"މަންމާ....." ލައިޝާ ޤަބޫލުކުރުން ދަތިގޮތަކަށް ފުރޮޅުލީ ގޮނޑީގައި އިން އޭނަގެ މަންމަ ޒުލްމާ އާއި ދިމާލަށް ބަލަން ހުރުމަށްފަހު އަވަހަށް މަންމަގެ ކައިރިއަށް ބިންމައްޗަށް ތިރިވެ އެ ދެއަތުގައި ހިފެހެއްޓިއެވެ. އޭރު ސަލްމާ އެއްފަރާތުގައި ފެންކަޅިވެފައި ބަލަހައްޓައިގެން ހުއްޓެވެ. އައިދަން އާއި ލައިޝާ ހަތަރުކަޅި ހަމަވުމުން އައިދަން ހިތާމަވެރި ގޮތަކަށް ހިނިތުންވެލިއެވެ. ހަމީދު ނިޔާވުމަށްފަހު އެމީހުންނަށް ލިބިފައިވާ ހިތާމަ އަދި މުޅިން ނުފިލަނީކަން ނޭގެއެވެ. ސަލްމާ އާއި އައިދަން ދަބަސް އެތެރެއަށް ވައްދަން ފެށުމާއި އެކު ކީވާ ވެސް ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު އައިދަން މަންމަގެ ގޮނޑި އެތެރެއަށް ވައްދަނީއެވެ. ކީވާ ދެލޯ ބޮޑުކޮށްލައިގެން ހުރީ ޤަބޫލު ނުކުރެވިފައެވެ. ޒުލްމާ ކީވާ އާއި ދިމާލަށް އަތްދިއްކޮށްލުމާއި އެކު ކީވާ ދުވެފައި އައިގޮތަށް ޒުލްމާގެ ކަނދުރާގައި އަތްއަޅުވާލިއެވެ. ލޯބިވާ ދެދަރިންނާއި ބައްދަލުވުމަށް އިރާދަކުރެއްވީތީ ހިތަށް ލިބުނު އުފާތައް ކަރުނައިގެ ސިފައިގާ އެ ދެލޮލުން ފެނުނެވެ.

ޒުލްމާ ގެ ހަށިގަނޑުގެ އެއް ފަޅީގައި ވާގިނެތުމުން ވާހަކަ ދައްކާކަށް އެހާ ފަސޭހައެއްނުވިއެވެ. ޒުލްމާ ވަރަށް މަސައްކަތުން ވާހަކަ ދެއްކީ ކަންތައް ހިނގިގޮތް ކުދިންނަށް އޮޅުން ފިލުވައިދިނުމަށެވެ. ޒުލްމާ ފަރުބަދަމަތީގެ ރަށަކަށް ފިރިމީހާ އާއި ދެމީހުން ދިޔުމަށްފަހު ފިރިމީހާ އުޅުނީ އެހެން އަންހެނަކާއި ރައްޓެހިވެގެންނެވެ. ޒުލްމާއަށް ސްޓްރޯކެއް ޖެހުމުން ހޮސްޕިޓަލަކަށް އެއްލާލާފައި އަންގައިވެސް ނުލާ ފުރައިގެން ދިޔައީއެވެ. ޒުލްމާ އެކަނިމާއެކަނި އޮވެގެން ކުޑަކޮށް ރަގަޅުވިތަނާހެން އެމީހުން ކުއްޔަށް ހިފި ގޭގައި އުޅުނު އެކުވެރިޔާ ގުޅައިގެން ޚަބަރު އޮޅުން ފިލުވިއެވެ. ސަލްމާއާއި ދިމާވީ އެ އެކުވެރިޔާގެ ސަބަބުންނެވެ. އެމީހުން ބޭނުންވީ ލައިޝާއާއި ކީވާއަށް ސަޕްރައިޒެއް ދިނުމަށެވެ.

މަންމަ ސަލާމަތްވީތީ ދެކުދިން ހެއްދެވިފަރާތަށް ޙަމްދުކުރިއެވެ.
"މިރެކްލްސް ޑޫ ހެޕެން، ކިވީ އަހަރެން ނުބުނަންތަ .......އެހެންވެ އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް ދުޢާކުރަންވީ، އަޑުއައްސަވާ ފަރާތެއް ވާކަން އަހަރެމެން ހަނދާންނައްތާލާކަށް ނުވާނެ...." ލައިޝާ ހީލާފައި ކީވާގެ އަތުގައި ޖަހާލިއެވެ.

"ލައިޝް، ބައެއްފަހަރު ހިތަށް އަރާ ލައިޝް އެކޭ އެއްފަދައިން ޕޮޒިޓިވް ވެވޭނެނަމައޭ....." ކީވާ އޭރުވެސް އޭނަގެ މަންމަގެ އަތުގައި ހިފިގޮތަށް ދޫކޮށެއްނުލައެވެ. މި ދުނިޔޭގައި އޭނަގެ މަންމައާއި ލައިޝާ ފިޔަވާ އިތުރުމީހެއް ނެތްކަން އޭނަ ދަނެއެވެ. މަންމަ ފެނުމުން އުފަލުންގޮސް ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އެއްފަހަރާ ލިބިފައިވާހެންނެވެ.

