''ކަލޭ މިހުރިހާ ދުވަހު ބޭނުންވި ގޮތަށް ކަންތައް ވެއްޖެ ދޯ؟... މިހާރު ކަލޭ ހުންނާނީ ވަރަށް އުފަލުންކަން އަހަންނަށް އެނގޭ... ކަލޭ ޕާޓީއެއް ބާއްވަން ޖެހޭ ވަރުގެ ކަމެއްނު ކުރެވުނީ... ބޮޑު ސުންޕާގަނޑު... މަގޭ ދަރި ދޯ ޖަހައިގަންނަން ކަލެއަށް އެނގުނީ، ބަލަ ކަލޭ ތި ކަރުނަތައް އޮއްސިއަސް މަށަށް އެނގެޔޭ ކަލޭ ޖައްސާ އެކްޓެއްކަން ތީ... ކަލޭގެ ޢާއިލާ މީހުން އެކަނި ކަލޭގެ އެކްޓުތަކަށް ހެއްލޭނީ، މަށެއް ނުހެއްލޭނެ!... މިތަނުން ދާން އުޅޭ... މިބުނީނު ދާށޭ!!! ބަލަ ކަލެއަށް އަޑެއް ވެސް ނީވެނީތަ!!!...''
މައުވާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް ވީއްލައިލަމުން ޒުލްފާ ހަޅޭއްލަވައިގަތެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް މައުވާގެ ހަށިގަނޑު އަރިއަޅާލުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ. ލިބުނު ކުއްލި ސިހުމާއި މޫނުން ނަގަމުން ދިޔަ ދިލައިން ކޯތާފަތުގައި ފިރުމަމުން އޭނަ ޒުލްފާއަށް ބަލާލިއެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލުން އަނެއްކާ ވެސް ކަރުނަތައް އޮހެން ފެށިއެވެ.
ޒުލްފާގެ ޖުމްލައިގެ ސަބަބުން މައުވާއަށް އިތުރު ވޭނެއް މެނުވީ ނުލިބުނެވެ. އޭނަ ދުވަހަކު ވެސް ޝިއާފަށް ދެރަގޮތެއް ވުމަށް ނޭދެއެވެ. އޭނަ ބޭނުންވީހާ ވެސް ކަމަކީ ޝިއާފްގެ ފަރާތުން އޭނައަށް ލޯތްބާއި އޯގާތެރިކަން ލިބުމެވެ. އެހެނަސް ދެން ދުވަހަކު ވެސް އެލޯބި ލިބުމެއް އޭނަގެ ނަސީބުގައި ނެތެވެ. އެލޯބި ފިރުމުންތައް ވެސް އިހުސާސެއް ނުކުރެވޭނެއެވެ. އެޖާދުވީއަޑުގެ ހިތްގައިމުކަން ވެސް ހާސިލުކުރަން ނުލިބޭނެއެވެ. އޭނައާއެކު ވާނެހާ ވެސް ބައިވެރިޔަކީ ޝިއާފްގެ ހަނދާންތަކެވެ. އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުތައް އޭނައަށް ޒަހަރަކަށް ވެގެން ދާނެކަން ގައިމެވެ. އެހަނދާންތައް އޭނަ ބަލާލާ ކޮންމެ ދިމާއަކުން ތަމްސީލުވެގެން ދާނެއެވެ. އެއިން ކޮންމެ ފަހަރަކު ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވޭނެ އެވެ.
