ޝިއާފްގެ މަންމަ ޒުލްފާ މާލެ އައުމުން ޝިއާފް އުޅުނީ މަންމަ ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ވަރަށް ބިޒީ ކޮށެވެ. ނަމަވެސް އެކަމުގެ އަގުވެސް ޒުލްފާ އަދާކުރިހެނެއް ހިޔެއްނުވެއެވެ. ހުރިހާވެސް މައްސަލައަކީ ޒުލްފާ ހިތްހަމަޖެހޭ ވަރުގެ ޑޮކްޓަރަކަށް ދައްކަން ނުގެންދިއުމުންނެވެ. އޭނަގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހޭކަމަށް ޑޮކްޓަރުން ބުނުމުން ޑޮކްޓަރުން ދެކެ އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރޯނު އެދުރަކަށްވެ ތިމާއަށް ވުރެ މައްޗަށް ތައުލީމު ހާސިލުކޮށްގެން ތިބި މީހުންގެ ބަހެއް ވެސް ޤަބޫލު ކުރިކަމަކަށް ނުވިއެވެ. ހަމަ ތިމާގެ ގޮތުގައި ހިފެހެއްޓިއެވެ. މެއިން ދިލަ ނަގާތީ ކުޅި އެއްޗިއްސާ ދުރުވާން ޑޮކްޓަރުން ބުނުމުން އަޑު އިވުނުކަމަށް ވެސް ނެހެދިއެވެ. އެކަމާ ޝިއާފް މަންމަދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. މަންމައަށް ވިސްނައިދިނުމަށްވުރެ ފޫނެއް ފަޔަށް ފެންފުރުންވެސް މާރަގަޅުވާނެއޭ އޭނަގެ ހިތަށް އެރިއެވެ.
''މަންމައަށް ރަގަޅަކަށޭ ޑޮކްޓަރު އެހެން ބުނީ...'' މެންދުރުގެ ކެއުމުގެ ތެރެއިން ޝިއާފް ބުނެލިއެވެ. އެވަގުތު ދިޔާނާ ވެސް ޝިއާފްގެ ބަހަށް ތާއީދުކޮށް ވާހަކަ ދެއްކިއެވެ. ޒުލްފާ ދިޔާނާއަށް ލޯއަޅާލިއެވެ. އެއްއިރެެއްގައި ވެސް އޭނަ ދިޔާނާއާ މެދު ހިތްހަމައެއް ނުޖެހެއެވެ. ސަބަބަކަށް ވީ ހުސޭން ދިޔާނާއާއި ކައިވެނި ކުރީ ޢާއިލާގެ ނުރުހުމުގައި ކަމަށްވުމުންނެވެ. ފަންތީގެ ގޮތުން ދިޔާނާ އެމީހުނަށް ވުރެ ދަށް ވުމުންނެވެ.
