ދިރުވާލަން އުޅުނު ކޮފީ ފޮދުވެސް އަރުތެރޭގައި ތާށިވެއްޖެއެވެ. ޝިއާފަށް ބަލާލެވުނީ ރިހާންގެ މޫނަށެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ.
''ކީކޭ؟...'' ފެންފޮދަކުން އަރުތެރެ ތެތްމާލަމުން ޝިއާފް ބުނެލިއެވެ. އޭނަގެ ތަބީއަތު ގޯހުންގޯހަށް ގޮސްފިއެވެ.
''މިހާރު ކައޭ ކަންފަތް ވެސް ބީރުވީތަ؟، މަބުނީ މަ ކުރީދުވަހަކު އަމާނީ ދުށީމޭ، ބިރުން ގޮސް އޭނަ ހޭނެތިދާނެ ވަރުވެފަ ހުރީ، އަދިވެސް އަހަރުމެން މަތިން ހަނދާން ނުނެތެނީ ކަމަށް ވާނީ...'' ރިހާން ނުލަފާފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ.
އޭނައަށް އަޑު އިވުނީ ހަމަ ރަގަޅަށެވެ. ޝިއާފްގެ ސިކުނޑީގައި ހަނދާނެއް ޓަކި ދިނެވެ. އެރޭ ފިހާރައިން މައުވާއަށް ފެނުނީ އަމާނީ ހެއްޔެވެ؟ މައުވާ ކިޔައިދިން ގޮތުންނަމަ އޭނަ ފެނުމުން އެކުއްޖާ ބިރުން ގޮސް ފިލީއެވެ. ކުއްލިޔަކަށް ޝިއާފްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ. މުޅި މީހާއަށް އެނގުން ގެނުވާފައެވެ. އޭނަގެ އަނދިރި ފަރާތް މައުވާއަށް ހާމަވެގެން ހިނގައިދާނެތީއެވެ. ފުރަތަމަވެސް އެކަމާ މެދު ވިސްނާނުލެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނައާއި މައުވާގެ އުފާވެރި ހަޔާތަށް ހިޔަންޏެއް އެޅުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ އޭނަގެ ހިތަށް ބޮޑު އަނިޔާއެއް ލިބޭނެއެވެ. އޭނަ ހަޤީޤަތުގައި ވެސް މައުވާ ދެކެ ލޯބިވެއެވެ. ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ލޯބި ވެވުނު އަންހެންކުއްޖާއަކީ މައުވާ އެވެ. މައުވާ ހާއްސަވަނީވެސް އެސަބަބާ ހުރެއެވެ. އެލޯބި ބީވެގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. އޭނަ ދެން ހުންނާނީ އައިސްދާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ. ފާރަވެރިވެގެންނެވެ. ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އޭނަގެ ސިއްރު މައުވާއަށް އެނގުނަކަ ނުދޭނެއެވެ.
''އޭ ކިހިނެއްވެފަ ތީނީ؟...''
''އޭނަ ކީއްކުރަން މިކޮޅަށް އައިސްގެން އުޅެނީ؟...'' ޝިއާފް ވެސް ކޮށްލީ ސުވާލެކެވެ. އަމާނީއަކީ އޭނައަށް ހުރި ބޮޑު ބިރެކެވެ. އޭނައަށް އެބިރާ ކުރިމަތިލާނެ ގޮތް ކިތަންމެ ފުރިހަމައަށް ވެސް އެނގެއެވެ.
''ކިހިނެއްވީ، މިހާރު އޭނަ ބޭނުންވީތަ؟...'' ރިހާން ކޮފީ ތަށީގައި ހުރި ފަހު ފޮދު ހުސްކޮށްލިއެވެ. އޭނަ ދެން ބަލާލީ ޝިއާފަށެވެ. ޝިއާފަށް އައި ކުއްލި ބަދަލާމެދު ހަރިރާންވެފައެވެ.
''އޭނަ އުޅޭ ތަނެއް ހޯދަބަލަ...'' ޝިއާފް ސީރިޔަސްކަމާއެކުގައި ބުނެލިއެވެ.
