ވެއިޓަރު އައުމުން އޯޑަރު ދިނީ ތޫބާ އެވެ. ހޮޓްޗޮކްލެޓާއި ހެދިކާއަށެވެ. އަލޫފް އިނީ މޭޒުގައި ދެއަތް އަޅުވާލައި ދަތްދޮޅީގައި ވިއްދާލައިގެން ތޫބާއަށް ފުން ނަޒަރަކުން ބަލަހައްޓައިގެންނެވެ. އެތުންފަތުގައި ފުން ހިނިތުންވުމެއްގެ އަސަރު ވެއެވެ. އަލޫފްގެ ތޫނު ނަޒަރުން ތޫބާ އިނީ ލަދުގަންނަ ގޮތް ވެފައެވެ. މިއަދާ ޖެހެންދެން ވެސް އެނަޒަރުން އޭނައަށް ކޮންމެ ފަހަރަކު ލަދުވެތިކަން އިހުސާސް ކުރެވެއެވެ. ތޫބާގެ މޫނުގައިވި ހުރިހާ ލެޔެއް ކޯތާފަތަށް ޖަމާވެފައިވާ ކަހަލައެވެ. ވެއިޓަރު އޯޑަރު ތަކުރާރުކޮށްލަމާއެކު ތޫބާމެނަށް ވަގުތު ދެމުން ދިޔައީވެ. އެއާއެކު މޭޒުމަތީ އޮތް ތޫބާގެ އަތުގައި އަލޫފް ހިފިއެވެ. އެފިނި ފިނި އަތްތިލައަށް މަޑުމަޑުން ފިތާލައި އޭނަ ކުރިއަށް ވުރެ ބޮޑަށް ހިނިތުންވެލިއެވެ.
''ހާދަ ވަރަކަށް ތި ބަލަނީ...'' ތޫބާ ފިނިވެފައިވާ އަޑަކުން ބުންޏެވެ. އޭނަ ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ހިނދު މިއަދު ވަކިން ބޮޑަށް އަލޫފްގެ ފަރާތުން ލޯބި ފެންނަކަށް ފާހަގަ ކުރެވުނެވެ. އެއާއެކު ފިކުރު ހިންގާލެވުނު ކަމަކާއެކު ތޫބާގެ ހިތް އަވަސްވެގެން ދިޔައީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. ރަކި ހިނިތުންވުމަކާއެކު އޭނައަށް އެސްފިޔަތައް ތިރިކޮށްލެވުނެވެ. އޭރު ލޭގެ ހިނގުން ކުރިއަށް ވުރެން ވެސް އަވަސްވެފައި ވެއެވެ.
''ޔޫ ލުކް ބިއުޓިފުލް...'' އަލޫފް ތޫބާގެ އަތުގައި ފިރުމާލިއެވެ. އަލޫފްގެ ދުލުން އޭނައަށް ތައުރީފުގެ ބަސް އޮހޭ ކޮންމެ ފަހަރަކު ތޫބާގެ ހިތް އުފަލުން ނަށާލައެވެ. ތަކުރާރުކޮށް އެއްލަފުޒެއް އަޑުއިވުނު ކަމުގައި ވިޔަސް އޭނަ ފޫއްސެއް ނުވެއެވެ. އެއާ ޚިލާފަށް އެބަސްތައް އޭނާއަށް ވަކިން ބޮޑަށް ހާއްސަވެގެން ދަނީއެވެ. އަލޫފްގެ އުފާވެރިކަމުގެ ފަހަތުގައި ވަނީ އޭނަ ކަން އިހުސާސްކޮށްދޭ ކޮންމެ ފަހަރަކު ހިތް އުތިރިއަރައިގެން ދެއެވެ. މިހާރު އަލޫފާއެކު އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކޮށްލަން އޭނަގެ ކެތްތެރިކަން ކުޑަވެފައި ވެއެވެ. އެންމެ ސިކުންތަކަށް ވެސް އަލޫފާ ދުރުގައި ހުންނަން އޭނަގެ ހިތް ދެކޮޅު ހަދައެވެ. އަލޫފް ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އޮންނާތީއެވެ. އަދިވެސް އެދެމެދަށް އެޅުނު ކަޅު ހިޔަނީގެ ހަނދާންތައް އޭނަގެ ވިސްނުމުގައި ދައުރުވަމުން ދެއެވެ. އެއިން ކޮންމެ ފަހަރަކު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ބާނީތަކެއް ދުވެލައެވެ.
