ފެރީގައި ހޭދަވި ވިހި މިނެޓް ގަރުނަކަށް ދެމިގެން ދިޔަ ފަދައެވެ. މައުވާގެ ގާތުގައި ޝިއާފް އިންއިރު އެދެމެދުގައި ރަސްކަންކުރަމުން ދިޔައީ މަރުގެ ހިމޭންކަމެވެ. އެކަމާ ހުރެ ޝިއާފްގެ ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އޭނަގެ ހިތުގައި އޮތް ބިރުވެރިކަން ހަޤީޤަތަކަށްވެ ނިމިދާނެތީ މުޅި މީހާއަށް ވަނީ ސިހުން ގެނުވާފައެވެ. އޭނަ ވިސްނަމުން ދިޔައީ މައުވާ ގާތު ހަދާނެ ފަށުވި ދޮގަކާ މެދުގައެވެ. ކޮންމެ ބަހެއްވެސް އަތުރާލަން ޖެހޭނީ މައުވާގެ ޅަސިކުނޑިއަށް ވިސްނޭނެ ގޮތަކަށެވެ. އޭނަގެ މައްޗަށް ކުރާ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށެވެ. މައުވާ އަނދިރީގައި ބަހައްޓައިގެން ވިޔަސް އެލޯބި ހާސިލުކުރަން ޝިއާފް ބޭނުމެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް ހެޔޮކަމަށް ދެކި އެކަމެއް ކުރަން އަތުކުރިއޮޅާލި އެވެ.
ޝިއާފް މައުވާއަށް ފުން ނަޒަރެއް ދިނެވެ. އިސްއޮބާލައިގެން އިންއިރު މައުވާ ދިޔައީ އަތުގެ އިނގިލިތަކާ ކުޅެލަމުންނެވެ. ކިތަންމެ ފަހަރަކު އެއަތުގައި ހިފަން ޝިއާފްގެ ޒަމީރު ގޮވިއެވެ. ނަމަވެސް ނޭގޭ ސަބަބަކާ ހުރެ އޭނައަށް ފަސްޖެހެވެނީއެވެ. އަމާނީގެ ސަބަބުން މައުވާގެ ހިތުގައި ޝައްކެއް އުފަންވެފައި އޮވެދާނެތީއެވެ. އަމާނީ ކަންތައް ކުރި ގޮތުން އެއީ ވުން އެކަށީގެންވާ ކަމެކެވެ. އޭގެ ސަބަބުން ޝިއާފް އަމާނީ ދެކެ ވަރަށް ގަދަޔަށް ރުޅި އައެވެ.
މައުވާ ވިސްނިވަރަކަށް ފުންމިން ނޭގޭ ކަނޑެއްގެ ތެރެއަށް ގެނބެމުންދާ ފަދަ ނުބައި އިހުސާސުތަކެއް ކުރެވުނެވެ. އަމާނީއާއާއި ޝިއާފާ ދެމެދު އޮތް ގުޅުމެއް ނޭގެނީސް އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ވެސް ދެން ނުލެވޭނެއެވެ. ހިތަށް ވެރިވެގެންނަ ގޮތް ނޭގޭ ހިޔާލުތަކުން މެޔަށް ތޫނު ތަދެއް ވެސް އަރައިގެންދެއެވެ. އެއީ ތެދަކަށް ނުވުމަށް އެދި ހިތާހިތުން ދުޢާކުރެވުނު އަދަދެއް ނޭގެއެވެ. އޭނަ ޝިއާފަށް ކުރާ އިތުބާރު ގެއްލިދާނެތީ ބިރުވެރިކަމުގެ ސައިލަކުން މުޅި މީހާ ވަށާލައި ހާސްކުރުވަމުން ދިޔަ އެވެ. މައުވާއަށް ދެފަރާތަށް ބޯހޫރާލެވުނީ ސިކުނޑީގެ ނާރުތަކަށް ވާން ކުރުވަމުން ދިޔަ ނުބައި ޚިޔާލުތަކާ ދުރުވުމަށެވެ.
