''ކީކޭ؟...'' ދިޔާނާއަށް އަޑުއިވުނީ ގޯސްކޮށްކަމަށް ހީކޮށް އޭނައަށް އަހާލެވުނީވެސް ބާރަކަށެވެ. އަވަސްއަވަހަށް ތޫބާގެ އަތުން ފޯނު އަތުލަމުން އޭނަ މައުވާގެ ނަންބަރަށް ގުޅިއެވެ. އެކޮޅުން ރިންގްވި ކަމުގައި ވިޔަސް ޖަވާބެއް ނުލިބުނެވެ. ދިޔާނާ އެތައް ފަހަރަކު ތަކުރާރުކޮށް ގުޅިއެވެ. ނަމަވެސް އޭނަ އުއްމީދުކުރި ފަދަ ޖަވާބެއް ލިބޭ ގޮތެއް ނުވުމުން ބިރުވެރިކަމުގެ ރާޅުބާނީތަކެއް ހިތުގައި އުފަން ވެގެން ދިޔައެވެ. ނުރުހުމާއެކު ތޫބާއަށް ބަލަން އޭނައަށް ހުރެވުނެވެ. ހަދާނެ ގޮތެއް ނުވިސްނިފައެވެ. މިއޮތް ބޮޑު މާލެއިން މައުވާ ވީތަނެއް ހޯދާނެ ގޮތެއް ނޭގިފައެވެ. މައުވާއަށް މާލޭގެ މަގުތަށް އަދި ރަގަޅަށް ނުވެސް އެނގޭނެތީއެވެ. ހަމައެއާއެކު މައުވާއަށް ކަމެއް ވެދާނެތީ އެހިތުގައި ވިންދުޖަހަމުން ދިޔައީ ބިރުވެރިކަމެވެ.

''އީލާފް!...'' ތޫބާ ކަމެއް މަތިން ހަނދާން ވިއެވެ. ކްލާސް ރޫމުން ނިކުންނަމުން މައުވާ ދިޔައީ އީލާފްގެ ފަހަތުންނެވެ. އެކަމާ މެދު އޭނައަށް ކުރިން ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟

''އެކާކު؟...'' ދިޔާނާ އަވަހަށް އަހާލިއެވެ. އެބުނާ ކުއްޖަކަށް މައުވާ ވީ ތަނެއް އެނގިދާނެ ކަމުގެ އުއްމީދާއެކުގައެވެ.

''ކްލާސް ކުއްޖެއް...'' ތޫބާ ބުންޏެވެ. އަދި އީލާފްގެ ނަންބަރަށް ގުޅާލިއެވެ.

''ހެލޯ އީލާފް...'' އެކޮޅުން އީލާފް ފޯނު ނެގުމާއެކު ތޫބާ ބުނެލިއެވެ. އަދި މައުވާ އެބަހުރިތޯ އަހާލިއެވެ. ތޫބާގެ އަޑުގައިވާ ހާސްކަން އީލާފްގެ ސަމާލުކަމަށް އައި ހިނދު މައުލޫމާތު ސާފުކޮށްދިނުމަށް އަވަސްވެގަތެވެ. މައުވާ މިހުރިހާ އިރު ހުރީ އޭނައާއެކުގައި ކަމަށާއި ދެންމެ ޓެކްސީއެއްގައި ގެއަށް ދިއުމަށް ހިނގައްޖެ ކަމުގައި ވެސް ބުންޏެވެ. އެއާއެކު ތޫބާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ފޯނުކޯލް ނިންމާލަމުން ތޫބާ އެވާހަކަތައް ދިޔާނާއަށް ކިޔައި ދިނުމާއެކު، ދިޔާނާގެ ހިތަށް ފިނިކަން އިހުސާސް ކުރެވިގެން ދިޔައެވެ. އޭނަ ދެން އިންތިޒާރުކުރަން ފެށީ މައުވާ ގެއަށް އަންނާނެ ވަގުތަކަށެވެ. އެހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބޭނީ އެހިސާބުންނެވެ.

