މީޒާގެ އާދޭސްތައް އަޑު އަހާކަށް އިމްރާނު ބޭނުމެއް ނުވިއެވެ. އޭނަ ހުރީ އޭނަގެ ގޮތުގައެވެ. އޭނަގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު މީޒާއަށް ޒިވްޔަންއާއި ބައްދަލުކުރުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. މީޒާ ބުނެފައިވާ ޖުމްލަތައް އަދިވެސް އޭނަގެ ކަންފަތުގައި ގުގުމައެވެ. އެފަދަ ރަހުމުކުޑަ ބަސްތަކެއް ބުނުމަށްފަހު މީޒާއަށް ޒިވްޔަންއާ ބައްދަލުކުރަން ހޮސްޕިޓަލަށް އަންނަން ކެރުނީތީ ވެސް އޭނަ ހައިރާން ވިއެވެ.
''އިމްރާނު...'' މީޒާ އެއްޗެއް ބުނަން އުޅުނުކަމުގައި ވިޔަސް އެކަމަށް ހުރަސް އެޅިގެން ދިޔައީ އައި.ސީ.ޔޫ އިން ނިކުތް ޑޮކްޓަރު ފެނުމުންނެވެ. ކަރުނަތައް ފޮހެލަމުން އޭނަ އިމްރާނާ އެކީ ޑޮކްޓަރު ގާތަށް ދިޔަ އެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. ހިތާހިތާ ދުޢާ ކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅު ވުމަށް އެދިއެވެ.
''ޕޭޝަންޓް މިހާރު ސްޓޭބަލް، އިންޓާރނަލް ބްލީޑިންގް މިހާރު ކޮންޓްރޯލް ކުރެވިފައިވަނީ... ހޭއެރުމުން ލިބުނު އަނިޔާތަކުގެ ތަފުސީލުތަކުގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނަން އެނގޭނީ...'' ޑޮކްޓަރު ބުންޏެވެ. އަދި ޒިވްޔަން ވީހާވެސް އަވަހަކަށް ބޭރަށް ގެންދިއުމަށް ލަފާ އެރުވިއެވެ. އިމްރާނު އަަވަސްވެގަތީ ފުރުމުގެ ކަންތައް ހަމަޖެއްސުމަށެވެ. އެއާއެކު މީޒާ އާދޭސްކޮށްފައި އޭނަ ވެސް ދާން ބޭނުންވާކަން ހާމަކުރިއެވެ. އެއާދޭސްތަކަށް އިމްރާނު ދިނީ ބީރުކަންފަތެކެވެ. މީޒާއާ ދިމާއަށް އަޑުލުމަށްފަހު އިމްރާނު ދިޔައީ އެވެ. ހިތުގައި ޖެހި މީޒާއަށް ރޮވުނީ ދެނެވެ.
ގޮނޑީބަރީގައި އެކަނިމާއެކަނި ވަގުތު ގުނަމުން ދަނިކޮށް މީހަކު ކޮނޑުގައި އަތްބާއްވާލި ކަމުގެ އިހުސާސާއެކު މީޒާއަށް އިސްއުފުލާލެވުނެވެ. ކަންބޮޑުވެފައި ހުރި އަސްލަމުގެ ސުވާލުތައް ފަށްޗަކަށް މީޒާއަށް އަމާޒު ވިއެވެ.
''ބޭރަށް ގެންދާށޯ ބުނަނީ...'' މީޒާގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. އަސްލަމް އަވަސް އަވަހަށް މީޒާ ގާތުގައި އިށީންނަމުން ހިތްވަރުލައިދިނެވެ. ކެތްތެރިވުމަށާއި މާތްﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލުމަށް އެދި ނަސޭހަތް ދިނެވެ. މުއުމިނުންގެ އެންމެ ބާރުގަ ހަތިޔާރަކީ ދުޢާކަމަށާއި މައިންބަފައިން ދަރިންނަށްޓަކައި ކުރާ ދުޢާ އިޖާބަކުރެއްވުމުގައި މާތްﷲ އަަވަސްވެވޮޑިގަންނަވާ ވާހަކަ ވެސް ހަނދުމަކޮށްދިނެވެ. ދީނީ ނަސޭހަތްތަކުގެ އަލީގައި މީޒާގެ ހިތަށް ފިނިކަމެއް ގެނެސްދިނުމަށް އަސްލަމް މަސައްކަތް ކުރިއެވެ.
''ޒޯހާ...'' ކުރެހިފައިވާ އަޑަކުން މީޒާ ބުނަން އުޅުނެވެ. އެހެނަސް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
''މަންމައާ ހަވާލުކޮށްފަ އައީ، ހޮސްޕިޓަލަށް ދާ ވާހަކަ ބުނީމަ ވަރަށް ރުޅިގަދަ ވެފަ ހުރީ...'' މީޒާ ބުނަން އުޅުނީ ކީކޭކަން ވިސްނުމާއެކު އަސްލަމް ބުންޏެވެ. މިއަދު ހާޖަރާގެ ފަރާތުން ފެނުނު ކަންތަކުން އަސްލަމް ހުރީ ވަރަށް ބޮޑަށް ނުރުހިފައެވެ.
