އެއީ ލައިޝާ އޮފީހުން ވަކިކުރިކަމުގެ ސިޓީއެކެވެ. ސިޓީކިޔަމުން ދިޔައިރު ލައިޝާ އިނީ ގަނޑުވެފައެވެ. ހިތާމައިންގޮސް ސިކުނޑީގެ މަސައްކަތް ރަނގަޅަށް ނުހިނގައެވެ. ދާއިމީކޮށް އޭނަ ހުންނަން ބޭނުންވި ވަޒީފާއިން ޒިއާމް އޭނަ ކަނޑާލީ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ޕީއޭގެ މަގާމަށް އެކަށީގެން ނުވާކަމަށް މިހާރު ނިންމަން ޖެހުނީ ކީއްވެބާވައެވެ. ވަޒީފާއިން ވަކިކުރިޔަސް ކަޔާން އޭނަގެ ޚަރަދުތައް ބަލަހައްޓާނެކަން ޔަގީނެވެ. އޭނައަކީ ކަޔާންގެ އަނބިމީހާއަށް ވާތީ ފައިސާއާއިމެދު ވިސްނާކަށް މިއަދު ލައިޝާ ނުޖެހޭނެއެވެ. ބޭނުންވާވަރަށް ވުރެ މާ ގިނަ ލާރި ކަޔާން އޭނަގެ އަތަށް ދީފައި ހުރެއެވެ. ދެރަވަނީ އެހެންވީމައެއް ނޫނެވެ. ނަމަވެސް ހެދުނުން ފެށިގެން ހަވީރު ވާންދެން ކަޔާންގެ ކުރިމަތީގައި އިންނަން ބޭނުންވާއިރު މިލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަ މަރުވެދާނެއެވެ. ރޭގަނޑުވެސް ކަޔާންއާއި އެކުގައި އުޅެން ލިބެނީއެއް ނޫނެވެ. މިވީގޮތުން ދުވާލު ލިބޭ އުފާކޮޅުވެސް ނެތިގެން ދާން އުޅެނީއެވެ.

"ސަރ، އަޅުގަނޑުގެ ކުށަކީ ކޮބާތޯ....." ލައިޝާ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން އިސްއުފުލާ ބަލާލައިފިއެވެ.
"ކުށަކީ އޮފީސްތެރޭގައި ބަދު އަޚުލާގީ އަމަލު ހިންގިކަން، އެހެން މީހުންގެ ފަރާތުންވެސް އަހަންނަށް ވަނީ ފާޑުފާޑުގެ ވާހަކަތައް އިވިފައި، ނަމަވެސް އަހަރެން ހިޔެއްނުކުރަން ލައިޝާ އެދަރަޖައަށް ވެއްޓިގެންފާނެ ކަމަށް، އެވެސް އޮފީސް ތެރޭގައި، ވަޒީފާގައި ދެމިހުންނަން ތިކަހަލަ އަންހެންކުދިން ބޮސްއިންނަށް ކޮށްދޭ ކަންތައްތައް ހުންނާނެކަން އަހަންނަށް އެނގޭ، އެހެންވެ އަހަރެން ބޭނުމެއްނުވޭ ލައިޝާ މިތާގައި މަސައްކަތް ކުރަން، ކަޔާންގެ ގާތުގައި ބުނެގެން ނުވާނެ އަހަރެން އެދުވަހު އައިކަން މިތަނަށް........." ޒިއާމް ގެ އަޑުގައި އެއްވެސް ހަމްދަރުދީއެއް ނެތެވެ.
"އަޅުގަނޑު އެކަމާ މާފަށް އެދެން، ދެން ނޫޅޭނަން އެގޮތަކަށް ސަރ، އެންމެ ޗާންސެއް. ޕްލީޒް، ޕްލީޒް....." ލައިޝާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.
"އަހަރެން ނެގި ޑިޒިޝަން ބަދަލެއް ނުކުރާނަން، ލައިޝާ ޖެހޭނީ ދާން، ކުރިން އެކަން ވިސްނާލިނަމަ، ސޮރީ އަހަންނަށް ނެތް ތިކަން ކުރެވޭކަށް، ތިއީ މިވަގުތުން ފެށިގެން މި އޮފީހުގެ މުވައްޒަފެއްނޫން، ދެން ދޭ......" ޒިއާމް ވާހަކަދެއްކި ގޮތުން ލައިޝާދެކެ ފޫހިވެފައިވާވަރު ހާމަކޮށްދިނެވެ. ޒިއާމް ފައިލެއް ހުޅުވާލައިގެން ބަލަންފެށިއެވެ. 
"ސަރ، އައި ބެގް ޔޫ...." ލައިޝާ ހުރީ ކިތަންމެ ވަރަކަށްވެސް ނިކަމެތިވެގަންނާށެވެ. ޒިއާމްގެ ފައިގައި ހިފާ ސަލާމްވެސް ޖަހާށެވެ. ޒިއާމް ގާތުގައި އޭނަ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ މިތަނަކީ އޭނަގެ ހަޔާތުގެ އެންމެ ބޮޑު އެއް އުފާ ލިބޭ އެއްތަނެވެ. ދުނިޔެމަތީގެ ސުވަރުގެއެވެ. ކޮންމެ ދުވަހަކު ހެނދުނު އޭނަ މިތަނަށް އަންނަހިތުން ރޭގަނޑު ގަޑިތައް ގުނައެވެ. ކަޔާންގެ ކާރުގެ އިންތިޒާރުގައި ހުންނައިރުވެސް އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. ކަޔާންގެ ރީތި މޫނު ފެނުމުން ހިތަށް ލިބިގެން ދާ ފިނިކަމަކުން ހިތާއި ރޫހުވެސް ގެބިގެންދެއެވެ. ކަޔާންގެ ކުރިމަތީގައި އިންނައިރު ލައިޝާގެ ހިތަށް ލިބޭ ހަމަޖެހުން އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ކަޔާންއަކީ އޭނަގެ ދުނިޔޭގެ ހުރިހާވެސް އުފަލެވެ. ވީއިރު ޒިއާމް އެ އުފާތައް ނިގުޅައިގަންނަން އުޅެނީ ކީއްވެހެއްޔެވެ؟