*****
ހުޅުމާލެއިން މާލެ ދަތަރުކުރަމުން ދިޔަ ފެރީ ބަނދަރަށް ލެފުމާއެކު އެންމެން އަވަސް ވެގަތީ ފެރީން ފޭބުމަށެވެ. ސަލާމަތުން މަންޒިލާ ހަމައަށް ފޯރުމުން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ހިތްހަމަޖެހުން ފާޅުވޭވޭ ހުއްޓެވެ. ތަންކޮޅެއް ފަހަތު ގޮނޑިބަރިއެއްގައި ޒޯހާ އިނީ މީހުން މަދުވަންދެކަށެވެ. މީހުންގެ ތެރޭގައި އުނގުޅުން އެއީ އޭނަ ވަރަށް ފޫހިވާ ކަމެކެވެ. އުނގުގައި އިން ނިއަމް އޭރު ޝަކުވާ ކުރަމުން ދިޔައީ ޒޯހާ ނުތެދުވެ އިނުމުންނެވެ. މީހުންގެ އަޑު ކެނޑި ހިމޭން ވުމާއެކު އުނގުގައި އިން ނިއަމް އުރާލަމުން ޒޯހާ ފެރީން ފައިބަން ދިޔައެވެ. ޒޯހާގެ ފަހަތުން އޭނަގެ ދޮންބެ ފަރުހާން ވެސް ފައިބަން ދިޔައެވެ. ފަރުހާން ދިޔައީ ނިއަމްއާ ސަމާސާ ކުރަމުންނެވެ. އިރުއިރުކޮޅާ އިވިގެންދާ ނިއަމްގެ ހުނުމުގެ އަޑު ވެގެން ދިޔައީ ޒޯހާގެ ހިތުގެ ޝިފާއަކަށެވެ.
ފެރީން ފޭބުމާއެކު ޒޯހާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ނަމަވެސް އެގޮތް ފަރުހާނަކަށް ކަމަކު ނުދިޔައެވެ. އޭނަ ބޭނުންވީ ޒޯހާގެ ދެމައިން ގޮވައިގެން އެއްޗެއް ކާލައިގެން ގެއަށް ދާށެވެ. ޒޯހާ ކިތަންމެ ބަހަނާއެއް ދެއްކި ކަމުގައި ވިޔަސް ފަރުހާން ހުރީ އަޑުއަހާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެންމެ ފަހުން ޒޯހާއަށް ޖެހުނީ ފަރުހާންގެ އެދުމާއި ރުހި ޤަބޫލުވާށެވެ. ނިއަމް ބިންމައްޗަށް ފައިބަން އުޅުމުން ޒޯހާ ނިއަމްގެ އެދުން ފުރިހަމަކޮށްދެމުން އަތުގައި ހިފާލިއެވެ. އަދި ފަރުހާނުގެ ފަހަތުން ގޮސް ސީހައުސްއަށް ވަނެވެ.
ބޯ މަތި ވަމުން އައި ބަނަ ތޫފާނުގެ ހިލަމެއް ތޫބާ މެނަކަށް ނުވިއެވެ. އޭގެ ކެރީގެ ފުރަތަމަ ހަމަލާގެ ބާރުގައި ޖެހި އުފާވެރިކަން ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމެއް ވެސް މެއެވެ. އަމިއްލަ ދުނިޔެއަކަށް ފީނަމުން ދިޔަ ތޫބާ އިނީ އަލޫފް ދައްކަމުން ދިޔަ ވާހަކައިގެ ތެރެއަށް ގެއްލި އަލޫފާ ހިނިތުންވުމެއް ބައްދަލުކޮށްލައިގެންނެވެ. އެހިނިތުންވުން ރަހުމެއް ނެތި ފޭރިގަންނާނެ ވަގުތު އައިސް ޖެހިއްޖެ ކަމުގެ ހިލަމެއް ވެސް ތޫބާއަކަށް ނުވިއެވެ.
