''އެނީތިންގް، ބުނޭ މި ސްޓުޕިޑް ކަމެކޭ....... ކީއްވެގެން ކަމެއް ނޭގޭ... އެޒުވާނާއަށް ޓްރަސްޓްކުރަން އަހަރެންގެ ހިތް އެބަބުނޭ... އައި ޑޯންޓް ނޯ ވަޓްސް ހެޕެނިންގް... އޭނައާ ދެން ބައްދަލުވެދާނެކަމެއް ވެސް އެނގެނީކީ ނޫން...'' ތޫބާ ހާސްވެފައިވަނީ މިޒްޔަން އާއި ދެވަނަ ފަހަރަށް ބައްދަލުނުވެވިދާނެތީއެވެ. މިރޭގެ އެބައްދަލުވުމުން މިޔްޒަން އޭނައަށް ސިހުރެއް ޖައްސައިފިއެވެ. ދިމާވި ހުރިހާކަމެއް ވެސް ހަނދާން ނައްތާލާފައި އާފެށުމަކުން ފަށަން ބާރުއަޅަން ފެށި ކަހަލައެވެ.

''އަބަދު މާޒީއާ މެދު ވިސްނާނަމަ ކުރިއަކަށް ވެސް ނުދެވޭނެ، އެޓް ސަމް ޕޮއިންޓް ޔޫ ހޭވް ޓު ފޮގެޓް އެވްރީތިންގް، މުޅިން އައު އަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލާން ވެސް ޖެހޭނެ، އެކިފަހަރު އެކި މީހުން ކުރިމަތިލާން ޖެހޭނީ ތަފާތު ކަންތައްތަކާ، އެކަންތައްތަކުން ޢިބުރަތް ހާސިލުކުރުން އޮތީ، އަހަރެން ބުނާނީ ތޫބާ ވެސް މާޒީ ހަނދާން ނައްތާލާށޭ، މާޒީގެ ސަބަބުން މުސްތަޤުބަލް އިތުރަށް ބަނަވުން ނޫން ކަމެއް ނުވާނެ...'' މައުވާ ފުން ވިސްނުމަކަށް ގެއްލިފައި ބުނެލިއެވެ. އޭނަ ބަސްތައް އަތުރާލީ އަމިއްލަ ހަޔާތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

''ތިބުނީ އޭނައަށް އިތުބާރު ކުރާށޭތަ؟...'' މައުވާގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ ތޫބާއަށް މައުވާގެ އަތުގައި ހިފާލެވުނެވެ. މައުވާ ވެސް އެދައްކަނީ މުޅިން ގޮދު ވާހަކަތަކެއް ނޫނެވެ. ނަމަވެސް އޭނަ ބިރުގަންނަނީ ދެވަނަ ފަހަރަށް މާޒީ ތަކުރާރު ވެދާނެތީއެވެ. ހަމައެއާއެކު މިޒްޔަން އާއި ބައްދަލުވުމުގެ ފުރުސަތު ދެން ދުވަހަކުވެސް ނުލިބިދާނެތީ އެވެ. މިޒްޔަން ރަގަޅަށް ވެސް އޭނަގެ ހިތާ ކުޅެލައިފިއެވެ. ދެވަނަ ފަހަރަށް ބައްދަލު ނުވަނީސް ދެން އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހިތުގެ އަޑިން ދުޢާ ކުރެވެމުން ދިޔައީ އެންމެ ފަހަރަކު ވިޔަސް އެ ސޫރަ ފެނުމުގެ ނަސީބު އޭނައަށް ދެއްވުމަށް އެދިއެވެ. އެ މަޑުމައިތިރިކަން އެކުލެވިގެންވި އަޑު ކަންފަތުގެ ތެރެއަށް ވިރިގެން ދިއުމަށް އެދިއެވެ.

