ފަތިސް ނަމާދަށް ފަހު މައުވާ ބޭރަށް ނިކުމެލީ ސިިކުނޑިއަށް ލިބިފައިވާ ބުރަހެލިކަމާ ދުރުހެލިވުމަށެވެ. ފަތިހުގެ ފިނިކަމުގެ ތެރޭން ބެލްކަނިއަށް ނިކުމެލުމުން ކަށީގެ ތެރެއަށް ވެސް ފިނިކަން ވަދެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ދެއަތް ގެނެސް ހަށިގަނޑު ވަށާލެވުނީ ގައިން ހީބި ނަގައިގެން ދިއުމުންނެވެ. އެހެނަސް އަނބުރާ ކޮޓަރިއަށް ދިއުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ފަތިހަށް ފޮޅިފައިވާ ފިނިފެންމަލުގެ ލުއިލުއި މީރުވަސް ފަޒާގެ ތެރެއަށް ފެތުރިފައި އޮތީ މީރު ސަންޓެއްގެ ސިފައިގައެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ލުއި ހިނިތުންވުމަކާއެކު ކުދި ފިޔަވަޅުތަކެއްގައި މައުވާ ގޮސް ބެލްކަނީގެ ރެއިލިންއާއި އަރާހަމަކޮށްލިއެވެ.
ހުކުރު ދުވަހަށް އިރު ފެނުން ތޮޅެލައިގެން އައީ ވެސް މައުވާ ބެލްކަނީގައި ހުއްޓައެވެ. ދުރުދުރަށް ފެތުރިފައި އޮތް ކަނޑުގެ ސަތަހައިގެ މަތިން ހިއްލާލި އިރުގެ ހޫނުކަން ފެތުރިގަންނަން މާކަ ގިނަ އިރެއް ނުނެގިއެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ޤުދުރަތުންގެ އަޖައިބުކުރުވަނިވި މަންޒަރަށް ބަލަން މައުވާއަށް ހުރެވުނެވެ. މިއަދަކީ ޗުއްޓީ ދުވަހަކަށް ވުމުން އެހެން ދުވަސްދުވަހު ހަލަބޮލިވެގެންދާ ވަރަށް މަގުތައް ހަލަބޮލި ނުވިކަމުގައި ވިޔަސް ހެނދުނުގެ އެހިތްގައިމު ވަގުތުގެ ހިމޭންކަން ނަގާލާ ދުވާއެއްޗެހި މަދެއް ވެސް ނޫނެވެ.
އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި މައުވާއަށް ހުރެވުނެވެ. އޭނަގެ ހަޔާތުގެ އޮޑި އެވަނީ ގަދަ ވަޔާއި ތޫފާނުގައި ޖެހި އޭގެ މަންޒިލް ގެއްލިފައެވެ. ދުރުދުރަށް ދާންދެން ފުންމިން ނޭގޭ ކަނޑު ފެންނަން އޮތް ހިނދު ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މާސިންގާ ރާޅުތަކުގެ ޝިކާރައަކަށްވެ އޮޑި ކޮންމެ ފަދަ ވަގުތެއްގައި ވެސް ފެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ހަދާނެ ގޮތް ހުސްވެ އޭނަ އެވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ދާންވީ މަގު ފަހިކޮށްދެއްވުން އެދި މައުވާއަށް އާލަމްތަކުގެ ވެރި އިލާހުގެ ހަޒުރަތަށް ދުޢާ ދެންނެވުނު އަދަދެއް ނޭގެއެވެ.
