ދެއަތަށް ފުރޮޅެމުން ދިޔަ ޝިއާފަށް ނިދޭ ގޮތެއް ނުވިއެވެ. ބުރަހެލި ކަމެއް ނެތި އޭނަގެ ސިކުނޑި މަސައްކަތް ކުރާވަރުންނެވެ. ހަމައެއާއެކު އޭނައަށް މިރޭ މާބޮޑަށް މައުވާގެ ޚިޔާލުތަކުން އުނދަގޫވެސް ކުރަމުން ދަނީއެވެ. އެސްފިޔަތައް މަރާލެވޭ ހިނދު ސިފަވެގެން ދަނީ މައުވާ އޭނައާ ލޮބުވެތި ހިނިތުންވުމެއް ބައްދަލުކޮށްލާ މަންޒަރެވެ. ލަސްހިނގުމެއްގައި އޭނައާ ދިމާއަށް އަންނަ ތަނެވެ. އެހެނަސް ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުވެގެންދެއެވެ. އެހިނިތުންވުން މިލާ މޯޅިވެ ކަރުނުން އެރީތި ދެލޯ ފުރިގެންދެއެވެ. އޭނައަށް ފުރަގަސްދެމުން ފަސްދީ ދުއްވައިގަނެއެވެ. ޝިއާފް މައުވާގެ އަތުގައި ހިފަން އަތް ދިއްކޮށްލި ކަމުގައި ވިޔަސް މައުވާ ކުއްލިޔަކަށް ގެއްލެނީއެވެ. އެއިން ކޮންމެ ފަހަރަކު ޝިއާފަށް ސިހިފައި ލޯހުޅުވާލެވެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ނިދަންވެސް އޭނައަށް ދަތިވިއެވެ. މޭގައި ފިރުމަން އޮވެފައި ޝިއާފް އެނދުން ތެދުވުނެވެ. މާބޮޑަށް ކަރުހިއްކުން އިހުސާސް ކުރެވުނީއެވެ.
ލަސްހިނގުމެއްގައި ގޮސް އޭނަ ކޮޓަރިން ނިކުތެވެ. އެއާއެކު މޭގައި އައިސް ފިރުމާލީ ތެތްފިނިކަން އެކުލެވިގެންވި ރޯޅިއެކެވެ. ހުސްގަޔާ ހުރުމުން އޭނައަށް އޭގެ ގަދަ ފިނިކަން އިހުސާސްކުރެވުނެވެ. އޭނައަށް ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރާއި ވާރޭ ކަނިތަކުން ހިސާބަކަށް ތެމެމުން ދިޔަ ފޮތިގަނޑު ފެނުނު ހިނދު ހައިރާންކަން ލިބުނެވެ. ދެވަނަ ސިކުންތުގައި އެހައިރާންކަން އިތުރުވެގެން ދިޔައީ ކަންފަތުގައި އަންހެންކުއްޖެއްގެ މަޑު ގިސްލުމުގެ އަޑު ޖެހުނުހެން ހީވެގެންނެވެ. ދެވަނަ ފަހަރަށް ކަންފަތް ހުޅުވާލަމުން އެއަޑު އިވޭތޯ ސަމާލުކަން ދެވުނެވެ. އޭނައަށް ހީވީ ހަމަ ރަގަޅަށެވެ. އެއާއެކު މޭގައި އޮތް ހިތް ތެޅިފޮޅިގަތީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ.
''މައުވާ...''
ޝިއާފަށް ބުނެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބެލްކަނިއާއި އަރާހަމަކޮށްލިއެވެ. މުޅި ތަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރޭން ވެސް އޭނައަށް މައުވާ ފާހަގަ ކުރަން އުނދަގޫ ކަމަކަށް ނުވިއެވެ. މައުވާ ރޮމުން ދިޔަކަން ޔަޤީން ކުރެވުނީ އިރުއިރުކޮޅާ ފަޒާގެ ތެރެއަށް ފޭދެމުން ދިޔަ ގިސްލުމުގެ އަޑުންނެވެ. ޝިއާފްގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ކަހަލައެވެ. އޭނައަށް މައުވާގެ ގާތަށް ދެވުނީ އަމިއްލަ އިހުތިޔާރަކާ ނުލައެވެ.
