އަތްދިގު މުށިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނެއްލައިގެން ޓައީ އަޅާލާފައި ހުރިއިރު ކަޔާން ފެންނަނީ ވަރަށް ރަސްމީކޮށެވެ. އެ ފިރިހެންވަންތަ ކަމުން ލައިޝާގެ މުޅި ވުޖޫދު ގެނބިގެން ދިޔަހެން ހީވިޔަސް އޭނަ ހިއްސުތައް ހަމަޔަކަށް އެޅުވީ ކަޔާންގެ ފަހަތުން ކަހަލަ ގޮތަކަށް އައި ޒުވާނާ ފެނިފައެވެ. އެހެން މީހުންގެ ކުރިމަތީގައި އޭނަ ހިތް ކޮންޓްރޯލް ކުރަން ވާނެއެވެ. އެޒުވާނާއަކީ އެޗް އާރް މެނޭޖަރ ސަމާހު ކަމަށް ތަޢާރަފުވުމަށްފަހު ލައިޝާއަށް ކަޔާންއަކީ އެމްޑީ ކަމަށް ބުނެދިނެވެ. އެއަށްފަހު ސަމާހު ލައިޝާ ގޮވައިގެން އޮފީސްތެރެ ދައްކާލަން ގެންދިޔައެވެ. މުޅިތަން ސެންޓްރަލް އޭސީކޮށްލާފައިވާއިރު ތަޅުންމަތީގައި އަޅާފައިވާ ބޯ ދޫލައާއި އަގުބޮޑު ފަރުނިޗަރު ތަކުގެ ސަބަބުން ވެރިމީހާގެ މުއްސަދިކަން ހާމަކޮށްދެއެވެ. ބިއްލޫރި ޕާޓިޝަން ތަކުން ވަކިކޮށްފައިވާ އެކި މެނޭޖަރުންގެ ކެބިންތަކަށް ލައިޝާ ގެންގޮސް އެންމެނަށް ލައިޝާ ތަޢާރަފު ކޮށްދިންއިރު ލައިޝާ ހުރީ ހިނިތުންވެލައިގެންނެވެ. 

ދެވަނަ ފްލޯރގައި ވަނީ ސީއީއޯ، އެމްޑީ އަދި ޖެނެރަލް މެނޭޖަރުގެ އިތުރުން ޕީއޭގެ ކެބިންއެވެ. ސީއީއޯގެ ކެބިން އެމްޑީގެ ކެބިންއަށް ވުރެ ތަންކޮޅެއް ބޮޑުވެފައި އިންޓީރިއަރ ޑިޒައިން މާ ރިއްޗެވެ. ވޮޝް ރޫމަކާއި ކޮފީ މެޝިނުގެ އިތުރުން ކޯޓު އަޅުވާ ހެންގަރއެއް ހުރުމުން ފާޑުވެރިކަން ހުއްޓެވެ. ސޯފާސެޓް މަޑުކަމުން ގެނބިގެންދާވަރުވެއެވެ. އެއަރފްރެޝްނަރގެ މީރުވަސް ހިފާލާފައި ވެއެވެ. 

ސަމާހު ލައިޝާ ގެންގޮސް އޮރިއެންޓޭޝަން ދިނުމަށްފަހު އަނެއްކާ ލައިޝާ ދާންޖެހުނީ ކަޔާންގެ ކެބިންއަށެވެ. ސަމާހު ކިޔައިދިންގޮތުން ވިއްޔާ ބޮސް ދުރުވާންވާއިރަށް އެއްޗެހި ހަމަޔަށް ހުރިތޯ ބަލައި، ތާޒާ މާތައް ޖަހާލައި ހެދުމަކީވެސް ލައިޝާގެ މަސައްކަތުގެ ބަޔެކެވެ. އެއީ ލައިޝާ ހިތުން ރުހުމުން ކަޔާންއަށް ކޮށްދޭން ބޭނުންވާ ކަންތައްތަކެވެ. ޕާސަނަލް އެސިސްޓެންޓް ކިޔަނީވެސް އެހެންވީމަތާއެވެ. ލައިޝާ އެ ކެބިންއަށް ވަންއިރު ކަޔާން ފައިލު ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ބަލަން އިންއިރު ދިގު ދިގު އެސްފިޔަތަކުން ހިޔާއަޅާފައިވާ ލޮލުގައިވާ ޝުޢޫރުތައް ފޮރުވިފައިވެއެވެ. ދިގުއިނގިލި ތަކުން މޭޒުމަތީގައި މަޑުމަޑުން ތަޅަމުންދާތީ ކޮންމެވެސް ޚިޔާލެއްގައި އިންކަން އެނގެއެވެ. 

"އިށީންނަވާ....." ކަޔާން ލައިޝާގެ މޫނަށް ބަލައިނުލާ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލުމުން ލައިޝާ ޝުކުރު އަދާކޮށްލާފައި އިށީދެލީ ފަރިގޮތަކަށެވެ.

"ވަރަށް ބޮޑު މިސްޓޭކެއް ހެދުނީމަ ފުރަތަމަވެސް އެކަމާއި މާފަށް އެދެން މިޖެހުނީ... ލައިޝާގެ ފައިލް ދައްކަބަލަ....." ކަޔާން ބަލައިލީ އެހެން ފިރިހެނުން ލައިޝާއަށް ބަލައިލާފަދަ ދަހިވެތިކަމުގެ ނަޒަރަކުންނޫނެވެ. ތަފާތު ނަޒަރެކެވެ. ލައިޝާގެ ގަނޑުވެފައިވަ އިނގިލިތަކުން ފައިލުގައިވާ ސެޓްފިކެޓް ތަކާއި ލިޔުންތައް ނަގަމުން ދިޔައިރު އެ ހިމޭންކަމުގެ ތެރެއިން އޭނަގެ ހިތުގެ އަޑު ކަޔާންއަށް އިވޭނެ ކަމުގައި އޭނަ ޔަގީން ކުރިއެވެ.

"އޭލެވެލް ނަހަދަމެއްނު...." ކަޔާން އިނީ ހިތްހަމަނުޖެހިފައިކަން އޭނަ ދެއްކި ވާހަކަ ތަކުން އެނގޭތީ ލައިޝާގެ ހިތް ފިނިވާންފެށިއެވެ. ޕާރސަނަލް އެސިސްޓެންޓަކަށް ހުރެވޭނީ ވެރިމީހާ ހިތްހަމަޖެހޭ މީހަކަށެވެ. "އަޅުގަނޑަށް ނުކިޔެވުނީ ކަޔާން ސަރއާއި ހެދި..." ލައިޝާގެ ހިތުގައިވީ ޖުމްލަތައް އެލޮލުގެ ޒަރީއާއިން ކަޔާންއަށް ފޯރުކޮށްދޭން ލައިޝާ ބޭނުންވިއެވެ. ނަމަވެސް ކަޔާން ބަލައެއްނުލިއެވެ. ލައިޝާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވާފައި ބުނީ ފައިލްތެރޭގައި އޮންނާނެ ކަމުގައެވެ. ނަމަވެސް ލިބުނު ނަތީޖާއަށް ބަލާލައިފިއްޔާ އޭނަ ވަގުތުން ކަނޑާލާކަށް ފަހެއް ނުޖެހޭނެއެވެ. 

"ވެލް، ލައިޝާ، ޕީއޭއަކަށް ނަގަން އުޅުނީ އެހެން ލައިޝާއެއް، އެއީ އޮސްޓްރޭލިއާއިން ޑިގްރީއެއް ހަދާފައި ދެއަހަރުގެ އެކްސްޕީރިއެންސް ހުރި އަންހެންކުއްޖެއް، ހެދުނު މިސްޓޭކަކުން ދެ ލައިޝާ އޮޅުނީ، އައިމް ސޮރީ، އެކަމަކު މި ވަޒީފާއަށް އެކަށީގެންވަނީ ތަޖުރިބާހުރި މީހެއް......." ކަޔާން ގެ އެ ޖުމްލަތަކާއި އެކުގައި ލައިޝާއަށް ހީވީ އޭނަ މިހުރިހާ ދުވަހު ބިނާކުރި ހުވަފެނުގެ ގަނޑުވަރު ކުދިކުދިވެގެން ފައިބައިގަތްހެނެވެ. ލިބުނު ސިހުމާއި އެކު ކޮޅަށް ތެދުވުނުއިރު އެ ރީތި ދެލޮލުން ކަރުނަހިލިއްޖެއެވެ.

"ސަރ ތިބުނުއްވި އެއްޗެއް ނޭގުނު....." ލައިޝާގެ ކަރުނަވީ އަޑު އިވުނު މީހެއްގެ ހިތް ހަމްދަރުދީއިން ފުރޭނެއެވެ.
"ލައިޝާ، އައިމް ސޮރީ، އެކަމަކު މިޖޮބަށް ތިހާ ކުޑަކުއްޖަކު އެކަށީގެނެއްނުވޭ، ބޭނުމީ ހުރިހާކަމެއް ކުރެވޭނެ ގާބިލު ހަރުދަނާމީހެއް، ނޮޓް ޖަސްޓް އެ ޕްރިޓީ ފޭސް، އެ ރޮގުން ކިޔަވައިގެން ހުރި ތަޖުރިބާހުރި މީހެއް މިވަގުތަށް ވަރަށް މުހިއްމު، މިތަނުން ހެދުނު މިސްޓޭކަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދެން....." ކަޔާން ހީވީ އެންމެ ފަހުގެ ބަސް އިއްވާލިހެންނެވެ. އިތުރަށް ދައްކާނެ ވާހަކައެއްނެތޭ އެރީތި ދެލޯ ބުނާކަހަލައެވެ. އެ ތޫނުދެލޮލާއި ލޯ ގުޅާލެވުމުން ލައިޝާ ބުދެއްހެން ގަނޑުވިއެވެ.

