މައިދައިތަ ކަޅިއަޅާލި މަންޒަރު ނުފެންނަކަމަށް ހަދާލާފައި ލައިޝާ އެއްފަރާތަކަށް ޖެހިލިއެވެ.

ލައިޝާ ހުރީ ހިތްހަމަޖެހިފައެވެ. މިގޭގައި ފިރިމީހާގެ އިތުރުން އޭނަގެ ދޮންބެވެސް އުޅޭއިރު ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެހެންނޫނަސް އޭނަ އެހާ ފިނޑި ކުއްޖަކަށް ވާންވީ ކޮންގޮތަކުން ހެއްޔެވެ؟ އޭނައަކީ ހިތްވަރުގަދަ ކުއްޖެކެވެ. މިގެއަށް ގެނައިކަމުގައިވިޔަސް ހަޔާތް ނިމުނީއެއް ނޫނެވެ. މިއީ އާ ޗެލެންޖެކެވެ. މަންމަ އަބަދުވެސް އޭނައަކީ ނުކިޔަމަންތެރި ހިތެއްގެ ވެރިއެކޭ ބުނެއެވެ. އޭނަ ކީވާ ހާ ބަސްނާހާތީއެވެ. މަންމައާއި ދެކޮޅު ހަދާތީއެވެ. ޙަޔާތުގެ ބައިވެރިޔަކަށް އައީވެސް އެފަދަ ޒުވާނެކެވެ. ވީއިރު އެދެމީހުންވެގެން އާ ދިރިއުޅުމެއް މިގޭގައި ނުފެށެންވީ ސަބަބެއްނެތެވެ. މަންމަގެ ހިތް އަތުލަން އެދެމީހުންނަށް އެކީގައި މަސައްކަތްކުރެވިދާނެއެވެ. ދުނިޔެއާއި ދެކޮޅަށްވެސް އޭނަ ހޯދަން ބޭނުންވީ އެކަނި ކަޔާންއެވެ. ކަޔާންގެ ލޯތްބެވެ. އޭނައާއި ނުލައި ލައިޝާއަށް ހަޔާތުގެ މަގު އެކަނި ކަޑައްތު ނުކުރެވޭނެއެވެ.

ކަޔާންގެ ކޮޓަރިއަށް ވަދެފައި ލައިޝާއަށް ހީވީ ވަކި އެޕާޓްމެންޓަކަށް ވަދެވުނުހެނެވެ. އެހާ ތަނަވަސްވެފައި އަރާމެވެ. ކޮންމެ ދިމާލަކުން ފެނުނީ މުއްސަދިކަމެވެ. ކޮޓަރިއާއި ގުޅިފައިވާ އެހެން ބައެއް އައިކަންއަށް ޚާއްސަކޮށްލާފައި އެބައިގާ އައިކަންގެ އެއްޗެހި ތަރުތީބުކޮށްލާ ހަދާލިތަނާހެން އައިކަން ކޮޓަރިއަށް ވަނެވެ. އައިކަން ބޮޑު ބާތުޓަބް ތެރެއަށް ފެންއަޅައިގެން އެއަށް އެރުނުގޮތަށް ނެގުންވީ އުދަގޫކަމަކަށެވެ. އައިކަންގެ އުފާވެރިކަން ވައިރަސްއަކަށްވިއެވެ. ދަރިފުޅުގެ މަންމައާއި ބައްޕައަށްވެސް އެކަމުންވަނީ ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. ފެންވަރުވާ ރީތިކޮށްލުމުން އައިކަން ބޭނުންވީ ޖުއާންމެންނާއި އެކު ކުޅެންދާށެވެ. ކަޔާން އައިކަން އުރާލައިގެން ނުކުތުމުން ލައިޝާ ކަޔާންގެ އަލަމާރީގައި ހުރި އެއްޗެހި ބަލަމުންދަނިކޮށް ކުރަހާފައި ހުރި ތަސްވީރުތަކެއް ފެނުނެވެ. ގިނައީ ލައިޝާގެ ތަސްވީރެވެ. ކަޔާން ދުރަށް ބަލަން އިންއިރު ކަޔާންއާއި ލައިޝާ އަތުގުޅުވާލައިގެން ހިނގާލާފައިވާ މަންޒަރު ދައްކުވާދޭ ތަސްވީރެއްވެސް ކުރަހަފާއިވެއެވެ. ހަނދު އަރާފައިވާއިރު ރާޅުތައް ގާތަކުގެ މައްޗަށް ބިންދާލައެވެ. ތިރީގައި ކަޔާންގެ އަތު ލިއުމުން "އަންޓޭމްޑް ހާރޓް" ޖަހާލާފައި އޮތެވެ. އެކުރެހުން ވަރަށް ހިތްގައިމެވެ. ލައިޝާ އެ ކުރެހުންތަކަށް ގެއްލިފަ އިންދާ އިރުކޮޅެއްފަހުން ކަޔާން އެނބުރި އައެވެ.

"ލައި، ތިއީ އަހަރެން މެންޓަލް ހޮސްޕިޓަލުގައި އުޅުނުއިރު ކުރި މަސައްކަތަކީ، އަހަރެން އަބަދު އިންތިޒާރުކުރީ އަހަރެމެން ދެމީހުން މިގޮތަށް އެކީގައި އުޅޭނެ ދުވަހަކަށް، އެކަމަކު މިހާރު ލައިވެސް އަހަންނާއި ފައިޓް ކުރަން އެބައުޅެއެއްނު، ޔޫ ޑޯންޓް ލަވް މީއޭ، އަދި އެއްފަހަރު އެހެން ބުނެބަލަ، އަދަބެއްދޭންވީ ދޯ....." ކަޔާން ލާނެތްގޮތަކަށް ލައިޝާއަށް ބަލާލިއެވެ.
"އެނީތިންގް..." ލައިޝާ ހުއްދަދިނެވެ.
"އެނީތިންގް؟ " ކަޔާންގެ ލާނެތް ހިނިތުންވުމުން އެކައްޗެއްވެސް ލައިޝާއަކަށް ނުވިސްނުނެވެ. ލައިޝާ އެނދަށް ވައްޓާލާފައި ބަނޑުގައި އަތް ޖައްސާލާއިރަށް ލައިޝާ ހެމުންގޮސް ބަލިވާވަރުވިއެވެ. ދެލޮލުން ފެންއަންނަގޮތްވިއެވެ. މިވަރުގެ އަދަބެއް ކަޔާން ދީފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ކަޔާންގެ އަތްދަށުން ސަލާމަތްވެވުނީ ވަރަށް އާދޭސްކޮށްގެންނެވެ. ސަމާސާ އަކަށްވެސް ކަޔާންގެ ލޯތްބާއިމެދު ޝައްކު ނުކުރާނެ ކަމަށް ވައުދުވުމުންނެވެ. "ނޯޓީ ނޯޓީ ކަޔާން ގަނޑާ" ލައިޝާ ތެދުވުނުއިރު އެދޮންމޫނުވަނީ ދަލުން ފެންވެރިފައެވެ. ލައިޝާ ބާލީހުން ކަޔާންގެ ގައިގާ ޖަހާފައި އަތުނުވާން ދުއްވައިގަތުމުން ފަހަތުންގޮސް މެދުހަށީގައި ބައްދާލިގޮތަށް ދެމީހުން އެންމެފަހުން ގޮސް ޖެހުނީ ފެންއަޅާފުރާފައި ހުރި ބާތުޓަބްގައެވެ. ސަކަރާތްޖަހަން އެތައް އިރެއްވީއިރުވެސް އެހެންކަމެއް ހަނދާންހުރިހެނެއްވެސް ހިޔެއްނުވެއެވެ.

ލައިޝާ ފެންވަރާ ތާޒާވެލައިގެން ފެން މުޅިން ނުހިކި އޮތް އިސްތަށިގަނޑު ދައްޗަކުން ހައްޔަރުކޮށްލާފައި އިށީނީ ކަޔާންގެ ފައިލްތައް ބަލާލާށެވެ. ލައިޝާއަށް ކަޔާންގެ ބަލިވެސް ޔަގީންކުރެވުނެވެ. އެއީ އިންޓަރމިޓެންޓް އިކްސްޕްލޯސިވް ޑިސްއޯރޑަރއެވެ. ސްކިޒޮފްރީނިއާ އަށް ޝައްކުކުރީ މާލޭގައި ހުއްޓާ ހިނގި ހާދިސާއަށްފަހުއެވެ. އެކަމަކު އެއީ ހަގީގަތެއްނޫނެވެ. ކުޑައިރު ބައިޕޯލާރގެ މައްސަލައަކަށްވެސް ފަރުވާދީފައިވެއެވެ. އިރާދަކުރެއްވިއްޔާ ލައިޝާގެ ހިފެހެއްޓުމެއްނެތް ލޯތްބާއި ދުޢާއިން ކަޔާންގެ ބަލި މުޅިން ފަސޭހަވާނެއެވެ.

