"މަންމައަށް ދަރިން ލިބުމުން މަހުރޫމްވެފައިވާ މީހެއް، އެހެންވެ މަންމަވަނީ ސަރަގޭޓް އަކު ލައްވާ ދަރިއަކު ހޯދުވާފައި......." ވަރުޖިނާގެ ޖުމްލައިން ކަޔާން ގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފަށް ބާރަށެވެ. އަތްފައި މުޅިން ފިނިވެ ސިކުނޑިއަށް ވާންވެ ނިތްކުރީގައި ފިރުމާލެވުނެވެ.
"އެކުއްޖަކީ ދޮންބެތަ؟ "ކަޔާންއަށް އަހާލެވުނެވެ.
"ޒިއާމްވެސް ވިހެއީ މި މަންމައެއް ނޫން، ކަޔާން، މި ވާހަކަ އިވުނީމަ ހިތަށް އަރާނެ މަންމަ ސިއްރުކުރީ ކީއްވެގެން ހެއްޔޭ، އައިމް ސޮރީ ދަރިފުޅާ، މިއީ މަންމައަށް ކުރެވުނު ވަރަށް ބޮޑު ކުށެއް، ދަރިފުޅުގެ ސަރޮގެޓް މަންމައަކީ ޒުލްމާ، ލައިޝާގެ މަންމަ......" ވަރުޖިނާގެ އެ ޖުމްލައިން ހީވީ ކަޔާންގެ ސިކުނޑީގައި އެއްޗެއް ގޮވައިގެން ދިޔަހެންނެވެ. އެކަން ގަބޫލުކުރަން ބޭނުން ނުވިޔަސް މަންމަ އެހާ ބޮޑު ކަމެއް އޮޅުވާލަފާނެހެން ހިޔެއް ނުވެއެވެ. އެހެންނޫނަސް ލައިޝާވެސް ވަނީ އޭނަގެ މަންމަގެ ސަރޮގެޓް ކުއްޖެއް ހުންނާނެކަމަށް ބުނެފައެވެ. ކަޔާން ކުއްލިއަކަށް އެތަނުން ތެދުވެވުނުއިރު އަތް މުށްކެވި ނިތްކުރިއަށް ރޫތަކެއް އަރައިފިއެވެ. 

"މަންމަ ތިވާހަކަ ބުނަން މާ ލަސްވެއްޖެއެއްނު، ޝީޒް މައި ވައިފް މަންމާ، ކިހިނެއް އެކަން ޗޭންޖްވާނީ..." ކަޔާންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. 
"ވެއިޓް ދަރިފުޅާ، ހެކި ފެނުނީމަ ދަރިފުޅު ގަބޫލުކުރާނީ، މިގެންނަނީ ސަރޮގެސީ ކަރުދާސްތައް...." ވަރުޖިނާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަނާހެން ލައިޝާ ގުޅިއެވެ. ކަޔާން ފޯނުގެ ޑިސްޕްލޭއަށް ބަލާލާފައި ފޯނުނެގުމާއިއެކު ލައިޝާ އަވަސްވެފައިވާ ރާގަކަށް އަވަހަށް އަންނާށޭ ބުނުމުން ކަޔާންގެ ހާސްކަން އިތުރުވިއެވެ.
ވަޓް ހެޕެންޑް ބޭބީ...." ކަޔާން ތެޅިތެޅިވާ ހިތަކާއިއެކު އަހާލައިފިއެވެ.
"ބްލީޑްވަނީ، ގަދަޔަށް، އައިމް ގޮއިންޓް ޓު ލޫޒް މައި ބޭބީ، ވަރަށް ބިރުގަނޭ، ކެން........." ލައިޝާ ބިރުގެންފައިވާ ކަހަލަ ގޮތަކަށް ރޮއިގަތެވެ. އެއާއިއެކު ފޯނު ކެނޑިއްޖެއެވެ. ކަޔާންގެ ފައިދަށުން ބިންގަނޑު ދެމިގަތުމާއިއެކު ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭރު ދެފައިވެސް ތުރުތުރުއަޅާ ހަށިގަނޑުގައި ވާގި ހުސްވެދާން އުޅޭހެން ހީވިއެވެ. ކަޔާން ތަކުރާރުކޮށް ލައިޝާގެ ފޯނަށް ގުޅަމުން އަވަސްވެގަތީ ތިރިއަށް ދާށެވެ. ވަރުޖިނާ ހީވަނީ ކަޔާންއަށް ދައްކަން ކަރުދާސްތައް ތައްޔާރަށް ބަހައްޓާފައި ހުރިހެންނެވެ. އެހާ އަވަހަށް ކަރުދާސްތައް ހިފައިގެން އައިސް ކަޔާންއާއި އަރާހަމަކުރިއެވެ.

ވަރުޖިނާ ކަޔާންގެ އަތަށް ކަރުދާސްގަނޑެއް ދިއްކޮށްލައިފިއެވެ. އެންމެ ފުރަތަމަވެސް ޒުލްމާގެ ނަން ލޮލުގައި އަޅައިގަތެވެ. އެދުވަސްވަރުގެ ފޮޓޯއެއްވެސް ވަރުޖިނާ ދައްކާލައިފިއެވެ. ކަޔާންގެ އަތުން ކަރުދާސްތައް ދޫވީ ލިބުނު ހާސްކަމެއްގެ ބޮޑުކަމުންނެވެ. ނިތްކުރީގައި މުތީތަކެއްހެން ދާތިކިތައް ވިދަންފެށިއެވެ. މޫނަށް އެންމެ ފަހަރަކުވެސް ބަލައިލެވުނުނަމަ އޭނަ ހާސްވެފައި ހުރިވަރު އަންދާޒާ ކުރެވުނީހެވެ.
"މަންމަގެ ވާހަކަ އަޑުއަހާބަލަ، ކަޔާން، ދަރިފުޅު ޖެހޭނީ އެކުއްޖާއާއި ވަކިވާން، އެކަން އެނގުމަށްފަހު ލައިޝާ ހަރާމްވާނެކަން ދަރިފުޅަކަށް ނުވިސްނޭތަ؟ އެކައިވެނި ވަގުތުން ރޫޅޭނެ، މިހާރު ލައިޝާއަކީ ދަރިފުޅުގެ އަންބަކަށް ނުވާނެ، މަންމަ ދަރިފުޅު ގާތުގައި ލައިޝާއާއި ވާހަކަދެއްކުން މަނާކުރި ސަބަބަކީ އެކަން އެނގޭތީ، މަންމަ އެވާހަކަ ކަޔާން ގާތުގައި ނުބުނެ ހުންނަން ވަރަށް މަސައްކަތްކޮށްފިން، ކުއްލިއަކަށް އެވާހަކަ ބުނެފިއްޔާ ޝޮކެއް ލިބިދާނެކަމަށް ވިސްނާލާފައި މަންމަ އެވާހަކަ މަޑުމަޑުންގޮސް ބުނަން މިހިރީ، ސޮރީ ކެން، މަންމަ ހިޔެއްނުކުރަން މިފަދަ ކަމެއް ފޮރުވައިގެން މިކަހަލަ ލަނޑެއް ލިބިދާނެއޭ، ދަރިއަކު ލިބުނުނަމަ މިކަންތައް ބޮޑު މައްސަލައަކަށް ވާނީ، ނަސީބެއް އެފަދަ ކަމެއްވުމުގެ ކުރިން މަންމައަށް ބުނެވުނުކަން...." ވަރުޖިނާ ނޭވާއަކަށް ހުއްޓާނުލައި އެއްފަހަރާ ހުރިހާ އެއްޗެއް ކަޔާންއަށް ބުނެދޭން މަސައްކަތްކުރާހެން ހީވިއެވެ.

