ވަގުތާއެކު މީޒާގެ އަޑުގަދަވުން ނޫންކަމެއް ނުވިއެވެ. ފާޅުވެގެން ދިޔަ ސިއްރުތަކާއެކު ގެއަށް ކުޑަވަރެއްގެ ޒަލްޒަލާއެއް އައިސްފައިވާ ކަހަލައެވެ. އޭގެ ބާރުގައި ލިބުނު ގެއްލުންތައް އަންދާޒާކޮށްލެވޭވަރެއް ވެސް ނޫނެވެ. މީޒާ ހުއްޓުމެއްނެތި އިމްރާނާ ޒުވާބުކުރަމުން ދިޔަ އެވެ. އެހިތަށް ކޮށްފައިވާ ފުންއަސަރުތައް ރުޅީގެ ސިފަ ޚިޔާރުކޮށްފައިވުމުން އެއިހުސާސްތައް ހިންދާލުން މީޒާއަށް ވީ އުނދަގޫ ކަމަކަށެވެ. ލޯބިވާ ފިރިމީހާ އޭނައަށް އެހާ ބޮޑު ކެއްސެއް ދީފާނެކަން ޤަބުލުކުރަން އޭނައަށް އަދިވެސް ވަނީ ދަތިވެފައެވެ. އެންމެފަހުން ޒުވާބުކުރަމުން ގޮސް މީޒާއަށް ރޮވުނީއެވެ.
މީޒާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އިންތިހާއަށް ރުޅިއައިސްފައި ހުރި އިމްރާނުގެ ކަންފަތުގައި މީޒާގެ ރުއިމުގެ އަޑު ޖެހުމާއެކު އޭނައަށް ވީ ގޮތެއް ވެސް ނޭގުނެވެ. މީޒާ ގާތަށް ޖެހިލެވުނުއިރު އެމޫނުމަތިން ހިތާމަޔާއި މާޔޫސްކަން ފެންނަމުން ދިޔަ އެވެ. އިމްރާން މީޒާގެ އަތުގައި ހިފާލުމާއެކު މީޒާ ނުރުހުމާއެކު އިމްރާނާ ދުރަށް ޖެހިލިއެވެ.
''ދުރުގަ ހުރޭ، މިހާރު މާ ހެޔޮއެދޭ މީހަކަށް ވާން އުޅޭނެކަމެއް ނެތް...'' އިމްރާނާ ދިމާއަށް ލޯއަޅާލަމުން މީޒާ ބުނެލިއެވެ. އަދި ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލީ ނުހަނު އަވަސް ހަރަކާތްތަކާއެކުގައެވެ.
''ކިހިނެއް ވެގެންތަ މިއުޅެނީ؟...''
ކަންތައް ވަރަށް ގޯސްވެފައިވާކަން ހަދީޖާއަށް ނަގައިގަނެވުނު ހިނދު އިމްރާނުގެ ދެމަފިރިންގެ ދެމެދަށް ސުލްހަވެރިކަން ގެނެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އޭގެ ސަބަބުން އިހުނަށްވުރެ މީޒާ ރުޅިގަދަ ވިއެވެ. އަދި ހަދީޖާއަށް އިމްރާނުގެ ފަތިފުށްހާމަކޮށްލިއެވެ. އެއާއެކު ހަދީޖާއަށް ޝޮކެއް ލިބުނު ފަދައެވެ. ދެލޯބޮޑުވެ މީހާ ގަބުވިއެވެ. ހަމަހޭވެރިކަން ވާން ވެސް އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނަ އިމްރާނަށް ބަލާލީ އެއީ ތެދެއް ނޫންކަން ހާމަކުރަން އެދޭ ހާލުގައެވެ. އޭނަގެ ދަރިއަކު އެހާ ދަށުދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެއެވެ. މިކަމުގައި ކޮންމެވެސް ނުބައެއް އަބައުޅެއެވެ.
''އިމްރާނު!، ހިމޭނުން ނުހުރެ އެއްޗެކޭ ބުނެބަލަ، ތެދެއްތަ އެއީ؟...'' ހަރުކަށިކަމާއެކު ހަދީޖާއަށް ބުނެވުނެވެ. އޭނަ މީޒާއާއި ގާތަށް ޖެހިލުމާއެކު މީޒާއަށް ހަދީޖާގެ ގައިގައި ބައްދާލެވުނެވެ. އެއަށްފަހު އޭނައަށް އަނެއްކާ ވެސް އަޑުވީއްލާ ރޮއިގަނެވިއްޖެއެވެ.
