ފަތިހަށް ބަންގި ގޮވީ ވެސް މައުވާ ލެޕްޓޮޕްގެ ޒަރިއްޔާއިން ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާރއާ ބެހޭ މަޢުލޫމާތު ހޯދަމުން ދަނިކޮށެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކުގެ ޖަވާބު ސާފުވެފައިވި ކަމުގައި ވިޔަސް ޒިވްޔަން އެހާލަތަށް ދާން މެދުވެރިވި ހަޤީޤީ ސަބަބު ހޯދައިގަތުމުގައި ކުރިއެރުމެއް ނުލިބުނެވެ. ލިބުނު މައުލޫމާތުގެ އެހީގައި އެކިއެކި ދިމަދިމާއަށް އޭނަގެ ވިސްނުން ދަތުރުކުރަމުން ދިޔަ އެވެ. ނަމަވެސް ރަގަޅު ގޮތަކީ ކޮބައިކަން ނިންމަން އޭނައަށް އުނދަގޫ ވިއެވެ. އެހުރިހާ ކަމެއްގެ ފުނަށް ފީނައިގެން މެނުވީ ދެން އޭނަގެ ސުވާލުތަކަށް ޖަވާބެއް ނުވެސް ލިބޭނެއެވެ.
ހުރަސްކުރެވެން މިއުޅެނީ ނުރައްކާތެރި ހިސާބެއް ކަން އޭރު މައުވާއަށް ރޭކާ ނުލައެވެ. އޭނައަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ނަތީޖާ ނިކުމެދާނެ ގޮތަކާ މެދު ވެސް މެއެވެ.
ބަންގިދީ ނިމުމާއެކު މައުވާ އަވަސްވެގަތީ ފަތިސް ނަމާދަށް އެރުމަށެވެ. ނަމާދަށް ފަހު ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމުގެ ބޭނުމުގައި އޭނަ އެނދުގައި އޮށޯވެލިއެވެ. ގިނަ އިރަކު އެގޮތުގައި ހިފަހައްޓައެއް ނުލެވުނެވެ. ހައިކަމުގެ ސިގްނަލްތަކާއެކު އޭނައަށް ނިދުންވީ އުނދަގޫ ކަމަކަށެވެ.
މައުވާ ކޮޓަރިން ނިކުތް އިރު އަސްމާ ވެސް ކޮޓަރިން ނިކުންނަނީއެވެ. އަސްމާއަށް މައުވާ ފެންނަ އިރަށް ނަމަދުކޮށްފިންހޭ އަހާލިއެވެ. ޖަވާބުގައި މައުވާ ބޯޖަހާލިއެވެ. އަދި މަންމަގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ.
*****
ގަދަ ނިދީގައި އޮތް މައުވާއަށް ހޭލެވުނީ ހުއްޓުމެއް ނެތި އިވެމުން ދިޔަ ފޯނުގެ ރިންގުގެ އަޑަށް ނިދީގައި އޮތުން މުސްތަހީލު ކަމަކަށް ވުމުންނެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން އޭނަ ފޯނަށް ނަޒަރެއް ދިނެވެ. އޭރު ތޫބާގެ ދިހަ ކޯލް މިސްވެފައި އިނެވެ. މައުވާއަށް ގަޑިއަށް ސަމާލުކަން ދެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ. ގަޑިން ހަތަރުގަޑި ބައި ވަނީ އެވެ. އެއާއެކު އޭނައަށް ނިކަން އަވަހަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ޒިވްޔަންއާއި ބައްދަލުކުރަން އޮތް ގަޑި ފަހަނައަޅައި ގޮސް ތިރީސް މިނެޓް ވެއްޖެ އެވެ.