ކަޔާންއަށް މަންމަގެ ޖުމްލަތަކުން ނަގައިގަނެވުނީ އެއްބައި ލަފުޒުތަކެވެ. ވާނުވާވެސް އެނގެނީއެއް ނޫނެވެ. ރުޅި، ބިރު އަދި ހިތާމައެއް ވެގެންގޮސް އަމިއްލަ ނަފުސް މައިތިރި ނުކުރެވޭ ވަރުވެއްޖެއެވެ. އަދި ކެތްކުރެވޭނެ އެންމެ އިންތިހާއަށް ކެތްކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ކަޔާން ތިރިއަށް ދަމުން ސިޑީގެ ކާރީގައި ބަހައްޓާފައި ހުރި މަސްނޫއީ މާގަހެއް ޖަހާފައި ހުރި ބޮޑު ޕޮޓްގައި ފައިން ޖަހާ ވިއްސާލުމުން ވަރުޖިނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑު ނުކުތެވެ.
"ދަރިފުޅާ، މައިތިރިވެބަލަ، އެއީ ދަރިފުޅު އެހާވަރުން އުޅެންވީ މީހެއްވެސް ނޫނޭ، މަންމަ ދަރިފުޅު ކުޑައިރުއްސުރެން ބަލާ ބޮޑުކުރީ، މަންމައަށްވުރެ ބޮޑަށް އެހެން މީހަކު މުހިއްމުވާން ޖެހޭތަ؟ މަންމަ މިކިޔާއެއްޗެއް އަހާބަލަ......." ވަރުޖިނާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ. އެ ޖުމްލަތަކާއިއެކު ކަޔާންގެ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން ކުރި މަސައްކަތް ބޭކާރުވެގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ގޮސް ބޮޑުކޮޓަރީގެ ތެރޭގައި ހުރި ރެކެއްގައި ހިފާ ދަމައިގަތެވެ. އޭގައި ހުރި އެތައް ކްރިސްޓަލް ސްކަލްޕްޗަރ ފަދަ ތަކެއްޗާއިއެކު އޭތި ކުނޑި ކުނޑިވެގެން މުޅިތާ އޮތީ ބިއްލޫރީގެ ދޫލައެކެވެ. ވަރުޖިނާ "ދަރިފުޅާ" އޭ ކިޔާފައި އަޑުނެތްތަނަށް ރޮއިގަތެވެ. ކަޔާން ފެންޑާގައި ހުރި ވަށިތައްވެސް ތަޅަން ފެށިއެވެ. ހީވީ ރަގަޅަށްވެސް މޮޔަވީހެންނެވެ. ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތް ނުކުރަނީކަން ނޭގެއެވެ.

ވަރުޖިނާ ބިއްލޫރިތަކުގެ މަތިންގޮސް ކަޔާން ދެވުނަ ނުދޭންވެގެން ހިފަހައްޓަން އުޅުމުން ތިމާއަށް މިކޮށްޕާލެވުނީ މަންމަ ކަމެއްވެސް ނުވިސްނުނެވެ. ވަރުޖިނާ ފެންޑާގެ ފައްތަރުތަކުގެ މަތިން ފުރޮޅެމުންގޮސް ތިރީގައި ޖެހުނުގޮތަކުން ފަޔަށް ތަދުވެ މޫނަށް މުށިގަނޑެއް ހެރުނެވެ. ލޭގެ ކުދި ކޯރެއް ހެދުނެވެ. ވަރުޖިނާގެ ފައި ބިނދުނީކަން ނޭގެއެވެ. ތަދުވާވަރުން ފައި ބިންމަތީގައި އެޅުނުކަމަކަށް ނުވިއެވެ. މުޅި މޫނުމަތީގައި އޮތީ ލެޔެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވުރެ ބޮޑަށް ވަރުޖިނާގެ ހިތަށް ކުރާ އަސަރާއި ދަރިފުޅަށްޓަކައި ކުރި ހިތާމަ ބޮޑުވެ އޭނަވެސް މޮޔަވާވަރުވިއެވެ. ގޭތެރޭގައި ވާހާ ބަޔަކު އެކި ކޮޓަރިތަކުން ނުކުމެގެން ތިރިއަށް އައީ ވަރުޖިނާގެ ރުއިމުގެ އަޑުފަށްގަނޑަށެވެ.

އަޒީޒުއްދީން، ޒިއާމް އަދި އެވަގުތު އެ ގޭތެރޭގައި ތިބި އާއިލާގެ ދެތިން ފިރިހެނުން ވެގެންވެސް ކަޔާން ހިފެހެއްޓޭނެ ގޮތެއް ނުވިއެވެ. އެމީހުންނާއި ހަމަލާދީ ޒިއާމްގެ ނިތްކުރި ފަޅާލިއެވެ. އެންމެފަހުން ޖެހުނީ ފުލުހުންނަށް ގުޅާށެވެ.
"ކަޔާންގެ ސައިކިއެޓްރިކް މައްސަލައެއް ހުރޭ، އޭނަ ރަގަޅުވާނީ ޑޮކްޓަރަށް ދައްކައިގެން..." އަޒީޒުއްދީން ހުންނެވީ ފެންކަޅިވެފައެވެ. 
ކަޔާން ގަޔަށް އިންޖެކްޝަނެއް ޖަހާލިއެވެ. ރުޅިގަދަވެގެން މައިތިރިނުވެފައި ހުރި މީހާ ހަމަޔަކަށް އެޅި ނިދާލެވުނީ އެ އިންޖެކްޝަނުގެ އަސަރުކޮށްގެންނެވެ.

