"ލައިޝާ ރަނގަޅަށް އަޑުއަހާ، މިއަންނަ ހަފްތާގައި ލައިޝާގެ ކައިވެނި އައިދަން އާއި ކުރެވޭނެ، ސަލްމާ ލައްވާ އާދޭސްކުރުވާކަށް އަހަރެން ނޫޅެން، ލައިޝާ ކުޑައިރު އަހަރެންވަނީ އެކަމަށް ވައުދުވެފައި، އައިދަން ފިރިހެން ދަރިއަކަށް ވީއިރު އޭނަވެސް ބުނާގޮތަށް ހަދާނެކަމުގެ ޔަގީންކަން ސަލްމާއަށް އެބައޮތޭ، ކީއްވެ ލައިޝާއަށް އެކަން ނުކުރެވެންވީ، ލައިޝާ ދެކޮޅަށް އެންމެ ލަފުޒެއް ބުނާއަޑު އަހާކަށްވެސް އަހަރެން ނެތިން........" ޒުލްމާ އެއްނޭވައިން ފަތިވަރެއް އަމުނާލުމަށްފަހު ބާރަކަށް ދޮރު ލައްޕާލާފައި ނުކުތެވެ.

"މިވާގޮތުން މަންމަ ގާތުގައި އަހަރެން ޕްރެގް ވާހަކަ ބުނަން މަޖުބޫރު މިވީ، ޕްރެގްއިރު އެހެން މީހަކާއި އިނުން ދީނުގައި ހުއްދަތަ؟ ނަސްލު އޮޅުވާލާކަށް ނުވާނެ......" ލައިޝާ ހުރީ މޭނުބައިކުރާގޮތްވެ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. ރީދޫކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއް ލައިގެން ހުރިއިރު އޭނަގެ ދޮންކަން ދިއްލިފައިވާހެން ހީވިއެވެ. ލައިޝާ ކަޅު ހެދުން ނެގިއެވެ.

"އެފާފަ ކުރާ މީހުންވެސް އުޅޭ، ދުނިޔޭގެ ލަދުން ސަލާމަތްވާން އެފަދަ ބޮޑު ފާފައަކަށް އަރައިގަންނަން ޖެހިލުމެއްނުވޭ، ލައިޝް މަންމަ ކައިރީ ސީދަލަށް ބުނޭ، ރުޅިގަދަވެފައިވެސް މަންމައަށް ވިސްނޭނެ، އަމިއްލަ ދަރިއަށް ވީމަ މާފުވެސް ދެވޭނެ......" ކީވާ ކޮންމެ އެއްޗެކޭ ބުނިކަމުގައިވިޔަސް އޭނަ ހުރީ މަންމައަށް އެކަން ޔަގީންވުމަށްފަހު ދެން އަންނާނެ ޒަލްޒަލާއަކާއި މެދު ކަންބޮޑުވެ ނުތަނަވަސްވާގޮތްވެފައެވެ. 

އެހެންނޫނަސް އައިދަންގެ ނަން އިވުމަށްފަހުގައި ހިތަށް އެވީގޮތް އަދިވެސް ހަށިގަނޑުން ފިލައިގެން ދިޔައީއެއް ނޫނެވެ. އައިދަންގެ މަތިން ހަނދާންވުމުން ހިތް ތެޅިލިގޮތާއި ފިނިވިގޮތަށް އެ އިހުސާސްތައް ހަރުލިއެވެ. ހިތުގެ ކަނެއްގައި އެ ނަން ފޮރުވިފައިވާކަމާއި އޭނައަށްޓަކައި ވާ ލޯބި ބަދަލެއްނުވާކަން އެނގުނެވެ. އޭނަ އެކަން ހިތަށް އޮޅުވާލަން މަސައްކަތްކުރި ކަމުގައިވިޔަސް އައިދަންއަށް ޓަކައި އެހިތުގައި ވިންދު ޖަހަންފެށިތާ ކޮން ޒަމާނެއް ހެއްޔެވެ؟ އެ ރީތި އަޅިދެލޮލުގެ ތެރެއަށް މުޅި ވުޖޫދު ގެނބިގެންދާހެން ހީވިއެވެ. އައިދަންއާއި ލައިޝާގެ ކައިވެނި ކުރެވެން އޭނަގެ ހިތެއްވެސް ނުރުހެއެވެ. އެކަމާއި އެންމެ ބޮޑަށް ދެކޮޅުހަދާނެ މީހަކީ ކީވާއެވެ.

ކީވާ އާއި ލައިޝާ ތައްޔާރުވުމަށްފަހު ކޮލެޖަށް ދާންވެގެން ނުކުތްއިރު ސަލްމާ އާއި ޒުލްމާ ބަދިގޭގައި ސައިބޯން ތިބެގެން މާ ބާރަކަށް ހިނިގަނޑު ޖަހާލާއަޑު ގޭގެ ހިމޭންކަން ކަނޑުވާލާފައިވިއެވެ. ހީވާގޮތުން ދެމީހުން ކަމަކަށް އެއްބަސްވެ އުފާކުރަނީއެވެ. މަންމައަށްޓަކައި ލައިޝާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ކޮންމެ މަންމައަކުވެސް ތިމާ ބޭނުންވާ ގޮތަށް ދަރިންގެ ދިރިއުޅުން ބައްޓަންކުރުމުގެ ހުވަފެން ދެކޭނެއެވެ. މިއަދު އެކަން ކޮށްދެވޭކަށް ލައިޝާ އަކަށްނެތެވެ. މަންމަ ބުނާމީހަކާއި ކައިވެނި ކުރެވޭކަށް ނެތެވެ. އޭނައަކީ މީހެއްގެ އަންބެކެވެ. ލައިޝާގެ އެންމެ ފަހު ނޭވަޔާއި ޖެހެންދެން ހުންނާނީ ކަޔާންގެ އިންތިޒާރުގައެވެ. އޭނަ އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ކަޔާން އާއި ދިމާވެދާނެކަމުގެ އުއްމީދުގައެވެ.

