''ކިތައް ފަހަރު އަހަރެން ބުނާނީ އިމްރާނު ތިދައްކާ ބޭކާރު ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވެޔޭ، ތި ދޮގުތަކަށް އަހަރެން ހެއްލޭނެ ކަމަށް ހީކުރަންޏާ އެއީ ކުށްހީއެއް، އިތުރަށް މައްސަލަ ހޫނުނުވަނީސް އެންމެ ރަގަޅުވާނީ އިމްރާނު މިތަނުން ދިޔައްޔާ... އިމްރާނުގެ ސަބަބުން އަހަންނަށް މިހާތަނަށް ލިބިފައިވަނީ ހުސް ހިތްދަތިކަން... އެއްފަހަރު ވެސް އިމްރާނަށް ކަންތައް ކުރެވިފައިވާ ގޮތާ މެދު ވިސްނާލަބަލަ...''
މީޒާގެ އަޑުގައި ހިތްދަތިކަމާއި ނަފްރަތުގެ ދިލަހޫނުކަން އެކުލެވިގެން ވިއެވެ. އެސްފިޔަތައް ފޫއަޅުވާލާފައި ފައިބައިގެން ދިޔަ ކަރުނަތައް ފޮހެލަމުން އޭނަ އިމްރާނަށް ފުރަގަސް ދިނެވެ. އޭނަގެ ކޮންމެ ހަރަކާތަކުން ވެސް އަންގައިދެމުން ދިޔައީ އިމްރާނު ދެކެ ކުރާ ނަފްރަތެވެ. އޭރު މީޒާގެ ނިންމުމާ މެދު އުފާވެފައި ހުރި ހާޖަރާ މީޒާގެ ގާތަށް ޖެހިލަމުން ހިތްވަރުލައިދިނީ އެކަމުގައި ސާބިތުވެ ހުރުމަށެވެ. އެނިންމުމުގެ ފުރިހަމަކަން ހާމަކޮށްދިނުމަށެވެ. އޭނަގެ މަގުސަދު ހާސިލުވުމާއެކު ހާޖަރާ އިމްރާނާ ކުރިމަތިލި އެވެ. އޭނަގެ ކޮޅު މޮޅުވެފައިވާކަން އަންގާލަދޭށެވެ. އިމްރާނަށް ލިބޭނެ ކުރިއެރުމެއް ނެތްކަން ހާމަކޮށްދޭށެވެ.
''ކޮބާ، ޖަވާބު ލިބިޖެއެއްނު، މިތާކު ނެތް ކަލޭގެ ބުހުތާން ދޮގުތަށް އަޑުއަހާނެ، އަދި އެއަށް ހެއްލޭނެ މީހަކު ވެސް... މިތަނުން ދާން އުޅޭ!... މީގެ ފަހުން މީޒާ ހޯދަން މިގެއަށް އައިސްގެން ވެސް ނުވާނެ!...'' އިމްރާނާ ދިމާއަށް ލޯއަޅާމުން ހާޖަރާ ބުންޏެވެ. ފަހިވެފައިވާ ފުރުސަތުގައި އޭނަގެ ހިތުގައި ފުރިބާރުވެފައިވާ ރުޅިވެރިކަން އޭނަ ބޭރުކުރަމުން ދިޔަ އެވެ. ''ބަލަ އަދިވެސް ހުންނަނީތަ!...''
ހާޖަރާގެ ވާހަކަތަކަށް އިމްރާނު މާކަ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭގެ ސަބަބުން ހާޖަރާގެ އަޑު ފާއިތުވާން ފެށި ވަގުތާއެކު ގަދަވުން ނޫންކަމެއް ނުވިއެވެ. އެއިން އެއްވެސްކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އިމްރާނު މަސައްކަތްކުރީ މީޒާއަށް ވިސްނައިދެވޭތޯއެވެ. ސާރާގެ މަކަރުވެރިކަން ހާމަކުރެވޭތޯ އެވެ. ދެމަފިރިންގެ ދެމެދަށް ފާވެފައިވާ ކަތުރުފަނީގެ ނުބައިކަމާއި ނުރައްކާތެރިކަން ހާމަކޮށްދެވޭތޯ އެވެ. އޭގެ އިތުރުން މީޒާގެ ނިންމުމުގެ ސަބަބުން ޒިވްޔަންއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހާމަކުރެވޭތޯ އެވެ.