ކަޔާންގެ އާއިލާގެ ނުފޫޒާއި މުއްސަދިކަމުން ކަޔާން ގޮވައިގެން ވަގުތުން ބޭރަށް ފުރުމަކީ މާ ބޮޑުކަމަކަށް ނުވިއެވެ. ކަޔާންގެ ބައްޔަކަށް ކުރީގެ ލިޔުންތަކުގައި ވަނީ ބައިޕޯލާރ އަދި އިންޓަރމިޓެންޓް އިކްސްޕްލޯސިވް ޑިސްއޯޑަރ އެވެ. މާލެއިން ބެއްލެވި ޑޮކްޓަރ ބައްޔަކަށް ލިޔުނީ ސްކިޒޮފްރީނިއާ ކަމުގައެވެ. އެލިޔުންތައް ބައްލަވާފައި އެންމެ ބޮޑަށް އަސަރުކޮށް ކަރުނަތައް ހިފަހައްޓަން ދަތިވީ އަޒީޒުއްދީން ގެ އެވެ. އެމީހެއްގެ ލޯބިވާ ދަރިއަކު މޮޔައެއް ކަމުގައި ލޭބަލް ކުރަން ބޭނުންވާނީ ކާކުހެއްޔެވެ؟ ކަމަކާއި ނުލައި ކަޔާން އެގޮތަށް ރުޅިގަދަވެ އެއްޗެހި ހަލާކުކޮށް މީހުންނަށް ގެއްލުން ދޭން އުޅެގަތީއެވެ. ބޭރު ގައުމަކަށްގޮސް ދިގު މުއްދަތަކަށް ނަފްސާނީ މައްސަލައަށް ބޭސްކޮށްގެން ކަޔާންއަށް ދާއިމީ ފަރުވާއެއް ލިބޭނެކަމަށް އަޒީޒުއްދީން އުއްމީދު ކުރެއްވިއެވެ. ކުއްލިއަކަށް ދަރިފުޅުގެ ބަލި ބޮޑުވެ މީހާ ނުރައްކާތެރި ޒުވާނަކަށް ވާންވީ ސަބަބެއް އޭރަކު އަޒީޒުއްދީންއަށް އެނގިއެއް ނުލައްވައެވެ. ވަރުޖިނާ ކަޔާންގެ ގާތުގައި ދައްކައިގެން އުޅޭ ވާހަކައަކާއި ލައިޝާ ގުޅުމުގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކޮށް ކަޔާން ގެ ބަލި ބޮޑުވީކަމެއް އެނގިއެއް ނުލެއްވިއެވެ. އެހެން ނޫންނަމަ އޭނަ އެކަމުގައި އެހެން ވިސްނުމެއް ގެންގުޅުއްވާނެކަން ޔަގީނެވެ.

ލައިޝާ ހުރީ ކަޔާން ގެ ޚަބަރެއްނުވެގެން ކަންބޮޑުވެފައެވެ. ވާހަކަދައްކަން ހުއްޓާ ފޯނު ޗާޖް ހުސްވެގެން ނިވުނީއެވެ. ރޭ ވިއްސާރަވުމުގެ ސަބަބުން ކަޔާންއަށް ނާދެވުނީކަމަށް ހީކުރެވުނު ނަމަވެސް އެހިތުގައި އެތައް ވަސްވާސްތަކެއް އުފެދުނެވެ. އެހާ ބޮޑުކަމެއް ދިމާވީމަ ކަޔާން ނައީ ކީއްވެހެއްޔެވެ؟ ކަޔާންއަށް ކަމެއް ވީ ބާވައެވެ. އޭނަ އަތުގައި ޒިއާމްގެ ނަމްބަރު އެބައޮތެވެ. ޒިއާމްއަށް ގުޅާލަން ހިތަށް އެރިއެވެ. ލޮލަށް ކަރުނަ އަންނަން އުޅޭވަރަކަށް ލައިޝާ ހިތަށް ވިސްނާދީފައި ކެތްކުރަން މަސައްކަތްކުރިއެވެ. ކަޔާން އޭނަދެކެ ލޯބިވާވަރު އެކިގޮތްގޮތަށް ސާބިތުކޮށް ދީފައިވާއިރު އޭނަ މާޔޫސްވާންވީ ކީއްވެހެއްޔެވެ؟ ނަސީބަކުން ހޮސްޕިޓަލަށް ދިޔުމަށްފަހު ލައިޝާ ގެއަށް އައީ ޑޮކްޓަރު އަރާމުކުރަން އެންގީމައެވެ. މާބޮޑުކަމެއް ނެތްކަމަށާއި ދަރިފުޅު ރަގަޅުކަމަށް ޑޮކްޓަރު ބުނީމައެވެ.

މެންދުރު ލައިޝާ ގަދަކަމުން އެނދުން ތެދުވެގެންގޮސް ކާކޮޓަރިއަށް ވަންއިރު މަންމަ ހުރީ ކައްކަން ތަރުކާރީ ކޮށާށެވެ.
"ލައިޝާއަށް އެނގޭތަ؟ ސަލްމާދައްތަ އުޅެނީ ލަންޑަނަށް ފުރަން...." ޒުލްމާ ދިން ޚަބަރު ލައިޝާއަކަށް މުހިއްމެއް ނުވިއެވެ. ނަމަވެސް މަންމަ އެއްޗެކޭ ބުނީމަ އަޅާނުލާ ހޫމްއެއް އަޅުވާލާފައި ދިޔުމުގެ ބަދަލުގައި ފެންތަށްޓެއް އަޅައިގެން މޭޒުދޮށުގައި އިށީދެއްޖެއެވެ.
"އެއީ ކީއްކުރަންތަ؟" ލައިޝާ އަހާލައިފިއެވެ.
"ސަލްމާގެ މޭމަތީގައި އިނީ ގަނޑެއް، ދުވަސްގަނޑެއްވެއްޖެ މަންމަ ކާރީ އެހެން ކިޔާތާ، ބުނިން ޑޮކްޓަރަކަށް ދައްކަބަލާށޭ، އެކަމަކު ފަރުވާކުޑަކޮށްލާފައި ހުރެގެން އިހަށް ދުވަހު ދެއްކީމަ ޑޮކްޓަރ ބުނީ ހީވަނީ ކެންސަރުހެންނޭ، އަވަހަށް ފަރުވާ ހޯދާށޭ، އައިދަންގެ ނަސީބު ކިހާރަގަޅު، އެކުއްޖާއާއި ލަންޑަނުން ދިމާވި ދަރިން ނެތް ބަޔަކު އައިދަން ދަރިއެއް ކަމަށް ހަދައިގެން އެއުޅެނީ، ސަލްމާ ބަލިކަން އެނގުނީމަ އެމީހުން ކުރުނުކޮށްގެން އައިދަން އެއްބަސްވީ ލަންޑަނަށް ދާން، އެހެންވެ މަންމަ ލައިޝާ ގާތުގައި ބުނީ އެކުއްޖާއާއި އިންނާށޭ، ކަޔާން މުއްސަދި އާއިލާއަކަށްވިޔަސް އެމީހުން ލައިޝާ ގަބޫލުކުރާކަށް ބޭނުމެއްނުވޭ....." ޒުލްމާގެ ވާހަކަތައް އަޑުއަހަން އިންއިރު ކީވާ އިނީ ޝައުގުވެރިވެފައެވެ.