''ދެންދޭ ޔުނިފޯރމް ބަދަލުކުރަން...'' މޫނުގައި ފިރުމާލަމުން ދިޔާނާ ތޫބާއަށް އަމުރުކޮށްލިއެވެ. އަދިވެސް އޭނަ ހުރީ ތޫބާ ދެކެ ރުޅި އައިސްފައެވެ. ތޫބާގެ ފަރުވާކުޑަކަމުން މައުވާއަށް ކަމެއް ވިނަމަ އޭނަ އަސްމާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ހުރިހަމައެކަނި އަންހެން ދަރިފުޅު އަސްމާ އޭނައާ ހަވާލުކުރީ އޭނައަށް ހާދަ ވަރަކަށް އިތުބާރުކޮށްފައެވެ. މައުވާއަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ކަމުގެ ފުރިހަމަ އުއްމީދާއެކުގައި ވެސް މެއެވެ. މިއަދު އެއިތުބާރަށް ލޮޅުންއަރައިގެން ދިއުމުގެ ފުރުސަތެއް ފަހިވެގެން ދިޔައީ ވެސް ތޫބާގެ ސަބަބުންނެވެ.

*****

މައުވާ ހިނގަމުން ދިޔައިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން ދިޔައެވެ. ހަމަ ފޮހެލާއިރަށް އަނެއްކާ ވެސް ކަރުނަތައް ބޮނޑިވެގެން ދެއެވެ. އެކަރުނަތަކަށް ދެން ދުވަހަކު ވެސް ނިމުމެއް ވާނެކަމެއް ނޭގެއެވެ. ޝިއާފްގެ މަކަރުވެރިކަމުން ހިތުގައި ލެވިގެން ދިޔަ ވޭނާއި ކެކުޅުންތަކަށް ލިބޭނެ ޝިފާއެއް މިދުނިޔޭގައި ވެސް ވާނެކަމެއް ނޭގެއެވެ. ހަޔާތުގައި ވެސް ފުރަތަމަ ލޯބި ވެވުނު އިންސާނާ އޭނައަށް އޮޅުވާލާފައި ވަނީ ހާދަ ބޮޑަށެވެ. އޭނައާއި ރައްޓެހިވީވެސް ނުބައި ނިޔަތެއް ހިތުގައި އޮވެގެންނެވެ. ޝިއާފް ބޭނުންވީ އޮޅުވާލައިގެން އޭނަގެ ޖިސްމުގެ ފައިދާ ނަގާށެވެ. އުފަލާއި ހިތްހަމަޖެހުމަށް އަތުތެރޭގައި ގެންގުޅޭ ބުދަކަށް އޭނަ ހަދާށެވެ. ނަމަވެސް އޭނަގެ ލޯ މިހާރު ހުޅުވިއްޖެއެވެ. ދެން އެކެހިވެރި އިންސާނާގެ މަޅިއެއްގައި ހަމަހިލާ އޭނަ ނުބެދޭނެއެވެ. އެހިތުގައި އޮތް ލޯބި ވަނީ ރުޅިވެރިކަމަށް ބަދަލުވެގެން ގޮސްފައެވެ. ޝިއާފް އެހަށިގަނޑުގައި އިނގިލިކުރިން ވެސް ބީއްސާލުމުގެ ފުރުސަތެއް ދެން އޭނަ ނުދޭނެއެވެ. ޝިއާފްގެ ގޯސް ނިޔަތާއި ހިތުގެ އެދުންތައް ހާމަވެގެން ހިނގައްޖެއެވެ.

''ހ.ފޯލް''އަށް ދެވުމާއެކު މައުވާ މޫނު ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނަ އެތެރެއަށް ވަންނަން ދިޔައެވެ. ހިތާހިތުން ދުޢާކުރެވެމުން ދިޔައީ ޝިއާފްގެ ސޫރަ ވެސް ދެން އޭނައަށް ނުފެނުމަށް އެދިއެވެ. އެސޫރައާއި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އޭނައަށް ލިބޭ ވޭން އެތައްގުނައަކަށް ފުންވެގެން ދާނެކަން ގައިމެވެ.