ރަންދާ ރުޅިގަދަވެގެންގޮސް ބެލްކަނީގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރިއިރު ނިތްކުރިން އޮށްދާ ހިއްލާލައިފިއެވެ. ލިބިފައިވާ ދެ ދަރިންނަށް ރަގަޅު ދިރިއުޅުމެއް ނުލިބުނުތާގައި އޭނަ ބޭނުންވި ފަދަ ޅީދަރިއެއްވެސް ގެއަށް ގެނެވޭނެ ގޮތެއް ނުވިއެވެ. ރަންދާ ގެ ހާލަތު ފެނިފައި ދެރަވެފައިހުރި އަފްރީން ގެ ހިތުގައި އެވަގުތު އަޒުމެއް ކަނޑައެޅިއެވެ. ކޮންމެފަދަ ގޮތެއް ހަދާފައިވެސް ކަޔާންގެ ހިތް އޭނަގެ މައްޗަށް ލެންބުމެވެ. އެހެންނޫނަސް ޖުއާންގެ ބައްޕައާއި މަންމަ ވަކިވުމުން އެކުއްޖާފުޅަށް މުސްތަގުބަލުގައި އެކަމުގެ އަސަރުނުކުރާނެ ގޮތަކީ ނެތްގޮތެކެވެ. އަފްރީން ތައްޔާރުވެލައިގެން ކެންޒިއާއަށް ދިޔައިރު އާދައިގެމަތިން އެގެއަށް ވެރިވެފައިވަނީ ހިމޭންކަމެކެވެ. ކުޑަކުއްޖަކު ނެތީމަ ގޭގެ ރޫހެއް ނުހުރެޔޭ ބުނަނީ ތެދެއްކަން ނޭގެއެވެ. ސޯފާގައި އޮށޯވެލައިގެން އޮތް ޒުވާނާއަކީ ކާކުކަން ޔަގީންނުވިޔަސް ބަލައިލި ކަތި، ޖާޒުބީ ނަޒަރުން އަފްރީންއަށް އެއީ ކެންޒީކަން ޔަގީންވިއެވެ. އަފްރީން އެންމެ ދެކެން ބޭނުންނުވި މީހާއެވެ. ކެންޒީފެނުމުން އަފްރީންގެ ހިތަށް ވާގޮތަކުން އޭނައާއި ކުރިމަތިލާން އަފްރީން ނުކުޅެދިފައިވެއެވެ. ދިގު ސޯޓަކާއި އަޅިކުލައިގެ ޓީޝާޓެއްލައިގެން އޮތްއިރު ކަޔާންކަމުގައިވެސް ހީކުރެވިދާހާ ވައްތަރެވެ.

"ކަމް ހިއަރ ބޭބީ، އަހަންނަށް އެނގޭ އަހަންނާއި މީޓްކުރަންކަން މިގެއަށް ތިއަންނަނީ....." ކެންޒީ ސޯފާގައި އޮށޯވެލައިގެން އޮތްއިރު އޭނަގެ ނުކުޅެދުންތެރިކަމެއް ހުރިކަމެއް އެކަކަށްވެސް އެނގެނީއެއްނޫނެވެ.

"ސޮރީ ސްވީޓްހާޓް، އަހަރެން މިއުޅެނީ ކެންޒީގެ ފަހަރިއަކަށްވާން، ވަރަށް އަވަހަށް......" އަފްރީން ގަދަކޮށްލިއެވެ.
"އެއީ ކިހިނެއްތަ؟ އަހަރެން ދުނިޔޭގައި ހުއްޓާތަ؟ "ކެންޒީ ބުމައަރުވާލިއެވެ.
"އާން، މަގޭ ދަރީގެ ބައްޕައާއި އިންނާނީ...." އަފްރީން ހަށަން ބަދެލިއެވެ. ކެރިހުރެގެން ކެންޒީއާއި ހަތަރުކަޅިހަމަކޮށްލިއެވެ. ކެންޒީ ފެނުމުން ހަށިގަނޑަށްވާގޮތް ތަކާއި ހަގުރާމަކޮށް އެ އިހުސާސްތައް ފަނާކޮށްލަން އަފްރީން ބޭނުމެވެ. އެހެންނޫނީ މިއީ އޭނަ ދެކޭގޮތުގައި ލަދުވެތިކަމެކެވެ. ދެބެންނާއި ގުޅުން ބޭއްވުމަކީ އޭނަގެ ނަޒަރުގައި ވަރަށް ހުތުރު އަމަލެކެވެ.

"ގުޑް ގާލް، ޔަގީންތަ؟ "ކެންޒީ ހީލިއެވެ.
"ހުވާ އޭނަ އާއި އިންނާނީ...." އަފްރީން ރުޅިގަދަވެގެން ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.
"ވީއިރު ތާރީޚު ކަނޑައަޅާ، އަހަރެން މިހިރީ އިންނަ ގޮތަށް...." ކެންޒީގެ ޖުމްލައިން އަފްރީން ހުރީ އަނގަ ނުބައިވެފައެވެ. ކެންޒީގެ ދެލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނީ އެސްފިޔަޖަހައިލަން ނޭގިފައެވެ. އެދޭތެރޭގައި ހިމޭންކަމުގެ ބަހުރުވައިން ވާހަކަތަކެއް ދެކެވުނުހެން ހީވިއެވެ. ކެންޒީގެ ލޮލުގައިވި ބާރަކުން އަފްރީންގެ ލޮލަށް ފެންއައިސް މޫނުމަތި ރަތްކޮށްލައިފިއެވެ. ލަދުގަންނަ ގޮތްވުމުން ކުޑަކޮށް ހިނިއަންނަ ގޮތްވެފައި އަފްރީން ސިޑިން މައްޗަށް އަރައިގެން ވިދާލި ވިދުވަރެއްހެން ދިޔައީ ކަޔާން އައި ކުރިމަތިލުމަށެވެ. މި ހަނގުރާމަ ނިމުމަކަށް ދެން ގެންނަން ވެއްޖެކަމަށް އޭނަގެ ހިތް އެންގިއެވެ. ކަޔާންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރައިލިއިރަށް ދޮރު ހުޅުވުނެވެ. އޭނަ އެތަނަށް ވަންއިރު ކަޔާން ބާތްރޫމްގައި އުޅޭކަން އެނގުނެވެ. ހިވާގޮތުން ސްޓީމުން ފެންވަރާލަނީއެވެ. މިތަނަށްވެސް އާވީގެ އަސަރު ފޯރާހެން ހީވެއެވެ. މީރުވަހެއް ތަނުގައި ހިފާލާފައިވެއެވެ.

އަފްރީން ކަޔާންގެ އަލަމާރީގެ ވަތްގަނޑުތައް ހާވަމުން ދިޔައީ ވަކި މަގުސަދެއްގައެވެ. ކަޔާންއާއި އޭނަގެ ލޯބީގެ ގުޅުން އެއް ޒަމާނެއްގައި އޮތުމުން އެފަދަ އެއްވެސް ހެއްކެއް ފެނިލުމަށް އެދިއެވެ. ކަރުދާސްކޮޅެއްގައި އޭނަގެ ނަން ލިޔެވިފައިވިޔަސް އެއީވެސް ހެއްކަކަށް ފުދިދާނެއެވެ. 

"ނޫން، ނޫން..." އަފްރީންގެ ދެލޯބޮޑުވެގެން ދިޔައީ އަލަމާރީގެ ވަތްގަނޑެއްގެ އެންމެ ދަށުގައި ފޮރުވިފައިވާ ލިޔުންތަކެއް ފެނިފައެވެ. ހައިރާންކަން ރުޅިވެރިކަމުގެ ސިފަ ޚިޔާރުކޮށްލާފައިވެސް އޭނަ ކެތްކުރިއެވެ. އެލިޔުންތައް ހިފައިގެން އޭނަ ތިރިއަށް ދާން ހިނގައިގަތްތަނާހެން ކަޔާން ދޮރުހުޅުވާލިއަޑު އިވުނެވެ. ނަސީބަކުން އޭނަ ދޮރާއި ނިވާވެލުމުން އެތަނަށް ވަން މީހެއް ކަޔާންއަކަށް ޔަގީނެއް ނުކުރެވޭނެއެވެ.