''މަ ހިޔެއް ނުކުރަން ޔޫޒްކޮށްފަ ފޫހިވެފަ ހުރި މީހަކަށް އަނެއްކާ ޝިއާފް ބޭނުންެވެދާނެ ކަމަކަށް، އެހެންނޫނަސް ދެންމެ ބުނީމެއްނު ކައޭ ބިޓާ ވަރަށް ސީރިޔަސްއޭ، އެކަމަކު މިހާރު ކިހިނެއްތިވީ؟، އެނބުރޭ ބުމަރެއްހެން ޚިޔާލު އެބަ ބަދަލުވޭދޯ؟....'' އަޒްޔަން ބުނެލިއެވެ.
''މަ ނޫޅެން...'' ޝިއާފް ދެލޯހަނިކޮށްލިއެވެ.
''ދެން ކީއްކުރަން ތިހާ ވަރަކުން އޭނަ އުޅޭތަނެއް ހޯދަން ތިއުޅެނީ؟... ދޮގު ނެހެދިޔަސް އެކަންކޮށްދީފާނަމޭ...'' ލާނެއް ހިނިތުންވުމަކާއެކު ރިހާން ބުނެލިއެވެ.
''އޭނަގެ އުނދަގޫ ބޮޑުވެދާނެތީ މިހެން މިބުނީ، އަހަންނާ މައުވާ ކުރީ ރެއަކު ފިހާރައަށް ދިޔައިރު ކުއްޖަކު ވަރަށް ބެލި ވާހަކަ މައުވާ ބުނި، އެވާނީ ހަމަ އަމާނީއަށް، އޭނަ މައުވާއަށް ހަޤީޤަތް ކިޔައިދީފިއްޔާޔޯ؟، ހުވާ މަ ވަރަށް ސީރިޔަސްވެގެން މައުވާއާ ރައްޓެހިވީ، މަ ބޭނުމެއްނޫން މައުވާ ގެއްލިގެންދާކަށް، އޭނަ މައުވާއާ ހަމައަށް ވާސިލުވުމުގެ ކުރިން އޭނަ ހުއްޓުވާނަން، ކޮންމެ ކަމެއް ކުރަން ޖެހުނަސް ހެޔޮ...'' ޝިއާފް ސީރިޔަސްކަމާއެކު ވާހަކަ ދެއްކިއެވެ. އެކަމަށް އޭނަގެ އެކުވެރިންގެ ސަމާލުކަން ހުއްޓުނެވެ.
''ކަމްއޯން ބްރޯ، ތިބުނަނީ މިއޮއް ބޮޑު މާލެއިން އޭނަ މައުވާ ހޯދަފާނެއޭތަ؟ އޭނަ ވެސް ދެން ކުރާނެކަމެއް ނެތިގެނެއް ނޫޅޭނެ ދޯ، އެހެންނޫނަސް އޭނައަށް ނުކުރޭނެ އަަހަރުމެންނާ ވައި އެޅޭ ހިސާބަށް ވެސް އަންނާކަށް، އެވަރުކޮށްފަ އޭނައަށް ހުންނާނީ، ދެން ކޮންކަމަކާ ހާސްތިވަނީ؟، އަނެއްކާ މައުވާއަކީ ބޭރަށް ނިކުންނަ ކުއްޖެއް ވެސް ނޫނޭ ބުނީމެއްނު، މިހާރު އަންހެނަކަށް ވުރެ ޑްރެމެޓިކްކޮށް ތި ވިސްނަނީ...''
ރިހާންގެ ވާހަކަތަކުން ޝިއާފްގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. ރިހާން އެބުނީ ވެސް ތެދެކެވެ. މާލެއަކީ މީހުންތަކުން ތޮއްޖެހިފައިވާ ތަނެކެވެ. އެއްފަަހަރު ފެނިއްޖެ މީހަކު ދެވަނަ ފަހަރަށް ހޯދުން ގިނަ ފަހަރުވެފައި އޮތްނަނީ މުސްތަހީލުކަމަކަށެވެ.
ޝިއާފް އޭނަގެ ނުކިޔަމަންތެރި ހިތަށް ވިސްނައިދިނެވެ. ނަމަވެސް އޭނަ ހުންނާނީ ފާރަވެރިވެގެންނެވެ. އައިސްދާނެ ހަމަލާއަކަށް ސަމާލުވެ ލޯހުޅުވާލައިގެންނެވެ. މައުވާއަށް ޝައްކެއް ވުމުގެ ފުރުސަތެއް ހަމަހިލާ ނުދޭނެއެވެ.
