''ވެދިޔަ އެއްވެސް ކަމަކަށް ދައްތަ އިވީ ކުށްވެރިއެއް ނުކުރަން، ތަޤުދީރުގައި ލިޔެވިފައިވާ ގޮތެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ، ދިރިއުޅުމުގައި ތަފާތު އިމްތިހާނުތަކާ ކުރިމަތި ލާންޖެހޭނެ، އެއިން ކޮންމެ އިމްތިހާނަކާ ހިތްވަރާއެކު ކުރިމަތިލައިގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ... މިއަދު އަހަރުމެންނަށް ވެސް ކުރިމަތިލާން ޖެހިފައި މިވަނީ އޭގެ އިމްތިހާނަކާ... ޝިއާފަށް މިވަގުތު ބޭނުންވާނީ އަހަރުމެންގެ ދުޢާތައް... ދައްތައަށް އެނގޭ އިވީއަށް މިހުރިހާ ކަމަކަށް ކެތްތެރިވާން ވަގުތު ނަގާނެކަން، އެކަމަކު ވެސް ތިހެން ތާއަބަދު ކަރުނަ އޮއްސަންޏާ އަމިއްލަ ނަފުސަށް އިތުރު އަނިޔާއެއް މެނުވީ ނުދެވޭނެ......'' ދިޔާނާގެ ޖުމްލަ ހުއްޓާލަން ޖެހުނީ މައުވާ ކުއްލިޔަކަށް ދިޔާނާގެ ގައިގައި އޮޅުލައިގަތުމުންނެވެ.

''އައެމް ސޮރީ...''

މައުވާއަށް ކަރުނައިގެ މައްޗަށް ބާރުފޯރުވުން ވީ އުނދަގޫ ކަމަކަށެވެ. އަވަސްއަވަހަށް ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައް ފޮހެލަމުން އޭނަ ފުންނޭވާތަކެއް ލިއެވެ. ހީވީ އަމިއްލަ ނަފުސަށް ކަމެއް ވިސްނައިދޭން އުޅުނު ހެންނެވެ. އޭނަ ކުރިއަށް ވުރެ ބާރަށް ދިޔާނާގެ ގައިގައި ބައްދާލީ އެފަދަ ގާތްކަމަކަށް ބޭނުންވެފައި ވާތީ އެވެ. ދިޔާނާގެ ވާހަކަތަކުން މިހުރިހާ ދުވަހު ފިލަން ދުވުނު ގާތް އެކުވެރިޔާ ދިއްކޮށްލި އެހީތެރިކަމުގެ އަތުގެ މަތިން މައުވާ ހަނދާން ވިއެވެ. ހަމައެއާއެކު އޭނަ ކަރުނަ އަޅައި ރޯ މަންޒަރު ދެކެން ދުވަހަކު ޝިއާފް ބޭނުން ނުވާނެ ކަން ވެސް މެއެވެ. އެއީ ޝިއާފް އަބަދުވެސް އެންމެ ފޫހިވާ ކަންތައް ކަމުގައި އޭނަ ގާތު ބުނި ދުވަސްތައް ހަނދާންތަކުގެ ލޯގަނޑަށް ސިފަވާން ފެށިއެވެ. ހިތުގައި ނުފިލާނެ ރިހުމެއް ވާނެކަން ގައިމެވެ. ހިތާމަތަށް ލުއިވެގެން ދާން ޒަމާންތަކެއް ނަގާނެކަން ވެސް މެއެވެ. ނަމަވެސް އޭނަ އެވަގުތު އަޒުމެއް ކަނޑަ އެޅިއެވެ. ވޭނާއި ހިތްދަތިކަމާއި ކަރުނައިގެ ތެރޭގައި ދުވަސްތައް ހޭދާކުރުމުގެ ބަދަލުގައި ހިތްވަރާއެކު ދިރިއުޅުމާއި ކުރިމަތި ލުމަށެވެ. އެއީ ޝިއާފް ވެސް ބޭނުންވާނެ ގޮތްކަން ޔަޤީނެވެ. މައުވާ އަނެއްކާ ވެސް ފުންނޭވާތަކެއް ބޭރުކޮށްލިއެވެ. ހީވީ ސިކުނޑި ހާސްކުރުވަމުން ދިޔަ ޚިޔާލުތައް ވެސް އެނޭވާއާއެކު ދޫކޮށްލި ހެންނެވެ.