އެދުވަހުގެ ބާކީ އޮތްބައިގަ ވަރުޖިނާ ހުރީ މޫނު ހަދާލައިގެންނެވެ. ދޭތެރެއަކުން ކަޔާން ފެންނަން ނެތިއްޔާ ނުރުހުމުގެ ބަހެއް ބުނެލައެވެ. ނުސީދާކޮށް މަލާމާތެއްކޮށްލައެވެ. ލައިޝާ ހުންނަނީ ހިނިތުންވެލާފައި އެކަން ނޭގޭކަމަށް ހަދާލައިގެންނެވެ. އޭނަ މަސައްކަތްކުރީ ވަރުޖިނާގެ ހިތުން މަޤާމެއް ހޯދާށެވެ. ވަރުޖިނާއަކީ އޭނަގެ ފިރިމީހާ އަދި ދޮންބެގެ މަންމައެވެ. ދަރިފުޅުގެ މާމައެވެ. ވީމަ އެހާ ގާތް ފަރާތެއްދެކެ ނުރުހުންވެގެން ދުރުން އުޅޭކަށް އޭނަ ބޭނުމެއް ނުވިއެވެ. ދޭތެރެއަކުން ލައިޝާ ވަރުޖިނާ ގެންގުޅޭ އެއްޗެއްސަށް ތައުރީފުކުރެއެވެ. ގޭގެ އިންޓީރިއަރ ޑިޒައިނަރ ގެ މޮޅުކަމުން އާޝޯޚުވާ ކަމަށް ބުނެލިއެވެ. ގަސްތައް އިންދާފައި ހުރިލެއް ރީތިކަމަށް ތައުރީފުކޮށް ގަސްތަކަށް ފެންދޭން ފެށިއެވެ. އެކުއްޖާ އެއުޅޭލެއް ލޯބިކަމުން ހިތަށް ގޮތްގޮތްވާއިރުވެސް އޭނަގެ ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އެކަމެއް ނާންގައެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު އެ އާއިލާތެރޭގައި އެންމެންވެސް އުޅެމުންއައިސްފައިވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. 

އައިދަންއާއި ކީވާވެސް ހަނީމޫންގައި ލަންޑަނަށްދިޔަގޮތަށް އަދިވެސް މާލެއަކަށް ނާދެއެވެ. ކީވާގެ އެފްބީ ޕޭޖް ޔޫރަޕްގެ ރީތި ތަސްވީރުތަކުން ފަޅުފިލަންފެށިއެވެ. އޭނަގެ ކިޑްނީ އޮޕްރޭޝަން ކާމިޔާބުވީވާހަކަ ސްޓޭޓަސްގައި ލިއުމުން އެތައް ހާސްބަޔަކު މަރުހަބާ ކިޔާފައި ކޮމެންޓުކުރިއެވެ. ކީވާގެ މަޝްހޫރުކަން އިތުރުވެ އެންމެންގެ ލޯބި ލިބޭތީ އެންމެ އުފާކުރާ އެކަކީ ލައިޝާއެވެ. އޭނަވެސް ޤަވައިދުން ކީވާގެ ޕޭޖަށްވަދެ ކޮމެންޓްކުރެއެވެ. އެފަދައިން އަފްރީންއާއި މާޔާއަދި ރައަދުވެސް ކީވާގެ ފޭނުންނަށް ވިއެވެ. ކީވާ މާލެއައި އިރަކުން ފޮޓޯ ނަގުވަން ހުރިހާކުދިން ތިބީ ކެތްމަދުވެފައެވެ.

ކެންޒިއާގެ އެންމެންގެ ދިރިއުޅުން ހަމަޔަކަށް އެޅި ލައިޝާވެސް އެ ދިރިއުޅުމަށް ހޭނުނެވެ. ހެނދުނު ދިހައެއް ޖަހާއިރަށް ގޭގެ ތިން ފިރިހެންކުދިން ދަނީ އޮފީހަށެވެ. އަންހެންކުދިން ކުޑަ ކުޑަ ދަރިންކޮޅާއިއެކު ކޮންމެވެސް ސަކަރާތެއް ގަނެލާ ހަދަން ތިބެއެވެ. ވިޝާން ޑިއުޓީގައި ހުރިއްޔާ ދޭތެރެއަކުން ރައަދުވެސް އެގެއަށް ވަދެލައެވެ. އަންހެންކުދިންނާއި ބައިވެރިވެގެން ޕޫލަށް އެރިލައެވެ. ޓެނިސްފަދަ ގޭމެއް ނޫނީ ޕޫލް ކުޅުމުގައި ބައިވެރިވެލައެވެ. ރަންދާމެން އެގެއަށް އަންނައިރު ލައިޝާ ފެނިއްޖެއްޔާ ކުޑަކޮށް ވާހަކަދެއްކިޔަސް ބީރައްޓެހިގޮތެއް ހުރެއެވެ. ޚާއްސަކޮށް ވަރުޖިނާ ލައިޝާގެ ހިތުގައި ޖެހޭފަދަ އެއްޗެހި ބުނެލާހަދާކަން އޭނަ ފާހަގަކުރެއެވެ. ކުރީކޮޅު އެކަމާއި އަސަރުކުރިޔަސް މަންމައަށްޓަކާ ހިތް ބުރަނުކުރަން އޭނަ ނިންމިއެވެ. ވަރުޖިނާގެ ތިބެނީ ތިން އަންހެންދަރިންކަމަށް ބުނެފައި އެއްކުއްޖަކު ވިޝާން ގެންދިއުމުން މިސްވާކަމަށް އެއްދުވަހު ބުނެލީ ސައިބޯން އިނދެފައެވެ.

"މިހާރު ވެސް ގޭގައި އެބަތިއްބެއްނު ތިންކުދިން..." މިންކާ ހިނި ގަނޑެއްޖަހާލިއެވެ.
"މާޔާއާއި އަފްރީން އެކަނި މަގޭ ދަރިންނަކީ، ކޮންމެ ކޮންމެ މީހަކު މަގޭ ދަރިއަކަށް ނަހަދާނަން އެހެޔޮ އަބަދު ކުރިމަތީގައި އެނބުރުނަސް....." ވަރުޖިނާ މަލާމާތްކުރިއެވެ. ލައިޝާ އިނީ ލަދުން މަރުވާވަރުވެފައެވެ. މޫނަށް ރަތްކުލަ ވެރިވަމުންގޮސް އަނގުރު އަލިފާންކޮޅަކަށްވީއިރުވެސް ލައިޝާ ކެތްތެރިކަމާއިއެކު ސައިބޯންއިނެވެ. ވަރުޖިނާ ދުވަހަކުވެސް އޭނައަށް ހިތްހެޔޮނުކުރާނީކަން ނޭގެއެވެ. ކުރިމަތީގައިވެސް ބަސްބުނަން ފެށީއެވެ. 

އާދައިގެ މަތިން ކަޔާންއާއި ލައިޝާ ހެނދުނު ސައިބޯގަޑިއަށް ކާކޮޓަރިއަށް ދިޔައިރު ފޯނާއި ކުޅެލަ ކުޅެލާ ޒިއާމް ކުޑަދޮރުކާރީ ހުއްޓެވެ.
"މޯނިން ބްރޯ، މަމް ކޮބާތަ؟ " ކަޔާން އަހާލައިފިއެވެ. އާންމުކޮށް ހެދުނު ސައިގަޑީގައި މަންމަ މިހިސާބުން ނުފެނުމަކީ ނާދިރު ކަމެކެވެ. އެހެންނޫންނަމަ އަތްދަށުން ގެންގުޅޭ މީހުން ތިއްބަސް ސުޕަރވައިޒް ނުކޮށް މަންމަ ހިތްހަމައެއް ނުޖެހޭނެއެވެ.
"ވަރަށް ދެރަގޮތެއްވީ، މަންމަ ރޭ އަހަންނަށް ކިޔާދިނީ ލައިގެ މަންމަ އަހަންނަށް ފީޑްކުރި ވާހަކަ، އޭގެ ކުރިން މަންމަ އެކަންތައް ޑިނައިކޮށްފައި އޮތީ، އެހެންވެ އަހަރެން ކުޑަކޮށް ރުޅިގަދަވީ، މަންމަ މާ ބޮޑަށް ހިތުގައި ޖެހުނީކަން ނޭގޭ، އަހަންނަށް ފަހުން އެނގުނުގޮތުން މަންމަ ގެއިން ނުކުމެގެން ދިޔައީ ރަންދާ އާންޓީގެ ގެއަށް، މަންމައަށް ގުޅީމަ ބުނީ ޒިއާއާއި ކެންވެސް މަންމައަކަށް ބޭނުމެއްނުވެއޭ، މަންމައަށްވުރެ އެހެން މީހުން އިސްކުރަނީއޭ، މަންމައަށް ކިހިނެއް ވިސްނާދޭނީ...." ޒިއާމް އޭނަގެ ކޮއްކޮ ކަޔާންގެ ގާތުން އަހާލިއެވެ.
"ދޮންބެމެންނަށް ނޭގެނީ، އަސްލު ވެގެން އުޅޭގޮތަކީ މަންމަ އެންމެން ދެކެ ޖެލަސްވަނީ، މަންމަގެ ބޯއިސްއިން ބޮޑެތިވެގެން އެހެން މީހުން ޗޫޒްކުރަން ފެށީމަ މަންމަ ބާކީކޮށްލާ ކަމަށް ފީލްވަނީ، އެހެނެއް ނޫން، ކެންވެސް ކިހާ މަންމަ ދެކެ ލޯބިވޭ، ކިހާ ސްޕެޝަލް، އެކަމަކު މީހުނާއި އިނީމަ އެމީހުން ދެކެވެސް ލޯބިވާނެކަމަށް ގަބޫލުކުރަން ޖެހޭނެ، އެ ލޯބި ޑިފެރެންޓްވާނެ، އޭގެ މާނައަކީ މަންމަދެކެ ލޯބިނުވަނީއެއް ނޫން....." ލައިޝާއަށް ނުހުރެވިގެން ބުނެލިއެވެ.

