ލިބިގެން ދިޔަ އިންތިހާ ދަރަޖައިގެ ހައިރާންކަން ސިއްރުކުރަން އުޅުނު ކަމުގައި ވިޔަސް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. ތޫބާއަށް ހުރިހާކަމެއް ވެސް ފާހަގަ ކުރެވިގެން ދިޔައެވެ. އެއާއެކު އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ނުރުހުމުގެ އަސަރު ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނަ ހިތަށް ވިސްނައިދިނެވެ. އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ގޮތެކެވެ. އޭނަގެ ހިތުގައި މައުވާއާ މެދު ހިތްބުރަކަމެއް ނެތެވެ.

ލޯތްބަކީ ކިހާ ބާރުގަދަ އިހުސާސެއްކަން މައުވާއަށް އަދި ނޭގެނީ އެވެ. ލޯބިވެވުމުން އުމުރުގެ ފަރަގަކީ އެއްވެސް ސިފައެއްގައި މުހިންމު އެއްޗަކަށް ނުވެއެވެ. އެކަކު އަނެކަކުގެ ފަރާތުން ލޯތްބާއި އަޅާލުމުގެ އިތުރަށް ދާއިމަށް ދެމިގެންދާނެ ފަދަ އިތުބާރެއް އޮތްނަމަ ދެން ވިސްނަންވީ ކޮންކަމަކާ މެދު ހެއްޔެވެ؟ މުޖުތަމައު ދެކޭނެ ގޮތަކާ މެދު ހެއްޔެވެ؟ ކޮށްފާނެ މަލާމާތަކާ މެދުގައި ހެއްޔެވެ؟ ކުރިމަތި ކުރުވަފާނެ ފިއްތުންތަކާ މެދުގައި ހެއްޔެވެ؟ އެހެން ކަމުގައި ވަނީނަމަ ދުވަހަކުވެސް ކާމިޔާބެއް، ނުވަތަ ކުރިއެރުމެއް ނުލިބޭނެއެވެ. މުޖުތަމައުގައި ގިނައިން ތިބީ ވަކި ތޮށްޓެއްގެ ތެރޭގައި އެމީހުންގެ ވިސްނުމުގެ ފިކުރު ހިންގާ ބައެކެވެ. އެފަދަ ބަޔަކަށް ފާޑު ކިޔުން ނޫންކަމެއް ކުރާކަށް ނޭގޭނެއެވެ. ކަމަކާ މެދު ރަގަޅު ނަޒަރިއްޔާތަކުން ދެކޭކަށް ވެސް ނުމެ އެނގޭނެއެވެ. އެފަދަ ކަޓު ޚިޔާލުތަކަށް ތޫބާގެ ފިކުރެއް ނެތެވެ. އަލޫފް ދެކެ އޭނަ ލޯބިވީ ކޮންމެހެން ސިފައަށް ބަލާފަކާއެއް ނޫނެވެ. އޭނައަށް ލޯބި ވެވުނީ އެ މަޑުމައިތިރި މިޖާޒާ، ހިތްހެޔޮކަން ދެކެއެވެ. އޭނަގެ ހިތް ލެނބިގެން ދިޔައީ އެމޫނުމަތިން އަބަދު ފެންނަ ހިނިތުންވުން ދެކެއެވެ. ތެދުވެރިކަން ދެކެއެވެ.

ތޫބާ މައުވާގެ އަތުގައި ކޮށްޓާލުމުން އޭނަ ގަދަކަމުން ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. އޭރު އަލޫފް މައުވާއާއި ވާހަކަ ދައްކަނީއެވެ. އެވަގުތު އާދައިގެމަތިން މައުވާ ހުރީ ހިމޭން ވެފައެވެ. އިސްނަގައި ވާހަކަ ދައްކާކަށް ނުކެރުނެވެ. ތޫބާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''އިވީ ވަރަށް ލަދުގަންނާނެ ސްޓްރޭންޖާރސްއާ ވާހަކަދައްކަން، މިހާރުވެސް އެހުރީ ލަދުން، މަށަށް ފެންނަނީ މިކުއްޖާގެ ސޯޝަލް އެންޒައިޓީ ޑިސްއޯޑާރ ރަގަޅުކުރަން ތެރަޕިސްޓަކު ގާތަށް ފޮނުވަން...'' ތޫބާ ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނަ ހުރީ މައުވާއާ މެދު ކަންބޮޑުވެފައެވެ. އޭނަ އެހުންނަނީ މަންމަމެންނާ އެވާހަކަ ދައްކަން ކަމަށެވެ. ނަމަވެސް ފަސްޖެހެވެނީ ޖަވާބު އައިސްދާނެ ގޮތަކާ މެދުގައެވެ. ވަކިން ޚާއްސަ ގޮތެއްގައި އަސްމާ ދައްތަ ރުޅިއައިސްދާނެތީ އެވެ. އަސްމާ ދައްތައަށް މައުވާގެ މިޖާޒުގައިވާ ހިމޭންކަން މައްސަލައަކަށް ނުވީތީ ވެސް ތޫބާ ހައިރާންވެއެވެ.

