"ކާރު ތެމުނަސް ހެވޭ، ބުނާގޮތަށް ހަދާބަލަ...." ވިޝާން ގެ ތޫނު ދެލޮލަށް ބަލާލުމާއިއެކު ރައަދުގެ ހުރިހާ ބާރެއް ނެތިގެން ދިޔައީ ވެމްޕަޔަރެއްގެ ލޮލަށް ޝިކާރައަކަށް ބަލާލެވުމުން މުޅިގައިން ބާރު ދޫވެގެން ދާ ފަދައިންނެވެ. ކާރަށް އެރުމުން ފިނީގެ އުދަގޫ ވަކިން ބޮޑުވެ ރޫރޫއަޅަން ފެށުމުން ވިޝާން އޭސީ ކަނޑާލިއެވެ. ރައަދުގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ. ކޮންމެވެސް ވަރަކަށް ވިޝާން އަޅާލާކަން އެނގުނީމައެވެ.

"މަންމަ ރުޅިއައިސްގެން ގެއިން ނުކުމެގެން ދާށޭ ބުނީމަ މިއައީ...." ރައަދު ގެ މޫނާއިއެކު ތުންފަތްވެސް ހުދުވެފައިވާއިރު ވާރޭގެ ތިކިތައް ޝަބްނަމް ފަދައިން ވިދައެވެ. ރީތި އަންހެންކުއްޖެކެވެ. ޒުވާންވަމުންދާ ވަރަކަށް ހިތްދަމައިގަންނަ ގޮތް އިތުރުވަނީއެވެ. އެވަރުންވެސް އޭނަވީ ނުފެންނަކަމަށް ހަދައިގެން ދެލޯ މަރާލައިގެން ހުންނަން ހެއްޔެވެ؟ 

"އަހަރެންގެ ގޭގައި ހުރެވިދާނެ، މަންމަމެން ފުރީމަ ގެ އެއޮތީ ފަޅަށް، އަފްރީން މެރީކޮށްގެން ދިޔައިމަ ދެން ގޭގައި ނުހުރޭ ވާހަކަ ދައްކާލާނެ މީހެއް، މިވީގޮތުން އައި ގޮޓް ކޮމްޕެނީ، ނޫޑުލްސް ސޫޕް ހަދައިގެން ބިރުވެރި ފިލްމެއް ބަލާލާނީ ދޯ، ރާދުއަށް ޗޮކްލެޓް ފަޖް މީރުވެގެން އުޅެމެއްނު، ފްރިޖްގައި އޭގެ ބޮޑު ޓްރޭއެއްވެސް އެބަހުރި........" ވިޝާން ވަގުތުން ޕްރޮގްރާމް ރާވާލައިފިއެވެ. ނަމަވެސް ކޮޓަރިއަށް ވަދެފައި ރައަދުގެ ގަޔާއި ހެދުން ތަތްލަވާފައި ވާތަން ފެނިފައި ވިޝާންގެ ޚިޔާލު ބަދަލުވިއެވެ. ޓީވީ ބެލުމަށްވުރެ އެހެން ގޮތަކަށް މިފިނިރޭ ވޭތުކޮށްލަން ބޭނުންވިއެވެ. އޭނަ ރައަދުއަށް ފުން ނަޒަރަކުން ބަލާލިއެވެ.

"ނީޑް އެ ހަގް؟ ހާދަ ހީކަރުވާފައި ތިހިރީ....." ވިޝާންގެ އަތް ދިއްކޮށްލުމުން އެއަތުގެ ތެރެއަށް ވަންނާކަށް ރައަދުވެސް ދެކޮޅެއް ނެހެދިއެވެ. ވިޝާން ބޭނުންވެފައި ހުރީ އެފަދަ ވަގުތަކަށެވެ. ރައަދު ވަރަށް ފަސޭހައިން ހަތިޔާރު ބަހައްޓާފައި ހަށިގަނޑު އޭނައާއި ހަވާލުކުރަން ފަހެއް ނުޖެހޭނެކަން އެނގެއެވެ. ވާރޭ ހުއްޓާލިނަމަވެސް ވައިގެ ބާރު ހަމަލާތައް ދޮރުފަތްތަކާއި ފުރާޅަށް ހަމަލާދޭ އަޑުން ފަޒާ ގުގުމާލާފައިވެއެވެ. ވިޝާން ފެންވަރާލައިގެން ނުކުތްއިރުވެސް ރައަދު އޮތީ ރަޖާ ދަށުން ތެދުވާހިތް ނުވެފައެވެ. ކުއްލިއަކަށް އެތަނަށް ވަރުޖިނާ ވަދެގެން އަންނަތަން ފެނުމުން ވިޝާންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ވިޝާންގެ ކަންފަތް މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. 

"ހުރި ލަދުކުޑަކަން ބަލާލަބަލަ، ރަގަޅު ޕްރޮފެޝަނެއްގައި ހުރެ ވިޔާނުދާ ގޮތްތަކަށް އުޅޭއިރު ހިތަށް އެއްޗެއް ނާރާތަ؟" ވަރުޖިނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ރައަދު ލަދުންގޮސް ރަޖާގަނޑުން މޫނުވެސް ފޮރުވިއެވެ.
"ސޮރީ އާންޓީ......" ވިޝާންގެ ޓޭންވެފައިވާ މޫނުމަތިން ކުޑަ ރަތްކަމެއް ފާޅުވިއެވެ. އެއްގޮތަކަށްވެސް ބޮޑުދައިތަގެ ހިތަށް މިހާ ބޮޑު އަނިޔާއެއް ދޭކަށް ވިޝާން ބޭނުމެއްނޫނެވެ.

"އަފްރީންއާއި ދޭތެރޭ ކަންހިނގިގޮތުގެ ރިވެންޖް ނަގަނީތަ؟ އެކަމާ އެންމެ ބޮޑަށް ރުޅިއައި އެކަކީ ވިޝާންއެއް ނޫންތަ؟ އެހެން އަންހެންކުދިން ފެނުނީމަވެސް ތިމާގެ ކޮއްކޮކަމަށް ހީކުރާނަމަ، އެހެން އަންހެން ކުދިންގެ އިއްފަތްތެރިކަން ވިޝާންގެ ގާތުގައި އަގެއް ނެތީތަ؟ ކޮންމެ އަންހެންކުއްޖަކީ ކޮއްކޮއެއްކަމަށް ދެކެންވީމަ ތިއީ ކުރަން އެނގޭކަމަކީ، ކޮބާ އެހެން ފިރިހެނުންނެކޭ ވިޝާންގެ ހުރި ތަފާތަކީ، ކޮއްކޮގެ އަގު ވައްޓާލިމީހަކު ދެކެ ނަފްރަތުކުރާއިރު ވިޝާން އުޅޭގޮތް ދެކެބަލަ، ބުނަން ވިޝާން، ވިޝާން ރާދުއާއި ކައިވެނި ނުކޮށްފިއްޔާ އަހަރެން ދުވަހަކު ހިތްހެޔޮ ނުކުރާނަން، ރަންދާއާއި އޮތް ގުޅުންވެސް ކަނޑާލާނަން، އަހަރެން ރާދު ގާތުގައި ގެއިން ދާށޭ ބުނީ މީން ކޮށްފައެއް ނޫން، މަގޭ އަންހެންދަރި މަގުމަތިވާކަށް ދޫނުކުރާނަން، އެހެންވެ އެވަރަށް ގުޅީ، އެކަމަކު އެކުއްޖާ ފޯނު ނުނެގި، އެހެންވެ ހިތަށް އެރި އެންމެ ކުރިން އަންނާނީ މިގެއަށޭ......" ވަރުޖިނާގެ ދުލުން ބޭރުވި ކޮންމެ ލަފުޒަކުން ވިޝާން ލަދުގަންނަ ގޮތްވިއެވެ. މަންމަގެ ވާހަކަތައް އިވިފައި ރައަދުގެ ހިތަށް ބަޔާންނުކުރެވޭފަދަ އުފަލެއް ލިބުނެވެ. މަންމަ އޭނަދެކެ ލޯބިވާވަރު މިވަގުތު ޔަގީންކުރެވިއްޖެއެވެ. މަންމަމެން ރުޅިދެއްކިޔަސް ތެޅިޔަސް އެއީ ލޯބިނުވާތީ ކުރާ ކަންތަކެއް ނޫނެވެ. އަދަބުދެނީ ލޯބިންނެވެ. އިސްލާހު ކުރާށެވެ. ފޯނު ސައިލެންޓަށް ލާފައި އޮތީމަ އެވަރަށް މަންމަ ގުޅިކަން ރޭކާނުލީއެވެ.