"ދެޓްސް އިޓް، ލައި އެބުނީ ހަމަރަގަޅު ވާހަކައެއް، އަހަރެމެން މަންމަ ސްޕެޝަލްވަރު އަންގަން ކަމެއްކުރަން ހިނގާ ދޯ....." ޒިއާމް ލައިޝާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ޚިޔާލުދޭން ލައިޝާ ވަރެއް ނެތެވެ. އެދުވަހު އޮފީސް ނިންމާލާފައި ޒިއާމް އާއި ކަޔާން އެގެއަށް މަންމަ ބަލާދިޔައެވެ. ޒިއާމް މަންމަ ގާތުން މާފަށް އެދުމުން ވަރުޖިނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އޭނަގެ ދަރިން އޭނަދެކެ ލޯބިވާވަރު ވަޒަންކުރެވުނެވެ.

ލައިޝާ ބުނެދީގެން ކަޔާން ގިނަގިނައިން ވަރުޖިނާގެ ގާތަށް ގޮސް ވަހަކަދައްކަން އެކޮޓަރީގައި އިނދެއެވެ. މަންމައާއިއެކު ވަގުތު ހޭދަކުރެއެވެ. ބޮލުގައި ރިއްސާ ނޫނީ އެހެން ކަމެއްވެގެން އުޅެންޏާ ކަޔާންގޮސް ބޯ މަސާޖްކޮށްލަދެއެވެ. ދޭތެރެއަކުން މަންމައަށް ހަދިޔާއެއްދެއެވެ. އެހާވަރަށް އަޅާލަން ފެށުމުން ވަރުޖިނާގެ ހިތް ލައިޝާއާއިމެދު ބަދަލުވާންފެށިއެވެ. ކަޔާން މައިމީހާއަށް ޤަދަރުކުރާނީ ލައިޝާ ހާދަ ރަގަޅުވީމައެވެ. ލައިޝާވެސް އުޅޭލެއް ލޯބިކަމުން ވަރުޖިނާ ސިއްރުންވެސް ލައިޝާއަށް ބަލައެވެ. ގަސްތަކަށް ފެންދީ ގަސްތައް ހައްދަން ކުރާ މަސައްކަތާއި މީރުކޮށް އެއްޗެހި ހަދަ ހަދާފައި ހަވީރުގެ ސައި މުއްސަދިކުރާކަމީ އޭނަގެ ހިތް އަތުލި ސަބަބެވެ. ޤަވައިދުން ނަމާދުކޮށް ޤުރުއާން ކިޔަވާތަންވެސް ފެނެއެވެ.

ކީވާ ހަނީމޫން ނިންމާލާފައި އައިދުވަހު ކަޔާންއާއި ލައިޝާ އަދި އައިކަން ވިލިމާލެއަށް ދިޔައެވެ. އައިދަންއާއި ކީވާ އައީ އެންމެނަށް ހަދިޔާ ހިފައިގެންނެވެ. ސަލްމާއާއި ޒުލްމާއަށް ލިބުނު ހަދިޔާތައް ހިފައިގެން އުޅުނުއިރު އެމީހުންގެ އުފާވެރިކަން މޫނުމަތިން ހާމަވާން ހުއްޓެވެ. އައިކަންވެސް ކުޅޭއެއްޗެއްސާއިގެން އުޅުނުއިރު ޖުއާންއާއި އީމާ ހަނދާންވެގެން އެވާހަކަދެއްކިއެވެ. އެކުދިންނާއި ނުލާ އައިކަންއަށް ހިނދުކޮޅަކަށްވެސް ނޫޅެވޭހެން ހީވެއެވެ. އެހާވެސް ތިންކުދިން އެކީގައި އުޅެން ބޭނުންވެއެވެ. ކީވާއާއި ލައިޝާ ބީޗްގައި ހިގާލަންދިޔައީ ހަވީރަށް ފިނިވާއަތަށް އެޅުމުންނެވެ. ދެކުދިން އުޅޭގޮތުން ހީވަނީ އެއްވެސް ފިކުރެއް ޚިޔާލެއްނެތް ކުދިންތަކެއްހެނެވެ. ކީވާ ފައިވާން އަތަށް ނަގައިގެން ހިނގަމުންދާއިރު އެ ރީތި މޫނަށް ވެރިވެފައިވަނީ ބުނަން ނޭގޭފަދަ ވިދުވަރެކެވެ. 

"ކިވީ ފްރުޓް ހަނީމޫން ކިހިނެއްތަ؟ މިކުއްޖާގެ ޑްރީމްސްތައް ފުރިހަމަވީމަ ވަރަށް އުފާވެއްޖެ...." ލައިޝާ އެ މަޑު ދޮންވެލިގަނޑަށް ފައި ލައިގެން ހުރީ ރާޅު ޖަހާ ހިސާބުގައެވެ. ކުދި ރާޅުތައް އެ ދޮން ފައިތިލައިގާ ބީއްސާލާ މަންޒަރު އޭނަ ފޮޓޯނެގިއެވެ.
"އައިދަން ހާ ރަގަޅު ހަޒްބެންޑެއް ލިބުނީމަ ވަރަށް ލަކީ ކުއްޖެކޭ ހިތަށް އަރައިފި، އެންމެނަށް ހުރިހާ އެއްޗެއް ނުލިބޭނެ، އެހެންވެކަން ނޭގޭ ފުރިހަމަ ސިއްހަތެއް ނުލިބުނީ، ބޭސްކާންޖެހޭތީ އޭގެ އުދަގޫ މުޅި އުމުރަށް ކުރިޔަސް ދެން ޑައިލިސިސް ހަދަން ނުޖެހޭނެތީ ވަރަށް ހިތްހަމަޖެހޭ، ތޭންކް ގޯޑް، އައިދަން ހަމަ ވަރަށް ކެއަރިން، އެނގޭ ބޭބީއެއް ހޯދުން ރިސްކީވާނެވަރު، އެހެންވެ އެކަމާވެސް ވަރަށް ވިސްނާނެ، ހީޒް ދަ ބެސްޓް..." ހަނީމޫންގެ ރީތި ހަނދާންތައް އާވިޔަސް ކީވާގެ ގައިން ހީބިހި ހަލުވާލައެވެ.
"ކިވީ މިހުރިހާ ހެޕިނެސްއެއް ލިބުނުއިރު އަދި އެއްކަންތައް ނުވެއެއްނު، އަސްލު މަންމަ ގާތަކަށް ނުދާނަންތަ؟ "ލައިޝާ ކުއްލިއަކަށް ކަމެއް ހަނދާންވިކަހަލަ ގޮތަކަށް އެނބުރި ބަލާލިއެވެ.