ޝިއާފްގެ ހަނދާންތަކުން އޭނައަށް އުނަދޫކުރަމުން ގެންދާވަރުން ވެސް ހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބުން ވެފައިވަނީ އުނދަގޫކަމަކަށެވެ. ކަށިން ހިތްވަރު ނެރެ މަސައްކަތް ކުރިކަމުގައި ވިޔަސް އެހަނދާންތަކާ ދުރެއް ނުވެވެއެވެ. އެއާ ޚިލާފަށް އެދެމެދުގައިވާ އާދަޔާ ޚިލާފު ދަމާބާރުގެ ސަބަބުން އެހަނދާންތަކާ ގުޅިލާ މެހުން ނޫންކަމެއް ނުވެއެވެ. މައުވާ ކިތަންމެ ފަހަރަކު ހަޤީޤަތް އޮޅުވާލަން ވެސް އުޅެފިއެވެ. ނަމަވެސް އޭނަގެ ހިތް ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައެވެ. ހިތުގައި ނޭވާލަމުން ދިޔަ ލޯބީގެ މަތިން ހަނދުމަ ކޮށްދެއެވެ. ލިބުނު ފުންމިން ނޭގޭ ޒަހަމްތަކަށް ފަހުގައި ވެސް މެއެވެ. ހަމައެއާއެކު ޝިއާފް ފެންނަ ވަގުތުތަކުގައި އޭނަގެ ހިތުގެ ވިންދު އަވަސްވާ އަވަސްވުމުގައި ފޮރުވިފައިވާ ސަބަބެއް ވާނެކަން ގައިމެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަން ހިނގާފައި ވިޔަސް މައުވާގެ ހިތް އެދެމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. ސިކުނޑިއާއި ހިތުގެ ވަރުގަދަ ކުރިމަތިލުމުގައި އޭނަ އެވަނީ ބަލިކަށިވެފައެވެ. އޭނަގެ ޒަމީރު އޭނައަށް ކިތަންމެ ރަގަޅު ގޮތް ނިންމައި ދިން ކަމުގައި ވިޔަސް ހިތް ގޮވާލަމުން ދަނީ މުޅިން އެހެން ކަމަކަށެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެ އުޅޭ ބަހަކީ ތެދެއްކަން މިއަދު މައުވާއަށް ޔަޤީނާ ގާތަށް ކަށަވަރު ކުރެވިއްޖެއެވެ. އެހެނީ ޝިއާފްގެ ހަޤީޤަތް އެނގޭއިރު ވެސް އެހިތް ބަދަލުނުވެ އޮތް އޮތުމެވެ. އެހިތް ޝިއާފަށް އެދޭ އެދުމެވެ. އަދިވެސް އެވިންދު ތަކަށް ފަނޑުކަމެއް ނާދެއެވެ.
ހަމަ އެދަނޑިވަޅާ ދިމާކޮށް ޒުލްފާގެ އިންޒާރުތައް ވެސް ބުމަރެއްގެ ސިފައިގައި ސިކުނޑީގައި އެނބުރެން ފެށިއެވެ. އެރަހުމެއް ނެތް ބަސްތަކުން އެހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. އެވިހަގަދަ ތީރުތަކުގެ ތަކުލީފަށް ކެތްކުރެވޭނެހާ ހިތްވަރެއް އޭނަގެ ނެތެވެ. ޒުލްފާގެ އިންޒާރުތަކަށް ފިކުރު ހިންގާލެވޭ ކޮންމެ ފަހަރަކު މައުވާގެ ހުރިހާ އުއްމީދުތައް ފަހު ނޭވާވަޅަށް އެޅޭ ފަދައެވެ. އޭނަ ޝިއާފަށް މަޢާފުކޮށް އެއަތުގައި ހިފިކަމުގައި ވިޔަސް ގިނަ ދުވަހެއް ނުވެ ދެމިތުރުން ހަތުރުންނަށް ވާން ޖެހިދާނެ ކަމުގެ ބިރާއެކު ކޮންމެ ފަހަރަކު އޭނަ މާޔޫސްކޮށްލައެވެ. އެލޯތްބެއް ދެން ދުވަހަކު ވެސް ލިބުން އޭނަގެ ނަސީބުގައި ނެތްކަން ވިސްނައިދެ އެވެ. އެއްފަރާތުން އޭނަގެ ޒަމީރު އެލޯތްބަށް ފުރަގަސް ދިނުމަށް ބާރުއަޅަމުން ދާއިރު އަނެއް ފަރާތުން ޒުލްފާ އެދަނީ އެލޯބިން އޭނަ މަހުރޫމްކުރަމަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އޭނަ ޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަހަލައެވެ. ވަށައިގެންވާ އެކަނިވެރިކަމުގެ ތެރޭގައި އޭނަ ނިމިގެންދާންވީ ހެއްޔެވެ؟ މިއީ ހާދަ ބަދުނަސީބު ދިރިއުޅުމެއް ހެއްޔެވެ؟ މައުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޝިއާފް މަތިން ހަނދާން ނައްތާލުން ނޫން އިތުރު އެއްވެސް ގޮތެއް އޭނައަކަށް ނެތެވެ. އެހެނަސް އެއީ ބުނަހާ ފަސޭހަކަމެއް ވެސް ނޫނެވެ.