ކީވާއާއި ލައިޝާ އުޅެގަތީ މަންމަމެންނަށް ކައްކަންވެގެންނެވެ. އެންމެން އައުމުން ގޭތެރޭގެ ދިރުން ދެގުނަ އިތުރުވެ ލައިޝާއާއި ކީވާގެ މޫނުމަތިން ފެންނަނީ އުފަލުން ފުރިފައިވާކަމުގެ އަސަރުތަކެވެ. ވެހެމުންދިޔަ ވާރެއާއި ބަނަކަމަކަށްވެސް އެކުދިންގެ އުފާވެރިކަން ފަނޑުކޮށެއްނުލެވުނެވެ. މާ ގިނައިރުތަކެއްނުވެ ކީވާއާއި ލައިޝާއާއި ދެކުދިންވެގެން ކާން ހަދާފައި އަނބުން ޖޫސްހެދުމަށްފަހު އެންމެން ކާން އެރިއެވެ. ގިނަމީހުން ތިބުމުން އަފްރާޒު ފަރުވާލެއް ނުބަހައްޓައި އޭނަ އާއްމުކޮށް ކާވަރަށް ކަމުން ދާތަން ފެނުމުން ލައިޝާ އިނީ ހިނި އަންނަގޮތްވެފައެވެ. އަފްރާޒު ލަދެއް ނުގަނެއެވެ. އެހެންމީހުން ހުސްކޮށްލަފާނެތީ ފުރަތަމަވެސް އެޅީ ތަށި ފުރިގެން ބަންޑުންވާހާ ވަރަށެވެ. ސަލްމާ ދޭތެރެއަކުން ފެންކަޅިވަނީ ބައްޕަ ހަނދާންވީމަކަން ނޭގެއެވެ. ސަލްމާ ބުނިގޮތުން ދެން ޒުލްމާވެސް އުޅޭނީ މިގޭގައެވެ. އައިދަން ވަޒީފާއަށް ދާންފެށީމަ ގޭގެ ޚަރަދުތައް ބެލެހެއްޓޭނެއެވެ. 

ލައިޝާގެ ޢާއިލާއަކީ ދެން މިއީކަން އޭނައަށް ގާތްގަނޑަކަށް ޔަޤީންވިއެވެ. މަންމައާއި ކީވާގެ އިތުރުން މަންމަގެ އެންމެ ގާތް އެކުވެރިޔާ އާއި ފިރިހެންދަރިފުޅު އަދި މާމަ ދަރިފުޅަކީ ބޭނުންވިޔަސް ނުވިޔަސް އެއް ފުރާޅެއްގެ ދަށުގައ އުޅެން ތިބި ބަޔެކެވެ. އަމިއްލަ މިނިވަންކަން ގެއްލި ބޭނުންހާ ހެދުމެއް ލައިގެން ނޫޅެވޭނެތީ ދެރަވިޔަސް ލައިޝާއަށް މިނޫންގޮތެއް ނެތްކަން އެނގުނެވެ.

ކޮޓަރިތައް ބަހައިލިއިރު އެންމެ ކުޑަކޮޓަރި ލިބުނީ އައިދަންއާއި އަފްރާޒު އަށެވެ. ޖެހިގެން ހުރި ކޮޓަރި ދެ މަންމަ އިންނަށެވެ. ލައިޝާމެން މިހާރުވެސް ދިރިއުޅޭ ކޮޓަރި އެކުދިންނަށެވެ. ވިއްސާރަކަމުން އިރުއޮއްސުނީމަ ނަމާދުކޮށްލައިގެން ކެއުމަށްފަހު އެންމެންވެސް ބޭނުންވީ ކޮޓަރިތަކަށް ވަދެ ރަޖާތަކުގެ ހޫނުކަން ހޯދުމަށެވެ. ލައިޝާ ހުރީ މަންމަ ބުނަން އުޅުނު ސިއްރު އަހާ ހިތުން ކެތްނުލަވާފައެވެ. ނަމަވެސް މިރޭ ދެން ވަގުތެއް ނުވާނެކަން އެނގުމުން އޭނަވެސް ނިދަންވަނީއެވެ. 

އިރުއެރުމާއިއެކު ލައިޝާ ގެއަށް އައުމަށްފަހު މަންމައާއި އެކަނިވެލާނެ ފުރުސަތެއް ހޯދައިގެން އެ ސިއްރު އަހައިލުމުން ހީލާފައި ބުނެލީ އައިދަންއާއި ލައިޝާގެ ކައިވެނި ކުރުވަން ސަލްމާ އެދިފައިވާކަމަށެވެ. ލައިޝާގެ ހިތަށް ވީ ނުބައި ގޮތެކެވެ. އެ ވާހަކަ އިތުރަށް ކުރިއަށް ގެންދާން ބޭނުން ނުވުމާއިއެކު ވަގުތުން ވާހަކަ އޮޅުވާލާފައި ލައިޝާ ހުރިނަމަވެސް ހިތުގެ ހައިޖާނު ބޮޑުވިއެވެ. އައިދަންދެކެ ކޮންމެވެސް ވަރަކަށް ފޫހިވާގޮތްވިއެވެ. އެހެންނޫންނަމަ އައިދަންގެ ލާނެތްކަމާއި އެ އަޅިދެލޮލުގެ ސަބަބުން އޭނަވަނީ އަންހެންކުދިންގެ ތެރޭގައި މަޝްހޫރު ޒުވާނަކަށްވެފައެވެ.

