އަލޫފްގެ ސައިކަލުގެ ފަހަތުގައި އިން އަންހެންކުއްޖާއަކޭ އަށްޓަމަހެކާ ތަފާތެއް ނެތެވެ. އެދެމެދުގައި ހިޔަންޏަކަށް ވެސް ވަދެވޭނެ ޖާގަ ހުރިހެނެއް ހިޔެއް ނުވެއެވެ. އެއަމަލުން އެދެމެދުގައިވާ ގާތް ގުޅުން ދުނިޔެއަށް ޢިއުލާންކޮށްދޭ ކަހަލައެވެ. ތޫބާގެ ހިތުގައި އުފަންވި ވޭން އިތުރަށް ފުންވެ ވަކި ހިއްޕާލީ އެސަބަބާ ހުރެއެވެ.
ހިތަށް ތުނޑުތޫނު ކަށިތަކެއް ހަރާލެވުނު ފަދައެވެ. ދިރިހުއްޓައި ފުރާނަ ހަށިގަނޑު ދޫކޮށް ދިޔަ ފަދަ ނުބައި އުހުސާސެއްވެސް ކުރެވުނެވެ. ތޫބާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކަރުނަތައް ފުރިބާރުވެ އެސްފިޔަތަކަށް ނުކުޅަދާނަވާ ހިސާބަށް ދިއުމުން ހޯސްލާފައި ފައިބައިގަތެވެ. ފެނުނު މަންޒަރު ދޮގު ކުރަން އޭނަ އިންތިހާއަށް ބޭނުން ވިއެވެ. ނަމަވެސް ލޮލަށް ފެނުނު ހަޤީޤަތް ދޮދު ކުރާނީ ހަފެ ކިހިނެއް ހެއްޔެވެ؟ އެފަދަ ހިތްދަތި މަންޒަރެއް ފެނުމުގެ ކުރިން އޭނަގެ ދެލޮލުގެ ފެނުން ގެންދެވިނަމަ ހާދަ ރަގަޅުވީސް ހެއްޔެވެ؟ އެފަދައިން ކަންތައް ވިނަމަ މިއަދު އެހިތުގައި އަޅާ ވޭން އިހުސާސް ވެސް ނުކުރެވުނީހެވެ.
އޭނަ އަލޫފްއަށް ހާދަ އިތުބާރެއް ކުރި ނޫން ހެއްޔެވެ؟ އަލޫފް ހިތްހަމަ ނުޖެހޭތީ އޭނަގެ ފިރިހެން އެކުވެރިންނާ ވެސް ގުޅުން ކަނޑާލިއެވެ. އޭނައާ އަލޫފްއާ ދެމެދު މައްސަލައެއް ޖެހެން ހިތް ނޭދޭތީއެވެ. އެދެމެދުގައިވާ އުޑާއި ބިމުގެ ފަރަގު ހަނދާން ނައްތާލާފައި ގުޅުނީ އޭނަވީ މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ. އެހެނަސް ކަންތައް ވެގެން މިދިޔައީ ކިހިނެއް ހެއްޔެވެ؟ އޭނަވި ޤުރުބާނީ ތަކުގެ ނަތީޖާއަކީ މިއީ ހެއްޔެވެ؟ އޭނަވީ ލޯތްބާއި ކުރި ޤަދަރާއި އިތުބާރުގެ އަގު އަދާކުރަން އަލޫފްއަށް އެނގުނު ގޮތަކީ އެއީ ހެއްޔެވެ؟ އޭނަ ރޮއްވާލައިގެން ހެއްޔެވެ؟ އެކަމެއް ހިނގާތާ ކިތައް ދުވަސް ވެދާނެ ހެއްޔެވެ؟
މައުވާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް ދައްކާނެ ވާހަކައެއް ވެސް ނޭގުނީ އެވެ. ބުނެވިދާނެ އެއްޗަކުން ތޫބާ އިތުރަށް ދެރަވެދާނެތީއެވެ. ތަޖުރިބާ ނެތުމުން އޭނައަށް އެފަދަ މައުޟޫއަކަށް ވާހަކަދައްކަން ނޭނގޭނެތީއެވެ. ތޫބާގެ ހިތާމައިގައި ބައިވެރި ވެލުމުގެ ގޮތުން އޭނައަށް ކުރެވުނުހާ ވެސް ކަމަކީ ތޫބާގެ އަތުގައި ހިފާލުމެވެ. ސިހިގެން ދިޔަ ތޫބާ އަވަސްއަވަހަށް އަތުގެ ފުށަތުން ކަރުނަތައް ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައި ހުރެއެވެ. ލިބުނު ގިލަނުގެ މައްޗަށް އޭނަ އިސްކުރީ ރުޅިވެރިކަމެވެ.
