އަތުންފައިން ގޯހެއް ހެދިދާނެތީ އިމްރާނު އަވަސްވެގަތީ އެޕާރޓްމެންޓުން ނުކުތުމަށެވެ. އޭނަ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ސާރާ ބުނެލި ޖުމްލައިގެ ސަބަބުންނެވެ. އެއާއެކު އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. މުށްކެވިގެން ދިޔަ ދެއަތާއެކު އޭނަ ފުންނޭވާއެއް ދޫކޮށްލީ ގޯހެއް ހަދަން ބޭނުން ނުވާތީއެވެ. ހަމައެއާއެކު އަންހެނެއްގެ ގަޔަށް އަތްއިސްކުރަން ބޭނުން ނުވާތީއާއެކު ވެސް މެއެވެ.

''އިމްރާނު އަހަރެން ދެކެ ރުޅިއަންނަނީ ކީއްވެތަ؟، އިމްރާނު ބޭނުންވެގެން އަހަރުމެން ދެމެދު ހިނގިކަމެއް ހިނގީ ވެސް، ދެން މިހާރު އެކަން ފޮރުވަން ތިއުޅެނީ ކީއްވެ؟، ވެދިޔަ ކަންތައް އިމްރާނު ކިތަންމެ ވަރަކަށް ބޭނުން ވިޔަސް ބަދަލެއް ނުކުރެވޭނެ... އެކަމުގެ ހެއްކެއް އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަކީ... އިމްރާނު ޖެހޭނީ މި ހަޤީޤަތް ޤަބޫލުކުރަން!... މީޒާ ދެނެއް އިމްރާނުގެ ވާހަކައެއް އަޑެއް ނާހާނެ، އޭނަ ގާތަށް ގޮސް އާދޭސްކުރިޔަސް ވާނެ ފައިދާއެއް ނޯންނާނެ، ހީވޭތަ އެވަރުކަމެއް ކޮށްފަ އިމްރާނަށް މީޒާ ދެވަނަ ފުރުސަތެއް ދޭނެހެން؟، އެކަން އެގޮތަށް ދުވަހަކު ނުވާނެ، ވިޔަކަ ވެސް ނުދޭނަން!...'' ސާރާ ބުންޏެވެ. ''އިމްރާނު ޖެހޭނީ އަހަންނާ އިންނަން، އަޑު އިވިއްޖެތަ؟...''

''ބޭނުންވެގެންނޭ؟!!... އެރޭ ހިނގިކަމެއް ހިނގީ ކަލޭ އަހަންނަށް ދިން އެއްޗެއްގެ ސަބަބުން، ހަމަހޭގައި ހުރެ އަހަރެން އެފަދަ ނަޒަރަކުން ދުވަހަކު ކަލޭއާ މެދު ނުދެކޭނަން، ގާތް އެކުވެރިޔަކަށް އެފަދަ ބޮޑު އަނިޔާއެއް ދޭން ކަލެއަށް ކެރުނީތީ ވެސް އަހަރެން އަޖައިބުވޭ...'' ހަލުވި ރޯޅިއެއްގެ ސިފައިގައި އައިސް ސާރާގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުން އިމްރާނު ބުންޏެވެ. އޭނަ ސާރާއަށް ބަލަމުން ދިޔަ ގޮތުން ދެންމެދެންމެ އަތް އިސްކޮށްފާނެހެން ހީވެއެވެ.

''އޯހް ޕްލީސް، މީހުން ބުނެއެއްނު، ކީޕް ޔޯރ ފްރެންޑް ކްލޯސް އެންޑް ޔޯރ އެނެމީސް ކްލޯޒާރ... އަހަރެން މީޒާއާ ރައްޓެހިކަން ބާއްވާ އޭނައަށް ކަންތަކުގައި އެހީވެދިނީ ކޮންމެހެން އޭނައަށް ހެޔޮ އެދޭތީކީއެއް ނޫން، ހަމައެކަނި އިމްރާނު ފެންނާނެތީ... އޭނަ އަހަރެންގެ އަތުން އިމްރާނު ޖަހައިގަތްކަމުގެ ސަޒާ މިހާރު އެލިބެނީ... މިހާ ހިސާބަށް ވެސް އަހަންނަށް މިއާދެވުނީ ހާދަ ބުރަ މަސައްކަތްތަކެއް ކޮށްގެންނޭ...'' ސާރާ ބުންޏެވެ. ''އިމްރާނު އެއްފަހަރު ވެސް ތިރުޅިގަނޑު ފިނިކޮށްފަ ވިސްނާލަބަ، މީޒާގެ ފަރާތުން ކޮން އުފަލެއްތަ މިހާ ދުވަހު ލިބުނީ، އަހަންނަށް އަބަދު ފެނެޔޭ ތިދެމީހުން އަރައިރުންވާތަން، އެކަމުގެ ނޭދެވޭ އަސަރު ޒިވްޔަންއަށް ކޮށްފައިވާ މިންވަރާމެދު ވިސްނާލަބަ، މިހާރުވެސް އެދަނީ އެކަމަށް ފަރުވާ ހޯދަމުން، އެމީޒާ ދިޔައީމަ ދެން އެކަމެއް ތަކުރާރެއް ނުވާނެ....''