އެކުވެރިންގެ ވާހަކަތަކުން ޝިއާފް ހަމައަކަށް އެޅުނެވެ. ކޮފީ ނިންމާލާފައި އޭނައަށް ގެއަށް އާދެވުނީ ހަތެއްވެސް ޖަހަން އުޅެނިކޮށެވެ. ގެއަށް އާދެވުމާއެކު އަވަސްއަވަހަށް ފެންވަރާލައިގެން އޭނަ ދިޔައީ ކާށެވެ. ކެއުން ނިންމާލާފައި މައުވާ ވީތަނެއް ބަލާލަން ހިތްއެދި ގޮވަން ފެށިއެވެ. ދެވިސްނުމެއްގައި ހުރެ ގޮސް އޭނަ ތޫބާގެ ކޮޓަރީގެ ދޮރުގައި ޓަކި ހަޖާލިއެވެ. ޚަބަރެއް ނުވުމުން ދެފަރާތް ހޯދާލުމުން އޭނަ ތަޅުގައި ހިފާލިއެވެ. އަދި އަނބުރާލިއެވެ.
މައުވާ ހުރީ ނަމާދުކުރާށެވެ. އެމަންޒަރު ފެނި ހުއްޓުން އަރާފައި ޝިއާފަށް ބަލަން ހުރެވުނެވެ. އޭނަ ކޮޓަރީގެ ދޮރު ލައްޕާލަމުން ނިތުގައި ބޮޑުވާއިނގިލި ހިންގާލިއެވެ. އަދި ވިސްނުމެއްގައި ހުރެ ގޮސް ކޮޓަރިއަށް ވަނެވެ. މައުވާ ދީންވެރި ކުއްޖަކަށް ވެދާނެއެކޭ އޭނަ އުއްމީދެއް ވެސް ނުކުރެއެވެ.
*****
ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. ތޫބާއާއި މައުވާ ތައްޔާރުވަމުން ދިޔައީ ހުޅުމާލެއަށް ދިއުމަށެވެ. ތައްޔާރުވަމުން ވެސް މައުވާ ދިޔައީ ޝިއާފާ ވައިބާރ އިން ޗެޓްކުރަމުންނެވެ. މައުވާ ހުޅުމާލެދާކަން އެނގުމުން ޝިއާފް ވެސް ދާން ބޭނުންވެއްޖެއެވެ. ހަމައެކަނި ކްލާސްކުދިންދާ ދަތުރެކޭ ބުނުމުން ޝިއާފް މައްސަލައަކީ ކޮބާ ހެއްޔޭ އަހާލިއެވެ. އެންމެފަހުން ކުރުނުކޮށް ބުނަން ފެށުމުން މައުވާ ތޫބާ ގާތު އަހާލިއެވެ. މިފަހަކަށް އައިސް ޝިއާފް އޭނައަށް ޚާއްސަ ސަމާލުކަމެއް ބަހައްޓާކަން މައުވާއަށް ވަނީ ފާހަގަ ކުރެވިފައެވެ. އެކަމާ މައުވާ އުފާވެއެވެ. އެހެނަސް ބައެއްފަހަރު ފިކުރުބޮޑުވެއެވެ.
''ޕިސްޕިސް، ސައުވީސްގަޑިއިރު އިވީއާއެކު ނުހުރެވެންޏާ ހިތްހަމަޖެހޭކަމަކަށް ވެސް ނުވޭ ދޯ...'' އިސްތަށިގަނޑުގައި ފުނާއަޅަން ހުރެފައި ތޫބާ ބުނެލިއެވެ. ''ހީޒް ކްރޭޒީ ފޯރ ޔޫ އިވީ، ލައިކް އެ ސައިކޯޕާތް...'' ތޫބާ މޫނަށް ޖެއްސި ވައްތަރަކުން މައުވާ ގާތަށް ހިނިއައެވެ.
''ކީކޭތަ ބުނަންވީ؟، ވަރަށް ދާހިތުން ހުރީ، ނޫނެކޭ ބުނެފިއްޔާ ދެރަވާނެ...'' މައުވާ ކަންތައްބޮޑުވީ ޝިއާފް ދެރަވެދާނެތީއެވެ.