އަލޫފް އެހާ ހިތްހެޔޮ މީހެއް ކަމުގައި ދުށް އިރު އެހިތްތިރިކަމުގެ ފަހަތުގައި އެފަދަ ވިޔާނުދާ ސިފައެއް ފޮރުވިފައި ވެދާނެ ކަމަކަށް މައުވާ ހިޔެއް ވެސް ނުކުރެއެވެ. މީހަކަށް ބަލާފައި ގޮތެއް ނުނިންމޭނެކަން މިއަދު އޭނައަށް ކަށަވަރު ވެއްޖެއެވެ. ކިތަންމެ ހިތްހެޔޮ މީހެއްގެ ފަހަތުގައި ވެސް ޝައިތާނެއް ފިލާ ހުރެދާނެއެވެ. ކޮންމެވެސް ދުވަހަކުން އެސިފަ ފާޅުވާނެކަން ވެސް އެނގިއްޖެއެވެ.
ތޫބާގެ މިޒާޖަށް އައި ކުއްލި ބަދަލުން މައުވާ ދެރަވިއެވެ. ކަންބޮޑުވިއެވެ. ދެފަހަރަކު އެއްޗެއް ބުނަ އުޅެފައި ވެސް ފަސްޖެހެވުނެވެ. ބުނެވިދާނެ އެއްޗަކުން ތޫބާގެ ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވިދާނެތީއެވެ.
ގެއާ ހަމައަށް ދެވެންދެން ދެއެކުވެރިންގެ ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ގެއަށް ވަދެވުމާއެކު ތޫބާ ބެލީ ވީހާވެސް އަވަހަކަށް ކޮޓަރިއަށް ވަދެވޭތޯއެވެ. އޭނަގެ ހިތާމަވެރި މޫނު އެއްވެސް މީހަކަށް ފެންނަން ބޭނުން ނުވާތީއެވެ. ސިޓިންގްރޫމްގައި ޓީވީ ބަލަން އިން ދިޔާނާ ގޮވާލުމުން ވެސް އޭނަ މަޑެއް ނުކުރިއެވެ.
ދިޔާނާ ހައިރާންވެފައި އިނދެ ބަލާލީ މައުވާ އަށެވެ. ހަމައެއާއެކު މައުވާ އިސްދަށަށް ޖަހާލިއެވެ. ދިޔާނާގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ތޫބާއަށް އައި ބަދަލެއްގެ ސަބަބުންނެވެ. އެކަން އޮޅުން ފިލުވަން އޭނަ އަތުކުރިއޮޅާލިއެވެ.
ދިޔާނާގެ ސުވާލުތައް ކުރިމަތިވާނެކަން މައުވާއަށް އެނގެއެވެ. މަޑުކޮށްނުލާ ގޮސްފިނަމަ ދިޔާނާގެ ހާސްކަން އިތުރުވެދާނެތީ މައުވާއަށް ޖެހުނީ މަޑުކުރާށެވެ. އޭނަ ވިސްނަމުން ދިޔައީ ދިޔާނާގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތަކާ މެދުގައެވެ. އޭނައަށް ޖެހޭނީ ދޮގު ހަދަންށެވެ. އެއީ ކުރަން އޭނައަށް އެންމެ އުނދަގޫ އެއްކަމެވެ.
''ސްކޫލްގަ ކަމެއް ދިމާވީތަ؟...'' މައުވާގެ މޫނާ ނަޒަރު ވަކިކޮށްލުމެއް ނެތި ދިޔާނާ އެހިއެވެ.
''ނޫން، ގިނަ އިރު ވީމަ މާބޮޑަށް ވަރުބަލިވީ...'' މައުވާ ޖެހިލުންވެފައި ހުރެ ބުންޏެވެ. އޭނަ އެހެދީ ދޮގެއް ކަމާމެދު ދިޔާނާއަށް ޝައްކު ވެދާނެތީއެވެ. ހަމައެއާއެކު ދޮގު ހަދަން ޖެހުމުން އޭނަ ހުރީ އުނދަގޫ ވެސް ވެފައެވެ.