މައުވާ ތައްޔާރުވެލައިގެން ކޮޓަރިން ނިކުތް އިރު މަންމައާއި ބައްޕަ ފެންޑާގައި ވާހަކަދައްކަން ތިބި އަޑު ފުރޭނިގެން އައިސް އިވެއެވެ. ބަނޑުހައިކަން އިހުސާސްކުރެވުނު ކަމުގައި ވިޔަސް ވަގުތު ކުޑަތަންވެފައިވުމުން މައުވާ ގަސްދުކުރީ ފެން ތަށްޓަކުން ހައިކަން ހިންދާލުމަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގޮސް ބަދިގެއަށް ވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނެގި ވަގުތު އަތްދަބަހުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު، ފެންފުޅި ކިޗެން ކެބިނެޓް މަތީ ބަހައްޓަމުން މައުވާ ފޯނަށް ޖަވާބު ދޭން އަވަސް ވިއެވެ.
''ކޮން އިރެއް ގުޅާތާ، އިވީ ފޯނު ނުނަގައިގެން އަސްމާ ދައްތައަށް ވެސް ގުޅިން، ނިދިޔަސް ތީ ދެން ތަންފުކެއް ބޮޑުވަރު ދޯ...''
''ސޮރީއޭ، ކޮބާ މިޒްޔަލް ފެމިލީ މީހުން ކިހިނެއްތަ؟...'' ތޫބާގެ ޝަކުވާތައް އަޑުއަހަމުން ދިޔަ މައުވާ ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވިއެވެ. އެއާއެކު ތޫބާ އޭނަ ދެކެ ހިތްހަމަނުޖެހޭނެވަރާ މެދު ވިސްނާލެވުނެވެ. ޒިވްޔަންގެ ކަންތަކާ ހުރެ އެހެން ކަމަކަށް ދޭންވާވަރަށް ސަމާލުކަން ވެސް ނުދެވުނީއެވެ.
''އަދި ކިރިޔާދޯ ހަނދާންވީ؟...'' ތޫބާ ބުނެލިއެވެ.
''ގުޅަންށޭ ހުރީ، އެކަމަކު ކުޑަކަމެއް ދިމާވެގެން ފަހުން ހަނދާން ނެތުނީއޭ... ދެން ބުނެބަލަ، ނޫނީ އަހަރެން ލައްވާ އާދޭސްކުރުވަންތަ ތިއުޅެނީ...''
''ދެއި ވާރ ވެރީ ކައިންޑް... ޒެން މަންމަ ވެސް ވަރަށް ރަގަޅު...'' ތޫބާ އެންމެފަހުން ހުރިހާކަމެއް ތަފުސީލާއެކު މައުވާއަށް ކިޔައިދޭން ފެށިއެވެ.
''އަސްލު އެވާހަކަ ބުނާކަށް ނޫނޭ މިގުޅީ...'' ތޫބާ އޭނަ ގުޅި ހަސްލު ބޭނުން ހާމަކުރިއެވެ. މިރޭ މިޒްޔަލް އޭނަގެ މައިންބަފައިންނާ ބައްދަލުކުރަން އަންނަ ވާހަކައެވެ. ތޫބާއަށް ލިބިފައިވާ އުފާވެރިކަން އޭނަގެ އަޑުން އެކަނި ވެސް މައުވާއަށް ދޭހަ ވިއެވެ.
''އައެމް ސޯ ހެޕީ ފޯރ ޔޫ، އެޓް ލާސްޓް ޔޯރ ޑްރީމްސް އާރ ކަމިންގް ޓްރޫ، ބަލައްޗޭ ބޮޑުދައިތަމެނަށް ވެސް ޒެން ކަމުދާނެ...'' މައުވާ ބުންޏެވެ. ގިނައިރު ވަންދެން ތޫބާއާއި ވާހަކަ ދައްކަން ހުރެވެން ނެތުމުން މައުވާ ބަހަނާއެއް ދައްކާލަމުން ފޯންކޯލު ކުރުކޮށްލިއެވެ. ޒިވްޔަންގެ ވާހަކަ ތޫބާއާއި ހިއްސާކުރަން މައުވާ ބޭނުން ވިއެވެ. ނަމަވެސް ވަގުތާއި ހާލަތަކު އެކަމަށް ތަންނުދިނުމުން ޖެހުނީ ފަސްކޮށްލާށެވެ.
