ދެތިން މިނިޓްފަހުން ދޮރު ހުޅުވާލި މީހަކާއި ދިމާލަށް ބަލައިލެވުމާއިއެކު ލައިޝާގެ މޫނަށް އެތައް ކުލަތަކެއްވެރިވެގެން ދިޔައެވެ. ދޮރުމަތީގައި ހުރީ ޒިއާމް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ޗޮކްލެޓްކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި އޭނަ ފެންނަލެއް ވަރަށް ހިތްގައިމެވެ.

"ލައިޝާ....." މިފަދަ ވަގުތެއްގައި ލައިޝާ ފެނުމުން ޒިއާމް ހައިރާންވިއެވެ.
"އަޅުގަނޑު އޮފީހަށް ދަމުން ކަޔާން ސަރ ކާރީގައި ވާހަކައެއް ނަންގަނެލަން ވެގެން އައީ. އިޒް ހީ އެޓް ހޯމް؟ " ލައިޝާ އަޅައަޅައިގެންފައި ބުނެލިއެވެ. އެދެއްކި ބަހަނާ އަމިއްލަ ނަފުސަށް ޖޯކަކަށްވިއިރު ހިނދު ޒިއާމް ފަދަ ވިސްނުންތޫނު ޒުވާނަކު ގަބޫލުކޮށްފާނެ ހެއްޔެވެ؟

"ކަޔާން އިންވައިޓް ކުރީތަ؟ އެހެންވިއްޔާ އަހަރެން އޮފީހަށް ދަމުން އެގެއަށް ގެންގޮސްދީފާނަމޭ......" ޒިއާމް ގަޑި ބަލައިލީ މާނަވީ ހިނިތުންވުމަކާއެކުގައެވެ. ތިރިއަށް ބަލައިލިއިރު އެ ދިގު އެސްފިޔަތަކުގެ ހިޔާ ކޯތާފަތަށް އެޅުނުގޮތަކުން ލައިޝާގެ ހިތް ހަސަދަވެރިވިއެވެ. އެ ދިގު އެސްފިޔަތައް ވަގަށް ނަގާން ބޭނުންވިއެވެ. ހިތަށް އެރި އެއްޗެހިން ނުލަފާ ހިންޏެއް އަންނަން އުޅެފައިވެސް ލައިޝާ އިހުތިރާމްކުރުމުގެ ގޮތުން ހިނިގަނޑު ހިންދާލައިފިއެވެ.

"ނޫން،ނޫން...ސަރ ގެއަށް އަންނަން އިންވައިޓްކުރީއެއް ނޫން، ނަމަވެސް މިރޭ އޮފީސް ކުޑަކަމެއް އޮތީމަ.............." ލައިޝާ ހާސްވިވަރުން އިނގިލީގައި ދައިގަނެވުނެވެ. ހަމަޖެހޭ އެއްޗެއް ކިޔާބަލާށެވެ. ރޭގަނޑު ދެމީހުން އެކަނި އޮފީހަށް ގޮސް ކުރާނީ ކީއްހެއްޔެވެ؟ ލައިޝާ ހިތާހިތުން އަމިއްލަނަފުސަށް އަޑުލިއެވެ. އެނަ މި ފުންމާލީ ކޮންފަދަ ކަންތައްގަނޑެއް ގެ ތެރެއަށް ހެއްޔެވެ؟ ކަޔާން އަށް ގުޅާލާފައި ނޫނީ މި އެޕާޓްމެންޓަށް އައިސްގެން ނުވާނެކަމަށް އިންޒާރުދިނީމަ އަޑުނޭހީ ކީއްވެހެއްޔެވެ؟

"އަޅުގަނޑު އެކަނި އިތުރުގަޑީގެ މަސައްކަތެއް ކޮށްލަން......" ލައިޝާ ކުރާނެކަމެއް ނޭގިގެން އެތަންކޮޅު ހަމަޖައްސާލަން އެހެން ބުނެލާފައި އަވަހަށް އަނެއް ފަރާތަށް އެނބުރިލުމަށްފަހު ދެލޯ ބޮޑުކޮށްލެވުނީ މިހުރިހާ ދޮގެއް މިހެދުނީ ކެންޒިއާގެ ވެރިޔާގެ ކާރީގައި ކަމުގައިވީތީއެވެ. އެކަން ފަޅާއަރައިފިއްޔާ ވަގުތުން އޭނަ ވަޒީފާއިން ވަކިކޮށްލަން ވެސް ފަހެއް ނުޖެހޭނެކަން ނޭގެއެވެ.

"މިހާ ވިއްސާރަ ރެއެއްގައިވެސް މަސައްކަތް އޮތީތަ؟ އަހަރެން ހީކުރަނީ ލައިޝާ ބަރާބަރަށް މަސައްކަތް ނިންމާކަށް، ވެލް، އަހަރެންވެސް އޮފީހަށް ދާންކަމަށޭ، ކާރުގައި ގެންގޮސްދީފާނަން......" ޒިއާމްގެ ދަޢުވަތު ލިބުމުން ލައިޝާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަގެ މޮޔަކަމުން ވާން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއް ކަމެއްވެސް ނޭގެއެވެ. ބައެއްފަހަރު ފުރާވަރުގެ މޮޔަ ވިސްނުން އޭނަ މިހާ ރީތިކޮށް ބައްޓަންކުރަން ބޭނުންވާ ދިރިއުޅުން ނުރައްކަލަށް ވައްޓާލައެވެ. ކަޔާންއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ހަގީގަތް ހާމަކޮށްދޭނީއެވެ. އޭރުން ކަޔާންގެ ރުޅި ފިނިވެދާނެއެވެ. ލައިޝާ އާއި ޒިއާމް އެކީގައި ލިފްޓުން ތިރިއަށް ފޭބުމަށްފަހު އެދެމީހުން އެކީގައި ގޮސް ކާރަށް އެރިއިރު މަގުމަތިން ދިޔަމީހުން ބެލިއެވެ. ޒިއާމް ކާރަށް އަރާ އެ ފަން އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް ފޮޅާލިއެވެ.

ކެންޒިއާ އޮފީހަށް ވަދެވުނީ ޒިއާމްގެ އަތުގައި ތަޅުދަނޑި އޮތީމައެވެ. އިތުރުގަޑީގައި އޮފީސް ހުޅުވާނަމަ ޔަގީނުންވެސް ކަޔާންއަށް އެނގެން ޖެހޭނެއެވެ. މެނޭޖަރެއް ނަމަވެސް އައިސް މިތަން ހުންނާނީ ހުޅުވާފައެވެ. ޒިއާމް ސުވާލެއްނުކުރެއެވެ. ލައިޝާ ކެބިންއަށް ވަދެ ފައިލްތައް ހުޅުވާލައިގެން އިންއިރު ބޯކޮށް ވާރޭވެހޭ އަޑުއިވެއެވެ. ނަސީބަކުން ދެމީހުން ތިބީ ދެ ކެބިންގައެވެ. ޒިއާމް ހަމަޖެހިލައިގެން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން އިންތަން ލައިޝާއަށް ފެނުމުން ޒިއާމްއަށް އިތުބާރުކުރެވުނީ ކީއްވެކަމެއް ނޭގުނެވެ. ކަޔާންއެކޭ އެއްފަދައިން ޒިއާމް ރަގަޅުވީމަކަމަށް ވެދާނެއެވެ.