''މަންމާ، ތިހީކުރާ ގޮތަކަށް ކަމެއް ނުވެޔޭ...... މިޒާ ހިނގާ ކޮޓަރިއަށް...'' އިމްރާނު ބުނެލިއެވެ.
''ނުދާނަމޭ ބުނެފީމެއްނު، ދެން އިތުރަށް ދޮގު ހަދަން ނޫޅެ ހަޤީޤަތް ހާމަކުރިއްޔާ ރަގަޅުވާނީ...'' އިމްރާނާ ކުރިމަތިލަމުން މީޒާ ބުންޏެވެ. އިމްރާނު ދައްކާ ފަށުވި ދޮގުތަކަށް އޭނަ ހައްލާލެވޭނެކަމަށް ހީކުރަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިހާރު އޭނަގެ ދެލޯ އެވަނީ ހުޅުވިފައެވެ. އިތުރަށް އޭނަ އަނދިރީގައި ނުބެހެއްޓޭނެއެވެ.
''ދެން އެންމެ މިނެޓަކަށް ވެސް އިމްރާނާ އެއްފުރާޅެއްގެ ދަށުގައި ހުންނާކަށް އަހަރެން ބޫނުމެއް ނޫން، ތި ކުޅެމުންދާ ކުޅިގަނޑު ކުރިއަށް ގެންދަން ބޭނުންވަންޏާ ޖެހޭނީ އަހަރެން ވަރިކުރަން، ދެވަނަ ފުރުސަތެއް އިމްރާނަށް ދޭކަށް އަހަރެން ބޭނުމެއް ނޫން!...'' މީޒާ އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ. ގެއްލިގެންދާ އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. އޭނަ ކިތަންމެ ވަރަކަށް އިމްރާނަށް އިތުރު ފުރުސަތެއް ދޭން ބޭނުން ވިޔަސް ދެވަނަ ފަރަށް އޭނައަށް ކެހި ނުދޭނެ ކަމުގެ އޮތީ ކޮން އުއްމީދެއް ހެއްޔެވެ؟ އެއްފަހަރު ވައުދާއި އަހުދު އުވާލި މީހަކު ދެވަނަ ފަހަރަށް ވެސް އެކަން ތަކުރާރު ކުރާނެއެވެ. އޭގެ އިތުުރުން މީހާގެ ކަށީގައި ހަރުލާފައި ހުރިކަމެއް ބަދަލެއް ވެސް ނުކުރެވޭނެއެވެ. އިމްރާނާއި އެކު އޭނައަށް އުފަލެއް ނުލިބޭނެއެވެ. ލިބޭނެހާ ވެސް އެއްޗަކީ ހިތްދަތިކަމެވެ. މިހާރުވެސް އޭނަ އެދަނީ އެވޭން އޭގެ ފުރިހަމަކަންމަތީ އިހުސާސްކުރަމުންނެވެ.
''މީޒާ...'' އިމްރާނު ގޮތް ހުސްވެފައިވާ ރާގަކަށް ގޮވާލިއެވެ. އޭނަގެ އަޑުގައި ވަނީ އާދޭހެވެ. މީޒާގެ ހިތް ފަޅި ސިކުންތުކޮޅަކަށް އެގޮވާލުމަށް އިޖާބަ ދިނެވެ. ނަމަވެސް ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑުން އެއިހުސާސްތަކުގެ މައްޗަށް ކުރި ހޯދައިފިއެވެ.
''ދަރިފުޅާ އަދި ތިވިސްނެނީ އެންމެ ރަގަޅަކަށް ނޫނޭ، ތި ނިންމުމުން ޒިވްޔަންއަށް ވެދާނެ ގޮތަކާމެދު ވިސްނަބަލަ، ރުޅީގެ މައްޗަށް ބަރޯސާވެ ނިންމާ ނިންމުންތަކުން ފަހުން ހިތާމަކުރަން ޖެހިދާނެ... އެންމެ ފަހަރަކު ވިޔަސް އިމްރާނު ބުނަން އެއުޅޭ އެއްޗެއް އަޑުއަހާބަލަ، ކޮންމެ ކަމެއްގަ ވެސް ދެކޮޅު އޮންނާނެ އެއްނު....'' ހަދީޖާ މަސައްކަތްކުރީ މީޒާއަށް ވިސްނައިދެވޭތޯއެވެ. މީޒާގެ ނިންމުމުން ކިތަންމެ ދިރިއުޅުމެއް ބަނަވެގެން ހިނގައިދާނެތީއެވެ.