''އަހަންނަށް ރަގަޅު ގޮތް ބުނެދޭން ރޫޅުނިއްޔާ ރަގަޅު ވާނީ...'' ސާރާ ދުރަށް ކޮއްޕާލަމުން އިމްރާނު ބުނެލިއެވެ. އެކަމުގެ ތެރެއަށް ޒިވްޔަން ގެނައުމުން އޭނަ ވަކިން ރުޅިގަދަ ވިއެވެ. ހަމައިން ނުނެއްޓީ ވެސް ހަމަ ކިރިޔާއެވެ.

''ހުރިހާ ކަމެއް މިވަނީ ރަގަޅަށް...'' ސާރާ ދެންވެސް ހުއްޓާލާކަށް ނޫޅުނެވެ. ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން އޭނައަށް މިކުޅެވެނީ އަލިފާނާކަން ވެސް ނޭގުނެވެ.

''އަހަރެންގެ ބައްޕަގެ ކަންފަތާ ހަމައަށް އަހަރެން ބަލިވެ އިން ޚަބަރު ގޮސްފިއްޔާ ވާނެ ގޮތަކާ މެދު ވިސްނާލާ، އިމްރާނަށް ހުރިހާ ގެއްލުމެއް ލިބޭނީ... ހުރިހާ ކޮޅަކުން ވެސް ކުރި ލިބެން އޮތީ އަހަންނަށް، އިޓްސް ޓައިމް ފޯރ ޔޫ ޓު އެކްސެޕްޓް ދަ ޓްރުތް...'' ހިނިތުންވުމަކާއެކު ސާރާ ބުންޏެވެ. އޭނަގެ މޫނު އިހުނަށްވުރެ އުޖާލާވެގެން ދިޔަ އެވެ. އޭނަ މަޅި ޖަހާފައިވަނީ ވަރަށް ވެސް ހުޝިޔާރުކަމާއެކުގައެވެ. ހުރިހާ ދިމާއަކުން ވެސް ކާމިޔާބު ހާސިލުވާނެ ގޮތަށެވެ. އިމްރާނަށް ސަލާމަތް ވުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. ލިބިފައިވާ ތޫނުފިލިކަމުގެ ފައިދާ އޭނަ ކިތަންމެ ފުރިހަމައަށް ހިފައިފިއެވެ. ދެން އޮތީ އިމްރާނު އޭނަގެ މީހަކަށް ވާނެ ދުވަހަކަށް ކުރެވޭ އިންތިޒާރެވެ.

''އަހަރެން ބްލެކްމެއިލް ކުރަންތަ ތިއުޅެނީ...'' އިމްރާނު ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. އޭނަގެ ލޮލުގައި މިހާރު މަޑު ރަތްކުލައެއް ވެސް އެކުލެވިގެން ވެއެވެ. ކަތުރުކަށިގަނޑަށް އަރާފައިވާ ވާންކަމާއެކު އޭނަ އައިސްފައިވާ ރުޅީގެ ނުރައްކާތެރިކަން ރަމްޒުކޮށްދެއެވެ.

''އިމްރާނު ބޭނުން ގޮތެއް ހީކުރިޔަސް އަހަންނަށް ވަރިހަމަ، އެކަމަކު އަހަންނާ ކައިވެނި ކުރަން ދެކޮޅު ހަދައިފިއްޔާ އިމްރާނުގެ މުޅި ބިޒްނަސް ބަނގުރޫޓުކޮށްލާނަން!، ދިރިއުޅެމުން ތިދާ ގެއިން ވެސް ބޭރުކުރާނަން!، މުޅި މާލެއަށް ފަޟީޙަތް ކުރާނަން!، ޒިވްޔަންއަށް ލިބެމުންދާ ފަރުވާ ވެސް ހުއްޓުވާނަން!...'' އިމްރާނާ ހަތަރުކަޅި ހަމަކުރަމުން ސާރާ ބުނެލިއެވެ.