މައުވާގެ ހިތުގައި ޝިއާފާ މެދު އެތައް ހާސް ޝަކުވާއެއް ފުނިޖެހިފައި ވިއެވެ. އެޝަކުވާތައް ބަންޑުންކޮށްލަން ބޭނުން ވިއެއްކަމަކު ޝިއާފް އެވަނީ އޭނަގެ އަޑު އިވޭ ހިސާބަށް ވުރެ މާދުރަށް ދަތުރުކޮށްފަ އެވެ. ހިނގާ ދިޔަ ހާދިސާ ޤަބޫލުކުރަން މައުވާއަށް ވެފައިވަނީ ދަތި ކަމަކަށެވެ. އެއީ މީހަކު ކުރި ނުބައި ސަމާސާއަކަށް ވެދާނެކަމުގެ އުއްމީދު އަދި ވެސް އެހިތުގައި އޮތެވެ. ލޯ ހުޅުވާލުމާއެކު މިބިރުވެރި ހުވަފެނުވުގައި ނިމުމުގެ ސިއްކަ ޖެހިގެން ދާނެ ނަމަ ހާދަހާ ރަގަޅެވެެ. ނަމަވެސް ވަގުތާއެކު ވަށާލެވެމުން ދިޔަ މާޔޫސްކަމުގެ ސައިލުތަކުން ހަޤީޤަތާ ކުރިމަތިލުމަށް އޭނައަށް ދަނީ ބާރު އަޅަމުންނެވެ.
''ބަލަ ކަލެއަށް އަޑެއް ނީވެނީތަ؟... މިތަނުން ދާން އުޅޭށޭ! މިތަނަށް ކަލޭގެ ބޭނުމެއް ނެތޭ!!!''
ޒުލްފާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން ދެވަނަ ފަހަރަށް ވެސް މައުވާގެ ކޯތާފަތުގައި ޖެހިއެވެ. އެވަރުން ވެސް އޭނައަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ލިބޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ އޭނަގެ ލޯބިވާ ދަރިފުޅުގެ ޤާތިލު އެހެރީ އޭނަގެ ކުރިމަތީގައެވެ. ބަޔަކު މީހުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިކަމުގައި ވިޔަސް ވެދިޔަ ހުރިހާ ކަމެއްގެ އިލްޒާމު ޒުލްފާ އެޅުވީ މައުވާގެ ބޮލުގައެވެ. އެނޫން އިތުރު ގޮތެއް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅުހެދި އެވެ. ލިބުނު ފުން ހިތާމައަށް ކެތްކުރަން އޭނަގެ ސިކުނޑި މަސައްކަތްކުރަން ފެށީ މުޅިން ތަފާތު ގޮތަކަށެވެ. އޭނައަށް ހަމަޖެހުމެއް ލިބޭނީ އޭނަގެ ދުޝްމިނުގެ މައްޗަށް ކުރިހޯދުމަށްފަހު އެވެ. ބަދަލު ހިފުމުގެ ރޫހާއެކު ޒުލްފާގެ ހޭބުއްދިފިލާ ހިސާބަށް ކަންތައް ދިޔަ އެވެ.
''ޒުލްފާ...'' މަންޒަރު ބަލަން ދުރުގައި ހުންނަން ދިޔާނާއަށް ކެތެއް ނުކުރެވުނެވެ. އޭރު އޭނަ ހުރީ ޒުލްފާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މައުވާ ކޮޅަށް ތެދުވަން އެހީވެދެމުން އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔާނާ ފޮހެލަ ދިނެވެ. އަދި ރުއިން ހުއްޓާލުމަށް ވެސް އެދުނެވެ.
މައުވާގެ ދިފާއުގައި ދިޔާނާ ނުކުތުން ވެގެން ދިޔައީ ޒުލްފާގެ ރުޅިގަނޑަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. ދިޔާނާއާ ދިމާއަށް ލޯއަޅާލަމުން އޭނަ ދޫދޭކަށް ގަސްދެއް ނުކުރިއެވެ. އޭނަ ހުރީ މައުވާ އެތަނުން ފޮނުވާލަން ފައި ވިއްދާލާފައެވެ. މައުވާގެ ވައިއެޅޭ ހިސާބަކަށް ވެސް ޝިއާފްގެ މަސްގަނޑު ގެނައުމުގެ ހުއްދައެއް ނުދޭނެ އެވެ. ވަދާއުގެ ސަލާމް ކުރުމުގެ ފުރުސަތު ވެސް މެއެވެ. އޭނަގެ ނަޒަރުގައި އެފަދަ ފުރުސަތެއް މައުވާއަށް ލިބުން ލާޒިމެއް ނޫނެވެ.
