"ލައިޝް ފިލައިގެން އުޅެނީ ކީއްވެތަ؟ ވިލިމާލެއަށް ބަދަލުވީ ކީއްވެތަ؟ ވިޝާން ބުނިހެން އައިދަންގެ ގެއެއްގައިތަ ލައިޝް ތި އުޅެނީ ؟ އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ....." ކަޔާންގެ އުފާވެރިކަން ފަނޑުވާން އުޅެފައިވެސް އެ ހިނިތުންވުން ތުންފަތުން ފިލައިގެނެއް ނުދިޔައެވެ. ލުއިކޮށް އެއް އަތް ހުންގާނުގައި ބާއްވާލައިގެން އިނދެލާފައި ކާރު ޕާކްކޮށްލާފައި އޭނަ ހިނގައިގަތީ ފުރަން ތައްޔާރުވާ ފެރީއަކާއި ދިމާލަށެވެ. އެތައް އަންހެންކުދިންނެއްގެ ފަރި ނަޒަރު ކަޔާންގެ މައްޗަށް ހުއްޓުނުކަން އޭނައަކަށް އިހުސާސެއް ނުކުރެވުނެވެ. އެ ޚިޔާލުގައި ވަނީ އެކަނި ލައިޝާއެވެ.

ކަޔާން ވިލިމާލެއަށް ފޭބިއިރު ބޯމަތިވެފައިވާ ވިލާގަނޑުން ވާރޭ އޮއްސައިގެންފިއެވެ. ހިޔާވެލުމަށްވުރެ އޭނައަށް މުހިއްމުވެފައިވަނީ ލައިޝާ ވީތަނެއް ހޯދުމެވެ. ދެތިން މީހުންނާއި ސުވާލުކޮށްލާއިރަށް ޒުލްމާ އުޅޭގެ ހުރިތަން އޮޅުން ފިލައިފިއެވެ. ވެހެމުންދާ ބޯ ވާރެއަށް ފަރުވާލެއްނެތި ޖީބަށް އަތްޖަހާލައިގެން ހުރެ ދިގު ފިޔަވަޅުތަކެއް އަޅަމުންގޮސް ދާދި އަވަހަށް އެގެއާއި އަރާ ހަމަވިއެވެ. އެގޭގެ ފެންޑާއަށް އަރާފައި މޫނާއި އިސްތަށިގަނޑުން ފެން ފޮޅަމުންގޮސް ދޮރުފަތުގައި ހިފާލީ ދޮރު ހުޅުވާފައި ހުރެދާނެކަމަކަށް ނޫނެވެ. ސަލާމް ގޮވާލިނަމަވެސް ބޯ ވާރޭގެ ސަބަބުން އެތެރޭގައި ތިބި ބަޔަކަށް އަޑުއިވޭނެހެނެއް ހިޔެއްނުވެއެވެ.

"ލައިޝް....." ކަޔާން ކެތްނުކުރެވިގެން ގޮވާލައިފިއެވެ. އެންމެފަހުން ކަޔާން އެތެރެއަށް ވަނީ މީހެއްގެ ހިލަމެއް ނުވުމުންނެވެ. ގެ ފަޅަށް ބަހައްޓާފައި ވާރޭގެ ތެރޭގައިވެސް އެންމެން މޫދަށް އެރެން ދިޔައީހެއްޔެވެ؟ ކަޔާންގެ ފިޔަވަޅުތައް ހުއްޓުނީ ކާބައިގެ ދޮރުމައްޗަށް އަރާފައި ކައުންޓަރު ކާރީގައި އަނެއްފަރާތަށް އެނބުރިގެން ހުރި ލައިޝާ ފެނިފައެވެ. ކަޅު ހެދުން ބާލާފައި ރަތްކުލައިގެ ޓޮޕަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު ފަންއިސްތަށިކޮޅު އޮތީ މައްޗަށް ކަހާ އައްސާލާފައެވެ. އެ ދޮންކަނދުރާ ހާމަޔަށްވާތަން ފެނުމުން ކަޔާންގެ ލޭގެ ހިނގުން އަވަސްވެލިއެވެ. ލައިޝާއަށްޓަކައި އޭނަގެ ހިތް ބޭގަރާރުވެފައިވާ ތާ ކޮންދުވަހެއް ހެއްޔެވެ؟ ކެތްތެރިކަމެއްނެތި އެހިތް އިންތިޒާރުކުރިއެވެ.

ލައިޝާ އޮރެންޖް ޖޫސްތަށި ހުސްކޮށްލާފައި ހިނގައިގަތީ ކުޑަދޮރާއި ދިމާލަށެވެ. ކަޔާން ވަރަށް ހުޝިޔާރުކަމާއި އެކުގައި ލައިޝާގެ ފަހަތަށް ޖެހި ނިވާވެލިއެވެ. ލައިޝާއަށް ބޯވާރޭގެ ތެރޭގައި ކަޔާންގެ ފިޔަވަޅުގެ އަޑު ނީވުނީއެވެ. ލައިޝާ ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލަން ހުރެފައި ދެލޯ ފޮހެލިތަން ކަޔާންއަށް ފެނުނެވެ. ލައިޝާ ރޮނީހެއްޔެވެ؟ އެންމެފަހުން ކަޔާންއަށް ފަހަތުންގޮސް ލައިޝާގެ ގައިގާ ބައްދާލާފައި އެދޮން ކަނދުރާގައި ބޮސްދިނެވެ. ލައިޝާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

"އަހަރެންގެ ފުރާނަޔާ، އަހަރެންގެ ހިތަށް ހާދަ ވަރެއްކޮށްލައިފި...." ކަޔާންގެ އަޑުވަނީ ޖަޒުބާތުގެ ސަބަބުން ބަރުވެފައެވެ. ކަޔާން އޭނައާއި ދިމާލަށް ލައިޝާ އަނބުރާލާފައި އެމޫނަށް ބަލައިލިއިރު ލައިޝާ ހުރީ ދެލޯ ބޮޑުވެފައެވެ. އުފަލުންގޮސް އޭނަ ގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އޭނަގެ ދާދިގާތުގައި މިހިރީ އޭނަގެ ލޯބިވާ ފިރިމީހާއެވެ. ކަޔާން ތެމިފޯވެގެން ހުރުމުން ފެންނަލެއް ވަކިން ރީތިވިހެން ހީވިއެވެ. 