މައުވާ ލިފްޓްގެ އިންތިޒާރުގައި ހުއްޓާ ފަހަތުން އިވުނު އަޑެއްގެ ސަބަބުން އޭނަގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. އެއަޑުން ވެސް މިއަދު އޭނައަށް ފިނިކަމެއް ލިއްބައި ދިނުމުގައި ކާމިޔާބެއް ނުލިބުނެވެ. އެއާޚިލާފަށް އެއަޑު ވެގެން ދިޔައީ ހިތުގައި އިތުރަށް އަޅާލެވުނު ކޫރުމަކަށެވެ.

''ހޭއި...'' ޝިއާފް އައިސް މައުވާ ކައިރިއަށް ހުއްޓިލަމުން މައުވާގެ އިސްތަށިގަނޑާ ކުޅެލިއެވެ. އެއާއެކު މައުވާއަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ. ހީވީ ހަށިގަނޑުގައި އަލިފާން ޖެހުނު ހެންނެވެ.

''އިވީ...'' ލިބުނު ހައިރާންކަމާއެކު ޝިއާފްއަށް ބުނެލެވުނެވެ.

ޝިއާފް މައުވާގެ އަތުގައި ހިފާލުމާއެކު މައުވާ އޭނަގެ އަތް ފޮޅުވާލިއެވެ. މައުވާގެ ކޮންމެ ހަރަކާތަކުން ޝިއާފްގެ ހައިރާންކަން އިތުރުކުރުވަމުން ދިޔައެވެ. މައުވާގެ ރީތި މޫނު މިލާ މޯޅިވެފައިވާކަން ފާހަގަ ކުރެވުނު ހިނދު އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައެވެ. މައުވާއަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެގެން ހެއްޔެވެ؟ އެމޫނުގެ ކުލަ އޮއްސިފައިވަނީ ކީއްވެގެން ހެއްޔެވެ؟ މައުވާއަށް މީހެއްގެ އުނދަގޫ ފޯރީ ހެއްޔެވެ؟

''ވަޓްސް ރޯންގް...'' ޝިއާފް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު މައުވާ ޖެހުނީ ފަހަތަށެވެ. ސުވާލުތަކުން ސިކުނޑި ފުނިޖެހެމުން ދިޔަ ވަގުތު ޝިއާފް މައުވާގެ އަތުގައި އަނެއްކާވެސް ހިފަން މަސައްކަތްކުރިއެވެ.

''އަތްނުލާތި!... ދުރުގަ ހުރޭ!...'' ކުރެހިގެން ދިޔަ އަޑަކުން މައުވާ ބުންޏެވެ. ލޮލުން ފޭބި ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން އޭނަ ޝިއާފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ޝިއާފްގެ ހަޤީޤަތް އޭނައަށް ފަޅާއަރައިފިކަން ހާމަކުރަން ބޭނުންވެފައި ހުރެއެވެ.

ރަތްވެފައިވާ މައުވާގެ ދެލޯފެނި ޝިއާފަށް ހީވީ މޭގެތެރޭގައި ހިތް ފިތިގެން ދިޔަހެންނެވެ. ހިނދުރީގައި ނޭވާ ވެސް ތާށިވެއްޖެއެވެ. މައުވާގެ ދެލޮލުގައިވާ ރަތްކަމާއި ކަރުނައިގެ އަސަރުން އޭނަގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ. ހަމައެއާއެކު އެދެލޮލުން އޭނައަށް ފެންނަމުން ދިޔަ ސާފު ރުޅިވެރިކަމާއި ނަފުރަތުން ބިރުވެރިކަމުގެ ބާނީތައް ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށް ދަތުރުކޮށްފިއެވެ.

''އިވީ... ވެގެން އުޅޭ ގޮތެއް ބުނެބަލަ، ކީއްވެތަ ތި ރޮނީ؟....'' ހާސްކަމުން ފުރިގެންވި ރާގަކަށް ޝިއާފް ސުވާލުކުރިއެވެ. މައުވާއަށް އައިސްފައިވާ ކުއްލި ބަދަލުގެ ފަހަތުގައިވާ ސަބަބު ވިސްނައިގަންނަން އޭނައަށް ނުހަނު އުނދަގޫ ވިއެވެ.

