ޝިއާފް އަމާނީއާ ދުރަށް ޖެހިލުމަށްފަހު ދާން ހިނގައިގަތީ އަދިވެސް އެއްފަހަރު އޭނަ ދިން އިންޒާރު ތަކުރާރުކޮށްލާފައެވެ. ނޭވާ ހިފަހައްޓާލައިގެން އަމާނީއަށް ހުރެވުނީ އަވަހަށް ޝިއާފް އެތަނުން ދިއުމަށް އެދޭހާލުގައެވެ. ޝިއާފް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ސައިކަލަށް އަރާ ދުއްވާލުމާއެކު އަމާނީއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ފުރަގަހަށް ލައިގެން ހުރި އަތުގައި އޮތް ފޯނަށް އޭނަ ނަޒަރު ހުއްޓާލިއެވެ. މިހުރިހާ އިރު އޭނަ ކުރި މިންނެތް މަސައްކަތަކީ އެއީއެވެ. މުޅި މީހާ ބިރުން ގޮސް ރޫރޫއަޅަމުން ދިޔަ ވަގުތުގައި ވެސް އެފަދައިން ކަންތައް ކުރުމުގެ ވިސްނުމެއް ދެއްވުމުން އޭނަ މާތްﷲއަށް ޝުކުރުވެރިވިއެވެ. އަންހެންކުއްޖެއްގެ ދިރިއުޅުން ނުރައްކަލުން ސަލާމަތްކުރުމަށް އޭނައަށް ލިބުނު ވަރުގަދަ ހެކި މިއޮތީ އޭނަގެ އަތުގައެވެ. އޭނަގެ ވާހަކަތަކަށް މައުވާ ޤަބޫލުނުކުރިއްޔާ އެރެކޯޑިންއަށް އިތުބާރުކުރެވޭނެ ނޫން ހެއްޔެވެ؟ އޭގައި ޝިއާފް އަމިއްލައަށް ކުރި ކުށްތަކަށް އިއުތިރާފުވެ، އޭނައަށް ދިން އިންޒާރުތައް ވެސް ވެއެވެ.

މުޅިރޭ އަމާނީ ހޭދަކުރީ މައުވާއާ ބައްދަލުކުރާނެ ފުރުސަތެއް ލިބޭނެ ގޮތަކާ މެދު ވިސްނުމުގައެވެ. އޭނަ އީލާފްގެ ނަންބަރަށް ގުޅުމުން ވެސް ޖަވާބެއް ލިބުނު ކަމަކަށް ނުވިއެވެ. އެކަމާ މެދު އޭނަ ރުޅިވެސް އައެވެ. ބޭނުމެއް ޖެހޭ ހާލަތެއްގައި އެއްވެސް މީހެއްގެ ފޯނަކަށް ނުގުޅޭނެއެވެ. ވިސްނުމުގެ ތެރޭގައި އަމާނީ ވަގުތު ގުނަމުން ދަނިކޮށް އޭނަގެ ފޯނު ރިންގްވާން ފެށި އަޑާއެކު އަަވަސްއަވަހަސް ފޯނަށް ނަޒަރެއް ދީފިއެވެ. ގުޅަނީ އީލާފެވެ. ހިތަށް ލިބިގެން ދިޔަ ފިނިކަމާއެކު އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

''އާރ ޔޫ އޯލް ރައިޓް؟ އަނެއްކާ ތަނެއްގަ ރޯވީތަ؟...'' ފުރަތަމަވެސް އީލާފް ކޮށްލި ސުވާލަކީ އެއީއެވެ.

''އެލީ، އަހަންނަށް ކަމެއްކޮށްދީބަލަ، އެލީގެ ކްލާސްމޭޓް މައުވާގެ ކޮންޓެކްޓް ނަންބަރު ދީބަލަ...'' އީލާފްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އަމާނީ އަހާލިއެވެ. ކެތްތެރިކަން ކުޑަވެފައެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަކަށް ޖަވާބު ބޭނުން ވެފައެވެ.

''ވޯއ... ކާމް ޑައުން އަމާނީ...'' އަމާނީ އެހާ ހާސްވެފައިވާ ސަބަބެއް އެނގެން ބޭނުންވެފައި ހުރި އީލާފް ބުންޏެވެ. އަނެއްކޮޅުން އަމާނީ މައުވާގެ މައުލޫމާތު ސާފުކުރަން އުޅުމުން އޭނަ ހައިރާން ވެސް ވިއެވެ.

''ވަރަށް މުހިންމު ކަމެއްގަޔޭ...'' އަމާނީގެ އަޑުގައި ވަނީ އާދޭހެވެ. ކިތަންމެ ފަހަރަކު މައުވާ ހުށަހެޅިފައިވާ ނުރައްކަލުގެ ބޮޑުމިން ކިޔައިދީފާނަމޭ އަމާނީގެ ހިތަށް އެރިއެވެ. އެނޫން ގޮތަކަށް ޖަވާބު ލިބުމުގައި ކުރިމަގެއް ނުލިބޭނެތީއެވެ. ނަމަވެސް އެހާ ބޮޑު ސިއްރެއް އީލާފާ ހިއްސާކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.