ދުނިޔެއިން އެންމެ ބޭނުންވާ ވަޒީފާ މިނިޓްކޮޅަކަށް ލިބިފައި ބީވެގެން ދިޔުމުން ލައިޝާއަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނައާއި ކީވާ މިހާރުވަނީ ބިކަ ހާލުގައި ޖެހިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ފަރާތުން އެހީއެއް ލިބިދާނެ ކަމުގެ އުއްމީދެއްނެތެވެ. ދޮންމަންމަގެ ނުފޫޒު ގަދަކަމާއި ދަރިން ގިނަކަމުން އެކުދިންނަށް ޚަރަދުކޮށްފައި ލައިޝާއަށް ދޭން ބައްޕަގެ އަތުގައި ހުންނާނީ ކޮންޗެއް ހެއްޔެވެ؟ ބައްޕަ އަބަދު ބުނާނީ ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ވާހަކައެވެ. ބައްޕަ ރިޒޯޓެއްގައި ވަޒީފާ އަދާކުރި އިރު ލައިޝާއަށް ލެޕެއް ގަނެދިނެވެ. އެ ލެޕްގެ ބެޓެރީ ހަލާކުވެ މިހާރު ހިފަހައްޓައިލަނީ އެކަނި ޗާޖަރު ޖަހައިގެންނެވެ.

"ސަރ، މިތަނުން އެހެން ޖޮބެއް ނަމަވެސް ދެއްވައިފިއްޔާ ހާދަ ރަނގަޅޭ........" ލައިޝާ ފަދަ ހިތްވަރުގަދަ ކުއްޖަކަށް ވެސް ކެތްކުރެވުނީއެއް ނޫނެވެ. އޭނަ މިހިރީ މިވަޒީފާއަށް ޓަކައި ކަޔާންގެ ފައިގައި ހިފާ އާދޭސްކުރަން ޖެހުނަސް އެކަންވެސް ކުރަން ތައްޔާރަށެވެ.

"މިވަގުތު މިތަނުގައި ހުސް މަގާމެއްނެތް، މަސައްކަތު މީހެއްގެ ޖޮބް އޮވެދާނެ އެކަމަކު އަހަރެންވެސް ތި ފެންވަރަށް ކިޔަވައިގެން ހުރި ކުއްޖަކަށް އެކަހަލަ ވަޒީފާއެއް ނުދޭނަމެއްނު....." ކަޔާންގެ ވާހަކައިން ލައިޝާގެ ހިތަށް ލިބުނު އަނިޔާތަކާއި އެކު ފީނައިގަނެވުނީ މާޒީގެ ތެރެއަށެވެ. ކަޔާން އޭނައާއި ދޭތެރޭގައި މިހަދާ އިހާނެތިގޮތްތައް ހަމަ ރޭކާނުލަނީ ހެއްޔެވެ؟ ކަޔާންގެ ސަބަބުން ނޫންނަމަ އޭނަވެސް މިހާރު މޮޅަށް ކިޔަވައިގެން ހުންނާނި ޔޫކޭ ނޫނީ އޮސްޓްރޭލިއާ ފަދަ ތަނެއްގައެވެ. ނުކިޔެވުނީ ކަޔާންގެ ސަބަބުންނެވެ. އެންމެ ފަހުން ލިބުނު ވަޒީފާވެސް ކަޔާން އެއުޅެނީ ދަމައިގަންނާށެވެ. މިއީ އިންސާފެއް ނޫނެވެ. ކަޔާންގެ ހިތެއް ނެތީހެއްޔެވެ؟ ކޮންމެ ފަހަރަކު އެނގިގެން ނޫނީ ނޭގި ނަމަވެސް ކަޔާން އޭނަގެ ހިތް ހަލާކުކޮށްލުމުގައި ކާމިޔާބު އެބަކުރެއެވެ. އޭނަގެ ހިތަށް ކުރާނެ އަސަރު ކަޔާން ހަމަ ނުވިސްނެނީ ހެއްޔެވެ؟ އޭނަގެ ދެލޮލުން ކަޔާންއަށް އެއްވެސް އެއްޗެއް ނުފެނޭހެއްޔެވެ؟

"ކަޔާން ސަރ، އަޅުގަނޑު މިނޫނީ ދުވަހަކު މީހެއްގެ ކާރީ މިގޮތަށް ކަމަކު ކިޔާފައެއް ނުވާނެ، ނަމަވެސް މިހާރު ޑެސްޕެރޭޓްކޮށް ޖޮބެއް ބޭނުން، އަދި މި ވަޒީފާ އަޅުގަނޑަށް ދީގެން ރިގްރޭޓް ކުރަން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން، މިފަހުން އިންޑިއާގައި ހިނގި ވޯޓަރފޯލް ހާދިސާއެއްގައި އަޅުގަނޑުގެ މަންމައަށް ވީގޮތެއް ނޭގިފައި އަދިވެސް ވަނީ ، މަންމަގެ ފްރެންޑެއްގެ ގާތުގައި އައްޑޫގައި ތިބެފައި އެރަށުގައި ސެޓްލްވިތަނާ އެގޭ ދައްތައެއްގެ ކުއްޖަކަށް ކެންސަރު ޖެހިގެން އެމީހުން އިންޑިއާއަށް ފުރަން މަޖުބޫރުވި، އަދި އެގޭ ކާފަވެސް މާ ބޮޑަށް ބަލިވެގެން ސަލްމާދައްތަ ޖެހުނީ އިންޑިއާއަށް ދާން، އެހެންވެ އަޅުގަނޑުމެން ދެ އަންހެންކުދިންވީމަ އެކަނި އެހާ ބޮޑުގެއެއްގައި ބައިތިއްބާފައި އިންޑިއާ އަކަށް ނުދާނަމޭ ކިޔާފައި މާލެއިން އެޕާޓްމެންޓެއް ހިފާފައި އެތާ ބޭތިއްބީ، އަޅުގަނޑުގެ ހުރި މީހަކީ ބައްޕަ، ބައްޕައުޅެނީ ސްޓެޕްމަމް އާއި އެކު، އެހެންނޫނަސް ބައްޕަގެ ގެ ވަނީ ނީލަމަށް ލާފައި އެހެންވެ އަޅުގަނޑުމެންނަށް މި ދުވަސްކޮޅު ވަރަށް އެހީތެރިކަން ބޭނުންވޭ، ވަރަށް ގިނަ ޖޮބަށް ޓްރައިކުރިން، ހީވާގޮތުން ހުރިހާ ތަނަކުންވެސް ދޭނީ މީހުންގެ ނުފޫޒަށްވެސް ބަލާފައި، މިހުރިހާ ދުވަހުވެސް ކެތްކުރިން، ދުޢާކުރިން، ރަގަޅުގޮތެއްވާން އެދި، މަންމަ ނެތީމަ ދެރަނުވަނީއެއް ނޫން، ވަރަށް މިސްވޭ އެކަމަކު އެހެންމީހެއްގެ ގާތުގައި އެވާހަކައެއް ނުބުނަން، ވަރަށް ހިތްވަރުކުރިން، އަޅުގަނޑަށް އެނގޭ މަންމަ ބޭނުމެއް ނުވާނެކަން މިގޮތަށް ރޯކަށް. އަޅުގަނޑަށް އެނގޭ ހިތްވަރުކުރަން ޖެހޭނެކަން ، ނޫނީ ސިސް އަދި ހައްތަހާ ބޮޑަށް ޑިޕްރެސްވާނީ، އެހެންވެ.. އެއީވެސް ޖޮބެއް ބޭނުންވީ އެއްސަބަބު، ވީހާވެސް ބިޒީކޮށް އުޅެން............ ޕްލީޒް ޕްލީޒް، އާދޭސްކުރަން......" އެހިސާބަށް ބުނެވޭއިރަށް ލައިޝާގެ ރީތި ދެލޮލުގައި މުތީތަކެއްފަދައިން ވިދަންފެށި ކަރުނަތައް އޭގެ މަގާމުދޫކޮށްފައި ތިރިއަށް ފައިބަންފެށިއެވެ. 

މިނޫނީ މިގޮތަށް ހިލޭމީހެއްގެ ގާތުގައި ލައިޝާ މިގޮތަށް ކަރުނަ އޮއްސާފައެއް ނުވާނެއެވެ. އެއްވެސް މީހެއްގެ ގާތުގައި ކުޑަވެގެން އާދޭސްކުރަން ޖެހިފައެއްނެތެވެ.

އެތައް ދުވަހެއްވާންދެން އެކި ހިތާމަތައް ސިކުނޑީގައި ގައިދުކޮށްގެން ހުއްޓާ ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއް ބޭރުވާންފެށިއެވެ. އެވެސް ކަޔާންގެ ކައިރީގައެވެ. އޭނައަށްޓަކައި އެ ހިތުގައި ރަހުމްގެ ކުނޑިފަށެއްވެސް ނުވާ މީހެއްގެ ގާތުގައެވެ. ހަމްދަރުދީ ނުވާނެކަން ޔަޤީންވިޔަސް ރޮވުނީ ނުދަންނަ ބީރައްޓެއްސެއްގެ ގާތުގައެވެ. މޫނުގައި ދެއަތްތިލަ އެޅިގޮތަށް ރޮމުން ލައިޝާ ސޯފާގައި އިށީންތަން ފެނުމުން ކަޔާން ޓިޝޫއެއް ގެންގޮސް ލައިޝާގެ އަތަށް ލައްވަމުން ނުރޯން އެދުނެވެ.