"ލައިޝާ، އަހަރެންގެ ވަގުތު ބޭކާރު ކުރަން ނަހަދާ މިތަނުން ދޭ...." ޒިއާމް ލައިޝާއާއި ހަތަރުކަޅި ހަމަކޮށްލަމުން ނުރުހުންވެފައިވާ ގޮތަކަށް އެހެން ބުނެލާފައި ފޯނު ކަންފަތުގައި ޖަހައިގެން ދާން ފެށުމުން ލައިޝާ ކޮޅަށް ތެދުވެއްޖެއެވެ. ޒިއާމްގެ އަތުގައި ހިފާލެވުނީވެސް ބޭއިޚުތިޔާރުގައެވެ. އޭރު ލައިޝާގެ އޮމާން ކޯތާފަތް މަތިން ކަރުނަ ތިކިތައް ތިރިއަށް ފިރުކިގެންފިއެވެ. ޒިއާމްގެ ހިތަށްވެސް އެވަގުތު އަސަރުކުރިއެވެ. އެ އަންހެންކުއްޖާ އަށްޓަކައި ހިތް ހަމްދަރުދީއިން ފުރުނެވެ.

ޒިއާމް ލައިޝާގެ އަތް ފޮޅުވާލާފައި ކެބިން އިން ނުކުމެގެން ދާން ފެށުމުން ލައިޝާއަށް އަތް ދިއްކޮށްލެވުނެވެ. ޒިއާމް ހުއްޓުވަން ބޭނުންވިއެވެ. ނަމަވެސް ލައިޝާއަށް ވިސްނުނެވެ. ޒިއާމް އޭނަގެ ނިންމުން ބަދަލެއް ނުކުރާނެއެވެ. ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް ވެރިޔާގެ ކަންފަތަށް ނީވޭނެއެވެ. ހިސާބަށްވުރެ މުއްސަދިވެއްޖެއްޔާ ބޮޑާވެ ނިކަމެތިންނަށް ހަދާނީ ހިތަށް އެރިގޮތެކެވެ. ނިކަމެތިންގެ ވޭނާއި ކެކުޅުންތައް އެއްގޮތަކަށްވެސް އެމީހުންނަކަށް އިހުސާސެއް ނުވާނެއެވެ.

ލައިޝާ ކެބިންއަށް ގޮސް ވަދެފައި ހިތާމަވެރި ނަޒަރަކުން ކަޔާންގެ ކެބިންއާއި ދިމާލަށް ބަލާލާފައި އޭނަގެ ސާމާނުތައް ޕެކްކުރަންފެށިއެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރާއިރުވެސް ކަރުނަތަކަށް ނިމުމެއްނައެވެ. އެހެން އިންދާ ކަޔާން ގޮސް ކެބިންއަށް ވަދެފައި ލައިޝާ ގާތުގައި އަންނަން ބުނަން ގުޅާލައިފިއެވެ. ލައިޝާ އެތަނުން ނުކުތްގޮތަށް ތިރިއަށް ދާންފެށުމުން ކަޔާން ފަހަތުން ދިޔައެވެ. ލައިޝާ މަޑުކޮށްލުމެއްނެތި ގޮސް ވަނީ ނަމާދުގެއަށެއެވެ. ކޮމަން އޭރިއާއަށް ވަނުމަކީ އާއްމުކޮށް ކަޔާން ކުރާކަމަކަށް ނުވިޔަސް އެވަގުތު އޭނަގެ އެ ޚިޔާލެއްނެތެވެ. 

"ލައިޝް، ކިހިނެއްވީތަ؟ " ކަޔާން ގޮސް ދޮރު މައްޗަށް އެރިއެވެ.
"އަހަރެން ބޭނުމީ ގެއަށް ދާން ހަނީ...." ލައިޝާ އަނެއް ފަރާތަށް އެނބުރުނެވެ.
"އޯކޭ އާދޭ ދާން...." ކަޔާން ލައިޝާގެ އަތުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. އެ ރީތި ދެލޮލުގައި ކަރުނަތައް ބަބުޅާތަން ފެނިފައި ކަޔާންގެ ހިތަށް އަސަރުކުރިއެވެ. ދެރަވެގެން ގޮސް ހިތްހަލާކުވާވަރުވިއެވެ. ގެއަށް ނުދެވެނީސް ސުވާލުކޮށްލާކަށް ކަޔާން ބޭނުމެއްނުވިއެވެ. ކަޔާން ލައިޝާ ގޮވައިގެން ދިޔައީ އޭނަ އުޅޭ އެޕާޓްމެންޓަށެވެ. ލައިޝާ އެނދަށް ބަންޑުން ވެއްޓިގަތް ގޮތަށް ބާލީހުގައި މޫނު ފޮރުވާލައިފިއެވެ. ކަޔާން އެނދުގެ މަގަތުގައި އިށީދެ އެތައް ވަރަކަށް ސުވާލުކުރުމުން ލައިޝާ ޒިއާމް އޭނަ އޮފީހުން ކަނޑާލި ވާހަކަ ބުނެލިއެވެ.