މެންދުރު ކެއުމުގައި ކަޔާން ބައިވެރިވާން ގަސްތުކުރީ ބައްޕަގެ އެދިލެއްވުމުގެ މަތިންނެވެ. އަފްރީންވެސް ކެއުމުގައި ބައިވެރިވިއެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ ކަޔާން އަންނަތަން ފެނިފައެވެ. އަތްދިގު ގަމީހަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު އަތުކުރި އޮޅާލާފައިވާގޮތުން ފިރިހެންވަންތަ އަތްވަނީ ހާމަޔަށެވެ. އާދައިގެ މަތިން އެކަޅުކުލަގަދަ ބުމައާއި އަޑިނޭގޭ ފުންދެލޮލުގެ ސަބަބުން ސީރިޔަސްކަމެއް މޫނުމަތިން ފާޅުވެއެވެ. އޭނަ ހުރީ ކަމަކާއި ހިތްހަމަނުޖެހިފައިކަން އެކަނި މޫނަށް ބަލާލިޔަސް އެނގެއެވެ.

"ޑާލިން، ދަރިފުޅުގެ ފެވެރިޓް ޗިކެން ހަދާފައި މިހިރީ، އަވަހަށް އިށީދޭ....." ވަރުޖިނާ ކަޔާންއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. މަންމަގެ އެ ކުލުނާއި ލޯތްބަށް ކަޔާން ގަދަރުކުރާކަން އެނގުނީ އޭނަ "ތެންކިއު މަމް" އޭ ބުނެލަމުން ހިނިތުންވެލާފައި ބަލައިލި ގޮތުންނެވެ. އެހެން އެންމެންގެ އުފާވެރިކަމުން އަފްރީންއަށް އަސަރެއްކުރިހެން ހިޔެއްނުވެއެވެ. އޭނަގެ ދެލޮލުން ތީރުތަކެއް އުކަމުންދާހެން ކަޔާންއަށް ހީވިއެވެ. ކަޔާން އަފްރީންދެކެ އަންނަ ރުޅި ފިނިވެ އެހިތް އޭނައަށްޓަކައި ސާފުވިތާ ކޮން ދުވަހެއް ހެއްޔެވެ؟ ނަމަވެސް މިއަދު އަފްރީންގެ ލޮލުން ނަފްރަތުގެ އަސަރު ފެނުމުން ކަޔާން އަޖައިބުވިއެވެ. އަޒީޒުއްދީން ކަޔާންއާއި ދައްކަވަމުން ދިޔަ ވާހަކައަކީ ކަޔާން އަލުން އޮފީހަށް ދާންވީކަމުގެ ވާހަކައެވެ. ޒިއާމްއާއި ކަޔާންގެ ދޭތެރޭގައި އޮތް ކަމެއް ހިތުން ފިލުވާލާ ދެބެން އެކީގައި އުޅުމަށް އަޒީޒުއްދީން ނަސޭހަތްތެރިވެ ލެއްވިއެވެ. ޒިއާމް ބުނީ އޭނަގެ ހިތުގައި ކޮއްކޮއާއި މެދުގައި އެއްވެސް ނުރުހުންތެރިކަމެއް ނުވާކަމުގައެވެ. އޭނަ އެތަނުން ވަކިކުރީ ވަކިކުރަން ޖެހޭ މީހާކަމުގައެވެ. ކަޔާން ރުޅިގަދަވާން އުޅެފައިވެސް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރިއެވެ.

"އެއީ މަގޭ އަނބިމީހާ....." ކަޔާންގެ ހިތުގެ ތެރޭން ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އެއަޑު އެހެން މީހަކަށް އިއްވާކަށް ބޭނުމެއްނުވިއެވެ.
ކެއުމަށްފަހު އެންމެން ސިޓިންރޫމަށް ނުކުމެ ވާހަކަދައްކާލަން ތިބިއިރު ކަޔާން އެމީހުންނަކާއި ބައިވެރިއެއް ނުވެއެވެ. އަފްރީން އިނީ މިތަނުގައި ބޮމެއް ގޮއްވާލާނެ ފުރުސަތަކަށް ބަލަބަލައެވެ. މި އުފާވެރި ހަފްލާ ވަގުތުން ރޫޅޭނެކަން އަފްރީންއަށް އެނގި އެކަމާއިހުރެ ބިރުވެސްގަނެއެވެ. މިއީ ކުރަން ރަގަޅު ކަމެއްބާވައޭ ހީކުރެވުނެވެ. އަޒީޒުއްދީންއާއި ވަރުޖިނާ އެއް ސޯފާގައި ގާތުގައި ތިބިއިރު ކުރިމަތީގައި ހުރި ސޯފާގައި ކެންޒީ އޮށޯވެލައިގެން މަގަތުގައި ކުޑަގޮތަކަށް އިށީދެލައިގެން ޒިއާމް އިނެވެ. މާޔާއާއި ރައަދު ތިބީ ރައަދުގެ ފޯނުން ކޮންމެވެސް އެއްޗެއް ބެލުމުގެ ފޯރީގައެވެ. ތަފާތު ވާހަކައިގާ ތިބިއިރު ދޭތެރެއަކުން އުފާވެރި ހުނުމުގެ އަޑު ގުގުމާލައެވެ. އަފްރީން ގުޅައިގެން އޭނަގެ މަންމައާއި ދޮންބެވެސް އެތަނަށް ގެނުވައިފިއެވެ. ޖުއާން ފެނުމުން ކަޔާން ތިރިއަށް އަންނާނެކަން އަފްރީންއަށް ޔަގީނެވެ.

"ޑެޑީ......." ޖުއާން ދުވެފައިގޮސް ކެންޒީގެ ކަނދުރާގައި އެ ކުޑަ ދެއަތުން ބައްދައިގަތެވެ. އެހެން މީހަކު އެކަން ބޮޑުކަމަކަށް ނެހެދިޔަސް އަފްރީން ކެންޒީއަށް ކަޅިއަޅައިލިއިރު ކެންޒީ އިނީ މަޖާވެލާފައި އަފްރީންއަށް ބަލާށެވެ. ވިޝާން ފެނުމާއިއެކު ރައަދުގެ ތަބީއަތު ގޯސްވިވަރުން ވަގުތުން އެތަންދޫކޮށް މައްޗަށް އަރައިގެން ދިޔަގޮތުން ވިޝާން ހިނިއައެވެ. އަފްރީން އެންމެންގެ މޫނަށް ވެރިވާ ކުލަވަރުތައް ބަލަން އިނީ ކަމުގެ މާހިރެއްހެންނެވެ. އެންމެންގެ ގުޅުންތަކަށް ދޭންވީ ނަމެއް އޭނައަކަށް ނޭގެއެވެ. ޒުވާން ޖޯޑުތަކަށްވުރެ އޭނަގެ ބޮޑުދައިތަގެ ދެމަފިރިން އުޅޭލެއް މާ ލޯބިވެތިވެފައި ހަމަޖެހެއެވެ. ކަޔާން ތިރިއަށް އައީ އެންމެ އެކަށީގެންވާ ދަނޑިވަޅުގައެވެ. 

