އެތުއްތު ކުއްޖާ ޅަގޮތަކަށް ނަން ބުނެލިގޮތުން ވަރުޖިނާ އަކަށް އެކިޔާލި އެއްޗެއް ނޭގުނެވެ. ފަހަތު ނަމަށް ކަޔާން ކީކަން ޔަގީންވިއެވެ. ވަރުޖިނާގެ ހިތް ލޯބިން ބަންޑުންވިއެވެ. ގުދުވެލާފައި އެ ފަންގަނޑެއްފަދަ އިސްތަށިގަނޑުގައި ވަރުޖިނާ ފިރުމާލިއެވެ. އެވަގުތު އެކުއްޖާ މަންމީ އޭ ކިޔާފައި ކައުންޓަރާއި ދިމާލަށް އިޝާރަތްކޮށްލުމުން ވަރުޖިނާއަށް ބަލައިލެވުނުއިރު ލައިޝާ ހުރީ ކައުންޓަރުގައި ލާރި ދައްކާށެވެ. ލައިޝާއާއި ވަރުޖިނާގެ ހަތަރުކަޅި ހަމަވުމާއިއެކު ލައިޝާ އިސްޖަހާލިއެވެ. ވަރުޖިނާގެ މޫނަށް އެތައް ކުލަތަކެއް ވެރިވިއެވެ. ލައިޝާ ކިތަންމެ ބީރައްޓެހިވާން އުޅުނަސް މިއީ އޭނަގެ ކަޔާންގެ ކުއްޖެއްކަން އެނގުމަށްފަހު ވަރުޖިނާ ހުރީ މިދަރިފުޅު ގެންދަން ބޭނުންވެފައެވެ. ނަމަވެސް ވަގުތާއި ހާލަތު އެކަމަކަށް ތަނެއް ނުދިނެވެ. ހަރުގަނޑުގެ ފުރަގަހުގައި މެގެޒިންއެއް ހިފައިގެން ހުރި އައިދަން ނުކުމެގެން އައިސް އެކުއްޖާ ކޮނޑަށް ލިތަން ފެނިފައި ވަރުޖިނާގެ އަނގަ ހުޅުވުނެވެ.

"ލައިޝާ އެހެން ފިރިޔަކު ހޯދީކަން ޔަގީން، އަންހެންކުދިންވެސް ހާދަ މަކަރޭ، ކަޔާންއަށްޓަކައި ދުވަސްކޮޅަކަށްވެސް އިންތިޒާރުކުރާކަށް ނުކެރުނު، ނުބައި ނުލަފާ އަންހެނެއް..." ވަރުޖިނާ އަމިއްލަ ހިތާ ވާހަކަދައްކަން ހުއްޓާ އައިދަން މަޑުކޮށްލުމެއްނެތި ލައިޝާގެ ފަހަތުން ސިޑިން ފޭބިއެވެ. އޭރުވެސް އިރެއްފަދަ އެކުޑަ ފިރިހެންކުއްޖާ އިނީ އެ ޒުވާނެއްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން ވަރުޖިނާއަށް ހައިރާންކަމާއިއެކު ބަލާށެވެ. މާމަކަން އެހާ ތުއްތުއިރުވެސް އިހުސާސްކުރެވުނީކަން ނޭގެއެވެ.

ވަރުޖިނާ ފޮތްތައް ހާވަންހުރިއިރު ސިކުނޑިއަށް ނިކަން ބާރުކޮށްފައިވެއެވެ. ކަޔާންގެ ދަރިއަކު ހުރިކަން ޔަގީންވުމަށްފަހު އޭނަ ވީ ހިމޭނުން ހުންނަންހެއްޔެވެ؟ އަޒީޒުއްދީންއަށް ސިއްރުކުރަން ހެއްޔެވެ؟ ހީވާގޮތުން ތަގުދީރު އޭނައާއި އެއްކޮޅަކަށް ނެތެވެ. މުޅިންވެސް މިވަނީ އޭނަ ބޭޒާރުވާފަދަ ކަންތަކެވެ. ޔަގީނުންވެސް އެދަރިފުޅުގެ ސަބަބުން ވަރުޖިނާއަށް ލައިޝާ އެއްފަރާތްކޮށްލާފައި ބެހެއްޓޭކަށް ނެތެވެ. އޭނަ ލައިޝާގެ ގާތަށް ދާނެއެވެ. އެކުއްޖާގެ ބަލަދު ވެރިކަން އަތުލަން އޭނަ ނުކުރާނެ މަސައްކަތެއް ނޯންނާނެއެވެ. ވަރުޖިނާ ފޮތްތަކެއް ގަނެލައިގެން ގޮސް ކާރަށް އެރިއިރު ނިތްކުރިން ފިނި ދަލެއް ހިއްލާލާފައިވިއެވެ.

އައިދަން ކީވާ ކިޑްނީ ޓްރާންސްޕްލާންޓް ހައްދަން ބޭރަށް ގެންދާ ވާހަކަ ދެއްކީމަ ޑޮކްޓަރުގެ ހުއްދައެއް ނުލިބުނެވެ. ކީވާގެ ހާލު މިވަގުތު ވަރަށް ދެރަކަމަށާއި އައިސީޔޫއަށް ވައްދާ ހިސާބަށް ހިގައްޖެކަމަށް އޭނަ ބުނެލިއެވެ. އައިދަންގެ އުއްމީދުގެ ހުޅުކޮޅު ނުނިވުނީ ކިރިޔާއެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލިޔަސް ވަކި ފަރާތެއް ވާކަން ހަނދާންކޮށްފައި އައިދަން ހިތަށް ވިސްނާދިނެވެ. އައިދަން ކޮޓަރިއަށް ވަންއިރު ކީވާ އޮތީ ބަލާށެވެ. ހުން ފިނިވާގޮތެއް ނުވެއެވެ. ލޭގެ ޕްރެޝަރ ހުންނަނީ މަތިކޮށެވެ. އަތަށް ކަށިތައް ހަރަމުންގޮސް ދެއަތް ދުޅަވެ އިތުރަށް ކެނިއުލާ ގުޅާނެ ތަނެއްނެތެވެ. އޮކްސިޖަން މާސްކް އަޅާފައި އޮތްގޮތަކުން އުދަގޫވާނެހެން ހީވެފައި އައިދަން މާސްކްގެ ފަށް ރަގަޅުކޮށްލަދިނެވެ.

"ކިވީ، ރަގަޅުތަ؟ ނިދި އަންނަނީތަ؟ " އައިދަން ކީވާގެ އަތުގައި ފިރުމާލިއެވެ.
"މިހާ ވަރަށް މީހަކު ސަފަރކުރާނީ، ގިވްއަޕް ކުރާ ވަރުވެއްޖެ......." ކީވާ އޮކްސިޖަން މާސްކް އެއްފަރާތް ކޮށްލަމުން ހިނިތުންވެލިއެވެ.
"ކިވީ ތި ކަހަލަ ވާހަކަ ނުދައްކަބަލަ، ޕްލީޒް، ކިވީ ރަގަޅުނުވާންވީ ކީއްވެތަ؟ އަހަރެން ހާދަ ވަރަކަށް ދުޢާކުރަމޭ، ކިވީ އަހަންނަށް ފެންނަން އޮތުންވެސް އެއީ ރަހުމަތެއް......" އައިދަން އެހެން ބުނާއިރުވެސް ކީވާ މިހާ ވޭނުގައި އުޅޭތަން ދެކޭ ހިތެއްނުވެއެވެ. މިއަށްވުރެ ކީވާގެ ފުރާނަ ގެންދެވިޔަސް މާ ރަގަޅުވާނެއޭ ހިތަށް އަރާފަހަރުވެސް އާދެއެވެ. ކީވާގެ ގަޔަށް ހަރާ ކަށިތަކުގެ ސަބަބުންނާއި ލިބޭ އެހެން ވޭންތަކަށް ކީވާ ކެތްކުރާނީ ކިހާ ދުވަހެއްވާންދެން ހެއްޔެވެ؟ ތިން އަހަރުވާންދެން އޭނަ ދުރުގައި ހުރުމުން ވީ ގޮތް ކަން ނޭގެއެވެ. އެހެންނޫންނަމަ އޭނަ ކީވާ މިހާ ބަލިވިޔަކަ ނުދިނީހެވެ. ހުރިހާވެސް ނުބަޔަކީ ވިޝާންއެވެ. ވިޝާން އެހީ ނުވިކަމެވެ.