މައުވާގެ ވާހަކަތައް ދިޔާނާ ޤަބޫލުކުރިއެވެ. މައުވާ ވެސް ޔުނިފޯރމް ބަދަލުކޮށްލުމަށް ދިޔާނާ ބުންޏެވެ. އަދި ތޫބާއާއި މައުވާއަށް ކާން ނަގާފައި ހުންނާނެ ކަމަށް ވެސް ބުނެލިއެވެ. މައުވާ ބޯޖަހާލަމުން ބެލީ ވިހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. ދިޔާނާއަށް އެކަމެއް ފާހަގަ ނުކުރެވުނެވެ. އޭނަގެ ސަމާލުކަން މާބޮޑަށް ވެސް ޓީވީން ދައްކަމުން ދިޔަ ޑްރާމާއަށް ހުއްޓުމުންނެވެ.
****
މައުވާ ކޮޓަރިއަށް ވަންއިރު ތޫބާ އޮތީ އެނދަށަށް ވެއްޓިގަނެގެން ރޯށެވެ. މޫނުގައި ބާލީސް އަޅާލައިގެން އޮތީ ގިސްލުމުގެ އަޑު ހިންދާލުމުގެ ނިޔަތުގައެވެ. މައުވާ ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ދޮރުތަޅުލަމުން ގޮސް އޭނަ ތޫބާގެ މަގަތުގައި އިށީނެވެ.
''ވެދާނެއެއްނު ފްރެންޑަކަށް ވެސް...'' މައުވާގެ ޚިޔާލަށް އެންމެ ފުރަތަމަ ވެސް އައި ބަސްތައް އޭނަ އަތުރާލިއެވެ. ތޫބާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނަ ހަމަ ރޮނީއެވެ.
''ތޫބާ...'' މައުވާއަށް ގޮވާލެވުނެވެ. އެއާއެކު ތޫބާ ރުއިން ހުއްޓާލަމުން މޫނާ ބާލީސް ވަކިކޮށްލިއެވެ. ދެން އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ މައުވާ އަށެވެ. މައުވާގެ ހިތުގައި އެވަގުތު ރިއްސާލިއެވެ. ތޫބާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިތާމައިގެ ސަބަބުންނެވެ. އެމޫނެކޭ ހިތާމަވެރި ތަސްވީރެކޭ ތަފާތެއް ނެތެވެ. އެރީތި ދެލޯވަނީ ރަތްވެފައެވެ. ދޮން މޫނުގެ ވިދުން ގެއްލިއްޖެއެވެ.
''ފްރެންޑުން އެހާ ކްލޯޒްކޮށް ތިބޭތަ، އެހާ ކްލޯޒް ފްރެންޑެއްގެ ވާހަކަ އަހަރެން ގާތު ނުބުނީ ކީއްވެތަ؟... މައުވާއަކަށް އިހުސާސެއް ނުކުރެވޭނެ އަހަރެންގެ ހިތުގައި އަޅާ ވޭނެއް... އަހަރެން ބޭނުމީ އެކަނި ވެލަން، ޕްލީޒް...'' ތޫބާ އަނެއްކާ ވެސް ބާލީހުން މޫނު ނިވާކޮށްލިއެވެ.
ތޫބާގެ ޖުމްލައިން މައުވާ ދެރަވިއެވެ. ތޫބާ އޭނަ ދެކެ ރުޅި އައުމުންނެވެ.
ތޫބާ ބޭނުންވި ގޮތަކަށް މައުވާ ކަންތައް ކޮށްދިނެވެ.
****
އަޞްރު ނަމާދުކޮށްލައިގެން މައުވާ ދިޔައީ ބަދިގެއަށެވެ. އޭނަ ހުރީ ބަނޑުހައި ވެގެން ގޮސް ހާންތިވެފައެވެ. އޭރު ބަނޑުން އަޑުގޮއްވަން ވެސް ފަށައިފިއެވެ. ކާއެއްޗެހި އަޅައިގެން އައިސް މައުވާ މޭޒު ދޮށުގައި އިށީނެވެ. އެވަގުތު ފެންތަށްޓެއް ބޯލަން ވަން ދިޔާނާއަށް ތޫބާ ނުފެނުމުން ސުވާލުކޮށްލިއެވެ.
''ނިދައިފި...'' ބަތްސުވާ ދިރުވާލަމުން ދިޔާނާގެ ސުވާލަށް ޖަވާބުދާރީ ވިއެވެ. މައުވާގެ ޖަވާބުން ދިޔާނާ ހިތްހަމަޖެހުނު ކަމަކަށް ނުވިއެވެ.