"ކެން، ކެން. ހަމަ އައީތަ؟" ލައިޝާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އޭނަގެ ދުޢާ އެފަރާތުން އިޖާބަކުރައްވައިފިއެވެ. އޭރުވެސް ލައިޝާގެ ދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދާތަން ފެނެއެވެ. ކަޔާންގެ ދެއަތުގައި ހިފާލީ އެއަތުން ދުވަހަކު ދޫކުރަން ބޭނުން ނުވާފަދަ ގޮތަކަށެވެ. އަތުގެ އިނގިލިތައް ލާމެހިގެން ދިޔައެވެ. އޭރު ލައިޝާގެ ލޮލުގައިވާ ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގެންފިއެވެ.

"އަހަރެން މިއައީ، ދެން ނުރޮއި ލައިޝް، އަހަރެން ދެން ދުރަށް ނުދާނަމޭ......." ކަޔާން ލައިޝާ ގާތު ނުރޯން އެދެމުން ލޮލުގަޔާއި ނިތްކުރީގައި ބޮސްދިނެވެ. ލައިޝާގެ ހިނިތުންވުމުން ހީވީ ކާއިނާތުގައި އެތައް ސަތޭކަ އުއްބައްތިއެއް ދިއްލައިލެވުނުހެންނެވެ. 

ކަޔާންވެސް ލައިގެން ހުރި ޓީޝާޓް ބޭލީ ލައިޝާއަށް ފިނިވެދާނެތީ ވިސްނާލާފައެވެ. އެ ކަސްރަތީ ރީތި ހަށިގަނޑު ހާމަޔަށް ނެތި ފެނުމުން ލައިޝާގެ ހިއްސުތަކުގައި ހުޅު ހިފާލިއެވެ. އެބާރުގަދަ އަތުގެ ތެރެއަށް ވަދެވުމުން ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ހިތަށް ލިބިއްޖެއެވެ. ކަޔާން ލައިޝާ ބިމުން ހިއްލާލިގޮތަށް އެއަތުގެތެރޭގައި ލުއިފަތްކޮޅެއްހެން ގެންގުޅެލާއިރަށް ލައިޝާގެ ކަރުނަތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ބޭގަރާރުވެފައިވާ ދެހިތެއްގެ އާލާކަން ކަނޑުވަމުން ދިޔައިރު ދެމީހުންނަށްވެސް ލިބިފައިވާ އުފާތައް ބަޔާން ކުރެވޭވަރަށްވުރެ މާ މައްޗެވެ. 

އެންމެފަހުން ހޫނު ކޮފީއެއް ހިފައިގެން ގޮސް ކުޑަދޮރުކާރީގައި ވާރޭވެހޭ މަންޒަރު ބަލަން ތިބިއިރުވެސް ކަޔާން ހުރީ ލައިޝާގެ ގައިގާ ހިފަހައްޓާލައިގެންނެވެ.

"އަހަރެންގެ ލޯބި މިގޭގައި އެކަނިއުޅެން ބިރެއް ނުގަނޭތަ؟ އެވެސް ދޮރު ތަޅުނުލާ....." ކަޔާން އޮޅުންފިލުވަން ބޭނުންވިއެވެ.
"ކިވީ ކޮލެޖް ނިންމާލާފައި ޑައިލިސިސްއަށް ދިޔައީ، މަންމަ ވެސް އަހަންނާއި ވާހަކައެއް ނުދައްކާ، ރުޅިއައިސްފައި ހުރީ، އެހެންވެ އަހަރެން ގާތު މާލޭގައި މަޑުކުރާކަށް ނުބުނޭ، ޓަޔަޑްވެފައި ހުރިވަރުން ހިތަށް އެރީ އެކަނި މިރަށަށް އަންނާނީއޭ...." ލައިޝާ ކަޔާންގެ ރީތި ދެލޮލަށް ބަލާލިއިރު އުފަލުންގޮސް އެހިތް ތެޅެނީއެވެ.

"އަހަރެން ނޫން އެހެން މީހެއް މިވަގުތު އައިނަމަ، އެހެން މީހަކު މިކުއްޖާގެ ގައިގާ އަތްލިނަމަ....ކިހިނެއް އަހަރެން ކެތްކުރާނީ......" ކަޔާން ލައިޝާގެ ކޯތާފަތުގައި ވިކާލިއެވެ.
"އެވަރުވެސް ވިސްނައިނުލެވުނީ، އަހަރެން މިހިރީ މޮޔަވާން ކާރިވެފައި، އަތުން ކުރެވޭ ކަންތައްވެސް ގިނަފަހަރަށް ނޭގެނީ އެހެންވީމަ، ކެންއަކަށް ނޭގޭނެ، އަހަރެން ހާދަ މިސްވިއޭ، ހާދަ ބޮޑަށް މިސްވިއޭ، ކޮންމެރެއަކު ނިދެންދެން ރޮވޭ، ކެންގެ ހުވަފެން ނުފެންނަ އެންމެ ވަގުތެއްވެސް ނުވޭ، ދެން އަހަރެން ދޫކޮށްލާފައި ދުރަށް ނުދައްޗޭ، އަހަންނާއި ވަކިނުވައްޗޭ، އަހަރެން މަރުވެދާނެ........" ލައިޝާ ކަޔާންގެ މޫނުގައި އެ ނާޒުކް އަތުން ފިރުލައިލިއެވެ.