''އިވީ...'' މައުވާ ސިހިގެން ދިޔައީ ދާދި ގާތުން ޝިއާފްގެ އަޑު އިވުމުންނެވެ. އިސްއުފުލާލެވުނު ހިނދު އެތޫނު ދެލޯ ވަނީ އޭނައަށް އަމާޒުވެފައެވެ. އެކަން ހާމަކޮށްދިނީ ވިދާލި ވިދުމާއެކު ފެތުރިގެން ދިޔަ ފަނޑު އަލިކަމުންނެވެ. އެދާދި މަދު ވަގުތުކޮޅުގައި ވެސް އެހާ ގާތުން ޝިއާފްގެ ސޫރަ ފެނުމުން ހުރިހާ ހިތާމަތަކެއް މަތިން މައުވާ ހަނދާން ނެތުނު ކަހަލައެވެ. ބޭނުންވީ އެތަނަވަސް މޭގެ ހިމާޔަތަށް އެދޭށެވެ. އެހަށިގަނޑުގެ ހޫނުކަން އިހުސާސް ކުރާށެވެ. އެއަތުގެ ހިމާޔަތުގެ ތެރޭގައި ރޯލާށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރުމަށް މައުވާ ނުކުޅެދުނެވެ. ހުއްޓުން އަރާފައި ބަލަން އިނދެވުނީއެވެ. އެދެމެދުގައި ދަމާ ބާރެއް ވާކަން ގައިމެވެ.
''ޕްލީޒް ސްޓޮޕް ކްރައިންގް... އަހަރެން އިވީ ބޭނުން ކޮންމެ ކަމެއްކޮށްދީފާނަން، ދުރުގައި ހުންނަން އެދޭނަމަ ހިތުން ރުހުމުން އެކަން ވެސް ކޮށްދޭނަން... އެކަމަކު އަހަރެންގެ ޝަރުތެއް ވޭ، ތިދެލޮލުން ދެން ދުވަހަކު ކަރުނަ އަޅާ ނުރޯނަންކަމަށް އަހަންނަށް ވަޢުދުވޭ......'' ކުރެހިފައިވާ އަޑަކުން ޝިއާފް ވާހަކަ ދެއްކިއެވެ.
މައުވާގެ ކޯތާފަތުން ތިކިތަޅަމުން ދިޔަ ކަރުނައާއި އެމޫނުގައިވާ މާޔޫސްކަމުން އޭނަގެ މެޔަށް ނުބައި ގޮތެއް ވިއެވެ. ކުށްވެރި އިހުސާސްތަކުން މުޅި މީހާ ވަށާލިއެވެ. ކިތަންމެ ފަހަރަކު މައުވާ ގެނެސް މޭގައި ލައްކޮށްލަން ހިތް އެދި ގޮވިއެވެ. އެކޯތާފަތުގައިވާ ކަރުނަަތައް ފޮހެލަން ބޭނުން ވިއެވެ. އޮއްސިފައިވާ މައުވާގެ ރީތި ހިނިތުންވުން އެތުންފަތަށް އަނބުރާ ގެންނަން ބޭނުން ވިއެވެ. އެހެނަސް ހިތުގެ މުރާދަށް ހުރަސް އެޅުވީ މައުވާ އޭނައާ ދިމާއަށް ބުނެފައިވާ ރުޅިވެރި ބަސްތަކުންނެވެ. އޭނަ ދެކެ ކުރާ ނަފްރަތުންނެވެ. އެދެލޮލުން އޭނައަށްޓަކައި ފާޅުވޭވޭ ހުންނަ ރުޅިވެރިކަމުންނެވެ. އޭގެ ދިލަ އާވިން އޭނަ އެދަނީ ފިހެމުންނެވެ. ހަނާވަމުންނެވެ. ހިތަށް ކުރި އަސަރާ އެކު ޝިއާފަށް އިސްތިރިކޮށްލެވުނެވެ. އެވަގުތު އެލޮލުން ފޭބި ކަރުނަ ގޮސް ބީހުނީ މައުވާގެ އަތުގަ އެވެ. ސިއްސައިގެން ދިޔަ މައުވާ ޝިއާފަށް ބަލަން އިންދާ ޝިއާފް ތެދުވެ ދުރަށް ހިނގައިގެންފި އެވެ.