އައިދަންއަށް ވަޒީފާ ލިބުނީ ހޮޓެލްތައް އަޅާ އެހެން ކުންފުންޏަކުން ކަމަށްވާތީ "ކެންޒިޔާ " އާއި ވަރަށް ވާދަވެރިކަން އޮންނާނެކަން ލައިޝާ ދަނެއެވެ. އެމީހުންވެސް އުޅޭނީ ކެންޒިޔާއަށް އަށްވުރެ ކުރިން ޕްރޮޖެކްޓްތައް ހޯދާށެވެ. ލައިޝާގެ ހިތުގައި އައިދަންއާއި މެދު ޝަކުވާ އުފެދެންފެށީ އެތައް ގޮތަކުންނެވެ. ރަގަޅަށްވިއްޔާ އައިދަންގެ ގާތުގައި އޭނަގެ މަންމަ އޮންނާނީ ހުރިހާ ވާހަކައެއް ދައްކާފައެވެ. އޮފީހަށް ދާއިރު އައިދަންގެ ސައިކަލުގައި ފޮނުވަން ބާރުއަޅަނީ އެހެންވެކަން ނޭގެއެވެ. ލައިޝާ ބުނަނީ ހިނގާލާފައި އުޅުނީމަ މާ ފަސޭހަކަމުގައެވެ. އެހެންނޫނަސް އެމީހުންގެ ރޭވުން ހާމަވުމަށްފަހު އެއްގޮތަކަށްވެސް އޭނަ އައިދަން އާއި އެކީގައި އުޅޭކަށް ބޭނުމެއް ނޫނެވެ.

ޖެހިގެން އައި ދުވަހަކީ ބަންދުދުވަހަކަށްވާތީ ލައިޝާ ފޫހިވިއެވެ. ގޭގައި ހުރެއްޖެއްޔާ އިންތިހާއަށް މޫޑު ގޯސްވެދެއެވެ. މިއަދުވެސް ކީވާ ސަމްރާގެ ދަރިފުޅު ބަލާދޭން ދިޔައެވެ. އެހެންވީމަ ލައިޝާ ވަކިން ފޫހިވިއެވެ. އަފްރާޒު އާދައިގެ މަތިން ސޯފާއެއްގައި ވެޑުވިގެން ޕޮޕްކޯން ބޯތަށްޓަކަށް އަތްބާނައިގެން ކާން އިނެވެ. އޭނަގެ މާމަ އާއި ބޮޑުބޭބެ އެކުއްޖާދެކެ ވާ ލޯތްބަކުން ބޭނުން ކޮންމެ އެއްޗެއް ގެނެސްދޭން ތައްޔާރަށް ތިބެއެވެ. ސަލްމާ ފެންވަރަން ވަނުމުން ޒުލްމާ އުޅުނީ ލައިޝާ ގާތުގައި އެކޮޓަރީގައެވެ. ޒުލްމާ އަނެއްކާވެސް ފެށީ އައިދަން އާއި ލައިޝާގެ ކައިވެންޏާއި ބެހޭ ގޮތުންނެވެ. ސަލްމާ ވެދީފައިވާ އިޙުސާންތެރި ކަމުގެ ބަދަލުގައި ކޮންމެހެންވެސް މިކަން ކޮށްދޭން ޖެހޭކަމަށް ޒުލްމާ ތަކުރާރުކޮށް ބުނެލިއެވެ.

"މަންމާ، އަދި އަޅުގަނޑު އެބަޖެހޭ ޑިގްރީހަދަން، ދެތިން އަހަރުފަހުން ނޫނީ މީހަކާއި އިންނާކަށް ޚިޔާލެއް ނުކުރަން، އެހެންނޫނަސް އެއްވެސް ވަރަކަށް އައިދަންދެކެ އަޅުގަނޑު ލޯތްބެއް ނުވޭ މަންމާ..." ލައިޝާއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށި ރާގަކަށެވެ. މަންމަ އެވާހަކަދައްކާލެއް ގިނަކަމުން ހިމޭނުން ހުރެވޭނެ ގޮތެއްވެސް ނެތީއެވެ. ހިމޭނުން ހުރުމަކީ އެއްބަސްވުން ކަމަށް ބަލާފައި މަންމަމެން އެ ކައިވެނި ހަމަޖައްސައިފިއްޔާ ކިހާ ދެރަވާނެހެއްޔެވެ؟

"ލައިޝާ މަންމަ ގާތު ވަޢުދުވާންވީ އައިދަން ނޫން މީހަކާއި ކައިވެނިނުކުރަން، ޚާއްސަކޮށް މާލޭ މީހަކާއި އިނދެގެން ނުވާނެ....." ޒުލްމާ އިނީ ފެންކަޅިވެފައެވެ.

"ކީއްވެ މަންމާ...." ލައިޝާގެ ހިތަށް ތަދުވިއެވެ.

"ސަބަބަކީ މަންމައަށް މާޒީގައި ލިބިފައި ހުރި އަނިޔާ، މާލޭގެ މުއްސަދި ޢާއިލާއެއް މަންމަގެ ޒުވާންކަން ނަގާލި، މަންމަ އާއި މެދު ކަންތައް ކުރީ އިންސާނަކާއި މެދު ކަންތައް ކުރާ އުސޫލަކުން ނޫން، މަންމަގެ ދިރިއުޅުން އެމީހުން ނަރަކައަކަށް ހަދާލި.........." ޒުލްމާ އަސަރާއިއެކު ބުނެލިއެވެ.