"ލައިޝް އެތާހުރެ ތި ވާހަކަ ނުބުނީ ކީއްވެތަ؟ އަހަރެންވެސް ބޭނުން ގޮތަކަށް އޮފީހުގައި ކަންތައް ހިނގާނީ، އަހަރެންގެ ޕީއޭއަކަށް ހުންނާނެ މީހެއް ނިންމާނީ އަހަރެން...." ކަޔާން އަތްމުށްކަވާލިއެވެ. ނަމަވެސް ރުޅިފިނިކުރަން މަސައްކަތް ކުރަމުން އޭނަ ލައިޝާ އެނދުން ނަގާފައި އަތުތެރޭގައި ބޮނޑިކޮށްލިއެވެ.
"ދެރަވަނީ އެކަނި ކެން ނުފެންނާނެތީ، އަހަރެމެންހާ މަޖުބޫރީތައް މިހާގިނަ އެހެން ކަޕްލްއެއް ދުނިޔޭގައި އުޅޭނެތަ؟ ކެން ބުނެބަލަ، ކިހިނެއް ކެން ނުފެނި ކެތްކުރާނީ، އޮފީހަށް ދާން ބޭނުންވަނީ އަދި އެ މަގާމުގައި ހުންނަން އެންމެ ކުރިން ބޭނުންވި ސަބަބަކީވެސް އެއީ، އަބަދު ކެންއާއި ގާތުގައި ވާންވެގެން، ކެން، ސަރ ގާތުގައި ބުނެދީބަލަ މި ޖޮބް އިމްޕޯޓެންޓްވަރު، އަހަރެމެންނަކީ ހަޒްބެންޑް އެންޑް ވައިފްކަން ޒިއާމްއަށް އެނގެންވާނެ، އެހެންނޫނީ، އިޓް ހާޓްސް ސޯމަޗް...." ލައިޝާ ކަރުނަތައް ފޮހެލާފައި ކަޔާންގެ މޫނުގައި ފިރުމާލިއެވެ.
"ލައިޝް ދެރަނުވޭ، ހުރިހާ ކަމެއްދާނީ ރަގަޅަށް، ރަގަޅުކުއްޖަކަށް ދެރަގޮތެއްނުވާނެ...." ކަޔާން ލައިޝާގެ ނިތްކުރީގައި ބޮސްދިނެވެ. ކަޔާން ލައިޝާ އާއި ވާހަކަދައްކަން އިނދެލާފައި އޮފީހަށް ދިޔައީ ޒިއާމްއާއި ބައްދަލުކުރުމަށެވެ. ޒިއާމް މީޓިންއެއްގައި އިނުމުން އެކަމަށް ވަގުތު ނެގިއެވެ. ކަޔާން ކެބިންތެރެއަށް ނަޒަރު ހިންގާލިއެވެ. ކެބިންއަށް އައިސްފައިވާ ކޮންމެ ބަދަލެއްގެ ފަހަތުގައިވި މީހަކީ ލައިޝާއެވެ. މިއަދުވެސް މޭޒުމަތީގައި ހުރި ކްރިސްޓަލް ވާސްގައި އެހެރީ ތެމިފައިވާ ތާޒާ މާތަކެވެ. ލައިޝާ އެ ވާސްގައި ކޮންމެ ދުވަހަކު މާތައް އަތުރަން ހުންނައިރު އެ ރީތި މޫނަށް ވެރިވާ ކުލަތައް ދެކެން ކަޔާން އިންނަނީ ގަޔާވެފައެވެ. ލައިޝާ ނެތި އޭނަ މަސައްކަތްކުރާނީ ކިހިނެއްހެއްޔެވެ؟

އެންމެފަހުން ވަގުތެއްވެގެން ޒިއާމްގެ ކެބިންއަށް ވަންތަނާ ޒިއާމް ފޯނެއްގައި އިނދެލާފައި ކަޔާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ލައިޝާ ފަޔަރކުރީމަ އެ ވާހަކަ ދައްކާލަން މިއައީ، ދޮންބެ ޕީއޭ އަކަށް އެހެން މީހެއް ހޯދަންވީނު، އެކަމަކު ލައިޝާ ނުދާނެ މިތާކުން..." ކަޔާން ރުޅިމައިތިރި ކުރަން މަސައްކަތްކުރިއެވެ.
"އޮފީހުގެ ވެރިމީހާގެ ހައިސިއްޔަތުން އަހަރެން ލައިޝާ ވަކިކުރީ، ކަމާއި އެކަށީގެންނުވާ މީހަކު ކިހާދުވަހެއްވާންދެން ގެންގުޅެންކަމަށް ކަޔާން ތިހިރީ، އެހެންނޫނަސް ކަޔާން ނުޖެހޭ ދޯ ޒާތީ ކަންތައްތަކާ ޕްރޮފެޝަނަލް ކަންތައް ގުޅުވާކަށް، އަހަރެން ވަރަށް ވިސްނާފައި އެ ޑިޒިޝަން ނެގީ، އެކަމެއް ބަދަލެއް ނުކުރާނަން...." ޒިއާމް ދެއަތް މޭޒުމަތީގައި ބޭއްވިގޮތުންވެސް އެ ނިންމުމުގެ ހަރުދަނާކަން އެނގުނެވެ. ކަޔާންގެ މޫނުމަތީގައި އެތިފަހަރެއް ޖެހިނަމަވެސް ކަޔާންއަށްއެހާ އުދަގުލެއްނުވީހެވެ. 

"ލައިޝާ އަށް މިތާ ވޯކް ނުކުރެވެންޏާ އަހަރެންވެސް ރިޒައިން ކުރާނަން....." ކަޔާން ގެ ދެލޮލުން އަލިފާން ކަނި ބުރާލިހެން ހީވިއެވެ.
"އަހަންނަށް ފަރުވާލެއްނެތް، ރިޒައިން ކުރީމަ ގެއްލުންވާނީ އަހަންނަކަށް ނޫނޭ، ހަމަ ކަޔާންއަށް، ބުނާނެ މަސައްކަތް ކޮށްގެންނޭ ލާރި ހޯދާނީ، ކަޔާން މާ މައްޗަށް ތިދަނީ، ތިފެންވަރަށް ވެއްޓެން ހަމަ ޖެހޭތަ؟ ކަޔާން ބޭނުމިއްޔާ ރިޒައިންކޮށްފައި ދޭ، އެވެސް ނާސިއަކަށް ޓަކައި...." ޒިއާމް ގެ ގާތުގައި ލައިޝާގެ ގަދަރަކީ އެއީއެވެ. ފައިފުއްސަކަށް ކުރާ ގަދަރުވެސް ދެން އޭނަ ލައިޝާއަކަށް ނުކުރާނެއެވެ. ޒިއާމްގެ ދުލުން އެފަދަ ނަމެއް ލައިޝާއަށް ދިނުމުން ކަޔާން އަތުން ޖެހިޖެހީނުން މޭޒުމަތީގައިވި އެއްޗެހިތައް ބުރުއްސާލިއިރުވެސް ޒިއާމްގެ މޫނުމަތިން ޖެހިލުންވުމުގެ ނިޝާނެއް ނުފެނުނެވެ.