''ނުވެސް ކައި އެއޮއް ނިދީ، ދެން އުޅޭނެ ވައިހެދިގެން އުނދަގޫވާތީ...'' ކުދިކިޔަމުން ގޮސް ދިޔާނާ ތޫބާގެ ކޮޓަރިއަށް ވަނެވެ. ދިޔާނާ ގޮވާގޮވާ ވެސް ތޫބާއަށް ހޭލެވުނު ކަމަކަށް ނުވިއެވެ. އެންމެފަހުން އަނގަވާޅުވާން ފެށުމުން ދިޔާނާ ނިކުމެގެން ދިޔައީ ރުޅިއައިސްފައި ހުރެއެވެ.
އެކަނިމާއެކަނި އިނދެ ކައިނިންމާލަމުން ތަށި ދޮންނަން މައުވާ ތެދުވި ވަގުތެވެ. އޭރު އޭނަގެ ފުރަގަހުން އައިސް ޝިއާފް އަރާހަމަކުރިކަމެއް އޭނައަކަށް ނޭގެއެވެ. މައުވާ އެނބުރުނު ވަގުތު އޭނަގެ މޫނުގޮސް ޖެހުނީ ޝިއާފްގެ މޭގައެވެ. އެއާއެކު މައުވާއަށް އެތެރެއަށް ނޭފަތް ދަމާލެވުނީ ބޭއިހްތިޔާރުގައެވެ. އެހަށިގަނޑުން ދުވި ލުއި މީރު ވަހާއި ލިބުނު ހޫނުކަމުން މައުވާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާހަމައަށް ދުވެލީ ފޮނި ބާނީ ތަކެކެވެ. ބަނޑުން ކޮކާތައް ވެސް އުދުހޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނައަށް ފަހަތަށް ޖެހިލަން އެނގުނީ ޝިއާފް ކަރުކެހިލުމުންނެވެ.
ގަތް ލަދާ އެކު ބިންގަނޑު ފަޅާލާފައި އަޑިއަށް ދިޔަނަމައޭ މައުވާގެ ހިތަށް އެރިއެވެ. އޭރު އޭނަގެ އަތްފައި ވަނީ ފިނިވެފައެވެ. އަވަސްއަވަހަށް ގޮސް ސިންކު ކައިރިއަށް މައުވާ ހުއްޓުނެވެ. އަތުގައި އޮތް ތަށިވެސް ވެއްޓި ތަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ. މައުވާއަށް އައި ބަދަލުން ޝިއާފް ގާތަށް ހިނިއައެވެ.
ލަސްލަހުން މައުވާ ތަށި ދޮންނަން ފެށިއެވެ. ބޭނުމަކަށް ވީ ތަށި ދޮވެ ނިމޭ އިރު ޝިއާފް ފެންނަން ނެތުމެވެ. ފަސްވަރަކަށް މިނެޓް ފަހުން މައުވާ ތަށި ދޮވެ ނިންމާލަމުން އިސްއުފުލާލިއެވެ. އޭރު ޝިއާފް ހުރީ ސީދާ އޭނަގެ މޫނަށް ބަލާށެވެ. މިހުރިހާ ވަގުތަކު ޝިއާފް ބަލަން ހުރިކަން ހާމަވުމުން ހިތް އޭގެ ދުވެލި އަވަސްކޮށްލި ކަހަލައެވެ. އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ކީއްވެގެން ކަމެއް ނޭގެއެވެ. މައުވާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.
''ހާދަ ވަރަކުން ތަށްޓެއް ތި ދޮވެނީ؟...'' ޝިއާފްގެ އަޑު މިފަހަރު އިވިގެން ދިޔައީ ދާދި ގާތުންނެވެ. މައުވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއަޑުގައި އެވަނީ ކޮންފަދަ ބާރެއް ހެއްޔެވެ؟ އޭނަގެ ހިއްސުތައް އޭގެ ބާރުގެ ދަށަށް ކޮންމެ ފަހަރަކު ގެނުވައެވެ.
ޝިއާފް ދެންވެސް ދާކަށް ގަސްދެއް ނުކުރިއެވެ.