"ނުރޮއި، އަދި ރޯވަރުކަމެއް ނުވެއެއްނު، ހުރިހާ ކަމެއް ރަނގަޅުވެދާނެ، އައިމް ސޮރީ...... ތި ހުރިހާކަމެއް ދިމާވީމަ. ނުރޮއި ހުއްޓާލާ، އެހެން މީހަކަށް ފެނިއްޖެއްޔާ ރަނގަޅެއް ނުވާނެ، ޖޮބްގައި ހުރެވޭނީ ވަރަށް ސްޓްރޯންގް ވެގެން......." ކަޔާން އެހެން ބުނުމާއިއެކު ލައިޝާ އަވަހަށް ޓިޝޫއިން އެ ރަތްވެފައިވާ މޫނުމަތި ފޮހެލީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. ކަޔާން މަސައްކަތް ކުރީ އެ ޅަކުއްޖާގެ މޫނަށް ނުބަލާށެވެ. އޭނަ ހުރީ ސަމާހު ދެކެ ވަރަށް ރުޅިއައިސްފައެވެ. އެ ޑިޕާޓްމެންޓްގެ ފަރުވާކުޑަކަމުން ކުށެއްނެތް އަންހެންކުއްޖަކަށް މިދެވުނީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެޗް އާރް އިން އިންޓަވިއު ކުރި ކުދިން ޝޯޓްލިސްޓްކޮށްފައި ދިން ތިން ކުދިންގެ ތެރެއިން ދެކުދިންގެ ނަމަކީ ލައިޝާ އެވެ. އެމްޑީއެއްގެ ހައިސިއްޔަތުން އޭނަ ރިވިއުކޮށްލާފައި ހޮވަންވީ ކުއްޖާ އެޗްއާރުއަށް އެންގީމަ ދެން އެޗްއާރއިން ޖޮބް ކޮންފާމްކޮށްފައި ވަޒީފާ ސިޓީ ފޮނުވުނީ ކަޔާން ހޮވި ލައިޝާ އަކަށް ނޫނެވެ. އެހެން ލައިޝާ އަކަށެވެ. ކަޔާން ބޭނުންވާފަދަ ތަޖުރިބާއެއް މިކުއްޖާގެ ހުރީއެއް ނޫނެވެ. އެހާ ޅައެވެ. އެކިޔައިދިން ވާހަކަތަކަކީ ހަޤީގަތަކަށް ވާނަމަ އެކުދިންކޮޅު އެއުޅެނީ އެއްވެސް ރައްކާތެރި ކަމެއްނެތި އެކަންޏެވެ. އެކުދިންގެ ބޭބެއެއްވެސް ނެތީހެއްޔެވެ؟ މި އުމުރުގެ އަންހެންކުދިންނަށް ކޮންމެވެސް މީހެއްގެ ހިމާޔަތް ބޭނުންވާނެއެވެ.

"އަހަރެން ވިސްނާލާފައި ގޮތެއް ނިންމާނަން އިނގޭ، ކެބިންއަށް ދޭ........" ކަޔާން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. ލައިޝާ ދެރަވިއެވެ. އޭނަގެ ގާތުން ކަޔާން އެހީ އަކަށް އެދުނު ނަމައެވެ. މިވީގޮތުން އޭނައަކީ ކަޔާންއަށް ބޮޑު ބުރައަކަށް ނޫނީ ނުވާނެއެވެ. ކަޔާން ވަޒީފާ ދިނީ އެކަމަށް ގާބިލް ތައުލީމީ ކުއްޖަކަށެވެ. ނަމަވެސް އެޗްއާރު ޑިޕާޓްމެންޓުން އޮޅުމެއް އަރައިގެން ސިޓީ ފޮނުވުނީ އޭނަ އަށެވެ. ނަމުން އޮޅެން ޖެހޭ ހެއްޔެވެ؟

ލައިޝާ ކެބިންގައި އިނދެ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. އެގޮތަށް ފިނޑިވާން އޭނަ ދަސްކުރީ ކޮންތާކުން ހެއްޔެވެ؟ ކަޔާންގެ ކައިރިއަށް ދެވުނީމަ މާ ޅަވާންވެގެން ކުރި އެކްޓެއްކަމަށްވެސް އެ ފިރިހެނާ ދެކެފާނެއެވެ. އޭނައަކީ މިގޮތަށް އަދި ހިތްވަރު ބަލިވެ އެހެން މީހުންގެ ކުރިމަތީގައި ރޯވައްތަރެއް ނޫނެވެ.

"އެ ލައިޝާއަކީ ޑިގްރީ ހަދައިގެން ހުރި ކުއްޖެކޭ، ހޫމް ބަލާތި ކަޔާން ސަރ، އަހަރެންވެސް އިރާދަކުރެވިއްޔާ ދެން ކިޔަވާނަން، މޮޅުމީހަކަށްވެސް ވާނަން. ޑިގްރީވެސް ހަދާނަން......." ލައިޝާ ހިތާހިތުން އަޒުމް ކަނޑައަޅާފައި ހިނިތުންވެލަމުން ދަބަސް ހުޅުވާލާފައި ކުޑަކޮށް މޫނުމަތި ރީތިކޮށްލިއެވެ. އެއްޗެއް ނުހާކާވެސް ފިޔާތޮށިކުލަ އަރާ ދެތުންފަތުގައި ލިޕްގްލޮސް ހާކާލުމަށްފަހު މޫނުގައި ފައުންޑޭޝަންކޮޅެއް ހާކާލުމުން ތާޒާވެއްޖެއެވެ.

ލައިޝާ އެހާ ގިނަ މަސައްކަތެއް ކުރަން ނުޖެހުމުން ދުވަހުގެ ބާކީ އޮތްބައި ދިގުހެން ހީވިއެވެ. އެހެން އަންހެންކުދިންނާ އެކީގައި ކޮފީއަކަށް ގޮސްފައި އައިގޮތަށް އަނެއްކާ ދެވަނަ ފްލޯރއަށް އަރައި ކެބިންގައި އިންނަން ޖެހުނީ އެކަނިއެވެ. ކަޔާން ދިޔަ ތަނެއްވެސް ނޭގެއެވެ. އޭނަގެ ސޫރަ ނުދެކެންވެގެން މިތަނުން ދިޔައީ ނޫންކަމެއްވެސް ނޭގެއެވެ. ލައިޝާ އިނީ ތަފާތު ޚިޔާލު ތަކެއްގައެވެ. މިތާގެ ވެރިއަކީ ކާކުހެއްޔެވެ؟ ބޮޑުމީހާގެ ކެބިން ހުންނަނީ މިތާގެ ތެރޭގައެވެ. އެއީ ކާކުކަމެއްވެސް ނޭގެއެވެ. އެވާނީ މާލޭގެ މުއްސަދި ސިޔާސީ މީހަކަށްކަން ނޭގެއެވެ. މުއްސަދި މީހެއް ވެއްޖެއްޔާ ނިކަން ސިޔާސީ ވާނެއެވެ. ލައިޝާ އެކި ބޭނުމުގައި ތެދުވެވެނީ އެންމެ ސޫރައެއް ދެކިލުމަށެވެ.

"ބީ ޕްރޮފެޝަނަލް ލައި، ވެރިމީހާއާއި ފްލާޓްކުރާކަށް ނޫނޭ އައީ، އަދި އޭނަ ކައިރީ ޑެސްޕެރޭޓްވެގެން ރޮއިފާ ސިމްޕަތީ ހޯދައިގެން މިތަނުން ފައްސާނުލީމަ ތިއުޅެނީ އެހެން ބޭނުމަކު......" ލައިޝާ ހިނިއަންނަ ގޮތްވިއެވެ. ވަޒީފާވެސް މުހިއްމެވެ. ކަޔާން ކުރިމަތީގައި މިހެން ފެންނަން އިންނަ ޖޮބެއް ނުލިބިދާނެތީވެސް އޭނަ ގަތީ އަމަށަކު ބިރެއްނޫނެވެ. އޭނަގެ ޕާސަނަލް އެސިސްޓެންޓަކަށް ވެއްޖެއްޔާ ހާދަ ގާތުން އުޅެވޭނެއެވެ. ކަޔާންއަށް ނޭގުނަސް އެދޭތެރޭގައި ލޮލަށް ނުފެންނަ ގުޅުމެއް ވެއެވެ. ފުރަތަމަ ކަޔާންގެ ހަޔާތަށް އޭނަ ދިޔައީ ދަރިވަރެއްގެ ގޮތުގައެވެ. ދެން މިއައީ ޕީއޭގެ ގޮތުގައެވެ. ފަހުން އަންހެނުންނަށް ނުވާނެބާވައެވެ. އެޚިޔާލު ހިތަށް އެރުމުން އެކަނި ހުރެ ރަކިވެގެން ތުންފަތުގައި ދަތްއަޅައިގަނެވިއްޖެއެވެ. ކޮންމެފަދަ އެއްޗެއް ޖެހޭހެއްޔެވެ؟ ކަޔާން ދުވަހަކު ލައިޝާ އޭނަގެ އަންބަކަށް ނަހަދާނެއެވެ.