"ކެން، ތިދާ ތަނެއް އަހަރެމެންނަށްވެސް އެނގޭ، ސިއްރުން ކަންތައް ކުރާމީހުން ބޭޒާރުވާން މާ ގިނަ ދުވަހެއް ނުނަގާނެ......" އަފްރީންގެ ވާހަކައިން ކަޔާން ސިހިފައި ބަލާލައިފިއެވެ.
"ހައިރާންވީތަ؟ " އަފްރީން އިނީ ދެލޯ އަޅާލައިގެންނެވެ. އޭނައާއި ވާދަކޮށް އެހެން އަންހެނަކު ކުރި ހޯދިގޮތް އަދިވެސް ސިކުނޑިއަށް ނަގައިގަނެވުމުގައި ނުކުޅަދާނަވެފައިވެއެވެ.
"ކެން އެންގްރީ މޯޑްގައި ހުއްޓާ އެކުއްޖާ އާއި ވާހަކަ ނުދައްކަބަލަ...." ރަންދާ އިނީ ބިރުގެންފައެވެ. އެހެންނޫނަސް އަފްރީން ދައްކަން އެއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކަޔާން ސިއްރުން ހިންގައިގެން އުޅެނީ ކޮންފަދަ ވަރުގަދަ ކަންތައްގަނޑެއް ކަމެއްވެސް ނޭގެއެވެ. މިފަހަކަށް އައިސް އޭނަ ކަންތައްތަކާ ޚިޔާލު ބޮޑުވަމުންގޮސް ޑިޕްރެޝަންއަށް ދާ ވަރުވެފައި ވެއެވެ.

" އެންމެނަށް އޮޅުވާލައިގެން ވަރަށް ދުވަސްވާންދެން ކަޔާން އުޅެފި، ނަސީބެއްކަން ނޭގޭ އަހަންނަށް މި ސެޓްފިކްޓްތައް ފެނުނުކަން....." އަފްރީން ހިފައިގެން އިން ބޮޑު ސިޓީ އުރައިގެ ތެރޭގައިވާ ކައިވެނީގެ ސެޓްފިކެޓްތައް ނަގާފައި ވަރުޖިނާގެ އަތަށް ދިއްކޮށްލިތަން ފެނިފައި ކަޔާން އެދިމާލަށް ފިޔަވަޅެއް އެޅިއެވެ. އޭގެ ކުރިން ވަރުޖިނާ އެ ބަލައިލުމާއިއެކު މޫނު ކަފަކޮޅެއްހާ ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އޭނަ ލަސްލަހުން ތެދުވެއްޖެއެވެ. އެއާއިއެކު އެތަނަށް އަރާހަމަވި ކަޔާންގެ މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ.
"ހައު ކުޑް ޔޫ ޑޫ ދިސް ޓު އަސް....." ވަރުޖިނާ ހަޅޭއްލަވައިގަތެވެ.
"އިނދެގެން އަހަރަކަށްވުރެ ގިނަދުވަސްވީ، ތިމާގެ ޕޭރެންޓުންނަށް ނާންގާ، ރަގަޅު ފިރިހެން ދަރިއެއްނު، ދެންވެސް ސިއްރުކުރާނެ، ދެންވެސް ހަގީގަތެއް ނޫނޭ ބުނޭ، މިއީވެސް ފޭކް ސެޓްފިކެޓެކޭ ބުނޭ......" އަފްރީން ޖެއްސުމުގެ ރާގަކަށް ބުންޏެވެ.

އެންމެން ތިބީ ހައިރާންކަމާއިއެކު ކަޔާންގެ މޫނަށް ބަލާށެވެ. ކަޔާންގެ ކައިވެންޏަށް އަހަރެއްވީއިރުވެސް އެއްވެސް މީހަކަށް އެކަން ނާންގާ ފޮރުވައިގެން ހުރެވުނީތީ އެންމެން ތިބީ އަޖައިބުވެ ގަބޫލުކުރަން ދަތިވެފައެވެ. ނަމަވެސް މިއޮތީ ހެކި ފެންނާށެވެ. ކައިވެނީގެ ސެޓްފިކެޓް މިއޮތީ ހާމައަށެވެ.
"އާން ދެން ކީއްކުރާނީ، ޝީޒް މައި ވައިފް، ދެން އެކަން ނުވާކަމަކަށް ހެދޭނެތަ؟ މަގޭ ކޮޓަރިއަށްވަދެ އެއްޗެހި ހޭވިޔަސް އަހަރެން ކުރާކަމެއް ނުހުއްޓުވޭނެ........" ކަޔާންގެ ރުޅި އަމާޒުވީ އަފްރީންއަށެވެ. ހުރިހާ ވާހަކަތަކެއް އަފްރީންއާއި ދިމާލަށް ދެއްކިނަމަވެސް އެ ބަސްތައް އެންމެނަށްވެސް އަމާޒުކުރިހެން ހީވިއެވެ. އޭރު ނަސީބަކުން ޖުއާން ހުރީ ފެންޑާއަށް ނުކުނެ ބޯޅައާއި ކުޅޭށެވެ. އޭނަ ބޮޑެތި މީހުންގެ ވާހަކައަށް ސަމާލުކަން ދޭހެން ހިޔެއްނުވެއެވެ.

"އަހަންނަށް އެނގޭ އެ އަގެއްނެތް އަންހެންކުއްޖާ ކޮންމެ ގޮތެއް ހަދާފައިވެސް ކަޔާންގެ ބޮލަށް އެރިގެން އެކަން ކުރުވާނެކަން، އޭނަގެ ބޭނުކަމީ މިގެއާއި މުދާގަނޑަށް ވެރިވެގަތުން، އެކައްޗެއްވެސް ނުލިބޭނެ، ކަޔާން ހަމަ މިހާރު އޭނަ ވަރިކުރޭ، ނޫނީ މި މަންމަގެ ހިތް ދުވަހަކު ހެވެއް ނުވާނެ، ކަޔާން މިބުނަނީ އޭނަ ވަރިކުރޭ، އަޑުއިވޭތަ ކަޔާން، މިބުނީނު ވަރިކުރާށޭ............." ވަރުޖިނާ އަޑުނެތްތަނަށް ހަޅޭއްލަވައިގެންފާ ރޯންފެށިއެވެ. އަޒީޒުއްދީންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޝަކުވާތައް ކުރަންފެށިއެވެ. އޭނަ ބޭނުންވީ އަތުގައިވާ ސެޓްފިކްޓްތައް އަންދާލާށެވެ. އޭރު އަޒީޒުއްދީން އެ ބައްލަވާފައި މޭޒުމަތީގައި ބޭއްވިތަނުން ކަޔާން އަތްފޯރުވާފައި ސެޓްފިކެޓް ނަގައިގެން އެތަނުގައި މަޑުކޮށްނުލާ ނުކުމެގެން ދާން ހިނގައިގަތެވެ.