"މިތަން ވައްޓާލާފައިވެސް މީހާ ހަމަޖެހިބަލަ، ކަޔާން އަހަންނަށް ހީވަނީ ކަޔާން އަލުން މެޑް ނަގަން ފަށަންވީހެން...." ޒިއާމް ކޮޅަށް ތެދުވެ ކަޔާން ގާތުގައި އެތަނުން ނިކުންނަން އެންގިއެވެ. ކޮއްކޮ އެހެރީ ރަގަޅަށްވެސް އެ އަންހެންކުއްޖާގެ ސިހުރުގައި ޖެހިފައެވެ. ދުނިޔެއިން މޮޔަވެފައެވެ. އެފަދަ އަންހެންކުދިންނަށް ޓަކައި އާއިލާއާއި ދެކޮޅުވެފައި ފަހުން އެކަމުގެ މޮޔަހީވާނެއެވެ. ލައިޝާގެ ތަންމަތި ފަޅުފިލުވާދޭނީ ކިތައް ފިރިހެނުންކަމެއްވެސް ނޭގެއެވެ.

ކަޔާން ރުޅިގަދަވެފައި ހުއްޓަސް ޒިއާމްގެ ގަޔަށް އަތްލާކަށް ބޭނުމެއްނުވިއެވެ. އެތަނުން ނުކުމެގެން އައިގޮތަށް "ކެންޒިއާ"އަށް ވަދެފައި އޭނަ ދަބަހަށް އެއްޗެހި އަޅަންފެށިއެވެ. އޭނަ އޮފީހުން ނުކުމެގެން އައީ އިސްތިއުފާ ދީފައެވެ. އަލުން އެތަނަށް ނުވަންނާނެކަމަށް ބުނެފައެވެ. އޭރު ގޭތެރެއަށް ހީވަނީ ކުޑަ ގިޔާމަތެއް ލައިގެން އުޅޭހެންނެވެ. ޒިއާމް ގެއަށް އައިގޮތަށް މަންމައާއި ބައްޕަ ގާތުގައި ކަޔާން ގެ ވާހަކަ ކިޔާދިނެވެ. ވަރުޖިނާ ރޮއި ރޮއި ހަލާކުވާވަރުވިއެވެ. ވަރުޖިނާ އަޒީޒުއްދީންގެ ގާތުގައި އެދެމުން ދިޔައީ ކަޔާން ދިޔަނުދީ ހިފެހެއްޓުމަށެވެ. އަޒީޒުއްދީން ބުނުއްވީ ކަޔާން ކުރާކަމަކާއި އަޅާނުލުމަށެވެ. އަމިއްލަ އެޕާޓްމެންޓެއް ހުރީމަ ސިކުނޑި ފިނިވާންދެން އެކަނި އުޅެފައި އައިސްދާނެ ކަމުގައި އޭނަ ބުނުއްވިއެވެ. ވަރުޖިނާގެ ބިރަކީ އެއީއެއް ނޫނެވެ. އެ އަންހެނާ ކަޔާންގެ ގާތަށް ގޮސްދާނެތީއެވެ.

"އޭނަ ހުއްޓުވާ، އެހެންނޫނީ އެ އަންހެނާ ހައްތަހާ ބޮޑަށް ކަޔާންއަށް ވަސްވާސްދީ ހަލާކުކުރާނެ...." ވަރުޖިނާގެ ހުރިހާ ރުޅިއެއް އަމާޒުވީ ލައިޝާއަށެވެ.
"ހޫމް މަންމާ، ދޭ އާރ ލިވިން ޓުގެދަރ، އަޅުގަނޑުމެން ބުނާ އެއްޗެއް ގަބޫލުކުރާވަރަށްވުރެ ބޮޑަށް ކަޔާންވަނީ ލައިޝާއާއި ގުޅިފައި، މާރަގަޅުކަން ނޭގޭ ކައިވެނިކުރަން ހުއްދަދީފިއްޔާ...." ޒިއާމް ކޮފީތަށި ހިފައިގެން ބެލްކަނީގެ ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުއްޓެވެ.
"ދަރިފުޅުވެސް ސިހުރުގައި ޖެހުނީތަ؟ މަންމަމެން ދުނިޔެއަށް ނޭވާލާހިނދަކު އެހުއްދައެއް ނުދޭނަން...." ވަރުޖިނާ ގެ މޫނުމަތި ބަނަވިއެވެ. އެވަގުތު ވަރުޖިނާގެ ހަނދާނަށްއައީ ކަޔާންއާއި ލައިޝާ ކެންޒީ ހޮޓެލްގެ ސުއިޓަކުން ފެނުނު ދުވަހެވެ. އޭނަ އަޒީޒުއްދީންއާއި ޒިއާމްގެ ގާތުގައި އެ ވާހަކަ ކިޔާދިނެވެ. ވީއިރު އެމީހުން ހީކުރާވަރަށްވުރެ އެދެ ޒުވާނުންގެ ގުޅުން މިއޮތީ ކުރީގައެވެ. 

"އެންމެ ރަގަޅުވާނީ ކެން އަމިއްލައަށް އުޅެން ދޫކޮށްލީމަ، ދުވަސްކޮޅަކުން ފައިސާހުސްވެ އަތްމަތި ދަތިވީމަ އެނބުރި އަންނާނެ، ކެން ރުޅީގައިހުރެ ވަޒީފާ ދޫކޮށްލިޔަސް ހިޔެއްނުވޭ މިގެއިން ދާނެހެން، ކުރީންވެސް ދޭތެރެއަކުންގޮސް އެޕާޓްމެންޓްގައި އުޅެލާގައި އާދެއެއްނު، މިފަހަރުވެސް ވާނީ އެހެން......" އަޒީޒުއްދީން ވަރުޖިނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ބޮލުގައި ބޮސްދެއްވިއެވެ.