ފަހެއް ޖެހުމާއިއެކު ލައިޝާ އަވަހަށް ތެދުވެގެން ސިޑިން ފައިބައިގެން އައިއިރު ކަޔާން އާއި ދިމާވިއެވެ. ކަޔާން ބަލައިވެސް ނުލާ ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެފައި ކާރަށް އެރިތަން ބަލަން ހުރެފައި ލައިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭރު ހިތް އަވަސްކަމުން މުޅިކުއްޖާ ހުރީ ފިނިވެފައެވެ. ލައިޝާ ހިނިއައިނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ހިތް ބިރުގެންފިއެވެ. މި ވަޒީފާ ދާއިމީވާނެ ބާވައެވެ. ކަޔާންއަށް ލައިޝާ އޭނައާއި ހިތާވެގެން އުޅޭކަމުގެ ކިރިޔާ ޝައްކެއް ވިޔަސް އެނިމުނީއެވެ. މިއީ ކްރަޝް އެއްކަން ނޭގެއެވެ. ކުޑައިރުއްސުރެ ހިތުން ކަޔާންގެ ސޫރަ ނުފިލައިގެން މިއުޅެނީ އެހެންވީމަ ނޫންހެއްޔެވެ؟ އެހެންނޫނަސް އޭނައަށް ނަވާރަ އަހަރު ފުރޭނީ އަދި ޖުލައި ފަހުކޮޅުގައެވެ. ބާކީ ދެހަފްތާ އޮތީމަ އަދި ނަވާރައަހަރު ފުރުނީކަމަށް ނުބުނެވޭނެއެވެ. ކަޔާންގެ އުމުރު އުޅޭނީ ފަންސަވީހާއި ހަތާވީހާއި ދޭތެރޭގައެވެ. ވީއިރު އުމުރުގެ ތަފާތު މިހެން ހުރީމަ މިއީ ލޯތްބޭ ބުނެވެންނެތްކަމަށް ލައިޝާ ހީކުރިއެވެ. 

ލައިޝާގެއަށް އައީ ޗީޒްކޭކު ގަނެގެންނެވެ. ޕާރސްގައި ހުރި ފައިސާ ހުސްވާން ކާރިވުމާއި އެކުގައިވެސް ވަޒީފާ ލިބުމުން ކީވާ އާއި އެކުގައި އެކަން ފާހަގަކޮށްލަން ބޭނުންވީއެވެ. ޖުލައި މަހުގެ ކުރީކޮޅުކަމުން ހުޅަގު މޫސުމްގެ ކުލަވަރު ހުރިހާ ދިމާލަކުން ފެނެއެވެ. ރުޅިވެރި ވިލާތައް އުޑުމަތި ބައްދަމުން އަންނާތީ ދުނިޔެމަތި ފެންނަނީ ފުސްކޮށެވެ. 

"ކިވީ، އަހަރެން މިއަދު ހާދަ އުފާވެއްޖެ، އެނގޭތަ؟ އެންމެ ބޭނުންވާ ޖޮބް ލިބުނީ، އުފަލުން މަރުވެދާނެ......" ލައިޝާ ކީވާގެ ގައިގާ ހިފައިގަތެވެ. ލައިޝާގެ އެ ހިނިތުންވުމާއި އުފާވެރިކަމަކީ އަބަދުވެސް ވާރުތަ ވާ އެއްޗެއްކަން ނޭގެއެވެ. ފޫހިވެ މޫޑީވެފައި ހުރި ކީވާއަށް ހެވިއްޖެއެވެ.

"ތޭންކް ގޯޑް، ލައިޝް އަހަރެން ވަރަށް އުފާވޭ އެކަމަކު އަހަރެން ހަމަބޭކާރުވެފައި ގޭގައި ހުންނަން މިޖެހުނީ، އެއްވެސް ތާކުން އިންޓަވިއުއަކުން އަހަރެން ފާސްވާނެކަމެއް ނޭގޭ، އަހަރެން މީހުންނާއި ފޭސްކުރާކަށް ބޭނުމެއްނުވޭ. އެންމެންވެސް އަހަރެން ދެކެ ހޭޓްކުރޭ........." ކީވާގެ ވާހަކަތަކުން ލައިޝާ ބޯ ހޫރާލިއެވެ.

"ކިވީ، ސޯޝަލައިޒް ވެގެން ނޫނީ މިޒަމާނުގައި ދިރިއުޅުން ފަސޭހައެއްނުވާނެ، ކިވީ ޖެހެނީ ގިނަ ފްރެންޑުން ހޯދަން، ތިޝެލްގެ ތެރެއިން ނިކުންނަން، އެއްވެސް މީހަކު ކިވީދެކެ ރުޅިއެއް ނާދޭ، އެ ފީލިންގްސްތައް ދުރުކޮށްލާފައި މީހުންނާއި ވާހަކަދައްކާ އުޅެބަލަ، ބޭބީސިޓްކުރުން ކިހިނެއްވާނެ، އޯޓިޒަމް ކުދިންނަށް ކިޔަވާދޭއިރު އެސިސްޓެންޓުންވެސް ބޭނުންވޭ، އެކަހަލަ ޖޮބެއް ރަނގަޅުވާނެތަ؟ އަހަރެންގެ ފްރެންޑެއް އުޅޭނެ ސްކޫލެއްގައި އޯޓިޒަމް ކުއްޖަކަށް ހެލްޕްވާން، ކްލާސްގަޑީގައި އޭނަގެ ފިލާވަޅުތައް ހަދާ އެހީތެރިވާން ޖެހޭނީ....... " ލައިޝާ އޭނަގެ ނޯޓްފޮތް ހުޅުވާލައިގެން އޭނަ ހޯދާފައިވާ ދެތިން ނަންބަރު ބަލައިލިއެވެ.

"ކިވީ އަމިއްލައަށް މި ނަމްބަރަށް ގުޅާބަލަ، މި ބޭބީގެ މަންމަ ވޯކްކުރާތީ އޭނަ ބޭނުންވަނީއޭ ބޭބީސިޓްކޮށްދޭނެ ކުއްޖަކު، ދުވާލު ހަތަރެއް ޖަހަންދެން އެކުއްޖާ ބަލަން ޖެހެނީ، ހެދުނު ބޭބީ ސްކޫލަށް ދާނެ، އެހެންވީމަ ކިވީއަށް ބައިވަރު އަމިއްލަ ޓައިމް އޮންނާނެތާ......." ލައިޝާ ކީވާގެ ގާތު ވަރަށް ކިޔައިގެން އެންމެ ފަހުން ޖެހިލުންވެފައި ހުރެ އެނަމްބަރަށް ގުޅައިފިއެވެ. ވާހަކަދެއްކީ އަންހެންކުއްޖެކެވެ. އެކުއްޖާގެ ނަމަކީ ސަމްރާ ކަމަށް ބުނެފައި ކީވާގެ ގާތުގައި އެދުނީ އާދީއްތަ ދުވަހުން ފެށިގެން ހެދުނު ނުވައެއް ޖަހާއިރަށް އެޕާޓްމެންޓަށް އައުމަށެވެ. ކޮންމެ ވަޒީފާއަކަށް ދާންވިޔަސް ބިރު އޭނަ ވަށާލައެވެ. ބޭރަށް ނިކުންނަންވިޔަސް ވަނީ އެފަދަ ގޮތެކެވެ. ނަމަވެސް ކީވާ މިފަހަރު ގަސްތުކުރީ ހުރިހާކަމެއް ހަނދާން ނައްތާލާފައި އެ ވަޒީފާ އަށް ދިޔުމަށެވެ. 

"މުސާރަ ތިންހާސް، އެވަރު ރަނގަޅުކަން ނޭގޭ ދެން...." ކީވާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ. މާގިނައިރެއް ނުވެ ސަލްމާ އިންޑިއާގައި ހުރެފައި ގުޅާފައި ހަމީދު ނިޔާވިވާހަކަ ބުނެލިއެވެ. އަދި ސަލްމާގެ މާމަ ދަރިއެއްކަމަށްވާ އަފްރާޒުގެ ދޮންމަންމަ އާއި މައްސަލައެއް ޖެހިގެން ދުވަސްކޮޅަކަށް ލައިޝާމެންގެ ގާތުގައި ބަހައްޓައިދޭން ސަލްމާ އެދުނެވެ. އަފްރާޒު ބައްޕައަކީ މާލޭ މީހަކަށްވާތީ ކުޑައިރުއްސުރެން އަފްރާޒު ހުންނަނީ މާލޭގައެވެ. ހަމީދު ނިޔާވި ޚަބަރު ލިބުމުން ލައިޝާއާއި ކީވާ ހިތާމަކުރިއެވެ. އައިދަން ދެރަވާނެވަރުވެސް އެނގުނެވެ. އައިދަން އޭނަގެ ކާފަ ބަލިވެގެން އުޅުނުއިރު ފެންވަރުވައި، އުފުލާލައިގެން ފާޚާނާއަށް ގެންގޮސް އަތުން ކާންދީ ހެދިއެވެ. އެހާ ލޯބިން ކާފައަކު ގެންގުޅޭނީ މިޒަމާނުގައި މަދު މީހެކެވެ. ސަލްމާއަށްވެސް އެކަމުގެ ހެޔޮކަން ލިބޭނެކަން ނޭގެއެވެ. އެންމެ ފަހުވަގުތާއި ޖެހެންދެން ދަރިއެއްގެ ހައްޤުތައް ފުރިހަމައަށް އަދާކުރިއެވެ.

އައިދަންގެ ކޮއްކޮއަށްވީތީ އަފްރާޒުއަށް ވީހާވެސް ރަގަޅަށް ކަންތައްކޮށްދޭން ބޭނުންވެފައި ހުރި ކީވާ އަވަހަށް ބާޒާރުކޮށްލަން ކާރީގައި ހުރި ފިހާރައަކަށް ދިޔައެވެ. ގެއަށް އާދެވުމާއިއެކު އުޅެގަތީ ތިންކުދިންނަށް ވާވަރަށް ކުކުޅު ފިހެލާ ރޮށި ފިހެލުމަށެވެ.

