ވިއްސާރަ ވިލާތަކުން ބައްދާލާފައި އޮތް އުދަރެސް މައްޗަށް ބަލަހައްޓައިގެން މައުވާ އިނީ ހޭޅިފަށުގައި ހުރި ހޮޅުއަށީގައެވެ. ވިއްސާރައިގެ ކުލަތަކުގެ ސަބަބުން އެހިސާބު ގަނޑުގައި ހޭލަމޭލަވަމުން ދިޔައީ ވެސް މަދު ބަޔެކެވެ. ޖެހިލާ ފިނިފިނި ރޯޅިތަކުން ގައިން ހީބިހި ނަގައިގެން ދިޔަ ކަމުގައި ވިޔަސް އެތަނުން ދާފަދަ ޚިޔާލެއް މައުވާގެ ނެތެވެ. ފެންނަން އޮތް މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެން އިންއިރު މައުވާ ދިޔައީ ކަމަކާ މެދު ފުންކޮށް ވިސްނަމުންނެވެ. އޭނަ އެތާ އިންނަތަނާ އިރުގަނޑެއް ފަހުން ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ފަސްއެނބުރި ބަލާލެވުނެވެ. އޭރު އެދިމާއަށް އަންނަ ޒިވްޔަން ފެނުމުން މައުވާއަށް ހިނިތުންވެލެވުނެވެ.

''ވިއްސާރަކޮށް އޮތީމަ އިރުއޮއްސޭ މަންޒަރެއް ވެސް ނުފެނޭ...'' ޒިވްޔަން އައިސް ގާތުގައި އިށީނުމުން މައުވާ ވާހަކަ ދެއްކިއެވެ. ފާއިތުވި ދުވަސްތަކުގައި ދެޒުވާނުން ގަވައިދުން އިރުއޮއްސޭ މަންޒަރު ބަލަން އެތަނަށް އާދެއެވެ. އަންނަ ކޮންމެ ފަހަރަކު ރަށު މީހުންގެ ހައިރާންކުރުވަނިވި ނަޒަރުތައް އަމާޒުވިކަމުގައި ވިޔަސް މައުވާ އެކަމަށް ސަމާލުކަމެއް ނުދެއެވެ. މީހުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަށް ފަރުވާލެއްނެތީތީ އެވެ.

''މައުވާ ފުރަން އުޅޭ ވާހަކަ އަޑުއެހިން...'' ޒިވްޔަން ބުނެލި އެއްޗަކުން ސިހިފައި މައުވާއަށް ޒިވްޔަންގެ މޫނަށް ބަލާލެވުނެވެ. އެމޫނުމަތިން އޭނައަށް ފެނުނީ ބަޔާން ކުރަން ދަތި ޝުއޫރުތަކެވެ. އޭގެ މާނަ ދެނެގަތުމުގެ ކުޅަދާނަކަން އޭނައަށް ނުލިބުނެވެ.

''ކާކު ބުނީ؟...'' މައުވާއަށް އަހާލެވުނެވެ. އޭރު އޭނަގެ ހިތް ވަނީ އަވަސްވެފައެވެ.

''އެއީ ތެދެއްތަ؟...'' ޒިވްޔަން ވެސް ކޮށްލީ ސުވާލެކެވެ. އޭނަގެ ރާގުގައި ވަނީ މާޔޫސްކަމެވެ. މައުވާ ވަކިވެގެން ހިނގައިދާނެތީއެވެ.

''އާނނ، އަންނަ ހަފްތާގަ ފުރަންކަމަށް، އެކަމަކު ޒިވްޔަން ގާތު ބުނީ ކާކުތަ؟، ޒޯހާ ދޯ؟...'' މައުވާއަށް ބުނެވުނެވެ. ފުރަން ޖެހޭ ދުވަސް ކައިރިވަމުން އައި ވަރަކަށް މައުވާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ދަނީ އިތުރުވަމުންވެ. ފުރައިގެން ދިއުމުގެ ކުރިން ޒިވްޔަންއަށް އޭނަގެ ހިތުގެ ހާލު އަންގަދޭން މައުވާ ބޭނުމެވެ. އެދެމެދުގައިވާ ގުޅުމަށް އެހާ ފަސޭހައިން ނިމުން އަންނާކަށް އޭނަގެ ޒަމީރު ތަނެއް ނުދިނެވެ. ހިތުގެ ހާލު ބަޔާން ކުރެވުމެއްނެތި ޒިވްޔަންއާއި ވަކިވާން ވެއްޖެނަމަ އެހިތަށް ލިބޭނީ ބަރުދާސްތުކުރަން ދަތި ވޭނެކެވެ. ހަމައެއާއެކު ޒިވްޔަންއަށް ލިބިދާނެ އެކަނިވެރިކަމާ ހެދި ވެސް އޭނަ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. މިހާރު މާލެ ދާން އޭނަ ބޭނުމެއް ވެސް ނޫނެނެވެ. ހިތް އެދެނީ ޒިވްޔަންއާއި އެއްފަސްގަނޑެއްގައި ހުރުމަށެވެ. ޒިވްޔަން ފެންނަ ހިސާބުގައި ހުރުމަށެވެ. ނަމަވެސް މަންމަގެ ނުފޫޒާ ހުރެ މަޑުކުރެވޭކަށް ވެސް ނެތެވެ. ހަދާން ގޮތް ހުސްވެ ހަތަރުއުދަރެސް ވަނީ ފެނުޖެހިފައެވެ. އެވާހަކަތައް ޒިވްޔަން ގާތު ބުނާނެ ގޮތެއް ވެސް ނޭގި ހުއްޓާ ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟

''އަހަރެން ގާތު ނުބުނެ ފުރައިގެން ދާންތަ ތި ވިސްނަނީ؟...'' މައުވާއާއި ހަތަރުކަޅި ހަމަކުރަމުން ޒިވްޔަން އެހިއެވެ. އެއާއެކު މައުވާގެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ޒިވްޔަންގެ ދެލޮލުގައިވި ޖަޒުބާތުތަކުގެ ސަބަބުން ގިނައިރުވަންދެން އެދެލޮލަށް ބަލަން މައުވާއަށް ކުޅާދާނައެއް ނުވިއެވެ. އިސްތިރިކޮށްލަމުން މައުވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

''އަހަރެން ހީކުރީ އަހަރެން މީ މައުވާގެ އެކުވެރިޔެއްކަމަށް، ހުރިހާކަމެއް ހިއްސާކުރާނެ ކަމަށް، އެކަމަކު އަހަރެން ގާތު ބުނުމެއް ވެސް ނެތި ފުރައިގެން ދާން ތިއުޅެނީ... ތިހާ ބޮޑަށް އަހަރެން ދުރުކޮށްލީތީ ދެރަވެއްޖެ...'' ޒިވްޔަންގެ އަޑުގައި ރިހުމެއް ވިއެވެ. މައުވާގެ ހިތަށް އޭގެ ސަބަބުން ތަދުކުރުވި އެވެ.

''ޒިވްޔަން...'' މައުވާއަށް ގޮވާލެވުނެވެ. ''އަހަންނަށް ޒިވްޔަން ގާތު ބުނާނެ ގޮތެއް ނޭގުނީ...'' އުތުރި އަރަން ފެށި ޖަޒުބާތުތަކާއެކު މައުވާގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވާން ފެށިއެވެ. ޒިވްޔަންގެ މޫނުން ފެންނަމުން ދިޔަ މާޔޫސްކަމުގެ ކުލަވަރުތަކުން މައުވާ އިތުރަށް ދެރަވާ ގޮތް ވިއެވެ.