''މަންމައަށް ގޯސްވަނީ އަހަރެންތަ؟، ބަލަ އިމްރާނު ކުރީ މަޢާފު ދެވޭ ވަރުގެ ކުށެއް ނޫނޭ، އޭނަ ޒިވްޔަންއާ މެދު ނުވިސްނަންޏާ އަހަރެން ވެސް ވިސްނުމުގެ ބޭނުމެއް ނެތް؟...'' ރުޅީގެ ސަބަބުން ބޮލަށް ސަވާރުވެފައިވާ ޝައިތާނާގެ ސަބަބުން މީޒާއަށް އޭނަގެ ނިންމުމާމެދު ރަގަޅަށް ވިސްނައެއްނުލެވުނެވެ. ލިބުނު ހިތާމައިގެ ސަބަބުން އެވަގުތު އޭނައަށް އެނޫން އިތުރު ގޮތެއް ނުފެނުނީއެވެ.
''ބަލަ ކިތައްފަހަރު ބުނީމަތަ މީޒާއަށް އަޑުއިވޭނީ؟، ތިހީކުރާ ގޮތަކަށް އެއްވެސް ކަމެއް ނުވެޔޭ...'' އިމްރާނު ރުންކުރު ރާގަކަށް ބުނެލިއެވެ. އޭނަ މީޒާއަށް ވިސްނައިދޭން ވަރަށް މައްސައްކަތްކޮށްފިއެވެ. ނަމަވެސް މީޒާ އެހުރީ އެއްވެސް އެއްޗެއް ވިސްނޭނެފަދަ ހާލަތެއްގައެއް ނޫނެވެ. އެކަމުގެ ސަބަބުން އޭނަ ދެރަ ވެސް ވިއެވެ.
''ދެން ކިހިނެއް އަހަރެން ވިސްނަންވީ؟، އޭނނ؟، ބުނެބެލަ، ތިދެމީހުން އެކީގަ ލަންކާއަށް ދާން ތިއުޅެނީ ކީއްކުރަން؟، އެވެސް އަހަންނަށް ވަގަށް... އަންނަ ހަފްތާގަ ބިޒްނަސް ޓްރިޕަކަށް ދާ ވާހަކަ ބުނެފަ އަހަންނަށް އޮޅުވާލީ އޭނައާއެކު މަޖާކުރަން ދާކަށް ނޫންތަ؟... ރެއާދުވާލު އޭނަ މިގެއަށް ފާވެގަނެގެން އުޅެނީ ކީއްވެ؟، މަގޭ ރަގަޅުކަމުގެ ނާޖާއިޒް ފައިދާ ވަރަށް ގިނަ ދުވަހު ހިފިއްޖެ، ދެން އިތުރަށް އެފުރުސަތެއް ނުދޭނަން، އަޑުއިވިއްޖެތަ!...'' މީޒާ ހަޅޭއްލަވައިގަތެވެ.
ސްކޫލުން ގެއަށް އައިސް ވަން ޒިވްޔަންއަށް ލޯކުރިމަތިން ނިއުޅެމުން ދިޔަ ސިލްސިލާ ފެނި ހުއްޓެވުނެވެ. ދެކެވެމުން ދިޔަ ވާހަކަތައް ފަހުމުނުވިކަމުގައި ވިޔަސް އޭނަގެ މައިންބަފައިންގެ ދެމެދުގައި އުފެދިފައިވާ ކޯޅުންގަނޑު ވިހަކަން ޒިވްޔަންއަށް ނަގައިގަނެވުނެވެ. އެއީ އޭނައަށް އާކަމެއް ނޫނެނެވެ. ނަމަވެސް ކަންތައް މިހާ ހިސާބަށް ގޮސްފައި ވަނިކޮށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
އުނަގަނޑުގައި ދެއަތް ވިއްދާލި އިމްރާނަށް ދޮރާދިމާއަށް ބަލާލެވުނެވެ. ސްކޫލުން އައި ގޮތަށް ހުއްޓުން އަރާފައި ހުރި ޒިވްޔަން ފެނުމާއެކު އޭނަ މީޒާގެ ދުލުގައި ހިފަހައްޓަން އަވަސްވެގަތެވެ. ޒިވްޔަންއަށް މިކަމުގެ ނޭދެވޭ އަސަރުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. ފުރާވަރަށް އެރީއްސުރެ ޒިވްޔަންގެ ހުންނަ ނަފްސާނީ މައްސަލަތައް މިކަމުގެ ސަބަބުން އިހުނަށްވުރެ ގޯސްވެދާނެތީއެވެ.