އަސްލަމާއި މީޒާގެ ކައިވެންޏަކީ މީޒާގެ މަންމަގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެވެ. އިމްރާނާ މީޒާ ކައިވެނިކުރުމުގެ ކުރިން ވެސް ހާޖަރާ ބޭނުންވީ މީޒާ އަސްލަމާ ކައިވެނި ކުރުވާށެވެ. ޤަދަރުވެރި ޢާއިލާއަކަށް ނިސްބަތްވާ ޒުވާނަކަށް ވީތީއެވެ. ނަމަވެސް އޭނަގެ ހުވަފެންތަކުގައި ހުޅުހިފައި ހަލާސްވެގެން ދިޔައީ އިމްރާނުގެ ސަބަބުންނެވެ. އެދުވަހަށް ފަހު މީޒާ ދަރިކަމުން ކަނޑާލީ ވެސް އެސަބަބާ ހުރެއެވެ. އެހެނަސް ހާޖަރާގެ އަތުގައި ނަސީބު ހިފާލީ އިމްރާނުގެ ބޭވަފާތެރިކަން ފަޅާއެރުމުންނެވެ. އެއާއެކު އޭނަ އަވަސްވެގަތީ މީޒާއާއި އަސްލަމުގެ ކައިވެނީގެ ކަންތައް ނިންމާލާށެވެ. އަސްލަމުގެ ވެސް އަލަތު ކައިވެނި އޭރު ރޫޅިފައިވުމާއެކު ކުރީއްސުރެ އޭނައަށް މީޒާ ކަމުދާތީ އެކަނިވެންޏާއި ޤަބޫލުވީއެވެ.
މަންމައާއި ޖަދަލުކޮށް އަރައިރުންވުމަކަށް ދާން ބޭނުން ނުވާތީ މީޒާ އަސްލަމާ ކައިވެނި ކުރީ ހިތާ ދެކޮޅަށެވެ. ނަމަވެސް އަސްލަމުގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯބިން އޭނަގެ ހިތުގައި ލެވުނު ޒަހަމްތަކަށް ޝިފާ ލިބި ބަހާރުގެ ކުލަތަކުން އޭނަ ހަޔާތް ވަނީ ރަންގުވެފައެވެ. އެދެމަފިރިންނަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފައެވެ. މީޒާ ޒިވްޔަން މަތިން ދުވަހަކު ހަނދާން ނައްތާނުލައެވެ. އެދަރިފުޅާ ބައްދަލުކުރަން އޭނަ އިންތިހާއަށް ބޭނުން ވިއެވެ. ބުނެވުނު ބަސްތައް އަނބުރާ ގެންނަން ވެސް ބޭނުން ވިއެވެ. އެހެނަސް މަންމަގެ ނޫފުޒުގެ ސަބަބުން އެކަން ވެސް ނުކުރެވި އުޅެނިކޮށް ލިބުނީ ހިތް ފަޅައިގެންދާ ފަދަ ބިރުވެރި ޚަބަރެކެވެ.
މީޒާއަށް ޒިވްޔަންއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުނީ ވަރަށް މަސައްކަތްކުރި ފަހުންނެވެ. އޭރު އިމްރާނު ވެސް ފުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު އެތަނަށް އައިސް ހުއްޓެވެ. އަންނައުނުތައް ބަދަލުކޮށްގެން ހުރިއިރު އަދިވެސް އޭނަގެ އެސްފިޔަތަކުގައި ތެތްކަން އެކުލެވިފައި ވިއެވެ. މޫނުވަނީ މިލައިގެން ގޮސްފައެވެ. އޭނަ ކަޅިޖަހާނުލައި އަސްލަމަށް ބަލަމުން ދިޔަ އިރު ހިތުގެ ކަނެއްގައި ރިއްސަމުން ދިޔަ އެވެ. މިފަހަރު މީޒާ ހުއްޓުވާކަށް އިމްރާނަށް ނުކެރުނެވެ. އައި.ސީ.ޔޫގައިވި ބަލީމީހުނަށް ޒިޔާރަތްކުރަން އައިސް ތިބި މީހުންތައް ގިނަކަމުންނެވެ. އެމީހުންގެ ތެރޭ މީޒާއާ ދިމާއަށް އެއްޗެހި ކިޔައި ލަދުގަންނަވާލަން ބޭނުން ނުވާތީ އޭނަ ހިޔާރު ކުރީ ހިމޭންކަމެވެ.
*****
އިމްރާނު ގެއަށް އާއި ފުރަންވާއިރަށް އެއްޗެހި ހަމަކުރުމަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގެއަށް ވަދެގެން އައިއިރު މުޅި މާހައުލަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. އެހިމޭންކަން އިރުއިރުކޮޅާ ފޫއަޅުވާލަނީ ފުރޭނިގެން އައިސް އިވެމުން ދިޔަ ސާރާގެ އަޑުންނެވެ. އެކަމަށް ސަމާލުކަންދިނުމެއް ނެތި އިމްރާނު ހިނގަތީ ކޮޓަރިއާއި ދިމާއަށެވެ. އެހެނަސް ހުއްޓެވުނީ ފިރިހެނެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ލިބުނު ހައިރާންކަމާއެކު އޭނައަށް އަޑު އަންނަ ދިމާ ކަމުގައިވާ ޒިވްޔަންގެ ކޮޓަރިއާއި ކައިރިވެވުނެވެ. އެއާއެކު އެއީ އޭނައަށް ހީވިހީވުމެއް ނޫންކަން ޔަޤީން ވިއެވެ. އެއީ ހަމަ ޝާނިހުގެ އަޑެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުނުލައެވެ. ލަސްލަހުން ތަޅު އަނބުރާލުމަށްފަހު ކުޑަކޮށް ދޮރު ހުޅުވާލަމުން އިމްރާނު އެތެރެއަށް ނަޒަރެއް ދިނެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ޒާތުން ދޮރު ހުޅުވުނުކަމެއް ވެސް ސާރާމެނަށް ރޭކާ ނުލިއެވެ.