*****
މައުވާ ގޭގެ މައިދޮރުން ބޭރަށް ބޯދިއްކޮށްލަމުން މަންމަމެން ވި ހިސާބެއް ހޯދާލިއެވެ. މަންމައަށް އޭނަ ފެނިއްޖެނަމަ ފަތިވަރު އަމުނައިގަންނާނެކަން އެނގޭތީ، އޭނަގެ މަޤްސަދެއްކަމުގައިވީ މަންމައަށް ނުފެނި ގެއިން ބޭރަށް ދެވޭނެ މަގެއް ފަހިކުރުމެވެ.
މިރުސް ގަސްތަކަށް ބޭސް ޖަހަން އަސްމާ ހުރިއިރު، ތަރުކާރީ ގަސްތަކެއް އިންދަން ފަސްގަނޑު ތައްޔާރުކުރަމުން ދިޔަ ރިޔާޒަށް އަސްމާގެ ޝަކުވާތައް އަމާޒުވަމުން ދިޔަ އެވެ. ފޭރުގަސްތަކަށް ވާތައް އަރާތީ އެކަން ހައްލުކޮށްދިނުމަށް އެދިއެވެ.
މައުވާ ފުންނޭވާއެއް ދޫކޮށްލަމުން ވިދުވަރުގެ ހަލުވިމިނުގައި ކުރިއަށް ހިނގައިގަންފިއެވެ. ނަމަވެސް ދުރަށް ދެވޭ ގޮތެއް ނުވިއެވެ. ގޯތީގެ މެދާހަމައަށް ދެވުނުތަނާ މަންމަ ގޮވާލުމާއެކު މައުވާއަށް ޖެހުނީ އޭނަގެ ފިޔަވަޅުތަކަށް މަޑުޖައްސާލާށެވެ.
''މުޅި ރޭގަނޑު ހޭލާ ހުރެފަ، ދުވާލު ގަޑީގަ ނިދުން...... ތިހެން ހަދަންޏާ ސިއްހަތަށް ލިބޭ ގެއްލުން ނުލާހިކު ބޮޑުވާނެ، އަދި ރަގަޅަށް ކަނީކީއެއް ވެސް ނޫނޭ، ދެން އުޅޭނެ ބަނޑުގައި ރިއްސާތީ...'' އަސްމާއަށް މައުވާ ފެންނައިރަށް އޭނަގެ ދޫހިމޭނުން ބެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. މައުވާ ގެންގުޅޭ ވައްޓަފާޅި އޭނައަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އަޑުލާން ޖެހުނީ އެކަން އިސްލާހުވެދާނެ ކަމުގެ އުއްމީދުގައެވެ.
''އަނެއްކާ ފެށީ ދޯ، ހަމަ އެމަންޖެ ފެންނައިރަށް އަޑުލަންފަށާނެ... މިހާރު އުޅޭ ގިނަ ކުދިން އުޅެނީ އެހެންނޭ...'' ރިޔާޒް އޭނަ ކުރަން އުޅުނު މަސައްކަތް މަޑު ޖައްސާލަމުން ބުނެލިއެވެ.
ރިޔާޒަށް ކޮންމެ ކަމެއް ވަރިހަމަ ވާތީ އެގޮތް އަސްމާއަށް ކަމަކު ނުދިޔައެވެ. ނަމަވެސް ދެބަސްވުމެއް އުފެދެން ބޭނުން ނުވާތީ އަސްމާ އޭނަގެ ހަތިޔާރު ބަހެއްޓިއެވެ. އަދި މިރުސް ގަސްތަކަށް އޭނަގެ އަތުގައި އޮތް ފުޅިން ބޭސް ޖަހަން ފެށިއެވެ. ރިޔާޒު ވެސް މައުވާއަށް ހިނިތުންވެލަމުން އޭނަ ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔަ އެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި މައުވާ ބޭރަށް ނިކުތެވެ. އަދި މަގުގެ ދެކޮޅަށް ބަލާލިއެވެ. ހަވީރުގެ ވަގުތުކަމުން ގިނަ މީހުންތައް ހޭލަމޭލަވަމުން ދިޔަ މަންޒަރު ފެނެއެވެ. މައުވާ އަނެއްކާ ވެސް ފޯނުން ގަޑި ބަލާލަމުން ކުރިއަށް ހިނގައިގަތެވެ. އޭނަގެ މަންޒިލު ކަމުގައިވީ ރަށުގެ ފުއްޓަރު ފަރާތެވެ. ދުރު ރާސްތާއެއް ކަނޑައްތުކުރަން ނުޖެހުމުން ފަސްވަރަކަށް މިނެޓް ތެރޭ މަންޒިލާހަމައަށް ފޯރާވަރު ވިއެވެ.