''އަހަރެން ޤަބޫލުކުރަން ކުރެވުނީ މަޢާފް ލިބުން ހައްޤު ނޫން ކުށެއްކަމަށް... އަހަންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއް، އެކަމާމެދު އަހަރެން ދެރަވެ ލަދުވެތިވަން... އެނގޭ އަހަންނަށް އަމާނީގެ ދިރިއުޅުން ހޯދައި ނުދެވޭނެކަން ވެސް...... އަދި އިވީގެ ހިތުގައި ވަރަށް ބޮޑަށް ޖެއްސިއްޖެކަން ވެސް... އެކަމަކު ވެސް އެހުރިހާ ކަމަކަށް ފަހު ފަހަރު އަހަރެން މާފަށް އެދެން... އަހަރެން ފެންނަ ހިސާބުގައި ހުންނަ ނަމަ އެއީ އިވީއަށް ލިބޭ ވޭނަކަށް ވާނަމަ އަހަރެން މިތަނުން ގޮސްދާނަން، އިވީގެ ހިތްހަމަޖެހުމަކީ އެއީ ކަމަށް ވާނަމަ ހިތުން ރުހުމުން އެކަންކޮށްދޭނަން... މާދަމާއިން ފެށިގެން އިވީގެ ރުޅިވެރި ބެލުންތައް އަހަންނަށް އަމާޒެއް ނުވާނެ......... އެކަމަކު އަހަރެން ދަމުން ކަމަކަށް އެދެން..... އެއީ... ތިދެލޮލުން ދެން ދުވަހަކުވެސް ކަރުނައަޅާއި ނުރޯނަން ކަމަށް.........'' ފަސްއެނބުރި ބަލާލަމުން ޝިއާފް ބުންޏެވެ. އެބަލާލުމުގައި ތަފާތު ކަމެއް ވިއެވެ. ހީވި މުޅި އުމުރަށް ވަދާއުގެ ސަލާމެއް ބަދަލުކޮށްލި ހެންނެވެ.
ޝިއާފްގެ އަޑުގައިވި އަސަރުން މައުވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
މައުވާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ޝިއާފްގެ އަޑުގައިވި އާދޭހުން އޭނަގެ ނިންމުން ބަދަލު ކުރަން ހިތް ގަދައަޅައި މަސައްކަތް ކުރަމުން ދިޔައެވެ. ދެވަނަ ފުރުސަތެއް ޝިއާފަށް ދިނުމަށް އެދި ރުޔެވެ. މާޒީ ހަނދާން ނައްތާލާފައި ޝިއާފްގެ އަތުގައި ހިފުމަށް އެދި އާދޭސްކުރަން ފެށިއެވެ. އަދި ހަމަ އެންމެ ފަހު ފަހަރަށް ކަމުގައި ވިޔަސް ޝިއާފަށް އިތުބާރުކުރުމަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް... ނަމަވެސް ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތަކާ މައުވާއަށް ދުރަށް ނުދެވުނެވެ. އަމާނީގެ ވޭނީ ފަސާނާ އިރުއިރުކޮޅާ އޭނަގެ ނިންމުމަށް ހުރަސް އަޅަމުން ގެންދިޔައެވެ. އަމާނީ ދިން އިންޒާރުތައް ވެސް މެއެވެ. މައުވާއަށް ކަންފަތުގައި އަތް އަޅާލެވުނީ އެއަޑުތަކާ ދުރަށް ދިއުމަށެވެ.
