މައުވާ ހިނިތުންވެލިއެވެ. އެއާއެކު ޒިވްޔަން ވެސް ދެންމެދެންމެ ހިނިތުންވުމެއް ބަދަލުކޮށްފާނެކަމުގެ ނިޝާންތައް ފެނުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް މައުވާއާއި ނަޒަރު ވަކިކޮށްލަމުން ޖެހިގެން ހުރި ޖޯލިފަތީގައި އިށީނެވެ. މައުވާ ފަރުވާތެރިކަމާއެކު ޒިވްޔަންއަށް ބަލަމުން ދިޔަ އެވެ. އެމޫނާއި ދެލޮލުގައިވާ ފުން ހިމޭންކަމުން ދޭހަކޮށްދެމުން ދިޔައީ ޒިވްޔަންގެ އެކަނިވެރިކަމެވެ. އެހަޔާތަށް ވެރިވެފައިވާ އަނދިރިކަމެވެ.

ދެޒުވާނުންގެ ދެމެދަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. ޒިވްޔަންއާއި ގުޅުން ބަދަހިކުރަން ބޭނުންވިއެއް ކަމަކު އިސްވެ ވާހަކަދައްކާކަށް މައުވާއަށް ނުކެރުނެވެ. އަތުގެ އިނގިލިތަކާ އިރުއިރުކޮޅާ ކުޅެލަމުން އޭނަ ޒިވްޔަންއަށް ބަލާލައެވެ. ޒިވްޔަން ވެސް ސިއްރުން މައުވާއަށް ބަލަމުން ދިޔައެވެ. އޭނައަށް މީގެކުރިން މައުވާ ފެނިފައި ނުވާތީއެވެ. ހަމައެއާއެކު މައުވާ އޭނައަށް ބަލާލާ ކޮންމެ ފަހަރަކު ހަދިޔާކޮށްލާ ހިނިތުންވުމުން އޭނަގެ ހިތުގައި މައުވާއަށް ޝައުގުވެރިކަން އުފެދެން ފެށިއެވެ. އޭނަ ވެސް ހިނިތުންވާން ބޭނުން ވިއެވެ. އެހެނަސް އެކަން ވެގެން ދިޔައީ އޭނައަށް ކުރަން އުނދަގޫ ކަމަކަށެވެ.

ޒިވްޔަން ވެސް އިސްނުނެގުމުން މައުވާއަށް ވިސްނާލެވުނެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ ހިއްލާލެވޭނީ ކޮންމެވެސް އެކަކު ކުރިއަށް ފިޔަވަޅެއް އަޅައިގެންނެވެ. އެހެންނޫންނަމަ ލިބިފައި މިވާ ފުރުސަތު ގެއްލިގެން ހިނގައިދާނެއެވެ. ފަހަރެއްގައި ވެސް އެގޮތަށް ކަންތައްވެގެން ދާކަށް މައުވާ ބޭނުމެއް ނޫނެވެ. ދައްކާނެ ވާހަކައަކާ މެދު މައުވާއަށް ވިސްނާލެވުނެވެ. އޭނަގެ މަޤުސަދެއްކަމުގައި ކަނޑައެޅީ ޒިވްޔަންގެ ޝައުގުވެރިކަން ހޯދުމެވެ.

''މައުވާ...'' ފުންނޭވާއެއް ދޫކޮށްލަމުން މައުވާ އޭނަގެ ކުރު ތަޢާރަފެއް ދިނެވެ.

ޒިވްޔަން ބަހެއް ވެސް ބުނުމެއް ނެތި ޖޯލީގައި ހަށިގަނޑު ދަމާލިއެވެ. އަދި ހާމައަށް ފެންނަން އޮތް އުޑަށް ނަޒަރު ހިންގާލިއެވެ. ޒިވްޔަންގެ ފަރުވާ ކުޑަކަމުން މައުވާ ހިތްހަމައެއް ނުޖެހުނެވެ. އޭނަ އެހާ ވަރަށް ހިތްވަރުކޮށްފައި އިސްނެގުމުން ޒިވްޔަންގެ ފަރާތުން ކުޑަވެސް ޝައުގުވެރިކަމެއް ނުފެނުނެވެ.