''އިވީ މަޢާފަށް އެދޭވަރުގެ ކަމެއް ނުވޭ... އެކަމަކު ދައްތަ ގާތު ވަޢުދެއް ވާން ޖެހޭނެ، އިވީގެ ކިޔެވުން ނިމުމުން މެނުވީ ދެން ކަހަލަ ގުޅުމެއް ނުބާއްވާނަންކަމަށް، އެފަދަ ކަންކަމުން ކިޔެވުމަށް ބުރޫއެރުން ނޫން އިތުރުކަމެއް ނުވާނެ...'' ވިސްނައިދިނުމުގެ ގޮތުން ދިޔާނާ ބުނެލިއެވެ. ''ދެން ހިނގާ އަވަހަށް ކާން ދާން، މިއަދު ހެނދުނު ސައިބުއި ގޮތަށް ތިހުރީ، މިއަދުން ފެށިގެން އިވީ ޖެހޭނެ ކެއުމަށް ފަރުވާތެރިވާން...''

ދިޔާނާ އަވަސްވެގަތީ މައުވާ ގޮވައިގެން ކާކޮޓަރިއަށް ދިއުމަށެވެ.

ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔަ މައުވާ ކުއްލިއަކަށް ދިޔާނާގެ އަތުގައި ހިފިއެވެ. އޭރު އެމޫނުން ޖެހިލުންވުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އޭގެ ފަހަތުގައިވާ ސަބަބު ދިޔާނާއަށް ވިސްނައިގަނެވުނެވެ. އޭނަ މައުވާގެ އަތުގައި ހިފާލަމުން އެކަމާމެދު ހާސްނުވުމަށް ބުނެލިއެވެ.

ކާމޭޒުދޮށުގައި އިން ތޫބާއަށް މައުވާ ފެނުމާއެކު ހިނިތުންވެވުނެވެ. އަދި ނިކަން އަވަހަށް ގޮނޑިން ތެދުވެލަމުން އައިސް މައުވާއާއި އަރާހަމަކޮށްލިއެވެ. މައުވާ ކޮޓަރިން ނުކުތުން އެއީ ހެޔޮ ފާލެއް ކަމުގައި ތޫބާ ދެކުނެވެ. ހަމައެއާއެކު މަންމަގެ ސަބަބުން މައުވާއަށް އައިސްފައިވާ ރަގަޅު ބަދަލުތައް ފެނި އެކަމާ މެދު ވެސް އޭނަ އުފާ ވިއެވެ. މައުވާ ވެސް ތޫބާއަށް ފަނޑު ހިނިތުންވުމެއް ރައްދުކުރަމުން ގޮސް ގޮނޑިއެއްގައި އިށީނެވެ. އެއާއެކު ދިޔާނާ އަވަސް ވެގަތީ މައުވާއަށް ތަށިތައް ކައިރިކޮށްލަ ދިނުމަށެވެ.

ޒަމާންތަކަކަށް ފަހު އެންމެންގެ މޫނުމަތިން ވެސް ހަމަޖެހުމުގެ އަސަރު ފެންނަމުން ދިޔަ އެވެ. ސްކޫލް ބަންދާދިމާކޮށް ރަށަށް ދިއުމުގެ މަޢުޟޫއަށް ވާހަކަ ދެކެވުން ވެގެން ދިޔައީ ލިބުނު ފުން ހިތާމަތަކާ ދުރަށް ދާން ލިބުނު ރަގަޅު ފުރުސަތެއް ކަމުގައި ދިޔާނާ ދެކުނެވެ. ހަމައެއާއެކު ރަށަށް ދެވުމުން މައުވާއަށް އެހެން ކަމަކަށް ފިކުރުތައް ދޫކުރުމުގެ ފުރުސަތު ފަހިވެގެން ނުދާނެތީއާއިއެކުގައި ވެސް މެއެވެ. ދިޔާނާގެ އަމާޒަކީ ވެސް އެއެވެ. އެހިތާމަވެރި ހާދިސާގެ މަތިން ހަނދާން ނައްތާލުމަށް މައުވާއަށް އެހީގެ އަތެއް ފޯރުކޮށްދެވެން އޮތް ހުރިހާ ގޮތަކުން އެހީވެ ދިނުމެވެ.