''ޝިއާފް މައުވާ ދެކެ ވާ ލޯބި ހަމަ ނުފެންނަނީތަ؟، ނޫނީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އެކަން ނުފެންނަ ކަމަށް ހަދަނީތަ؟ ކުރެވުނުކަންތަކާ މެދު ހަޤީޤަތުގައި ވެސް ދެރަވެ ހިތާމަކުރާކަން ޝިއާފްގެ ކޮންމެ ހަރަކާތަކުން ހެކިދޭ... އެދެލޮލުގައި އެވާ ރިހުމުން ސާބިތުކޮށްދޭ.... ޝިއާފް އެވާ އަނދިރިކަމުން ސަލާމަތްވުމަށް އިތުރު ފުރުސަތެއް ނުދެވެންވީ ކީއްވެތަ؟، އެކުށް އިސްލާހުކޮށް ތައުބާވުމުގެ ފުރުސަތު ނުދެވެންވީ ކީއްވެތަ؟، ޝިއާފްގެ ހިތުގެ އެދުމަކީ މައުވާގެ ހަށިގަނޑުން އުފާ ހާސިލުކުރަން ކަމުގައި ވަނީނަމަ މިވީހާ ދުވަހު ކީއްވެތަ އެކަން ކުރަން ނޫޅުނީ، މިވީހާ ދުވަހު މައުވާގެ ނުރުހުމުގައި ޝިއާފް މައުވާގެ ހަށިގަނޑުގައި ބީހުނުތަ؟............ މައުވާ ނިކަން ވިސްނާލަބަ... މިވީހާ ދުވަހު ޝިއާފް ދެކެ ނަފްރަތު ކުރަން މަސައްކަތް ކުރިއިރު އެކަން ކާމިޔާބު ނުވީ ކީއްވެގެންކަމާމެދު، އަދިވެސް މައުވާ އެދެނީ ޝިއާފްގެ ލޯތްބަށް، ހަމަ އެފަދައިން ޝިއާފް ވެސް އެދެމުން އެދަނީ މައުވާގެ ލޯތްބަށް، ތި ދުލުން އެންމެ ފަހަރަކު ވިޔަސް މާފުކޮށްފީމޭ ބުނާ އަޑު އަހަން..... ޝިއާފް އެދަނީ މައުވާ އެދުނު ގޮތަށް ކަންތައް ކުރުމަށް، އެއީ ކީއްވެގެން ކަމާމެދު ވިސްނާލަބަލަ، ހަމަ އެންމެ ފަހަރަކު، ވަގުތު ފާއިތުނުވަނީސް......'' މައުވާގެ ހިތް ބުނަމުން ދިޔައެވެ.
ޝިއާފް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މައުވާގެ ނޭވާ އެތެރެހަށީގައި ތާށިވަމުން ދިޔައެވެ. ފަހަތުން ގޮސް ކިތަންމެ ފަހަރަކު ޝިއާފްގެ ހަށިގަނޑުގައި ބައްދައިގަނެ އެހިތުގެ ހާލު ބަޔާންކޮށްދޭން ބޭނުންވިއެވެ. އޭނަ ދޫކޮށްފައި ނުދިއުމަށް އެދި އާދޭސްކުރަން ބޭނުން ވިއެވެ. އެހެނަސް މައުވާގެ ހަށިގަނޑަކަށް ބާރެއް ނުލިބުނެވެ. އޭނައަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލުމެވެ. އޭރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަވެ މަންޒަރު ފުސްކޮށްލައިފިއެވެ. ދެއަތްގެނެސް މޫނު ފޮރުވާލަމުން މައުވާއަށް ބާރަށް ރޮވުނީއެވެ. އޭނަގެ ހިތް ޝިއާފަށް މާފު ދިނުމަށް ތެޅިފޮޅެމުން ދިޔަކަމުގައި ވިޔަސް ސިކުނޑި އެކަމަށް ހުރަސް އެޅިއެވެ. ކަތިފިޔަވަޅެއް އެޅި ފުންމިން ނޭގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓި ހަނާ ވެދާނެތީއެވެ. އެއީ އެހާ ފަސޭހައިން މާފު ދެވޭވަރުގެ ކުށެއް ނޫނެވެ. ހިތާއި ސިކުނޑީގެ ވަރުގަދަ ކުރިމަތި ލުމުގައި ހިތް ނާކާމިޔާބުވެގެން ދިޔައީއެވެ. ހާދަ ދެރައެވެ.