ގަޑިއެއްހާއިރު ފަހުން ޒިއާމް ލައިޝާގެއަށް ގެނެސްދިނެވެ. ޖެހިގެން އައިދުވަހު ކަޔާން އޮފީހަކަށް ނާދެއެވެ. އާފްރާމެން ފަދަ އަންހެންކުދިން ތިބެންޏާ އޮޅުން ނުފިލާނީ ކޮންކަމެއް ހެއްޔެވެ؟ އާފްރާ ބުނިގޮތުން އެ މުއްސަދި އާއިލާމީހުން ޕާޓީކުރަން ދާ އެމީހުންގެ އަމިއްލަ ފަޅުރަށެއް އޮވެއެވެ. އެއާއިލާއާއި އެކުވެރިން ވީ މޫދަށް އެރިލާ ޑީޖޭ ހަދަން އެތަނަށް ގޮސްފައެވެ. އާފްރާ ބުނިގޮތުން އެމީހުން ވަރަށް ސްޓައިލިޝްވެފައި، ޒަމާނީވާނެއެވެ. ޒިއާމްއާއި ކަޔާން މިއަދު ނުފެނުނީ އެހެންވީމައެވެ. ކޮންމެވެސް މެނޭޖަރަކާއި ހުރިހާކަމެއް ހަވާލުކޮށްލާފައި އެމީހުން ދަތުރު ދިޔައީތާއެވެ. އެމީހުންގެ ފޮޓޯތައް ބަލައިލާހިތުން އެކުދިން ތިބީ އިންތިޒާރުގައެވެ. މިޒަމާނުގައި އެފްބީ އިން ނޫނީ އިންސްޓަގްރާމްއިން ފޮޓޯތައް ފެނުމަކީ އާއްމުކަމެކެވެ. ޒިއާމްގެ އެފްބީ އައިޑީ ލިބިދާނެކަމުގެ އުއްމީދު އާފްރާމެން އޮތެވެ.

ލައިޝާ ދެރަވީ ކަޔާން ފޯނު ނިވާލައިގެން އުޅުނީމައެވެ. އެތައް ސަތޭކަފަހަރު ލައިޝާ ކަޔާންގެ ފޯނަށް ގުޅިއެވެ. އެންމެ ފަހުން ރިންގުވާން ފެށުމުން ލައިޝާގެ ހިތަށް ލިބުނު އުފާކޮޅު ވަޔަށް ބުރައިގެން ދިޔައީ ފޯނު ބިޒީކޮށްލީމައެވެ. ހީވީ ލައިޝާގެ ހިތް ކުދިކުދިވެގެން ފައިބައިގަތްހެންނެވެ. ހިތަށް ލިބުނު އަނިޔާގެ ސަބަބުން ލައިޝާއަށް ރޮވޭވަރުވިއެވެ.

ޝަކުވާކުރެވޭނީ ކަޔާން އޮފީހަށް އައީމައެވެ. ލައިޝާގެ ހިތުން ކަޔާން ފިލައިގެންދާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ކަޔާން ނެތީމަ މަސައްކަތެއް ކުރާހިތެއް އެހެން ކަމެއް ކުރާހިތެއް އޭނަ ނުވެއެވެ. އެންމެ ކުޑަވެގެން އަރުތެރެއިން އެއްޗެއް ދިރުވުންވެސް އުދަގޫކަމަކަށްވިއެވެ. 

"ކަޔާން، އަހަންނަށް ކީއް ތިކުރީ؟....." ލައިޝާ މޭޒުގައި ބޯ އަޅާލިއެވެ. އަމިއްލަ ނަފުސާއިމެދު އޭނަ ހަމްދަރުދީވިއެވެ. އޭނައަށް މި ލޯބިވެވުނީ ހޯދުން ހާދަ އުދަގޫ މީހެއް ދެކެއެވެ. ކުޑައިރުއްސުރެން އޭނަ އަދި އެހެން ފިރިހެނަކާއި އެއްވެސް ކަހަލަ ގުޅުމެއް ބާއްވާފައެއް ނުވެއެވެ. އެންމެ ކުޑަވެގެން ޑޭޓަކަށްވެސް ގޮސްފައެއް ނުވާނެއެވެ. ހަޔާތުގެ ހުރިހާ އުފަލަކީ ކަޔާންކަމަށްވެއްޖެއެވެ. އެހެންމީހަކަށް އޭނަގެ ހިތުގެ ހާލު އިހުސާސްކުރެވި ދާނެހެއްޔެވެ؟

އައިދަން ވަޒީފާއަށް ދާން ފެށުމަށްފަހު ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކުރީ މާލޭގައި ދިރިއުޅެމުންދާ އޭނަގެ އާއިލާގެ މެމްބަރުންނަށްޓަކައެވެ. ދުވާލު ހަތަރުދަމު ދާ އޮހޮރުވާލައިގެން ބުރަ މަސައްކަތްކުރަނީ މަންމަމެން ރަށަށް ނުފޮނުވާ މާލޭގައި ބޭތިއްބުމަށެވެ. މަންމަމެން ރަށުގައި ދިރިއުޅޭނަމަ އޭނައަށް އެކުވެރިއެއްގެ ގާތުގައި ކޮޓަރިއެއް ހިއްސާކޮށްލައިގެން ހުރުމަކީ އުދަގޫކަމެއް ނޫނެވެ. ޚަރަދުވެސް އެތައް ތަނެއް ކުޑަވާނެއެވެ. ނަމަވެސް މަންމައާއި އެކުވެރިޔާ އަދި ކުދިންގެ އިތުރުން ދައްތަގެ ދަރިފުޅު އުޅެމުންދާ އެޕާޓްމެންޓުން ރަށަށް ފޮނުވާލަން ބުނާކަށް އޭނަގެ ހިތެއް ހަމައެއްނުޖެހުނެވެ. އެހެންނޫނަސް މަންމަމެން އަންހެނުން އެކަނި ގެއެއްގައި ދިރިއުޅެން ދޫކޮށްލުމަކީ އިންސާފެއްނޫނެވެ. މަންމަ އޭނަގެ ގާތުގައި ފަށްފަށުން އެދެނީ ލައިޝާއާއި ކައިވެނިކުރުމަށެވެ. ޢީދަށް އެކަން ނިންމާލުމަށެވެ. އައިދަން ބޭނުންވަނީ އޭނަގެ ޙަޔާތަށް އަންނަ އަންހެންކުއްޖަކު އުފަލުގައި ގެންގުޅުމަށެވެ. ކައިވެނި ޕާޓީއެއް ބޭއްވުމަކީ ގިނަ އަންހެންކުދިންގެ ހުވަފެނަކަށްވާނެއެވެ. ނަމަވެސް އަދި އެފެންވަރެއް އޭނަގެ ނެތެވެ. ދެތިން އަހަރަށް އިންތިޒާރުކުރަން އޭނަ ބޭނުންވަނީ އެހެންވީމައެވެ. ނަމަވެސް މަންމަ ކުރުނުކޮށް އެހެން ކިޔާތީ އައިދަން ހުންނަކީ ފިކުރުބޮޑުވެފައެވެ.