ފެންނަމުން ދިޔަ ޤުދުރަތުގެ ތަސްވީރަށް ބަލަން އޮތް ޒިވްޔަންގެ ކަންފަތުގައި މައުވާގެ އަޑު ގުގުމާލަމުން ދިޔަ އެވެ. އެނަން ތަކުރާރުކޮށް ހިތުން ކިޔާލެވުނު އަދަދެއް ވެސް އޭނައަށް ނޭގުނެވެ.

ޒިވްޔަން ލޯމަރާލަމުން އޭނައަށް މައުވާ ފެނުނު ފުރަތަމަ ރޭ ތަސްވީރުކުރަން ފެށިއެވެ. އެވެސް މިފަދަ ހަނދުވަރީ ރެއެކެވެ. އެކަނިވެރިކަމުގެ ކިއްލާގައި ބަނދެވިފައި ވަނިކޮށް ފުރަތަމަ ފަހަރަށް ލޮލަށް ފިނިކަމެއް ގެނެސް ދިން މަންޒަރަކަށް ވެގެން ދިޔައީ އެސޫރަ އެވެ. މީގެ ކުރިން ދުނިޔެއާ މެދު އޭނަ ދެކެމުން އައި ގޮތް ބަދަލުވެގެން ދިޔައީ އެރެއެވެ. ދިރިއުޅުމުގައި ދިމާވި ހާދިސާތަކުން ރުޅިއާއި، މާޔޫސްކަމުން ފޯވެފައި ޖިސްމަށް ހަމަޖެހުމެއް ލިބުނީ ވެސް އެރެއެވެ. ހަމަ އެންމެ ބަލާލުމެކެވެ. މަދު މިނެޓްތަކަށް ދެމިގެން ދިޔަ ވަގުތުކޮޅެކެވެ. ލަފުޒުތަކެއް ބަދަލުނުކުރެވުނު ކަމުގައި ވިޔަސް އެސޫރައިން އެކަނި ވެސް އޭނައަށް ތަފާތު ޖަޒުބާތުތަކެއް އިހުސާސްކޮށްދިނެވެ.

ރަގަޅު ވިސްނުމަކާއެކު ވިސްނާލުމުން ނަފުސަށް ހަމަޖެހުމެއް ލިބިގެން ހިނގައިދާނެކަން އޭނައަށް މިހާރު ތަސައްވަރު ކުރެވެއެވެ. އޭނަ މާޔޫސް ކުރުވަނީ ހަމަ އެންމެ ކަމަކުންނެވެ. އާދައިގެ މީހުން ފަދައިން އޭނައަށް ވެސް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވޭތީ އެވެ. ތަބީއަތަށް އަންނަ ކުއްލި ބަދަލާއި ރުޅިވެރިކަމުގެ މައްޗަށް ބާރުފޯރުވޭތީ އެވެ. އޭނަގެ ވިސްނުމުގައި އުނިކަމެއް ނުވެއެވެ. ނަމަވެސް ރުޅިވެރިކަން ގަދަވެގެންނަ ހިނދު އޭނަގެ ހޭބުއްދި ފިލައި ދެއެވެ. މާޒީގެ ހިޔަނިތަކުން ދިރިއުޅުމުގެ އަލިކަން ފޭރިގަންނަން އުޅޭ ހިނދު އެކަމާ ހަނގުރާމަ ކުރަން އޭނަގެ ނަފްސު މަސައްކަތް ކުރާ ގޮތަކީ އެއީއެވެ. މުޖުތަމައުން ބާކީވެ އެހެނިހެން މީހުންގެ ބަދު ބަސްތަކާއި، ހަނގާކުރުމާއި، ނަފުރަތު އޭނައަށް އަމާޒުވިޔަސް އެއީ މައްސަލައެއް ކަމުގައި އޭނަ ދުވަހަކު ނުދެކުނެވެ. އޭނަ ބޭނުންވަނީ ވެސް އެފަދައިން ކަންތައް ވާށެވެ. ނަމަވެސް އޭނަގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ. މައުވާ އެފަދަ ނަޒަރިއްޔާތަކުން އޭނައާ މެދު ދެކެފާނެތީ ހިތުގައި އުފެދިފައިވާ ނުތަވަސްކަމަށް ދޭނެ ނަމެއް އޭނައަކަށް ނޭގުނެވެ. އޭނަގެ ހިތް އެދެމުން ދަނީ މައުވާއާއި ރައްޓެހިކަން ބަދަހިކުރާށެވެ. އެކަމާމެދު އޭނަ ހައިރާން ވެސް ވެއެވެ.

''ޒިވްޔަން...''