މަޝްވަރާތައް ހުއްޓުމަކަށް އައީ ކާކޮޓަރިއަށް ވަން ޒުލްފާގެ ސަބަބުންނެވެ. އޭނަގެ ދުޝްމަނުންތައް އެއްސަފެއްގައި ސައްލާކުރަން ތިބި މަންޒަރު ފެނުމާއެކު ޒުލްފާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަކިން ހާއްސަ ގޮތެއްގައި މައުވާ ފެނުމުން އޭނައަށް ވާ ގޮތެއް ވެސް ބުނެދޭން ދައްޗެވެ. އެތެރެހަށީގައި އަނދަން ފަށާ ނަފްރަތުގެ ދިލަ ހޫނު ބަރުދާސްތުކުރަން ދަތިވާ ހިސާބަށް ކަންތައް ދެއެވެ. ހިތް އެދެނީ އޭނަގެ ދަރިފުޅު މިދުނިޔެ ދޫކުރި ފަދައިން މައުވާގެ ނަން ވެސް ފޮހެލާށެވެ. އެފަދަ ޝައިތާނީ ވަސްވާސްތަކުން ޒުލްފާގެ ވިސްނުން ދިޔައީ ދުވަހަކަށްވުރެ ދުވަހަކަށް ކިލަނބު ވަމުންނެވެ. މައުވާއަށް އުފަލެއް ލިބުމަށް އޭނަގެ ހިތެއް ދުވަހަކު ވެސް ނުރުހޭނެއެވެ.

''އަދި ވެސް ކަލޭމެނަށް ކުރެވުނު ކަންތައް ކުޑަވެގެން ދޯ ސައްލާކުރަން ތިތިބީ؟...'' ޒުލްފާ ރުންކުރު ރާގަކަށް ބުންޏެވެ. ނަފްރަތުން ފުރިގެންވި ނަޒަރަކުން އޭނަ މައުވާއަށް ބަލަން ހުރީ އެދެލޮލުން ބުރަމުންދާ އަލިފާން ކަނިތަކުން މައުވާ އަނދާއަޅިއަށް ހަދާލަން ބޭނުން ވާތީ އެވެ.

''ޒުލްފާ، އަހަރެން ވަރަށް ގިނަ ދުވަހު އެއްޗެއް ނުބުނެ ކެތްކޮށްފިން އެކަމަކު ދެނެއް ނުހުރެވޭނެ، ޒުލްފާ އިވީގެ ބޮލުގައި ތިއަޅުވަނީ ދޮގު ތުހުމަތުތަކެއްކަން އެނގޭއިރު ވެސް ގޮތް ދޫކުރަން ބޭނުން ނުވަނީތަ؟...''

''ކަލޭ އަނގަނުހުޅުވިއްޔާ އެންމެ ރަގަޅު ވާނީ... މިހުރިހާކަމެއްގެ އިސް މޭސްތިރިއަކީ ކަލޭ، ކަލޭ މިހިރަ ކޫޑިގަނޑަށް މަގު ދައްކައިގެން މަގޭ ދަރި ކާލީ، އަހަރެން މަޑުން މިހުންނަނީ ކަމެއް ނުކުރެވޭތީކަމަށް ހީނުކުރައްޗޭ!...'' ޒުލްފާ އާއި ދިޔާނާގެ ދެމެދުގައި ހޫނު ޒުވާބެއް ފެށުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ.

''ޒުލްފާ! ތިކިޔޭ އެއްޗަކާ މެދު އެއްފަހަރު ވިސްނާލާފަ ވާހަކަދައްކަބަލަ!...'' ޒުލްފާ އެންމެފަހުން މައުވާއާއި ދިމާއަށް ދުލަށްއައިހާ ނުބައިއެއްޗެހި ކިޔަން ފެށުމުން ދިޔާނާ ގާތަށް ރުޅިއައި ކަމުގައި ވިޔަސް އޭނަ ވާހަކަ ދެއްކީ ރީތި ގޮތުގައެވެ.