''އިވީ...'' އެންމެފަހުން ކެތްނުކުރެވިގެން ޝިއާފް މައުވާގެ އަތްތިލައިގައި ހިފާލިއެވެ. މައުވާއަށް ބަލާލެވުނީ ޖޯޑުކޮށްލެވިގެން ދިޔަ ދެމީހުންގެ އަތްތިލައަށެވެ.
''އައި ނޯ ވަޓް ޔޫ އާރ ތިންކިންގް އެބައުޓް... އިވީގެ ހުރިހާ ކުށްހީއެއް ފިލުވާލަދޭން އަހަރެން ބޭނުން، އެކަމަކު މިތާކު ނޫން، ދެމީހުން އެކަނިވީމަ، އޭރުން ހަމަޖެހިލައިގެން ވާހަކަދައްކާލެވޭނީ... އަހަރެން ވަރަށް ލޯބިވޭ އިވީދެކެ، އެލޯބި ބަޔާންކޮށްދޭން ކޮންމެ ފަދަ ކަމެއް ކުރަން އިވީ ބުންޏަށް ހިތުން ރުހުމުން އެކަމެއްކޮށްދޭނަން...'' ޝިއާފް މައުވާގެ އަތްތިލައަށް ފިތާލަމުން ބުންޏެވެ.
މައުވާގެ ނަޒަރު ޝިއާފްގެ މޫނަށް ދަތުރުކޮށްލިއެވެ.
އެދެލޮލުން ބުނަމުން ދިޔައީ އޭނައަށް އިތުބާރު ކުރުމަށެވެ. އޭނަ ދައްކަން އުޅޭ ވާހަކަ އަޑު އެހުމަށެވެ. ޝިއާފް އޭނަ ދެކެ ވާ ލޯބި ކޮންމެ ހަރަކާތެއްގައި ވެސް އެކުލެވިގެން ވިއެވެ. ނިމުމެއް ނުވާ ފަދައަކުންނެވެ. މައުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެނޭވާއާއެކު އެތެރެހަށީގައި އުފެދިފައިވި އުދާސްތައް ބޭރުކޮށްލި ކަހަލައެވެ. އޭނަ ޝިއާފަށް ފުރުސަތު ދިނެވެ. އަމާނީއާ ދެމެދުވާ ގުޅުން ހާމަކޮށްދިނުމަށެވެ. އޭނަ ހީކުރާ ގޮތަށް ނުވުން ވެސް އެއީ އެކަށީގެންވާ ކަމެކެވެ. ލޮލުން ފެންނަ ކޮންމެ މަންޒަރަކާއެކު ގޮތް ނިންމަން ވެއްޖެއްޔާ ސަލާމަތަކީ ކޮބާ ހެއްޔެވެ؟ ލޮލަކީ ގިނަފަހަރު އިންސާނުންނަށް ކެހިދޭ ގުނަވަނެކެވެ. އޭގެ ދަލުގައި ޖެހި ކިތައް ގޯސް ނިންމުން މީހުން ނިންމައެވެ. އެއިން މީހަކަށް ވާކަށް މައުވާ ބޭނުމެއް ނޫނެވެ.
*****
އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުން އުދަރެސް ފަވާލަމުން ގޮސް އިރު އޭގެ ވަދާއި ސަލާމް ރައްދުކުރުމުގެ ގޮތުން މޫދުގެ ސަތަހައިގައި ބޮސްދީފިއެވެ. ގަދަ އޮރެންޖް ކުލައިން ފެވިގެން ދިޔަ ވިލާތައް މިނިވަންކަމާއެކު ކޮޅުކޮޅަށް ދަތުރުކުރަން ފެށިއެވެ. އެކަމުގައި ވިލާތަކަށް އެހީގެ އަތެއް ފޯރުކޮށްދެމުން ދިޔައީ ފިނިފިނި ރޯޅިތަކުންނެވެ. ބަޑިބަޑި ލައްވަމުން އައިސް ގޮނޑުދޮށާއި ސަމާސަކުރަމުން ދިޔަ ރާޅުތައް ވެސް ހީވަނީ ބަޔަކާ ވާދައަކަށް ނިކުމެފައި ވާހެނެވެ. ފަޅި ސިކުންތުކޮޅަކަށް ވިޔަސް ރާޅުގެ އަޑުފަށްގަނޑު ކެނޑިގެން ނުދެއެވެ.