"އަހަރެމެން ހެޕީވާނީ ދެން ޤިޔާމަތް ދުވަހުން ކަން އަހަންނަށް އެނގޭ...." ކީވާގެ ލޮލުގައި ކަރުނަ ތިއްކެއް ނިރާލިއެވެ.
"ނޫން، ޓްރަސްޓްމީ ކިވީ، އެހެނެއްނުވާނެ، ވީ ވިލް ގެޓް މެރީޑް އިރާދަކުރެއްވިއްޔާ...." އައިދަން ކީވާގެ އަތަށް ފިތާލިއެވެ. އައިދަން ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ.
"އަހަރެން ދެނެއް ނުދާނަން ކިވީ ދޫކޮށްލާފައި، އަހަރެންގެ މަންމަވެސް ވަރަށް ޗޭންޖްވެއްޖެ، އެއަންނަނީނު ކޮންމެ ދުވަހަކު ކިވީއަށް ވިޒިޓްކުރަން، މަންމަގެ ހިތް މިހާރު ކިވީއަށް ވަރަށް ސާފު، މަންމައަށް އެނގޭ އަހަރެންގެ ހުރިހާވެސް އުފަލަކީ ކިވީކަމާއި ކިވީނެތިއްޔާ އަހަރެންގެ ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެކަން، އެހެންވެ މަންމަވެސް އެވަރަށް ދުއާކުރޭ، ދެރަނުވޭ ކިވީ، ދުއާ ވަރަށް ޕަވަރފުލް ވާނެ، ވީ ކެން ފައިޓް ދިސް ޓުގެދަރ، އިރާދަކުރެއްވިއްޔާ...." އައިދަން ކީވާގެ އަތުގައި ފިރުމާލިއެވެ.

އެވަގުތު ވިޝާން އެތަނަށް ވަދެފައި އައިދަން ފެނުމާއިއެކު މޫނުން ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. ވިޝާންހުރީ ރަސްމީކޮށެވެ. ކަޅު ފަޓްލޫނަކާއި އަތްދިގު ގަމީހެއްލައިގެން ހުރިއިރު ޓޭންވެލާފައިވާ މޫނާއި ވަރަށް ގުޅެއެވެ. ސްޓެތޯ ކޮނޑުގައި އަޅުވާފައިވާއިރު ޕްރޮފެޝަނަލް ގޮތެއް ހުއްޓެވެ. ބަލާލާއިރު ޝަޚުސިއްޔަތު ކިތަންމެ ވަރުގަދަވިޔަސް ހަމަ ޕްލޭބޯއި އެކެވެ. ކީވާއަށް ވިޝާންގެ ހަގީގަތް އެނގުމަށްފަހު އޭނަވަނީ ވިޝާންއާއި ގުޅުން ކަނޑާލާފައެވެ. އޭނަ އުޅެނީ އައިދަންއާއި ރައްޓެހިވެގެން ކަމަށާއި މަންމަގެ ނުރުހުމުގައި ވިޝާންއާއި ގުޅުމެއް ނުބޭއްވޭނެކަން އޭނަ އެންގިއެވެ. ވިޝާން އެކަމާއި ހުރެ މޮޔަވާވަރުވިއެވެ. އެދުވަސްކޮޅު އޭނަ ކީވާދެކެ ރުޅިއައިވަރުން ޗުއްޓީ ނަގައިގެން ބޭރަށް ފުރިގޮތަށް މާލެއައީ މައްސަރެއްހާ ދުވަސްފަހުންނެވެ. މަޑުމަޑުންގޮސް އޭނަ ކީވާއަށް މާފުކުރިއެވެ. އެކިގޮތްގޮތުން ކީވާގެ ރުހުން ހޯދަން ކެނޑިނޭޅި މަސައްކަތްކުރާއިރުވެސް އޭނަ ވިލިމާލެއަކަށް ނުދިޔައެވެ. ލައިޝާ އުޅޭގޮތެއް ބަލާލާކަށްވެސް ބޭނުމެއްނުވިއެވެ. އޭނަ ހީކުރީ އައިދަންގެ ސަބަބުން އެ އާއިލާ އުޅުނީ އުފަލުގައި ކަމެވެ. އައިދަން މާލޭގައި ނޫޅޭކަން ވިޝާންއަށް އެނގުނީ ވަރަށް ފަހުންނެވެ. 

"ކިވީ، އޮކްސިޖަން މާސްކް ނަގާކަށް ނުވެއެއްނު ދޯ، މީހަކު ހަމަ ބުނެލާ އިރަށް، އަހަންނަށް އެނގޭ މީނަ މިތަނަށް އައިއްޔާ ކިވީއަށް ގެއްލުން ވާނެ ހާ ކަންތައް ކުރާނެކަން...." ވިޝާން އަމިއްލަ އަތުން އޮކްސިޖަން މާސްކް އަޅުވާދިނެވެ. 
"ކިވީ، އަންނާނަން އިނގޭ...." އައިދަން އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރިއެވެ. އޭނަ ވިޝާންއާއި ދިމާލަށް އެއްޗެކޭ ނުބުނީ ކީވާގެ ޑޮކްޓަރަށް ވީމައެވެ. މިފަދަ ތަނެއްގައި ހަނގުރާމައެއް ހިންގަން ބޭނުން ނުވީމައެވެ. މިހާރު ކީވާއަކީ އޭނަގެ ލޯބިވެރިޔާއެވެ. ކީވާގެ މައްޗަށް ވިޝާންގެ އެއްވެސް ހައްގެއް ނޯންނާނެއެވެ. ނަމަވެސް އެކަން އަންގާދިނުމުގެ މާނައެއް ނެތެވެ. ކީވާވެސް އޮތީ ހިމޭނުންނެވެ. އައިދަން ނުކުތް ދޮރާއި ދިމާލަށް ބަލަން އޮތްއިރު އެ ރީތި ދެލޮލުގައި ވިދުމެއްވިއެވެ. ވިޝާންގެ ހިތް ހަސަދައިން ފުރުނެވެ. އައިދަންދެކެ އިންތިހާއަށް ރުޅިއައެވެ.