ލައިޝާއެކޭ އެއްފަދައިން ކީވާވެސް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އައިދަން އާއި ވިޝާން ވިލިމާލޭ ގައި ހިނގި ކުރިމަތިލުމަށްފަހު އައިދަންގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވިއެވެ. އައިދަން އޭނަދެކެ ލޯބިވަނީ ކޮންގޮތަކަށް ހެއްޔެވެ؟ ހިތަށް އަރާއިރަށް ވާހަކަދައްކާފައި ހިތަށް އަރާއިރަށް ދުރަށް ދިޔައިމަ އޭނަގެ ހިތަށް ކުރާނެ އަސަރެއް ނޭގެއެވެ. ވިޝާން އެގޮތަށް ބަލާއިރު ކިހާރަގަޅު ހެއްޔެވެ؟ އަބަދުހެން އެހެރީ ކީވާއަށްޓަކައެވެ. ކެރޭ ކާމިޔާބު ޒުވާނަކަށްވެފައި އެތައް އަންހެންކުދިންނެއް އޭނައާއި ހެދި އުޅޭއިރުވެސް ވިޝާން އެހެރީ ކީވާއާއި ގުޅިގެން އުޅޭށެވެ. އޭނަގެ މަންމަމެންނާއިވެސް ދެކޮޅަށެވެ. ވީއިރު އޭނަ ވިޝާން ދޫކޮށްލަންވީ ކީއްވެހެއްޔެވެ؟ އޭނަ ވިޝާންދެކެ ލޯބިނުވިޔަސް އެހާ ރަގަޅު ޒުވާނަކަށް ދެރަގޮތެއް ހަދާކަށް ބޭނުމެއް ނޫނެވެ. ކީވާއަށް އައިދަންއަށް އައި ބަދަލު މިއެނގުނީ އަދި ކިރިޔާއެވެ. އައިދަންއަށް މުއްސަދި ބަޔެއްގެ އެހީތެރިކަން ލިބުމުން ކީވާގެ މަތިން ހަނދާން ނައްތާލީއެވެ.

ކީވާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އެތާ އިނދެ ނުރޮވުނީ ކިރިޔާއެވެ. އައިދަން ހާދަ ގޯހެވެ. އެހާ ދުރަށް ފުރަން އުޅޭއިރުވެސް އަންގާލުމަކީ ބޭނުންކަމަކަށް ނުވިއެވެ.

"ކޮންދުވަހަކުންތަ ފުރަނީ؟" ލައިޝާ ފެންފޮދަކުން ކަރުތެރެ ތެންމާލައިފިއެވެ.
"މިރޭ، އައިދަން ނުބުނޭތަ؟ އޭނަ ލައިޝާއަށް ގުޅައިގެން ވާހަކައެއް ނުދައްކާތަ؟ " ޒުލްމާ ހައިރާންވިއެވެ.
"ނުބުނޭ...." ލައިޝާ ހައިރާންވިއެވެ. އައިދަން އެހާ ގާތްކޮށް އުޅެލާފައި ކުއްލިއަކަށް ވަކިވާން ޖެހުނު ސަބަބެއް ވިސްނައިގަންނާކަށް ނޭގުނެވެ.
"ސަލްމާ އަންނާނެ މެންދުރު ކާން، އަހަރެން އޮތީ ދައުވަތުދީފައި، ސަލްމާއާއި އައިދަން އަދި އަފްރާޒުވެސް އެރަށަށް ދޭ....." ޒުލްމާ ބުނެދިނެވެ.
"އޯވް...." ލައިޝާއަށް ކިޔާލެވުނެވެ. މަންމަ މާ ވަރަކަށް ޕިރިނީއާއި ކުކުޅުހަދާ ސަބަބަކީ އެއީތާއެވެ. އެންމެނަށް ދައުވަތުދިން ކަމުގައިވިޔަސް އަފްރާޒު ނާންނާނެކަން ލައިޝާއަށް އިރު ފެންނަ ފަދައިން އެނގެއެވެ. އައިދަން އައުމުން ޝަކުވާ ކުރެވިދާނެއެވެ. އެހާ ދުރު ދަތުރަކު ފުރަން އުޅޭއިރު އަންގާނުލައި ފުރަނީ ކީއްވެހެއްޔޭ އެހިދާނެއެވެ. 

އެކެއް ޖަހަން އުޅެނިކޮށް އެގެއަށް އައީ ސަލްމާއާއި އަފްރާޒު އެވެ. ކަންހިނގީ ލައިޝާ ހީކުރިގޮތަކަށް ނޫނެވެ. އޭނަ އަންނާނެ ކަމަށް ހީކުރި މީހާ ނައެވެ. އަފްރާޒު ކަނބިއްޔެއް ފަދައިން އޭނަގެ މާމަ ގެ ފަހަތުގައި ހުރެގެން އެހެން މީހުންނަށް ފިލަން މަސައްކަތް ކުރާތަން ފެނިފައި ލައިޝާ ހިނި އަންނަގޮތް ވިއެވެ. އިރުކޮޅަކަށް ނަމަވެސް ކަޔާންގެ މަތިން ހަނދާންނެތި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަފްރާޒު ހައްތަހާ ފަލަވެ މީހާއަށް ރަގަޅަށް ހިނގޭ ކަމަކަށްވެސް ނުވެއެވެ. ލައިޝާ ގަސްތުކުރީ ކުޑަކޮށް އަފްރާޒުއާއި ދިމާކޮށްލާ ރަކިކޮށްލާށެވެ.