"އޭނަ ހުއްޓުވާ، އެ އަންހެންމީހާ ގާތަށް ދިޔަނުދީ ހިފަހައްޓާ...." ވަރުޖިނާ ޒިއާމްއާއި ދިމާލަށް ބުނެލިއެވެ. ހީވީ މަންމަގެ ބޯ ގޯސްވިހެންނެވެ. 
ޒިއާމް ދޮރުމައްޗަށް އެރިއިރު ކަޔާން ގޮސް ކާރަށް އަރައިގެން ދުއްވާލަނީއެވެ. ޒިއާމްގެ ހަނދާނަށް އައީ ތޫފާނީ ދުވަހެއްގައި އޮފީސްތެރޭގައި އޭނަ ދެކެފައިވާ މަންޒަރެވެ. އޭނަ ލައިޝާއާއި ދޭތެރޭގައި ކުރީ ކުށްހީއެކެވެ. ލައިޝާ އުޅުނީ ދުރުހިލޭމީހަކާއި އެކީގައެއް ނޫނެވެ. އަމިއްލަ ފިރިމީހާ އާއި އެކުގައެވެ. ވީއިރު ލައިޝާގެ މައުސޫމްކަމާއި ދޭތެރޭގައި ޝައްކު ކުރާނެ ޖާގައެއްނެތެވެ. ނުބައި ހީއެއްގެ މައްޗަށް އޭނަ ލައިޝާ ވަޒީފާއިން ވަކިކޮށްލީއެވެ. ވިޝާން ހުރީ ބުމަގޮށްޖަހާލައިގެން އަތްމުއްކެވިފައެވެ. ރުޅިއައިސްގެން އޭނައަށް ކެތްކުރެވުނީއެއް ނޫނެވެ. ހުރި އެންމެ ކޮއްކޮގެ ދިރިއުޅުން ބަރުބާދުކޮށްލާފައި ކަޔާންއަށް އެހެން މީހަކާއިއެކު ދިރިއުޅޭކަށް ލާހިކެއް ނޫނެވެ. އަފްރީން ގަސްތުގައި ދެލޮލަށް ކަރުނަ ގެނެސްގެން ސޯފާގައި ބަންޑުން އޮށޯތެވެ. ރަންދާ މިހުރިހާ އިރުވާންދެން ހިމޭނުން އިންމީހާގެ ދުލަށް ބާރު ލިބުމާއިއެކު ހުރިހާ އެއްޗެއް ކިޔާލީ ކުށެއްނެތް ލައިޝާ އަށެވެ. އޭނަގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލި ނުބައި އަންހެނާއަށް އެދުލުން ނުކުރާ ބަދު ދުއާއެއް ނެތެވެ. ކެންޒީ ހިތާމައިގެންގޮސް ހަލާކުވާވަރުވިއެވެ. ފެންކަޅިވިއެވެ. އެހުރިހާ ކަންތަކެއް ލޮލުގެ ކުރިމަތިން ފެނުމުން ހަގީގަތް ހާމަކުރުމުގެ ވަގުތު ޖެހުނީކަމުގައި ހިތް ބުނެދޭން ފެށިއެވެ. ތަކުރާރުކޮށެވެ.

ކީވާ ހިނގަމުންގޮސް ބޯކޮށް ގަސްތައް ހެދިފައިވާތަނަށް ވަދެގެން ދިޔައެވެ. އަތުގައި ކެމެރާ އޮތްއިރު އޭނަ އުޅުނީ ފިސްޓިއުލާ ހަދާފައިވާ އަތާއިމެދު ފަރުވާތެރިވެގެންނެވެ. އެއަތް "ވައިބްރޭޓް" ވާތޯ ދޭތެރެއަކުން ކީވާ ޗެކްކޮށްލާހަދައެވެ. މިއަދުވެސް ގޭތެރޭގައި އޮތީ ހަނގުރާމައެކެވެ. މަންމައާއި ލައިޝާ އަރައިރުންވީއެވެ. ސަބަބަކަށްވީ ލައިޝާ އައިދަންގެ ކައިވެންޏާއި ދެކޮޅު ހެދުމެވެ. އޭނަ މަރުވިޔަސް އެކަން ނުކުރާނެކަމަށް ބުނުމެވެ. މަންމަގެ އަތުން ލައިޝާގެ މޫނަށް ހޫނު އެތިފަހަރެއް އަރައިގެން ދިޔައެވެ. ލައިޝާ ކޮޓަރިއަށް ވަންގޮތަށް މެންދުރު ކާކަށްވެސް ނުނިކުމެ އޮތީއެވެ. ޒުލްމާ ފަހުން ކީވާގެ ގާތުގައި އެކި ވާހަކަތައް ދެއްކިއެވެ. ފިރިހެނުންގެ އަވައިގާ ޖެހިގެން ދިރިއުޅުން ބަރުބާދުވެގެން ދިޔަދިނުމަކީ އަންހެންކުއްޖަކަށް ހެދޭނެ އެންމެ މޮޔަކަންތައް ކަމުގައި ބުނެދިނެވެ. ކީވާއަށް މަންމަ އަމުރުކުރީ ފިރިހެންކުއްޖަކާއި ކާރި ނުވުމަށެވެ.

"ހޭއި......އެކަނިމާ އެކަނި ކީއްތިކުރަނީ؟ " ކުއްލިއަކަށް އައިދަންގެ ބަރު އަޑުއިވުމުން ކީވާ ސިހުނުވަރުން ކެމެރާ އަތުން ދޫނުވީ ކިރިޔާއެވެ.

"އައިދަންތަ، މިރަށުގައި....." ކީވާ ހިންދިރުވާލާފައި އެނބުރި ބަލާލައިފިއެވެ. ދެތިން ފޫޓްދުރުގައި އައިދަން ހުއްޓިލައިގެން ހުރިއިރު އެ އަޅިދެލޮލަށް އިރުގެ އަލި އެޅިފައިވުމުން ފެންނަނީ ނިކަން ރީތިކޮށެވެ. ފުޅާ މޭމައްޗާއި ދިގު އިސްކޮޅުގެ ސަބަބުން ފިރިހެންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ލައިގެން ހުރި ކަޅު ކުލައިގެ ޖިންސާއި ކްރީމްކުލައިގެ ޓީޝާޓު އެހާ ގުޅެއެވެ.

