އިމްރާނުގެ ހާސްކަމާއި މޫނުމަތިން ފެންނަން ފެށި ހިތާމައިގެ އަސަރުތައް ވެގެން ދިޔައީ ސާރާގެ ދިލަ ހިތުގައި ގަނޑުފެން އަޅާލަ ދޭން ފެށި މަންޒަރުތަކަށެވެ. އޭނަގެ ހިތުގެ މަންޒިލް މިހާރު ވަނީ މުޅިން އެހެން ދިމާއަކަށް މިސްރާބުޖަހާފައެވެ. އެލޯތްބަކަށް އެދި އޭނަ އާވާރާވި ލޯބިވެރިޔާއަށް މިހާރު އެހިތުގައި އޮތީ ރުޅިވެރިކަމެވެ. އޭނަގެ ހިތް ބަދަލުވީ ވެސް އިމްރާނު ކުރިކަންތަކުންނެވެ. އެއީ އޭނަގެ ނަޒަރުގައި މަޢާފް ދެވޭނެ ވަރުގެ ކުށެއް ނޫނެވެ. އިމްރާނަކީ އޭނަގެ ދަރިފުޅުގެ ޤާތިލެވެ. އެކަން ދުނިޔޭގައި ވާހާ އެއްޗެއް ފަނާވެދަންދެން ވެސް އެގޮތުގައި ދެމި އޮންނާނެއެވެ. އެޚިޔާލުތަކާއެކު އިމްރާނުދެކެ އޭނަ ވާ ފޫއްސާއި ނަފްރަތު ދުވަހަކަށް ވުރެ ދުވަހަށް ދިޔައީ ހުޅުހިފައި ގަދަވަމުންނެވެ. ބަދަލުހިފުމުގެ ރޫހުން މުޅި ނަފުސު ދިޔައީ އަނދިރިވަމުންނެވެ. އޭނަ އުފުލި އުދާސްތައް އިމްރާނު އުފުލަން ޖެހޭތަން ދުށުމަށް އެދެލޯ ވަނީ ބޭޤަރާރުވެފައެވެ.
ހަވީރުގެ ވަގުތެވެ. ސާރާ ހުރީ ޝާނިހާ އެކު ހާމަފެންޑާގަ އެވެ. ހާވިރުގެ ސަޔަށް ދެމީހުން އިންސާފުކުރަމުން ދިޔަ އިރު ކޯފީގެ ލުއި މީރުވަސް މުޅި ހިސާބު ގަނޑުގައި ހަރުލާފައި އޮތެވެ. އިމްރާނު ގޭގައި ނޫޅޭ ވަގުތެއް ކަމުން ދެމީހުނަށް ވެސް މުޅިގެ ހިތަކަށް ލިބިފައިވާ ކަހަލައެވެ. އަތުގައި އޮތް ކޮފީތަށި ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން ސާރާ އޭނަގެ ހަށިގަނޑު އުނދޯއްޔަށް ދޫކޮށްލިއެވެ. އެވަގުތު ޝާނިހް އިހުނަށްވުރެ ސާރާއާ ގާތަށް ޖެހިލަމުން އޭނަގެ އިސްތަށިގަނޑުން ވަސްގަނެލިއެވެ.
''ކީއްވެތަ އިމްރާނު ދެކެ ތިހާ ރުޅި އަންނައިރު ވަރިނުވެ ތިހުންނަނީ؟...'' ދެކެވެމުން ދިޔަ ވާހަކަތަކުގެ ކުރިފޯދެމުން ދިޔަ ހިސާބާ މެދު ސާރާ ހިތްހަމައެއް ނުޖެހުނެވެ. އެއާއެކު އޭނަ އަަވަސްވެގަތީ ޝާނިހްގެ ދުލުކުރީގައި ހިފެހެއްޓުމަށެވެ.
''އަދި ދުވަސްކޮޅަކަށް އިންތިޒާރުކޮށްލަން ޖެހޭނީ، އަދި ކިރިޔާއެއްނު ޒިވްޔަން ގޯސްވާން އެފެށީ...'' ޝާނިހްގެ މޫނުގައި ފިރުމާލަމުން ސާރާ ބުންޏެވެ. ސާރާގެ ރާގުން އެމައުޟޫއަށް ވާހަކަދައްކަން ބޭނުންނުވާކަން ޝާނިހަށް ނަގައިގަނެވުމުން އޭނަ އެހެން ކަމަކާއިގެން އުޅެގަތެވެ. ސާރާ ރުޅިއައިސްދާނެ ފަދަކަމެއް ކުރަން އޭނަ ބޭނުން ނުވާތީއެވެ.
''މިހާރު ދެވޭ ބޭސްތަކުން ވެސް އަހަރެން ބޭނުންވާ ވަރެއް ނުވޭ، އިތުރު ގޮތެއް ނޯންނާނެތަ؟...'' ސާރާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް އަހާލިއެވެ.
''އެހާ އަވަސް އަރުވާލައިގެން ކަންތައް ކުރަން އުޅެނިކޮށް ޒިވްޔަންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ، އޭރުން ޒިވްޔަންގެ މަރާމެދު ސުވާލު އުފެދޭނެ، އޯޓޮޕްސީ ހަދައިފިއްޔާ ހުރިހާކަމެއް ފަޅާއަރާނެ، މިހާރު މިދޭ ބޭސްތަކަކީ ވެސް އެކްސްޓްރީމް ކޭސްތަކުގައި އެއްވެސް ގޮތެއް ނެތިގެން ބޭނުން ކުރާ އެއްޗެހި، ސައިޑްއިފެކްޓް ވެސް ގިނަ އެއްޗެއް، އަހަރުމެންގެ ނަސީބު އިމްރާނަށް ޝައްކު ނުވާކަން... ސާރާ ވީމަ އަހަރެން މިކަންތައް މިކޮށްދެނީ، ޔޫ ނޯ ހައު ޑިފިކަލްޓް އިޓް އިޒް ޓު ގެޓް ދޯސް މެޑިސިންސް...'' ޝާނިހް ކަންތައް ވެދާނެ ގޮތަކާ މެދު ސާރާއަށް އިންޒާރު ދިނެވެ. އެވާހަކަތައް ސާރާ ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. އެހާ އަވަހަށް ޒިވްޔަންގެ ފުރާނައަށް ގެއްލުމެއް ވެދާނެ ފަދަ ކަމެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ އެދޭހާ ވެސް ކަމަކީ ޒިވްޔަންގެ ހާލު ގޯސްވެ އެކަމާއިގެން މުޅި އުމުރުދުވަހު އިމްރާނު ގަނަތެޅޭ މަންޒަރު ދުށުމެވެ. ދަރިއަކު މަރުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ދާ މަންޒަރު އިމްރާނަށް ދެއްކުމަށެވެ.