"އަފޫ، ނަމުން ހީވޭ ވަރަށް ހެންޑްސަމްވާނެހެން، އެކަމަކު ބޯއިއަކާއި އެކީގައި އެގޮތަށް މިގޭގައި އެކަނި ތިބުމަކީ ރަނގަޅު ކަމަކަށްވާނެތަ؟ އޭނައަށްވެސް އެއިޓީންކަމަށް މާމަ ބުނީ، އަހަރެމެން އޭޖްހަމަ.... ކީއްވެ ނުވިސްނެނީ؟ ސަލްމާދައްތަ ވާހަކަދެއްކިގޮތުން ހީވީ އަފޫ ކުޑަކުއްޖަކަށް ހަދަން އުޅޭހެން، ވަރަށް ޓީވީބަލާނެޔޭ، ރަގަޅަށްވިއްޔާ އިންނާނީ އަބަދު ފުޓްބޯޅައެއްޗެއް ބަލަން....." އެއުމުރުގެ ފިރިހެންކުދިން އުޅޭގޮތް ލައިޝާއަކަށް އެހާ ކަމަކުނުދެއެވެ. އޭނަ އަބަދުވެސް ރުހެނީ ކަޔާންމެންފަދަ ވަރުގަދަ ޝަޚުސިއްޔަތު ތަކާއިއެވެ.

ކީވާ މަސައްކަތުގައި އުޅެލާފައި ކޮޓަރިއަށް ވަދެ ފެންވަރާ ތައްޔާރުވެލި އިރު ލައިޝާ އޮތީ އެނދުގައި އޮށޯވެލައިގެން ކަމެއްނެތިއެވެ. ލެޕްހުޅުވާލައިގެން އޮންނަ ކުއްޖާ މިއަދު އޮންނަނީ ގިނައިރު ހުވަފެނީ ދުނިޔެއެއްގައެވެ. ނޫނެކެވެ. މިއަދު އެކަންޏެއް ނޫނެވެ. އައްޑޫއަށް ދިޔަފަހުން ލައިޝާވަނީ ބަދަލުވެފައެވެ. އަނެއްކާ އައިދަންގެ ޚިޔާލުގައި ބާވައެވެ. ދޮރުބެލް ޖެހިއަޑުއިވުމާއެކު އަފްރާޒުކަން ނޭގެއޭ ކިޔާފައި ލައިޝާ ގޮސް ދޮރުހުޅުވާލަ ދިނުމަށް ކީވާ އެދުނެވެ.

"މަ މިއޮތީ ކުރު އެއްޗެއް ލައިގެން، ކިވީ ތިހިރީ ރަސްމީކޮށް، ދޭ، ދޭ......." ލައިޝާ ބާލީހުން ކީވާގެ ގައިގާ ޖެހިއެވެ.

ކީވާ ލަދުންހުރެ ގޮސް ދޮރުހުޅުވާލުމާއިއެކު ފެނުނީ ދޮރުމަތި ފުރާލާފައި ހުރި ބިޔަމީހެކެވެ. ވަށް މޫނުކޮޅެކެވެ. ފަލައީ އާދައިގެ ގޮތަކަށް ނޫނެވެ. ފަލަކުދިން ފެންނައިރުވެސް އެހާ ފަލަ ފުށްގުޅައެއް ކީވާއަށް ފެނިފައެއްނެތެވެ. ކީވާ ފަހަތަށް ޖެހިލުމާއިއެކު އަފްރާޒު ލަގެޖް ދަމަމުން ކޮޓަރި ކޮބާހޭ ކިޔާފައި އެދިމާލަށް ހިނގައިގަތީ ހިނިތުންވެލާފައެވެ. އަފްރާޒު ފަލަވެފައި އިސްކޮޅުން ދިގުކަމުން ކޮންމެ މީހަކުވެސް ޖެހިލުންވާފަދަ ގޮތެއް ހުރެއެވެ. މީހަކު ޗަސްކޮށްލާކަށްވެސް ފަސްނުޖެހޭނެއެވެ. އެހާ ފަލަފަލަ ދެއަތްތިލައެވެ. ކީވާގެ ހިތުގައި ރަހުމް އުފެދޭގޮތްވިއެވެ. އެއީވެސް އޭނަފަދައިން މީހުންގެ މަލާމާތް ރައްދުވާނެ ކުއްޖެކެވެ. އެހެން މީހުންހާ ރީތިނުވުން އެއީ އެމީހުންކުރާ ކަމެއްހެއްޔެވެ؟

"އަފޫ ކާން ހަދާފައި އެހެރީ...." ލައިޝާ ގާތުގައި ކީވާ އަފްރާޒު އިން ވާހަކަ ބުނުމުން ލައިޝާ ނުކުތްއިރު އަފްރާޒު ސޯފާގައި އިންތަން ފެނުމުން ލައިޝާ އާދައިގެ ގޮތަކަށް ބުނެލިއެވެ. އަފްރާޒުގެ ސިފަ ލައިޝާއަށް ފެނުނީ އެކުއްޖާ ތެދުވުމުންނެވެ. އަފްރާޒު އިށީންގޮތަށް ކުކުޅާއި ދިހަރޮށި އެއްފަހަރާ ކައިގެން ފޮނި އެއްޗެހިވެސް ހުސްކޮށްލިތަން ފެނުމުން ލައިޝާ އެތެރެއަށްވަދެ އެ ޚަބަރުދިނެވެ.

"ކިވީ، އަހަރެމެން މި މަންތުގައި ދެން ތިބެންޖެހޭނީ ބަނޑަށް ކަން ނޭގޭ، ވަރެއްގެ އަފޫކޮޅެއް ސަލްމާދައްތަ ފޮނުވާލާފައި އެހެރީ، ޚަރަދުބޮޑުވާނެ އިނގޭ....." ލައިޝާ ހުރީ ހިނިއައިސްފައެވެ.
"އެހެން ނުކިޔަބަލަ، އޭނައަށް އިވިއްޖެއްޔާ ކިހާ ދެރަވާނެ، ފަލަވުމަކީ އޭނަ ކުރާނެކަމެއްނޫން.. މީހުންނަށް ޣީބަބުނުމަކީ ހުއްދަކަމެއްނޫންކަން ލައިޝްއަށް ރަގަޅަށް އެނގޭ. މަންމަ އެތައްފަހަރު ބުނޭ މީހުންގެ ވާހަކަ ނުދައްކާށޭ..........." ކީވާ ދެރަވިއެވެ. މިފަހަކަށް އައިސް އެފަދަ މީހުންނާއިމެދު ހަމްދަރުދީވާވަރުންގޮސް އެއިން މީހަކު ފެންނައިރަށް ކީވާގެ ހިތަށް އަސަރުކޮށްގެން ރޮވޭގޮތްވެއެވެ. އެކުދިންވެސް އައިދަންމެން ފަދައިން ރީތި ހަށިގަނޑެއް ބޭނުންވާނެއެވެ. ނަސީބުދެރައީއެވެ.

"ކިވީ މަލާމާތްކުރީއެއްނޫން، އަހަންނަށް ހެވޭ އަފޫ ކޮންމެ ގޮތަކަށް ހުއްޓަސް، އަހަރެން ބުނީ އަފޫ މާ ގިނައިން ކަންޏާ އަހަރެމެންނަށް އޭނަގެ ޚަރަދު ނުބެލެހެއްޓޭނެ ވާހަކަ، ބިލް އެއްޗެހި އަންނަން ފެށީމަ ކިވީއަށް އެނގޭނެ އަހަރެން މިބުނި އެއްޗެއް، ކިވީ ވިސްނާލަބަލަ، އޭނަ ކިވީ ތިންމީހުންނަށް ތައްޔާރުކުރި ޑިނަރ އެއްކޮށް ގޮބްލްއަޕް ކޮށްލައިފި، ދެން މާދަން އަހަރެންވެސް ޑިއުޓީއަށް ދާންވާނެ، ރަގަޅަށް ނުކައި ހުރީމަ އަހަރެމެންގެ ކޮން އެނަރޖީއެއް ހުންނާނީ.... މިރޭ ދެން ނުކައި ނިދާލާފައި ހެނދުނު ތައްޔާރުކުރާ އެއްޗެއްވެސް އެކުއްޖާ ހުސްކޮށްލައިފިއްޔާ......." ލައިޝާ ވެސް ހުރީ ކީވާ އެހާ މީރުކޮށް ކުކުޅު ފިހުނީމަ ކާހިތުންނެވެ. ނަމަވެސް މިރޭ އޭނަގެ ނަސީބުގައި އެކަމެއް ނެތެވެ.

"އަހަރެން މާދަން ބުނާނަން ޑައިޓްކޮށްފައި ކަސްރަތުކުރާށޭ......" ލައިޝާ ހުރީ ހަމަޖެހިލާފައެވެ.
"ސަލްމާދައްތަމެން ވަރަށް އަވަހަށް އަންނާނެކަން ނޭގޭ......" ކީވާ ޔަޤީންކުރަނީ އެގޮތަށެވެ. ހަގީގަތުގައިވެސް މިފަދަ އެޕާޓްމެންޓެއް މީހެއްގެ އެހީނެތި އެކުދިންނަށް މެނޭޖެއް ނުކުރެވޭނެއެވެ. ލާރި ހުރިނަމަ އެއީ ތަފާތު ވާހަކައެކެވެ. ދެކުދިން އެ ވާހަކައިގަ ތިއްބާ އަފްރާޒު ހުއްދަ ހޯދުމެއްނެތި ކޮޓަރިން ބޯ ދިއްކޮށްލައިފިއެވެ.