''ކޮންމެ މީހެއްގެ ވެސް ހުންނާނީ ތަފާތު މިޒާޖެއް، ކޮންމެހެން ނުޖެހޭނެ އެހެން ބަޔަކު އުޅޭ ގޮތަށް ލައިފްސަޓައިލް ބަހައްޓާކަށް ވެސް... ޔޯރ ބިގެސްޓް އެނަމީ އިޒް ލިވިންގް އިން ދި ފިއާރަ އެބައުޓް ވަޓް އަދާރޒް މޭއި ތިންކް އޮފް ޔޫ... މައުވާ ވެސް އެ ފިއާރއާ ފޭސްކުރަން ބޭނުންވާ ދުވަހަކުން ހުރިހާކަމެއް މަތިން ހަނދާން ނައްތާލާފަ އެކަންވެސް ކުރާނެ، ބޭނުންވަނީ ވަގުތާއި ސަޕޯޓް، ހަމަ ހުރެފަކާ އެއްވެސް ކަމެއް ބަދަލެއް ވެސް ނުކުރެވޭނެ ދޯ؟، ކީކޭ މައުވާ ބުނަނީ؟...''

އަލޫފްގެ ސަމާލުކަން މައުވާއަށް ހުއްޓުނެވެ. އޭނަގެ ބޭނުންވީ މައުވާއަށް ހިތްވަރު ލިބޭނެ ވާހަކައެއް ދެއްކުމަށެވެ. އެފަދަ ހާލަތެއްގައި އަންނާނެ ބަދަލުތައް އެންމެ ގާތުން އިހުސާސްކުރެވޭ އެކަކީ އޭނައެވެ. އޭނަ ވަނީ އެފަދަ ކިތަންމެ ބަލި މީހަކަށް ފަރުވާ ދީ ރަގަޅުކޮށްދީފަ އެވެ. މައުވާއަށް ވެސް ހާއްސަ ސަމާލުކަމެއް ދެވުނީ އެހެންވީމަ އެވެ. އެއަންހެންކުއްޖާއަށް އެހީގެ އަތެއް ފޯރުކޮށްދޭން ބޭނުންވީމަ އެވެ.

''އޯހް، ހަނދާން ނެތުނިއްޔޭ، އަލޫފް އަކީ ތެރަޕިސްޓެކޭ، އަލޫފް ވާނެ އިނގޭ އިވީއަށް ހެލްޕް ވާން...'' ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވާ ފަދަ ގޮތަކަށް ތޫބާ ބުންޏެވެ.

ތޫބާގެ އެދުމާ ދެކޮޅު ހަދަން މައުވާ ބޭނުންވި ކަމުގައި ވިޔަސް އިންކާރުކުރާކަށް ނުކެރުނެވެ. ފަހަރެއްގައި މިއީ އޭނަގެ އަމިއްލަ ހިތާއި ސިކުނޑީގައި ވަކިހިއްޕާލާފައިވާ ބިރުވެރިކަމާ ކުރިމަތިލާން އޭނައަށް ލިބުނު ފުރުސަތަކަށް ވެސް ވެދާނެއެވެ. އޭނަގެ އެކުވެރިން ނުތިބޭތީ އެކަމާމެދު ދެރަވެއެވެ. ކަންކަމުގައި އިސްނަގަން ނުކެރުމުގެ ސަބަބުން ގިނަ ފަހަރު ހިތްއެދޭ ކަންތަކަށް ފުރަގަސްދޭން މަޖުބޫރުވެފައި ވާތީ ވެސް މެއެވެ. މިއަދު އޭނައަށް މިވަނީ ނަފްސުގެ ހަމަޖެހުން ނަގާލާފައިވާ ތޫފާނާ ހަނގުރާމަކޮށް ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެ މަގެއް ފަހިވެގެން ގޮސްފައެވެ. އުއްމީދުގެ ހުޅުކޮޅެއް ހިތުގައި ރޯކުރުވާފައެވެ. ސުވާލަކީ އެމަގުން ދާންވީ ހެއްޔެވެ؟ ނޫނީ ފިޔަވަޅުތައް އަނބުރާލާފައި ފަހަތުން ފެންނަން އޮތް އަދިރިކަމާއި، ގަދަ ތޫފާނުގެ ތެރެއަށް ނަފްސު އަރަގުވާން ދޫކޮށްލަން ވީ ހެއްޔެވެ؟