އެތައް އިރެއްގެ އިންތިޒާރަށްފަހު ޒިވްޔަންގެ އަޑު މައުވާގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު ލިބުނު ކުޑަވަރެއްގެ ސިހުމާއެކު އޭނައަށް ޒިވްޔަންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު ޒިވްޔަން އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން ތެދުވަނީއެވެ. އެދެލޮލުން މައުވާއަށް ތަފާތުކަމެއް ފާހަގަ ކުރެވުނެވެ. ކަމަކާމެދު ކަންބޮޑުވެ ބިރުގެންފައިވާ ކަމުގެ ކުލަވަރުތަކެވެ. އެވޭނާއި ކެކުޅުމުން މިންޖުވާން ބޭނުންވާކަމެވެ. ބަޔާންކުރަން ދަތި އެތައް ވޭނެއް އެދެލޮލުގައި ވަނީ ވަންހަނާ ކުރެވިފައެވެ. އެކަމުގެ ތެރެއަށް ފީނައިގަންނަން މައުވާ ބޭނުންވީ ކީއްވެގެން ކަމެއް ނޭގެއެވެ. އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަމާ މެދުވެސް އޭނައަށް ވިސްނައެއް ނުލެވުނެވެ.

އިތުރަށް ދައްކާނެ ވާހަކައެއް ދެޒުވާނުންގެ ޚިޔާލަކަށް ވެސް ނައެވެ. މައުވާގެ ހިތުގައި އެތައް ސުވާލުތަކެއްވިކަމުގައި ވިޔަސް ޒިވްޔަންއަށް އެއިން ސުވާލެއް އަމާޒުކުރާކަށް އޭނައަށް ނުކެރުނެވެ. އޭގެ ނަތީޖާ ނުކުމެދާނެ ގޮތެއްގެ ސަބަބުންނެވެ. ޒިވްޔަންއާއެކު ހޭދަކުރެވެން ފެށި ވަގުތާއެކު މައުވާއަށް އެއްވެސް އުނިކަމެއް ފާހަގައެއް ނުކުރެވުނެވެ. މީހުން މޮޔައެކޭ ބުނާ ފަދަ އަމަލެއް ޒިވްޔަންގެ ފަރާތަކުން އޭނައަށް ނުފެނުނެވެ. އަދި ކުރިމަތިވެދާނެ ނުރައްކަލެއްގެ ކޮޅުމައްޗެއް ވެސް މެއެވެ. ފާހަގަކުރެވުނުހާ ވެސް ކަމަކީ އެމޫނުމަތީގައިވި އާދަޔާ ޚިލާފު ހިމޭންކަމެވެ. އެދެލޮލުގައިވި މާޔޫސްކަމެވެ. އޭގެ ސަބަބުން ޒިވްޔަން އުފުލަމުން ދިޔަ ވޭނަށް އިތުރުކުރުވާ ބަރުދަނެވެ.

''ސަވްތިންގް އިޒް ވެރީ ރޯންގް...'' ޒިވްޔަންގެ އިހުސާސްތައް ދެނެގަންނަން މައުވާއަށް އުނދަގޫވިއެވެ. އެވަގުތު ނަފްސާނީ ބަލީގެ ކުޑަވެސް މިންވަރެއް އޭނައަށް އެނގޭނެ ނަމައޭ މައުވާގެ ހިތަށް އެރިއެވެ. އޭރުން ފަހަރެއްގައި ޒިވްޔަންގެ ހިމޭންކަމުގެ ފުނަށް ފީނައިގަތުމުގައި އޭނައަށް ފަސޭހަވާނެތާއެވެ. ކުރިމަތިވެދާނެ ހުރަސްތަކާ މެދު ވިސްނައި ތައްޔާރުވެވޭނީ ވެސް އޭރުންތާ އެވެ. އެހެންނޫންނަމަ ގޮތް ނޭގޭ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ބަނދެވި ހިތުގެ މުރާދު ގެއްލިދާނެއެވެ.

''ކޮބާތަ ޒިވްޔަންގެ ގިޓާ؟...'' ހަވީރު މީޒާ ދެއްކި ވާހަކައާ މެދު ވިސްނަމުން މައުވާ އަހާލިއެވެ.

''ގޭގަ...'' ކުރު ޖަވާބަކުން މައުވާގެ ސުވާލަށް ޒިވްޔަން ޖަވާބު ދިނެވެ.

