''ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް!...'' މައުވާ ހަރުކަށިކަމާއެކުގައި ބުންޏެވެ.
މައުވާ ތޫބާއަށް އަވަސް ނަޒަރެއް ދެމުން އަނެއްކާ ވެސް ޝިއާފް ގާތު ކޮޓަރިން ނުކުތުމަށް އަމުރުކުރިއެވެ. ޝިއާފްގެ ދެލޮލުން ފެންނަމުން ދިޔަ ވޭނީ އުދާސްތަކުން އޭނަގެ މެޔަށް ގޮތްތަކެއް ވަމުން ދާތީ އަމިއްލަ ނަފުސު ދެކެ ވެސް ރުޅި އާދެވުނެވެ. ހިތުގެ އުތުރިއަރަން ފެށި ޖަޒުބާތުތަކުގެ މައްޗަށް މައުވާ ބޭނުންވީ ރުޅިވެރިކަން އިސްކުރާށެވެ.
''އަހަރެން ޤަބޫލުކުރަމޭ ކުރެވުނީ ކުށެއްކަމަށް... އެކަން ބަދަލު ކުރަން ކުރެވޭނެ ކޮންމެ ކަމެއް ވެސް ކުރަން އަހަރެން މިހިރީ ތައްޔާރަށް... ޕްލީޒް އިވީ، އަހަރެން ދެކެ ރުޅި ނާދެބަލަ، އަހަރެން އިވީ ދެކެ ވަރަށް ލޯބިވޭ، ދުވަހަކުވެސް އިވީއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން، ޕްލީޒް ޓްރަސްޓް މީ...'' ޝިއާފްގެ އަޑު ކުރެހިގެން ދިޔައެވެ.
''ދޮގު! ހުސް ދޮގު! ދެނެއް އަހަރެން ތިވާހަކަތަކަށް ނުހެއްލޭނެ... ތުބާއަށް ހޭލެވި މިތާ ސީންއެއް ކްރިއޭޓް ނުވަނީސް ޝިއާފް އަހަރެންގެ ކުރިމަތިން ދުރަށް ދޭ!... ނޫނީ ޝިއާފްގެ ވިޔާނުދާ އަމަލުތައް ޢާއިލާއަށް ހާމަކުރަންތަ ބޭނުންވަނީ؟...'' ބުމަގޮށްޖަހާލަމުން މައުވާ އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ. ޝިއާފްގެ އަޑުގައިވާ ރިހުމާއި ކެކުޅުމުގެ ބާރުގައި އޭނަގެ ވިސްނުން ބަދަލުކޮށްލަފާނެހެން ހީވި ވަގުތުކޮޅެއް ވެސް ދިޔައެވެ. ދެވަނަ ފަހަރަށް ޝިއާފްގެ މަޅީގައި ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އެދޮގުތަކުގެ ފަށުވިކަން ނިކަން ދެކި ބަލާށެވެ. ހިތްތައް އަނބުރާލުމުގެ ކުޅަދާނަކަން އޭގައި ވެއެވެ.
''އިވީ...'' ޝިއާފްގެ ދެލޮލުން ކަރުނަ ހިލުނެވެ. މައުވާގެ ލޯތްބަށް ސަލާންޖަހަން ޖެހުނަސް އެކަން ވެސް ކުރަން އޭނަ ހުރީ ތައްޔާރަށެވެ. އޭނަ މައުވާ ދެކެ ވަނީ ހަޤީޤީ ލޯތްބެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބީގެ ފޮނިމީރުކަން ހާސިލްކޮށްދިން ބައިވެރިޔަކީ ވެސް މައުވާ އެވެ. އެލޯބި ބީވެގެން ދާކަށް އެހިތެއް ނޭދެއެވެ. ކޮންމެ އަނިޔާއަކަށް ކެތްކުރެވުނަސް އެވޭނަށް އޭނައަށް ކެތެއް ނުކުރެވޭނެއެވެ.