''މީޒޫ ޕްލީޒް، މީ ސާރާގެ ރޭވުމެކޭ، އެއްފަހަރު ވިޔަސް އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ، އޭރުން ހުރިހާކަމެއް ވެސް ސާފުވާނެޔޭ، އަހަރެން މިޒޫއަށް އޮޅުވާނުލަމޭ...'' ގޮތް ހުސްވެފައިވާ ރާގަކަށް އިމްރާނު ބުންޏެވެ. ''މިޒޫ ޕްލީސް ލިސިން ޓު މީ...''
އިމްރާނުގެ ވާހަކަތައް އަޑުއަހަަން ބޭނުންނުވާތީ މީޒާ މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އެއާއެކު ހާސްކަމެއްގެ ތެރޭގައިވި އިމްރާނަށް ތެޅިގަނެވުނެވެ. އޭނަ އަވަސްވެގަތީ މީޒާ ހުއްޓުވުމަށެވެ. ނަމަވެސް ޔޫސުފް އޭނަގެ ކުރިބެއްދުމުން އައި ރުޅީގައި ޔޫސުފްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލެވުނެވެ. މާރާމާރީއެއް ހިންގަން ބޭނުން ނުވިޔަސް އެނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ.
އިމްރާނު ބާރު ފިޔަވަޅުތަކެއްގައި ގޮސް މީޒާގެ އަތުގައި ހިފެހެއްޓިއެވެ. ލިބުނު ސިހުމާއެކު މީޒާއަށް އިމްރާނުގެ އަތް ފޮޅުވާލެވުނެވެ. އަދި ދުރަށްޖެހިލެވުނެވެ.
''ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް މީހެކޭ، ޔޫސުފް ހަމަ މިހާރު ފުލުހަށް ގުޅާ، އެނޫން ގޮތަކަށް މި މުސީބާތުން ސަލާމަތެއް ނުވެވޭނެ...'' ހަޖަރާ ހަޅޭއްލަވައިގަތެވެ. އިބްރާހީމް ހުރީ ވަމުން ދިޔަ ކަންތަކާ ހުރެ ބޯހާސްވެފައެވެ. އިމްރާނު ދެކެ ހިތްހަމަނުޖެހިފައިވުމުން މިފަހަރު ޔޫސުފް ހުއްޓުވާކަށް އޭނަ ނޫޅުނެވެ.
''އަހަންނަށް ހެޔޮ މީޒާ އަހަރެން ދެކެ ރުޅިއަޔަސް، އެކަމަކު ޒިވްޔަންއަށް ދެރަގޮތެއް ވާން އަހަރެން ބޭނުމެއް ނޫން، މީޒާގެ ތިނިންމުމުގެ ސަބަބުން އޭނައަށް ވެދާނެ ގޮތަކާ މެދު ވިސްނާލަބަލަ، އެއީ އެހެނިހެން ކުދިންނާ ތަފާތު ކުއްޖެކޭ... މިހާރު ޒިވްޔަން އެވަނީ އޭނަގެ މައިންބަފައިންގެ ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާ ހާލަތެއްގައި، އަހަރުމެން ދެމީހުން ވަކިވެއްޖެއްޔާ އޭނަގެ ސިކުނޑިއަށް އިތުރު ބުރަހެލިކަމެއް ނޫނީ ނުލިބޭނެ...'' އިމްރާނު އާދޭސްކުރިއެވެ.
''އިމްރާނު އޭނައާ މެދު ނުވިސްނަންޏާ ކޮންމެހެން އަހަރެން ވެސް އޭނައާ މެދު ވިސްނާކަށް ނުޖެހޭނެ... ޒިވްޔަން އެހާލަތަށް ދިޔައީ ވެސް ހަމަ އިމްރާނުގެ ސަބަބުން، ދެން މިހާރު މާ ހެޔޮ އެދޭ މީހަކަށް ވާން އުޅުމުގެ ބޭނުމަކީ ކޮބާ؟... އެހެންނޫނަސް ޒިވްޔަން ރަގަޅު ވެދާނެކަމުގެ އުއްމީދެއް އޮތީކީއެއް ވެސް ނޫން، އަބަދު އެވޭނެއްގައި އުޅުމަށްވުރެ ރަގަޅުވާނެ އޭނަ މަރުވާން ދޫކޮށްލިޔަސް...'' މީޒާ ރުންކުރު ރާގަކަށް ބުންޏެވެ. އޭނަގެ ދުލުން ބޭރުވަމުން ދިޔައީ ހާޖަރާގެ ބަސްތަކެކެވެ. ފަސާދެވެފައިވާ ވިސްނުމާއެކު ބުނެވުނު ބަސްތަކާ މެދު ވެސް އޭނައަށް ފިކުރު ހިންގާނުލެވުނެވެ.