ބާރބެކިއުގެ ތައްޔާރީތައްވެ ނިމި އަލިފާންގަނޑު ރޯކުރެވުނީ ހަތެއްޖަހަން އުޅެނި ކޮށެވެ. އެންމެންވެސް ފޯރީގައި އެމަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ފޮޓޯނެގުމުގައިވެސް އެއްބަޔަަކު އަވަދި ނެތި އުޅުނެވެ. ޝިއާފް ހުރީ މައުވާއާ އެކަނި ވާހަކަދައްކާލާނެ ފުރުސަތަކަށް ކޮޅުމަތި ބަލަބަލައެވެ. އޭނައަށް އެމަގު ފަހިވެގެން ދިޔައީ ކެއުމުގެ ގަޑި ޖެހުމުންނެވެ.
ޝިއާފްގެ އެދުމުގެ މަތިން މައުވާ ގޮސް އިށީނީ އެންމެނާ ތަންކޮޅެއް ދުރުގައެވެ. ރޯޅިތަކުގެ ގޯނާތަކުން އިރުއިރުކޮޅާ މައުވާގެ މޫނަށް އިސްތަށިކޮޅުތައް ފައިބައިގެން ދެއެވެ. ޝިއާފް މައުވާއަށް ބަލަން އިނދެފައި މައުވާގެ މޫނަށް ފައިބައިގެން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދިނެވެ. އެވަގުތު މައުވާގެ ކޯތާފަތުގައި ޝިއާފްގެ އިނގިލިތަކުގެ ކުރި ބީހިގެން ދިޔައެވެ. މައުވާއަށް އިސްއުުފުލާލެވުނީ ކުއްލިޔަކަށެވެ. އެއާއެކު ދެޒުވާނުންގެ ދެމެދުގައިވާ ދާއިރާގެ ހަނިކަމާ ހުރެ މައުވާގެ ލޭގެ ހިނގުން އަވަސް ކުރުވައިފިއެވެ. ޝިއާފްގެ ހޫނު ނޭވާތައް މައުވާގެ މޫނުގައި ލޯތްބާއެކު ބަސްދެމުން ދިޔައެވެ. އެއިން ކޮންމެ ބޮސްދިނުމަކާއެކު މައުވާގެ ނޭވާ ފުންކުރުވައެވެ. އެހާ ގާތުން ޝިއާފް ފެނި ހިތް ކަމަކަށް އެދި ގޮވަން ފެށިއެވެ.
ޝިއާފަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުނީ ލައްކަ އުނދަގުލުންނެވެ. އޭނަ މައުވާއާ ދުރަށް ޖެހިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މައުވާ ވެސް އޭނަގެ ނަޒަރު ހުއްޓާލީ އަތުގައި އޮތް ތަށްޓަށެވެ. ހިތުގެ ވިންދު ހަމައަކަށް އަޅުވާލަން އުނދަގޫވެފައި އިނދެއެވެ.