"ކާކުތަ؟ ކޮންބަޔެއްތަ؟ މަންމައަށް ކީއްކުރީތަ؟ " ލައިޝާ އެފަހަރާ އެތައް ސުވާލުތައް ކުރިއިރު ދެބުމަވަނީ ގުޅިފައެވެ.

"މަންމަގެ ކޮއްކޮއަކު ހިތުގެ މައްސަލައެއް ޖެހިގެން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނީ، މާމަ މާލޭގެ މުއްސަދި ބަޔެއްގެ އެހީއަކަށް އެދިގެން ދިޔައިމަ ބުނީ ހުރިހާކަމެއް ކޮށްދޭނަމޭ އެކަމަކު ކުޑަ ޤުރުބާނީއެއް ވާން ޖެހޭނެޔޭ، އެ ގޭގެ ވެރިޔާގެ އަންހެނުންނަކީ ދަރިން ލިބުމުން މަހުރޫމްވެފައިވާ އަންހެނެކޭ، އެހެންވީމަ ދެއަންބަށް އެ ފިރިހެން މީހާއާއި އިނދެފައި ދަރިއެއް ލިބުނީމަ އެދަރިފުޅު ދީފައި ޒުލްމާ ރަށަށް އަންނަންވީއޭ، މާމަ ވަގުތުން އެކަމަށް އެއްބަސްވި، އެހާ މުއްސަދި ބަޔެއްގެ ދަރިއަކު ވިހެއުމާއި ބޭރު ޤައުމެއްގައި އަހަރެއްވާންދެން އަރާމުގައި އުޅެލަން ބޭނުންނުވާނީ ކާކުތަ؟ މަންމަ އެހާ ފަސޭހައިން އެއްބަސްނުވި ސަބަބަކީ މަންމަ އޭރު މީހަކާއި ރައްޓެހިވެގެން އުޅޭތީ، މާމަ ބުނާގޮތަށް ނަހަދައިފިއްޔާ އަމިއްލައަށް މަރުވާނެކަމަށް މާމަ އިންޒާރުކުރި، އެހެންވެ ބިރުން މަންމަ އެމީހުންނާއި އެކީގައި ފްރާންސަށް ދިޔައީ، މާމަ ހީކުރިފަދައަކުން ނޫން އެކަންތައް ދިޔައީ، އެމީހުން މަންމަ ބޭނުންކުރީ އެހެން ގޮތަކަށް، ސަރޮގޭޓް މަންމައަކަށް ހަދަން ގެންދިޔައީ، އެ ފިރިހެންމީހާ ދުވަހަކުވެސް މަންމައާއި ގުޅުމެއް ނުބާއްވާ، އެކަމަކު އެމީހުން ބޭސްކާންދީފައި އިންޖެކްޝަންޖަހާ އެތައް އަނިޔާތަކެއް ދީގެން އެންމެ ފަހުން މަންމަ ފިރިހެންކުއްޖަކަށް ބަލިވެއިނީ، އެއީ ބޮޑު އަނިޔާއެއް، ސަބަބަކީ އަބަދު ބޭސްކައި އިންޖެކްޝަން ޖަހަންވީމަ، އެހެންނޫނަސް އެގޭ ވެރިމީހާގެ އަންހެނުން މަންމައާއި ދޭތެރޭ ކަންތައްކުރީ ނާއިންސާފުން، ކޮޓަރިއެއްގައި ބަންދުކޮށްލައިގެން އުޅުނީ، ކޮށްޓެއްގައި ގެންގުޅޭފަދައިން، އޭނަ ކާންދޭ އެއްޗެއް ކެވެނީ، އެގެއަށް އަންނަ ބަޔަކާއި ބައްދަލެއް ނުކުރެވޭ، އެންމެ ފަހުން ދަރިފުޅު ވިހެއުމަށްފަހު ދުވަސްކޮޅެއްވާންދެން ގާތުން ދިނިން، އެދުވަސްކޮޅު އަދި ވަކިން މަންމައަށް ނުބައިކޮށް ހެދީ، ރަށަށް ފޮނުވަން އުޅުނު ދުވަހު ފައިގާ ހިފާ އާދޭސްކުރިން، ދަރިފުޅު ދިނުމަށް އެދި ރުއިން، އެ އަންހެންމީހާއަކީ ދަރިފުޅުގެ ހަޤީޤީ މަންމަ ކަމުގައިވިޔަސް އެ ދަރިފުޅު އަށަގަނެ ބޮޑުވީ މަންމަގެ ބަނޑުގައި ކަމަށްވާތީ އެތުއްތު ކުއްޖާ ފެނުމުން އިންތިހާއަށް ލޯބިވެވުނު، އަމިއްލަ ދަރިއެއްކަމުގައި ދެކުނީ، ނަމަވެސް އެމީހުން އެއްވެސް ރަޙުމެއް ނެތި ދަރިފުޅު ގޮވައިގެން އެހެން ތާކަށް ފުރީ މަންމަ ރަށަށް ފޮނުވާލާފައި، އެމީހުންގެ ނަމެއްވެސް ނޭގޭ، މަންމަ ކިޔަންޖެހެނީ މެޑަމް އޭ........" ޒުލްމާގެ ދެލޮލުގައިވާ ކަރުނަތައް ކޮންމެ ވަގުތަކުވެސް އެސްފިޔަތައް ފޫދުއްވާފައި އޮހިގެންފާނެހެން ހީވިއެވެ.