''މަށަށް އެނގެޔޭ ކަލޭމެން އެންމެން ބައިވެގެން ކުރިކަމެއްކަން މިއީ، ކަލޭ ވާގިދީގެން މިހިރަ އަންހެނާ މަގޭ ޝިއާފް ފަހަތުން ދުވީވެސް، ކަލޭ ލަދު ގަންނަން ޖެހޭނެ އެހާ ޅައުމުރުގެ ކުއްޖަކު ބޮޑެތި ފިރިހެނުން ފަހަތުން ދުވުމުގެ ފުރުސަތު ދީގެން ހުރީތީ ވެސް... މަގޭ ދަރިފުޅުގެ މަރުގެ ޒިންމާ ކަލޭމެން އެންމެން އުފުލަން ޖެހޭނެ......'' ހަރުކަށިކަމާއެކު ވާހަކަދައްކަމުން ގޮސް ޒުލްފާގެ އަޑު ކުރެހި އޭނައަށް ރޮވުނީ ކުއްލިޔަކަށެވެ. ރުއިމުގެ އަޑު ބޭރުވެދާނެތީ ވާއަތުން ތުންފަތް ނިވާކުރަމުން ޒުލްފާ އެންމެނަށް ފުރަގަސް ދިނެވެ.
ވާނުވާ ނޭގިފައި ހުރި ހުސޭން ދިޔާނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނަ ހުރީ ޒުލްފާ ދައްކަމުން ދިޔަ ވާހަކަތައް ވިސްނައިގަންނަންވީ ގޮތެއް ނޭގިފައެވެ. ހަމައެއާއެކު ޒުލްފާ ދިޔާނާއާ ވާހަކަދެއްކި ގޮތާ މެދު ވެސް ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމާ ހުރެ އެކަންތަކަށް ފިކުރުތަކުގެ ހުންގާނު އަނބުރާލުމުގެ ބަދަލުގައި އޭނައަށް މުހިންމުވީ ދައްތަގެ ހިތާމައިގައި ބައިވެރިވުމެވެ.
''އަދިވެސް ހުރީތަ؟...'' ޒުލްފާ ނިކަން އަވަހަށް ކޯތާފަތް ފޮހެލަމުން މައުވާއަށް އަލިފާނުގެ ބަލައިލުމަކުން ބަލާލިއެވެ. އެދެލޮލުގައި ނަފުރަތު ނޫން އެހެން އެއްޗެއް ނުވެއެވެ.
ޒުލްފާއަށް އެހީތެރިކަމުގެ އަތެއް ހުސޭން ފޯރުކޮށްދޭން އުޅުމުން ހުސޭނާ ދިމާއަށް ވެސް ޒުލްފާ ހަޅޭއްލަވަން ފެއްޓިއެވެ. މިއަދު އޭނަގެ ވަށައިގެން ތިބި ހުރިހާ އެންމެން އޭނައަށް ސިފަކުރެވެމުން ދިޔައީ ހިތްހެޔޮ ބަޔެއްގެ ކަޝްފުގައި ތިބި ދުޝްމަނުންގެ ގޮތުގައެވެ. އެންމެންގެ ރޭވުމުގެ ދަށުން އޭނަގެ ދަރިފުޅު ނެތިކޮށްލީ އެވެ.
''ހުސޭން ވެސް އެމީހުންނާއެކު ދޭ!، އަހަރެން ތިއިން އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން...'' ޒުލްފާ އިއްވާލިއެވެ.
މަސްލަހަތަށް ބަލާފައި އެންމެ ރަގަޅު ގޮތްކަމުގައި ވީ މައުވާ ގެއަށް ދިއުންކަން ދިޔާނާއަށް ވިސްނައިގަނެވުނެވެ. އޭނަ ތޫބާއަށް ގޮވާލިއެވެ. އަދި މައުވާ ގޮވައިގެން ބޭރަށް ނިކުންނަން މިސްރާބު ޖެހިއެވެ. އެއާއެކު މައުވާއަށް ތެޅިގަނެވުނެވެ. އޭނަ ދިޔާނާގެ އަތުގައި ހިފާލަމުން ދެފަރާތަށް ބޯހޫރަން ފެށީ އެނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އޭނަ ގޮސްފިނަމަ ޝިއާފްގެ މޫނު ދުށުމުގެ ނަސީބު ނުލިބޭނެކަން އެނގޭތީ އެވެ. ޒުލްފާ އެކަން އެގޮތަށް ވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެއެވެ.