''މަ އޭރުވެސް ބުނީމެއްނު ސާރާ ގާތު މިކަހަލަ ކަމެއް ދިމާވެދާނެތީއޭ ކެތްތެރިކަމާއެކު ކުރިއަށްދާންވީ... ހައި ސްޓްރެސް ލެވެލްގެ ސަބަބުން މިހެން މިދިމާވީ، ހޮސްޕިޓަލުން އޭނަގެ ލޭއާ އެއްޗެހި ޓެސްޓްކޮށްފިއްޔާ ނަތީޖާ އަންނަގޮތަކުން އެމީހުނަށް ޝައްކުވާނެ ނުބައެއް އުޅޭކަމަށް، ޒިވްޔަންގެ ސިސްޓަމްގަ ރޭގަ ދިން އިންޖެކްޝަނުގެ އަސަރު އަދިވެސް ހުންނާނެ... އިމްރާނަށް ޝައްކުވާނެ އެމީހުން ޓެސްޓްތައް ހަދައިފިއްޔާ... ނުވީތާކަށް ޕޮލިސް ކޭސްއަކަށް ވެސް ވާނެ... އެންމެ ފުރަތަމަ ވެސް ޝައްކުވާނީ އަހަންނަށް...'' ޝާނިހް ބުނެލިއެވެ.
''އެނގެޔޭ ތިކަން، އެކަމަކު މިކަމުން ސަލާމަތްވާނެ ގޮތެއް އޮންނަން ޖެހޭނެ ދޯ... ޕޮލިސް ކޭސްއަކަށް ވެއްޖެއްޔާ ފަސޭހައިން ސަލާމަތް ނުވެވިދާނެ، މިހާރު ބައްޕައާ ސަރުކާރުގެ އިސްމީހުނާ އޮތް ގުޅުން އެހާ ރަގަޅެއް ނޫން، ދެން ކިހިނެއްތަ ހަދާނީ؟...'' ސާރާގެ އަޑުގައި ހާސްކަން ވިއެވެ.
''ޒިވްޔަން މަރުވެއްޖެއްޔާ އޭނައަށް އެއްވެސް ކަމެއް ކިޔައެއް ނުދެވޭނެ...'' ޝާނިހް ބުނެލިއެވެ. ''އޭރުން އަހަރުމެން ކުރި ކަންތައް ސިއްރުވާނެ...''
''ކަމެއް ކިޔައިދެވޭނެ ހާލަތެއްގައެއް ނޫނެއްނު އޭނަ އޮތީ، މަށަށް ހިޔެއް ނުވޭ އެޒަހަމްތަކަށް ފަހު އޭނަ ސަލާމަތް ވާނެ ހެނެއް، ވިޔަސް ސިކުނޑިއަށް ބޮޑު ގެއްލުމެއް ވާނެ، ނުކުޅެދޭ މީހަކަށް ވުމުގެ ފުރުސަތުވެސް އޮންނާނެ...''
''އެކަމަކު ޓެސްޓް ހަދައިފިއްޔާ ފަޅާއަރާނެ، އެމީހުން ހޯދަން ބޭނުންވާނެ ކިހިނެއް ކޮންގޮތަކުން ޒިވްޔަންގެ ސިސްޓަމަށް އައި ޑްރަގްސްތަކެއް ތޯ އެއީ، އިލީގަލް އެއްޗެހި ވީމަ ފުލުހުން ވެސް މިކަމުގައި އިންވޯލްވް ވާނެ، އޭނަ ދުނިޔޭގައި އޮތަސް އަދި ނެތަސް އެއީ އަހަރުމެންނަށް އޮތް ބޮޑު ނުރައްކަލެއް...'' ހާސްކަމާއެކު މޫނުގައި ފިރުމާލަމުން ޝާނިހް ވާހަކަ ދެއްކިއެވެ.
''ޓެސްޓް ހަދަންވީ ކީއްކުރަން؟، އޭނަ ވިހައެއް ބޭނުންކުރި ނަމައެއްނު ޓެސްޓް ހަދާނީ، ތަނަކުން ވެއްޓިގެން އެކަހަލަ ކަމެއް ކުރޭތަ؟...'' ސާރާއަށް އަހާލެވުނެވެ.
''ފުލް މެޑިކަލް ޗެކަޕެއް ހަދާނެ، އަމުދުން ތަނަކުން ފުންމާލީވިއްޔާ ޓެސްޓްތައް އިތުރުވާނެ، އޭނަގެ ހަށިގަނޑުގައި ޝައްކުވާނެ ކަހަލަ ފިޒިކަލް އިންޖަރީތައް ވެސް ހުންނާނެ... އަނެއްކާ އޭނަ ގޮވައިގެން އިމްރާނު ބޭރަށް ވެސް ދާނެއެއްނު......''
''ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނެ، އަހަރެން އެންމެ ބޭނުންވި ދުވަސް އައިއިރު ކޮންފަދަ އާފާތެއްތަ ލައިގެންފަ މިއޮތީ، އިމްރާނު އެހާލުގައި ވަނިކޮށް އެންމެ ދެކެން ބޭނުންވިއިރު އަަހރުމެނަށް ވެސް މިވަނީ ސަލާމަތްވެވޭނެ ގޮތެއް ނެތިފަ...'' ސާރާ ބުންޏެވެ.
