ކާރުގެ ބާރު ދުވެލީގެ ސަބަބުން ކާރުގެ ބޮނެޓްގައި ޖެހި ޝިއާފް އެތައް ފޫޓެއްގެ ދުރުމިނަށް ވިއްސައިގެން ދިޔަ އެވެ. އޭނަގެ އެންމެ ފަހު މަންޒިލް ކަމަށް ވެގެން ދިޔައީ މަގުގެ އަރިމަތީގައި ހުރި ލައިޓެވެ. ލައިޓުގައި ޖެހިފައި ޝިއާފް ދުވާރުގެ މައްޗަށް ވެއްޓުނު ހިނދު ދެފަހަރެއްގެ މަތިން ކުކުރާލިއެވެ. ނަަމަވެސް ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހަރަކާތްތައް ކެނޑި މުޅި މީހާ ހިމޭން ވެއްޖެއެވެ. އޭރު ލޭގެ ކޯރެއް ދުވާރު މަތިން ދެމެން ފަށައިފިއެވެ.
ކަންފަތުގައި ގުގުމާލައިގެން ދިޔަ އަޑުފަށްގަނޑާއެކު ބިންމައްޗަށް ވެއްޓުނު މައުވާއަށް ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވުނީ އުނދަގުލާއެކުގައެވެ. ބޮލަށް ބަރުވެފައި ވުމުން ހިނގާ ދިޔަ ހާދިސާ ސިކުނޑިއަށް އޭގެ ފުރިހަމަ ޤާބިލުކަމާ އެކު ދޭހަވާން ވަގުތުކޮޅެއް ނެގިއެވެ. އެއާއެކު މައުވާގެ މޭގަނޑަށް ވަރުގަދަ ލޮޅުމެއް އަރައިގެން ދިޔަ އެވެ. މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ތުފާނެއް އުފަންވި ހިނދު އޭނައަށް ޝިއާފަށް ބާރަށް ގޮވާލެވުނެވެ. އޭރު އޭނަގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ.
މައުވާއަށް ލިބުނު ޒަހަމްތަކުގެ ހިލަމެއް ވެސް އޭނައަށް ނުވާ ކަހަލައެވެ. ޝިއާފް ކޮއްޕާލި ބާރުމިނުގައި ގޮސް ގާތަކުގެ މަތީގައި ޖެހި ނިއްކުރި ފަޅައިގެން ގޮސް ލޭތައް ރޮނގުދަމާލާފައި ފައިބަމުން ދިޔަ ކަމުގައި ވިޔަސް އޭނައަށް އެއިން ކަމެއް އިހުސާސް ވެސް ނުކުރެވެއެވެ. ވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ލޯކުރިމަތިން ތަމްސީލުވަމުން އެދަނީ ހަޔާތުގައި ވެސް ދުށުމަށް އޭނަ ޚިޔާލަށް ވެސް ގެނައި ކަމެއް ނޫން ވިއްޔާއެވެ. މުޅި މީހާއަށް ލިބިގެން ދިޔަ ކުއްލި ސިހުމާއި ބިރުވެރިކަމާއެކުވެ ކަރުނަތައް ފައިބަން ފެށީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. އުނދަގުލާއެކުގައި ވިޔަސް މައުވާއަށް އޭނަގެ ދެފައި މައްޗަށް ކޮޅަށް ތެދުވެވުމާއެކު އޭނައަށް ދުއްވައި ގަނެވުނެވެ.