މައުވާ ފަނޑު ހިނިތުންވުމަކާއެކު ތޫބާގެ ސުވާލަށް ޖަވާބު ދިނުމުގެ ނިޔަތުގައި ބޯޖަހާލިއެވެ. ނުތަނަވަސްވެފައި އިން ތޫބާއަށް ވެސް ހިނިތުންވެވުނެވެ.

''އައި ވިޝް އިފް އައި ކުޑް ސީ ހިމް އެގެއިން...'' ތޫބާ ދެއަތްތިލަ ޖޯޑުކޮށްލަމުން ގެނެސް މޭގައި ޖައްސާލަމުން ޚިޔާލަކަށް ގެއްލުނެވެ. އޭރު އޭނަގެ މޫނުގައި މަޢުނަވީ އުފާވެރިކަމެއް ވިއެވެ.

''އިފް އިޓްސް މީން ޓު ބީ، ދެން އިޓް ވިލް ހެޕެން...'' މައުވާ ބުންޏެވެ. އެއާއެކު ތޫބާ ބޯޖަހާލަމުން މައުވާގެ ގައިގައި ބައްދާލިއެވެ.

''ތޭންކްސް ފޯރ ދި އެޑްވައިސް...'' ތޫބާގެ އަޑުންވެސް އޭނަ އުފާވެފައިވާ މިންވަރު މައުވާއަށް އަންދާޒާ ކުރެވުނެވެ. އޭނައަށް ވެސް އެވަގުތު ދުޢާކުރެވުނީ ތޫބާގެ ހުރިހާ ހުވަފެނެއްގައި ހަޤީޤީ ކުލަ ޖެހިގެން ދިއުމަށް އެދިއެވެ.

*****

''ކާކުތަ މިގަޑީގަ ބެލް ޖަހަނީ...'' ރިހަ ހޫނުކުރަން ބަދިގޭގައި އުޅުނު ޝަކީލާއަށް މައިދޮރުގެ ބެލްގެ އަޑު އިވުމުން ހިތާހިތާ ސުވާލުކޮށްލެވުނެވެ. އަތްމަތި އަވަސްކޮށްލުމަށްފަހު އުނދުން ނިއްވާލަމުން އޭނަ ހިނގައިގަތީ މައިދޮރު ހުޅުވުމަށެވެ.

''ޒުލްފާ...'' ޝަކީލާ ދޮރުހުޅުވާލުމާއެކު ވައިރޯޅީގެ ބާރުމިނުގައި ޒުލްފާ އެތެރެއަށް ވަނުމުން ކަމެއް ގޯސްވެއްޖެކަން ވަގުތުން ޝަކީލާއަށް ނަގައިގަނެވުނެވެ. އޭނަ ޒުލްފާގެ ފަހަތުން ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ.

''ޝަކީ އަހަރުމެންގެ ރޭވުމާއިގެން ވީހާވެސް އަވަހަކަށް ކުރިއަށް ދާންވީ... މިރޭ ދެކެވުނީ ބަންދާ ދިމާކޮށް އެމައުވާގެ ރަށަށްދާ ވާހަކަ، އަދި ޝިއާފް ވެސް ހުރީ އެކަމާ ނުހަނު ގަޔާވެފަ، އެދަތުރަކު ގޮސްފިއްޔާ މަގޭ ދަރި މަށަށް ގެއްލޭނެ... މައުވާ ވެސް ހުންނަނީ އޭނަގެ އެދުންތައް ހާސިލުވާތީ ވަރަށް އުފާވެފަ... އަންނަ ރުޅީގަ ހިތަށް އަރާ ޒަހަރު ދީފާނަމޭ ވެސް...''