''ޒިވްޔަންއަށް ފަރުވާ ނުލިބިއްޖެއްޔާ ވާނެ ގޮތް އެނގޭ ދޯ، އެފަދަ ހާލެއްގައި ޒިވްޔަން ވަނިކޮށް ދެކޭކަށް އަހަރެން ވެސް ބޭނުމެއް ނޫން، އެކަމަކު އަހަންނަށް މިހުރިހާ ކަމަކަށް މަޖުބޫރު ތިކުރަނީ ހަމަ އިމްރާނު... އައި ހޭވް ޕަވާރ ހިޔާރ، ސޯ ޔޫ ޝުޑް ރީކޮންސިޑާރ ޔޯރ އޮޕްޝަންސް...'' ސާރާ އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އިމްރާނުގެ އެތެރެހަށީގައި އުފެދިފައިވާ ތޫފާންގަނޑުގެ ފުރަތަމަ ހަމަލާ އަމާޒުވެގެން ދިޔައީ ސާރާގެ ކޯތާފަތަށެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ސާރާ އަރިއަޅާލުމާއެކު އޭނަ ވެއްޓިއްޖެއެވެ. އެއާއެކު ވެއްޓުނުވަރަށްވުރެ އަވަހަށް ތެދުވެލުމަށްފަހު، ކޯތާފަތުގައި ފިރުމަމުން އިމްރާނަށް ބަލާލިއެވެ.

''ކަލޭ ބޭނުން ގޮތެއް ހަދާ...'' ސާރާއާއި ދިމާއަށް ގުދުވެލަމުން އިމްރާނު ބުންޏެވެ.

''އަދި އެއްފަހަރު ވިސްނާލާ، އަހަންނަށް އެނގޭ ޒިވްޔަން ދެކެ އިމްރާނު ލޯބިވާވަރު، އެކުއްޖާ ބަރުދާސްތުކުރަމުން އެދާ ވޭނުން ސަލާމަތްކުރަން ބޭނުންވާކަން ވެސް، އައި މީން ނޯ ހާރމް ޓު ހިމް، އެކަމަކު އިމްރާނު އަހަންނަށް މަޖުބޫރުކުރަންޏާ އެކަން ވެސް ކުރާނަން...'' ސާރާ އިންޒާރެއް ދިނެވެ. އޭނަ އެންމެ ފަހުން ޒިވްޔަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން ފެއްޓިއެވެ.

ޒިވްޔަންގެ އުމުރުން ބާރަ އަހަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒިވްޔަން ސަލާމަތްވިކަން ވެސް އެއީ ލެއްވި ރަހުމަތެކެވެ. ކުރިމަތިވި ގަދަ ތޫފާނުގެ ބާރު ކެނޑި ހިމޭންކަން ވެރިވެގެން ދިޔަ ހިނދު އެހާދިސާގެ ނޭދެވޭ އަސަރު ޒިވްޔަންއަށް ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. އޭގެ އިތުރުން އެހާދިސާގައި ޒިވްޔަންގެ ކޮއްކޮ ގިޔާން ނިޔާވެގެން ދިއުމާއި މައިންބަފައިންގެ ދެމެދުގައި އުފެދެން ފެށި ސިލްސިލާ އަރައިރުންވުމާއި ދެބަސްވުންތައް ވެގެން ދިޔައީ ޒިވްޔަންގެ ސިކުނޑިއަށް އުފުލަން ދަތިވި ކަންތައްތަކަށެވެ. އޭގެ ސަބަބުން އޭނަ އިތުރު ބަލިކަށިކަމަކަށް ހުށަހެޅިގެން ދިޔައީއެވެ.

''ހައު ޑެއާރ ޔޫ ޓު ބްރިންގް ހިމް އިން ޓު ދިސް...'' ސާރާގެ ކޮލަށް ފިއްތާލަމުން އިމްރާނު ހަޅޭއްލަވައިގަތެވެ. އިމްރާނުގެ ފަރާތުން ލިބެމުން ދިޔަ އަނިޔާ ސާރާއަށް އިހުސާސް ނުވާ ކަހަލައެވެ. ލޮލުން ކަރުނަތިއްކެއް ނުފޭބި ތާނގައި މޫނުމަތިން އެކަމުގެ ލިސާނެއް ވެސް ފާޅެއް ނުވިއެވެ. އިމްރާނުގެ އަތުން އަނިޔާ ލިބެންޏާ އެގޮތް އޭނައަށް ފުދޭ ކަހަލައެވެ. ލޯބީގެ ބާރުގައި ރަގަޅަށް ދީވާނާވެފައިވާ މީހެކެވެ.