އިމްރާނުގެ ކަންފަތަށް އިވެމުން ދިޔަ ޖުމްލަތަށް ވެގެން ދިޔައީ ގަދަޔަށް އަނދައަނދާ ހުރި އަލިފާންގަނޑަކަށް އަޅާލެވުނު ޕެޓްރޯލުތަކަށެވެ. އަތުގެ ކޮޅަށް އޭނަ ދޮރުހުޅުވާލިއިރު މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. އެދެލޮލަށް ވެސް ވަނީ މަޑު ރަތްކުލައެއް ފޭދިފައެވެ. އިވުނު އަޑުފަށްގަނޑަށް ސާރާ ދިޔައީ ސިއްސައިގެންނެވެ. ދެލޯބޮޑުކޮށްލަމުން އޭނަ ދޮރާދިމާއަށް ބަލާލި ހިނދު ރުޅިއައިސް ރަތްވެފައި ހުރި އިމްރާނު ފެނި މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ނޭވާ ހިފަހައްޓާލެވުނު ހިނދު އޭނަގެ މޫނުން ބިރުވެރިކަން ފާޅުވެގެން ދިޔަ އެވެ. އިމްރާނު މިހާ ގަދަޔަށް ރުޅިއައިފައި ހުއްޓާ އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
ދުރުދުރުގައި ފިޔަވަޅު އަޅަމުން އައި އިމްރާނުގެ ފުރަތަމަ ހަމަލާ އަމާޒުވީ ޝާނިހަށެވެ. ގޮށްމުށުގެ އެތިފަހަރެއް ޝާނިހުގެ މޫނަށް ވީއްލާލުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ. ވެއްޓުމާއެކު ޝާނިހު އޭނަގެ ދިފާއުގައި ތެދުވާން އުޅުނެވެ. އެހެނަސް އިމްރާނު އޭނައަށް ވުރެ ބާރުގަދައެވެ. ގޮށްމުށުގެ ހަމަލާތައް ގިނަވެ ޝާނިހުގެ ނޭފަތާއި ތުންފަތް ފަޅައިގެން ދިއުމުގެ އިތުރުން ކޮޅަށް ތެދުވެ އިމްރާނު އޭނަގެ މެޔަށް އަމާޒުކޮށްލި ހަމަލާއާއެކު ހީވީ މޭގެ ކަށިތައް ވެސް ބިންދައިގެން ދިޔަ ހެންނެވެ. އެވަގުތު ޝާނިހުގެ ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އެވަރުން ވެސް އިމްރާނުގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ހާމަވެގެން ދިޔަ ހަޤީޤަތާއެކު މުޅި މީހާ ވަނީ ރުޅިން ފޯވެފައެވެ. އޭނަ އެރުޅިވެރިކަން ޝާނިހަށް ބޭރުކުރަމުން ދިޔަ އިރު ހޭބުއްދިވަނީ ފިލާފައެވެ. އޭނަގެ ދަރިފުޅަށް އެވަރު އަނިޔާއެއް ދިން ބަޔަކަށް އޭނަ މަޢާފެއް ނުކުރާނެއެވެ. އިންސާނިއްޔަތުވަންތަކަމާ ހިލާފު އެޖަރީމާ ހިންގަން އެމީހުނަށް ކެރުނުކަމެވެ. މިއަދު އޭނަގެ އަތުން ސާރާއާއި ޝާނިހް މަރުވާނެކަން ގައިމެވެ. އޭނަ ދޫކުރާނީ ޒިވްޔަން އުފުލަން ޖެހުނު ކޮންމެ ވޭނެއްގެ ބަދަލު ފަހަރަކު މީހެއް ފަރާތުން ހިފާފައެވެ!
ބިރުން ގޮސް ރޫރޫ އަޅަމުން ދިޔަ ސާރާ އިމްރާނު ދުރުކުރަން ލެފިގަތުމުން އިމްރާނު ހިފީ ސާރާގެ ކަރުގައެވެ. އިނގިލިތަކަށް ބާރުކޮށްލަމުން އޭނަ ސާރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ރުޅިއައިސް ރަތްވެފައިވާ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައިރު އިމްރާނުގެ ކަތުރުކަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ.
''އި.މް.ރާ...'' ސާރާ ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް އޭނަގެ ކަރަށް ބާރުވަމުން ދިޔަ މަޅިއާއެކު ނޭވާނުލެވިގެން އޭނައަށް ތެޅިފޮޅިގަނެވުނެވެ. މޫނުގެ ދިރުން ގެއްލި ދެލޯ މުދިމަށް އަރައި ފަހު ނޭވާވަޅަށް އެޅެމުން ދިޔައިރު ވެސް އިމްރާނުގެ އަތުގައި އޭނަ ތެޅިއެވެ. އިމްރާނުގެ ފުށުން ސަލާމަތްވެވޭތޯ އުޅުނެވެ. ބިރުވެރި އެސޫރައަށް ރަހުމުކުރުމަށް އެދި ބެލުނެވެ. އެވަގުތުކޮޅުގައި އޭނައަށް އިމްރާނު ސިފަކުރެވުނީ އިފުރީތެއް ފަދައިންނެވެ.