އޭނައާއި ދޭތެރޭގައި ވިޝާން ކަންތައް ކުރިގޮތް ލައިޝާ ކިޔައިދިނުމުން ކަޔާން ހުރީ ޝޮކެއްގައެވެ. ގަބޫލުކުރަން ދަތިވެފައެވެ. ވިޝާން ހާދަ މަކަރުވެރިއެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ އެފަދަ ނުބައި އަމަލެއް ހިންގީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އެހެންވެދާނެއެވެ. އަފްރީންއަށްޓަކައި ބޭބެއެއްގެ ހައިސިއްޔަތުން ކުރިކަމެކޭ ހިތަށް އަރާފައި ހިތް މަޑުވާންވެސް އުޅުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަ ވިޝާންއަށް ވަރުގަދަ ފިލާވަޅެއް ދޭނެއެވެ. 

ކަޔާން އޭނައާއި ދިމާވިކަންތައް ކިޔައިދިނުމަށްފަހު މާފަށް އެދުނެވެ. މިހާރު ކައިވެނީގެ ހަގީގަތް އާއިލާއަށް އެނގުމަށްފަހު އޭނަވަނީ ލައިޝާ ގާތަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައި ކަމަށާއި ދެން ދުވަހަކު ކެންޒިއާއަށް ނުދާނެކަމަށް ބުނެލިއެވެ. އޭނަގެ އާއިލާއަކީ މިހާރު ލައިޝާ ކަމަށާއި އޭނަގެ މައިންބަފައިން އޭނަގެ އުފަލާއިމެދު ނުވިސްނާއިރު އެމީހުންގެ ކާރިއަށް ދިޔުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ކަޔާން ދެކޭކަމަށް ބުނުމުން ލައިޝާ އުފާވިއެވެ. ކަޔާން އޭނަދެކެ ލޯބިވާވަރު މިހާރު ލައިޝާއަށް ޔަގީންވެއްޖެއެވެ. މައިންބަފައިންނާއި މުދަލާއި އެ މުއްސަދިކަމުގައި ކޮޅުފައިން ޖަހާފައި ކަޔާން އޭނަގެ ގާތަށް އައީއެވެ. ތެދުވެރި ލޯތްބަކީ މިއީއެވެ. ލައިޝާ އަބަދު ދެކެމުން އައި ހުވަފެނަކީ މިއީއެވެ.

ލައިޝާ ނޫޑުލްސް ސޫޕް ތައްޔާރުކުރުމަށްފަހު އެކީގައި ކައިގެން ކޮޓަރިއަށް ވަނެވެ. ކްއީންސައިޒް އެނދުގައި ދެމަފިރިން އަރާމުކޮށް ހީފިލުވައިލަން ޖައްސައިލިއެވެ.

"ކެން، އަދި އެންމެ ބޭނުންވާ ވާހަކަ ނުބުނެވޭ........" ލައިޝާ ކަޔާންގެ ފުޅާ މޭމަތީގައި ބޯ އަޅާލައިގެން އޮވެފައި ހިނިތުންވެލިއެވެ.
"ބުނޭ ސްވީޓްހާޓް..." ކަޔާން ލައިޝާގެ އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ.
"ކެންއަށް އަހަރެން ފެނުނީމަ އެއްވެސް ކަމެއް ފާހަގަކުރެވުނުތަ؟ ކުޑަކޮށް ފަލަހެން ހީވޭތަ؟ " ލައިޝާ ކުޑަ ހުނުމަކާއިއެކު އަހާލައިފިއެވެ.
"ކުޑަކޮށް ޗެސްޓްގެ ސައިޒް ބޮޑު، ބަނޑުކޮޅެއްވެސް ލައިފި، ޑިޕްރެސްވީމަ މާގިނައިން ކެވުނީތަ؟ ބޭބީ ކުރިއަށްވުރެ މާ ރީތި......... " ކަޔާންއަށް އޭރަކުވެސް ނުވިސްނުނެވެ. ލައިޝާ ކަޔާންގެ އަތް ގެނެސް ބަނޑުގައި ޖައްސާލަމުން ހިނިތުންވެލާފައި ބުނެލި އެއްޗަކުން ކަޔާން އުފަލުން އުޅެވުނުގޮތެއްވެސް ނޭގުނެވެ. ލައިޝާގެ ބަނޑުގައި ބޮސްދިނެވެ. ލައިޝާ ދެން ކިޔައިދިނީ އެކަމުގެ ސަބަބުން އޭނަ އުޅެން ޖެހުނު ހާލެވެ. ކުރީކޮޅު ހޮޑުލެވުނުވަރާއި ވަރުބަލިވިވަރެވެ. އެހާލުގައި އުޅުނުއިރުވެސް މަންމަ ރުޅިއައިސްގެން އޭނައާއި ދިމާލަށް އަޑުލުން ނޫންކަމެއް ނުކުރެއެވެ. އެކަމަކު އެވަރުންވެސް އޭނަ ކައިވެނީގެ ހަގީގަތް ސިއްރުކުރިގޮތެވެ. ކަޔާންގެ ހިތް ހަލާކުވާވަރުވިއެވެ. ލައިޝާގެ ހިތާމަވެރި ފަސާނާ އަޑުއަހާފައި ކަޔާންގެ ލޯ ތެމުނެވެ.

