ކުއްލިއަކަށް އަޑު ކެނޑި މާހައުލަށް ފުން ހިމޭންކަމެއް ވެރިވެގެން ދިޔަ އެވެ. މައުވާ ބަލަން ހުއްޓާ އެޒުވާނާ އުނދޯލިން ތެދުވެއްޖެއެވެ. އަދި ފަސްއެނބުރި ބަލާލީ ނުހަނު އަވަހަށެވެ. އެއީ ރީތި ސޫރައެއްގެ ވެރިއެކެވެ. ނަމަވެސް އެރީތިކަން ޢައިބު ކުރުވާފައިވަނީ އޭނައަށް ލިބިފައިވާ ނިކަމެތި ހަށިގަނޑުގެ ސަބަބުންނެވެ. ވައިރޯޅިއެއް ޖެހިލިޔަސް ވަޔާއެކު ހިނގައިދާނެހާ ނާޒުކެވެ. ލައިގެން ހުރި ހުދު ގަމީސް ވެސް އެތައް ގުނަ ބޮޑެވެ. އޭނަ މައުވާއަށް ބަލަން ހުރީ އަޖައިބުވެ އަންތަރީސްވެފައިވާ ފަދަ ގޮތަކަށެވެ. މައުވާއަށް ވެސް ބަލަން ހުރެވުނީއެވެ. އެއީ މީގެކުރިން އޭނަ ދެކެފައި ނުވާ ޒުވާނެކެވެ.

''ޒިވްޔަން...'' އިވުނު އަޑާއެކު ޒުވާނާގެ މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ. އޭނަގެ ބުމަ ގޮށްޖެހި ކަތުރުކަށިގަނޑަށް އެނގުން އައިސްފިއެވެ. އަވަސް ހަރަކާތްތަކާއެކު ގިޓާ ނަގައިގެން އޭނަ ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. އޭނަގެ ހަރަކާތްތައް ހުރިގޮތުން މީގެ އިރުކޮޅެއް ކުރިން އޭނަގެ ސަމާލުކަން އެއްވެސް ކަމަކަށް ދެވުނުހެނެއް ހިޔެއް ނުވެއެވެ. ޒުވާނާއަށް ބަލަން ހުރި މައުވާއަށް ލިބިފައިވަނީ ހައިރާންކަމެވެ.

''ދަރިފުޅާ ޒިވްޔަން!...'' މައުވާ ބަލަން ހުއްޓާ މެދު އުމުރުގެ އަންހެނަކު ނުހަނު އަވަސް ފިޔަވަޅުތަކެއްގައި އައިސް ގެއަށް ވަންތަން ފެނުނެވެ. ހާސްކަމާއި ބިރުވެރިކަން އެކުލެވިގެންވި އެމޫނުން އެހުރިހާ ލިސާންތަކެއް ފިލައިގެން ދިޔައީ ޒުވާނާ ފެނުމާއެކުއެވެ.

ހިތަށް ލިބިގެން ދިޔަ ފިނިކަމާއެކު މީޒާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ހުރީ ދަރިފުޅު ވީތަނެއް ނޭގުމުން ނުހަނު ކަންބޮޑުވެފައެވެ. ދަރިފުޅުގެ ނަފުސާނީ ހާލަތު އޮތް ނާޒުކު ފަތްތަރުގެ ސަބަބުންނެވެ. މިރަށު މީހުންގެ ގޮތް އޭނައަށް ރަގަޅަށް އެނގޭތީއާއެކު ދަރިފުޅަށް ހާނިކައެއް ކޮށްފާނެތީއާއެކު ވެސް މެއެވެ. މިފަދަ ވެއްޓެއްގައި ދަރިފުޅު ގޮވައިގެން ހުރުން އެއީ ފިއްތުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމުގައި ވިޔަސް އޭނައަށް އެނޫން އިތުރު ގޮތެއް ނެތެވެ. ރަށުގެ ޒުވާނުންނާއި އެންމެހާ އުމުރުފުރާތަކުގެ މީހުންގެ ފަރާތުން ޒިވްޔަންއަށް ރައްދުވާ މަލާމާތާއި ފުރައްސާރަތަކުން ދަރިފުޅު ދިފާއުކޮށްކޮށް އޭނަ ވަރުބަލި ވެއްޖެ އެވެ. މިއަދާ ހަމައަށް ވެސް އަލިމަގެއް ނުފެނި އޮތް ކަމަކީ އެއީއެވެ. މީހުންގެ ބަދު ބަސްތައް ވެގެން ގޮސްފައިވަނީ ޒިވްޔަންގެ ބަލިމަޑުކަން އިތުރަށް ގޯސްކުރުވާކަމަކެވެ. ގޭގެ ހަތަރުފާރުތެރޭގައި ދަރިފުޅު ޤައިދުކުރަން އޭނަ ބޭނުންވާ ސަބަބަކީ ވެސް އެއީ އެވެ. ނަމަވެސް އެއީ ވުން މުސްތަހީލުކަމެއްކަން އޭނައަށް އިނގެ އެވެ. އޭގެ ސަބަބުން ނުކުންނަ ނަތީޖާގެ ހިތިކަން އޭނަ ކިތަންމެ ފަހަރަކު ތަޖުރިބާކޮށްފިއެވެ. ދިމާވާ ގޮންޖެހުންތަކާ ހުރެ މީޒާގެ ސިކުނޑި ފަޅައިގެންދާ ހިސާބަށް ކަންތައްގޮސްފައި ވެއެވެ.