*****
ކޮޓަރިއަށް އައިސް ވަން ޝިއާފަށް އެނދުކައިރިއަށް ތިރިވެވުނެވެ. އޭނަގެ ހަށިގަނޑުގެ ހަކަތަ ހުސްވީއެވެ. އެނދުގެ ފޭޑީގައި ބުރަކަށި ޖައްސާލަމުން އެތެރެހަށީގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް އޭނަގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް ޝިއާފްގެ ދެލޯ ފޫއަޅުވާލާފައި ފުލުފުލުން ކަރުނަތައް ފައިބައިގަތެވެ. އެއްއަތް ގެނެސް ޝިއާފަށް މޫނު ނިވާކޮށްލެވުނެވެ. އޭނަ ނުރޯން ގަދައަޅައި މަސައްކަތްކުރިކަމުގައި ވިޔަސް އެކަން ވެސް ވީ ބޭކާރުކަމަކަށެވެ. މިރޭ އެހިތަށް އަމާޒުވި ހަންޖަރުގެ ހަމަލާގެ ވޭން އޭނައަށް ބަރުދާސްތު ނުކުރެވުނީއެވެ. ހަމައެއާއެކު ލިބުނު ހުރިހާ އުދާސްތައް ވެސް އެތެރެހަށީގައި ގައިދު ނުކުރެވި މިނިވަންކަމާއެކު ބޭރުކޮށްލެވުނީއެވެ.
*****
ގުގުރީގެ އަޑު ބާރުވެ މާހައުލަށް ނާމާން ކަން ގެނުވައިފިއެވެ. ވެހެމުން ދިޔަ ވާރޭ ކުރިއަށް ވުރެ ބޯކޮށްލައި ރޯޅީގެ ހަމަލާތައް ވެސް ފަޒާގައި އަތްގަދަކޮށްލައިފިއެވެ. ރޮމުން ދިޔަ މައުވާ އިރުއިރުކޮޅާ ސިއްސައިގެން ދަނީ އިވެމުން ދިޔަ ބާރު ގުގުރީގެ އަޑުންނެވެ. ބޭރުތެރޭގައި އުފެދިފައިވާ ތޫފާނަށްވުރެ ތަންފުކެއްވެސް އެހަށިގަނޑު ތެރޭގައި ފެތުރެމުންދިޔަ ތޫފާން ދުލެއް ނުކުރެއެވެ. ފަޒާގައި އެކުލެވިގެންވާ ގަދަ ފިނީގެ އަސަރެއް ވެސް މައުވާއަކަށް ނުކުރެއެވެ. ރޮމުން ގޮސް މިހާރު އަޑު ނުނިކުމެއެވެ. ލޯ ރަތްވެ ކަރުނަތައް ހިކުމުގެ އަތަކަށް އަޅައިފިއެވެ.
ކުއްލިޔަކަށް އިވުނު ހޮނު ގުގުރީގެ އަޑާއެކު ދެކަންފަތުގައި އަތްއަޅާލަމުން މައުވާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑު ވާރޭގެ ތެރެއަށް ހިނދިގެން ދިޔަ ކަމުގައި ވިޔަސް ފަނޑުކޮށް ނަމަވެސް ކޮޓަރީގައިވި ޝިއާފްގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު އޭނައަށް ވީ ގޮތެއް ވެސް ނޭގުނެވެ. ކަރުނަތައް ފޮހެމުން ކޮޓަރިން ނުކުމެވުނީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. އޭނައަށް ކޮޓަރިން ނިކުމެވުނު ވަގުތަކީ ދެވަނަ ގުގުރީގެ ބާރުއަޑުފަށްގަނޑާއެކު ކަރަންޓް ކެނޑިގެން ދިޔަ ވަގުތުވެސް މެއެވެ.
އަވަސްއަވަހަށް ގޮސް ބަދިގޭގެ ކަބަޑެއް ހުޅުވާލުމަށްފަހު އުށްބައްތިއެއް ނަގައި ލައިޓަރަކުން ރޯކޮށްލުމަށްފަހު ބާރު ހިނގުމެއްގައި ހިނގައިގަތީ ބެލްކަނިއާއި ދިމާއަށެވެ. އޭރުވެސް މައުވާގެ ހަޅޭކުގެ އަޑު ފަނޑުކޮށް އިވެމުން ދިޔައެވެ. ޝިއާފް ގޮސް ބެލްކަނިއަށް ނިކުތެވެ. އަތުގައި އޮތް އުށްބައްތީގެ ހުޅުކޮޅު އޭރު ދިޔައީ ވަޔާ ހަނގުރާމަ ކުރަމުންނެވެ. ހަމަ ކޮންމެ ވަގުތެއްގައި އޭގެ ނިމުން އައިސްދާނެ ފަދައަކުންނެވެ. ޝިއާފް އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އޭނަ ގޮސް އުނދޯލީގައި އިން މައުވާގެ ގާތަށް ހުޓިލަމުން ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އަދި މައުވާއަށް ގޮވާލިއެވެ. ދެލޯމަރާތަގުޅިކޮށްލައިގެން އިން މައުވާ ލޯހުޅުވާލި ހިނދަކީ ވައިރޯޅީގެ ގޯނާތަކަށް ކެތްނުކުރެވި ހުޅުކޮޅު ވެސް ހަލާސްވެ ފަޒާގެ ތެރެއަށް ދުންކޮޅު ފެތުރުނު ވަގުތަށެވެ.