*****
އޮފީސް ނިންމާލުމަށް ފަހު ގެއަށް އައި އިމްރާނު ޒިވްޔަންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެފަހަރެއްގެ މަތިން ޓަކި ދިނުމުން ވެސް ޚަބަރެއް ނުވިއެވެ. އެއާއެކު އޭނަ ހާސްވާ ގޮތް ވިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ތަޅުގައި ހިފާލި އިރު ހުރީ ހުޅުވާފައެވެ. އަވަސް ނޭވާތަކެއް ދޫކޮށްލަމުން އޭނަ ދޮރު ހުޅުވާލިއެވެ. މުޅި ކޮޓަރި ވަނީ އަލިން މަހުރޫމްވެފައެވެ. ކުޑަދޮރުގެ ފަރުދާތައް ދަމާލާފައި ވުމުން ވަކިން އަނދިިރިކަމަށް ދައްކައެވެ. ދޮރުކަނިއާއި ޖެހިގެން ހުރި ސްވިޗްބޯޑުގައި އާމިރު އަތް ހިންގާލިއެވެ. އެއާއެކު ހުދުއަލިން މުޅި ކޮޓަރި އުޖާލާވެގެން ދިޔަ އެވެ. އެނދުގައި އޮތް ޒިވްޔަންއަށް އެކަމުގެ ހިލަމެއް ވެސް ނުވިއެވެ.
''ޒިވްޔަން...''އިމްރާނު ގޮވާލިއެވެ. ނަމަވެސް ޒިވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު އެސްފިޔަ ވެސް ޖަހާނުލައެވެ. އެމޫނުމަތިން ފެންނަނީ ވަރުބަލިކަމާއި ނިކަމެތިކަމެވެ. ދެލޮލުގައިވަނީ ފުންމިން ނޭގޭ މާޔޫސް ކަމެކެވެ. އެހެން އޮތް އިރު ނޭވާލާހެނެއް ވެސް ހިޔެއް ނުވެއެވެ. ޒިވްޔަންއަށް ބަލަން ހުރި އިމްރާނުގެ ހިތް މޭގެ ތެރޭގައި ފިތެމުން ދާ ކަހަލަ އިހުސާސެއް ކުރެވުނެވެ.
އެނދުގެ މަގަތުގައި އިށީންނަމުން ޒިވްޔަންއަށް އަނެއްކާ ވެސް އިމްރާނު ގޮވިއެވެ. ޖަވާބެއް ނުލިބުމުން އޭނަ ޒިވްޔަންގެ އަތުގައި ހިފިއެވެ. އެއާއެކު އަތަށް ކުރެވުނު އާދަޔާ ޚިލާފު ފިނިކަމާއެކު ޒިވްޔަންއަށް އޭނަގެ އަތް ދަމައިގަނެވުނެވެ. އޭނަ އިމްރާނުގެ މޫނަށް ބަލާލިއިރު އެއްވެސް ޝުއޫރެއް އެދެލޮލުގައި ނުވެއެވެ. ބީރައްޓެއްސަކަށް ބަލާ ފަދައެވެ.
ޒިވްޔަންގެ ހާލާ މެދު ލޮލުން ކަރުނަ އޮހޮރެން ފެށުމުން އިތުރަށް އެތާނގައި އިމްރާނަށް މަޑެއް ނުކުރެވުނެވެ. ފުން ނަޒަރަކުން ޒިވްޔަންއަށް ބަލާލުމަށްފަހު އޭނަ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އިމްރާނަށް ދުޢާ ކުރެވުނެވެ. ދަރިފުޅަށް އަވަށް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިއެވެ. އެފަދަ ނިކަމެތި ހާލެއްގައި ޒިވްޔަން ވަނިކޮށް ދެކޭކަށް އޭނަގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. ދުވަހަކަށް ފަހު ދުވަހަކަށް އެހިތާމައިގައި އޭނަ އެދަނީ ޒިވްޔަން އެކޭ އެއްފަދައިން ބަލިކަށި ވަމުންނެވެ.
*****
ހަމަނިދި ނުލިބުމާއި ބޮލުގައި އުފެދެން ފެށި ތޫނު ތަދުތަކުން ޒިވްޔަންއަށް ދިރިއުޅުން ވާން ފެށީ ވޭނަކަށެވެ. ހަޤީޤަތާ ހިލާފު ބިރުވެރި މަންޒަރުތައް ފެނުމާއި އެ ބިރުވެރިކަމުން ޖިސްމަށް ލިބޭ އަނިޔާތަކަށް ކެތްތެރިވުން ދަތިކަމަކަށް ވިއެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަށް އޭނަ ބޭނުމެއް ނުވެއެވެ. ނޭވާލާން އުނދަގޫވެ ބޮލަށް އެނބުރުން އެރުމުގެ އިތުރުން އަރުތެރެއިން އެއްޗެއް ދިރުވާލުން ވެސް އޭނައަށް އުނދަގޫވާން ފެށިއެވެ. ދުވާލު ހަތަރުދަމު މިހުރިހާ ކަމެއް ތަކުރާރުވެ އެންމެ ފަހުން އޭނަގެ ހަށިގަނޑު އެކަންތަކަށް ހޭނެން ފެށިއެވެ. ލަސްލަހުން ނުފެންނެ އަނިޔާވެރި ދުނިޔެއަކަށް އޭނަ ގަންބާލުމަށްފަހުގައެވެ. ދުވާލު ހަތަރުދަމު ސިކުނޑީގައި އެއް ފައްޗަކަށް އެނބުރެނީ މަރުވުމުގެ ޚިޔާލެވެ. އޭރުން އެލިބޭ އަނިޔާވެރިކަމަށް ނިމުމެއް އައިސްދާނެ ނޫން ހެއްޔެވެ؟ އޭނަ ދުނިޔޭގައި ނެތަސް އަސަރު ކުރާނެ މީހަކު ނުހުންނާނެ އެވެ. މައިންބަފައިން ވެސް އޭނަ ބާކީ ކޮށްލީއެވެ. އަމިއްލަ އެދުން އިސްކޮށް އޭނަ އެކަހެރިކޮށްލީއެވެ. ސާރާގެ ވިހަ ޖުމްލަތަކުން އޭނަގެ ވިސްނުމާ އިތުރަށް ކުޅެމުން ދިޔަ އެވެ.