''އަހަންނާ އަމާނީއާ ފުރަތަމަ ދިމާވީ އޮފީހުން، އޭރު އޭނަ އުޅޭނީ ބޮސްގެ ޕީއޭއަކަށް... އޭރު ވެސް އޭނަގެ ނަފުސާނީ މައްސަލައެއް އުޅޭ، އޭނައާ އަހަރެން ރައްޓެހިވީ ބޮލަށް އުނދަގޫވާ ހިސާބަށް ދިއުމުން، އަހަރެން ކުޑަކޮށް ވެސް ލޯބިވެގެންނެއް ނޫން، އަމިއްލައަށް މަރުވެދާނަމޭ ކިޔާ ވަރުން، އެއްފަހަރު ސުއިސައިޑް އެޓަމްޕްޓެއް ވެސް ކުރި، އެފަހަރު ސަލާމަތްވީ ހަމަ ކިރިޔާ... އަމާނީއާ ރަށްޓެހިވާން ޖެހުނު އެންމެ ބޮޑު ސަބަބުއެއީ، އެކަމަކު ގިނަ ދުވަހަކަށް ނުހުރެވުނު، ކިހިނެއް ލޯބި ނުވާ މީހަކާ އެކު އުޅެވޭނީ؟، އަދި އެހާ ގޮތް ބޮޑުވާނެ، ޝީޒް އެ ޓޯޓަލް ފްރީކް... އަހަރެން ވެސް ބިރުގަނޭ ބައެއް ފަހަރު އަމާނީއަށް ވާގޮތަކުން، އެންމެފަހުން ސައިކޮލޮޖިސްޓެއްގެ އެހީ ހޯދަން ފެށިފަހުން ބްރޭކަޕް ވީ... ބްރޭކަޕް ވި އިރަށް ހީވީ އެހެން މީހަކު ވުޖޫދަށް އައިހެން... ދެން ކިޔަން ފެށީ އަހަރެން އޭނައަށް އަނިޔާ ކުރިއްޔޯ، އަހަރެން ފެންނައިރަށް ބިރުގަންނަ ކަމަކަށް ހެދި އަހަރެންގެ އަގު ވައްޓާލަން އަމާނީ މަސައްކަތްކުރީ...... ފަހުން ނަފުސާނީ މައްސަލަ ބޮޑުވެ ގުރާދޫއަށް ވެސް ގެންދިޔަ...'' ޝިއާފް ކިޔައިދިނެވެ. އޭނަގެ ވާހަކަތަކަަށް މައުވާ ފުރިހަމައަށް އިތުބާރުކުރާނެ ފަދައިންނެވެ. ވީވެސް އޭނަ އުއްމީދުކުރި ހެންނެވެ.
ޝިއާފްގެ ވާހަތަކުން މައުވާގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހިތަށް ބިރުވެރިކަންވެސް ވަނެވެ. އޭނައަށް އަމާނީ ސިފަކުރެވުނީ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައެވެ. އަމިއްލައަށް މަރުވާން އުޅުނު ކުއްޖަކު އެހެން މީހަކަށް ގެއްލުން ދޭން ފަހެއް ނުޖެހޭނެއެވެ. ނުވީތާކަށް އަމާނީއަށް ވަނީ ގުރާދޫން ވެސް ފަރުވާދީފައެވެ. އެހާ ނުރައްކާތެރި މީހުން މުޖުތަމައު ތެރެއަށް ދޫކުރެވިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ ބަލިގަނޑު އުތުރިއަރައިގެން އަންނަ ވަގުތު ކައިރީގައި ހުންނަ މީހަކަށް ކޮންމެ ފަދަ ހާނިކައެއް ވެސް ދޭން ފަހެއް ނުޖެހޭނެއެވެ.
''އިވީ...'' ގަނޑުވެގެެން ދިޔަ މައުވާ ސިހުނީ ޝިއާފް އޭނަގެ ކޮނޑުގައި އަތް ބާއްވާލުމާއެކުގައެވެ.
މައުވާގެ ހިތް ޝިއާފަށް މުޅިން ސާފުވެގެން ދިޔައެވެ. ޝިއާފާ މެދު ހިތުގައި ޝައްކު އުފެދުމުން މައުވާ ދެރަވިއެވެ. ޝިއާފަށް މަޖުބޫރީއެއް ކުރިމަތި ވެދާނެ ކަމާމެދު ވިސްނާނުލެވުނީ ކީއްވެގެން ހެއްޔެވެ؟ ލޮލަށް ފެނުނު މަންޒަރަށް ބަރޯސާވެ ނިންމުމެއް ނުނިންމުނުކަން އެއީ އޭނަގެ ނަސީބެވެ. އެހެންނޫންނަމަ ދާއިމަށް ދެމިގެންދާނެ ފުން ޒަހަމެއް މޭގައި ލެވުނީސްކަން ކަށަވަރެވެ. އޭނަގެ އަލަތު ލޯބި އަތުން ބީވީސްކަން ގައިމެވެ. މައުވާ ހިތާހިތުން ނިންމާލިއެވެ. މީގެ ފަހުން ޝިއާފާ މެދު ހިތުގައި ޝައްކެއް ވެސް އުފެދުމުގެ ފުރުސަތު ނުދިނުމަށެވެ. ފުރިހަމައަށް އިތުބާރު ކުރުމަށެވެ. ހިތުގައި ވިންދުޖަހާ ހިނދަކު އެހިތް ލޯބިން ފުރާލަދިނުމަށެވެ.