މައުވާ ދިޔާނާ ގާތު އާދޭސްކުރަމުން ދިޔައީ އެންމެ ފަހަރަކު ވިޔަސް ޝިއާފާ ބައްދަލުވުމުގެ ފުރުސަތު އޭނައަށް ހޯދައި ދިނުމަށެވެ. ވަދާއުގެ ސަލާމު ބަދަލު ކުރުމުގެ ނިޔަތުގައެވެ. ތޫބާއަށް މައުވާގެ އާދޭސްތައް ފެނި އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ހިތަށް ކުރި ފުން އަސަރުތަކާ އެކުގައެވެ. ދިޔާނާއަށް ވެެސް ވީ ހަމަ އެފަދަ ގޮތެކެވެ. އޭނައަށް މައުވާގެ އެދުން ފުރިހަމަ ކޮށްދެވޭކަށް ނެތެވެ. ވަގުތާ ހާލަތު އެކަމަށް ތަނެއް ނުދެއެވެ.
މައުވާގެ އާދޭސްތަކުގެ އަޑު އަހާނެ މީހަކު ނުވުމުން އޭނައަށް މަޖުބޫރުވީ ހަތިޔާރު ބެހެއްޓުމަށެވެ. ރޫހެއް ނެތް މީހެއްގެ އުސޫލުން އޭނަ ކުރިއަށް ހިނގަމުން ދިޔައީ ދެފަޔަށް ބަރުވެފައިވާ މީހަކު ފަދައިންނެވެ. ޚިޔާލުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކުގެ ތެރޭގައި އޭނަ ފީނަމުން ދިޔައީ ޖިސްމަށް ލިބިފައިވާ ފުން ޒަހަމްތަކަށް ޝިފާއެއް ހޯދައި ދިނުމުގެ އުއްމީދެވެ. ދުނިޔެއަކީ ކެހިވެރި ތަނެކޭ މީހުން ބުނެއުޅޭ ބަހުގެ ތެދުކަން އޭނައަށް މިއަދު އަންދާޒާ ކުރެވިއްޖެއެވެ. އެންމެ މީހެއްގެ ފަރުވާ ކުޑަކަމުގެ ސަބަބުން ގެއްލިގެން މިދިޔައީ ކިތައް ދިރިއުޅުން ހެއްޔެވެ؟ އޭނަގެ ލޯބި އެވަނީ ކަފުންކޮށް ވަޅުލަން ޖެހިފައެވެ. ހާދަ ދެރައެވެ!
''ތޫބާ ދޭ އިވީ ގޮވައިގެން، ގެއަށް ދެވުމުން މަންމައަށް ގުޅާތި...'' މަގުން ދިޔަ ޓެކްސީއެއް ހުއްޓުވަމުން ދިޔާނާ ބުނެލިއެވެ. ތޫބާ އަވަސްއަވަހަށް ބޯޖަހާލިއެވެ. އަދި ކާރުގެ ދޮރު ހުޅުވާލަމުން ކާރަށް އަރަން މައުވާއަށް އެހީވެދިނެވެ.
ލޮލުގެ ކޮޅަށް ގޮސް ކާރު ގެއްލެންދެން ބަލަހައްޓައިގެން ދިޔާނާއަށް ހުރެވުނެވެ. މިރޭ ވެދިޔަ ހުރިހާ ކަމަކާއެކު އޭނަގެ ބޮލަށް އިންތިހާއަށް ވަނީ ބަރުވެފައެވެ. ހަމައެއާއެކު ހާމަވެގެން ދިޔަ ސިއްރުތަކާ މެދު ވިސްނަންވީ ގޮތެއް ވެސް އޭނައަށް ނޭގުނެވެ.