ލައިޝާ ގަނޑުވެފައިވާ ބުދެއްފަދަ އިންއިރު ފެންކަޅިވަމުން ދިޔައެވެ.

"މަންމާ، އެކުއްޖާގެ ނަމެއް ނެތްތަ؟ މަންމަގެ ދަރިއަކަށްވާނަމަ އެވާނީ އަހަރެންގެ ބޭބެއަކަށް ނޫންތަ؟ މަންމާ، ބޭބެ މިހާރު ދުނިޔޭގައި އުޅޭނެތަ؟ " ލައިޝާއަށް މަންމަގެ ހިތަށް ލިބޭނެ އަނިޔާ އިޙުސާސްވިއެވެ.

"އެ އަންހެންމީހާ ދަރިފުޅަށް ގޮވާ އުޅުނީ ބޭބީ އޭ، ދިން ނަމެއް މަންމައަކަށް ނޭގޭ، މަންމަގެ ގާތަށް ދަރިފުޅު ގެންނަނީ ކޮންމެ ފަހަރަކު ކިރުދޭންވީމަ، އެކުއްޖާ ވައްތަރީ މަންމައަކާއި ނޫން، ލައިޝާ، އެ އަންހެންމީހާ ދެކެ މަންމަ އިންތިހާއަށް ނަފްރަތުކުރަން، އެހާ ފޮނި ބޮޑާ އަންހެނެއް ދުނިޔޭގައި ހުންނާނެކަމެއް ނޭގޭ، ކިބުރުވެރިކަމުގެ އިންތިހާ، އޭނަ މަންމަގެ ގައިގާ އިސްތިރި ޖެއްސި، މަންމަގެ ގައިގާ ތަޅައިގަނޭ، މޫނުމަތީގައި ޖެހީ ކިތައްފަހަރު ކަމެއްވެސް ނޭގޭ، ބޭބީ ލިބުމަށްފަހުގައި މައްސަރެއްގެ ތެރޭގައި ފީޑްކުރުން ހުއްޓުވި، އެއަށްފަހު މަންމަ ރަށަށް ފޮނުވާލަން އުޅުމުން އާދޭސްކޮށްގެން އެގޭގައި ނޯކަރަކަށް ހުރީ، އެކަމަކު މަންމަގެ ޚަބަރު ރަށަކަށް އެންގޭނެ ގޮތެއްނުވި، ފޯނެއް އެއްޗެއްވެސް އަތަކު ނެތް، ދަރިފުޅު ލޮލަށް ފެނިލުން ފިޔަވާ އެހެން ކަމެއް ނުކުރެވޭ، އެރަށު މީހަކާއި ދިމާވިޔަސް އެމީހުންނާއި ވާހަކަދައްކަން އެނގެނީއެއްނޫން، ނަމަވެސް އެކުޑަ ދަރިފުޅު ލިބުމުގެ އުއްމީދުގައި މަޑުކުރީ.........." ޒުލްމާއަށް ވާހަކަ ނުދެއްކިގެން ހުއްޓާލައިފިއެވެ.

"ދެން ކިހިނެއްވީތަ މަންމާ....." ރުޅިގަދަވެގެންގޮސް ލައިޝާގެ މޫނު ރަތްވިއެވެ. އެނުބައި އަންހެނާ އޭނައަށް ފެނިއްޖެއްޔާ މޫނުމަތި ނޮޅާލާނެއެވެ. މަންމައަށް ޖެއްސި ބިކަ ޙާލުގެ ސަބަބުން އެ އާއިލާދެކެ ލައިޝާގެ ހިތުގައި އުފެދުނު ނަފްރަތުގެ އަލިފާން މުޅި ހަށިގަނޑުގައި ހިނގާލާ ބަދަލު ހިފުމުގެ ޝުޢޫރު ހިތުގައި އާވިއެވެ. ދަރިން ނުލިބޭމީހުންވެސް އެހާ ރަޙުމްކުޑައެވެ. ތިމާއަށް ދަރިއަކު ހަދިޔާކުރި މީހާއަށް ހިތުގައި ރަޙުމެއްނުވާނީ އިންސާނެއް ނޫނެވެ. ޝައިތާނެކެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެ ރަޙުމްކުޑަ އާއިލާ ހޯދާފައި އެމީހުން މުޅި މާލެއަށް ބަދުނާމުކުރާނެއެވެ. މަންމައަށް ދިން އަނިޔާގެ ބަދަލު ހިފާނެގޮތްތައް އޭނައަށް ނޭގެނީއެއް ނޫނެވެ. މުއްސަދިން އެހާ ނުބައިވާން ޖެހޭހެއްޔެވެ؟

