"މަށަށް ހީވަނީ އެންމެ ފަހުން ކިވީގެ ސިންގަރ އާއި ދިމާވާން އުޅެނީހެން، އައިދަންގެ ޕިއާނޯ އާއ ގިޓާ ފެނުނީމަ އިމޭޖިން ކޮށްލެވުނީ ދެލޯމަރާލައިގެން އޭނަ ކިވީއަށް ލަވައެއް ކިޔާދޭން އިން މަންޒަރު، ޖަސްޓިން އާއި ސަލްމާދައްތަ ވައްތަރެއްނޫންތަ؟ " ކައިރާ ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ދިޔައިރު ހަށިގަނޑު ސީދާކަމުންނާއި ރީތިކަމުން މަގުންދާ މީހުންގެ ނަޒަރު ހުއްޓޭހާވެއެވެ.

"އަހަންނަށް ޖަސްޓިން ބީބަރ ރީއްޗެއްނޫނޭ ކިތައްފަހަރު ކައި ގާތު ބުނާނީ، ތިކުއްޖާ އަޑު ނާހާނެ........." ކީވާ ކުޑަކޮށް ދެލޯ އަޅައިލުމުން ކައިރާއަށް ހީގަނެވުނެވެ. ކީވާ ކަމަކަށް ނުވާ ކަމަކާއި ސީރިޔަސްވެ ރުޅި އަތުވެދާނެއެވެ.

ހަގީގަތުގައި ކީވާއަށްއަށް އައިދަން ސިފަކުރެވުނީ ޖަސްޓިން ބީބަރ ގެ ގޮތުގައެއްވެސް ނޫނެވެ. ސަލްމާހެން ދޮންކޮށް ފުށްގުޅައެއް ހެންނެވެ. ދޮންކޮށް ފަލަކޮށް ހުރީމަ ފިރިހެނުން އެހާ ރީތިވާނެ ބާވައެވެ. ނޫނެކެވެ. ސިފަ ރީތި ނުވިޔަސް އޭނަ ބޭނުމީ އޭނަދެކެ ލޯބިވާނެ ތެދުވެރި ބައިވެރިޔެކެވެ. އޯގާތެރި މީހެކެވެ. އަނިޔާ ނުކުރާނެ ޒުވާނެކެވެ. އޮޅިގެންވެސް އޭނަގެ ގަޔަށް ނުރުހުމުގައި އަތްނުލާނެ މީހެކެވެ. އެފަދަ މީހުން އުޅެދާނެބާވައެވެ. ދީންވެރިވެއްޖެއްޔާ އެހުރިހާކަމެއް ރަނގަޅު ވާނެކަމަށް ކީވާ ގަބޫލުކުރެއެވެ. 

ދެކުދިން އެކަހަލަ ކުދި ޒުވާބުތަކާއި އަރައިރުންވަމުން ދަނިކޮށް ކުޑަ ފެންކޯރެއްހެން އޮތްތަނެއް ފެނުނެވެ. ކީވާ މޫނު ހުދުވިއެވެ. އޭނަ އަވަހަށް ކައިރާގެ އަތުގައި ހިފާ ދަމައިގަނެފައި އެތަނާއި ދެފޫޓަށްވެސް ކާރިނުވާން އެންގިއެވެ.

"ކިވީ، ވަޓްސް ރޯންގް ވިތް ޔޫ......" ކައިރާ ކުޑަކޮށް ރުޅިއަންނަ ގޮތްވިއެވެ. ބައެއްފަހަރު ކީވާގެ ފިނޑިކަމުގެ ސަބަބުން ކީވާ އާއި އެކު މަޖާކޮށްލެވޭ ކަމަކަށް ނުވެއެވެ.

"ނަތިން އިޒް ރޯންގް ވިތް މީ، ކައިރާ އަކަށް ފަތާކަށް ނޭގޭ، ތިތަނަށް ވެއްޓިއްޖެއްޔާ ނަގާނީ ކާކުތަ؟ އަހަންނަކަށް ނޭގޭ ފަތާކަށް، އަހަރެންގެ ނޫނޭ މައްސަލަ އުޅެނީ، ވާގޮތަކީ ކައި އެއްގޮތަކަށްވެސް އަމިއްލަ ނަފުސަކަށް ވިސްނައެއް ނުލާނެ. ކައިއަށް ކަމެއްވެއްޖެއްޔާ މަންމަ ދުވަހަކު އަހަންނަށް ފޮގިވްއެއް ނުކުރާނެ. އުމުރު ދުވަހުވެސް އެކަމާއި ގިލްޓީވެފައި އަހަރެން ހުންނަން ޖެހޭނީ. މަންމަ ބުނި އަހަރެން ފުރިއިރުވެސް ކައި އާއި އަޅާލާށޭ. އެނގިއްޖެތަ؟" ކީވާ ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ކައިރާގެ އަތަށް ތަދުވާގޮތްވިއެވެ. އެހެންނޫނަސް ކީވާ ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެ ހެންނެވެ. އާދައިގެ މަތިން ކައިރާ އެންމެ ފަހުން އެކަން މައްސަލަ އަކަށް ނަހަދާ ކީވާގެ ބަސް ގަބޫލުކޮށްގެން އެދިމާލުން ދުރަށް ދާން ހިނގައިގެންފިއެވެ.