ޒިވްޔަން އިތުރަށް ވާހަކައެއް ނުދެއްކިއެވެ. ލިބުނު ޚަބަރެއްގެ ސަބަބުން އޭނަގެ ތަބީއަށް ވަނީ ގޯސްވެފައެވެ. މައުވާ ހުއްޓުވަން އޭނަގެ ހިތް ދިޔައީ އެދި ގޮވަމުންނެވެ. އޭނަގެ ހިތުގެ ހާލު ބަޔާންކޮށްދޭން ވެސް މެއެވެ. އެހެނަސް އޭނައަށް ފަސްޖެހެވުނީއެވެ. މިހުރިހާ ދުވަހު އުޅެވުނީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ހީކުރެވުނީ އެވެ. މައުވާއާއި އޭނައާ ދެމެދު އޮތް ގުޅުމުގައި ހާއްސަކަމެއް އެކުލެވިފައި ނުވެއެވެ. މައުވާ އޭނައާއި އެކުވެރިކަން ބަދަހިކުރީ އޭނައާ މެދު ހަމްދަރުދީ ވެވުމުންނެވެ. އޭނައަށް އެހަމްދަރުދީ މުޅިން އެހެން ސިފައެއްގައި ނަގައިގަނެވުނީއެވެ. އެއީ އޭނަގެ މޮޔަކަމެވެ. ހަޤީޤަތެއް ނެތެެް ބިލާހުތުން އަމުނަމުން ދިޔަ ވާފަށް ކޮންމެ ވަގުތަކު ވެސް ކަނޑައިގެން ހިގައިދާނެކަމާ މެދު ވިސްނާނުލެވުނީއެވެ. މައުވާ އޭނަ ގާތުގައި ވެދާނެ ކަމަށް ހީކުރެވުނީ އޭނަގެ ސިކުނޑީގައިވި އުނިކަމުންނެވެ. އޭނަ ކަހަލަ މީހަކާއެކު ވާން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟ އޭނައަށް މައުވާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭކަށް ވެސް ނެތެވެވެ. އޭނައަށް ކުރެވޭނެހާ ވެސް ކަމަކީ އޭނައާ އެކު މައުވާ އަނދިރީގެ ތެރެއަށް ދަމައިގަނެވުމެވެ. އޭނައާއެކު މައުވާގެ ދިރިއުޅުން ވެސް ބަރުބާދު ކުރެވުމެވެ. މިވީހާ ދުވަހު ދުނިޔެއާއި މެދު ތަފާތު ނަޒަރަކުން ދެކެވުނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ބަދު ނަސީބު ހިތަށް ލުބުމެއް ނުވާ އިހުސާސްތެއްގައި ބަނދެވުނީ ކީއްވެ ހެއްޔެވެ؟ މިހުރިހާ ދުވަހު ބެލެމުން ދިޔަ ހުވަފެނުން ހޭލަން އޭނައަށް މިވަނީ މަޖުބޫރުވެފައެވެ. ހިތުގައި ވޭންތަކެއް އުފަންކުރުވާފައެވެ.

ކުއްލިއަކަށް ބާރުވެގެން ދިޔަ ރޯޅިތަކާއެކު ހީވީ ގަސްތައް ވެސް މުލުން ލުއްސާލަފާނެހެންނެވެ. ހޮޅުއަށި ކައިރީ ހުރި ކިނބިގަހުން ފައިބާފައި ހުރި ފަތްތަތައް ވެސް ރޯޅިތަކުގެ ބާރުގައި އުދުހެން ފެށިއެވެ. ކެރީގެ ހަމަލާގެ އިންޒާރުތައް ފާއިތުވާން ފެށި ވަގުތާއެކު ގަދަވުން ނޫންކަމެއް ނުވިއެވެ.

''ޒިވްޔަން...'' ކުއްލިއަކަށް ޒިވްޔަން ތެދުވުމުން މައުވާއަށް ގޮވާލެވުނެވެ. އޭނަ ވެސް ހޮޅުއަށިން ތެދުވެ ޒިވްޔަންގެ ފަހަތުން ހިނގައިގަނެްފިއެވެ. ''ޒިވްޔަން ދެރަވެދާނެހެން ހީވާތީ ނުބުނެ ލަސްކުރެވުނީ...... މަޑުކުރެވޭނެ ނަމަ އަހަރެން މަޑުކުރާނަން...''

''އަހަރެން ދެރަވެދާނެތީ މައުވާ ކަންބޮޑުވޭތަ؟...'' ފިޔަވަޅުތަކަށް ހުއްޓުމެއް ގެންނަމުން ޒިވްޔަން އެހިއެވެ. އަދި ފަސްއެނބުރިލަމުން މައުވާ އާއި ކުރިމަތިލިއެވެ. އޭރު ރޯޅިތަކުގެ ގޯނާތަކުން މައުވާ އުޅުނީ އޭނަގެ އިސްތަށިގަނޑު މަސަލަސް ނުކުރެވިގެންނެވެ. މައުވާއަށް އެހީވާން ބޭނުންވިއެއްކަމަކު ޚިޔާލުތަކުގައި ފުރިބާރުވަމުން ދިޔަ ކަންތަކުން އުފުލާލެވުނު އަތް ތިރިކޮށްލަން މަޖުބޫރު ވިއެވެ.

''އާނ...'' މައުވާ ޖެހުލުންވުމެއް ނެތި ބުނެލިއެވެ. ކުއްލިއަކަށް ޒިވްޔަންގެ މިޒާޖަށް އެއައި ބަދަލުން މައުވާ ހުރީ ހިތުގައިޖެހިފައެވެ. ކުރިން ވެސް މިހެން ކަންތައް ވެދާނެކަމުގެ ބިރު އޭނަގެ ހިތުގައި އޮތެވެ. ޒިވްޔަން ގާތު އެވާހަކަ ބުނަން ނުކެރިފައި ހުރީ ވެސް އެސަބަބާ ހުރެއެވެ. ޒިވްޔަން ދެރަވާކަށް އޭނަ ބޭނުމެއް ނޫނެވެ.

''ކީއްވެ؟... އަހަންނަށް މައުވާގެ ހަމްދަރުދީ އިތުރަށް ބޭނުމެއް ނޫން...'' ޒިވްޔަންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެގެން ދިޔަ އެވެ. ހިތާމައާއި ރުޅި އޭގައި އެކުލެވިފައި ވިއެވެ. އޭނަ ފިޔަވަޅުތަކަށް ބާރުލާފައި ކުރިއަށް ހިނގައިގަތީ އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކަށް ފިލަންށެވެ. މައުވާއަށް ޓަކައި އެހިތުގައި ވިންދުޖަހަމުން ދިޔަ ލޯބި ފާޅުކުރެވިދާނެތީއެވެ. އެލޯބި ފާޅުކުރިޔަސް މައުވާ އޭގައި ކޮޅުފައިން ޖަހާނެކަން އެނގޭތީއެވެ.

''ޒިވްޔަން...'' މައުވާ ދުވެލާފައި ގޮސް ޒިވްޔަންއާއި އަރާހަމަކުރިއެވެ.

''ދެން އިތުރަށް މައުވާގެ އެކުވެރިކަމާއި ހަމްދަރުދީ އަހަންނަށް ބޭނުމެއް ނޫން... މިވީހާ ދުވަހު އަހަންނާ އެކު ހޭދަކުރި ވަގުތަށް އަހަރެން ޝުކުރުވެރިވަން، މައުވާ ދިޔަޔަސް އަހަންނަށް ވަރިހަމަ...'' ޒިވްޔަން މައުވާއަށް ބަލާލުމެއް ނެތި ބުނެލިއެވެ. އެޖުމްލައިން މައުވާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލޮލަށް ބޮޑިވެގަތް ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލާފައި ފައިބައިގަތީ ބާރު ދުވެލީގައެވެ.

''ޒިވްޔަން... އަހަރެން އެވާހަކަ ނުބުނެ މަޑުކުރީ ކުރިން ވެސް މިހެން ކަންތައް ވެދާނެހެން ހީވާތީ، އެހަރެންގެ ސަބަބުން ޒިވްޔަންއަށް ދެރައެއް ލިބެން އަހަރެން ނޭދެން... އަހަރެން ޒިވްޔަންއާއި އެކުވެރިކަން ބަދަހިކުރީ ޒިވްޔަންއާއި އެކުގައި ވާން ބޭނުން ވާތީ، ޒިވްޔަންގެ ހިތާމަތަކުގައި ބައިވެރިވާން އެދެވޭތީ... ޒިވްޔަންއަށް ލިބުނު އަނިޔާތަކަށް ޝިފާއަކަށް ވާން ބޭނުން ވާތީ...'' ކުރެހިގެން ދިޔަ އަޑަކާއެކު މައުވާއަށް ބުނެވުނެވެ. ޒިވްޔަންގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުތަކުން އޭނައަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

''ކީއްވެ؟... އަހަރެންގެ ހިތާމަތަކުގައި ބައިވެރިވާން މައުވާ ބޭނުންވަނީ ކީއްވެ؟، އަހަރެން ދެރަވާ ފަދަ ކަމެއް ކުރަން ބޭނުން ނުވަނީ ކީއްވެ؟... އަހަރެން ކަހަލަ މޮޔައަކާ އެކުވެރިކަން ބާއްވަން ބޭނުންވަނީ ކީއްވެ؟...... ހިމޭނުން ނުހުރެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ!...'' ޒިވްޔަންގެ އަޑު ބާރެވެ. އޭނަ މައުވާއަށް ބަލާލި ހިނދު އެދެލޮލުން ފައިބަމުން އައި ކަރުނަތައް ފެނި ހިތަށް ބުނެދޭން ނޭގޭ ގޮތްތަކެއް ވިއެވެ. މައުވާގެ ކަންރުނަތައް ފޮހެލަދޭން އޭނަގެ ޒަމީރު ގޮވާލިއެވެ. ލޯބިވާ ފަރާތް ލޯކުރިމަތީ ހުރެ ރޯތަން ފެނި އޭނަގެ ހިތް ހަލާކުވާހާ ވިއެވެ. ނަމަވެސް އޭނައަށް ނުވިސްނުނީ މައުވާގެ ކަރުނަތަކުގެ ފަހަތުގައިވާ ސަބަބެވެ. އެދެލޮލުން އޭނައަށް ފެންނަ ހިތާމައިގެ ސިއްރެވެ. ވަގުތީ އެކުވެރިކަމަށް ނިމުމެއް އައުމުން އެހާވަރުވޭ ހެއްޔެވެ؟

''ލޯބިވާތީ...'' މައުވާއަށް އަޑަށް ބާރުލާފައި ބުނެވުނެވެ. އެއާއެކު އޭނަގެ ބަޑިފަޅައިގެން ދިޔަ އެވެ. ގިސްލުމުގެ އަޑު ހިންދާލަން އޭނައަށް ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. ''ލޯބިވާތީ...'' މައުވާއަށް އަނެއްކާ ވެސް ތަކުރާރުކޮށްލެވުނެވެ. ރޮމުންރޮމުން އޭނައަށް މޫނުގައި އަތް އަޅާލެވުނީ ދެނެވެ.