''ބުނެފީމެއްނު އަހަންނާ ދުރުގަ ހުންނާށޭ، ޝިއާފަށް އަޑެއް ނީވޭތަ؟...'' ޝިއާފްގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނައުމުން މައުވާ ހަރުކަށި ރާގަކަށް ބުނެލިއެވެ. އޭރު އޭނަ ހުރީ ޝިއާފާ ފާރާ ދެމެދުވެ ފިތިފައެވެ. ވަށައިގެންވި މާހައުލަށް ވެސް ޝިއާފްގެ ސަމާލުކަމެއް ނެތެވެ. އޭނަ ހުރީ މައުވާއަށް އައި ބަދަލުތައް އޮޅުން ފިލުވަން އަތުކުރި އޮޅާލާފައެވެ. މައުވާ ރޯތަން ދުށުމަކީ އޭނައަށް ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ. އެއިން ކޮންމެ ކަރުނަތިއްކަކާއެކު އެހިތަށް ކުރާ އަސަރު އެންމެ ރަގަޅަށް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.

''އިވީއަށް ކޮންމެވެސް ކަމެއް ވެއްޖެ، އަހަރެން ގާތު ބުނެބަލަ... ތިހެން އިވީ ރޯތަން ދެކެން އަހަންނަކަށް ކެތްނުކުރެވޭނެ، އިވީއާ ދިމާއަށް މީހަކު އެއްޗެކޭ ބުނީތަ؟... ވާހަކަ ދައްކަބަލަ...'' ޝިއާފް ބުންޏެވެ. ޝިއާފްގެ ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އޭނަގެ ކޮންމެ ހަރަކާތެއްގައިވަނީ އޯގާތެރިކަމެވެ. ނަމަވެސް މައުވާއަށް އެހުރިހާކަމެއް ނަގައިގަނެވުނީ ގޯސްކޮށެވެ. އެއާއެކު އޭނަ ގާތަށް އައީ ރުޅިއެވެ. ނަފްރަތުގެ ދިލަ ހޫނުން އޭނަގެ އެތެރެހަށި ފިއްސާލައިފިއެވެ. ޝިއާފްގެ މޫނު ކޮންމެ ފަހަރަކު ތަކުރާރުކޮށް އޭނައަށް ހަނދާންކޮށްދެމުން ގެންދިޔައީ ޝިއާފް އަމާނީއާ މެދު ކަންތައް ކުރި ގޮތެވެ. ރަހުމެއް ނެތި އެއަންހެންކުއްޖާގެ އަބަރު ނަގާލި މަންޒަރެވެ. ދިން އަނިޔާއެވެ. ވިސްނަން ބޭނުންނުވިޔަސް އެނޫންކަމަކަށް އޭނަގެ ވިސްނުމުގެ ދުރިމީއެއް ނުހުއްޓެއެވެ. ޝިއާފްގެ ސަބަބުން ހާދަ ގިނަ ދިރިއުޅުމެއް ބަރުބާދުވެގެން ހިނގައްޖެއެވެ.

މައުވާ ޝިއާފްގެ މޭގައި އަތްއަޅާ ދުރަށްކޮއްޕާލީ ވޭނުން ފުރިގެންވި ގިސްލުމަކާއެކުގައެވެ. ލިބުނު ސިހުމާއެކު ޝިއާފް ހުރީ ގަނޑުވެފައެވެ. ވޭނުން ފުރިގެންވި ބަލައިލުމަކުން އޭނަ މައުވާއަށް ބަލާލިއެވެ. މައުވާ އަވަސްއަވަހަށް ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އަނގަމަތީ އަތްއަޅައިގެން ހުރެއެވެ. ޝިއާފް ވެސް މައުވާގެ ފަހަތުން ދާން އަވަސްވެގަތެވެ. އެއާއެކު މައުވާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