ގެއާއި ހިސާބަށް ދެވުނުއިރު އިރުއޮއްސި އުޑުމަތި ރަތާއި ވައިލެޓުން ޕެއިންޓްވާން ފަށައިފިއެވެ. ކުޅަދާނަ ކުރެހުންތެރި އަކަށްވެސް އެ ރީތި ކަމާއި ވާދަނުކުރެވޭހާ ފުރިހަމައަށް އުޑުމަތީގައި ރަތްވިލާ ލަމުންގޮސް އިރުގެ އެންމެ ފަހު ދޯދިތައް ފޮހެވިގެން ދިޔުމާއިއެކުހެން އުޑުމަތީގައި ފިލާތިބި ތަރިތައް ނިކުމެ ފިޔަޖަހަން ފަށައިފިއެވެ. ކަޅު ސާލެއްގައި އުކާލެވިފައިވާ ހުދު ޖަވާހިރުތަކެއް ފަދައިން އުޑުމަތި ޒީނަތްތެރި ކޮށްލި ގޮތަކުން އާޝޯޚުވާވަރުވެއެވެ. ރޭގަނޑަށް އަލިގަދަ ސިޓީތަކުގެ ބަދަލުގައި މިފަދަ ރަށްތަކުގައި ތިބުމުން ގުދުރަތުގެ ފުރިހަމަކަން މާ ފުރިހަމަޔަށް ބަލައިލުމުގެ ނަސީބު ލިބެއެވެ. އެއިން ކޮންމެ މަންޒަރަކުން ކައިރާގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބެއެވެ.

މަގުތައް ފުދޭވަރަކަށް އަނދިރިވެފައި ބައްތިތައް މަދުކަމުން ކީވާހުރީ ބިރުގެންފައެވެ. ވިއްސާރައެއްކޮށް އަލިކޮށްލިނަމަވެސް އަދި މަގުމަތީގެ ބައެއް ދިމާލުގައި ކުދި ފެންގަނޑުތައް ހެދިފައިވާތީ ހިނގަން ޖެހެނީ ބަލައިގެންނެވެ.

ސަލްމާ ހިތްހަމަނުޖެހިފައި ހުރެދާނެތީވެސް ކީވާ ހުރީ ކަންބޮޑުވާގޮތްވެފައެވެ. މިއަދު ބޭރަށް މިއައީ އޭނަގެ ޚިޔާލަކަށް ނޫނެވެ. ކައިރާ ނިންމިގޮތެކެވެ. މާ ގިނައިރުވާންދެން ބޭރުގައި އުޅެފައި ގެއަށް ވަނީމަ ސަލްމާގެ ފަރާތުން ލިބޭނެ އަދަބަކާއިމެދު ވިސްނީ ކީވާއެވެ. ދެކުދިން ގެ ހުންނަ މަގަށް އެރިއެވެ. ގޯޅި ކަންމަތީގައި ހުންނަނީ ތަންކޮޅެއް ކުޑަކޮށް ހަދާފައި ހުރި ޒަމާނީ ގެއެކެވެ. އެގޭގައި އުޅެނީ ކޮންބަޔެއް ބާވައޭ ކައިރާގެ ހިތަށް އެރިއެވެ. އެގެއާއި އެވަރޓަން ހުންނަނީ އެއް ގޯތްޗެއްގައިކަން ކައިރާ ދަނެއެވެ. އެވަރޓަންގެ ވަލުފަރާތުން ވަދެގެން ޖެހިގެން ހުންނަ ކުޑަގެއަށް ދެވިދާނެއެވެ. އެދޭތެރޭގައި ހުރަކަށް އޮންނަނީ އޮޅުގަނޑަކާއި ގަސްތަކެވެ. އެވަރޓަންގެ ކުރިމަތީގައި އޮތީވެސް ފަޅު ގޯތްޗެކެވެ. އެ ދިމާލުގައި ހެދިފައިވާ ތިރި ވިނަގަނޑެއްފަދަ ގަސްތަކުގައި އޮރެންޖް، ރީދޫ އަދި ވައިލެޓް މާތަކެއް ފޮޅިފައިވާއިރު ބަގީޗާ ގަސްތަކަށް ދޫނުކުރެއެވެ. ނަމަވެސް އެއީ މީރުވަހެއް ނުހުންނަ ޖަންގަލީ މާ ތަކެވެ. އެފަދަ މާތައް ގޭގެ ބަގީޗާގައި ހައްދަން މީހުން ޝައުގުވެރި ނުވަނީ ކީއްވެބާވައެވެ. ކައިރާއަށް އެ މާތައް ހާދަ ރީއްޗެވެ. 

"އައިސްކްރީމް ޕާލާރ އަށް ވަދެ އައިސް ކޯނެއް ކާލަމާ.....އައިމް ހަންގްރީ..." ކައިރާ ލައިގެން ހުރި ރަތްކުލައިގެ ޓޮޕްކޮޅު ކުޑަކޮށް ހިއްލާލާފައި ބަނޑުގައި އަތް ހާކާލިއެވެ. 

"ނޫން، ނޫން، ތި ޚިޔާލު ދޫކޮށްލާފައި ގެއަށް އަންނަންވީ، ސަލްމާދައްތަ ހުންނާނީ ލަސްވެފައި......." ކީވާ ވަގުތުން ދެކޮޅުހެދިއެވެ. އޭރު ކައިރާގޮސް އައިސްކްރީމް ޕާލާރގެ ދޮރާއި އަރާހަމަވެއްޖެއެވެ. "ޕިންކް ބެރީ" ބޯޑު ފިޔާތޮށްޓާއި ނޫކުލަ އަކުން ދިއްލިފައިވާއިރު އެނަމުގެ ސަބަބުންވެސް މީހުން އެތަނަށް ޒިޔާރާތްކުރާ ހިތްވާނެއެވެ. އެހެންނޫނަސް ސަލްމާގެ ދަރިއެއްކަމަށްވާ ޒުބްދާ އަކީ މުއްސަދިކުއްޖަކަށް ނުވާނަމަ މިހާ ފެންވަރު ރަގަޅަށް ބޯޑު އެއްޗެހިވެސް ހަދައި ނުލެވޭނެތާއޭ ކައިރާގެ ހިތަށް އެރިއެވެ. ކީވާ އޭނައާއިއެކު އަންނަން ފަސްޖެހުމުން ކައިރާ ތުންކޮޅު އޫކޮށްލައިގެންހުރެ ކީވާގެ ފަހަތުން އައެވެ. ކީވާ ބުނީ އެހެންނޫނަސް ވާރޭވެހޭއިރު ފިނި އެއްޗެހި ކެއުމުން ޓޮންސިލް ދުޅަވެދާނެ ކަމުގައެވެ. ކައިރާގެ ކަރުތެރޭގެ މައްސަލައެއް ހުންނަކަން އޭނަ ހަނދާންކޮށްދިނެވެ.