ބޭކާރު ކަމެއްކަން އެނގޭއިރުވެސް ޝިއާފް ދެވަނަ ފަހަރަށް އުށްބައްތި ރޯކޮށްލަން އުޅުނެވެ. ނަމަވެސް އޭނަގެ އެމަސައްކަތަށް ހުރަސް އެޅިގެން ދިޔައީ މައުވާކޮށްލި ހަރަކާތަކުންނެވެ. ބިރުން އިން މައުވާ ޝިއާފްގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން އެމޭގައި މޫނު ފޮރުވާލިއެވެ. މެޔަށް ފިނިވެގެން ދިޔަ ޝިއާފް ހުރީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. ލިބުނު ޝޮކާއެކު އަތުގައި އޮތް ލައިޓަރާއި އުށްބައްޓި ވެއްޓިއްޖެއެވެ. މައުވާގެ ފިނި ހަށިގަނޑު ހުރަހަކާއި ނުލާ ބީހުމުން އޭނަގެ ހިއްސުތަކާއި ވެސް ކުޅެލިއެވެ. އޭނައަށް މައުވާގެ ތުނިހަށިގަނޑު އެބާރުގަދަ ދެއަތުން ވަށާލެވުނީ ބޭއިހްތިޔާރުގައެވެ. މައުވާގެ ހަށިގަނޑުގައި ވާ ތުރުތުރުލުމުން މައުވާ ބިރުގެންފައިވާ މިންވަރު ޝިއާފަށް އަންދާޒާ ކުރެވުނެވެ. އެއާއެކު ކުރިއަށް ވުރެ ބޮޑަށް މައުވާ ގެނެސް މޭގައި ފޮރުވާލެވުނެވެ. އަދި މައުވާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. ވަމުން މިދާ ގޮތަކާ މެދު ވިސްނާލުމެއް ވެސް ނެތިއެވެ.
ޝިއާފްގެ ހަށިގަނޑުގެ ހޫނުކަމާއި އެހިތުގެ ތެޅުން އިހުސާސް ކުރެވުމުން މައުވާގެ ބިރު ފިލައިގެން ދިޔައެވެ. އަދި ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މައުވާއަށް އެހަށިގަނޑުން ވަސްގަނެލެވުނީ ވެސް އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. ހިތް ބަންޑުންކޮށްލާ ފަދަ ލުއި މީރު ވަހެކެވެ. އެއަތުގެ ތެރެއަށް ވިރި އެހަށިގަނޑާއި ގުޅިލާ މެހިގެން ދާން އޭނަގެ ހިތް އެދި ގޮވަން ފެށީ ކުއްލިޔަކަށެވެ. އެހޫނު ނޭވާއާއި އެކުވެގެން ދާން ވެސް މެއެވެ. އެހެނަސް...........
ހަމަހޭވެރިވުމާއެކު މައުވާއަށް ޝިއާފްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލެވުނެވެ. ސިހިގެން ދިޔަ ޝިއާފަށް މައުވާގެ ގައިން ދޫކޮށްލެވުނެވެ. ލިބުނު ވަގުތީ އުފާވެރިކަމުން މަހުރޫމްވުމުން ޝިއާފްގެ މޫނު ހިތާމައިން ފޯވިއެވެ. ވަށައިގެން އަނދިރިކަން ވެރިވެފައި އޮތް ކަމުގައި ވިޔަސް ތަކުރާރުކޮށް ފެނިގެންދާ ވިދުންތަކުން އެއަނދިރިކަން ފޫއަޅުވާލަމުން ދިޔަ އެވެ. މައުވާއަށް ޝިއާފްގެ މޫނުގައިވި މާޔޫސްކަން ރަގަޅަށް ފާހަގަ ކުރެވުނެވެ. އޭނަ އަވަސްއަވަހަށް އެތަނުން ދާން ތެދުވުނެވެ. މަޑުކޮށްފިއްޔާ އޭނައަށް އިމުން ބޭރުވެވިދާނެތީއެވެ.