"ދައްތަމެން ބުނެދީފާނަންތަ މި ރިމޯޓާއި ކުޅެން. މީތި ވޯކް ނުކުރަނީތަ......." އަފްރާޒުގެ އަޑު ހިމަވެފައި ކުޑަކުއްޖެއްފަދައެވެ.
"އަހަރެންނަކަށްވެސް ނޭގޭ، އަފޫ، ނޮކް ނުކޮށް ނުވަންނާތި ކޮންމެ ކަމެއްވެސް ފެނިދާނެ....." ލައިޝާ އެހެން ބުނުމުން އަފްރާޒުގެ ދޮން މޫނު އެކީ ރަތްވެގެން ދިޔައެވެ. އޭނަ އަވަހަށް ދޮރުލައްޕާލާފައި ދިޔުމުން ލައިޝާ ހޭންފެށިއެވެ.

"ޔޫ އާރ ސޯ ރޫޑް ލައި....." ކީވާ ބުމަކާރިކޮށްލިއެވެ.
"އަފޫއަށް އެވަރު ނޭގެންޏާ ބުނެދޭންވީ އެގޮތަކަށްނު، އަހަރެން ހެދުން ބަދަލުކުރަން ހުއްޓާ ވަންނަމަ..... އެކުއްޖާގެ އެއްވެސް މެނަރސްތަކެއް ނެތް......" ލައިޝާ ހަގީގަތުގައި އަފްރާޒުދެކެ ރުޅިއައީއެއް ނޫނެވެ. އަފްރާޒު ހުންނަލެއް ޗަބީކަމުންނާއި ލޯބިކަމުން ރަކިކޮށްލާހިތްވެސްވީއެވެ. ނަމަވެސް މިގޮތަށް ފިރިހެންކުދިންނާއި ވާހަކަދެއްކުމަކީ ރަގަޅުކަމެއްބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. ނަމަވެސް އޭނަ އަފްރާޒު ގޮވައިގެން ޖޮގްކުރަން ދާން ޚިޔާލުކުރިއެވެ. ސަލްމާދައްތަ އަންނަންދެން އެކުއްޖާގެ ބެލެނިވެރިކަންކުރަން ޖެހޭވިއްޔާއެވެ.

ލައިޝާ އަވަހަށް ނިދަން އެނދަށް އެރިއިރު އޭނަ އޮތީ ގަޑި ގުނާށެވެ. އޭނަ އޮތީ އިރުއަރާލެއް ލަސްވެފައެވެ. ހެދުނު ހޭލެވުމާއިއެކު އަވަހަށް ތައްޔާރުވެލައިގެން އޮފީހަށްދާން ނިކުތެވެ. ހިނގާލާފައި ދިހަވަރަކަށް މިނިޓުން ދެވޭތަނަކަށް ވާތީ ލައިޝާއަށް އުދަގޫކަމަކަށްނުވިއެވެ. ސްކޫލުގައި އުޅުނުއިރުވެސް އޭނައާއި ކީވާ އުޅުނީ ފައިމަގުގައެވެ. ލައިޝާ ދިޔައިރު ވަރަށް ގިނަމީހުންގެ ނަޒަރު އޭނައާއި ދިމާލަށް ހުއްޓުނެވެ. ހެދުންއަޅާލާފައި ހުރިލެއް ރީތިކަމާއި ސާދާކަމުގެ ނަމޫނާއެކެވެ. ހެދުންތައް ގަޔަށް ދޫކޮށް ހުންނައިރުވެސް ހަށިގަނޑުގެ ރީތިކަން އެހާ ފޮރުވެނީއެއް ނޫނެވެ. އެ ފަންއިސްތަށިކޮޅުގެ ވަރުގަދަކަމާއި ރީތިކަމާއިއެކުގައިވެސް ވޫލްކޮޅަކުން އައްސާލާފައި އޮތުމުން ވަކިން ލޯތްބެވެ.

ލައިޝާ އަށް އިރުޝާދު ދީފައިވާ ފަދައިން އެންމެ ފުރަތަމަ އޭނަ އުޅުނީ ކަޔާންގެ މޭޒުމަތި ރީތިކުރާށެވެ. މޭޒުމަތީގައި ހުރި ފްލޯޓިން ހޮޓެލްއެއްގެ ނަމޫނާ ފެނިފައި ހައިރާންވެފައި އެއަށް ބަލަން ހުރެވުނެވެ. މި ކުންފުނީގެ ދެން ހިންގަން އޮތް ޕްރޮޖެކްޓަކީ ފްލޯޓިން ހޮޓެލްއެއްކަން ލައިޝާއަށް ވަނީ ލިޔުންތަކުން ހާމަވެފައެވެ. އެފަދަ ހޮޓެލެއް އަދި ރެސްޓޯރެންޓެއްވެސް ހާދަ ރޮމެންޓިކް ވާނެއެވެ. ކުދި ސްޕީޑްބޯޓް ތަކުގައި މިފަދަ ރެސްޓޯރެންޓަކަށް ގޮސް އުއްބައްތީގެ އަލީގައި ކާން ތިބެވެނީ ނަސީބުވެރިންނަށެވެ. ކަޔާން އެހާ ފޮނިވަނީ މިހާ މުއްސަދި ކުންފުންޏެއްގެ އެމްޑީއަކަށް ވީމަކަން ނޭގެއެވެ. ލައިޝާ މޭޒުމަތީގައި ހުރި ވާސްގައި ތާޒާމާތައް އަތުރަން ހުއްޓާ ކަޔާން މޯނިން އޭ ބުނުމުން ލައިޝާ ގަތްލަދުން މޫނަށް މަލުގައި ހުރި ކުލަވަރު ވެރިވާންފެށިއެވެ.

ލައިޝާ އާއި ދާދިގާތުން ހިނގާލާފައި ދިޔައިރު ކަޔާން ބޭނުންކޮށްފައި ހުރި ސެންޓުގެ މީރުވަސް ލައިޝާގެ ހިއްސުތަކާއި ކުޅެލާ ސިކުންތުކޮޅަކަށް ނަމަވެސް ދެލޯ މަރައިލަން މަޖުބޫރުކުރުވިއެވެ. ނޭވާވެސް އިރުކޮޅަކަށް ހުއްޓިފައި ހިގަންފެށިއެވެ.

"ލައިޝާ، މިއަދު މީޓިންއެއް އޮންނާނެ، ހުރިހާ މެނޭޖަރުންނަށް އެޖެންޑާ މެއިލްކޮށްލަންވީ އެއްނު......." ކަޔާން އަމިއްލަ ވާހަކަތަކެއް ނުދައްކާ ޕޮއިންޓްތައް ކިޔައިދިނުމުން ވަރަށް ކޮންފިއުޒްވެފައި ހުރެ ލައިޝާ ނިކުންނާން ހިނގައިގަތެވެ. ފުރަތަމަ ދުވަސްވީމަ ކުރަން ހުރި މަސައްކަތްތައް ފެނިފައި ލައިޝާއަށް މިކަމެއް ނުވާނެއޭވެސް ހިތަށް އަރަންޖެހުނެވެ. އޭނަ އިނީ ހިތް އަވަސްވެފައެވެ. ބޮސް ވިދާޅުވާކަންތައް އެންމެ ފިއްޔެއްވެސް ތަފާތުނުކޮށް ވީހާވެސް ފުރިހަމައަށް ކުރުމަކީ އޭނަގެ އަޒުމެވެ. ޑިގްރީ ހަދާލާފައި ހުރި އަންހެންކުއްޖަކާއި އަޅުވާކިޔޭނެކަން އެނގޭތީ އޭނައަކީވެސް ވަކި ދެރަމީހެއްނޫންކަން ކަޔާންއަށް އަންގަން އޭނަ މިހިރީ ޤުރުބާންވާން ނިންމައިގެންނެވެ. އެހެންނޫނަސް ޑިގްރީ ފެންވަރަށް ކިޔެވުމަކީ ލައިޝާގެ އެއް އަމާޒެވެ.

ލައިޝާ ރަގަޅަށް ކަންތައް ކުރަން އުޅުނުވަރަކަށް ކަންތައް ދިޔައީ ނުބައިން ނުބަޔަށެވެ. އެންމެ ފަހުން ބައްދަލުވުމަށް ކަނޑައެޅުނު ވަގުތަށް މެނޭޖަރުންނަކަށް ނޭންގުނެވެ. ކަޔާން ކަރެކްޝަން ހަދަން ދިން ޑްރާފްޓް ހެދުނީ ނުބައިކޮށެވެ. ފަރާތްފަރާތަށް ފޮނުވަންވީ މެއިލްތައް ހުރީ ހުރިގޮތަށެވެ. ލައިޝާއަށް ރޮވޭގޮތްވެފައި ތުންފަތުގައި ދަތްއަޅާލައިގެން އިންއިރު އަތްފައި ގަނޑުފެންކޮޅަކަށްވިއެވެ.

"ލައިޝާ......ވަޓް އިޒް ދިސް...." ކަޔާން ހީވީ އެކަރުދާސްތައް ލައިޝާއާއި ދިމާލަށް ހޫރަލާފާނެހެންނެވެ. ލައިޝާއަށް ބަލަންހުރެވުނީ ބޯދޫލައާއި ދިމާލަށެވެ. ދުނިޔެއިން ފެނުނު އެންމެ ހައިރާންކުރުވަނިވި ރީތިތަނަކީ އެއީކަމަށް ނިންމައިގެން ހުރީކަންނޭގެއެވެ. އެސްފިޔަޖަހައިލަން ނޭގިފައި ތިރިއަށް ބަލަން ހުރެވުނީއެވެ.