"މިރަށަށް އައީމަ ކީވާ ހިތްހަމަނުޖެހެންޏާ ގޮސްދާނަން، އަހަރެންގެ ފޮޓޯއެއްވެސް ނަގާފައި ޕޭޖަށް ލާދޭންވީނު..." އައިދަން މާނަވީގޮތަކަށް ބުނެލައިފިއެވެ.
"ފިރިހެންކުދިންގެ ޕިކް ލާތަނެއް ނޫނޭ އެއީ..." އައިދަންގެ ރީތި ދެލޮލުން ބަލާވަރުން ކީވާ ލަދުން އޮޅޭގޮތްވިއެވެ. އައިދަންވެސް ހުރީ އާޝޯޚުވެފައެވެ. އަންހެންކުދިންގެ އެންމެ ރީތި ސިފައަކީ ލަދުވެތިކަމާއި އަންހެންވަންތަ ކަމެވެ. އިސްކޮޅު ފުދޭވަރަކަށް ދިގުވެފައި އައިދަންއާއި ހަމަ އެންމެ ގުޅޭވަރުވެއެވެ.
"އަހަރެން ވާހަކަ ދެއްކީމަ ވިޝާން ރުޅި އަންނާނެދޯ...." އައިދަން އަހާލައިފިއެވެ. ކީވާއަކީ އެހެން މީހެއްގެ ހައްގެއްކަން އެނގޭއިރުވެސް އޭނައަށް ކެތްނުކުރެވުނީއެވެ. ސިއްރުސިއްރުން މިރަށަށް އާދެވެނީވެސް ކީވާ ދެކެލާހިތުންނެވެ. އެހެންނޫނަސް މަންމަ ކިޔާވަރުން މަންމަ ގޮވައިގެން މިރަށަށް އައިއިރު ވާން ދިމާވާންއުޅެނީ ކޮންފަދަ ކަންތައްގަނޑެއްކަން ރޭކާވެސް ނުލައެވެ.
"ނޭގޭ...." ކީވާ ހުރީ ހިތުގައިވާ އެއްޗެއް ބުނާހިތުންނެވެ. ކީވާގެ އަތުގައިވާ އަނގޮޓި ލޮލުގައި އަޅައިގަތުމުން އައިދަންގެ ހިތަށް ހީވީ ކަށިތަކެއް ހަރައިލެވުނުހެންނެވެ. ފެންކަޅިވާގޮތްވިއެވެ. އޭނަގެ އަތުން އެ ނާޒުކް އިނގިލީގައި އަނގޮޓިއެއް އަޅުވައިދޭން ބޭނުންވެފައި ހުރިއިރު އެ ނަސީބެއް ނުލިބުނެވެ. އައިދަންގެ ފިނިވެފައިވާ އަތްތިލަ ޖީބަށް ޖަހާލައިފިއެވެ.

"ކޮން ދުވަހަކު ވެޑިން އޮތީ...." އައިދަން އެތާހުރި ގަހަކަށް ލެނގިލައިފިއެވެ. އޭރު ހަވީރު ފިންޏަށް ނުކުމެ އުޅޭމީހުންތައް އެހެންލާފައި ދަމުން އެރީތި ޖޯޑަށް ބެލީ ޝައުގުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. ކީވާ ހުރީ ކަންބޮޑުވެފައެވެ. އެތަނަށް ވިޝާން އަތުވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ވިޝާންވެސް އަންގާ ނުލައި ވިލިމާލެއަށް އަތުވެދާނެއެވެ. ވިޝާންއަށް އެދެމީހުން އެކީގައި ފެނިއްޖެއްޔާ ހަދާނެގޮތެއްވެސް ނޭގެއެވެ. އޭނަ މިހިރީ އަދިވެސް ވިޝާންއާއި ރުޅިވާން ނުކެރިފައެވެ. އޭނަގެ ޑޮކްޓަރަށް ވީތީއެވެ. އެހެންނޫނަސް ވިޝާންއަށް އަމިއްލަ ކުށް ގަބޫލުކުރެވެންދެން އޭނަ ހުންނާނީ ހިމޭނުންނެވެ.
"ތަންކޮޅެއް ލަސްވެއްޖެ، އެ ފެމިލީ މީހުން އެހާ ގަބޫލެއް ނޫން..." ކީވާ އަކަށް ހަގީގަތް ކިޔައިދޭކަށް ނުކެރުނެވެ.
"ރިއަލީ؟ ދެ ކުދިންވެސް ގުޅުނީ ރޯޔަލް ފެމިލީއާއި ވިއްޔަ، ހިނގާބަލަ ބީޗަށް އެރިލަން، ކެރޭނެތަ؟ "އައިދަން ހުރީ މިފަދަ ވަގުތުކޮޅެއް ކީވާއާއި އެކުގައި ހޭދަކޮށްލަން އިންތިހާއަށް ބޭނުންވެފައެވެ. 
"ފޮޓޯތަކެއް ނަގާދީފާނަން..." ކީވާވެސް އައިދަންއާއި އެކީގައި މޫދާއި ދިމާލަށް ހިނގައިގަތެވެ. އެދުވަހު އައިދަންއާއި ކީވާއަށް ނޭގިވެސް އުޅެވުނީ ތަންކޮޅެއް ގާތްކޮށެވެ. އެކުވެރިކަން އާލާވިއެވެ. ކީވާއާއި އެކީގައި އައިދަން ދޮންވެލިގަނޑުމަތީގައި ހިނގާލާފައި ދިޔައިރު ބައެއްފަހަރު ނޭގިކޮށްލެވޭ ހަރަކާތަކުން ދެމީހުންގެ ހަށިގަނޑު ޖެހިލާގޮތްވެއެވެ. އެފަދަ ވަގުތުގައި ދެ ހަށިގަނޑުގައިވެސް އޮއިވަރެއް ހިނގާލިނަމަވެސް އެކަމާއި އަޅާނުލައި ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. ބައެއްފަހަރު އައިދަން ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭހެން ހީވިއެވެ. ކީވާގެ ހިތް ތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރަކަށެވެ. ދެމީހުންގެ ވާހަކަތައް ހުސްވާހެނެއް ހިޔެއްނުވެއެވެ. ވަރަށް އޮމާންކަމާއިއެކު އެތައް ވާހަކަތަކެއް ދެކެވުނެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް އެކުވެރިކަމުގައި އާކުލަތަކެއް ޖެހެން ފެށިކަމުގެ އަލާމާތެކެވެ. އިރުއޮއްސެމުންދިޔަ ވަގުތު ކީވާ ދުވަހަކުވެސް ނުނަގާފަދަ މޮޅު ފޮޓޯތަކެއް ނެގިއެވެ. އޭނަ ހުރީ ޕޭޖަށް ލާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ.

ކީވާ ގެއަށްދާން ހިތަށް އެރީ ކީވާގެ ފޯނަށް އޭނަގެ މަންމަ ގުޅާފައި ހުރި މިސްކޯލުތައް ފެނުމުންނެވެ. ފަނަރަވަރަކަށް ފަހަރު ގުޅާފައި އޮތުމުން ކީވާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިޔަސް އޭނަ ހިތް ހަމަޔަކަށް އަޅުވާލައިފިއެވެ. 
"ދެމީހުން އެކީގައި ގެއަށް ވަދެއްޖެއްޔާ ސުވާލުތައް ކުރިމަތިވާނެ، އަހަރެން އަންނާނަން މިސްކިތަށް ވަދެލާފައި، ފޯނު ޗާޖް ދިޔަގޮތަށް މިއޮތީ ޖީބުގައި، މަންމަ އަހަންނަށްވެސް ގުޅާނެކަން ނޭގޭ، ނުބައި ގޮތަކަށް ނުވިސްނައިފިއްޔާ ރަގަޅު، މަންމަ ވަރަށް ކަންތައް ބޮޑުވާނެ، މިހާރު ފުލުހަށް ނުގުޅާކަމެއްވެސް ނޭގޭ....." އައިދަން ފަހުން ދިމާވާނެކަމަށް ބުނެފައި ހިނިތުންވެލާފައި ދާން ހިނގައިގަތުމުން ކީވާގެ ހިތް އުފަލުން ނަށާލިއެވެ. ފިރިހެނަކާއިއެކު މިހާ ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލެވުނީ އަދި ކިރިޔާއެވެ.