''އިވީ ބޭނުންނަމަ ގެންދަންވީ، އައި ހޭވް ނޯ ޕްރޮބްލަމް ވިތް ދެޓް...'' ތޫބާ ހިނިތުންވެލަމުން ޖަވާބު ދިނެވެ. މައުވާ އަވަސްއަވަހަސް އެކަން ޝިއާފަށް އަންގާލިއެވެ. ޝިއާފް ހެޕީ ފޭސްއަކާއެކު ''އައި ލަވް ޔޫ'' އޭ ލިޔެފައި ފޮނުވާލުމުން މައުވާގެ ތުންފަތް ފޫއަޅުވާލީ ލަދުރަކި ހިނިތުންވުމަކުންނެވެ. ޝިއާފް އެލަފުޒުތައް ބުނާ ކޮންމެ ފަހަރަކު ހިތުގައި ފިރުމާލަދޭހެން ހީވެއެވެ.
''ޓާރމިނަލްއަށް ގޮއްސަ ގުޅާލާ އޭރުން އަންނާނަން...'' ޝިއާފް ލިޔުނެވެ.
*****
މައުވާމެން ޓާރމިނަލްއަށް ދިއުމަށް ހިޔާރު ކުރީ ފައިމަގެވެ. ހުކުރު ދުވަހަށް ވުމުން މަގުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ހިނގުން ވެސް ވީ ދަތިކަމަކަށެވެ. މީހުންނާއި ދުއްވާ ތަކެތިން ރެކެމުން ޓާރމިނަލާ ހަމައަށް ދެވުނުއިރު މައުވާމެނަށް ލަސްވެފައި ކްލާސްކުދިން ބޭރުގައި ތިއްބެއެވެ.
ޓާރިމިނަލަށް ވަންނަމުން މައުވާ ޝިއާފްގެ ނަންބަރަށް ގުޅާލިއެވެ. ހަމަ ގުޅާލިއިރަށް ފޯނު ނެގިއެވެ. އަދި މިއަންނަނީ ކަމަށް ބުންޏެވެ.
''އޭ ކޮބާ އީލާފް؟، އޭނަ ނާންނަނީތަ އަނެއްކާ؟...'' ޓިކެޓް ކައުންޓަރު ކައިރިއަށް ހުއްޓިލަމުން ކްލާސް ކުދިންނަށް ނަޒަރެއް ދެމުން ތޫބާ އަހާލިއެވެ. އެކަކު ޖަވާބު ދޭން އުޅުނު ވަގުތު އީލާފްގެ ހިމަތޫލި އަޑު އިވުނެވެ. އެއީ އޭނަ އައިސްފިކަމުގެ ސިގުނަލެވެ. ފަންސާސް ފޫޓު ދުރުމިނުން ވެސް އެތޫލި އަޑު ނީވިއެއް ނުދާނެއެވެ. އަރާފައި ހުރި ފަސް އިންޗީގެ ހައިހީލްސް އިން އަޑުއަޑު ލައްވަމުން ބުޑުން ސަތޭކަ އަށްޑިހަ އަޅަމުން އައިސް އޭނަ ހުއްޓިލިއެވެ. ލައިފައި ހުރި ގަޔަށްބާރު ހެދުން ކިރިޔާ ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަކަމެވެ. ރީތިކަމެއް ލިބިފައި ވިޔަސް އެކަމަށް ފުރިހަމަކަން ގެންނަން ހަދައިގެން މުޅި މީހާގެ ސޫރައަށް ވެސް ވަނީ ހުތުރުކަން އައިސްފައެވެ.
''އަސްލު މަގޭ ފެމިލީ ރިލޭޓިވަކު ގެންނަން ހަދައިގެން ލަސްވީ...'' އީލާފް ތުއި އަޑަކުން ބުނެލިއެވެ. އަދި އެބުނާ މީހަކު ފެނޭތޯ ހޯދާލިއެވެ.
ތޫބާގެ ދެފަރާތަށް ބޯހޫރާލަމުން ޓިކެޓު ނެގަން އަވަސްވިއެވެ.
''މިހާރު ކޮންތާކަށް އެދިޔައީ...'' ތުންފަތް އަރިއަކަށް ދަމާލާފައި އީލާފް އުނަގަނޑުގައި އަތްވިއްދާލިއެވެ. އެވަގުތު ޓާރމިނަލްގެ ދޮރުކައިރީ ފުރަގަސްދީގެން ހުރި ކުއްޖާ އޭނަގެ ލޮލުގައި އަޅައިގަތެވެ. ހަމައެއާއެކު އަޑުގެ ނެތްތަނަށް އަމާނީއޭ ކިޔާ ގޮވާލިއެވެ. އީލާފް އުޅޭ ގޮތަކުން ކްލާސްކުދިން ތިބީ ލަދުން މަރުވާވަރުވެފައެވެ.