''އަމާނީ ދަންނަންތަ މައުވާ؟ އަހަރެން އަތަކު ނެތް މައުވާގެ ނަންބަރެއް އެކަމަކު އޭނަގެ ކަޒިންގެ ނަންބަރު އެބަ އޮތް...'' އީލާފް ތޫބާގެ ނަންބަރު ދިނެވެ. އެއާއެކު އޭނައަށް އިތުރު އެއްޗެއް ނުބުނެވެނީސް އަމާނީ ފޯނު ކަނޑާލުމުން އަމާނީއާ ދިމާއަށް ކުދި ކިޔާލިއެވެ.

މަންޒިލާއި ދާދި ގާތަށް ދެވިފައި ވާއިރު ވެސް އަމާނީ ހުރީ ދެފިކުރެއްގައެވެ. ފޯނުގައި ލިޔެފައި އިން ނަންބަރަށް އޭނަ ބަލަހައްޓައިގެން ހުއްޓެވެ. އޭނަ މައުވާ ގާތު އެވާހަކަތައް ބުނާނީ ކިހިނެއް ހެއްޔެވެ؟ މައުވާ އޭނަގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީފައި ފޯނު ކަނޑާލައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މައުވާ އެކަން ދޮގުކޮށް ޝިއާފް ގާތު ބުނެފިއްޔާ ޔަޤީނުން ވެސް އޭނަގެ ދުވަސް ދާނެއެވެ. ޝިއާފް މިހާރު ހުންނާނީ މައުވާގެ ވިސްނުމާ ކުޅެލާފައެވެ. ޝިއާފަކީ ދޮގުހަދަން ކިހާ ކުޅަދާނަ މީހެއްކަން އެންމެ ރަގަޅަށް އެނގޭނީ އޭނަ އަށެވެ. އެދޮގުތަކުގެ ފަށުވިކަމުން ކަންފަތަށް ވިރިގެންދާނީ މާމުޔަށްވުރެން ވެސް ފޮނިކޮށެވެ. މީހުންގެ ވިސްނުމާ ކުޅެލުމާއި، މަކަރާއި ހީލަތް ހެދުން އެއީ ޝިއާފަށް ޤުދުރަތުން ދެއްވާފައިވާ މޮޅު ހުނަރެކެވެ. އޭގެ އަސަރު ސިހުރަށް ވުރެ ބާރުގަދަވާނެއެވެ. ޝިއާފްގެ އަތްދަށުން އޭނަ މައުވާ ސަލާމަތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟

''ގުޅަން ވީތަ؟...'' އަމާނީ އޭނަގެ ޒަމީރާ ވާހަކަ ދެއްކިއެވެ. ''ނޫން، މައުވާއާ ޕާރސަނަލީ ބައްދަލުކޮށްފަ ބުނުމުން ރަގަޅުވާނީ، އޭރުން އޯޑިއޯ ވެސް މައުވާއަށް އިއްވާލެވޭނީ، ފޯނުން ބުނެފިއްޔާ ޤަބޫލުނުކޮށްވެސް ހިނގައިދާނެ، އަނެއްކޮޅުން މައުވާ ޝިއާފް ގާތު ބުނެފިނަމަ އޭނަ އަހަންނަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން ފަހެއް ނުޖެހޭނެ.... އާނ، މައުވާއާ ބައްދަލުކޮށްފަ ޝިއާފްގެ ހަޤީޤަތް ކިޔައިދޭނީ، އެއީ އެންމެ ރަގަޅު ގޮތް...'' އަމާނީ ފަހުގެ ނިންމުން ނިންމާލިއެވެ. އޭނަ އަނެއްކާ ވެސް އީލާފަށް ގުޅާލިއެވެ. މައުވާގެ އެޑްރެސް ހޯދުމުގެ ނިޔަތުގައެވެ.

''ކިހިނެއްވީ؟...'' އީލާފް ބުނެލިއެވެ.

''މައުވާ އުޅޭ ގޭގެ އެޑްރެސް އެލީއަށް އެނގޭތަ؟...''

''މައުވާއާ ބެހޭގޮތުން ހަދާ ސުވާލަކޭ ތިކުރަނީ، އަމާނީ ދަންނަންތަ މައުވާ؟، އެކަމަކު ކުރީ ދުވަހު ފެރީ ޓާރމިނަލުން ބައްދަލުވިއިރު ހީވި ދެ ބީރަށްޓެހިންހެން...''