''އިވީ، ޔޫ އާރ މައި އެވްރީތިންގް... މިއަދު އަމާނީ އަހަންނަށް ބަލަން ހުރި ގޮތުން އެނގުނު އިވީގެ ހިތުގައި ޝައްކު އުފެދުނުކަން... އެއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ހާލަތެއް... އަހަރެން އިވީ އަށް ބްލޭމް ނުކުރާނަން... ބަޓް ޓްރަސްޓް މީ، އަހަންނާ އަމާނީއާ ދެމެދު އޭރުވެސް މިހާރުވެސް ގުޅުމެއް ނެތް... އަހަންނަށް އެންމެ ފުރަތަމަ ލޯބި ވެވުނު ކުއްޖަކީ ތީ، ލޯތްބަކީ ކޮން އިިހުސާސެއް ކަމާއި ލޯބި ވެވުމުން އަންނަ ބަދަލުތައް އަންގައިދިން ކުއްޖަކީ ތީ، އަހަރެން ވަރަށް ލޯބިވޭ އިވީ ދެކެ...'' ޝިއާފް އަސަރާއެކު ބުންޏެވެ. އެއާއެކު މައުވާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.
ޝިއާފްގެ ޖުމްލައިން މައުވާގެ ހިތް އާސުމާނުގައި އުދުހުނު ކަހަލައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް މިލްކުވެގެން ދިޔަ ފަދައެވެ. މައުވާގެ ލޮލުން ފޭދިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އޭނަ ދެކެ އެހާ ލޯބިވާ އިންސާނަކު ލިބުމުން ހިތާހިތުން މާތްﷲއަށް ޝުކުރު އަދާކޮށްލެވުނެވެ. އެގުޅުން ދާއިމަށް ދެމިގެން ދިއުމަށް އެދި ދުޢާވެސް ކޮށްލެވުނެވެ. މައުވާއަށް ސިފަކުރެވުނީ އޭނައަކީ ދުނިޔޭގައި މިވަގުތު ހުރި އެނެްމެ އުފާވެރި އަންހެންކުއްޖާ ހެންނެވެ. ޝިއާފާއެކު ހޭދަވާ ކޮންމެ ސިކުންތަކު އެކަން ޝިއާފް އޭނައަށް ހަނދާންކޮށްދެއެވެ. މިއީ ހާދަ ފުރިހަމަ ލޯތްބެކެވެ.
މައުވާގެ ލޮލުން ކަރުނަ ފޭބުމުން ޝިއާފް ކަންބޮޑު ވިއެވެ. އަދި އަވަސްއަވަހަށް އެކަރުނަތައް ފޮހެލަދިނެވެ. ޝިއާފްގެ ބީހުމާއެކު މައުވާއަށް އެސްފިޔަތަށް މަރާ ތަގުޅިކޮށްލެވުނެވެ. ލިބުނު ދައުވަތާއެކު ޝިއާފް އޭނަގެ ނިތް ގެނެސް މައުވާގެ ނިތުގައި ޖައްސާލިއެވެ. ދެޒުވާނުންގެ ނޭވާވެސް ގުޅިލާ މެހިގެން ގޮސްފިއެވެ. ސިކުންތަކަށް ފަހު ސިކުންތަކަށް ހިތް އަވަސް ކުރުވާފައެވެ. މައުވާ ހިތްވަރުކޮށްލަމުން ލޯހުޅުވާލިއެވެ. އެހާ ގާތުން ޝިއާފްގެ ކަތިނަޒަރު އަމާޒުވެފައިވާތަން ފެނި ހިތް ފޫއަޅުވާލި ފަދައެވެ.