ގެއަށް ދިޔައިރު މަންމަގެ މޫނު ބަނަކަމުން ކީވާ ބިރުގަންނަގޮތްވިއެވެ. ސަލްމާވެސް އިނީ އައިދަންގެ ޚަބަރެއްނުވެގެން ބިރުގެންފައެވެ. ކީވާ ހާސްވިވަރުން އައިދަން ނުދެކޭކަމަށް ބުނެފައި އަވަހަށްގޮސް ކޮޓަރިއަށް ވަންއިރު ލައިޝާ ފެންނާކަށްނެތެވެ. ލައިޝާ ނުކުމެގެން އައީ ފާޚާނާއިންނެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މޮޅިވެރިކަމެވެ. މޫނުމަތި ހުރީ ދުޅަވެ ރަތްއަރާފައެވެ.

"ވަޓް ހެޕެންޑް...." ކީވާ ކަންބޮޑުވިއެވެ.
"މަންމަ އަހަރެންގެ ގައިގާ ތަޅައިގަތީ...." ލައިޝާ އެނދުގެ މަގަތުގައި އިށީދެ ބާލީހާއި ކުޅެންފެށިއެވެ.
"އެއީ ކީއްވެތަ؟ "ކީވާ ހުއްޓުނީ ކުޑަދޮރު ކާރީގައެވެ.
"މަންމަ ގާތުގައި އަހަރެން ކުޑަ ކުޑަ ދޮގެއް ހެދީ، އައިދަން ގާތުގައި ޕްރެގްވާހަކަ ބުނެފީމޭ ބުނިހާއިރުން މަންމަ ހީވީ މޮޔަވީހެން، އަހަރެން އުޅުނީ އެކައިވެނިން ސަލާމަތްވާނެ ބަހަނާއެއް ދައްކަން، ހިތަކަށް ނާރާ މަންމަ އެހާ ރުޅިގަދަވެދާނެއޭ، ......" ލައިޝާ ލައިގެން ހުރި ހަރުވާޅު އޮޅާލާފައި ދައްކާލިއިރު ފައިގާ އިލޮށިފަތީގެ ނިޝާން ހަރުލާފައި ހުއްޓެވެ. އަޑުގަދަވެގެން ސަލްމާދައްތަ ބޭރުގައި އިނދެފައި އައިސް މަންމަ އަތުން އިލޮށިފަތި އަތުނުލިނަމަ މަންމަ ދޫކޮށްލާނެކަމެއްވެސް ނޭގެއެވެ. ލައިޝާ އަށް އެނގެއެވެ. އެކަމުގައި މަންމަގެ މާ ބޮޑު ކުށެއްނެތެވެ. މަންމައަކަށް އޭނަ ކަޔާންއާއި ކައިވެނިކޮށްގެން އުޅޭކަމެއް ނޭގޭނެއެވެ. ނަހަލާލަށް ބަލިވެއިންކަން މަންމައަކަށް އެނގޭ ވަގުތު ކެތްނުކުރެވިގެން އެފަދަ ގޮތަކަށް ކަންތައްކޮށްފާނެއެވެ. ޚާއްސަކޮށް އޭނަގެ މަންމަގެ މިޒާޖާއި ތަބީއަތު ލައިޝާއަށް ނޭގި ދެން އެނގޭނީ ކާކަށް ހެއްޔެވެ؟

ކީވާގެ ހިތަށް އަސަރުކޮށް ފެންކަޅިވާގޮތްވިއެވެ. ލައިޝާއަށްޓަކައި އެހިތް ހަމްދަރުދީއިން ފުރުނެވެ. ލައިޝާ ބާލީހުގައި ބައްދާލައިގެން އޮށޯވެލިގޮތަށް މަޑުމަޑުން ރޯލަ ރޯލާ އޮތީއެވެ.

"ލައިޝް، ހިތްވަރުކުރޭ، އަހަރެން ބަލިވީދުވަހު ލައިޝް އަހަރެން ގާތުގައި ދެއްކި ވާހަކަތައް ހަނދާންކޮށްބަލަ، ލައިޝްގެ ސަބަބުން އަހަރެން ހިތްވަރުގަދަ މީހަކަށްވެ މި ބައްޔާއި ފައިޓްކުރަން ދަސްވީ، އަހަންނަށް އެނގޭ ލައިޝްއަށް ދިމާވެގެން ތިއުޅެނީ ކޮންފަދަ ބޮޑުކަމެއްކަން، ރަގަޅު އަންހެންކުއްޖަކަށް ލިބޭނެ އެންމެ ބޮޑުލަނޑު ލައިޝްއަށް ތި ލިބުނީ، އެންމެން މަލާމާތްކުރާނެ، ބަދުނާމުވާނެ، ނަމަވެސް މިއަދު ކުރާނެ އެހެންކަމެއްނެތް، އެހެންވީމަ ކެތްކުރާން ދެން ޖެހޭނީ، ލައިޝްއަށް ކުރެވުނު ފާފައަށް ތައުބާވެ ރަގަޅަށް ދެން އުޅެންވީ....." ކީވާ ލައިޝާގެ އަތުގައި ފިރުމަ ފިރުމާފައި ހިތްވަރުދޭންފެށިއެވެ.
"ކިވީ، އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދެވޭނެނަމަ، އަހަރެންގެ ކަޔާން އަންނާނެނަމަ، އޭރުން އަހަރެން ސަލާމަތްވާނީ...." ލައިޝާ އެސްފިޔަތައް މަރާލަމުން ހިތާމަވެރިގޮތަކަށް ބުންޏެވެ. 
"އޭނަ ތިހާ ރަގަޅު މީހެއްނަމަ ލައިޝް ޕްރެގްވީމަ ދޫކޮށްލާފައި ދާނެތަ؟ ލައިޝް، އޭނައަށް ހަގީގަތް އެނގުނީމަ ފިލައިގެން ދިޔައީ، ވިޝާންއާއި ދެމީހުން ކުޅޭ ޑްރާމާއެއްކަމަށް ވާނީ، އެއީނު ލައިޝް އަހަންނަށް ފޮރުވަން އުޅޭ ކަމަކީ، ކަޔާންވެސް ނުވާނެ ރަގަޅެއް، އޭނަގެ ދަރިއެއް އަފްރީނުގެ ހުންނަންވީ ސަބަބަކީ ކޮބާތަ؟ ކަޔާންގެ މަތިން ހަނދާން ނައްތާލާ، އޭނަ ނާންނާނެ، އެއީ ކެހިވެރިއެއް. މަކަރުވެރިއެއް......." ކީވާ ނުރުހުމާއިއެކު ބުނެލިއެވެ. 
"ނޫން، ތިހެން ނުބުނޭ ކިވީ، އޭނައާއި ދިމާލަށް އެއްޗެކޭ ނުބުނެބަލަ ހެޔޮނުވާނެ، ކަޔާން ބޭވަފާތެރިއެއް ނުވާނެ، އެއީ މަކަރުވެރިއެއްނޫން، ކަޔާން އަންނާނެ......" ލައިޝާ މޫނުގައި އަތްއެޅިއެވެ. ހިތަށް ތަދުވާވަރުން އޭނަ މަރުވެދާނެއެވެ. މިއަދު މިހިނގި ހާދިސާއަށްފަހު އޭނަ ކަޔާން މަތިން ހަނދާންވާން ފެށީ މާބޮޑަށެވެ. ބަނޑުގައި އޮތް ދަރިފުޅާއިމެދު ބިރުހީވާން ފަށައިފިއެވެ. އޭނައާއި ދަރިފުޅު ކަޔާންއަށް ބޭނުންވެފައިވާވަރު ކަޔާންއަށް އަންގައިދޭނީ ކިހިނެއްހެއްޔެވެ؟