އަޒީޒުއްދީންގެ ވާހަކައަށް ސިކުނޑީގެ ކަނަކުން ތާއީދުކުރެވުނު އިރުވެސް ވަރުޖިނާއަށް ގަބޫލުނުކުރެވިގެން އުޅެނީ އެންމެ އެއްޗެކެވެ. ނުވިސްނުނީ އޭނަގެ ފިރިހެން ދަރިފުޅު އަންހެނަކަށްޓަކައި އާއިލާއާއި ދުރަށް އެންމެ ދުވަހަކަށްވެސް ގޮސްދާނެކަމެވެ. ވަރުޖިނާ ކަޔާންގެ ކޮޓަރިއަށް ގޮސް ކަޔާން މަސަލަސް ކުރުވަން އުޅުނު ސަބަބަކީ އެއީއެވެ. އޭރު ކަޔާން ބާތްރޫމްއިން ނުކުމެގެން އައީއެވެ. ބުމަގޮށްޖަހާލައިގެން ހުރިއިރު ވަރުޖިނާވެސް ޖެހިލުންވިއެވެ. ދަރިފުޅުގެ ޝައިތާނީ ރުޅިދެކެ އޭނަވެސް ބިރުގަނެ ޖެހިލުންވެއެވެ. ވަރުޖިނާ ކުޑަދޮގެއް ހަދާލިއެވެ. ޒިއާމް މާފަށް އެދުނުކަމަށާއި ކަޔާން އަލުން ވަޒީފާއަށް ދާން ޒިއާމް އެދޭކަމަށް ބުނެލިއެވެ.

"މަންމާ، އަޅުގަނޑު ނެތިން ދޮންބެ ދެކެ ރުޅިއައިސްގެނެއް...." ކަޔާން ފިނި ހިތަކުން ވިސްނާލިއެވެ.
"ދެން ކީއްވެ ދަރިފުޅު މިގެއިން ދާން ތިއުޅެނީ؟ މިއީ ދަރިފުޅުގެ މަންމަ، މަންމަ ދޫކޮށްލާފައި ދާވަރުގެ ކޮން ކުށެއް މަންމަ ކުރީ، ދޮންބެ އެއްޗެކޭ ބުނީމަ މަންމަ ދޫކޮށްލާފައި ދިޔުމަކީ އިންސާފެއްތަ؟ " ވަރުޖިނާގެ ލޮލަށް ގަދަކަމުން ކަރުނަ ގެނައެވެ. ދޮރު ހުޅުވާލާފައި ހުރުމުން ޒިއާމްވެސް ދޮރުމައްޗަށް އެރިއެވެ.
"މަންމާ، އަޅުގަނޑު މަންމަ ދޫކޮށްލާފައި ދަނީއެއް ނޫން، ދުވަސްކޮޅަކަށް ބޭނުމީ އެކަނިވެލާން...." ކަޔާން ހުރީ ޒިއާމްއާއި ހަތަރުކަޅިހަމަނުކުރަން ވެގެންނެވެ.
"ކަޔާން، އެންމެ ފަހަރަކުވެސް އަހާބަލަ ކީއްވެގެންހޭ އަހަރެން ލައިޝާ ކަނޑާލީ، އަޚުލާގީ މައްސަލައެކޭ އޮތީމަ ވިސްނާކަށް ނޭގުނެއްނު، އަހަރެން ކުރީ ދުވަހު އޮފީހަށް ދިޔައިރު އޮފީސް ތަޅުލައިގެން ދެމީހުން ތިބީ އޮފީސް މަސައްކަތް ނިންމަންތަ؟" ޒިއާމް ހުރީ ދޮރުކަނީގައި އަތް ވިއްދާލައިގެންނެވެ.

ކަޔާން އެދުވަސްމަތިން ހަނދާންވިއެވެ. ލައިޝާ ކަންބޮޑުވީ ޒިއާމްއަށް ކޮންމެވެސް ކަމެއް ފެނުނީމައެވެ. ޒިއާމްއަށް ފެނުނީ ކިހާވަރަކަށް ހެއްޔެވެ؟ ކަޔާންގެ މޫނުމަތި ރަތްވާން އުޅުނެވެ. ލަދަކީވެސް ދުނިޔޭގައި ލައްވާފައިވާ އިހުސާސެއްކަން އެނގުނީ އެވަގުތުއެވެ. އަމިއްލަ ބޭބެއަށް އެފަދަ އެއްވެސް މަންޒަރެއް ފެނިލަން ބޭނުންވާނީ ކާކުހެއްޔެވެ؟ ކަޔާން ރުޅިގަދަވާން އުޅެފައިވެސް ޒިއާމްގެ ކުށެއްނުވާކަން ހިތަށް އަރާފައި ނިތުގައިވާ ރޫތައް ފިލައިގެން ހިނގައްޖެއެވެ. ކުށްވެރިޔަކީ އޭނައެވެ. އޭނަ ދުނިޔެއަށްވެސް ކައިވެނި ސިއްރުކުރިކަމެވެ. އެހެންމީހުންނަށް ހަގީގަތް ނޭގެންޏާ ގަބޫލުކުރާނީ ލައިޝާގެ ވިޔާނުދާކަމެވެ. ކަޔާން އޭނަގެ އާއިލާގާތުގައި އެ ސިއްރު ފާޅުކުރަންވީހެއްޔެވެ؟ އޭރުން މަންމައަށް ވާނީ ކިހިނެއްހެއްޔެވެ؟ ޔަގީނެވެ. މަންމަ މޮޔަވާނެއެވެ. މަންމަމެން ލައިޝާ ގަބޫލުކުރުމަކީ އަދި އެހާ ފަސޭހަކަމެއް ނޫނެވެ.

"އިތުރަށް ބުނާނެ އެއްޗެއް ނެތް، ހިނގިކަމެއް ނުހިނގާ ކަމަކަށްވެސް ނުވާނެ، އިންސާނުން ވިއްޔާ ކުށްވެސް ކުރާނެ، އައިމް ނޯ އެންޖެލް ބްރަދަރ.........." ކަޔާން ވާހަކަދެއްކީ މައިތިރިވެލާފައެވެ. އޭނަ ޒިއާމްގެ ގާތުން ފެނުނީ ކިހާވަރަކަށް ތޯ އަހާލާކަށް ބޭނުމެއް ނޫނެވެ. އެ ހިތްވަރެއް އޭނައަކަށް ނުލިބޭނެއެވެ. އޭނަގެ މައްސަލައަކީ ލައިޝާއަށް ޒިއާމް އައިކަން އެނގި އޭނައަށް ސިއްރުކުރިކަމެވެ. އޭނަ ސުވާލުކުރާނީ ލައިޝާ އާއެވެ. އެފަދަ ކަމެއް ލައިޝާ ސިއްރުކުރަން ޖެހުނު ސަބަބެއް އޭނައަށް އެނގެންވާނެއެވެ. 