މައުވާއަށް ވިސްނާލެވުނެވެ. ބަލާ ބެލުމަށް އަލޫފް ފެންނަނީ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. މޫނުމަތިން މާތް ފާޑު ވެސް ޖަހައެވެ. އެހެނަސް މީގެ ކުޑަ އިރުކޮޅެއް ކުރިން ބައްދަލުވި ނުދަންނަ މީހަކަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟ އެވަގުތު މައުވާގެ ހަނދާނުގައި ޓަކިދިނީ ޝިއާފްގެ ޚިޔާލުތަކެވެ. އޭނައާއި ޝިއާފާ ދެމެދުގައި ވެސް ވާހަކަތަކެއް ދެކެވުނީކީ ނޫނެވެ. ހަމައެކަނި ބަދަލުކުރެވިގެން ދިޔައީ ހިނިތުންވުމެކެވެ. ނަމަވެސް އެހިނިތުންވުން ހިތުގައި ބިންވަޅުގެނި އެސޫރަ ވެސް ހިތުގައި ފޮރުވާ ލެވިއްޖެއެވެ. ނުވެސް އެނގި ހުއްޓައެވެ. އިތުބާރުކުރުމަށް ހިތް ބާރު އަޅަން ފެށީ އޭނަގެ އިހުތިޔާރުން ބޭރުގައެވެ. މިއީ ދުވަހަކުވެސް އޭނައަށް އައި ބަދަލުތަކެއް ނޫނެވެ. މީހުންނަށް އިތުބާރުކުރުން އެއީ އޭނައަށް ނުހަނު އުނދަގޫ ކަމަކެވެ. އެހެނަސް އެންމެ ހިނިތުންވުމަކުން އޭނަގެ މުޅި ވިސްނުން ބަދަލު ކުރުވައިފިއެވެ!

''ހޭއި، ކޮން ޚިޔާލަކަށް ގެއްލިފަ؟...''

މައުވާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ތޫބާ އޭނަގެ އަތުގައި ވިކާލުމުންނެވެ. އަތުގައި ފިރުމާލަމުން އޭނަ ތޫބާއަށް ބަލާލިއެވެ. ތޫބާ ހުރީ ބުމަ އަރުވާލައިގެންނެވެ.

''ކަމެއްނުވޭ...'' ކުރުވެގެން ދިޔަ ނޭވާ ހަމައަކަށް އަޅުވާލަމުން މައުވާ ބުންޏެވެ.

''އިވީ ކީކޭތަ ބުނަނީ؟...'' ތޫބާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުނެލިއެވެ. ސިކުނޑިއަށް ބާރުލަމުން އެންމެ ފަހުން މައުވާ އެކަމާ އެއްބަސް ވިއެވެ. ތޫބާ ވީ އުފަލެއްގެ ބޮޑުކަމުން މައުވާގެ ގައިގައި ބައްދާލިއެވެ. އޭނަ ހުރީ މައުވާގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު ނުހަނު ކަންބޮޑުވެފައެވެ. އެކަމަކު ލިބުނު ޖަވަބާ މެދު އޭނަ އުފާވިއެވެ.