ކާރު ދުއްވަން އިން ޒުވާނާ އިނީ ގަނޑު ވެފައެވެ. ހަރަކާތެއް ވެސް ގެންނަން ނޭގިފައި ފުން ވިސްނުމަކަށް ގެއްލިފައި ވިއެވެ. ވެދިޔަ ކަންތައް ނުވާކަމަކަށް ހަދައި ފިލަން ވީ ހެއްޔެވެ؟ ނޫނީ މަރާ ހަނގުރާމަކުރަމުން ދިޔަ މީހާއަށް އެހީގެ އަތެއް ފޯރުކޮށްދޭން ވީ ހެއްޔެވެ؟ މީހުންތައް ވެސް އެއްވާން ފެށުމާއެކު އޭނަ ދަލުން ފެން ވެރިއްޖެއެވެ. މުޅި ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދިފައި ވާއިރު އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ޖިންސްގެ ޖީބުގައި އޮތް ފޯނުނަގައި އޭނަ އެމްބިއުލާންސަށް ގުޅާލިއެވެ. އަދި ކާރުން ފޭބުމަށް ދޮރުފަތުގެ އަތްގަނޑުގައި ދެޚިޔާލެއްގެ މަތީ އިނދެ ހިފާލިއެވެ. އަމިއްލަ ފިކުރުތަކާ ވަރުގަދަ ހަނގުރާމައެއް ކުރުމަށް ފަހު އޭނަ ކާރުން ފޭބިއެވެ. އެއާއެކު އޭނައަށް އަމާޒުވެގެން ދިޔަ ލޯތަކާއި މީހުން ދައްކަމުން ދިޔަ ވާހަކަތަކުން ކުރެވުނީ މޮޔަ ކަމެއްކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ.
''ޝި... ޝިއާފް!!!'' މާއުވާއަށް ޝިއާފާ އަރާހަމަކުރެވުނު ހިނދު އޭނަގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. ލެއިން ތަތްތެޅިފައި އޮތް ޝިއާފް ފެނި އޭނަގެ ހެޔަށް ގޮތްތަކެއް ވެސް ނުވީ ހަމަ ކިރިޔާއެވެ. ކަކުލުހުޅުން ވާގި ދޫވެ އޭނައަށް ޝިއާފް ގާތަށް ތިރިވެވުނު ހިނދު އަޑުން އަޑު ނަގާފައި ރޮއިގަނެވިއްޖެއެވެ. ލޯކުރިމަތިން ނިއުޅެމުން ދިޔަ ވޭނީ ހަޤީޤަތަކާއެކު ހިތަށް ތުނޑު ތޫނު ކަށިތަކެއް ހެރެމުން ދާހެން ހީވިއެވެ. ކުރި ފުން އަސަރުތަކާއެކު މައުވާއަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ ޝިއާފާ އެކު ބިނާކުރަމުން އައި ދުނިޔެ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އަނދާއަޅިއަށްވެ ނިމުނީ ހެއްޔެވެ؟ ދެކެމުން އައި ހުވަފެންތަކާއި ކުރެވުނު އުއްމީދުތައް ހަޤީޤަތެއް ނެތް ހުދާއި ކަޅުގެ މަންޒަރުތަކަށް ބަދަލުވެ ނިމުނީ ހެއްޔެވެ؟ ހިތުގެ މަންޒިލާ ހަމައަށް ދަތުކުރުކުރަމުން ދިޔަ ސަވާރީއަށް ލޮޅުން އައިސް މަންޒިލް ގެއްލުނީ ހެއްޔެވެ؟ މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ބިރުވެރި ހުވަފެނެކެވެ.!
''ޝިއާފް!!!...''
ޝިއާފަށް ލިބިފައިވާ ޒަހަމްތައް ފެނި މައުވާގެ ހިތަށް އިތުރަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ. ސިކުނޑީގެ މަސައްކަތަށް ބުރޫއަރައި އޭނައަށް ވާނުވާއެއް ވެސް ވަކިކުރެވޭ ގޮތެއް ނުވިއެވެ. އެހާލުގައި ވެސް ޝިއާފް ކައިރިއަށް ޖެހިލަމުން މައުވާ ޝިއާފްގެ މޫނުގައި ފިރުމާލިއެވެ. އެހަށިގަނޑުގައިވާ ހޫނުކަމަށް އައިސްފައިވާ ބަދަލާއެކު މައުވާއަށް ވޭނީ ގިސްލުމެއްގެ އަޑު ބޭރުކޮށްލެވުނެވެ.