''ފަހުން އީލާފަށް ހުރިހާއެއްޗެއް ކިޔައިދޭނަމޭ، އިހަށް އަހަރެން އެހި ސުވާލަށް ޖަވާބު ދީބަލަ، ޕްލީޒް...''

''ވީ އާރ ނޮޓް ދެޓް ކްލޯޒް...'' އީލާފްގެ ޖުމްލައިން އަމާނީ މާޔޫސް ވިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވިގެން ހިނގައިދާނެތީ އޭނަ ބިރުގަތެވެ. އިތުރު އެއްވެސް އަލިމަގެއް ހަމަ ނެތީ ހެއްޔެވެ؟

''ކަޒިންގެ ވެސް؟...'' އަމާނީ އެހި އެވެ.

''އަޅެ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް އެބަހިނގާ، ކީއްވެތަ އަމާނީ އަހަރެން ގާތު ނުބުނަން ތިއުޅެނީ؟ ކުއްލިޔަކަށް މައުވާގެ އިންފޮރމޭޝަން ބޭނުންވާނީ ކޮންމެވެސް ސަބަބެއް އޮތީމައެއްނު، އެސަަބަބު ބުނެފިއްޔާ އަހަންނަށް ހެލްޕެއް ވެސް ވެވިދާނެއެއްނު...'' އީލާފް ހުރީ އަމާނީ މައުވާއާ ބައްދަލުކުރަން ބޭނުންވާ ސަބަބު އޮޅުން ފިލުވަން އިންތިހާއަށް ބޭނުންވެފައެވެ.

''އެލީ، އަހަރެން މިބުނާ ވާހަކަތައް އިތުރު މީހެއް ގާތު ނުބުނާނަންކަމަށް ޕްރޮމިސް ކުރޭ...'' ހުރިހާ ދޮރެއް ބަންދުވެ ވަށައިގެން ކަނުއަނދިރިކަން ވެރިވެފައިވާތީ ހަމައެކަނި އޮތް އުއްމީދުގެ ދޯދިފަށުގައި އަމާނީ ހިފެހެއްޓިއެވެ. މައުވާއާ ހަމައަށް ވާސިލު ވުމުގައި އެންމެ ފަސޭހަ ވާނީ ވެސް އީލާފަށްކަމަށް ހިތް ބުނުމުންނެވެ.

އަމާނީ ފުންނޭވާއެއް ދޫކޮށްލަމުން ނީދާފައި އޮތް އޭނަގެ މަންމައަށް ބަލާލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގައި ހުރި ބެލްކަނިއަށް ނިކުމެލުމަށްފަހު ބެލްކަނީގެ ދޮރުފަތް ލައްޕާލިއެވެ.

*****

އެއްއަހަރު ކުރިން......

އޮފީސް ނިންމާލުމަށްފަހު ގެއަށްދާން އަމާނީ ނިކުތީ ޝިއާފާ އެކުގައެވެ. އަމާނީ ޝިއާފްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރިއިރު ދެމީހުންގެ މިސްރާބު ވެސް ހުރީ ޝިއާފްގެ ސައިކަލާ ދިމާއަށެވެ. ޝިއާފް ސައިކަލަށް އެރި ތަނާ އޭނަގެ ފޯނަށް ކޯލެއް ލިބުމުން ބިޒީކޮށްލުމަށްފަހު މެޖެސެއް ލިޔެފައި ފޮނުވާލިއެވެ.

''ކާކަށްތި މެސެޖުކުރަނީ؟...'' ސައިކަލުގެ ފަހަތަށް އަރަމުން އަމާނީ އެހިއެވެ. ޝިއާފަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނަ ސައިކަލު ދުއްވާލިއެވެ. އެހެނިހެން ދުވަސްތަކާ ނުބައްދަލުކަމެއް އަމާނީއަށް ފާހަގަ ކުރެވުނެވެ. ކުރިން އޭނައާ ފޫހިކަމެއް ނެތި ވާހަކަދައްކާ ޝިއާފަށް މިއަދު އައިސްފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ކުރިން ގެއަށްދާ ވަގުތު ސައިކަލުގެ ދުވެލި މެދުމިނުގައި ހުންނައިރު މިއަދު ހުރީ ބާރުކޮށެވެ. ހިތުގައި ބުރުޖަހަމުން ދިޔަ ސުވާލުތައް އޮއްބާލައިގެން އަމާނީ އިނެވެ. ޝިއާފް މާބޮޑަށް ވަރުބަލިވީ ކަމަށް ވެދާނެތީއެވެ.