''މަ ކިޔަން ބޭނުންވާ ކޮންމެ އެއްޗެއް ކިޔާނަން، އެހެނޭ ކިޔާފައި ކަލެއަށް ކުރެވޭނީ ކޮންކަމެއް... ކަލޭ ބޭނުން ވިޔަސް ހަޤީޤަތް ވާނީ ހަޤީޤަތަށް... ހުއް، ކަލެއަށް އޭނަ ދިފާއުކޮށްކޮށް ވަކާލާތު ކުރެވޭނީ ކިހާ ދުވަހެއް ވަންދެންތޯ އަހަރެން ބަލާނަން...'' ޒުލްފާ ހަޅޭއްލަވަންފެށިއެވެ. ޒުލްފާ ރުޅިގަދަވެގެން ގޮސް މައުވާގެ ގަޔަށް ބޮލަށް އަރާ ހިސާބަށް ވެސް މައްސަލަ ހޫނުވާން ފެށިއެވެ.

ތަމްސީލުވަމުން ދިޔަ ކަންތަކާ ހުރެ މައުވާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އެވަގުތު އޭނައަށް އެދެވުނީ ޝިއާފް އޭނަ ގާތު ހުރުމަށެވެ. ވަށާލެވެމުން ދިޔަ ބިރުވެރިކަމުގެ ތެރޭން އޭނައަށް ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށެވެ. ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދިނުމަށެވެ. ނަމަވެސް އޭނަގެ ހިތުގެ އެދުންތައް ހާސިލު ނުކުރެވޭނެކަން ތަސައްވަރުކުރެވުމުން މައުވާއަށް ރޮވުނެވެ.

ގޭތެރޭގައި އަޑުގަދަވާން ފެށުމާއެކު ހުސޭން ކޮޓަރިން ނިކުމެގެން އައިއިރު ކަމަކުދާކަށް ނެތެވެ. ޒުލްފާ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވި ތަކެއްޗަށް ވެސް ގެއްލުން ދޭ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. ހުސޭން އަވަސްވެގަތީ އެޒުވާބަށް ނިމުމެއް ގެންނާށެވެ. އޭގެ ސަބަބުން ޒުލްފާގެ އަޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ.

''ކިހިނެއް ވެގެންތަ މިއުޅެނީ؟...'' ފެންނަމުން ދިޔަ މަންޒަރުތަކުގެ ސަބަބުން ހިތްހަމަނުޖެހުމާއެކު ހުސޭން ބުންޏެވެ.

''ހުސޭންގެ އަންހެނުން ގާތުން އަހާބަލަ، އަހަރެން މީ ދޮގުވެރިއެއް ވީމަ އަހަރެން ބުނާ އެއްޗެއް ޤަބޫލެއް ނުކުރެވޭނެ ވިއްޔާ...'' ދެއަތް ގެނެސް މޭގައި ހުރަސްކޮށްލަމުން ޒުލްފާ ވާހަކަ ދެއްކިއެވެ. ''މަ މީ ނުބައި މީހާ، ދެން ތިބީ މަލާއިކަތުން... ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންގެ ދަރިފުޅުގެ ޤާތިލަކީ މިހިރަ މައުވާ، އެކަން ބަދަލެއް ނުކުރެވޭނެ...'''

ޒުލްފާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެޕާރޓްމެންޓުން ނިކުތީ ފަތިވަރު އަމުނަމުންނެވެ. ހުސޭން ޒުލްފާގެ ފަހަތުން ދާން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލީ ބޭކާރުކަމެއްކަން އެނގޭތީއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލަމުން ހުސޭން ދިޔާނާއަށް ބަލާލީ ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ.