ރޯމަހެއް ފެނުން ނެގުމާއެކު ތެޅިފޮޅޭ އުސޫލުން ނޭވާނުލެވިގެން އުޅުނު ސާރާ ފަހުނޭވާވަޅަށް އެޅުނެވެ. މަރު ކުރިމަތިން ސިފަވިހިނދު އޭނަގެ ހަށިގަނޑުން ވަރުދެރަވެ މައްޗަށް އަރާފައިވި ކަޅި ތިރިވާން ފެށިއެވެ. އެވަރުން ވެސް އިމްރާނު ސާރާގެ ކަރުން ދޫކޮށެއް ނުލިއެވެ. އިހުނަށްވުރެ ބާރު ކުރަމުން ދިޔައިރު ސާރާގެ ކަރުގެ ކަށިތައް ފިސްފިސްކޮށްލަން އުޅޭ ކަހަލައެވެ. މަރަށް ތެޅުމަށްފަހު ސާރާ ފަހު ނޭވާ ދޫކޮށްލިއެވެ. އޭނަގެ ހަރަކާތްކެނޑި މުޅި މީހާއަށް ފުން ހިމޭންކަން ވެރިވިއެވެ. ދެން ވެސް ސާރާގެ ކަރުން އިމްރާނު ދުލެއް ނުކުރިއެވެ. ބޮލަށް އަރާފައިވި ޝައިތާނާ ހަމައަކަށް އެޅިގެން ދިއުމާއެކު އޭނައަށް ސިހިފައި ސާރާގެ ކަރުން ދޫކޮށްލެވުނެވެ. އެއާއެކު ކަނޑާފަވައްޓާލި ރުކެއްފަދައިން ސާރާގެ ފުރާނަނެތްމަސްގަނޑު ޓައިލްސްތަކުގެ މައްޗަށް އަޑު ކިޔާފައި ވެއްޓިއްޖެއެވެ. އެމަންޒަރު ބަލަން ހުރި އިމްރާނަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ މިހާ ރަހުމުކުޑަ މީހަކަށް ވީ ކޮން ދުވަހަކު ހެއްޔެވެ؟
އަަވަސްއަވަހަށް ސާރާ ގާތަށް ތިރިވަމުން ވިންދުހުރިތޯ އިމްރާނު ބެލިއެވެ. މުޅި މީހާ ބިރުވެރިކަމުން ވަށާލީ ދެނެވެ. ދެލޯފުރިބަންޑުންވި ކަރުނަތަކާއެކު އޭނައަށް މޫނުގައި އަތްއަޅާލެވުނެވެ. ޓައިލްސްތަކުގައި އިށީންނަމުން އޭނައަށް އަޑުން އަޑުނަގާފައި ރޮއެގަނެވުނެވެ. އެހެން އިންނަތާ އިރުގަނޑެއް ފަހުން މީހަކު ކުކުރާލިހެން ހީވުމާއެކު އޭނަ ފަސްއެނބުރި ބަލާލިއެވެ. މުޅި މީހާ ފިނިވީ ފެނުނު މަންޒަރަކުންނެވެ. ލެއިން ފޯވެފައި އޮތް ޝާނިހު މަރަށް ތެޅެނީއެވެ. ދެފަހަރަކު ކުކުރާލަމުން ޝާނިހުގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.
އައި ގަދަފަދަ ރުޅީގައި ދެއިންސާނެއްގެ ފުރާނަ ރަހުމެއް ނެތް ގޮތުގައި ފޭރައިގަނެވިއްޖެކަން އޭނައަށް ރޭކާލިއެވެ. މިކުރެވުނީ ކޮން ފަދަަ ބޮޑު ކުށެއް ހެއްޔެވެ؟ ފާފައެއް ހެއްޔެވެ؟ އިންސާނިއްޔަތުވަންތަކަމުގެ ޒައްރެއްގެ މިންވަރު ވެސް އެހިތުގައި ނުވަނީ ހެއްޔެވެ؟ ސާރާމެން ފަދަ ނުބައި އިންސާނުންގެ ގިންތިއަށް އޭނަ ވެސް ވެއްޓިގެން ދިޔަ އީއެވެ.
އަމިއްލައަށް އިމްރާނު ފުލުހަށް ގުޅާފައި އެވާހަކަތައް ކިޔައިދިނެވެ. ލަސްތަކެއް ނުވެ އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އަދި މަރުގެ ތަހުގީގު ފެށިގެން ދިޔައެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެޚަބަރު އޭގެ އެންމެ ތާޒާ ކަމާއެކު އަރަން ފެށިއެވެ. މީޒާގެ ކަންފަތާ ހަމައަށް ވެސް އެޚަބަރު އަންނަން ލަހެއްފަހެއް ނުވިއެވެ. އެއާއެކު އޭނައަށް ލިބުނީ ޝޮކެކެވެ. ޤަބޫލުކުރަން ދަތިވިއެވެ. އިމްރާނު އެހާ އަނިޔާވެރި މީހަކަށްވީ ކޮންދުވަހަކު ހެއްޔެވެ؟ އެފަދަ ބޮޑު ޖަރީމާއެއް އިމްރާނު ހިންގީ ކީއްވެގެން ހެއްޔެވެ؟
ކަމުގެ ހަޤީޤަތް އެނގެން ދުވަސް ނެގިއެވެ. އޭރު ޒިވްޔަން ގޮވައިގެން އަސްލަމްގެ ދެމަފިރިންވީ ސިންގަޕޫރަށް ގޮހެވެ. ޚަބަރުތަކުގެ ސަބަބުން ސާރާމެންގެ މަރުގެ ފަހަތުގައިވި ހުރިހާ ހަޤީޤަތެއް މީޒާއަށް އެނގުނެވެ. އެއާއެކު އޭނަގެ ހިތުގައި ރިއްސާލިއެވެ. ރުޅިވެރިކަން ވެސް އުފެދުނެވެ. ހަމައެއާއެކު އޭނަގެ ލޯބިވާ ދަރިފުޅު އޭނައަށް އެންމެ ބޭނުންވި ދުވަހު ދުރުކޮށްލެވުމުން އެހިތް އޭނައަށް ލަޢުނަތް ދިނެވެ. އޭނައަކީ ކޮންކަހަލަ މަޔެއް ހެއްޔެވެ؟ ދަރިފުޅު އެކަނިކޮށްލައި އަމިއްލަ ހަޔާތް އާރާސްތުކުރަން އުޅުނު ރަހުމުކުޑަ މަޔެކެވެ. ޒިވްޔަން އެވޭނުގައި އުޅުނު އިރު އެހީއަކަށް އެދި ހާދަވަރަކަށް ގޮވާނެއެވެ. އާދޭސްކުރާނެއެވެ. މީޒާގެ ހިތަށް އިތުރު ވޭންތަކެއް ލިބިގެން ދިޔައީ ޒިވްޔަންގެ ހަށިގަނޑުގައިވި ޒަހަމްތައް ފެނިފައެވެ. އޭނަގެ ހިތް ފަޅައިގެން ނުދިޔައީ ވެސް ކިރިޔާއެވެ.