ޝިއާފް ވެސް ތެދުވުނެވެ. އަދި ބަހެއް ވެސް ބުނެލުމެއް ނެތި މައުވާ ދަންދެން ބަލަން ހުއްޓެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ނާޝްތާ ކުރިއަށް ދިޔަ ވަގުތު ޝިއާފް އޭނަ އެހެން ތަނަކަށް ބަދަލުވާން އުޅޭ ޚަބަރު ދިނެވެ. އެއާއެކު ހީވީ ކާމޭޒު ދޮށުގައި ބޮމެއް ގޮއްވާލެވުނުހެންނެވެ. ސިހިގެން ދިޔަ ދިޔާނާއަށް ޝިއާފަށް ބަލާލެވުނީ އިވުނު ޖުމްލަ ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. ހަމައެފަދައިން ހުސޭން ވެސް ޝިއާފަށް އަވަސް ނަޒަރެއް ދީފިއެވެ.
''ކީއްކުރަން؟ މިގެ ދޫކޮށް އެއްވެސް ތަނަކަށް ޝިއާފް ގޮސްގެން ނުވާނެ!...'' ޒުލްފާ ހިތްހަމަނުޖެހުމާއެކު އިއްވާލިއެވެ. ހުސޭންގެ ހިޔާވެހިކަން ދޫކޮށް އެހެން އެއްވެސް ތަނަކަށް ޝިއާފް ދާކަށް ޒުލްފާގެ ހިތެއް ނުރުހުނެވެ. ހަމައެއާއެކު ކުޑަކުޑަ ގޮޅިއެއްގައި އެތައް ބަޔަކާ އެކު ކޮޓަރި ހިއްސާކުރުން ވެސް މެއެވެ. ޝިއާފަށް މިތަން ނޫން ރަގަޅު ތަނެއް ނުލިބޭނެއެވެ. ހަމައެއާއެކު ހުސޭންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރުމުން އޭނަގެ ހިތަށް ފިނިކަމެއް ވެސް ލިބެއެވެ. ގޯސް ބަކަޔާ ޖެހި ފިރިހެން ދަރިފުޅު މަގު އޮޅިގެން ނުދާނެކަމުގެ ޔަޤީންކަން އޮންނާތީ އެވެ.
''އޮފީހާ ތަންކޮޅެއް ކައިރި ހިސާބަކުން ޖާގައެއް ލިބުނީމަ...'' ޝިއާފް ރޮށިތަށިން ރޮށިކޮޅެއް ކާލުމަށްފަހު ސައިފޮދެއް ބޯލިއެވެ.
''ސައިކަލެއް ހުރޭ، ކިތަންމެ ދުރުވިޔަސް ކޮބާ މައްސަލައަކީ؟.... މަ ބުނެފީމެއްނު ޝިއާފް މިތަން ދޫކޮށް ގޮސްގެން ނުވާނެއޭ، އެނިމުނީ! އަޑުއިވިއްޖެތަ؟...'' ޒުލްފާ ރުންކުރުވިއެވެ. ދިޔާނާ ވެސް ޒުލްފާގެ ވާހަކައަށް ތާއީދު ކުރިއެވެ. ޝިއާފް ކިތަންމެ ބަހަނާއެއް ދައްކަން އުޅުނުކަމުގައި ވިޔަސް ހުސޭންގެ ނިންމުން އަޑު އިވުމުން ޖެހުނީ މާޔޫސްކަމާއެކު ކަރުއެލުވާލާށެވެ.