ހުސޭންގެ ސުވާލުތައް ވެސް ކުރިމަތި ވެގެންދާނެކަން ދިޔާނާއަށް އެނގުނެވެ. އޭނަ ހޮސްޕިޓަލަށް ވަންނަންދަމުން ވިސްނީ އެހުރިހާ ކަމަކާ ކުރިމަތިލާނެ ގޮތަކާ މެދުގައެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ ޒުލްފާ އެޅުވި ދޮގު އިލްޒާމުތަކުގެ ސަބަބުން ހުސޭންގެ ވިސްނުން ކިލަނބުވެގެން ހިނގައިދާނެތީއެވެ.
ދިޔާނާއަށް ދެވުނުއިރު ޝިއާފްގެ ފުރާނަ ނެތް މަސްގަނޑު އައި.ސީ.ޔޫ އިން ނެރެނީއެވެ. ދަރިފުޅު ފެނުމާއެކު ޒުލްފާ މުޅިންހެން ސަކަރާތް ވާން ފެށިއެވެ. އޭނަ އަޑުން އަޑުނަގާާފައި ރޯއަޑު އެއްއަޑަކަށް މުޅި ހިސާބުގައި ގުގުމާލާފައި އޮތެވެ. ހުސޭނަށް ޒުލްފާ މަތަކުރެވޭ ކަމަކަށް ވެސް ނުވިއެވެ. އެންމެ ފަހުން ރޮމުން ދިޔަ ޒުލްފާގެ އަޑު ކެނޑި ކުއްލިޔަކަށް ފެނިގެން ދިޔައީ އޭނަ ވެއްޓެން ދިޔަ މަންޒަރެވެ. އެއާއެކު ދިޔާނާއަށް ދުއްވައިގަނެވުނީ އެދިމާއަށެވެ.
ލިބުނު ހިތާމަތައް ބަރުދާސްތުނުކުރެވި ޒުލްފާއަށް ހާޓްއެޓޭކެއް ޖެހުނީއެވެ. ލިބުނު އަވަސް ފަރުވާގެ ސަބަބުން ފުރާނައަށް ނުރައްކަލެއް ނުވެ ސަލާމަތް ވިކަމުގައި ވިޔަސް ޒުލްފާގެ ސިއްހީ ހާލަތު އޮތީ ނާޒުކު ފަތްތަރަކަށް ހުށަހެޅިފައެވެ. ޒުލްފާއަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވިއެވެ.
ހާސްކަމެއްގެ ތެރޭގައިވި ހުސޭންގެ ބުރަކަށީ ފިރުމާލަމުން ދިޔާނާ ހިތްވަރުލައިދެމުން ދިޔަ އެވެ. ދެމަފިރިން ތިބީ ޒުލްފާ ގާތު އެމަރޖެންސީ ރޫމުގައެވެ. އޭރު ޒުލްފާ އޮތީ ހޭނައްތާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާލާފައެވެ.
''ދިޔާނާ މިތާ މަޑުކުރޭ، އަހަރެން އަންނާނަން ކަށުކަމާކެމީގެ ކަންތައް ހަމަޖައްސާފަ...'' ގޮނޑިން ތެދުވެލަމުން ހުސޭން ބުނެލިއެވެ. ޒުލްފާއަށް ބަލާލަމުން ދިޔާނާ ބޯޖަހާލިއެވެ. އެއާކު ހުސޭން އެންމެ މިނެޓެއް ވެސް ނަގާނުލައި ޝިއާފް ވަޅުލުމުގެ މަސްއޫލިއްޔަތާއިގެން ކުރިއަށް ދިޔަ އެވެ.