*****
ހަމަސް ދުވަސް ވަދެން ކޯމާގައި އޮތުމަށް ފަހު ޒިވްޔަން ހޭއެރިއިރު އޭނަގެ ވަށައިގެންވި ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލަމުން ލޯހުޅުވާލުމާއެކު ލޮލަށް އެޅިގެން ދިޔަ އައްޔާއެކު އޭނައަށް އުނދަގޫތަކެއް ވިއެވެ. އޭރު އޭނަ ގާތުގައި އިން ނަރުސްކުއްޖާއަށް ފެންނަން ފެށި މަންޒަރާއެކު އިންތަނުން ތެދުވެ ޑޮކްޓަރަށް އެލާރޓްކުރިއެވެ. ޒިވްޔަން އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަ އެވެ. ހުރިހާކަމެއް ނަގައިގަންނަން އޭނައަށް ދަތި ވިއެވެ. އުނދަގުލާއެކު ހަށިގަނޑު ހަރާކާތްކުރެވުމުން އަތަށް ގުޅާފައިވާ އައިވީ ނައްޓަން އޭނަ އުޅުނެވެ. އެކަމަށް ހުރަސް އެޅީ ނަރުސް ކުއްޖާއެވެ. އޭނަ ޒިވްޔަންއާ ވާހަކަ ދެއްކިއެވެ. ކަންފަތުގައި ހަރުލާފައިވާ ޒޫމް އަޑާއެކު އަޑު ދެނެގަންނަން އޭނައަށް ވަގުތު ބޭނުން ވިއެވެ.
އިރުކޮޅެއް ނުވަނީސް ކޮޓަރީގެ ދޮރުހުޅުވާލާފައި ވަދެގެން އައީ ދޮން ބިޔަ ފިރިހެނެކެވެ. އޭނަގެ ފަހަތުން އިތުރު ނަރުސްކުއްޖަކު ވެސް ވަނެވެ. އެއިން ކޮންމެ މީހެއް ހަރަކާތްތަށް ވަރަށް އަވަހެވެ.
ހައިރާންކަމާއެކު ލޯހިންގަމުން ދަނިކޮށް ދޮރުކުރިމަތީ ހުރި މީހާ ފެނުމާއެކު ޒިވްޔަންއަށް އިރުކޮޅެއްވަންދެން ބަލަން އޮވެވުނެވެ. ހަނދާނުގެ ފުސްލޯގަނޑަށް މަންޒަރުތައް ސިފަވާން ފެށިއެވެ. ނަމަވެސް ވަރަށް ވެސް ލަސްކަމާއެކުގައެވެ. ހީވަނީ ސްލޯމޯޝަން ފިމްލެއް ހެންނެވެ.
*****
ތިން ހަފްތާވަންދެން ޒިވްޔަންގެ ޓެސްޓްތައް ހެދުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމުގައި ޑޮކްޓަރުން ބުނުމުން މީޒާ މާތްﷲއަށް ހަމްދުކުރިއެވެ. އޭނަގެ ދުޢާތައް މާތްﷲ އިޖާބަކުރައްވައިފިއެވެ. މީޒާއަށް އެދުވަހު އުފަލުން ގޮސް ރޮވުނެވެ.
ޒިވްޔަން ހޮސްޕިޓަލުން ދޫކޮށްލީ އިތުރަށް އެއްހަފްތާ ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގައެވެ. އޭނައަށް މިހުރެވުނީ މުޅިން އެހެން މާހައުލެއްގައި ކަން އިހުސާސްކުރެވުނީ ދެނެވެ. ޒިވްޔަން ކާރުގައި އިންއިރު އޭނަގެ ހައިރާންކަން އެކުލެވިފައިވާ ނަޒަރު މަގުތަކަށް ހުއްޓެމުން ދިޔައެވެ. އެހެން އިނދެފައި އޭނަ ގާތުގައި އިން އަންހެންމީހާއަށް ބަލާލިއެވެ. ހަނދާންތަކުގެ އަލްބަމް އަދިވެސް ފުސްވެފައިވުމުން މީހުންގެ މޫނުތައް ދެނެގަންނަން އޭނައަށް އުނދަގުލެވެ.
''ދަރިފުޅާ، މީ މަންމައޭ...'' އޯގާތެރިކަމާއެކު ޒިވްޔަންގެ ބޮލުގައި މީޒާ ފިރުމާލިއެވެ. ޒިވްޔަން ހުރިހާކަމެއް ހަނދާންވާން ވަގުތު ބޭނުންވާނެކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.
ޒިވްޔަން އޭނަގެ މޫނު އަނެއްފާރާތަށް އަނބުރާލަމުން މަގަށް ނަޒަރު ހުއްޓާލިއެވެ. އެއަމަލުން މީޒާގެ ހިތުގައި ޖެހުނެވެ. ލޮލަށް ޖަމާވި ކަރުނަތައް އޭނަ އަަވަސް އަވަހަށް ފޮހެލިއެވެ.