''ލޯ ހުޅުވަބަލަ...'' މައުވާއަށް ބުނެވުނީ ވެސް އެހާވަރަށެވެ. އަރުބެދި ގިސްލުމުގެ އަޑު ނޫން އަޑެއް ނުނިކުތެވެ. ވަށައިގެންވި ކާއިނާތު ވެސް މައުވާއަށް ލިބިފައިވާ ހިތްދަތިކަމުގައި ބައިވެރިވެ ކަރުނަ އަޅަމުން ދިޔަ އެވެ.
އެއްވެފައި ތިބި މީހުންތައް އެހީގެ އަތެއް ފޯރުކޮށް ދިނުމުގެ ބަދަލުގައި މަސްޢޫލުވެ ތިބީ ފޮޓޯ ނެގުމަށާއި ވެދިޔަ ކަންތައް ސޯޝަލް މީޑިޔާއަށް އެއްވެސް މީހަކަށް ދޫކުރުމެއް ނެތި އެެންމެ ކުރިން އެރުވޭތޯއެވެ. ނުވީތާކަށް ހަމްދަރުދީގެ ބަހެއް ބުނެލުމުގެ ބަދަލުގައި އެމީހެއްގެ ވިސްނުމަށް ސިފަކުރެވުނު ގޮތަކަށް ދުލުގެ ބޭނުން ނުބައި ގޮތުގައި ހިފަމުން ދިޔަ އެވެ.
''މަސްތުވެގެން ތަ އޭނަ ހުރީ؟...''
''މަރުވީތަ އަނެއްކާ؟...''
''ހިޔެއް ނުވޭ ދެން ސަލާމަތް ވާނެ ހެނެއް، ބަލާބަ އޭނަގެ ބޮލަށް...''
''މިހާރު މިއުޅޭ ޒުވާނުންގެ ހާލަތު މީ، ހަމައިގަ ތިބޭ ވަގުތެއް ނާންނާނެ ވިއްޔާ ވާނީ މިހެން....''
''އިންޖީނުލީ އުޅަނދަކަށް އެރިއްޖެއްޔާ މިމީހުނަށް އޮންނާނީ ސުވަރުގެއަށް ދެވިފަ...''
..........
''ކޮއްކޯ...''
ބައިގަނޑުގެ ތެރެއިން މީހަކު ކުރިއަށް ޖެހިލާ މައުވާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު މައުވާ ސިހިފައި އެމީހާގެ އަތް ފޮޅުވާލިއެވެ. ކަރުނުން ފުރި ބާރުވެފައިވާ ދެލޮލުން ބީރައްޓެހި މީހާއަށް އޭނަ ބަލާލީ ދުރުގައި ހުރުމަށް ބުނެއެވެ. އޭރު އެމީހާގެ މޫނުން ފެންނަމުން ދިޔަ ހަމްދަރުދީގެ ކުލަވަރުތަކުން މައުވާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އެއްވެސް މީހެއްގެ ހަމްދަރުދީ އޭނަ ބޭނުމެއް ނޫނެވެ. އޭގެ ސަބަބުން ހަނާ އަޅަމުން ދިޔަ ހަޤީޤަތް ޤަބޫލުކުރަން މައުވާ ބޭނުން ނުވާތީއެވެ. އޭނަ އިހުނަށް ވުރެ ޝިއާފާ ގާތަށް ޖެހިލަމުން އެފިނި އަތުގައި ހިފިއެވެ. އަދި ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. ލިބުނު ޝޮކުގެ ސަބަބުން މައުވާއަށް ހޭޖެހޭ ވާހަކައެއް ވެސް ދެއްކޭ ގޮތެއް ނުވިއެވެ. އޭނައަށް ލިބިފައިވާ ވޭނާއި ކެކުޅުން ކޮޅުންލައިގެން ދިއުމާއެކު މައުވާއަށް ހަޅޭކެއްގެ އަޑާއެކު ރޮވިއްޖެއެވެ. އެވޭނީ ގިސްލުމުގެ އަޑުން ހިލަ ހިތެއްގެ ވެރިޔަކަށް ވެސް ފުން އަސަރުތަކެއް ކުރުވާނެކަން ގައިމެވެ.