"ޒުލްމާ ނޫން މަންމައެއް އަހަރެންގެ ނެތް، މައިދައިތައަކަށްވެސް އެހާ ރަގަޅު މީހެއް މިލިބުނީ، އެހެންވީމަ އިތުރު މަންމައަކަށް ބޭނުންވާނެތަ؟ އަހަރެން މަންމަގެ ފޯނު ނަމްބަރު ހޯދައިގެން ގުޅީމާ އެއްޗެހި ކިޔައިގަތީ، ހަމަ ތެދަށް ލައިޝް މިބުނީ، ސުންޕާއެކޭ ކިޔާފައި ކިޔައިގަތް އެއްޗެހިން ހަނދާނަށް އައީ ކުޑައިރުގެ ދުވަސްތައް، ތިމަންނަ ހީކުރީ މަރުވެއްޖެ ކަމަށޭ، މިހާރު ކޮން މުދަލެއް ކޯންޗެއް ބޭނުންވެގެން ހޭ، ތިމަންނަ އަތުގައި ލާރިއެއް ނެތޭ، ހުރި އެންމެ ބޭބެ ކާލައިފިއޭ، އެހެންވީމަ ދެން ކިހިނެއް މަންމަ ގާތަށް ދާން ކެރޭނީ...." ކީވާ ބޯ ހޫރާލިއެވެ. އުފަން މަންމައަކު އެހާ ނުބައިވެދާނެ ކަމަކަށް ކީވާ ހިއެއްނުކުރެއެވެ. އެއީ ހަމަ މިސާލެކެވެ. 

"މަންމައިން އެހާ ނުލަފާތަ؟ ތަފާތު މީހުންވެސް އުޅޭ ދޯ...." ލައިޝާ ހީލިއެވެ. ކީވާ ލައިޝާގެ ހާލު އޮޅުން ފިލުވިއެވެ. ލައިޝާ ޔަގީންކަން ދިނީ ވަރުޖިނާ ބަދަލުވާނެ ކަމަށެވެ. އޭނަގެ މަސައްކަތުން ވަރުޖިނާގެ ހިތް އަތުލާނެކަމުގައެވެ. އެތާ ތިބެފަ ގެއަށް އައުމަށްފަހު އެންމެން އެކީގައި ކައިގެން ކަޔާންމެން ދިއުމުން އައިދަންއާއި ކީވާ ނިދަންވެގެން ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރީގައި ދިއްލާފައިވާ އޮރެންޖް ނިދާ ބޮކީގެ އަލި އައިދަންގެ އަޅި ދެލޮލަށް އެޅިފައިވާއިރު ރީތިކަމުން ކީވާ ކަޅި ޖަހާނުލާ ބަލަން އިނެވެ. އޭނަގެ ނަސީބު ރަގަޅުކަމާއިމެދު ހެއްދެވިފަރާތަށް އެވަގުތުވެސް ހަމްދުކުރިއެވެ.

"އެކުވެރިންވެސް ހާދަ ޖެއްސުންބޮޑޭ ދޯ، މިއަދުވެސް މަށަށް ފޮނުވިހާ އެއްޗެހި މިއޮތީ، ހޫމް އަހަންނަށް އެނގޭ ޕްރޮޓެކްޝަން ބޭނުންނުކުރީމަ ރިސްކީވާނެކަން، އެކަމަކު އޭގެ ބޭނުމެއްނެތް...." އައިދަން ކީވާގެ ގާތުގައި އިށީދެ އެ ބުޅި އިސްތަށިގަނޑާއި ކުޅެންފެށިއެވެ.

"އެއީ ކީއްވެތަ؟ " އައިދަން އެ ރީތި ރީތި ދެލޮލުން ބަލާވަރުން ކަންބޮޑުވެގެން ލަދުގަހެއްހެން މޯޅިވަމުން އަހާލިއެވެ.
"އެފަހަރު ކިޑްނީ ޑޮނޭޓްކޮށްފައި ޔޫކޭއަށް ގޮސްފައި އަހަރެން މެޑިކަލްއެއް ހެދީ، ހެދީމަ އެނގުނީ އަހަރެންގެ އިންފާޓިލިޓީ މައްސަލައެއް ހުރި، ދުވަހަކު ކުއްޖެއް ނުލިބޭނެކަމަށް ޑޮކްޓަރު ބުނި، ދެރަވިޔަސް އެއްގޮތުން މާރަގަޅަށް އެވީ...." އައިދަން ކީވާގެ މޫނުގައި ބޮޑުވާ އިނގިލިން ފިރުމާލިއެވެ.
"އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ...." ކީވާ ގެ މޫނުން ހިނިތުންވުން ފިލާ ކަންބޮޑުވިކަމުގެ އަސަރުތައް ފާޅުވިއެވެ.
"އިޓްސް އޯކޭ ބޭބީ، އަހަރެމެން ދެމީހުންނަށް މިންވަރުކުރައްވާފައިވާ ގޮތާ ރުހެންވާނެ، ދަރިން ނުލިބޭ މީހުންވެސް ދުނިޔޭގަ އެބަތިބި، އެހެންނޫނަސް ކިވީއަށް ރިސްކީވާ ކަހަލަ ކަމެއް ކުރާކަށް އަހަރެން ދުވަހަކު ނުވިސްނާނަން، މިވާހަކަ ނުބުނަން ހުރެފަ ހިތަށް އެރީ ކިވީއަށް އެއްވެސް ކަމެއް ސިއްރުނުކުރާނަމޭ، އެހާވެސް ބޮޑަށް ލޯބިވޭ....." އައިދަންގެ ރީތި ހިނިތުންވުންތަކުން ކީވާގެ ހިތަށް ލިބުނު ފިނިކަން ބުނެދޭކަށްވެސް ނޭގުނެވެ. އެ ތުންފަތުގެ ބީހިލުންތަކުން ލިބުނު އަރާމަކުން ކީވާ ދެލޯ މަރާލަމުން އަދިވެސް ބޮޑަށް އައިދަންއާއި ގާތްވެލިއެވެ. އެދޭތެރެއަށް ހިޔަންޏަކަށްވެސް ނުވަދެވޭހާ ކާރިއަށެވެ.

ޑޮކްޓަރުން އަދި ސައިންޓިސްޓުން ބުނާ ބަހަށް އެކަނި އީމާންވާކަށް ނުޖެހޭނެކަން އައިދަންއަށް އެނގެއެވެ. ނަމަވެސް ކީވާގެ ހާލަތު ހުރިގޮތުން އޭނަގެ ބަލި އޭނައަށް ވަރިހަމަވީއެވެ. އެހެންނޫންނަމަ ދުޢާތަކުގެ ސަބަބުން ކޮންމެކަމަކަށްވެސް ކުޅަދުންވަންތަ ފަރާތެއްވާއިރު ދަރިއެއް ލިބުމަކީ އެކަށީގެންވާކަމެކެވެ. 

ޒުލްމާއާއި ބައްދަލުކުރަން އޭނަގެ ބޭބެ އައުމުން ޒުލްމާގެ ދެލޮލުން ކަރުނައައެވެ. އަހަރުތަކެއްވާންދެން ޖަލުގައި އޮތުމުން ނަފްސާނީގޮތުން ކޮށްފައިވާ އަސަރު އަދިވެސް ކުޑައެއްނުވެއެވެ. ދެމީހުންވެސް ވަނީ އެމީހުންނަށް އަނިޔާވެރިވި އާއިލާއަށް މާފުކޮށް ލައިޝާއަށް އުފަލުގައި އުޅުމުގެ ފުރުސަތުދޭން ނިންމާފައެވެ. އެހެނެއްކަމަކު ބޭބެގެ ދަރިފުޅު "ކެންޒިއާ" ގެ ޑްރައިވަރަކަށް މިފަހުން ގޮސްގެން އުޅެނީ ކޮންމެވެސް ކަމެއް ފުރިހަމަކުރަންކަން ބޭބެއަށް އެނގިފައިވާތީ އެވާހަކަ ހިއްސާކުރިއެވެ. ޒުލްމާ ކަންބޮޑުވިއެވެ. އޭނަ އެދުނީވަގުތުން އަރީފްއަށް ގުޅާފައި އެކަންތައް ހުއްޓާލުމަށް އަމުރުކުރުމަށެވެ. ފޯނު ނިވާލާފައި އޮތުމުން ދެތިންފަހަރު ގުޅަން މަސައްކަތްކޮށްފައިވެސް މާދަމާ ގުޅާނީކަމަށް ބުނެފައި ބޭބެ ފޯނު ބޭއްވިއެވެ. އެފަދަ ކޮންމެ ވަގުތަކީ ގެއްލިގެންދާ ވަގުތެއްކަމެއް އޭރަކު ނޭގުނެވެ. މީހަކު ނުބައިކަމަކަށް ޕްލޭންކޮށްފައި އޮތިއްޔާ ލަހެއްފަހެއްނެތި އެކަމެއް ހުއްޓުވެން ޖެހޭނެއެވެ.