އައިދަން އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ރޭގަނޑު އެގާރަ ޖަހައިފިއެވެ. ސިޓިންރޫމް އޮތީ އަނދިރިކޮށްލާފައެވެ. މަންމަ ކަރަންޓު ޚަރަދު ބަލާތީ އަބަދު ހުންނާނީ ޚަރަދުކުޑަކުރަން ހުރިހާ އެއްޗެއްހެން ނިވާލާފައެވެ. އައިދަންއަށް އަނދިރީގެ ތެރެއިން ފާހަގަކުރެވުނީ ސޯފާގެ އަތްގަނޑުގައި ބޯޖައްސާލިގޮތަށް ނިދިފައި އިނީ ކީވާއެވެ. އައިދަން ނިދާބޮކި ޖައްސައިލާފައި ކާރިއަށް ޖެހިލިއިރު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބިއްލޫރި ތަށްޓަކާއި ބްރޫފެން ކަރުދާސްގަނޑެއް އޮތެވެ. އެއިން ދެތިން ގުޅައެއް ބޭނުންކޮށްފައިވެއެވެ.

"ކީވާ....." އައިދަން މަޑުމަޑުން ގޮވާލުމާއިއެކު ކީވާ ދެލޯ ހުޅުވާލީ ވަރުބަލި ގޮތަކަށެވެ.

"އާރ ޔޫ އޯލްރައިޓް؟ ހީވަނީ ބަލިހެން....." އައިދަން ވާހަކަދެއްކީ އޯގާތެރިކޮށެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާތީ......" ކީވާ ގަދަކަމުން ދެލޯ ހުޅުވާލުމާއިއެކު އައިދަންގެ ހަމްދަރުދީގެ ލަފުޒުތައް އިވިފައި ލޮލަށް ކަރުނަ ޖަމާވިއެވެ. އެ މަންޒަރު ފެނުމުން އައިދަންގެ ހިތަށް ބުނަންނޭގޭފަދަ އަސަރެއްކުރިއެވެ. މާ ބޮޑަށް ހަމްދަރުދީވެވުނީއެވެ.
"އަބަދުހެން އަހަންނަށް ކިވީ ޑިޕްރެސްވެފައި ހުންނަތަން ފެނޭ، ޓެންޝަން ހެޑޭކްތަ؟ ބުނެބަލަ ކޮންކަމަކާތަ އަޕްސެޓްވެފައި އަބަދު ތިހުންނަނީ، އަހަންނަކީވެސް ފްރެންޑެއްކަމަށް ބަލާފައި ކިޔާދީބަލަ. ހެލްޕެއްވެވިދާނެކަން ނޭގޭ....." އައިދަން ފްރިޖް ހުޅުވާލައިގެން ފެންފުޅިއެއް ނެގިތަނާހެން މަންމަ ދޮރުހުޅުވާލާފައި ނުރުހުމުގެ ނަޒަރަކުން ބަލައިލިތަން އައިދަންއަށް ފެނުނެވެ. އައިދަންއަށް އޭނަގެ މަންމަ ކީވާދެކެ ނަފްރަތުކުރަންވީ އެއްވެސް ސަބަބެއް އޭރަކު ވިސްނުމަކަށް ނާދެއެވެ. މަންމަ ހުރީ އަލިފާންވެފައިކަން ވިސްނުނީ މަންމަގެ މޫނު ބަނަކަމުންނެވެ. އަދި ދޮރު ބާރަށް ލައްޕާލިގޮތަކުންނެވެ. އެވީ ކިހިނެއްހެއްޔެވެ؟ ކީވާއަށްވެސް އެ މަންޒަރު ފެނުނެވެ. ލަދުވެސް ގަތެވެ. އެހާ އެނގޭގޮތަކަށް ސަލްމާ ކަޅިއަޅާލީމަ ކީވާއަށް ވިސްނުނީ އައިދަން އާއި އަނގައިން ބުނުން މަނާކަމެވެ. ހިތުގައި ޖެހުނު ވަރުން ކަރުތެރެ ހިކިގެން ވާހަކަ ނުދެއްކުނީމަ ކީވާ ބާރުބާރަށް ހިނގާލާފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އައިދަން ހުރީ ނިކަން ދެރަވެފައި އެ މަންޒަރު ބަލާށެވެ. ކީވާއަށް ގޮވާ ހުއްޓުވަން ހިތް ގޮވިއެވެ. ނަމަވެސް އެ ހިތްވަރެއް ނުކުރެވުނެވެ.

ޖެހިގެން އައި ދުވަހު ސަލްމާއިނީ އައިދަންއާއި ވާހަކަދައްކާލާނެ ފުރުސަތަކަށް ބަލަބަލައެވެ. ޒުލްމާ ލައިޝާމެންގެ ކޮޓަރީގައި އުޅޭކަން ޔަގީންވުމުން އޭނަ އައިދަންއަށް ގޮވާ ގެނެސް އޭނަ އުޅޭ ކޮޓަރިއަށްވަނެވެ. ސަލްމާ ވާހަކަފެށީ ދުރުންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ފެށީ މިގޭގެ ޚަރަދު ބޮޑުވާހަކައެވެ. އަބަދުހެން ކޮންމެވެސް އެކަކު ކާއެއްޗެހި ހަދަން އުޅޭވާހަކައެވެ. ފަންކާއާއި ބޮކިތައް ނުނިވާ ވާހަކައެވެ. ސަލްމާ ބޭނުމީ ހަގީގަތުގައި އައިދަންއާއި ލައިޝާގެ ކައިވެންޏަށްފަހު އެހެން އެންމެން އައްޑުއަށް ބަދަލުވުމަށެވެ.