މައްޗަށް އެރި ފަރުހާނު ވަށައިގެން ވި މާހައުލަށް ނަޒަރެއް ދިނީ ހުސް މޭޒެއް ފެނޭތޯއެވެ. އެއާއެކު ތަންކޮޅެއް ދުރުގައި ކަނަކަށްވާ ގޮތަށް ހުރި މޭޒެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. ޒޯހާއަށް އޭނަ އަތުގެ އިޝާރާތުން މޭޒު ދައްކާލިއެވެ. ފަރުހާނަށް ހިނިތުންވެލަމުން ޒޯހާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އޭނަ ސިހިގެން ދިޔައީ ފެނުނު މަންޒަރާ އެކުގައެވެ. ދެލޯބޮޑުވެފައި އޭނައަށް ބަލަން ހުރެވުނީ ގަނޑުވެފައެވެ. ލޯކުރިމަތިން ސިފަވަމުން ދިޔަ މަންޒަރާއެކު ހިތުގައި ރިއްސާވެސް ލިއެވެ. ހިތް މޭގައި ފިތި ބާރުވަމުން ދާ ފަދަ ނުބައި އިހުސާސެއް ވެސް ކުރެވުނެވެ.
ޒޯހާގެ ހިލަމެއް ނުވުމުން ފަސްއެނބުރި ބަލާލި ފަރުހާނަށް ޒޯހާއަށް ވެފައި ހުރި ގޮތް ފެނުމާއެކު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެނިގެން ދިޔައެވެ. އޭނަ އަވަސް އަވަހަށް އައިސް ޒޯހާގެ ގާތަށް ހުއްޓިލުމަށްފަހު ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ. އޭނަ ސުވާލުކުރި ކަމުގައި ވިޔަސް ޒޯހާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއް ދިމާއަކަށް ނަޒަރު ހުއްޓާލައިގެން ގަބުވެފައި ހުރީއެވެ. އެއާއެކު ދެން އޭނަ ބަލާލީ ޒޯހާ ބަލަން ހުރި ދިމާއަށެވެ.
ފަރުހާނަށް ފެނުނު މަންޒަރާއެކު އޭނަގެ މޫނު ރުޅިން ބޯވެ މުށްކަވާލެވުނެވެ. ދެދަތްފިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު އުފެދެމުން ދިޔަ ރުޅީގެ ދިލަ އާވިން މުޅި މީހާ ފިއްސާލި ކަހަލައެވެ. އަލޫފްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމާއި ހިނިތުންވުން ވެގެން ދިޔައީ އޭނަގެ ރުޅިވެރިކަމުގެ އަލިފާންގަނޑު ގަދަކޮށްލަން އަޅާލެވުނު ދަރަށެވެ. އޭނައަށް އަލޫފްގެ ގާތުގައި އިން އަންހެންކުއްޖާއަށް ވެސް ބަލާލެވުނީ ރުޅިވެރިކަމުން ފުރިގެން ވި ނަޒަރަކުންނެވެ. އޭނަގެ ކޮއްކޮއަށް ލިބިފައިވާ ހިތްދަތިކަމުގެ އަސްލަކީ އެއީއެވެ. ޒޯހާ ދިރިހުއްޓައި އެރޫހު މަރާލި ކުއްޖަކީ ވެސް އެއީއެވެ. ޒޯހާއަށް އެހާ ބޮޑު ނިކަމެތި ކަމެއް ދީފައި އެމީހުންނަށް އުފަލުގައި އުޅުމުގެ ފުރުސަތެއް ދެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
''ހިނގާ ދާން...'' ޒޯހާއަށް ހަމަހޭވެރިކަން ވުމާއެކު އޭނަ ބޭނުންވީ އެތަނުން ދާށެވެ. އެހެންނޫންނަމަ ކަންތައް ވެގެންދާނެ ގޮތް އޭނައަށް ރަގަޅަށް އެނގެއެވެ. މަސްލަހަތު ގެއްލިގެން ދާން އޭނަ ނޭދެއެވެ. އަވަސްއަވަހަށް ދޮންބެގެ އަތުގައި ޒޯހާއަށް ހިފާލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލެވުނެވެ. އެހެނަސް ނިއަމްއަށް އަލޫފް ފެނުނު ހިނދު ޒޯހާގެ އަތުގެ ތެރޭން ވީއްލިގަނެގެން އޭނަ ދުއްވައިގަތީ ބައްޕަގެ ގާތަށް ދިއުމަށެވެ. ޒޯހާއަށް ނިއަމްއަށް ގޮވާލެވުނީ ތުރުތުރުއަޅަމުން ދިޔަ އަޑަކުންނެވެ. އޭރު ނިއަމް ގޮސް އަލޫފާ އަރާހަމަކޮށްފިއެވެ.