''އިވީ ދޭ ކޮޓަރިއަށް...'' މައުވާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަމުން ދިޔާނާ ބުންޏެވެ. އެފުރުސަތުގެ އިންތިޒާރުގައި އިން މައުވާ ގޮނޑިން ތެދުވަމުން މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް ތޫބާ ވެސް ދާން ހިނގައިގަތެވެ. ކުދިވެރިން ދިއުމާއެކު ހުސޭން އައިސް ގޮނޑިއެއް ދަމާލަމުން އިށީނެވެ. އަދި ނިތްކުރީގައި ފިރުމާލަމުން އެތެރެހަށީގައިވި އުދާސްތައް ބޭރުކޮށްލިއެވެ.

''ދައްތަ އެދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއްތަ؟...''

ހުސޭން ދިޔާނާއާއި ހަތަރުކަޅި ހަމަކުރަމުން އެހި އެވެ.

''ހުސޭން ވެސް އަހަންނަށް ޝައްކު ކުރަނީތަ؟...'' ހުސޭންގެ ސުވާލުން ދިޔާނާގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. އެސުވާލުތައް ކުރިމަތިވާނެކަން ކުރިން ވެސް އޭނައަށް އެނގެއެވެ. ނަމަވެސް އެހިތުގައި ކުޑަ އުއްމީދެއް ވިއެވެ. ހުސޭން އޭނައަށް އިތުބާރު ކުރާނެ ކަމުގެއެވެ. އެހެނަސް ކަންތައް ވެެގެން މިދިޔައީ ކިހިނެއް ހެއްޔެވެ؟ ޒަމާންވީ ގުޅުމަށް ލޮޅުން އަރައިގެން ދިއުމުގެ ކޮޅުމަތި ފެންނަން ފެށީ ހެއްޔެވެ؟ ޒުލްފާގެ ވަސްވާހުގައި ހުސޭން ހައްޔަރުވީ ހެއްޔެވެ؟

''ނޫން...'' ހުސޭން އަވަސްއަވަހަށް ދިޔާނާ ގާތަށް ޖެހިލުމަށްފަހު އެއަތުގައި ހިފާލިއެވެ. އޭނަ ދުވަހަކު ވެސް ދިޔާނާއަށް ޝައްކެއް ނުކުރާނެއެވެ. އޭނަ އެސުވާލު ކުރީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ކަމުގައި ވިޔަސް އެސުވާލުގެ ސަބަބުން ދިޔާނާއަށް ހިތްތަދިކަމެއް ލިބޭނަމަ އެސުވާލުގެ ޖަވާބު އޭނަ ބޭނުމެއް ނޫނެވެ.

ދިޔާނާ އޭނައަށް އެނގޭ މިންވަރަކުން ހުސޭނަށް ކިޔައި ދިނެވެ. މައުވާގެ ކުށެއް ނުވާކަމާއި މައުވާއާއި ޝިއާފް ދެމެދުވި ގުޅުމުގެ ހިލަމެއް ވެސް އޭނައަށް ނުވާކަމަށް ބުނެދިނެވެ. ޒުލްފާ ދައްކަމުން އެދާ ވާހަކަތަކަކީ ހަޤީޤަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށާއި، ޒުލްފާ އެފަދަ ނަޒަރިއްޔާތަކުން މައުވާއާ މެދު ދެކޭ ސަބަބު ވެސް ނޭގޭ ކަމަށް ބުނެދިނެވެ. ދިޔާނާގެ ވާހަކަތައް އަޑު އަހަމުން ދިޔަ ހުސޭނަށް ހާމަވަމުން ދިޔަ ކަންތަކާއެކު ޒުލްފާދެކެ ވަކިން ބޮޑަށް ފޫހި ވިއެވެ. ނަމަވެސް ޒުލްފާގެ ބަލިހާލަތު ހުރިގޮތުން ޒުލްފާއާ ދިމާއަށް އެއްޗެއް ބުނެވޭކަށް ވެސް ނެތެވެ.

''އަހަންނަށް ޔަޤީން ޝަކީލާ ކޮންމެވެސް ނުބައެއް ހަދައިގެން އުޅޭތީކަން ޒުލްފާ އެގޮތަށް ވާހަކަދައްކާނީ...'' ޝަކީލާއާއި ޒުލްފާގެ ބަދަހި ގުޅުމަށް އަލިއަޅުވާލަމުން ދިޔާނާ ބުންޏެވެ.