''އިމްރާނުގެ ފަރުވާ ކުޑަކަމުން ހިނގިކަމެއްނު އެއީ، އެހެންވެއެއްނު ހޭބޯނާރާ ޒިވްޔަންގެ ބަލިހާލަތު ރަގަޅުކުރަން ފަރުވާ ތިކުރަނީ...'' ސަރާ ބުނެލިއެވެ. ''ތެދަށް ބުނަންޏާ އަހަރެން އެކަމަށް ހަމްދުކުރަން، އެކްސިޑެންޓަށް ފަހު ވިއްޔާ މީޒާއާއި އިމްރާނާ ދެމެދު މައްސަލ ޖެހެން ފެށީ، އަހަރެން ދެރަވި ޤިޔާން މަރުވީމަ، ޒިވްޔަންއަށް އެހެން ދިމާވީމަ... އެކަމަކު އިމްރާނު އަހަރެންގެ މީހަކަށް ވާން އެހާދިސާއިން ދޮރުތައް ހުޅުވާލަދިނީ، މަންޒިލާ ހަމައަށް ދެވެން އަަަހަރުތަކެއް ހޭދަކުރަން ޖެހުނެއް ކަމަކު މިހާރު އަހަންނަށް މިވަނީ މަންޒިލަށް އާދެވިފަ، ފައިނަލީ ޔުއާރ މައިން...''

ސާރާގެ ވާހަކަތައް ހުރިގޮތުން އިމްރާނު ހަމައިން ނެއްޓިއެވެ. ސާރާގެ އެހުރީ ކޮންފަ ނުބައި ވިސްނުމެއް ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް އެހިތުގައި ނުވަނީ ހެއްޔެވެ؟ އެފަދަ ހިތާމަވެރި ހާދިސާއެއްގެ ފައިދާ ނަގާނީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް ބުއްދިސަލާމަތުން ހުރި އިންސާނަކު އެފަދަ ގޮތަކަށް ނުވިސްނާނެއެވެ. އިމްރާނު ބޭނުންނުވިކަމުގައި ވިޔަސް ދެވަނަ ފަހަރަށް ސާރާގެ ގަޔަށް އަތް އިސްކުރެވުނެވެ. އެވަގުތު އައިސްފައި ހުރި ރުޅިވެރިކަން ބޭރުކޮށްލަން އެއަށްވުރެ ރަގަޅު ގޮތެއް އޭނައަކަށް ނުވިސްނުނެވެ.

ދެވަނަ ފަރަހަށް އިމްރާނު އޭނަގެ ކޯތާފަތުގައި ޖެހުމުން ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށުމާއެކު ސާރާ އަތުގެ ފުށަތުން ލޭފޮހެލިއެވެ. އަދި އިމްރާނާ ހަތަރުކަޅި ހަމަކުރިއެވެ. އޭނަގެ ތުންފަތުގައި އެވަގުތު ފަނޑު ހިނިތުންވުމެއް ކުޅެލިއެވެ. ބާޒީ އެވަނީ އޭނައަށް ކާމިޔާބު ކުރެވިފައެވެ. އަދި ފަހުން އިމްރާނު އޭނަގެ ގާތަށް އަންނާނެ އެވެ.

ވައިސޫރިއެއްހެން ނުކުމެގެން ދިޔަ އިމްރާނަށް ބަލަމުން ކައިރީގައި ހުރި ސޯފާގެ އެހީގައި ސާރާ ތެދުވުނެވެ. މަކަރުވެރިކަމުގެ ހިނިތުންވުމެއް އޭނަގެ ތުންފަތުގައި ކުޅެލި ހިނދު އޭނަ އަވަސްވެގަތީ ބަދިގެއަށް ވަނުމަށެވެ. އައިސްއަލަމާރި ހުޅުވާލަމުން އައިސްޕެކެއް ނެގިއެވެ. އޭގެ ފިނިކަމުން މޫނަށް ލިބިފައިވާ ޒަހަމްތަކަށް ވަގުތީ ޝިފާއެއް ލިބުނެވެ.