''ހިނގާ ކޮޓަރިއަށް...'' މީޒާގެ އަތުގައި އިމްރާނު ހިފިއެވެ. އެއާއެކު އިމްރާނުގެ އަތް ފޮޅުވާލަން މީޒާ އުޅުނެވެ. ކާމިޔާބުވާ ގޮތް ނުވުމުން ދުލަށް އައިހާ އެއްޗެހި ކިޔަން ފެށިއެވެ. އިމްރާނުގެ ފަރާތުން މިނިވަންވާން މަސައްކަތްކުރަމުން ދިޔަ މީޒާއަށް ޒިވްޔަން ފެނުމާއެކު އިރުކޮޅަކަށް ހުއްޓުން އެރިއެވެ.
ވަމުން ދިޔަ ކަންތަކާ ހުރެ ބޯހާސްވެފައި ހުރި ހަދީޖާއަށް ޒިވްޔަން ފެނި އަވަސްވެގަތީ ޒިވްޔަން އޭނަގެ ކޮޓަރިއަށް ވެއްދުމަށެވެ. ޒިވްޔަންއަށް އޭނަގެ މާމަގެ ހުށަހެޅުމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނަ އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތެވެ. ޒިވްޔަން ޔުނިފޯރމް ބަދަލަކުރަމުން ދިޔަ އިރުވެސް ހަޅޭއްލެވުމާއި ޒުވާބުކުރުމުގެ އަޑު ގޭތެރެއިން ކެނޑިގެން ނުދެއެވެ.
މީޒާ ގަދަކަމުން ކޮޓަރިއަށް ވެއްދުމާއެކު އަތުގައި ޖެހުނު އެއްޗެއް ވިއްޔާ އިމްރާނާ ދިމާއަށް ހޫރަން ފެށިއެވެ. އިމްރާނު ހުޝިޔާރުކަމާއެކު ހަމަލާތަކުން ރެކެމުން ގޮސް މީޒާގެ އަތުގައި ހިފެހެއްޓިއެވެ. އޭނަގެ މޫނުގައި ރުޅިވެރިކަމަށް ވުރެ ބޮޑަށް ވަނީ ހިތާމައެވެ. މީޒާއަށް ބުނެދޭން އޭނަ ބޭނުންވާ ކިތަންމެ ވާހަކަތަކެއް އެބަހުއްޓެވެ. ނަމަވެސް މީޒާ އޭނަގެ ވާހަކަތައް ޤަބޫލުކޮށްފާނެކަމާމެދު ހިތުގައި ވަނީ ޝައްކު އުފެދިފައެވެ.
''ޕްލީޒް ލިސިން ޓު މީ...'' އާދޭހުން ފުރިގެންވި ރާގަކަށް އިމްރާނު ބުނެލިއެވެ.
''ދޫކުރޭ...'' މީޒާ ނުރުހުންވުމާއެކު ބުނެލިއެވެ. އެއާއެކު މީޒާގެ އަތުން އިމްރާނު ދޫކޮށްލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އޭނައަށް ބޮލުގެ ފުއްކިބައިގައި އަތް ހިންގާލެވުނީ ވީ ތަދުންނެވެ. އޭރު ޓައިލްސްތަކުގެ މައްޗަށް މީޒާ ގެންގުޅޭ ކުނޑިދަޅު ވެއްޓި ބައިބައިވެގެން ދިޔަ އަޑުފަށްގަނޑު ހަރުލާފައި ވެއެވެ.
''ކަލޭ ޖެހޭނީ އަހަރެން ވަރިކުރަން...'' މީޒާ ތަކުރާރުކޮށްލިއެވެ. އެމޫނު ބަނަކަމުން ގޮސް ހީވަނީ އަނދިރި ވިއްސާރަވިލާގަނޑެއް ހެންނެވެ. މީޒާގެ ޖުމްލައިން އިމްރާނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއްޗެއް ބުނަން ދެފަހަރެއްގެ މަތިން މީޒާއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެފަހަރަކު އޭނައަށް ފަސްޖެހެވުނީ އެމޫނުގައިވި ރުޅިވެރިކަން ފެނިފައެވެ.
ދުންޖަހާލާފައި ކޮޓަރިން ނިކުންނަން ދިޔަ މީޒާ ހުއްޓުވަން މިފަހަރު އިމްރާން އެއްވެސް މަސައްކަތެއް ނުކުރިއެވެ. މީޒާ ބޭނުންވި ފަދައިން ދިއުމުގެ ފުރުސަތު އޭނަ ދިނެވެ. ކިތަންމެ ވަރަކަށް ހުއްޓުވަން ބޭނުންވި ކަމުގައި ވިޔަސް އެހައިސިއްޔަތު އޭނައަށް އެވަނީ ގެއްލިފައެވެ. އެޅުވިގެން ދިޔަ ދޮގު އިލްޒާމުތަކާއެކު އިމްރާނަށް މުށްކަވާލެވުނެވެ. އޭނަގެ މޫނު ރުޅިވެރިކަމުން ފޯވެގެން ދިޔަ ހިނދު ސާރާގެ ނަން ކިޔާލެވުނެވެ. މިހުރިހާކަމެއްގެ އިސް މޭސްތިޔިރަކީ ސާރާ އެވެ. އޭނަގެ މަޤުސަދު ކިތަންމެހާ ވެސް ފުރިހަމައަށް ހާސިލުކޮށްފިއެވެ.