ޒުލްމާގެ އެސްފިޔަތަކުގައިވާ ކަރުނަތަކަށް ނުކުޅަދާނަވެގެން ތިރިއަށް ދެމިގަތެވެ. ބައެއް ވާހަކަތައް ކިޔައިދޭންވެސް އޭނަ ފަސްޖެހުނެވެ. މިވަގުތު އެ ވާހަކަ ކިޔައިދޭނެ ހިތްވަރެއް ޒުލްމާގެ ނެތެވެ. އެ ސިއްރު އިހަށް ހިތުގައި ފޮރުވާފައި ބާއްވާނީއެވެ. އެކަން އެނގިއްޖެއްޔާ ލައިޝާގެ ހިތުގައިވާ ނަފްރަތު ހުޅުފަޅައިގެން ހިނގައިދާނެކަން ޔަގީނެވެ. ކީވާއަށް އެއިން އެއްވެސް ވާހަކައެއް ކިޔައިދޭން ޒުލްމާ ބޭނުން ނުވީ ކީވާގެ މިޒާޖު އެނގޭތީއެވެ. ހިތްބަލިކަމުންނެވެ. ލައިޝާފަދައިން ހިތްވަރުގަދަ ކުއްޖަކަށް ނުވާނެކަން އެނގޭތީއެވެ. އެހެންނޫނަސް އެ ހަގީގަތް ލައިޝާއަށް އެނގެން މަޖުބޫރެވެ. ނޭގިހުރެ އަމިއްލަ ބޭބެ އަކާއި ރައްޓެހިވުމުގެ ފުރުސަތު އޮތީ ލައިޝާ އަށެވެ.

"ކެންޒިޔާ " ކުންފުނީގެ މައި އޮފީހަށް ލައިޝާ ވަދެގެން ދިޔައިރު ރިސެޕްޝަނުގައި ތިބި އާފްރާ އާއި ސަނާ އާދައިގެ ނަޒަރަކުން ބަލައިލުމަށްފަހު ދުރަށް ބަލައިލިއެވެ. ލައިޝާއާއި ޖައްސާލާފައި އުޅޭ ސަބަބެއް ނޭގުނަސް އޭނަ ރަސްމީކޮށް ވާޖިބު އަދާކުރަންވެގެން ފެނުނު ކޮންމެ މުވައްޒަފަކާއި ހީލަމުން ސަލާމްކުރިއެވެ. އެއަށްފަހު އާދައިގެ މަތިން އެންމެ ފުރަތަމަވެސް ކަޔާންގެ ކެބިންއަށް ވަދެ އެތަން ރީތިކުރީ އަމިއްލަ ކޮޓަރި ސާފުނުކުރާނެހާ ލޯބިންނެވެ. އޮފުއަރާވަރަށް ރީތިކޮށްލުމަށްފަހު އަބަދު ދަމާލާފައި ހުންނަ ކާޓެންތައް ކަހާލައިފިއެވެ. އަދި ލައިޝާއަށް އެންމެ މީރުވަސްދުވާ އެއަރފްރެޝްނަރއަށް ބަދަލުކުރިއެވެ. ގިނަ އެއަރފްރެޝްނަރގައި ތެލޭޓް ކިޔާ ކެމިކަލް އެއް ހުރުމުން އެއީ އާއްމުންނަށް ނޭގުނަސް ކެންސަރު ޖައްސާ މާއްދާއެއްކަން ލައިޝާ ދަނެއެވެ. މީރުވަސް ދުއްވަން އެފަދަ އެއްޗެހި ބޭނުންކުރާއިރު އެއީ ފަހުން ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވާ އެއްޗެއްކަން ވިސްނާނީ ކިތައް މީހުން ހެއްޔެވެ؟ ކާރަށް އަރާއިރު ގިނަފަހަރަށް ބޯ އަނބުރައިގަންނަނީ އެ ކެމިކަލްތަކުގެ ސަބަބުންނެވެ.

ކަޔާން އާއްމުކޮށް އޮފީހަށް ދުރުވާނީ ދިހައެއްޖަހާ އެހާކަށް ހާއިރުއެވެ. މިއަދު ކަޔާން ދުރުވުމުން ކޮފީ ގެންގޮސްދޭނީއެވެ. އެހެން މީހުންނާއި އެކީގައި ކޮފީ ރޫމަށް ލައިޝާ ނުދަނީ އެކަކުވެސް އެކުވެރިވާން ބޭނުން ނުވާތީއެވެ. އޭގެ ސަބަބު ލައިޝާ ހޯދާނެއެވެ. ކަޔާން ދުރުވާން ވާ އިރަށް އިންތިޒާރުގައި އިނީ ކެތްތެރިކަމެއް ނެތިއެވެ. ކަޔާން އެ ކެބިންއަށް ވަދެފައި ޑެކަރޭޝަނާއި މެދު ހިތްހަމަޖެހޭނެ ހެއްޔެވެ؟ އަތުގައި ލާރިނެތް އިރުވެސް އޭނަ ގަނެގެން ގެނައި ލިލީ މާބޮނޑި ފާހަގަކުރާނެ ހެއްޔެވެ؟ ކާޓެން ލޮލުގައި އަޅައިގަންނާނެބާވައެވެ. ލައިޝާ ފަންސުރުގެ ކޮޅު އަނގައިގާ ޖައްސާލައިގެން ޚިޔާލެއްގައި އިންދާ ކަޔާން ކެބިންއަށް ވަންތަން ފެނިފައި ހިތަށް ގޮތެއްވިއެވެ. އަބަދު އެކުރުވާ އިހުސާސްތަކަށް ދެގޮތްވުމެއް ނެތެވެ. ލައިޝާ އަވަހަށް ތެދުވެގެން ހިނގައިގަތީ ސައިކޮޓަރިއަށެވެ. ނަސީބަކުން އެގަޑީގައި އެހެން މީހަކު އެތާގައި ނެތެވެ. އޮފީސް ޚަރަދުގައި ކިރާއި ހަކުރު އަދި ކޮފީފަދަ އެއްޗެހި ގަނެފައި ހުރެއެވެ. ކެއުންފަދަ އެއްޗެއްސަށް އޯޑަރުކޮށްގެންވެސް ސައިބުއިމާއި މެންދުރު ކެއުންތައް އޮވެއެވެ.