ޒިވްޔަން ދެލޯމަރާލި ވަގުތު އަނެއްކާ ވެސް ކޮޓަރިއަށް މީހަކު ވަން އަޑު އިވި މިފަހަރު ދޮރާ ދިމާއަށް ބަލާލެވުނީ ހިތްހަމަނުޖެހުމާއެކުގައެވެ. ނަމަވެސް ފެނުނު ސޫރައާ އެކު ޒިވްޔަންގެ މޫނަށް ބިރުވެރިކަން ފޭދިގެން ދިޔަ އެވެ. ހަށިގަނޑަށް އައި ކުއްލި ލޮޅުމާއެކު އޭނައަށް ފުންމައިގެން ގޮސް އެނދުން ތެދުވެވުނެވެ.
ސާރާ ހިނިތުންވުމަކާއެކުގައި ދޮރުލައްޕާލިއެވެ. އަދި ކުރިއަށް ހިނގައިގަންނަމުން ވާހަކަދައްކަން ފެށިއެވެ. ޒިވްޔަންގެ ފިނޑިކަމަށް މަލާމާތް ކުރަމުންނެވެ. ބާރުވެރިޔަކީ އޭނަކަން އަންގައިދެމުންނެވެ.
''ބިރުން ގޮސް މުޅި މިހާ ހަލާކެއްނު ތިވަނީ، އަންހެން ކުދިން ވެސް ތިހެން ނޫޅޭނެ...'' މާލާމާތުގެ ރާގަކަށް ސާރާ ބުންޏެވެ. ޒިވްޔަން ހިނގައިގަތީ ސާރާއާ ދުރަށެވެ. މިއަދު ސާރާ އެކަނި އައުމުން އޭނައަށް ހައިރާންކަމެއް ލިބިފައި ވެއެވެ. އެހެންޏާ އޭނައަށް ގަދަބާރު ދައްކާ ދެފިރިހެނުން ނެތުމުންނެވެ. އެކަމާ ހިތްހަމަޖައްސާލަންވީ ކަމެއް ނުވަތަ ކަންބޮޑުވާންވީ ކަމެއް ޒިވްޔަންއަކަށް ނޭގުނެވެ.
''އަހަރެން ނާންނަމޭ ކަމެއް ކުރާކަށް، ހަމައެކަނި ޒިވްޔަންއަށް ގޮވާލަންށޭ މިއައީ...'' ޒިވްޔަންއާއި ދެމެދުވި ދާއިރާ ހަނިކުރަމުން ދިޔަ ސާރާ ބުންޏެވެ.
''ދުރުގަ ހުރޭ...'' ޒިވްޔަންއަށް އެބަސްތައް ބޭރުކުރެވުނީ އުނދަގުލުންނެވެ. ސާރާ އޭނައަށް ދޭ އެއްޗަކުން ދޫވެސް ގިނަ ފަހަރު ހީވަނީ ރަބަރުގަނޑެއް ހެންނެވެ. ވާހަކަ ދައްކަން އުނދަގޫވަނީ އެސަބަބާ ހުރެއެވެ. ވާހަކަ ދެކެވުނަސް ހަމަޖެހޭ އެއްޗެއް ނުބުނެވެއެވެ.
''އެހެންނޫނީ ކީއްތަ ކުރެވޭނީ، ރަނޑަކަށް ވުރެ މީހާގެ ހާލު ދެރަ، ވައިރޯޅިއެއް ޖެހުނަސް ވަޔާ އެކު އުދުހިގެން ގޮސްދާނެ ވަރު މީހެކޭ މަށަށް އިންޒާރު ދޭން މިއުޅެނީ، ގިނަ ދުވަހެއްނުވެ ކަލޭ ހަޤީޤަތުގަ ހުންނަން ޖެހޭތަނަށް ދާން ޖެހޭނެ، އެހާ ހިސާބަށް ދާން ވަރަށް ކުޑަ މުހުލަތެއް އޮތީ، އެތަނުން ދެން ދިމާވާނެ ގޮތެއް މަށަކަށް ތެދުތެދަށް ބުނާކަށް ނޭގޭ، އެކަމަކު ކަލެއަށް ހަމަޖެހިގެން ނޭވާއެއް ވެސް ލެވުނަކަ ނުދޭނަން، ކަލޭގެ ބައްޕަ ވެސް މިހާރު އުޅެނީ ކަލޭ ބުރައަކަށް ވެގެން، އެ މީޒާ އިމްރާނުގެ ބޮލަށް ހުރިހާކަމެއް ޖަހާފަ ފިލީމަ އިތުރު ގޮތެއް ނެތިގެން ކަލޭ ބަލަނީ، ކާކުތަ ތިކަހަލަ ސުންޕާގަނޑަކަށް ލޯބި ދޭނީ؟، އުމުރު ދުވަހުވެސް އެފަދަ ކުލުނެއް މީހެއްގެ ފަރާތުން ކަލެއަކަށް ނުލިބޭނެ، އެއީ ހަމަޖެހޭ މީހުންގެ ހައްޤެކޭ، މޮޔައިންނަށް ލިބެން ޖެހޭ އެއްޗެއް ނޫނޭ... އަބަދު ކަލޭ ހުންނާނީ އެކަހެރިވެފަ، ރުހުމުގަ ބަލާނެ މީހަކު ނުހުންނާނެ، ކަލޭ ދައްކާ ވާހައެއް ޤަބޫލުކުރާނެ މީހަކު ވެސް ނުހުންނާނެ، އަސްލު ކަލޭ މަރުވާން ޖެހޭތަނުގަ ކަލޭގެ ކޮއްކޮ މަރުވީ...'' ސާރާ އޭނަގެ ހިތުގައިވި ހުރިހާ އެއްޗެއް ބޭރުކޮށްލިއެވެ. އެކަމުން ޒިވްޔަންއަށް ކޮށްފާނެ ގެއްލުމަކާ މެދު ވިސްނުމެއް ނެތިއެވެ. އޭނަގެ ވިހަގަދަ ބަސްތަކުގެ އަމާޒު ހިފާފައިވާ ދިމާއަށް އޭނަ ވާސިލުވުމަށް މަސައްކަތް ކުރިއެވެ.