*****
މެންދުރުގެ ކެއުމަށް އިންސާފުކޮށް ނިމި ޢާއިލާގެ ހުރިހާ މެންބަރުން ތިބީ ބޮޑުކޮޓަރީގައެވެ. ތަފާތުވާހަކަތައް ދެކެވެމުން ދަނިކޮށް ގޭގެ ބެލްޖަހާލި އަޑު އިވުމާއެކު ގޭގައި ގެންގުޅޭ ކުއްޖަކަށް ހާޖަރާ ގޮވާލިއެވެ. އެއާއެކު ބަދިގޭގައި އުޅުނު ރޭކާ އަވަސްވެގަތީ ދޮރުހުޅުވަން ދިއުމަށެވެ. ހުޅިވިގެން ދިޔަ ދޮރާއެކު މީޒާ އެތެރެއަށް ވަނެވެ. އޭނަ ފެނުމާއެކު ސޯފާގައި ތިބި އެންމެނަށް ކޮޅަށް ތެދުވެވުނެވެ. ހާޖަރާ ފިޔަވާއެވެ. އޭނަގެ މޫނު ވަނީ ބަނަވެފައެވެ.
''ދަރިފުޅާ...'' މާނޫން ގަޑިއެއްގައި މީޒާ އައުމުން ކަމެއް ގޯސްވެއްޖެކަން އިބްރާހީމަށް ވަގުތުން ނަގައިގަނެވުނެވެ. އޭނަ މީޒާ ގާތަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ.
''ބައްޕާ...'' މީޒާއަށް އޭނަގެ ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އޭރު ހާޖަރާ ފިޔަވާ ޢާއިލާގެ ހުރިހާ މެންބަރުން ވެގެން އުޅޭ ގޮތެއް ބެލުމަށް އަވަސްގަތެވެ.
''ދަރިފުޅާ، ރުއިން ހުއްޓާލާފަ ވެގެން އުޅެ ގޮތެއް ބައްޕައަށް ކިޔާ ދީބަލަ...'' ލޯތްބާއެކު މީޒާގެ ބޮލުގައި ފިރުމާލަމުން އިބްރާހީމް ވާހަކަދެއްކިއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު ކަރުނައަޅައި ރޯތަން ފެނުމުން އޭނަގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. މިނޫނީ ހިތުގައި ޖެހި މީޒާ ރޮނިކޮށް އޭނައަށް ފެނިފައި ނުވެއެވެ.
''އެކަނިތަ ތިއައީ، ކޮބާ އިމްރާނު؟...'' ކަންބޮޑުވެފައި ހުރި އިބްރާހީމް ސުވާލުކުރިއެވެ. އެއާއެކު ކުރިއަށްވުރެ ބޮޑަށް މީޒާގެ ގިސްލުމުގެ އަޑު ގަދަވިއެވެ. އޭގެ ސަބަބުން އިބްރާހީމަށް ލިބިފައިވާ ހާސްކަން އިތުރުވިއެވެ.
''ބައްޕާ........'' ގިސްލުމުގެ ތެރެއިން މީޒާއަށް ބުނެވުނެވެ. މީޒާ ގެންގޮސް ސޯފާގައި ބައިންދަމުން ފެންތައްޓެއް ގެނައުމަށް ރޭކާއަށް އިބްރާހީމް އިޝާރާތްކޮށްލިއެވެ. އޭރު މީޒާގެ ދެބޭބެއިން ވެސް ވެގެން އުޅެ ގޮތެއް ސާފުނުވެގެން ކަންބޮޑުވެފައި ތިއްބެވެ. ހާޖަރާ ހަށަންބަނދެލައިގެން އިނީއެވެ. އޭނަ މީޒާ ދެކެ ކިތަންމެ ނުރުހިފައިވި ކަމުގައި ވިޔަސް މީޒާ ގިސްލަގިސްލާފައި ރޮމުން ދިޔަތަން ފެނި ހިތަށް އަސަރުކުރަން ފެށިއެވެ.