''މިހާރު ކޮންތަނަކަށް އެދިޔައީ؟...'' ފަސްއެނބުރި ބަލާލި އަސްމާއަށް މައުވާ ފެންނަން ނެތުމާއެކު ރިޔާޒާ ސުވާލުކުރިއެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފެނެއެވެ. އަސްމާގެ ސުވާލާއެކު ރިޔާޒު ވެސް ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ހިންގާލިއެވެ.
''ފިހާރަޔަށް ކަންނޭގެ...'' ރިޔާޒު އޭނައަށް ހީވާ ޖަވާބެއް ދިނެވެ.
*****
މައުވާ އައިސް ހުއްޓުނީ ކިނބިގަސްތަކުގެ ހިޔަލުގައި ބަހައްޓާފައި ހުރި ހޮޅުއޮށްޓެއްގެ ކައިރިއަށެވެ. އެއަށްފަހު އޭނަ ވަށައިގެންވި މާހައުލަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލިއެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތަށްވުމުން ތަފާތު އެކިއުމުރުފުރާގެ ކުދިންތައް ބޯވަ ހިފުމުގެ މަޖަލުގައި މޫދަށް އެރިއުޅެއެވެ. އަނެއްބަޔަކު ރާޅުފަށުގައި ހިނގަމުން ދިޔަ އެވެ. ނުވަތަ ފޮޓޯ ނެގުމާއިގެން އުޅެއެވެ. މައުވާ ހޯދަމުން ދިޔަ ސޫރަ އޭނައަށް ފެންނަން އިރުކޮޅެއް ނެގިއެވެ. އެކަނިމާއެކަނި އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ރާޅުފަށްކައިރީގައި އިށީންދެލައިގެން އިން ޒިވްޔަން ފެނުމާއެކު މައުވާ މިސްރާބު ޖެހީ އެދިމާއަށް ދިއުމަށެވެ.
ފަހަތުން އެޅެމުން އައި ހިޔަނީގެ ސަބަބުން ޒިވްޔަންއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރު މައުވާ އެދިމާއަށް އަންނަތަން ފެނުނެވެ. އާދައިގެ މަތިން ހިނިތުންވެލައިގެން ހުރިއިރު އިރު އެހިނިތުންވުމުން އޭނަގެ މޭގައި އޮތް ހިތަށް ފިނިކަމެއް ލިއްބައިދިނެވެ.
އިރުގެ ރަން ދޯދިތައް މައުވާގެ މޫނަށް އެޅިފައި ވާއިރު ވަކިން ރީތިކަމަށް ދައްކައެވެ. ނުސިޔާނުކަން އެކުލެވިގެންވާ ރޯޅިތަކުން އިރުއިރުކޮޅާ މައުވާގެ އިސްތަށިގަނޑާ ކުޅެލުމުގެ ނަތީޖާއެއްގެ ގޮތުން އެމޫނަށް ހިޔަނިއެޅިގެން ދެއެވެ. އެއިން ކޮންމެ ފަހަރަކު މައުވާ އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލާ މަންޒަރު ޒިވްޔަންއަށް ނުހަނު ކަމުދިޔަ އެވެ. ހަނދާންތަކުގެ އާލަމުގައި މިހުރިހާ މަންޒަރެއް ޒިވްޔަން ރައްކާކުރި އެވެ.
''ސޮރީ...'' ޒިވްޔަން ގާތު ހުއްޓިލަމުން މައުވާ ބުނެލިއެވެ. ''ވަރަށް ގިނައިރުވެއްޖެ ދޯ އިންތިޒާރުގަ ހުންނަތާ؟...''