ޝިއާފްގެ ބޭނުން ދެނެގަންނާކަށް މައުވާގެ ސިކުނޑިއަށް ނުކުޅަދާނަ ވިއެވެ. ޝިއާފް އޭނައަށް ހާއްސަ ސަމާލުކަމެއް ބަހައްޓާކަން މައުވާއަށް ވަނީ އިހުސާސްވާން ފަށާފައެވެ. އެދެމެދުގައި އެކުވެރިކަމުގެ ގުޅުން ވިންދު ޖަހަން ފެށި ހިސާބުންނެވެ. ބައެއްފަހަރު ޝިއާފް ބަލާ ގޮތުން އޭނަ ރަކި ވެއެވެ. ހީވަނީ މުޅި އުމުރު ދުވަހު ބެލިކަމުގައި ވިޔަސް ޝިއާފްގެ ހިތް ނުފުރޭހެންނެވެ. މައުވާގެ ހިތުގައި ޖަވާބު ނުލިބޭ ސުވާލުތައް ވަނީ ފުނިޖެހިފައެވެ. އެސުވާލުތަކުގެ ޖަވާބު ވެސް ދެވޭނީ ހުދު ޝިއާފަށެވެ. ނަމަވެސް ހަމަހިލާ އަހާކަށް އޭނައަށް ނުކެރޭނެއެވެ.
ފާއިތުވެގެން ދިޔަ މަހެއްހާ ދުވަސް ތެރޭގައި ޝިއާފާއި މައުވާގެ އެކުވެރިކަން ވަނީ ރަގަޅަށް ބަދަހިވެގެން ގޮސްފައެވެ.
''ކާން ހަދަން ވީތަ؟...'' މައުވާ އަހާލިއެވެ.
''އުހޫނނނ...'' ޝިއާފް ގެ އަޑު ކުރިއަށްވުރެ ކައިރިވެގެން ދިޔަ ފަދަ އިހުސާސެއް މައުވާއަށް ކުރެވުނެވެ. އޭނައަށް ނޭވާ ހިފަހައްޓާލެވުނެވެ. ލޭގެ ހިނގުންވެސް އަވަސް ކުރުވައިފިއެވެ. ޝިއާފްގެ ހަށިގަނޑުގެ ހޫނުކަން މިހާރު މައުވާއަށް އިހުސާސް އެބަކުރެވެއެވެ. އެއާއެކު ހިންދިރުވާލެވުނެވެ.
''ދާނަންތަ އަހަންނާއެކު ސައިކަލު ބުރެއް ޖަހާލަން...'' މައުވާގެ ކަންފަތް ދޮށުގައި ޝިއާފް ބުންޏެވެ. މައުވާގެ ކަނދުރާއަށް އެޅިގެން ދިޔަ ހޫނު ނޭވާއާއި ޝިއާފްގެ ކޮންމެ ލަފުޒެއް ކަންފަތުގައި ގުގުމާލި ހިނދު ފެއިންޓް ވެދާނެހެން މައުވާއަށް ހީވިއެވެ. އެހޫނު ނޭވާ އަދިވެސް ކަނދުރާއަށް ބޮސްދެމުން ދިޔައެވެ. ޝިއާފްގެ ތުނބުޅީގެ ގޯނާވެސް މައުވާއަށް އެބަ އިހުސާސް ކުރެވެއެވެ. އެއާއެކު މަޑު ހީލިކެރުވުމެއް ހަށިގަނޑަށް އުފަން ވެގެން ދިޔައެވެ. އެވަގުތުކޮޅު ދިގުވުމަށް ހިތާހިތުން އެދެވެން ފެށުނެވެ. އެހެނަސް މީހަކަށް ފެނިދާނެތީ އޭނަ ބިރުގަތެވެ. މިހާރު ދެޒުވާނުން ތިބި ގޮތް ފެނިއްޖެ ކޮންމެ މީހަކަށް އެމަންޒަރު ސިފަވާނީ ގޯހުން ގޯހަށެވެ.
''ޝި..ޝިއާފް...''
މައުވާ ދުރަށް ޖެހިލިއެވެ. އެނާޒުކު ހިތުގެ މައްޗަށް ބާރުފޯރުވުން ވީ ދަތި ކަމަކަށެވެ. ޝިއާފް މައުވާއަށް ބަލަން ހުރީ ޖަވާބު ބޭނުންވެފައެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
މައުވާގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. އާނ ބަސް ދޭން ބޭނުންވިއެވެ. ނަމަވެސް އެއިން އެންމެ ލަފުޒެއް ވެސް ދުލަކާ ހަމައަށްް ނައެވެ. ޝިއާފްގެ ދެލޮލުން އޭނައަށް ކަމެއް އަންގައިދޭން އުޅޭ ކަހަލައެވެ. އެދެލޮލުގައި ބުނަން ފަސްޖެހިފައިވާ ސިއްރެއް ރައްކާކުރެވިފައިވާ ފަދައެވެ. މައުވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ޔަޤީނުން ވެސް މިހާރު އެދެމެދުގައި ވަނީ އެކުވެރިކަމުގެ ގުޅުމެއް ނޫނެވެ.