އަމިއްލަ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަމުން މީޒާ ކުރިއަށް ޖެހިލިއެވެ. އެއާއެކު ޒިވްޔަން އޭނަގެ މަންމައާ ވީހާ ވެސް ދުރަށް ދާން މަސައްކަތްކުރިއެވެ. ފުސްމޫނެއް ހަދާލަމުން މީޒާއަށް ލޯވެސް އަޅާލިއެވެ. އޭނަގެ ކޮންމެ ހަރަކާތެއްގައި އެކުލެވިގެންވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. އެކަން ފާހަގަ ކުރެވުމުން މީޒާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނެސް އިތުރަށް ޒިވްޔަންއާއި ކައިރިވާން އޭނަ ޖެހިލުންވި އެވެ. ކިތަންމެ ލޯބިން ފިރުމާލަން ހިތް އެދި ގޮވިކަމުގައި ވިޔަސް އެވެ. ގަދަކަމުން ހިނިތުންވެލަމުން އޭނަ ޒިވްޔަން އާއި ވާހަކަ ދައްކަން ފެށިއެވެ.

''މަންމަ ކިތައް ފަހަރު ބުނީމަތަ ދަރިފުޅަށް ވިސްނޭނީ... ދަންވަރު ގަޑީގަ ބޭރަށް ނުކުތުން އެއީ އެހާ ރައްކާތެރިކަމެއް ނޫނޭ، ދުވާލު ގަޑީގަ ދަރިފުޅު ބޭނުން އިރަކު ނުކުތުމުގެ ހުއްދަ މަންމަ ދެމެއްނު، ދެން ކީއްވެތަ މަންމަ މަނާކުރާއިރު ވެސް ދަރިފުޅު ތިނިކުންނަނީ؟... އަނެއްކާ މިރޭ ބޭސްވެސް ނުކާ ތިހުރީ، ބޭސް ނުކްނަންޏާ ދަރިފުޅު ރަގަޅު ވާނީ ކިހިނެއް.......'' ކުޑަކުއްޖަކަށް ވިސްނައިދޭ ފަދަ ގޮތަކަށް މީޒާ ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ނުފިލާ ރިހުމެއް އެކުލެވިގެން ވިއެވެ.

ޒިވްޔަން އޭނަގެ މަންމައަށް ސަމާލުކަމެއް ނުދިނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން އިހުނަށްވުރެ ފިޔަވަޅުތައް ބާރުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ޒިވްޔަންއަށް މަގު ދައްކަން މީޒާ އެއްފަރާތަކަށް ޖެހިލިއެވެ. އެއާއެކު ވިދުވަރުގެ ހަލުވިމިނުގައި ގޮސް އޭނަ ނިކުމެއްގެއެވެ. މީޒާ ވެސް މަޑުކުރުމެއް ނެތި ދާން މިސްރާބުޖެހީ މާޔޫސްކަމާއެކުގައެވެ.