ޒިވްޔަން ވާހަކައެއް ނުދެއްކިއެވެ. ހަޤީޤަތުގައި މައުވާ ފެނުމުން އޭނައަށް ލިބިފައިވާ ހައިރާންކަން އަދި ވެސް ފިލައިގެން ނުދަނީއެވެ. އޭނަގެ އިންތިޒާރު ދިގުލައިގެން ދިއުމުން މައުވާ އައިސްދާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. އެހެނަސް ކަންތައް މިވީ މުޅިން ތަފާތު ގޮތަކަށެވެ. އޭނަގެ ކުށްހީތައް ފިލައި ހިތަށް ވެރިވެފައިވި މާޔޫސް ކަމަށް ނިމުމެއް އަތުވެއްޖެއެވެ.
މައުވާ ޒިވްޔަން ގާތު އިށީންނަމުން ޒިވްޔަންއެކޭ އެއްފަދައިން ފެންނަން އޮތް ޤުދުރަތުގެ ތަސްވީރަށް ބަލަން ފެށިއެވެ. އެތަސްވީރަށް ވުރެ ބޮޑަށް އޭނަގެ ޝައުޤުވެރިކަން ހުއްޓެމުން ދިޔައީ ޒިވްޔަން އަށެވެ. ފަރުވާތެރިވެ ހުރެ އޭނަ ޒިވްޔަންއަށް ބަލަމުން ދިޔަ އެވެ. ވަންހަނާ ކުރެވިފައިވާ ސިއްރުތައް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. މައުވާއަށް މިހާރު ޒިވްޔަންގެ ހިމޭންކަން ދޭހަވެއެވެ. އެދެލޮލުގައިވާ އުދާސްތައް ވެސް މެއެވެ. ޒިވްޔަން އެދަނީ ނިމުމެއް ނުވާ ވޭނާއި ކެކުޅުންތަކެއްގެ ތެރޭގައި ހަނާވަމުންނެވެ. ދިރުން ގެއްލިފައިވާ އެމޫނު އެކަމަށް ހެކި ދެއެވެ. ހިތުގައި އުފެދެން ފެށި ޝުއޫރުތަކާއެކު ޒިވްޔަންއަށް އެހީގެ އަތެއް ފޯރުކޮށްދޭން މައުވާ ނުހަނު ބޭނުން ވިއެވެ. ލަސްލަހުން މަރުވަމުން ދިޔަ އެރޫހަށް ރާހަތެއް ހޯދައިދޭން ވެސް މެއެވެ. މަދު ދުވަސްކޮޅެއްގެ ބައްދަލުވުންތަކެއް ކަމުގައި ވިޔަސް އެދެމެދުގައި އުފެދެން ފަށާފައިވަނީ އާދަޔާ ޚިލާފު ގުޅުމެއް ކަމާމެދު ދެބަސް ވެވޭކަށް ނެތެވެ.
''ޔޫ ލައިކް ސަންސެޓް؟...'' މައުވާ އަހާލުމާއެކު ޒިވްޔަން ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.
''އަހަރެން ވެސް...'' މައުވާ ހިނިތުންވެލިއެވެ.
ހައިރާންކަމުގެ ލޯތައް އޭނައަށް ހުއްޓެމުން ދާކަން މައުވާއަށް ފާހަގަ ކުރެވުނެވެ. ހަމައެއާއެކު ޒިވްޔަން ފެންނައިރަށް ގިނަ މީހުންތައް މިސްރާބު ބަދަލުކޮށްލާކަން ވެސް މެއެވެ. ޒިވްޔަންއާއި ވައިއެޅޭ ހިސާބަކަށް އާދެވުނަސް އެއީ ސުންޕާކަމެއް ކަމުގައި ދެކޭ ފަދައެވެ. ގިނަ މީހުން ޒިވްޔަންއާއި މެދު ދެމެކުމުން ދިޔަ ގޮތް އެމީހުންގެ އަމަލުތަކުން ސާބިތުކޮށްދެއެވެ. އޭގެ ސަބަބުން މައުވާގެ ހިތުގައި ފޫހިކަން އުފެދުނެވެ. މުޖުތަމައުގައި ގިނަ ފަހަރު އަނިޔާ ލިބޭ މީހުން ބާކީވެގެން ދަނީ އެފަދަ ތަރައްޤީނުވާ ވިސްނުންތަކުގެ ވެރިންގެ ސަބަބުންނެވެ. މީހެއްގެ އުނިކަމެއް ހުރިއްޔާ އެވީ މުޖުތަމައުން ބާކީކުރާށެވެ. އެމީހަކަށް އެހީގެ އަތެއް ފޯރުކޮށްދޭނެ މީހަކު ގިނަ ފަހަރު ނުވެޔޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ތާއަބަދު ނޫސްތަކުން ގެނެސްދޭ ޚަބަރުތައް އެކަމަށް ހެއްކަކަށް ފުދެއެވެ.