ޖެހިހެން އައި ދުވަހުގެ މަޢުރިބު ނަމާދަށް ފަހު ޝިއާފްގެ ޖަނާޒާގެ ކަންތައް ކުރިއަށް ދިޔަ އެވެ. ޒުލްފާގެ ސަބަބުން މައުވާއަށް އެންމެ ފަހު ވަގުތު ޝިއާފްގެ މޫނު ބަލާލުމުގެ ނަސީބެއް ވެސް ނުލިބުނެވެ. ފަހު ވަގުތާ ހަމައަށް ވެސް އެނަސީބު ދެއްވުމަށް އެދި މާތްﷲގެ ހަޟުރަތަށް މައުވާ ދުޢާ ދެންނެވިއެވެ. ނަމަވެސް އޭނައަށް މިފަހަރު ވެސް ތަޤުދީރުގެ ނިޔާ އައީ އުއްމީދުކުރި ފަދަ ގޮތަކަށް ނޫނެވެ. ޖަނާޒާގެ ކަންތައް ނިމިގެނެް ދިޔައީ މައުވާއަށް އެތަނަށް ހާޒިރު ނުވެވި އެވެ.
*****
ދެ ހަފްތާ ފަސް...
ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް ގޭގެ މާހައުލަށް ވެރިވެފައިވި ފުން ހިމޭންކަމަށް ނިމުމެއް ނާދެއެވެ. ލިބުނު ހިތާމަތައް އޭގެ ތާޒާކަމާއެކު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވާލުމުގައި ކާމިޔާބު ހޯދައެވެ. ހަމައެއާއެކު ޒުލްފާގެ ނަފްރާތާއި ރުޅިވެރި ބަސްތަކުން މައުވާއަށް ކޮޓަރިން ނިކުތުން ވެސް ވެފައިވަނީ މުސްތަހީލުކަމަކަށެވެ. އޭނައަށް މިހާރު ދިޔާނާއާއި ހަތަރުކަޅި ހަމަކުރަން ވެސް އިންތިހާއަށް އުނދަގުލެވެ. މިފަދަ ގޮތަކަށް ހުރިހާ ސިއްރެއް ބޭޒާރު ވެދާނެ ކަމަކަށް އޭނަ ޚިޔާލަށް ވެސް ނުގެނެއެވެ. ނަމަވެސް ތަޤުދީރުގެ ސަމާސާ ނިކަން ދެކި ބަލާށެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބޭޒާރުވެ ނިމުނީއެވެ. އޭނަގެ އަލަތު ލޯބިވެސް އަތުން ބީވެގެން ދިޔައީއެވެ. އޭނަގެ ހަޔާތުގެ ސަމުގާގެ މިސްރާބު އެވަނީ މުޅިންހެން ބަދަލުވެފައެވެ. ހޯދަން ދުޢާކުރި އާޝިޤު އެވަނީ އެނބުރި އައުމެއް ނުވާ ދުނިޔެއަކަށް ދަތުރުކޮށްފައެވެ. އޭނައަށް ޝިއާފާ ވަދާއީ ސަލާމު ބަދަލުކުރުމުގެ ނަސީބެއް ވެސް ނުލިބުނެވެ. އެދުވަހު ވީ ދެރައާއި އޮހޮރުނު ލޭކަރުނައިން މުޅިން ޖިސްމު ވަނީ ކަޅި ވެފައެވެ. މި ހިތާމަތަކަށް ކެތްތެރިވުން ނޫން އިތުރުގޮތެއް ނެތެވެ. ނަމަވެސް ސުވާލަކީ އޭނައަށް މިހުރިހާ ކަމެއް ބަރުދާސްތުކުރެވިދާނެ ހެއްޔެވެ؟
މައުވާއަށް އައިސްފައިވާ ބަދަލާ ހުރެ ދިޔާނާގެ އިތުރުން ތޫބާ ވެސް ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ތޫބާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް މައުވާގެ ފަރާތުން އެދެވޭ ފަދަ ނަތީޖާއެއް ނުނެރެވުނެވެ. އޭގެ ފަހަތުގައިވާ ސަބަބު އޭނައަށް އެނގެއެވެ. ޒުލްފާގެ ފިއްތުންތަކާ ހުރެ ތޫބާ އެޝަކުވާތައް މަންމައާ ހަމައަށް ގެން ދިޔަ އެވެ.