''ތި ގަމާރު ސިކުނޑިއަށް އަދިވެސް ނުވިސްނޭދޯ؟، އެހެންވަންޏާ ވިސްނޭވަރުކޮށްދީފާނަން...'' ޒިވްޔަންއަށް ކަޅި އަޅާލަމުން ސާރާ ބުންޏެވެ. އޭނަ ދޫކުރާނީ ޒިވްޔަންގެ ފުރާނަ ރޮއިގަންނަވަރުކޮށްފައެވެ. އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފާލުމާއެކު ސާރާއަށް އެދިމާއަށް އަވަސްއަވަހަށް ބަލާލެވުނެވެ. އޭރު އެއީ ކާކުކަން ވިސްނި ހަމަޖެހުމުގެ އަސަރު މޫނުމައްޗަށް ގެންނަމުން އޯގާތެރިކަމާއެކު ޒިވްޔަންއާއި ވާހަކަ ދައްކަން ސާރާ ފެށިއެވެ. އޭނަ އިމްރާނުގެ ލޮލުގައި އަޅުވަމުން ދިޔަ އަނދުން ފުރިހަމަވެދާނެ ކަމާމެދު ފުރަތަމަ ކޮޅު ހިތުގައި ޝައްކު އުފެދުނެވެ. އޭނައަށް ދެވިފައިވާ އިންޒާރުތަކުގެ ސަބަބުންނެވެ. އެހެނަސް ކަންތައް ވަނީ އޭނަ ލަފާކުރި ގޮތާ މުޅިން ހިލާފަށެވެ. މިވީހާ ދުވަހު އެއްވެސް ކަމެއް އިމްރާނަށް ޝައްކުކުރެވިފައި ނުވެއެވެ. އޭނަ އެކަން އެގޮތަށް ވުމަށް ދުރާލާ އަޅާފައިވާ ފިޔަވަޅުތަކުގެ ފުރިހަމަކަންކަންނޭގެ އެވެ. ނޫނީ ލިބިފައިވާ ހިތާމައާއި ހާސްކަމުގެ ސަބަބުން އެއްވެސް ކަމަކަށް އިމްރާނަށް ފަރުވާތެރިނުވެވެނީ އެވެ. ސާއާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ޒިވްޔަންގެ ހިމޭންކަމުންނެވެ. ވާހަކަ ނުދައްކާތީއެވެ. ރޭވުން ކާމިޔާބު ވުމަށްފަހު އިމްރާނަށް ހުރިހާކަމެއް އެނގުނަސް އޭނައަށް ވަރިހަމައެވެ. ނަމަވެސް މި ނާޒުކު ވަގުތު އޭނަ ޖެހޭނީ ފަރުވާތެރިވާށެވެ. އެހެންނޫންނަމަ ވަރުގަދަ ބޮނޑިއެއް ވެސް ލިބިދާނެ އެވެ.
*****
''މި އިންޖެކްޝަންތައް ބޭހަށްވުރެ އިފެކްޓިވްވާނެ... އެކަމަކު އޯވަރ ޑޯސް ވެއްޖެއްޔާ ފުރާނައަށް ނުރައްކާވާނެ، މީގެ ރަގަޅުކަމަކީ ދެމަސް ދުވަސް ތެރޭ ސާރާ އެދޭ ކަހަލަ ނަތީޖާއެއް ނެރެވޭނެތީ، ހީ ވިލް ކޮމްޕްލީޓްލީ ލޫޒް ހިޒް މައިންޑް... މިހާރުގެ ބޭހުން އަސަރުކޮށްކޮށް ވެސް އެވަނީ ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި، މިހާރު މިދޭން ފަށައިފިއްޔާ މުޅިން މޮޔަވާނެ، އޭރުން ނުޖެހޭނެ އީސީޓީގެ އެހީ ހޯދާކަށް، އެކަމަކު ސާރާ ބޭނުންވަންޏާ އެކަން ވެސް ކުރެވޭނެ ގޮތްތައް އެބަހުރި...'' އިންޖެކްޝަންތަކެއް ސާރާއަށް ދައްކާލުމަށްފަހު ޝާނިހް ވާހަކަދެއްކިއެވެ. ސާރާ އެއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.
''ކިހިނެއް މި ހޯދީ؟... އޭރު ބުނީމެއްނު ނުލިބުނޭ...'' ސާރާއަށް ލިބުނީ ހައިރާންކަމެކެވެ.
''ބްރައިބް ކުރަނިކޮށް ކޮންމެކަމެއް ވެސް ކުރެވިދާނެޔޭ...'' ޝާނިހް ހިނިތުންވެލިއެވެ.
''ކޮން ގޮތެއްތަ އެންމެ ޕެއިންފުލް ވާނީ؟...'' ސާރާ އަހާލި އެވެ.
''ތިބުނީ؟...'' ސާރާ ބުނިއެއްޗެއް ފަހުމު ނުވުމުން ޝާނިހަށް ބުނެވުނެވެ.