''ދެން ތި ވާހަކަތައް އިތުރަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން، ދައްތައަށް ވެސް ވިސްނައިދޭން ކުރެވުނު މަސައްކަތެއް ވިއްޔާ އަހަރެން ކުރާނަން... މިވަގުތު ކުރަންވީހާވެސް ކަމަކީ މައުވާއަށް އިތުރު ސަމާލުކަމެއް ދިނުން...'' ހުސޭން ބުންޏެވެ. ދިޔާނާ އެކަމާ އެއްބަސް ވިއެވެ. އޭނަ ހުރީ ހުސޭން އޭނަގެ ވާހަކަތަކަށް އިތުބާރުކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

*****

ހެނދުނު ކުރިމަތިކުރަން ފެށި ތޫފާނުގެ އަސަރު ދިގުލައިގެން ގޮސް ހަވީރު ވަގުތަށް އެޅުނު އިރު ވެސް ވިއްސާރައަލިކޮށްފާނެ ކަމުގެ ނިޝާނެއްގެ މިންވަރު ވިޔަސް ފާޅެއް ނުވެއެވެ. މަޑު ނާނާއަކާއެކު ވެހެމުން ދިޔަ ވާރޭ ކުއްލިއަކަށް ބޯކޮށްލުމާއެކު ވިދިވިދިގެން އިވެން ފެށި ގުގުރީގެ އަޑުން ފަޒާއަށް ވެރިވެފައިވަނީ ނާމާންކަމެވެ. ހަމައެއާއެކު ރޯޅިތަކުން ގެނެސް ދެމުން ދިޔައީ ތޫފާނުގެ ބާރުވެރިކަމުގެ ސިގްނަލެވެ.

އަތުގައި އޮތް ދުފާތަބަކުން ހެދިބިލަތްގަނޑެއް ތައްޔާރުކުރަމުން ޒުލްފާއަށް ސަމާލުކަން ދެވޭތޯ ޝަކީލާ މަސައްކަތްކުރަމުން ގެން ދިޔަ އެވެ. ޒުލްފާގެ ދުލުކުރީގައި މިހާރު ތާއަބަދު ވަނީ މައުވާ ހޭއަރުވާލުމަށް އޭނަ ފެންބޮވައިގަނެފައިވާ ކަމެވެ. އެކަމާ ހުރެ ވެސް ޝަކީލާ ހުންނަނީ ބޮލާ ނުކުޅަދާނަ ވެފައެވެ. އޭނަ ހީކޮށްގެން ހުރީ ޝިއާފްގެ މަރަށް ފަހު ޒުލްފާ އެކަމާ ނޫޅޭނެ ކަމަށެވެ. ހަމައެއާއެކު ރަށަށް ވެސް ދާނެ ކަމަށެވެ. ނަމަވެސް ކަންތައް މިވަނީ ދިމާ އޭގެ އިދިކޮޅަށެވެ. ޝިއާފްގެ މަރަށް ތިން ހަފްތާ ވެގެން ދިޔައިރު ވެސް ރަށަށް ދާ ކަހަލަ ޚިޔާލެއް ޒުލްފާގެ ނެތެވެ. ނުވީތާކަށް ދިޔާނާއާއި ހަނގުރާމައަކަށް ނުކުމެފައި ވުމުގެ ނަތީޖާއެއްގެ ގޮތުން އެގެއިން ނުކުމެގެން ހުންނާނެ ތަނެއްގެ އުއްމީދުގައި އޭނަ ގާތަށް އައިސްދާނެތީވެސް ޝަކީލާ ހުންނަނީ ފިކުރުތަކެއްގެ ތެރޭގައެވެ. އެކުވެރިކަމުގެ ފުރަތަމަކޮޅު އޭނަ ޒުލްފާއާއި ގަޔާވި ކަމުގައި ވިޔަސް މިހާރު މަންޒަރު ބަދަލުވާން ފަށައިފިއެވެ. ހުރިހާ ވެސް ކަމަކީ ޒުލްފާގެ ގޮތްދޫނުކުމުގެ މިޒާޖާއި ރޯނު އެދުރަކަށް ވެގެން އުޅުމެވެ.