''އަހަންނަށް ވަރަށް ކަމުދިޔަ ކުރީރޭ ޒިވްޔަން ކުޅުނު ރާގު، އަހަންނަށް އެރާގު އިއްވާލަދޭނަންތަ؟...'' ޒިވްޔަންގެ ހުނަރަށް މައުވާ ތަޢުރީފުކޮށްލިއެވެ. ޒިވްޔަން އިރުކޮޅެއް ވަންދެން މައުވާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ބޯޖަހާލިއެވެ.

ޒިވްޔަން ދިއުމާއެކު މައުވާ އުނދޯލިން ތެދުވެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ މައިދޮރު ކައިރީގައި ޒިވްޔަންގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އެހެން ހުރެފައި އޭނަ މަގުގެ ދެކޮޅަށް ނަޒަރު ހިންގާލިއެވެ. މަގުގެ ކަންމައްޗަށް އަަބަދުވެސް ފާވެގަނެގެން އުޅޭ ގުރޫޕު ކުދިންތައް އެމީހުންގެ ޖަގަހައިގައި ތިއްބެވެ. އެމީހުނަށް ފެނުމުގެ ކުރިން މައުވާ ނިކަން އަވަހަށް އެތެރެއަށް ދެމިގެންފިއެވެ.

މައުވާ އައިސް ޖޯލިފަތީގައި އިށީނެވެ. އަދި ޒިވްޔަންގެ އިންތިޒާރުގައި ވަގުތު ގުނަން ފެށިއެވެ. މާކަ ގިނަ އިރެއް ނުވެ އޭނަގެ އިންތިޒާރަށް ނިމުން އައެވެ. ޒިވްޔަން ފެނުމާއެކު މައުވާ ހިނިތުންވެލިއެވެ.

ޒިވްޔަން އައިސް އިށީދެލީ މައުވާއާއި ޖެހިގެން ހުރި ޖޯލީގައެވެ. އޭގެ ސަބަބުން މައުވާއަށް އުނދަގޫތަކެއް ވިއެވެ. ވިސްނަން ބޭނުން ނުވިޔަސް ދުރު ހަނދާންތަކެއް އާލާކޮށްދޭން އުޅުނެވެ. އެހެނިހެން ފަހަރުތަކާ ޚިލާފަށް މައުވާއަށް އޭނަގެ އިހުސާސްތަކުގެ މައްޗަށް މިފަހަރު ކުރި ހޯދުނެވެ. ކަންފަތަށް ވިރިގެން ދިޔަ ހިތްގައިމު ރާގުގެ ސަބަބުންނެވެ. ފަސްވަރަކަށް މިނެޓަށް ދިގުދެމިގެން ދިޔަ ވަގުތުކޮޅަށް ނިމުން އައީ ކުއްލިއަކަށް ޒިވްޔަން ގިޓާރގެ ނަރުތަކުން އޭނަގެ އަތް ދައިމައިގަތުމުންނެވެ. ހައިރާންކަމެއް ލިބިގެން ދިޔަ މައުވާއަށް ޒިވްޔަންގެ އިނގިލިތަކުގެ ކުރި ފާހަގަވާން އިރުކޮޅެއް ނެގިއެވެ. އެޒަހަމްތަކާއެކުގައި ވެސް ޒިވްޔަން އޭނަގެ ހުށަހެޅުމަށް އިޖާބާދިނުމުން ހިތަށް ގޮތެއް ވެގެން ދިޔަ އެވެ.

''ޒިވްޔަން...'' މައުވާއަށް ގޮވާލެވުނެވެ. ޒިވްޔަންއަށް އެހީގެ އަތެއް ފޯރުކޮށްދޭން މައުވާ ބޭނުންވިއެވެ. ނަމަވެސް ޒިވްޔަން އެކަމަށް ދެކޮޅުހަދާފާނެތީ މައުވާ ފިކުރު ބޮޑުވިއެވެ.

''ރަގަޅު ވާނެ...'' ޒިވްޔަންއަށް ވިސްނުނެވެ. އޭނަ އެކަން ބޮޑު ކަމަކަށް ހަދާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް އެވޭން އިހުސާސްނުވާ ފަދަ އެވެ. ފަހަރެއްގައި އެވޭނަށް ހޭނިފައިވުމުން ކަމަށް ވެސް ވެދާނެއެވެ.

''ބޭސް ނާޅަންޏާ ފާރުތައް އިތުރަށް ގޯސްވެދާނެއެއްނު....'' މައުވާ ބުންޏެވެ.