ދެޒުވާނުނަށް ވެސް ސިހިފައި ބަލާލެވުނީ މީހެއްގެ ހިލަން ވުމުންނެވެ. ދެޒުވާނުންނަށް ވެސް ދޮރާއި ދިމާއަށް ބަލާލެވުނީ އެކީއެއްފަހަރާ އެވެ. އޭރު ތޫބާގެ ދެލޯބޮޑުކޮށްލައިގެން ހުއްޓެވެ. އަނގަވެސް ވަނީ ކުޑަކޮޅެއް ހުޅުވިފައެވެ. ފެނުނު މަންޒަރެއްގެ ސަބަބުން އަޖައިބުވެ އަންތަރީސްވެފައިވާކަން އެމޫނުމަތިން އަންގައިދެއެވެ.
މައުވާ އަވަސްއަވަހަށް ދާން އުޅުނެވެ. ނަމަވެސް ތޫބާ އެކަން ވިޔަކަ ނުދިނެވެ. ލިބުނު ހައިރާންކަމެއްގެ ސަބަބުން އޭނައަށް ލިބިފައިވާ ހިތާމަތައް މަތިން ވެސް ހަނދާން ނެތިއްޖެއެވެ.
ޝިއާފް ބޮލުގެ ފުއްކިބައިގައި ފިރުމާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ތޫބާއަށް ކިހާ ވަރަކަށް ފެނުނުތޯ އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. މީހަކަށް ފެނިދާނެކަމާމެދު ވިސްނާނުލެވުމުން އަމިއްލަ މޮޔަކަމާއޭ ވެސް ހިތަށް އެރިއެވެ. ތޫބާގެ ސުވާލުތަކަށް ނިމުމެއް ނުވާނެކަން އޭނައަށް އެނގެއެވެ. އޭނަ ޝުކުރުވެރިވީ ދިޔާނައަށް ނުފުނުނީތީއެވެ. އޭރުން ވާނެ ގޮތެއް ވެސް ހިތަށް ގެންނަން ދައްޗެވެ.
''ވަޓް އިޒް ގޮއިންގް އޮން...'' ތޫބާ އެހި އެވެ. އެއަޑުގައިވަނީ ޝައުޤުވެރިކަމެވެ.
''ކަމެއް އެބަ ވޭތަ؟، ތޫބާއަށް ކިހިނެއް ވެފަ ތިހުރީ؟...'' ޝިއާފް ބެލީ ވާހަކައިގެ މިސްރާބު އަނބުރާލެވޭތޯ އެވެ.
ތޫބާ ވަރަށް ވެސް ހުޝިޔާރެވެ. ތޫބާއަށް އޮޅުވާނުލެވޭނެކަން ކަށަވަރުވުމުން، ތޫބާއާ ލޮލުގެ އިޝާރާތުން ވާހަކަތަކެއް ޝިއާފް ބަދަލުކޮށްލިއެވެ. އެއާއެކު ތޫބާގެ ދޫލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ.
''މައުވާ ގާތު ކާން ހަދާދީބަލާށޭ ދޯ ބުނީ؟...'' ޝިއާފް މައުވާއަށް ދޯ ދިނެވެ. ހަމައެއާއެކު މައުވާ އާނބަސް ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. މައުވާ އޭރު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނިތުގައި ދަލުގެ އަސަރު އެކުލެވިގެން ވިއެވެ.
''އެހެން ދޯ؟...'' ތޫބާ ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.
ތޫބާ އެހާ ފަސޭހައިން އެވާހަކަ ޤަބޫލުކުރުމުން މައުވާއަށް ހައިރާންކަން ވެސް ލިބުނެވެ. ނަމަވެސް ޝިއާފްގެ ނަޒަރުން ސަލާމަތް ވާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކަމަށް ވެސް ސަމާލުކަމެއް ނުދެވުނެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް މައުވާ ބަދިގެއިން ނިކުތެވެ.
މައުވާ ދިއުމާއެކު ތޫބާ ޝިއާފް ގާތަށް ޖެހިލިއެވެ. ތަފުސީލީ ރިފޯޓެއް ބޭނުންވެފައި ހުރެއެވެ.