ވިޝާން ހުރީ ކެންޒިއާގެ ދޮރާށި ކާރީގައި ކީވާއަށް ގުޅައިގެން ވާހަކަދައްކާށެވެ. ރައަދު ސީއެޗްއެސްއީ ޔުނިފޯމްގައި ހިނގާލާފައި އައިއިރުވެސް އެ ރީތި ހަށިގަނޑު އިޝްތިހާރުވާހެން ވިޝާންއަށް ހީވިއެވެ. ރައަދުގެ ގޮތުގައި އޭނަ ވަރަށް ރީއްޗެވެ. ތަންކޮޅެއް ޅަގޮތެއް ހުންނަނީއެވެ. ވިޝާން ހިތްހަމަނުޖެހޭ ސިފައަކީ އެއީއެވެ. އެހެންޏާ ހަލަބޮލިކަމުން އަވިއްސެއްހެން ހީވާ އަންހެންކުއްޖާ މިއަދު ހީވީ މޮޅިވެރިކަމުގެ ސާލެއް އޮޅާފައިވާހެންނެވެ. ދެލޮލުގެ ފުންކަމުގެ ތެރޭގައި އެތައް ޝަކުވާއެއްވިއެވެ. ވިޝާން ރައަދުގެ ފަހަތުން އައެވެ.

"އޭ ރާދު ކިހިނެއްވެފައި ތިހިރީ؟ ބަލީތަ؟ " ވިޝާން އޭނައާއި އެއް ހަމަޔެއްގައި ހުރެ ހިނގަމުން ދިޔައެވެ.
"ނޫން..." ރައަދު ކުރު ޖަވާބެއްދިނެވެ.
"ޒިއާ އާއި ދެކުދިންގެ ގުޅުން ކިހާ ހިސާބެއްގައި އޮތީ؟ " ވިޝާން ހުރީ އެއެއްއޮޅުން ފިލުވަން ބޭނުންވެފައެވެ.
"ޒިއާ އަކާއި އަހަރެން ވާހަކައެއް ނުދައްކަން، ޒިއާއާއި މާޔާ ގުޅިގެން އުޅޭތީ އަހަންނާއި ބްރޭކްއަޕް ވެއްޖެ، ޝޯން، އަހަރެން މިހާރު އެހެން މީހެއް ބޭނުމެއްނޫން، އަހަރެމެންގެ ދޭތެރޭގައި އެރޭ ހިނގި ކަންތަކަށްފަހު އަހަންނަށް އެނގޭ އަހަރެން ދެން އެހެން މީހަކާއި ގުޅުމުގެ މާނައެއްނެތްކަން...." ރައަދު ސީރިޔަސްވެލާފައި ވިޝާންގެ މޫނަށް ބަލާލައިފިއެވެ.
"ތީގެ މާނައަކީ ކޮބާތަ؟ " ވިޝާން ބުމަ ގޮށްޖަހައިލިއެވެ.
"އަހަރެން ބޭނުމީ އެކަނި ޝޯން، އެހެން މީހަކަށް ދޭން އަހަރެންގެ އަތުގައިވަނީ ކޯންޗެއްތަ؟ އަހަންނަށް އެކަން ވިސްނުނީ މިހާރު، ޝޯން ހިތުން ތިއުޅެނީ ކީވާއާއި އަހަންނާއި ދެމީހުންނާއި އެއްފަހަރާ ރައްޓެހިވެގެން އުޅޭކަށްނު، އަހަންނަށް ފެނުނީ އަމިއްލަ ލޮލުން، އަހަރެން އެހާ ފަސޭހައިން ޝޯން އެހެން އަންހެންކުއްޖެއްގެ މީހަކަށް ވާތަން ދެކޭކަށް ނުހުންނާނަން، ކީވާގެ ގާތުގައި ބުނޭ މަގޭ ޝޯން އާއި އަޅައިގެން ނޫޅޭށޭ..........." ރައަދު ކުޑަކޮށް ހީލިއެވެ.
"ރާދު އަހަރެން ޗޫޒްކުރާނެ މީހެއް އެގޭނީ އަހަންނަށް، ރާދު ފާޑުފާޑަށް އަހަންނަށް ތްރެޓްކުރަން ވެއްޖެއްޔާ އައި ވިލް ކިލް ޔޫ......" ވިޝާން އެހެން ބުނީ ސަމާސާއަކަށް ހަދާފައި ހެމުންނެވެ. ރައަދު ދެލޯ ބޮޑުކޮށްލިއެވެ.

"ސޮރީ ޑާލިންގް، ސަމާސާއެއްކޮށްލީ، އެކަމަކު އަދި ކިވީގާތު އެއްވެސް އެއްޗެކޭ ނުކިޔާތި، އަހަރެން މިހިރީ ރާދު ސްކޫލުން ނިމުނީމަ މެރީ ކުރާގޮތަށޭ، އަދި ތިއީ ކުޑަކުއްޖެއްނު ދޯ......" ވިޝާން ރައަދު ހައްލާލަންވެގެން ވާހަކަދެއްކީ ރީތިކޮށެވެ.
"ވީއިރު ކީވާ އަކީ ޝޯން މަޖާކޮށްލަން ގެންގުޅޭ އަންހެންކުއްޖެއްތަ؟ " ރައަދުގެ މޮޔަކަމުން ވަގުތުން ވިޝާންގެ ވާހަކަތަކަށް ހެއްލި ހެވިފައި ހުރެ ބުނެލިއެވެ. ވިޝާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ރައަދުގެ ސާދާސީދާކަން ހިތަށް އަރާފައެވެ. މިޒަމާނުގައިވެސް މިހާ މައުސޫމް ކުދިން ހަމަ އުޅެނީ ބާވައެވެ. ފިރިހެނުންގެ މަކަރުވެރިކަމުގައި ޖެހިގެން މޮޔަ އަންހެންކުދިންގެ މުސްތަގުބަލް ހަލާކުވެގެންދަނީ އެފަދަ ގޮތަކަށެވެ.