''ކިތައް ފަަހަރު ބުނީމަތަ ޝިއާފަށް އަޑުއިވެނީ؟، ނޫނީ ތިމާގެ ހުރި ބާރުގަދަކަން ދައްކަންތަ ތިމަސައްކަތްކުރަނީ؟... ހެޔޮނުވާނެ އަހަރެން އެކަނި ހާލައިގެން ދޫކޮށްލާ، މިއަދު ދެވޭނެ ވަރަކަށް ޝިއާފް އަހަރެންގެ ހިތަށް އަނިޔާ ދީފި... ތީ ކުށްވެރިއެއް... ބޮޑު ހީލަތްތެރިއެއް... އަހަރެން ކުރި އިތުބާރު ނަގާލީ ވެސް ޚުދު ޝިއާފް، އަހަރެން ހާދަ ލޯތްބެއް ވިޔޭ ޝިއާފް ދެކެ، އެކަމަކު... އެކަމަކު... މިހާރު އެހުރިހާކަމެއް ބަދަލުވެގެން ހިނގައްޖެ! އަހަރެން ދެކުނު ހުވަފެންތައް ބިލާހަކަށް ވެގެން ހިނގައްޖެ! ހުރިހާ ކަމެއް ވެސް...... ޝިއާފް ހީކުރީތަ ހުރިހާ ކަމެއް އަހަންނަށް ސިއްރު ކުރެވޭނެކަމަށް؟، އެހެން ހީކުރިނަމަ އެއީ ޝިއާފަށް ހެދުނު ވަރަށް ބޮޑު ގޯހެއް!... ޝިއާފް ކީއްވެތަ އެހާ ދަށުދަރަޖައަކަށް ވެއްޓިގަތީ؟... ކީއްވެ؟......''

މައުވާ ބުނެލި ޖުމްލަ ވިހަގަދަ ތީރެއްގެ ސިފައިގައި އައިސް ޝިއާފްގެ ހިތަށް ހެރިގެން ދިޔައެވެ. އެވިހައިގެ އަސަރު ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ އެންމެ ފުންމިނަށް ވާސިލުވެގެން ދިޔައެވެ. ގަނޑުވެފައި އޭނައަށް މައުވާއަށް ބަލަން ހުރެވުނެވެ. ދެލޮލުން ފާޅުވަމުން ދިޔަ ވޭނުން އޭނަގެ ފުރާނަ ވެސް ގުޑުވާލައިފިއެވެ. އޭނަ އެހާ ވަރުން ސިއްރުކުރަން އުޅުނު ކަންތައް އެވަނީ މައުވާއަށް ބޭޒާރުވެފައެވެ. ހަދާނެ ގޮތެއް ޝިއާފަކަށް ނުވިސްނުނެވެ. އޭނަ މައުވާ ދެކެ ވާ ލޯބި ބަޔާން ކުރަން އޭނަގެ ޒަމީރު އެދި ގޮވަމުން ދިޔަކަމުގައި ވިޔަސް ފަސްޖެހެވުނެވެ. މައުވާގެ ހިތުގައި އޭނައަށް ޓަަކައިވާ ސާފު ނަފުރަތު އެދެލޮލުން ރީއްޗަށް ހާމަކޮށްދެއެވެ. ކުށްވެރި އިހުސާސްތަކާއެކު ޝިއާފަށް އިސްޖަހާލެވުނެވެ. އޭނަގެ ދެލޮލުން ވެސް ކަރުނަ ފާޅުވެގެން ދިޔައީ ދެނެވެ.

''އިވީ... އަހަ...''

''ބޭނުމެއް ނޫން ޝިއާފް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް، ޝިއާފް ހީކުރީތަ ދެންވެސް އަހަންނަށް ދޮގުހަދައި އޮޅުވާލެވޭނެ ކަމަށް؟، ދެން އެހެންނެއް ނުވާނެ.... ބަލަ އަހަރެންގެ މިދެކަންފަތުންނޭ ޝިއާފް ކުރި ހުރިހާ ކުށަކަށް އިއުތިރާފުވެ އަމާނީއަށް ބިރުދެއްކި އަޑު އެހީ!... ޝިއާފް އަހަންނާ ރަށްޓެހިވީ ވެސް އަމިއްލަ އެދުންތަކެއް އޮތުމުން، ނޫންތަ؟... ތީ ދުވަހަކު މާފު ލިބުން ހައްޤު މީހެއް ނޫން!... ތީ އަނިޔާވެރިއެއް، ރަހުމެއް ވެސް ނެތް މީހެއް....''

