މޫވް ކުރީ އޭ....." ލައިޝާ އުފާވެރިއަޑަކުން ވާހަކަދެއްކިއިރު ޖޯޝަކާއި ފޯރިއެއް އެކުލެވެއެވެ.

"ތިހިރީ އެކަނިތަ؟ " ކަޔާން އަހާލައިފިއެވެ.
"ނޫ......އާން އެކަނި......" ލައިޝާ ކޮންމެވެސް ވަރަކަށް ފަސްޖެހިފައި ހުރެ ބުނެލިގޮތަކުން ކަޔާން ހައިރާންވިއެވެ. ލައިޝާ އޭނަގެ ގާތުގައި ދޮގުހަދަން ފެށީހެއްޔެވެ؟ އެ ފިރިހެނާއާއި ލައިޝާ އެކީގައި ވާހަކަދައްކަމުންގޮސް ފިހާރައަށް ވަންތަން ފެނުނީ އޭނަގެ ދެލޮލުންނެވެ. މިވާގޮތުން އަންހެންކުދިންނަށް އިތުބާރުކުރެވޭނީ ކިހިނެއްހެއްޔެވެ؟ ލައިޝާ ކޮންމެވެސް ކަމެއް ސިއްރުކުރާކަން އޭނަ ދަނެއެވެ. ކަންތައްގަނޑެއް ފޮރުވައިގެން އުޅޭކަން އޭނައަށް ނޭގެނީއެއް ނޫނެވެ. ކަޔާން ހުންނަނީ ލައިޝާ އޭނައާއި ހުރިހާ ވާހަކައެއް ހިއްސާކުރާނެ ދުވަހަކަށް ބަލަބަލައެވެ. ލައިޝާ ދޮގުހެދީމަ ހައްތަހާ ބޮޑަށް ޝައްކުވާންފެށީއެވެ. އެހެންނޫނަސް ކަޔާން އަންހެނުންނަކަށް އިތުބާރެއް ނުކުރެއެވެ. އަންހެންކުދިންނަކީ ފާޑެއްގެ ބަޔެކެވެ. މަކަރުވެރި ބަޔެކެވެ. ޚާއްސަކޮށް ރީތިވެއްޖެއްޔާ ހީކުރަނީ ފިރިހެނުންނާއި ދޭތެރޭ ބޭނުންގޮތެއް ހަދައިލެވޭނެކަމަށް ހީކުރެއެވެ.

"އަހަރެން ދަންތަ؟ ތި ފިހާރައެއްގެ ނަން ބުނެބަލަ... " ކަޔާން ހީލާފައި އަހައިލިއެވެ.
"ނޫން، އިރުކޮޅަކުން ގެއަށް ދިޔައިމަ ކަޔާން އަންނައްޗޭ......" ލައިޝާ މަޑުމަޑުން ވާހަކަދެއްކި ގޮތުން ހީވަނީ ކާރީގައި ހުރި މީހަކަށް އަޑު ނީއްވަންވެގެން އުޅޭހެންނެވެ.

"ލައިޝާ ބުނީމެއްނު އާ ގެއަކަށް މޫވް ކުރީއޭ، ކޮންބަޔެއް ތިގޭގައި އުޅެނީ...." ކަޔާން ސުވާލުކުރިއެވެ. އެވަގުތު ކަޔާންއަށް ފެނުނީ ލައިޝާ ވާހަކަދައްކަމުން ފިހާރައިން ބޭރަށް ނުކުތްތަނެވެ. އެވަރުންވެސް ލައިޝާ މަގުގެ އަނެއް ފަރާތުގައި ޕާކްކޮށްފައި އޮތް ކާރާއި ދިމާލަށް ބަލައިލަން ހިތަކަށް ނޭރިއެވެ. ލައިޝާ ކޮންމެވެސް ވަރަކަށް އޭނަގެ މަޖުބޫރީކިޔައިދިނެވެ. އޭނައާއި އައިދަންގެ ކައިވެނި ހަމަޖައްސާފައިވާކަމަށާއި އޭނަ އެކަން ނުކުރާނެކަމުގެ ޔަގީންކަން ދިނެވެ. ކަޔާން ހައިރާންވިއެވެ. އޭނަ ވީ މިރީތި ބުދެއްފަދަ ކުއްޖާގެ ވާހަކައަށް އިތުބާރުކުރަންހެއްޔެވެ؟ މިއީ ކޮންކަހަލަ އުސޫލެއްހެއްޔެވެ؟ ކައިވެނި ހަމަޖެހިފައިވާ ބައިވެރިޔާއާއިއެކުގައި ބާޒާރުކުރަން އައިސްފައިވެސް އޭނައަށް އެކަން ސިއްރުކުރަނީއެވެ. އެމީހަކު ކާރީގައި ހުރިކަން ފޮރުވުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ކެހިވެރި މަކަރުވެރި ކުއްޖެކެވެ.
ކަޔާން ތުންފަތުގައި ބާރަށް ދަތްއަޅައިލިއެވެ.