"ކިވީ، ޔޫ ސްޓިލް ލުކް ބިއުޓިފުލް......"ވިޝާން މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ހީކުރީ ޒޯމްބީ އަކާއި ވައްތަރުވާނެކަމަށް..." ކީވާ ހިނިތުންވެލިއެވެ.
"މޫނުބަލާ ލޯގަނޑެއް ގެނެސްދެންތަ؟ ތިހާ ބަލިއިރުވެސް ރީތިކަމަކަށް ބަދަލެއް ނާދޭ...... " ވިޝާން ހިނިތުންވެލިއެވެ. ކީވާއަށް އޭނަ ޕޮޒިޓިވް ކޮށް ވިސްނާދިނުމުގެ ނަތީޖާ ރަގަޅެވެ. ކީވާ މަރުގެ ތުންފަތްމަތީގައި ވާއިރުވެސް ހާދަ ހިތްވަރުގަދައެވެ. ސަމާސާކޮށްލާނެ ހިތްވަރުވެސް އެބަހުއްޓެވެ. ކީވާގެ އިންފެކްޝަން ކޮންޓްރޯލް ކުރުމުގައި އެމީހުން ނާކާމިޔާބުވަމުން ދާ އިރުވެސް މިރީތި ކުއްޖާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނޫރާނީ ކަމެއް ފާޅުވާހެންވެސް ހީވެއެވެ. ކޮންމެވަގުތަކުވެސް ކީވާގެ ހާލު ދަށަށް ހިނގައިދާނެއެވެ. އޭނައަށް އެކަމަށް ކެތްވާނެހެއްޔެވެ؟ ވިޝާން މިދެ ދުވަހު ނުނިދައި މިހޭދަކުރަނީ ކީވާގެ ޚިދުމަތުގައެވެ. ކީވާގެ ހާލު އެންމެ ގާތުން ބަލަމުންދާ އެކަކީ އޭނައެވެ.
"މަރުވާއިރު ދެން އެހުރިހާ އެއްޗެއްސަށް ބޭނުމެއްނުވާނެ، ވިޝާން، އައިމް ޑައިން ނޫންތަ؟ " ކީވާ ސުވާލުކުރިއެވެ.
"ނޫނޭ ސްޓުޕިޑް ގާލް، އަހަރެމެން ބޭނުންވާއިރަކުން މަރެއްނުވާނެ، ނަތިން ވިލް ހެޕެން ޓު ޔޫ........." ވިޝާން ހިތާހިތުން އިރާދަކުރެއްވިއްޔާއޭ ބުނެލާފައި ކީވާގެ އަތަށް ފިތާލިއެވެ. އެއަތްތިލަ ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ.
"އަހަންނަށް ފީލްވޭ، ނޭވާލާނެ ވަރެއްވެސް ނެތް، ކެން އައި ސްލީޕް...." ކީވާ ދެލޯ މަރާލީ ވަރުބަލިގޮތަކަށެވެ. އޭނަ އެހެން އޮތްއިރުވެސް ހިތާހިތުން ޤުރުއާން ކިޔެވިއެވެ. އަމިއްލަ ނަފުސާއިމެދު ވިސްނާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ހެއްދެވިފަރާތަށް ކުރާ ދުއާއަކީ މަންމައާއި ލައިޝާ އަދި އައިދަންއަށް ހިތްވަރު ދެއްވުމަށެވެ. އޭނަ ވަކިވެގެން ދިޔަޔަސް އެހެން މީހުންނަށް އުފާވެރިކަން މިންވަރު ކުރެއްވުމަށެވެ. އޭނައަށް ސުވަރުގޭގެ މަތިވެރި ނަސީބާއި ނިޢުމަތް ދެއްވުމެވެ. ދޭތެރެއަކުން ފުން ނިންޖަކަށް ގެނބެން އުޅެފައިވެސް އުދަގޫތަކެއްވެގެން ހޭލެވެއެވެ. ކުކުރާލެވެއެވެ. ލިބޭ ވޭންތައް ބުނެދިނުމުގައި އޭނަވަނީ ނުކުޅެދިފައެވެ. ވަރުބަލިކަމުން ނޭވާލާނެ ހިތްވަރެއްވެސް ނެތެވެ.
އެވަރުންވެސް ކީވާ ދޭތެރެއަކުން ހިނިތުންވެލާފައި އޭނަގެ ގާތް މީހުންނާއި ވާހަކަދައްކައެވެ.

އިރުކޮޅެއްފަހުން އައިދަން އެތަނަށް އައެވެ. ކީވާއަށް ނިދިފައި އޮތުމުން އެ ރީތި މޫނަށް ބަލަން އިންއިރު އައިދަންގެ މޫނުން ފެނުނީ ހިތްހަލާކުވާފަދަ އަސަރެކެވެ. ތިމާގެ ލޯބިވެރިޔާ މިފަދަ ބައްޔެއްގައި އުޅޭއިރު ތަހަމައްލު ކުރާނެ ވޭނާއި ހިތަށް ކުރާނެ އަސަރު މިއަދު އައިދަންއަށް އިހުސާސްކުރެވެއެވެ.

ކެންޒީ އާއި އަފްރީންގެ ކައިވެނި ކުރެވުނުތާ ދުވަސްތަކެއް ވޭތުވެގެން ގޮސްފައިވާއިރު ކެންޒީ އަށް މިހާރުވަނީ މުޅިންހެން ރަގަޅުވެފައެވެ. އަފްރީން އަބަދުހެން ކެންޒީގެ ފައިގާ ތެޔޮ ދަމާދީ މަސާޖްކޮށްދެއެވެ. އެ އަތުގެ ފިރުމުންތައް ވެގެން ދިޔައީ ކެންޒީގެ ޝިފާއަކަށެވެ. ފިޒިއޮތެރަޕިސްޓުންނަށް ނުވާވަރު އަފްރީން ކޮށްދިނެވެ. މަޑުމަޑުންގޮސް އެކަނިމާ އެކަނި އުޅެވޭވަރުވިއެވެ. އޭރުވެސް ދޭތެރެއަކުން ދެމަފިރިން އެކަކު އަނެކަކަށް ޖެއްސުންކޮށްލާ އުދަގޫފަށެއް ކޮށްލައެވެ. ބައެއްފަހަރު އެހާ ލޯބިން އުޅެލައެވެ. މަންމައާއި ބައްޕަ ގުޅުމުން އެންމެ ބޮޑަށް އުފާވެފައި ހުންނަނީ ކުޑަ ޖުއާންއެވެ.

މޫސުން ސަކަރާތްކަމުން ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. އުޑުމަތީގައި ވިލާ ބޯކަމުން މެންދުރުވީއިރުވެސް އިރުގެ ކުޑަ އަލިކަމެއްވެސް ފާއްދާލާފައެއް ނުވެއެވެ. އިރުކޭތަ ހިފާފައިވާ ދުވަހެއްފަދައިން ކަޅު ސާލެއް ދުނިޔެމަތީގައި އޮޅާލެވިފައިވެއެވެ. މިފަދަ ވިއްސާރަ ދުވަސްތަކުގައި ލައިޝާ އަބަދުވެސް ކަޔާންގެ އިންތިޒާރުގައި ދޮރުކާރީގައި ހުރެއެވެ. އިންތިޒާރުކޮށްކޮށް އޭނަދެކެ ދެލޯ ވަނީ ބޭގަރާރުވެފައެވެ. އޭނަ ހާދަ ވަރަކަށް ދުއާކޮށްފިއެވެ. ހާދަ ވަރަކަށް ނަދުރު ބުނެފިއެވެ. މިހާ ދުވަސްވީއިރުވެސް އޭނަ ކަޔާންގެ މަތިން އުއްމީދު ކަނޑާލާކަށް ބޭނުމެއްނުވިއެވެ. އެ ވައުދުތައް އޭނަ ހަނދާން ނައްތައެއް ނުލިއެވެ.