''މިބުނީ ކޮން ގޮތަކުންހޭ ޒިވްޔަންއަށް އެންމެ ގަދަޔަށް ވޭންދެވޭނީ...'' ސާރާ ބުނެދިނެވެ. އެއާއެކު ޝާނިހަށް ހުއްޓުން އަރާފައި ހުރެވެނީއެވެ. ދުވަހަކަށް ވުރެ ދުވަހަށް ސާރާގެ ވިސްނުން ވިހަވެ އޭނަ ކަންބޮޑުވާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ޒިވްޔަންއެކޭ އެއްފަދައިން ސާރާއަށް ވެސް އެހީ ބޭނުން ވެއެވެ. ސާރާގެ ނަފުސާނީ މައްސަލަތަކެއް ހުންނަކަން އޭނައަށް ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް އެވާހަކަ ދައްކަން އޭނަ ޖެހިލުން ވެއެވެ. ސާރާ ރުޅިއައިސްދާނެތީ އެވެ. އޭނަގެ ހުރިހާ ވެސް އުފަލަކީ ސާރާއަށް ވުމުން އެފަދަ ފިޔަވަޅެއް އަޅާކަށް އޭނަ ބޭނުން ނުވެއެވެ.
''ޝޮކް ދިނީމަ...'' ފުންނޭވާއެއް ދޫކޮށްލަމުން ޝާނިހް ބުނެލިއެވެ. ސާރާގެ މޫނު އެޖުމްލައިން އުޖާލާވެގެން ދިޔަ އެވެ. އޭނަ އިންޖެކްޝަންތައް މޭޒު މައްޗަށް ދޫކޮށްލުމަށްފަހު ޝާނިހް ގާތަށް ގޮސް ހުއްޓުނެވެ. އަދި ލޯތްބާއެކު ޝާނިހްގެ މޫނުގައި ފިރުމާލިއެވެ.
''ދެން ޝޮކް އިޓް އިޒް...'' ސާރާ ހިނިތުންވެލިއެވެ.
''އެކަމަކު އެއީ ވަރަށް ރިސްކީކަމެއް...'' ޝާނިހް ބުންޏެވެ. ''އިމްރާނު ގާތު ކީކޭ ބުނާނީ؟، އެކަން ކުރަން ކޮންމެ ދުވަހަކު ދެއިރު ކްލިނިކަށް ގެންދަން ޖެހޭނެ، އޭނައަށް ޝައްކުވާން ފަށާނެ ރަގަޅުވުމުގެ ބަދަލުގަ ޒިވްޔަން ގޯސް ވަންޏާ...''
''ބުނޭ ގެއިން ފަރުވާކުރެވޭ ވަރަށް ވުރެ ބަލި ހާލަތު ބޮޑޭ، ކްލިނިކަށް ގޮސްގެންނޭ މިހާރު ފަރުވާ ކުރެވެން އޮތީ...'' ސާރާ ހުރީ އެޚިޔާލު ދޫކޮށްލާ ފަދަ ގޮތަކަށް ނޫނެވެ.
''ޝައްކުވެއްޖެއްޔާ؟...''
''ހަނީ، މާ ބޮޑަށޭ ހާސްތިވަނީ، އަހަރެން އެކަންތައް ހޭންޑްލް ކުރާނަމޭ... މިހާ ދުވަސް ވީއިރު ވެސް އޭނައަށް ޝައްކެއް ނުވެއެއްނު...'' ޝާނިހްގެ މޭގައި ފިރުމާލަމުން ސާރާ ވާހަކަދެއްކިއެވެ. ސާރާގެ ފިރުމުންތަކާއެކު ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކުން ޝާނިހް އެކަމަށް އެއްބަސް ވިއެވެ. އަދި ސާރާގެ ހަށިގަނޑުގައި ބައްދާލަމުން ކަނދުރާގައި ބޮސް ދިނެވެ.
*****
ޒަމާންގަނޑަކަށް ފަހު ގެއިން ބޭރަށް ނުކުމެވުމުން ދިރުން ގެއްލިފައިވާ ޒިވްޔަންގެ މޫނުން ކޮންމެވެސް ކަހަލަ އާރޯކަމެއް ފަންނަމުން ދިޔަ އެވެ. މާލޭގެ ހަލަބޮލި މަގުތަކުން ކާރު ދުއްވާފައި ދިޔައިރު އޭނަ އެކިދިމަދިމާއަށް ނަޒަރު ހިންގާލަނީ ދުވަހަކު ވެސް އެކަހަލަ މަންޒަރެއް ނުފެންނަ މީހަކު ފަދައިންނެވެ. ބައެއްފަހަރު އޭނަގެ ފަރާތުން ފެންނަނީ އުމުރާ ނުބައްދަލު ކަންތަކެވެ. ޒިވްޔަންއާއެކު ދެން ކާރުގައި ތިބީ ސާރާގެ އިތުރުން އިމްރާނެވެ.
ކްލިނިކް ކައިރިއަށް ކާރު މަޑުކޮށްލުމުން ސާރާ އަވަސްއަވަހަށް ކާރުން ފޭބިއެވެ. އަދި ޝާނިހަށް ގުޅާލަމުން އިމްރާނުމެން ފައިބަންދެން އެއްފަރާތެއްގައި މަޑުކޮށްލީ ޝާނިހަށް އިންތިޒާރުކުރަމުންނެވެ. ގިނަ އިރެއް ނުވެ ޝާނިހް ނުކުތްތަން އޭނައަށް ފެނުނެވެ.
ރޭގަނޑުގެ ވަގުތުކަމުންނާއި ނަފުސާނީ ބައްޔަށް ހާއްސަކުރެވިފައިވާ ކްލިނިކަކަށް ވުމުން ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ފިޔަވައި އިތުރު މީހަކު ލޮލަށް ވެސް ދައްކާ ނުލައެވެ. މުޅިތަނަށް ވެރިވެފައި ވަނީ ފަޅު ކަމެވެ.