މައުވާއަށް އޭނަގެ ނިތުގައި ފިރުމާލެވުނެވެ. މާބޮޑަށް ވިސްނި އޭނަގެ ބޮލަށް ބަރުވެފައި ވެއެވެ. އޭނަ ފަތިހުގެ ފިނިކަމުގެ ތެރެއަށް ނިކުމެލީވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދާއެކުގައެވެ. އެހެނަސް ހިތަށް އިތުރު މާޔޫސްކަމާއި، ތަކުލީފު ލިބުން ނޫންކަމެއް ނުވިއެވެ. މިހާ ވަރަށް ވިސްނެން ވެއްޖެއްޔާ އޭނަ ދުވަސްކޮޅަކުން މޮޔަ ވެދާނެއެވެ. ދިރިއުޅުން ތަކުލީފަކަށް ވެދާނެއެވެ. މައުވާ މިހާރު ބޭނުންވަނީ މަންމަމެން ގާތަށް ރަށަށް ދާށެވެ. ދުވަސްކޮޅަކަށް މިމާހައުލާ ދުރަށް ދިއުމުގެ ނިޔަތުގައެވެ. ޝިއާފް ނުފެންނަ ހިސާބަކަށް ދިއުމުގެ ބޭނުމުގައެވެ. އޭރުން ފަހަރެއްގައި އޭނަގެ ހިތް ބަދަލުވެދާނެތީއެވެ. ނަމަވެސް ސްކޫލް ޗުއްޓީ ލިބެން އަދި ދުވަސްކޮޅެއް އެބަ އޮތެވެ. އޭނަ ޖެހޭނީ އަންނަން އޮތް ދުވަސްތަކަށް ކެތްތެރިވާށެވެ. ސާބިތުކަމާއެކު ދެމިހުންނާށެވެ.
މައުވާ ސިހިގެން ދިޔައީ ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ފަސްއެނބުރި ބަލާލެވުނީ އެއީ ކާކުކަން ވެސް އެފިޔަވަޅުތަކުން ދަނެގަނެވުމުންނެވެ. އޭރު ބޮލަށް ޓީޝާޓް މަހާލަން އޮޅުނު ގޮތަށް ގަނޑުވެފައި ޝިއާފް ބަލަން ހުއްޓެވެ. މައުވާ އަވަސް އަވަހަށް ދުރުބަލަން ފެށިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނަ އަނެއްކާ ވެސް އަވަސް ނޭވާތަކެއް ދޫކޮށްލިއެވެ. މިވަރުން ދަންޏާ އޭނައަށް ކެތްކުރެވޭނެ ބާވައެވެ؟ އޭނަ ބަލާލާ ކޮންމެ ދިމާލަކުން ޝިއާފްގެ ސޫރަ ފެނެއެވެ. އެހަނދާންތައް އާލާވެއެވެ. ލާނޭވާގައި ދާންދެން ޖެހެނީ އެވަހެވެ.
''އަހަރެން އަނެއްކާ މޮޔަ ވަނީތަ؟ ލޯބީގައި ދީވާނާ ވަނީތަ؟... މީކޮންކަހަލަ އިހުސާސްތަކެއް، ދުރުވާން އުޅުނަން އެކަމެއް ނުކުރެވޭ، ހަނދާނުން ފޮހެލަން ބޭނުން ވިޔަސް އެކަމެއް ނުކުރެވޭ، ޝިއާފް ކީއްވެތަ އަހަންނަށް ތިހެން ގޯނާ ތިކުރަނީ؟ އަދިވެސް ޝިއާފްގެ ހިތް ނުފުރެނީތަ؟ ޝިއާފް ބޭނުންވަނީ ކޮންކަމެއްތަ؟.... އަހަރެން ރޮއްވާލުންކަމަށް ވަންޏާ އެބޭނުން ކޮންމެ ދުވަހަކު ޝިއާފަށް ހާސިލް ކުރެވޭ... އަހަންނަކަށް ނޭގެ މިހިތަށް ވިސްނައިދޭނެ ގޮތެއް... ޝިއާފަށް އެދެވެން ވީ ކީއްވެތަ؟ އާފްޓާ ވަޑް ހީ ޑިޑް!..... ކިހިނެއްބާ އަހަރެން ހަދަންވީ؟ އަނެއްކާ ޒުލްފާދައްތަ ވެސް..... ވައި ކާންޓް އައި ޖަސްޓް ފޮގެޓް ހިމް؟...'' އަމިއްލަ ތަޤުދީރާ މެދު ޝަކުވާ ކުރުމުގައި މައުވާއަށް ހުރެވުނެވެ.