*****
ހަމަސް ހޭދަވެގެން ދިޔައިރު ޒިވްޔަންގެ ތަބީއަތަށް ބަދަލުތައް އަންނަން ފެށިއެވެ. ނިދަން އުނދަގޫވުމާއި ނިދީގައި ހަޅޭއްލަވައި ތެޅިފޮޅުމެވެ. އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު މީޒާގެ ހިތް އެތައް ހާސް އެތިކޮޅުތަކަށް ބުރައިގެން ދެއެވެ. ވަގުތާއެކު ޒިވްޔަންގެ ހަނދާން އާލާވާން ފެށިވަރަކަށް އޭނަގެ ބަލިހާލަތު ގޯސްވިއެވެ. އަބަދު ރުޅި އިސްކުރުމާއި ތަކެއްޗަށް ގެއްލުން ދިނުން އާންމުކަމަކަށް ވެއްޖެއެވެ.
ޒިވްޔަންއަށް ދެވޭނެ އެންމެ ރަގަޅު ފަރުވާ ދިނުމާއިގެން މީޒާ އަތުކުރި އޮޅާލީ އެހިސާބުންނެވެ. ލޯބިވާ ދަރިފުޅު ތަހައްމަލު ކުރަމުން އެދާ ވޭނުން ސަލާމަތްކުރަން އޭނަ ބޭނުން ވިއެވެ. އެހިތާމަތަކަށް ލުއިކަމެއް ގެނެސްދޭން ވެސް މެއެވެ. ހަތަރު އަހަރު ސިންގަޕޫރުގައި ހޭދަކުރުމަށް ފަހު މީޒާ މާލެއައީ ކޮންމެވެސް ވަރެއްގެ އެދެވޭ ނަތީޖާއަކާ އެކުގައެވެ. ލިބުނު ފަރުވާއިން ކުރީގެ ހަލާތާ އަޅާބަލާއިރު ޒިވްޔަން ވަރަށް ބޮޑުތަން ރަގަޅު ވިއެވެ. ތަފާތު ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައިވި އޭނަގެ ނަފުސަށް ލުޔެއް ލިބުނެވެ. އެހެނަސް ދިމާވި ހާދިސާ ތަކުގެ މަތިން އޭނައަށް މުޅިން ހަނދާން ނައްތާނުލެވުނެވެ. ކިރިޔާ ވެސް އެވޭނަށް ލުޔެއް ލިބެނީ ބޭހުގެ ޒަރިއްޔާއިންނެވެ.
*****
''ކީއްކުރަން އޭނަ މިގެއަށް ގެނައީ؟...'' ހާޖަރާގެ ދުލުކުރީގައި އަބަދު ވާ ސުވާލަކީ އެއީ އެވެ. މީޒާ ޒިވްޔަން ގެނައުމުން އޭނަ ހިތްހަމައެއް ނުޖެހުނެވެ.
''މަންމާ، އަހަރެން ބޭނުމެއް ނޫން އިތުރަށް އެވާހަކަ ދައްކާކަށް... މަންމަގެ ސަބަބުން ޒިވްޔަންއަށް އެހާލަތު ކުރިމަތިވީ ވެސް...'' މީޒާ ހިތްހަމަނުޖެހުމާއެކުގައި ބުނެލިއެވެ. ހާޖަރާއަށް އިތުރަށް އެއްޗެކޭ ބުނަން ނުކެރުނީ މީޒާ ރުޅިގަދަވުމުންނެވެ. އޭނަ ތުންއަނބުރާލަމުން ޒިވްޔަންއަށް ލޯއަޅާލުމަށްފަހު އޭނަގެ ކޮޓަރިއަށް ގޮސް ވަނެވެ.
ކޮންމެ ހަމަހުން އެއްމަހަކު ޒިވްޔަން ގޮވައިގެން އަސްލަމްގެ ދެމަފިރިން ސިންގަޕޫރަށް ދެއެވެ. ޒިވްޔަންގެ ބައްޔަށް ފަރުވާއެއް ހޯދައިދެވޭތޯއެވެ. ނަމަވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވިއެވެ. ޒުވާންވަމުން ދިޔަ ޒިވްޔަންއަށް އުފާވެރިހަޔާތެއް ހޯދަދޭން މީޒާ ކުރަން ފެށި މަސައްކަތްތައް ދިޔައީ ފެނުފުލުންނެވެ. ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ސަބަބުން އޭނަގެ އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. އޭގެ އިތުުރުން އޭނަ ދެކެ ޒިވްޔަން އަންނަ ރުޅި ވެސް ފިންޏެއް ނުކުރެވުނެނެވެ. ނުވީތާކަށް މަންމަގެ ފަރާތުން ޒިވްޔަންއަށް ކުރިމަތިވާ އުނދަގުލުން ސަލާމަތްވާން ވެސް ފިޔަވަޅު އަޅަން މީޒާއަށް މަޖުބޫރުވިއެވެ. އެކަމަށް އޮތް ހައްލެއް ކަމުގައި މީޒާއަށް ފެނުނީ މާލޭގެ ހަލަބޮލި މާހައުލު ދޫކޮށް އަސްލަމުގެ ރަށަށް ބަދަލުވުމެވެ. އޭރު އަސްލަމްގެ ގެ ޒަމާނީ ފެންވަރަށް ހަދަމުން ދާތީވެ ކުއްޔަށް ގެއަށް ހިފައިގެން ވަގުތީ ގޮތުން އެގެއަށް މީޒާގެ ކުޑަ ޢާއިލާ ބަދަލު ވިއެވެ.