ވަރުޖިނާ އޭނަގެ ޑްރައިވަރ އަރީފްއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ތަންކޮޅެއް ޒުވާންވެފައި އަބަދުހެން ރީތިވެލައިގެން ހުންނަ މީހެކެވެ. ސެންޓްޖަހާލައިގެން ހުރުމުން ކާރުތެރޭގެ ވަސް އެހާ ރަގަޅެވެ. އަބަދު އަވިއައިނު އަޅާލައިގެން އިންނައިރު ކަސްރަތުކުރާ ވަރުގަދަ މީހެއްކަން އެނގެއެވެ. މިފަހަކަށް އައިސް ފާޑެއްގެ ފޯނުކޯލެއް އަންނާތީ ވަރުޖިނާ ހަށިފާރަވެރިއެއްގެ ގޮތުގައި ބޭނުންކުރަނީވެސް އަރީފްއެވެ. އަރީފް ފެނުމުން އެއީ ބޭބެގެ ދަރިފުޅުކަން އެނގިފައިވެސް އަރީފް ލައިޝާގާތު އެދުނީ އެކަން ނުދަންނަ ކަމަށް ހަދާލުމަށެވެ. އެހެންނޫނީ އޭނައަށް މިވަޒީފާގައި ނުހުރެވޭނެ ވާހަކަ އަރީފް ބުނުމުން ލައިޝާ ގަބޫލުކުރިއެވެ. އެހެންނޫނަސް އަރީފްއަކީ އެހާ ކިޔަވައިގެން ހުރިކުއްޖެއް ވެސް ނޫނެވެ. ބައްޕަ ޖަލުގައި އޮތުމުންނާއި އޭނަ ދޮންބައްޕައެއްގެ ގާތުގައި ހުރެ ބޮޑުވުމުން ލައިޝާމެންނަކާއި އެހާ ގުޅުމެއް ނޯވެއެވެ.

ވަރުޖިނާ ރަތްކުލައިގެ ހެދުމެއް އަޅާލައިގެން ހުރިއިރު އެހާ މޭކަޕެއްނެތެވެ. ގަހަނާތައްވެސް މަދެވެ. ނަމަވެސް ކަރުގައި އަޅާފައިވާ ހިމަ ފަށުގެ ކޮޅުގައި އޮތް ވިދާ ރޫބީއާއި އަތުގައި އޮތް ގަނޑި އަގުބޮޑުކަން ޖަވާހިރު ވަކިކުރަން ނޭގޭ މީހަކަށްވެސް ދެނެގެނެވިދާނެއެވެ. އެހާ ދަޅައަރައެވެ. ވަރުޖިނާ ބޭނުންވީ ރަންދާގެ ގެއަށް ދިއުމަށެވެ. ހުރިހާ ކޮއްކޮ މެންނާއިއެކު މިރޭ ޑިނަރއަކަށް އެގެއަށް ދާން ކުރީބައިގާ ނިންމާފައި އޮތީމައެވެ. ކާރަށް އަރާފައި އަރީފް ގާތުގައި ވަރުޖިނާ ދާންވީ ގެ ބުނެދީފައި އާދައިގެ މަތިން ބޭރަށް ބަލަން އިނެވެ. އަރީފް ކާރުމަޑުކޮށްލީ އެހެން އިމާރާތެއްގެ ކާރިއަށެވެ. ވަރުޖިނާ ހައިރާންކަމާއިއެކު ސުވާލުކޮށްލިއެވެ.

"މެޑަމް، އަހަންނާއިއެކު މިތަނަށް ވަނީމަ ނޫނީ މިއަދު ދަރިފުޅު ސަލާމަތެއްނުވާނެ، މަގޭ އަތްދަށުގައި މެޑަމްގެ ދަރިފުޅު ހައްޔަރުކޮށްލާފައި އެބަހުރި، ފުލުހުންނަށް ގުޅަން އުޅުނަސް މަ ހަމަ ރިންގްކުރާއިރަށް އެކުއްޖާ މަރާލާނެ، ނޫނީ އިތުރު ސުވާލެއްނުކޮށް މަޑުމަޑުން ފައިބައިގެން އަހަންނާއިއެކު އާދޭ......." އަރީފް ކުއްލިއަކަށް އެނބުރިލާފައި އަތުގައިވާ ތޫނު ފިޔޮހިދިއްކޮށްލިއެވެ. ވަރުޖިނާ ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެލޮލަށް ކަރުނަ އަންނާންފެށިއެވެ. އޭނަގެ ކޮން ދަރިއެއް ބާވައެވެ. ކެންޒީ ކަޔާން ނޫނީ ޒިއާމް ހެއްޔެވެ؟ ތިންކުދިންނަކީވެސް އޭނަގެ ހިތުގެ ބަޔެކެވެ. ސުވާލުނުކޮށް ވަރުޖިނާ ފޭބީ އެއިން ކުއްޖެއްގެ ގައިގާ މި އަނިޔާވެރި މޮޔަމީހާގެ އަތުން ކޫރުމެއްވެސް އެޅިޔަދޭން ބޭނުން ނުވާތީއެވެ.

އަރީފް އުޅޭ ކޮޓަރިއަށް ވަނުމާއިއެކު ވަރުޖިނާއަށް އެނގުނީ އޭނަ ނުރައްކާތެރި މަޅިއެއްގައި ޖެހުނުކަމެވެ. އަރީފް ނުލަފާ ހިނިގަނޑެއް ޖަހާލުމާއެކު ދޮރުތަޅުލިތަން ފެނިފައެވެ. ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައި ފުންމައިގެން އައިގޮތަށް ވަރުޖިނާގެ އަނގަމަތީގައި ޓޭޕްގަނޑެއް އަޅާފައި ވަރުޖިނާ ހިމޭންކޮށްލައިފިއެވެ. 
"އެނގޭތަ؟ ކަލޭގެ ބޭބެ އެތައް އަނިޔާއެއް ދިނީ އެކަނި ބޮޑުދައިތަގެ އެއްނޫން، ކަލޭ ހުރީ ހިތްވަރުދޭންވެގެން އަތުކުރި އޮޅާލާފަ، އަދި މަގޭ މަންމަ ރޭޕްކޮށްފައި ލިބުނު ދަރިވެސް ގަބޫލެއްނުކުރި، އެކުއްޖާ އަދިވެސް އެހެރީ މަންމަގާތުގައި، ބައްޕަގެ ނަން ދިނަސް އެއީ ކަލޭގެ ބޭބެގެ ލޭ، މަންމަ ބޭނުމެއް ނުވޭ އޭނަގެ އަގު ވައްޓާލަން އެހެންވެ އެކަން ސިއްރުކުރީ، އެކަމަކު ކަލެއަށް އެނގެން ޖެހޭނެ، އަދި އެހުރިހާކަމެއް އެހެން އޮތްވާ އެވަރުން ނުވެގެން މަގޭ ބައްޕަގެ ކުށެއްނެތި ޖަލަށް ލީ މީހާއޭ ތިއީ، މުޅި އުމުރު އަހަރެން ހުރީ މިފަދަ ފުރުސަތަކަށް ބަލަބަލާ....." އަރީފް ވަރުޖިނާގެ އަނގަމަތީގައި އަތުންޖެހިލެއް ބާރުކަމުން އަނގަމަތި ފަޅައިގެންގޮސް ލޭ އޮހެންފެށިއެވެ. ވަރުޖިނާގެ ހިތަށް ހީވީ އެތައް ހާސްކަށިތަކެއް ހަރާލެވުނުހެންނެވެ. އައިމާން އެހާ ނުލަފާހެއްޔެވެ؟ އޭނަގެ ޝިކާރައިގާ ކިތަން އަންހެންކުދިން ޖައްސާލިހެއްޔެވެ؟ އެކަމަކު އަރީފްގެ މަންމައާއި ބޭބެ ބެހުނީމަ އޭނަ އެކަމާ ކުރާނީ ކީއްހެއްޔެވެ؟