ޒުލްފާ އޭނަގެ ހިތުގެ އުދާސްތައް ބަންޑުން ކުރަމުން ގެންދިޔައެވެ. ޝަކީލާ އެވާހަކަތައް އަޑުއަހަމުން ދިޔަ އިރު ހުރީ ހިސާބަކަށް ބޮލަށް އުނދަގޫ ވެފައެވެ. މިހާރަކަށް އައިސް އޭނައަށް ޖެހިފައިވަނީ ތާއަބަދު ޒުލްފާގެ ފަސާނާ އަޑުއަހާށެވެ. ތާއަބަދު އެއް ވާހަކައެއް އަޑުއަހަން ޖެހިއްޖެއްޔާ ފޫހި ނުވާނީ ކާކު ހެއްޔެވެ؟ ބޭރު ފުށުން ރަގަޅު ކަމުގައި ހެދިގެން އުޅުނުކަމުގައި ވިޔަސް މިހާރު އޭނައަށް ޒުލްފާ ވެފައިވަނީ މުސީބާތަކަށެވެ.

''މާލެއިން ސިހުރު ހަދަން ރަގަޅު މީހަކު ލިބޭނެތަ؟، ލާރިގަނޑު ދިނީމަ އެހިފައިގެން އަނެއްކާ ނުފިލާނެތަ؟...'' ޒުލްފާ އަހާލިއެވެ. ސިހުރަކީ ދީނުގައި ޚަރާމްކޮށްފައިވާ ބޮޑު ފާފައެއްކަން އެނގޭ ހާލުގައި ވެސް އޭނަ ހުރީ ކަންވެރިއެއްގެ އެހީ ހޯދަން ގަސްދުކޮށްގެންނެވެ. އާހިރަތަށްވުރެ ބޮޑަށް ޒުލްފާ ވިންނަމުން ދިޔައީ ދުނިޔެވީ ކަންތަކާ މެދުގައެވެ. އަނެކާއަށް ދެވެން މިއުޅެނީ ކިހާ ބޮޑު އަނިޔާއެއްކަން ވެސް އޭނައަށް ރޭކާ ނުލައެވެ. ނޫނީ އެނގެން ބޭނުން ނުވަނީއެވެ. އޭނަގެ އެދުންތައް ހާސިލުކުރަން ފާފައެއްކުރަން ޖެހުނަން އޭނަ ހުރީ ހޮޔެކަމުގައި ދެކިގެންނެވެ. އޭގެ އާހިރު ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވިޔަސް އޭނައަށް ހެވެވެ.

''އާނ، ކީއްވެ ނުލިބެންވީ؟، ދެން އަހަރެންވެސް ކަޓު މީހެއްގެ ގާތަށް ޒުލް ނުގެންދާނަމެއްނު، އަހަރެންގެ އެކުވެރިޔެއްގެ އަތުގައި އޮންނާނެ މާލޭގެ ވަރަށް މޮޅު ކަންވެރިޔެއްގެ ނަންބަރު، އަގު ބޮޑުވެދާނެ އެކަމަކު ޒުލް ބޭނުން ކަންތައް ވާނެ...'' ޒުލްފާގެ އުނދަގުލުން ސަލާމަތްވާން އޮތް ގޮތަކީ ހަމައެކަނި އެއީކަން ޝަކީލާއަށް ވިސްނުނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ފޯނުން ނަންބަރެއް ހޯދުމަށެވެ.

''ލާރި ހަމަޖެއްސިދާނެ، ޝަކީ މަށަށް ކޮށްދޭންވީހާ ވެސް ކަމަކީ އެމީހާއާ ވީހާ ވެސް އަވަހަކަށް ބައްދަލުވާނެ ގޮތެއް ހަދައިދޭންވީ...'' ޒުލްފާ ވިސްނާލަމުން ބުނެލިއެވެ. ''މިފަހަރު މޮޅުވާނީ ކާކުތޯ އަހަރެން ނިކަން ބަލާނަން!!''