އެމްބިއުލާސްގެ ސައިރެންސަރުގެ އަޑު މައުވާއަށް އިވިގެން ދިޔައީ ވެސް ލޯހުޅުވާލުމަށް އެދި އޭނަ ޝިއާފްގެ ގާތުގައި އާދޭސް ކުރަމުން ދަނިކޮށެވެ. މުޅި ހިސާބުގައި ދެމެމުން ދިޔަ ލޭގެ ކޯރުން މައުވާގެ ހެދުން ވެސް ވަނީ ކަޅި ވެފައެވެ. އެމްބިއުލާސްގެ އަޑު އިވުމުން މައުވާގެ ހިތުގައި އުއްމީދުގެ ވިންދެއް ޖަހާލައިފިއެވެ.
އެމްބިއުލާންސްގައި ޝިއާފަށް އަވަސް ފަރުވާ ދިނުމުގައި ޑޮކްޓަރުން އަވަދިނެތި އުޅުނެއް ކަމަކު ޝިއާފްގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމާމެދު އެއްވެސް އުއްމީދެއް ނެތެވެ. ބޮލަށް ލިބުނު ޒަހަމްތައް ފުންވެފައި ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ނަމަވެސް ޑޮކްޓަރުންނަށް ލިބިފައިވާ ވަސީލަތްތަކާއި ތަމްރީނުގެ އެހީގައި ދޭވެ އެންމެ ފުރިހަމަ ފަރުވާ ޝިއާފަށް ދެމުން ގެންދިޔަ އެވެ.
ނަރުސް ކުއްޖަކު މައުވާގެ ނިއްކުރިން ފަޅައިގެން ގޮސްފައިވާ ހިސާބު ސާފުކޮށްލަމުން ބޭސްއަޅައިދެމުން ދިޔަ އިރު ތަދުގެ އިހުސާސެއް ވެސް މައުވާއަކަށް ނުކުރެވުނެވެ. އޭނަގެ ހަށިގަނޑުގެ މަސައްކަތްތައް ވަނީ ހިސާބަކަށް މަޑު ޖެހިލާފައެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި މައުވާ އިނީ ޝިއާފަށް ބަލަހައްޓައިގެންނެވެ. މައުވާގެ ދެލޮލުގައިވި ކަރުނައިގެ ސައިލަށް މިއިން ޒަމާނެއްގައި ވެސް ނިމުމެއް އައިސްދާނެ ކަމުގެ ނިޝާންތަކެއް ނުފެނެއެވެ. އެރީތި މޫނުގެ ދިރުން ގެއްލި މުޅި މީހާ ވަނީ ބިރުވެރި މަންޒަރަކަށް ބަދަލު ވެފައެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޕޯޓިކޯއަށް މަޑުކޮށްލި އެމްބިއުލާންސާ އެކު މުޅިން ހޮސްޕިޓަލްގެ މާހައުލު ހަލަބޮލި ވެގެން ދިޔައީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. ކަންބަލަން އެއްވެފައި ތިބި މީހުންނާއި އެކިއެކި މީޑިއާ ތަކުގެ ނޫސްވެރިންތަކުން ގޯތިތެރެ އޮތީ ފުރާލާފައެވެ. އެކްސިޑެންޓް ތަހުގީގުކުރަން އައިސް ތިބި ފުލުހުންތައް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ. ހުރިހާ ނޫހެއްގައި ވެސް ވައިގައި ހިފާލާފައި އޮތީ އެ އެކްސިޑެންޓްގެ ޚަބަރެވެ. ކާރު ދުއްވަން އިން ޒުވާނާ ހައްޔަރު ކުރެވި އިތުރު ތަހުގީގުތައް ކުރިއަށް ދާ ވާހަކައިން ފެށިގެން ގޮސް އަނިޔާވި ޒުވާނާގެ މަޢުލޫމާތަށް ދާންދެން ހަލުވި ކަމާއެކު ޚަބަރުތަކަށް އަރައިފިއެވެ.