"ތި ތާކަށް ނޫނޭ ބަލަންވީ، ލުކްއެޓް މީ ލައިޝާ........" ކަޔާން އަމުރުކުރުމުން ލައިޝާ އެސްފިޔަތައް އުފުލާލާފައި ބަލާލިއެވެ. ކަޔާން ލައިޝާގެ ލޮލަށް ބަލަހައްޓައިގެން އިނދެ އޭނަ މިއަދު ހެދުނުން ފެށިގެން މަސައްކަތުގައި ހެދިހާ ގޯސްތައް ކިޔައިދީނިންމާލުމުން ލައިޝާ ހުރީ ކަރުނަތައް ހިފަހައްޓައިގެންނެވެ. ކަޔާންއަށް ރުޅިއައުމުގެ ހައްގު އެބައޮތެވެ. އޭނައަށް ނޭގުނީއެވެ. ފަރުވާވެސް ކުޑަވީއެވެ. ކަޔާންގެ ޚިޔާލުގައި އިންނަން ހަދައިގެން ސިކުނޑިއަށް އެހެން އިތުރު އެއްޗެއް ނުވަންނަނީކަން ނޭގެއެވެ. ސީދާ އެހެން ބުނަންވީހެއްޔެވެ؟ އޭނަގެ ހަޔާތަށް ކަޔާން އައީއްސުރެ އެ ނަން ހިތުން ފިލުވައިނުލެވިގެން އުޅޭކަމަށާއި ކަޔާންއަކީ މިހާރު އެމީހަކާއި ނުލައި ލައިޝާގެ އުފާވެރިކަން ފުރިހަމަ ނުވާނެ އިންސާނާކަމަށް ބުނެދޭންވީ ހެއްޔެވެ؟

"ސަރ އައިމް ސޮރީ...އައިމް ސޯ ސޮރީ......" ލައިޝާ މާފަށް އެދުނެވެ.

"އޯކޭ، ދެންވެސް ތަންކޮޅެއް ބަލައިގެން މަސައްކަތްކުރާތި....." ކަޔާން އެހެން ބުނެފައި ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކަންފެށިއެވެ. އޭނަ ވާހަކަދެއްކީ މައިތިރިކޮށްކަމަށްވިޔަސް މާ ހިތްހަމަޖެހިފައި ނޫންކަން ލައިޝާއަށް އެނގުނެވެ. އަންހެންކުއްޖެއް ބާވައެވެ. އެ ފޯނު ދަމައިގަންނަން ބޭނުންވެފައި ހިތާހިތުން އެމީހަކާއިމެދު ލައިޝާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެދުވަހު އިރުއިރުކޮޅާ ކަޔާންގެ ކެބިންއަށް ލައިޝާ ދާންޖެހުނެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް ލައިޝާގެ ހިތުގައި އާ ވިންދެއް ޖަހާލާ ނޭގޭފަދަ އިހުސާސެއް ކުރުވައެވެ. ކޮންމެ ފަހަރަކުވެސް ހީވަނީ ކަޔާންގެ ގާތަށް އަލަށް ދެވޭހެންނެވެ. ވާހަކަދެއްކެނީ އަޅައަޅައިގެންފައެވެ. ހަތަރުކަޅި ހަމަކުރަން އުދަގުލެވެ. ބައެއްފަހަރު ކަޔާން ހިނިތުންވެލާފައި އޯގާތެރިކަމާއިއެކު އެއްޗެކޭ ބުނެލުމުން ހީވަނީ ލައިޝާގެ އުނގަށް ދުނިޔޭގެ ހުރިހާ އުފާތަކެއް ބަންޑުންވާ ހެންނެވެ. ތަފާތު އިހުސާސްތަކެއްގައި މުޅި އެދުވަސް ވޭތުވެގެން ދިޔައެވެ.

ލައިޝާ އެންމެ ދެރަވަނީ މިތާގައި އުޅޭ މަދު އަންހެންކުދިންކޮޅު އޭނައާއި ދުރުން އުޅޭތީއެވެ. އޭގެ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ. އެހެންނޫނަސް އެންމެން އުޅޭގޮތުން ހީވަނީ އޭނައަށް ނުހައްގު މަޤާމެއް ލިބުނީމަ އެކަމާއި ހިތްހަމަނުޖެހިފައިވާ ހެންނެވެ. އާފްރާއާއި ސަނާވެސް އޭނަކުރާ ސުވާލަކަށް ނޫނީ ޖަވާބެއް ނުދެއެވެ. ފިރިހެންކުދިންވެސް ތިބެނީ ފާޑަކަށެވެ. ލައިޝާ ދެރަވާގޮތްވިއެވެ. މިވީހާތަނަށް ލައިޝާ ދިޔަ ކޮންމެ ތަނަކުން އޭނަ މީހުންނާއި ގުޅިގެން އެކުވެރިވާން ނަގަނީ މަދު އިރުކޮޅެކެވެ. މިތަނުގައި ޖެހިގެން އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟ ކަޔާން އޭނަގެ ހަގީގަތް އެންމެންގެ ގާތުގައި ހާމަކުރީހެއްޔެވެ؟ ސަލާމްޖަހައިގެން ވަޒީފާގައި ނާގާބިލު މީހަކު ބަހައްޓަން މަޖުބޫރުވީކަމަށް ބުނެފައިވަނީހެއްޔެވެ؟ ކަންތަކާއި މިގޮތަށް ވިސްނަން އާދަވެފައި ނުވިޔަސް އޮފީހުގައި މިއަދު ކަންތައް ހިނގިގޮތުން އޭނަގެ ޚިޔާލު ބޮޑުވިއެވެ.

"އައި ވިލް ނޮޓް ގިވް އަޕް....މަރުވާންދެންވެސް......." ލައިޝާ ހިނިތުންވެލިއެވެ.

ރާއްޖެއަށް ގަދަ ވަޔާއިއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނިފަހުން ކީވާގެ ބިރަކަށް ވީ އެކޮޓަރިއާއި ދިމާލަށް ހުރި އޮފިއެލޭ ބޮޑުގަސް ބޯމައްޗަށް ވެއްޓިދާނެތީއެވެ. މަންމަގެ ހަނދާންތައް އާކޮށްފައި ކީވާގެ ލޮލުން ކަރުނަ އައެވެ.

"ޕްލީޒް ލައި، ދެން ހުއްޓާލަބަލަ، އިރާދަކުރެއްވިއްޔާ މަންމަ އަކަށް ދެރަގޮތެއްނުވާނެ. އެންމެ ނުބައިކޮށް ވިސްނަނީ ކީއްވެތަ؟ ފުލުހުންނަށް އަންގާފައި އޮތީ އެމީހުން ސާޗްކުރާނެ، މަންމަ ފެންނާނެ އިރާދަކުރެއްވިއްޔާ........." ލައިޝާ ވިސްނައިދިނެވެ. ހުކުރު ދުވަސްކަމަށްވާތީ ލައިޝާ އޮތީ އަދިވެސް ބާލީހުގައި ބައްދާލައިގެންނެވެ. ކަޔާން ނުފެންނާތީ ވީކެންޑް އަވަހަށް ދިޔުމަށް އެދި ދުޢާކުރެވުނެވެ. 

"އަފްރާޒު ޕާންގަނޑު އެކީ ހުސްކޮށްލާފައި އެބައޮތް ސޯފާއަށް އަރާފައި ޓީވީ ބަލަން.... އެނޫންކަމެއް އެކުއްޖާގެ ނޯންނާނީތަ؟ އެންމެ ރުޅިއައީ އަހަރެން ފޮރުވާފައި ހުރި ޗިޕްސް ދަޅު ކުރިމަތީގައި ބަހައްޓައިގެން އެއައް އަތް ބާނައިގެން އޮތީމަ........" ލައިޝާ އެހެން ބުނާއިރަށް ކީވާ އެ ވާހަކަތައް ކުށްވެރިކުރިއެވެ. އަފްރާޒުއާއި ދޭތެރޭގައި ވާހަކަދެއްކުމުން ފާފަވެރިވާނެކަމުގައެވެ.

"އޭނަ ވައްކަންކުރިޔަސް ހެޔޮތަ؟ އެކުއްޖާ ފަލަކަން އެކަނި، ލޯބިކަމުން ބޭބީއެއްހެން މޮޑެވިފައި، އެކުއްޖާ ހުތުރެކޭ ނުބުނަމެއްނު، މައި ޕްރޮބްލެމް އިޒް ހީއިޒް ސްޓީލިން މައި ސްޓަފް....." ލައިޝާވެސް ބައެއްފަހަރު "ޑެވިލިޝް" ބައި ދައްކާލާފައި އަފްރާޒުއާއި ހަގުރާމަކުރަން ފަށާފާނެހެން ހީވާ ވަގުތުކޮޅުތައް އާދެއެވެ.

"އަހަރެން ޗިޕްސް ދަޅެއް ގަނެދީފާނަން، އަޑުމަޑުކޮށްބަލަ..." ކީވާ ހަށަން ބަދެލިއެވެ.

"އަބަދު އޭނަ ދިފާއުގައި.....ކިވީއަށް އޭނަދެކެ ލޯބިވެވުނީތަ؟ "ލައިޝާ ގެ ސުވާލަށް ކީވާ ދިން ޖަވާބަކީ ދެލޯ އަޅާލުމެވެ.