އައިދަންގެ މަންމަ އެދުވަސްކޮޅު ސިޔާސީ ކަންތައްތަކާއި އުޅެމުންގޮސް ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރަންފެށިއެވެ. ސަލްމާގެ ގިނަވަގުތު ދެނީ ޕާޓީއަށެވެ. އެހެން އުޅެމުންގޮސް ސަލްމާގެ އެކުވެރިން ގިނަވެ އެއީ މާލެތެރެއަށް މަޝްހޫރު ނަމަކަށްވިއެވެ. މުޒާހަރާއެއް އޮތަސް އެންމެ ކުރީ ސަފުގައި ހިމެނޭ މޫނަކަށް ވާން ފެށިއެވެ. އެފަދަ ގޮތަކުން މަޝްހޫރުކަން ހޯދުނީތީ ސަލްމާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ޕާޓީގެ އެކްޓިވިސްޓަކަށް ވުމުން ލިބޭ ފައިސާ އިތުރުވެ ޓީވީއިން ވެސް އޭނަގެ މޫނު ފެންނާންފެށިއެވެ. އޭނަ ގަބޫލު ކުރާގޮތުން މިހާރު އޭނަގެ ނަސީބުވަނީ މެދު އުޑުގައި ވިދާ ބަބުޅަން ފަށާފައެވެ. އަނެއްކާ އޭނަގެ އެންމެ ގާތް އެކުވެރިޔާ ޒުލްމާގެ ދެ އަންހެންކުދިން ވަޒީފާއަށް ދާން ފެށި ފަހުން އެ ގެ އެހާ ތިޔާގިއެވެ. ދެކުދިންގެ ފަރާތުންވެސް ޒުލްމާއަށް ފުދިގެން އިތުރުވާވަރަށް ލާރި ލިބެއެވެ. އެއް ޒަމާނެއްގައި މުއްސަދި ބަޔެއްގެ ޚިދުމަތުގައި ނިކަމެތި ހާލުގައި އުޅުނުކަމުގެ ބަދަލު ލިބެނީކަން ނޭގެއެވެ. ސަލްމާގެ އެކުވެރިން ގޮވައިގެން ޒުލްމާ ގާތަށް އަންނަން ފެށުމުން ޒުލްމާއަށްވެސް އެކުވެރިން ލިބުނެވެ. އެގޭގައި އަބަދުހެން އޮންނަނީ ސިޔާސީ ވާހަކަތަކެވެ. އެއްފަހަރުވެސް މީހުން ހުސްނުވާ ގެއަކަށް ވާން ފެށިއެވެ.

ކަޔާން ލައިޝާއަށް ގުޅީ ފަތިހު ފަތިހާއެވެ. ހެދުންތައް ޕެކްކޮށްލައިގެން ތައްޔާރުވެގެން ހުރުމަށް އެދުމުން ލައިޝާ މޫޑީވެފައި އޮވެވެސް ފުންމައިގެން ތެދުވުނެވެ. ލައިޝާ ހީކުރީ ކުރީފަހަރު ފަދައިން ސަފާރީ ބުރެއް ޖަހާލަން ދާންޖެހުނީ ކަމަށެވެ. ނަސީބަކުން މަންމަވެސް އޮތީ ރޭ މާ ލަހުން ނިދިގޮތަށް އަދިވެސް ނިދާލާފައެވެ. ކީވާވެސް އޮތީ ފުން ނިދީގައެވެ. އޭނަ ހެދުން އެޅީ ތަންކޮޅެއް ހަވީރީ ގޮތަކަށެވެ. ސްކިނީއަކާއި ޓޮޕެއް ލައިގެން ރަތްކުލައިގެ ސްކާފެއް އަޅާލައިގެން ހުރިއިރު މޫނަށް މަޑު ރަތްކުލައެއް ވެރިވެފައިވިއެވެ. ކަޔާން ކާރު މަޑުކޮށްލާފައި ލައިޝާގެ މޫނަށް ބަލައިލުމާއިއެކު ލޯ ދުޅަވެފައިވާވަރުން ރޭ ވަރަށް ރޮއިފަ ހުރިކަމަށް ހެކިދެއެވެ.

"ކެން ވެސް އޮފީހުން ޗުއްޓީ ނެގީތަ؟ "ކަޔާން ޓީޝާޓަކާއި ޖިންސްގައި ހުރުމުން ލައިޝާ ސުވާލުކޮށްލިއެވެ.
"ރިޒައިން ކުރީ....." ކަޔާން ލައިޝާގެ މޫނަށް ބަލައިލީ ހިތް ވިރިގެންދާފަދަ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ލައިޝާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ވީއިރު ފަހަރެއްގައި އަދި ކަޔާން ވަޒީފާ ހޯދާ ތަނަކުން އޭނައަށް ވަޒީފާ ލިބިދާނެކަން ނޭގެއެވެ. ރޭ އެހާ ގަދަޔަށް ރޮއިފައި ފަހުން އޭނައަށް ނިދުނީ ހިތަށް ވިސްނާދީގެންނެވެ. ކަޔާންއާއި ދުވަހަކު ވަކިނުވުމަށް އެދި ދުއާ ކުރުމަށްފަހުގައެވެ. ލައިޝާ ކަޔާންގެ ކޮނޑުގައި ބޯ އަޅާލަމުން އެކިވާހަކަ ދައްކަން އިންދާ އެމީހުންގެ އެޕާޓްމެންޓާއި ހަމަޔަށް އާދެވިއްޖެއެވެ.