ޝިއާފް ގޮސް ގެސްޓް ހައުސްއެއް ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމުން އަމާނީއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އޭނަ އަހާލުމުން ޝިއާފް ބުނީ ޢާއިލާ މީހަކަށް ޒިޔާރަތްކޮށްލަން އައީ ކަމަށެވެ. އޭނައާއެކު ނުވަންނާނަންތޯ ވެސް އަމާނީ ގާތު އަހާލިއެވެ. ޝިއާފަށް ކުރެވޭ އިތުބާރެއްގެ ސަބަބުން އަމާނީ ނިކަން އަވަހަށް ޝިއާފްގެ ފަހަތުން ހިނގައިގަތެވެ. އުށްބައްތީގެ ހުޅުކޮޅަށް ދަހިވެތިވާ ޕަރުވާނާއެއް ފަދައިންނެވެ. ޝިއާފް އެހިތަށް ޖައްސާފައިވަނީ ކޮން ކަހަލަ ސިހުރެއްކަމެއް ވެސް އަމާނީއަކަށް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އެހިތް ޝިއާފްގެ ކޮންމެ ބަހެއް ދީވާނާއެއްހެން ޤަބޫލުކުރާކަމެވެ.

ޝިއާފް ގޮސް ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. ޝިއާފްގެ ފަހަތުން ވަން އަމާނީގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ކޮޓަރީގައި ހުރި ކުޑަ ސޯފާގައި ތިބި ދެ ފިރިހެނުން ލައިގެން ތިބީ ހަމައެކަނި ބޮކްސާ ކޮޅެކެވެ. އެމީހުން ބޮމުން ދިޔަ އެއްޗެހީގެ ނުބައި ވަހުން ކޮޓަރީގެ ހަތަރުފާރުތެރެ އެއްވަސްކޮށްލާފައި ވެއެވެ. އަމާނީގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ ކުއްލިޔަކަށެވެ. އެއާއެކު އޭނައަށް ބަލާލެވުނީ ޝިއާފްގެ މޫނަށެވެ. ޝިއާފް އަމާނީއަށް ފުރަގަސް ދެމުން ކޮޓަރީގެ ދޮރު ތަޅުލުމާއެކު އަމާނީއަށް ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެންނެވެ. ވާން މިއުޅޭ ގޮތެއް ނޭގުނު ކަމުގައި ވިޔަސް ޝިއާފްގެ ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުމުން އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކަރަށް މަޅިއެއް މެހިއްޖެކަމުގެ އިހުސާސް އޭނައަށް ކުރެވުނީ ދެނެވެ. އޭގެ ވަންކަމާއެކު ހިނދުރީގައި ނޭވާ ތާށިކޮށްލައިފިއެވެ. އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނު ހިނދު އަތްދަބަސް ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. މުޅި މީހާ ދަލުން ފެންވެރިއްޖެއެވެ.

''ޝިއާފް؟...'' އަމާނީގެ ދެލޯ ކަރުނުން ފުރި ބާރުވެގެން ދިޔައެވެ. މިވަނީ ކީއް ހެއްޔެވެ؟ އޭނައަށް އިތުބާރު މިކުރެވުނީ ކާކަށް ހެއްޔެވެ؟ އޭނައަށް ލޯބިވެވުނު ޝިއާފާ މިހާރު ކުރިމަތިން ފެންނަމުންދާ ޝިއާފާ ހާސްބައި ތަފާތެވެ. ހީވަނީ މުޅިން އެހެން މީހަކު އެހަށިގަނޑުން އުފަންވެފައި ވާހެނެވެ. ބިރުން ގޮސް އަމާނީގެ ހިތް ހުއްޓޭވަރުވިއެވެ. ދެލޯ ފުރިބާރުވެގެން ދިޔަ ވޭނީ ކަރުނަތައް ފައިބެގެން ދިޔަ ހިނދު މީހަކު ފުރަގަހުން އައިސް އޭނަގެ ގައިގައި ހިފެހެއްޓިކަން އިހުސާސް ކުރެވުނެވެ. އޭނަ ހަޅޭއްލަވައިގަންނަން އުޅުމާއެކު އެމީހަކު އޭނަގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލައިފިއެވެ. އެމީހެއްގެ އަތުގެ ތެރޭން ސަލާމަތްވުން އަމާނީއަށް ވީ މުސްތަހީލު ކަމަކަށެވެ.

ނާޒުކް މަލެއް އަތުތެރެއަށް ލުމަށްފަހު ޗިސްކޮށްލާ ބީދައިން ރިހާން އަމާނީގެ ގައިގައި ހިފަހައްޓާލައިގެން ހުރިއިރު އަމާނީއަށް ނޭވާލާން ވެސް ދަތިވިއެވެ.

''ހާދަ ރީތި މަންޖެއެކޭ ތިއަތުއަޅުވާލީ...'' ރިހާން އަމާނީގެ މޫނުގައި ފިރުމާލަމުން އިސްތަށިގަނޑުން ވަސްގަނެލިއެވެ. ދެން ކޮޓަރިތެރެ ގުގުމާލައިގެން ދިޔައީ ނުލަފާ ހުނުމެއްގެ އަޑުންނެވެ. އެއަޑު އަމާނީއަށް އިވުނީ ހޮނު ގުގުރީގެ ސިފައިގައެވެ.