"ބޭބީ ދެރަނުވޭ، ދެން އަހަރެން ދުރަށް ނުދާނަމޭ، އަބަދުގެ އަބަދަށް ގާތުގައިވާނަން، އަހަރެން މިއަދު މާލެދާގޮތަށް އަހަރެން މުޅި ދުނިޔެއަށް އަންގާނަން ތިއީ އަހަރެންގެ ވައިފްކަން، އަހަރެން ވަރަށް ވަރަށް ލޯބިވޭ ބޭބީ، އަހަރެމެން ދެމީހުން އެކީގައި ހުރިހާ ކަމަކާއި ކުރިމަތިލާނީ، އަހަރެން އަބަދުވެސް ލައިޝްއާއިއެކުގައި ވާނަމޭ ލަވް......" ކަޔާން ގެ ވަޢުދުތަކުން ލައިޝާގެ ހިތަށް ފިނިކަމެއް ލިބުނެވެ.

ލައިޝާ ބަނޑު ބޮޑުކަން އެނގުމަށްފަހު ކަޔާންއަށް ލިބިފައިވާ މަތިވެރި އުފަލެއްގެ ބޮޑުކަމުން އެރީތި ދެލޮލުގެ ވިދުންކުރިއަށްވުރެ ގަދަވެފައިވިއެވެ. މިހާރުއްސުރެން އިންތިޒާރު ކުރެވެންފެށީ އެދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ. ލައިޝާ ފެންވަރާލައިގެން ނުކުތީ ކަކުލަށްވުރެ މައްޗަށް އޮތް ނައިޓީއެއް ލައިގެންނެވެ.
"ކެން، އަހަރެން ހަމަ މާލެ ދާންވީތަ؟ މާލެއަށްވުރެ މިރަށުގައި އުޅުނީމަ މާ އަރާމެއްނު...." ލައިޝާ ތައްޔާރުވާން ހުރެ އަހާލައިފިއެވެ.
"މީހެއްގެ ގެއަކު އަހަރެން ހުންނަހިތެއް ނެތް، ކޮންމެހެން އައިދަންއާއި މެދު ހިތުގައި އެއްޗެއް އޮތީއެއްނޫން، އަހަރެން ގަބޫލުކުރަން ލައިޝްގެ ވާހަކަތައް، އޭނަ ކީވާދެކެ ލޯބިވަންޏާ ވާނީ ޅިޔަނަކަށްތާ، އެކަމަކު އަހަރެން ބޭނުމީ އަހަރެން އަމިއްލައަށް އަހަރެންގެ އަނބިމީހާއަށް ޚަރަދުކުރަން، އެހެންވީމަ އަހަރެންގެ ގާތުގައެއްނު ހުންނާނީ، ކެންޒިއާއަށް ގެންދަންވެސް އަހަރެން ޖެހިލުމެއްނުވޭ، އެކަމަކު އަހަންނަށް އެނގޭ މަންމަ ކަންތައް ކުރާނެގޮތް، އަހަރެން ބޭނުމެއްނޫން ލައިޝް ރޮއްވާކަށް، ލައިޝްއާއި ދިމާލަށް މަންމަ ލައްވާ އެއްޗެހި ކިޔުއްވާކަށް، އަހަރެމެން އުޅޭނީ ވަކި އެޕާޓްމެންޓެއްގައި......" ކަޔާންގެ ވާހަކަތަކުން ލައިޝާއަށް ކަޔާންގެ ލޯބި އިހުސާސްކުރެވުނެވެ.

ކަޔާން އާއި ލައިޝާ މާލެދާން ތައްޔާރުވަނިކޮށް ޒުލްމާއާއި ކީވާ އެނބުރި އައެވެ. ޒުލްމާއަށް ކަޔާން ފެނުމުން އެމޫނަށް ބެލިގޮތަށް ދުރުބަލައިލާކަށް ނޭގުނެވެ. އޭނަ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ކަޔާންގެ މޫނުމަތިން އޭނަގެ ކުޑަ ފިރިހެން ދަރިފުޅު ފެނިލިހެން ޒުލްމާއަށް ހީވިއެވެ. ހަމަ އެ ދިގު އެސްފިޔަތަކެވެ. ކަޅުކަން ގަދަ ބުމައެވެ. އޭނަގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. ހިތުގައި ކުލުނާއި ހަމްދަރުދީ އުފެދިގަތީ ވަކިގޮތަށް ބަލާފައެއް ނޫނެވެ. އެއާއިއެކު ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. މިއީ އޭނަގެ ފިރިހެން ދަރިއަށް ވެދާނެހެއްޔެވެ؟ ނޫނެކެވެ. ނުވާނެއެވެ. އެހެނެއްނުވާނެއެވެ. އެހެންނޫނަސް ލައިޝާ ބުނާގޮތުން ކަޔާންއަކީ އެއާއިލާގެ ދެވަނަ ފިރިހެންކުއްޖާއެވެ.