"ޓްރަސްޓްމީ ކިވީ، އެކުއްޖާދެކެ ލޯބިވެގެން އަންހެންކުއްޖަކަށް އުފަލުން ނޫޅެވޭނެ، ލޭޒީކަމުން އެވަރެއް އަހަރެން ނުދެކެން، އަބަދު ސޯފާގައި މޮޑެވިގެން ކައިކައި ޓީވީއަށް މޮޔަވެފައި ހުންނަ ފިރިހެނަކާއި ހިތާވާނީ ހަމަ މޮޔައެއް......" ލައިޝާ ބާރުބާރަށް ހިނގާލާފައިގޮސް އަފްރާޒުގެ ކުރިމަތީގައި ހުރި ޗިޕްސްދަޅު ޖަހައިގަތެވެ.

"ސޮރީ އަފޫ، މަވެސް ހަންގްރީ...." އެ މަންޒަރު ފެނުމުން ލައިޝާގެ ޅަކަން އަދިވެސް ނުފިލަނީކަމަށް ކީވާ ނިންމިއެވެ. އަފްރާޒު އެކަމާއި މާބޮޑުއެއްޗެއް ހިތަށް ނޭރިކަން ނަސީބެކެވެ.

"ކުރިން ދައްތަ ބުނިނަމަ، ގާތްގަނޑަކަށް ހުސްވެއްޖެ.........." އަފްރާޒު އެންގިއެވެ.

"އަފޫ އަހަރެމެން ދެމީހުން އެއް އޭޖެއް، ދައްތަ ނުކިޔާ މަށަށް ލައިޝާ ކިޔާބަލަ، ތިހެންކިޔާލީމަ ހީވަނީ މަށަކީ ހަތްދިހަ އަހަރުގެ މުސްކުޅިއެއްހެން. މަވެސް އަފޫއަކަށް ބެއްޔާއެކޭ އެބަ ކިޔަންތަ؟ ދެން ދައްތަ ނުކިޔާތި......" ލައިޝާ މާޗްކޮށްލާފައި ކަހަލަގޮތަކަށްގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިލިގޮތުން ކީވާ ސިހިފައި ލައިޝާ ނުލަފާކަމުގެ ވާހަކަދައްކާފައި ކުޑަކޮށްއަރައިރުންވާން އުޅެގަތެވެ. ލައިޝާ އެނދުގައި އެ ދަޅުހިފައިގެން ބާކީއިން އެތިކޮޅުކާންއިންއިރު އޭނަ އިނީ އެއްޗެކޭ ނުބުނެ ހިމޭނުންނެވެ. އޭނަ މިހިރީ ހެދުނު ސައިތަށްޓަކާއި އެންމެ ޕާންފޮތްޗެއް ކާލިގޮތަށެވެ. ފްރިޖްއޮތީ ހުހަށެވެ. ޕާރސްގައި ލާރިއެއްނެތެވެ. ބައްޕައަށް ގުޅައިފިއްޔާ ވަރަށް ދެރަވެލާފައި މާފަށް އެދޭނެއެވެ. މިހާރުވެސް ދަރަނިވެރިވެފައިވާކަން ހަނދާންކޮށްދޭނެއެވެ.

"ލައިޝް ކުރިން ތިހެނެއްނޫން، މިހާރު ނުލަފާ ބައި ދައްކަނީ ނުކުޅެދޭ ކުއްޖަކަށް......" ކީވާ ހުރީ ރޮވިފައެވެ.

"ފަލަވުން ނޫނީ ހިކިވުމަކީ ނުކުޅެދޭކަމެއްކަން ނުދަންނަން........ އަފޫ ކައިގެން ހުރީމަ ކިވީއަށް އެންމެ ރަގަޅު، އަހަރެން ބަނޑަށް މަރުވިޔަސް ހެޔޮ........" ލައިޝާ އެހެން ބުނެލީ މަޖަލަކަށެވެ. ކީވާ އަފްރާޒު ދިފާއުކުރާނީ ގައިމު ކޮންމެވެސް ސަބަބެއް އޮތީމައެވެ. ލައިޝާއަކަށް އޭރު އެކަމެއް ނުވިސްނުނެވެ. މެންދުރަށް ލައިޝާ ދޫނުކޮށްގެން ކީވާ އެކަނި ބަތް ކައްކާފައި ރިހާކުރު ތައްޔާރުކުރީ އަފްރާޒު ނުކާނެކަމަށް ހީކޮށެވެ. ކީވާ ފިޔާ ލުނބޯ އަދި މިރުސްކޮށާފައި ކާން ތައްޔާރުކުރާއިރަށް ލައިޝާ އެންމެ ކުރިން އަރާ ބޮޑު ބަތްތަށްޓެއް ކާލައިފިއެވެ. ކީވާފަދައިން ބާކީހުރި އެއްޗެއް ނުކައި އެންމެކުރިން ކާން ލައިޝާ ވަނީ ނިންމާފައެވެ. އެހެންނޫނީ އޭނަ ހުންނަން ޖެހޭނީ ޖަންކްފުޑް ކައިގެންނެވެ. އެހެންވީމަ އޭނަ ޖެހޭނީ އަފްރާޒުއާއި ވާދަޔަށް ކާށެވެ. ލައިޝާ ކެއީމަ އަފްރާޒުއަށް މެންދުރު ކާއެއްޗެހިން ވީކަމަކަށް ނުވިއެވެ. އޭނަގެ މަންމައަށް ގުޅާފައި ޝަކުވާކުރި އަޑުއިވުނެވެ. މެންދުރު ތަންކޮޅެއް މަދުން ކާން ޖެހުނީމަ ބަނޑުނުފުރުނު ވާހަކަ ބުނުމުން ލައިޝާ ބޭނުންވީ އެކުއްޖާގެ ގައިގާ ތަޅައިގަތުމަށެވެ. އެފަލަ ފަލަ ދެކޮލުގައި ހިފާފައި ތަދުކޮށް ރޮއްވާލުމަށެވެ. ކޮންކަހަލަ ކުއްޖެއްބާވައެވެ.

"ބިލީ ބަންޓަރ...." ލައިޝާގެ ހިތަށް އެފަދަ އެއްޗެއް އެރީމަ ދެރަވެސްވިއެވެ. ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައީ ނިކަން އަވަހަށެވެ. ލައިޝާ ހިތްވަރާއިއެކު މަސައްކަތްކުރާތަން ފެނިފައި ކަޔާން އޭނައާއި ދިމާލަށް އެއްޗެކޭ ނުބުނެ އެކި މަސައްކަތްތައް ހަވާލުކުރާތީ ލައިޝާހުންނަނީ އުފަލުންނެވެ. ކަޔާންގެ ކެބިންއަށް ވަނުމުން ދުނިޔެމަތީގެ ސުވަރުގެއަށް ވަދެވުނީކަމުގެ އިހުސާސްކުރެވެއެވެ. ލައިޝާގެ ރީތި ދެލޮލުގެ ބެބުޅުމާއި މޫނުމަތިން ފެންނަ އުފާވެރިކަން ކަޔާންއަށް ސިއްރުވެފައި ވާނެބާވައެވެ. އެ ޅަހިތުގައި ލޯބީގެ ކުރި ފަޅައި ހެދި ފޯދެމުންދާއިރު އޭނަފަދަ ވިސްނުންތެރި ޒުވާނަކަށް އެކަން ވަންހަނާވާނެބާވައެވެ. ފުރަތަމަ ހަފްތާގައި ކޮންމެވެސް ވަރަކަށް އުދަގޫވިނަމަވެސް ލައިޝާ ހުރިހާ ކަމަކަށް ހޭނި ޕްރޮފެޝަނަލް ވާން ފެށިއެވެ. ނަމަވެސް އަދިވެސް އެހެންކުދިންނާއި އޮތް ގުޅުން މާ ރަގަޅުވާގޮތެއްނުވެއެވެ. 

ވިއްސާރަވެގެން ފިނިވާތީ މިއަދު ލައިޝާ ހުރީ ސްވެޓަރފޮތީގެ ހެދުމަކާއި ޖިންސެއްލައި ގެންނެވެ.

މެންދުރު ދޭއްޖަހަން އުޅެނިކޮށް ވައިގަދަކަމުން ގޭތެރެ ގުގުމާފައި އޮތީ އެއްއަޑަކުންނެވެ. ލައިޝާ އާއި ކީވާ ކޮޓަރީގައި އުޅެނިކޮށް ބެލްޖަހަންފެށުމުން ލައިޝާ ބުނީ އަފްރާޒު ދޮރު ހުޅުވާނެ ކަމުގައެވެ. އަފްރާޒުގެ ހިލަމެއްނުވުމުން ލައިޝާ ނުކުތްއިރު އަފްރާޒު ސޯފާގައި އުއްޑުން ނިދާލާފައި އޮވެގެން ގުގުރިދަމާއަޑު ތަނުގެ ހިމޭންކަން މުގުރާލާފައިވެއެވެ. ލައިޝާ ދޮރު ހުޅުވާލީ ކާކުތޯ އަހައިލުމެއްނެތިއެވެ. ލައިޝާއަށް ފެނުނީ ދުވަހަކު ފެންނާނެކަމަށް ހީކުރި މަންޒަރެއްނޫނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ލައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެ ދޮން މޫނުމަތިން ފެނުނީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. ކަރުނައިގެ ތެރެއިން އެ ލޯ އުފަލުން ވިދާލާފައި ފުޅާކޮށް ހިނިތުންވެލީ ކޯތާފަތަށް އެރީތި އަޑިކޮޅު އަޅުވަމުންނެވެ.

ކޮމެންޓް 0