ކީވާއަށް ހީވީ ރަނގަޅަށެވެ. ސަލްމާ ހުރީ އެކުދިން ގެއަށްއައުން ލަސްވެގެން ރުންކުރުވެފައެވެ. އެހެންނޫނަސް ދެ އަންހެންކުދިން ގެއަށް އައުމުން އަތްގާތްކޮށްލަދީ އޭނައަށް ތަންކޮޅެއް ފަސޭހަވާނެކަމަށް ސަލްމާ ހީކުރިއެވެ. ޚާއްސަކޮށް ޒުލްމާ ބުނެފައިވާގޮތުން ކީވާއަކީ ގެވެހިކަމާއި ސާފުތާހިރުކަމުގެ އިންތިހާއެވެ. ކީވާ އައުމުން ސަލްމާ އެހެން ކަމަކާއި ވިސްނަން ނުޖެހޭނެކަމުގައި ޒުލްމާވަނީ ބުނެފައެވެ. ކުރާހިތުން ކަންތައްކޮށްދޭނެއެވެ. ކައިރާ ތަންކޮޅެއް ކަންނެތްވިޔަސް އަދި މީހަކާއި އިނީމަ ކަންތައް ކުރާނެކަމަށް ސަލްމާބުނީ ކުޑަކޮށް ޖެހިލުންވެލާފައި ހުރެއެވެ. ސަލްމާއަށް އޭގެ ސަބަބެއް އޭރު ވިސްނައިގަންނާކަށް ނޭގުނެވެ. ސަލްމާ ޔަގީންކުރީ ކައިރާއަކީ ހުރިގޮތަށް ހުރި ފުރިހަމަ އަންހެންކުއްޖެއް ކަމުގައެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ ބަދިގެއަށް ވަދެލާކަށް އެއިންކުއްޖެއްގެ ހިތަށް އެރިކަމެއް ނޭގެއެވެ. ކާން ހެދީމަ ކައިގެން މެހުމާނުން ގޮތަށް އުޅެން ފެށުމުން ސަލްމާ ހިތާހިތުން އެނދިޔަސް ރުޅި ހިންދައިލީ އެކުވެރިކަމުގެ ހައްގުގައެވެ.

ޒުލްމާއާއި ސަލްމާގެ އޮތް ގާތް ގުޅުމުގެ ސަބަބުން ދެމީހުންވަނީ ކައިރާ އުފަންވުމާއިއެކު ކަމަކަށް އެއްބަސްވެފައެވެ. ސަލްމާ ޒުލްމާ ލައްވާ ވައުދުކުރުވީ އޭނަގެ ފިރިހެންދަރިފުޅު އައިދަން އާއި ރީތި ބުދެއްފަދަ ކައިރާގެ ކައިވެނިކުރުވާށެވެ. ޒުލްމާ އެ ވައުދުވީ ހިތުން ރުހުމުންނެވެ. ޒުވާން އިރު އެކީގައި އަމީނިއްޔާ ސްކޫލްގައި ކިޔަވާ މީހުންގެ އަނބިންނަށް ވުމަށްފަހުގައިވެސް ދެއެކުވެރިން އުޅުނީ ގާތްކޮށެވެ. ނަމަވެސް ދަރިން ލިބެން ފެށުމުންނާއި އެކު ސަލްމާ ރަށަށް ބަދަލުވުމުން އެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވިއެވެ. ނަމަވެސް ދޭތެރެއަކުން ޚަބަރު ބަލައިލާ އެކަކު އަނެކަކަށް ފޯނުކޯލެއް ކޮށްލާ ގާތްކަން ބާއްވައެވެ. ނަމަވެސް މިހާރު އަނެއްކާ ޒުލްމާއަށް ދިމާވި ހާލަތެއްގެ ސަބަބުން ކުދިންކޮޅު ސަލްމާ ގާތަށް ފޮނުވައިލިއިރު ސަލްމާވަނީ ޒުލްމާއަށް އޭނަ ގާތު ވީ ވައުދު ހަދާންކޮށްލަދީފައެވެ.

"ކައިރާއަކީ ސަލްމާގެ ދަރިއެއް، އެހެރީ ހިބައިން ދީފައޭ، ބޭނުންވީއިރަކުން ތިކަން ނިންމާލާފައި ތިގެއަށް ގެންދަންވީ، އަހަރެން ގެ އެއްވެސް އިއުތިރާޒެއްނެތް، އެކަމަކު އެރެންޖެ މެރިޖަށްވުރެ ބޮޑަށް ރަގަޅުވާނީ ދެކުދިން އެކީގައި އުޅެ އެކަކު އަނެކަކަށް ދަސްކޮށް ރުހިގެން ކައިވެންޏާއި ހިސާބަށް ދިޔުންކަން ނޭގޭ، ކައިރާ އެހާވަރުން ފިރިހެންކުދިންނާއިގެން އުޅޭ ކުއްޖެއްނޫން، އޭނަގެހިތް ވަނީ ހުހަށް، އެހެންވީމަ ސަލްމާ ކުޑަ މަސައްކަތެއް ކޮށްލަނިކޮށް އެކަން ވެދާނެ......." ޒުލްމާ ހުއްދަދިނުމުން ސަލްމާ ހުރީ އެކައިވެނި އަވަސްކުރަން ނިންމައިގެންނެވެ.