"އާންޓީ، އަޅުގަނޑަކީ ލައިޝްގެ ފިރިމީހާ....." ކަޔާން ހަމަޖެހިލާފައި ޒުލްމާއާއި ސަލާމް ކޮށްލަމުން އަމިއްލައަށް ތަޢާރަފު ވިއެވެ. 
"އެހެންމީހަކަށް ތި ކައިވެނީގެ ޚަބަރެއް އެނގިފައެއް ނުވޭ، ފިލްމުތަކުގައި ހަދާހެން ސިއްރަކުން ކައިވެންޏެއް ނުކުރެވޭނެ......" ޒުލްމާ ކުޑަ ލައްޕާލާފައި އެއްފަރާތުގައި ބަހައްޓާލިއެވެ. ލައިޝާވެސް އެވަގުތު ހިތްވަރުކޮށްލާފައި އޭނަގެ މަންމަ ގާތުގައި އެކައިވެނީގެ ހަގީގަތް ހާމަކުރިއެވެ.
"އަޅުގަނޑު އެސެޓްފިކެޓް ތައް ހިފައިގެން ގެނެސް ދައްކާނަން....." ކަޔާން ކުޑަކޮށް ހީލިއެވެ. ޒުލްމާ ހުރީ މި ރީތި ފިރިހެންކުއްޖާގެ މޫނަށް ބަލައިލަން އުދަގޫވެފައެވެ. އޭނަގެ ފިރިހެން ދަރިފުޅު ދުނިޔޭގައި ހުރިނަމަވެސް އުމުރުން ވާނީ މިހާކަށް ހާ ދުވަހެވެ. މިހާ ރީތިވެސްވާނެކަން ނޭގެއެވެ. އޭނަގެ ފިރިހެން ދަރިފުޅުގެ މޭމަތީގައި ކުޑަ ނިޝާނެއް އިންނާނެއެވެ. ހިތެއްގެ ސިފައިގާ ވާ ކުޑަ އުފަން ލައް ޒުލްމާ އަދިވެސް ހަނދާން ހުރެއެވެ. 

"މިހާރު މަންމަ ގަބޫލުކޮށްފިން، ދެން މިގެ ދޫކޮށްލާފައި ދާން ތިއުޅެނީ ކީއްވެތަ؟ މަންމައަށް ހެވޭ ދެން ތިދެކުދިން މިގޭގައި އުޅުނަސް، ދުރަށް ދިޔައިމަ މަންމައާއި ކީވާ އެކަނިވެދާނެ، ދުވަސްކޮޅަކަށްނަމަވެސް މަންމައާއިއެކު އުޅެންވީނު......" ޒުލްމާ ކަޔާން ގެ މޫނަށް ބަލާލީ ދިރާސާކުރާފަދަ ގޮތަކަށެވެ.

ކަޔާންއާއި ލައިޝާ އެކަމަށް އެއްބަސްވިއެވެ. ކަޔާންއަށް މިގޭގެ ކުލި ދެއްކިދާނެއެވެ. ގޭގެ ހުރިހާ ޚަރަދެއް ކުރެވިދާނެއެވެ. އެނޫންގޮތަކަށް މީހެއްގެ ގޭގައި ހުންނާކަށް އޭނައަށް އެއްބަހެއް ނުވެވޭނެއެވެ. ކަޔާން މާލެ ދިޔައީ އޭނަގެ އެއްޗެހި ބަލައެވެ. ކެންޒިއާއަށް ވަދެފައި އޭނަ ދަބަހަށް އެއްޗެހި އަޅައިގެން ކާރަށް އަރަންގޮސްފައި މަންމަމެން ގާތުގައި އޭނަ ދާން އުޅޭތަނެއް ބުނަން ނިންމިއެވެ. މިހާރު ކަޔާން ފޮރުވާކަށް އެއްވެސް ސިއްރެއްނެތެވެ.

ވަރުޖިނާ، ރަންދާ، މިންކާ އަދި ނަތާޝާއާއި ދޮންބެ ޒިއާމް ތިބީ ޓެރެސްގައި ރާޒުވާ ކުޅޭށެވެ. އުފާވެރިކަމުގެ މެހެފިލް ރޫޅި އެންމެންގެ މޫނުގެ ކުލަތައް ފަނޑުވީ ކަޔާން ބެކްޕެކްއަޅައިގެން އައިސް ހުއްޓުނުތަން ފެނިފައެވެ. ކަޔާން އޭނަ އަބަދުގެ އަބަދަށްޓަކައި ލައިޝާގެ ގާތަށް ދަނީކަމަށް ބުނުމާއިއެކު ވަރުޖިނާ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. ކަޔާންއާއި ދިމާލަށް އެއްޗެހި ކިޔައިގަންނަން އުޅެފައިވެސް އޭނައަށް ވިސްނުނު މޮޅު އެއްޗަކުން އަމިއްލަ ނަފުސަށް ތައުރީފުކުރެވުނެވެ. މިހުރިހާ ދުވަހު އެ ވިސްނުން ނައީ ކީއްވެހެއްޔެވެ؟

"ދަރިފުޅާ، އެންމެރަގަޅު، މަންމަމެން ބޭނުން ވިޔަސް ނުވިޔަސް ކަޔާން ވަނީ ތިކަން ކޮށްލާފައި، އެހެންވީމަ ލައިޝާ މިގެއަށް ގެންނަން މަންމަ ބޭނުން، އެއާއިލާއާއި ބައްދަލުކުރަންވެސް މަންމަ ބޭނުން، މާދަން ހަވީރު މަންމަމެން ސަޔަށް ދާނެ ވާހަކަ ބުނެބަލަ..........." ވަރުޖިނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. ރަންދާ ދަތްތަކަށް ބާރުލީވަރުން ދަތްކޮޅު ނުފޭބީ ކިރިޔާއެވެ. ނަތާޝާއާއި ރަންދާ އެކަކު އަނެކަކަށް ބަލައިލީ މާޔޫސީގޮތަކަށެވެ. 
"ތޭންކްސް މަމް، ބައްޕަ ދުރުވާނެތަ؟" ކަޔާން ހިނިތުންވެލިއެވެ.
"މަންމައާއި އާންޓީމެންދާނީ، ބައްޕަ ހުރިހާ އަންހެނުންގެ ތެރެއަށް ދާން ކުޑަކޮށް ޖެހިލުންވާނެ......" ވަރުޖިނާ ކަޔާން ގާތުގައި އެދުނީ ކުޑަކޮށް ރާޒުވާ ކުޅެލަން މަޑުކޮށްލުމަށެވެ. ކަޔާން އިނީ ލަސްވެފައެވެ. އޭނަ ހުރީ މަންމަ ގާތުގައި ލައިޝާ ބަނޑު ބޮޑު ވާހަކަވެސް ބުނެލާހިތްވެފައެވެ. މާމަ ދަރިއެއް ލިބެން އުޅޭކަން މަންމަމެންނަށްވެސް އެނގެންވާނެއެވެ. ގަޑިއަށް އޭނަ ބަލާވަރުން ލަސްވެފައިކަން އެނގުމުން ރަންދާ ވަކިން ރުޅިގަދަވިއެވެ. 