ސާރާގެ ބައްޕައަކީ އިމްރާނުގެ ބިޒްނަސްޕާރޓްނަރެވެ. އޭގެ އިތުރުން ސަރުކާރުގެ އެތައް މުއައްސަސާއެއްގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ ނުފޫޒުގަދަ މީހެކެވެ. ސާރާ އޭނަގެ ރޭވުން އަތުރާލާފައިވަނީ އެނުފޫޒުގެ ނާޖާއިޒް ފައިދާ ހުރިހާ ދިމާއަކުން ވެސް ނެގޭނެ ފަދަ ގޮތަކަށެވެ. އިމްރާނު އޭނައަށް ފުރަގަސް ދީފައި ދިޔައެއްކަމަކު ފަހުން ހަމަ އަންނަންޖެހޭނީ އޭނަ ގާތަށެވެ. އެނޫން އިތުރު ގޮތެއް އިމްރާނަކަށް ނޯންނާނެއެވެ.

*****

މީޒާގެ ކޮޓަރިއަށް ވަން ހާޖަރާއަށް މީޒާގެ ރުއިމުގެ އަޑު އިވުމާއެކު ހިތްހަމަނުޖެހުނެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ކޮޓަރިއަށް ވެރިވެފައި އޮތް އަނދިރިކަމަށް ނިމުމެއް ގެންނަމުން އޭނަ ގޮސް އެނދާއި އަރާހަމަކޮށްލިއެވެ. ކޮޓަރިއަށް އެޅިގެން ދިޔަ އައްޔާއެކު މީޒާގެ ލޮލަށް އުނދަގޫ ވިއެވެ. އެއާއެކު އޭނައަށް ބާލީހެއް ގެނެސް މޫނުގައި ޖައްސާލެވުނެވެ.

''ތިދެން ކޮންކަމެއް، ރުޔަކަސް ވެދިޔަކަންތަކެއް ބަދަލެއް ނުކުރެވޭނެ؟، އޭނައަށް ތިކަރުނައިން ކުރާނެ އަސަރެއް ވެސް ނޯންނާނެ، ރޮއެރޮއެ ދެލޯފާރުވާއިރު ވެސް އޭނައެއް ނާންނާނެ...'' ހާޖާރާ އެނދުގެ މަގަތުގައި އިށީންނަމުން ވާހަކަދެއްކިއެވެ. ''އޭނަ މިހާރު ވެސް ހުންނާނީ އެއަންހެނާއާއެކު...''

މަންމަގެ ވާހަކަތަކުން މީޒާގެ ހިތަށް ވަކިން ބޮޑަށް އަސަރުކޮށް ގަދަޔަށް ރޮވުނެވެ. އެޚިޔާލުން އެކަނި ވެސް ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސްލެވުނުހެން ހީވިއެވެ. ގިސްލުމުގެ އަޑު ހިންދާލުމުގެ ނިޔަތުގައި ބާލީސް މޫނުގައި ޖައްސާ ބާރުކޮށްލެވުނެވެ.

''މީޒާ ދެންވެސް މަންމަ މިބުނާ ގޮތަށް ކަންތައްކުރިއްޔާ ތިކަމުން ސަލާމަތްވާނީ، ރުއިން ހުއްޓާލާފަ އޭނަ މަތިން ހަނދާން ނައްތާލާ، އޭނައާ ގުޅުން އޮތް މީހެއް މަތިން ވެސް ހަނދާން ނައްތާލާ، އެނޫން އިތުރު ގޮތަކަށް އެމަކަރުވެރިޔާގެ އުނދަގުލުން ސަލާމަތެއް ނުވެވޭނެ، އޭނަ އެއްފަހަރު ވެސް މީޒާއާ މެދު ވިސްނާނުލި، ދެން ކީއްވެތަ ދަރިފުޅު އޭނައާ މެދު ވިސްނާ ކަރުނަ ތިއޮއްސަނީ...'' ހާޖަރާގެ އަޑުގައި ވަނީ ފޫހިކަމެވެ. އޭނަ މީޒާގެ އަތުގައި އޮތް ބާލީސް ދަމައިގަތެވެ.

''މަންމާ...'' ހާޖަރާގެ އުނގުގައި ބޯއަޅާލަމުން މީޒާއަށް ރޮވިފައިވާ އަޑަކުން ބުނެވުނެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނަގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ.

''ދަރިފުޅަށް ކުރެވުނު ކުށަށް މަންމަ މަޢާފް ކޮށްފިން، ދެން އެކަމާމެދު ނުވިސްނަމާ...'' ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ހާޖަރާ ފިރުމާލިއެވެ. އަދި ދަރިފުޅަށް ހިތްވަރުލައިދިނެވެ.