ވަރުޖިނާގެ ދެލޮލުން ބިރުވެރިކަން ހާމަވިއެވެ. ދުލުން ނުބުނެވުނުކަމުގައި ވިޔަސް އޭނަގެ ދެލޯ އާދޭސްކުރިއެވެ. އޭނަގެ ދަރިންގެ އުމުރުގެ ޒުވާނެއްގެ ފަރާތުން މިފަދަ އަނިޔާއެއް ލިބިދާނެކަމަކަށް ވަރުޖިނާ ހިއެއްނުކުރެއެވެ. ނަމަވެސް ވަރުޖިނާގެ އަނގަ ބަންދުކޮށްލާފައި ވުމުން ދިފާއުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. އަރީފް ވަރުޖިނާއާއި ދިމާލަށް ޖެހިގަތީ ސިންގާއަކު ކުޑަ ފުއްލާއަކާއި ދިމާލަށް ޖެހިގަންނަ ފަދައިންނެވެ. އަނިޔާވެރިކަމުގެ ހައްދެއްނެތެވެ. އޭނަގެ ގައިގާ އަރީފް ފުރަތަމަ ތެޅީ އުނަގަނޑުން ނެގި ބެލްޓަކުންނެވެ. މޫނުގައި ވަކިއެޅިއެވެ. ރަހުމްގެ ކަންފުޅެއްނެތް އަރީފް ވަރުޖިނާއަށް އަނިޔާކުރަމުންގޮސް އޭނަ ގެ ޚަބަރު ހުސްވީއިރުވެސް އަރީފް ހުއްޓައެއް ނުލިއެވެ. މުޅިތަނުގައި އޮތީ ލޭގެ ކުދި ކޯރެކެވެ. އަރީފް އެހާވަރުންވެސް ހިތްހަމައެއްނުޖެހުނެވެ. ދަމަމުންގޮސް ބެލްކަނީއިން ވައްޓާލީ ވަރުޖިނާ އެތަނުން ފުންމާލީކަމަށް ހަދަންވެގެންނެވެ. އެދިމާލަށް އެސިޑް އުކާލިއިރު އަރީފް ގެ ދުވަހަކު ހިނިތުންވުމެއް ނުފެންނަ މޫނުން ހިނިތުންވުމެއް ފެނުނެވެ. އެއަށްފަހު އޭނަ އަވަހަށް އެތަނުން ނުކުމެގެންދިޔައީ އަމިއްލަ ސަލާމަތާއިމެދު ވިސްނާލާފައެވެ.

ލެއިން ތަތްތެޅިފައިވާ ވަރުޖިނާގެ ހަށިގަނޑު ފެނުނީ އެހެން ލާފައި ދިޔަ ދެ ލޯބިވެރިއަކަށެވެ. އަންހެންކުއްޖާ އަނބުރައިގަންނަ ގޮތްވިޔަސް ފިރިހެންކުއްޖާ ސިކުނޑީގެ ބޭނުންކުރިއެވެ. އެމްބިއުލެންސާއި ފުލުހުންނަށް ގުޅިއެވެ. އޭރު އެތަނަށް މީހުން އެއްވެ ވަރުޖިނާގެ ހަށިގަނޑު ފޮތިގަނޑަކުން ނިވާކޮށްލައިފިއެވެ.

"ކްރައިމް ސީންއެއް، އެކަކުވެސް ކައިރި ނުވައްޗޭ..." އެފިރިހެންކުއްޖާ އެދުނެވެ.
ވަރުޖިނާއަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކާއިއެކު ސިކުނޑިއަށް ލޭއެޅިފައިވާތީ ޑޮކްޓަރު އޭނަ ސަލާމަތްވާނެކަމުގެ އުއްމީދު ކަނޑާލިއިރެއްވެސް އައެވެ. އޭރު ޓީވީއިންނާއި ނޫސްތަކުގައި ހޫނު ސުރުޚީއަކަށް އޮތީ އެވާހަކައެވެ. ކެންޒިއާ ގެ ވެރިއާގެ އަންހެނުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި ޑްރައިވަރ މުހައްމަދު އަރީފް ހައްޔަރުކުރި ވާހަކައެވެ. މާލޭގައި އިތުރުވަމުންދާ މާރާމާރީގައި އަންހެނުންނަށް ހަމަލާދޭލެއް މަދެވެ. މިއީ އޭގެތެރެއިންވެސް ފާހަގަކޮށްލެވޭފަދަ ބިރުވެރި ހާދިސާއެކެވެ. މަންމައަށް ކޮށްފައިވާވަރު ފެނިފައި އޭނަގެ ކުދިންނަށްވެސް އަސަރުކުރީ ވަރަށް ބޮޑަށެވެ. އެންމެންގެ ލޮލުން ކަރުނަ އައީ ހިފެހެއްޓުމެއް ނެތިއެވެ.

"އައި ވިލް ކިލް ދެޓް........." ކަޔާން އަރީފްއަށް އިނގިރޭސިން ހަޑި އެއްޗެއް ކިޔާލިއެވެ. މުށްކެވިފައިވާ އަތުން ބިތުގައި ޖަހާފައި ބޯ ފާރުގައި ޖައްސާލިތަން ފެނިފައި ލައިޝާގެ ހިތަށް ބަޔާން ނުކުރެވޭފަދަ ގޮތެއްވިއެވެ. ލައިޝާ ބައްދާލަމުން ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކިއިރު އޭނައަށްވެސް ރޮވުނެވެ. އޭރު ލައިޝާގެ ހިތްވެސް ވަނީ ނިކަން ބޮޑަށް ބިރުގެންފައެވެ. އަރީފްއަކީ އޭނަގެ ދެބެންގެ ދެދަރި ބޭބެކަން އެނގޭއިރަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ ލައިޝާ އަރީފްދެކެ އިންތިހާއަށް ނަފްރަތުކުރިއެވެ. އޭނަ އެހާ ސިއްރުން އުޅުނީ މި ޖަރީމާ ހިންގަން ވެގެންކަން މިއެނގުނީ އަދި ކިރިޔާއެވެ.

ވަރުޖިނާގެ ބޮލުގެ އޮޕަރޭޝަން ކުރެވުމަށްފަހު ގައިގާވާ އެތައް ޒަޚަމަކާއެކު ބިނދިފައިވާ ފައި ރަގަޅުވާން ކިތަންމެ ދުވަހެއް ނަގާނެކަން ޔަގީނެވެ. ވަރުޖިނާގެ މޫނުގެ އެއްފަޅިވަނީ އެސިޑްގެ ސަބަބުން މުޅިން ހަލާކުވެފައެވެ. ރީތިކަން ގެއްލި މޫނުގެ ސިފަ ނެތިގެން ހިނގައްޖެއެވެ. ޖިސްމާނީގޮތުން ލިބުނު އަނިޔާއަށްވުރެ ނަފްސާނީގޮތުން ލިބުނު އަނިޔާ ކުޑައެއްނޫނެވެ. ވަރުޖިނާގެ ހާލު ރަގަޅުވެ ވޯޑަށް ބަދަލުކުރެވުނު އިރުވެސް އޭނައޮތީ ފުލުހުންނަށް ބަޔާން ނުދޭން ނިންމައިގެންނެވެ. ނަމަވެސް އެންމެފަހުން ކަންތައް ހިނިގިގޮތް ކިޔާދެވުނީ ނަފްސާނީ މާހިރުގެ އެހީތެރިކަމާއެކުގައެވެ. ދޭތެރެއަކުން ޖުމްލަތައް މެދުކަނޑާލަން ޖެހެނީ ރޮވޭވަރުންނެވެ. އޭނައަކީ ކިތަންމެ ހިތްވަރުގަދަ އަންހެނަކަށްވިޔަސް ލިބުނީ ވަރުގަދަ ފިލާވަޅެކެވެ.

ޒުލްމާ ވަރުޖިނާ ދެކެން އައިއިރު ވަރުޖިނާ ބުނެފާނެ އެއްޗަކާއިމެދު ވަރަށް ކަންބޮޑުވިއެވެ. ފުރަތަމަ ވަދެފައިވެސް އޭނަ އެދުނީ މާފަށެވެ. ޒުލްމާގެ ދެލޮލަށް ކަރުނައައި ނަމަވެސް އޭނަ ފޮހެލިއެވެ.

"ހިތަށް ނާރާ އަހަންނަށްޓަކާ އަރީފް މިހާ ދުރަށް އަންނާނެއޭ، އޭނައަކީ އަހަރެމެންނާއި ގާތްކޮށް އުޅުނުކުއްޖެއްނޫން، އޭނަގެ މަންމަ ގާތުގަ ހުރެ ބޮޑުވީ، ހިތަކަށްނާރާ....." ޒުލްމާ އިނީ ވަރުޖިނާއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. ވަރުޖިނާ ކިތަންމެހާވެސް ބުނަން ބޭނުންވިއެވެ. ނަމަވެސް އިތުރަށް މަސްލަހަތު ނަގާލަންވީ ކީއްކުރަންހެއްޔެވެ؟ އޭރުން އޭނަގެ ކޮއްކޮވެސް ބަދުނާމުވާނީއެވެ. އަރީފްވެސް ބޮޑުދައިތައަށްޓަކާ އެހާވަރުގެ ނުބައި އަމަލެއް ނުހިންގާނެއެވެ. އޭނަ ބަދަލުހިފީ އޭނަގެ މަންމަގެ ހައްގުގައެވެ. ބައްޕައަށްޓަކައެވެ. ޒުލްމާއަށް އޮޅުނީއެވެ. އޮޅިޔަދީފައި ބަހައްޓާށެވެ. އޭނަ ހަޤީގަތް ހާމައެއް ނުކުރާނެއެވެ.