''ދެން ކޯޗެއް ބަދަލު ކުރެވޭނީ؟... މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ... އަމާނީގެ ދިރިއުޅުން އަނބުރާ ޝިއާފަށް ހޯދައިދެވޭނެތަ؟، އަމާނީގެ މަންމަގެ ފުރާނަ އަނބުރާ ހޯދައިދެވޭނެތަ؟، އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ......... އަހަންނަށް ރަގަޅީ ދެން ޝިއާފްގެ ސޫރަވެސް އަހަންނަށް ނުފެނުނިއްޔާ!...'' މައުވާ ރުންކުރު ރާގަކަށް ވާހަކަދެއްކިއެވެ. ޝިއާފް އޭނަގެ ފައިބުޑަށް ވެއްޓި އާދޭސް ކުރިކަމުގައި ވިޔަސް ޝިއާފް ކޮށްފައިވާ ކުށްތަކަށް މާފު ދެވޭކަށް ނެތެވެ. އެއީ ހާދަ ހުތުރުކަން ބޮޑު ފާފަތަކެކެވެ. އެކަންތައްް ހަނދާން ނައްތާލާފައި ދެވަނަ ފުރުސަތެއް ދެވޭކަށް ނެތެވެ. އެއީ ޝިއާފް ހީކުރާހާ ފަސޭހަކަމެއް ވެސް ނޫންމެއެވެ. ޝިއާފަށް އެކަން ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
''އިވީ ޕްލީޒް، އަހަންނަށް ފުރުސަތެއް ދީބަލަ، ވަން ލާސްޓް ޗާންސް އިވީ... އަހަރެން ބޭނުން މާޒީ ހަނދާން ނައްތާލަން، ޕްލީޒް...'' ޝިއާފް ދެއަތް ޖޯޑުކޮށްލަމުން ބުނެލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ޝިއާފް މައުވާގެ ގާތުގައި އާދޭސް ކުރަމުން ދިޔައެވެ. މިއިން ދުވަހަކު ވެސް މީހެއްގެ ގާތުގައި އާދޭސްކޮށްފައި ނުވާ ޝިއާފް މައުވާގެ ފައިބުޑަށް ވެއްޓި މައުވާގެ ލޯތްބަށް ސަލާންޖަހަން ފެއްޓިއެވެ. އެހިތުން އޭނައަށް ދެވުނު މަގާމަށް އައިސްފައިވާ ކިލަބުކަން ފިލުވަން ކޮންމެކަމެއް ކުރަން ޖެހުނަސް އޭނަ ހުރީ ތައްޔާރަށެވެ.
މައުވާއަށް ކެތްކުރަން އިންތިހާއަށް އުނދަގޫ ވިއެވެ. ޝިއާފްގެ އާދޭސްތަކުން އޭނަގެ ސިކުނޑީގެ ނިންމުންތައް ބަދަލުކުރަން ފަޅިފަޅިވެގެން ގޮސްފައިވާ ހިތް ބާރު އަޅަންފެށީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. މައުވާއާއި ޝިއާފްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ޝިއާފްގެ ލޮލުގައިވި ވޭނީ އަސަރު ތަކުން އޭނަގެ ހިތް ފޫއަޅުވާލައިފިއެވެ. ދެންމެދެންމެ މައުވާގެ ޚިޔާލު ބަދަލުވެގެން ހިނގައިދާނެ ވަގުތުކޮޅެއް ވެސް އައެވެ. އެހެނަސް މައުވާ އެހުރިހާ ޖަޒުބާތުތައް އަމިއްލަ ނަފުސުގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ. ހިތް އޭގެ މަގާމުން ވީއްލިގެން ދިއުމުގެ ފުރުސަތެއް ދެން ދެވޭކަށް ނެތެވެ. ކަންފަތުގައި ގުގުމަން ފެށި އަމާނީގެ ވާހަކަތަކާއެކު އޭނައަށް މަޖުބޫރުވީ ޝިއާފަށް ފުރަގަސް ދޭށެވެ. އެއާދޭސްތަކަށް ބީރު ކަންފަތެއް ދޭށެވެ. އެނޫން އިތުރުގޮތެއް ވެސް ނެތީއެވެ. ރަހުމުގެ ކަންފުޅެއް ވެސް ނެތް ހިތުގެ ވެރިއަކަށް އިތުބާރު ކުރެވޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެހިތުގައި އިތުރު ޒަހަމްތަކަށް ކެތްކުރެވޭނެހާ ކުޅަދާނަކަމެއް ލިބިގެން ނުވެއެވެ.
''އިވީ...''
ޝިއާފްގެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. އެއާއެކު މައުވާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ޝިއާފާ ދިމާއަށް ނުބަލަން އޭނަ ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެއަޑުގައިވާ ރިހުމުން އޭނައަށް ކަމެއް ޔަޤީންކޮށްދޭން އުޅޭ ކަހަލައެވެ. އޭނަދެކެ ވާ ލޯބި ބަޔާންކޮށްދޭ ކަހަލައެވެ. ނަމަވެސް ކޮންމެ ފަހަރަކު މައުވާގެ ކަންފަތް އޭނައަށް އިއްވައި ދެމުން ދިޔައީ ޝިއާފް ކޮށްފައިވާ ފާފަތެކެވެ. މައުސޫމް ފުރާނައެއް ނަގާލި ގޮތެވެ. މައުވާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނު ހިނދު އެސްފިޔަތަކުގެ ތެރޭން ފުރޭނިގެން ދިޔަ ކަރުނަތައް ކޯތާފަތުން ފިރުކެން ފެށީ ނުހަނު ހަލުވި ދުވެލީގައެވެ.
''މިތަނުން ދޭ!...'' ޝިއާފާ ދިމާއަށް ބަލާލުމެއްވެސް ނެތި މައުވާ އިއްވާލީ އޭނަގެ އަޑަށް ރުޅިވެރިކަން ގެންނަމުންނެވެ.
އިރުކޮޅެއް ވަންދެން މައުވާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޝިއާފްގެ ތުންފަތް އެއްޗެއް ބުނަން ހަރަކާތްކޮށްލިއެވެ. ނަމަވެސް އޭނަގެ ހިތްވަރު އެލިގެން ދިޔައީއެވެ. ކަރުނަތައް ފޮހެލަމުން އޭނަ ތެދުވިއެވެ. އަދި މައުވާ ބުނި ފަދައިން ކަންތައް ކޮށްދިނުމަށް އަވަސްވިއެވެ.
ޝިއާފް ދޮރުގެ ތަޅުގައި ހިފާލަމުން އަދިވެސް އެއްފަހަރު މައުވާއަށް ބަލާލިއެވެ. މައުވާގެ ނިންމުން ބަދަލު ވެދާނެ ކަމުގެ އުއްމީދާއެކުގައެވެ. އެހެނަސް އެވަގުތެއް ނައެވެ. އިސްޖަހާލަމުން ޝިއާފް ކޮޓަރިން ނިކުތެވެ. ހިތުގައި އަޅަމުން ދިޔައީ ބަޔާން ކުރަން ދަތި ވޭނެކެވެ. ނޭވާލުން ވެސް އޭނައަށް ވީ ދަތިއުނދަގޫ ކަމަކަށެވެ. އެވޭނަށް ކެތްކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މިއަދު މައުވާއަށް އޮޅުވާލެވުނު ކަމުގެ މޮޔަ އޭނައަށް ހީވެއްޖެއެވެ. ރައްޓެހިންގެ އަވާގައި ޖެހި ކުރެވުނު ފާފަތަކާ މެދު އިންތިހާއަށް ލަދުވެތި ވިއެވެ. އެކަންތައް ބަދަލުކުރަން އޭނަ ބޭނުމެވެ. މާޒީ ވެސް މެއެވެ. ނަމަވެސް މިހާރު މާބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެއެވެ. ތަޤްދީރުގެ ނިންމުންތަކާ ކުޅުމުގެ ބާރެއް އިންސާނުންނަކަށް ލިބިގެން ނުވެއެވެ. އޭނަގެ ލޯހުޅުވުނު ހިނދު ހުރިހާ އުފަލަކުން މަހުރޫމް ވެއްޖެއެވެ. ދެން ދުވަހަކުވެސް މައުވާގެ ރުހުން އޭނައަށް ލިބޭނެހެނެއް ހިޔެއް ނުވެއެވެ.
*****
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ކަރުނުން ފުސްވެފައިވާ ދެލޮލުން މައުވާއަށް އެދިމާއަށް ބަލާލެވުނެވެ. މިހުރިހާ އިރު ވަންދެން ހިންދާލައިގެން ހުރި ގިސްލުމުގެ އަޑު ބޭރުވެގެން ދިޔައީ ދެނެވެ. ކަކުލުހުޅުން ވާގި ދޫވެގެން ގޮސް އޭނައަށް ޓައިލްސް މައްޗަށް ތިރިވެވުނެވެ.