"ދެން ލައިޝް ވަޒީފާއަށް އަންނަންވީ ތަނަކީ މި އެޕާޓްމެންޓް، އަހަރެންގެ އެންޖެލްއަށް ދެން އެންމެ ރަގަޅުވާނީ ހައުސްވައިފެއްގެ ގޮތުގައި ހުރުން، އަހަރެން ދެމީހުންނަށް ވާ ވަރަށް މަސައްކަތްކޮށްގެން ފައިސާ ހޯދާނަން، އަހަރެމެން އެކީގައި ދިރިއުޅުން މިއީ އަބަދު ޑްރީމް ކުރަމުން އައި ދުވަސްކަން ބޭބީއަށް އެނގޭތަ، ދުވަސްކޮޅަކަށް އެހެން ތަނަކަށް ޗޭންޖްވާން ބޭނުން ވާހަކަ މަންމަ ގާތުގައި ބުނޭ، އަހަންނަށް ވަރަށް ގިނަ ރޭތައް މަގޭ ވައިފް ކާރީގައި ނެތި ވޭތުކުރެވިއްޖެ، ދެނެއް ނުހުރެވޭނެ........." ކަޔާން ދޮރު ހުޅުވާލިއިރު އޭނަހުރީ ލައިޝާގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ. އެ ރީތި ރީތި ދެލޮލުން ލައިޝާއަށް ފެނުނީ ލޯބީގެ އެންމެ މަތިވެރި ދަރަޖައެވެ. ލައިޝާގެ ހިތް ފުރިގެން ބަންޑުންވާ ވަރުވިއެވެ. ބައެއްފަހަރު މީހާއަށް ލިބޭ ދެރައަކީ ފަހުން ލިބެން އޮތް މޮޅެކެވެ. ލައިޝާއަށް މިއޮތީ އެކަން ތަޖުރިބާ ކުރެވިފައެވެ. ވަޒީފާއިން ކަނޑާލުމުން އޭނަ މާޔޫސްވިވަރުން ކިތައް ބޭކާރު ކަރުނަ އޮއްސި ހެއްޔެވެ؟ ފަހުން މިލިބުނީ މާ ރަގަޅު އިނާމެކެވެ. މި އުފާ ލިބެން އޮތްކަން ކުރިން އެނގުނުނަމަ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލާނެއެވެ.

"މަންމައަށް ކޮންވިންސް ކުރުވުމަކީ އެއްވެސް ކަމެއް ނޫން، މަންމަ ޕާޓީވެގެން އުޅޭދުވަސްކޮޅެއް، ކެން، މިއަށްވުރެ ބޮޑު އުފަލެއް މީހަކަށް ލިބޭނެތަ؟ ވަރަށް ވަރަށް އުފާވެއްޖެ، ހިނގާ ސެލެބްރޭޓް ކޮށްލަން، ލަވް ޔޫ، ލަވް ޔޫ، ލަވް ޔޫ ސޯ މަޗް ކެން....." ލައިޝާ އުފަލުން ބިންމަތީގައި ފައި ހަރުނުލައެވެ. ލޯބީގެ ވަގުތުކޮޅަކަށްފަހު ދެމީހުން ގޭގައި ލާ ކަހަލަ ހެދުންތަކަށް ބަދަލުވެގެން އުޅެގަތީ ހެނދުނު ނާސްތާ ތައްޔާރު ކުރުމުގައެވެ. އޭރު ކަޔާން ހުރީ ލުއި މިޔުޒިކެއް ޖައްސާލާފައެވެ. ދެމީހުން ބޭނުންވާފަދަ ދިރިއުޅުމެއް އެންމެފަހުން މިއޮތީ ހޯދިފައެވެ. އެމީހުންގެ ކައިވެނީގެ ސިއްރު ދެނެހުރި ޒައިފް ނޫން އެންމެން ހީކުރާނީ ދެމީހުން އެއް އެޕާޓްމެންޓެއް ހިފައިގެން އުޅެނީ ކައިވެނިން ބޭރުގައި ކަމެވެ. އެއީ މިހާރު މަދުން ނަމަވެސް މާލޭގައި ކުރާ ކަމެކެވެ. ހުޅަނގުގެ އަސަރުގައި ރާއްޖެ ޖެހިފައިވާ މިންވަރު އެކަމުން ހާމަވެއެވެ. ކަޔާންއަށް ވަރިހަމައެވެ. މީހުން ހީކުރާނެ ގޮތަކަށް ހީކުރިޔަ ދޭށެވެ.

ލައިޝާ ކިތަންމެ ޕޮޒިޓިވްކޮށް ވިސްނިޔަސް މި އުފާވެރި ދިރިއުޅުމުގައި ހުޅުޖަހަން އެހެން މީހުން މަސައްކަތް ކުރާނެކަން ކަޔާންއަށް އެނގެއެވެ. އޭނަގެ އާއިލާއިން އެހާ ފަސޭހައިން ދޫކޮށެއް ނުލާނެއެވެ. އޭނައާއި ލައިޝާ އެކީގައި އުޅޭތަން ފެނުމުން އަފްރީންފަދަ މީހުން އެ ގުޅުން ކަނޑުވާލަން އުޅޭނެކަން އެނގޭތީ ކަޔާން ހުރީ ވިސްނައިގެންނެވެ. ކަޔާން އެކަން ދެނެގެން ލައިޝާ އެކަނި ބަހައްޓާފައި ގެއިން ބޭރަކަށް ނުދެއެވެ. ލައިޝާ ހިމާޔަތްކުރުމަކީ ކަޔާން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. ވިއްސާރަ ދުވަސްކޮޅަކަށްފަހު އުޑުމަތީގައި ވިލާތައް ތަންކޮޅެއް މަދު ދުވަހެކެވެ. އިރުވެސް ވިލާތަކުގެ ތެރެއިން ފިލާހުރެ ރަންދޯދިތަކުން ބިމަށް އަލިކުރަން މަސައްކަތްކުރިއެވެ. ލައިޝާ ހެދުންތައް ދޮވެލުމަށްފަހު ޓެރެސްއަށް އެރީ ހެދުންތައް ހިއްކަން އަޅުވާށެވެ. ޖެހިގެން ހުރި ގޭގެ ކޮޓަރީގެ ދޮރުތައް ހުޅުވާލާފައި ހުރުމުން އެތަނުގައި ތިބި މީހުންގެ މޫނުތައް ވަކިކުރަން އެނގޭވަރުވިއެވެ. ލައިޝާ ސިހުނީ އެތަނުން ދަންނަ މޫނެއް ފެނިފައެވެ. އޭރު ކަޔާންވެސް އައިސް ލައިޝާގެ ގާތަށް ހުއްޓުނީއެވެ. 

ކޮމެންޓް 0