''ރަގަޅު ވާނެ...'' ޒިވްޔަން އަނެއްކާ ވެސް އޭނަގެ ޖަވާބު ތަކުރާރުކޮށްލިއެވެ. އޭނަ ޖެހިގެން ހުރި ޖޯލީގައި ގިޓާރ ބާއްވަމުން މައުވާއަށް ބަލާލިއެވެ. މައުވާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު އޭނައަށް ފެނުނެވެ. އެއާއެކު އޭނައަށް ހައިރާންކަމެއް ލިބުނީ އެމޫނު ދިރާސާކުރާކަށް އޭނައަށް ނޭގުމުންނެވެ.

ޒިވްޔަން ބޭނުންނުވާ ކަމަކަށް މަޖުބޫރު ނުކުރެވޭނެކަން މައުވާއަށް އެނގުނެވެ. އެހެންވެ އެކަމާމެދު އިތުރަށް އޭނަ ވާހަކަދައްކާކަށް ގަސްދެއް ނުކުރިއެވެ. ޒިވްޔަން ވެސް ބޭނުންވަނީ އެގޮތް ކަން އެނގޭތީ އެވެ.

''ތެންކިއު... ޒިވްޔަންއަށް ގިޓާރ ކުޅެން ދަސްކޮށްދިނީ ކާކުތަ؟...'' މައުވާ އެހި އެވެ.

''މިޔުޒިކް ތެރަޕިސްޓް...'' ޒިވްޔަން ބުނެދިނެވެ.

''އޯހ... ޒިވްޔަން ވަރަށް މުޅު އިނގޭ...'' މައުވާ ހިނިތުންވެލިއެވެ. ''އަހަންނަށް ދަސްކޮށްދޭނަންތަ؟...''

މައުވާގެ ހުށަހެޅުމަށް ދޭނެ ޖަވާބެއް ޒިވްޔަންއަކަށް ނޭގުނެވެ. އާނ އެކޭ ބުނަން ބޭނުން ވިއެވެ. ނަމަވެސް ދުލަކާ ހަމައަށް އެލަފުޒުތަކެއް ނައެވެ. އޭރު މުޅި މީހާއަށް ކުޑަވަރެއްގެ ހާސްކަމެއް ލިބިފައި ވިއެވެ.

ޒިވްޔަން ދޭނެ ޖަވާބަކަށް މައުވާ އިނީ ކެތްތެރިކަން ކުޑަވެފައެވެ. ޒިވްޔަންއާއި ރައްޓެހިކަން ބަދަހިކުރަން މިއަށްވުރެ ރަގަޅު ފުރުސަތެއް އޭނައަށް ނުލިބޭނެއެވެ. މައުވާ ޖަވާބެއް ބޭނުންވެފައިވިކަން ޒިވްޔަންއަށް ފާހަގަ ކުރެވުނެވެ. ހަމައެއާއެކު އެމޫނުގައިވި އުއްމީދުގެ ކުލަވަރުތައް ވެސް މެއެވެ. މައުވާ ދެރަކޮށްލަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ހަމައެއާއެކު މިފުރުސަތުގައި މައުވާއާއެކު ވަގުތު ހޭދަކުރަން އޭނައަށް ލިބޭނެ ކަމާމެދު ވިސްނާލެވުނެވެ. ހިތުގައި އުތުރިއަރަން ފަށާފައިވާ އިހުސާސްތައް އޭނަ ގެންދާނެ ހިސާބެއް ތަސައްވަރުކުރަން ޒިވްޔަން ނުކުޅެދުނެވެ. ނަމަވެސް އެކަން ތަޖުރިބާކުރަން އޭނަ ބޭނުން ވިއެވެ. ކޮންމެ ހިސާބަކަށް އޭނަ ގެންދިޔަ ކަމުގައި ވިޔަސް މެއެވެ. ލިބޭނެ އިތުރު ގެއްލުމެއް އެބައޮތް ހެއްޔެވެ؟

ޒިވްޔަން ބޯޖަހާލުމާއެކު މައުވާގެ މޫނު އުޖާލާވެގެން ދިޔަ އެވެ. އެމަންޒަރު ޒިވްޔަންގެ ހަނދާނުގައި ރަންގުވެގެން ދިޔަކަން ގައިމެވެ. އިހްތިޔާރުން ބޭރުގައި އޭނައަށް ހިނިތުންވެވުނު އިރު ވެސް ނޭގުނެވެ. ކުޑަ ހިނދުކޮޅަކަށް ހުރިހާ ހިތާމަތަކެއް މަތިން އޭނަ ހަނދާން ނެތުނު ފަދައެވެ.