ކަޔާންގެ ހަނދާނެއްކަމުގައިވާ އޭނަގެ ދަރިފުޅު އައިކަން ބޯޅައެއް ހިފައިގެން ގަސްތަކުގެ ތެރޭގައި ދުވެލަ ދުވެލާހުއްޓެވެ. މެންދުރު ކާންދީފައި އިރުކޮޅެއްފަހުން އައިކަން އާންމުކޮށް ނިދާނެއެވެ. ކީވާ ބަލިކަމުން މަންމަމެން މާލޭގައި ވުމުން ލައިޝާ މިހިރީ އެކަނިވެފައެވެ. އޭނަވެސް ހެނދުނު ދިޔަގޮތަށް ގެއަށް އައީ އައިކަން ކުޑަކޮށް ހުންވައްތަރުވާން ފެށީމައެވެ. ކީވާ އާދޭސްކުރީމައެވެ. ހޮސްޕިޓަލްގައި ވައިރަލް ހުން އޮތް ދުވަސްކޮޅެއްގައި އައިކަން ގޮވައިގެން އެތާގައި ނުހުރެ ގެއަށް ދާން ކީވާ ކިޔާ ވަރުންނެވެ. ގެއަށް އައިގޮތަށް ލައިޝާ ތަރުކާރީއަޅައިގެން ބަތްކޮޅެއް ހަދާލިއެވެ. އައިކަންއަށް ރަގަޅުކާ އެއްޗެހި ދޭން ލައިޝާ މަސައްކަތްކުރެއެވެ.

އެދެމައިންގެ ހަރަކާތްތައް ބަލަން ތަންކޮޅެއް ދުރުގައި ހުރެފައި ކަޔާން އެދިމާލަށް އައިއިރު އޭނަގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އޭނަގެ ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގުނު ވަގުތު އެހިތަށް ކުރި އަސަރު ބަޔާންކޮށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ހީކުރިގޮތުން ދަރިފުޅު މި ދުނިޔެއަކަށް ނޭވާނުލައެވެ. އެންމެ ފަހުން ލައިޝާ އޭނައާއި ވާހަކަދެއްކި ރޭގެ ހަނދާންތައް އަދިވެސް ހިތުގައި ހަރުލާފައިވެއެވެ. މިވީހާތަނަށް އޭނަ މަސައްކަތްކުރީ ލައިޝާއާއި ދުރުގައި ހުރުމަށެވެ. ބޯ ހަލާކުވެފައި ހުރި ދުވަސްކޮޅެއްވީމަ އަމިއްލައަށް މަރުވާން މަސައްކަތްކުރެވުނެވެ. އޭނަ ލޯބިވީ އަންހެންކުއްޖާއަކީ ކޮއްކޮކަމުގައި މަންމަ ޔަގީންކޮށްދިނުމުން ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ މާލެ އައުމަށްފަހު އޭނަ މިއައީ ލައިޝާގެ ހާލު ދެކެލުމަށެވެ. ކެތްނުކުރެވިގެންނެވެ. ލައިޝާއަށް ހަގީގަތް ކިޔާދީފައި އަބަދަށްޓަކައި ދުރަށް ދާން އޭނަވަނީ ނިންމާފައެވެ. އެ ހިތްވަރު އޭނައަށް ލިބޭނީ ލައިޝާއާއި ބައްދަލުކޮށްފައެވެ. ކަޔާންގެ ފިޔަވަޅުތައް ހުއްޓުނީ އެދެމައިންނާއި ދެތިން ފޫޓު ދުރުގައެވެ. އޭރު ލައިޝާ ހުރީ ގަހަށް ލެނގިލައިގެންނެވެ. ކަޔާން އެ ދިމާލަށް އަންނަތަން ފެނިފައި އައިކަން ކުޑަކޮށް ހީލިއެވެ.

"ޑެޑީ..ޑެޑީ......." އައިކަން ޔަގީންކުރާކަހަލަ ގޮތަކަށް ބާރަކަށް އެހެން ކިޔާލުމުން ލައިޝާ ސިހިފައި އެނބުރި ބަލާލައިފިއެވެ. ދާދި ކާރީގައި ކަޔާން ހުރިތަން ފެނިފައި އޭނަގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އުފަލުންގޮސް އިންސާނުންގެ ފުރާނަ އުދުހިގެން ހިގައިދާނެކަމަށް ބުނަނީ އެހެންވީމައެވެ. ފުރާނަވެސް ހަށިގަނޑު ދޫކޮށްލާފައި އިރުކޮޅަކު ދިޔަފަދަ އިހުސާސެއް ލައިޝާއަށް ކުރެވުނެވެ. މިއީ ހުވަފެނެއް ނޫނެވެ. ކުރިމަތީގައި މިހިރީ އޭނަގެ ލޯބިވާ ފިރިމީހާ ކަޔާންއެވެ. އޭނަ ހެއްދެވިފަރާތަށް އެތައް ހާސްފަހަރު ހަމްދުކުރިއެވެ. އެއާއިއެކު ލައިޝާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ކަޔާންއާއި ދިމާލަށް ދުއްވައިގަނެވުނެވެ. 

"ލައިޝް، އަދި އިހަށް މަޑުކޮށްލަބަލަ ޕްލީޒް......" ކަޔާން އެއްޗެކޭ ބުނަން އުޅެފައި އައިކަންއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ލައިޝާގެ ހިތަށް ޚަންޖަރެއް ހަރާލިހެން ހީވިއެވެ. ކަޔާންގެ މަންމަ ބުނެގެން އައިކަން ބަލާ އައީހެއްޔެވެ؟ ކަޔާން ހަމަ ރަގަޅަށްވެސް ބަދަލުވީހެއްޔެވެ؟ ކަޔާން ދަރިފުޅު އުރާލިގޮތަށް އައިކަންގެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުން އެތުއްތު ދަރިފުޅާއި އެތައް ވާހަކައެއް ދެއްކިއެވެ. އެތައްވަރަކަށް ލޯބިވާ ވަރު ބުނެދިނެވެ. ލައިޝާ ހުރީ ގުޑިލާން ނޭގިފައެވެ. އޭނަ އައިކަން ބޮޑުކުރީ އެދަރިފުޅަށް ބައްޕައަކީ ކާކުކަން ކޮންމެ ދުވަހަކު ދަސްކޮށްދެމުންނެވެ. ކޮންމެ ދުވަހަކު ފޮޓޯތަކާއި ވީޑިއޯތައް ދައްކަމުންނެވެ. ކޮންމެ ރެއަކު ނިދާ ގަޑީގައި އޭނަ ދަރިފުޅަށް ވާހަކަތަކުގެ ބަދަލުގައި ކަޔާންގެ ވާހަކަތައް ކިޔާދިނެވެ. އެ ޅަސިކުނޑީގައި ކަޔާންގެ ތަސްވީރު އެހާ ރީތިކޮށް ކުރެހިފައިވަނީ އެހެންވީމައެވެ. ކަޔާން ފެންނައިރަށް ބައްޕަކަން އެނގިގެން ގޮވާލަން އެނގުނު ސަބަބަކީވެސް އެއީއެވެ. އެކަމާއި ލައިޝާ ފަޚުރުވެރިވީއިރު ކަޔާން ހައިރާންވިއެވެ.