ލައިޝާ ކޮފީތަބައް ހިފައިގެން ކެބިންއަށް ވަނުމުން ކަޔާންގެ ރީތި ދެލޮލުން ކުޑަ ހައިރާންކަމެއް ފެނިލިޔަސް ވަރަށް އަވަހަށް ހަމަޖެހިލާފައި ހިނިތުންވެލަމުން ޝުކުރުއަދާކުރިއެވެ. ލައިޝާގެ ހިތަށް ބުނެދޭން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. ކަޔާންގެ ރީތި މޫނަށް ބަލަން އެގޮތަށް ކުރިމަތީގައި އަބަދަށް ހުރެވޭނެނަމައެވެ.

"ވަރަށް މީރު، ލައިޝާ ކައްކަން ވަރަށް މޮޅުވާނެހެން ހީވޭ...." ކަޔާންގެ އެ ތަޢުރީފުން ލައިޝާގެ ހިތް އުދުއްސައިގަތެވެ. އެހާ ހިތްއުފާވާނެފަދަ ބަހެއް އެހެން މީހެއްގެ ފަރާތުން ދުވަހަކު އިވޭނެކަމެއް ނޭގެއެވެ. ކަޔާންގެ ދުލުން ބުނެލާ އާދައިގެ ބަހަކުންވެސް ލައިޝާގެ ހަލަބޮލި ހިތަށް ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއް ގެނެސްދެއެވެ.

"ލައްބަ......." ލައިޝާ އަކީ އަނގަގަދަކުއްޖަކަށް ވާތީ އިތުރު ވާހަކަތައް ދައްކާހިތުން ކެތްކުރެވެނީއެއް ނޫނެވެ.

"ކަޔާން ސަރ....." ލައިޝާ ކުޑަކޮށް އަޅައިގެންފާ ކަޔާންގެ ނަމުން ގޮވާލުމުން ކަޔާން އިސްއުފުލާފައި ބަލާލުމުން ލައިޝާގެ މޫނުރަތްވާން ފެށިއެވެ.

"އަޅުނގަޑު އެއްޗެއް އަހާލިޔަސް ހެޔޮތޯ......" ލައިޝާގެ ހިތް އެންގީ ވަގުތުގެ ބޭނުން ހިފުމަށެވެ. ކަޔާންއާއި މިގޮތަށް އަމިއްލަ ޒާތީ ވާހަކައެއް ދެކުމަކީ ކަޔާންގެ މިޒާޖު ހުންނަގޮތުން މާ ފަސޭހަކަމަކަށް ނުވެހިނގައިދާނެއެވެ. ކަޔާންއަކީ ތަނުގެ ޒިންމާދާރު އިސްވެރިޔަކަށްވާތީ އެހެން މުވައްޒަފުންނާއިއެކު ސައިކޮޓަރިއަށް ގޮސް ސަކަރާތްޖަހާލާ ނޫޅެއެވެ. ނަމާދުކުރާ ބަޔަށްވެސް އޭނަ ދާކަށް ނުޖެހެއެވެ. މިކެބިންގައި ވަކި ތަންކޮޅެއް ނަމާދަށް ޚާއްސަކުރެވިފައިވެއެވެ. އެހެންނޫނަސް ފިރިހެނުންވެއްޖެއްޔާ މިސްކިތަށް ދާނެތާއެވެ. 

ކަޔާން ހަމަޖެހިލާފައި އެ ބޮޑު ލެދަރ ގޮނޑިއަށް ލެނގިލަމުން ބަލައިލިގޮތަކުން އަދި ލައިޝާގެ ހިތުގެ ތެޅުން ބާރުވެ އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. މިހާރު ކަޔާންގެ ހުރިހާ ސަމާލުކަމެއް ލައިޝާއަށް ހުއްޓިފައިވެއެވެ. އެ ތޫނު ދެލޮލުން ލައިޝާގެ ހިތަށް އެ ސިކުންތުކޮޅު އެތައް ތީރުތަކެއް ހަރާލައިފިއެވެ. ލަދުން ހުރެވުނު ތަނެއްވެސް ނޭގުނެވެ. ލައިޝާ އަވަހަށް އެސްފިޔަތައް ތިރިކޮށްލަމުން ރަކިގޮތަކަށް އަހާލީ މިތާ މުވައްޒަފުން އޭނައާއި ވާހަކަނުދައްކަނީ ކަޔާން އެއްޗެއް ބުނެގެންތޯއެވެ. އޮޅިގެން ހޮވުނުކަން އެމީހުންނަށް އެނގުނީމަ ހެއްޔެވެ؟

"ނޫނޭ ލައިޝާ.....ހީވޭތަ އަހަރެން ބުނާނެހެން......." ކަޔާން އިނީ މަޖާވެފައިކަން ނޭގެއެވެ. އޭނައަށް ލައިޝާ ރަކިވާވަރު އެނގުނީކަން ނޭގެއެވެ. ފަހުން އިނީ ނުދެނެހުރިކަމަށް ހަދާލައިގެން ފޯނާއި ކުޅެލަ ކުޅެލައެވެ.