ޒިވްޔަން ގޮވައިގެން ޝާނިހް ދިއުމާއެކު ސާރާއާއި އިމްރާނަށް ޖެހުނީ ރިސެޕްޝަން ކައިރީ ހުރި ގޮނޑިބަރިތަކެއްގައި މަޑުކުރާށެވެ. އިމްރާނުގެ މޫނުމަތި މިލައިގެން ގޮސްފައިވާއިރު އޭނައަށް ލިބިފައިވާ ހާސްކަން ރީއްޗަށް ރަމްޒުކޮށްދެއެވެ. އޭނަ އެކަމާ އެއްބަސްވީ ކުޑަވެސް އުއްމީދެއް އޮތްކަމަށް ޝާނިހް ބުނުމުންނެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ސާރާ އިމްރާނުގެ އަތުގައި ހިފާލިއެވެ. އިމްރާނު ހަށިފުރާނޭވާއެއް ދޫކޮށްލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ސާރާއާއި މެދު މިހުރިހާ ދުވަހު އޭނައަށް ވިސްނުން ބެހެއްޓިފައިވަނީ ހާދަ ގޯސް ގޮތަކަށެވެ. ޒިވްޔަންއަށް ސާރާގެ ފަރާތުން ގޯނާއެއް ކުރިމަތިވެދާނެ ކަމަށް އޭނަގެ ހިތް ބިރުގަތީ ކީއްވެ ހެއްޔެވެ؟ ވަމުން ދިޔަ ކަންތަކުގެ އިލްޒާމު ސާރާގެ ބޮލުގައި އަޅުވަން ބޭނުންވީ ކީއްވެ ހެއްޔެވެ؟ މިއަދާ ޖެހެންދެން ވެސް ޒިވްޔަންއަށް ސާރާގެ ފަރާތުން ލިބުނީ އޯގާތެރިކަމާއި އަޅާލުމެވެ. އޭނަ އޮފީހުގައި ހޭދަކުރާ ވަގުތުގައި ޒިވްޔަންއަށް އެހީތެރިވެދެނީ ހަމަ ސާރާ އެވެ. ކިތަންމެ ނުބައި މީހެއްގެ ވެސް ސާފު ނިޔަތެއް އޮވެދާނެކަމާމެދު އޭނައަށް ކުރިން ވިސްނާލެވުނީ ކީއްވެ ހެއްޔެވެ؟
*****
ނިވާ ކުރެވިފައިވާ ކުޑަ ކޮޓަރިއަކަށް ވަދެވުން ޒިވްޔަންއަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު އެތާނގައި ތިބި ދެފިރިހެނުން ފެނުމާއެކު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ. މިހުރިހާ އިރު ހުއްޓުމަކަށް އައިސްފައިވި ސިކުނޑިއަށް ބާރު ލިބި މަސައްކަތްކުރަން ފެށީ ދެނެވެ. ދުޝްމަނުންނާއެކު ސިންގާ ކޮށްޓަކަށް ވަދެވުނުކަން ވެސް ރޭކާލީ ދެނެވެ. ޒިވްޔަންއަށް ހާސްކަމާއެކު ފަހަތަށް ޖެހެން ފެށުނެވެ. ދޮރާ ދިމާއަށް ލަސްލަހުން އޭނަ ފިޔަވަޅުތައް އަޅަން ފެށިއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
''އަަހަރުމެން މިއުޅެނީ ޒިވްޔަންއަށް އެހީވާށޭ، މިމެޝިނުން ޒިވްޔަންއަށް ފަސޭހަތަކެއް ނޫނީ ނުވާނެ...'' އެތާ ތިބި ދެފިރިހެނުންނަށް އިޝާރާތް ކުރަމުން ޝާނިހް ބުންޏެވެ. އެއާއެކު އެދެމީހުން ގޮސް ޒިވްޔަން ހިފެހެއްޓިއެވެ. އެމީހުންގެ ފުށުން ސަލާމަތްވާން ޒިވްޔަން ގަދަ ހެދިއެވެ. އޭނަގެ ހަށިގަނޑަށް އެފަދަ ހަކަތައެއް ލިބިފައި ނެތުމުން ގޮތް ހުސްވެ ހަޅޭއްލަވަން ވެސް ފެށިއެވެ.
''މިތަނުން ބޭރަކަށް ޒިވްޔަންގެ އަޑެއް ނުނިކުންނާނެ...'' ޝާނިހް ބުންޏެވެ.
ގަދަކަމުން ގޮސް ޒިވްޔަން އެތާ ހުރި އެނދުގައި ބޭއްވުމުން އޭނަ ސަލާމަތްވާން ތެޅިފޮޅުނެވެ. އޭގެ ސަބަބުން އިތުރު ވޭންތަކެއް ނޫނީ ނުލިބުނެވެ. އާތާއި ފައި ބަނދެވިގެން ދިޔައިރު ޒިވްޔަން އެހީއަކަށް އެދި ހަޅޭއްލެވިއެވެ. އާދޭސްކުރިއެވެ. ބަލިކަށިކަން އިހުސާސްކުރެވި ރޮވުނެވެ. އަޑުއަހާނެ މީހަކު ނެތަސް މެއެވެ.
''އަންހެނަކަށް ވުރެ ކަންނުބައި ދޯ...'' ޝާނިހްގެ އަޑު ޒިވްޔަންއަށް އިވުނެވެ. އޭނަގެ ބޮލުގައި އެއްޗެއް ހަރުކުރުރެވުނު ކަމުގެ އިހުސާސް ވެސް މެއެވެ. އެއަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑަށް އައި ލޮޅުމާއެކު ދެންވީނުވީއެއް ނޭގުނެވެ.