އެކުވެރިޔާއަށް ޒިޔާރަތް ކުރުމަށް ފަހު ގެއަށް ދާން މިސްރާބު ޖެހި ދިޔާނާއަށް ހުސޭންގެ އަތުގައި ހިފާލެވުނީ ހޮސްޕިޓަލްގެ ގޯތިތެރެއަށް ނިކުމެވުމާއެކު ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ހަސަން ވެސް އޭރު އެދިމާއަށް ނަޒަރު ހުއްޓާލަނީއެވެ.
''މައުވާ؟...'' ހާސްކަމެއްގެ ތެރެއަށް ގެނބިގެން ދިޔަ ދިޔާނާއަށް އެމްބިއުލާންސުން ފޭބި ކުއްޖާއާ މެދު ހިތާހިތާ ސުވާލު އުފައްދާލެވުނެވެ. ވާނުވާ ނޭގިފައި ހުއްޓާ އޭނަގެ މޭގަނޑަށް ފިނިވެގެން ދިޔައީ ސްޓްރެޗާރއެއްގައި އޮތް ޝިއާފް ފެނުނު ހިސާބުންނެވެ. އެއްވެފައި ތިބި މީހުންތަކުގެ ސަބަބުން ރަގަޅަށް ފެންނަ ގޮތް ނުވިއެއް ކަމަކު އޭނަގެ ދެލޯ އޭނައަށް އޮޅުވާނުލާނެކަން ދިޔާނާއަށް އެނގުނެވެ. އެއާއެކު ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ ނުބައި އިހުސާސެއް އޭނައަށް ކުރެވުނެެވެ. އޭނައަށް ކުރިއަށް ދުއްވައިގަނެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ.
''ދިޔާނާ...'' ދިޔާނާއަށް ގޮވަމުން ހުސޭން ވެސް ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގެންފިއެވެ. އޭނަގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ.
''މައުވާ...''
ދިޔާނާއަށް ބާރަށް ގޮވާލެވުނެވެ. އެވަގުތު ނަރުސް ކުއްޖެއްގެ އެހީގައި ކުރިއަށް ހިނގަމުން ދިޔަ މައުވާއަށް ފަސް އެނބުރި ބަލާލެވުނެވެ. ދިޔާނާ ފެނި އެދެލޮލުން އިތުރަށް ކަރުނަ ފޭބުން ނޫންކަމެއް ނުވިއެވެ. ދުވެލާފައި އައިސް މައުވާ ގާތަށް ހުއްޓުނު ދިޔާނާއަށް އެމަރޖެންސީ ރޫމަށް ވައްދަން ގެންދިޔަ ޝިއާފަށް ލިބިފައިވާ ޒަހަމްތައް ފެނުމާއެކު ދެ ލޯ ބޮޑުވެ އަނގަމަތީ އަތްއަޅާލެވުނެވެ. އެއާއެކު އޭނަގެ ދެލޮލުން ވެސް ކަރުނަތައް ފައިބަން ފެށީ ހިފެހެއްޓުމަކާ ނުލައެވެ.
ލިބުނު ޝޮކު ފިލައިގެން ދާން ދިޔާނާއަށް ވަގުތު ކޮޅެއް ބޭނުން ވިއެވެ. އޭރު ވަށައިގެން ތިބި މީހުންތައް ތަފާތު ވާހަކަތައް ދައްކަމުން ދާ އަޑު ވެސް އޭނައަށް އިވެއެވެ. ދިޔާނާއަށް އަވަސް އަވަހަށް ބަލާލެވުނީ މައުވާ އަށެވެ.