''ޑެޑީ...''
އިވުނު އަޑެއްގެ ނުބައި ކަމާހުރެ އަލޫފަށް ތެޅިގަނެވުނެވެ. އޭނަގެ ވާތްފަރާތަށް ވާގޮތަށް ހުއްޓިލައިގެން ހުރި ނިއަމް ފެނުމާއެކު ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. އެވަގުތު އޭނަގެ ކުރިމަތިން އިފުރީތެއް ފެނުނުކަމުގައި ވިޔަސް އެހާ ބިރުވެރި އިހުސާސެއް ނުކުރެވުނީސްކަން ނޭގެއެވެ. އޭނައަށް ގޮނޑިން ތެދުވެވުނީ ފުންމައިގެން ކަހަލަ ގޮތަކަށެވެ. ހަމައެއާއެކު އޭނައާއި ފުރަގަށް ވާގޮތަށް ދުރުގައި ހުރި ޒޯހާ ވެސް އޭނައަށް ފެނިއްޖެއެވެ. އޭރު ޒޯހާ އެދިމާއަށް އަންނަނީއެވެ. އަލޫފްގެ ނިތުގައި ފިނި ދަލެއް ހިއްލާލިއެވެ. އޭނަ ތޫބާއަށް އަވަސް ނަޒަރެއް ދިން ހިނދު އެމޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކާއެކު އޭނައަށް ހިންދިރުވާލެވުނެވެ. ހުރިހާ ކަމެއް ބޭޒާރު ވެއްޖެކަން އޭނައަށް އެނގުނީ ދެނެވެ.
ނިއަމްގެ މައުސޫމް މޫނަށް ބަލާލެވުނު ގޮތަށް އެހެން ދިމާއަކަށް ބަލަން ވެސް ތޫބާ ހަނދާން ނެތުނު ފަދައެވެ. އެމޫނުމަތިން ސިފަވަމުން ދިޔަ ސޫރައާއެކު ހިތުގައި އަތްއަޅާލެވުނީ ކުރި އަސަރެއްގެ ބޮނޑުކަމާ ހުރެއެވެ. އެނާޒުކު ހިތް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ތަޅައިގެން ދިޔައީ ބިއްލޫކުރިކޮޅެއް ފަދައިންނެވެ. އެތައް ހާސް އެތިކޮޅުތަކަށްވެ ނިމިގެން ދިޔަހިނދު އެވޭނުގެ ގަދަ ފަދަ ކަމާއެކު ތޫބާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ދެން އެހިތް ދުވަހަކު މަރާމާތު ކުރެވޭނެ ހެނެއް ހިޔެއް ނުވެއެވެ. ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ މި ފެންނަ މަންޒަރުތައް ބިރުވެރި ހުވަފެނަކަށްވެ ހޭލެވޭނެ ނަމަ އެވެ.