''މީޒާ!!!... ކޮންކަހަލަ ވިސްނުމެއްތަ ތި ގެންގުޅެނީ؟، ތިފަދަ އެއްޗެއް ބުނިއިރު އަމިއްލަ ދަރިފުޅާ މެދު ތިހިތުގައި ކުލުނެއް ނެތީތަ؟...'' މީޒާގެ ޖުމްލައިން އިމްރާނު ގާތަށް އައި ރުޅީގައި މީޒާގެ ގައިގައި ޖަހަން އަތް އިސްކުރެވުނެވެ. އެއާއެކު ހާޖަރާ ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެވަގުތު ޔޫސުފް އެދެމެދަށް ނުވަންނަމަ އިމްރާނުގެ އަތުގެ ހޫނު ހަމަލާއެއް މީޒާއަށް އަމާޒު ވީހެވެ.
''އާނ، އަހަރެން ނުވޭ ޒިވްޔަން ދެކެ ލޯތްބެއް، އަޑު އިވިއްޖެތަ؟... މިހުރިހާ ދުވަހު އަހަންނަށް އޭނަ ވެފައިވީ ބޮޑު ބުރައަކަށް، އެފަދަ ދަރިއަކު ބަލަން ބޭނުންވާނީ ކާކު؟، އަހަރެން ލަދުގަނޭ އޭނަގެ މަންމައަށް ވީތީ، އަހަރެންގެ އެކުވެރިން އަބަދު އޭނައަކީ މޮޔައެކޭ ބުނަނީ ސަބަބުތަކެއް ނެތީމައެއް ނޫނޭ، އޭނައަށް ކުރާ ފަރުވާއިން މިހާތަނަށް އައި ހެޔޮ ބަދަލެއް ބުނެބަލަ، ސްކޫލުން ވެސް އެހާ ގިނަ ޝަކުވާ އާދޭ، އެމީހުނަށް ވެސް އޭނަ ވެފައިވަނީ ބުރައަކަށް...'' މީޒާ ބުނެލިއެވެ.
''ހުއްޓާލާ!، ދެން އިތުރަށް ޒިވްޔަންއޭ ކިޔައިގެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ، ތީ ކޮންކަހަލަ މަޔެއްތަ؟، އަމިއްލަ ދަރިއާމެދު ތިހާ ހިތްނުބައި މީހަކު ތިނޫނީ އަހަރެން ނުދެކެން... މީޒާ ހޯދަން އަހަންނަށް އާދެވުނީ އަހަރެންގެ މޮޔަކަމުން... މީގެ ފަހުން މީޒާ ބޭނުންވާ ފަދައިން އަހަރުމެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރާނެ، މީޒާއަށް ބާއްޖަވެރި ހަޔާތަކަށް މަރުޚަބާ!...'' އިތުރަށް އެތާނގައި މަޑުކޮށްފިނަމަ އޭނަގެ ރުޅިގަނޑު ކޮންޓޯލުން ދޫވެގެން ހިނގައިދާނެތީ އިމްރާނު އަަވަސްގަތީ އެތަނުން ދިއުމަށެވެ.
''އެންމެފަހުން ނުބައި މީހާއަށް ވެސް މި ވީ އަހަރެން ދޯ؟، ބަލަ ކަލޭގެ ސަބަބުން ކުރިމަތިވި ކަންތަކާ މެދު ވިސްނާލާފަ އޭގެ ފަހުން އަަހަންނާ ދިމާއަށް ތިހެން ބުނެބަލަ، އަމިއްލަ ދަރި މަރާލި މީހަކު މިހާރު އަނގަހުޅުވަން ކެރުނީތީ ވެސް އަހަރެން ހައިރާންވޭ!...'' އިމްރާނަށް ދޫދޭފަދަ ޚިޔާލެއް މީޒާގެ ނެތެވެ. ''މަށަށް ރަގަޅީ ވެސް ކަލޭގެ ދެބަފައިން ދުރުގަ ތިބިއްޔާ!''