''ހޫމްމްމް، އައި ލައިކް ހާރ...'' ޝިއާފް ސިއްރުން ބުނެލިއެވެ. އެއާއެކު ތޫބާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ހަޤީޤަތުގައި ވެސް އޭނަ ހުރީ މައުވާއާ މެދު އުފާވެފައެވެ. އަދި ޝިއާފާއި މައުވާ ގުޅެން ބޭނުންވެފައެވެ. އެކަމުގައި ވެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދޭން އޭނަ ހުރީ ތައްޔާރަށެވެ. ޝިއާފް ކަމަކަށް ނަން ގަންނައިރަށް އެކަމެއް ފުރިހަމަކޮށްދޭނަމޭ ވެސް ބުނެލިއެވެ.
''އޯ.އެމްޖީ، އޯ.އެމް.ޖީ، އައި ކާންޓް ބިލީވް ދިސް!....'' ތޫބާއަށް ބުނެވުނެވެ. އުފަލުން ގޮސް އޭނަގެ ދެފައި ބިމުގައި ހަރުނުލައެވެ.
''ޑިޑް ޔޫ ޓެލް ހާރ؟...''
''މޯމެންޓް ޚަރާބުކޮށްލާފަ އަދި އެބަ އަހައެއްނު...'' ކުޑަކޮށް ހިތްހަމަނުޖެހުން މޫނުން ދައްކާލަމުން ޝިއާފް ބުނެލިއެވެ. އެއާއެކު ތޫބާ ގާތަށް އައީ ހިންޏެވެ. ''އިހަށް އިވީ ގާތު އެއްވެސް ވާހަކައައެއް ނުބުނައްޗޭ...''
ތޫބާ އެހީގެ އަތެއް ފޯރުކޮށްދޭން އެދުމުން ޝިއާފް ބުނީ އޭނަގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލުމަށެވެ. ތުންފަތް އަރިއަކަށް ދަމާލަމުން ތޫބާ އެގޮތާ ވެސް ޤަބޫލުވިއެވެ.
****
ތޫބާގެ ފޯނަށް އަލޫފް ގުޅަން ފެށުމުން އޭނަ ފޯނު ކަޑާލިކަމުގައި ވިޔަސް ކޯލްއައުން މަދެއް ނުވިއެވެ. ދެރަވިޔަސް ބޭވަފާތެރިއަކަށްޓަކައި ކަރުނަ އޮއްސަން ތޫބާ ބޭނުމެއް ނުވިއެވެ. ހިތުގެ ކެކުޅުމުގެ މައްޗަށް އޭނަ އިސްކުރީ ރުޅިއެވެ. ފޯނު ނިއްވާލަން އުޅުނު ވަގުތު އަލޫފްގެ މެސެޖެއް އައެވެ. ފޫހިވެފައި ހުރެވެސް ތޫބާ އެމެސެޖް ކިޔާލިއެވެ.
''ކީއްވެތަ ފޯނު ކަނޑާލަނީ؟، ބޭބް ހިތްހަމަނުޖެހޭ ވަރުގެ ކަމެއް އަހަންނަށް ކުރެވުނީތަ؟...'' ހިތާމަވެރި މޫނަކާއެކު މެސެޖްގައި އޮތެވެ. ތޫބާގެ ރުޅިގަނޑު ފަޅައިގެން ދާހާ ވިއެވެ. އޮޅުވާލުމުގައި އަލޫފް ވަރެއް ނެތެވެ. މެސެޖަށް ރައްދު ދޭން އުޅެފައި ތޫބާ އެންމެފަހުން އަލޫފަށް ގުޅާލިއެވެ. ހަމަ ގުޅާލިއިރަށް އަލޫފް ފޯނު ނެގައިފިއެވެ. އެއަޑުގައި ވަނީ ކަންބޮޑުވުމެވެ.
''އަލޫފް ދެން އަހަންނަށް ނުގުޅާތި!...'' ތޫބާ ރުންކުރުވިއެވެ. ވާހަކަ ދައްކަމުން ގޮސް ރޮވިދާނެހެން ވެސް ހީވި ވަގުތުކޮޅެއް އައެވެ.
''ކިހިނެއްތަ ވެގެން މިއުޅެނީ؟، އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟، އަޅެ ބުނެބަލަ، އޭރުންނެއްނު އަހަންނަށް އެކަމެއް ރަގަޅު ކުރެވޭނީ ވެސް...'' އަލޫފް ދެރަވެފައި ބުންޏެވެ.
''އަދިވެސް އަހަރެންތަ ބުނަންނަވީ، އަލޫފް ވިސްނާލީމަ އެނގޭނެ އަހަންނަށް އޮޅުވާލި ވަރު، ވަރަށް ފޫހިވޭ...'' ތޫބާގެ ހިތުގައި ރިއްސާލި އެވެ. ލޮލަށް ކަރުނަ ޖަމާވި ހިނދު އޭނަގެ އަޑު ކުރެހިގެން ދިޔަ އެވެ.