އަމާނީގެ ހަށިގަނޑުން އަންނައުނުތައް ވަކިކުރަން ރިހާން އަވަސްވި ހިނދު އަމާނީ ބާރަށް ހަޅޭއްލަވައިގަތެވެ. އަރުތެރެއިން އަޑު ނުނިކުތްކަމުގައި ވިޔަސް އެވެ. ކަރުން ހަންދަންދެން އޭނަ ހަޅޭއްލެވިއެވެ. ތެޅިފޮޅުނެވެ. ނަމަވެސް ބާރުގަދަ ފިރިހެނެއްގެ އަތުގެ ތެރޭން އޭނައަށް ސަލާމަތެއް ނުވެވުނެވެ. އޭނަގެ އަޑު އަހާނެ މީހަކު ވެސް އެތާކު ނުވިއެވެ. ރަހުމެއް ނެތި ރިހާން ދިޔައީ އަމާނީގެ ހަށިގަނޑަށް އަތްގަދަކުރަމުންނެވެ. އެއިން ކޮންމެ ބީހުމަކުން އެހަށިގަނޑުގައި އަލިފާން ޖެހޭ ކަހަލައެވެ.

ކަރުނުން ފުރިފައިވާ ދެލޮލުން އަމާނީ ޝިއާފަށް ބަލާލީ އޭނައާ މެދު ރަހުމުކުރުމަށް ބުނާ ހާލުގައެވެ. ހިމާޔަތުގެ އަތެއް ދިއްކޮށްލުމަށް އެދި އާދޭސް ކުރާ ހާލުގައެވެ.

ރިހާންއަށް ކުރެވުނު ހަރަކާތަކުން އަމާނީއަށް ކުޑަ ލުޔެއް ލިބުނެވެ. ބަލާކަށް ނުހުރެ އޭނަ ރިހާންގެ އަތުގައި ދަތްއަޅާލިއެވެ. ދޫކޮށްލީ ލޭރަހަ ލާން ފެށުމުންނެވެ.

ލިބުނު ވޭނާއެކު ރިހާން އަމާނީ ކޮއްޕާލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް އަމާނީ ވެއްޓުނީ ޝިއާފްގެ ފައިބުޑަށެވެ. ވީދިފައިވާ ހެދުމުން ހަށިގަނޑު ނިވާ ކުރަމުން އޭނަ ޝިއާފް ގާތު އާދޭސްކުރަން ފެށީ ގިސްލުމަކުންނެވެ. އޭނަ ސަލާމަތްކޮށްދިނުމަށް އެދުނެވެ. އޭނަ ވާ ލޯބީގައި ކޮޅުފައިން ނުޖެހުމަށް އެދުނެވެ. ޝިއާފް އޭނައަށް ދެނީ ކޮން ކުށެއްގެ ސަޒާތޯ އަހާލީ ހިތްކުދިކުދިވެފައިވާ ރާގެއްގައެވެ. ނަމަވެސް އަމާނީގެ އާދޭހަކުން އަދި ރުއިމަކުން ވެސް ޝިއާފްގެ ހިލަ ހިތް ފޫއަޅުވާނުލެވުނެވެ. އެތާ ތިބި ކޮންމެ މީހެއްގެ ސިކުނޑިއަށް ވަނީ ޝައިތާނާ ސަވާރުވެފައެވެ. ޝައިތާނާގެ ވަސްވާހުގައި ޖެހި ޢާފިލް ވެފައެވެ.

''ޝިއާފް.... ޕް..ލީޒް ހެ..ލްޕް މީ...'' ގިސްލުމުގެ ތެރޭން އަމާނީ ބުންޏެވެ. ގިނައިރު ހަޅޭއްލެވުމުގެ ސަބަބުން އޭނަގެ އަޑެއް ވެސް ރަގަޅަކަށް ނުނިކުތެވެ. އަމާނީ އެންމެފަހުން ޝިއާފްގެ ފައިގައި ހިފިއެވެ.

''ކަލޭގެ ދުވަސް ދިޔައީ...'' ރިހާން ވައިރޯޅީގެ ބާރުމިނުގައި އައިސް ހިފީ އަމާނީގެ އިސްތަށިގަނޑުގައެވެ. ވީތަދާއެކު އަމާނީއަށް ރޮއިގަނެވެން އުޅުނެވެ. ނަމަވެސް އަޑު ބޭރުވުމުގެ ކުރިން އަމާނީގެ އަނގައިގެ ތެރެއަށް ޝިއާފް ފޮތިކޮޅެއް ކޮއްޕާލައިފިއެވެ.

އަމާނީގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ރިހާން އަމާނީ އެނދާ ހަމައަށް ގެންދިޔައެވެ. އަދި އަތުގައި ހިފާ ނަގާ އެނދުގެ ތެރެއަށް ގަންބާލިއެވެ. އަމާނީ ސާލަމަތްވާން ތެދުވާން އުޅުމާއެކު ރިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ދެން އެހަށިގަނޑަށް އަމާޒުވެގެން ދިޔަ ހަމަލާއާއެކު އަމާނީއަށް ހީވީ ހަށިގަނޑުގެ މަސްތައްވެސް އިރައިގެން ދިޔަ ހެންނެވެ. ލިބުނު ގަދަ ވޭނުގައި އޭނަގެ ހެޔަށް ވެސް ގޮތް ވިއެވެ. އަރުން ދިލަ ނަގަމުން ދިޔަ ކަމުގައި ވިޔަސް އަނެއްކާ ވެސް ހަޅޭއްލަވައިގަނެވުނެވެ. ފޮތިގަނޑުގެ ތެރެއަށް އަޑު ހިނދިގެން ދިޔަކަމުގައި ވިޔަސް އާދޭސް ކުރިއެވެ.

ބަނޑުހައިވެފައި ތިބި ސިންގާތަކެއްގެ ވަކިތަކުގެ ދަށުވެ އަމާނީ ހަފުސްވެގެން ދިޔައެވެ. ކޮންމެ މީހަކު އެހަށިގަނޑުން ކަރުހިއްކުން ފިލުވަމުން ދިޔައެވެ. އެމީހުންނަށް ލިބުނު އުފާތައް ވެގެން ދިޔައީ އަމާނީއަށް ލިބުނު ގަދަ ވޭނަކަށެވެ.

އަމާނީގެ ހިތަށް އެންމެ އަސަރުކުރީ ޝިއާފް ވެސް އެފާހިޝް ޢަމަލުގައި ބައިވެރިވުމުންނެވެ. އޭނަގެ ހިތާއި ޖިސްމުގައި އެވަގުތު ލެވުނު ފާރުތަކަށް ދުވަހަކުވެސް ޝިފާއެއް ލިބޭނެކަމެއް ނޭގެއެވެ. އެންމެ އިންސާނަކަށް ކުރެވުނު އިތުބާރާއި ވެވުނު ލޯބީގެ ސަބަބުން އޭނަގެ ޢިއްފަތްތެރިކަން ވެއްޔާއި މޮޑެވިގެން ހިނގައްޖެއެވެ. މިދުނިޔެ މަތިން އެންމެ ލޯބިވީ އިންސާނާގެ ހަމަލާވެސް އެހަށިގަނޑަށް އަމާޒުވެ ނިމިއްޖެއެވެ. އޭނަގެ ރޫހު ވެސް މަރުވެގެން ދިޔައެވެ.

އަމާނީގެ ހޭހުސްވެގެން ދިޔައިރު ވެސް އެނުލަފާ ޝައިތާނުންގެ ކަރުހިއްކުން ފިލިކަމަކަށް ނުވިއެވެ. ވޭނާއި ހިތްދަތިކަމުގެ ސައިލުތައް އޮޅާލެވި އަނދިރިކަމުގެ ތެރެއަށް އަނމާނީ ގެނބި ނިމިއްޖެއެވެ.

*****

އަމާނީއަށް ގިސްލެވުމުން އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ. ރުއިން ކޮންޓްރޯލްކުރުން ވެސް އޭނައަށް ވީ ދަތި ކަމަކަށެވެ. އެވާހަކަތައް ކިޔައިދެމުން ދިޔަ ވަގުތު އަމާނީއަށް ކުރާނެ ފުން އަސަރުތައް އީލާފްގެ ހިތަށް ގެނެވުމާއެކު އޭނަގެ ހިތުގައި ރިއްސާލިއެވެ. ލޮލުން ކަރުނަވެސް ނީރާލައިފިއެވެ. އެއީ އަޑުއަހަން ކެތްވާވަރުގެ ވާހަކަތަކެއް ނޫނެވެ! އެއީ ހިތަށް ތަސައްވަރުކުރަން ދަތި ވޭނާއި ކެކުޅުމެކެވެ!

އީލާފް ހުރީ ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އަމާނީގެ ހިތްދަތިކަމާއި، އުދާސްތަކަށް ޝިފާއެއް ހޯދަދޭން އޭނަ ވަރަށް ބޮޑަށް ބޭނުން ވިއެވެ. އަމާނީގެ ނަފްސާނީ މައްސަލަތަކުގެ ފަހަތުގައި ވާ ސިއްރު ވެސް މިއެނގުނީ އަދި ކިރިޔާއެވެ. ހާދަ ހިތާމަވެރިއެވެ.