''މީޒާގެ ތި އެދުން އަހަރެން ފުރިހަމަކޮށްދޭނަން...'' އެޕާރޓްމެންޓްގެ މައިދޮރާއި އަރާހަމަކޮށްލަމުން އިމްރާނު މީޒާއަށް ބަލާލީ ފޫހިކަމާއެކުގައެވެ. އޭނަ މީޒާއަށް ކުރި ޤަދަރާއި ވި ލޯބި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީ އެވެ. ބޮލަށް ވެރިވެފައި ޝައިތާނާއާއެކު އޭނަގެ ފަހު ބަސްތައް އިއްވާލުމަށްފަހު ނިކުމެގެން ދިޔައީ އެވެ. ''ތިހުރީ ވަރިކޮށްފަ...''
*****
ގެއަށް އައިސް ވަން އިމްރާނަށް ބޮޑުކޮޓަރީގައި ޓީވީބަލަން އިން ޒިވްޔަން ފެނުމާއެކު އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔަ އެވެ. މީޒާ ބެނި ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމާއެކު އޭނަގެ ހިތަށް ފުންއަސަރުތައްކޮށް ކަރުނަތައް ފައިބައިގަތީ ހިފެހެއްޓުމަކާ ނުލައެވެ. އޭނަ އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ރޮއި ހިތާމަކުރުމުން ވެދިޔަ ކަންތަކެއް ބަދަލުކުރެވޭނީކީއެއް ނޫނެވެ. މީޒާގެ ހިތުގައި ވަންހަނާވެފައިވި ހިތި ހަޤީޤަތް ހާމަވުމުން އޭނަ ޖެހޭނީ އުފާކުރަން ނޫން ހެއްޔެވެ؟ އެފަދަ ނުބައި މީހެއްގެ ފަރާތުން އޭނަގެ ދަރިފުޅު ސަލާމަތް ވީތީ އެވެ.
އެވަގުތު ކާކޮޓަރިން ނުކުމެގެން އައި ސާރާ ފެނި އޭނަގެ ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން އަތްގަދަކޮށްލައިފިއެވެ. ވެދިޔަ ހުރިހާކަމަކަށް ފަހު ސާރާއަށް އޭނަގެ ކުރިމައްޗަށް އަންނަން ކެރުނީތީ ވެސް އޭނަ ހައިރާންވިއެވެ. ދެފަޔަށް ލެވުނުހާ ބާރަކާއެކު ގޮސް އޭނަ ސާރާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ގަދަކަމުން ގެންގޮސް ކާކޮޓަރިއަށް ވެއްދިއެވެ. އޭރު ޓީވީ ބަލަން އިން ޒިވްޔަންއަށް މިހުރިހާ މަންޒަރެއް ވެސް ސާފުކޮށް ފެނުނެވެ. ލިބުނު ހައިރާންކަމާއެކު އޭނައަށް ބަލަހައްޓައިގެން އިދެވުނީއެވެ. އެކަން ނަގައިގަންނަންވީ ގޮތެއް ނޭގިފައެވެ.
''އަހަރެން އަތުން މަރުވާންތަ ބޭނުންވަނީ؟...'' ކާމޭޒާ ދިމާއަށް ސާރާ ކޮއްޕާލަމުން އިމްރާނު ބުނެލިއެވެ. އޭނަ ވާހަކަދައްކަމުން ދިޔައީ މަޑުންނެވެ. އެއިން އެއްވެސްކަމެއްގެ ހިލަން ޒިވްޔަންއަށް ވާން ބޭނުން ނުވާތީއެވެ.
''އަހަރެން މިއައީ މިޢާއިލާއަށް އަހަރެންގެ އެހީ ބޭނުންވެފައި ވާތީ...'' ކާމޭޒުގައި ޖެހިފައި މައިތިރިވި ސާރާ އޭނަގެ އުނަގަނޑުގައި ފިރުމާލަމުން ބުންޏެވެ. ތަދުގެ އިހުސާސާއެކު އޭނަގެ ލޮލަށް ފެން ޖަމާވާން ފެށިއެވެ.