ރޭކާ ގެނައި ފެންތަށިން ކޯވަރެއް ބޯލަމުން މީޒާ ކަރުނަތައް ފޮހެލިއެވެ. ގިނައިރު ހަޅޭއްލެވުމުގެ ސަބަބުން އޭނަގެ ކަރުނައި ރިއްސަމުން ދިޔައެވެ. އެކަމާހެދި އޭނައަށް ވާހަކަަދެއްކުންވީ އުނދަގޫ ކަމަކަށެވެ. އެހެނަސް ކުރިމަތިވަމުން ދިޔަ ސުވާލުތަކަށް ޖަވާބު ނުދީ މީޒާއަށް ގިނަ އިރަކު ނުހުރެވުނެވެ. ރޮމުންރޮމުން އޭނަ އިމްރާނުގެ ނުބައި ވާހަކަ ކިޔައިދިނެވެ. އެވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ ހާޖަރާގެ މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ.
''ކޮބާ، މަ ކުރިން ވެސް ބުނީމެއްނު ރަގަޅު ބޮނޑިއެއް ބޮއެގެން އަަހަރުމެންގާތަށް އޭނަ އަންނާނެއޭ، މަގޭ ވާހަކަ ދެރަކޮށްލުމުގެ ނަތީޖާ މިހާރު ތިފެންނަނީ، މަށަށް މާކުރިން ވެސް އެނގުނޭ އެއިމްރާނު ރަގަޅު ނުވާނެކަން، އެކަމަކު މަ އެހެން ބުނީމަ މަށަށް ވުރެ ނުބައި މީހަކު ދުނިޔޭގައި ހުރިކަމަކަށް ނުވި، އެކަމުގެ ނަތީޖާ މިފެންނަނީ...'' ހާޖަރާ އޭނައަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފިއެވެ. އޭނަ މީޒާ ދެކެ ރުޅި އަންނަ ސަބަބަކީ އެއީއެވެ. އޭނައާ ދެކޮޅަށް އިމްރާނާ ކައިވެނި ކުރުމުންނެވެ. އެހެނަސް މިއަދު ތަޤުދީރު އޭނަގެ އަތުގައި ހިފާލުމުން ތަސްވީރު ބަދަލުވާން ފެށިއެވެ.
''ހުއްޓާލާ!...'' އިބްރާހީމް ނުރުމާއެކު ހާޖަރާއަށް ބަލާލިއެވެ.
''ކީއްވެ؟، އިބްރާހިމުގެ ކަންތަކޭ މީ، މަ އެހާ ވަރަށް މަނާ ކުރީމަވެސް މަށާ ދެކޮޅަށް ކަންތައް ނިންްމިކަމުގެ ހިތި ނަތީޖާ މިފެންނަނީ... މަ ނުބުނަންތަ އޭނަ އުޅުނީ އަހަރުމެންގެ މުއްސަނދިކަމުގެ ފަހަތުގައޭ، މިހާރު އަމިއްލަ އޮފީހެއް ލިބި ފައިސާވެރިޔަކަށްވީމަ މީޒާ ބާކީކޮށްލީ... ކިހާ ބޮޑު ދެރައެއް އޭނަ އަހަރުމެންގެ ދަރިފުޅަށް އެދިނީ، ބޭނުން ފުދުނީމަ ކުނިކޮޅެއްހެން އެއްލާލީ...'' ހާޖަރާ ހިތާމަވެރިކަން އަޑަށް ގެންނަމުން ވާހަކަ ދެއްކިއެވެ. ''ދަރިފުޅު ދެން ހިތާމަކުރާނެކަމެއް ނެތް، އެކަހަލަ މީހެއްގެ ފަރާތުން ސަލާމަތް ވެވުނީތީ އުފާކުރަންވީ...''
ހާޖަރާ ބުނި ވާހަކަތަކާ މެދު އިބްރާހީމަށް ވިސްނާލެވުނެވެ. އެއާއެކު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއީ ދޮގު ވާހަކަތަކެއް ނޫންތާއޭ އޭނަގެ ހިތަށް އެރިއެވެ. ހާޖަރާ ބުނި ފަދައިން ކަންތައް ކުރެވުނުނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. މީޒާ ހިތާމައިން ހަލާކުވާތަން ދެކޭކަށް ވެސް ނުޖެހުނީހެވެ. ހާދަ ދެރައެވެ.
''ބައްޕާ ދެން އަހަރެން އެގެއަށް ނުދާނަން، އަހަރެން ބޭނުމީ އޭނަ ގާތުން ވަރިވާން...'' މީޒާ ބުންޏެވެ.