''ގިޓާރ ނުގެންނަނީތަ؟...'' އުތުރިއަރަން ފެށި ޚިޔާލުތަކާ ދުރެވެލަމުން މައުވާ އަހާލިއެވެ. ޒިވްޔަންއާއި އެކުވެރިކަން ބަދަހިކުރަން ވިސްނުންތެރިކަމާއެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މައުވާ ކުރިއަށް އަޅަން ފެށިއެވެ.
''އަހަރެން ހީކުރީ މައުވާ ނާންނާނެ ކަމަށް އެހެންވެ ނުގެންނަން...'' ޒިވްޔަންގެ ޖުމްލައިން މައުވާއަށް ހައިރާންކަމެއް ލިބުނެވެ. އެފަދަ ގޮތަކަށް ޒިވްޔަން ވިސްނީ ކީއްވެގެން ހެއްޔެވެ؟
''ކީއްވެ ނާންނަންވީ؟، އަހަރެން ހަޤީޤަތުގައި ވެސް ދަސްކުރަން ބޭނުންވެގެންނޭ ބުނީ، މިވީ ގޮތުން ދެން މިއަދު ނެތެއްނު ދަސްކުރެވޭކަށް...'' މައުވާ ބުނެލިއެވެ.
ޒިވްޔަން މައުވާއަށް ބަލާލަމުން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނަ ޚިޔާރު ކުރީ ހިމޭންކަމެވެ. ފޫހިކަމެއް ނެތި މައުވާއާއި ވާހަކަދައްކަން އޭނަ ބޭނުމެވެ. ނަމަވެސް ނޭގޭ ސަބަބަކާ ހުރެ އޭނައަށް ފަސްޖެހެވެނީއެވެ.
''މިރޭ...'' ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން ޒިވްޔަންގެ އަޑު އިވުނެވެ. ޒިވްޔަން ބުނަން އުޅުނީ ކީކޭކަން މައުވާއަށް ނަގައިގަނެވުނެވެ. އޭނަ ހިނިތުންވެލަމުން ބޯޖަހާލީ އެހުށަހެޅުން ޤަބޫލުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ.
އިރުއޮއްސި އަނދިރިކަން ވެރިވާން ފެށުމުން ފުއްޓަރުފަރާތަށް އެއްވެ ތިބި މީހުންތައް މެހެފިލް ދޫކޮށް ދާން ފަށައިފިއެވެ. މޫދުގައި މަޖާނަގަމުން ދިޔަ ޒުވާނުންތަކުގެ އަޑު ވަގުތާއެކު ފަނޑުވާން ފެށިއެވެ. ފުން ހިމޭންކަމާއި އަނދިރިކަން ވެރިވާން ފެށުމާއެކު މައުވާއަށް އިތުރަށް އެތާނގައި މަޑުކުރާކަށް ނުކެރުނެވެ. ތުންތުން މަތިން ދެކެވޭ ބިރުވެރި ވާހަކަތަކުން ސިކުނޑި ކިލަނބުކުރަން ފެށުމުނެނެވެ. މައުވާ ދޮންވެލިގަނޑު މަތިން ތެދުވެލަމުން ހެދުމުގައި ހުރި ދޮންވެލިތައް ފޮޅާލިއެވެ.