''އަހަރެންގެ އަތުންފައިން ގޯހެއް ނެހެދެނީސް މިތަނުން ރައްކާވާން އުޅޭ!...'' އިމްރާނުގެ އަޑު ރުޅީގެ ސަބަބުން ތުރުތުރު އަޅައެވެ.
''ހާދަ ރުޅިގަދަވެފަ... އަނެއްކާ މީޒާ ކީކޭ ކިޔައިގެންތަ ތިހާ ރުޅިގަދަވެފަ ތިހުރީ؟، އަހަރެން ކުރިން ވެސް ބުނީމެއްނު އޭނަ ގާތަށް ދިއަޔަސް ވާނެ ފައިދާއެއް ނޯންނާނެޔޭ... އެކަމަކުވެސް އަހަރެންގެ ބަސް ދެރަކޮށްލަން ވެއްޖެ ވިއްޔަ އޭނަ ގާތަށް ދާން...'' ސާރާގެ އަޑުގައި ވަނީ މަލާމާތެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އިމްރާނަށް މުށްކަވާލެވުނެވެ. އޭނަ ސާރާއާއި ދުރަށް ހިނގައިގަތީ ގޯހެއް ހެދިދާނެތީއެވެ. އެފަދަ މަންޒަރެއް ޒިވްޔަންއަށް ފެންނަން ނޭދޭތީއެވެ.
''އަހަރެން ހިނގައިދާނަން އިމްރާނުގެ ފަރާތުން ޖަވާބު ލިބެނިކޮށް...'' ކުރިން އޭނަ ބުނެފައިވާ ވާހަކަތަކަށް އިޝާރަތްކޮށް ސާރާ ބުނެލިއެވެ. އިމްރާނު އެވަނީ ގޮތް ހުސްވެފައެވެ. ޝިކާރަ ކުރުމަށް މިއަށްވުރެ ފަހި ފުރުސަތެއް އޭނައަކަށް ނުލިބޭނެއެވެ.
''ވަރީގެ ކަންތައް ނިމުނުހާ އަވަހަކަށް އިމްރާނު ޖެހޭނީ އަހަންނާ ކައިވެނި ކުރަން....'' ސާރާ ބުންޏެވެ.
ކިތަންމެ ރުޅިގަދަ ވިޔަސް އިމްރާނަށް ސާރާގެ ވާހަކަތަކާ މެދު ވިސްނާލެވުނެވެ. އެކަމާ ދެކޮޅު ހަދައިފިއްޔާ ހުރިހާ ގޮތަކުން ވެސް ގެއްލުން ވާނީ އޭނައަށެވެ. އެއްބަސް ވެއްޖެއްޔާ ވެސް އޭނަގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެން ދާނެއެވެ. ހަދާނެ ގޮތް ހުސްވެ އޭނަގެ ބޮލުގެ ނާރުތަކަށް ވާންވާން ފެށިއެވެ.
''ޒިވްޔަން ގާތު އަހަރެން ބުނެފިން އޭނަގެ މަންމަ ދެން ނާންނާނެ ވާހަކަ...'' ސާރާގެ ޖުމްލައާއެކު ބަނދެވެމުން ދިޔަ ފިކުރުތަކުގެ ތެރޭން އިމްރާނަށް ނިކުމެވުނެވެ.
''ކީކޭ؟...'' ހަރުކަށިކަމާއެކު އިމްރާނަށް އަހާލެވުނެވެ.
''އިތުރަށް ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ؟، އޭނައަށް ވެސް އެނގެން ޖެހޭނެދޯ ކަންތައްވަމުންދާ ގޮތް، އޭނަގެ މަންމަގެ ނުބައިކަން... މުޅި އުމުރު ދުވަހު ހުރިހާކަމެއް ސިއްރެއް ނުކުރެވޭނެ ވިއްޔާ...'' ސާރާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން އައިސް އިމްރާނާއި ދާދި ގާތުގައި ހުއްޓުނެވެ. ''އޭނަ މިހާރު މީޒާއަށް ނަފުރަތުކުރާނެ... އަހަރެން ވާހަކަ އަތުރާލާފައި ވާނީ ވެސް އެމަގުސަދު ހާސިލުވާނެ ގޮތަށް، އިމްރާނު އަހަރެންގެ ހުށަހެޅުމާ ދެކޮޅު ހަދައިފިނަމަ ދެން އޭނަގެ ހިތުގައި ނަފްރަތު އުފެދޭނީ އިމްރާނަށް...''