ކަޔާންއާއި ޒިއާމް އެތަނުން ދިޔުމުން ރަންދާ ވަގުތުން ޝަކުވާކުރިއެވެ. ވަރުޖިނާ ހޭންފެށިއެވެ. އޭނަ ދުވަހެއްގައިވެސް ލައިޝާ ޅީދަރިއަކަށް ހަދަން ގަބޫލު ނުވާނެ ކަމުގަޔާއި އޭނަ ހަދަން އުޅޭ އެތިފަހަރު އެގެއަށް ދިޔުމުން އެންމެނަށް އެނގޭނެ ކަމުގައި ބުނުމުން ރަންދާ ހިތް ހަމަޖައްސާލައިފިއެވެ. އެންމެން ތިބީ ވާނުވާ ނޭގިފައެވެ. ވަރުޖިނާ ކުރަން އުޅޭކަމެއް އަހައަހާ އޭނަ ބުނާކަށް ނޫޅުނެވެ.

ކެންޒީ އަސާގެ އެހީގައި ގަސްތަކުގެ ތެރޭގައި ހިނގާލަން ނުކުމެގެން އުޅެނިކޮށް އަފްރީންއަށް އެތަނަށް ނުކުމެވިއްޖެއެވެ. އަފްރީން ދިމާކޮށްލާހިތްވިއެވެ.
"ޕުއަރ ތިންގް.........އަހަރެންގެ ހެލްޕެއް ބޭނުންތަ؟ " އަފްރީން ބޭނުންވީ ކެންޒީގެ ނުޅެދޭކަން ހާމަކުރާށެވެ.
"ގަމީހުގެ ގޮށްތައް ނައްޓާލަދީ، ހޫނުވާވަރުން މިއުޅެނީ..." ކެންޒީ އެއްލޯ މަރާލައިފިއެވެ. އެހާ ފިނިއިރުވެސް ކެންޒީ އެހެން ބުނީ އެހެން މާނައެއްގައިކަން އެނގުމުން އަފްރީން މޫނު ހަދާލިއެވެ.
"އައްޗި، އަހަރެން ނޫޅެން ކެންޒީގެ ގައިގާ އަތްލާކަށް...." އަފްރީން ކަޅިއަޅައިލިއެވެ.
"ފަކުރުގަންނާތީ ތަ ދުރުން އުޅެނީ، ކެންއަކީ މަށޭ ބުންޏަސް ދޮގަކަށް ނުވާނެ، ކީއްވެ އޭނައާއި ދެއަންބަށް އިންނަން ތިއުޅެނީ، އަހަރެންގެ ގައިގާ އަތްލާން ނުކެރޭމީހަކު ކެންއާއި ހެދި އުޅޭ ސަބަބެއް ނޭގުނު، އަހަރެން މާރަގަޅުވާނެ، އަހަންނާއި މެރީކުރޭ...." ކެންޒީ ގަހަށް ލެނގިލައިގެން ހުއްޓުނެވެ. ފަންއިސްތަށިގަނޑު ވިހުރެމުންދާއިރު ހާދަ ރީއްޗެވެ. ދެލޮލުގެ ވިދުވަރު އެހާ ގަދައެވެ. އަސަރުގަދަ ބަލައިލުމެކެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އަންހެންކުދިން އެދެލޮލަށް ދަމައިގަންނާނެއެވެ. އަފްރީން އެލޮލަށް ސިކުންތުކޮޅަކަށް ބަލާލާފައި ރަކިވާގޮތްވެއެވެ.

"އިމްޕޮސިބްލް....." އަފްރީން ދާން އުޅުނުއިރަށް ކެންޒީ އޭނަގެ އަތުގައި ހިފާ ގާތަށް ދަމައިލިއެވެ. ހުރަހެއްނެތި ކެންޒީގެ މޭމަތީގައި ޖެހިފައި އަފްރީން މަތަވިއެވެ. އަފްރީން އުޅުނީ ކެންޒީގެ މޭމަތީގައި ތަޅައިގަންނާށެވެ.
"ތިގޮތަށް ހެދީމަ އަހަރެމެންގެ ފަސްޓް ނައިޓްމަތިން ހަނދާންވީ، އެރޭވެސް ހަމަ މިހާ މީރުވަސް ދުވި، ލެވެންޑަރ އެންޑް މަސްކް.........." ކެންޒީ ނޭފަތް ދަމައިލަމުން މަޑުމަޑުން ބުނެލިއެއްޗަކުން އަފްރީންއަށް ލިބުނީ ޝޮކެކެވެ. އެރޭގެ ކަންތައް ކެންޒީއަށް އެނގެންވީ ކިހިނެއްހެއްޔެވެ؟ ކަޔާން ކިޔާދިނީކަން ޔަގީނެވެ. ލަދުންގޮސް އަފްރީންގެ މޫނު އެތާހުރި މާތައް ފަދައިން ރަތްވިއެވެ.