''ދަމާ ހިނގާ...'' މައުވާ ބުނެލިއެވެ. ޒިވްޔަން އެކަމަށް ސަމާލުކަން ދިން ހެނެއް ހިޔެއް ނުވެއެވެ. އިންތަނުން ގުޑި ވެސް ނުލާ މޫދަށް ބަލަހައްޓައިގެން އިނީއެވެ. ދާން އުޅޭ ވާހަކަ ބުނުމުން ހިސާބަކަށް ފޫހިކަން އެމޫނުމަތިން ފެންނަމުން ދިޔަ އެވެ.
''މިހާރު މީޒާ ދައްތަ ލަސްވެގެން އުޅޭނެ...'' މައުވާ ގަޑި ބަލާލަމުން ބުނެލިއެވެ.
''އޭނަ ނޫޅޭނެ އަހަރެން ނައިސްގެނެއް، އޭނައަށް ރަގަޅު ވާނީ އަހަރެން ނެތިއްޔާ... އޭނަ އެންމެނަށް އޮޅުވާލައިގެން އުޅުނަސް އަހަންނަށް ހުރިހާކަމެއް އެނގެޔޭ......'' ކުއްލިއަކަށް ޒިވްޔަންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވާން ފެށިއެވެ. އެއަޑުގައި އެކުލެވިފައިވަނީ ރުޅިވެރިކަމެވެ. މައުވާ ހިތަށް އޭގެ ސަބަބުން ބިރުވެރިކަން ސަވާރުވާން ފެށިއެވެ. ޒިވްޔަންގެ ރުޅިގަނޑު ހިލިގެންފިނަމަ ކުރިމަތިވެދާނެ ނުރައްކާތައް ހަނދާނަށް އައުމުންނެވެ.
''ޒިވްޔަން ތިހެން ވާހަކަ ދައްކާކަށް ނުވާނެ... މީޒާ ދައްތަ މިހާރު ހުންނާނީ ކަންބޮޑުވެފަ...'' މައުވާއަށް ބުނެވުނެވެ. ފަހަރެއްގައި ވެސް އޭނަ މީޒާގެ ނަން ގެނައީ ޒިވްޔަން ރުޅިއަރުވާލުމުގެ ގަސްދުގައެއް ނޫނެވެ. ޒިވްޔަންއާއި އޭނަގެ މަންމަގެ ގުޅުން އެހާ ގޯސްވެދާނެ ކަމާމެދު ކުރިން ވިސްނާލެވިފައި ނެތީއެވެ.
''މައުވާ ދޭ...'' ޒިވްޔަން ހިތްހަމަނުޖެހުމާއެކު ބުނެލިއެވެ. ''އަހަރެން ނުދާނަން...''
''މިގަޑީގަ މިތާ އެކަނި ހުރުން ރައްކާތެރިއެއް ނުވާނެ...'' ޒިވްޔަން އެކަނި ބަހައްޓާފައި ދާން މައުވާ އެއްބަހެއް ނުވިއެވެ. ''ޒިވްޔަން...''