"ވިޝާންއާއި ކަޔާން އެކީގައި އުޅޭއިރު އެދެމީހުން ކޮންމެފަދަ ވާހަކައެއްވެސް ހަދާފާނެ، އަހަންނަށް މިހާރު ގަބޫލުކުރަން ދަތިވަނީ ހަމަ، ލައިޝް ޕެރްގްވާއިރަށް ކަޔާން ގެއްލެންވީ ކީއްވެތަ؟ ކޮންމެވެސް ރޭވުމަކާއި ވައްތަރުވާން އުޅެނީ، ލައިޝް ފިރިހެނުންނަށް ތިހާ ޓްރަސްޓްކުރާކަށް ނުވާނެ، ވިޝާން އެންޖެލްއެއްހެން ހިޔެއްނުވޭތަ؟ އޭނައުޅޭ ވައްތަރަށް ކަޔާން ނޫޅެންވީ ސަބަބެއްނެތް، ލައިޝް ރަގަޅަށް ކިޔާދީބަލަ، ކޮންކަމެއް ތި ފޮރުވަނީ......" ކީވާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޒުލްމާ ބޯދިއްކޮށްލާފައި ކީވާ އެތަނުން ނުކުމެގެން އަންނަން އަމުރުކުރިއެވެ. ލައިޝާއާއި އަނގައިން ބުނުން މަނާކުރިއެވެ.
"މަންމާ ނަމާދުކޮށްގެން އެބަ އަންނަން." ކީވާ ދެރަވިއެވެ.
"އާން، ނަމާދުކޮށްލައިގެން ތިކޮޓަރިން ނުކުމެގެން އާދޭ، ތި ބަސްނާހާ އަންހެންކުއްޖާ އާއި ވާހަކަދައްކައިގެން ނުވާނެ، ސަލްމާވެސް އެންމެފަހުން އެއްޗެކޭ ކިޔާފައި ރައްޓެއްސެއްގެ ގެއަށް ދާށޭ ކިޔާފައި އެނުކުތީ، އޭނައަށްވެސް މިހާރު ވިސްނޭނެ، ލައިޝާ ބަނޑު ބޮޑޭ ކިޔާފައި އަދި އަމިއްލައަށް އައިދަން ގާތު ބޭޒާރުވީއެއްނު، ލަދެއްނުގަންނަ އަންހެންކުއްޖެއް، އަހަރެންގެ އަގުވެސް ވައްޓާލައިފި، މީހުންގެ ތެރެއަށް އަހަރެން ދެން ނުކުމެ އުޅޭނެ ގޮތެއް ނޭގޭ، އަދި މުޅި މާލޭގައި ތިވާހަކަ ފެތުރޭނެ، ހައްދު ޖަހަން ގެންދާނެ، ނޫހުގައިވެސް އިންނާނީ ތިވާހަކަ. ލަދުން މަރުވާވަރުވޭ........" ޒުލްމާ އެތިވަރު ގޮވާފައި އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލި އަޑު އިވުނެވެ. 

ކަޔާން ލައިޝާ އުޅޭތަނެއް ހޯދަން މަސައްކަތް ކުރާތާ ތިންމަސް ވޭތުވެގެން ދިޔައިރު އެއްވެސް އަލިމަގެއް ނުފެނުނެވެ. އޭނަގެ ދިރިއުޅުން މުޅިން ބޮއްސުން ލައިގެން ދާންފެށިއެވެ. ސިކުނޑި ފިނިވާ އެންމެ އިރެއްވެސް ނާދެއެވެ. ވިޝާންއާއި ޒިއާމް ދެއްކި ވާހަކައަކުން ހީވާން އުޅުނީ ލައިޝާ އައިދަންއާއިއެކު ފިލައިގެން ދިޔައީކަމެވެ. އެމީހުން އެ ވާހަކަ ދައްކަން ތިއްބާ ކަޔާންއަށް އަޑުއިވުނީ އިއްތިފާގަކުން ކަމަށް ކަޔާން ހީކުރިއެވެ. ގަސްތުގައި އެމީހުން ކަޔާންއަށް އިއްވަންވެގެން ދެއްކި ވާހަކައެއްކަން ކަޔާންއަކަށް ނޭގުނެވެ. އެއީ ވިޝާންގެ މޮޅު ރޭވުމެއްކަމެއް ކަޔާންއަކަށް ވިސްނައިގަންނާކަށް ނޭގުނެވެ. އޭނަ ޔަގީންކުރިގޮތުން އޭނަ އެތާހުރިކަން ވިޝާންއަކަށްވެސް ނޭގޭނެއެވެ. އެ ވާހަކަ އިވުނު ދުވަހު ކަޔާންގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. ހަގީގަތުގައިވެސް ލައިޝާ ފިލައިގެން ދިޔުމާއި އޭނަގެ އާއިލާއާއި ގުޅުމެއް ނުވަނީ ހެއްޔެވެ؟ އެމީހުންނަށް އޭނަ ލައިޝާއާއި ކައިވެނިކުރިކަން އެނގުނީ މާފަހުންނެވެ.

ކަޔާން އެވަރުންވެސް ލައިޝާއާއި ދޭތެރޭގައި ޝައްކުކުރާކަށް ނޫޅުނެވެ. އެކިގޮތްގޮތަށް ލައިޝާ ހޯދަން މަސައްކަތްކުރަނިކޮށް ހިޖާބުގައި ހުރި އަންހެންކުއްޖަކު ކީވާއާއި ވާހަކަދައްކަން ހުރިތަން ފެނުމުން ކަޔާންގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. ދެކުދިން މިނިޓަކަށްފަހު ދުރުވެ ދެމަގު ޚިޔާރުކުރިނަމަވެސް އެއީ ލައިޝާކަން ކަޔާން ދެނެގަތެވެ. ލައިޝާ އަރަން ދިޔައީ ވިލިމާލޭ ފެރީއަށެވެ.

"ތޭންކް ގޯޑް....." ކަޔާންގެ ހުދުދަތްތައް ފެންނަވަރަށް ހިނިތުންވެލާފައި ކާރުން ފައިބަން އުޅުނެވެ. އެތައް ދުވަހެއްވާންދެން އޭނަ ކުރި މަސައްކަތުން އޭނަގެ ލޯބިވެރިޔާއާއި ހަމަޔަށް ގެނެސްދީފިއެވެ. ލޯބިވާ ދެހިތް ވަކިކުރުވޭނެ ދުނިޔޭގެ ބާރެއްނެތްކަން ޔަގީންކުރެވިއްޖެއެވެ.

ކޮމެންޓް 0