"މިހެންވީ އަހަރެންގެވެސް ކުށުން، އަހަންނަށް އައިމާން ނުހުއްޓުވުނީމަ، ޝަރީޢަތުން ކުށްވެރިންނަށް އަދަބު ދޭންފެށީމަ ހުރިހާ ކަމެއް ހައްލުވެދާނެ، މޮޅުމީހުންގެ މޫނަށް ނުބަލާ ނުފޫޒުގެ ބޭނުންނުކޮށް އިންސާފުން ކަންތައްކުރީމަ ބަދަލުހިފުން މަދުވާނެ، އަހަރެންގެ ހިތުގައި ޒުލްމާގެ މައްޗަށް އެއްވެސް ބުރަކަމެއްނެތް، އަހަރެމެން ޖެހޭނީ ދެން ގުޅިގެން އެކީގައި އުޅެން، އެހެންނޫނީ މިފަދަ ހާދިސާތައް މަދެއްނުވާނެ، ޒުލްމާގެ ބޭބެގެ އާއިލާ ވަނީ ނިކަމެތިވެފަ، އެހެންވީމަ އެ އަންހެންމީހާއަށްވެސް އެހީވާނީ........" ވަރުޖިނާ ކުޑަކޮށް ހިނިތުންވެލާފައި ޒުލްމާގެ އަތުގައި ހިފާލިގޮތަށް ދޫނުކޮށް އިނެވެ.

ވަރުޖިނާވަނީ އޭނަގެ ކުދިންގާތުގައި ހަގީގަތް ކިޔާދީފައި އިތުރަށް އެކަން މައްސަލައަކަށް ނަހަދަން އެދިފައެވެ. ޝަރީއަތް ރަގަޅުކުރުމުން ނޫނީ މިފަދަ ކަންތައްތައް އިސްލާހު ނުވާނެއެވެ. މޮޅުމީހުން ދެރަމީހުން ތަފާތުކުރުމެއްނެތި، ނުފޫޒު ފޯރުވުމެއްނެތި ޝަރީއަތް ހިންގުން ރަގަޅުކޮށް ޢަދުލު އިންސާފު ގާއިމުކުރުން ނޫން ހައްލެއްނެތެވެ.

އަޒީޒުއްދީންއާއި ވަރުޖިނާގެ ކާވެނީގެ އެނިވަރސަރީ ފާހަގަކުރުން އޮތީ ރިޒޯޓެއްގައެވެ. އެއީ ވަރުޖިނާއަށް އަނިޔާ ލިބުނުތާ ހަމަސް ފަހުންނެވެ. ހަނދުވަރުގެ ފުރިހަމަ އަލިން މުޅި ހިސާބު އުޖާލާވެފައި ވެއެވެ. އުޑުމަތި އެހާ ޒީނަތްތެރިވެފައި ވާއިރު ރޭގެ ތައްޔާރީތަކަށް އިތުރު ފުރިހަކަމެއް ލިބިފައިވެއެވެ. ވަރަށް ލަސްވާންދެން އެންމެން އެކި ސަމާސާގައި އުޅުނުއިރު ކުޅުދިޔާވާފަދަ މީރު އެއްޗެހިން ތައްޔާރުކުރެވިފައިވާ ސުފުރާމަތިވެސް ހުސްވަމުންގޮސް އެކަށް ފަޅުވިއެވެ. އެކި ދިމާލުގައި ދިއްލާފައިވާ ބޮކިތަކުގެ އަލި ފަނޑުވާން ފެށިއެވެ. ވަރުޖިނާއަށް ފިރިމީހާއާއި ކުދިން އަދި އާއިލާގެ ފަރާތުން ލިބުނު ހަދިޔާތަކަށްވުރެ ފާހަގަވީ ލޯތްބާއި އެންމެންގެ އަޅާލުމެވެ. އެރެއަށްޓަކާއި ވަރުޖިނާވަނީ ލައިޝާގެ އާއިލާއަށްވެސް ދައުވަތުދީފިއެވެ. ސަލްމާއާއި ޒުލްމާއާއި ވަރުޖިނާ ހިތްހެޔޮކޮށް ވާހަކަދެއްކިއެވެ. ކުއްލިއަކަށް ހުރިހާކަމެއް ހަނދާންނައްތާލާ ގާތް ރަހުމަތްތެރިންނަށް ނުވެވުނަސް މަޑުމަޑުންގޮސް އެގުޅުން ރަގަޅުކުރާން ވަރުޖިނާވަނީ ނިންމާފައެވެ. ގޭގައި އޮންނަ މިފަދަ ހަފްލާތަކަށް ދައުވަތުދޭން ފެށުމަކީ ފުރަތަމަ ފިޔަވަޅެވެ.

އަޒީޒުއްދީން ލޯބިވާ އަންހެނުންނާއިމެދު ފަޚުރުވެރިވިއެވެ. ހިތުގައިވާ ލޯބި އެތައް ގުނަ އިތުރުވި ވާހަކަ އޭނަވަނީ މިރޭ ވަރުޖިނާގާތު ބުނުއްވާފައެވެ. މޫނުގައިވާ ލަކުނުތަކާއި އެކުގައިވެސް ވަރުޖިނާގެ ހަނދެއްފަދަ މޫނުގެ ރީތިކަން ފަނޑެއްނުވެއެވެ. މިރޭ ކަޔާންވެސް ވަނީ މަންމަދެކެ ލޯބިވާވަރު އަތުން ޑިޒައިންކޮށްފައިވާ ކާޑަކާއި އިނގިރޭސިން ލިޔެފައިވާ އިބާރާތްކޮޅަކުން ހާމަކޮށްފައެވެ. އެއީ ތެދެއްކަން މިރޭ ވަރުޖިނާއަށް ޔަގީންވެއްޖެއެވެ. ދަރިން މަންމަދެކެ ވާނީ ތަފާތު ލޯތްބެކެވެ. 
އަނބިމީހާއަށްވެސް އެ ގުޅުން ދުވަހަކު ކަނޑައެއް ނުލެވޭނެއެވެ. ހަޔާތް ބާއްޖަވެރިވާނީ ކަޔާން ފަދައިން މަންމައާއި އަންހެނުން އެކީގައި ގެންގުޅެން ދަސްކުރެވިގެންނެވެ. މާފުކުރަން ދަސްކުރެވިގެންނެވެ. އަމިއްލަ ނަފުސަށްޓަކާ ނޫނަސް ދަރިންނަށްޓަކާ އެކަން ކުރަން ޖެހޭނެއެވެ.

އެކި ޖޯޑުތައް އެކި ދިމާލަށް ގޮސް ހަނދުވަރުގެ އަލިކަމުން އުފާލިބިގަންނަން ދިޔައިރު ކެންޒީއާއި އަފްރީން ގޮސް ތިބީ ފާލަންމަތީގައެވެ. ދެމީހުން ސަކަރާތެއް ޖަހަމުންގޮސް ކެންޒީ އަފްރީން މޫދަށް ލުމުން އަފްރީން ބިރުން ހަޅޭއްލަވަން ފެށިއެވެ.
"ގެނބިޔަކަ ނުދޭނަން، ބިރުނުގަނެބަލަ، ތިހާ ފިނޑިވެގެން އަހަންނާއިއެކު އުޅެވޭނެތަ؟ ފަތަން ދަސްކޮށްބަލަ އަންހެންކުއްޖާ..." ކެންޒީ ފަހަތުން އައިސް އަފްރީންގެ ގައިގާ ބައްދާލަމުން ހޭންފެށިއެވެ. 
"ހައު ޑެއަރ ޔޫ......" ހިކިފަސްގަނޑުގައި ފައި ޖެހުމުން އަފްރީން ރުޅިއައިސްގެން ކެންޒީގެ ހާމަޔަށްވާ ތަނަވަސްމޭމަތީގައި ދެއަތުން ތަޅައިގަތެވެ.
"ބޭޑް ބޯއިއެއް، ކިރިޔާ އަހަރެން މަރާނުލީ، އެހެންނޫނަސް އަދި ކެންޒީގެ ފައިގަ އެހާ ބާރެއްނުޖެހޭ، ކަމެއްވިނަމަ ކިހިނެތް އަހަރެން ހަދާނީ، ބިރުން ހާޓްއެޓޭކެއް ޖައްސާލައިފި..." އަފްރީން ތުން އޫކޮށްގެން ހުރެފައި ގޮސް ދުރުގައި ހަށަން ބަދެލައިގެން ހުއްޓުނެވެ. އެބުޅި އިސްތަށިގަނޑު ތެމިފައި އޮތްއިރުވެސް މުޅިން ބުޅިކަން ކެނޑިގެނެއް ނުދެއެވެ. ކެންޒީ ފަހަތުންގޮސް ބައްދާލަމުން ހަނދުވަރުގެ އަލިން އިތުރަށް ދޮންކަމަށް ދައްކާ ކަނދުރާގައި ބޮސްދޭން ފެށިއެވެ. ކެންޒީ ދެކޭގޮތުން މިއީ ރީތިކަން ހުސްކޮށްލާފައި ހުރި ފަތްމިންޏެކެވެ. އޭނަގެ ލޯތްބެވެ. ކިތަންމެ ވަރަކަށް ޖެއްސުންކޮށް ރުޅިއަރުވާލާފަވެސް އަފްރީން ހެއްވާލަން އޭނަ ދަނެއެވެ.
"ސްޓުޕިޑް، ވީއިރު ސީޕީއާރ ދޭންވީތަ؟ " ކެންޒީ އަފްރީން އޭނައައި ދިމާލަށް އަނބުރާލަމުން އެއްލޯމަރާލިއެވެ. 
"ކެންޒީގަނޑާ ދުރަށް ދޭ، އަހަރެންގެ މިއޮތް ރީތި ހެދުން ރުއިން ކޮށްލައިފި....." އަފްރީން ރުޅިއަންނަކަމަށް ހެދުނަސް ކެންޒީގެ އެންމެ ބީހިލުމަކުންވެސް ހީފިލާ ހަށިގަނޑުގައި އަލިފާން ހިފުވާލައިފިއެވެ. އެރީތި ދެލޮލާއި ހަތަރުކަޅި ހަމަވުމާއިއެކު އަފްރީންގެ ރުޅި އެއްފަހަރުން ފިނިވެ އެ ލޮލުގެ ތެރެއަށް ގެނބޭގޮތްވިއެވެ.