"ހޭއި އައި ތޯޓް ޔޫ އާރ ބިލީ ބަންޓަރ، ސީރިޔަސްކޮށޭ...." ލައިޝާ ކޮޓަރީގެ ދޮރުމަތީގައި ހުރެފައި ކޮރިޑޯއަށް ނުކުތެވެ. 
"އެއީ ކާކުތަ؟ " އަފްރާޒު ހައިރާންވިއެވެ. އެއީ އޭނަ ދުވަހަކު އަޑުއަހާފައިވާ ނަމެއް ނޫނެވެ.
"ވާހަކަފޮތެއްގައި އުޅޭ ކެރެކްޓަރއެއް، ވަރަށް ފަލަވާނެ، އެހާ ގިނައިން ކާލާނެ، އަފޫ އޭނައާއި ވާދައަށް ތަ ތިއުޅެނީ؟ " ލައިޝާ ކުދި ދަތްތައް ދައްކާލަމުން ހީލިއެވެ.
"ލައިޝާވެސް......" އަފްރާޒު ރުޅިއަންނަގޮތްވިއެވެ. ލައިޝާ އަދިވެސް ބަދަލެއްނުވިއެވެ. ސްކޫލްގައި އުޅުނުއިރު ކުދިން ބުލީކުރާވަރުން އަމިއްލަ ނަފުސަށް އިތުބާރު ގެއްލިފައި ހުއްޓާ ލައިޝާގެ ސަބަބުން އޭނަގެ އެކަންތައް ބޮޑުވެފައިވާކަން ލައިޝާއަށް އެނގޭހެއްޔެވެ؟ މިގެއަށް އާދެވުނުކަމުގެ މޮޔަހީވެފައިވެސް އަފްރާޒު ކެތްކުރިއެވެ. 

"ދޮންބެ ކޮބާތަ؟ " ލައިޝާ އަހާލައިފިއެވެ.
"އޭނަ ދަތުރު ހަދާތީއާއި ބައިވަރު ކަންތައް ނިންމަންވެފައި ހުރީމަ ނާދެވުނީ، ވަރަށް ސަލާމްބުނި......" އަފްރާޒު ޖަވާބެއް ދިނުމުގެ ކުރިން ސަލްމާ ބުނެލިއެވެ. ސަލްމާއަށް ލައިޝާއާއި ކަޔާންގެ ކައިވެނީގެ ޚަބަރު ލިބިފައިވާތީ އޭނަ ހުންނަނީ ލައިޝާދެކެ ފޫހިވެފައެވެ. ބަސްނާހާ ނުލަފާ ކުއްޖެކެވެ. އައިދަންގެ ހަޔާތުގެ ބައިވެރިޔަކަށް ދެން ސަލްމާ ހޯދާނީ ލައިޝާއަށްވުރެ ހުރިހާގޮތަކުން ރަގަޅު ކުއްޖެކެވެ. ހާސްބައި ރަގަޅުވާނެއެވެ. އެންމެން ކާން ތިބިއިރު އަފްރާޒު އިނީ ކާން ނުކެރިފައެވެ. ޒުލްމާއަށް އެކަން އެނގިގެން ދެތިން ކުކުޅުފަޔެއް ނަގާ އަފްރާޒުގެ ތަށްޓަށް ލާދިނެވެ. އަފްރާޒު ނޫނެކޭ ބުނެބުނެ ހުއްޓައެވެ. 

ކައިނިމިގެން ފޮނި އެއްޗެހިކައިގެން ބޭރަށް ނުކުމެފައި އަފްރާޒު އެކަނި ނުކުތީ ދޮރާށި ދޮށަށެވެ. ފަހަތުން ލައިޝާއައެވެ. އޭރު އެމަގުން ލާފައި ދިޔަ ރީތި ސްޓައިލިޝް ކުދިންކޮޅެއް އަފްރާޒުއަށް ބަލަބަލާފައި ސިއްރުސިއްރުން އެއްޗެކޭ ކިޔަކިޔާފައި ހިނިގަނޑު ހިފަހައްޓާލައިގެން ތިބެ ދިޔައެވެ. އެކުދިންނަކީ ލައިޝާމެންގެ އަވަށްޓެރިންނެވެ. މީހާގެ ސިފަހުރި ގޮތަކުން އެނގޭނީ ކޯންޗެއް ހެއްޔެވެ؟ އަފްރާޒުގެ ހިތް އެކުދިންނަށް އެނގޭނެނަމައެވެ. އަފްރާޒުއަކީ "ސްވީޓް" ފިރިހެންކުއްޖެކެވެ. ފަލަ ކުދިން ހިކިލާއިރަށް ރީތިކަމުން މޮޑެލްއިންނަށް ވެފައިވެސް އެބަތިއްބެވެ. އަފްރާޒުގެ މޫނުމަތީގެ ސިފަތައް ރީތިކަމުން އޭނަ ހިކިއްޖެއްޔާ އައިދަންއާއި ވައްތަރުވާނެކަން ލައިޝާއަށް ޔަގީނެވެ. އަފްރާޒު ޖެހެނީ ހިތްވަރުކުރާށެވެ. މަސައްކަތްކުރީމަ ނުވާނީ ކޮންކަމެއް ހެއްޔެވެ؟

"އެކުދިންވެސް އެދިޔައީ އަފޫ ފަލަކަމުން މަލާމާތްކޮށްލާފައި، އަފޫ އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ލައިޝާ އަފްރާޒުއާއިމެދު ހަމްދަރުދީވިވަރުން އެދުނެވެ.
"ކޮންކަމެއްތަ؟ " އަފްރާޒު ހުރީ ފެންކަޅިވެފައެވެ. ލައިޝާ އަފްރާޒުގެ ރީތި ދެލޮލާއި ދިމާލަށް ބަލައިލިއެވެ. ލައިޝާއަށްވެސް އެވަގުތު އަފްރާޒުގެ ލޮލުން އެތައް އަސަރުތަކެއް ފެނުނެވެ. އޭނަ އެއްޗެހި ކިޔާ މަލާމާތްކުރިއިރު ހިތުގައި އޮތީ އެކަނި އަފްރާޒު އަށް މަލާމާތުން ހިތްވަރުދިނުންކަން މިކުއްޖާއަށް އެނގޭނެނަމައެވެ.
"އަފޫ ހިކިލަ ބަލަ، ކޮންމެގޮތެއް ހަދާފައިވެސް ރަށަށް އަންނަންވާއިރަށް ދެތިން ކިލޯ ނަމަވެސް ލުއިކޮށްލާ، އޭރުން އެ މަލާމާތްކުރާ ކުދިން އަފޫގެ ފަހަތުން އުޅޭނެ، އެއީ އަހަރެން ދެކެން ބޭނުންވާ ދުވަހަކީ، މިހިސާބުގައި އެއުޅޭ ކުދިންތައް އޭރުން ވަރަށް ދެރަވާނެ........" ލައިޝާގެ ވާހަކައަށް އަފްރާޒު ޖަވާބެއް ނުދީ އަނެއް ފަރާތަށް އެނބުރުނީއެވެ. 