މައުވާ ރޮމުންރޮމުން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. މައުވާ ދިޔަ ދިމާއަށް ބަލަން ހުރި ޝިއާފަށް ބޭއިހްތިޔާރުގައި މައުވާ ހުއްޓުވުމަށް އަތްދިއްކޮށްލެވުނެވެ. ނަމަވެސް އެއަތުގައި ނުފެންނައަތަކުން ހިފެހެއްޓި ކަހަލައެވެ. ކަރުނުން ފުރިފައިވި ދެލޮލާއެކު އޭނައަށް ބަލަން ހުރެވުނީއެވެ. މާޒީގެ ކަޅުހަނދާންތައް އެއްފަހަރާ ސިކުނޑިއަށް ޖެހިގަތް ހިނދު ކުށްވެރި އިހުސާސްތަކުން މުޅި މީހާ ވަށާލިއެވެ. މައުވާ ބުނި ކޮންމެ ޖުމްލައަކުން ހިތުގައި އަޅަމުން ދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލެވުނު ވަގުތު ޝިއާފަށް ސިޑިމައްޗަށް ތިރިވެވުނެވެ. ދެއަތުން މޫނު ފޮރުވާލެވުނު ހިނދު މައުވާއަށް އޮޅުވާލެވުމުން އޭނަގެ ހިތް ދިޔައީ ކަރުނަ އަޅައި ރޮމުންނެވެ. މާޒީގެ ކަޅު ވިލާތަކުން އޭނަ ވަށާލައި ސިކުނޑިއަށް ބަރުކުރަމުން ދިޔައެވެ. ކަންފަތުގައި ގުގުމާލަން ފެށީ އަމާނީ އެދުވަހު ކުރި އާދޭހެވެ. އޭނަގެ ފައިބުޑަށް ވެއްޓި އާދޭސް ކުރި މަންޒަރެވެ. އެހެނަސް އެދުވަހު އަމާނީއަށް އެހީވުމުގެ ބަދަލުގައި އެހަށީގައި ހުރި ބާރުދައްކަން މަސައްކަތްކުރީއެވެ. މުޅި ނަފްސު ކަޅިވެގެން ދިޔައީ ކުށްވެރިކަމުގެ އިހުސާސުންނެވެ. މާޒީގައި ކުރެވުނު ކުށްތަކުގެ ސަބަބުން އޭނަގެ ލޯބި އަތުން ބީވެގެން ހިނގައްޖެއެވެ. އޭނަގެ ބިރުވެރިކަން ވެސް ހަޤީޤަތަކަށް ވެ ނިމިއްޖެއެވެ. އެހުރިހާކަމެއް ބަދަލުކުރަން ޝިއާފް ބޭނުމެވެ. އިތުރު ފުރުސަތެއް އޭނައަށް ދިނުމަށް އެދެން ބޭނުންވިއެވެ. ކުރެވުނު ކުށްތަކަށް ތައުބާ ވުމުގެ ފުރުސަތަށް އެދެން ބޭނުން ވިއެވެ. މައުވާއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވާން އޭނަ ހުރީ ތައްޔާރަށެވެ. އެލޯތްބާ ނުލާ އޭނައަކަށް ނޫޅެވޭނެއެވެ.

*****

''މައުވާ...'' ކޮޓަރިން ނިކުތް ދިޔާނާއަށް އެތެރެއަށް ވަން މައުވާ ފެނި ގޮވާލިއެވެ. އަދި ބާރު ފިޔަވަޅުތަކެއްގައި އައިސް މައުވާ ގާތަށް ހުއްޓުނެވެ.

''ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟... ދައްތަ ހާސްވާނެ ވަރު މައުވާއަށް ނޭގޭތަ؟...'' ދިޔާނާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. އޭރު މައުވާ ހުރީ މޫނުގެ މަލަމަތި ރީތިކޮށްލައިގެންނެވެ. އޭނަގެ ހިތާމަތަށް ދިޔާނާގެ ސަމާލުކަމަށް އައިސް ދާނެތީ ކަންބޮޑު ވެސް ވެފައެެވެ. ހަމައެއާއެކު ދިޔާނާގެ ސުވާލުތަކާ ކުރިމަތިވެދާނެތީ އޭނަ ހުރީ ދުރާލާ އެސުވާލުތަކަށް ވެސް ދޭނެ ޖަވާބު ހޯދާލާފައެވެ.