ހުރިހާ މަންޒަރެއް ބަލަން ހުރި މައުވާއަށް ލިބިފައިވާ ހައިރާންކަން ވީ އިތުރެވެ. އެއީ އޭނަ މީގެ ކުރިން ދެކެފައިވާ ބައެއް ނޫނެވެ. ރަށަށް އަލަށް އައިސްގެން އުޅޭ ބައެއްކަމުގައި ވެސް ވެދާނެއެވެ. އޭރު ޒިވްޔަންއަކީ އާދައިގެ ޒުވާނެއް ނޫންކަން އޭނައަށް ވިސްނައިގަނެވިއްޖެއެވެ. އެއާއެކު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލި އެވެ.

''ބަލާފަ ހީވެސް ނުވޭ ސައިކޯ މީހެއްހެން، އެކަހަލަ މީހުން ކީއްކުރަންތަ އާންމުންގެ ތެރެއަށް ދޫކޮށްފަ ތިބެނީ؟، ފެމިލީ މީހުނަށް ގިނަފަހު ކޮންޓްރޯލް ކުރެވޭނީކީ ނޫން... މީހަކަށް ހަމަލާއެއް ދީފިއްޔާ ކިހާ ދެރަ... ނަސީބެއްނު އޭނަ އަހަންނަށް ކަމެއް ނުކުރިކަން... ދެން ވެސް ތަނަކުން އަޑެއް އިވެންޏާ ދޮރުހުނުޅުވަން ހަނދާން ބަހައްޓާތި...'' މައުވާ އެންމެ ފަހު ޖުމްލަ ބުނެލީ އޭނަގެ ޒަމީރަށް ވިސްނައިދޭފަދަ ގޮތަކަށެވެ. މައުވާ ކުޑަދޮރު ލައްޕާލަމުން ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭނަގެ ވިސްނުން އެކި ދިމަދިމާއަށް ދަތުރުކުރިއެވެ. ނަފްސާނީ ބަލީގެ މާބޮޑު ތަފުސީލެއް ލިބިފައި ނުވުމުންކަމަށް ވެސް ވެދާނެއެވެ.

މައުވާ އޭނަގެ އަތުގައި އޮތް ފޮތަށް ސަމާލުކަން ދެމުން ކޯފީ މަގު ނަގައި ތުނބުގައި ޖައްސާލިއިރު ހުރީ ހީހޫވެފައެވެ. ޗޮކެއް ކަނޑާލަމުން އެއްނޭވާއިން ކޮފީ މަގު ހުސްކޮށްލިއެވެ. އަދި ސޯފާގައި ހަށިގަނޑު ދަމާލަމުން ފޮތް ކިޔުމާއިގެން ކުރިއަށް ދިޔަ އެވެ.

ގަޑިއިރުތަކަށް ފަހު މައުވާގެ ލޮލަށް ނިދި ސަވާރުވާން ފެށީ ކޮން އިރަކުކަމެއް އޭނައަށް ނޭގެއެވެ. ބަރުވެގެން ދިޔަ އެސްފިޔަތައް މެރި ލަސްލަހުން ނިދީގެ ތެރެއަށް އޭނައަށް ފީނައިގަނެވުނެވެ.

ހުވަފެނުގެ ދުނިޔޭގެ ތެރެއަށް ރަގަޅަށް ވެސް ވަަދެވިފައިވި މައުވާއަށް ހޭލެވުނީ އޭނައަށް މީހަކު ގޮވާހެން ހީވެގެންނެވެ. އޭގެ އުނދަގޫ އިހުސާސްވުމާއެކު މައުވާ އަނެއްފަރާތަށް އެނބުރުނެވެ. އަދި ކުޝަން ގެނެސް މޫނު ފޮރުވާލިއެވެ. އަޑަށް ސަމާލުކަން ނުދީ ނިދީގެ ތެރެއަށް ފީނަން އޭނަ މަސައްކަތް ކުރިއެވެ. އެހެނަސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއީ މަންމަގެ އަޑުކަން ޔަޤީންވުމާއެކު މައުވާއަށް ދެލޯ ހުޅުވާލެވީ ކުއްލިއަކަށެވެ. އޮވެވުނު ތަން މަތިން ވެސް މައުވާ ހަނދާން ވީ ދެނެވެ.