"އަފޫ އައިމް ސޮރީ، އަހަންނަށް އެނގޭ އަހަރެން އެގޮތަށް ޖޯކުޖެހީމަ ދެރަވާނެކަން، އެކަމަކު އެކަން ކުރެވިފައި އެއޮތީ، ބައެއްފަހަރު އެހެންމީހުންނަށް މަލާމާތް ކުރުމަކީ އަހަރެމެންގެ މިޒާޖުގައި ވާ ނުބައި ސިފައަކީ ކަން ނޭގޭ، އަހަރެން ބުނި އެއްޗެހިން ހާޓްވިކަމަށް ވަންޏާ ވަރަށް ބޮޑަށް ސޮރީ، ގުޑްބައި އަފޫ....." ލައިޝާ އިތުރު ވާހަކަތަކެއް ދެއްކުމެއް ނެތި އެތެރެއަށް ވަންނަން ދާން ހިނގައިގަތުމުން އަފްރާޒު ކަރުނުން ފުރިގެންވާ ދެލޮލުން ލައިޝާއާއި ދިމާލަށް ބަލައިލިއެވެ. 

ބަޔަކު ހޭއަޑުއިވިގެން އަފްރާޒު ބަލައިލިއިރު އެއްކަލަ އަންހެންކުދިންކޮޅު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބީ އަފްރާޒުގެ ހަރަކާތްތަކަށް ފާރަލާންކަން ނޭގެއެވެ. އަފްރާޒު އެއިން ކޮންމެ އަންހެންކުއްޖެއްގެ މޫނު ދަސްކުރިއެވެ. އެ ކުދިންގެ މަލާމާތުގެ ހިނިތުންވުންތައް ދުވަހަކު ހިތުން ފޮހެވިގެނެއް ނުދާނެއެވެ. އަފްރާޒު އެ މަލާމާތުގެ ނަޒަރުތަކުން ސަލާމަތްވާން ގެއަށް ވަދެލިތަނާހެން ކީވާއާއި ދިމާވިއެވެ. ކީވާ ލަދުން ހުރެފައިވެސް އަފްރާޒުއާއި ސަލާމްކޮށްލާފައި ހިތްހެޔޮކުރާށޭ ބުނެލިއެވެ. އަފްރާޒުގެ ހިތުގައި ކީވާއަށް ދެވިފައިވާ މަގާމާއި އިހުތިރާމް މިއަދު އިތުރުވިއެވެ. އެއީ އޭނަ އަބަދުވެސް ފަހަރިއެއް ކަމަށް ދެކުނު ކުއްޖާ އެވެ. ނަމަވެސް އެއީ ދެން ދުވަހަކުވެސް ވުން އެކަށީގެންނުވާ ކަމެއްކަން އަފްރާޒުއަށް އިހަށް ދުވަހު ޔަގީންކުރެވިއްޖެއެވެ.

ސަލްމާއާއި އަފްރާޒު ދިޔަފަހުންވެސް ލައިޝާ އަދި ކީވާ ހީކުރީ އައިދަން ގުޅާނެ ކަމަށެވެ. ލަސްވާން ފެށުމުން ލައިޝާ އައިދަންއަށް ގުޅަން މަސައްކަތްކުރިއިރު ފޯނު އޮތީ ނިވާލާފައެވެ. އައިދަންވެސް އެމީހުންނާއި ވަކިވެގެން ދުރަށް ދަނީކަމެއް އޭރަކު ލައިޝާއަކަށް ނޭގެއެވެ. އެގޭގެ ވެރިންނަށް ކުލި ދައްކަމުން އެތައް ބައެއްގެ ޚަރަދު ކޮނޑުގައި އަޅަން ޖެހިދާނެ ކަމެއްވެސް ލައިޝާއަކަށް ނޭގެއެވެ. އޭނަ ޔަގީންކުރީ ކަޔާން އެނބުރި އަންނާނެ ކަމުގައެވެ. ކަޔާންގެ ވިސާކާޑު ކަޔާންގެ ވޮލެޓަށް ލީއިރު ފަހުން ދިމާވެދާނެ ތޫފާނެއްގެ ބޮޑުމިން ލައިޝާ ލަފާކޮށްލާފަ އެއްވެސް ނުވެއެވެ. އެ ވިއްސާރަ ތޫފާނީ ދުވަސްވެގެން ދާނީ ލައިޝާމެންގެ ހަޔާތަށް އައި ސިލްސިލާ ތޫފާނެއްގެ ފެށުން ކަމެއްވެސް ނޭގުނެވެ.

އިންސާނުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އެންމެފަހުން ލައިޝާއަށް މަޖުބޫރުވީ ޒިއާމްގެ އެހީ ހޯދާށެވެ. ކަޔާންގެ ޚަބަރެއް އޮޅުން ފިލުވަން އޭނައަށް މިހާރު ވަކިން މުހިއްމެވެ. ދަރިފުޅުގެ ހައްގުގައެވެ. ޒިއާމްއަށް ގުޅާލުމުން ޒިއާމް ވާހަކަ ދެއްކީ ހަރުކަށިކޮށެވެ.