މައުވާ ހުރުމުން ޝިއާފް އޭނަގެ މިސްރާބު ބަދަލުކޮށްލީ ބަދިގެއާއި ދިމާއަށެވެ. ޝިއާފް ކޮފީ ތައްޔާރުކުރަން ހުރެފައި ވެސް އިރުއިރުކޮޅާ މައުވާއަށް ބަލާލައެވެ. ދުރުން ބަލައިގެން ވެސް އެހިތަށް ހަމަޖެހުމެއް ލިބެއެވެ. މިހާރު އެދެލޮލުން ކަރުނަ އޮހޭތަން ނުފެނުކަމުގައި ވިޔަސް އެމޫނުގައި ވާ މޮޅިވެރިކަމުން އޭނައަށް އުނދަގޫ ކުރެއެވެ. ދުރުގައި ހުންނަން އަމިއްލަ ނަފްސަށް ވަޢުދުވިކަމުގައި ވިޔަސް އެއީ އޭނައަށް ލިބޭ އިތުރު އަނިޔާއަކަށް ވަނީ ވެފައެވެ. އަނެއްކާ ވެސް މައުވާގެ ގާތުން މަޢާފް ލިބޭތޯ މަސައްކަތްކުރަން އޭނަ ބޭނުން ވެއެވެ. އެހެނަސް އެދެލޮލުން ފެންނަމުންދާ ރުޅިވެރިކަމުގެ ސަބަބުން ކޮންމެ ފަހަރަކު މާޔޫސް ކަމާއެކު ކަރުއެލުވާލެވެނީއެވެ. ކޮންމެ ފަހަރަކު ކުށްވެރިކަމުގެ އިހުސާސްތަކުން މީހާ ވަށާލައެވެ. އޭނަ އަމާނީ ގާތުން މަޢާފަށް އެދެން ވެސް ބޭނުމެވެ. ނަމަވެސް އޭނައަށް ފަސްޖެހެވެނީއެވެ. ކުރެވިފައިވާ ކަންތަކުގެ ސަބަބުންނެވެ. އަމާނީގެ ހުރިހާ އުއްމީދަކާއި ހުވަފެންތަކެއް ވެސް ފޭރިގަތީ ޚުދު އޭނަގެ ދެއަތުންނެވެ. އެރޫހު ދަތި އުނދަގޫކަމާއެކު އެހަށިގަނޑާ ވަކިކުރަން އުޅުނީ ވެސް އެދެއަތުންނެވެ. ވެދިޔަ ކަންތަކަށް ފަހު އަމަނީ އޭނައަށް މަޢާފް ދޭނެ ހެއްޔެވެ؟ އޭނަގެ ސޫރަ ވެސް ދެކެން އަމާނީ ބޭނުމެއް ނުވާނެއެވެ. ހަމައެއާއެކު އޭނަ ބަދަލުވެއްޖެކަން ވެސް ޤަބޫލުކުރާކަށް ބޭނުމެއް ނުވާނެއެވެ.
އޭނަގެ އެކުވެރިންނާ ދުރުވުމުގެ ސަބަބުން އެކުވެރިންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެހުރިހާ ކަމެއްގެ އިލްޒާމް އެމީހުން އަޅުވަމުން ދިޔައީ މައުވާގެ ބޮލުގައެވެ. އެކަމާ ހުރެ ވަކިން ބޮޑަށް ޝިއާފް އޭނަގެ އެކުވެރިން ދެކެ ފޫހިވާން ފެށިއެވެ. މައުވާއާ ދިމާއަށް ނުރުހުމުގައި ބަހެއް ބުނެލާ އަޑުވެސް އަހަން އޭނައަށް އުނދަގުލެވެ. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް މެއެވެ. އެކުވެރިންނާ އެކު ބޭރަށް ދިއުން އޭނަ މުޅިން ހުއްޓާލައިފިއެވެ. ފޯނު ކުރިޔަސް ޖަވާބެއް ނުދެއެވެ. އެއަނދިރިކަމުގެ ދުނިޔެއަށް އަނބުރާ ދިއުން އެއީ އޭނަގެ ނަފްސަށް ދެވޭނެ އިތުރު އަނިޔާއަކަށް މެނުވީ ނުވާނެ ތީއެވެ.