ލިބުނު ވަރުގަދަ ޝޮކާއެކު ތޫބާގެ ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވެސް އެނގުން ގެނުވިއެވެ. ފުސްވަމުން ދިޔަ ދެލޮލުން އޭނައަށް އަލޫފްގެ މޫނަށް ބަލާލެވުނެވެ. ހަމައެއާއެކު ދެން އެދެލޯ ސީދާ ވެގެން ދިޔައީ ކާރީގައި ހުރި ކުޑަ ފިރިހެން ކުއްޖާއަށެވެ. ބޮލަށް ވެއްޓުނު އެތައް ހާސް ބަރުދަނާ ހުރެ ބޮލަށް ވެސް އެނބުރުން އެރި ކަހަލައެވެ.
''ނޫން...'' އެއަޑު އައީ ރޮމުން ދިޔަ ތޫބާގެ ހިތުގެ އަޑިންނެވެ. އުފާވެރިކަމުގެ ހުޅުކޮޅު ވަޔާ ހަނގުރާމަކޮށް ނިވިގެންދާން ގިނަ އިރެއް ނުނެގިއެވެ. އަލޫފަށް ވެފައި ހުރި ގޮތުން އޭނަގެ ހުރިހާ ހީތަށް ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. ސިކުނޑީގައި ކުރިފަޅައި ފެތުރިގެން ދިޔަ ޚިޔާލުތަކާއެކު އޭނަގެ ލޮލުން ފާއްދާލި ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ. ދަތިއުނދަގޫކަމާއެކު އެފުރާނަ ހަށިގަނޑާ ވަކިކުރާ ފަދަ ނުބައި އިހުސާސެއް ތޫބާއަށް ކުރެވުނެވެ. ފެންނަމުން ދިޔަ މަންޒަރު ތަކުގެ ހިތިކަން މުޅި ޖިސްމަށް ފެތުރި ނިމިއްޖެއެވެ. ބަލަބަލަ ހުއްޓާ އެތަނަށް އައިސް ހުއްޓުނު އަންހެން މީހާ އެކުޑަ ފިރިހެންކުއްޖާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދަން އުޅުނެވެ. އެކުއްޖާ ބޮޑާ ހާކަމުން ބުނެލި ޖުމްލައިން ތޫބާާގެ ކަންފަތަށް ހޮނު އެޅިއެވެ. ބާރުގަދަ ހަމަލާއެއް މޫނަށް އެރުމުން މޫނުމަތިން ކުދިކޮކާތައް ބުރައިގެން ދާ އުސޫލުން އޭނަގެ މޫނުމަތިން ވެސް ކޮކާތައް ބުރާލިއެވެ.
''ދެން މަންމީ، ކޮއްކި އަތުން ދޫކޮށްބަލަ...'' ނިއަމް އެތަނުން ނުދާން ބޮޑާ ހާކާލިއެވެ. ޒޯހާ ނިއަމްއަށް ސަމާލުކަމެއް ނުދީ ނިއަމް އުރާލުމުން ނިއަމް ފެއްޓީ ރޯށެވެ. ގިނަ ދުވަސްތަކަށް ފަހު ބައްޕަ ފެނުމުން ނިއަމް ބޭނުންވީ ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލަންށެވެ. އެހެނަސް އެއީ ވުން މުސްތަހީލުކަމެއް ކަމުގައި ޒޯހާއަށް އެނގުނެވެ. ނިއަމް ބާރަށް ރޮމުން ބޮޑާހާކަމުން ދިޔަ ކަމުގައި ވިޔަސް ޒޯހާ އެކަމަށް ސަމާލުކަމެއް ނުދީ އަަވަސްވެގަތީ އެތަނުން ދިއުމަށެވެ. އޭނަ ފަސްއެނބުރު އިރު ފަރުހާން އައިސް ހުއްޓެނީއެވެ. ހޫނު ޒުވާބެއް ހިނގައިފާނެ ކަމުގެ ކޮޅުމަތި ފެނުމުން ހާސްކަމާއެކު ޒޯހާއަށް ވަށައިގެން ވި މާހައުލަށް އަވަސް ނަޒަރެއް ހިންގާލެވުނެވެ. ކޮންމެ މީހެއް ވެސް ބަލަމުން ދިޔައީ އެމީހުންނަށެވެ.