''މިދެން މީހުން ނިދާތަންތަ؟... ބުނެބުނެ ވެސް އިސްލާހުވާކަށް ނޫޅޭ...'' އަސްމާ ހުރީ މައުވާ ދެކެ ހިތްހަމަނުޖެހިފައެވެ. އޭނަ ދެފަރާތަށް ބޯހޫރުވަމުން މޭޒުމަތީ ހުރި މަގު ހިފައިގެން ބަދިގެއަށް ވަންނަން ދިޔިއީ ފަތިވަރު އަމުނަމުންނެވެ. ''އަވަހަށް ފެންވަރައިގެން އާދޭ، އިރުކޮޅަކުން ބައްޕަ ސައިބޯން އަންނާނެ...''

ކަންނެތް ކަމާއެކު މައުވާ މޯޅިއަކަށް ދެމިލިއެވެ. އަދި ބޮޑުކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. ހެނދުނު ހަތެއް ޖަހަނީއެވެ. ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން މައުވާގެ ހަށިގަނޑުން ހަކަތަ ދަށްވެ ބޮލަށް ބަރުވެފައި ވެއެވެ. ހަމައެއާއެކު ސޯފާގައި އޮވެވުނު ގޮތަކުން ކަނދުރާއަށް ވަނީ ތަދެއް ވެސް އަރާފައެވެ. ކަނދުރާގައި ފިރުމަމުން މައުވާ ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ.

*****

ތާޒާވެލުމުން ވެސް ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލައިގެންދާ ގޮތް ނުވިއެވެ. ހަށިގަނޑަށްދޫ ޓީޝާޓަކާއި ހަރުވަޅިއެއް ލުމަށްފަހު ބޮލުގެ އިސްތަށިގަނޑު ހިއްކަމުން އައިސް މައުވާ ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލިއެވެ. މާލޭގެ ހަލަބޮލި މާހައުލުން އިވޭ އިންޖީނުތަކުގެ އަޑާ ހިލާފަށް އިވެމުން ދިޔަ ދޫނިސޫފާސޫފީގެ އަޑުން މައުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ފަތިހަށް ފޮޅިފައިވާ މަލުގެ ފޮނިކޮޅު ބޯލަން އުދުހެމުން ދިޔަ މާބުރާއި ކޮކާތަކުގެ ޖާދޫވެސް ބަގީޗާއިން ފެންނަން އޮތެވެ. އިރުކޮޅެއް ވަންދެން ޤުދުރަތުގެ ރީތިކަމުން އުފާ ހާސިލުކުރުމަށްފަހު މައުވާ އަތްމަތި އަވަސްކޮށްލައިގެން ކާކޮޓަރިއަށް ދާން ކޮޓަރިން ނިކުތެވެ.

''ގަޑިއެއްހާ އިރު ފަހުން ދޯ ފެންވެރެނީ ވެސް؟، މައުވާގެ އިންތިޒާރުގައި އިނދެފަ ދެންމެ ބައްޕަ އެދިޔައީ...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް އަސްމާ ވާހަކަ ދެއްކިއެވެ. އެއީ ހެނދުނު މަންމަގެ ތަބީއަތުގައި ހަރުލާފައިވާ ސިފަތަކަށްވުމުން މައުވާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. ހައިކަމުގެ އިހުސާސާއެކު މައުވާ އަވަސްވެގަތީ ސައިބޯށެވެ. އަދި ސަޔަށްފަހު އަރާމުކޮށްލާށެވެ.

''ކޮން ދުވަހަކުންތަ ނަތީޖާ ލިބެނީ؟...'' ރިހަތެލިތައް ހޫނުކުރަން އުޅުނު އަސްމާ އެހި އެވެ.

''ޖެނުއަރީ މަހުގަ ނަތީޖާ ލިބޭނީ، ދެން ކޯސްތަކަށް ޢިއުލާން ކުރާނީ އެޕްރީލް ހިސާބުގަ...'' މައުވާ އޮޅުންފިލުވައި ދިނެވެ.

''ވަރަށް ގިނަ ދުވަސް އެބައޮތް ދޯ؟... އެހާ އިރު ވަންދެން ކަމެއް ނުކޮށް ހުންނަން ވެއްޖެއްޔާ ދަރިފުޅު ފޫހިވެދާނެ...'' އަސްމާ އޭނަ ކުރަން ހުރި މަސައްކަތްތައް ހުއްޓާލަމުން ދަރިފުޅަށް ސަމާލުކަން ދިނެވެ. ''ކޮން ދާއިރާކުންތަ ކުރިއަށްދާން ވިސްނަނީ؟...''