ހޭލެވުނުއިރު ޒިވްޔަން އޮތީ މުޅިން އެހެން ތަނެއްގައެވެ. ފުރަތަމަ އޭނައަށް މަންޒަރުތައް ވެސް ފެނުނީ ފުސްކޮށެވެ. ވަގުތާއެކު މާހައުލަށް ލޯހޭނުމުން އޮވެވުނީ އޭނަގެ ކޮޓަރީގައި ކަން އެނގުނެވެ. ބޯހިއްލާލަން އުޅުމުން އަޅަންފެށި ވޭނާއެކު އޭނަގެ ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނު އިރު ދެލޯ މަރާ ބާރުކޮށްލެވުނީ އެރިހުން ގަދަވާން ފެށުމުންނެވެ. ކުރުގެޅިގެން އޮވެ އޭނާއަށް އަނެއްކާ ވެސް ހަޅޭއްލަވައިގަނެވުނެވެ.
''އޯހް ޕުއާރ ޒިވްޔަން...'' އެވޭނެއްގައި ހަނާވަމުން ދަނިކޮށް ޒިވްޔަންއަށް ސާރާގެ އަޑު އިވުނެވެ.
''ވަރަށް ވޭން އެބައަޅާ ދޯ...'' ޒިވްޔަންގެ ބޮލުގައި ފިރުމަމުން ސާރާ ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ހިނި އައިސްފައި ހުރި ވަރުން ދަތްތައް ވެސް ފެންނަހާ ވެއެވެ. ''ސޯ ސޭޑް އިމްރާނަށް މިމަންޒަރު ނުފެނުނުކަން...'' ސާރާގެ ހިތުގައި އޮތްހާ ވެސް ޝަކުވާއަކީ އެއީ އެވެ. އޭނަ ފޯނު ނަގައި އިމްރާނަށް ގުޅާލީ ޒިވްޔަންގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެއެވެ.
އިމްރާނަށް އާދެވުނުއިރު އެވޭނެއްގައި އުޅުމަށްފަހު ޒިވްޔަން އޮތީ ޚަބަރު ހުސްވެފައެވެ. އޭރު ސާރާ ގެއަށް ޑޮކްޓަރަކު ގެނެސްގެން ޒިވްޔަންގެ ކޮޓަރިއަށް ގެންދަނީއެވެ. ހާސްކަމެއްގެ ތެރޭގައިވި އިމްރާނަށް އެދިމާއަށް ދެވުނީ ހަލުވި ފިޔަވަޅުތަކެއްގައެވެ.
''ކިހިނެއް ވީ؟...'' އިމްރާނުގެ އަޑު ތުރުތުރުއަޅަ އެވެ. މައިނޭވާލެވެމުން ދިޔައިރު އެނދުގައި އޮތް ޒިވްޔަންއަށް އޭނަ ނަޒަރު ހުއްޓާލިއެވެ. ކޮޓަރީގެ ތަރުތީބު ގެއްލިފައިވާކަން ވެސް އޭނައަށް ފާހަގަކުރެވެން އިރުކޮޅެއް ނެގިއެވެ.
''ކުއްލިޔަކަށް ގޯސްވާން ފެށީ، ހަޅޭއްލަވައި ތަކެއްޗަށް ގެއްލުންދެމުން ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ...'' އިމްރާނަށް ވެފައި ހުރި ގޮތުން ސާރާ ނުހަނު އުފާވިއެވެ. ނަމަވެސް ހިނިތުންވުން ސިއްރުކުރަމުން އޭނަ ޒިވްޔަން ގާތަށް ދިއުމަށް ހިނގައިގަތެވެ.
*****
ބޮލުގެ ރިހުމާއެކު އަތާއި ފައިގައި ރަތްވެ ދުޅަވެފައި ހުންނަ ހިސާބުތަކުން ނަގާ ދިލައިން އެވޭނަށް ކެތްކުރުން ޒިވްޔަންއަށް ވީ އުނދަގޫ ކަމަކަށެވެ. ހޭއެރުމާއި ހަމައިން ބޮލަށް އެއަރާ ތަދު މަޑުވެގެން ދަނީ އެތައް އިރެއް އެވޭނުގައި ހޭދަކުރުމަށް ފަހުގައެވެ. އެހުރިހާ ވަގުތަކު އެހީއަކަށް އެދި އޭނައަށް ގޮވެއެވެ. ބޭނުން ނުވިޔަސް ދުލުކުރީގައި ވަނީ މައިންބަފައިންގެ ނަމެވެ. ކަރުނައަޅާ ހާލު އެކަމުން ސަލާމަތްކޮށްދިނުމަށް އެދި އޭނަ އާދޭސް ކުރެއެވެ. ނަމަވެސް އޭނައަށް އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވިއެވެ. އެކަނިވެރިކަމުގެ އަނދިރީގައި އޭނަ ދިޔައީ ކަސްތޮޅު އެޅެމުންނެވެ. ލިބެމުންދާ އަނިޔާތަކަށް ކެތްނުކުރުވި ދިރިހުރުމުގެ ބައްތި ނިވާލަން ޒިވްޔަން އަޒުމު ކަނޑައެޅިއެވެ. އެނޫން ޝިފާއެއް އޭނައަށް ނުފެނުމުންނެވެ.
ހަވީރު ވަގުތެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޒިވްޔަން ހާމަފެންޑާއަށް އަރަމުން ވަށައިގެން ފެތުރިފައިވާ ބޮޑެތި ބިޔަ އިމްރާތްތަކުގެ ޖަންގައްޔަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އޭނަ ކުރިއަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ފައިދުޅަވެފައި ވުމުން އޭނައަށް ހިނގުނީ ވެސް ކޮރު ޖަހަމުންނެވެ. ހާމަފެންޑާގެ ވަށައިގެން ރާނާފައިވާ ތިރި ފާރު ކައިރިއަށް އޭނަ ހުއްޓުނެވެ. އަދި އެފާރުމައްޗަށް އަރާ ތިރިއަށް ނަޒަރު ހިންގާލިއެވެ. ދެލޯމަރާލަމުން އޭނަގެ ހަށިގަނޑު ވަޔާއި ހަވާލު ކޮށްލީ ދެނެވެ.