ފެންޖަގު ހޫނު ކުރެވުނުކަމުގެ އެލާރމް ފެންޖަގުން އަޅާލުމާއެކު ޝިއާފަށް އޭނަގެ ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނެވެ. ނަމަވެސް ވަށައިގެންވި އެއްވެސް ކަމަކަށް ފުރިހަމަ ސަމާލުކަން ނުދެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަގު ފުރި މަގުގައި ހިފަހައްޓާލައިގެން ހުރި އަތަށް ހޫނު ފެން ބަންޑުންވެގެން ދިޔުމެވެ.
''އާހް....''
ފެނުގެ ހޫނުކަން އިހުސާސް ކުރެވުނު ހިނދު ޝިއާފަށް އަތްދަމައިގަނެވުނެވެ. އެވަގުތު ކުރެވުނު އަވަސް ހަރަކާތުން މަގު ވެއްޓި ތަޅައިގެން ދިޔައެވެ. ހިމޭންކަން ވެރިވެފައި އޮތް މާހައުލުގެ ތެރޭގައި އެއަޑު ގުގުމާލައިފިއެވެ.
މައުވާގެ ކަންފަތާ ހަމައަށް ޝިއާފްގެ އަޑު ވާސިލުވި ހިނދު ތެޅިތެޅި އޮތް ހިތަކާއެކު އޭނައަށް ބަދިގެއަށް ނަޒަރު ހިންގާލެވުނެވެ. ޝިއާފް ހުރީ އޭނައަށް ފުރަގަސް ދީގެން ކަމުގައި ވިޔަސް ހިނގައި ދިޔަ ހާދިސާ އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް އެދިމާއަށް ދެވުނީ އަމިއްލަ އިހްތިޔާރަކާ ނުލައެވެ. ޝިއާފަށް ވޭނެއް ލިބި ދުރުގައި އެމަންޒަރު ބަލަން ހުންނަން ހިތަށް ކެތްނުކުރެވޭނެއެވެ. އެވެސް އެހިތުގައި ބަދަލުވުމެއް ނެތް ލޯބީގެ ނިޝާނެކެވެ.
ކިތަންމެ ވޭން އެޅިކަމުގައި ވިޔަސް މައުވާގެ ފިނި އަތްތިލަ ބީހިގެން ދިޔަ ހިސާބުން ފެށިގެން ޝިއާފްގެ ސިކުނޑީގެ މަސައްކަތަށް ބުރު އެރިކަހަލައެވެ. އެސްފިޔަޖަހާލުމެއް ނެތި އޭނަ މައުވާއަށް ބަލަމުން ދިޔަ އިރު އޭނައަށް ތަދު އިހުސާސް ނުކުރެވެއެވެ. މައުވާ ބޭނުންކަމެއް ކުރުމަށް މަގުފަހިކޮށް ދީގެން އޭނައަށް ހުރެވުނީ މައުވާގެ ހަރަކާތްތަކަށް ގެއްލިފައެވެ. ޔަޤީނުން ވެސް އެމޫނުމަތިން އޭނައަށް މީގެ ކުރިން ނުފެންނަ ކުލަވަރުތަކެއް ފާހަގަ ކުރެވިގެން ހިނގައްޖެއެވެ. އެއާއެކު ޝިއާފްގެ ހިތުގައި އުއްމީދުގެ ވިންދެއް ޖަހާލިއެވެ. އޭނަގެ ނަފްސު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ ދެނެވެ.
''ބަލައިގެން ނޫޅެވޭތަ...'' މައުވާއަށް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ހުރިހާ ކަމެއް ޝިއާފްގެ ކުރިމަތީ ބަނޑުންކޮށްލެވުނު ކަން ވެސް އޭނައަށް ރޭކާލީ ދެނެވެ. އެއާއެކު ތުންފަތުގައި ދަތްއަޅާލެވުނެވެ. އެތަނުން ދާން ވެސް ހިތަށް އެރިކަމުގައި ވިޔަސް ޝިއާފް އެވާ ހާލަތަށް ދޫކޮށްފައި ދާން އޭނައަށް އެއްބަހެއް ނުވެވުނެވެ. މިފަހަރު އޭނަގެ ހިތް ހުރިހާ ކަމެއްގައި ކުރި ހޯދައިފި އެވެ.