''ނާރސިންގް...'' މައުވާ ބުނެލިއެވެ. ''ފޫހިވަންޏާ ދެން ވަގުތީ ގޮތުން ވަޒީފާއަކަށް ދެވިދާނެއެއްނު...''

''ޢައްސަލާމް ޢަލައިކުމް...'' ދެމައިން ދައްކަމުން ދިޔަ ވާހަކަތަކަށް ހުރަސްއެޅިގެން ދިޔައީ ބޭރުން އިވުނު އަޑުގެ ސަބަބުންނެވެ. އަސްމާ ސަލާމް ބަލައިގަންނަމުން ކާކޮޓަރިއަށް އައުމަށް ބުނެލިއެވެ.

މައުވާއަށް ލިބުނު ހައިރާންކަމާއެކު ފަސްއެނބުރި ބަލާލެވުނެވެ. ހެނދުނުހެނދުނާ ގެއަށް އެއްވެސް މީހަކު ނާންނާތީ އެމީހަކު ދެނެގަތުމުގެ ޝައުޤާއެކީގައެވެ. މައުވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ރޭގައި އޭނައަށް ފެނުނު އަންހެން މީހާއެވެ. މައުވާ ފެނުމާއެކު އޭނަ ހިނިތުންވެލިއެވެ. ބީރައްޓެހި ނަޒަރަކުން މައުވާއަށް ބަލަން އިނދެވުނީ ހީލަން ވެސް ނޭގިފައެވެ.

''މަންޖެ އައީ ކޮންދުވަހަކު؟...'' މީޒާ މައުވާއާއި ސުވާލުކޮށްލިއެވެ. މައުވާއަށް އެސުވާލުގެ ޖަވާބު ނުދެވެނީސް އަސްމާ ވާހަކަ ދައްކަން ފެށިއެވެ.

''އިއްޔެ ހަވީރު... ދަރިފުޅާ މީ މީޒާ، މީގެ ދުވަސްތަކެއް ކުރިން މިކޮޅަށް ބަދަލުވީ، މިގެއާ ޖެހިގެން ތިހުރި އިބްރާހީމްބެގެ ކުއްޔަށް ހިފައިގެން އުޅެނީ...'' އަސްމާ އޮޅުން ފިލުވައިދިނެވެ. މައުވާ ފަނޑު ހިނިތުންވުމަކާއެކު މީޒާއަށް ބަލާލިއެވެ. އޭނައަށް މީޒާއަކީ މަންމަ ވަރަށް ގަޔާވާ މީހެއްކަން ނަގައިގަނެވުނެވެ. ބަދަހިވެފައިވާ ދެމީހުންގެ އެކުވެރިކަން ވެސް މެއެވެ.

މައުވާ ސައިބޮއެ ނިންމާލީ މަންމަމެން ދައްކަމުން ދިޔަ މުސްކުޅި ވާހަކަތައް އަޑުއަހަން އިނދެއެވެ. އޭނަ ތަށިތައް ހިފައިގެން ސިންކާއި ކައިރިވެލި ހިނދު ދެކެވެމުން ދިޔަ ވާހަކަތަކަށް ކުއްލިއަކަށް ކަންފަތް ހުޅުވާލެވުނީ ކީއްވެގެންކަމެއް ނޭގުނެވެ.

''ޒިވްޔަން ކިހިނެއް؟، މިޒޫ ބުނީމެއްނު މާލެއިން ސައިކޭޓްރިސްޓަކު ގެންނަ ވާހަކަ...'' އަސްމާ ބުންޏެވެ.

''މިހަފްތާ ނިމެންވާއިރަށް އަންނާނެ، ވަރަށް އުއްމީދު އެބަކުރަން ޒިވްޔަން ރަގަޅުވާނެކަމަށް...''

''އިރާދަކުރެއްވިއްޔާ ލަސްނުވެ ރަގަޅު ވާނެ، މިޒޫ މާބޮޑަށް އެކަންތަކާ މެދު ވިސްނާތީއޭ އަބަދު ބަލިވަނީ...'' މީޒާއަށް ހިތްވަރު ލައިދިނުމުގެ ނިޔަތުގައި އަސްމާ ބުނެލިއެވެ.