ކީއްވެގެން ކަމެއް ނޭގެއެވެ. ޝިއާފް އެގޭގައި ހުރުމަށް ހަމަޖެހިގެން ދިއުމުން މައުވާގެ ހިތަށް ފިނިކަމެއް އިހުސާސް ކުރެވުނެވެ. އޭނަ އެކަން ސިއްރުކުރަމުން ހެނދުނު ނާސްތާއިގެން ކުރިއަށް ދިޔައެވެ. ދެންމެ ހިނގި ޒުވާބަށް ފަހު ކާކޮޓަރީގެ މާހައުލު ބަދަލުވެގެން ގޮސްފިއެވެ. އަދިވެސް ޒުލްފާގެ ފަތިވަރުގެ އެމުނުމަށް ހުއްޓުމެއް ނާދެއެވެ. ޝިއާފް އަވަސްއަވަހަށް ސައިބޮއެ ނިންމާލުމަށްފަހު އޮފީހަށް ދިޔައެވެ.
*****
ހަވީރުގެ ވަގުތެވެ. ވެހެމުން ދިޔަ ވާރޭ ހުއްޓާލި ކަމުގައި ވިޔަސް ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކަށް ބަދަލެއް ނާދެއެވެ. ގިނަ އިރު ވާރޭ ވެހެމުގެ ނަތީޖާއެއްގެ ގޮތުން މަގުތަކުގައި ވަނީ ބޮޑެތި ފެން އާރުތައް ހެދިފައެވެ. ފެން އާރުތަކުން ރެކެމުން އަލޫފް ސައިކަލު ދުއްވަމުން ދިޔައީ ވަކި މަންޒިލެއް ނެތިއެވެ. ސައިކަލުގެ ފަހަތުގައި އިން ތޫބާ އިނީ އަލޫފްގެ މެދު ހަށީގައި ބައްދާލައިގެންނެވެ. ފަޒާގައިވާ ތެތްފިނިކަމުން ހަށިގަނޑަށް ކުރަމުން ދިޔަ އުނދަގޫތަކުން ރައްކާތެރިވުމަށެވެ. އަލޫފްގެ ހަށިގަނޑުގެ ހޫނުކަމުން ތޫބާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލަމުން ދިޔައެވެ. ތޫބާގެ އެގާތްކަމުން އަލޫފަށް ވެސް ހަމަޖެހުމެއް ގެނެސްދީފައި ވެއެވެ.
''ކޮންތާކަށްތަ މިދަނީ؟...'' ތޫބާ ކުރިއަށްވުރެ ބޮޑަށް އަލޫފްގެ ހަށިގަނޑުގައި ލައްވެލަމުން އަހާލިއެވެ. އޭރު ސައިކަލު ވަނީ ޓްރެފިކް ލައިޓެއްގައި ޖެހިފައެވެ.
''ތޫބާ ބޭނުން ތަނަކަށް...'' އަލޫފް ހީލުމަކާއެކު ބުންޏެވެ. ތޫބާއާއެކު ހޭދަކުރެވޭ ވަގުތު ތަކުގައި މުޅިން އެހެން އަލޫފެއް ވުޖޫދަށް އާދެއެވެ. ހިތްހެޔޮ މަޑުމައިތިރި އަލޫފެކެވެ. އެހުރިހާ ބަދަލެއް އޭނައަށް އަންނަނީ ތޫބާ ގާތުގައި ހުރުމުންނެވެ. ހަމައެއާއެކު މިހާރު ޒޯހާ އާއި ވަކިވެފައިވުމުން ތޫބާއާއެކު އާޚަޔާތެއް ފެށުމަށް ވެސް އޭނަ ގަސްދުކޮށްފައި ވެއެވެ. މަންމަމެން ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އެވެ. ތޫބާގެ އުމުރު ފުރިހަމަ ވުމާއެކު އޭނަގެ ހިތުގެ މުރާދު ހާސިލް ކުރަން ކަމަށް އޭނަ ވަނީ ހިތުލައިފަ އެވެ.
''އޯވވވވވ... އަހަރެން ބޭނުމީ ސީހައުސްއަށް ދާން...'' ތޫބާ ތުއިއަޑަކުން ބުންޏެވެ. ސިގްނަލް ފެހި ވުމާއެކު އަލޫފް ސައިކަލު ދުއްވާލީ ތޫބާ ބުނި މަންޒިލަށް ދިއުމަށެވެ.