ޒުލްފާގެ މޫނުގެ މަލަމަތި އުޖާލާވެގެން ދިޔައީ ޝަކީލާ ދިން އުފާވެރި ޚަބަރެއްގެ ސަބަބުންނެވެ. ޝަކީލާ ކޮށްދިން ހޮޔެކަންތަކަށް ޒުލްފާ ޝުކުރުއަދާކުރިއެވެ.

މާދަމާގެ ވަގުތެއްގައި ކަންވެރިޔާއާއި ބައްދަލުވުމުގެ މަގު ޒުލްފާއަށް ފަހިވެގެން ދިޔައެވެ. އޭނަގެ މަންޒިލާ ހަމައަށް ގެންގޮސްދޭނެ މުސާފިރެއް ލިބުނީއެވެ.

*****

ދަންވަރުގެ ހިމޭންކަން ދުނިޔެމައްޗަށް ވެރިވެގެން ދިޔައިރު މައުވާއަށް އޮތީ ނުނިދިފައެވެ. މިރޭ އޭނައާ ނިދި ރުޅިވެފައިވާ ކަހަލައެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު ހިނގިކަންތައްތަކާ މެދުގައެވެ. އެއީ ރަގަޅު ނިންމުމެއް ބާވައޭ އަމިއްލަ ނަފްސާ ސުވާލުކުރެވުނު އަދަދެއް ވެސް ނޭގުނެވެ. އޭނައަށް ޝިއާފަށް ފުރިހަމައަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟ ޝިއާފް މިފަހަރު ވެސް އޭނަގެ ލޮލުގައި އަނދުން ނާޅުވާނެ ހެއްޔެވެ؟ ޚިޔާލުތަކުގެ އޮއެވަރުގައި ބެހި އޭނަ ގެންދަމުން ދިޔަ އައްސޭރިއާ މެދު މައުވާ ހިތްހަމައެއް ނުޖެހުނެވެ. އޭނަ ތަކުރާރުކޮށް އިޖާބަދެމުން ގެންދިޔައީ ހިތުގެ ގޮވުންތަކަށެވެ. އޭނަ ވަނީ ޝިއާފަށް އޭނަގެ އިތުބާރު ހޯދުމުގެ ފަހު ފުރުސަތު ދީފައެވެ. އޭނަ ވާ ލޯތްބަށްޓަކާ ކޮންމެފަދަ އިމްތިހާނަކާ ކުރިމަތިލާން ވެސް މައުވާ ހުރީ ތައްޔާރަށެވެ. ދެއަތަށް ފުރޮޅެމުން ދަނިކޮށް ފޯނުރިންގުވާ އަޑު ކަންފަތުގައި ޖެހުމާއެކު އަވަސް ހަރަކާތްތަކާއެކު މައުވާ ފޯނުނަގައި ކަންފަތުގައި ޖައްސާލީ އެގަޑީގައި ގުޅާނީ ކާކުކަން އެނގޭތީއެވެ.

ޝިއާފް މައުވާ ގާތު އެދުނީ ވާހަކައެއް ދައްކާލަން ބެލްކަނިއަށް ނިކުމެލުމަށެވެ. މައުވާ ސުވާލުކުރުމުން ވެސް ފޯނުން އެވާހަކަ ދައްކަން ޝިއާފް ދެކޮޅު ހެދިއެވެ. އޭގެ ސަބަބުން މައުވާއަށް ލިބިގެން ދިޔަ ހައިރާންކަން ވީ އިތުރެވެ. އެންމެ ފަހުން ގޮތް ހުސްވުމުން މައުވާ އާނބަސް ދެމުން ފޯންކޯލް ކުރުކޮށްލިއެވެ. އަދި އެނދުން ތެދުވެލުމަށްފަހު ތަރުތީބުކަން ގެއްލިފައި އޮތް އިސްތަށިގަނޑު ރީތި ކޮށްލަމުން ގޮސް ކޮޓަރިން ބޭރަށް ނުކުތެވެ.