"ބުނަން ލައިޝާ، ރަގަޅުވާނީ ކަޔާންގެ ފަހަތުން ނައިއްޔާ، އަހަރެމެންގެ ފެމިލީ އިން ބޭނުންވެގެން ކުރެވުނު ކައިވެންޏެއްނޫން ތިއީ، މަންމަމެންގެ ބްލެސިން ނެތި ކުރެވުނުކަމެއް ރަގަޅަކަށް ނުދާނެ، ކަޔާން ނެތް ރާއްޖެއަކު، އޭނަ ދެނެއް ނާންނާނެ ލައިޝާ ކަޔާންދެކެ ލޯބިވަންޏާ އަލުން އޭނަ ހޯދަން މަސައްކަތްނުކުރޭ..." ޒިއާމް އަމުރުކުރިއެވެ. މަންމައާއި ބޮޑުދައިތަމެން އެގެއަށް ދިޔައިމަ ލައިޝާގެ މަންމަ ކަންތައް ކުރިގޮތް އޮޅުން ފިލާފައި އޮތުމުން ޒިއާމްގެ ހިތުގައި ލައިޝާމެންގެ އާއިލާއަށް އޮންނާނީ ކޮން ހަމްދަރުދީއެއް ހެއްޔެވެ؟
"ސަރ، ޕްލީޒް، އެންމެފަހަރަކު ކަޔާންއާއި ބައްދަލުވާނެ ގޮތެއް ހަދާދީބަލަ...." ލައިޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"ލަދެއްނުގަނެ އެއްނު މަގޭ ކާރީގައި އާދޭސްކުރަން، ލައިޝާގެ ފެންވަރު އަހަންނަށް އެނގޭ، ތި އާއިލާގެ މީހުންނަކީ ކޮންބަޔެއްކަން އަހަންނަށް އެނގޭ........" ޒިއާމް ވާހަކަދައްކާގޮތުން އޭނަ ހުރީ ރުޅިއައިސްވެފައިކަން ލައިޝާ ދެނެގަތެވެ. 
"ސަރ، އައިމް ޕްރެގްނެންޓް....." ލައިޝާ ފެށިއެވެ.
"އަހަރެންގެ ގާތުގައި ބުނުމުގެ ބޭނުމަކީ ކޮބާތަ؟ މަށަށް ކޮށްދެވޭނެކަމެއްނެތް...." ޒިއާމް ވަގުތުން ޖަވާބުދިނެވެ.
"އަޅުގަނޑު ބޭނުމީ ކަޔާންއާއި ގުޅޭނެ ނަމްބަރެއް، ނޫނީ ކަޔާންއަށް ވީގޮތެއް އެޓްލީސްޓް ބުނެދީފާނަންތަ، އަޅުގަނޑަށްޓަކައި ނޫން ހަމައެކަނި ބޭބީއަށްޓަކައި، ޕްލީޒް، އައި ބެގް ޔޫ............" ލައިޝާ ދެވަނަ ފަހަރުވެސް އާދޭސްކުރަން މިޖެހުނީ ޒިއާމް އަށެވެ. ކުރީ ދުވަހު އޭނަ ވަޒީފާއިން ކަނޑާލި ދުވަހު އާދޭސްކުރި ފަދައިންނެވެ. 

"އޯކޭ، އަހަރެން އޭނަ ކާރީ ބުނާނަން، ގޮތެއް ނިންމާނީ ކަޔާން، ކަޔާން ބޭނުމިއްޔާ ލައިޝާއަށް ގުޅާނެ، އަހަރެންގެ ފޯނަށް ދެން ނުގުޅާތި...." ޒިއާމް ފޯނު ކަނޑާލިއިރު ކޮންމެވެސް ވަރަކަށް ހިތަށް އަސަރުކޮށްފައިވެއެވެ. ލައިޝާ ހެދީ ތެދެއްހެއްޔެވެ؟ ނޫނީ އޮޅުވާލަން ހަދައިގަތް ވާހަކައެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް ކަޔާންއަށް ލައިޝާ ބަނޑުބޮޑުކަން އެނގޭނެއެވެ. އެއީ ތެދަކަށްވާނަމަ ކަޔާންގެ ބައްޔަށް ލުއިވެލީމަ އޭނަ ލައިޝާއާއި ދަރިފުޅުގެ ގާތަށް ދާނެއެވެ. އެކަމާއި ޒިއާމް ވިސްނާކަށް ނުޖެހޭނެއެވެ. އެހެންނޫނަސް އޭނަގެ މާޔާވެސް އިނީ ބަލިވެއެވެ. ދަރިފުޅު ދެކޭހިތުން މިހާރުއްސުރެން އޭނަގެ ހިތް ބޭގަރާރު ވެއްޖެއެވެ. ޖުއާން ކުޅެން ކޮއްކޮއެއް ލިބުނީމަ ޖުއާންވެސް ކިހާ އުފާވާނެ ހެއްޔެވެ؟ ތަންކޮޅެއް ކުރިން ދަރިއެއް ހޯދުނުނަމަ އެވެ. ޒިއާމް ކުޑަދޮރު ކާރީގައި ބޭރަށް ބަލަން ހުރިއިރު ވިސްނުން ހުރީ އެކަނި ލިބެން އުޅޭ ދަރިފުޅާއި މެދުގައެވެ. ދޭތެރެއަކުން ލައިޝާގެ މައުސޫމް މޫނު ހިތަށް ގެނެވި ހަމްދަރުދީ ވެވެންވެސް އުޅެއެވެ. ނިކަމެތި ކުއްޖަކަށް ވިޔަސް އެކުއްޖާގެ ވެސް ވާނީ ހިތެކެވެ.

"ވައި ޝުޑް އައި ކެއަރ، މަންމަމެން އެފެމިލީ ދެކެ ހޭޓްކުރާއިރު އަހަންނަށް މިކަމުގައި ކޮށްދެވޭނެ އެއްވެސް ކަމެއްނެތް، އެމީހުންވެސް އަހަރެމެންނާއި ގުޅޭކަށް ބޭނުމެއް ނުވޭ، ލައިޝާއަށް ހާދަ ނުވިސްނެއޭ....." ޒިއާމް ބޯ ހޫރާލިއެވެ.

ކެންޒިއާގެ އާއިލާގެ އެންމެންވެސް ކަޔާންއާއި ލައިޝާގެ ގުޅުމާއި ނުގަބޫލުކަން އެނގުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރި އެކަކީ ކެންޒީއެވެ. އޭނަ އާއި އަފްރީންގެ ހަގީގަތް ހާމަކުރިޔަސް މަންމަމެން ކަޔާން ލައިޝާއާއި ގުޅެން ގަބޫލު ނުވާނެކަން މަންމަމެން ދެއްކި ވާހަކައިން ކެންޒީ ދެނެގަތެވެ. ހިތަށް ނާރާހާ ބޮޑަށް މަންމަގެ ނަފްރަތު ލައިޝާގެ މަންމައަށްޓަކައިވެއެވެ. މަންމަމެން އެގެއަށް ޒިޔާރާތް ކުރުމުން ޒުލްމާވަނީ މަންމަމެންނާއި ދޭތެރޭގައި އިހާނެތިކޮށް ހަދާފައެވެ. ވަރަށް އެހެން ކަހަލަ ވާހަކައެއްވެސް ކެންޒީއަށް އިވުނެވެ. ޒުލްމާވަނީ ބޮޑުބޭބެ އޭނަ ރޭޕްކޮށްފިޔޭ ކިޔައިގެން އެއް ޒަމާނެއްގައި ބޮޑުބޭބެގެ އަގު ވައްޓާލަން މަސައްކަތްކޮށްފައެވެ. ކަޔާން އަފްރީންއާއި ކައިވެނި ނުކުރާނެކަން އެނގޭތީ މަންމަމެން ވަނީ ކަޔާންއަށްޓަކައި އެހެން އަންހެންކުއްޖަކު ހޯދާފައެވެ. ކެންޒީއަށްޓަކައިވެސް ކުއްޖަކު ހޯދަން މަސައްކަތްކުރާކަން އެނގުމުން ކެންޒީ ހިނި އައެވެ. އޭނަވަނީ ހަޔާތުގެ ބައިވެރިޔާ ހޮވާފައިކަން މަންމަމެންނަށް އަންގަން ބޭނުންވިއެވެ. ދެރައީ އަފްރީންގެ ހުއްދަ އެކަމަށް ނެތީމައެވެ.