''ފޯނު ސައިލެންޓްގަ އޮތީމަ ނޭގުނީ...'' މައުވާ ބުންޏެވެ. އަދި މާފަށް އެދުނެވެ. މައުވާއަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ ދިޔާނާ ކަންބޮޑުވީ މައުވާގެ ލޯރަތްވެ ދުޅަވެފައި ވާތީއެވެ. އަޑަށް ވެސް ބަދަލުތަކެއް އައިސްފައި ވުމުންނެވެ.

''ބަލީތަ؟...'' ދިޔާނާ އަހާލިއެވެ. އަދި އޭނަގެ އަތް ގެންގޮސް މައުވާގެ ނިތްކުރީގައި ޖައްސާލިއެވެ.

''އާން... ހެނދުނުއްސުރެ...'' މައުވާ ދޮގު ހެދިއެވެ.

''ކީއްވެ ނުބުނީ؟... ބޮޑުވަރު ނުވަނީސް ޑޮކްޓަރަށް ދައްކަން ދާން ވާނެ...'' ދިޔާނާ ބުންޏެވެ. ''ދެންދޭ އަވަހަށް ޔުނިފޯރމް ބަދަލުކޮށްލައިގެން ކާން، ހަވީރު ވާނެ ޑޮކްޓަރަށް ދައްކަން ދާން... މައުވާ މިއަދު ކަންތައް ކުރި ފަދައިން ދެން ދުވަހަކު ކަންތައް ނުކުރައްޗޭ، މައުވާއަށް ކަމެއް ވީކަމެއްހީކޮށް ދައްތާ ހާދަ ބިރެއްގަތޭ...''

ދިޔާނާ ވާހަކަދައްކާ ނިމުމުން ބޯޖަހާލަމުން މައުވާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އޭނަ ކޮޓަރިއަށް ވަންއިރު ތޫބާއަށް އޮތީ ނިދިފައެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ފޮތްދަބަސް އެނދުމައްޗަށް ދޫކޮށްލަމުން އޭނަ ގޮސް ފާޚަނާއަށް ވަނެވެ.

*****

ފެންމާގަނޑުން އޮހެމުން ދިޔަ ފެންތިކިތައް އައިސް މައުވާގެ އޮމާން ހަންގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔައެވެ. ފެންމާގަނޑުގެ ދަށުގައި މައުވާ އިށީންދެލައިގެން އިނީ ދެފައި ގެނެސް މޭގައި ޖައްސާލައިގެންނެވެ. ހިމޭން ކަރުނަތައް ފެނާއެކުވެގެން އޭގެ އެންމެ ފަހުގެ މަންޒިލާ ހަމައަށް ވާސިލްވަމުން ދެއެވެ. މައުވާ ދެލޯމަރާލައިގެން އިންއިރު ގިސްލެވިދާނެތީ އަނގަ ވަނީ އަތުން ނިވާކޮށްލެވިފައެވެ. ކިތަންމެ ވަރަކަށް ރުޔަސް ދެން އެކަރުނަތަކަށް ނިމުމެއް ނުވާނެކަން ގައިމެވެ.

ގަޑިއެއްހާ އިރު ފާޚަނާގައި ކަރުނަ އޮއްސުމުގައި ހޭދަކޮށްލުމަށްފަހު މައުވާ ބޭރަށް ނިކުތެވެ. އަދި ރީތިވެލައިގެން މެންދުރު ނަމާދުކޮށްލިއެވެ. ނަމާދަށް ފަހު މައުވާ ދުޢާ ކުރިއެވެ. ޝިއާފަށް ޓަކައި އެހިތުގައިވާ ލޯބި ދާއިމަށް ފިއްލަވައި ދެއްވުމަށް އެދިއެވެ. އެހިތުގެ ޒަހަމްތަކަށް ޝިފާއެއް ދެއްވުމަށް އެދިއެވެ. ވަގުތު އޮތްވާ ޝިއާފްގެ ހަޤީޤަތް ހާމަވެގެން ދިއުމުން މައުވާ މާތްﷲއަށް ޝުކުރުވެރިވިއެވެ. ހަޔާތުގައި ކުރިމަތިވާ މުސީބާތްތަކުން އޭނަ ސަލާމަތްކޮށްދެއްވުމަށް އެދިވެސް މައުވާ ދުޢާކުރިއެވެ.