މާހައުލަށް ވެރިވެފައި އޮތް ފަނޑު އަލިކަމާއި ހިމޭންކަމުގެ ތެރޭން އަވަސް ފިޔަވަޅުތަކެއްގައި ގޮސް މައުވާ ބެލްކަނިއަށް ނިކުތް ވަގުތު ޖެހިލި ފިނިފިނި ރޯޅިއާއެކު ކަށީީގެ ތެރެއަށް ވެސް ފިނީގެ އަސަރު ކުރިކަހަލައެވެ. މައުވާއަށް ދެއަތް ގެނެސް ހަށިގަނޑު ވަށާލެވުނެވެ.

ޝިއާފް ހުރީ ރެއިލިންގްގައި އަތްއަޅުވާލައިގެން އިމާރަތްތަކުން ފުނިޖެހިފައި އޮތް މާލޭގެ މަލަމައްޗަށް ބަލަހައްޓައިގެންނެވެ. އިރުކޮޅެއް ވަންދެން ޝިއާފަށް ބަލަން ހުރެފައި މައުވާ ގޮސް ޝިއާފް ކައިރިއަށް ހުއްޓުނީ ދެޒުވާނުންގެ ދެމެދުގައި ފުދޭވަރަކަށް ދުރުމިން ބަހައްޓަމުންނެވެ. ވަގުތުގެ ގޮތުން ދެމީހުން އެކީގައި ތިއްބާ މީހަކަށް ފެންނަން ބޭނުން ނުވާތީއެވެ.

ޝިއާފް މައުވާއަށް ބަލާލި ނަޒަރުގައިވި ތަފާތުކަމުން މައުވާގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. އެދެލޮލުން ކަމެއް ހޯދަން އުޅޭ ކަހަލައެވެ.

''އިވީ...''

ޝިއާފް މައުވާގެ މޫނާ ނަޒަރު ވަކިކުރުމެއް ނެތި ގޮވާލިއެވެ. އަދި މައުވާއާ ގާތަށް ފިޔަވަޅެއް ކުރިއަށް އަޅާލަމުން އެދެމެދުގައިވި ދާއިރާ އިތުރަށް ހަނިކޮށްލިއެވެ. ޝިއާފް ދައްކަން އުޅޭ ވާހަކައަކާ މެދު މައުވާގެ ހިތް އިހުނަށްވުރެ ނުތަނަވަސް ވިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެވުނީ އެހެންވީމައެވެ.

''އަހަރެން މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދެއްޗޭ...'' ޝިއާފްގެ އަޑުގައި ވަނީ ސީރިޔަސްކަމެވެ.

''ކޮންކަހަލަ ސުވާލެއްތަ؟...'' ލިބުނު ހައިރާންކަމާއެކު މައުވާއަށް ބުނެވުނެވެ.

''އިވީއާ ދިމާއަށް މަންމަ އެއްވެސް އެއްޗެކޭ ބުނިތަ؟...'' މައުވާއާ ހަތަރުކަޅި ހަމަކުރަމުން ޝިއާފް އެހި އެވެ. އެސުވާލާއެކު މައުވާގެ މޫނަށް ވެރިވެގެން ދިޔަ ލިސާންތަކާއެކު ޝިއާފަށް އޭނަގެ ސުވާލުގެ ޖަވާބު މުޅިންހެން ލިބުނެވެ. އެހެނަސް އޭނަ މަޑުކޮށްލައިގެން ހުރީ މައުވާގެ ފަރާތުން ޖަވާބެއް ލިބެން ދެނިކޮށެވެ.