''އޯހް ގޯޑް...... އަހަރެން އަމާނީއަށް އެހީވާނަން، ވަޓް ޝުޑް އައި ޑޫ؟...'' ކަރުނަތައް ފޮހެލަމުން އީލާފް އަހާލިއެވެ. ސަހަރޯއެވެ. އެފަދަ ނޭންގާނީ ޖަރީމާއެއް ހިންގާނީ ހާދަ ރަހުމުކުޑަ ބަޔެއް ހެއްޔެވެ؟ އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަށް އަރައިގަތް ހިނދު ރަހުމުގެ ކަންފުޅެއް ވެސް އެއިން ހިތަކު ނެތީ ހެއްޔެވެ؟ އިސްސާނުންގެ ގިންތިއަކަށް ވެސް އެމީހުނެއް ނާންނާނެއެވެ. ޝައިތާނުންނޭ ބުންޏަކަށް ދޮކަށް ނުވާނެއެވެ. ހަވާނަފްސުގެ ހެއްލުތަކުން މަގުފުރެދިފައި ތިބި އެނުލަފާ ޖާހިލުންނަށް ސަޒާ ލިބުން މުހިންމެވެ.

''މިއިން އެއްވެސް ވާހަކައެއް ނުދައްކައްޗޭ، އަހަރެން ވަރަށް ޓްރަސްޓްކޮށްފަ އެލީއަށް މި ކިޔާދިނީ، އަދި މަންމައަށް ވެސް މިހުރިހާ ވާހަކައެއް ކިޔައިނުދެން...... އެލީ، އަހަންނަށް ކަމެއްކޮށްދޭން ބޭނުންނަމަ މައުވާއާ ބައްދަލުވާނެ ގޮތެއް ހަދާދީ، އެކުއްޖާއަށް ދެރައެއް ލިބުމުގެ ކުރިން، ޝިއާފްގެ ހަޤީޤަތް މައުވާއަށް އެނގުން ވަރަށް މުހިންމު...'' އަމާނީގެ އަޑުގައި ވަނީ އާދޭހެވެ. އީލާފް ވަގުތުން އެއްބަސް ވިއެވެ. މާދަން ސްކޫލް ނިމޭ ގަޑިއަށް ސްކޫލަ ކައިރީ ހުންނަ ރެސްޓޯރެންޓަށް އައުމަށް އީލާފް ބުނެލިއެވެ. އޭރުން އަމާނީގެ އެދުން ފުރިހަމަ ވެގެން ދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނަ ދިނެވެ.

''ކީއްވެތަ ފުލުހަށް ނުދިޔައީ...'' އީލާފްގެ ހިތުގައި އޮތް ޝަކުވާއަކީ އެއީއެވެ.

''އެލީއަކަށް ނޭގޭނެ އެމީހުން އަހަންނަށް ދިން އިންޒާރުތަކެއް، އެއީ ނުރައްކާތެރި ބައެއް... އެމީހުން އަތުގަ އަހަރެންގެ ވީޑިއޯ ވެސް ހުރި، އެފަދަ އެއްޗެއް ލީކުވެއްޖެއްޔާ ވާނެ ގޮތެއް ހިތަށް ގެނެސްބަލަ... އަނެއްކާ މަންމަ... މުޅި ފެމިލީ ބަދުނާމުވެގެން ދާނެ...'' އަމާނީ ބުނެދިނެވެ.

އަމާނީ ފޯންކޯލް ނިންމާލާފައި އެނބުރުނު ވަގުތު ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މަންމަ ހުރީ ބިއްލޫރި ދޮރުގެ އަނެއް ފަރާތުގައި އޭނައަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުތަކުން އަމާނީގެ ހިތަށް ތުނޑުތޫނު ކަށިތަކެއް ހަރާލެވުނު ކަހަލައެވެ. އޭނަ ސިއްރުކުރަން މިހާ ދުވަހު މަސައްކަތްކުރި ހަޔާތުގެ ބަނަ ސަފްހާތަށް މަންމަގެ ކުރިމަތީގައި ނިއުޅާލެވިގެން ހިނގައްޖެއެވެ. ހާދަ ދެރައެވެ. މާޒީގެ ތެރެއަށް ދެވޭނެނަމަ އޭނަ ބަދަލުކޮށްލަން އެންމެ އެދޭނެ ވަގުތުކޮޅަކީ އެއީއެވެ. މަންމައަށް އެހުރިހާ ކަމަކަށް ކެތްނުކުރެވޭނެއެވެ.