''ޒިވްޔަން...'' ރުޅިގަނޑު ހިނދިގެން ދިއުމާއެކު މީޒާއަށް އޭނަގެ ދަރިފުޅާ މެދު ވިސްނާލެވުނެވެ. އެދަރިފުޅު އޭނައަށް ބޭނުންވާނެ ވަރެވެ. ވަކިން ހާއްސަ ގޮތެއްގައި އެދަރިފުޅަށް ކުރިމަތިވެފައިވާ ސިއްހީ ހާލަތުގެ ސަބަބުންނެވެ. ޒިވްޔަން މިހާރު ވެސް ހުންނަނީ އޭނަގެ އިންތިޒާރުގައި ކަން ނޭގެއެވެ.

''އިމްރާނު އޭނަ ބަލާނެއެއްނު...'' ހާޖަރާ ފޫހިކަމާއެކު ބުންޏެވެ.

''މަންމާ... ޒިވްޔަން އެއީ އާދައިގެ ކުދިންނަށްވުރެ ބޮޑަށް އަޅާލުން ބޭނުންވާނެ ކުއްޖެކޭ، އޭނައަށް މިކަމުގެ ނޭދެވޭ އަސަރުކުރާކަށް އަހަރެން ބޭނުމެއް ނޫން...... މަންމާ، އަހަރެން ޒިވްޔަން ބޭނުން...'' މީޒާގެ ވާހަތަކުން ހާޖަރާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިމްރާނުގެ މުސީބާތުން އޭނަގެ ދަރިފުޅު ސަލަމަތްކުރަން އުޅޭ ވަރަކަށް އެދަރިފުޅު ބެނުންވަނީ އެކަމުގެ ތެރެއަށް ވެއްޓި ހަނާ ވާށެވެ. އެއްފަހަރު އެކަން އެގޮތަށް ވުމުގެ ފުރުސަތު އޭނަ ދީފިއެވެ. ދެން އެކަން ތަކުރާރު ވިޔަކަ އޭނަ ނުދޭނެއެވެ. އިމްރާނާ ގުޅުން އޮތް ކޮންމެ މީހަކީ އެކަމަށް އޮތް ހުރަހެކެވެ. ވަކިން ހާއްސަ ގޮތެއްގައި ޒިވްޔަން އެވެ. އެކުއްޖާ ކޮންމެ ފަހަރަކު އޭނަގެ ބައްޕަ މަތިން މީޒާއަށް ހަނދާންކޮށްދޭނެއެވެ.

''އެކަމެއް ވީވެސް އިމްރާނުގެ ފަރުވާކުޑަކަމުންނެއްނު، އޭނަ ކުރިހާ ކަންތަކުގެ ނުބައިކަން މިހިރަ ފެންނަނީ، މީޒާ... މަންމަ މިބުނާ އެއްޗެއް އަޑު އަހާ، ޒިވްޔަން އޭނަގެ ބައްޕަ ގާތު ބަހައްޓާފަ ދަރިފުޅުގެ ދިރިއުޅުމާއިގެން ކުރިއަށްދޭ، އޭނަ އެހެރީ ބޮޑުވެފައެއްނު، މިހާރު ދަރިފުޅުގެ އަޅާލުމެއް އެއުމުރުގަ އޭނައަށް ބޭނުމެއް ނުވާނެ... އިމްރާނަށް އުނދަގޫ ޖެއްސޭނީ ވެސް ޒިވްޔަން ބެލުމުގަ ޒިންމާ އޭނައާ ހަމާލުކުރީމަ، އޭރުން އޭނައަށް އެއްޗެއް ވިސްނޭނީ، ދަރިފުޅަށް ރަގަޅަކަށޭ މަންމަ މިބުނަނީ، އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާ...'' ހާޖަރާ ބުނެލިއެވެ. އޭނަ އަމާޒު ހިފާފައި ހުރީ މީޒާގެ ވިސްނުން ފަސާދަ ކުރުމަށެވެ. ޒިވްޔަންއަށް އެހިތުން ޖާގައެއް ދެވެން ނެތް ކަން ވިސްނައިދޭށެވެ. ހަމައެއާއެކު އެއީ އޭނައަށް އުފުލަން ޖެހޭނެ އިތުރު ބުރައެއްކަން ވެސް ވިސްނައިދޭށެވެ.