ޒިވްޔަން ނުރުހުމާއެކު މައުވާއަށް ބަލާލިއެވެ. އޭނަ ފުންނޭވާތަކެއް ދޫކުރަމުން ދިޔައީ ރުޅި ކޮންޓްރޯލް ކުރުމުގެ ނިޔަތުގައެވެ. ފަހަރެއްގައި ވެސް އޭނަގެ ސިނގުރުޅީގެ ހަމަލާއެއް މައުވާއަށް އަމާޒުވާން އޭނަ ނޭދެއެވެ. ހަމައެއާއެކު އޭގެ ސަބަބުން މައުވާ އޭނަ ދެކެ ބިރުގަންނާކަށް ވެސް މެއެވެ. ކަންތައް ވަމުން ދިޔަ ގޮތުގެ ސަބަބުން އޭނަ އިތުރަށް މާޔޫސްވެ ރުޅިވެރިކަން ހުރިހާ ހިއްސުތަކުގެ މައްޗަށް ކުރިހޯދަން ފެށިއެވެ. މުށްކަވާލެވުނު އަތާއެކު އޭނަ ދިގު ނޭވާތަކެއް ދޫކުރަން ފެށިއެވެ. މިހުރިހާ ނުބައެއްގެ އަސްލަކީ މީޒާ އެވެ. އެހެން މީހުންގެ ނަޒަރުގައި މާހެޔޮ އެދޭ މީހަކަށް ވެގެން އުޅުނަސް މީޒާ ދުވަހަކު އޭނައަށް ހެވެއް ނޭދޭނެކަން އެނގޭނީ އޭނައަށް ނޫން ހެއްޔެވެ؟ އޭނަދެކެ ލޯބިވަމޭ ބުންޏަސް އޭނަ އެކަމެއް ދުވަހަކު ޤަބޫލެއް ނުކުރާނެއެވެ. އެހެންނޫންނަމަ އަނިޔާވެރިންގެ ތެރެއަށް އޭނަ ދޫކޮށްލާފައި ނުދިޔައީހެވެ. ދުނިޔޭގެ އުފަލަށްޓަކައި އަމިއްލަ ދަރިފުޅުގެ ދިރިއުޅުން އަނދަވަޅެއްގެ ތެރެއަށް ވައްޓާ ނުލީހެވެ. މަޔެއްގެ ލޯތްބަށް އޭނަ އެންމެ ބޭނުންވި ދުވަހު އެލޯތްބެއް އޭނައަކަށް ނުލިބުނެވެ. ލިބުނުހާ ވެސް އެއްޗަކީ މާޔޫސްކަމެވެ. ވޭނެވެ. ދެން މިހާރު އެލޯބި އޭނައަށް ދެއްކުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟
''ޒިވްޔަން...'' ޒިވްޔަންއަށް އަންނަމުން އައި ބަދަލުތަކާއެކު މައުވާ ކަންބޮޑުވާން ފެށިއެވެ. ބިރުގަތް ކަމުގައި ވިޔަސް އޭނަ ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ޒިވްޔަންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު ޒިވްޔަންގެ ހަށިގަނޑަށް ކުޑަވަރެއްގެ ލޮޅުމެއް އައެވެ. މުޅި މީހާ ފިނިވެގެން ދިޔަ އެވެ. އެބީހިލުމާއެކު ހަށިގަނޑުގައި ދުވެލި ޖަޒުބާތުތަކުން ހާސްކަމެއްގެ ތެރޭގައިވި ނަފުސަށް ހަމަޖެހުމެއް ނެގެސް ދިންކަން ގައިމެވެ. ހަށިފުރާ ނެވާއެއް ދޫކޮށްލެވުނީ ދެނެވެ.
''ސޮރީ...'' ފުރިހަމަ އިސްކޮޅަކަށް ތެދުވަމުން ޒިވްޔަން މަޢާފަށް އެދުނެވެ. އަދި އިސްޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. އުއްމީދުކުރިގޮތަށް ބައްދަލުވުން ކުރިއަށް ނުގެންދެވުނުކަމުގައި ވިޔަސް މައުވާއަށް އެއްކަމެއް ސާފުވެގެން ހިނގައްޖެއެވެ. ޒިވްޔަންއާއި އޭނަގެ މަންމަގެ ގުޅުން އޮތް ނާޒުކު ހާލަތެވެ. ހިތުގައިވި ސުވާލުތަކަށް ޖަވާބު ހޯދަން ސިކުނޑި އަވަސްވެގަތް ހިނދު ހުރިހާ ކަމެއްގެ އަސްލާ ގުޅުވާލެވުނީ މީޒާއާ އެވެ. މީޒާ ދައްކާފައިވާ ވާހަކަތަކާ ގުޅުވާލެވުނު ހިސާބުންނެވެ.
''ޑިޑް ޝީ ޑޫ ސަމްތިންގް ޓު ހިމް؟، އެހާ ގަދަޔަށް ރުޅިއަންނާނީ ކޮންމެވެސް ސަބަބެއް އޮތީމަ... އަނެއްކާ މަންމަ ގާތު އެވާހަކަ ބުނިއިރު މީޒާ ދައްތަ ވަރަށް ދެރަވެފަ ހުރީ... ޝީ ވޯޒް ފީލިންގް ގިލްޓީ އެބައުޓް ސަމްތިންގް...''