"ކެން، ކިހިނެއްވީތަ؟ ކީއްވެ އަހަންނާއި ވާހަކަ ނުދައްކަން ތިއުޅެނީ......." ލައިޝާ މަޑުމަޑުން އަހާލިއެވެ.
"އެވާހަކަ ފަހުން ދައްކާނީ، އިހަށް އަހަރެމެންގެ ދަރިފުޅާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުމޭ....." ކަޔާން ގެ ބީރައްޓެހިކަމާއި ތަފާތުވީވަރުން ލައިޝާގެ ހިތް ކުދި ކުދިވިނަމަވެސް އޭނަ ކެތްކުރިއެވެ. އެދެބަފައިންނަށް ވަގުތު ދީފައި ލައިޝާ އަވަހަށް ގޮސް ކާކޮޓަރިއަށްވަނީ ކަޔާންއަށް ކާން ތައްޔާރުކުރުމަށެވެ. އެތާއުޅުނުއިރުވެސް ކުޑަދޮރުގެ ބިއްލޫރިން އޭނަ ހުރީ ކަޔާންމެންގެ ހަރަކާތްތައް ބަލާށެވެ. ފަހުން އެހެން އެއްޗެއް ވިސްނެން ފެށިއެވެ. މިއީ އަނެއްކާ ކެންޒީ ހެއްޔެވެ؟ ކަޔާން ދުނިޔޭގައި ނެތީހެއްޔެވެ؟ ކަޔާން ނޫން ކަން ނޭގެއެވެ. އެހެންނޫންނަމަ އޭނައާއި އަޅާނުލާ އައިކަންއަށް އިސްކަން ނުދޭނެއެވެ. ކެންޒީ އެއުޅެނީ ދަރިފުޅު ކިޑްނެޕްކޮށްގެން ދާން ހެއްޔެވެ؟ ވަރުޖިނާއަށް އައިކަން ފެނުނީމަ ކެންޒީ އެދަރިފުޅު ބަލާ ފޮނުވީކަން ނޭގެއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަމިއްލަ މޮޔަކަމާއިމެދުވެސް ލައިޝާ ހިނިއައެވެ. ކަޔާން ފެނުނީމަ އޭނަގެ ހިތަށް އެވާގޮތް ކެންޒީ ފެނުމަކުން ނުވާނެއެވެ. ސިފަ އެއްގޮތްވިޔަސް ކަޔާންއަށް ނޫނީ އޭނަގެ ހިތާއި އެގޮތަކަށް ނުކުޅެވޭނެއެވެ.

ބައިގަޑިއެއްހާއިރުފަހުން އައިކަން ކަޔާންގެ ކޮނޑުމަތީގައި އޮވެ ނިދާލުމުން ގެންގޮސް ކޮޓަރިއަށް ލާފައި ބޭރަށް ނުކުތްއިރު ވާރޭ ވެހިގެންފިއެވެ. ލައިޝާ ހުރީ ފިނިފެންމާގަސްތައް ކާރީގަ ވާރެއާއި ތެމިފޯވެގެންނެވެ. ކަޔާން ވެސް ވެހެމުންދާ ވާރެއަށް ފަރުވާލެއްނެތި ލައިޝާގެ ގާތަށްގޮސް ފުރަގަހުން މަޑުމަޑުން ބައްދާލައިފިއެވެ. އޭރު ބާރު ބާރަށް ވައިޖެހެމުން ދިޔައެވެ. ފިނިގަދަކަމުންގޮސް ލައިޝާގެ ހަމަށް ކުދި ކަށިތަކެއް ހެރެމުން ދާހެން ހީވިއެވެ. ކަޔާންގެ ހަށިގަނޑުގެ ހޫނުކަން ލިބުމާއިއެކު ހީފިލާ އަރާމުވިއެވެ.

"އައިމް ސޮރީ ލައިޝް، އަހަންނަކަށް ދުރަކުން ނޫޅެވުނު، ލައިޝް ފެންނަ ހިސާބަށް އައުން މިއީ އަހަންނަށް ކުރެވުނު ކުށެއްކަން ނޭގޭ..." ކަޔާން ލައިޝާ އޭނައާއި ދިމާލަށް އަނބުރާލަމުން އެމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
"އެއީ ކީއްވެތަ؟ ކެން ތިއުޅެނީ އަހަރެންގެ ހިތް ހަލާކުކޮށްލަންތަ؟ އެނގޭތަ އަހަރެން ކެންއަށްޓަކައި ހިތާމަކުރިވަރު، އަހަރެން ދެރަވާވަރު...." ލައިޝާ ކަޔާންގެ ގަމީހުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު އެދެމީހުންގެ މޫނުމަތިން ވާރޭގެ ފެންތިކިތައް ފައިބަމުންދާއިރު ރީތިކަމުން އެކަކު އަނެކަކަށް ބަލަން ތިބެވުނީ ދީވާނާވެފައެވެ. ކަޔާން ލައިޝާގެ ނިތްކުރީގައި އޭނަގެ ނިތްކުރި ޖައްސާލިގޮތަށް ދެލޯ މަރާ ބާރުކޮށްލައިފިއެވެ. ލައިޝާއަށް ކިޔާދޭންވީހެއްޔެވެ؟ އޭނަގެ ހިތާމަތައް ހިއްސާކުރަންވީހެއްޔެވެ؟ 

"ލައިޝް، އަހަރެންގެ މަޖުބޫރީ އެނގޭތަ؟ އަހަރެން ލައިޝްއާއި ވަކިވާން ޖެހުނު ސަބަބު ބުނެދޭން މިއަދު އަހަންނަށް ފަސޭހައެއްނޫން....." ކަޔާން އޭނައަށް ލައިޝާ އެންމެ ފަހުން ގުޅިރޭ ކަންތައް ހިނގިގޮތް ކިޔާދޭން ފެށިއެވެ. އެންމެފަހުން އޭނަ މެންޓަލް ހޮސްޕިޓަލެއްގައި ވޭތުކުރި އުދަގޫދުވަސްތަކެވެ.

"ލައިޝް، އަހަރެން އަމިއްލައަށް މަރުވާން އުޅުނިން، އައިސީޔޫގައި ބާއްވަން ޖެހުނު، އަހަރެން ބޭނުމެއްނުވި އެއްގޮތަކަށްވެސް ލައިޝް އާއި ނުލައި މިދުނިޔޭގައި އުޅެން، ގަދަވުމުން އެމީހުން އަހަރެން އަތް ބަނދެފައި ބޭއްވީ، އަހަރެން ސަލާމަތްވާންވެގެން ތެޅިފޮޅުނީމަ އެއަށްވުރެ ބާރަށް ބަނދެލި، އަހަންނަށް ޓްރީޓްކުރީ ހަމަ އެނިމަލް އެއްހެން، ވަރަށް އުދަގޫވި، އަހަރެން އެހާލުގައި އުޅޭކަށް ބޭނުމެއްނުވި، ބޭނުންވީ އެކަނި މަރުވާން، އެހާ ބޮޑަށް އަހަރެންގެ ހިތް ހަލާކުވެ މާޔޫސްވި، މަންމަ އެފަދަ ވާހަކައެއް އެހާ ލަހުން ބުނީމަ އަހަންނަށް ކިހިނެއްވާނެ....." ކަޔާންގެ ވާހަކަތަކުން ލައިޝާއަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނަ ރުޔެވެ. ތެދެކެވެ. ކަޔާންގެ ދެއަތުގައި ލަކުނުގެ އަސަރު ހުއްޓެވެ. ލައިޝާ އެ އަތުގައި ބޮސްދިނެވެ.