''ކީއްވެ ޝިއާފް އެގޮތަށް ކަންތައް ކުރީ؟... ކީއްވެތަ؟... އަހަރެންގެ ހިތަށް ހާދަ ތަދުވެޔޭ، އަހަރެންގެ ކޮން ކުށެއް އޮވެގެން ޝިއާފް އަހަންނަށް މިހާ ބޮޑު ދެރައެއް ދިނީ، ލޯބި ވަމޭ ބުނެފައި އަހަންނަށް އޮޅުވާލީ ކީއްވެތަ؟...'' މައުވާއަށް ހިތާހިތާ ޝަކުވާކުރެވުނު އަދަދެއް ނޭގުނެވެ. ދެއަތް ގެނެސް މޫނު ފޮރުވާލަމުން މައުވާއަށް ރޮވުނެވެ.
މައުވާގެ ރުއިމުގެ އަޑު ކޮޓަރީގެ ހަތަރުފާރުތެރެއަށް ފޭދިގެން ދިޔަ އަޑުފަށްގަނޑަށް ފުން ނިންޖެއްގައި އޮތް ތޫބާ ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ވި މާހައުލަށް ތޫބާއަށް އަވަސް ނަޒަރެއް ހިންގާލެވުނެެވެ. އޭނައަށް ރޮމުން ދިޔަ މައުވާ ފެނުމާއެކު ލޮލުން ނިދީގެ އަސަރު މުޅިންހެން ފިލައިގެން ދިޔައެވެ. އެނދުން ތެދުވެލަމުން އޭނައަށް މައުވާގެ ގާތަށް ދެވުނު ގޮތެއް ވެސް ނޭގުނެވެ.
''އިވީ...'' ތުބާއަށް މައުވާގެ ކޮނޑުގައި ދެއަތުން ހިފާލެވުނެވެ. އެއާއެކު މައުވާއަށް ބައްދައިގަނެވުނީ ތޫބާގެ ގައިގައެވެ. އެވެސް ބާރަކަށެވެ. ތޫބާގެ ކޮނޑުގައި ބޯއަޅާލަމުން އޭނައަށް ބާރަށް ގިސްލެވުނެވެ. އެއަޑުގައިވާ ވޭނީ އަސަރުތަކުން ތޫބާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. މައުވާއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެ ކަމަށް އޭނަގެ ޒަމީރު އިންޒާރުދޭން ފެށިއެވެ. އޭނަ ދެން އަވަސްވެގަތީ މައުވާގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު އޮޅުންފިލުވުމަށެވެ.
''އިވީ... ތިރޮނީ ކީއްވެތަ؟...'' މައުވާގެ ބުރަކަށީގައި ތޫބާ ފިރުމާލިއެވެ. ތޫބާ ތަކުރާރުކޮށް ސުވާލުކުރިކަމުގައި ވިޔަސް ޖަވާބެއް ނުލިބުނެވެ. ފާއިތުވާން ފެށި ކޮންމެ މިނެޓަކާއެކު ތޫބާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނަގެ ވިސްނުމުގެ މިސްރާބު އެކިދިމަދިމާއަށް ދަތުރަން ފެށުމުން ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ކަންމަތީގައި އުޅޭ ޕާޓޭ ގުރޫޕު ކުދިން މައުވާއާ ފޮށުނީ ހެއްޔެވެ؟ ގޯނާ ކުރީ ހެއްޔެވެ؟
''އިވީ، ޕްލީޒް ރުއިން ހުއްޓާލާފަ ވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔައިދީބަލަ...'' ތޫބާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. މައުވާގެ ގިސްލުމުގެ އަޑަށް ދިޔާނާ އަތުވެދާނެތީ ވެސް އޭނަ ހުރީ ނުތަނަވަސް ވެފައެވެ. އޭރުން މަންމަގެ ސުވާލުތައް ވެސް ފުނިޖެހިގެން ދާނެއެވެ.