ރޭގަނޑަށް ސަލްމާ ހުރީ ރޮށި ފިހެ، ބަށިރިހަ ހިކިކޮށް ހަދާފައެވެ. ދެކުދިން ގާތުގައި ކާން އަންނާށޭ ބުނުމުން ކިޔަމަންތެރި ކަމާއި އެކުގައި ދެކުދިންގޮސް ކާކޮޓަރީގައި ހުންނަ ދިގު މޭޒުގައި އިށީންއިރު ދައްތައަށް އެހީނުވެ ދެވުނީތީ ކީވާ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އެކުދިންނަކީ ގެއަށް ދުވަސްކޮޅަކަށް އައި މެހުމާނުންނެއް ނޫނެވެ. މަންމަގެ ހާލަތު ހުރިގޮތުން މަންމައާއިއެކު އެކުދިން ގެންގުޅެވެން ނެތިގެން ރައްކާތެރި ތަނަކަށް ފޮނުވީއެވެ. ސަލްމާގެ އިހުސާންތެރިކަމުގެ ބަދަލު އެކުދިންވެސް ދޭންވާނެކަމަށް ކީވާގެ ހިތްވެސް ބުނެދިނެވެ. ގޭގައި ގެންގުޅޭނެ މީހަކު ނެތްއިރު ކައްކައި ހަދާއިރު ސަލްމާ ދައްތައާއި އެހީވާން ޖެހޭނެއެވެ. އެކަމަކު ކައިރާ ހުންނަނީ އެކަމާއި ސީދާ ދެކޮޅަށެވެ. ކައިރާ ބުނާގޮތުން ކިޔަވާ ވަޒީފާ އަދާކުރަން އުޅޭއިރު ގޭގެ ކަންތައް ކުރާނެ ވަގުތެއް އެކުދިންނަކަށް ނުވާނެއެވެ. ފޯރާ އެހެންމީހުންފަދައިން ސަލްމާ ބަންގާޅީއެއް ނަމަވެސް ގެއަށް ގެންނަންވީއެވެ. އެމީހުންނަށް ލިބޭ މުސާރައިން އެމީހަކަށް ކޮންމެވެސް ވަރަކަށް ދެވިދާނެއެވެ. ހަގީގަތަކީ ކައިރާ އެއްގޮތަކަށްވެސް ބަދިގޭގެ މަސައްކަތް ކުރާހިތް ނުވުމެވެ. އެ އުމުރުގެ އަންހެންކުދިން ފަދައިން ކައިރާ އުޅޭހިތްވަނީ ރީތި ހެދުންލައިގެން އަރާމުގައެވެ. 

ކާކޮޓަރިތެރެ ފުދޭވަރަކަށް އަރާމެވެ. ސީލިންގައި ހަރުކޮށްފައިވާ ރީތި ޑިޒައިނެއްގެ ކުޑަ ބޮއްކެއްގެ އަލިން ކޮޓަރިތެރެއަށް މަޑު އޮރެންޖްކުލައިގެ އައްޔެއް ދީފައިވެއެވެ. ކާކޮޓަރީގައި ހުންނަ ފްރިޖްމަތީގައި ބިއްލޫރި ވާސްއެއްގައި ހުރީ ބޮޑެތި ލައިލަކް މާތަކެވެ. ފާރުގައި އެކުލައިގެ ދަވާދު ލާފައިވާއިރު ލޮލަށް ފިނިކަން ގެނެސްދެއެވެ. ބިއްތަކުގައިވަނީ ކުރެހުންތެރިއަކު ޕެއިންޓްކޮށްފައިވާ ތަސްވީރުތަކެވެ. ކޮންމެ ތަނަކުން ފެންނަނީ ގޭގެ ވެރިންގެ ހުނަރާއި، ފާޑުވެރިކަމެވެ. ތިންމީހުން އެކީގައި ތިބެ ކާން ފެށިތަނާ ޒުބްދާ އެތަނަށް ވަދެލުމުން ސަލްމާ ތަށްޓެއް ކާރިކޮށްލަދީފައި ކާން އިށީނުމަށް އެދުނެވެ. ޒުބްދާ ކައިރާ އާއި ކީވާ މާދަމާ ރެއިން ފެށިގެން އެތަނަށް ޕާޓްޓައިމަށް ނުކުތުމަށް އެދުނެވެ.

"މަންމާ، އައިދަން އަންނަނީ ކޮން އިރަކުންތަ؟ " ޒުބްދާ ގެ އަޑު ކުރަކިވެފައިވާ ގޮތުން ހީވަނީ އަރިދަފުސްއަޅާފައި ހުރިހެންނެވެ. ވާހަކަދައްކަނީ ތަންކޮޅެއް އުދަގޫވެފައިވާ ކަހަލަގޮތަކަށް ގަދަކަމުން އަޑުނެރެގެންހެން ހީވިއެވެ.

"ބުދަ ދުވަހުންނޭ ބުނި. އައިދަން ނެތީމަ މަންމަ ފޫހިވެގެން މަރުވާވަރުވޭ، އެކުއްޖާ ނެތީމަ ގެ މުޅިން ފަޅުވެއްޖެ، ބައްޕަވެސް އަބަދު ކިޔަނީ އައިދަން ގާތު ބުނާށޭ އަވަހަށް އަންނާށޭ........." ސަލްމާ ހިނިއައިސް ހަލާކުވެފައި އިނދެ ކައިރާގެ މޫނަށް ބަލާލިއިރު ކައިރާ އިނީ ބަލާށެވެ. އާދައިގެ މަތިން އެ ރީތި ދެލޮލުގެ ވިދުވަރު ގަދަކަމުން ހީވަނީ ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރާހެންނެވެ. ކައިރާ ފަދަ އުފާވެރި ކުއްޖަކު މިގެއަށް އައުމުން ގޭގެ ދިރުން އިތުރުވާނެއެވެ.