"އޭނައާއި އިންނަން ބޭނުން ނުވާއިރު އޭނަ ލައްވާ ޚަރަދުކުރުވަން އޭނަ ކުއްޔަށް ހިފިތަނަކަށް ލައިޝާ ދާން ޖެހުނީ ކީއްވެތަ؟ އަހަރެންގެ ގާތުގައި އެ ވާހަކަ ކުރިން ނުބުނީ ކީއްވެތަ؟ ލައިޝާ އަހަންނަށް ކަމެއް ފޮރުވަނީތަ؟ " ކަޔާން އިނީ ލައިޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ލައިޝާ ހުރީ ހިމޭނުންނެވެ. އޭރު އައިދަން ފިހާރައިން ނުކުމެގެން ގޮސް ލައިޝާގެ ގާތުގައި ހުއްޓި ވޮލެޓް ހުޅުވާލައިފިއެވެ. އައިދަން އާއި ލައިޝާ ތިބިލެއް ކާރިކަމުން ކަޔާންގެ ހިތަށް އުދަގޫވިއެވެ. އައިދަން ހުރިގޮތަކުން ލައިޝާގެ މޫނު ފެންނަވަރެއް ނުވެއެވެ. އައިދަން ލައިޝާގެ އަތުގައި ހިފާލިހެންވެސް ހީވިއެވެ. ކުރެވުނު ހީއެއްގެ މައްޗަށްވެސް އައިދަންގެ އަތް ބިންދާލަން ކަޔާން ހިތަށް އެރިއެވެ. އައިދަން ލައިޝާގެ އަތުގައި ހިފާލަން ކީއްކުރަން ވާހަކަދައްކާކަށްވެސް ކަޔާންގެ ހިތެއް ނުރުހެއެވެ. ތެދުވެގެންގޮސް އައިދަން ކޮށްޕާލާފައި ލައިޝާ ދަމައިގެންގޮސް ކާރަށް އަރުވާލާފައި ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. އެ ނިޔަތުގައި ދޮރުހުޅުވާލަން އުޅެފައިވެސް ސީޓުގައި ހަމަޖެހިލާފައި ފުންނޭވާތަކެއްލިއިރު އެ ރީތި ދެލޮލުން ރުޅިވެރިކަމުގެ އަސަރު ފެނެއެވެ.

"އާންސާ މީ، ކީއްވެހޭ؟" ކަޔާން ކިތަންމެ ރުޅިގަދަވިޔަސް އަޑު އެއްވަރެއްގައި ހިފެހެއްޓިއެވެ.
"ސަރ......" ލައިޝާ އައިދަން އާއި ދުރަށް ހިނގައިގަންނަމުން ކަންބޮޑުވެފައިވާގޮތަކަށް ކަޔާންއަށް ގޮވާލީ ރަސްމީކޮށެވެ. 

"ލައިޝާ، އަހަރެން ބޭނުމެއްނޫން އެމީހަކާއި ލައިޝާ ވާހަކަދައްކާކަށް، މިއަދަށް ފަހު ލައިޝާ އޭނައާއި އަނގައިން ބުނެގެން ނުވާނެ، އަންޑަސްޓޭންޑް؟ " ކަޔާންގެ އިންޒާރުން ލައިޝާއަށް ޝޮކެއް ލިބިފައި އެނބުރި އައިދަން އާއި ދިމާލަށް ބަލައިލިއިރު އައިދަން ހުރީ ހިނިތުންވެލައިގެންނެވެ. ލައިޝާ ވާހަކަދައްކަނީ ކޮންފަރާތަކާއި ކަމާއި އެދެކެވޭ ވާހަކަތަކުގެ ހިލަމެއް ވާނަމަ އައިދަންގެ ހިނިތުންވުން ވަގުތުން ގެއްލުނީހެވެ. ލައިޝާ ހުއްޓުން އަރާފައި ހުރިގޮތުން ހީވަނީ ހަދާނެގޮތް ހުސްވެފައި ހުރިހެންނެވެ. ލައިޝާ ކަންބޮޑުވެފައި ހުރެ މަގުހުރަސްކުރަން ދިޔައިރު މަގުމަތިން ދުއްވާ އެއްޗަކަށް ސަމާލުކަމެއް ނުދެވުނެވެ.

ކޮމެންޓް 0