"މަންމާ، ލައިޝާ ބޭނުމެއްނުވޭ އަދި ކައިވެނިކުރާކަށް....." އައިދަން ބުނެލީ ހީވާގޮތެކެވެ.
"މަންމައަށް ހީވަނީ އައިދަން ގެ ފަހަތުން އެހެން މީހަކު އުޅޭތީ އައިދަން ތިކަން ނުކުރަން އުޅޭހެން، އެހެންނޫންނަމަ ޒުލްމާ މަށަށް ވަޢުދުވެފައި އޮތްވާ ލައިޝާ ނޫނެކޭ ނުބުނާނެ...." ސަލްމާގެ މޫނުގެ ކުލަ ބަދަލުވިއެވެ.
"ކާކު ފަހަތުގައި އުޅެނީއޭތަ މަންމާ... " އައިދަންއަށް ޝައްކެއްވިއެވެ.
"ރޭގައިވެސް އައިދަން އާއި ވާހަކަދައްކަންވެގެން އެ މަންޖެ ދަންވަރު ބޭރުގައި އެ އިނީ، މަންމަ ދެކެންވީ ކޮންގޮތަކުންތަ؟ ބަސްނުމޮށޭ ސޫފި ބާރަށް ދައިގަންނާނެ، އަފްރާޒުގެ އެއްޗެހި ދޮވެ އިސްތިރިކޮށްދީ މާ މީރުކޮށް ކާންދީގެން އަފްރާޒުވެސް އެހާ ވަރަކުން އެ އަންހެނާ މޮޅުކޮށްގެން އުޅެނީ، އެކުޑަކުއްޖާވެސް ހައްލާލައިފި، މަންމަ ހައިރާންވޭ، މިހާރުވެސް އެންމެނަށް ކަންދައްކަން އެހާ މަސައްކަތްކުރާ ސަބަބަކީ އައިދަން ރުހިދާނެކަމަށް، އެކަމަކު މަންމަ މިއަދު ސާފުކޮށް ބުނާނަން، އަހަރެން ދުވަހަކު މަގޭ ދަރިއަކާއި އެކުއްޖާ އިންނާކަށް އެއްބަސްނުވާނަން، އައިދަން އެކަން ކޮށްފިއްޔާ މަގޭ ހިތް ދުވަހަކު ހެވެއްނުވާނެ............." ސަލްމާ އެންމެ ފަހުގެ ބަސްތައް އިއްވާލިއެވެ.

"ޑޯންޓް ވޮރީ، މަންމާ، ނޫޅެމޭ އެހެން މީހަކާއި އިންނަން...." އައިދަން ހީލިއެވެ.
"މަންމަ ސަމާސާއެއްނޫން މިކުރީ، އައިދަން ގާތުގައި މަންމަ މިބުނީ، ބައްޕަ ކަށަވަރުވާ ރަގަޅު ކުއްޖަކާއި އިނަސް ހެޔޮ، ކީވާއާއި އިންނަން އަހަރެން ގަބޫލުނުވާނީ، އެހެންނޫނަސް އެކުއްޖާ ގެ ޚަރަދު އައިދަން ކޮށްގެން ނުވާނެ، މިހާރު އެހެރީ ބަލިކަމުންނޭ ކިޔާފައި ވަޒީފާއަށް ނުގޮސް، ކިހިނެއްތަ އަހަރެމެން ހިލޭ މީހެއްގެ ކަންތައް ކުރާނީ.........." ސަލްމާ އެފަދަ އެތައް ވާހަކަތަކެއް ދެއްކިއިރު އައިދަން އިނީ ދެރަވެފައެވެ. އައިދަން ހީކުރީ އޭނަގެ މަންމައަކީ މީހުންނަށް ހެޔޮ ރަގަޅު އަންހެނެއްކަމުގައެވެ. ނިކަމެތިންނަށް ހެޔޮކޮށް ހިތާނެކަމުގައެވެ. މިފެނުނީ އެހެން މަންޒަރެކެވެ. މަންމަ ގެ އެހެން ފަރާތެކެވެ. ފަހަރެއްގައި އައިދަންއަށް މަންމަ ހެޔޮއެދޭލެއް ބޮޑުކަމުން މަންމައަށް ކީވާ ކަމުނުދިޔައީކަން ނޭގެއެވެ. ނަމަވެސް މައިންބަފައިން ނޭގުމުން ކީވާ ކުށްވެރިވާންވީ ސަބަބެއް ނޭގުނެވެ.

އައިދަން ހުރީ ކިޔާނެ އެއްޗެއް ނޭގިފައެވެ. އެހެންނޫނަސް މަންމަ އެފަދަ ޝައްކުތަކެއް ކުރަންވީ ކީއްވެހެއްޔެވެ؟ ހަގީގަތުގައި މިވީހާތަނަށް އޭނަގެ ހިތްވަނީ ހުހަށެވެ. އެއްވެސް ފަރާތަކަށް އެހިތް ދެވިފައެއްނުވެއެވެ. މިރޭ ކީވާ ރުއިތަން ފެނުމުން ހިތަށް ނިކަން އަސަރުކުރިއެވެ. ހަމްދަރުދީވިއެވެ. ނަމަވެސް އެއީ ލޯބިކަމެއް އޭނަ ނުދެނެހުއްޓެވެ. ލޯބިވުމަކީ ކޮންފަދަ މަތިވެރި އިޙުސާސެއްކަމާއި ލޯބިވެރިޔާއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެވިދާނެކަމެއް އޭނައަކަށް ނޭގެއެވެ. އޭނައަށް ފެނިފައިވަނީ ޓައިޓޭނިކް އެވެ. ޖެކް ރޯޒްއަށްޓަކައި ކަނޑަށް ގެނބުނު ހިތާމަވެރި މަންޒަރެވެ. އަމިއްލަ އެދުމެއްނެތް ލޯތްބަކީ އެއީއެވެ. އެ މަންޒަރު ފެނުމުން ޚުދު އޭނަގެ ގައިންވެސް ހީބިހި ހަލުވާލިއެވެ. ނަމަވެސް އެއީ ފިލްމެވެ. ހަގީގީ ދުނިޔޭގައި އެފަދަކަމެއް ނުހިނގާނެއެވެ. ވީއިރު މަންމަ ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ އޭނައަށް މާލެއިން ރީތިކަން ހުސްކުރި އަންހެންކުދިން ފެނެއެވެ. ނަމަވެސް އޭނަގެ ހިތުގައި އެބުނާފަދަ އިހުސާސްތަކެއް ހޭނުލައެވެ. 

ސަލްމާ އެތަނުން ނުކުތީ އައިދަންއަށް އޭނަ ކީވާދެކެ ނަފްރަތުކުރާ ވަރު ހާމަކޮށްދީފައެވެ. އެ ގުޅުމާއި އުމުރު ދުވަހުވެސް ގަބޫލުނުވާނެކަން އައިދަންގެ ސިކުނޑިއަށް ވައްދާދީފައެވެ. އެއްވެސް އޮޅުމެއްނެތް ވަރަށް އެކަން ރީތިބަހުން ސާފުކޮށްދީފައެވެ. ނުވީތާކަށް ކީވާ ކަޅުވެފައި ބުޅި އިސްތަށިގަނޑެއް އޮތީމަ ސަލްމާ ފޫހިވާވަރު އަންގާލަދިނެވެ. އައިދަންމެން އެތަނުން ނުކުތުމާއިއެކު ފާޚާނާގެ ދޮރުކާރީގައި އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި ކީވާ އަވަހަށް ލޮލުގައިވާ ކަރުނަ ފޮހެލާފައި ދޮރުން ބޭރަށް ބަލައިލިއިރު ނަސީބަކުން ސިޓިންރޫމްގައި ސަލްމާ ފެންނާކަށް ނެތެވެ. އޭނަ އެތާހުރިކަން ފަޅާއެރިނަމަ ވާނެގޮތެއްވެސް ނޭގެއެވެ. ނަމަވެސް ފިލާހުރެ އެ ވާހަކަތައް އިވުނުކަން ރަގަޅެވެ. ސަލްމާ އޭނައާއި މެދު ދެކޭގޮތް ކިތަންމެ ރަގަޅަށްވެސް އޮޅުން ފިލައިފިއެވެ. މިއީ އޭނައަށް ކިހާވަރެއްގެ ބީރައްޓެހިތަނެއްކަން އެނގުމަށްފަހު މިގޭގައި އެންމެ ހިދުކޮޅަކު މަޑުކޮށްލާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. މާލޭގެ މުއްސަދި ގެއެއްގެ ނޯކިރީކަން ހޯދައިގެން މިގެއިން ދާންވީއެވެ. 