''މަށަށް ބިރުދައްކަންތަ ތިއުޅެނީ؟...'' އިމްރާނުގެ ލޮލުގައިވި ނަފްރަތުގެ ދިލަ ހޫނުން ސާރާ އަނދާއަޅިއަށް ހަދާލަން އުޅޭ ކަހަލައެވެ. އޭނަ ދޫކުރަމުން ދިޔަ ދިގު ނޭވާތަކުގެ އަޑުން މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން ދިޔައެވެ.
''ޖަސްޓް ތިންކް އެބައުޓް އިޓް ލަވް... މިކަމުން ފައިދާ ވާނީ ވެސް ހަމަ އިމްރާނަށް...'' އިމްރާނުގެ މޫނުގައި ފިރުމާލަމުން ސާރާ ބުންޏެވެ. އެއާއެކު އިމްރާނަށް ސާރާގެ އަތް ފޮޅުވާލެވުނެވެ. ވިހަ ގަދަ ސޫއްޕެއް ކަށި ހެރިނަމަވެސް ދެންމެ ކުރެވުނު އިހުސާސްތަކަށް ވުރެ ހާސްބައި ރަގަޅު ވީހެވެ.
''ދެ ދުވަސް ތެރޭ އަހަންނަށް ޖަވާބު ލިބެން ޖެހޭނެ...'' ސާރާ އޭަނަގެ ކަނާއަތުން ދެއިނގިލި ދައްކާލަމުން ބުންޏެވެ.
''އައި ރިއަލީ ހޯޕް ޔޫ ވިލް ނޮޓް ފޯސް މީ ޓު ޑޫ އެނީތިންގް ބޭޑް ޓު ޒިވްޔަން...'' ސާރާ އިތުރުކޮށްލިއެވެ. މަކަރުވެރި ހިނިތުންވުމަކާއެކު ސާރާ ކާކޮޓަރިން ނިކުމެގެން ދިޔައެވެ. އޭނަގެ ފަހަތުން އިމްރާނު ވެސް ނިކުތެވެ. އޭރު ސާރާ ގޮސް ޒިވްޔަންއާއި ޖެހިގެން ސޯފާގައި އިށީންނަނީއެވެ. އެއާއެކު އައި ރުޅީގައި އިމްރާނުގެ ހޭބުއްދިފިލާވަރު ވިއެވެ.
''ޒިވްޔަން، މިހާރު އަބަދު ޓީވީ ބެލުން ނޫންކަމެއް ނުވެއެއްނު، ސްކޫލުން ދިން ފިލާވަޅުތައް ނިންމާފާތަ ޓީވީ ބަލަން ތީނީ؟...'' އިމްރާނަށް އޭނަގެ އަޑުގައިވި ނުރުުހުންވުން ސިއްރެއް ނުކުރެވުނެވެ. ބައްޕަގެ ޖުމްލައާއެކު ޒިވްޔަންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވެގެން ދިޔައެވެ. އޭނަ އިމްރާނަށް ބަލާލި ގޮތުން އިމްރާނުގެ ހިތުގައި ބިރުވެރިކަމުގެ އޮޔެވަރެއް އުފަން ވިއެވެ. ސާރާގެ ނުފޫޒު ޒިވްޔަންއަށް ފޯރަފާނެކަމުގެ ކޮޅުމަތި ފެންނަންފެށުމުންނެވެ.
''ޒިވްޔަން...'' އިމްރާނުގެ އަޑު ބާރު ވިއެވެ. ''ކޮޓަރިއަށް ދޭ...''
ޒިވްޔަން އޭނަގެ އަތުގައި އޮތް ރިމޯޓް ސޯފާ ކުރިމަތީހުރި ވަށް މޭޒު މައްޗަށް ހޫރާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި އަތުގެ ކޮޅަށް ދޮރުލައްޕާލި އަޑު ގޭގެ ހަތަރުފާރުތެރޭ ގުގުމާލިއެވެ. އެއީ އަބަދު ވެސް ޒިވްޔަންގެ އާދައެވެ. ކޫސަނި ކަންތަކާ ރުޅިއައުމާއި ރުޅިކޮންޓްރޯލް ނުކުރެވުން އެއީ ޒިވްޔަންގެ ކަށީގައި ހަރުލާފައިވާ ކަންތަކެވެ.