''އެއްކަލަ ކަންވެރިޔާ ގާތަށް ދާން މަށަށް ފެންނަނީ، މިހާރު އޭނަ ރާއްޖެތެރެއިން އައިސްދާނެ އެއްނު...'' ޒުލްފާ ކުއްލިއަކަށް ކަމެއް މަތިން ހަނދާންވާ ފަދަ ގޮތަކަށް ބުނެލިއެވެ.

''މަ ހަނދާން ނެތިފައޭ މިހުރީ އޭނަގެ ވާހަކަ ބުނަން، އޭނަ ރާއްޖެތެރެއަށް ސިހުރު ހަދަން ގޮސްފަ ހުއްޓާ އެކަން ފަޅާއަރައިގެން ފުލުހުން އޭނަ ހައްޔަރުކޮށްފި، އަދި އޭނައާއި ގުޅުން އޮންނަ ކަންވެރިން ވެސް ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަ އަޑު އެހިން...'' ދުފާތަބައް އުނދޯލީގައި ބަހައްޓަމުން ޝަކީލާ ބުނެދިނެވެ. އެއީ ޒުލްފާގެ އުއްމީދު ފަހުގެ ވާފަށް ވެސް ކަނޑައިގެން ދިޔަ ޖުމްލަ ކަމުގައި ވިއެވެ.

''ބަލަ އިތުރު ކަންވެރިއެއް ވެސް ހޯދިދާނެއެއްނު...'' ޒުލްފާ ހުރީ އެވިސްނުމުގައި ފައި ވިއްދާލާފައެވެ.

''ވަރަށް ރިސްކީކަމެއް އެއީ... މިހާރު ކޮންމެ ދުވަހަކުހެން ސިހުރުހަދާ މީހުން ހައްޔަރުކުރޭ، ކިހިނެއް އެނގޭނީ އަހަރުމެން އެމިހާގެ ގާތަށް ގޮސްފަ ތިއްބާ ނޫންކަމެއް ފުލުހުން އަންނާނީ، އެހެން ވެއްޖެއްޔާ ކިހާ ދެރަ...'' ޝަކީލާ ބުންޏެވެ. ހަޤީޤަތުގައި އޭނަ ހުރީ އެޚިޔާލު ޒުލްފާއަށް ދެވުނުކަމުގެ މޮޔަ ހީވެފައެވެ.

ޝަކީލާ އެންމެ ފަހުން ބަލި ޤަބޫލުކުރާ ހިސާބަށް ކަންތައް ދިޔަތަނާ ޒުލްފާ ކަންވެރިއެއްގެ މަދަދު ހޯދުމުގެ ވިސްނުން ދޫކޮށްލައިފިއެވެ. އެއާއެކު ޝަކީލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''އެކަމަކު އިތުރު ގޮތެއް އޮންނަން ޖެހޭނެއެއްނު...'' ޒުލްފާ ބުނެލިއެވެ.

''ޒުލް ދެން އެކަމާ ނޫޅުނިއްޔާ ވާނެ ގެއްލުމެއް އެބައޮތްތަ؟...'' ޝަކީލާގެ ޖުމްލައިގެ ސަބަބުން ޒުލްފާގެ ބުމަ ގޮށްޖެހިގެން ދިޔަ އެވެ. އޭނަ އެކުވެރިޔާގެ މަދަދަށް އެންމެ ބޭނުންވި ދުވަހު ކަޝްފުވެގެން މިދިޔައީ އެކުވެރިޔާގެ އަނދިރިފަރާތެވެ. މަދަދަކަށް އެދޭ ހިނދު ގާތް އެކުވެރިން ހަތުރުންނަށް ބަދަލުވެދަނީ ކީއްވެހެއްޔެވެ؟

''މަގޭ ދަރީގެ ޤާތިލު އުފަލާއެކު އުޅުމުގެ ފުރުސަތު ދޭށޭތަ ތިބުނަނީ؟...'' ޒުލްފާ ހިތްހަމަނުޖެހިފައިވާ ރާގަކަށް އެހި އެވެ.