"ވަޓް، އަހަރެން ކެންޒީއަކާއި ނީންނާނަން، އަދިވެސް ގިނައިރު ގޮނޑީގައި ތިއިންނަނީ....... " އަފްރީން ތުން އޫ ކުރިނަމަވެސް ކެންޒީ ބުނި އެއްޗަކުން ހިތުގެ ވިންދު އަވަސްކުރުވައިފިއެވެ. އަތްތިލަ ކުޑަކޮށް ތެމޭގޮތްވި އެވެ. ކެންޒީ ނުކުޅެދޭ މީހަކަށްވިޔަސް އެއަށްވުރެ އަފްރީން ހިތް އެދޭ މީހެއް މި ދުނިޔެއަކު ނެތެވެ. އެއަތުގެ ތެރޭގައި ހޭދަކުރެވުނު ރޭތައް ހަނދާންވިޔަސް ގައިން ހީބިހި ހަލުވާލައެވެ. އެއަތުގެ ތެރޭގައި ކޮންމެ ރެއަކު ނިދާލަން އޮވެވުނަސް އެއަށް ވުރެ ބޮޑު ނަސީބަކީ ކޮބާ ހެއްޔެވެ؟

"އޫޕްސް، ހިތް ހަލާކުވެއްޖެ....." ކެންޒީ އިނީ ހީލަ ހީލައެވެ. އަފްރީންގެ ހިތަށް ތަދުވިއެވެ. މިގޮތަށް ކެންޒީއާއި ވާހަކަދައްކައިގެން ކެންޒީގެ ހިތަށް ހަގީގަތުގައިވެސް އަސަރުކުރާނެބާވައެވެ. ނޫނީ އޭނަގެ ހިތުގައިވާ އެއްޗެއް ކެންޒީ ދެނެގަންނާނެބާވައެވެ. ކެންޒީ މަކަރު ހެދިކަމުގައި ވިޔަސް އެހިތް ކެންޒީއަށް އެދެއެވެ.

"އެކަމެއް ނޭގޭ، އަބަދު ކީއްވެތަ ހެނީ؟ ހިތް ހަލާކުވާ މީހަކު ތިގޮތަކަށް ހުރިހާ ދަތްތައް ދައްކާލައިގެން ނީންނާނެ......" އަފްރީން ލޯ ބޮޑުކޮށްލިއެވެ. އޭނަ ލައިގެން ހުރި ކަޅުކުލައިގެ ޓައިޓާއި ކުރު ޓޮޕްކޮޅުގެ ސަބަބުން މޭމަތީގެ ބޮޑު ބަޔަކާއި ރީތި ދެފައި ވަނީ ހާމަޔަށެވެ. ކެންޒީގެ ލޯ އެހެން ދިމަދިމާލަށް އަމާޒުވާކަން އެނގުމުން އަފްރީން ގެ މޫނަށް ރަތްކުލަ ވެރިވިއެވެ.
"އަހަންނަށް އިމޯޝަންސްތައް ދެއްކުމުގައި ކޮންފިއުޒްވެފައިވަނީ ކަމަށްވާނީ، ހާދަ ރީއްޗޭ، އިޝްތިހާރެއްތަ؟ " ކެންޒީ އެއްލޯ މަރާލިއެވެ.
"ޝަޓަޕް، ޖެހޭތަ ބަލަން..." އަފްރީން ކެންޒީ ކޮށްޕާލަން އުޅުމުން އަތުގައި ހިފިގޮތަށް ކެންޒީ ދޫކޮށެއްނުލިއެވެ.
"އަހަރެން ބުނީ އެތެރެއިން ލައިގެން ތިހިރަ ކުލަކުލައިގެ އެތީގެ ވާހަކަ....." ކެންޒީ ގެ އަތުގައި އަފްރީން ގޮތްގޮތަށް ވިކާ ތަދުކުރިއިރުވެސް ދޫކޮށްލާކަށް ހިތަކަށް ނޭރިއެވެ. އަފްރީން ރުޅިވެރިކަން ފާޅުކުރިޔަސް އެގޮތަށް ކެންޒީ އަތްލުމުން ހިތަށް ލިބުނީ އުފަލެކެވެ. އޭނަގެ ރީތިކަމަށް ތައުރީފުކުރުމުން އުފަލުން ހިތް އުދުއްސައިގަންނަން ތައްޔާރެވެ. ކެންޒީ ބެލުން މަނާއެއްޗެއް ނެތޭ ބުނަންވެސް ހިތަށް އެރިއެވެ. ނޭގެއެވެ. ދުލުން އެއްބަސްވާކަށް ނޭގެނީއެވެ.

"ތި ދެލޮލުން ނުބަލާ ހުރެބަލަ...." އަފްރީން ހިނި އަންނަގޮތްވުމުން ތުންފަތުގައި ބާރަކަށް ދަތްއަޅައިގަތެވެ.
"އެކަނި ތި ކުއްޖާއަށް ބަލަންށޭ އަހަރެންގެ ދެލޯ މިހިރީ...." ކެންޒީ އެހެން ބުނިތަނާ އޭނަގެ ފޯނު ރިންގްވާން ފެށުމުން ކަންފަތުގައި ޖަހާލުމާއިއެކު ކަންބޮޑުވެފައިވާ ގޮތަކަށް ބުމަ އަރުވާލިތަން އަފްރީންއަށް ފެނުނެވެ. ދެން ކެންޒީ ބުނެލި ޖުމްލައިން އަފްރީންގެ މޭގަނޑު އަގަޔަށް ނައީ ހަމަ ކިރިޔާއެވެ. ކެންޒީ ދެރަވެ ކަންބޮޑުވީވަރު ފެނިފައި ބޭ އިޚުތިޔާރުގައި އަފްރީންއަށް ކެންޒީގެ ކޮނޑުގައި ބައްދާލެވުނެވެ.

ކޮމެންޓް 0