އާދަޔާ ހިލާފަށް ފަލަވުމުގެ ސަބަބުން ޒުލްފާއަށް ހިނގާބިނގާވެ އުޅުންވެސް ވެފައިވަނީ ބުރަ ކަމަކަށެވެ. ހަށިގަނޑުގެ މަސްތައް ޓައިރުވެ އެހަށިގަނޑުގެ ބަށްޓަން ވަނީ ގެއްލިފައެވެ. ގަޔަށް ކިތަންމެ ދޫ ހެދުމެއް ލިޔަސް މަސްތަކުގެ ޗާޓުފަށް ނާރައެއް ނުދެއެވެ. އެކަމާ ޒުލްފާ ވަރަށް ދެރަވެއެވެ. ޒުވާން އަންހެންކުދިންގެ ރީތި ހަށިގަނޑު ފެނި އޭނަ ހަސަދަވެރި ވެއެވެ. މީގެ ހަމަހެއްހާ ދުވަސް ކުރިން އޭނަ ޑައިޓު ވެސް ކުރިއެވެ. ނަމަވެސް ވީކަމެއް ހަރާމުން ހަރާމެވެ. އެއްއިރު ނުކައި ހުރެފިއްޔާ ދެވަނައިރަށް ބަތްތާހެއް ހުސްކޮށްލައެވެ. ޑައިޓް ކުރުމުން އަލިމަގެއް ނުފެނުމުން އެމަސައްކަތް ހުއްޓާލައި އަނެއްކާ ވެސް ކުރީގެ ގެއްލުންދެނިވި ދިރިއުޅުމަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ. ލެއާއި ހަކަރު މައްޗަށް ގޮސް ފުރާނައަށް ނުރައްކާވެދާނެ ހާލަތަކަށް ގޮސްފައި ވާއިރުވެސް އިސްލާހުވާކަށް ނޫޅެއެވެ. ކޮލެސްޓްރޯލް ލެވެލް ވެސް އެހާމެ މައްޗެވެ. އެވަރުންވެސް ކަނީ އަނގަޔަށް މީރު އެއްޗިއްސެވެ. މީހުންގެ ނަސޭހަތެއް އަޑެއް ނާހައެވެ. މުޅި ދުވަސް ހޭދަ ކުރަނީ އެކި ޗެނެލްތަކުން ދައްކާ ހިންދީ ސިލްސިލާތައް ބެލުމުގައެވެ. ނުވީތާކަށް އެއިން ފިލާވަޅު ދަސްކޮށްގެން ގޭތެރޭގައި ޑްރާމާ ނުކުޅޭ ދުވަހެއް މަދުވާނެއެވެ. އެލިބިފައިވާ ހަލުވި ދުލާ ހަނގުރާމަ ކުރުމަކީ ވެސް ބަޔަކަށް ވާނެ ވަރުގެ ކަމެއް ނޫނެވެ. އަމިއްލަ އެދުން ބޮޑުވެ ދަރިންނާ ވެސް ވަނީ ގުޅުން ކެނޑިފައެވެ. ކިރިޔާ ވެސް މޫނުޖެހެނީ ޝިއާފާ އެވެ.
''މަށަކަށް ނުކެވޭނެ އެބުނާ އެއްޗިއްސެއް، މީރު ރަހައެއް ލާނަމަތާ އަރުތެރެއިން އެތެރެއަށް ދާނީ...'' ޒުލްފާ މޫނު ކުނިކޮށްލިއެވެ. އޭނަ ޝިއާފަށް ދިނީ ބީރު ކަންފަތެކެވެ.
''މަންމާ، މީރުވުމެއް ނޫނޭ މުހިންމީ، ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން ބޭނުމަކީ...'' މަންމައާ މެދު ޝިއާފް ކަންބޮޑުވުން ފާޅުކުރިއެވެ. މަންމަގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ނުގެނެސްފިނަމަ ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފަައެވެ. އެކަމާ ހުރެ ޝިއާފްގެ ބޯފަޅައިގެންދާ ހިސާބަށް ކަންތައް ގޮސްފިއެވެ. މަންމައަށް ކަމެއް ވާތަން ދެކެން އޭނައަށް ކެތްނުކުރެވޭނެއެވެ. އޭނަ މަންމަ ދެކެ ވަރަށް ލޯބި ވެއެވެ. ނަމަވެސް އޭނަ ދޭ ނަސޭހަތެއް ވެސް މަންމަ އަޑު އަހަނީކީ ނޫނެވެ. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ.
''ހޫނނނނ، ދެން ތި ވާހަކަ ހުއްޓާލާ، މިހާރު ބޮލަށް އުނދަގޫވާ ހިސާބަށް ގޮސްފި...'' ހަރުކަށިކަމާއެކު ޒުލްފާ އިއްވާލިއެވެ. ކެކިކެކި ހުރި ޕްރެޝާރކުކަރަކާ ޒުލްފާއާ ތަފާތެއް ނެތެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އޭނަގެ ދެކަންފަތުން ބައެއްފަހަރު ދުން ބޭރުވާހެން ވެސް ހީވެއެވެ.