މައުވާ ޝިއާފްގެ އަތް ސިންކުގެ އިސްކުރުގެ ދަށަށް ގެންދިއުމަށް ފަހު އިސްކުރަށް ދޫކޮށްލިއެވެ. އޮހެން ފެށި ފިނި ފެނުގެ އަސަރު ފިހުނު ހިސާބަށް ކުރުމާއެކު ޝިއާފަށް އަތްދަމައިގަނެވެން އުޅުނެވެ. ނަމަވެސް މައުވާ އެކަމަށް ހުރަސް އެޅިއެވެ.
''އިރުކޮޅަކުން ތަދު މަޑުވެދާނެ...'' މައުވާ ޝިއާފްގެ މޫނަށް ނުބަލާ ވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
''ކޮން އަޑެއްތަ އެއިވުނީ؟...''
ދެޒުވާނުން ވެސް ސިހިގެން ދިޔައީ ޒުލްފާގެ އަޑަށެވެ. އެކީއެއްފަހަރާ އަޑު އައިދިމާއަށް ބަލާލެވުނު ހިނދު ޒުލްފާ އެދިމާއަށް އަންނަނީއެވެ. އެމޫނުގެ ކުލަވަރު ބަދަލުވެފައިވާތަން ފެނި މައުވާއަށް ޝިއާފްގެ އަތުން އަވަސް އަވަހަށް ދޫކޮށްލެވުނެވެ. އަދި ޝިއާފާ ދުރަށް ޖެހިލެވުނެވެ.
''އަތަށް ހޫނު ފެން ބަންޑުންވީ...'' ޝިއާފް އޮޅުން ފިލުވާލަ ދިނެވެ. މަންމަގެ ސަބަބުން އެހާ ފުރިހަމަ ވަގުތުކޮޅެއް ނިމުމަކަށް އައުމުން ޝިއާފް ހުރީ ހިތްހަމަނުޖެހިފައެވެ. އޭނައަށް އެކަން ސިއްރެއް ވެސް ނުކުރެވުނެވެ. ގިނަ ދުވަސްތަކަށް ފަހު މައުވާ އާއި ދާދި ގާތުގައި ހޭދަކޮށްލަން ލިބުނު ވަގުތުކޮޅަށް މަންމަ ހުރަސް އެޅުމުންނެވެ. އެތަނަށް މަންމަ ނައިނަމަ އޭނަގެ ހިތުގެ އަޑުވެސް މައުވާއަށް އިއްވާ ލެވުނީހެވެ. އޭރުން ފަހަރެއްގައި އޭނައަށް މައުވާގެ ހިތާއި ހަމައަށް ވާސިލުވުމުގެ ފުރުސަތު ވެސް ފަހިވެގެން ދިޔައީހެވެ.
ޒުލްފާގެ މުޅި ދުވަސް ޚަރާބުވެގެން ދިޔަ އެވެ. ހެނދުނު ހެނދުނާ އޭނައަށް މިފެނުނީ ކޮން ފަދަ ނުބައި މަންޒަރެއް ހެއްޔެވެ؟ މައުވާ ގާތު ޝިއާފާ ދުރުން އުޅެން ބުނީމަ ވެސް އެހުރީ ހަމަ ގޮތުގައެވެ. އޭނަގެ އިންޒާރުތަކަށް ވެސް ބިރެއް ނުގަތެވެ. ޒުލްފާގެ ސިނގުރުޅިގަނޑި ހިލުނެވެ. މައުވާ އެހުރީ ގޮތްދޫނުކުރަން ހެއްޔެވެ؟ އޭނައާއި ދެކޮޅަށް ނިކުމެ ހެއްޔެވެ؟ އެހެންވިއްޔާ މައްސަލައެއް ނެތެވެ. ހަމަހިލާ މައުވާގެ ކޮޅު މޮޅުވިޔަކަ އޭނަ ނުދޭނެއެވެ. މައުވާއަށް އޭނައަކީ އަދި ކާކުކަން ނޭގެނީއެވެ. އޭނަ ދެން ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލާނީ މައުވާއަށް ރަގަޅު ފިލާވަޅެއް ދީފައެވެ. ހަނދާނުން ފޮހެނުލެވޭނެ ވަރުގެއެވެ.