''ދަރިފުޅުގެ ޒުވާން އުމުރުގަ ބަލިވެ އިނީ ވެސް ހަމަ އެއިމްރާނުގެ ރޭވުންތެރިކަމުން... އޭރުންނެއްނު ދަރިން ބަލަން ދަރިފުޅު ގޭގަ ހުންނައިރު އޭނަ ބޭނުން ވައްތަރަކަށް އުޅެމުން މަޖާނެގުމުގެ ފުރުސަތު އޭނައަށް ފަހިވެގެން ދާނީ، ރަގަޅަށް ވިއްޔާ ސާރާ މަޅީގަ ޖައްސާނީ ވެސް އޭނަ...'' ހާޖަރާ ބުނެލިއެވެ. އޭނަ އެތައް އިރެއް ވަންދެން މީޒާއަށް ވަސްވާސް ލައިދިނުމާއިގެން އުޅުނެވެ. އޭނަ ކޮޓަރިން ނިކުންނަން ދިޔައީ ހިތްހަމަޖެހޭވަރު ވުމުންނެވެ.

މީޒާއަށް އޭނަގެ މަންމަ ދެއްކި ވާހަކަތަކާމެދު ވިސްނާލެވުނެވެ. މަންމަ އެހާމަކުރީ ދޮގެއް ވެސް ނޫނެވެ. އެހަނަސް ޒިވްޔަން ދޫކޮށްލުމަށް އޭނަގެ ހިތް ދެކޮޅު ހެދިއެވެ. ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާން އޭނަ ހުރީ ތައްޔާރަށެވެ. ނަމަވެސް އޭނަގެ ސިކުނޑީގެ ނިންމުން އެއާ ޚިލާފެވެ. އޭނަގެ ވިސްނުން ވީ ހާޖަރާގެ ވާހަތަކުން ފަސާދަވެ ނިމިފައެވެ. އޭނައަށް ދެން ޒިވްޔަން ދެކެ ލޯތްބެއް ނުވެވޭނެއެވެ. އެސޫރަ ފެންނަ ކޮންމެފަހަރަކު އޭނައަށް ހަނދުމަކޮށް ދޭނީ އިމްރާނުގެ ބޭވަފާތެރިކަމެވެ. އޭގެ ސަބަބުން އުފެދިގެންދާ ރުޅިގަނޑު ބޭރުކުރެވޭނީ ވެސް ހަމަ ޒިވްޔަން އަށެވެ. މިހުރިހާ ކަމަކާމެދު ވިސްނަމުން ގޮސް މީޒާގެ ބޮލުގެ ނާރުތަކަށް ވާންވެގެން ދިޔައެވެ.

*****

ގޭގެ ބެލްޖަހާލުމާއެކު ހާޖަރާ ދެފަހަރަކު ރޭކާއަށް ގޮވާލިއެވެ. ރޭކާގެ ޚަބަރެއް ނުވުމާއި ބެލްޖެހުމުގެ އަޑަށް ހުއްޓުމެއް ނައުމުން ހާޖަރާ ދޮރުހުޅުވަން ހިނގައިގަތީ ކުދިކިޔަމުންނެވެ. އޭނަ ދޮރުހުޅުވާލުމާއެކު ފެނުނު ސޫރައެއްގެ ސަބަބުން މުޅި މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ރުޅިވެރިކަމާއެކު ބުމަގޮށްޖަހާލަމުން ދޮރުލައްޕަން އަވަސްވެގަތެވެ. ނަމަވެސް އެއަށްވުރެ ކުރިން ހާޖަރާގެ އެމަސައްކަތަށް އިމްރާނު ހުރަސް އެޅިއެވެ. އަދި ހާޖަރާ މަނާކުރަމުން ދަނިކޮށް ވެސް އެތެރެއަށް ވަދެގަތެވެ.

''ކޮން ހައިސިއްޔަތަކުން ކަލޭ މިގެއަށް ތިވަނީ... މިބުނީނު ނިކުންނާށޭ، އެހެންނޫނީ ފުލުހަށް ގުޅާނީ!...'' އަޑުގެ ކޮޅަށް ހާޖަރާ ހަޅޭއްލަވައިގަންނަމުން އިންޒާރެއް ދިނެވެ. ހާޖަރާގެ އަޑަށް ކޮޓަރިތަކުން އެންމެން ނިކުތެވެ. ހުރިހާ އެންމެނަށް ވެސް އިމްރާނު ފެނުމާއެކު ހައިރާންކަން ލިބުނެވެ. އެގެއަށް އައުމުގެ ހިތްވަރު އިމްރާނަށް ލިބުނީތީއެވެ. އެވަރު ބޮޑު ޖަރީމާއެއް ހިންގާލާފައި މޫނު ދައްކަން ކެރޭނީ ހާދަ ހަޔާތްކުޑަވުމުންނެވެ.