ކީވާ ކާމޭޒުކާރީގައި ދުރަށް ބަލަންހުއްޓާ ލައިޝާ ކޮޓަރިން ނުކުމެގެން އައިސް ގޮނޑިއަކަށް ވެއްޓިގަތެވެ.

"ކިވީ ހިނގާ މޫދަށް އެރިލަން ދާން، އައިދަން ބުނިގޮތުން އޭނަވެސް ޓްރިޕްގައި ދަނީ އޮފީސްކުދިންނާއިއެކު، މަންމަމެން ދަތުރު ނުދާނަމޭ، ދެމީހުންނަށް އޮތްހާ ޗާންސަކީ އާޓިފިޝަލް ބީޗްގައި ސްޕްލޭޝްކޮށްލާފައި އައުން، ގްރޭޓް އައިޑިއާއެއްނު......" ލައިޝާގެ ކޯތާފަތަށް އަޑިކޮޅު އަޅުވާލާފައި އުފާވެރި ހިނިތުންވުމެއް ހަދިޔާކުރިއެވެ.
"އޯކޭ، ހިނގާ...." ކީވާ ހުރީ މިތަނުން ސަލާމަތްނުވެވިފައެވެ.
"މިގަޑީގައިތަ؟ ހަވީރަށް ފިނިޖެހިލީމަ ދާން މަޑުކޮށްލާ...." ލައިޝާ ކަތި ނަޒަރަކުން އަފްރާޒުއަށް ބަލައިލިއިރު ހީވީ ޓީވީއަށް ގެއްލިފައި އިން ބުދެއްހެންނެވެ. ފަލަކަމުން ފުށްގަނޑެއްހެން އޮތަސް ކަސްރަތުކޮށްލާ ހަދަނިކޮށް ރީތިވާނެ ފިރިހެނެވެ. އިސްކޮޅެއް ހުރެފައި ބިޔަވީމަ ވަރަށް ނަލަވާނެއެވެ. ނަމަވެސް ކަންނެތްކަމުން ގޮނޑިން ހިއްލާލާކަށް ބޭނުންނުވާ މީހެކެވެ. ލައިޝާ މާފަށް އެދުނީމަވެސް އެކަމާއި އަޅައެއްނުލިއެވެ. އެފަހުން އަނގައިން ބުނާކަށް ނޫޅުނެވެ.

"ނޫން އަހަރެން ދާނީ މިހާރު، ހަމަ މިހާރު...ލައިޝް ދޮންވީމަ މިގަޑީގައި އަނދާފާނެތީ ނުދާން ތިއުޅެނީ، އަހަރެމެން ކަޅުމީހުން އަވީލައިގެން ތިއްބަސް ރަގަޅުވާނެ. އަހަރެން މޫދުގައި ވެއިޓްކުރާނަން، ފިނިވީމަ އާދޭ....." ކީވާ ބާރަކަށް ހިނގާފައި ދާން ފެށުމުން ލައިޝާ ހަޅޭއްލަވައިގަތެވެ. 

"ކިވީ ހާދަ ގޯހޭ، ވެއިޓް، ވެއިޓް މަވެސް ދާނަމޭ......އަހަރެން އެބައަންނަން ހެދުންބަދަލުކޮށްލައިގެން...." ލައިޝާ ކޮޓަރިއަށް ވަދެފައި އެހާއަވަހަށް އައިއިރު ކީވާ ފެންނާކަށް ނެތެވެ. ލައިޝާ ކީވާގެ ފޯނަށް ގުޅައިލުމުން ނަސީބަކުން ފޯނުނަގާފައި އިންތިޒާރުގައި މަގުމަތީގައި ހުރިކަން އެންގިއެވެ.

ކީވާއަށް އަޑުއިވޭ ހިސާބުގައި ސަލްމާ އެގޮތަށް އެއްޗެހި ކިޔުމަކީ ފަހަރެއްގައި ކީވާ ހަޔާތާއި މެދު ދެކޭގޮތް ބަދަލުވާން ރަގަޅު ފާލެއްކަން ނޭގެއެވެ. ފުރަތަމަ ފަހަރަށް އޭނަ ޕޮޒިޓިވްކޮށް ވިސްނާންފެށިއެވެ. ސަލްމާ އެހެން ބުނިކަމުގައިވިޔަސް ކަޅުކަމާއި ބުޅި އިސްތަށިގަނޑު ލިބުމަކީ އިންސާނަކުގެ ބަދުނަސީބުކަމަށް ދެކޭކަށް ބޭނުމެއްނުވިއެވެ. ހިތާއި ހިތުން ކަރުނަ އޮއްސާފައިވެސް ކީވާ ހިތްވަރުކުރަން އަޒުމް ކަނޑައެޅިއެވެ. އެފަދަ މީހުންގެ ވަކިތަކުން ސަލާމަތްވެވޭނީވެސް އޭނަ ހިތްވަރުކޮށްލައިގެން މޮޅުވެގެންތާއެވެ. އެހެންވެ މޫދަށް ގޮސްފައި މިއަދު ބިރުން މޫދަށް ނޭރި ހުންނާކަށް ކީވާ ޚިޔާލެއް ނުކުރިއެވެ. ކިރިޔާ އިސްކޮޅުޖެހޭ ހިސާބަށް ދާން ހަދައިގެން އޮޔާއި ނުގެންދިޔައީ ހަމަ ކިރިޔާއެވެ. ލައިޝާ ހަޅޭއްލަވައިގަތުމުން ކޮންމެވެސް ފެތުންތެރިއަކު އެހީވެދިނެވެ. ދެކުދިން މޫދުގައި އެތައް އިރަކު އުޅުމަށްފަހު މައްޗަށް އަރައިގެން އައިސް ޕޮޕްކޯން ކާންތިބެފައި ލައިޝާ އެ ވާހަކަފެށިއެވެ.