އީލާފްެގެ އަޑަށް އަމާނީ ފޯނުގައި ހުރެ ފަސްއެނބުރި ބަލާލިއެވެ. އެއީ ޝިއާފަށް ލަސްވެގެން މައުވާ ވެސް އެދިމާއަށް ބަލާލި ވަގުތެވެ. ކޮންމެވެސް ތަނަކުން އެކުއްޖާ ފެނުނު ހަނދާނެއް މައުވާ ވިއެވެ. ކޮންތަނަކުން ބާވައެވެ. މައުވާ އޭނަގެ ވިސްނުމަށް ބާރުލިއެވެ. ނަމަވެސް ބައްދަލުވިތަނެއް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ. އަމާނީ ހުރީ މައުވާއާ ދިމާއަށް ކަޅި ޖަހާލުމެއް ނެތި ބަލަހައްޓައިގެންނެވެ. ކުރިއަށް ހިނގައިގަންނަން ވެސް ނޭގިފައެވެ. އެއާއެކު މައުވާގެ ސިކުނޑީގެ ލޯގަނޑަށް މަންޒަރެއް ސިފަވާން ފެށިއެވެ.
''އަގޯރާ...'' މައުވާއަށް ބުނެލެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. އެރޭ އޭނައަށް ބަލަަހައްޓައިގެން ހުރި ގޮތަށް މިއަދުވެސް އެހުރީ ބަލަންށެވެ. އެކަމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ ހެއްޔެވެ؟ ބޯހަމަ ނުޖެހޭ ކުއްޖަކީ ބާވައެވެ.
''އަމާނީ، ބަލަ ތިތާ ނުހުރެ އާދެބަލަ...'' އީލާފްގެ އަޑަށް އަމާނީ ސިހުނެވެ. އޭނަ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އޭނަގެ ކަޅި މައުވާގެ މޫނުން ހިނދުކޮޅަކަށް ވެސް ކައްސާނުލިއެވެ. އޭގެ ސަބަބުން މައުވާއަށް އުނދަގޫ ވިއެވެ. އޭރު ތޫބާގެ ސަމާލުކަމަށް ވެސް އެކަން އަތުވެއްޖެއެވެ. ހައިރާންކަމާއެކު އޭނަ އަމާނީއަށް ބަލާލިއެވެ.
''ދަންނަ ކުއްޖެއްތަ؟...'' ތޫބާ މައުވާ ގާތަށް ޖެހިލަމުން ވައިއަޑަކުން އަހާލިއެވެ.
''އުހޫނނނ...'' މައުވާ ބޯހޫރާލިއެވެ.
''ދެން ކީއްވެތަ އެހާވަރަށް އެބަލަނީ، ހީވަނީ ސީރިއަލް ކިލާރއެއް އޭނަގެ ވިކްޓްމްއަކަށް ބަލާހެން، ސޯ ސްކެއަރީ...'' ތޫބާގެ ޖުމްލައިން މައުވާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ތޫބާގެ ޖުމްލައާ މެދު ފުންކޮށް ވިސްނާލެވުނެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. އޭނަ ކީ ވާހަކައެއްގައި ވެސް އެފަދަ އަންހެންކުއްޖަކު އުޅުނެވެ.
''ކުރީ ރެއަކު ފިހާރައަކުން ވެސް ދިމާވި، ހަމަ އެގޮތަށް ބެލީ، ތޫބާ މިހާރު ބުނި އެއްޗަކުން އަހަރެން ބިރުގަންނަ ގޮތް ވެއްޖެ...'' މައުވާ ތޫބާގެ އަތުގައި ހިފާލިއެވެ.
''ރިއަލީ؟...'' ތޫބާ ދެލޯ ބޮޑުކޮށްލިއެވެ. ''ސަމްތިންގް އިޒް ވެރީ ފިޝީ، ހަމަ ހުރެފަކާ އެފަދަ ގޮތަކަށް ނުބަލާނެއެއްނު...''