"ރާދު ގެއަށް ދާން ތެދުވޭ...." ވަރުޖިނާ ދެވަނަ ފަހަރަށް ބަލާލުމެއްނެތި ފެންޑާއަށް ނުކުމެ އިންތިޒާރުގައި ހުރިއިރު އިރުއިރުކޮޅާ ޓިޝޫއިން ލޯ ފޮހެން ޖެހުނެވެ. އޭނަގެ އަންހެންދަރިފުޅުގެ ސިއްރު އެނގިލައްވައިފިއްޔާ އަޒީޒުއްދީން އަދި އޭނަދެކެ ހާދަ ރުޅިދުރުވާނެއެވެ.

ރަންދާ މާލެއައުމަށްފަހު ވިޝާން ގާތުގައި ކައިވެނީގެ ވާހަކަދެއްކުމުން މިފަހަރު ވިޝާން ދެކޮޅު ނެހެދީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނައަށް އިންޑިއާއިން ލިބުނު ކޯލަކަށްފަހު ކީވާގެ ލޯބި ހޯދަން މަސައްކަތްކުރުމަކީ ބޭކާރުކަމެއްކަން އެނގުނެވެ. އެހެންނޫނަސް ރައަދުގެ ޒުވާންކަން ނަގާލުމަށްފަހު ހަޔާތުން އެއްލާލުމަކީ އެކުއްޖާއަށްވެސް ކުރެވޭ ބޭ އިންސާފެކެވެ. ކައިވެނިކޮށްފައި އެކީގައި ނޫޅެވުނިއްޔާ އެހެން ދިމާލަކަށް ދާނީއެވެ. މިވަގުތަށް މަސްލަހަތަށް ބަލާފައި އޭނަ ޚިޔާރުކުރީ ފެނުނު އެންމެ ރަގަޅުގޮތެވެ.

ވިޝާންއާއި ރައަދުގެ ޕާޓީ ބޭއްވުނީ ރިޒޯޓެއްގައި ހުވަފެނީ ކޮށެވެ. ހަވާއެރުވުންވެސް އޮތެވެ. އެރެއަކީ ރައަދުގެ ހުރިހާ ހުވަފެންތަކެއް ހަޤީގަތަކަށްވެ އޭނަ އަބަދުވެސް ލޯބިވަމުން އައި ޒުވާނާ ހާސިލުވި އުފާވެރި ރެއެވެ. ހުދު ހެދުމަކާއި ހުދު ޖަވާހިރުތައް ޖެހި ތާޖެއް އަޅައިގެން ހުރިއިރު ރައަދު ހީވަނީ ޕްރިންސެސްއެއް ހެންނެވެ. އެހާ ފުރިހަމައެވެ. ވިޝާންވެސް ހިތުގައި ހިލަ ބަހައްޓައިގެން ހުރެވެސް އެ ރީތި ހިނިތުންވުން ތަކުން އެހެން މީހުން އުފާކޮށްލަދިނެވެ. އަމިއްލަ ހިތާމަތައް އެ ހިނިތުންވުމުގެ ނިވަލުގައި ސިއްރުކުރިއެވެ. އޭނަ އެހާވަރުން ލޯބިވި އަންހެންކުއްޖާ ނުލިބުމުން ނާކާމިޔާބީ ގަބޫލުކުރުން ނޫންގޮތެއް ނެތެވެ. މުއްސަދި ޒުވާނަކަށްވިޔަސް ހުރިހާ އެއްޗެއް ނުލިބި ހިނގައިދާނެއެވެ. މެހުމާނުންތައް ހުސްވީ އެގާރަ ޖެހިފަހުންނެވެ. ކަޔާންއާއި ލައިޝާ އައިކަން ޖުއާންއާއިއެކު އެ ކޮޓަރީގައި ނިދަން ބޭއްވުމަށްފަހު ގޮނޑުދޮށުގައި ހިގާލަން ދިޔައެވެ. ސާދަ ވިލޭރޭގެ ރީތި ހަނދުގެ ދޯދިތައް އެޅިފައިވާއިރު ކަނޑުވެސް ހީވަނީ ރިހިން ޖަރީވެފައިވާހެންނެވެ. ދެމަފިރިން އަތުގުޅުވާލައިގެން ކޮންމެވެސް ވާހަކައެއް ދައްކާލާފައި މަޑުމަޑުން ހެމުން ދަނިކޮށް ވިޝާން ގޮވާލިއެވެ. ވިޝާން ހުރީ ޓައީ ދޫކޮށްލައިގެންނެވެ. އަތުގައި ހުރީ މޮކްޓެއިލް ބުއިމެކެވެ.

"ސާބަހޭ ޝޯން، ބްރައިޑް އެކަނިކޮށްލާފައި ތަ ތިއަންނަނީ، ތިއީ ވާ ފިރިހެނެއް...." ކަޔާން ގެ މޫނަށް ހަނދުވަރުގެ އަލިކަން ވެރިވެފައިވާއިރު އެރީތި މޫނުންވެސް އުފާވެރިކަން ނޫން އެއްޗެއް ނުފެނެއެވެ.
"އުމުރުގެ ހުރިހާ ދުވަހެއްވެސް އެންޖޯއި ކުރަން ދެން އޮތީއެއްނު ގޯޑް ވިލިން، އަހަރެން މިއައީ ކެން ގާތު ވާހަކައެއް ބުނެލަން، އަހަންނަށް އެނގޭ ރުޅި އަންނާނެކަން، އެކަމަކު މިހާރު ވިސްނިއްޖެ ރިވެންޖް ނަގަންވެގެން އެހާ ދަށްކަމެއް ކުރުމަކީ ރަގަޅުކަމެއް ނޫންކަން، ރިވެންޖް ނެގުމަކީ މާނައެއް ނެތްކަމެއްކަން......" ވިޝާން ކަޔާންއާއި ލައިޝާ ގާތުގައި އޭނަ ލައިޝާއަށް އެތައް ދުވަހެއްވާންދެން މެސެޖްކުރިކަމުގައި ބުނެލިއެވެ. ލައިޝާ ކަޔާންދެކެ ރުޅިއަރުވަންވެގެން އޭނަ އެފަދަ ގޮތަކަށް މެސެޖްކުރީ ޕްރައިވެޓް ނަމްބަރެއް ހޯދައިގެންނެވެ. މިއަދު އެކަމުން އޭނައަށް ކުރި އެއްވެސް ފައިދާއެއްނެތެވެ. ދެ އާއިލާ މިއޮތީ ގުޅިފައެވެ. އަފްރީންގެ ކުށްވެރިޔާއަކީ ކަޔާންއެއް ނޫނެވެ. ކެންޒީއެވެ. އެކަމުން ވިޝާންއަށް ފިލާވަޅެއް ދަސްވިއެވެ. މީހަކު ކުށްވެރިކުރާއިރު އެކަމުގެ ހެކިތައް ހުރިހާ ކޮޅަކުން ހޯދާފައި ޔަގީންކޮށްފައި ނޫނީ މީހަކަށް ސަޒާއެއް ދީގެން ނުވާނެއެވެ. ގޯހެއް ހެދިދާނެއެވެ.

"އިޓްސް އޯކޭ ޝޯން، ހުރިހާ ކަމަކަށް މާފުދީފިން، އެހެންނޫނަސް އަހަރެންގެ ބްރަދަރ އިން ލޯ އަށްވީމަ މަޖުބޫރުވެސް ވާނެތާ، އެނީވޭސް ޓޭކް ކެއަރ އޮފް މައި ޕްރެޝަސް ސިސް..." ކަޔާން ވިޝާންގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ލައިޝާ އުފާވެފައި އެ މަންޒަރުދެކެން ހުއްޓެވެ. ކޮންމެ އާއިލާއެއްގެ ތެރޭގައި އޮންނަން ޖެހެނީ މިފަދަ ލޯތްބާއި ގާތްކަމެވެ. 