"އަހަރެން ހާދަ ބިރުގަތޭ، އެ ބޯއި ނެތްނަމަ ކިވީ މިއަދު މަރުވާނެ...." ލައިޝާގެ ކުރިމަތިން އަދިވެސްފެންނަނީ ކީވާ އަށް ލޮނު ބޮވުނު މަންޒަރެވެ.
"މަރުވިނަމަ ސަލްމާދައްތަމެންގެ ބޮލަށް ފަސޭހަވާނެ..." ކީވާ އިނީ ދުރަށް ބަލާށެވެ.
"ކީއްވެ ތިހެން ބުނީ، ނުވާނެ، އެންމެންވެސް ދެރަވާނެ، ސަލްމާދައްތަ ސްޓްރިކްޓްވިޔަސް ކިވީދެކެ ލޯބިވާނެ، ކިވީ ކިހާ ރަގަޅު، ކާކު ކިވީ ދެކެ ހޭޓްކުރާނީ....." ލައިޝާ ދޮންވެލިގަނޑުމަތީގައި " ކޭ " އަކުރެއް އަޅަން އިނެވެ.
"ލައިޝްއަކަށް ނޭގޭނެ، އަހަރެން ޖޮބަށް ދިޔުން ހުއްޓާލީމަ އަހަންނަށް ޚަރަދުކުރާނެ މީހެއްނެތް، ސަލްމާދައްތަ އިރުއިރުކޮޅާ ކިޔާނެ ފެންވަރާއިރު ބަލާށޭ، ނުދޮންނާށޭ، އަބަދު ކޮންމެވެސް ކަމަކާއި އެއްޗެހިކިޔާތީ ވަރަށް އުދަގޫވޭ، ލައިޝް، އަހަރެން މިއުޅެނީ އެހެން ތަނަކަށް ޗޭންޖްވާން، ޖޮބެއްވެސް ބޭނުން......" ކީވާ ވިސްނާގޮތް ހާމަކުރިއެވެ.
"އެހެން ތަނެއް ސޭފެއް ނުވާނެ ކިވީ، ކިތަންމެ އުދަގޫވިޔަސް އަހަރެމެން އުޅޭނީ އެކީގައި، ކިވީ ދަންޏާ އަހަރެން ފަހަތުން ދާނަން، އަހަރެން ކިވީ އެކަނި ދިޔަކަނުދޭނަން......" ލައިޝާގެ ވާހަކައިން ކީވާއަށް ނުރޮވުނީ ކިރިޔާއެވެ. އެއީ ތެދެކެވެ. ލައިޝާއާއި އެކުދިންގެ މަންމަ ކީވާދެކެ ލޯބިވެއެވެ. ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. ސަލްމާދެއްކި ވާހަކަތައް ލައިޝާގާތު ކިޔާދޭން ނުކެރުނީ އެހެންވީމައެވެ. ލައިޝާ ރުޅިގަދަވެގެން ވަގުތުން އެގެއިން ނިކުންނާނެކަން ޔަގީންވާތީއެވެ. ހިދުކޮޅަކަށްވެސް މަޑުކޮށެއްނުލާނެއެވެ.

"އަހަންނަށް ވަރަށް އުދަގޫ އެގެއަށް ވަންނާން...."ކީވާ ގެ ބޮލުގައި ރިއްސާލިއެވެ.
"ސަލްމާދައްތަ އެއްޗެކޭ ބުނީތަ؟ ޓެލް މީ ކިވީ...." ކުއްލިއަކަށް ލައިޝާ ކުރަން އިން މަސައްކަތް ހުއްޓާލާފައި ތެދުވިއިރު ބުމަ ގޮށްޖެހިފައިވިއެވެ. ލައިޝާގެ ދޮންމޫނަށް އޭރުވަނީ ރަންކުލަ އަރާފައެވެ. ސަންސްކްރީން ލާފައި ހުއްޓަސް މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. ނަމަވެސް އެ ކުލަ އެރުމުން ވަކިން ބޮޑަށް ޔޫރަޕްކުއްޖެހެން ހީވެއެވެ.
"ފިއުޗަރ މަމްއަށް ތިގޮތަށް ރުޅިދައްކާކަށް ނުވާނެ، ނޫން މީހަކު އެއްޗެކޭ ބުނީއެއް ނޫން......." ކީވާ ސަމާސާގޮތަކަށް ހީގަތެވެ. ލައިޝާ ރުޅިއަރުވާލާކަށް އޭނަ ބޭނުމެއްނޫނެވެ. އަދި މަންމަގެ އެންމެ ގާތް އެކުވެރިޔާއާއި މަންމަ ވަކިކުރުމުގެ މެދުވެރިޔަކަށްވެސް އޭނަ ނުވާނެއެވެ. 
"ކިވީ އައި ވިލް ކިލް ޔޫ، ހަމަ ތެދަށް މިބުނީ، އަހަންނާއި އައިދަން އާއި އަޅުވާ ނުކިޔާށޭ ބުނާނީ ކިތައްފަހަރުތަ ކީވާ ގަނޑާ، ނޭގޭތަ އަހަރެން ކަޔާންދެކެ ލޯބިވާވަރު، އިރާދަކުރެއްވިއްޔާ އަހަރެންގެ މަންމައަކަށް ދުވަހަކު އޭނަ ނުވާނެ، އައި ސްވެއަރ، އަހަރެން މެރީކުރާނީ އެކަނި ކަޔާންއާއި....." ލައިޝާ ހޭންފެށިއެވެ. އަދި ހުވަފެނަކަށް ގެއްލުނެވެ. ކަޔާންގެ މަތިން ހަނދާންވެ ކަޔާން އުޅޭތަނެއް ބަލައިލަން ބޭނުންވިއެވެ. ހީވާގޮތުން މާދަން ކަޔާން އޮފީހަށް ދާނެއެވެ. މާދަމާ ރެއަކީ ހަނދުބަލާ ރެޔެވެ. ކަޔާންދެކޭހިތުން ހިތަށް ކެތްވަނީއެއް ނޫނެވެ. އެހެންނޫނަސް އޮފީހުގައި މާހެފުން އޮންނާނެއެވެ. ދަތުރުގައި ކަޔާން ބައިވެރިނުވިޔަސް ފަހަރެއްގައި އޭނަ ދަޢުވަތު ދިނީމަ ސައި ކޮޓަރިއާއި ހަމަޔަށް ގޮސްދާނެއެވެ. 