''އެއީ އެކްސިޑެންޓެއްގެ ސަބަބުން ދިމާވި ކަމެއްނު...'' ޝަކީލާ ބުނެލިއެވެ.

''އެސުންޕާ ހުރީމަ ހުރިހާކަމެއް ދިމާވީ...... އޭނަ ޝަކީއަށް ކޮން ސިހުރެއް ހަދައިގެން އޭނަގެ ކޮޅަށް ކުއްލިއަކަށް ބުރަވެގެން ތިއުޅެނީ؟ ގައިމު މިހުރިހާ ދުވަހު ޝަކީ ވާހަކަ ދެއްކީ އޭނައާ ދެކޮޅަކަށްނު!...'' ޒުލްފާ ރުންކުރުވިއެވެ. އޭނަ އިތުރަށް އެތާނގައި މަޑުކުރުމެއްނެތި ހިނގައިގަތެވެ.

*****

''އިވީ، ދެން ހިނގާބަލަ ބޭރަށް ދާން، މިހާރު ބޭރަށް ނުދާތާ މިވީ ކިހާދުވަސް...... ދެން ހިނގާބަލަ، ޕްލީޒް، އަހަރުމެން ސްކޮޑް އެންމެން ދާނެޔޭ...'' ތޫބާ ދިޔައީ އޭނައާއެކު ބޭރަށް ދިއުމަށް އެދި މައުވާ ގާތު އާދޭސް ކުރަމުންނެވެ. މައުވާ ނުދާން ބަހަނާތައް ދައްކަމުން ގޮސް އެންމެ ފަހުން ގޮތް ހުސްވާ ހިސާބަށް ދިއުމާއެކު ދާން އެއްބަސް ވިއެވެ.

''ވެއާރ އާރ ވީ ގޮއިންގް؟...'' މޫނު ދޮވެލައިގެން ފާޚަނާއިން ނިކުތް މައުވާ ސުވާލުކޮށްލިއެވެ. ލުއި ގޮތަކަށް ރީތިވެލަމުން ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް މައުވާ ނަޒަރު ހިންގާލިއެވެ. އޭނައަށް ހައިރާންކަމެއް ލިބިގެން ދިޔައީ ދެނެވެ. ދުވަސްތަކަކަށް ފަހު އަމިއްލަ ސޫރަ ފެނި އޭނަގެ ހިތް ބިރުވެރިކަމާއެކު ތެޅިގަތެވެ. ލޯގަނޑުން ފެންނަމުން ދަނީ ހަމަ އޭނަގެ ސޫރަ ހެއްޔެވެ؟ ލޯކައިރީގައި ވަނީ ކަޅުކުލައިގެ ފަށަލައެއް ލެވިފައެވެ. މޫނުގެ ކުލަވަރު ފަނޑުވެ ސިފަވަމުން ދިޔައީ ބޮޑު ބައްޔެއްގައި ދުވަސްތައް ހޭދަކޮށްފައިވާ މީހެއް ހެންނެވެ. އެރީތި ހަށިގަނޑުގެ ބައްޓަން ގެއްލި ވަނީ އަނަރޫފަ ވެފައެވެ. ލައިގެން ހުރި ހެދުން ވެސް ވަނާތަކުގެ އަޅައިގަތުމުގެ ބަދަލުގައި ވަނީ ސޮހިގެން ގޮސްފައެވެ. އަމިއްލަ ސިއްހަތާމެދު ކަންބޮޑުވެފައި ވަނިކޮށް މައުވާ ސިއްސައިގެން ދިޔައީ ތޫބާ އޭނަގެ ކޮނޑުގައި ޖަހާލުމުންނެވެ.

''ޔޫ ލުކް ގްރޭޓް، ހިނގާ އަވަހަށް ދާން، އީލާފްމެން ބޭރުގަ އެބަތިބި...'' ތޫބާ ބުންޏެވެ. މައުވާ އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ކުރިއަށް ހިނގައިގަތެވެ.

''އަދިވެސް ނުބުނަމެއްނު ދާން އުޅޭ ތަނެއް...'' މައުވާ އަނެއްކާ ވެސް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.

ކޮމެންޓް 0