''ނޭގޭ ކީއްވެ ކަމެއް، އެރޭ ޝިއާފް ފެނުނީމަ އެކުއްޖާ ހަމަ ކުއްލިޔަކަށް ގެއްލުނީ، ފުރަތަމަ ހީކުރީ ޑިލިއުޝަނެއްކަމަށް...'' މައުވާ ބުނެދިނެވެ. ''ކީއްވެ ކުޑޭ ފެނުމުން ފިލީ؟، އެވާނީ އިވީގެ ހަށިރައްކަލަށް މީހަކު ހުރުމުން ބިރުގަތީކަމަށް...'' ތޫބާގެ ވިސްނުން އަދިވެސް ހުރީ ''ސީރިޔަލް ކިލާރ''އަށް ބިނާވެފައެވެ.
''ތޫބާ...'' މައުވާއަށް ބުނެލެވުނެވެ.
''ސޮރީ، ސޮރީ، ހަމަހީވާއެއްޗެއް ބުނެލީއޭ، ހިޔެއް ނުކުރަން އިވީ ތީހާ ބިރުގަންނާނެ ކަމަކަށް...'' ތޫބާ ބުނެލިއެވެ.
''ގައިޒް މީ އަމާނީ....'' އީލާފް ކްލާސް ކުދިންނަށް އަމާނީ ތަޢާރަފްކޮށްލަދިނެވެ. މައުވާ ގަދަކަމުން ހިނިތުންވެލިއެވެ. އަމާނީގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
''އިވީ...'' ޝިއާފް ގޮވާލި އަޑަށް މައުވާ ފަސްއެނބުރި ބަލާލިއެވެ. އޭރު ޝިއާފް މަޑު ހިނގުމެއްގައި އެދިމާއަށް އާދެއެވެ. ނޫކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ސޯޓެއްގައި ޝިއާފް ހުރިއިރު އަވިއައިނަކުން އެދެލޯ ވަނީ ފޮރުވާލާފައެވެ. ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ހިނގާލާފައި އައީ ހިނިތުންވުމަކާއެކުގައެވެ. ޝިއާފް ފެނި ހިނދުކޮޅަކަށް ވިޔަސް މައުވާގެ ހިތަށް ވެރިވެފައިވި ނުތަނަވަސްކަން ފިލައި ދިޔައެވެ.
އިވުނު އަޑުން އަމާނީ ބިރުން ފިއްކަނޑައިގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވެ މޭފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. މުޅި މީހާ ދަލުން ފެންވެރިއްޖެއެވެ. މޫނަށް ވެސް ހުދުކަން ވެރިވާން ފަށައިފިއެވެ. އޭނައަށް ބާރުކޮށްލެވުނީ އީލާފްގެ އަތަށެވެ. އީލާފަށް ތަދުވެގެން އަމާނީގެ އަތް ފޮޅުވާލެވުނެވެ.
''އައުޗް....'' އަމާނީ ހިފާލި ތަން ރަތްވެފައި ވުމުން އީލާފް ހިތްހަމަ ނުޖެހުނެވެ. އޭނަ އަމާނީއަށް އަވަސް ނަޒަރެއް ދިނެއެވެ. އެއާއެކު ހުދުވަމުން ދިޔަ އަމަނީގެ މޫނު ފެނި އޭނަގެ މެޔަށް ފިނިވެއްޖެއެވެ.
''އެމީ...'' ކަންބޮޑުވެފައި ހުރެ އީލާފް ގޮވާލިއެވެ. އަމާނީއަށް ދިމާވި ހިތާމަވެރި ހާދިސާތަކަށް ފަހު ދޭތެރެ ދޭތެރެއިން އެއީ އަމާނީއަށް ދިމާވާ ސިއްހީ މައްސަލައެއްކަން އޭނައަށް ވަނީ އެނގިފައެވެ. އަމާނީއަށް ކުރިމަތިވި ހާދިސާގެ މާބޮޑު ތަފުސީލެއް އޭނައަށް ލިބިފައި ނެތްކަމުގައި ވިޔަސް އަމާނީއަށް ގިނަ ދުވަސްތަކެއް ވަންދެން ގުރާދޫގައި ފަރުވާދީފައިވާކަން ދާދި ފަހުން އޭނައަށް ވަނީ ހާމަވެފައެވެ.
އަމާނީއަށް ކަމެއް ވެދާނެތީ އީލާފް ހާސްވިއެވެ.