ފެނިގެން ދިޔަ މަންޒަރު ފުރަތަމަކޮޅު މައުވާއަށް ޤަބޫލުކުރަން ދަތިވިއެވެ. ޒިވްޔަންގެ ހިނިތުންވުމާއެކު ސިފަވެގެން އައި މަންޒަރުތަކުން އޭނަގެ ހިތުގައި ކަފުންކުރެވިފައިވި ޝިއާފްގެ ހަނދާންތައް އާލާވާން ފެށިއެވެ. އެހިނިތުންވުން އެހާ ވެސް އެއްގޮތް ވިއްޔާ އެވެ. ބަނދެވިގެން ދިޔަ ހަނދާންތަކުން މައުވާއަށް އުނދަގޫތަކެއް ކުރުވިއެވެ. އަވަސް އަވަހަށް އިސްތިރިކޮށްލެވުނީ އެސަބަބާ ހުރެއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި މީޒާއަށް ފުރަތަމަ ހީވީ އޭނަގެ ދެލޯ އޭނައަށް ކެހިދިން ހެންނެވެ. ޤަބޫލުކުރަން ދަތިވެފައި އޭނައަށް ޒިވްޔަންއަށް ބަލަން ހުރެވުނެވެ. އަަހަރުތަކަށް ފަހު ޒިވްޔަން ހިނިތުންވިތަން އޭނައަށް މިފެނުނީ މިރެއެވެ. އޭނަގެ ހިތަށް ވަގުތީ ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. އެއާއެކު އޭނަގެ ނަޒަރު ދެން ސީދާވެގެން ދިޔައީ މައުވާ އަށެވެ. އެދެމެދުގައި އޮތް ގުޅުން ވިސްނައިގަންނަން އޭނައަށް ދަތިވިކަމުގައި ވިޔަސް އެއްކަމެއް އޭނައަށް ސާފުވެއްޖެއެވެ. ޒިވްޔަންއަށް އެއައި ބަދަލުގެ ވެރިފަރާތަކީ މައުވާ ކަމެވެ.

މީޒާ ގެއަށް ދާން ހިނގައިގަތީ މިވަގުތު ޒިވްޔަންއަށް އޭނަ ފެނިއްޖެނަމަ ޒިވްޔަންގެ ތަބީއަށް ގޯސްވެ ރުޅިވެރިކަން ފެނިގެންދާނެކަން އެނގޭތީއެވެ. ޒިވްޔަންއަށް ލިބިފައިވި ވަގުތީ ތަސައްލީ ނިގުޅައިގަންނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

''ކޮބާ ޒިވްޔަން؟...'' މީޒާއަށް އާދެވުނުއިރު އޭނަގެ ފިރިމީހާ އަސްލަމް ފެންޑާއަށް ނިކުންނަނީއެވެ. އަސްލަމްގެ ދެލޮލުގައި ވަނީ ނިދީގެ އަސަރެވެ. އޭނައަށް ކަރުހިއްކައިގެން ހޭލެވުނުއިރު މީޒާ ފެންނަން ނެތުމުން ވެގެން އުޅޭ ގޮތެއް ބަލާލަން ބޭރަށް ނިކުތީއެވެ.

''އެބައިން އަސްމާމެން ގޭގަ...'' މީޒާ ބުނެލިއެވެ.

''މިގަޑީގަ، ކީއްކުރަން؟، ކީއްވެ މިޒޫއާއެކު ނުގެނައީ؟...'' ލިބުނު ހައިރާންކަމާއެކު އަސްލަމަށް ފައްޗަކަށް ސުވާލުތައް އަމުނާލެވުނެވެ.

''އޭނަ ގެންނަން ހަދައިފިއްޔާ ރުޅިއައިސް ދާނެތީ، އޭނަ ބޭނުންވީމަ އަންނާނެ...'' މީޒާގެ ޖަވާބުން އަސްލަމަށް ލިބުނު ހައިރާންކަންވީ އިތުރެވެ. އޭނައަށް އިތުރު ސުވާލެއްކޮށްނުލެވެނީސް މީޒާ ގޮސް އެތެރެއަށް ވަދެއްޖެ އެވެ. އެއްފަހަރު މީޒާއަށް އަދި އަނެއްފަހަރު އަސްމާމެން ގެއަށް ނަޒަރެއް ދެމުން އަސްލަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މީޒާގެ ފަހަތުން ހިނގައިގެންފިއެވެ.