އަޒީޒުއްދީން ކިތަންމެ ގަދަޔަށް ރުޅިދުރުވިނަމަވެސް ލޯބިވާ ވަރުޖިނާ ހަޔާތުން ބޭރުކޮށްލާފައި ދުރަށް ފޮނުވައިލާކަށް ބޭނުމެއް ނުވިއެވެ. އެއީ އޭނަގެ ތިން ފިރިހެންދަރިންގެ މަންމައެވެ. އިތުރަށް މަޖުބޫރު ނުކުރައްވާ އޭނަ ވަކި ކޮޓަރިއެއްގައި އުޅުއްވަން ފެށުމުން ވަރުޖިނާ ކާން ހިފައިގެން އައެވެ. އަޒީޒުއްދީންގެ ގާތުގައި ރޮއިފާ މާފަށް އެދުނެވެ. އަޒީޒުއްދީން މާފު ދެއްވާ ގޮތަކަށް ނެތަސް އެންގެވީ ލައިޝާއާއި ގުޅުން ބަދަހިކުރުމަށެވެ. ކަޔާންގެ އާއިލާ މިގެއަށް ގެނައުމަށެވެ. އެފަދަ ދުވަހެއް އައިއްޔާ މާފު ލިބުނީ ކަމުގައި ހީކުރުމަށް އޭނަ ބުނުއްވިއެވެ. އެއީ ވަރުޖިނާއަށް ފަސޭހަކަމެއް ނޫނެވެ. އޭނަ ޒުލްމާ އާއި އެ އާއިލާ ދެކެ ނަފްރަތު ކުރާވަރު އަޒީޒުއްދީންއަށް އެނގިލައްވާނެއެވެ. ޒުލްމާގެ ނުލަފާކަމުން އެ ފުރުސަތު ދެވޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް މިވަގުތަށް އޭނައަށް ޖެހިފައި މިވަނީ އަޒީޒުއްދީންގެ ރުހުން ހޯދަން ކިތަންމެ ބޮޑު ގުރުބާނީއެއްވެސް ވާށެވެ. ކަޔާން ދޭތެރެއަކުން އައިކަން ގޮވައިގެން ގެއަށް އާދެއެވެ. މަންމަމެންނާއިއެކު ވަގުތު ހޭދަކުރެއެވެ. އެގޮތަށް އުޅެން ފެށުމުން އެންމެންވެސް އެގޮތަށް ހޭނެން ފެށިއެވެ. ލައިޝާއަކީ އެއާއިލާއަށް މުހިއްމު މީހަކަށް އަޒީޒުއްދީން ވެސް ދެކެނުލައްވާނެ ކަމަށް ވަރުޖިނާ ހީކުރިއެވެ.

ތިންމަސް ފާއިތުވެގެން ދިޔައިރު އެންމެންގެ ދިރިއުޅުންވެސް އޮމާންކޮށް ކުރިއަށް ދިޔައެވެ.
ކަޔާންއާއި ލައިޝާ އެކަނި ވިލި މާލޭގައި ދިރިއުޅެމުންދާއިރު ޒިއާމް އަދި ކެންޒީގެ އާއިލާވެސް ދޭތެރެއަކުން ވިލިމާލެއަށް އައިސް އެންމެން އެކީގައި ވަގުތުތައް ހޭދަކޮށް މަޖާކުރެއެވެ. ޖުއާން އައިކަން އަދި ޒިއާމްގެ ދަރިފުޅު އީމާ އުޅެނީ ވަރަށް އެކުވެރިކޮށެވެ. ތިންކުދިން އެއްތަން ވެއްޖެއްޔާ ތިންކުދިންގެ އުފާވެރިކަން ވަކިން ބޮޑުވާހެން ހީވެއެވެ. ޖުއާންއާއި އީމާ ވިލިމާލެއިން ދާގަޑިޖެހުމުން އައިކަން ހުންނަނީ އެކަނިވެ މޮޅިވެރިވެފައެވެ. އޭނަވެސް ބޭނުންވަނީ ކެންޒިއާގައި އުޅޭށެވެ. އެގޭ ސިޑިމަތިން ދުވެދުވެފައި އުޅޭށެވެ. ބައްޕައާއިއެކު ކެންޒިއާއަށް ދެވިއްޖެއްޔާ އެނބުރި ގެއަށް ދާހިތެއް ނުވެއެވެ. އައިކަން ގެއަށް ދަނީ އެކަނި މަންމަގެ ސަބަބުންނެވެ. މަންމަ މަތިން ހަނދާންވާތީއެވެ. އެގެއަށް ދާއިރު މަންމަ ނުގެންނަނީ ކީއްވެގެންހޭވެސް އައިކަން އަހަން ފެށިއެވެ. ކުޑަޔަކަސް ވިސްނުންތެރި ކުއްޖެކެވެ. އެހެންނޫންނަމަ ސުވާލަކަށްފަހު ސުވާލެއް ނުކުރާނެއެވެ.

ލައިޝާމެން ހުޅުލެއަށް އައީ ކީވާއާއި މަންމަމެން އިންޑިއާއިން އެނބުރި އަންނާތީއެވެ. ތިންމަސްވާންދެން ދުރުގައި އުޅުމަށްފަހު އެންމެން އަންނަންވާއިރަށް ލައިޝާ، ކަޔާން އަދި ދަރިފުޅު މަޑުކޮށްލައިގެން ތިއްބާ އެންމެ ފުރަތަމަ ފެނުނީ ކީވާއެވެ. ކަޅުކުލައިގެ ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު މާބޮޑު ތަފާތެއް އައިސްފައެއްނުވެއެވެ. މާލޭގައި އޮތްއިރު މޫނުމަތިން ފެނުނު ބަލީގެ އަސަރު ވަރަށް ބޮޑުތަން ކުޑަވެފައި ވެއެވެ. ކީވާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ އިންތިހާއެވެ.

"ހޭއި ކިވީ، ޔޫ ލުކް ބިއުޓިފުލް، ކިހިނެއްތަ ހާލު، ރަގަޅުތަ؟" ލައިޝާ ކީވާގެ ގައިގާ ބައްދާލިއެވެ. ކީވާ އައިކަންގެ ކޮލުގައި ހިފާފައި ދޮނެއްނެގިއެވެ. އިރުކޮޅެއް ފަހުން ޒުލްމާއާއި ސަލްމާވެސް ވާހަކަދައްކުން ހެމުން އައެވެ. ލައިޝާ މަންމަމެންނަށްވެސް ހޫނު މަރުހަބާއެއް ކިއެވެ. އޭރު ކަޔާން ހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ. އެމީހުންގެ ޓްރޯލީތައް ދަމާފައި ގެނެސްދިނީ އެހެން ދެމީހެކެވެ. އެއީ އައިދަން އެހީތެރިންގެ ގޮތުގައި ފޮނުވި ދެމީހުންނެވެ. ލައިޝާ ހައިރާންވީ އައިދަން ފެންނަން ނެތުމުންނެވެ.

"ކޮބާ އައިދަން...." ލައިޝާ ހައިރާންވިއެވެ.
"ވީގޮތަކީ އައިދަންގެ ޑިގްރީ ނިންމަން ކޮންމެހެން ޔޫކޭއަށް ދާން މަޖުބޫރުވީ، އަހަރެމެން އިންޑިއާއަށް ލާފައި އޭނަ ފުރައިގެން ދިޔައީ، އިޓްސް އޯކޭ، އައިދަންގެ ދެ ފްރެންޑުން އަހަރެމެންނަށް ހެލްޕްވާން ތިބި، އޮޕަރޭޝަން ކުރިފަހުން ދުވަސްކޮޅެއްގެ ތެރޭގައި އައިދަން އައި، އަނެއްކާ ފުރައިގެން ދިޔައީ........." ކީވާގެ ހިތުގައި ކިތަންމެ ވަރަކަށް ޝަކުވާ އޮތް ނަމަވެސް އެކަމެއް ނުދައްކައެވެ. އޭނަ އެހާ ބޮޑު އޮޕަރޭޝަނެއް ކުރެވުނުއިރު އެންމެ ލޯބިވާކަމަށް ދައުވާކުރި ދެމީހުންގެވެސް ޚަބަރެއް ނުވިއެވެ. އޭނަ ވިޝާންއަށް ވައިބަރ ކުރިއެވެ. އޮޕްރޭޝަން ކުރި ވާހަކަވެސް ބުނެލިއެވެ. އެފަހުން ދެރަވިވަރުން އޭނަ އޮންލައިންވެސް ނުވެއެވެ. ވިޝާންއަކީ އޭނަގެ ޑޮކްޓަރަށްވުމުން އެ ގުޅުން އަބަދުވެސް ބާއްވަން ހިތް ބޭނުންވިއެވެ. ނަމަވެސް ވިޝާން އެފަދަ ގާތްކަމެއް ބޭނުންނުވާއިރު ގުޅުމުގެ މާނައެއް ނެތެވެ. ކީވާގެ އޮޕަރޭޝަނާއި އެހެން ހުރިހާކަމަކަށް ޚަރަދުކުރީ އައިދަންކަން ކީވާއަށް އެނގުނެވެ.