އިވުނު ބަސްތަކުން ޒިވްޔަން ހުރީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. ރަނގަބީލެއްގެ ސިފައިގައި މައުވާގެ ޖުމްލަ އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. އޭނައަށް އަޑު އިވުނީ ރަގަޅަށް ހެއްޔެވެ؟ ނޫނީ ހިތުގައި އެދުން އޮތްވަރު ބޮޑުކަމުން އިވުނު ގޮތް ހެއްޔެވެ؟ ބަހެއް ވެސް ބުނެނުލާ ޒިވްޔަން ހުރީ އެވެ. އެކަންތައް ހަޖަމުކުރަން ސިކުނޑިއަށް ފުރުސަތު ދީގެންނެވެ.

''އަހަންނަށް ޒިވްޔަން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިތުގައި ޝައުޤުވެރިކަން އުފެދުނު، އަހަރެން ބޭނުންވީ ޒިވްޔަންއަށް ވެގެން އުޅޭ ގޮތެއް ހޯދަން، އެކަމުގެ ތެރޭގައި ޒިވްޔަން ދެކެ އަހަންނަށް ލޯބިވެވުނީ ކޮން ވަގުތަކު ކިހިނެއް ކަމެއް ނޭގޭ، އެނގޭހާ ވެސް އެއްޗަކީ ޒިވްޔަން ފެނުމުން އަހަރެންގެ ހިތަށް ފިނިކަން އިހުސާސްކުރެވޭކަން، ޒިވްޔަންގެ ހިނިތުންވުމުން އަހަންނަށް އުފާވެރިކަން ގެނެސްދޭކަން، ތިދެލޮލުން ފެންނަ މާޔޫސްކަމުން އަހަަރެންގެ ހިތަށް ތަދުކުރުވާކަން، އަހަންނަށް ޒިވްޔަންގެ މާޒީ އެނގުމުން ވަރަށް ބޮޑަށް ހިތުގައިޖެހުނު، އެހުރިހާ ވޭނަކުން ޒިވްޔަން ސަލާމަތްކުރަން ބޭނުންވި، ޒިވްޔަންއަށް އެހީ ވެވެން އޮތް ގޮތަކުން މަދަދު ފޯރުކޮށްދޭން ގަސްދުކުރިން... ޒިވްޔަން... އަހަރެންގެ ހިތުގެ ހާލު ޒިވްޔަންއަށް އެނގޭނެ ކަމަށް އަހަރެން އުއްމީދުކުރީ، އަހަރެންގެ އިހުސާސްތައް ޒިވްޔަން ދެނެގަންނާނެކަމަށް ވެސް އުއްމީދުކުރިން...'' މައުވާ ކަރުނަތައް ފޮހެލަމުން ޒިވްޔަންއާއި ހަތަރުކަޅި ހަމަކުރިއެވެ. ޒިވްޔަންއަށް މައުވާގެ ލޮލުން ފެނުނީ ނިމުމެއް ނުވާ ލޯތްބެވެ. އޯގާތެރިކަމެވެ. އޭނަގެ ދެލޮލުން ކަރުނަތައް ފޭދިގެން ދިޔައީ ނޭގި ހުއްޓާއެވެ.

''އަހަންނަށް ވަރިހަމަ ޒިވްޔަންގެ މާޒީގަ ކޮންމެ ގޮތަކަށް ކަންތައް ވެފައި ވިޔަސް، އެހެނިހެން މީހުން ފަދައިން ޒިވްޔަން ނުވިޔަސް... އަހަރެން ބޭނުމެއް ނޫން ހަށިގަނޑާއި ޖާނާމާލުން ބާރުގަދަ ފުރިހަމަ މީހަކު، އަހަރެން ބޭނުމީ ހަމައެކަނި ޒިވްޔަން...'' ކުރިއަށް ފިޔަވަޅެއް އަޅާލަމުން މައުވާ ވާހަކަ ދެއްކިއެވެ. އޭނަގެ ހިތުގެ ހާލު ބަޔާންކޮށް ދެވުމުން މައުވާއަށް ހީވީ އެތައް ހާސްޓަނުގެ ބަރުދަން ލުއިވެގެން ދިޔަ ހެންނެވެ. ނަމަވެސް ޖަވާބު އައިސްދާނެ ގޮތަކާމެދު އޭނަގެ ހިތްވީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޒިވްޔަން ކުރިއަށް ޖެހިލަމުން މައުވާ ގެނެސް އެއަތުގެ ތެރެއަށް ލިއެވެ. ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ. ދެހިތުގެ ވިންދުތައް ގުޅިލާމެހިގެން ދިޔައީ ދެނެވެ. ހިތުގެ ހާލު ބަޔާންކޮށްދޭން ދޫ ނުކުޅެދުނުހިނދު ހަށިގަނޑު އެކަމަށް ފުރުސަތު ހުޅުވާލަ ދިނެވެ. ޒިވްޔަންގެ މޭގައި މޫނު ފޮރުވާލި މައުވާއަށް ރޮވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިއަށް ވުރެ ބޮޑަށް ޒިވްޔަންގެ ގައިގައި މައުވާ ބައްދާލީ އެމޭގެ ތެރެއަށް ގެނބިގެންދާން ބޭނުންވާ ހާލުގައެވެ. ދެފާރާނަ އެކުވާން އެދޭ ހާލުގައެވެ.

''އަހަރެން ދުވަހަކު ވެސް އުއްމީދެއް ނުކުރަން އަހަރެން ދެކެ ލޯބިވާނެ ފަރާތަކާ ބައްދަލުވެދާނެ ކަމަކަށް، މިވީހާ ދުވަހު އެފަދަ ނަޒަރަކުން އަހަންނާ ދިމާއަށް އެކަކު ވެސް ބަލާނުލި، އަހަންނަށް މިދުނިޔެއިން ލިބުނީ ހުސް ވޭނާއި ކެކުޅުންތައް، ރުހުމާއެކު އަހަންނަށް ބަލާނެ މީހަކު ވެސް ނުވި، އެކަމަކު މައުވާއާ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން ހުރިހާކަމެއް ވެސް ބަދަލުވި، އަހަރެން އަދިވެސް ހަނދާން އެބަހުރި އަހަންނަށް މައުވާ ފެނުނު ފުރަތަމަ ރޭމަތިން، އެރެއަށްފަހު އަހަރެންގެ ހިތް މައުވާ ދެކިލަން ބޭނުންވާން ފެށި، ފުރަތަމަ ވެސް އަހަންނަށް އޯގާތެރިކަން ލިބުނީ މައުވާގެ ފަރާތުން، ދުނިޔެއާ މެދު އަހަރެން ދެކެމުން އައި ނަޒަރިއްޔާތު ވެސް ބަދަލުކޮށްދިނީ މައުވާ... މައުވާގެ ހިތުން އަހަންނަށް ޖާގައެއް ދެއްވުމަށް އެދި އަހަރެން ދުޢާކުރިން... މައުވާ ފުރަން އުޅޭ ޚަބަރު ލިބުމުން އަހަަރެން ދެރަވީ ދެން ދުވަހަކު ވެސް ބައްދަލު ނުވެދާނެހެން ހީވުމުން، ފުރާކަން މައުވާ އަހަންނާ ހިއްސާނުކުރީ އަހަންނަކީ މައުވާއަށް މުހިންމު މީހެއް ނޫންކަމަށް ހީވުމުން...... މިހުރިހާ ދުވަހު މައުވާގެ ފަރާތުން އަހަންނަށް ލިބުނު އޯގާތެރިކަމަކީ ވަގުތީ އެއްޗެއް ކަމަށް ހީކުރެވުނީ، އަހަރެން ކަހަލަ މޮޔައަކާ މެދު މައުވާ ތަފާތު ނަޒަރުން ދެކެފާނެ ކަމަށް އުއްމީދުކުރެވި އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނު، މައުވާ އަހަންނާ އެކުވެރިކަން ބޭއްވީ ހަމައެކަނި އަހަންނާ މެދު ކުރެވުނު ހަމްދަރުދީގެ ސަބަބުންކަމަށް ހީކުރެވުނީ......'' މައުވާގެ އުނަގަނޑު ދެއަތުން ވަށާލަމުން ޒިވްޔަން ބުނެލިއެވެ. ދެޒުވާނުންގެ ދެމެދުގައި އިސްކޮޅުގެ ފަރަގު ހުރުމުން ކިރިޔާ ޒިވްޔަންގެ މެޔާހަމައަށް މައުވާގެ މޫނު ފޯރާކަމެވެ.