''މިކަލެގޭ ދެކަންފަތެކޭ ކިޔާފަ މިހުންނަނީ އަޅެފަހެ ކޯޗެއްތަ، ވީހާވެސް އަވަހަށް ޝިއާފްގެ ކައިވެނި ހަމަޖައްސަންވީ، އޭރުން މިމުސީބާތުން ސަލާމަތްވާނީ ވެސް، އެކަމަކު މިހާ ވަގުތު ނުތަންވަޅު ވެފައިއޮތްވާ އަހަރެން ހިތްހަމަޖެހޭ ވަރުގެ ތަނަވަސް ޢާއިލާއެއްގެ ކުއްޖެއް ލިބޭނެބާ؟... އާނ... ލިބޭނެ، ކީއްވެ ނުލިބެންވީ، އަހަރެންގެ ޝިއާފަކީ ބަލާލަން ނުލާހިކު ރީތި ކުއްޖެއް...'' ޒުލްފާ މައުވާއާ ދިމާއަށް ދެލޯ ހަދާލަމުން ހިތާހިތާ ވާހަކަދެއްކިއެވެ. އޭނަ ގޮސް ޝިއާފާ އަރާހަމަކޮށްލިއެވެ. އަދި ޝިއާފްގެ އަތަށް އަވަސް ނަޒަރެއް ދިނެވެ. އެއަށް ފަހު ދެފަރާތަށް ބޯހޫރާލިއެވެ.
''ޝިއާފަށް ވެސް ނޭގޭނެ ވިއްޔާ ބަލައިގެން އެއްވެސް ކަމެއް ކުރާކަށް...'' ޒުލްފާ މައުވާ ދެކެ އައިސްފައި ހުރި ރުޅީގެ ރޯޅިތައް ޝިއާފަށް ވެސް އަމާޒު ވިއެވެ. އޭނަ ޝިއާފްގެ ޒަހަމަށް ބަލަން ހުރެފައި ގޮސް އައިސްއަލަމާރި މަތީ އޮތް ފަސްޓް އެއިޑް ފޮށި ހިފައިގެން އައިސް ޝިއާފް ގާތަށް ހުއްޓުނެވެ.
އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވާތީ މައުވާ މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އޭނަ ކުރިއަށް އަޅާލި ފިޔަވަޅު ގަނޑުވެގެން ދިޔައީ ޒުލްފާ ގޮވާލުމުންނެވެ. އޭނަ ދެން އިޝާރާތްކޮށްލީ ތަޅައިގެން ގޮސްފައި އޮތް މަގަށެވެ. އެއާއެކު ޒުލްފާ ބުނަން އުޅުނީ ކީކޭކަން މައުވާއަށް ދޭހަވިއެވެ.
''މަންމާ، އަހަރެން އަތުން ތަޅައިގެން ދިޔަ އެއްޗެއް ސާފުކުރަން އިވީ ގާތު ތިބުނަނީ ކީއްވެ... އެއީ އަހަންނަށް ވެސް ކުރެވޭނެ ވަރުގެ ކަމެއް...'' ޝިއާފް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ. މަންމަ މައުވާއާ މެދު ކަންތައް ބަހައްޓާ ގޮތް އޭނައަށް ކަމަކު ނުދެއެވެ. މިހާރު ދެފަހަރެއްގެ މަތިން އޭނަގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. މިއަދު އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ އޭނައަށް ހަމަ ނުހުރެވުނީއެވެ. އެދެމުގައި ގުޅުމެއް ނެތްކަމުގައި ވިޔަސް މައުވާއާއި މެދު އެއްވެސް މީހަކު ދެރަކޮށް ކަންތައް ކުރަން އެހިތެއް ނޭދެއެވެ.
''ބަލަ މައުވާ އެއީ އަންހެންކުއްޖެކޭ، އެކަހަލަ ކަންތައް ކުރަން ޖެހޭނީ ވެސް އަންހެންކުދިން! މާ ވާހަކަ ގިނަ ނުކޮށް ހުރޭ!...'' ޝިއާފްގެ ޖުމްލައާއެކު ޒުލްފާގެ މޫނު ކުރިއަށް ވުރެ ބަނަ ވިއެވެ. ޝިއާފް އިތުރަށް އެއްޗެއް ބުނަން އުޅުނު ކަމުގައި ވިޔަސް މައުވާ އޭނައާ ބަދަލުކޮށްލި ނަޒަރާއެކު އެދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އޭނައަށް މައުވާއަށް ބަލަން ހުރެވުނީއެވެ.