"ކިޑްނީ ދިނީ ކާކުތަ؟ "ލައިޝާގެ ހިތް އެމީހަކަށް ޝުކުރުން ފުރުނެވެ.
"ނޭގޭ، ސިކްރެޓް އެޑްމައިރަރ އެއް، ސީރިއަސްކޮށޭ ލައިޝް، މާލޭ ކުއްޖެއް އެކަމަކު އޭނަ ބޭނުމެއްނުވޭ އެކަން އަންގާކަށް، އޭނައަށް ލާރި ބޭނުންވެފައި ހުރީމަ ލާރި އަތުލައިގެން އެކަން ނިންމާލީކަމަށް އައިދަންގެ ފްރެންޑުން ބުނި، އޭނަގެ ޕޭރެންޓުންނަށް ސިއްރުން ކުރިކަމަކަށް ވީމަ ދެން އަންގަން ބޭނުން ނުވީކަން ނޭގޭދޯ...." ކީވާ ކިޔާދިނެވެ.

އައިދަން މާލެ އަންނަންދެން އެކަނި އެޕާޓްމެންޓެއްގައި ހުންނަން އުދަގޫވާނެތީ ޒުލްމާ ސަލްމާ ގާތުގައި އެދުނީ އެމީހުންގެ ގާތުގައި މަޑުކޮށްލުމަށެވެ. ސަލްމާގެ އިހުސާންތެރިކަން ޒުލްމާ އުމުރު ދުވަހުވެސް ހަނދާން ނައްތައެއް ނުލާނެއެވެ. ކުޑަ ގެއަކަށް ވިޔަސް ތިންކޮޓަރި ހުރުމުން އެންމެނަށް ތިބެން ދައްޗެއް ނުވާނެއެވެ. މާ މީހުން ގިނަވުމުން ކަޔާން ހުރީ އުދަގޫވެފައެވެ. ލައިޝާގެ މީހުންނަށްވިޔަސް އެމީހުންނާއި އަދި އެހާ އެކުވެރިކަމެއް ނެތުމާއިއެކު މިހުރިހާ ދުވަހު އުޅުނުގޮތަށް މިނިވަންކޮށް ނޫޅެވޭތީ މާލެއަށް ބަދަލުވާކަހަލަ ޚިޔާލެއްވެސް އޭނަ ކުރިއެވެ. އެކަމަކު އަދި ކެތްކުރަން ޖެހޭނެއެވެ. ލައިޝާގެ މަންމަމެން އައުމާއިއެކު ހެން ގެއިން ދާން ވެއްޖެއްޔާ އެމީހުންނަށް ނުބައި އިހުސާސްތަކެއް ކުރެވޭނެއެވެ. ހިތުގައި ޖެހިދާނެއެވެ. ކަޔާން އެހެން މީހުންގެ އިހުސާސްތަކަށް ގަދަރުކުރެއެވެ.

ޒިއާމްއާއި މާޔާ ދަރިފުޅު ގޮވައިގެން އެދުވަހު އައިއިރު އެގޭގައި އިތުރު މެހުމާނުން އުޅޭކަމެއް އެނގިފައެއްނެތެވެ. އެންމެން އެކީގައި އައިސް އެގެއަށް ވަދެފައި ބޮޑުކޮޓަރީގެ ސޯފާގައި އޮށޯވެ އޮތް އަންހެންމީހާ ފެނިފައި ޒިއާމްގެ ހިތް އަވަސްވެލިއެވެ. ޒުލްމާ އޮތީ އައިނު އަޅައިގެން ފޮތެއް ކިޔާށެވެ. އޭނަ އިސްއުފުލާލައިފައި ބަލައިލުމާއިއެކު ތެދުވެގެން އައިސް ޒިއާމްއާއި ދާދިގާތުގައި ހުއްޓުނެވެ. ލަދުގަންނަހާ ގަދަޔަށް އޭނަ ޒިއާމްގެ މޫނަށް ބެލިއެވެ. ހަގީގަތަކީ ޒުލްމާ ހުރީ ޝޮކެއްގައެވެ. އަޖައިބުން ފުރިފައިވާ ނިމުމެއްނެތް ދިގު އެސްފިޔަތަކަށް ބަލާލުމާއިއެކު ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނައަށް ކަޔާން ފެނިފައި އޮޅުނުކަމުގައި ވިޔަސް މިފަހަރު އޭނަގެ ހިތުގެ އަޑު ދޮގަކަށް ނުވާނެއެވެ. ކަޔާންގެ އެސްފިޔަތައް ދިގެވެ. އެކަމަކު މިހާ ދިގެއްނޫނެވެ. މިހާ ފުރިހަމައެއް ނޫނެވެ. މިއީ އޭނަގެ ފިރިހެން ދަރިފުޅެވެ. އޭނަގެ މޭގެ އެތިކޮޅެވެ.

ޒުލްމާއަށް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ވިސްނިއްޖެއެވެ. މިވާނީ ވަރުޖިނާގެ ފުރަތަމަ ދަރިފުޅަށެވެ. ވަރުޖިނާ އޭނަގެ ގާތުގައި ދޮގުހެދީއެވެ. ކަޔާންގެ އެއްމާބަނޑު ކުއްޖެއް ހުންނަކަން ލައިޝާގެ ފަރާތުން އެނގުމަށްފަހު އޭނައަށް ކަޔާންއަކީ އޭނަގެ ދަރިއަކަށް ނުވާނެކަން ޔަގީންކުރެވިފައިވެއެވެ. ބަނޑުގައި ދެކުދިން ވިނަމަ އޭނައަށް ނޭގިއެއް ނުދާނެއެވެ. ޒުލްމާ އެހާވަރަށް ބަލަން ފެށުމުން ޒިއާމް އިސްޖަހައިލިއެވެ. ހަގީގަތް އޭނައަށް އެނގުނަސް ޒުލްމާއަށް އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. އެހެންނޫނަސް ސަރޮގެޓް މަންމައަކާއި އޭނަގެ ގާތް ގުޅުމެއް ނުވާނެއެވެ. މަންމަވަނީ އެވަރު ބުނެދީފައެވެ.

"ވަރުޖިނާގެ ފުރަތަމަ ދަރިފުޅު....." ޒުލްމާގެ ލޮލަށް ކަރުނައައެވެ. ޒިއާމް އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
"ޒިއާމް....." ޒިއާމް ނަން ބުނެދިނެވެ.
"ޒިއާމް، ހާދަ ދުވަހެއްފަހުން ދަރިފުޅު ލޮލަށް ފެނުމުގެ ނަސީބު މިންވަރުކުރެއްވީ........" ޒުލްމާ ހިތާހިތުން މާތް ﷲއަށް ހަމްދުކުރަމުން ޒިއާމްގެ އަތުގައި ހިފާލައިފިއެވެ. ޒިއާމްއަށް ހަގީގަތް އެނގިފައިވާތީ އެ އަމަލުން އެހާ ހައިރާނެއްނުވިއެވެ. މިއީ އޭނަ ވިހޭ މަންމައެވެ. ޒުލްމާއަށް އެހާ ފަސޭހައިން ޔަގީންކުރެވުނީ ކަޔާން އެއްޗެކޭ ބުނީހެއްޔެވެ؟ އެހެންނޫންނަމަ އޭނަ ފެނުމުން އެގޮތަށް ކަރުނަ އޮއްސާ ޖަޒުބާތީވެގެނެއް ނޫޅޭނެއެވެ. ޒުލްމާ ޒިއާމް ގޮވައިގެންގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ޒިއާމް އެތާހުރި ސޯފާއެއްގައި ބައިންދާފައި ޒުލްމާ ބޭރަށް ދިޔަލެކަށްވުރެ އަވަހަށް އައީ ސަޔާއި ހެދިކާ ހިފައިގެންނެވެ. ޒުލްމާ އެކި ވާހަކަދައްކަމުންގޮސް އަހާލީ ޒިއާމްގެ މޭމަތީގައި އުފަން ލައް ހުރިކަން ޔަގީންކުރަން އެ ވާހަކައެވެ. ޒިއާމް ހިނި އައެވެ. ވީމަ އޭނަ ކުޑައިރު މި މަންމަ އޭނަ ފާހަގަކުރަން މި ބޭނުންކުރީ އެ ލަފާއި އޭނަގެ އެސްފިޔަތަކެވެ. ޒިއާމް ގަމީހުގެ ގޮށްތައް ނައްޓާލާފައި މޭމަތި ދެއްކުމުން ޒުލްމާ ގެ ލޮލުން ކަރުނަ އޮހިގަތެވެ.