ޝިއާފް މައުވާގެ އަތުގައި ހިފާލަމުން ގެނެސް އޭނަގެ ހިތާއިވީ ފަޅީގައި ޖައްސާލިއެވެ. އެހިތުގެ ވިންދު އިހުސާސްކުރެވުނު ހިނދު މައުވާއަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭނެ ގޮތެއް މިދުނިޔޭގައި ވެސް ވާނެ ހެނެއް ހިޔެއްނުވެއެވެ.
''ޔޫ ސްޓޯލް މައި ހާރޓް އިވީ...'' ޝިއާފް މާނަ ފުން ޖުމްލައެއް ބުނެލިއެވެ.
''އައި ލަވް ޔޫ...'' ލިބުނު އުފަލެއްގެ ބޮޑުކަމުން މައުވާގެ ދުލަށް އާދަޔާ ޚިލާފު ބާރެއް ލިބުނެވެ. ޝީއާފްގެ ލުއި ހީލުމުގެ އަޑު މައުވާގެ ކަންފަތުގައި ގުގުމާލިއެވެ. އެއަޑުގެ ތެރެއަށް ހިތާއި ޖާނު ގެނބިގެން ދިޔައެވެ. ހަމަހޭވެރިކަން ވެގެން ދިޔައީ ޝިއާފް އޭނަގެ ނިތުގައި ބޮސްދިނުމުންނެވެ. އެތުންފަތުގެ ފުރަތަމަ ހަދިޔާއާއެކު މައުވާއަށް ލިބުނު އުފާވެރިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ޝިއާފް ދުރަށް ޖެހިލި އިރު މައުވާގެ މޫނު ވަނީ ލަދުވެތިކަމުން ފަވާލެވިފައެވެ. ޝިއާފް މައުވާގެ އަތްތިލައަށް ވެސް ބޮސްދިނެވެ. ހުސް ލޯބިން ފުރިގެންވި ހަދިޔާތަކެވެ. ވާ ލޯބި ހާމަކޮށްދެއެވެ. ދެހިތުގެ ލޯތްބަށް އާރޯކަމާއި ތާޒާކަން ވެސް ގެނެސްދީފިއެވެ.
ދެޒުވާނުންގެ ލޯބީގެ ތަރި ފަނޑުވުމެއް ނެތި މެދުއުޑުގައި ފިޔަޖަހަން ފެށިއެވެ.
*****
އަމާނީގެ ހާސްކަމަށް ނިމުމެއް ނެތް ފަދައެވެ. ކޮޓަރި ތެރޭގައި އޭނަ އެނބުރެމުން ދިޔައެވެ. ޝިއާފްގެ ފަރާތުން ފެނުނު އިންޒާރުގެ ސަބަބުން މުޅި މީހާ ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އަޑެއް އިވިލިޔަސް ދަނީ ސިއްސައިގެންނެވެ. ބިރުން ގޮސް މީހާ ހުރީ ވިރިވިރިއެވެ. ބޭނުން ނުވިޔަސް ފިލްމެއްގެ ސިފައިގައި އޭނައަށް ލިބުނު އަނިޔާތަކާއި ވޭން ލޯކުރިމަތިން ފެންނަން ފެށިއެވެ. ދެން ކަންފަތުގައި ހަރުލައިގެން ދިޔައީ ނުލަފާ ހުނުމެއްގެ އަޑެވެ. އަމާނީއަށް ކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. ދެފަރާތަށް ބޯހޫރަމުން ބިންމައްޗަށް ތިރިވެވިއްޖެއެވެ.