''ކީކޭ؟...'' މައުވާއަށް ހީވީ ވަށައިގެންވި ވައިކޮޅު ވެސް އޭނައަށް މަދުވެގެން ދިޔަ ހެންނެވެ. ކުއްލިޔަކަށް އެފަދަ ސުވާލެއް ޝިއާފް ކުރަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ޝިއާފަށް އެކަން ފާހަގަ ކުރެވުނީ ހެއްޔެވެ؟ އެސުވާލަށް ދޭނެ ޖަވާބެއް ވެސް މައުވާގެ ވިސްނުމަކަށް ނައެވެ. ތެދަށް ޖަވާބު ދީފިއްޔާ ޝިއާފާއި އޭނަގެ މަންމަގެ ގުޅުމަށް އޭނަގެ ސަބަބުން ލޮޅުން އަރައިގެން ދިއުން ގާތެވެ. ނޫނީ ޝިއާފް އޭނަގެ ވާހަކަތައް ޤަބޫލުނުކުރުން ވެސް އެއީވުން އެކަށީގެންވާ ކަމެކެވެ.

މައުވާގެ ހިމޭންކަމުން އުނދަގޫވެގެން ދިޔަ ޝިއާފަށް މައުވާގެ އަތުގައި ހިފާލެވުނެވެ. ޝިއާފްގެ އެހަރަކާތުން މައުވާއަށް ކުޑަ ސިހުމެއް ލިބުނެވެ. ލަސްލަހުން މައުވާގެ ނަޒަރު ޝިއާފްގެ މޫނަށް ދަތުރުކުރިއެވެ. ޝިއާފް ޖަވާބެއް ބޭނުންވެފައިވާކަން މައުވާއަށް އެނގުނެވެ. ނަމަވެސް އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ތެދު ހާމަކުރަން ވީ ހެއްޔެވެ؟ ނޫނީ ދޮގު ހަދަން ވީ ހެއްޔެވެ؟

''އިވީ...'' މައުވާގެ ފިނިވެފައިވާ އަތްތިލައިގައި ހިފަމުން ޝިއާފް ބުންޏެވެ. ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު މައުވާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އެސުވާލުގެ ޖަވާބު ނުލިބެނީސް ޝިއާފް ހުއްޓާނުލާނެކަން މައުވާއަށް ވިސްނުނެވެ.

''ބީ އޮނެސްޓް...'' އެއްޗެއް ބުނަން މައުވާގެ ތުންފަތް ހަރަކާތްކޮށްލުމާއެކު ޝިއާފް އެދުނެވެ. އެއާއެކު މައުވާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

''މަންމަ އިވީއާ ދިމާއަށް އެއްޗެކޭ ބުނެފައިވާނަމަ އަހަރެން ގާތު ބުނެބަލަ... އިވޭގެ ހިމޭންކަމުން އަހަރެންގެ ސުވާލަށް ޖަވާބު އެބަހޯދައިދޭ...''

ޝިއާފް މައުވާގެ ކޯތާފަތުގައި ވާއަތުން ހިފަހައްޓާލިއެވެ. އެތޫނު ދެލޯ އަދިވެސް ވަނީ މައުވާގެ މޫނަށް ހުއްޓިފައެވެ. މައުވާ އިސްތިރިކޮށްލަމުން ކިޔައިދޭން ފެށީ އެނޫން އިތުރު ގޮތެއް ޝިއާފް އޭނައަށް ފަހިނުކޮށްދިނުމުންނެވެ. މައުވާގެ ވާހަކަތައް އަޑުއަހަމުން ދިޔަ ޝިއާފްގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. މަންމަ ދެކެ ޝިއާފް ރުޅިއަންނަ ގޮތް ވިއެވެ.