"ހަމަ ދުވަހަކު ޗޭންޖެއްނުވާނެ، ލަވް ޔޫ މައި ބޭޑް ބޯއި...." އަފްރީން ހީގަނެފައި ކެންޒީގެ ތެތް އިސްތަށިގަނޑުގައި ބޮސްދިނެވެ. ދެމީހުން ތެމިފައިވާއިރު ހީފިލުވަން ކާރިވުން ނޫން ގޮތެއް ނެތެވެ. ކޮންމެގޮތަކަށް އުޅުނަސް އެދެމީހުންނަށް އުޅެވެނީވެސް އެކަކު އަނެކަކުގެ ހިޔަނިފަދައިން އެކީގައެވެ. ކިތަންމެވަރަކަށް ޖެއްސުންކޮށް އުދަގޫކުރިޔަސް ލޯބިވެސް ވޭމެއެވެ. އަފްރީންއަށް ނޭގުނަސް އޭނަގެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބަކީވެސް ހަމަ ކެންޒީ ކަމުގައިވަނީ ވެފައެވެ. ޖުއާންއަކީ އެދެމީހުންގެ ލޯބީގެ މޭވާކަން މުޅި އާއިލާއަށް ކެންޒީ އަންގާދިން ދުވަހަށްފަހު އެ ސިއްރުވެސް ވަނީ އާއިލާއަށް ފާޅުވެފައެވެ. ވަގުތުޖެހުމުން އެކަން ދުނިޔެއަށް ހާމަވެ ކަޔާންގެ ގުރުބާނީވެސް ހާމަވިއެވެ. ކަޔާންގެ ރުޅިގަދަ ސިފަތަކާއި އެކުގައިވެސް ވަނީ ކިހާ މާތްހިތެއްކަން ނޭގޭ އެކަކުވެސް ނެތެވެ. އެކަނި މީހާގެ ބޭރުފުށަށް ބަލާފައިވެސް ގޮތެއް ނިންމާކަށް ނޭގޭނެއެވެ. މީހަކު ދަސްވާނީ ގިނަދުވަހުންނެވެ.

ކަޔާންއާއި ލައިޝާ ހުދު ދޮންވެލިގަނޑު މަތީގައި ރެއިންބޯ ކުއިލްޓެއް ފަތުރާލައިގެން ތިބިއިރު ކަނޑުން އަންނަ ތެތް ފިނި ވައިރޯޅިތައް ލައިޝާގެ ހަމުގައި ޖެހި ހީކަރުވާގޮތްވި ނަމަވެސް ކަޔާންގެ އަތް ވަށާލެވިފައިވާތީ މަޑު ހޫނުކަމެއްވެސް ލިބުނެވެ.
"މިރޭ އަހަރެން މީނީ ވަރަށް އުފާވެފައި، ކެންއަށް އެނގޭތަ؟ އަހަރެން ޖޫސްތަބައް ހިފައިގެން ދަނިކޮށް މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅާ ކިޔާފައި ގޮވާލި، ރަންދާ އާންޓީމެންވެސް ވަރަށް ހެޔޮކޮށް ވާހަކަ ދެއްކި...." ލައިޝާ ކަޔާން ގާތުގައި ބުނެދިނެވެ.
"އަހަންނަށް އެނގޭ މި ދުވަސް އަންނާނެކަން، އަހަރެންގެ ލައި ހާ ރަގަޅު ކުއްޖެއްދެކެ ހޭޓްކުރެވޭނީ ކާކަށްތަ؟ އަހަރެން ގަބޫލުކުރާ ގޮތުން އަހަރެންހާ ނަސީބު ރަގަޅު މީހަކު މިއުޑުގެ ހިޔާދަށަކު ނެތް، އަހަރެން ހަނދާން ހުރޭ ލައި ކުޑައިރު ހުރިގޮތް، ބާސްކެޓްބޯޅަ ކޯޗަކަށް ހުރިއިރު ކުދިން މާ ހިތްކިޔާމީހަކަށް ވީމަ އަހަރެން އޭރަކު އުފަލެއް ނުވޭ، އެއަށް ކިޔާނީ ކްރަޝް، އެކަމަކު ލައި އުޅޭގޮތުން އަހަންނަށް އެނގޭ ލައި ތަފާތުކަން، ތަފާތު ފީލިންގްސްއެއް ހުންނަކަން، އޭރުވެސް އެ ޔަންގް ދެލޮލުން އަހަންނަށް ފެނުނީ ލޯބި، އެހެން ހިތަށް އެރިޔަސް ގަބޫލުކުރާކަށް ބޭނުމެއްނުވި، އޭރު ލައި ހާދަ ކުޑައޭ ދޯ....." ކަޔާން ލައިޝާގެ މޫނުގައި ބޮސްދިނެވެ. ހަނދުވަރުގެ އަލި އެދޮން މޫނާއި ކުޅޭއިރު ހާދަ ނަލައެވެ. ހިތް ފިދާވާވަރުވިއެވެ.

"ކޯޗަކަށްހުރެފައި ގެއްލުމުން އަހަރެން ޔަގީންކުރީ އެ ރީތި ފިރިހެންކުއްޖާ ދުނިޔެއާއި ވަކިވެގެން ދިޔައީކަމަށް، އެކަމަކު އަހަރެންގެ ފަސްޓް ލަވް އަހަރެންގެ ހަޒްބެންޑްގެ ގޮތުގައި ހަޔާތަށް މިއައީ، ކިހާ ލަކީ، ހެއްދެވިފަރާތަށް އަބަދަށްޓަކައި މިހިތް ޝުކުރުކުރޭ، އަބަދަށް ހަމްދުކުރަން، ދުވަހަކަށްވުރެ ދުވަހެއް މިހިތުގައިވާ ލޯބި އިތުރުވޭ، ލަވް ޔޫ ސޯ ސޯ މަޗް ހަނީ...." ލައިޝާ އެއަތްތިލައިގާ ބޮސްދިނެވެ.
"އަހަރެންވެސް ވަރަށް ވަރަށް ލޯބިވޭ މަގޭ ފުރާނަޔާ....." ކަޔާން ގެ ބާރުގަދަ އަތުތެރޭގައި ލައިޝާ ބޮނޑިކޮށްލީ ދުވަހަކު ދޫކުރަން ބޭނުންނުވާފަދަ ގޮތަކަށެވެ. ކަޔާންގެ ހިތުގައި މިއަދު ލައިޝާއަށްޓަކާ ވަނީ ދުވަހަކު ފޮހެވިގެންނުދާ ފަދަ ލޯތްބެކެވެ. 
އާދުވަހަކަށް އިރުއެރިއިރު ކެންޒިއާގެ އެންމެންގެ މޫނުމަތިން ފެންނަނީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސަރެކެވެ. އެންމެން ގުޅިގެން ހަޔާތުގެ ދަތުރު ފެށީ އާ އުއްމީދަކާއިއެކު ގުޅުންތައް ބަދަހިކުރަމުންނެވެ.

ނިމުނީ

ކޮމެންޓް 0