''ވިސްނޭނެއެއްނު، ހުރިހަމައެކަނި ފިރިހެން ދަރިފުޅުވިއްޔާ އެއީ...'' މީޒާގެ އަޑުގައި ނުފިލާ ރިހުމެއް އެކުލެވިގެން ވިއެވެ. ''މިރަށު މީހުންގެ ދޫތައް ބަންދުކުރަން އަހަރެން ހަދަންވީ ގޮތެއް އަސްމާ ބުނެދީބަލަ، އެމީހުން އެކިޔާ އެއްޗެހިތަކުން ޒިވްޔަންއަށް ހާދަ ބޮޑަށް އަސަރުކުރެޔޭ، ނަފްސާނީ ބައްޔެއް ހުރުމަކީ މުޖުތަމައުން ބާކީކުރަންވީ ސަބަބެއްތަ؟ އެހާ ހުތުރުބަސްތައް ޒިވްޔަންއަށް ރައްދުކުރާއިރު އެފަދަ ހާލަތެއް ކޮންމެ މީހަކަށް މެދުވެރިވެދާނެކަން ހަމަ ނުވިސްނެނީބާއޭ ހިތަށްއަރާ... ޒިވްޔަންއަކީ އެއްވެސް މީހަކަށް ހުރި ނުރައްކަލެއް ނޫން...... އެކަމަކު ރަށު ތެރެއަށް އަޑު އަރުވާފައިވަނީ އެހާ ނުބައި ގޮތަކަށް... އަހަރެން ބިރުގަނޭ މިހުރިހާ ކަމެއްގެ ނޭދެވޭ އަސަރުކޮށް ޒިވްޔަން އަމިއްލަ ނަފުސަށް އަނިޔާއެއް ދީފާނެތީ...'' މީޒާގެ ހިތުގައިވި ވޭނާއި ކެކުޅުން އުތުރިއަރައިގެން ދިޔަ ހިނދު އޭނައަށް ރޮވިއްޖެއެވެ. ބަރުދާސްތުނުކުރެވޭ ފަދަ ވޭންތަކުން ލަސްލަހުން އޭނަގެ ފުރާނަ ހަށިގަނޑާވަކިކުރާ ފަދައެވެ.

''މިޒޫ، ތިހެން ރޮންޏާ ކިހިނެއް ތިހުރިހާ ކަމަކާ ކުރިމަތިލާނީ؟، ޒިވްޔަންއަށް މިވަގުތު މިޒޫގެ އެހީ ނުލާހިކު ބޮޑަށް ބޭނުންވާނެ، ޒިވްޔަން އެކަން ޤަބޫލުނުކުރިޔަސް މިޒޫއަށް އެކަން އެނގެއެއްނު، ދެން ކީއްވެތަ ހިތްވަރު ތިއެލުވާލަނީ؟، މީއެންމެ ބޮޑަށް ހިތްވަރުކުރަންވީ ވަގުތު... މީހުންގެ ދޫތައް ދުވަހަކު ބަންދެއް ނުކުރެވޭނެ، އެމީހުން ކިޔާ އެއްޗެއްވެސް ނުހުއްޓުވޭނެ، ކޮންމެ މުޖުތަމައެއްގައި ވެސް އެކަހަލަ މީހުން ތިބޭނެ، އެމީހުންގެ ވާހަކަތަކަށް ސަމާލުކަންދޭތީ ގިނަ ފަހަރަށް ހިތާމަވެރި ހާދިސާތައް ވެސް ހިނގަނީ....'' އެކުވެރިޔާގެ އުދާސްތައް ފިލުވާލަދޭން އަސްމާ މަސައްކަތްކުރިއެވެ.

މައުވާ ލަސްލަހުން ތަށިދޮންނަމުން ދިޔައިރު މީޒާގެ ވާހަކަތަކުން ދެރަވިއެވެ. ހަމައެއާއެކު ޒިވްޔަންއާ މެދު ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައީ ކިހިނެއް ކޮންއިރަކު ކަމެއް ނޭގުނެވެ. އެހެނިހެން މީހުންތަކޭ އެއްފަދައިން ޒިވްޔަންއާއި މެދު ދެކެވުމުންއައި ނުބައި ތަސްވީރުގެ ސަބަބުން އަމިއްލަ ނަފުސުދެކެ ލަދުގަތެވެ. މިއަދު އޭނަ ވެސް އެގިންތީގެ މީހުންގެ ތެރޭގައި ހިމެނިގެން ދިޔައީ އެވެ. މީޒާގެ ވާހަކަތަކަށް ސަމާލުކަން ދެވުނު ވަރަކަށް ޒިވްޔަންއަށް އޭނަގެ ޝައުޤުވެރިކަން ދެވެން ފެށުުނެވެ. ހަމައެއާއެކު ރޭގެ ބައްދަލުވުމާ ވެސް އޭނަގެ ޚިޔާލުގެ ބޮޅުތައް ގުޅެން ފެށިއެވެ.