''މަންމާ، ޒުލްފާ ދައްތަ އިވީއާ ދިމާއަށް އަބަދު އެއްޗެހި ކިޔަންޏާ އިވީއަށް އެހާދިސާ މަތިން ހަނދާން ނައްތާލަން ހާދަ އުނދަގުލެއް ވާނެޔޭ، ކޮންމެ ދުވަހަކު އިވީ ކުށްވެރިކޮށް އެއްޗެހި ކިޔާ، މަންމަ ވެސް އެ ވާހަކަތައް ޤަބޫލުކޮށްގެން އިވީ ދެކެ ރުޅިއައިސްފަ ތިހުންނަނީ... އިވީއަށް ކޮން ކުށެއްތަ ކުރެވުނީ؟، ލޯބިވެވުން އެއީ ކުށެއްތަ؟... މަންމައަށް އެނގޭނެ އިވީ އަކީ ސައިކޮލޮޖިކަލީ މުޅިން ސްޓޭބަލް ކުއްޖެއް ނޫންކަން، މަންމަ ތިހެން ކަންތައް ކުރަންޏާ އެކަމުގެ ނޭދެވޭ އަސަރު އިވީއަށް ކޮށްފާނެ ކަމާމެދު އެއްފަހަރު ވެސް ވިސްނާނުލަންތަ؟... އިވީ ނީޑްސް އަވާރ ހެލްޕް އެންޑް ސަޕޯރޓް ނައު މޯރ ދޭން އެވާރ... އަސްމާ ދައްތައަށް އިވީގެ ހާލު އެނގިއްޖެއްޔާ ދެރަވާނެ ވަރާ މެދު ވިސްނާލަބަ... މަންމާ، ވެދިޔަ ކަންތަކުގައި އިވީގެ އެއްވެސް ކުށެއް ނެތް... ޒުލްފާ ދައްތަ އެދައްކާ ވާހަކައިގައި ވެސް ހަޤީޤަތެއް އެކުލެވިގެން ނުވޭ... މަންމާ ޕްލީޒް، އިވީއާ ވާހަކަ ދައްކަބަލަ... ޝީ ނީޑްސް އަވާރ ހެލްޕް....''
ތޫބާ އޭނަގެ ހިތުގެ އުދާސްތައް ދިޔާނާ ގާތު ބަންޑުން ކުރަމުން ދިޔަ އެވެ. ތޫބާގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ ދިޔާނާއަށް އޭގެ ތެދުކަން ވަޒަންކޮށްލެވުނެވެ.
''މަންމައަށް އެނގޭ ޒުލްފާ އެދައްކާ ވާހަކަތަކުގައި ހަޤީޤަތެއް އެކުލެވިގެން ނުވާކަން، މަންމަ ހިތްހަމަނުޖެހުނީ އިވީ އެފަދަ ގުޅުމެއް ޝިއާފާ ބޭއްވިއިރު މަންމައަށް ސިއްރުކުރީތީ، އެކަމަކު ނަތީޖާ އެހެން ގޮތަކަށް ނިކުތް ނަމަ މަންމަ އަސްމާ ދައްތައަށް ދައްކާނީ ކޮން މޫނެއްތަ؟... ދަރިފުޅު ދެން އެކަމާ މެދު ނުވިސްނާ، ވެ ދިޔަ އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ އަދި އެހާދިސާގެ ޒިންމާ އިވީގެ ބޮލުގައި ވެސް އެޅުވިގެން ނުވާނެ، ހުރިހާ ކަމެއް އެއޮތީ ފުލުހުންގެ ތަހުގީނުން އެނގެން......'' ދިޔާނާގެ ޖުމްލައާއެކު މިލައިގެން ގޮސްފައިވާ ތޫބާގެ މޫނަށް އާރޯކަމުގެ އަސަރު ކުރިކަހަލައެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ.