"ލައިޝް، އެމީހުން އަހަރެންގެ ގަޔަށް އިންޖެކްޝަން ޖަހަމުންގޮސް އަހަރެން ރަގަޅު ސައިކޯ އަކަށްވި، އެމީހުން ކުރިންބުނި އަހަންނަކީ ސްކިޒޮފްރީނިއާ ކޭސްއެކޭ، އަހަންނަށް އެނގޭ އަހަންނަކީ މޮޔައެއް ނޫންކަން، އެކަމަކު އަހަރެން އަޅައެއްނުލަން، އަހަރެންނަށް ރަގަޅީ އެމީހުންގެ އަތްދަށުގައި އެގޮތަށް އުޅެ ނިމިގެން ދާން، ފަހުން މަންމަމެން އަހަރެން ގެއަށް ގެނައީ، ރެގިއުލަރކޮށް ޑިޕްރެޝަން މެޑް ނަގަން ފެށުމުން އަހަންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު، ރަގަޅަށް ވިސްނެން ފެށި، ހިތަށް އެރި އަހަރެން މުޅިން ރަގަޅުވީމަ މަންމަމެން މާލެއަންނާނެއޭ، އަހަރެން ނޯމަލްހެން ހީވާއިރަށް މަންމަމެން އަހަންނަށް ގާލްއެއް ހަމަޖެއްސި، މަންމަމެން ހިތްހަމަޖައްސާލަން ބުނިން މާލެގޮސްފައި މެރީ ކުރާނަމޭ، އެކަމަކު އަހަރެން އެހެން ބުނީ އެންމެނަށް އޮޅުވާލަން، އަހަންނަށް ދެން ހެޔޮ، އަހަރެން އުޅޭނީ ލައިޝްއާއިއެކު މިގޭގައި، ލައިޝްއަކީ އަހަރެންގެ ކޮއްކޮކަން ޔަގީންކުރަންވެސް މިއަދު އަހަންނަށް މިވަނީ ޖެހިފައި، މިއީ އަހަރެމެންގެ ބަދުނަސީބު ނޫން ދެން ކޯންޗެއްތަ؟ ޔަގީނުންވެސް ލައިޝް އަހަރެންގެ ކޮއްކޮއަކަށް ވެއްޖެއްޔާ މި މެރިޖް ރޫޅޭނެ........." ކަޔާން ގެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ.

ލައިޝާ ބުނާނީ ކީކޭހެއްޔެވެ؟ އެދެމީހުންގެ ލޯބީގެ ނިމުން މިހާ ހިތިވެދާނެކަމަށް އޭނަ ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. 
"ކެން، މިހާ ސްޓްރޯންގް ފީލިންއެއް ބޭބެއަކަށްޓަކައި އަހަރެންގެ ނުހުންނާނެ، އަހަރެން ކެންގެ މަންމަ ދައްކާ ވާހަކަ ގަބޫލެއްނުކުރާނަން، އެއީ އަހަރެމެން ވަކިކުރުވަން މަންމަ ހަދައިގެން އުޅޭ ވާހަކައެއް، ޕްލީޒް ޑޯންޓް ލީވް މީ......." ލައިޝާ ކަޔާންގެ މޫނުގައި ބޮސްދިނީ ކެތްތެރިކަމެއް ނެތިއެވެ. ވާރެއިން ތެމިފައިވާ އެރީތި މޫނުގައި ފެންތިކިތައް ވިދިގޮތުން ލައިޝާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފިނިވައިރޯޅިތައް ޖެހުނަސް ކަޔާންގެ އަތުގެ ހޫނުކަމުން ލައިޝާގެ ހީފިލިއެވެ. ކަޔާންއަށްވެސް އިރުކޮޅަކަށް މަންމަދެއްކި ވާހަކަތައް މަތިން ހަނދާންނެތުނެވެ. ފާފަކުރެވެނީ އެފަދަ ވަގުތުތަކުގައެވެ. ކަޔާންއާއި ލައިޝާވެސް ވާރޭގެ ތެރޭގައި ހިތުގެ އާލާ ކަނޑުވަމުން ދިޔައިރު މިކުރެވެނީ ފާފައެއްކަން ނުވަތަ ނޫންކަން ބަލާކަށް ބޭނުމެއްނުވިއެވެ.

ކަޔާން އޭނަގެ މަންމަގެ ކޮޓަރިއަށްވަދެ ވަރަކަށް ހޭވިއެވެ. އެ ސަރޮގެޓް ކަރުދާސްތައް ހޯދައިގެން ރަގަޅަށް ބަލާލާފައި ނޫނީ އޭނަ ލައިޝާއަކީ އޭނަގެ ކޮއްކޮކަމުގައި ގަބޫލެއް ނުކުރާނެއެވެ. ކަޔާން އެތައް އިރެއްވާންދެން މަސައްކަތްކޮށްފައި މާޔޫސްވިއެވެ. ދެރަވިއެވެ. ހަގީގަތް އެނގުން ހާދަ މުހިއްމެވެ. ޒިއާމްއަކީ ކާކުގެ ދަރިއެއްކަން އެނގެންވެސް ކަޔާން ބޭނުމެވެ. ހީވާގޮތުން މަންމަވަނީ އެ ކަރުދާސްތައް ފޮރުވާފައެވެ.

"އަހަންނަށް ހަގީގަތް އެނގެން ޖެހޭނެ، އެހެންނޫނީ އަހަރެންގެ ދިރިއުޅުން ހަލާކުވެ ނިމިގެން ހިނގައިދާނެ، އަހަރެން މަންމަމެން ދެކެ ލޯބިވޭ، އަހަރެންގެ އާއިލާވެސް މުހިއްމު، މިކަން ޔަގީންކޮށްފައި ނޫނީ އަހަރެން ހުއްޓައެއްނުލާނަން، މަންމަމެން އަހަރެންގެ އުފަލާއިމެދު އެންމެފަހަރަކުވެސް ވިސްނާނެނަމަ....." ކަޔާން މާޔޫސީގޮތަކަށް އިސްތަށިގަނޑުގައި އަތް ހިންގާލާފައި އަނެއްކާވެސް ވަތްގަނޑެއް ހުޅުވާލައިފިއެވެ.

"އޫ މައި ޑާލިން ބްރަދަރ، ހާދަ ބިޒީކޮށްލާފައި ކޯންޗެއް ތި ހާވަނީ؟ އަހަރެން ނުދަންނަން މަންމަމެން ގޭގައި ނޫޅޭގަޑީގައި އަހަރެމެންގެ ބަސްއަހާ ރަގަޅު ކެން ތަންތަން ހާވާކަމަށް، އަހަރެން ހީކުރަނީ ތިކަހަލަ ކަންތައްތައްކުރާ މީހަކީ އަހަރެންކަމަށޭ...." ކެންޒީ ދޮރުހުޅުވާލާފައި ހައިރާންވިކަމަށް ހެދުނެވެ.
"ޝަޓަޕް ކެންޒީ..." ކަޔާން ހިނިއައެވެ.
"ސީރިޔަސްކޮށް ބުނެބަލަ، އަހަންނަށްވެސް އަންގައިގެން އުޅޭ، މަންމަ ބުނި ކެންގެ ވެޑިން ކާރިވާ ވާހަކަ....." ކެންޒީ ކަޔާންގެ ގާތުގައި ހުއްޓުނެވެ.
"އަހަރެން މިއުޅެނީ ފޮރުވިފައިވާކަމެއް ހޯދަން، އެނގޭތަ؟ މަންމަ ބުނާގޮތުން އަހަރެމެންނަކީ މަންމަގެ އުފަން ދަރިންނެއްނޫން، ސަރޮގެޓް ކުދިންތަކެއް، މަންމައަކަށް ދަރިން ނުލިބޭ، ޒިއާމްވެސް އަހަރެމެންނާއި ލޭގެ ގުޅުން އޮތް ހެނެއްވެސް ހިޔެއްނުވޭ، ޒިއާމްވެސް އެޑޮޕްޓްކޮށްފައިވާ ކުއްޖެކޭ މަންމަ ބުނި، އަހަރެމެން ބޮޑުވީފަހުން މަންމަ މިހާ ވަރުގަދަ ސިއްރެއް ބުނީމަ ވަރަށް ޝޮކިން.........." ކަޔާންގެ ޖުމްލައިން ކެންޒީއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލިއެވެ.