''ބޭބީ ރޮނީތަ؟...'' އަލޫފް އަހާލިއެވެ. ތޫބާގެ ގިސްލުމުގެ އަޑު އިވުމުން އަލޫފްގެ ހިތަށް ނުބައި ގޮތެއް ވިއެވެ.
''އަހަރެން ބޭބީއަށް ކޮންކަމެއް އޮޅުވާލި ވާހަކަތަ ތިބުނީ؟...'' ތޫބާގެ ރުއިމުގެ އަޑުން އުނދަގޫ ވެފައި ހުރި އަލޫފް އޭނަގެ ސިކުނޑީގައި ބުރުޖަހަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ބޭނުންވެފައި ހުރެ އަހާލިއެވެ.
''ދެން ކާކާ އެކުތަ މިއަދު ހަވީރު ދިޔައީ؟، އަހަރެން ދުށީމޭ...'' ރުއިމުގެ ތެރެއިން ތޫބާ ބުންޏެވެ.
ތޫބާގެ ޖުމްލަ އަޑު އިވިފައި އިރުކޮޅަކަށް ވިޔަސް އަލޫފް ހުއްޓުން އެރިއެވެ. އެއާއެކު އޭނައަށް ހުރިހާ ކަމެއް ވިސްނިއްޖެއެވެ. އަލޫފް އަވަސްވެގަތީ ތޫބާގެ ހިތުގައިވާ ޝައްކު ފިލުވާލަދޭށެވެ. އޭނަ ތޫބާދެކެ ވާ ލޯބި ހާމަކޮށްދޭށެވެ.
''ތޫބާ ޕްލީޒް އެއްފަަހަރު ވިޔަސް އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ، ތޫބާއަށް ތިވިސްނެނީ މުޅިން ގޯސްކޮށޭ، އަހަރެން ކީއްވެތަ އޮޅުވާލަންވީ؟ އަހަރެން ތޫބާ ދެކެ ވަރަށް ބޮޑަށް ލޯބިވޭޔޭ....'' އަލޫފްގެ އަޑުގައި ރިހުމެއް ވިއެވެ.
''ދެން އެކާކުތަ؟، އަދި އޭނަ އިނީ ވެސް ބައްދައިގެންނޭ...'' ތޫބާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
''އެފެމިލީ ފްރެންޑެއް، މިއަދު މާލެ އައީމަ އޭނަ އެދޭ ވަރުން ސައިކަލު ދުއްވާލަން ދިޔައީ...'' އަލޫފް ބުނެދޭން އުޅެނެވެ. އެހެނަސް ތޫބާ އޭނަގެ ޖުމްލަ މެދު ކަނޑާލިއެވެ.
''ދޮގު ހަދަނީ ކީއްވެތަ؟...'' ތޫބާ ޤަބޫލެއް ނުކުރިއެވެ.
''އަހަރެން ދޮގެއް ނުހަދަމޭ... ޕްލީޒް ޓްރަސްޓް މީ، އަހަރެންނަށް ވަރަށް އުނދަގޫވިޔޭ އެކަމުން، ފަހުން ސައިކަލު މަޑުކޮށްފަ ބުނިން އެވާހަކަ ވެސް، އަދި އަހަރެން ތޫބާއާ ރައްޓެހިވެގެން އުޅޭ ވާހަކަ ވެސް، ތޫބާ ބޭނުންނަމަ އަހަރެން އޭނައާ ވާހަކަ ވެސް ނުދައްކާނަން، ހުވާކޮށްފަ މިބުނަނީ، އަހަރެން ލޯބިވަނީ ހަމައެކަނި ތޫބާ ދެކެ، ވަރަށް ބޮޑަށް ލޯބިވޭ...'' އަލޫފް ބުންޏެވެ. އަލޫފް އެތައް ވަރަކަށް ވާހަކަ ދައްކައިގެން ތޫބާ އެވާހަކަަތައް ޤަބޫލުކުރިއެވެ. ނަމަވެސް ދެން ދުވަހަކު ވެސް އެއަންހެންކުއްޖާއާއި އަލޫފް ބައްދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމުންނެވެ. ތޫބާ އަލޫފްއަށް ދެވަނަ ފުރުސަތެއް ދިނީ ވާ ލޯތްބެއްގެ ސަބަބުންނެވެ. އޭނަވާ ލޯތްބަށް ޤަދަރުކުރާނެ ކަމުގެ އުއްމީދާ އެކުގައެވެ.