''ލާހިކެއް ނޫން އެއްވެސް މީހަކަށް ދަރިފުޅު އެގެއަށް ފޮނުވާކަށް...'' އިބްރާހީމަށް ވުރެ ކުރިން ހާޖަރާ ބުނެލިއެވެ. ހަޤީޤަތުގައި އޭނަ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. މިދުވަސް އަންނާނެ ދުވަހަކަށް އޭނަ އިންތިޒާރުކުރާތާ ހާދަ ގިނަ އަހަރު ވެއްޖެއެވެ. އޭނަގެ ނަޒަރުގައި އިމްރާނުގެ ބޭވަފާތެރިކަން ފަޅާއެރިކަން އެއީ މީޒާއަށް ލެއްވި ރަހުމަތެކެވެ.
ހާޖަރާ މީޒާ ގަތަށް ޖެހިލަމުން ލޯތްބާއެކު ގެނެސް މޭގައި ޖައްސާލިއެވެ. އަހަރުތަކަށް ފަހު މަންމަގެ ލޯބި ލިބުމުން މީޒާއަށް ރޮވުނެވެ. މަންމަގެ ހިތުގައި ޖައްސައި މަންމައާ ދެކޮޅަށް އިމްރާނާ ކައިވެނި ކުރެވުނުކަމުގެ ހިތިކަން އޭނަގެ ކަރުބުޑަށް މިހާރު ވަނީ ނިކަން ފުރިހަމައަށް ފޭދިފައެވެ.
''ޒިވްޔަން...'' އިބްރާހީމުގެ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ އެކެމުގެ ތެރެއަށް ހާޖަރާ އަނގަބޭނުމުންނެވެ.
''އޭނަގެ ބައްޕަ ގާތު އޭނަ ބަހައްޓާ، ލާހިކެއް ނޫން އިމްރާނަށް ޒިވްޔަންގެ ޒިންމާ މީޒާގެ ބޮލަށް ޖަހާކަށް، އޭނަ ހީކުރީތަ މީޒާއަށް ލަނޑު ދީފަ އެހެން އަންހެނަކާއެކު އުފަލުގަ އުޅެވޭނެކަމަށް، މަ ހޭހުއްޓަކާ ލާހިކެއްނޫން އެހެން ވާކަަށް، ދަރީގެ ޒިންމާ އުފުލަން ޖެހެނީ ހަމަ އޭނަ...''
''ހާޖަރާ...'' ހިތްހަމަނުޖެހުމާއެކު އިބްރާހީމް ބުނެލިއެވެ. ''އެއީ މީޒާގެ ވެސް ދަރިއެކޭ، ކޮންކަހަލަ ވިސްނުމެއްތަ ތިގެންގުޅެނީ؟...''
''އިބްރާހީމަށް ކުރެވުނު ކަންތައް އަދިވެސް މަދުވެގެންތަ ތިއުޅެނީ، ދެވުނު ގެއްލުން ކުޑަވީތަ؟، ދެން މިކަމުގެ ތެރެއަށް ބޯބާނަން ނޫޅުނިއްޔާ އެންމެ ރަގަޅުވާނީ... މަ ބުނެފީމެއްނު އިމްރާނޭ އެކަމާއިގެން އުޅެން ޖެހޭނީ، މީޒާ ނުޖެހޭނެ ޒިވްޔަންގެ ޒިންމާ އުފުލާކަށް...'' ތުންއަނބުރާލަމުން ހާޖަރާ ބުނެލިއެވެ. އޭނަ އިމްރާނު ދެކެ އަންނަ ރުޅީގެ އަމާޒު ފައްޗަކަށް ޒިވްޔަން ވިއެވެ. އޭނަގެ މާމަ ދަރިއެއްކަމުގައި ވިޔަސް އެހިތުގައި ކުލުނުގެ ޒަރެއްގެ މިންވަރު ވެސް ނުވެއެވެ.
މީޒާގެ ބޮލަށް ވަސްވާސް ލައިދިނުމުގެ ފުރަތަމަ ފިޔަވައްސާއިގެން ހާޖަރާ ކުރިއަށް ދިޔަ އެވެ. އޭނަގެ މަޤުސަދެއްކަމުގައި ވީ އިމްރާނުގެ ދެބަފައިންނަށް މީޒާގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމެވެ. ލަސްލަހުން ކަމުގައި ވިޔަސް މަންޒިލަށް ވާސިލުވުމަށް ފުރަތަމަ ފިޔަވަޅު އޭނަ އެޅިއެވެ. ކިތަންމެ ވަގުތެއް ނެގި ކަމުގައި ވިޔަސް އޭނަ މީޒާގެ ވިސްނުމަށް ވިހަ ލާނެއެވެ. އިމްރާނާއި ޒިވްޔަން އެހިތުން ފޮހެލާނެއެވެ. ވެދިޔަ ކަންތަކާއެކު ހާޖަރާއަށް އިތުރު ޖޯޝެއް ލިބިފައިވާ ކަހަލައެވެ.