''އަހަރެންގެ ހިތަށް ހާދަ އަސަރުކުރެޔޭ ޒިވްޔަން އެހާލުގައި ވަނިކޮށް ފެންނަ ކޮންމެ ފަހަރަކު، ކުށްވެރިކަމުގެ އިހުސާސްތަކުން މުޅި މީހާ މިވަނީ ފޯވެފައި... އަހަރެންގެ ސަބަބުން އެދަރިފުޅަށް އެލިބުނީ ކިހާ ބޮޑު އަނިޔާއެއް، އެކަމުގެ ތެރޭގައި ބަނދެވި ޒިވްޔަން އެދަނީ ހަނާވަމުން، އެދަރިފުޅުުގެ ފަރާތުން އަހަންނަށް އަމާޒުވާ ރުޅިވެރިކަމަކީ ހައްޤު އެއްޗެއް...... '' މީޒާގެ ހިތުގައި ޖެހިފައިވަނީ އިންތިހާއަށެވެ. މާޒީގެ އަނދިރިކަމުން އަލިކަމުގެ ތެރެއަށް ނިކުންނަން އޭނަ ކުރާހާ މަސައްކަތެއް ދަނީ ފެނަށެވެ. އޭނަ ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް މާޒީގެ ހިޔަނީގެ ވަކިތަކުގެ ތެރޭގައި ޤައިދުވެފައިވާ ލޯބިވާ ދަރިފުޅު ސަލާމަތްކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އެއަނދިރީގެ ތެރޭގައި ބަނދެވި ޒިވްޔަން ހަނާވަނީއެވެ. އެވޭނާއި ކެކުޅުމުން ދަރިފުޅު ސަލާމަތްކުރަން އޭނަ ހަދަންވީ ކިހިނެއް ހެއްޔެވެ؟ މަދަދު ހޯދަންވީ ކާކުގެ ގާތުން ހެއްޔެވެ؟

''މިޒޫ...'' މީޒާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އަސްމާ ގޮވާލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން މީޒާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އެޅުވުން އޭނައަށް ވީ ދަތި ކަމަކަށެވެ.

ވެދިޔަ ހުރިހާކަމެއް މީޒާ އަސްމާއާއި ހިއްސާކޮށްފައިވުމުން މީޒާގެ ހިތަށް ކުރާނެ އަސަރުތައް އަސްމާއަށް އަންދާޒާ ކުރެވެއެވެ. ފުރަތަމަ ފަހަރަށް އެވާހަކަތައް އަޑުއިވިގެން ދިޔަ ހިނދު ޚުދު އޭނަގެ ހިތަށް ކުރި އަސަރުތައް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އެހަނދާންތައް އާލާވާ ހިނދު ހިތް ބިރުވެރިކަމާއެކު ތެޅިލައެވެ. އެވާހަކަތަކީ އަޑުއަހަން ކެތްވާނެވަރުގެ ވާހަކަތަކެއް ނޫން ވިއްޔާއެވެ. ޒިވްޔަންގެ ހާލާ މެދު އެހިތުގައި ވަނީ ހަމްދަރުދީއެވެ. ޒުވާން އުމުރުގައި ދިރިއުޅުން ގެއްލި އެވަނީ މީހުންގެ އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުން ވެފައެވެ.

''މައުވާ ކޮޓަރިއަށް ދޭ...'' އަސްމާ ބޭނުންވީ އެތަނުން މައުވާ ފޮނުވާލާށެވެ. އެއާއެކު މަންމަގެ އަމުރަށް މައުވާ އިޖާބަ ދިނެވެ. ކޮޓަރިއަށް އައިސް ވަން މައުވާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އޭނަ އެނދުގައި އޮށޯވެލަމުން ރޭގެ ހާދިސާއާ މެދު ވިސްނަން ފެށިއެވެ.