"ތިއީ މި މަންމަގެވެސް ދަރިފުޅު...." ޒުލްމާ ޒިއާމްގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.
"އަޅުގަނޑަށް އެނގޭ، އެކަމަކު، މަންމަ ބުނިގޮތުން ސަރޮގެޓް މަންމައިންނަކީ އެކަނި ލާރިދީފައި އެކަން ކުރުވާ ބައެއް، ހިތަކަށް ނާރާ ތި މަންމަގެ ހިތުގައި އަޅުގަނޑަށްޓަކާ ތިވަރުގެ ލޯތްބެއް ވެދާނެއޭ..." ޒިއާމް އިނީ ނުތަނަވަސްވެފައެވެ.
"މަންމަގެ ގާތުން ކިރުބުއި ކުއްޖަކު ދަރިއަކަށް ނުވާން ވީ ކީއްވެތަ؟ " ޒުލްމާ އަހާލިއެވެ. ޒިއާމް ސިހުނެވެ. އެއީ އަދި އޭނަ ޚިޔާލުކޮށްފައިވާ ކަމެއް ނޫނެވެ. އެބުނާހެން ކިރުމަޔެއް ވެއްޖެއްޔާ ގައިމު އެ ގުޅުން އޮންނާނެއެވެ. ލެވޭނީވެސް މަންމައެއްގެ ހައިސިއްޔަތުންނެވެ. ވީއިރު އޭނަގެ މަންމަ އޭނަގެ ގާތު ދޮގުހެދީ ކީއްވެ ހެއްޔެވެ؟ މަންމަ ބުނި ގޮތުން ވިއްޔާ ޒިއާމް ކުޑައިރު ކިރުދީފައިވަނީ ފުޅިންނެވެ. ޒުލްމާ އެކަނި ދަރިފުޅު ވިހޭކަމެވެ. ފުރަތަމަ ދުވަހުން ފެށިގެން ކިރުފުޅި ދިނީ މަންމައެވެ.

"ދަރިފުޅާ، މަންމައަށް އެނގޭ ތިއާއިލާއިން މަންމަދެކެ ނަފްރަތުކުރާވަރާއި ޒިއާމް މަންމައާއި ދުރުކުރުވަން މަސައްކަތްކޮށްފައިވާކަން، މަންމައަކީ މުއްސަންޖެއްނޫން، ދަރިފުޅަށް ހުރިހާ އުފާތަކެއް ހޯދަދެވޭނީ އެމީހުންނަށް، އެކަމާއި މަންމަގެ ޝަކުވާއެއްނެތް، އެކަމަކު ދަރިފުޅާއި ބައްދަލުވުމުގެ އުފާ މިއަދު މިވަނީ ލިބިފައި، ވީމަ މަންމަ ވަރަށް އުފާވާނެ ދޭތެރެއަކުން ދަރިފުޅު މަންމައަށް ޒިޔާރަތްކޮށްލިއްޔާ، މަންމަ ބޭނުމެއްނޫން ދަރިފުޅުގެ ފަރާތުން އެއްވެސް އިތުރު ފައިސާއެއް އަދި އެއްޗެއް، އެކަނި ދެކެލާހިތްވަނީ، މަންމަގެ ލޭކަމުގައި ނުވިޔަސް މަންމަ ނުވަމަސްވާންދެން ބުރަ އުފުލާފައި ވިހޭ ދަރިއަކަށްވާތީ، ވަރުޖިނާ އެކަން ގަބޫލުނުކުރިޔަސް އުފަން ދަރިއަކު ދެކެ ވާ ލޯބިވޭ، ތިއީ މަގޭ ފިރިހެން ދަރިފުޅު........." ޒުލްމާ މޮޅިވެރިގޮތަކަށް ވާހަކަ ދެއްކިއެވެ. އޭނަ ޒިއާމް ގާތުގައި މާޒީގެ ވާހަކަދައްކާކަށް ދެން ބޭނުމެއްނޫނެވެ. ކަޔާންއާއި ލައިޝާގެ ހައްގުގައެވެ. އެކުދިންގެ އުފާތަކަށްޓަކައި އޭނަ މިހިރީ މާޒީގައި އޭނައާއި ދޭތެރޭގައި ހިނގާފައިވާ ހުރިހާކަމެއް ހަނދާން ނައްތާލާފައި އާފެށުމަކުން ފަށާށެވެ. އެ ވާހަކަ އަންގައިގެން އެ ޅަހިތްތަކަށް އިތުރު އަނިޔާތަކާއި ހިތްދަތިކަން ދިނުމުގެ ބޭނުމެއް ދެން ނެތެވެ. މާތް ﷲ އޭނަގެ ދުޢާ އިޖާބަކުރައްވައިފި އެވެ. އޭނަ އަބަދުގެ އަބަދަށް ކުރަމުން އައި ދުޢާއަކީ މަރުވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް އޭނަގެ ދަރިފުޅު ފެނުމުގެ ނަސީބު މިންވަރުކުރެއްވުމެވެ. މިއަދު މަރުވިޔަސް އޭނަ ދެލޯ މަރާލާނީ ހިތްހަމަޖެހުމާއި އެކުގައެވެ.

"މަންމައަށް ކޮށްދޭންވީ އެންމެ ކަމެއް، މަންމާއޭ ކިޔާފައި ދަރިފުޅު ގޮވާ އަޑު އިވުން....." ޒުލްމާ ކަރުނައިގެ ތެރޭން ހިނިތުންވެލިއެވެ. ޒިއާމްގެ ހިތަށް އެވަގުތު އަސަރުކޮށް ފެންކަޅިވާގޮތްވިއެވެ. ޒުލްމާގެ ދެލޮލުން އޭނައަށް ފެނުނީ އަމިއްލަ އެދުމެއްނެތް ލޯތްބެވެ. މައިވަންތަކަމުގެ ކުލުނެވެ. ޒިއާމް އޭނަގެ އުފަން މަންމައާއި ވާހަކަދައްކަން އެތައް އިރެއްވާންދެން އިނެވެ. އެ މަންމަ އޭނައަށްޓަކާ ގުރުބާންވަނީއެވެ. އެރޭ ކައިގެން ދާން މަޑުކުރަން ޒުލްމާ އެދުނެވެ. މިހުރިހާ ދުވަހު އެކުއްޖާއަށް ނުދެވުނު ލޯބި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދޭންވެގެން ޒުލްމާ އަތުކުރިއޮޅާލިހެން ހީވިއެވެ. މިހުރިހާދުވަހު އެ ދެލޮލުގައިވި މާޔޫސްކަން ފިލާ އުފާވެރިކަމުގެ ވިދުމުން ވިދަންފެށިއެވެ. މޫނުމަތީގައިވާ އުޖާލާކަމުން ލައިޝާވެސް ހައިރާންވިއެވެ. މަންމަ ގެ މޫނުމަތިން ދުވަހަކު މިފަދަ ކުލައެއް ދުވަހަކު ފެނިފައެއްނެތެވެ. މަންމަގެ ފައި ބިންމަތީގައި ނުޖެހޭހެން ހީވާ ފަހަރުވެސް އައެވެ. 

މާޔާވެސް ހުރީ ޒިއާމްގެ ހަޔާތަށް މިއައި އާ މެހުމާނާގެ ހަގީގަތް އެނގި ހައިރާންވެފައެވެ. މިފަދަ ކިތައް ސިއްރުތައް ފޮރުވިފައިވާނެބާވައެވެ. ޒިއާމްއަށް ކުއްލިއަކަށް އެހެން މަންމައެއް ލިބުނީއެވެ.

"ޒިއާއަށް ތިން މަންމަ ތި ލިބުނީ، ޔޫ އާރ ސޯ ލަކީ....." މާޔާ ޒިއާމްގެ އަތަށް ފިތާލަމުން ހިނިތުންވެލިއެވެ. އޭރު އީމާއާއި އައިކަން ގަސްތަކުގެ ތެރޭގައި ދުވެދުވެފައި އުޅެއެވެ. ތުއްތު ދެކުދިންގެ ހުނުމުގެ އަޑުންވެސް ހިތްތަކަށް އުފާވެރިކަން ލިބޭނެއެވެ. ޒުލްމާ މާމަ ދަރިންނާއި ހެދިވެސް އެހާވަރުވެއެވެ. ޚާއްސަކޮށް އީމާ ވެފައިވަނީ ޒުލްމާގެ ލޮލުގެ ނޫރަށެވެ. އެކުދިންވެސް ދޭތެރެއަކުން މާމަގެ އުނގަށް އަރާފައި ކޮންމެވެސް ސަކަރާތެއް ގަނެލައެވެ. މާމަ ލައްވާ އުނދޯލި ހެއްލަން ނޫނީ އެހެން ކަމެއްކުރުވަން އުޅޭތަން ފެނިލައެވެ. ލައިޝާ ކުރިން އެކަން އެނގޭކަމަކަށް ހަދާނުލިނަމަވެސް ކަޔާން ޒިއާމްއަށް ހަގީގަތް ކިޔާދިނެވެ. އޭނަ އެވާހަކަ ކެންޒީއާއި ލައިޝާ ގާތުގައި ބުނެފައިވާކަމުގަ އާއި އެކަމަކު ބައްޕައާއި ހަމަޔަށް އެ ވާހަކަ ގެނެސްދިން މީހަކު އަދިވެސް ނޭގޭކަމަށެވެ.