"މަންމާ، އަހަރެން ވާހަކައެއް ބުނަން އެބައޮތޭ، އައިދަންގެ ގެ އެހުންނަނީ ފަޅަށް، އެގެ ކުއްޔަށް ހިފަން މާލޭ މީހަކު ބޭނުންވެގެން އެބައުޅޭ، މިއީ ކިހާ ރަނގަޅު ފުރުސަތެއް، އެގެ އެހެން ފަޅަށް ބެހެއްޓުމަށްވުރެ ކޮންމެވެސް ބަޔަކަށް ކުއްޔަށް ދޫކޮށްފިއްޔާ އައިދަންއަށް ލިބޭ އިންކަމް އިތުރުވާނެ، އެހެންނޫނަސް މާލެއިން އާއްމުކޮށް އަންނާނީ ޑޮކްޓަރުން ނޫނީ ޓީޗަރުން، ނޫނީ ތަނެއްގެ އިސްވެރިއަކަށް ވާނީ، ކޮންމެ ކޮންމެ މީހެއް ކުއްޔަށް ގެ ހިފާކަށް ނޫޅޭނެ، ރަގަޅު މީހެއް ވިއްޔާ ތަން ހަޑިކޮށްފާނެތީ ބިރުގަންނާކަށް ނުޖެހޭނެ......" ޒުބްދާ އުއްމީދުން ފުރިގެންވާގޮތަކަށް އޭނަގެ މަންމަގެ މޫނަށް ބަލާލިއެވެ.

"މަންމަ ކުރާ ކަމަކާއި އައިދަން ދެކޮޅު ނަހަދާނެކަން ޔަގީން، މާލޭ މީހަކަށް ވަންޏާ ބޮޑު އަގެއްގައިވެސް ގެ ދޫކުރެވިދާނެ، އެމީހަކު އަންނަނީ ކޮންދުވަހަކުންތަ؟ ގެ ސާފުކޮށް ހަދާލަން ޒުބްދާ އަށް ވަގުތެއްވީމަ ޖައްސާލަންވީނު......." ސަލްމާ އާއި ޒުބްދާ ފެށި ވާހަކައަކުން ފޫހިވެގެން ހަލާކުވީއިރުވެސް ކައިރާ އިނީ އެ ޓްރޭޑްމާކް ރީތި ހިނިތުންވުން ދައްކާލައިގެން އުފާވެރި މޫޑެއްގައެވެ. ކޮންމެ އުމުރެއްގެ ބަޔަކާއިވެސް ކައިރާ ގުޅިގެން ވާހަކަ ދައްކާނެއެވެ. ކައިރާ ސޯޝަލައިޒް ވިޔަކަސް ކީވާ އޭގެ ދިމާ އިދިކޮޅެވެ. އިސްޖަހާލިގޮތަށް ޒުބްދާއާއި ދިމާލަށް ބަލައިލަން ކެރުނުކަމަކަށްވެސް ނުވިއެވެ. ކީވާއަށް ފަޅި ސިކުންތު ކޮޅަކަށް ބަލައިލެވުނުއިރު އެނގުނީ އެންމެ ކަމެކެވެ. ޒުބްދާ އޭނަގެ މަންމަ ފަދައިން ފަލަވެފައި ދޮންކަމެވެ. 

ކައިރާ ކާން އިނދެފައި މައްޗަށް ބަލައިލެވުނު ވަގުތު ސީލިންގަނޑުގައި ފައި ތަތްކޮށްލައިގެން އޮތް ދޮން ހޯނު ފެނުމުން ވަގުތުން މޭނުބައިކޮށް ކާހިތް ކެނޑުނެވެ. ހޯނު ފެނިއްޖެއްޔާ ކައިރާ ފަކުރުގަންނަ ވަރުން ހަލާކުވާވަރުވެއެވެ. މިގެއިން ހޯނު ތައް ނައްތާލަން އެވަގުތު ކައިރާ ހިތާހިތުން ވައުދުވިއެވެ.

ކައި ނިމިގެން ދެކުދިން އެކީގައި ކޮޓަރިއަށް ވަންގޮތަށް ކައިރާ އެނދަށް ވެއްޓިގަތީ ކަންނެތްގޮތަކަށެވެ. ކޮޓަރި ސާފުކޮށް ތަންމަތި އަޅަންޖެހޭ މީހަކީ އެކަނި ކީވާއެވެ. ދެކުދިން އެކީގައި އުޅެ ބޮޑުވިއިރު އެއީ އަބަދުވެސް ކީވާ ކުރަން ޖެހޭ މަސައްކަތްތެކެވެ. ބައެއްފަހަރު ކީވާއަކީ ކައިރާގެ ޕާސަނަލް އެސިސްޓެންޓްހޭ ކިޔާ ސުވާލުކޮށްލުމުން ކައިރާ ހީގަންނަނީއެވެ.