****

ތިން މީހުން ދެން ދިޔައީ ރެސްޓޯރެންޓަކަށެވެ. އެއީ އަލޫފް އަދި މައުވާގެ އެކުވެރިކަން ބަދަހިވެގެން ދާން ލިބުނު ފުރުސަތެކެވެ. ފުރަތަމަކޮޅު ވާހަކަދެއްކުމުގައި މައުވާއަށް އުނދަގޫވިކަމުގައި ވިޔަސް ފަހުން އައިސް އެކަމަށް ހޭނިއްޖެއެވެ. އަލޫފްގެ މަޖާ ވާހަކަތަކުން މާހައުލަށް ގެނުވާފައިވަނީ އުފާވެރިކަމެވެ. ސަކަރާތުގައި ތިއްބާ ގަޑި ދިޔަގޮތެއް ވެސް ނޭގުނެވެ. ގަޑިއަށް ސަމާލުކަން ދެވުނީ ލަސްވެގެން ދިޔާނާ ގުޅަން ފެށުމާއެކު އެވެ. އޭރު މައުވާއަށް ވެސް އަސްމާ ގުޅަނީއެވެ. މައުވާ ފޯނަށް ޖަވާބު ދިނުމުގެ ގޮތުން އެއްފަރާތަކަށް ޖެހިލިއެވެ.

މައުވާމެން ތިބީ ރެސްޓޯރެންޓްގެ ހާމަފެންޑާގައެވެ. އޭނަ ގޮސް ރެއިލިންގް ކައިރިއަށް ހުއްޓިލަމުން ދުރުން ފެންނަން އޮތް މޫދަށް ނަޒަރު ހުއްޓާލިއެވެ. ހަނދު އެންމެ ފަހުން އޭގެ ތަހުތުގައި ފައިހަމަކޮށްލަމުން އެކަން މުޅި ދުނިޔެއަށް ޢިއުލާން ކުރުމުގައި އަވަދިނެތި އުޅެއެވެ. ތަރިތައް ހަނދުގެ ދަރުބާރުގައި ކިޔަމަންތެރިކަމާއެކުގައި އޭގެ ވާޖިބު އަދާކުރުމުގައި ސިކުންތުކޮޅެއްވެސް ނަގާނުލައި ތިއްބެވެ. ހަނދުގެ ރިހި އަލިން މޫދުގެ ސަތަހަ ޖަރީކޮށްލެވިފައިވާ މަންޒަރު ވަރަށް ވެސް ޗާލެވެ. އެމަންޒަރުން މައުވާގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ.

އަސްމާ އެންމެ ފުރަތަމަ ވެސް ބުނީ މައުވާގެ ސްކޫލްގެ ބޭނުންތަކަށް ދިޔާނާގެ އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކައެވެ. އަދި ސްކޫލްގެ ކަންތައްތައް ކިޔެވުން ފެށުމުގެ ކުރިން ނިންމުމަށެވެ. ދެން އަސްމާގެ ސުވާލަކަށް ވީ ރޭގަނޑުގެ އެކުމަށް އިންސާފުކޮށްފިން ތޯ އެވެ. މައުވާ ޖަވާބުގައި ލައްބައޭ ބުނެލިއެވެ. އަދި ތޫބާއާއެކު ބޭރުގައި ހުރި ވާހަކަ ވެސް ބުނެލިއެވެ. އެއާއެކު ރޭގަނޑުގެ ވަގުތުގައި މައުވާ ބޭރަށް ނުކުތުމުން އަސްމާ ހިތްހަމަ ޖެހުނުކަމަކަށް ނުވިއެވެ. އަދި ވީހާވެސް އަވަހަކަށް ގެއަށް ދިއުމަށް ބުނެލިއެވެ.

''ކޮބާތަ ބައްޕަ؟...'' މައުވާ އަހާލިއެވެ.

''ދެންމެ ބޭރަށް ގޮސްފި އޮފީސް ކަމަކު... ދަރިފުޅު ލަސްނުވެ ގެއަށް ދައްޗޭ، އެއޮއްގެން ދިހައެއް ޖަހަނީ...'' އަސްމާ ބުނެލިއެވެ.

****

''މައުވާ......''

ފޯންކޯލް ނިންމާލުމަށްފަހު ދާން އުޅުނު މައުވާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވެގެން ދިޔައީ އިވުނު އަޑެއްގެ ސަބަބުންނެވެ. ޤަބޫލުކުރަން ދަތިވެފައި ހުރެ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރު ޝިއާފް ހުރީ ހާމަފެންޑާގެ ރެއިލިންގްއަށް ލެނގިލައިގެން މޭގައި ދެއަތް ހުރަސްކޮށްލައިގެންނެވެ. މައުވާގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމާއެކު އެލޮބުވެތި ހިނިތުންވުން ހަދިޔާކޮށްލައިފިއެވެ. މައުވާ ހުރީ މީ ހަޤީޤަތެއް ކަން ނިންމަން ހަނދާން ނެތިފައެވެ.