''އަހަރެން ދަންތަ؟...'' އަސްލަމަށް ހީވީ ޒިވްޔަންގެ ސިނގުރުޅިގަނޑު ހިލުނީ ކަމަށެވެ.

''ނޫން، އަސްލަމް ފެނިއްޖެއްޔާ ޒިވްޔަން މާ ރުޅިގަދަވާނެ، އިހަށް އޭނަ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލިޔަ ދީ، އަބަދު އަހަރުމެން އޭނަ ބޭނުންވާ ކަންތަކަށް ހުރަސް އަޅަންޏާ އިތުރަށް ގޯސް ވާނީ...'' މީޒާ އެކަމާ ދެކޮޅު ހެދިއެވެ. އަސްލަމް އިރުކޮޅެއް ވަންދެން ވިސްނާލަމުން ބޯޖަހާލިއެވެ. އަދި މަޑުކުރުމެއް ނެތި ގޮސް ބަދިގެއަށް ވަދެ ފެން ފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަނެވެ.

ޒިވްޔަން ނާންނަނީސް މީޒާއަށް ލޮލުފިޔަ ޖަހާނުލެވޭނެކަން އޭނައަށް އެނގެއެވެ. މީޒާ ބޮޑުކޮޓަރީގެ ސޯފާގައި އިށީންނަމުން ޓީވީ ހުޅުވާލީ ވަގުތު ކުރުކުރުމުގެ ނިޔަތުގައެވެ. ޓީވީ ބަލަން އިންދާ ގޭގެ މައިދޮރު ހުޅުވާލެވުނު އަޑު އިވުނެވެ. އެއާއެކު ޓީވީން ނަޒަރު ވަކިކޮށްލަމުން މީޒާ ފަސްއެނބުރި ބަލާލިއެވެ.

ޒިވްޔަންއަށް މީޒާ ފެނުމާއެކު އަވަހަށް މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. މީޒާ ގޮވާލުމުން ވެސް އަޑުއިވުނުކަމަށް ހަދާނުލައި އިހުނަށްވުރެ ފިޔަވަޅުތައް ބާރުކޮށްލި އެވެ. ޒިވްޔަންގެ ހިތްހަމަނުޖެހުން ފެނި ފަހަތުން ދާކަށް މީޒާއަކަށް ނުކެރުނެވެ. ޓީވީ ނިއްވާލަމުން އޭނަ ގޮސް ގޭގެ މައިދޮރު ތަޅުލިއެވެ.

*****

އެނދަށް ވެއްޓިގަންނަމުން ޒިވްޔަންއަށް ދެލޯމަރާލެވުނެވެ. މައުވާއާއެކު ހޭދަކުރެވުނު ވަގުތުތައް ޚިޔާލަށް ގެންނަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ގިނައިރަކަށް އެހަނދާންތަކުން ސިކުނޑިއަށް ހަމަޖެހުން ނެގެނެސްދިނުމުގައި ކާމިޔާބެއް ނުލިބުނެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާ މަންޒަރުތަކެއް ބަދަލުވެ މުޅިމީހާ ހާސްކަމާއި ބިރުވެރިކަން ވަށާލައިފިއެވެ. އެއާއެކު އޭނަގެ ހަށިގަނޑަށް އެނގުން ވިއެވެ. އެތެރެހަށީގައި ދައުރުވާން ފެށި އިހުސާސްތަކާއެކު ފުންމައިގެން ގޮސް އޭނައަށް ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދަލުން ފެންވެރވިފައެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާ ކުރުވެފައެވެ.

ޒިވްޔަން އެނދުން ތެދުވެ ކޮޓަރީގެ ތެރޭގައި ހިނގަން ފެށިއެވެ. ހަށިގަނޑަށް އަރަމުން ދިޔަ ހޫނާއެކު ގަމީހުގެ ގޮށްފަށުގައި ހިފާ ދަމައިގަނެވުނެވެ. އަދި އަވަސް ހަރަކާތާއެކު ގަމީސް ބާލައި ޓައިލްސްތަކުގެ މައްޗަށް ހޫރާލެވުނެވެ. އެވަރުން ވެސް މީހާއަށް ހަމަޖެހުމެއް ނުލިބުނެވެ. އިވެމުން ދިޔަ އަޑުތައް ހުއްޓުވަން އޭނަ ބޭނުންވިއެވެ. ފެންނަ މަންޒަރުތައް ބަދަލުކުރަން ވެސް މެއެވެ.