''ދޮންބޭ އިނގާ ދާން...'' ޒޯހާ ފަރުހާންގެ އަތުގައި ހިފާލަމަށްފަހު އާދޭހުން ފުރިގެންވި އަޑަކުން ބުންޏެވެ. ފަރުހާންގެ ދެލޮލުން ބުރަމުން ދިޔަ އަލިފާން ކަނިތަކުން އަލޫފާއި ތޫބާ ފިއްސާލާހާވެއެވެ. ކަތުރުކަށިގަނޑަށް އައިސްފައިވާ ބަދަލާއެކު އޭނަ އައިސްފައިވާ ރުޅިގަނޑުގެ ހޫނުކަން ރަމްޒުކޮށް ދެއެވެ. ޒޯހާ ހުރީ ފަރުހާން އަލޫފްގެ ގަޔަށް އަތްލަފާނެތީ ވެސް ބިރުންނެވެ.
''ހުރި ގޮތްކުޑަކަން ބަލާބަ!، ކަލޭ ލަދެއް ވެސް ނުގަނޭތަ އުމުރަށްވުރެ ހަގުކުދިން ފަހަތުން ދުވާއިރު، މިއަދު އަހަންނަށް އެނގިއްޖެ ޒޯހާއަށް ކާލޭ ކަހަލަ މީހަކާ އެކު ރަގަޅު ދިރިއުޅުމެއް ނުލިބޭނެކަން ވެސް، ޒޯހާ އާއި ކަލޭ ވަރިވުން އެއީ ޒޯހާއަށް ލެއްވި ރަހުމަތެއް... އަދި މިހިރަ އަންހެން މީހާވެސް ތަނަކުން ފިރިހެނަކު ފެންނައިރަށް ވެފަ ހުރި ގޮތް ބަލާބަލަ...... ކަލޭ ހީކުރީތަ ޒޯހާއަށް ދެރަ ދީފައި ކަލެއަށް އުފަލުގައި އުޅޭވޭނެ ކަމަށް!، އެހެން ހީކުރެވުނު ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް، ކަލެއަށް ހަމަޖެހިލައިގެން ނޭވާއެއް ލުމުގެ ފުރުސަތެއް ވެސް އަހަރެން ނުދޭނަން...'' ފަރުހާނަށް އޭނަގެ ރުޅިގަނޑު މަތަނުކުރެވުނެވެ. އޭނަ އައިސްފައި ހުރި ގަދަ ރުޅީގައި އަލޫފްގެ މޫނަށް އެތިފަހަރެއް ވީއްލާލިއެވެ. އޭނަ އެފަދަ ފުރުސަތަކަށް އެދިއެދި ހުންނަތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. ޒޯހާގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ އިތުރަށް ދިން އަނިޔާގެ ބަދަލު ވެސް ހިފަން އޭނަގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ.
އަލޫފް މޫނުގައި ފިރުމާލަމުން މުށްކަވާލިއެވެ. ފަރުހާން ދެވަނަ އެތިފަހަރު ވީއްލަން އުޅުމާއެކު އަލޫފް ފަރުހާނުގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި ޒޯހާ ފަރުހާނުގެ ގާތުގައި އެތަނުން ދިއުމަށް އެދި އާދޭސްކުރަން ފެށިއެވެ. ރޮމުން ދިޔަ ނިއަމްއާއި ބިރުން ހުރި ޒޯހާއަށް ބަލާލި ހިނދު ފަރުހާނުގެ ރުޅި ފިނިވެގެން ދިޔައެވެ. ޒޯހާ އަތުން ނިއަމް އަތުލަމުން އޭނަ ބާރު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނުކުތުމަށް ހިނގައިގަތީ އަލޫފަށް އިންޒާރު ދިނުމަށްފަހުއެވެ. ޒޯހާ ވެސް އެތަނުގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.