"ހެދުންވެސް ބަދަލުނުކޮށް ލޭޒީބޯންސް އެނދަށް ވެއްޓިގަތީ، ދުވަސްކޮޅަކުން ހުރިހާ ދަތްތައް ފަނިކައިގެން ދަތްކޮޅު ފައިބާނެ، މިރޭ ބްރަޝްނުކޮށް ނިދަންޏާ މޫނަށް ފެންއަޅާނަން.........." ކީވާ ނިދާހެދުން ހިފައިގެން ފާޚާނާއަށް ވަންނަން ހިނގައިގަތެވެ. އެ އިންޒާރުން ކައިރާ އޮތް ތަނުން ތެދުކުރަން މަޖުބޫރުކުރުވިއެވެ. ކީވާ އެގޮތަށް ކިތަންމެ ފަހަރަކު ކައިރާއަށް ލަނޑު ދީފިއެވެ. ނަމަވެސް މުޅިންވެސް ރަނގަޅު ކަންތައް ކުރުވަން ބާރު އެޅުވުމަށެވެ. މިރަށަށް އައިފަހުން ކީވާ އަމިއްލަ ޚަރަދުގައި މަދިރި ލޯޝަން ފުޅިއެއް ގަނެދީފައި ކައިރާ ގާތުގައި އަބަދު އަތާއި ފައިގާ ލައިގެން ހުންނަން އެންގިއެވެ. ކައިރާއަށް ޑެންގީ ހުން ޖެހިދާނެތީ ކީވާ އެކަމާއިމެދުވެސް ވިސްނަނީއެވެ. ކައިރާއާއި ދުނިޔެއިން އެންމެ އަޅާލާ އަދި ހެޔޮއެދޭ މީހަކީ ކީވާކަމަށް ހީކުރެވޭ ފަހަރު އާދެއެވެ. އެހާވެސް ކީވާ ކައިރާގެ ކޮންމެ ކަމަކާއި ފަރުވާ ބަހައްޓައެވެ. މަންމަވެސް އަޅާނުލާހާ ބޮޑަށެވެ. ކައިރާ ބައެއްފަހަރު ކީވާއާއި ޒުވާބުކޮށް އަރައިރުންވެލިޔަސް އިރުކޮޅަކުން މާފަށް އެދެނީ ކީވާގެ ހިތް ބިއްލޫރިކޮޅެއްހާ ސާފުކަން ކައިރާއަށް އެނގޭތީއެވެ. ދުނިޔެއިން އޭނަދެކެ އެންމެ ލޯބިވާ މީހަކީ ކީވާކަން ޔަގީންކުރެވެއެވެ. އެހެންނޫންނަމަ ކައިރާގެ ކޮންމެ ކަމަކާއި ދެކުދިން މިރޭ ދަތްއުގުޅާލައިގެން ނިދާހެދުން ލައި ތައްޔާރުވެލައިގެން އެނދުގައި އޮށޯތްގޮތަށް އެކި ވާހަކަތަކުގައި ތިއްބެވެ.

"ކައި، އަހަރެމެންގެ ނެއިބަރ އަކަށް އަންނާނީ ކާކުތަ؟ "ކީވާ ކުއްލިއަކަށް ކުރި ސުވާލަކުން ކައިރާގެ ކޯތާފަތުގައިވާ އަޑިކޮޅު ފާޅުވިއެވެ. 

"ކްލައުސް އަންނާނެނަމަ......" ކައިރާ ހޭންފެށިއެވެ.
"އިން ޔޯރ ޑްރީމްސް..." ކީވާ ދޫނެރެލިއެވެ. ނަމަވެސް ބައެއްފަހަރު އެކަހަލަ ކުލަ ރީތި ހުވަފެންތައް ހަގީގަތަކަށް ވާނެނަމައޭވެސް ހިތަށް އަރައެވެ. އޭނަގެ ހަޔާތުގެ ފަޅުކަން ފިލުވައިދޭނެ ބައިވެރިޔަކު ވާނެނަމައޭ އޭނަގެ ހިތަށް އަރާތާ ދުވަސްކޮޅެކެވެ. އެ އުމުރުގެ ހުރިހާ އަންހެންކުދިންގެ ލޯބިވެރިން ތިބޭއިރު އޭނަ އަދި ކައިރާގެ ހިތްވަނީ ހުހަށެވެ. އެހިތުގައި ރަސްކަން ކުރާނެ ޒުވާނުންނަށްޓަކައި ދެ ކުދިން އިންތިޒާރުކުރެއެވެ. ކޮންމެހެން އެއީ ހޮލީވުޑްތަރިން ހާ ރީތި މީހުންނަށް ވާކަށް ނުޖެހެއެވެ. ނަމަވެސް ބައެއް ޝަރުތުތައް ފުރިހަމަވާނެ ނަމައެވެ. ކައިރާއަށް ރީތީ މިލްސް އެންޑް ބޫންސް ގައި ސިފަކޮށްދޭ ފާޑުގެ ފިރިހެނުންނެވެ. ފިލްމީތަރިންގެ ތެރެއިން ކައިރާއަށް ކްލައުސްގެ އަޅައިގަންނަ ގޮތާއި ފިރިހެންވަންތަ އަޑު ފާހަގަކުރެވެއެވެ. އެ ފަދަ ބައިވެރިޔަކު ދުނިޔޭގައި ހުންނާނެބާވައެވެ. އެވަގުތު ކައިރާގެ ހިތަށް ފެނުނު ތަސްވީރަކުން އޭނަގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ.

މާޒީގެ ހަނދާނެއް އާވެފައި ކައިރާގެ ޅަހިތުގައި އާ ވިންދެއް ޖަހާލައިފިއެވެ. އޭނަ މިހާރު ކޮބާބާވައެވެ. ކައިރާގެ ޅަހިތާއި ކުޅެލާފައި އޭނަ ރޮއްވާލާފައި އެ ފިރިހެނާ ދުރަށް ދިޔަގޮތަށް ފެނިލީއެއް ނޫނެވެ. ދުނިޔޭގައި ހުރިކަމެއްވެސް ނޭގެއެވެ. ދެރައީ އެ ފިރިހެނާ ކައިރާދެކެ ރުޅިއަންނާތީއެވެ. ކައިރާގެ ހުރިހާ ހުވަފެންތައް ބޭކާރުކޮށްލި އިންސާނަކީ އެއީކަމަށްވާތީއެވެ. ފަސްއަހަރު ކުރީގެ ހަނދާންތައް ކައިރާގެ އުފާވެރި މޫނުގެ ކުލަ ރީދޫކޮށްލައިފިއެވެ. އެ ތުންފަތުގައި އަބަދު ހުންނަ ފަނޑު ހިނިތުންވުން ނެތިކޮށްލައިފިއެވެ.