ޒިވްޔަންއަށް ކަންފަތުގައި އަތްއަަޅައި ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އެހެން ހުރިއިރު ހީވަނީ ބާރުގަދަ ވޭނެއް ތަހައްމަލުކުރަމުން ދާހެންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނަ ދިގު ނޭވާތަކެއް ދޫކުރަން ފެށިއެވެ. އެތެރެހަށީގައި އުތުރިއަރަން ފެށި ދިލަ ހޫނުކަމާއެކު އޭނައަށް ފާރުގައި މުށްކަވާފައި ބާރު ބޮނޑިއެއް އަޅާލެވުނެވެ.

*****

ލެޕްޓޮޕް ހިފައިގެން އައިސް މައުވާ ސޯފާގައި އިށީނެވެ. އެއާއެކު އޭނަ ދެން އުޅުނީ އިންޓަރނެޓަށް ވަންނާށެވެ. ގޫގުލް ހުޅުވާލަމުން ސާރޗް ކުރާނެ އެއްޗަކާ މެދު ވިސްނަން ފެށިއެވެ. މީޒާގެ ވާހަތަކުގެ މައްޗަށް ބީނާކޮށް އޭނަ އެކިއެކި ލިޔެކިޔުންތައް ހޯދަން ފެށިއެވެ. ކޮންމެފަހަރަކު ލިބޭ ނަތީޖާތަކުގެ ސުރުހީތައް މައުވާ ކިޔާލައެވެ. އޭނަ ބޭނުންވާ ފަދަ ލިޔުމެއް ފެންނަން ނެތުމުން އަނެއްކާ ވެސް އެހެން އެއްޗެއް ލިޔެ ހޯދައެވެ. އެތައް އިރެއް ބުރަ މަސައްކަތަށް ފަހު އޭނަގެ ނަސީބު އަތުގައި ހިފިއެވެ. ބޭނުންވި ފަދަ ހުރިހާ ލިޔެކިޔުމެއް ފެނިގެން ދިޔަ އެވެ. ހުރިހާއެއްޗެއް ހުޅުވާލުމަށްފަހު މައުވާ އެލިޔުންތައް ކިޔަން ފެށިއެވެ. ކިޔަމުން ދިޔަ ވަރަކަށް ތަފާތު އެކިއެކި ނަފްސާނީ ބަލިތަކުގެ ތެރެއަށް އޭނަ ހޭނެން ފެށިއެވެ. ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވުނު ހެންނެވެ. ލިބެމުން އައި މަޢުލޫމާތުތަކުގެ ޒަރިއްޔާއިން އޭނަގެ ސިކުނޑި ވެސް ތަރައްޤީވަމުން ދިޔަ އެވެ.

ތަފާތު ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ދިރާސާކުރުމުގެ ތެރޭގައި މައުވާ އެދިއެދި ހުރި ޖަވާބުގު ކުޑަ މިންވަރެއް އޭނައަށް ލިބުނެވެ. އެކަމަށް ވަގުތު ނެގިކަމުގައި ވިޔަސް ލިބުނު ކާމިޔާބީއާ މެދު މައުވާ ހިތްހަމަޖެހުނެވެ.

''ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާރ...'' މައުވާއަށް ހިތާހިތާ ބުނެލެވުނެވެ. އެބަލީގެ މަޢުލޫމާތު ހޯދަން ފެށުމާއެކު ޒިވްޔަންގެ ބަލިހާލާ މެދު އޭނަ ކުރިއަށް ވުރެ ބޮޑަށް ޝައުޤުވެރި ވިއެވެ. ހަމައެއާއެކު ހިތުގައި ހަމްދަރުދީ އުފެދެން ފެށިއެވެ. އޭނައަށް ޒިވްޔަން އުފުލަމުންދާ ވޭން ތަސައްވަރުކުރަން ވެސް ދަތި ވިއެވެ.

''އޯހ ގޯޑް، ހީ އިޒް އިން ސޯ މަޗް ޕެއިން...'' މައުވާއަށް ބުނެވުނެވެ.

ކޮމެންޓް 0