''ޒިވްޔަން!!!!!!...'' ގޭގެ ގޭޓުން ވަން ކާރުގައި އިން އާމިރާނަށް ފެނުނު މަންޒަރާއެކު މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ކާރުގެ ދޮރު ހުޅުވާލަމުން އޭނައަށް ދުއްވައިގަނެވުނެވެ. އޭރު ވައިކަފާލާފައި އައިސް ޒިވްޔަން ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެ އެވެ. އެއާއެކު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ހިސާބު ފަވާލީ ލޭގެ ކޯރަކުންނެވެ. ކޮޓަރީގައި އުޅުނު ސާރާ ވެސް އިމްރާނުގެ ހަޅޭކުގެ އަޑަށް ކޮޓަރިން ނިކުމެ ދުވެލާފައި އައިސް ބޭރަށް ނިކުތެވެ. ފެނުނު މަންޒަރާއެކު އޭނަގެ މޭގަނޑަށް ފިނިވެގެން ދިޔަ އެވެ.
''ޒިވްޔަން...'' ހަރަކާތްެކެނޑިފައި އޮތް ޒިވްޔަން ކައިރިއަށް ތިރިވަމުން އިމްރާނަށް ގޮވާލެވުނެވެ. އޭނަގެ ދެލޯފުރިބާރުވެފައިވި ކަރުނަތައް އެވަގުތު ހުރަހަކާ ނުލާ ޒިވްޔަންގެ މުނަށް ފޭބިއެވެ. އަޑުންއަޑުނަގާފައި ރޮއިގަންނަމުން އިމްރާނަށް ޒިވްޔަންގެ މޫނުގައި ދެއަތުން ހިފާލެވުނެވެ. ފިނިވަމުން ދިޔަ އެހަށިގަނޑުން އޭނަގެ ހިތުގެ ތެޅުން އަވަސްވެ ހިތާމައިގެ ސަބަބުން މުޅި މީހާ ރުޅިދާނެހެން ވެސް ހީވި އެވެ.
*****
ހޮސްޕިޓަލަށް ގެންދެވުނު އިރު ޒިވްޔަންގެ ފުރާނަ ސަލާމަތްކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ލެއިން ފެވިފައިވި ގަމީހާއި ފަޓުލޫނުގައި އަވަސްފަރުވާދޭ ކޮޓަރީގެ ކައިރީ ހުރި ގޮނޑިބަރިއެއްގައި އިން އާމިރުގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާއި ބިރުވެރިކަމާއެކު ވެސް އޭނަ ހެއްދެވި ފަރާތަށް ދުޢާ ދެންނެވިއެވެ. ޒިވްޔަންގެ ފުރާނަ ސަލާމަތްކޮށްދެއްވުމަށް އެދިއެވެ.
ސާރާއަށް ވެސް ކުޑަ ވަރެއްގެ ޝޮކެއް ލިބިފައި ވެއެވެ. ޒިވްޔަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެެވެ. ނަމަވެސް ފެނުނު މަންޒަރުތަކުން އޭނަ ހުރީ ބިރުގެންފައެވެ.
ލިބުނު ޒަހަމްތަކަށް ފަރުވާ ކުރުމަށް ފަހު ޒިވްޔަން އައި.ސީ.ޔޫއަށް ބަދަލު ކުރެވުނު އިރު މީޒާއަށް ވެސް ޒިވްޔަންގެ ޚަބަރު ލިބިގެން އޭނަ ހުރީ ހޮސްޕިޓަލަށް އައިހެވެ. އެދެލޮލުން ރޮއިފައިވާ މިންވަރު ރީއްޗަށް ވެސް ހާމަކޮށްދެއެވެ. އޭނަގެ ލަނގޮޑީގައި ލެވިފައި ފުން ޒަހަމްތަކުގައި ލޮނުމިރުސް ލެވިގެން ދިޔައީ އިމްރާނުގެ ހަރުކަށި ބަސްތައް އަޑު އިވިފައެވެ. އެއާއެކު ބުނެވުނު ވާހަކަތަކާ މެދު ލަދުގަނެ އޭނައަށް އިސްޖަހާލެވުނެވެ. ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން ގިސްލުމާއެކު އޭނަ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އިމްރާނު އެކަމަށް ހުރަސް އެޅުމުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
''މިހާރު ކީއްކުރަން ތިއައީ؟، ދަރިއަކު ހުރިކަން މިހާ ދުވަސް ވީއިރު ވެސް ހަނދާނެއް ނެތެއްނު...'' އިމްރާނުގެ އަޑު ބާރެވެ. ކަރުނަތަކާ ހަނގުރާމަކުރަމުން އޭނަ މީޒާއަށް ބަލާލިއެވެ. މިއީ މީޒާ ބެނުންވި ގޮތް ނޫން ހެއްޔެވެ؟ ދެން މީޒާ ދެރަވަނީ ކޮންކަމަކާ ހެއްޔެވެ؟
''މިތަނުން ދޭ، މީޒާގެ އެހީއެއް އަހަރުމެން ބޭނުމެއް ނޫން...''
''އިމްރާނު... އެއީ އަހަރެންގެ ވެސް ދަރިއެކޭ، ނުވަ މަސް ދުވަސް ވަންދެން އެދަރިފުޅު ރައްކާތެރިކޮށް ދުނިޔެއަށް ގެނައީ އަހަންނޭ، އެއީ އަހަރެންގެ ހިތުގެ އެއްބަޔޭ... އެދުވަހު އަހަންނަށް އެހެން ބުނެވުނީ ޒިވްޔަން ދެކެ ލޯބި ނުވާތީކީއެއް ނޫނޭ، އޭރު އަހަރެންގެ ވިސްނުމުގައި ވި އުނިކަމުގެ ސަބަބުން އެގޮތަށް ކަންތައް ކުރެވުނީ، ރުޅީގެ ސަބަބުން އެގޯސް ނިންމުންތައް ނިންމުނީ...... އާދޭސްކޮށްފަ ބުނަން، އަހަރެންގެ ދަރިފުޅާއެކު ހުރުމުގެ ފުރުސަތު އަހަންނަށް ދީ...'' މީޒާ ގިސްލެވިފައިވާ އަޑަކުން ބުނެލިއެވެ.