ޝިއާފްގެ ހަޤީޤަތް ތޫބާއަށް ހާމަކުރަން މައުވާ ފަސްޖެހުނެވެ. އެވާހަކަތައް އޭނަ ކިޔައިދޭނީ ވެސް ފަހެ ކޮން ދުލަކުން ހެއްޔެވެ؟ ބޭބެއެއްގެ އެފަދަ ވިޔާނުދާ ސިއްރެއް ހާމަވެގެން ދާއިރު ތޫބާއަށް ޝޮކެއް ވެސް ލިބުން ގާތެވެ. ތޫބާ އޭނަގެ ވާހަކަތަކަށް އިތުބާރު ނުކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ސަބަބުން ދެމީހުންގެ އެކުވެރިކަމަށް ލޮޅުމެއް ވެސް އައުން އެކަށީގެން ވެއެވެ. މިހުރިހާ ޚިޔާލުތަކާ ހުރެ މައުވާއަށް މަޖުބޫރުވީ އޭނަގެ ދޫ ހިމޭން ކުރާށެވެ.
''އައި މިސް މައި ފެމިލީ...'' މައުވާ ހަމައަކަށް އެޅިގެން ދިޔަ ދަނޑިވަޅުގައި ބުނެލިއެވެ. އޭނަ ތޫބާއާ ދުރަށް ޖެހިލަމުން މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އަދި ތުންފަތަށް ފަނޑު ހިނިތުންވުމެއް ގެނައެވެ.
ތޫބާއަށް އެވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ. އޭނަ މައުވާގެ މޫނުގެ ކުލަވަރުތައް ރަގަޅަށް ދިރާސާ ކުރަމުން ދިޔައެވެ. މައުވާ އޭނައަށް ކަމެއް ސިއްރުކުރާކަން ގައިމެވެ. އެދެލޮލުގައިވާ ވޭނީ ކުލަވަރުތަކުން ތޫބާގެ ޝައްކުތައް ޔަޤީނަށް ބަދަލުކުރުވި ވިއެވެ. އޭނަ އިތުރަށް ސުވާލުކުރުމުން ވެސް މައުވާ ތަކުރާރުކޮށްލީ އޭނަ ކުރިން ވެސް ދިން ޖަވާބެވެ. އަލިމަގެއް ނުފެންނާނެކަން ކަށަވަރުވުމުން ތޫބާއަށް ޖެހުނީ އެންމެފަހުން ހަތިޔާރު ބަހައްޓާށެވެ.
''ޑިޑް ޔޫ އީޓް؟...'' ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން ނައްތާލަމުން މައުވާ އެހި އެވެ. ތޫބާ ގާތު ދޮގު ހަދަން ޖެހުމުން އޭނަ ދެރަވެސް ވިއެވެ. އެހެނަސް އެއީ މިވަގުތަށް އެންމެ ރަގަޅު ގޮތް ކަމުގައި އޭނަގެ ޒަމީރަށް ވިސްނައިދިނެވެ.
''ހޫމްމް، ކައިގެން އައިސް އިވީގެ އިންތިޒާރުގައި އޮތްވާ ނިދުނީ... މިއަދު އިވީ ކަންތައް ކުރި ގޮތުން މަންމަ އަހަންނާ ދިމާއަށް ވަރަށް ހަޅޭއްލެވި... އަޅެ އަހަރެން ގާތު ބުނެފަ އީލާފާއެކު ދިޔަނަމަ، ނޫނީ އަހަރެން ގޮވައިގެން ދިޔަނަމަ... އައެމް ސްޓިލް އެންގްރީ...'' ތޫބާ ޝަކުވާގެ ރާގަކަށް ބުންޏެވެ. އަދި ހަށަން ބަންނަމުން ތުންއަނބުރާލިއެވެ. އެމަންޒަރު ފެނި މައުވާ ގާތަށް ހިނިއައެވެ.
''އައެމް ސޮރީ...'' މައުވާ ކަންފަތުގެ ލަވައިގައި ހިފާލަމުން މާފަށް އެދުނެވެ.