މައުވާ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. އަތުގެ ފުށަތުން ކަރުނަތައް ފޮހެލި ކަމުގައި ވިޔަސް އަނެއްކާ ވެސް ތާޒާ ކަރުނަތައް ކޯތާފަތަށް ބަންޑުން ވެގެން ދިޔަ އެވެ. ދިޔާނާ މައުވާ ގާތަށް ޖެހިލުމާއެކު މައުވާއަށް ދިޔާނާގެ ގައިގައި ބައްދާލެވުނެވެ. މައުވާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް އޭނައަށް ގިސްލުމުގެ އަޑު ހިންދާލެވޭ ގޮތެއް ނުވިއެވެ.
ލޯކުރިމަތިން ނިއުޅެމުންދާ ކަންތައްތައް ހަޖަމު ކުރަން ދަތިވެފައި ހުރި ދިޔާނާއަށް މައުވާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލެވުނެވެ. އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައި ހުރި މައުވާއަށް ލިބިފައިވި ވޭނާއި ޒަހަމްތައް އިތުރަށް ފުންވުން ނޫންކަމެއް ނުވިއެވެ.
''ކި... ކިހިނެއް ހިނގި......'' ދިޔާނާއަށް އޭނަގެ ޖުމްލަ ވެސް ފުރިހަމައެއް ނުކުރެވުނެވެ. އޭނަގެ އަޑު ދިޔައީ ކުރެހިގެންނެވެ. އޭނަގެ އަމިއްލަ ދަރިފުޅަށް އުފެދިފައިވާ ކުލުނާއި، އޯގާތެރިރިކަމާއި، ލޯބި ޝިއާފަށް ޓަކައި ވެސް އެހިތުގައި ވެއެވެ. އެފަދަ ހާލެއްގައި ޝިއާފް ވަނިކޮށް ފެނި އޭނަގެ ހިތް ވެސް ހުއްޓޭވަރު ވެފައި ވެއެވެ. އެވަގުތު ދިޔާނާއަށް ވިސްނާލެވުނީ ޒުލްފާ އާއި މެދުގަ އެވެ. ޒުލްފާގެ ބަލި ހާލަތު ހުރި ގޮތާއެކު މި ހިތްދަތި ޚަބަރު ލިބިއްޖެ ނަމަ ވާނެ ގޮތެއް ޚިޔާލަށް ވެސް ގެންނަން ދައްޗެވެ. އޭނަގެ ހިތުގައި ކުރިއަށް ވުރެ ބޮޑަށް ބިރުވެރިކަން ވަކިހިއްޕަލީ އެހިސާބުންނެވެ. ހިތާހިތާ ދުޢާ ކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅުވުމަށް އެދި އެވެ.
ދިޔާނާ ހަމައަކަށް އެޅިގެން ދިޔަ އިރު ޝިއާފްގެ ހާލާ މެދު ކަންބޮޑުވެފައި ހުރި ހުސޭން ނަރުސް ކުދިންނާ ވާހަކަ ދައްކަމުން ދިޔަ ތަން ފެނުމާއެކު އެދިމާއަށް ދާން އޭނަ ބޭނުން ވިއެވެ. ޝިއާފަށް ލިބުނު އަނިޔާތަކުގެ ތަފްސީލާއި ރަގަޅުވާނެ ދުވަހެއް އެނގެން ބޭނުންވާތީ އެވެ. ނަމަވެސް މައުވާއަށް މިވަގުތު އޭނަގެ އެހީ ބޭނުންވެފައި ވާ މިންވަރު އިހުސާސް ކުރެވި ދިޔާނާއަށް މަޖުބޫރުވީ އޭނަގެ އެހީތެރިކަން މައުވާއަށް ފޯރުކޮށްދޭށެވެ.
''އިވީ ހުއްޓާލާފަ މި ހާދިސާ ހިނގި ގޮތް ދައްތައަށް ކިޔައިދީބަލަ...'' ދިޔާނާ ބުންޏެވެ.