"ތޭންކްސް......" އިތުރަށް ކިޔާނެ އެއްޗެއް ނެތުމުން ލައިޝާ މަސައްކަތްކުރަން ދިޔައެވެ.

"ސަރ ވަން މޯރ ތިންގް، ސަރ އުޅެނީ އަޅުގަނޑުމެންގެ އެޕާޓްމެންޓްގައިތޯ......" ލައިޝާ ލަދުންހުރެވެސް އަހާލައިފިއެވެ.

"އަހަރެން އުޅެނީ އެކަނި........" ކަޔާން ކުޑަކޮށް ހީލިއެވެ. 
"ފެމެލީއެއްވެސް ނެތީތޯ؟ "ލައިޝާ އަށް ކޮންމެހެންވެސް އެ ކަންތައް އޮޅުން ފިލަން ބޭނުމެވެ.
"އެކަނި އުޅޭނީ އެހެންވީމައެއްނު، ހާދަ ވަރަކަށޭ ސުވާލު ތިކުރަނީ......" ކަޔާން ވާހަކަދެއްކީ އެކުވެރި ގޮތަކަށެވެ. ބޮސްއަކަށްވުރެ އެކުވެރިއެއް ފަދައިންނެވެ. ކަޔާން އިތުރަށް ޒާތީ ވާހަކަ ހިއްސާކުރަން ބޭނުން ނުވީކަން ނޭގެއެވެ. ތަންކޮޅެއް ސީރިޔަސް މޫޑަކަށް ބަދަލުވެ މަސައްކަތާއި ބެހޭގޮތުން ވާހަކަދައްކަން ފެށުމުން ލައިޝާ އަކަށް އިތުރަށް އޮޅުން ފިލުވާކަށް ނުކެރުނެވެ. 

ލައިޝާ ދޭތެރެއަކުން ކޮންމެހެން ދާން ޖެހިގެން އެޗް އާރު، ފިނޭންސް، ޕްރޮޖެކްޓްސް، ސޭލްސް އެންޑް މާކެޓިން، އަދި ސަޕޯޓް ސާވިސް ޑިޕާޓްމެންޓަށް ވަދެލިޔަސް އެންމެން ތިބެނީ އޭނައާއި ދިމާލަށް ބަލާވެސް ނުލަން ހުވާކޮށްގެންހެން ހީވެއެވެ. ލައިޝާގެ ހިތަށް އެދުވަހު އަސަރުކުރިއެވެ. ކީވާފަދައިން އުއްމީދު ކަނޑާނުލިޔަސް މިތާ މުވައްޒަފުން ކަމަކާއި ނުލައި އޭނަދެކެ ރުޅިއައިމަ މަސައްކަތްކުރަން ހާދަ އުދަގޫވާނެއެވެ. މަތިން ބައިންޖެހިގެން އޭނައަށް އެމީހުންނާއި ވާހަކަދައްކާކަށްވެސް ފަސޭހައެއްނޫނެވެ. ލައިޝާ އެކިރޮގުރޮގުން ވިސްނާވެސް ހަނދާނެގޮތެއް ނޭގުނެވެ.

ލައިޝާގެ އުފަންދުވަހު ކީވާ ކޭކެއް އަޅައިގެން ކުޑަގޮތަކަށް ފާހަގަކުރިއެވެ. ނަމަވެސް ލައިޝާހުރީ އުފަލަކުންނޫނެވެ. އެންމެ ބޭނުންވާ މީހާގެ ފަރާތުން ހެޔޮއެދުން ނުލިބުނީމަ މި އުފާވެރި އުފަންދުވަސް ހަލާކުވެގެން ދިޔައީކަމަށް އޭނަ ނިންމިއެވެ. އޮފީހުގެ ޓީރޫމްގައި ހުންނަ ނޯޓިސް ބޯޑުގައި އެންމެންގެ އުފަން ތާރީޚު ޖަހާލާފައިވިޔަސް ލައިޝާގެ އުފަން ދުވަސް އެކަކަށްވެސް މުހިއްމު ނުވީކަން ނޭގެއެވެ. އެދުވަހު ދިހައެއް ޖަހަންދެން ލައިޝާ އުޅެންޖެހުނީ ނިކަން އަވަދިނެތިއެވެ. އެކި ސްޓާފުން އޭނައާއި ކަންކަން ހަވާލުކޮށްފައި އުޅުނުގޮތުން ހީވަނީ ގަސްތުގައި ކުރާ ޖެއްސުމެއްހެންނެވެ. ދިހައެއް ޖަހަންއުޅެނިކޮށް ސަމާހު ގުޅާފައި އެންގީ ބޮސް ވިދާޅުވެގެން ސައިކޮޓަރިއަށް އައިސްދިނުމަށެވެ. ލައިޝާ ތިރިއަށް ފޭބިއިރު އޭނަގެ ހިތްވަނީ އަވަސްވެފައެވެ. އޭނަ ކުށްވެރިވީހެއްޔެވެ؟

ކޮމެންޓް 0