ކުރިމަތިން ނިއުޅިގެން ދިޔަ ހަޤީޤަތާއި އިވުނު އަޑުތަކުން ތޫބާއަށް ނޭވާލުން ވެސް ވީ ވޭނަކަށެވެ. އޮމާން ކޯތާފަތުން ފިރުކެމުން ދިޔަ ކަރުތަކުން މޭޒުމައްޗަށް ތިކިތަޅަމުން ދިޔައެވެ. ވިސްވިސްވެ ކުނޑިކުނޑިވެފައިވާ ހިތުގައި އަޅާ ވޭން ބަޔާންކޮށްދެވޭނެ ގޮތެއް ވާނެ ހެނެއް ހިޔެއް ނުވެއެވެ. ހަށިގަނޑުން ގުނަވަނެއް ވަކިކޮށްލި ކަމުގައި ވިޔަސް މިހާރު އެހިތުގައި އަޅަމުންދާ ވޭނަށް ވުރެ ހާސްބައި ލުއިވީސްކަން ކަށަވަރެވެ. ތޫބާގެ ތުންފަތް ފޫއަޅުވާލާފައި މަޑު އާހެއްގެ އަޑު ނިކުތެވެ. އަލޫފް އޭނައަށް އޮޅުވާލާފައި ވަނީ ހާދަ ވަރަކަށެވެ. ދެމަފިރިއެއްގެ ދިރިއުޅުން އޭނަގެ ސަބަބުން ބަރުބާދުވެގެން ހިނގައްޖެ ކަން ތަސައްވަރު ކުރެވުމާއެކު ކުށްވެރިކަމުގެ އިހުސާސްތަކުން ތޫބާ ވަށާލައި ހާސްކުރުވިއެވެ. ރަނގަބީލެއްގެ ސިފައިގައި ކަންފަތުގައި ގުގުމަމުން ދިޔައީ އޭނައާ ދިމާއަށް ފަރުހާނު ބުނެލި ހިތި ޖުމްލައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމީހުންގެ ނަޒަރުގައި އޭނަ ވެގެން ދިޔައީ ކަތުރު ފަންޏަކަށެވެ. ނުބައި ނުލަފާ އަންހެންކުއްޖަކަށެވެ. ނަމަވެސް އެމީހުނަށް ހަޤީޤަތް އެނގޭނެ ނަމައެވެ. އަލޫފް އޭނައަށް އޮޅުވާލާފައި ވާމިންވަރު އަންދާޒާކޮށްލެވޭނެ ނަމައެވެ.
ތޫބާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ސައިލު ފެނުމުން އަލޫފަށް ހީވީ ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ. މިބިރުވެރި ހުވަފެނުން އޭނަ ހުރީ ހޭލަން ބޭނުންވެފައެވެ. ލޯމަރާލާފައި ހުޅުވާލާއިރަށް ހުރިހާކަމެއް ވެސް ބަދަލުވެގެން ދާނެ ކަމަށް އޭނަ އުއްމީދުކުރިއެވެ. އެހެނަސް ހަޤީޤަތް ބަދަލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
އަލޫފް ތޫބާ ގާތަށް ޖެހިލަމުން ތޫބާ މަސަލަސްކުރެވޭތޯ އުޅުނެވެ. އަލޫފް ތޫބާގެ އަތުގައި ހިފާލުމާއެކު ތޫބާއަށް ހީވީ އަލިފާން ޖެހުނު ހެންނެވެ. ވަގުތުން އަތްދަމައިގަނެވުނެވެ. ތުބާގެ ހިތަށް ލިބުނު ވޭނާއެކުވެ ރުޅިވެރިކަމުގެ ހުޅުކޮޅު ވެސް ހިތުގައި އަނދަން ފެށިއެވެ. އޭނަ އިސްއުފުލާ އަލޫފްގެ ކެހިވެރި މޫނަށް ބަލާލިއެވެ. ދުވަހަކު މާފު ނުކުރާނެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލަމުން އޭނަ ބޭނުންވީ އެކެހިވެރިޔާގެ ވަސްވެސް ނުޖެހޭ ހިސާބަކަށް ދާށެވެ. މަކަރުވެރިޔާގެ ބީހުންތައް އެހަށިގަނޑުން ފޮހެ ސާފުތާހިރު ކުރާށެވެ. އެހަނދާންތައް ނަފްރަތުގެ ހުޅުގަނޑުގެ ތެރޭގައި އަނދާ އަޅިއަށް ހަދާލާށެވެ. އެސޫރަ ވެސް ދެކެން ދެން އޭނަ ނޭދެއެވެ.