''އަހަރެން ބޭނުމެއް ނޫން އަހަަރެންގެ ސަބަބުން ޝިއާފާއި ޒުލްފާ ދައްތާއާ ދެމެދު މައްސަލައެއް ޖެހެން...'' މާހައުލަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއަށް މައުވާގެ އަޑު ފެތުރިގެން ދިޔައެވެ. މައުވާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝިއާފް މައުވާ ގެނެސް މޭގައި ޖައްސާލަމުން އެތުނި ހަށިގަނޑު ދެއަތުން ވަށާލިއެވެ. އަދި މައުވާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

''އައިމް ސޮރީ އިވީ... މަންމަގެ މިޒާޖުގައި ހުންނަ ގޮތެއް އެއީ... ކޮންމެ ފަދަ ކަމެއް ކުރިމަތި ވިޔަސް އަހަރެން އިވީއާއެކު ވާނަން... ތިއަތުގައި ހިފީ ދެން ދުވަހަކު ވެސް ދޫކޮށްނުލާނަން ކަމުގައި ވަޢުދު ވަމުން، އެ ވަޢުދު އަހަރެން ފުއްދާނަން...'' ޝިއާފްގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. ސާބިތުކަމެވެ.

ޝިއާފްގެ ޖުމްލައިން މައުވާގެ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. ނަމަވެސް ބޭނުންވިހާ އުފާވެރިކަމެއް އިހުސާސެއް ނުކުރެވުނެވެ. އޭނަގެ ސަބަބުން ޝިއާފްގެ ޢާއިލާގައި މައްސަލަގަނޑެއް ހިލިގެންދާން ބޭނުން ނުވާތީއެވެ. ހަމައެއާއެކު މީހުންގެ ބަދުދުޢާ އެގުޅުމަށް އަމާޒުވާން ނޭދޭތީއާއެކުގައެވެ.

''އަހަރެން މަންމައާ ވާހަކަ ދައްކާނަން، މަންމަ ނުޤަބޫލުވިޔަސް އަހަރެން އިވީ އާއެކު ވާނަން... އިޓްސް އެ ޕްރޮމިސް...'' ޝިއާފް ބުންޏެވެ.

''އެކަމަކު...'' މައުވާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ޝިއާފް ވާހަކަދައްކަން ފެށުމުންނެވެ.

''އަހަރެން ވަރަށް ގިނަ ދުވަހު އިވީއާ ދުރުގައި އުޅެފިން، އެއީ ކިހާ ވޭން ހުރި ކަމެއްކަން އަހަންނަށް އިހުސާސްކުރެވޭ... ދެން ދުވަހަކު ވެސް އެފަދަ ވޭނެއް ބަރުދާސްތުކުރަން އަހަރެން ބޭނުމެއް ނޫން، މަންމަ ނުޤަބޫލުވިޔަސް އަހަރެން އިވީ ނޫން ކުއްޖަކު ހަޔާތަކަށް ނުގެންނާނަން...'' ޝިއާފްގެެ އަޑުގައި ވަނީ ޔަޤީންކަމެވެ.

މައުވާ ވާހަކަ ދައްކަން ބޭނުންވި ކަމުގައި ވިޔަސް އެވަގުތާ ދިމާކޮށް އޭނަގެ ދޫވެސް އެކަމަށް ނުކުޅެދުނު ފަދައެވެ. ޝިއާފް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައިރު އެއަޑުގައިވާ ޔަޤީންކަމުން އޭނަގެ ހާސްކަމަށް ނިމުމެއް ގެނެސްދިނުމުގައި ކާމިޔާބު ހޯދައިފިއެވެ. ކުރިމަތިވެފައިވާ ގަދަ ތޫފާނުގައި ވެސް އޭނައާއެކު ސާބިތުކަމުގައި ވާނެ ބައިވެރިޔަކު އޭނައަށް އެވަނީ ލިބިފައެވެ. ޝިއާފްގެ ކޮންމެ ހަރަކާތެއްގައި ވަނީ ލޯތްބެވެ. އޯގާތެރިކަމެވެ. އެއަތުގެ ހިމާޔަތުގައި ހުރުމަށް ތާއަބަދު ހިތް އެދެއެވެ. ނަމަވެސް މަންމައާއި ދަރިއެއްގެ މާތް ގުޅުމަށް އެޅިގެންދާ ހިޔަންޏަކަށްވެގެން ދާން އޭނަ ބޭނުމެއް ނުވެއެވެ.