ނަމާދުކޮށްލުމުން ހިތަށް ބޮޑު ލުޔެއް ލިބުނުކަމުގެ އިހުސާސް މައުވާއަށް ކުރެވުނެވެ. މުސައްލާ އޮޅާލަމުން ގެންގޮސް ކަބަޑު މަތީ ބޭއްވުމަށްފަހު މައުވާ ކޮޓަރިން ނިކުތެވެ. އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއިން ނުވެއެވެ. ދެފަރާތް ހޯދާލުމަށްފަހު އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާކޮޓަރިއަށް ވަނެވެ. ހަމައެއާއެކު އެކަނިމާއެކަނި ކާން އިން ޝިއާފް ފެނި އޭނަ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ޝިއާފް ގޮވާލުމުންވެސް އަޑުއިވުނުކަމަށް ހަދާ ނުލާ އައިސް އޭނަ ވަނީ ކޮޓަރިއަށެވެ.

ހައިކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވިޔަސް މައުވާ މަސައްކަތް ކުރަމުން ދިޔައީ ދިނޭތޯއެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން އޮތްވާ ކޮޓަރީގެ ތަޅުގައި ހިފާލިހެން ހީވިއެވެ. ދެލޯހުޅުވާލަމުން އޭނަގެ ނަޒަރު ދޮރާދިމާއަށް ދަތުރުކޮށްފިއެވެ. ފުންމައިގެން ގޮސް އޭނަ ތެދުވެވުނީ ޝިއާފް ފެނުމުންނެވެ. އެއާއެކު ރުޅިވެރިކަމުން މީހާ ހަލަބޮލިކޮށްލައިފިއެވެ. ޝިއާފް އަކީ ލަދުގެ ކަންފުޅެއްވެސް ނެތް މީހެކެވެ. އޭނަ އެހާ ވަރަށް އެއްޗެހި ކިޔައި ދުރުގައި ހުރުމަށް އަމުރުކުރުމުންވެސް އަޑު އިވުނު ކަމަކަށް ނުވިއެވެ.

''ހަމަ މިހާރު މިތަނުން ނުކުމޭ...'' ޝިއާފް ކޮޓަރިއަށް ވަނުމުން ވައިރޯޅީގެ ބާރު މިނުގައި ގޮސް މައުވާ ދޮރާއި އަރާހަމަކޮށްލިއެވެ.

މައުވާ ބުނި އެއްޗަކަށް ޝިއާފް ސަމާލުކަމެއް ނުދިނެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން ޝިއާފް ބަލާލީ ތޫބާއަށެވެ. ނިދާފައި އޮތްތޯ ޔަޤީންކޮށްލާ ފަދަ ގޮތަކަށެވެ.

''އިވީ، އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ...''

''ބޭނުމެއް ނޫން އަޑުއަހާކަށް... ހަމަ މިހާރު މިތަނުން ނުކުމޭ... ޝިއާފް ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ؟...'' މައުވާ ހުރީ ބިރުވެސް ގެންފައެވެ. ޝިއާފްކޮށްފާނެ ކަމަކާމެދު އޭނަގެ ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

''އިވީ ޕްލީޒް...'' ޝިއާފް އާދޭހުން ފުރިގެން ވި ރާގަކަށް ބުނެލި އެވެ. އެއާއެކު މައުވާއަށް އަސަރުތަކެއް ކުރިކަން ގައިމެވެ. ނަމަވެސް އެކަން ނުދައްކާވޭތޯ އޭނަ ބެލިއެވެ. ޝިއާފަށް އޭނަގެ ބަލިފައި ހާމަވެއްޖެނަމަ އޭގެ ނާޖާއިޒް ފައިދާ ނަގާފާނެތީއެވެ.

ކޮމެންޓް 0