އަމާނީއަށް ނޭވާލާން އުނދަގޫވުމުން ތުރުތުރުއަޅަމުން ދިޔަ އަތަކުން އޭނަ އަދްދަބަސް ހާވަން ފެށިއެވެ. އޭރު އަމާނީއަށް ވަމުން ދިޔަ ގޮތުން އެންމެން ހައިރާންވެ އަމާނީ ވަށާލައިފިއެވެ. މައުވާ ވެސް ވީ ކިހިނެއްތޯ ބަލާލަން ކައިރިއަށް ޖެހިލިކަމުގައި ވިޔަސް މީހުންތައް ގިނަކަމުން ވީ ގޮތެއް ފަހުމުވާ ގޮތެއް ނުވިއެވެ. ޝިއާފް އޭރު މައުވާގެ ފަަހަތުން އައިސް ހުއްޓެނީއެވެ.
''ޕަ...ޕަަ...'' އަމާނީ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނު ކަމުގައި ވިޔަސް އީލާފަށް ވިސްނުނެވެ. އަވަސްއަވަހަސް އަމާނީގެ ދަބަސް އަތުލަމުން ދަަބަސް ތެރޭން އަސްތަމާ ޕަންޕެއް ނަގައި ދިއްކޮށްލިއެވެ. އަތުގައި އުފެދިފައިވާ ތުރުތުރުލުމުގެ ސަބަބުން އަމާނީއަށް އޭގައި ހިފުން ވެސް ވީ އުނދަގޫ ކަމަކަށެވެ. އޭނައަށް އެކަމުގައި އީލާފް އެހީވެ ދިނެވެ. އަމާނީގެ ނޭވާ ހަމައަކަށް އެޅުނީ އެހިސާބުންނެވެ.
ފުން ނޭވާތަކެއް ލަމުން ނަފުސަށް ހަމަޖެހުން ހޯދައިދޭން ބޭކާރު މަސައްކަތް އަމާނީ ކުރިއެވެ. ހިތުގެ ބިރުވެރިކަން ދެން ފިލައިގެން ދާނެހެނެއް ހިޔެއްނުވެއެވެ. ދާނީ ވެސް ކިހިނަކުންތޯއެވެ. އޭނަގެ ދިރިއުޅުން ނަގާލި ނުލަފާ އިންސާނާ އެހުރީ އޭނައާއި ދާދި ގާތުގައެވެ. އަމާނީގެ ދެލޯ ކަރުނުން ފުރި ބާރުވެގެން ދިޔައެވެ. މީގެ އަހަރެއްހާ ދުވަސް ކުރީގެ ހަނދާންތަކުން އަމާނީގެ ހިތް އެތިކޮޅުތަކަށް ބުރުވާލައިފިއެވެ. ރަހުމެއް ހަމްދަރުދީއެއް ނެތި ގަދަ ބާރުން އޭނަގެ އުފާވެރިކަން ބަޔަކު ނަގާލީ އޭނައަށް ކުރެވުނު ކޮން ކަމެއްގެ ސަޒާގައި ހެއްޔެވެ؟ އޭނައަށް ލިބުނު ވޭނުގެ ޒައްރެއްގެ މިންވަރުވެސް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނެއެވެ. އެނުލަފާ މީހުން ގާތު އޭނަ ހާދަ ވަރަކަށް އާދޭސް ކުރިއެވެ. ފައިބުޑަށް ވެއްޓި ރުޔެވެ. ނަމަވެސް އެހިލަ ހިތްތަކަށް އަސަރެއް ވެސް ނުކުރިއެވެ. ޒަމާންތަކަކަށް އެއްވޭނެއް ތަކުރާރުކޮށް އޭނައަށް ލިބުނެވެ. އޭނަ އުޅެން ޖެހުނު ހާލާއި ކުރިމަތިިވި ތުރާތައް ވިސްނުމަށް ވެރިވެގެންނަ ކޮންމެ ފަހަރަކު ލޮލުން ލޭކަރުނަ ފައިބައެވެ. އެހުރިހާ ކަމަކާ ހަނގުރާމަކޮށްކޮށް އޭނަ ވަރުބަލި ވެއްޖެއެވެ.