ވައިގެ ގޯނާތަކުން މައުވާގެ ވަށް މޫނުމައްޗަށް އެޅެމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދޭން ޝިއާފް ބޭނުން ވިއެވެ. މަޑު ފިޔާތޮށިކުލައަކަށް ދާ ތުންފަތުގައި ފިރުމާލަން ހިތް އެދުނެވެ. ހާމަފެންޑާއަށް ފެތުރިފައިވާ އޮރެންޖްކުލައިގެ އަލީގެ ތެރޭން މައުވާ ފެންނަ ގޮތް ވަކިން ފުރިހަމަކަމަށް އޭނައަށް ފެނުނެވެ. ޚިޔާލަށް ސިފަވަމުން ދިޔަ ހުވަފެނީ ކުލަތަކުން ޝިއާފްގެ ހިތުގައި އިތުރު ޝައުގުވެރިކަމެއް އުފެދުނެވެ.

''ހާދަ ބިރުން ތިހުރީ؟...'' ޝިއާފް މައުވާގެ މޫނާ ނަޒަރު ވަކިކުރުމެއްނެތި އަހާލިއެވެ. ނަތީޖާއެއްގެ ގޮތުން މައުވާއަށް އިސްދަށަށް ޖަހާލެވުނެވެ. ޝިއާފްގެ ލޮލުގައިވާ ތޫނުކަމުގެ ސަބަބުން ގިނައިރު އެދެލޮލަށް ބެލުން އެއީ ވާނެ ވަރުގެ ކަމެއް ނޫނެވެ.

''ކާކާ އެކުތަ އައިސްގެން ތިއުޅެނީ؟...'' ސުވާލަކަށް ފަހު ސުވާލެކެވެ.

''އަހަންނާ ވާހަކަ ނުދައްކަން ހުވާކޮށްގެންތަ ތިހުރީ؟...''

ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ޝިއާފް އަހާލިއެވެ. މައުވާ ޖަވާބުދޭން ބޭނުންވިކަމުގައި ވިޔަސް އޭނަގެ ދުލެކޭ ރަބަރުގަނޑެކޭ އެއްފަދައެވެ. އެވަރުން ވާހަކަ ދެކެވޭ ހެއްޔެވެ؟ ޝިއާފްގެ ސަބަބުން މިއަންނަ ބަދަލުތަކާ ހުރެ އޭނަ ކަންބޮޑުވާ ހިސާބަށް ގޮސްފިއެވެ. ބޭނުންވީ އެދެލޮލުން ސަލާމަށްވުމަށް ދުވެ ފިލާށެވެ.

''އިވީ، ހާދަ ލަސްވަނީ...'' ތޫބާގެ އަޑަށް މައުވާއަށް ބަލާލެވުނެވެ. އޭރު ތޫބާ އެމީހުންނާ އަރާހަމަކުރަނީއެވެ. އަލޫފް ބިލަށް ފައިސާ ދައްކަން މޭޒު ދޮށުގައި އިނެވެ. ތޫބާއާއި އަލޫފްގެ ސިއްރު ޝިއާފްއަށް ފަޅާއަރާފާނެތީ އޭނަ ކަންބޮޑުވިއެވެ. އަމިއްލަ ބާރުގެ ދަށުން ދޫވެގެން ދިޔަ ނަފްސު ހަމައަކަށް އެޅުމުން އޭނައަށް ތެޅިގަނެވުނެވެ. ތޫބާގެ ސިއްރު ހިފެހެއްޓުމަށްޓަކައެވެ. ޝިއާފަށް އެމީހުން ފެނުނު ބާވައެވެ؟

ތޫބާއަށް ޝިއާފް ފެނުމާއެކު އެދޮން މޫނުގެ ކުލަވަރު އޮއްސިގެން ދިޔައެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. އޭނަގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔަ ހިނދު ހިންދިރުވާލެވުނެވެ. ހަޤީޤަތް ބޭޒާރު ވެދާނެތީ އެހިތުގެ ތެޅުން އެތައް ގުނައަކަށް މައްޗަށް ޖެހިލައިފިއެވެ. ޝިއާފަށް ލިބިގެން ދިޔަ ހައިރާންކަން ވީ އިތުރެވެ. އޭނަ ތޫބާއާއި މައުވާގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