"ފެއިންޓް ނުވައްޗޭ، ކެންކަމަށް ހެދިގެން އެހުރިހާ ދުވަހު އުޅުނީ މަށޭ، ކެން ދުވަހަކުވެސް ބޭބީގެ ގައިގާ އަތްލާފައެއްނުވާނެ......." ކެންޒީ ހީފައި ކިޔާލިއެވެ.
"ދޮގު...." އަފްރީންއަށް ޝޮކެއް ލިބުނެވެ.
"ހެކިދައްކަންވީ؟ " ކެންޒީ އަފްރީންގެ އިނގިލިތަކަށް ފިތާލިއެވެ. ކެންޒީގެ ވާހަކަތަކުން އަފްރީން ހުރީ ގަނޑުވެ ހިރިލާން ނޭގިފައެވެ. ލަދުގަނެ ދެރަވެސްވިއެވެ. އެތައް އިހުސާސްތަކެއްގެ ތެރޭގައި ގެނބިގެންގޮސް ލޮލަށް ކަރުނައައީ އޭނައަށް ކެންޒީ އޮޅުވާލި ވަރުން އެނގުނީމައެވެ. އޭނަ އެހުރިހާދުވަހު ލޯބިވެގެން އުޅުނީ ކެންޒީ ދެކެކަން އެނގުމުންނެވެ. ޖުއާންގެ ބައްޕައަކީ ކެންޒީކަން ޔަގީންވީމައެވެ. ކަޔާންއަށްވެސް އޮޅުވާލައިގެން އުޅުނުކަން ކެންޒީގެ ވާހަކަތަކުން ރަގަޅަށް ސާބިތުވެއްޖެއެވެ. ކަޔާންގެ ނަފްރަތުގެ އަސްލަކީ އެއީއެވެ. ކަޔާންވެސް ހުރީ ނޭގުމުގެ ތެރޭގައެވެ. ޖުއާންއަކީ ކަޔާންގެ ދަރިއެއްކަމަށް ގަބޫލުކުރީ އޭނަގެ ނޫންކަން ރަގަޅަށް އެނގިހުރެ ކެންޒީއަށްޓަކައެވެ. ކެންޒީއަށްޓަކައި ގުރުބާންވީއެވެ. ކެންޒީ ކިޔައިދިން ވާހަކަތަކުން އަފްރީންއަށް ހުރިހާކަމެއް ޔަގީންވެއްޖެއެވެ. އެދެމީހުންގެ ދޭތެރޭގައި ހިނގިހާކަމެއް އެނގޭނީ އެހެންވީމައެވެ.

"ދުވަހަކު މާފެއްނުކުރާނަން، ކެހިވެރި، އައި ހޭޓް ޔޫ.........." އަފްރީން ރޮމުން ގެއާއި ދިމާލަށް ދުއްވައިގަތެވެ. ކެންޒީއަށް ފަހަތުން ދުވެފައިގޮސް އަފްރީން އަތުލާނެ ބާރެއް ނެތެވެ. އެއަށްވުރެ އޭނަގެ ފައި ބަލިކަށީއެވެ. އަފްރީންއަށް ހަގީގަތް އެނގުމުން އުދަގޫވެ، ހިތަށް އަސަރުކުރިޔަސް ފަހުން މީހާ ހަމަޔަކަށް އެޅި އެކަންތައް ގަބޫލުކުރެވޭނެއެވެ. އޭނަ އެހެން މީހުންނަށްވެސް ހަގީގަތް ހާމަ ކުރާނެއެވެ.

އަޒީޒުއްދީން އާއި ވަރުޖިނާ ކޮޓަރީގެ އެނދުގައި އޮށޯވެލައިގެން ތިބިއިރު އެތަނަށް ވެރިވެފައިވަނީ އޮރެންޖް ބޮއްކެއްގެ ފަނޑު އައްޔެކެވެ. ދެމީހުންވެސް ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތްނަމަވެސް ކަޔާންގެ ސަބަބުން ދެމީހުންގެ ލޮލަކުވެސް ނިދީގެ އަސަރެއްނެތެވެ. ވަރުޖިނާ ގެ އެނޫން ޝަކުވާއެއްނެތެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ލައިޝާ ކަޔާންއާއި ވަކިކުރުވާނެ ވާހަކަ އޭނަ ދައްކަން ފެށިއެވެ.

"ޖީން ހަނދާން އެބަހުރިތަ؟ އަހަރެމެންގެ ދަރިފުޅު ނޯމަލްއެއް ނޫން، ނަފްސާނީ މައްސަލައަށް ޓްރީޓްކޮށްފައިވާ ކުއްޖެއް، ދޭތެރެއަކުން ބަލި ބޮޑުވެ އެ ނުރައްކާތެރި ރުޅިގަނޑު ގަދަވެދާނެ ކަމަށް ޑޮކްޓަރު ނުބުނޭތަ؟ ކަޔާންއަށް އަލުން ދެރަގޮތެއްވާކަށް ޖީން ބޭނުން ވާނެތަ؟ ދަރިފުޅު ސުއިސައިޑްކޮށްފިއްޔާ އަހަރެމެން މަރުވިޔަސް މާ ފަސޭހަވާނެ...." އަޒީޒުއްދީން އަނބިމީހާއަށް ވިސްނާދޭން މަސައްކަތްކުރެއްވިއެވެ.
"ކަޔާން އުޅޭހާގޮތެއް ގާތުން ބަލާނީ، އެކަމަކު އެ ކުއްޖާ މިގޭގައި ބަހައްޓައިގެން އުފަލެއް ނުލިބޭނެ، ކަޔާން އިންނާނީ ރަގަޅު އާއިލާއެއްގެ ކުއްޖަކާއި..." ވަރުޖިނާ ގޮތްދޫކުރާކަށް ނޫޅުނެވެ. 
"ޖީންއަށް ފެންނަގޮތެއް، ދެން ތިހާ ފިކުރުތައް ކުރަން ނަހަދާ ނިދަން ހިނގާ......." އަޒީޒުއްދީން ވަރުޖިނާއާއި ދިމާލަށް އެނބުރުނެވެ.