*****
ކޮޓަރިއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ވައިރޯޅިތަކުގެ ސަމާސާތަކާއެކު ކުޑަދޮރުގެ ފަރުދާތައް މިނިވަންކަމާއެކު ފަޒާގެ ތެރޭގައި ވިހުރެމުން ދިޔައިރު ދޮރުތަކުގެތޭރިތަކުން ވަންނަމުން ދިޔަ ފިނި ރޯޅިތަކުން މާހައުލަށް ގެނެެސްދީފައިވަނީ ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެކެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން ޝިއާފް އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. ބޮލުގައި އުފެދިފައިވާ ގަދަ ރިހުމާ ހެދި އޭނަ އޮތީ ކޮޅަށް ތެދުވާނެހާ ހިތްވަރު ވެސް ނެތިފައެވެ. އެސްފިޔަތައް މަރާލާ ކޮންމެ ފަހަރަކު ސިފަވެގެން ދަނީ މައުވާގެ ރީތި ސޫރައެވެ. އެލޮބުވެތި ހިނިތުންވުމެވެ. އެއާއެކު އެހިތުގައިވާ ޒަހަމްތަކުގައި ލޮނުމިރުސް ލެވިގެންދެއެވެ. މިއަދު އޭނަގެ ދެއަތުން އެވަނީ މައުވާގެ އުފާވެރިކަން ފޭރިގެންފައެވެ. ދެން ދުވަހަކު އެލޮބުވެތި ހިނިތުންވުން ދުށުމުގެ ނަސީބު ލިބޭނެ ކަމެއް ނޭގެއެވެ. ހާދަ ދެރައެވެ. އެލޯބި ލިބެން ދެން އޭނަގެ ނަސީބުގައި ހަމަ ނެތީ ހެއްޔެވެ؟ އެހިތުގައި އޭނައަށް ޓަަކައިވާ ރުޅިވެރިކަމާއި ނަފްރަތު ބަދަލުކުރަން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ މައުވާ އެދޭ ފަދައިން ދުރުގައި ހުންނަން ހަދައިންގެން އިތުރު އަނިޔާތަކެއް ނޫނީ ނުލިބޭނެއެވެ.
ފޯނު ރިންގްވާން ފެށުމުން ޝިއާފް ކަންނެތް ކަމާއެކު ފޯނު ނަގައި ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް ފޫހިކަމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. އޭނަގެ ހިތާމަތަކާއި ގުޅިފައިވާ އަސްލަކީ އޭނައަށް ޚިޔާރު ކުރެވުނު ގޯސް އެކުވެރިންނެވެ. އެކުވެރިން ނެގުމުގައި ރަގަޅު މިންގަނޑެއް އިސްކުރެވުނުނަމަ މިއަދު މައުވާ އޭނައަށް ނުގެއްލުނީހެވެ. ބޮޑެތި ފާފަތަކަށް ވެސް އަރައިނުގަނެވުނީހެވެ. ޝިއާފް ފޯނު ކަނޑާލިކަމުގައި ވިޔަސް ކޯލްތަކަށް ހުއްޓުމެއް ނައެވެ. އެންމެފަހުން ބޮލަށް އުނދަގޫވާ ހިސާބަށް ކަންތައް ދިއުމުން އޭނަ ފޯނު ނަގިއެވެ.
''އޭ ބްރޯ، ކައޭ ކޮންތާކު ތިހުރީ؟...'' ރިހާން ބުނެލިއެވެ. އޭނަ ހުރި މާހައުލުގެ ގޮތުން އަޑު ސާފު ވީވެސް އުނދަގުލުންނެވެ. ހިވާގޮތުން އެއީ ރެސްޓޯރެންޓެއްގެ ހަލަބޮލި މާހައުލެކެވެ.
''ގޭގަ، ކިހިނެއްވީ؟...'' ފަރުވާކުޑަ ރާގަކަށް ޝިއާފް ބުނެލިއެވެ.
''އޭ ކައޭއަށް ކިހިނެއްވީތަ އަނެއްކާ؟...'' ޝިއާފްގެ އަޑަށް ބަދަލު އައިސްފައިވުމުން ރިހާން ސުވާލުކޮށްލިއެވެ. ''މަ މިގުޅީ ކައޭގެ ޚަބަރެއް ނުވެގެން... މިރޭ މީ ރިޒޯޓް ނައިޓެއްނު...'' ރިހާން ހަނދާންކޮށްލަ ދިނެވެ.