''ޒިވްޔަން ތީ މޮޔައެއް ނޫން، ދެން ދުވަހަކު ވެސް އެހެން ބުނެގެން ނުވާނެ، ޔޫއާރ ނޯރމަލް...'' ރޮވިފައިވާ އަޑަކުން މައުވާ ބުނެލިއެވެ.

''އަހަރެން މިއަދު ވަރަށް އުފާވެއްޖެ މައުވާގެ ހިތުގައި އަހަންނަށް ދެވިފައި އޮތް މަޤާމު އެނގުމުން، ދުވަހަކު ވެސް އެފަދަ ނިއުމަތެއް އަހަންނަށް މިންވަރު ކުރަށްވަފާނެ ކަމަށް ހިތުގައި އުފެދިފައި އޮތް ޝައްކު މިއަދު މައުވާގެ ސަބަބުން ފިލައިގެން ހިނގައްޖެ، އަހަރެން ވެސް ވަރަށް ބޮޑަށް މައުވާ ދެކެ ލޯބިވޭ، އަހަންނާއެކު މައުވާ ވާން އަހަރެންގެ ހިތް އެދޭ...'' ޒިވްޔަންގެ ޖުމްލައިން މައުވާގެ ހިތުގައި ގަނޑުފެންއަޅާލަދިން ފަދައެވެ. ތުންފަތަށްވެރިވެގެން ދިޔައީ ފުން ހިނިތުންވުމެކެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެންކުއްޖާ ކަމުގެ އިހުސާސު ވެސް ކުރެވުނެވެ.

ލޯބީގެ ޖަޒުބާތުގައި ބެހެމުން ދިޔަ ދެޒުވާނުން ސިހިގެން ދިޔައީ އިވުނު ބާރު ގުގުރީގެ އަޑުންނެވެ. އެއާއެކު އޮއްސާލި ވާރޭގެ ތެރޭގައި ދެޒުވާނުން ތެމިގެން ދިޔަ އެވެ. ހިޔަލަކަށް އެދި މައުވާގެ އަތުގައި ހިފާލަމުން ގޮސް ޒިވްޔަން ވަނީ ކިނބިގަސް ދޮދަށެވެ. އޭރު ބޯކޮށްލި ވާރެއިން މުޅި ފަޒާ އޮތީ ފުސްކޮށްލާފައެވެ. ދޭތެރެއިން އިވިލާ ހޮނު ގުގުރީގެ އަޑުން ހިތްތައް ރޫރޫއަޅައިގެން ދާހާ ވެއެވެ. ޒިވްޔަން މައުވާ ގެނެސް އެހަށިގަނޑާއި ކައިރިކޮށްލަމުން އިސްތަށިގަނޑުގައި ބޮސްދިނެވެ. ޒިވްޔަންގެ އަތުގެ ތެރޭގައި ހުރެވުމުން މައުވާއަށް ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. ތާއަބަދު އެއަތުގެ ހިމާޔަތާއި ރައްކާތެރިކަން ލިބުމަށް އެދި މާތްﷲއަށް ދުޢާ ކުރެވުނެވެ.

*****

މައުވާއާއި ވާހަކަދައްކާލާނެ ފުރުސަތަކަށް ކޮޅުމަތި ބަލަމުން ދިޔަ މީޒާއަށް އެފުރުސަތު ފަހިވެގެން ދިޔައީ ދެދުވަސް ފަހުންނެވެ. ޒޯހާ ހޯދަން އައުމުގެ ބަހަނާގައި ޒިވްޔަންއާއި ބައްދަލުކުރަން އައި މައުވާ ގޮވައިގެން ގޮސް މީޒާ ނުކުތީ ގޭގެ ކުޑަ ބަގީޗާ އަށެވެ. އޭރު މީޒާ ދައްކަން އުޅޭ ވާހަކައަކާ މެދު ފިކުރި ހިންގަމުން ދިޔަ މައުވާ ވަނީ ހާސްކަމެއް ތެރޭގައެވެ. މީޒާއަށް އޭނައާއި ޒިވްޔަންއާ ދެމެދު އޮތް ގުޅުން އެނގުނީ ހެއްޔެވެ؟ އެކަމާ މީޒާ ހިތްހަމަނުޖެހުނީ ހެއްޔެވެ؟ މިސުވާލުތަކާ އެކު މައުވާގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.

''މައުވާ ތިހާ ބޮޑަށް ޒިވްޔަންއާއި ދޯޅުވެގެން އުޅެފަ ފުރައިގެން ދިއުމުން ޒިވްޔަންއަށް ލިބިދާނެ ގެއްލުމަކާ މެދު އެއްފަހަރު ވެސް ވިސްނާލިންތަ؟... ދައްތަ އުފާވޭ މައުވާގެ ސަބަބުން ޒިވްޔަންއަށް އަންނަ ބަދަލުތައް ފެނިފަ، އޭނަ ވެސް މިހާރު ރަގަޅުވާން ބޭނުންވޭ... ދުވަސްތަކަށް ފަހު ޒިވްޔަންއަށް އެކުވެރިޔަކު ލިބުނީ، އެކަމަކު މައުވާ ފުރައިގެން ދިއުމުން ޒިވްޔަންއަށް ލިބޭ ހުސްކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެ، އެކަމާމެދު އެއްފަހަރު ވެސް ވިސްނާލިންތަ؟... އިހުގެ ހާލަތަށް ޒިވްޔަން ދާކަށް ދައްތަ ބޭނުމެއް ނޫން...'' މީޒާ ބުނެލިއެވެ.

''ދައްތާ، ޒިވްޔަންއަށް ދެރަގޮތެއް ދުވަހަކު ވާން އަހަރެން ނޭދެން...'' މައުވާ ސާބިތުކަމާއެކުގައި ބުނެލިއެވެ. އެއާއެކު މީޒާއަށް މައުވާގެ މޫނަށް ބަލާލެވުނެވެ. އޭނަގެ ހިތް އަަވަސްވީ މައުވާގެ މޫނުން ފެންނަމުން ދިޔަ އަސަރުތަކުންނެވެ. މައުވާގެ ހިތުގައި ޒިވްޔަންއަށް ހާއްސަކަމެއް ދެވިފައިވާކަން ޔަޤީނެވެ.

''ތިބުނީ؟...'' އިތުރަށް އޮޅުންފިލުވަން ބޭނުންވާތީ މީޒާއަށް އަހާލެވުނެވެ. ޒިވްޔަންގެ ހަޔާތަށް ބައިވެރިޔަކު އަންނަން މީޒާ ވެސް ބޭނުންވެއެވެ. ޒިވްޔަން އުފަލުގައި އުޅޭތަން ދެކެން ވެސް މެއެވެ. ޒިވްޔަންގެ ޢާއިލާއެއް ވާތަން ދުށުމަށް ވެސް މެއެވެ.

ފަސްޖެހެވުނު ކަމުގައި ވިޔަސް މީޒާގެ ސުވާލުތަކަށް އެންމެ ފަހުން މައުވާއަށް ޖެހުނީ ޖަވާބު ދޭށެވެ. މީޒާ ހުރީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓިފައެވެ. އެހެން ހުއްޓާ އޭނަގެ ދެލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. މައުވާއަށް ޓަކައި އޭނަގެ ހިތުން ޖާގައެއް ހުސްވެގެން ދިޔަ އެވެ. އެދަނޑިވަޅާއި ދިމާކޮށް މީޒާ އޭނަގެ މާޒީ މައުވާއާ ހިއްސާކުރިއެވެ. އެއީ ކޮންމެހެން މައުވާއަށް އެނގެން ޖެހޭ އެއްޗެއްކަމުގައި ހީކުރެވުމުންނެވެ. އޭނަގެ ދަރިފުޅު އަނބުރާ ހޯދައިދެވޭނީ މައުވާއަށް ކަމުގައި އެހިތުގައި އުއްމީދު އާލާވާން ފެށިއެވެ.