އެރޭ އެގޭތެރޭގައި ބާބެކިއު ޕާޓީއެއް އޮތެވެ. ގަސްތަކުގެ ތެރޭގައި އަލިފާން އަންދާލައިގެން މަސް ފިހުމުގައި ބޮޑުމީހަކަށް އުޅުނީ ޒުލްމާއެވެ. އެހެންކުދިންވެސް އެކަމާއި ބައިވެގެން ވަރަށް ގިނައިރުވާންދެން އެތަނުގައި އުޅެލާފައި އެންމެން ގެއަށް ވަންއިރު ތިބީ ވަރުބަލިވެފައެވެ. ޒިއާމް މެން މާލެ ދިޔައިރު ފުދޭވަރަކަށް ދަންވެ ކެންޒިއާއޮތީ ނިދާފައިހެން ހީވެއެވެ. ގިނަ ކޮޓަރިތަކުން ފެންނަނީ ނިދާބޮއްކެއްގެ ފަނޑު އައްޔެވެ. މިބޮޑު ގޭގައިއުޅޭ މީސްކޮޅު ކިހާ މަދުހެއްޔެވެ؟ ޒިއާމް ފެންވަރާލައިގެން ޓީޝާޓަކާއި ސޯޓެއްލައިގެން ބެލްކަންޏަށް ނުކުތެވެ. ވިއްސާރަ ދުވަސްކޮޅަކަށްފަހު މިރޭ އުޑުމަތީގައި ކުދި ތަރިތައް ކުދި ޖަވާހިރުފަދައިން ފިޔަޖަހާތަން ފެނެއެވެ. ޒިއާމްއަށް އިރުކޮޅެއްފަހުން ފެނުނީ އޭނަގެ މަންމަ ސިޑިން އަރައިގެން އައިތަނެވެ. މަންމަ އޭނައަށް ގުޅާތާ ކޮންއިރެއްހެއްޔެވެ؟ އަވަދިނެތި އުޅެން ހަދައިގެން ފޯނު ނުނެގުނީއެވެ. މިނޫނީ ވިލިމާލެއަށް ގޮސްފައި އޭނަ މިހާ ލަހެއްނުވެއެވެ. މިރޭ ބާބެކިއު އޮތުމުން އޭނައަށް އީމާ ގޮވައިގެން އިރުއޮއްސެން ވާ އިރަށް ރަށަށް ނާދެވުނީއެވެ. އޭނަ މަންމައަށް މެސެޖްކޮށްފައި އެކަމާއި މާފަށް އެދުނެވެ. އަދި މަންމައާއި ވާހަކައެއް ދައްކާލަން ބޭނުންކަމަށް ބުނެލިއެވެ.

"އެމީ ނިދީތަ؟ ޒިއާ، މާލަހުން ކީއްވެ ތިއައީ؟ މަންމަ ކައިރިން ކޮންއެއްޗެއް އޮޅުން ފިލުވަން ދަރިފުޅު ތި އުޅެނީ....." ވަރުޖިނާ ހުއްޓުނީ ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެންނެވެ.
"މަންމާ، މިއަދު އަޅުގަނޑާއި ދިމާވި އުފަން މަންމަ ޒުލްމާއާއި...."ޒިއާމްގެ އެ ޖުމްލައިން ހީވީ ވަރުޖިނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. އޭނަ ސިއްސައިގެން ދިޔައެވެ.
"މަންމަ ބުނީމެއްނު އެމީހާއާއި ބައްދަލުކޮށްގެން ނުވާނެއޭ، ގުޅުމެއް ނުވާނެއޭ، އެހެންނޫނަސް އޭނަ މިހުރިހާ ދުވަހުވެސް ޒިއާއާއި ބައްދަލުކުރީއެއްނޫން، އޭނަ ކީކޭ ކިޔައިގެން އުޅެނީ......" ވަރުޖިނާ ގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވެ އަނދަންފެށިއެވެ. މޫނުރަތްވާން ފެށިއެވެ.
"މަންމާ، އެ ވެ ދިން އިހުސާންތެރިކަމުގެ ބަދަލުގައި މަންމަމެން ޖެހޭނެއްނު ކޮންމެވެސް އެހީއެއް ވެދޭން، އަޅުގަނޑު އިންވައިޓް ކުރިން މިގެއަށް އަންނާން....." ޒިއާމް ފުން ނޭވަޔެއް ދޫކޮށްލިއެވެ.
"އައި ވިލް ނޮޓް އެލާވް ހާރ އިން މައި ހޯމް، ޒިއާއަށް އޭނަގެ ނުބައި ނުލަފާކަން ނޭގެނީ، އެއީ ހުރިގޮތަށްހުރި....." ވަރުޖިނާ ދަތްތަކަށް ބާރުލިއެވެ. އޭނަގެ ދަރިފުޅަށް އެ އަންހެނާ ސިހުރު ހަދާ ނިންމާލައިފިއެވެ. އަރައިގަތް ރުޅީގައި އިތުރަށް ޒިއާމްއާއި ވާހަކަދައްކަން ނަހަދާ ވަރުޖިނާ ސިޑިން ފައިބައިގެން ދިޔަތަން ބަލަން ހުރެފައި ޒިއާމް ކަންބޮޑުވެގެން މަންމަގެ ފަހަތުން ދިޔައެވެ. މަންމަގެ ފަހަތުން އެކޮޓަރިއަށްވެސް ވަނެވެ. އަދިވެސް މަންމައާއި ބައްޕަ ނިދަނީ ދެ ތާގައިކަން މިރޭ ޒިއާމްއަށް ޔަގީންވެ ދެރަވެސްވިއެވެ. މައިންބަފައިންގެ ދުރުކަމުން ދަރިންނަށް އަސަރުކުރާނެވަރު ނޭގެނީ ހެއްޔެވެ؟ މައްސަލަ ޖެހުނިއްޔާ ހައްލުވެސް ހޯދޭނެއެވެ. ރުޅިއައުމުން ދެމަފިރިން ދެތާ ނިދިޔަސް ކަންތަކެއް އަމިއްލައަކަށް ހައްލެއްނުވާނެއެވެ. އެދެމަފިރިން ދެބަސްވިޔަސް ކުދިންނަށް އެކަން ނުދައްކަން މަސައްކަތްކުރެއެވެ. ކާގަޑީގައި ހިނިތުންވެގެން ތިބެ ވާހަކަވެސް ދައްކައެވެ.

"ޒިއާ، އެންމެންވެގެން ތިއުޅެނީ މަންމަ އެކަހެރިކޮށްލަންތަ؟ "ވަރުޖިނާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ.
"އެހެނެއްނޫން މަންމާ، ކުރިންވެސް އަޅުގަނޑު ބުނިން މަންމަވާނީ މަންމައަށޭ، އަޅުގަނޑު ނޫޅެމޭ މަންމަ ދޫކޮށްލާފައި ދުރަށް ދާކަށް، އެކަމަކު މަންމަ މިރޭ އެންމެ ވާހަކައެއް ބުނެދީފާނަންތަ؟ ޒުލްމާ މަންމަ ބުނިގޮތުން އޭނަ އަޅުގަނޑަށް ފީޑްކުރި............" ޒިއާމްއަށް އޭނަގެ މަންމަގެ ހާލަތު އެނގި ދެރަވިއެވެ. މަންމަގެ ނަފްސާނީ މައްސަލައާއި ރުޅިގަދަކަމަށް ކޮންމެވެސް ކަހަލަ ފަރުވާއެއް ނުހޯދަންޏާ މަންމަގެ ރުޅި ފިނިވާނެގޮތެއް ނުވާނެއެވެ.