ތޫބާއަށް ސިއްރުސިއްރުން އަލޫފް އިން ދިމާއަށް ބަލާލެވުނެވެ. އަލޫފް ވެސް އޭނައާ ދިމާއަށް ބަލަހައްޓައިގެން އިންތަން ފެނުނެވެ. އެމޫނުމަތީގައި ވަނީ ސުވާލުމާކުތަކެކެވެ. ނަސީބު ތަންދިމާކުރި ގޮތުން އަލޫފް އިން މޭޒު ހުރީ އަނދިރި ހިސާބުގަނޑެއްގައެވެ.

''ކުޑޭ މިތާ ކީއްތިކުރަނީ؟...'' ތޫބާއަށް ބުނެވުނެވެ.

''ތި ސުވާލު އަހަންނަށް ވެސް ކުރެވިދާނެ، ތީ ފިހާރައަށް ދާށޭ ބުނެފަ ނިކުތް ދެމީހުންނެއްނު...'' ޝިއާފް ބުނެލިއެވެ.

''ބާޒާރުކޮށްނިންމާލާފަ ޑެސާރޓް ކާލަން ބޭނުން ވީމަ އައީ...'' ތޫބާ ކުޑަކޮށް އަޅައިގަންނަމުން ބުނެލިއެވެ. ޝިއާފް ބުމައަރުވާލަމުން ބަލަން ހުރީ އެވާހަކަ ޤަބޫލުނުކުރެވެއޭ ބުނާ ފަދަ ގޮތަކަށެވެ. ތޫބާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން އޭނައަށް ސިއްރެއް ނުކުރެވެއެވެ.

''ރިއަލީ؟...'' ޝިއާފް ބުންޏެވެ.

''ހޫމްމްމް، އަސްލު އަހަރެން އެދިގެން...'' ފިނިވެފައިވާ އަޑަކުން މައުވާ ބުނެލިއެވެ. އޭނައަށް އެލަފްޒުތައް ދުލާ ހަމައަށް ގެނެވުނީ ލައްކަ އުނދަގުލުންނެވެ.

ފުރަތަމަ ފަހަރަށް މައުވާގެ އަޑު އިވުމުން ޝިއާފްގެ ހިތުގެ ހިނގުން އަވަސް ވިއެވެ. ކޮންފަދަ އަންހެންވަންތަ އަޑެއް ހެއްޔެވެ؟ ރީތި މިޔުޒިކެއް ފަދައެވެ. ފޫހިކަމެއް ނެތި އެއަޑު އަހާލަން ހުރެވިދާނެއެވެ. އަދި އެއްފަހަރު އެއަޑު އަހާލަން ޝިއާފްގެ ކެތްތެރިކަން ކުޑަ ވެގެން ދިޔައީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ.

ކީއްވެގެން ކަމެއް ނޭގެއެވެ. އެވާހަކަ އޭނައަށް ޤަބޫލުކުރެވުނެވެ.

''އޭ ޝިއާފް ކަލޭ ތީ މޭޒެއް ވޭކެންޓްތޯ ބަލަން ފޮނުވި މީހާއެއްނު...'' ސިޑިން މައްޗަށް އެރި މީހަކު ބުނެލި އަޑު އިވުނެވެ. އެއާއެކު ޝިއާފް އެދިމާއަށް ބަލާލަމުން ނެތޭ ބުނެލިއެވެ. އަދި އެމީހާގެ ފަހަތުން ދާން ހިނގައިގަތީ މައުވާއަށް ފުން ނަޒަރެއް ދީފައެވެ.

''އެކޮން މަންޖެއެއްތަ؟...'' ސިޑިން ފައިބަމުންް ޝިއާފްގެ އެކުވެރިޔާ އަހާލިއެވެ. އޭނަގެ ސުވާލު އަމާޒުވެގެން ދިޔައީ ކާކަށް ކަން ޝިއާފްއަށް އެނގުނެވެ.

''އޮފް ލިމިޓް އިނގޭ...'' ޝިއާފް ބުނެލިއެވެ. އެއާއެކު އެކުވެރިޔާ ހިނިގަނޑެއް ޖަހާލިއެވެ.