ބައެއްގެ އަތުގެ ތެރޭގައި ކުޅޭކުޅޭ ބުދަކަށް އޭނަ ވެގެން ދިޔައީ އެންމެ އިންސާކަށް ކުރެވުނު އިތުބާރެއްގެ ސަބަބުނެވެ. ވެވުނު ލޯތްބެއްގެ ސަބަބުންނެވެ. އޭނަ ވެއްޓިގެން ދިޔަ ފުންމިން ނޭގޭ އަނދުވަޅުގެ ތެރެއިން އަދިވެސް އަރައިނުގަނެވެއެވެ. ލޯބީގެ ނަމުގައި ގިރިޓީކޮށްފައި ދެއްކި ދަޅައިގައި ޖެހި އޭނަގެ ދުނިޔޭގައި ހުޅުރޯވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހަޤީޤަތް ހާމަވެގެން ދިޔައިރު މަޅި އޮތީ އޭނަގެ ކަރަށް މެހި ނިމިފައެވެ. އެހެނަސް އޭނަ ސަލާމަތަށް އެދި އޭނަގެ އަލަތު ލޯބިވެރިޔާގެ ގާތު ރޮއި އާދޭސްކުރިއެވެ. އޭނައަށް އެފަދައިން ކަންތައް ނުކުރުމަށް އެދި ފައިބުޑަށް ވެއްޓުނެވެ. ނަމަވެސް އޭނަގެ އުއްމީދުގެ ހުޅުކޮޅު އެމީހާ ނިވާލީއެވެ. އެނުބައި އަމަލުގައި ޝާމިލުވެ އޭނަގެ ރޫހު މަރާލިއެވެ. ހިތަކުން ދުވަހަކު ފިލައިގެން ނުދާނެހާ ތަދުތައް އޭނައަށް ދީފައެވެ.
''ނޫން...ނޫން...''
އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަމާނީގެ ދަތްދޮޅީގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވެއެވެ. އޭނައަށް މަޑު އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. ކަންފަތުގައި ހަރުލާފައިވާ އަޑުތައް އިވުން ނުހުއްޓުނެވެ. ލޯކުރިމަތިން ސިފަވާން ފެށި މަންޒަރުތައް ވެސް މެއެވެ. އޭނަގެ މުޅި ވުޖޫދު އެނބުރިގަތް ފަދައެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން ވެސް ބޭނުންވިއެވެ. ނަމަވެސް ނުފެންނަ އަތަކުން ދުލުގައި ހިފަހައްޓާފައިވާ ކަހަލައެވެ. ރޮވުން ނޫންކަމެއް އޭނައަކަށް ނުކުރެވުނެވެ. ހަށިގަނޑުން ހަކަތަ ހުސްވެ އޭނަ މުށިތަކުގެ މައްޗަށް ދެމުނެވެ. އެއާއެކު އޭނަގެ ނަޒަރު ހުއްޓިގެން ދިޔައީ ފަންކާއަށެވެ. އިރުކޮޅެއް ވަންދެން ފަންކާއަށް ބަލަން އޮވެފައި އޭނަ ތެދުވެއްޖެއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަލަމާރިން ހެދުންތަކެއް ނަގައި ފަށެއް ބަނުމުގެ މަސައްކަތް ފެށިއެވެ. އެކަމުން އަވަދިވުމާއެކު ފަސޭހައިން ކަރަށް މެހިގެންދާނެ މަޅިއެއް ހަދާލިއެވެ.
ގޮނޑީގައި ކޮޅަށް ހުރި އަމާނީ އޭނަގެ އަތުގައި އޮތް ދަންމަޅިއަށް ބަލާލީ ފުސްވެފައިވާ ދެލޮލުންނެވެ. އޭނައަށް ދެން އިތުރަށް ކެތްނުކުރެވޭނެއެވެ. އިވެމުން ދިޔަ މަލާމާތުގެ ހުނުމުގެ އަޑާއި ފެންނަ މަންޒަރުތައް ފުނެންނާނެ ހިސާބަކަށް ދާން އޭނަ ބޭނުމެވެ. ގަދަވަޔާއި ތޫފާނުގެ ތެރޭގައި ފަތަފަތާ އޭނަ ވަރުބަލިވެއްޖެއެވެ. ދެން ކުރިއަށް ދެވޭނެހާ ހަކަތައެއް އޭނަގެ ގަޔަކު ނެތެވެ.