"އޭނައުޅެނީ ޝާހީކުއްޖެއް ފެނުނީމަ ތިމާގެ ދަރިއަކަށް ހަދަން ނިކަން ފޯރިއަރައިގެން ދޯ، ބަލަ އެ އަންހެނާއަށް ނޭގޭތަ އެތައް ލައްކަ ރުފިޔާދީފައިކަން އަހަރެމެން އޭނަލައްވާ ޒިއާ ކެރީ ކުރުވީ؟ ހިލޭކޮށްދިން ކަމެއްތަ؟ އަޖައިބެއް ކަހަލަ އަންހެނެއް، ތި މީހަކު މަގޭ ކުރިމައްޗަށް ގެނޭ، އޭނަ ޒިއާ ގާތު އޭރުން ލަދުން ހުންނަތަން ދެކެން މަ ބޭނުން، ޒިއާ، މިބުނަނީ އެއީ ޒިއާގެ މަންމައަށް ވާނެ އެއްވެސް ގޮތެއްނެތޭ......" ވަރުޖިނާ ހަޅޭއްލަވަ ލަވާފައި އެންމެފަހުން ރޮއިވެސް ހެދިއެވެ. ޒިއާމް އެތަނުން ނުކުމެގެން އައީ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލުތަކަށް ޖަވާބު ނުލިބިފައި ހުރެއެވެ.

ޖެހިގެން އައިދުވަހު ވަރުޖިނާ އާދައިގެ މަތިން އޭނަގެ ކޮއްކޮމެންނާއިއެކު ކޮޓަރީގައި ވާހަކަދައްކަން އިންއިރު ދުވާލުގެ ތާވަލްއާއި ޚަބަރުތައް ކިޔާދެމުން ދިޔައެވެ. އެކި ސިއްރުތައް ކިޔަމުންގޮސް ޒުލްމާގެ ވާހަކަދެއްކިއެވެ. ޒިއާމްއަށް ޒުލްމާ ކިރުދީފައި ހުއްޓަސް އޭނަ ޒިއާމް ގާތުގައި އޮޅުވާލިކަމަށާއި އޭނައަށްވެގެން އެއާއިލާއާއި ޒިއާމް ގުޅުނަ ނުދޭނެކަމަށް ބުނެލިއެވެ. ވަރުޖިނާއަށް ނޭގުނީ އެކޮޓަރީގައި ދަމާފައިވާ ބޯ ފަރުދާގެ ފަހަތުގައި ހުރެގެން ރައަދު އެ ވާހަކަތައް ރެކޯޑްކުރިކަމެވެ. މަންމަމެން މިކުރާ ޖަލްސާތަކުގައި ސިއްރު ވާހަކަތައް ދައްކާހެން ހީވާތީ އޭނަ ހުންނަނީ ފިލާ ހުރެގެން އަޑުއަހަން ނިންމައިގެންނެވެ. މިވަރުގެ ސިއްރެއް ބޭޒާރުވީ ދެވަނަ ފަހަރަށެވެ. މަންމަމެން އެތަނުން ނުކުތުމާއިއެކު ރައަދު އެތަނުން ނުކުމެގެން ދުވަމުން ފުމެމުންގޮސް ޒިއާމްއާއި ދިމާކުރިއެވެ.

"ޗޮކްލެޓެއް ދިނީމަ ސިކްރެޓެއް ބުނާނަން....." ރައަދު ފޯނު ދިއްކޮށްލިއެވެ.
"ވަޓް އިޒް އިޓް......" ޒިއާމް ލޮލަށް ގޮތެއް ހަދާލިއެވެ.
"އަހަންނަށް އެނގޭ ޒިއާގެ އަތުން އެއްޗެއް އަތުލުން ފަސޭހަ ނުވާނެކަން، ފޮނި ފިރިހެނެއް، އެއްޗެއް ނުދިނަސް ހެވޭދެން، މީތި އަޑުއަހާބަލަ......" ރައަދު ފޯނު ޒިއާމްއަތަށް ދިނެވެ. ޒިއާމް އަށް އެއީ އާ ޚަބަރެއްނޫނެވެ. ނަމަވެސް މަންމަ އޮޅުވާލިކަން ޔަގީންވީއެވެ. ޒިއާމް ރުޅިގަދަވި ނަމަވެސް ރައަދު ހުއްޓާ އެކަމެއް ނުދައްކައެވެ. އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. މަންމަ ހުރިހާ ދަރިންނަށް އޮޅުވާލާ ދޮގުހެދުމަކީ ވަރަށް ދެރަކަމެކެވެ. ހަގީގަތް އޮޅުވަން ހަދައިގެން ކޮންމެފަދަ ދެރަގޮތެއްވެސް ވެދާނެއެވެ. ނަމަވެސް އެކަން ވިސްނާނީ ކިތައް މީހުން ހެއްޔެވެ؟ ރާއްޖޭގައިވެސް ނަސްލު އޮޅުވުން ވަނީ އާއްމު ކަމަކަށްވެފައެވެ.

އަޒީޒުއްދީންގެ އެދިލެއްވުމުގެ ގޮތުން ކަޔާން ފުރަތަމަ ދުވަހު މަސައްކަތަށް ނުކުމެފައިވެސް ލައިޝާ މަތިން ހަނދާންވާން ފެށީ މާބޮޑަށެވެ. ލައިޝާއާއި ނުލައި އެ ކެބިންގައި ދިރުމެއްނެތް ފަދައެވެ. އެހެން ޕީއޭއަކާއި އެކު މަސައްކަތްކުރަން ދުވަހަކު އޭނަ ހޭނިދާނެ ހެއްޔެވެ؟ އެއީ ފަސޭހަކަމަކަށް ނުވާނެކަން ކަޔާންއަށް އެނގުނެވެ. އެހެނޭ ކިޔާފައި ލައިޝާ ލައްވާ މަސައްކަތެއް ކުރުވަން ކަޔާން ބޭނުމެއްނޫނެވެ. އޭނަގެ ބަސްނާހާ ހިތަށް ޖެހޭނީ ވިސްނާދޭށެވެ. މަސައްކަތް ނިންމާލާފައި ދަމުން އޭނަ މާ ފިހާރައަކަށްވަދެ ތާޒާ ފިނިފެންމާ ބުކޭއެއް ހެއްދިއެވެ. ކޮޓަރިއަށް ވަންއިރު އާދައިގެ މަތިން ލައިޝާ ހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. އެކި މަސައްކަތުގައި އަވަދިނެތި އުޅެމުންވެސް ފިރިމީހާ އަންނަންވާއިރަށް ރީތިވެ ސެންޓު ޖަހައިގެން އިންތިޒާރުގައި ހުރުމުގެ އާދަ ލައިޝާގެ ގައިގައި ހިފާލާފައިވެއެވެ.

"ހައި ބިއުޓިފުލް...." ކަޔާން ގެ ފަހަތުންގޮސް އެ ބާރުގަދަ އަތުގެ ތެރޭގައި ބައްދާލީ ގުޑިވެސް ނުލެވޭފަދަ ގޮތަކަށެވެ.
"ތެންކިއު ލަވް، ހާދަ ރީއްޗޭ މި މާކޮޅު...." ލައިޝާ އެ މާތައް މޫނުގައި ޖައްސާލައިގެން ހުރިއިރު މޫނަށް އެ މަލުގެ ހިޔަނިއެޅިފައިވާހެން ހީވިއެވެ. ކަޔާންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އޯގާތެރިކަމަށްޓަކާ ހިތް ފިދާވާވަރުވެއެވެ. ކަޔާން އިރުކޮޅެއްފަހުން ފާޚާނާއަށް ވަނުމުން ލައިޝާ އެ މާތައް މޭޒުމަތީގައި ހުރި ވާސްގައި އަތުރަން ހުރިއިރު މަޑުރާގަކަށް ލަވައެއް ކިޔަމުން ދިޔައެވެ. އުފާވެރި ރާގެއް ނޫނީ މިހާރު އަޅުވާލެވޭ ކަމަކަށް ނުވެއެވެ. ވަރުޖިނާ ދޮރުމަތީގައި އެ މަންޒަރު ބަލަން ހުރެފައި ހިތްދަތިކަމާއި އެކުގައި މޫނު އަނބުރާލައިފިއެވެ. އޭނަގެ ކަޔާންއަށް މި އަންހެނާ ހަދާލި ސިހުރަކުން ދެން އަލުން ވަކިކުރުވާނެ ގޮތެއް ނެތްކަން ޔަގީންވެއްޖެއެވެ. ނަމަވެސް އަދި އެންމެ ފަހަރަކު މަސައްކަތްކޮށްލަން ވާނެއެވެ.