ކަޔާން ލައިޝާގެ ގާތުގައި އޭނަގެ މަންމަމެން ހަވީރު ސަޔަށް އަންނާނެ ވާހަކަ ބުނެފައި ސަޔަށް އެއްޗެހި ގަންނަން ގަސްތުކުރިއެވެ. ޒުލްމާ އެކަމާއި ދެކޮޅުހެދިއެވެ. ލައިޝާގެ މަންމަމެން އަންނަންވާ އިރަށް އެމީހުން އަމިއްލައަށް އެއްޗެހި ތައްޔާރުކުރާނީ ކަމަށް ބުނެފައި ޒުލްމާ އެކަމާއި އުޅެގަތެވެ. ލައިޝާވެސް ޕިއްޒާ، ޕައި އަދި ކޭކެއް ހަދަން ގަސްތުކުރިއެވެ. ކީވާ ބަލިކޮށް އުޅުނަސް ލައިޝާގެ މައިދައިތަމެން އަންނަންވާއިރަށް އެއްޗެހި ތައްޔާރުކުރުމުގައި އެހެން މީހުންފަދައިން އަވަދިނެތި އުޅުނެވެ. ހަވީރުވާންވާއިރަށް ސައިމޭޒު ތައްޔާރުކޮށްލާފައި ގެ ސާފުކުރުމުގައި ޒުލްމާ އުޅުނީ މިގެއަށް އަންނަން އުޅެނީ ޝާހީ ބަޔަކުކަން ދަނެގެންނެވެ. އެމީހުންގެ ފެންވަރުން އެމީހުން ހުރިހާކަމެއް ފުރިހަމަކުރާނެއެވެ. މީހަކު ފާޑު ކިޔާނެ ޖާގައެއް ދޭކަށް ޒުލްމާ ބޭނުމެއްނޫނެވެ.

"އަވަހަށް ދެކުދިން ތައްޔާރުވެލައިގެން އާދޭ...." ޒުލްމާ އާ ހެދުމެއްލައިގެން ވަސްގަދަ ސެންޓްފުޅިއަކުން ސެންޓްޖަހައިލުމުން ލައިޝާ އަނބުރައިގަންނަ ގޮތްވިއެވެ. މިފަހަކަށް އައިސް އެކަހަލަ ވަހުން އުދަގޫވަނީ މާ ވަރަކަށެވެ. މަންމަ ދެރަވެދާނެތީ އޭނަ އެއްޗެކޭ ނުބުނިކަމުގައިވިޔަސް މަންމަ މިއޮތް ބޭނުންކޮށްލި ސެންޓަކުން ހުރިހާކަމެއް ފަނޑުވިހެންހީވިއެވެ.
"ކާކު ދިން ސެންޓް ފުޅިއެއްތަ މަންމާ..." ލައިޝާ ނޭފަތް ގުރުޑުކޮށްލައިގެން ހުރެ އަހާލިއެވެ.
"ސަލްމާ، މީރުވަހެއްނު މިދުވަނީ، އަވަހަށް ދޭ، ލަސްކުރަން ހަދައިގެން އެބޭފުޅުން ދުރުވާއިރަށް ތައްޔާރުނުވެވި ހިނގައިދާނެ...." ޒުލްމާ ފެންޑާއާއި ދިމާލަށް ހިނގައިގަންނަމުން ދެތިން ފަހަރު އަވަސްކުރަން އެދުނެވެ.
ލައިޝާއާއި ކީވާ ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު ބޭރަށް ނުކުތްއިރު ލައިޝާގެ ހިތްތެޅެމުން ދިޔައީ ބާރަކަށެވެ. ވަރުޖިނާއާއި މަންމަގެ ބައްދަލުވުން ކިހާވަރަކުން ދާނެ ބާވައެވެ. ވަރުޖިނާ މިގެއަށް އެހާވަރުން އަންނަންވީ ކީއްވެހެއްޔެވެ؟ ތަފާތު ސުވާލުތަކުން ސިކުނޑި ގާނަން ހުއްޓާ ވަރުޖިނާމެން ދޮރާށިން ވަންތަން ފެނުނެވެ. ޒުލްމާވެސް އެއައި މެހުމާނުންނާއި ބައްދަލުކުރަން ފުޅާ ހިނިތުންވުމަކާއިއެކު އެދިމާލަށް ދިޔައެވެ. ރަގަޅަށް ވަރުޖިނާގެ މޫނަށް ބަލައިލުމާއިއެކު ޒުލްމާގެ މޫނަށް އަނދިރިވާގޮތްވެ ފަހަތަށް ޖެހިލީ ބިރެއް ފެނުނުހެންނެވެ. ވަރުޖިނާގެ ފަހަތުން އައި ދެތިން އަންހެނުންވެސް ޒުލްމާއަށް ފެނުނީ ބޮޑު ޖަމާއަތެއްގެ ގޮތުގައެވެ. މާޒީގެ ބިރުވެރި ދުވަސްތަކުގެ ތެރެއަށް އޭނަ ދަމާފައި ގެންދިޔަފަދަ ނުބައި އިހުސާސެއް ކުރެވުނެވެ.

"ޒުލްމާ، ނައިސް ޓު މީޓް ޔޫ.....ކިހިނެއްތަ؟ " ވަރުޖިނާ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރެ ސަމާލަށް އަތްދިއްކޮށްލައިފިއެވެ. ކަޔާން އޭނަގެ ބޮޑުދައިތަ ނަތާޝާއާއި ކޮންމެވެސް ވާހަކައެއް ދައްކަން ހުރެފައި ލައިޝާއަށް ބަލައިލީ ހިތް ބަންޑުންވާފަދަ ނަޒަރަކުންނެވެ.

ކޮމެންޓް 0