''ޒިވްޔަންއާއި ދުރުން އުޅޭތި!...'' އިމްރާނު އިންޒާރެއް ދިނެވެ.
''އަހަރެން މީ ޒިވްޔަންގެ ވާން އުޅޭ މަންމައަށް ވީމަ ޒިވްޔަންއަށް ސަމާލުކަން ދިނުމުގެ ހައްޤު އަހަންނަށް ލިބިގެންވޭ...'' ސާރާ ރައްދު ދިނެވެ. އޭނައާއި ޒުވާބުކޮށް ކުރިއެރުން ނުލިބޭނެކަން އިމްރާނަށް އަންގާލަދިނުމަށެވެ.
''ބުނަނަން ރަގަޅު ވާހަކައެއް، ކަލޭ އުޅެމުން ތިދާ ހުވަފެނީ ދުނިޔެއިން ނިކުމެ ހަޤީޤަތާ ކުރިމަތިލާންވީ...''
''އަހަރެން ހަޤީޤަތާ ކުރިމަތިލައިފިތާ ކޮން ދުވަހެއް، އަހަންނަށް ހީވަނީ އިމްރާނަށް ހެން ހަޤީޤަތް ޤަބޫލުކުރަން ނުކުޅެދިފައިވަނީ، ސޯ ޖަސްޓް ތިންކް އެބައުޓް އިޓް... އަހަރެން މިވަގުތަށް ދަނީ، އެކަމަކު ފަހުން އިމްރާނުގެ ޖަވާބު ހޯދަން އަންނާނަން...'' ސޯފާއިން ތެދުވެލަމުން ސާރާ ވާހަކަ ދެއްކިއެވެ. އޭނަ އިމްރާނަށް ހިނިތުންވެލަމުން ނިކުންނަން ހިނގައިގަތީ އަތުގެ އިޝާރާތުން އިމްރާނު ގާތު ދަނީއޭ ބުނެލުމަށްފަހުގައެވެ.
ލޯކުރިމަތިން ސާރާ ގެއްލުމާއެކު އިމްރާނު އައިސްފައި ހުރި ރުޅި ބޭރުކޮށްލެވުނީ ކައިރީގައި ހުރި މާވަށިގަނޑަށެވެ. އެވަރުން ވެސް އޭނަގެ ނަފުސަށް ހަމަޖެހުމެއް ނުލިބުނެވެ. ސޯފާ ކައިރީހުރި ބިއްލޫރި މޭޒުގައި ފައިން ޖެހީނުން އޭތި ވެސް ވައްޓާލައިފިއެވެ. އެއާއެކު ފަޒާއަށް ވެރިވެގެން ދިޔައީ ނާމާން އަޑުފަށްގަނޑަށެވެ. ކޮޓަރީގައި ހުރި ހަދީޖާ ތެޅި ފޮޅެމުން ކޮޓަރިން ނިކުތްއިރު ކަންތައް ވަނީ ބޮއްސުން ލާފައެވެ.
ވަށައިގެންވި މާހައުލަށް ނަގޫރޯޅިއެއް ގެނައުމަށްފަހު ދެއަތުން މޫނު ފޮރުވާލަމުން އިމްރާނަށް ސޯފާއަށް ތިރިވެވުނެވެ. މިހުރިހާ އިރުވަންދެން ގަނޑުވެފައި ހުރި ހަދީޖާއަށް ހަމަހޭވެރިކަން ވެގެން ދިޔައީ އިމްރާނުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ތަޅައިގެން ގޮސް އެކިދިމަދިމާއަށް އެޅިފައިވާ ބިއްލޫރިކޮޅުތަކަށް ފަރުވާތެރިވެ އިމްރާނު ގާތަށް ދާން ހަދީޖާއަށް ވަގުތުކޮޅެއް ބޭނުން ވިއެވެ.