''ހުންވައްތަރުވެގެން މިއުޅެނީ، މިރޭ ނެތް ދެވޭކަށް...'' ފުރަތަމަ ފަހަރަށް އެކުވެރިންނާއެކު ބޭރަށް ދާން ޝިއާފް އުޒުރުވެރި ވިއެވެ. އެކަމާ ރިހާން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އޭނަ ފޯނު ކަނޑާލީ ވެސް ޝިއާފާ ދިމާއަށް ފަތިވަރު އަމުނާލާފައެވެ.
''ޝިއާފް، ކާން ނައިސް މިއޮތް އަނދިރީގައި ކީއްތިކުރަނީ؟...'' ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަން ޒުލްފާ ޝިއާފަށް ގޮވާލިއެވެ. ކޮޓަރީގައި ރަސްކަން ކުރަމުން ދިޔަ އަނދިރިކަމަށް އޭނަގެ ލޯހޭނެން އިރުކޮޅެއް ނެގިއެވެ. ފާރުގައި ހުރި ސްވިޗް ބޯޑުގައި އަތް ހިންގާލަމުން ޒުލްފާ ބޮކި ދިއްލާލިއެވެ. އެއާއެކު ލޯތަރަތަރަ ޖަހައިގެންދާ ފަދަ އައްޔަކުން މުޅިތަން އުޖާލާ ވެއްޖެއެވެ. އަލީގެ ސަބަބުން ޝިއާފަށް އުނދަގޫވެސް ވިއެވެ.
''މީދެން މީހުން ނިދާ ގަޑިއެއްތަ؟...'' ދަރިފުޅުގެ އުޅުމާމެދު ޒުލްފާ އެއްގޮތަކަށް ވެސް ހިތްހަމަޖެހުނު ކަމަކަށް ނުވިއެވެ. އަނެއްކޮޅުން މިއަދު އޭނައަށް ޝަކީލާ ދިން ޚަބަރެއްގެ ސަބަބުން ވެސް މީހާގެ ޠަބީއަތު ވަނީ ހަރާބު ވެފައެވެ. މައުވާއާއި ޝިއާފް މާ ގިނައިން އެކުގައި ފެންނާތީ ޝަކީލާގެ ސަމާލުކަމަށް އައީއެވެ. އެޚަބަރުގެ ސަބަބުން ޒުލްފާ ހުރީ މައުވާ ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނަގެ އުއްމީދުތަކަށް އޮތް ބޮޑު ބިރަކަށް މައުވާ ވެފައި ވާތީއެވެ. އެކަމަށް ހައްލެއްވެސް ހޯދަން ޖެހިފައި ވާތީއެވެ.
މޫނު ދޮވެލައިގެން ކާން އައުމަށް ޝިއާފް ގާތު ބުނެލަމުން ޒުލްފާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މަންމަ ދިޔަ ދިމާއަށް ބަލަން އޮވެފައި ބުރަހެލި ކަމާއެކު ޝިއާފް ތެދުވުނެވެ. ހައިކަމުގެ އިހުސާސު ވެސް އޭނައަށް ކުރެވުނީ ދެނެވެ.
މޫނު ދޮވެލައިގެން ޝިއާފް ގޮސް ބަދިގެ ފަރާތަށް ނިކުތެވެ. އޭރު ޢާއިލާގެ އެންމެން ކާމޭޒު ދޮށުގައި ތިއްބެވެ. ޝިއާފް މައުވާއަށް ފުން ނަޒަރެއް ދެމުން ގޮސް އިށީނީ މައުވާއާ ޖެހިގެން ހުރި ހުސް ގޮނޑީގައެވެ. ޝިއާފްގެ އެއަމަލުން މައުވާގެ ހަރަކާތްތައް ގަނޑުވެގެން ދިޔައެވެ. އަތުގައި އޮތް ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ކާމޭޒު ދޫކޮށް ދާން އޭނަ ގަސްދުކުރިއެވެ. ނަމަވެސް ވަށައިގެން ވި މާހައުލަށް ނަޒަރު ހިންގާލެވުމުން އެފަދައިން ކަންތައް ކުރަން މައުވާ ފަސްޖެހުނެވެ.
ވީ ފޫއްސެއްގެ ސަބަބުން މައުވާއަށް ރަގަޅަކަށް ނުވެސް ކެވުނެވެ. ބަތްތަށި ހާވަން އިނދެފައި އެއްނޭވާއިން ޖޫސްތަށި ހުސްކޮށްލުމަށްފަހު އޭނަ އަވަސް ވެގަތީ އެތަނުން ދާށެވެ. ޝިއާފްގެ ވަސްވެސް ޖެހޭ ހިސާބެއްގައި ހުންނަން އޭނަ ބޭނުމެއް ނޫނެވެ.