"ކޮބާ އަހަރެމެންގެ ސަރޮގެޓް މަންމައަކީ؟ މިހާދުވަސްވީއިރު އެކަންތައް ފޮރުވިފައި އޮތީ ކީއްވެތަ؟ އަހަރެމެންނަށް އެނގުމުގެ ހައްގެއް ނެތީތަ؟ މަންމަ ދުވަހަކު އަހަރެންގެ ގާތުގައި އެކަހަލަ އެއްޗެކޭ ނުކިޔާ، ދޮންބެ ދެކެ މަންމަމެން ލޯބިވާވަރުން ހިޔެއްނުވޭ އެޑޮޕްޓް ހެނެއް، މައިގޯޑް، އަހަރެން މިހިރީ ޝޮކެއްގައި، ސީރިޔަސްކޮށޭ ކެން، މިއީ ތިހާ ލައިޓްކޮށް ނަގަންވީ ޒާތުގެ ކަމެއްނޫން، ކެންއަށް ތިކަން އެނގުނީ ކޮން އިރަކުންތަ؟ ހަމަ މިހާރު މަންމައަށް ގުޅައިގެން މިއަހަނީ......." ކެންޒީ ފޯނު ނެގި އެވެ.
"ބީ ޕޭޝަންޓް ލިޓްލް ބްރޯ.....އަހަރެން މިކިޔާ އެއްޗެއް އަޑު އަހާބަލަ، ތިގޮތަށް މަންމައާއި ސުވާލުކޮށްގެން މަންމަ ހާސްކުރާނެ ކަމެއްނެތް، ކެންޒީގާތު ބުނަން މަޖުބޫރު ނުވަންޏާ ނުބުނެ ހުރެދާނެއްނު، އެހެނޭ ކިޔާފައި ކެންޒީއަށް މަންމަގެ ލޯބި އުންޏެއް ނުވޭ...." ކަޔާން ކެންޒީގެ ކޮނޑުގައި އަތް ބާއްވަމުން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.
"ކެން އެގޮތަށް ގަބޫލުކުރަންޏާ ތިވަރުން ހަގީގަތް އެނގެން ބޭނުންވަނީ ކީއްވެތަ؟ ކެންދެކެވެސް މަންމަ އެހާ ލޯބިވެއެއްނު..... " ކެންޒީ އަޖައިބުވިއެވެ. ކަޔާންއަށް މަޖުބޫރުވީ ކޮއްކޮ ކާރީ ހަގީގަތް ކިޔާދޭށެވެ. ކެންޒީއަށް ކިޔާދިން ވާހަކަތަކުން ކެންޒީ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ލައިޝާއަކީ ހަގީގަތުގައި އެދެބެންގެ ކޮއްކޮ ހެއްޔެވެ؟ އެކަން ކުރިންވެސް މަންމައަށް އެނގޭނެކަން ޔަގީނެވެ. މާފަހުން އެވާހަކަ މަންމަ ބުނަންވީ ކީއްވެހެއްޔެވެ؟ އެތައް ސުވާލު ތަކެއް ސިކުނޑީގައި ފުނި ޖެހުނެވެ. ކަޔާންއާއި ކެންޒީ އެތަން މިތަން ހާވަނިކޮށް ފެނުނު ކަރުދާސް ތަކަކުން އެ ދެމީހުންނަށް ހުރިހާ ހަގީގަތެއް އެނގި ކަށަވަރުވިއެވެ. 

ކަޔާން އެރޭ ކެންޒިއާއިން ނުކުމެގެން ދިޔައީ ދެވަނަފަހަރަކަށް އެގެއަށް ނުވަންނާން ކަމަށް ކެންޒީގާތު ޔަގީންކަން ދީފައެވެ. އެނގުނު ހަގީގަތަށްފަހު އޭނަގެ މަންމައަށް މާފުކުރާނީ ކޮން ގޮތަކުން ހެއްޔެވެ؟ މަންމަ އެހާ ބޮޑު ކަމެއް އެގޮތަށް އޭނައަށް އޮޅުވާލަފާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އަމިއްލަ މަންމަ އެހާ ބޮޑު ދޮގެއް ހަދާން ވީ ކީއްވެހެއްޔެވެ؟ އެކަމުގެ ސަބަބުން އޭނަގެ ހަޔާތުގެ މުހިއްމު ތިން އަހަރު ގެއްލިގެން ހިގައްޖެއެވެ. ކެންޒީވެސް ހުރީ ވަރަށް ދެރަވެ ހިތުގައި ޖެހިފައެވެ. ނަމަވެސް އޭނަ ހުރީ ހިމޭނުންނެވެ. ހަގީގަތް އެނގޭކަމަކަށް ނެހެދިއެވެ. ވަގުތު ޖެހުމުން ހުރިހާކަމެއްވެސް ފިލްމެއްގެ މަންޒަރު ފަދައިން ނިއުޅިގެން ދާނެއެވެ. މިވަގުތު އޭނަވެސް އިސްކަން ދިނީ ކަޔާންގެ އުފަލަށެވެ. ކަޔާން ހާދަ ހާލެއްގައި ތިންއަހަރު ވޭތުކުރިއެވެ. މަންމަ ގެ އޮޅުވާލުމުގެ ސަބަބުންނެވެ.

ކަޔާން ގެއަށް ވަންއިރު ލައިޝާ އިނީ ސޯފާގައި ޓީވީ ބަލާށެވެ. ކުޑަ ތަނެއްނަމަވެސް މަޑު ސޯފާތައް ބަހައްޓާފައި ކުރިމަތީގައި ރަގެއް އަޅާފައި ދޮރުގައި ބޯ ފަރުދާތައް ދަމާފައި ހުރުމުގެ ސަބަބުން ވަރަށް އަރާމުކޮށް ދައްކައެވެ. ކަޔާން ފެނުމުން ލައިޝާގެ މޫނު އުޖާލާވެގެން ދިޔައެވެ. އޭނަގެ ކަޔާން ފެނުނު ފެނުނުހެން ރީތިވާހެން ހީވިއެވެ. ނޫ ޖިންސަކާއި ގަދަ ފެހި އަދި ކަޅުގެ ޓީޝާޓެއްލާފައި ހުރިއިރު އެ ރީތި ދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެންދާފަދަ ގޮތެއްވިއެވެ. ކަޔާން އައިގޮތަށް ލައިޝާ ގެ ގާތުގައި އިށީދެފައި ލައިޝާގެނެސް އުނގުގައި ބޭންދިއެވެ. އައިކަންގެ ވާހަކަ އަހާލިއެވެ. ލައިޝާ ބުނީ ދަރިފުޅު ދެންމެ ކައިގެން ނިދީކަމުގައެވެ. ކީވާގެ ހާލުވެސް އަދިވެސް ރަގަޅެއްނޫނެވެ. ހަމަ އޮތީއެވެ.