"ކައި، ކޮންކަމަކާތަ ތިވިސްނަނީ...." ކައިރާ އިނގިލީގައި ދަތްއެޅިގޮތަށް ހުވަފެނީ ދުނިޔެއަކަށް ގެއްލުނުތަން ބަލަން އޮވެފައި ކީވާ ބާލީހެއް އެއްލާލައިފިއެވެ. ހަޔާތުގެ އެ ބާބަކީ ކައިރާ މިވީހާތަނަށް އެއްވެސް އިންސާނަކާއި ހިއްސާނުކުރާ ސިއްރެކެވެ. ވީއިރު ކީވާގެ ގާތުގައި ވަކި ބުނެވިދާނެ ހެއްޔެވެ؟ އެއްވެސް މީހެއްގެ ގާތުގައި ހިތް ހުޅުވައިލާނެނަމަ އޭނަ ކީވާގެ ގާތުގައި ކިޔައިދިނީހެވެ. ނަމަވެސް އޭނަވަނީ އެ ހުރިހާ ހިތާމަތައް ހިތުގެ ފުންމިނުގައި ރައްކާކޮށްފައެވެ. ފޮނި ހިތި ހަނދާންތަކެވެ. ރީތި ފިރިހެނުންގެ ވާހަކަ ފަށާއިރަށް އެ ސޫރަ ކައިރާއަށް އުދަގޫކުރާއިރުވެސް އޭނަ ވަނީ އެކަން އަމިއްލަ ނަފުސަށްވެސް ސިއްރުކުރަން މަސައްކަތްކޮށްލާފައެވެ. ހަޔާތަށް އަލުން ފިރިހެނަކު ގެންނާކަށް ކައިރާގެ ހިތަކު ނެތެވެ. އެހެންމީހަކަށްޓަކައި އެހިތުން ޖާގައެއް ދެވުމަކީ އެކަށީގެންވާކަމެއް ނޫންހެން ހީވަނީއެވެ.

"މިގޭ ވައިފައި ޕާސްވޯޑް ނޭގޭތީ އެ އަތުލާނެގޮތެއް މިވިސްނަނީ، ކޮންމެހެން ޕާސްވޯޑެއް ލާން ޖެހޭތަ؟" ކައިރާ ހީގަނެފައި ބުނެލީ އެހެން ވާހަކައެކެވެ. 

"ޒުބް ދައްތައަށް ނޭގޭނެތަ؟ "ކީވާ އަހާލިއެވެ. އޭނަގެ އެފްބީ ޕޭޖަށް މިރަށުގެ ރީތި ތަސްވީރުތައް ލާހިތުން ކެތްކުރެވެނީއެއް ނޫނެވެ.

"އަހަރެން އެހީމަ ބުނީ އެކަނި އައިދަންއަށޭ އެނގޭނީ..... އިޓްސް އޯކޭ....." ކައިރާ ބަންޑުންވެލަމުން ފޯނާއި ކުޅެންފެށިއެވެ.
"ހީވަނީ ޒުބްދާ އަހަރެން ދެކެ ހޭޓްކުރާހެން، އޭނަ ހުންނަނީ ހިތްހަމަނުޖެހިފައިހެން ހީވޭ، ޒުބްދާއަށް ހީވަނީކަންނޭގޭ އަހަރެން މިއުޅެނީ އޭނަގެ ކޮއްކޮއާއި ރައްޓެހިވާން ވެގެންނޭ، ބޮޑު ގޯތްޗެއް ފެނުނަސް އަދި އަހަރެން ނޫޅެން މޮޔަވެގެނެއް ދޯ....." ކީވާ އެކަހަލަ ހަރު އެއްޗެއް ބުނީމަ ކައިރާ އޮތީ ގަބޫލު ނުކުރެވިފައެވެ. އެހެންނޫންނަމަ ކީވާއަކީ މީހުންނާއި މެދު އެގޮތަށް ހިތްނުބައިކޮށް ވާހަކަދައްކާ އުޅޭކުއްޖެއް ނޫނެވެ.

"ހެހެ، ކިވީ އެމީހުންނަށް ދައްކަން ތިކަންކޮށްލަންވީ އެއްނު، މީހަކު ޖައްސާލައިގެން އުޅެންޏާ ރުޅިއަރުވަންވެސް ކޮށްލަންވާނީ......" ކައިރާ ސަމާސާ އަކަށް ބުނެލިއެވެ.

"ނުވާނެ، އަހަރެން އައިދަންއާއި ދިމާލަށް ބަލާވެސް ނުލާނަން، ސަލްމާދައްތަމެންނަކީ އައްޑޫގެ ގަދަރުވެރި ބަޔަކަށްވީމަކަން ނޭގޭ އެގޮތަށް ވިސްނުން ހުންނަނީ، އަހަންނަށް ރަނގަޅަށް އެނގޭ އަހަރެންނަށް ތަފާތު ނަޒަރަކުން ބަލާކަން، އަޅާނުލާ، އަހަރެންނަށް ވީ އެންމެ ރަގަޅަކަށް ސަލްމާދައްތައަށް ކަންތައްކޮށްލަދޭނީ، އެމީހުން ބޭނުންގޮތަށް ގެންގުޅެވިދާނެ މިއަދު، މިރަށަށް މިއައީ ކިޔަވަންވީމަ ހިތްވަރުކޮށްލާފައި ކިޔަވައިގެން ވަޒީފާއެއް ހޯދައިގެން މާލެއަށް ބަދަލުވާނީ....." ކީވާ އޮތީ ހިތުގައި ޖެހިފައެވެ. ޒުބްދާވެސް އޭނައާއި އަނގައިން ނުބުނާތީ ހިތަށް އަސަރުކުރީއެވެ. އެންމެން އޭނަދެކެ ނަފްރަތުކުރަނީ ކީއްވެހެއްޔެވެ؟ އެރޭވެސް ކީވާއޮތީ ނުނިދިފައެވެ.