މައުވާއަށް އައި ބަދަލުތައް ތޫބާއަށް ސިއްރެއް ނުވިއެވެ. ޝިއާފާއި މައުވާއަށް ބަލަން އޭނަ މިހުރިހާ އިރު އިނީ ހައިރާންވެފައެވެ. ސުވާލު އުފެދިފައެވެ. އެދެމެދުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ މައުވާ މިއަދު ރުއީ އެކަމުގެ ސަބަބުން ހެއްޔެވެ؟
*****
ސްކޫލް މަސައްކަތެއް ނިންމަން އިން މައުވާގެ ސަމާލުކަން ތޫބާއަށް ދެވުނީ ތޫބާ ދެފަހަރެއްގެ މަތިން ގޮވާލުމުންނެވެ. ތޫބާއަށް ބަލާލަމުން އޭނަ ނިތް އަރުވާލީ ކިހިނެއްވީތޯ އަހާލާ ފަދަ ގޮތަކަށެވެ.
''ކުޑޭއާއި އިވީއާ ދެމެދު މައްސަލައެއް ޖެހުނީތަ؟...'' ތޫބާ ކޮށްލި ސުވާލަކުން މައުވާ ސިހުނެވެ. އެސުވާލަށް ދޭނެ ޖަވާބެއް ވިސްނުމަކަށް ނައެވެ. އޭނައަށް ބަލަން ހުރެވުނީއެވެ.
''ކުޑޭ ފެނުމުން އިވީގެ މޫޑު އޮފްވިކަން އަހަންނަށް ނޯޓިސް ކުރެވުނު... އިވީ ދޮގު ނަހަދާ ތެދަށް ބުނެބަލަ...'' ތޫބާ ބުންޏެވެ. ''ކޮންމެ ރިލޭޝަންޝިޕެއްގައި ވެސް މައްސަލަ ޖެހުމަކީ އާންމު ކަމެއް، އެކަމަކު އެކަންތައް ދެމީހުން ޖެހޭނެ ވާހަކަދައްކައިގެން ހައްލުކުރަންވެސް...''
''އިފް އޮންލީ އައި ކޭން ޓެލް ޔޫ ދި ޓްރުތް، ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ފަދަ މައްސަލައެއް ނޫން އެއީ...'' މައުވާއަށް ހިތާހިތާ ބުނެވުނެވެ. ތޫބާގެ ސުވާލުތަކުން ރެކިގަންނާނެ ގޮތަކާ މެދު މައުވާއަށް ވިސްނާލެވުނެވެ.
''ވީ ބްރޯކް އަޕް...'' ތަފްސީލުތަކަށް ނުގޮސް މައުވާ ހާމަކުރިއެވެ. އިތުރަށް ދޮގު ހެދުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ޝިއާފާ އޭނަގެ ގުޅުމުގެ ފަހު ނޭވާ ދޫކޮށްލިތާ ކޮން އިރެއް ހެއްޔެވެ؟ ދެން އެގުޅުމަށް އިތުރު އާރޯކަމެއް ދުވަހަކު ވެސް ނާންނާނެއެވެ!
''ކީކޭ؟...'' ތޫބާއަށް ލިބުނު ހައިރާންކަން އެމޫނުމަތިން ރީއްޗަށް ފާޅުވިއެވެ. އޭނަ އަވަސް ފިޔަވަަޅުތަކެއްގައި އައިސް މައުވާގެ މަގަތުގައި އިށީނެވެ.
''ވީ ބްރޯކްއަޕް... އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް އެމައުޟޫއަށް ވާހަކަދައްކާކަށް...'' ފޮތަށް ނަޒަރު ހުއްޓާލަމުން މައުވާ ވާހަކަދެއްކިއެވެ. އެއާއެކު އިތުރު ސުވާލެއްކޮށްލަން ތޫބާ ފަސްޖެހުނެވެ. އެއީ މައުވާގެ ޒާތީ ކަމަކަށް ވެފައި މައުވާ ހިތްހަމަނުޖެހިދާނެތީއެވެ.