*****

ޖެހިގެން އައި ދުވަހު ހެނދުނު އިރުއެރީ މީޒާއަށް ބިރުވެރި ޚަބަރަކާއިގެންނެވެ. ހެނދުނު ނާސްތާ ތައްޔާރުކުރަން އުޅުނު މީޒާއަށް ފޯނެއް އައިސްގެން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު އޭނަގެ ހިތް ހުއްޓޭވަރުގެ ޚަބަރެއް ލިބިދާނެ ކަމަކަށް ހިޔެއް ވެސް ނުކުރެވުނެވެ. އިމްރާނުގެ ހާލުދެރެވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުކަމާއި އުއްމީދެއް ނެތް ޚަބަރާއެކު އޭނަ އަނބުރައި ނުގަތީ ވެސް ކިރިޔާއެވެ. ދެލޮލަށް ޖަމާވި ކަރުތައް ފައިބައިގެން ދިޔައިރު ހިތުގައި ތޫނު ރިހުމެއް ވަނީ އުފެދިފައެވެ. އޭނަގެ ހިތުގައި އިމްރާނަށް ދެވިފައިވާ މަޤާމަށް އަދިވެސް ބަދަލެއް ނާދެއެވެ. އެހެނަސް އޭނައަށް މަޖުބޫރުވީ އެލޯބި ކަފުންކޮށް ވަޅުލާށެވެ. ދެވަނަ ފަހަރަށް އޭނަގެ ޚަޔާތަށް އިމްރާނު ނާންނާނެތީއެވެ. ހަމައެއާއެކު އަސްލަމަށް އޭނަގެ ފަރާތުން ހިތާމައެއް ލިބެން ނޭދޭތީއާއެކު އެވެ.

މީޒާ ބޭނުންވީ ވީހާ ވެސް އަވަހަކަށް މާލެ ދާށެވެ. އަސްލަމު ގާތު އެވާހަކަ ބުނިއިރު ވެސް މީޒާއަށް ދިޔައީ ރޮވެމުންނެވެ. މީޒާއަށް ހިތްވަރު ލައިދެމުން އަސްލަމު އަަވަސްވެގަތީ ފުރުމުގެ ކަންތައް ހަމަޖައްސާށެވެ. އޭނަގެ ހިތުގައި މީޒާއާ މެދު އެއްވެސް ބުރަހެލިކަމެއް ނެތެވެ. އަލަތު ލޯތްބަކީ ހަނދާނުން ފޮހެލަން ކިހާ އުނދަގޫ އެއްޗެއްކަން ހުދު އޭނައަށް ވެސް އިނގެއެވެ.

މީޒާ ގޮސް ޒިވްޔަންގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. ދެފަހަރަކު ޓަކި ދިންތަނާ ޒިވްޔަން އައިސް ދޮރު ހުޅުވާލިއެވެ. މީޒާ ފެނުމާއެކު ޒިވްޔަންގެ ބުމަ ގޮށްޖެހިގެން ދިޔަ އެވެ. ހިތްހަމަނުޖެހުމާއެކު އޭނަ ދޮރުލައްޕާލަން އަވަސްވެގަތް ހިނދު މީޒާ ރޮވިފައިވާ އަޑަކުން ޒިވްޔަންއަށް ގޮވާލައިފިއެވެ. ފުރަގަސްދޭން ބޭނުންވިއެއް ކަމަކު މަންމަ އެހާ ދެރަވެފައި ހުރިތަން ދެކެފައި ނުވުމުން ޒިވްޔަންއަށް ފަސްޖެހުވުނެވެ.

''ޒިވްޔަން... ބައްޕަގެ ހާލު ވަރަށް ދެރަ، ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލާފައި އޮތީ...'' މީޒާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

''ދެން މަށަށް ކީއް؟ އޭނަ ގާތަށް ދާން ބޭނުންވާ މީހަކު ދާން ވީނު، މަށެއް ނުދާނަން!...'' ރުޅިވެރިކަމާއެކު ޒިވްޔަން ބުންޏެވެ.

''ޒިވްޔަން، އެއީ ޒިވްޔަންގެ ބައްޕައޭ، އެފަދަ ހާލެއްގައި ބައްޕަ ވަނިކޮށް ދެކޭކަށް ނުދާނަންތަ؟...'' މީޒާ ކަރުނަތައް ފޮހެލަމުން ހަރުކަށި ރަގަކަށް އިއްވާލިއެވެ. ''ޒިވްޔަން ގާތު މަންމަ ކިތައް ފަހަރު މަޢާފަށް އެދޭނީ... އެއްފަހަރު ވިޔަސް ތި ގޮތް ދޫނުކުރުމުގެ މިޒާޖު ދޫކޮށްލަން ވެއްޖެއެއްނު... އިމްރާނު މިވަގުތު ޒިވްޔަން ދެކެން ނުހަނު ބޭނުން ވެގެން އެކޮޅުން ގުޅީ ވެސް...''

މަންމަގެ ވާހަކަތަކުން ޒިވްޔަންއަށް އަސަރުކުރިއެވެ. އެއްޗެއް ބުނުމަކާ ނުލާ އޭނަ އެތެރެއަށް ހިނގައިގަތެވެ. ޒިވްޔަންގެ ފަހަތުން ކޮޓަރިއަށް ވަން މީޒާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

''ދަރިފުޅާ އާދޭސްކޮށްފަ މިބުނަނީ ބައްޕައާ ބައްދަލުކުރަން ދެކޮޅު ނަހަދާ...'' މީޒާގެ އަޑު ކުރެހުނެވެ. އެނދުގައި އިން ޒިވްޔަން އޭނަގެ މަންމައަށް ބަލާލިއެވެ. ހިތަށް އަސަރުކުރީ މަންމަގެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތައް ފެނިފައެވެ. އެއާއެކު އޭނަ ހަނދާންވީ މައުވާ ރޭގައި އޭނަ ގާތު ދެއްކި ވާހަކަތަކެވެ. ސާރާގެ ނުބައިކަމާއި މަކަރުވެރިކަމެވެ. އޭނަގެ މައިންބަފައިންގެ ކުށެއް ނެތް ކަމެވެ. އުފާވެރި ޢާއިލާއެއް ރޫޅާލީ އެނުލަފާ އަންހެނާއެވެ. އޭނައަށް ލިބެންވާ ހައްޤު ސަޒާ ވަނީ ދުނިޔެމަތިން ލިބިގެން ގޮސްފައެވެ. ސާރާ ހިންގި ޖަރީމާތަކުގެ އިލްޒާމު އިތުރަށް އޭނަގެ މަންމައާއި ބައްޕަގެ ބޮލުގައި އެޅުވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

*****

ޒަމާންތަކަކަށް ފަހު އިމްރާނަށް އޭނަގެ ދަރިފުޅު ހަމަލޮލުން ފެނުމުގެ ނަސީބު ލިބުމުން އެދެލޮލުން ކަރުނަ ހިލުނެވެ. ވަރު ދޫވެފައިވާ އަތް ދަރިފުޅާއި ދިމާއަށް ދިއްކޮށްލެވުނީ އެއަތުގައި ހިފުމަށް އެދޭ ހާލުގައެވެ. ޒިވްޔަންއާއެކު ހުރި މީޒާ އޭރު ނުރޯން މަސައްކަތްކުރަމުން ދިޔަ އެވެ. އެވަގުތު އަސްލަމު ޒިވްޔަންގެ ބުރަކަށީގައި ފިރުމާލަމުން ކުރިއަށް ދިއުމަށް ބުނެލިއެވެ.

ބައްޕަގެ ހަށިގަނޑަށް ގުޅާފައިވާ ތަފާތު މެޝިންތަކަށް ނަޒަރު ހިންގަމުން ގޮސް ޒިވްޔަން އޭނަގެ ބައްޕަ ބާއްވާފައި އޮތް އެނދާއި އަރާހަމަކުރިއެވެ. އޭނައަށް ނޭގި ހުއްޓާ ދެލޯ ފުރިބަންޑުން ވިއެވެ. ޒިވްޔަންގެ ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ތިކި ގޮސް ވެއްޓުނީ އިމްރާނުގެ އަތްތިލައަށެވެ. އޭނަ ވަރުދެރަ އަޑަކުން ޒިވްޔަންއަށް ގޮވާލީ އެވަގުތު އެވެ. ކަރުނަތަކާ ހަނގުރާމަކުރަމުން ޒިވްޔަން އޭނަގެ ބައްޕަގެ އަތުގައި ހިފީ ފަރުވާތެރިކަމާއެކުގައެވެ.

އިމްރާނު ހިނިތުންވާން އުޅުނެއް ކަމަކު އޭނަގެ ހަށިގަނޑު އެކަމަށް ތަނެއް ނުދިނެވެ. އޭނައަށް ގޮހޮރުގެ ކެންސަރު ޖެހުނުކަން އެނގުނީ ވެސް މީގެ އަހަރެއް ކުރިންނެވެ. އޭރު ކެންސަރު ހުރީ އޭގެ އެންމެ ފަހު ސްޓޭޖުގައި ކަމުން ޑޮކްޓަރުން އުއްމީދު ކަނޑާލީއެވެ. އޭނަ އެޚަބަރު އެއްވެސް މީހަކަށް ނުދެއެވެ. ނަމަވެސް ބަލިހާލަތު ބޮޑުވެ މަރާ ހަނގުރާމަކުރަން ފެށުމުން އިތުރަށް ސިއްރުކުރަން ދަތިވީއެވެ. ދުނިޔެއަށް އަލްވަދާއު ކިޔުމުގެ ކުރިން ލޯބިވާ ދަރިފުޅުގެ ސޫރަ ދެކިލަން ބޭނުން ވާތީއެވެ.