ތޫބާ ދާން އުޅުމާއެކު އަލޫފް ތޫބާގެ އަތުގައި ހިފިއެވެ. ތޫބާ ގެއްލިދާނެތީ އޭނަ ހުރީ ބިރުންނެވެ. މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. ތޫބާގެ އެމޫނުގައިވި ރުޅިވެރިކަމުން އޭނައަށް ލިބިފައިވާ ހާސްކަން އިތުރުވުން ނޫނަކަމެއް ނުވިއެވެ. ތޫބާ އަތުން ބީވެގެން ދަނީކަމުގެ ހިތިރަހަ އޭރު ވަނީ ކަރު ބުޑުގައި ހިތި ޒަހަރެއްގެ ސިފައިގައި ފޭދި ނިމިފައެވެ. އެހުރިހާ ކަމެއްގެ އިލްޒާމު އޭނަ އެޅުވީ ޒޯހާގެ ބޮލުގައެވެ. އެސުންޕާގަނޑު ނާގަ ހަރުފައަކަށް ވެ އޭނަގެ އުފާތަށް ޒަހަރު ލައިފިއެވެ. އޭނައާއި ތޫބާގެ ގުޅުމުގެ ވާފަށް ކަނޑާލައިފިއެވެ. އަލޫފް ޒޯހާ ދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
ވަގުތާއި ހާލަތު ކިތަންމެ ނާޒުކު ކަމުގައި ވިޔަސް އޭނަ އިތުރު ފުރުސަތެއް ލިބޭތޯ ތޫބާގެ ގާތުގައި އާދޭސް ކުރިއެވެ. އެހެނީ އެލޯތްބާ ނުލާ އޭނައަކަށް ނޫޅެވޭނެއެވެ. އޭނަގެ ރޫހުގެ ދިރުމަކީ އެއީއެވެ. އުފާވެރިކަމުގެ އަސްލަކީ ވެސް އެއީއެވެ. ބޭރަށް ނޭވާ ދޫކޮށްލުމަށް ފަހު އެތެރެއަށް ލާ ވަޔަށް ވުރެން އޭނައަށް ތޫބާގެ ބޭނުން ބޮޑެވެ. ދެން ތޫބާއާއި ނުލާ، އެލޯތްބާ ނުލާ އޭނަ އުޅެނީ ފަހެ ކިހިނެއް ހެއްޔެވެ؟
''އަތް ނުލާތި!...'' އަލޫފްގެ އަތް ފޮޅުވާލަމުން ތޫބާ ރުޅިވެރިކަމާއެކުގައި ބުންޏެވެ. އެއްއަތުން ކަރުނަތައް ފޮހެމުން ދެފަޔަށް ލެވުނުހާ ބާރަކާއެކު ތޫބާ ދުއްވައިގަތެވެ. އޭރު އޭނައަށް ގިސް ވެސް ލެވިއްޖެއެވެ. އަލޫފް ތޫބާގެ ފަހަތުން ދުވަމުން ބޭރަށް ނިކުތެވެ. ނަމަވެސް ތޫބާ އަލޫފްގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން ކުރިއަށް ވުރެ އޭނަގެ ދުވެލި ބާރުކޮށްލި އެވެ. ހިތް ކުދިކުދިވެ ނިމިއްޖެއެވެ. މެޔަށް އައިސްފައިވާ ޒަލްޒަލާގެ ގެއްލުންތައް މިއިން ޒަމާނެއްގައި މަރާމާތުކުރެވޭނެ ހެނެއް ހިޔެއްނުވެއެވެ.