''މަންމާ...'' ބިއްލޫރި ދޮރުފަތް ކަހާލަމުން އަމާނީ ގޮވާލިއެވެ. އެއާއެކު ހިންދުއަށް ދަރިފުޅުގެ ގައިގައި އޮޅިލައިގަނެވުނީ ބާރަކަށެވެ. އޭނަގެ ބަޑި ފަޅައިގެން ދިޔައީ ދެނެވެ. އަޑުން އަޑުނަގާފައި ރޮއެގަނެވުނު ހިނދު ދެންމެ ކަންފަތަށް އިވުނު ޖުމްލަތައް އަޑު އިވުމުގެ ކުރިން ކަންފަތުގެ އިވުމުން އޭނަ މަހުރޫމް ވިނަމައޭ ހިތަށް އެރިއެވެ. ބާރުގަދަ އަތަކުން ހިފާ އެހިތް ދެފަޅިއަށް އިރާލި ފަދަ ވޭނީ އިހުސާސުތަކުން މުޅި މިހާއަށް ވަނީ ގިލަން ގެނުވާފައެވެ. ލިބުނު ވޭނާއި އެއްވަރަށް ރުޅިވެރިކަން ވެސް ހިތުގައި އުފެދިގެން ދިޔައެވެ. އެނުލަފާ އިންސާނުނަށް ހައްޤު ސަޒާ ލިބުން މުހިންމެވެ! އެއީ މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެކެވެ!

ނިދިން ހޭލެވުމާއެކު އަމާނީ ފެންނަން ނެތުމުން ލިބުނު ނުތަނަވަސްކަމާ ހުރެ އަމާނީ ހޯދަން އަވަސްވި ހިނދު، އޭނަގެ ދުނިޔެ އަނދާއަޅިއަށް ވެގެން ހިނގައިދާނެ ކަމަކަށް ހިތަކަށް ވެސް ނުގެނެވުނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ކުއްލިގޮތަކަށް އަމާނީ ރަށަށް އައުމާއެކު އަމާނީއަށް ކަމެއް ވެއްޖެކަމަށް އޭރުވެސް ހިންދުގެ ހަވަނަ ހިއްސު އޭނައަށް ވިސްނައިދިނެވެ. އެހީ ޔަޤީނަށް ބަދަލުވެގެން ދިޔައީ އަމާނީގެ ކަރުންނާއި އަތުން އޭނައަށް ފެނުނު ނިޝާންތަކުންނެވެ. އެދުވަހު އޭނަ ސުވާލުކުރުމުން އަމާނީ ތެދަށް ނުބުނި ކަމުގައި ވިޔަސް ރޮމުން ކޮންމެވެސް ވަރެއް ކިޔައިދިނެވެ. އެއީ މަޔަކަށް އަޑުއަހަން ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ. މިރޭ އެހުރިހާ ވާހަކައެއްގެ ތަފުސީލު އަޑު އިވި އޭނަގެ ހިތް ފުނޑުފުނޑު ވެއްޖެއެވެ. ދެން އިތުރަށް ކެތްތެރިވުމުގެ ހަކަތައެއް އެބަލިކަށި ހިތަކަށް ލިބިގެން ނުވެއެވެ.

''ދަރިފުޅާ...'' ހިންދުއަށް ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. މަންމަގެ މޭގައި މޫނު ފޮރުވާލަމުން އަމާނީވެސް ގަދަޔަށް ރުއެވެ. އޭނަ މިރޭ ބޭނުންވަނީ މަންމަގެ އަތުގެ ތެރޭގައި ހުރެ ހިތްފުރެންދެން ރޯލާށެވެ.

ހިންދުގެ މެޔަށް ތޫނު ތަދެއް އަރައިގެން ދިޔައީ ކުއްލިޔަކަށެވެ. އެރިހުން ގަދަވެ ނޭވާލުމަށް ވެސް ދަތިވިއެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ މޫނުމައްޗަށް އަދިރިވިގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

''މަންމާ...'' ކުއްލިޔަކަށް ވެއްޓެން ދިޔަ ހިންދުގެ ހަށިގަނޑުގައި ހިފަހައްޓަން އަމާނީ މަސައްކަތްކުރިއެވެ. ނަމަވެސް އެކަމުގައި އޭނައަށް ކުރިއެރުމެއް ނުލިބުނެވެ. ކަނޑާފަ ވައްޓާލި ރުކެއްގެ ބާރުމިނުގައި ހިންދު ވެއްޓިއްޖެއެވެ. އެއީ އަމާނީގެ މުޅި ހަށިގަނޑު ރޫރޫއަޅައިގެން ދިޔަ ވަގުތެކެވެ. މަންމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނު ހިނދު އަޑުން އަޑުނަގާފައި ރޮއިގަނެވުނެވެ. ލިބުނު ހާސްކަމާއި ބިރުވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައީ މަންމަގެ ކަންފަތުންނާއި އަނގައިން އަންނަން ފެށި ލޭގެ ސަބަބުންނެވެ. އެހީއަކަށް އެދި އަމާނީއަށް ހަޅޭއްލަވައިގަނެވުނެވެ.

ކޮމެންޓް 0