ހެނދުނު ހޭލައިގެން ކީވާ ބަދިގެއަށް ވަނީމަ ސަލްމާ އެންގީ ކީވާމެން ބަދިގެއަށް ވަންނަން ނުޖެހޭނެކަމުގައެވެ. ކީވާ ލަދުން ހަލާކުނުވީކިރިޔާއެވެ. ސަލްމާގެ ގާތަށް އާދެވުނުކަމުގެ މޮޔަހީވިއެވެ. އެހެންމީހުން ލައްވާ ކައްކުވައިގެން ކެއުމަކީ އޭނައަށް ރީތިކަމެއް ނޫނެވެ. ނުކައި ބަނޑަކަށް ނުހުރެވޭނެއެވެ.

"ކައިރާ، ދޭބަލަ ޒުބްދާދައްތަ ގާތަށް އެހެރަ ގެ ސާފުކޮށްލަން....." ދޮރުމައްޗަށް އެރި ކައިރާއަށް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ސަލްމާ ބުނެލިގޮތަކުން ކީވާ ހުރީ ގަނޑުވެފައެވެ.

"ކިވީ، ހިނގާބަލަ....." ކައިރާ ކީވާގެ އަތުގައި ހިފައިގެން އަވަހަށް ހިނގައިގަތީ ކޮންމެހެން މަސައްކަތަށް ހުރި ފޯރިއަކުންނޫނެވެ. އެކުޑަ ކުޑަ ގެ ދެކިލާހިތުން ކެތްނުކުރެވިގެންނެވެ.

"ސައިބޮއިގެން......" ސަލްމާ ސައިތަށްޓެއް ގިރާލާފައި ކައިރާ ގާތުގައި އަންނަން ބުނެލާފައި މޫނު ބަނަކޮށްލައިގެން ހުރެ އެތަނުން ނިކުތުމުން ކައިރާ އަކަށް ވީނުވީއެއް ނޭގުނެވެ. ކައިރާ ހީކުރީ ކީވާ ހުރީ ސައިބޮއިގެންކަމަށެވެ. ކައިރާ އަހާލުމުން ކީވާ ހެދީ ދޮގެކެވެ. ހިތަށް އަސަރުކޮށްފައިވާވަރުން ކަރުނަތައް ހިލުނު ނަމަވެސް ކީވާ އެކަރުނަތައް ދިރުވާލައިފިއެވެ. ސަލްމާ އޭނަދެކެ ނަފްރަތުކުރާ ސަބަބެއް އެނގޭނެނަމައެވެ.

އެގެ ބަލައިލަން ދާން އުޅުނީމަ އެކަމެއް ނުކުރެވުނީ ޒުބްދާ އެމަސައްކަތް އެހެން ބަޔަކާއި ހަވާލުކުރުމުންނެވެ. ކައިރާގެ މޫނުގެ ކުލަ އޮއްސުނެވެ. ކޮންމެވެސް ސަބަބަކާއިހުރެ ކައިރާގެ ހިތް އެގެއަށް ދެވިއްޖެއެވެ. އެއީ ކައިރާ އަބަދު ޚިޔާލުކުރާފަދަ ހުވަފެނީ ގެއަކަށްވާތީކަން ނޭގެއެވެ.

އެރޭ ކީވާއާއި ކައިރާ "ބެރީ ޕިންކް" އަށް ވަނުމާއިއެކު ކަންފަތުގައި ޖެހުނީ ލުއި މިއުޒިކެއްގެ އަޑެވެ. އޭސީކޮށްފައިވާ އެތަނުގެ ތެރެ ނިކަން ހިތްގައިމުވެފައި އަރާމެވެ. ކައުންޓަރުގައިއިން ދޮން އަންހެންކުއްޖާ އާއި ޒުބްދާ ކޮންމެވެސް ވާހަކައެއް ދައްކަން ހުރީ ހީހީއެވެ. އެދެމީހުންގެ ކޮންމެވެސް ކަހަލަ ގާތްގުޅުމެއް އޮންނަކަން އެވަގުތުވެސް ކީވާ ދެނެގެންފިއެވެ. ޒުބްދާ ކޮންމެވެސް އެއްޗެކޭ ބުނުމުން އެ އަންހެންކުއްޖާ ބާރު ހިނިގަނޑެއް ޖަހާލާފައި އެކުދިންނަށް ބަލައިލިއެވެ. ކީވާއަށް ހީވީ އޭނަގެ ވާހަކަދައްކާފައި މަލާމާތްކޮށްފައި ހެނީކަމުގައެވެ. ގޮނޑިތަކުގައިވާ މީހުންވެސް ކީވާގެ މޫނަށް ބަލާފައި ހިނިއައިސްފައި ތިބިކަމުގެ އިހުސާސެއްވެސް ކުރެވުނެވެ. ކައިރާ އާދައިގެ މަތިން ރީތި ހިނިތުންވުމަކާއި އެކުގައި ގޮސް އެ އަންހެންކުއްޖާއަށް ތައާރަފުވިއެވެ.

ކޮމެންޓް 0