*****

''ވަޓް ހެޕެންޑް ޓު ހިމް؟...'' މައުވާއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ. މީގެ އިރުކޮޅެއް ކުރިން ނިދީގެ އަސަރުތަކުން އޭނަގެ ހިއްސުތައް ބަލިކަށި ކުރުވާފައި ވިޔަސް މިހާރު އޭނައަށް ތަޖުރިބާ ކުރެވެމުން ދިޔައީ މުޅިން އެހެން އިހުސާސްތަކެވެ. ޒިވްޔަންއާއި މެދު ވިސްނުނު ގޮތުން އޭނަ ވަނީ ދެރަވެފައެވެ. ހާއްސައެހީއަށް ބޭނުންވާ މީހަކާ މެދު އެފަދަ ގޮތަކަށް ދެކެވޭނީ އޭނަ ވިސްނުން ހާދަ ކަޓު ވުމުންނެވެ. އެކަމާމެދު ފަހުން އަމިއްލަ ނަފުސު ދެކެ ވެސް މައުވާ ރުޅިއައެވެ. އެފަދަ ވިސްނުން ގެންގުޅޭ ކިތައް މީހުން ވާނެ ހެއްޔެވެ؟

ލަސްލަހުން ފިކުރުތަކުގެ ސަމުގާ މައުވާ އަނބުރާލަމުން ދިޔައީ މީޒާގެ ހިތްދަތި ޖުމްލަތަކަށެވެ. އޭގައި ފޮރުވިފައިވާ ސިއްރުތަކެއްވާކަން ގައިމެވެ. ކުއްލިއަކަށް އޭނަގެ ޝައުޤުވެރިކަން އެކަމަށް ދެވެން ފެށުނެވެ. ސިއްރެއް ވާނަމަ އެކަމުގެ ހަޤީޤަތް އޮޅުން ފިލުވަން އޭނަ އަބަދު ވެސް ބޭނުން ވެއެވެ.

''އޯހ ނޯ...'' ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިޔައީ މައުވާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަނީ ކާކުކަން އޭނައަށް ނަގައިގަނެވުނެވެ.

''ސޮރީ، ރަށަށް އައިގޮތަށް އަރާމުކޮށްލަން ޖައްސާލިތަނާ ނިދުނީ، ދެންމެ މިހޭލެވުނީ...'' މައުވާ ބުންޏެވެ. އެކޮޅުން ހިތްހަމަނުޖެހިފައިވާ ތޫބާގެ އަޑު އިވުނެވެ.

''ހޫނނ، ކުރިން ވެސް އެނގެޔޭ ރަށަށް ދިއުމުން ވާނީ ތިވަރުކަން... އަސްލު ޝަކުވާ ކުރާކަށް ނޫން މިގުޅީ، މެންދުރު މިޒްޔަލް ފެމިލީއާ މީޓްކުރަން ދާން އުޅޭތީވެ...'' ތޫބާ ހާމަކުރިއެވެ.

''ބެސްޓް އޮފް ލަކް ސިސް...''

''ވެލް ތިނޫން އެއްޗެއް މިހާރު ބޭނުމެއް ނޫން... އިވީ ބުނެބަލަ، ކޮންކަހަލަ ހުދެމެއްތަ އަހަންނާ ގުޅޭނީ...'' ތޫބާގެ އަޑުން އެކަނި ވެސް އޭނަ ހާސްވެފައިވާ މިންވަރު ރަމްޒުކޮށްދިނެވެ.

''ބްލޫ އޯލްވެއިސް ސޫޓް ޔޫ... ސޯ ވޭއާރ އެ ބްލޫ މެކްސީ...'' ތޫބާއަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށް މައުވާ ބުނެލިއެވެ.

''ތޭންކްސް، އައެމް ފްރީކިންގް ޓު ޑެތް، ޑޫ ޔޫ ތިންކް ދެއި ވިލް ލައިކް މީ؟...'' ތޫބާ އެހި އެވެ.

''ތި ދެން ކޮންހަކަ ސުވާލެއްތަ؟، ކީއްވެ ލައިކް ނުވާން ވީ، ޔޫ އާރ ދި ބެސްޓް... ތޫބާ މާ ބޮޑަށް ހާސްވާތީ ނެގެޓިވްކޮށް ތި ވިސްނެނީ، ޖަސްޓް ޓޭކް ޑީޕް ބްރެތްސް އެންޑް ތިކްން ޕޮޒިޓިވްލީ...'' މައުވާ ބުންޏެވެ.

ކޮމެންޓް 0