* * * * * * * * * *
ދަންވަރުގެ ވަގުތެވެ. ޖޯލިފަތީގައި އޮތް މައުވާ އިރުއިރުކޮޅާ އޭނަގެ އަތުގައި އޮތް ފޯނުން ގަޑި ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު އޭނަގެ މޫނަށް ވެރިވެފައިވާ މާޔޫސްކަން އިތުރަށް ފުންވެގެން ދެއެވެ. ޒިވްޔަންއަށް ކުރެވެމުން ދިޔަ އިންތިޒާރު ދިގުލައިގެން ގޮސް އޭނައަށް އެންމެފަހުން އުނދޯލީގައި އިންނަން ވެސް ދަތި ވިއެވެ.
އުނދޯލިން ތެދުވަމުން އޭނަ ހިނގައިގަތީ ގޭގޭ މައިދޮރާއި ދިމާއަށެވެ. އަދި ބޭރަށް ނިކުމެލަމުން މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. ދިރޭފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. މައުވާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޖެހިގެން ހުރި ގޭގެ އިން ފާރާއި އަރާހަމަކޮށްލިއެވެ. އެއީ ތިރިފާރެއް ކަމުން ގޯތި ފެންނަވަރު ވިއެވެ. މުޅިތަނަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ގޭގެ ދޮރުތައް ވަނީ ލައްޕާ ތަޅުލާފައެވެ. އެއާއެކު މައުވާގެ މޫނުން އުދާސްކަން ފާޅުވިއެވެ. ތުންދަމާލަމުން އައިސް އޭނަ ގެއަށް ވަނީ ހިތާއި ޝަކުވާކުރަމުންނެވެ.
''މިއަދު ވިކަންތަކުން ޒިވްޔަން ރުޅިއައީ ކަންނޭގެ، އަޅޭ... ޒިވްޔަން ރުޅިއަރުވާލަން އަހަަރެން ކުރިކަމެއް ނޫންކަން ބުނެދޭނީ ކިހިނެއްތަ؟... ކީއްވެތަ މިހެން ވާންވީ؟، ކްރިއޯސިޓީ ހައި ވީމަ ވާހާ ކަންތަކޭ... ދެން ވާހަކަ ވެސް ނުދައްކާނެހެން ހީވަނީ... އެކަމަކު އެހެންވާކަށް އަހަރެން ބޭނުމެއް ނޫން...'' މައުވާގެ ހިތުގައިި އުފެދިފައިވާ ޝުއޫރުތަކާ މެދު ވިސްނަމުން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް ޒިވްޔަންއަށް އޭނަގެ ސަމާލުކަން ދެވެން ފެށުމުން ހިތާއި ސުވާލުކުރެވުނެވެ.
"ކީއްވެތަ އަހަންނަށް މިހާ އުނދަގޫ މިވަނީ؟...'' މައުވާ އެނދަށް ވެއްޓިގަންނަމުން އޭނަގެ ޒަމީރާ ސުވާލުކުރިއެވެ. މިރޭ ޒިވްޔަން ނައުމުން އޭނަގެ ހިތަށް ކުއްލިއަކަށް މާޔޫސްކަން ވެރިވެފައިވީ ކީއްވެގެން ހެއްޔެވެ؟ އެހިތުގައި އޮތް އުއްމީދަށް ނިމުން އައުމުން ހާސްކަން ވެރިވެފައި ވަނީ ކީއްވެ ހެއްޔެވެ؟ ޒިވްޔަންގެ ޚިޔާލުތަކާ އޭނައަށް ދުރުނުވެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ބަދަހިވަމުން ދިޔަ އެގުޅުމަށް ނިމުމެއް އަންނަން އޭނަ ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޒިވްޔަންގެ އުދާސްތަކާއި ހިތާމަތަކުގައި ބައިވެރިވާން ހިތް އެދެނީ ކީއްވެ ހެއްޔެވެ؟
''އޯހް ގޯޑް، ކިހިނެއްތަ މިވަނީ؟، އަހަރުމެން ބައްދަލުވިތާ ގިނަ ދުވަހެއް ވީކީ އެއްވެސް ނޫން، ހަފްތާއެއް ވީކަމެއް ވެސް ނޭގޭ... ރަގަޅު ކޮންވަރޒޭޝަނެއް ކުރިއަށް ދިޔައީކީ ނޫން، ހަމައެކަނި ބަދަލުކުރެވުނީ ބެލުންތަކާއި ހިނިތުންވުން... އެކަމަކު ކީއްވެތަ މިދެމެދުގައި ތަފާތުކަމެއް ވާހެން އިހުސާސްވަނީ... ޒިވްޔަން ނައުމުން އަހަރެންގެ ހިތަށް އުނދަގޫވަނީ ކީއްވެތަ؟... އޭނަ އަހަންނާ ވާހަކަ ނުދައްކަފާނެ ހެން ހީވާތީ ހިތުގައި ބިރުވެރިކަން އުފެދެނީ ކީއްވެތަ؟، މީ އަހަންނާ ބީރައްޓެހި އިހުސާސްތަކެއް... ވަޓްސް ހެޕެނިންގް ޓު މީ...'' ބާރު ސްޕީޑުގައި އެނބުރެމުން ދިޔަ ފަންކާއަށް މައުވާގެ ނަޒަރު ހުއްޓިިފައި ވިއެވެ. އެފަންކާއެކޭ އެއްހަމައެއްގައި އޭނަގެ ސިކުނޑީގައި އެކި ޚިޔާލުތައް ވެސް އެނބުރެމުން ދިޔަ އެވެ.