''ދަރިފުޅާ...'' ބަލިއަޑަކުން އިމްރާނު ގޮވާލިއެވެ. ޒިވްޔަން އެނދުގެ މަގަތުގައި އިށީންނަމުން ބޯޖަހާލިއެވެ. ވަރަށް ގިނަ ވާހަކަ ދައްކަން އޭނަ ބޭނުން ވިއެވެ. މިހުރިހާ ދުވަހަކު ބައްޕަ ކުށްވެރިކުރެވުމުން މަޢާފަށް އެދެން ވެސް މެއެވެ. އޭނަގެ ހިތް ބައްޕައަށް ސާފުކަމުގައި އަންގަން ވެސް ބޭނުން ވިއެވެ. އެހެނަސް ބައްޕަގެ ބަލިހާލަތު ފެނި ޒިވްޔަންގެ ހިތުގައި އަޅަން ފެށި ވޭނާއެކު އެހިތްވަރު އެލިގެން ދިޔައީއެވެ. އޭނައަށް ކަރުނަތައް ވެސް ކޮންޓްރޯލެއް ނުކުރެވުނެވެ.

އިމްރާނަށް ވާހަކަދައްކަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް އޭނަ އުނދަގުލާއެކުގައި ވެސް އޭނަގެ ޖުމްލަތައް ފުރިހަމަ ކުރިއެވެ. އޭނަ ފުރަތަމަ ވެސް ޒިވްޔަން ގާތު އެދުނީ މަޢާފަށެވެ. ޒިވްޔަން އޭނައަށް އެންމެ ބޭނުންވި ދުވަހު ގާތުގައި ނުހުރެވުމުންނެވެ. ދަރިފުޅަށް ރައްކާތެރިކަމާއި ހިމާޔަތް ނުދެވުމުންނެވެ. ވަކި ހިސާބަކަށް އިމްރާނުގެ ވާހަކަ ދިޔަތަނާ ޒިވްޔަން ހުއްޓާލުމަށް އެދުނެވެ. އަދި އޭނައަށް ކަންހިނގި ގޮތް އެނގިފައިވާ ކަމަށާއި ބައްޕަ ކުށްވެރި ނުކުރާކަމަށް ވެސް ބުންޏެވެ. އަދި މިހުރިހާ ދުވަހު ބައްޕައާއި ބައްދަލުކުރަން ނާދެވުމުން އެކަމަށް މަޢާފަށް ވެސް އެދުނެވެ. ޒިވްޔަން ބުނަން ބޭނުންވާ އެތައް ވާހަކަތަކެއް ދުލުކުރީގައި ވަނިކޮށް އޭނަގެ ބައްޕަގެ ބަލިހާލަތު ބޮޑުވެ ލޯކުރިމަތީގައި އޭނައަށް ޢަލްވަދާއު ކީއެވެ. މިފަނާވަނިވި ވަގުތީ ގޯތި ދޫކޮށް ދިޔައީއެވެ. ލިބުނު ކުއްލި ސިހުމާއި ހިތާމަތަކުން ޒިވްޔަން ގަނޑުވިއެވެ. ފުސްވެފައިވާ ދެލޮލުން އޭނައަށް ބައްޕަގެ މޫނަށް ބަލާލެވުނެވެ. އެވަގުތު އޭނަގެ ހިތަށް އެރިއެވެ. މާޒީ ބަދަލުކުރެވޭނެ ނަމައެވެ. މަންމައާއި ބައްޕައާ އެކު އުފާވެރި ދިރިއުޅުމެއް ހޯދަން މަސައްކަތްކުރެވުނު ނަމައެވެ. އެހެނަސް ޒިވްޔަންއަށް ޖެހުނީ ހަޤީޤަތާ ކުރިމަތިލާށެވެ. މިއީ ބަދަލުވުމެއް ނެތް އިލާހީ ޤާނޫނެވެ. ކެތްތެރިކަމާއެކު ކުރިމަލައިގެން މެނުވީ ކާމިޔާބު ލިބުމެއް ނެތެވެ.

މީޒާ ރޮއިގަންނަމުން އަސްލަމްގެ މޭގައި މޫނު ފޮރުވާލިއެވެ. އިމްރާނުގެ ވަކިވެ ދިއުމުން އޭނަގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އިމްރާނު އޭނަ ގާތު އާދޭސްކުރަމުން ދުވި ދުވަސްތައް ހަނދާން ވިއެވެ. އެއްފަހަރު ވިޔަސް އިމްރާނަށް ފުރުސަތު ދެވުނުނަމައެވެ. ސާރާގެ ނުބައިކަމާމެދު ވިސްނާލެވުނު ނަމައެވެ. އެހެންނަމަ މިއަަދު އޭނަގެ ދިރިއުޅުން މުޅިން ތަފާތު ވީހެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު ވަނީ ފާއިތުވެފައެވެ.

*****

5 އަހަރު ފަސް...

ނިދީގައި އޮތް މައުވާއަށް ހޭލެވުނީ އޭނަގެ ބަނޑަށް އަރާފައިވާ ތަދުގެ ސަބަބުންނެވެ. ލޯ ހުޅުވާލަމުން އޭނަ ބަނޑުގައި ފިރުމާލިއެވެ. ދެފަހަރެއްގެ މަތިން އެފަދައިން ކަންތައް ކުރިތަނާ ތަދު ލުއިވުމުން މަގަތުގައި އޮތް ޒިވްޔަންއަށް ގޮވުމުގެ ޚިޔާލު މައުވާ ދޫކޮށްލިއެވެ. އަދި ޒިވްޔަންއާއި ގާތަށް ޖެހިލުމަށްފަހު އެމޭގައި ބޯއަޅާލަމުން ނިދޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އުނަގަނޑަށް އެރި ތަދާއެކު ހީވީ މައިބަދަވެސް ބިންދައިގެން ހިނގައިދާނެހެންނެވެ. ދެދަތްޕިލަޖައްސާ ބާރުކޮށްލެވުނު ހިނދު މައުވާގެ ތުންފަތް ފޫއަޅުވާލާފައި މަޑު އާހެއްގެ އަޑު ބޭރުވިއެވެ. އެވޭނުގައި އޭނައަށް ޒިވްޔަންއަށް ގޮވާލެވުނެވެ.

ގަދަ ނިދީގައި އޮތް ޒިވްޔަންގެ ކަންފަތުގައި މައުވާގެ އަޑު ޖެހުމުން އޭނައަށް ސިހިފައި ދެލޯ ހުޅުވާލެވުނެވެ. އޭނައަށް މައުވާގެ މޫނު ފެނުމާއެކު މެޔަށް ފިނިވެގެން ދިޔަ އެވެ.

''ބަނޑުގަ ރިއްސަނީތަ؟...މަންމައަށް ގޮވަންވީތަ؟...'' ހާސްކަމާއެކު ޒިވްޔަންއަށް ސުވާލުކުރެވުނެވެ. މައުވާއަށް ވަމުން ދިޔަ ގޮތް ފެނި އޭނަގެ ހިތުގައި ރިއްސާ ވެސް ލިއެވެ. ވޭން ބަރުދާސްތުކުރާ ހާލު މައުވާއަށް ބޯޖަހާލެެވުނެވެ.

އަވަސް އަވަހަށް އެނދުން ތެދުވުނު ޒިވްޔަން ގޮސް އަލަމާރި ހުޅުވާލަމުން އަތުގައި އެންމެ ފުރަތަމަ ޖެހުނު ސޯޓު ނަގައި ލިއެވެ. އަދި ޓީޝާޓެއް ނަގައި ބައިމަތިފުޅާ ހަށިގަނޑަށް މަހާލިއެވެ.

''އެބަ އަންނަން މަންމައަށް ގޮވާފައި...'' މައުވާގެ ގާތުގައި ހުއްޓިލަމުން ޒިވްޔަން މައުވާގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން އަތަށް ފިތާލިއެވެ. އަދި ރޯޅީގެ ބާރުމިނުގައި ގޮސް ކޮޓަރިން ނިކުތެވެ.

''މަންމާ... މަންމާ...'' ޒިވްޔަން އޭނަގެ މަންމަގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. އޭނަގެ އަޑުގައި ވަނީ ހާސްކަމެވެ. ޒިވްޔަންއަށް ފަސްފަހަރު ދަރުގައި ޓަކިދެވުނު ތަނާ މީޒާ ނިދިމޫނަކާއެކު އައިސް ދޮރު ހުޅުވާލިއެވެ. ހާސްކަމެއްގެ ތެރޭގައިވި ޒިވްޔަން ފެނުމާއެކު މީޒާގެ ނިދިފިލައި ހަށިގަނޑު އެލާރޓަށް އައިސްފިއެވެ.