އަނދިރިކަމުގެ ތެރޭގައި ފީނަމުން ދިޔަ މައުވާ ސިހިގެން ދިޔައީ ކޮޓަރީގެ ތަޅުގައި މީހަކު ހިފާލި އަޑަށެވެ. އެއާއެކު އަވަސް އަވަހަށް އޭނަ ކަރުނަތައް ބާލީހުގެ ތެރެއަށް އޮއްބައިލަމުން ދޮރާއި ފުރަގަސްދެމުން އެނދުގައި ހަމެޖެހިލި އެވެ. އަދި ތޫބާގެ ވާހަކަތަކަށް ދޭނެ ޖަވާބަކާ މެދު ވެސް ވިސްނާލިއެވެ. އޭނައަށް އެއްވެސް މީހެއްގެ މަދަދެއް ބޭނުމެއް ނުވެއެވެ. އޭނަ އެކަނި ހާލައިގެން ދޫކޮށްލައިފިއްޔާ ހާސްބައި ރަގަޅެވެ. އޭނަ ބޭނުންވަނީ ޝިއާފްގެ ހަނދާންތަކުގައި ވަގުތު ހޭދަކުރާށެވެ. އެނޫން އިތުރުގޮތަކަށް ހިތަށް ފިނިކަމެއް ނުލިބޭތީއެވެ.
''އިވީ...''
ކޮޓަރިއަށް ވެރިވެފައި އޮތް އަނދިރިކަމަށް ނިމުމެއް ގެންނަމުން ދިޔާނާ ބުނެލިއެވެ. ދިޔާނާގެ އަޑު އިވުމާއެކު ކުރިއަށް ވުރެ ބޮޑަށް ބާލީހުގައި މައުވާއަށް ބައްދާލެވުނެވެ. އޭނަ ހިތާހިތާ ދުޢާކުރަމުން ދިޔައީ އޭނަ ނިދަން އޮތް ކަމަށް ހީކޮށް ބޮޑުދައިތަ ވީހާވެސް އަވަހަކަށް ކޮޓަރިން ދިއުމަށެވެ. ބޮޑުދައިތައާ ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. ވަކިން ހާއްސަ ގޮތެއްގައި ޒުލްފާ އޭނަގެ ބޮލުގައި އަޅުވާފައިވާ ދޮގު ތުހުމަތުތަކަށް ފަހުގައެވެ.
''އިވީ ކައިފިންތަ؟...'' އެނދުގެ މަގަތުގައި އިށީންނަމުން ދިޔާނާ އެހި އެވެ. އޭނަގެ ސުވާލަށް ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއެވެ. މިފަހަރު ވެސް އެކަށީގެންވާ ފަދަ ކުރިއެރުމެއް ނުލިބުނެވެ.
''ވެދިޔަ އެއްވެސް ކަމަކަށް ދައްތަ އިވީ ކުށްވެރިއެއް ނުކުރަން، ތަޤުދީރުގައި ލިޔެވިފައިވާ ގޮތެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ، ދިރިއުޅުމުގައި ތަފާތު އިމްތިހާނުތަކާ ކުރިމަތި ލާންޖެހޭނެ، އެއިން ކޮންމެ އިމްތިހާނަކާ ހިތްވަރާއެކު ކުރިމަތިލައިގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ... މިއަދު އަހަރުމެންނަށް ވެސް ކުރިމަތިލާން ޖެހިފައި މިވަނީ އޭގެ އިމްތިހާނަކާ... ޝިއާފަށް މިވަގުތު ބޭނުންވާނީ އަހަރުމެންގެ ދުޢާތައް... ދައްތައަށް އެނގޭ އިވީއަށް މިހުރިހާ ކަމަކަށް ކެތްތެރިވާން ވަގުތު ނަގާނެކަން، އެކަމަކު ވެސް ތިހެން ތާއަބަދު ކަރުނަ އޮއްސަންޏާ އަމިއްލަ ނަފުސަށް އިތުރު އަނިޔާއެއް މެނުވީ ނުދެވޭނެ......'' ދިޔާނާގެ ޖުމްލަ ހުއްޓާލަން ޖެހުނީ މައުވާ ކުއްލިޔަކަށް ދިޔާނާގެ ގައިގައި އޮޅުލައިގަތުމުންނެވެ.