ކޮނޑުގައި މީހަކު އަތްބާއްވާލި ކަމުގެ އިހުސާސާއެކު އިމްރާނަށް އޭނަގެ މޫނުން އަތް ވަކިކޮށްލެވުނެވެ. ކަންބޮޑުވެފައި ހުރި މަންމަ ފެނުމުން އިމްރާނުގެ ދެލޯ އަނެއްކާ ވެސް ކަރުނުން ފުރިގެން ދިޔަ އެވެ. ދައްކަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރިކަމުގައި ވިޔަސް ދުލަށް އެހިތްވަރެއް ނުލިބުނެވެ. ކަރުނަތައް ފޮހެލަމުން އޭނަ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. މިވަގުތު އޭނައަށް ބޭނުންވަނީ އެކަނިވެރިކަމެވެ.
''އިމްރާނު...'' ހަދީޖާ ގޮވަމުން ދަނިކޮށް ވެސް އިމްރާނު ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ހާސްކަމެއްގެ ތެރެއަށް ގެނބެމުން ދިޔަ ހަދީޖާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އިމްރާނު މިފަދަ ނިކަމެތި ހާލެއްގައި ވަނިކޮށް އޭނައަށް ފުރަތަމަ ފެނިފައިވީ ގިޔާން ނިޔާވި ދުވަހުއެވެ. ދަރިފުޅަށް އެހީ ބޭނުނެވްފައިވާ މިންވަރު ހަދީޖާއަށް އަންދާޒާ ކުރެވުނެވެ. އެއާއެކު އޭނަ ގޮސް އިމްރާނުގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނީ ތަޅުލާފައި ހުރުމުންނެވެ. ޖަވާބެއް ނުލިބުމުން މާޔޫސްކަމާއެކު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބޮޑުކޮޓަރިއަށް އައިސްފައިވާ ތޫފާނަށް ނަޒަރު ހިންގާލި ވަގުތު އޭނަގެ ލޮލުގައި ޒިވްޔަން އަޅައިގަތެވެ.
''ދަރިފުޅާ، ނުނިދަނީތަ؟...'' ޒިވްޔަން ގާތަށް ދަމުން ހަދީޖާ އަހާލިއެވެ. ޒިވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
''ޒިވްޔަން...'' ޒިވްޔަންއާއި އަރާހަމަކުރަމުން ހަދީޖާ ގޮވާލިއެވެ. އެއާއެކު ޒިވްޔަން ދިޔައީ ސިއްސައިގެންނެވެ.
''މިހުރިހާކަމެއް މިވަނީ އެމީޒާއާ ހެދި...'' ހަމަހޭވެރިކަން ވުމާއެކު ޒިވްޔަންއަށް ބުނެވުނެވެ. އޭނަގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ސާރާގެ ސަބަބުން އޭނަގެ ހިތުގައި މީޒާއަށް ދެވިފައި އޮތް ޤަދަރާއި، ލޯބި ވަނީ ހިރަފުހާ އެކުވެ ކިލަނބުވެފައެވެ.
''ޒިވްޔަން...'' ލިބުނު ހައިރާންކަމާއެކު ހަދީޖާއަށް ބުނެވުނެވެ. ''ކާކު ދައްކައިގެން އުޅޭ ވާހަކައެއްތީ؟...''
''މާމާ، އަހަންނަކީ ކުޑަކުއްޖެއް ނޫނޭ، އަހަންނަށް ހުރިހާކަމެއް ވިސްނެޔޭ، އޭނަ އަހަރުމެން ދޫކޮށް ހިނގައްޖެއެއްނު؟...'' ޒިވްޔަންގެ ސުވާލަށް ދޭނެ ޖަވާބެއް ހަދީޖާގެ ވިސްނުމަކަށް ނައެވެ. ބަސްހުއްޓިފައި ވަނިކޮށް ޒިވްޔަން އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ. ކަންތައްވަމުންދާ ގޮތާމެދު ވިސްނާ ހަދީޖާގެ ބޯފަޅައިގެންދާ ހިސާބަށް ކަންތައް ދިޔަ އެވެ. ހުރިހާ ކަމެއް މިވަނީ ބޮއްސުން ލައިފައެވެ. އެއްފަހަރު ޒިވްޔަންގެ ކޮޓަރިއަށް އަނެއްފަހަރު އިމްރާނުގެ ކޮޓަރިއަށް ނަޒަރު ހިންގަމުން އޭނައަށް ނިއްކުރީގައި ފިރުމާލެވުނީ ބޮލުގެ ރިހުމަށް ލުޔެއް ހޯދައިދެވޭތޯ އެވެ.