އަމާނީ ކަރަށް މަޅި މަހާލަމުން ފައިން ޖަހާ ގޮނޑި ވައްޓާލަން އުޅުނު ވަގުތު މަރާލެވުނު އެސްފިޔަތަކުގެ ތެރޭން ސިފަވެގެން ދިޔައީ މައުވާގެ މައުސޫމް މޫނެވެ. އެއަންހެންކުއްޖާގެ ހަޔާތަށް ބޯމަތި ކުރަމުން އައި ބޮޑު ތޫފާނެވެ. އޭގެ ކެރީގަ ހަމަލާތައް ކޮންމެ ފަދަ ވަގުތެއްގައި އަމާޒުވެދާނެއެވެ. ނުބައި ބައެއްގެ އަތްދަށުވެ އެކުއްޖާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދާ މަންޒަރު ބަލަން ފުރުސަތު ދީގެން އޭނަ ހުންނަން ވީ ހެއްޔެވެ؟ ނުފެންނަ ކަމަކަށް ހަދާފައި އަންހެންކުއްޖަކަށް ލިބޭނެ އެނެްމެ ބޮޑު އަނިޔާ ދޭން ދޫކޮށްލަން ވީ ހެއްޔެވެ؟
ބަނޑުހައި ވެފައިވާ ސިންގާތަކެއްގެ ވަކިތަކުން އެކުއްޖާ ސަލާމަތްކުރަން އަމާނީގެ ޒަމީރު އެދި ގޮވަން ފެށިއެވެ. މައުވާއަށް ބަލާފައި އެއީ އުމުރުން ހަގު ކުއްޖެއަކަން އެނގެއެވެ. އެއުމުރުގައި އޭނައަށް ދިމާވި ފަދަ ބިރުވެރި ހާދިސާއަކާ ކުރިމަތިލާން ވެއްޖެނަމަ އެކުއްޖާފުޅަށް ކެތެއްނުކުރެވި މަރުވެދާނެކަން އެއީ ޔަޤީންކަމެކެވެ. މިއަދާ ޖެހެންދެން ވެސް އަމިއްލަ ފުރާނަ ދުއްވާލަން އުޅެއުޅެ އެކަން ހާސިލު ނުވި ސަބަބަކީ މިއީ ހެއްޔެވެ؟ މައުވާއަށް ކުރިމަތިވެފައިވާ މުސީބާތުން ސަލާމަތްކޮށްދީ ހިމާޔަތުގެ އައްސޭރިއަކަށް ގެންދިއުމަށް ތަޤުދީރުގައި ލިޔެވިފައިވަނީ އޭނަގެ ނަން ހެއްޔެވެ؟
ސިކުނޑި ވަށާލާފައިވާ ބޯވިލާތައް ފޫއަޅުވާލައި އުއްމީދުގެ ދޯދިތައް ފެތުރިގެން ދިޔައެވެ. ދިރިހުރުމުގެ އާއުއްމީދެއް އަމާނީއަށް ހޯދަދީފައެވެ. އަމާނީއަށް ލޯހުޅުވާލެވުނެވެ. އޭނަގެ ހިތުގައި ވި އަޒުމު ވަރުގަދަ ވެގެން ދިޔައެވެ. މައުވާގެ ދިފާއުގައި އައްޑަނައެއްގެ ސިފައިގައި ނިކުންނަންވެސް އޭނަ ހުރީ ތައްޔާރަށެވެ. އެހިތުގައިވާ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނަސް ހެޔޮކަމުގައި ދެކެމުންނެވެ. އޭނަ ވަރަށް ގިނަ ދުވަހު އެބިރުވެރިކަމުގައި ސިހިސިހި ހުރެ ދުވަސްތައް ހޭދަކޮށްފިއެވެ. މީ ކެރިގެން އެބިރާ ކުރިމަތިލާންވީ ވަގުތެވެ.