*****
ހަވީރުގެ ވަގުތެވެ. އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް މައުވާ ކަންފަތަށް ހެޑްސެޓް ގުޅައިގެން އޮތީ ހިންދީ ލަވައެއް އަޑުއެހުމުގައެވެ. އެލަވަޔާ އޭނަގެ ހަޔާތާ އޮތް ގުޅުމާ މެދު މައުވާއަށް ފިކުރު ހިންގެމުން ދިޔައެވެ. އެއިން ކޮންމެ ބައިތަކާ އެކު އެހިތަށް ފުސްއަސަރުތަކެއް ކުރުވަމުން ދިޔައެވެ. ލަވަޔާއެކު މައުވާ އޮތީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. ދެލޯ މަރާލައިގެން އޮވެ ލަވައިގެ ބައިތުތައް މަޑުމަޑުން ކިޔަމުން ގެންދިޔައެވެ.
''ތޭރީ ޔާދްމެ ޕާގަލް ޕަލް ޕަލް ރޯތާ ހޭ،
ބިން ތޭރޭ ނާ ޖާގޭ ޔޭ ނާ ސޯތާ ހޭ،
އަކްސަރް ތަންހާއީ މޭ ތުޖޭ ޕުކާރޭ، ނާޒޯރު ދިލް ޕޭ ޗަލޭ،
ހާރޭ، ހާރޭ، ހާރޭ...... ހަމް ތޯ ދިލް ސޭ ހާރޭ.....''
..................................................
''އިވީ ހިނގާބަ ބޭރަށް ދާން...'' ރީތިވާމޭޒުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ ތޫބާ މައުވާއާއި ވާހަކަ ދައްކަމުން ދިޔައެވެ. ''މިހާރު ސްކޫލުން ގެއަށް އަންނަ ގޮތަށް އިވީ ބޭރަށް ތިނިކުންނަނީ އަނެއް ދުވަހު ސްކޫލަށް ދާން، ތިހެން ގޭގައި އޮންނަނަމަ ސައިކޯ ވެދާނެ... މިއަދު އަހަރެން އަޑެއް ނާހާނަން އިވީގެ އެއްވެސް ބަހަނާއެއް....''
''އިވީ؟...'' މައުވާގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވުމުން ތޫބާ ފަސްއެނބުރި ބަލާލިއެވެ. ހެޑްސެޓް ޖަހައިގެން އޮތް މައުވާ ފެނުމާއެކު ތޫބާ އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ. ތުންއަނބުރާލަމުން އެނދުކައިރިއަށް ޖެހިލުމަށްފަހު ބާލީހެއް ނަގާ މައުވާއާއި ދިމާއަށް ހޫރާލިއެވެ. ބާލީސް އައިސް މޫނުގައި ޖެހުމާއެކު ސިގެން ދިޔަ މައުވާ ދެލޯހުޅުވާލައިފިއެވެ.
''ވަޓް؟...'' މައުވާ ހެޑްސެޓް ކަންފަތާ ވަކިކޮށްލަމުން ބުންޏެވެ. އަދި ތެދުވެ އޭނަގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލުމަށްފަހު ހުޅިއެއް ޖެހިއެވެ.
''މިހާރު އިވީއަށް މީހުން ބުނާ އެއްޗަކަށް ކޮންސެންޓްރޭޓް ނުކުރެވޭ ހިސާބެއްގެ ވިއްޔާ ތިއުޅެނީ، މަބުނީ ހިނގާބަލާށޭ ބޭރަށް ނިކުމެލަން...'' ތޫބާ ތަކުރާރުކޮށްލިއެވެ.
''މިގަޑީގަ؟...'' މައުވާ ފޫހިކަމާއެކުގައި ބުންޏެވެ. މިއަދަކީ ހުކުރު ދުވަހަށް ވެފައި ކަކުނިތައް ހޮރުތަކުން ނިކުންނަ އުސޫލުން މާލޭގެ މަގުތަކަށް ވެސް މީހުން ނިކުންނާނެއެވެ. އެހެންވެ ބޭރަށް ދާ ފަދަ ޚިޔާލެއް އޭނަގެ ނެތެވެ.
''ނޯ އެކްސްކިއުޒެން، ޔޫ އާރ ގޮންއިންގް ވިތް މީ...'' ތޫބާ ގޮތް ދުލެއް ނުކުރިއެވެ. އެންމެ ފަހުން މައުވާ ބަލި ޤަބޫލުކުރަމުން ގޮސް ފާޚަނާއަށް ވަނެވެ.
''ދެން ވަގުތު ވޭސްޓް ކުރަން ފާޚަނާގަ އެއްގަޑިއިރު ހޭދަކުރާނީކީ ނޫނޭ...'' ތޫބާ ބުނެލިއެވެ.