''ޔޫސުފް ފުލުހަށް ގުޅާބަލަ، މިހިރަ މީހަކަށް އަޑެއް ނީވޭވިއްޔާ ނުކުންނާށޭ ބުނާއިރު ވެސް...'' ހާޖަރާ އޭނަގެ ދޮށީ ފިރިހެންދަރިފުޅަށް އަމުރުކުރިއެވެ. އެއާއެކު ޔޫސުފް މަންމަ ބުނިފަދައިން ކަންތައް ކުރަން އަވަސް ވިއެވެ. ނަމަވެސް ހުއްޓާލަން ޖެހުނީ އިބްރާހީމް އެކަން މަނާ ކުރުމުންނެވެ. ކަންތައްތައް އިހުނަށްވުރެ ގޯސްވެ ބޮއްސުންލައިގެންދާން އިބްރާހީމް ބޭނުމެއްނުވިއެވެ.

އެއްވެސް ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އިމްރާނު ހިނގައިގަތީ މީޒާ ގާތަށް ދިއުމަށެވެ. އޭނަގެ އެމައްސަކަތަށް ހުރަސް އެޅީ ޔޫސުފެވެ. އޭނަ އިމްރާނުގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އިމްރާނު އެއްޗެކޭ ނުބުންޏެވެ.

''އެހެރީ ވަން ދޮރު، ހަމަ މިހާރު ނިކުމެގެން ދޭ!...'' ދޮރާއި ދިމާއަށް އިޝާރަތްކުރަމުން ޔޫސުފް ބުނެލިއެވެ. އިމްރާނު އަނެއްކާ ކުރިއަށް ޖެހިލުމުން ޔޫސުފް އޭނަގެ ކުރި ބެއްދިއެވެ. އޭރު ހާޖަރާ ހީވަނީ ފީކުކުޅެއް ހެންނެވެ. އޭނަ އިމްރާނުގެ ގަޔަށް ބޮލަށް އަރާ ހިސާބަށް ކަންތައް ދިޔަ އެވެ.

''ލަދު ކުޑަ، ބަލަ ކަލޭ ގާތު ބުނީމަ ވެސް އަޑެއް ނީވޭތަ؟، މީޒާ ނޫޅޭ ކަލެއާ ބައްދަލު ކުރާކަށް...'' ހާޖަރާ ލޯއަޅާލަމުން ބުންޏެވެ.

''އަހަރެން ދާނީ މީޒާ ގޮވައިގެން...'' އިމްރާނު ހުރީ އޭނަގެ ގޮތުގައެވެ. އެއާއެކު ޔޫސުފް އިމްރާނުގެ ގައިގައި ޖަހަން މަޅާލި އަތް ތިރިކޮށްލަން ޖެހުނީ އިބްރާހީމުގެ އަޑު އިވުމުންނެވެ. އިމްރާނާއި ދުރަށް ޖެހިލަމުން ޔޫސުފް އޭނަގެ ބައްޕައަށް ބަލާލީ ހިތްހަމަނުޖެހިފައެވެ.

''ކޮން ހައިސިއްޔަތަކުން ކަލޭ ތިއައީ؟، މާ ވާހަކަ ދިގުކުރަން ނޫޅެ ނިކުންނާށޭ ބުނީމަ ނިކުންނަންވީ...'' ހާޖަރާ މޫނު ކުނިކޮށްލަމުން ބުނެލިއެވެ.

''އަހަރެން މީ މީޒާގެ ފިރިމީހާ...'' ހަދީޖާއަށް ރައްދުދެމުން އިމްރާނު ބުނެލިއެވެ. އެޖުމްލައިން ހާޖަރާގެ އަނގަ ސަކަރާތްވިއެވެ.

''ހުރި......'' ހަދީޖާ ބުނަން އުޅުނު ޖުމްލަ ހުއްޓާލަން ޖެހުނީ މީޒާގެ އަޑު އިވުމުންނެވެ. އޭނަ އަވަސްއަވަހަސް މީޒާއަށް ބަލާލިއެވެ. މީޒާ އިމްރާނުގެ ވާހަކަތަކަށް އިޖާބަ ދީފާނެތީ އޭނަ ބިރުގަތެވެ. އޭނައަށް ތެޅިފޮޅިގަނެވުނީ ދެނެވެ. ހަމަހިލާ އެހެން ވިޔަކަ އޭނަ ނުދޭނެއެވެ. އިމްރާނު ދާން ޖެހޭނީ ހުސް އަތާ އެވެ.

ކޮމެންޓް 0