ހެނދުނު ތެދުވެގެން ލައިޝާ ރީތިވާންފެށިއެވެ. މޫދުގައި އުޅުނުކަމުގެ ކުލަތައް އޭނަގެ މޫނަށް އަރާފައިވާ ރަންކުލައިން ހާމަވެއެވެ. ތުންފަތްވެސް އެހެން ދުވަހަށްވުރެ ރަތެވެ. ލައިޝާ އެއްވެސްމޭކަޕަކާއި ނުލައި އެކަނި މޮއިސްޗަރައިޒްކްރީމްކޮޅެއް ހާކާލުމަށްފަހު އަތްދަބަސް އަޅުވާލައިގެން ގެއިން ނިކުންނާން ހިނގައިގަތެވެ. އޮފީހުން ކަޔާންއާއި ދިމާވާނެކަން ހިތަށް އަރާފައިވެސް ހިތް އަވަސްވެލައި ފޮނި ފޮނި އިހުސާސްތަކެއް ކުރުވައިފިއެވެ. އެ ރީތި ދެލޯ ބޭގަރާރުވަނީ އެކަނި ކަޔާން ދެކޭހިތުންނެވެ. ލައިޝާ މިއަދުވެސް ރަތް ފިނިފެންމާ ކޯންޏެއް ގެނައެވެ. އަތުގައި އެހާވަރަށް ލާރިނެތަސް ކަޔާންއަށްޓަކައި ޚަރަދުކޮށްލެވުމުން އުފާވަނީއެވެ. އެމާތަކަށް ސެންޓު ޖަހާލާފައި ހުރުމުން ތަނުގައި ވަކިން މީރުވަހެއް ހިފާލިއެވެ. އާދައިގެ މަތިން ކަޔާންގެ މޭޒުމަތީގައި އެއްޗެހި ހަމަޔަށް ހުރިތޯ ބަލާލާފައި ގޮސް ދޮރުގައި ވާފަރުދާތައް ކަހާލައިފިއެވެ.
"މިއީ ދުނިޔެ މަތިންވެސް އެންމެ ހުންނަން ބޭނުންވާތަން...." ލައިޝާ ދެލޯ މަރާލިއެވެ.
"ގުޑްމޯނިން..." ޒިއާމްގެ އަޑު އިވުމުން ލައިޝާ ސިހިފައި އެނބުރި ބަލާލައިފިއެވެ. ލައިޝާ ކަޔާންގެ ކެބިން ރީތިކުރާވަރު ފެނުމުން ޒިއާމް ނުތަނަވަސްވިއެވެ. ކަޔާންއާއިހެދި ލައިޝާއުޅެނީކަން ނޭގެއެވެ. ކަޔާން ހޯދުމަކީ ފަސޭހަކަމަކަށް ނުވެ ހިގައިދާނެކަން ލައިޝާއަށް ނޭގެނީކަން ނޭގެއެވެ. އެހެންކުދިންނަށްވެސް ވަނީ ނާކާމިޔާބުވެފައެވެ. ލައިޝާ ސަލާމުގެ ޖަވާބު ދީފައި އެނބުރިބަލާލިއެވެ.

"ލައިޝް އަހަންނަށް ކަމެއް ކޮށްދީބަލަ....." ޒިއާމް އޭނަގެ އެކުވެރިންނަށް ޑިނަރއަކަށްދާން ރެސްޓޯރެންޓަކުން ބުކްކުރުވަން ބުނެލިއެވެ. ކަޔާންވެސް އަމިއްލަ ކަންތަކު ނުކިޔާއިރު ޒިއާމް މިއުޅެނީ މާ ގާތްވެގެންނެވެ. ނަމަވެސް ލައިޝާ ރުޅިއެއްނައެވެ. ކަޔާންގެ އާއިލާއަށްވާއިރު އޭނަގެ މީހަކަށްނުވާންވީ ސަބަބެއްނެތެވެ. އާއެކެވެ. ޒިއާމްއަކީ އޭނަގެ ޅިޔަނެވެ. އެވަގުތު ކަޔާން އެތަނަށް ވަދެފައި ޒިއާމް އާއި ލައިޝާ އެއްތަނަކުން ފެނުމުން މޫނުމަތިން އިތުރު ޝުޢޫރެއް ފެނިނުލިޔަސް ލައިޝާއާއި ހަތަރުކަޅި ހަމަކުރިއެވެ. އެ ފުންދެލޮލުގެ އެންމެ ބަލައިލުމަކުން ލައިޝާ ރަކިވިއެވެ.

"ލައިޝް ގެނެސްދޭ ރޯޒްގެ މީރުވަހުން މިތަން ފްރެޝްވެލާފައި. އެހެންވީމަތަ ޕީއޭއަކަށް ހޮވީ........" ޒިއާމް ވާސްގައި ހުރި މާތަކުން ނައްޓާލި މަލެއް ކަޔާންގެ އަތަށް ދިނީމަ ކަޔާން ހީލަމުން އޭގައި ހިފާލިއެވެ.
"ޒިއާގެ ކެބިންވެސް ރީތިކޮށްލަދީބަލަ ލައިޝް......." ކަޔާން ޖެހިލުމެއްނެތި މަލުގައި ވަސްބަލައިލިއެވެ.
"ނޫނޭ، އަހަރެން ބަހައްޓާ، ލައިޝް ލައްވާ ގޯސް ހައްދަން ނޫޅޭތި، އެހެންނޫނަސް އަހަރެން އެހާ މަސައްކަތެއް ނުޖައްސުވާނަން، ވަން މޯރ ތިންގް ކެން، ކަޔާން ފޮނިކަމުން މިތާ ކަމެއްގައި ބައިވެރިނުވާ ވާހަކަ ކުއްޖަކު ބުނި، އެހެންވީމަ މިއަދު މާ ހެފުމަށް ދާތި......މިއީ އޯޑަރެއް......" ޒިއާމް ބުނެލި އެއްޗަކުން ކަޔާން ހޭންފެށިއެވެ. ފުރަތަމަ ޖުލްމައިގާ ވި މާނަ އޭނައަށް އެނގުނުއިރު ލައިޝާވެސް އެ ޖުމްލަ ފާހަގަކުރިއެވެ. ޒިއާމް ނުކުތީ ފޯނެއް އައުމުންނެވެ. ކަޔާން އާއި ލައިޝާ އެކަނިވުމާއިއެކު ލައިޝާ އެންމެ ފުރަތަމަވެސް ކިޔައިދިނީ ޒިއާމްއާއި އެކީގައި އެރޭ އޮފީހަށް އައި ވާހަކައެވެ. ކަޔާންއަށް ނުގުޅިގެން ލައިޝާ ދެރަވީވަރު ކިޔައިދިނެވެ.

"އަހަރެން ފެމިލީއާއި އެކު ދަތުރުގޮސް އުޅެނިކޮށް ގަސްތުގައި ފޯނު ފޮރުވައިގެން ސްވިޗް އޮފްކޮށްލީ، ސޮރީ، ކީއްވެ އެހާ ދެރަވީ، ލައިޝާ އަހަންނަށް ނުގުޅުނީމަ ހަމަ ދެރަވާންޖެހޭތަ؟ " ކަޔާންގެ ރީތި ދެލޮލުގައި ވަނީ ލާނެތް ގޮތެކެވެ.
"ދެރަވި، ވަރަށް ދެރަވި، ހީކުރީ ޒިއާއާއި އެކުގައި މިތަނަށް އެކަނި އައީމަ ސަރ އެކަމާއި ހިތްހަމަނުޖެހިގެން އާންސަރ ނުކުރީކަމަށް....." ލައިޝާ ބޭނުންވީ ކަޔާން ހަސަދަވެރިކުރުވުމެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއަކާއި އެކީގައި ފެނުނަސް ލޯބިވެރިޔާ ވެއްޖެއްޔާ ހިތަށް އުދަގޫވާނެއެވެ. ބިރުވެސް ގަންނާނެއެވެ. ކަޔާން އޭނަދެކެ ލޯބިވަންޏާ އެހެން ނުވާންވީ ސަބަބެއްނެތެވެ.