"ލައި، އަހަރެމެންވެސް ނިދަން ދާންވީ، ފޮބިޑްން ލަވްކަން އެނގުނަސް ޑެވިލް މަގޭ ބޮލަށް އެރިފައި މިހިރީ، އަހަރެން ބޭނުމެއްނޫން ލައި އާއި ދުރުން އުޅެން، އޯކޭތަ......" ކަޔާން ލައިޝާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. ހުރިހާކަމެއް އެނގުމަށްފަހު ލައިޝާއަކީ އޭނައަށް ހަލާލު ކުއްޖެއްކަން އެނގުނަސް ލައިޝާއަށް ސިއްރުކުރުމުން މަޖާވިއެވެ.
"ހުއްދަ ހޯދާކަށް ނުޖެހޭނެ، އަހަރެންނަކީ އަބަދުވެސް ކެންގެ މީހެއް، ވަރަށް އުފާވެއްޖެ ކެން ތިނަމުން ކިޔާލީމަ، މިހާރު އެންމެން ލައިޝް ކިޔާއިރު ލައި އޭ ކިޔާލީމަ ސްޕެޝަލް ނަމަކަށް މިވީ....." ލައިޝާ ކަޔާންގެ އަތުތެރޭގައި ބޮނޑިވެލިއެވެ. އޭރު ދެހިތުގެ ތެޅުން އެކުވެފައިވެއެވެ. ކަޔާން ކޮޓަރީގެ އަލި އަދިވެސް ފަނޑުކޮށްލައިފިއެވެ. ވަޔާއިއެކު ފަރުދާތައް އުދުއްސަމުންދާއިރު ގޭތެރެވެސް ހީވަނީ އޭސީވެފައި ވާ ހެންނެވެ. އެހާ ފިނިގަދައެވެ. ލައިޝާއަށް ކަޔާންގެ އަތުގެ ތެރޭގައި ވުމުން ފިނީގެ އަސަރެއްނުކުރިއެވެ. ދެމީހުން އެކީގައި ކައިގެން ކޮޓަރިއަށް ނިދަން ވަންއިރު ދެ ޒުވާނުންގެ މޫނުމަތިން ފެންނަނީ އެކަކު އަނެކަކަށް ބޭނުންވެފައިވާ ކަމުގެ ނިޝާންތަކެވެ.

"ލައި ބިރެއް ނުގަނޭތަ ފާފަކުރަން...." ކަޔާން ލައިޝާގެ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ބުނެލިއެވެ.
"އަހަރެން ބުނީމެއްނު ކެން ގެ މަންމަ އަހަރެމެން ދުރުކުރަން ހަދައިގެން އުޅޭ ވާހަކައެކޭ، މަންމަ އަހަރެންދެކެ ހޭޓްކުރޭ އެހެންވެ ކިޔާހާ އެއްޗެހި، އަހަރެން ގަބޫލެއްނުކުރާނަން، އެހެންނޫންނަމަ އަހަރެންގެ މަންމައަށްވެސް އެވަރު އެނގޭނެ، މަންމަގެ ދަރިފުޅު ފާހަގަކުރެވޭ ކަހަލަ ނިޝާނެއް ހުންނާނެއޭ މަންމަ ބުނި........." ލައިޝާ ކަޔާންގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އެ ރީތި ފުޅާ މޭމަތީގައި ބޯ އަޅާލާހިތުން ކެތްކުރެވެނީއެއް ނޫނެވެ. ކަޔާންގެ ގައިގާ ހިފާފައިވާ ލުއިމީރުވަހާއި އެކުވާން ހާދަ ބޭނުމެވެ. ލައިޝާ އެރީތި ދެލޮލަށް ބަލައިލިއެވެ. ކަޔާން މޭމަތީގައި ހުރި އުފަންލައް ދައްކާލިއެވެ. ޒިއާމްއާއި ކެންޒީވެސް އެގޮތަށް އެއްތަނެއްގައި އުފަން ލައް ހުރެއެވެ.

"އަހަރެމެންގެ ފެމިލީ އެންމެންގެ މިތަނުގައި ހުންނާނެ ބާތްމާކް، ބައްޕަގެ ފަރާތުން ވާރުތަވެފައިވާކަމެއް މިއީ، އެ ވާހަކަ ފަހުން ދައްކާނީ، ލައި ބުނެބަލަ، ކިހާ ވަރަކަށް އަހަރެން މިސްވި......... " ކަޔާން ހިނިތުންވެލާފައި ލައިޝާ އަތުތެރޭގައި ބޮނޑިކޮށްލިއެވެ. އެ ބާރުގަދަ އަތުގެ ހިމާޔަތް ލިބުމުން ލައިޝާއަށް ހީވީ ދުނިޔޭގައިވާ ހާ އުފާތައް އުނގަށް ބަންޑުންވި ހެންނެވެ. ދެލޯ މަރާލެވުނެވެ.

ވަރުޖިނާއާއި ކޮއްކޮމެން ކޮޓަރީގައި ތިބެގެން ވާހަކަދައްކަން ތިބިއިރު ދޭތެރެއަކުން ހިނިގަނޑު ޖަހާލާއަޑުއިވެއެވެ. ކަޔާންގެ ކައިވެނީގެ ކަންތައް ހަމަޖައްސާ ނިންމާފައިވާއިރު އެމީހުންނަކަށް ކަޔާން ލައިޝާގެ ގާތަށް ދިޔަކަމެއް ނޭގެއެވެ. ވަރުޖިނާގެ ހުރިހާ ސިއްރެއް ބޭޒާރުވެ ކަޔާންގެ ގާތުގައި މަންމަގެ އިތުބާރު ގެއްލުނުކަމެއްވެސް އޭނައަކަށް ނޭގެއެވެ. ވަރުޖިނާ އެކި ވާހަކަތައް ދައްކަމުންގޮސް އެންމެ ފަހުން ކަޔާންއަށް އޭނަ އޮޅުވާލިގޮތުގެ މޮޅުކަން ކިޔާދިނެވެ. ކަޔާންގެ ގާތުގައި ހެދި ދޮގަކީ ކަޔާންއަށް ރަގަޅަށް އޭނަ ކުރި ކަމެއްކަމަށާއި އެކަމުގެ ސަބަބުން ލައިޝާފަދަ ވިހަގަދަ ހަރުފައަކާއި ކަޔާން ދުރުކުރެވުނީތީ އެކަމާއި އުފާކުރާކަމަށް ވަރުޖިނާ ބުނެލިއެވެ.

"ކެން އޭނަ އާއި ދުރުވެއްޖެތަ؟ މާލެ އައުމަށްފަހުގައި ކެން މިގެއަކުން ނުފެނޭ، އޭނަ އުޅެނީ ކޮންތާކު؟ " ރަންދާ ސުވާލުކުރިއެވެ.
ވަރުޖިނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން މީހަކު ބޭރުގައި ހުރިކަމެއް އެމީހުންނަކަށް ނޭގުނެވެ. އެ މީހުން ވާހަކަދައްކަން ތިބީ ތިރީބައިގެ ކޮޓަރިއެއްގައި ކުޑަދޮރުތައް ހުޅުވާލައިގެންނެވެ. ފަރުދާތައް ދަމާފައި ހުރުމުގެ ސަބަބުން އެހެން ލާފައި މީހަކު ދިޔަސް ނޭގޭނެއެވެ. ވަރުޖިނާ އެއްގޮތަކަށްވެސް ދޮރު ހުޅުވާފައި ކަމެއް ނުދެނެހުއްޓެވެ. ކަމެއް ބޭޒާރުވާން ވެއްޖެއްޔާ ކޮންމެފަދަ ގޮތެއްވެސް ދިމާވެދާނެއެވެ. ފާރުގައި ކަންފަތް ހުރެޔޭ ބުނެވެނީ އެހެންވީމައެވެ.

ކޮމެންޓް 0