ޒުލްމާ އާއި ސަލްމާ މަސް ފިހުމުގެ މަސައްކަތުގައި ވަލުތެރޭގައި އުޅެނިކޮށް ވަރުޖިނާ އެތަނަށް ނުކުތްތަން ފެނިގެން ދެމީހުންނަށް ލިބުނީ ހައިރާންކަމެކެވެ. ވަރުޖިނާގެ ގަދަރުވެރިކަން ލާފައި ހުރި ހެދުމުން އެކަނިވެސް އެނގެއެވެ. ރީތިކަމާއި ޒުވާންކަމަކަށް އެއްވެސް ބަދަލެއްނާދެއެވެ.
"ޒުލްމާއާއި އެކަނި ވާހަކަ ދައްކާލެވޭކަށް ނެތްތަ؟ " ވަރުޖިނާ އަހާލައިފިއެވެ. ސަލްމާ ވަގުތުން އިސްކުރުން އަތްދޮވެލުމަށްފަހު ވަރުޖިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެތަނުން ދާން ހިނގައިގަތެވެ.

"ޒުލްމާ، މަގޭ ދަރިފުޅު ގާތުގައި ފާޑުފާޑު ވާހަކަދައްކައިގެން އޭނަ ހައްލާލަން އުޅެނީ ކީއްވެތަ؟ އަހަރެމެން ދިން ފައިސާ މަދުވީތަ؟ ނޫނީ މަގޭ ކޮއްކޮ މަރާލާފައި ނުފުދުނީތަ؟ އިންސާނެއް ވިއްޔާ ލަދުގެ ކަންފުޅެއްވެސް ހުންނަންވާނެ، އަހަރެންގެ އާއިލާ އާއި ދޭތެރޭގައި ކަންތައް ކުރިގޮތް ހަނދާންނައްތާލާފައި އަދި މަގޭ ކުދިންނަށް ސިހުރު ހަދައިގެން އަހަންނާއި ވަކިކުރުވަން އުޅުނަސް އެކަމެއް ނުވާނެ...." ވަރުޖިނާ ހުރީ ރުޅިއައިސްގެން ފަޅައިގެންދާވަރުވެފައެވެ.
"ވަރުޖިނާ، އަހަރެން މިހިރީ މާޒީ ހަނދާން ނައްތާލަން، އަހަރެން ބޭނުންވިނަމަ ޒިއާމް ގާތު ވަރަށް ގިނަ ވާހަކަތައް ދެއްކިދާނެ، ނަމަވެސް އަހަރެން މިހިރީ ކަޔާންމެންނަށް ޓަކައި ތިބުނާ ކޮއްކޮ އައިމާންގެ ވާހަކަވެސް ނުދައްކަން ނިންމައިގެން، އެހެންނޫންނަމަ އައިމާންއާއި ވަރުޖިނާ އަހަންނަށް ކުރި އަނިޔާތައް މުޅި ހަށިގަނޑުގައި އަދިވެސް މިހިރީ، އެލަކުނުތައް އެބަހުރި، ސިކުނޑިއާއި ހިތުގައި ލި ޒަޚަމްތައް ދުވަހަކު ރަގަޅުވާނެކަމެއް ނޭގޭ، ނަމަވެސް ދަރިންގެ އުފަލަށްޓަކާ އަހަރެން ނިންމީ މިއަދު އެހުރިހާ ކަމެއް ހަނދާން ނައްތާލަން، އަހަންނަށް ޒިއާމްއަކީ މަގޭ ދަރިފުޅުކަން އެނގުނު ވަގުތުން ފެށިގެން އަހަރެން މިހިރީ ވަރުޖިނާއަށްވެސް މާފުކޮށްފައި، އައިމާންއަށްވެސް، މާފުދިނުމަކީ ރީތި ސިފައަކަށްވާތީ، އަހަރެންގެ ބޭބެއެއް ނޫން އައިމާން މަރާލީ، އައިމާން މަރުވި ރޭ ބޭބެ އިނީ އަހަރެމެން ގާތު ޓީވީބަލަން، އެކަމަކު ނުފޫޒުގެ ބޭނުންކޮށްގެން ބޭބެ ޖަލަށް ލީ، އެކަން ޔަގީންވާއިރުވެސް އަހަރެން މިހިރީ މާފުކުރަން، އެކަން ވަރުޖިނާއަށް ވާނެތަ؟ ނޫނީ މުއްސަދިންގެ ގައިގައި އެ ސިފަ ނެތީ ތަ؟" ޒުލްމާ ވާހަކަދެއްކީ މަޑުންނެވެ. މިހިސާބުގައި ދައްކާ ވާހަކައެއް ކާކޮޓަރިއަށް ނީވޭނެކަން ޔަގީނެވެ. ޒުލްމާގެ އެއިން ކޮންމެ ލަފުޒެއް ވަރުޖިނާއަށް އިވުނީ މަލާމާތުގެ ބަސްތަކެއްގެ ގޮތުގައެވެ. އެބަސްތައް ވިހަގަދަ ޒަހަރަށްވެގެން ހިތް ކަޅިކުރަންފެށިއެވެ.

"ވަރުޖިނާ ވިސްނާލަބަލަ، ކަޔާންގެ ބަދަލުގައި ޒިއާމް ލައިޝާއާއި ކައިވެނި ކުރިނަމަ ފާފަވެރިވާނީ ކޮންބަޔެއްތަ؟ ހަމަ ވަރުޖިނާ، ދުނިޔެއަށް އޮޅުވާލަން މަސައްކަތްކުރިޔަސް ހެއްދެވި ފަރާތެއް ވާ ކަން ހަނދާން ނައްތާ ނުލާ، ދަރިންގެ ނަސްލު އޮޅުވާލާ އަންހެނަކަށް އަޒާބު ލިބޭނެވަރު ނޭގޭތަ؟ އަހަރެން ބަލާ ބޮޑުކުރި ކުއްޖެއް ކީވާއަކީ، އޭނަގެ އުފަންދުވަހުގެ ސެޓްފިކެޓްވެސް އަހަރެންގެ އަތުގައި އެބައޮތް، އޭނަގެ މަންމައާއި ބައްޕަ އޭނަ ނުބަލަންވެގެން ކުޑަކުދިންގެ ހިޔާއަށް ދޫކޮށްލިޔަސް އެހުރިހާ ވަނަވަރެއް އަހަންނަށް އެނގޭ، އެކުއްޖާގެ ބައްޕަ އޮތީ ކޮންތާކުކަންވެސް އެނގޭ، އޭނަގެ މަންމަގެ ހުރިހާ މައުލޫމާތެއްވެސް އެނގޭ، މަންމަގެ ނަމާއި އާއިލާވެސް ކީވާއަށް އަހަރެންވާނީ ކިޔާދީފައި، ކީވާގެ ހުރި އެންމެ ބޭބެ ވަނީ ދުނިޔެ ދޫކޮށްފައި، ކީވާ މީހަކާއި އިނަސް އިންނާނީ އޭނަގެ ބޭބެއަކާ ނޫން، އަހަރެމެން ދަރިން ބަލާއިރު އެކުދިންގެ ހަގީގަތް އޮޅުވައެއް ނުލާނަން، ވަރުޖިނާމެންވެސް ވެއްޖެ ތިކަންތައް އިސްލާހުކުރަން...." ޒުލްމާގެ ވާހަކަ ހުރިގޮތުން ވަރުޖިނާގެ ރުޅިފިނިވާން އުޅުނެވެ.

"ޒުލްމާ ތިބުނީ ރަގަޅު ވާހަކައެއް، މާފުކުރުމަކީ އެންމެ ރަގަޅުކަމެއް، ތިކަމާ އަހަރެން ވިސްނާނަން...." ވަރުޖިނާ އިސްޖަހާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
"ވަރުޖިނާ، އަހަރެން ދެރަވަނީ އެންމެ ކަމަކާ، އަދިވެސް އެ އަޑު ކަންފަތުގައި ހަރުލާފައި އެބަހުރި، އަހަރެން މިވާހަކަ ދައްކަން ހިތަށް އެރިޔަސް ލޮލަށް ކަރުނަ އާދޭ........." ޒުލްމާގެ ޖުމްލަތަކުން ވަރުޖިނާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޒުލްމާ ބުނަން މިއުޅެނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ އޭނައަށް ނޭގޭ އިތުރު ކަމެއް ޒުލްމާއަށް އެނގިފައިވަނީ ހެއްޔެވެ؟

ކޮމެންޓް 0