"ހީޒް މައި ބްރަދަރ، ކީއްވެ އަހަރެން ރުޅި އަންނާންވީ.....އަހަރެން ޓެސްޓެއްކޮށްލަންތަ ލައިޝާ އުޅުނީ، ލައިޝާ އެހެން ވިސްނަފާނެކަމަކަށް އަހަރެން ހިތަކަށް ނާރާ، ތެދަށް ބުނަންޏާ އަހަރެން ޒިއާއަށް ޓްރަސްޓްކުރާވަރުން ނޫންނަމަ ތިކުރީ އަހަރެން ދުވަހަކު މާފު ކުރާނެ ކަހަލަ ކަމެއް ނޫން. މިބުނީ އެގަޑީގައި ފިރިހެނަކާއިއެކު އެކަނި އޮފީހުގައި އުޅުން........ " ކަޔާން ތެދުވެގެންގޮސް ކުޑަދޮރު ކާރީގައި ހުއްޓުނެވެ. މިއަދު ރީތި ވަރަކަށް އަވިދީފައި އޮތުމުން އިރުގެ ރަންދޯދިތައް ކަޔާންގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އޮމާން ކަނދުރާގެ ރީތިކަން އިތުރުކުރުވިއެވެ. ފިރުމާލާހިތްވާފަދަ އިސްތަށިގަނޑެކެވެ.

"ކޮންއިރަކުންތަ މާހެފުން އޮތީ..." ލައިޝާ ނިޔަފަތީގައި ދަތްއަޅައިގެން ހުއްޓާ ކަޔާން އަހާލައިފިއެވެ.
"އެގާރަޖަހާއިރު ހެން ހީވަނީ....." ލައިޝާ ހުރީ ހިނިތުންވެލައިގެންނެވެ.
"ކޯންޗެއްތަ ހަދާފައި ހުންނާނީ، ލައިޝާ ހަދާ އެއްޗެއްވިއްޔާ އަހަރެން ކާނީ....." ކަޔާން ސަމާސާކުރިއެވެ.
"ސީރިޔަސްކޮށްތަ؟ ސަރ އެކަމަކު ކީއްވެތަ؟ އަޅުގަނޑު ތައްޔާރުކުރި އެއްޗެއް ކަމުނުގޮސްފިއްޔާ ކިހާ ބިރުގަންނާނެ........." ލައިޝާ މިހާރުއްސުރެ އެއްޗެހި ތައްޔާރުކުރަން ދާން ބޭނުންވިއެވެ. އަދި ބަރާބަރު ގަޑިއެއް އެބައޮތެވެ. އޭނަ ތައްޔާރުކުރާ އެއްޗެހި އެހެންމީހުންނަށް އިޝްތިހާރުނުކޮށް އާފްރާ ހުންނާނެކަމެއްވެސް ނޭގެއެވެ. އާފްރާއަކީ އަނގަގަދަކުއްޖެކެވެ. އެކަމަކު ކަޔާން އެކަނި އޭނަ ތައްޔާރުކުރާ އެއްޗެހި ކާންވެއްޖެއްޔާ އެހެން ކުދިން ފާހަގަކޮށްފާނެކަން ނޭގެއެވެ.

"ޔޫ ޓޯކް ޓޫ މަޗް...." ކަޔާން މޭޒަށް ލެނގިލައިގެން ހުއްޓުނުގޮތަކުން ލައިޝާ އާއި ދޭތެރޭގައި ހުރީ ކުޑަ ހުސްތަންކޮޅެކެވެ. އޭރު ލައިޝާގެ ހިތް އަވަސްވެގެން ހީވަނީ އެހެން ކަމެއްހެންނެވެ. އެ ހިމޭންކަމުގެ ތެރެއިން އެ އަޑު ކަޔާންއަށް އިވޭނެހެން ހީވިއެވެ.
"މާ ގިނައިން ވާހަކަދެއްކުމަކީ ގޯސްކަމެއްތޯ...." ލައިޝާއަށް މަޖާވިއެވެ.
"އަހަރެން ލައިކްވާ ކުދިން ވާހަކަ ގިނަވި ވަރަކަށް ރަގަޅީ، އެކަމަކު މިއަދު އެހާ ޓައިމްއެއް ނެތް ދޯ، ލައިޝާ ޖެހޭނެ މާހެފުން ތައްޔާރުކުރަން ދާން، އެހެންނޫނަސް އަހަރެމެން މީޓިން އެއްވެސް އެބައޮތެއްނު، ހުރިހާ މެނޭޖަރުންނަށް އެޖެންޑާ މެއިލްކޮށްފިންތަ؟ އައި އޮލްމޮސްޓް ފޮގޯޓް......" ކަޔާން ފޯނަށް ބަލައިލަން އިސްޖަހައިލުމުން އެ ރީތި ދެލޮލުގައި ބޮސްދޭން ލައިޝާގެ ހިތް ބޭނުންވިއެވެ. ތުންފަތުގައި ދަތްއަޅާލިގޮތް ހާދަ ހިތްގައިމެވެ. 
"ނުލަފާކުއްޖާ، އެސްފީނާޖެހިދާނެ ތިހާވަރަށް ނުބަލާ، ސިއްރުން ބެލިޔަސް ހީ ނޯސް އިޓް، ހަވަނަ ހިއްސު ހުރޭ އަހަރެންގެ ކަޔާންގެ،ނުބައި އެއްޗެހި ހިތަށް މިއަރަނީ ކީއްވެތަ؟ ކަޔާން އެކަހަލަ އެއްޗެހި ހިތަށް އަރާނެބާ، އަހަންނަށް އެ ސިކުނޑިއަށް ވަދެވޭނެނަމަ، ނޫނީ އެއިނީ ހަމަ ރަގަޅަށްވެސް ރަމަޟާން އެލަވަންސްފަދަ ކަންތަކާއިމެދު ވިސްނަންބާ..." ލައިޝާގެ ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. އޭނަ ހުރީ ކަޔާންގެ މޫނަށް ބަލަހައްޓައިގެން ގަނޑުވެލާފައެވެ. ޝައިތޯނާ ސިކުނޑިއަށް ނުލަފާ ވަސްވާސްލާދިނެވެ. 
"ސަރ އައި ހޭވް ސަމްތިން ޓު ޓެލް ޔޫ......" ލައިޝާ އެއްފިޔަވަޅެއްހާ ތަން ކުރިއަށް ޖެހިލިއިރު ކަޔާންގެ އުނގުތެރެއަށް ނުވަދެ ހުރެވުނީ ކިރިޔާއެވެ. ހީވީ ނުފެންނަ ދަމާބާރެއް އެދޭތެރޭގައިވާ ދުރުމިން ނައްތާލަން އުޅޭހެންނެވެ. ދަގަތްފާނަށް ދަގަޑު ދަމާފަދައިންނެވެ. ކެމިސްޓްރީ އެހާ ވަރުގަދަވި ހިނދުކޮޅެކެވެ.

ކޮމެންޓް 0