''އަހަންނަށް އެނގޭ އިވީ ތިވިސްނަނީ ކޮންކަމަކާ މެދުކަން، އެކަމަކާމެދު ނުވިސްނުން ދެން އެންމެ ރަގަޅުވާނީ، މަންމައާ ވާހަކަ ދައްކައިގެން ހައްލެއް ނުލިބުނިއްޔާ އަހަރެން މަންމައާ ދެކޮޅަށް ވެސް އިވީއާ އެކު ވާނަން، ހުރިހާ އެންމެން ބޭނުންވާ ގޮތަކަށް ހަޔާތުގެ ދަތުރު ކުރިއަކަށް ނުގެންދެވޭނެ...'' މައުވާގެ ހިމޭންކަމުގެ ފަހަތުގައިވާ ސަބަބު ޝިއާފަށް ވިސްނުނެވެ. މައުވާ ދެންވެސް ވާހަކައެއް ނުދެއްކިއެވެ. އެއާއެކު ޝިއާފް މައުވާ ދުރުކޮށްލަމުން އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ.

''އަހަރެން ބޭނުމީ ހުރިހާ އެންމެންގެ ރުހުން ލިބެން...'' މައުވާ ބުންޏެވެ.

''ވީ ވިލް ޓްރައި...'' މައުވާގެ ހިތްހަމަޖައްސާލަދޭން ޝިއާފް ބުންޏެވެ. އޭރު ވެސް އެއީ ވުން ނާދިރުކަމެއްކަން ޝިއާފަށް އެނގެއެވެ. މަންމަގެ ޒީލަގަދަކަން އޭނައަށް ވަނީ ކިތަންމެ ފަހަރަކު ފެނިފައެވެ.

ޝިއާފް ހިނިތުންވެލަމުން މައުވާގެ މޫނަށް ފައިބައިގެންދިޔަ އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލަދިނެވެ. މައުވާ ވެސް ފުންނޭވާއަކާއެކު ހިނިތުންވެލިއެވެ. ޝިއާފާއެކު ހޭދަކުރެވޭ ވަގުތުތަކުގައި އޭނައަށް ލިއްބައިދެނީ ބަޔާންކުރަން ދަތި އުފާވެރިކަމަކެވެ. ހިތް ބިރުގަންނަނީ އެއުފާވެރިކަމުން އޭނަ މަހުރޫމް ވެދާނެތީއެވެ.

*****

ދިޔާނާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ކޮޓަރިއަށް ފެތުރިފައި އޮތް ފަނޑު އަލިކަމުގެ ތެރޭން އެނދުގެ އަރިމަތީގައި ހުރި ކުޑަ ކަބަޑު މަތީ ހުރި ފެންޖަގަށް އޭނަ ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނައަށް ދެބުމަ ކައިރިކޮށްލެވުނެވެ. ފެންޖަގު ހުރީ ހުސްވެފައެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ދިޔާނާ އެނދުން ތެދުވެލިއެވެ. އަދި ފެންޖަގު ހިފައިގެން އޭނަ މިސްރާބުޖެހީ ބަދިގެއަށް ދިއުމަށެވެ.

ބަދިގެއަށް ވަންނަން ދިޔަ ދިޔަނާއަށް ބަޔަކު ވާހަކަދައްކާހެން ހީވުމުން ބެލްކަނިއާއި ދިމާއަށް ބަލާލެވުނެވެ. އޭރު އޭނަގެ ނިދި މުޅިންހެން ފިލައިގެން ހިނގައްޖެއެވެ. ލިބިގެން ދިޔަ ހައިރާންކަމާއެކު ކާމޭޒުމަތީ ފެންޖަގު ބަހައްޓަމުން އޭނަ ހިނގައިގަތީ ބެލްކަނިއާއި ދިމާއަށެވެ.

ކޮމެންޓް 0