*****
''ސާރާ!!!...'' ބާރުބާރަށް މީހަކު ދޮރުގައި ތަޅާ އަޑަށް ކުދިކިޔަމުން އައިސް ސާރާ އެޕާރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. މިނެޓެއް ލަސްވި ނަމަވެސް އެމީހަކު ދޮރުވައްޓާލީހެވެ.
ރުޅިއައިސް ރަތްވެފައި ހުރި އިމްރާނު ފެނުމުން ސާރާ ވިހަ ގޮތަކަށް ހިނިތުންވެލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތީ ފަހުރުވެރިކަމާއެކުގައެވެ. އޭނަގެ ތީރު ނިޝާނަށް ވާސިލުވުމުގައި ކާމިޔާބު ހޯދައިފިއެވެ. އޭގެ ނަތީޖާ ނުކުތް ގޮތެއް ބަލަން ސާރާ ހުރީ ކެތްމަދުވެފައެވެ.
އިމްރާނު ސާރާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލަމުން އޭނައާއި ދިމާއަށް އަނބުރާލިއެވެ. ބިރުގަތުމުގެ ބަދަލުގައި ސާރާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ. އޭނަ ސަލާމަތުން އޮތް އަތުން އިމްރާނުގެ މޫނުގައި ފިރުމާލިއެވެ. އެއާއެކު އިމްރާނަށް ސާރާ ދުރަށްކޮއްޕާލެވުނެވެ.
''މިހުރިހާ ކަމެއް ދިމާމިވީ ކަލޭގެ ސަބަބުން...'' އިމްރާނު ހަޅޭއްލަވައިގަތެވެ.
''މިހާރު އަހަރެން ކީއްކުރީ؟...'' ދެނެހުރިކަމަށް ވެސް ސާރާ ހަދާ ނުލިއެވެ. އޭރު އޭނަގެ ތުންފަތުގައިވި ހިނިތުންވުމުން އިމްރާނަށް ރުޅިގަނޑު މަތަކުރުންވީ އުނދަގޫ ކަމަކަށެވެ.
''ނޭގޭ ކަމަށް ހެދޭނެކަމެއް ނެތް...'' ޝަހާދަތްއިނގިލި ސާރާއާއި ދިމާއަށް ދިއްކޮށްލަމުން އިމްރާނު ވާހަކަދެއްކިއެވެ.
''އަހަރެން ހުރިހާ ކަމެއް ވެސް ކުރީ އަހަރެންގެ ބަނޑުގައިވާ އިމްރާނުގެ ދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދަދޭން... އެ މީޒާ ހުރިހާ ހިނދަކު އެކަން ހާސިލުނުކުރެވޭނެތީ އިތުރުގޮތެއް ހޯދަން ޖެހުނީ، ޑިޑް ޔޫ ރިއަލީ ތޯޓް އައި ވޯޒް ގޮއިންގް ޓު އެބޯޓް ދިސް ޗައިލްޑް؟... އަހަރެންގެ ރޭވުމުގެ ފުރަތަމަ ބާބު ނިމިގެން ދިޔައީ، އަދި ކިތަންމެ ބާބެއް ވެސް ކުރިމަތި ވާނެ... އެކަމަކު ދެން ހިޔެއްނުވޭ އެކަމާ އުޅެންޖެހޭނެ ހެނެއް، އިޓް ސީމްސް ލައިކް އައެމް ސަކްސެސްފުލް.... ދޮގު ހަދަން ވެސް އިމްރާނަށް ނޭގޭ ދޯ؟، ހެހެހެހެ، އައި ލައިކް ދެޓް...'' މީޒާ ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ.
''ކަލޭގެ ރޭވުންތެރިކަމުން ހުރިހާކަމެއް ތިކުރަނީ...'' އިމްރާނު ބުނެލިއެވެ.
''އައި އޯލްވެއިސް ގެޓް ވަޓް އައި ވޯންޓް... އެންޑް އައި ނެވާރ ސްޓޮޕް ޓްރައިންގް އަންޓިލް އައި ޑޫ!...'' ސާރާ އިމްރާނާ ގާތަށް ފިޔަވަޅުތަކެއްއަޅާލަމުން ބުންޏެވެ. ''އެންޑް އައި ނޯ ޔޫ ނީޑް މީ ޓޫ...''