****

ޝިއާފް ދިއުމާއެކު ތޫބާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނަ މައުވާއަށް ޝުކުރު އަދާކޮށްލިއެވެ.

''ދެޓް ވޯޒް ކްލޯސް...'' ތޫބާ ބުންޏެވެ.

ތޫބާ އަލޫފްގެ ސުވާލުތަކަށް ޖަވާބު ދިނެވެ. އަދި ގެއަށް ދަނީ ކަމުގައި ބުނެލިއެވެ. އަލޫފް ގޮނޑިން ތެދުވެލަމުން ތޫބާގެ އަތުގައި ހިފާލަމުން ބޮސްދިނެވެ. އަދި އޭނައަށް ހުސްކޮށްލަދިން އުފާވެރި ރެއަށް ޝުކުރު އަދާކޮށްލިއެވެ. ތޫބާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ފިނިވެފައިވާ އަތްތިލަ މިންޖުކުރަމުން އޭނައަށް އަތުގައި ފިރުމާލެވުނެވެ. އަލޫފް ބޮސްދިން ހިސާބުގައި ކަރަންޓްގެ ބާނީތަކެއް އުފެދިފައިވާ ކަހަލައެވެ.

ތޫބާ ދާން އުޅުމުން މިވަގުތު އެކަނި ދާކަށް އަލޫފް ބޭނުމެއް ނުވިއެވެ. އެކަމާ މެދު ތޫބާ އުފާވި ކަމުގައި ވިޔަސް ޖެހުނީ ދެކޮޅު ހަދާށެވެ. ދެންމެ ވެސް ސަލާމަތް ވީ ހަމަ ކިރިޔާއެވެ. ދެވަނަ ފަހަރަށް ސަލާމަތްވެވިދާނެ ކަމުގެ އޮތީ ކޮން އުއްމީދެއް ހެއްޔެވެ؟

''މިތާ ނުލާހިކު ކައިރީގަ ގެ ހުންނަނީ...'' ތޫބާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.

އަލޫފްއަށް ޖެހުނީ އެންމެ ފަހުން ތޫބާ ބުނި ގޮތާ ރުހި ޤަބޫލުވާށެވެ. ގެއަށް ދެވުމާއެކު ގުޅުމަށް ޝަރުތުކުރުމަށްފަހު އެވެ.

****

''ސޯ ޔޫ ލައިކްޑް ހިމް ރައިޓް؟...'' ބާރު ހިނގުމެއްގައި ގެއާ ދިމާއަށް މިސްރާބު ޖެހި ތޫބާ އަހާލިއެވެ. މައުވާއަށް ތޫބާއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްލުން ވީ އުނދަގޫ ކަމަކަށެވެ.

''ހޫމްމްމް...'' މައުވާ ބުނެލިއެވެ.

''އަސްލު އުމުރަކީ އެހާ ބޭނުންތެރި އެއްޗެއް ނޫން، ލޯބިވެވުމުން އިވީއަށް ވެސް އެނގޭނެ އެއީ ކިހާ ބާރުގަދަ އިހުސާސެއްކަން، އެމީހެއްގެ ހުންނަ ކޮންމެ އުނިސިފައަކާ އެކުގައި ވެސް ލޯބި ވެވިދާނެ، އެހެންނޫނަސް އަހަންނަށް ވުރެ ދިހަ އަހަރަށް އަލޫފް ބޮޑުވުމުން ކޮބާތަ މައްސަލައަކީ؟ ހީޒް ޖަސްޓް ޕާރފެކްޓް، އަލޫފް ނޫން މިހަކާއި ކައިވެންޏެއް ވެސް ނުކުރާނަން.....'' ތޫބާ ހީވަނީ ލޯބީގެ ދާއިރާއިން މަތީ ފާހެއް ހޯދައިގެން ހުރިހެންނެވެ.

''ބޮޑުދައްތަ ޤަބޫލުވާނެތަ؟...'' މައުވާގެ ހިތުގައި އޮތް ސުވާލަކީ އެއީ އެވެ. ތޫބާގެ އުފަލަށްޓަކައި ވިޔަސް އެހާ ދޮށީ މީހަކާއި ކައިވެނި ކުރުމުގެ ފުރުސަތު ދީފާނެ ހެއްޔެވެ؟ އޭނައަށް ޔަޤީނާ ގާތަށް އެނގޭ ކަމަކީ އޭނަގެ މަންމަ ޤަބޫލުނުވާނެ ކަމެވެ.