ޒިވްޔަންގެ ފަހަތުން މީޒާ ހިނގައިގަތީ އަސްލަމަށް ގޮވައި ތެދުކުރުވުމަށް ފަހުގައެވެ. އޭނައަށް ޒިވްޔަންގެ ކޮޓަރިއަށް ދެވުނުއިރު ޒިވްޔަން އިނީ މައުވާ ގާތުގައެވެ. މައުވާގެ ވޭނަށް ލުޔެއް ހޯދައި ދެވޭތޯއެވެ.

''ދަރިފުޅާ ދޭބަލަ ކާރު ނެރެން، މަންމަ މިގުޅަނީ އަސްމާމެނަށް...'' ޒިވްޔަންއަށް ބަލާލަމުން މީޒާ ވާހަކަދެއްކިއެވެ.

*****

ވިހެއުމުގެ ގަދަ ވޭނުގައި ވަގުތު ހޭދަކުރުމަށްފަހު މައުވާގެ ހަށިގަނޑަށް ކުޑަ ލުޔެއް ލިބުނު ވަގުތުކޮޅެވެ. އޭރު މައުވާގެ އަތުގައި ހިފަހައްޓާލައިގެން ގާތުގައި ހުރި ޒިވްޔަންގެ ދެލޮލުގައި ކަރުނަތައް ވިއެވެ. ދެމަފިރިންގެ ލޯބީގެ ނިޝާން ދުނިޔެއަށް ގެނައުމަށްޓަކައި މައުވާ އުފުލަމުން ދިޔަ ވޭން ފެނި އޭނަގެ ހިތުން މައުވާއަށް ދެވިފައިވި ޤަދަރާއި ލޯބި އިތުރަށް ފުންވެގެން ދިޔަ އެވެ. ތުއްތު ކުއްޖެއްގެ ރޯލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒިވްޔަންއަށް އޭނަގެ ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. ފަނޑުހިނިތުންވުމެއް އޭނަގެ ތުންފަތުގައި ދުވެލި ހިނދު މައުވާގެ އަތަށް ފިތާލެވުނެވެ. އެވަގުތުކޮޅު އޭނައަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދެވޭނެ ގޮތެއް މިދުނިޔޭގައިވާނެހެނެއް ވެސް ހިޔެއް ނުވެއެވެ. އޭނަގެ ހިތް މައުވާއަށް ޝުކުރުން ފުރި ބަންޑުން ވިއެވެ. ދެމަފިރިން ކުރި ދިގު އިންތިޒާރަށް ނިމުން އައިސްފިއެވެ. އޭނަ ބައްޕައަކަށް ވީއެވެ.

''އިޓްސް އެ ގާރލް...'' ބޭރު ޑޮކްޓަރު މައުވާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ އަތުގައި ތުއްތު ދަރިފުޅު އޮތެވެ. ފޫޅުދަނޑިގަނޑު ކަނޑާލަމުން ނަރުސްކުދިންނަށް ތުއްތު ދަރިފުޅު ސާފުކުރުމަށް ހަވާލުކުރެވުނެވެ. އޭރު ޒިވްޔަން ހުރީ ދަރިފުޅު އަތަށް އަރާނެ އިރަކަށް ކެތްމަދުވެފައެވެ. އޭނަ މައުވާއާއި ގާތަށް ޖެހިލަމުން އެނިތުގައި ލޯތްބާއެކު ބޮސްދިނެވެ. އަދި އޭނަ ހިފަހައްޓާލައިގެން ހުރި މައުވާގެ އަތްތިލައިގައި ވެސް މެއެވެ.

''ތެންކިއު އެ މިލިއަން ޓައިމްސް، ޔޫ މޭޑް މައި ޑްރީމް ކަމް ޓްރޫ...'' ޒިވްޔަން ބުންޏެވެ. ''އައި ލަވް ޔޫ...''

ބުރަހެލިކަން ވެރިވެފައި އޮތް މައުވާގެ ތުންފަތަށް ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ ޒިވްޔަންއަށް ބަލާލި ހިނދު އެދެލޮލުން އޭނައަށް ފެނުނީ އުފާވެރިކަމުގެ ކަރުނައެވެ. އެރީތި މޫނުގައި ބީހިލަން މައުވާ ބޭނުން ވިއެވެ. އެހަނަސް އެފުރުސަތު ނުލިބުނީ ކައިރިއަށް އައިސް ހުއްޓުނު ނަރުސްކުއްޖާ ފެނިފައެވެ.

''މާޝާﷲ... ވަރަށް ލޯބި ބޭބީއެއް...'' މައުވާގެ އަތަށް ދަރިފުޅު ލައިދެމުން ނަރުސްކުއްޖާ ބުންޏެވެ. މައުވާއަށް އޭނަގެ އަތުގައި އޮތް ފުރާނައަށް ލޯތްބާއެކު ބަލާލެވުނެވެ. އެއާއެކު މައިވަންތަކަމުގެ ކުލުނުން އޭނަގެ ހިތް ފުރިބަންޑުންވެގެން ދިޔަ އެވެ. އެލޯބިލޯބި މޫނު ފެނުމުން ނުވަމަސް ދުވަހު އޭނަ އުފުލި ބުރަތައް މަތިން ވެސް ހަނދާން ނެތުނު ފަދައެވެ. ދަރިފުޅުގެ މޫނުގައި އޭނައަށް ފިރުމާލެވުނު ހިނދު ލޮލުން ފޭދުނު ކަރުނަތިއްކެއް ގޮސް ދަރިފުޅުގެ މޫނަށް ފޭބިއެވެ. އެވަގުތު ދަރިފުޅު ދެލޯހުޅުވާލަމުން މައުވާއަށް ބަލާލިއެވެ. ދެން އިވުނީ ބާރަށް ރޮއިގަތް އަޑެވެ. މައުވާއަށް އެވަގުތު ހަދާނެ ގޮތެއް ނޭގުނެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސާލަމުން މަޑު ނާނާއެއްގެ އަޑު އަޅުވާލެވުނެވެ. ދެން ވެސް ދަރިފުޅު ހުއްޓައެް ނުލިއެވެ. އެވަގުތު ނަރުސްކުއްޖާ މައުވާ ގާތު ގާތުން ދިނުމަށް ބުނެލިއެވެ. އަދި މައުވާއަށް އެކަމުގައި އެހީވެދިނެވެ.

*****

ކުޑަދަރިފުޅާއެކު ޢާއިލާއަށް ބަހާރު މޫސުން އައި ފަދައެވެ. ހުރިހާ އެންމެން ދަރިފުޅު ބާއްވާފައި އޮތް އެނދު ވަށާލައިގެން ތިބިއިރު އެންމެންގެ ދުލުކުރީގައި ވަނީ ދަރިފުޅުގެ ރީތި ވާހަކައެވެ. މައުވާ ގާތުގައި އިން ޒިވްޔަން މައުވާގެ އަތުގައި ފިރުމަމުން ދިޔަ އެވެ. އޭނަ އިންތިޒާރުކުރަމުން ދިޔައީ މައުވާ ލޯހުޅުވާލާނެ ވަގުތަކަށެވެ. މައުވާ އޭނައަށް ދިން ލޮބުވެތި ހަދިޔާއަށް ޝުކުރު އަދާކުރާނެ ގޮތަކާ މެދު ޒިވްޔަން ވިސްނިއެވެ. މިދުނިޔޭގައި ވާހާ އުފަލެއް ގެނެސް މައުވާގެ ފަސްބަޔަށް އެޅިކަމުގައި ވިޔަސް އެކަން ފުރިހަމަކުރެވޭނެކަމެއް ނޭގެއެވެ.

އެސްފިޔަތަށް ދުރުކޮށްލަމުން ލޯހުޅުވާލި މައުވާއަށް ފުރަތަމަ ވެސް ފެނުނީ ހެވިލާފައި އިން ޒިވްޔަން އެވެ. އޭނަ ޒިވްޔަންއަށް ހިނިތުންވުމެއް ރައްދުކުރި ވަގުތު ޒިވްޔަން އޭނަގެ ކަންފަތް ދޮށުގައި ބުނެލި ސިއްރަކުން މައުވާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އޭނަގެ ކޯތާފަތަށް ޖަންބުކުލަ ވެސް ވެރިވެއްޖެއެވެ.

''މިހާރު އަދި ވަކިން ލޯބި...'' މައުވާއާއި ދިމާކޮށްލަމުން ޒިވްޔަން ބުނެލިއެވެ.

''ކޮބާތަ ބޭބީ؟...'' މައުވާއަށް އަހާލެވުނެވެ.

''މީނީނު ގާތުގަ...'' މޭގައި އަތް ޖައްސާލަމުން ސަމާސާ ރާގަކަށް ޒިވްޔަން ބުނެލިއެވެ.

''ދެން ޒިވްޔަން...'' މައުވާ އޭނަ ބާއްވާފައި އޮތް ކޮޓަރިއަށް ނަޒަރު ހިންގާލުމުން ޢާއިލާގެ ހުރިހާ އެންމެން ތިބިތަން ފެނުނެވެ. މަދީ ހަމައެކަނި ތޫބާ އާއި މިޒްޔަލް އެވެ. އެދެމަފިރިން ޗުއްޓީއަކަށް ޔޫރަޕަށް ގޮސްފައި ވުމުން އާދެވޭ ގޮތް ނުވީ އެވެ. އެވަގުތު ފޯނުން ވާހަކަދައްކަން ހުރި ދިޔާނާއަށް މައުވާ ހޭލާ އޮތްތަން ފެނި އެދިމާއަށް އައިސް ހުއްޓުނެވެ.