ދިޔާނާ ކިތަންމެ ފަހަރަކު ސުވާލުކުރި ކަމުގައި ވިޔަސް މައުވާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އަނގައިން ނުބުނި ތާނގައި ރުއިން ނޫންކަމެއް ނުކުރެވުނެވެ. އެއާއެކު ދިޔާނާގެ ސިކުނޑީގެ ލޯގަނޑަށް ސިފަވަގެެން ދިޔަ ކަންތަކާއެކު އިހުނަށްވުރެ އޭނަ ކަންބޮޑު ވިއެވެ. މައުވާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކާއި މާޔޫސްކަމުން އޭނަގެ ކުށްހީތަށް ޔަޤީންކަމަށް ބަދަލުކުރުމަށް ބާރު ދެމުން ގެންދިޔަ އެވެ. ވަގުތުގެ ނާޒުކު ކަމާ އެކުގައި ވެސް ހުރިހާ ބޮޅުތަކެއް ގުޅި ބޮޑު މަންޒަރު ދިޔާނާއަށް ފެންނަން ފެށިއެވެ.
''ދިޔާނާ...''
ހުސޭން ގޮވާލުމާއެކު ދިޔާނާއަށް އަމިއްލަ ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނެވެ. ހުސޭންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ކަންބޮޑުވުން ދިޔާނާއަށް ފާހަގަ ކުރެވުމާއެކު މައުވާ ގޮވައިގެން އޭނަ ހިނގައިގަތީ ހުސޭން ގާތަށް ދިއުމަށެވެ. އޭނައަށް ހުސޭންގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިތަން ފެނި ކަންތައްތައް ވަރަށް ގޮސް ވެއްޖެކަން ނަގައިގަނެވުނެވެ. ހިތުގެ ފުންމިނަށް ބިރުވެރިކަން ފޭދިގެން ދިޔައީ ދެނެވެ.
''ޝިއާފްގެ ހާލު ވަރަށް ސީރިޔަސް......'' ހުސޭން ދައްކަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރިކަމުގައި ވިޔަސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ދެންމެ އޭނަގެ ކަންފަތަށް އިވުނު ޖުމްލަތަކުން ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވަނީ ސިހުން ގެނުވާފައެވެ. ހޮނުގުގުރީގެ ބާރު އެކުލެވިގެންވި އެއިން ކޮންމެ ލަފުޒެއް ތަކުރާރުކޮށް ކަންފަތުގައި ގުގުމަމުން ގޮސް ބޮލުގައި ވެސް ތޫނު ރިހުމެއް އުފެދިގެން ހިނގައްޖެއެވެ. އޭނަ އޭވަހަކަތައް ހާމަކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
ދެވަނަ ފަހަރަށް ވެސް ހުސޭން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފައިބަން ފެށި ކަރުނަތައް އަވަސް އަވަހަށް ފޮހެލަމުން އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އިވުނު ހިތި ހަޤީޤަތް ޤަބޫލުކޮށްފީމޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދިން ހެންނެވެެ.
''ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށް ބުނަނީ... ފު... ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް......'' ހުސޭންގެ އަޑު ކުރަކިވެ އޭނަގެ ޖުމްލަ ހުއްޓުމަކަށް އައެވެ.
އިވުނު ލަފްޒުތަކޭ ހޮނުގުގުރިއަކާ ތަފާތެއް ނުވިއެވެ. މައުވާއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނު ހިނދު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނީ އެވާހަކަތައް ޤަބޫލު ނުކުރާނަމޭ ބުނަމުންނެވެ. އޭނަ ދޫކޮށްފައި ޝިއާފް ނުދާނެއެވެ. ޝިއާފް ވަނީ އޭނަ ގާތު އެކަމަށް ވަޢުދު ވެފައެވެ. އެވަޢުދު ޝިއާފް އުވާނުލާނެއެވެ. ޝިއާފް އޭނަ އެކަނިކޮށްފައި ނުދާނެއެވެ. މީ ހަޤީޤަތެއް ނޫނެވެ. ބިރުވެރި ހުވަފެނެކެވެ. ލޯހުޅުވާލުމާއެކު ބަދަލުވެގެން ހިނގައިދާނެއެވެ.