''މަންމައަކީ ވަރަށް އަންޑަސްޓޭންޑިންގް މީހެއް، އަހަރެންގެ އުފާ މަންމައަށް މުހިންމުވާނީ، ސޯ އަހަރެން ބުނާނީ އާނއެކޭ، އެންމެ ރަގަޅު ވަގުތު އައިސް ޖެހުމުން މަންމައަށް އަންގާނަން...''

****

މައުވާ ފެންވަރާލައިގެން ނިކުތް އިރު ތޫބާ އޮތީ ނިދާފައެވެ. ފޮށިން ހަރުވާޅުހެދުމެއް ނަގައި އެލައިގެން އަވަސް ވެގަތީ ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް ލުމަށެވެ. އޭނައަށް އެކަން ކުރަން ވެސް ވަގުތެއް ލިބުނީ އަދި ކިރިޔާއެވެ. މުޅި ދުވަސް ތޫބާއާއެކު ހޭދަކޮށްލުމުން އޭނަގެ ސިކުނޑިން އެތައް ޓަނުގެ ބަރުދަން ވެސް ލުއިވެފައި ވެއެވެ. މައުވާގެ މަސައްކަތުން އަވަދި ވިިއިރު ހުރީ އެކެއް ޖަހަން ކައިރިވެފައެވެ. ނިދާބޮކީގެ އަލި ފަނޑުކޮށްލަމުން މައުވާ ކުޑަ ދޮރުތައް ލައްޕާލިއެވެ. އޭރު ލުއިލުއި ރާގެއްގައި ވާރޭ ވެހެމުން ދިޔައެވެ. މައުވާއަށް ހާއްސަ ކުރެވިފައިވާ އެނދުގައި އޮށޯންނަމުން އޭނަ ދެލޯ މަރާލިއެވެ.

ބައިގަޑިހާ އިރު ވެގެން ދިޔައީ މައުވާ ނިދަން މަސައްކަތްކުރަނިކޮށެވެ. އެހެނިހެން ރޭތަކާ ހިލާފަށް މިރޭ ނިދި ވަނީ އޭނައާ ރުޅި ވެފައެވެ. އެވަގުތު ވިސްނެން ފެށުނީ މަންމަ އަދި ބައްޕަ މަތިންނެވެ. މައުވާގެ ހިތުގައިވާ ހުސްކަން އޭނައަށް އިހުސާސް ކުރެވުނީ ދެނެވެ. ފާއިތުވާން ފެށި ކޮންމެ މިނެޓަކާއެކު ހިތުގެ އުދާސްތައް ވީ އިތުރެވެ. އޭނަގެ ކޮޓަރި މަތިން ހަނދާން ވިއެވެ. ޢާއިލާއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިންނެވެ. މައުވާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. ހިތުގައި ވެސް ރިއްސައެވެ. ހިމޭންކަމުގެ ތެރޭން ގިސްލެވިދާނެތީ މައުވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ކަރުނަތައް ފައިބަމުން ގޮސް ބާލީހުން ބޮޑު ތަންގަނޑެއް ވެސް ތެމިގެން ދިޔައެވެ.

މައުވާ އޭނަގެ ހިތަށް ވިސްނައިދިނެވެ. ވަގުތާއެކު ހިތުގެ އެކަނިވެރިކަމަށް ޝިފާއެއް ލިބިދާނެ ކަމެވެ. މިއަދު ހޭދަކުރެވުނު އުފާވެރި ވަގުތުތައް މަތިން އޭނަ ވިސްނާލިއެވެ. އެއާއެކު ލޯކުރިމަތިން ސިފަވެގެން ދިޔަ ސޫރައާއެކު ހިތާމައިގެ ބިޔަ ރާޅުތަކުގެ ތެރޭން ސަލާމަތުގެ އައްސޭރިއެއް ފުނުނު ފަދައެވެ. އެސޫރައިން ހިތުގައި ގަނޑުފެން އަޅާލަ ދިން ފަދައެވެ. އެހިނިތުންވުމުން ހިތުގެ އުދާސްތަކަށް ނިމުމުގެ ސިއްކަ ގެނެސް ދީފިއެވެ.

ކޮމެންޓް 0