ނަފްސާނީ ގޮތުން ލިބުނު އަނިޔާތަކުގެ ޝިކާރައަކަށްވެ އަމާނީ ވަނީ ދިރިއުޅުން ދެކެ ފޫހިވެފައެވެ. ޑިޕްރެޝަންގެ ނުރައްކާތެރި ފައްތަރަށް ގޮސް އޭނަ މަރުވާންވެސް ކިތަންމެ ފަހަރަކު އުޅެފިއެވެ. ނަމަވެސް އުމުރުގައި އަދިވެސް ތަން ހުރުމުން ކޮންމެ ފަހަރަކު ސަލާމަތްވަނީއެވެ. އެކަމާ އަމާނީ ތަޤުދީރާ ޝަކުވާކުރެއެވެ. އޭނަގެ އަޖަލު ހަމަނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ދިރިހުންނާކަށް ބޭނުމެއް ނޫނެވެ. މީ އަނިޔާވެރި ދުނިޔެ އެކެވެ. އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން ތިބި ތަނެކެވެ. އެއްވެސް ރައްކާތެރިކަމެއް ނެތް ތަނެކެވެ. ހިތްހެޔޮ މީހުންގެ ފަހަތުގައި ފިލާ ތިބެނީ އިފުރީތުންނަށް ވުރެ ނުބައި ބައެކެވެ. ޝައިތާނުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.
''ގިވް ސަމް ސްޕޭސް...'' އީލާފް ބުނެލިއެވެ. ''އިމީ، ރަގަޅު ނޫނިއްޔާ ހިނގާ ގެއަށް ދާން...''
އަމާނީ ފެނުމާއެކު ޝިއާފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ އަމާނީ ވެސް އިސްއުފުލާލި ވަގުތެވެ.
ކަރުނުން ފުރި ބާރުވެފައިވާ ދެލޮލުން އަމާނީ ޝިއާފަށް ބަލަމުން ދިޔައެވެ. އެދެލޮލުގައި ވިދަމުން ދިޔައީ އިންސާފަށް ފެންބޮވައިގެންފައިވާ މަންޒަރެވެ. ދެން އޭނަގެ ނަޒަރު ސީދާ ވެގެން ދިޔައީ މައުވާ އަށެވެ. އެއާއެކު ޝިއާފަށް ތެޅިގަނެވުނެވެ. ހީވީ އެތައް ހާސް ޓަނުގެ ބަރުދަން ބޮލަށް އެއްފަހަރާ ވައްޓާލެވުނު ހެންނެވެ. ޝިއާފްގެ ނުރުހުމުން ފުރިގެންވި މޫނުގައިވި އިންޒާރުގެ މެޖެސު ދެނެގަންނަން އަމާނީއަށް އުނދަގުލެއް ނުވިއެވެ. އޭނައަށް އިސްއޮބާލެވުނެވެ. ހިތަށް ފޭދިގެން ދިޔަ ބިރުވެރިކަމުގެ ސަބަބުންނެވެ. ޝިއާފާ ދެކޮޅަށް ނިކުމެވުމަކީ އޭނައަށް ދެން ހެދޭނެ އެންމެ ބޮޑު ގޯހެވެ. ދެން ފެންނާނީ އޭނަގެ ފުރާނަ ނެތް މަސްގަނޑު ނޫންކަމެއް ވެސް ނޭގެއެވެ.
''އީލާފް އަހަރެން ބޭނުންވަނީ ދާން...'' އަމާނީ އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ.
''ގައިޒް އައެމް ސޮރީ...'' ވެދިޔަ ކަންތަކަށް އީލާފް މާފަށް އެދުނެވެ. އޭގެ ނޭދެވޭ އަސަރު ބާރބެކިއުއަށް ކުރާނެކަން އެނގޭތީ އެވެ. އަމާނީ އެކަނި ފޮނުވާލަން ބޭނުންނުވާތީ އީލާފް އަމާނީގެ ފަހަތުން ހިނގައިގަތެވެ.
މައުވާ ހުރީ އަޖައިބުވެފައެވެ. އޭނަ ޝިއާފަށް ބަލާލުމާއެކު ޝިއާފް ގަދަކަމުން ހިނިތުންވިތަން ފެނުނެވެ. މިފަހަރު އެހިނިތުންވުމުން މައުވާގެ ހިތަކަށް ފިނިކަން ހޯދައި ދިނުމުގައި ކާމިޔާބެއް ނުލިބުނެވެ. އެއަށްވުރެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް އިތުރެވެ. ހުރިހާ އެންމެންގެ ތެރޭން އަމާނީ ޝިއާފަށް ބެލީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ނޭގޭ ސިއްރެއް އެދެމެދުގައި އޮތީ ހެއްޔެވެ؟ މިހުރިހާ ސުވާލުތަކުގެ ސަބަބުން މައުވާގެ ނަފްސުގެ ހަމަޖެހުން ގެއްލުނެވެ.