''ތޫބާ...'' ދިޔާނާ ބުނެލިއެވެ. މައުވާ ފޯނު އަތުލަމުން ވާހަކަ ދައްކަން ފެށިއެވެ. ތޫބާ މައުވާއަށް މަރުހަބާ ކިޔެވެ. އަދި މައުވާގެ އުފަލުގައި ބައިވެރިވާން ގާތުގައި ނުހުރެވުމުން ދެރަވާ ވާހަކަ ވެސް ބުންޏެވެ. އެވަގުތު ތޫބާގެ ދަރިފުޅު އަކިޔަން އެތުއްތު އަޑުން މައުވާއަށް މަރުހަބާ ކިޔާލި އަޑު އިވުމުން މައުވާ ގާތަށް ހިނިއައެވެ.

*****

ޒިވްޔަންގެ ދެމަފިރިންނަށް ދަރިފުޅާއެކު އެކަނިވެލާނެ ފުރުސަތެއް ލިބުނީ މައުވާ ގެއަށް ފޮނުވުމުންނެވެ. އަބަދުވެސް ޢާއިލާގެ ކޮންމެވެސް މީހަކު ހުންނާތީ އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލަން ޒިވްޔަންއަށް ޖެހުނީ ދިގު އިންތިޒާރެއް ކުރާށެެވެ. އޭރު ދަރިފުޅުގެ ނަން ކިއުމުގެ ރަސްމިއްޔާތު ވެސް ވަނީ ނިމިފައެވެ.

......................................................................................................

ސާޖް ރޯއަޑަށް ފާޚަނާއިން ނިކުތް މައުވާއަށް މަޑު ނާނާއެއް އަޅުވާލަމުން ކޮޓަރީގެ ދެކޮޅަށް ހިނގަހިނގާ ހުރި ޒިވްޔަން ފެނުމުން ހުއްޓެވުނެވެ. ޒިވްޔަން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން މައުވާ ޒިވްޔަން ގާތަށް ދާން މިސްރާބުޖެހިއެވެ.

''ބަނޑުހައިވެގެން ކަންނޭގެ...'' މައުވާ ބުނެލިއެވެ.

ހައިކަން ފިލުމާއެކު ސާޖްއަށް ނިދުނީއެވެ. ނާނާ ކިޔަމުން ގޮސް ސާޖް އެނދުގައި ބާއްވަމުން އިރުކޮޅެއް ވަންދެން އެނދު ކައިރީ މައުވާ ހުއްޓެވެ. މައުވާގެ ހަރަކާތްތަކަށް ބަލަން ޒިވްޔަން އޮތީ އެކަސްރަތީ ހަށިގަނޑު އެނދުގައި ދަމާލައިގެންނެވެ. މިފާއިތުވި އަހަރުތަކުގައި މައުވާއާއި ޒިވްޔަންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މައުވާގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމުން މިއަދު ޒިވްޔަން އެވަނީ މުޅިން ރަގަޅުވެފައެވެ. މާޒީގެ އަނދިރިދުވަސްތައް ހަނދާންނައްތާލުމަށްފަހު މުޅިން އައު އަޒުމަކާއެކު ހަޔާތާ ކުރިމަތިލައިފައެވެ. ޒިވްޔަން ކޮންމެ ދުވަހަކު މައުވާ ފަދަ ހެޔޮލަފާ އަންބަކު އޭނައަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ. މައުވާގެ ސަބަބުން އޭނަގެ ބަނަ ދިރިއުޅުން މިހާރު ވަނީ ބަހާރުގެ ކުލަތަކުން ރަންގުވެފައެވެ. ބަލާލާ ކޮންމެ ދިމާއަކުން ފެންނަނީ އުފަލާއި ހިތްހަމަޖެހުމެވެ. ނިމުމެއް ނުވާ ލޯތްބެވެ.

މައުވާ އެނބުރިލުމުން އޭނައަށް ޒިވްޔަންގެ ތޫނު ނަޒަރު އަމާޒުވެފައިވާތަން ފެނި ހިތް އަވަސްވާންފެށިއެވެ. އޭނައަށް އަދިވެސް އެއިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. ޒިވްޔަން ފެންނަ ކޮންމެ ފަހަރަކު އެހިތަށް ވާ ގޮތެއް ބަޔާންކުރަން ވެސް ދައްޗެވެ. މައުވާ ލުއި ފިޔަވަޅުތަކެއްގައި އައިސް އެނދާއި އަރާ ހަމަވުމުން ލާނެއް ހިނިތުންވުމަކާއެކު މައުވާގެ އަތުގައި ހިފާ ޒިވްޔަން ދަމާލިއެވެ. ހުރަހަކާއި ނުލާ ގޮސް ޒިވްޔަންގެ ތަނަވަސްމޭގައި ޖެހުނު ވަގުތު ހިނދުރީގެ ތެރެއަށް ވިރިގެން ދިޔައީ މަސްތުކުރުވަނިވި ލުއި ވަހެކެވެ.

''އައި ފީލް ލައިކް ދި ލަކިއެސްޓް މޭން... އިވީ އަހަންނަށް ތިދޭ ލޯތްބަށް ޝުކުރުވެރިވާނެ ގޮތެއް ވެސް ނޭގޭ... ކޮންމެ ދުވަހެއްގެ ހެނދުނު ހޭލެވުމާއެކު ތިސޫރަ ފެނުމުން އަހަރެންގެ ހިތް އުފަލުން ފުރި ބަންޑުންވޭ...... މިއަދު އިވީ ތިވަނީ އަހަރެންގެ ހުރިހާ ހުވަފެންތަކެއް ހަޤީޤަތަކަށް ހަދާދީފައި... އަހަރެންގެ ޢާއިލާ ފުރިހަމަކޮށްދީފައި.......... އިވީ އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނުހާކަމެއް ކޮށްދޭނަން... އަހަންނަށް މި އިހުސާސްކުރެވޭ އުފާވެރިކަމުން އިވީއަށް ހަދިޔާއެއް ދޭން ބޭނުން...އިވީ ބުނާ ކޮންމެ އެއްޗެއް ވެސް ހޯދަދޭނަންކަމަށް ވަޢުދުވަން...'' ޒިވްޔަންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

''އަހަރެން އެއްވެސް އަގުބޮޑު އެއްޗެއް ބޭނުމެއް ނޫން، އަހަރެން ބޭނުންވަނީ ހަމައެކަނި ޒިވްޔަންގެ އަންބެއްގެ ގޮތުގައި މުޅި އުމުރު ދުވަސް ހޭދަކޮށްލަން، ތިދުލުން ލޯބިވާވާހަކަ ބުނަނިކޮށް އަހަންނަށް ފުދޭނެ...'' ޒިވްޔަންގެ މޫނުގައި ދެއަތުން ހިފަހައްޓަމުން މައުވާ ވާހަކަދެއްކިއެވެ. އެދެލޮލުގެ ފުރިހަމަކުގެ ތެރެން ނިމިގެންދާން މައުވާ ބޭނުން ވިއެވެ. މިއަދު އޭނައަށް އެވަނީ އޭނަ ރުހުން ހޯދަން މަސައްކަތްކުރި ހަޔާތުގެ ބައިވެރިޔާ މިލްކުކުރެވިފަ އެވެ. އެލޯބި އެހިތަށް މިންވަރުކުރެއްވުމަށް އެދި ދުޢާކުރި އާޝިޤާ ހާސިލްވެފަ އެވެ.

''އެހެންތަ؟... ތީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެއްނު... މައި ލަވް ފޯރ ޔޫ ގްރޯސް ޑީޕާރ އެވްރީޑޭއި... ނައު ގިވް މީ އެ ކިސް...'' ޒިވްޔަން ހިނިތުންވެލި ހިނދު ދަތްތައް ވެސް ފެނުނެވެ. މައުވާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނަ ޒިވްޔަންގެ ތުންފަތުގައި ބޮސްދެމުން ލޯބިވާވަރު ހާމަކޮށްދިނެވެ. ހަމަ އެފަދަ ޖަޒުބާތުތަކުން ޒިވްޔަން ވެސް މައުވާއަށް ޖަވާބު ދިނެވެ. އެކަކު އަނެކަކުގެ ހިތުގައި ވިންދުޖަހަމުންދާ ލޯބި ފާޅުކޮށްދެމުންނެވެ. އެކަކު އަނެކަކަށް ހިތް ހުޅުވާލަމުންނެވެ. ދެފުރާނަ އެކުވެފައިވާކަން ހާމަކޮށްދެމުންނެވެ.

ކޮމެންޓް 0