ދިޔާނާ ޝިއާފްގެ ކޮނޑުގައި ފިރުމާލަމުން ބޮލުގެ އިޝާރާތުން ދެން އެމައުޟޫއަށް އިތުރަށް ވާހަކަ ނުދެއްކުމަށް ބުނެލިއެވެ. ޝަކުވާއިން ފުރިގެންވާ ދެލޮލަކުން ޝިއާފް ދިޔާނާއަށް ބަލާލިއެވެ. އަދި އިސްޖަހާލިއެވެ.
''މަންމާ ކޯޗެއް ކާން ހުރީ؟...'' ސްކޫލަށް ދާން ތައްޔާރު ވެގެން އައިސް ކާކޮޓަރިއަށް ވަން ތޫބާ އަހާލިއެވެ. ތޫބާއަށް ޒުލްފާ ފެންނައިރަށް ހިނިތުންވެލިއެވެ.
''ބަތާއި ކުކުޅު ރިހަ، މަންމަ ބުނީމެއްނު ކާން އަންނަ އިރު މައުވާ ގޮވައިގެން އަންނައްޗޭ...'' މައުވާ ފެންނަން ނެތުމުން ދިޔާނާ ޝަކުވާކޮށްލިއެވެ. ދެން އޭނަ އަވަސްވެގަތީ ތޫބާއަށް ތަށިތައް ކައިރިކޮށްލަދިނުމަށެވެ. އެގޮތް ޒުލްފާއަކަށް ކަމަކު ނުދިޔައެވެ. އޭނަގެ ނަޒަރިއްޔާތުގައި އަންހެންކުއްޖެއް ވެއްޖެއްޔާ އަމިއްލައަށް ހުރިހާ ކަމެއް ވެސް ކުރެވެން ޖެހޭނެއެވެ. ރާނީއެއް ފަދައިން ގެންގުޅުމުން ފިހިގަނޑެއްގައި ވެސް ހިފަން އެނގޭނީކީ ނޫނެވެ. ކައިވެނިކޮށްގެން ދާ ދުވަހުގެ ފަހު ދުވަހު މައިދައިތަ ތޫބާ ފޮނުވާ ނުލިއްޔާ ވެސް ރަގަޅެވެ.
''ތިހެން ތާ އަބަދު ތޫބާއަށް އެހީވާން ދިޔާނާއެއް ނުހުންނާނެއެއްނު، އޭނަގެ ބޮލުގައި ދަތްޗެއްވެސް ޖަހާލަދޭން ޖެހެނީ ދިޔާނާއަށް....'' ފެންތަށި ހުސްކޮށްލަމުން ޒުލްފާ ބުނެލިއެވެ.
ދިޔާނާ އެއްޗެއް ނުބުންޏެވެ. މަސްލަހަތަށް ބަލާފައެވެ. ޒުލްފާއަކީ ކާކުކަން އޭނައަށް ރަގަޅަށް އެނގެއެވެ. ކިތަންމެ ކުޑަ ވާހަކައެއްވެސް ބޮޑުކޮށްލައިގެން އުޅޭއިރު ހީވާނީ އެހެންފަދަ ކަމެއް ހެންޏެވެ. ކިތަންމެ ފޫހިވިޔަސް ދިޔާނާ އެކަން ނުދައްކާވޭތޯ ބެލިއެވެ.
މައުވާ ފުންނޭވާތަކެއް ދޫކޮށްލަމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނިތުގައި ފިނި ދަލެއްވެސް ހިއްލާފައި ވެއެވެ. މިހުރިހާ ބަދަލެއްގެ އަސްލާ ގުޅިފައިވަނީ ޝިއާފްގެ މަންމައެވެ. މިއީ މައުވާއާ ޒުލްފާ ބައްދަލުވާ ފުރަތަމަ ފަހަރަށް ވީތީއެވެ. އޭނަ ބިރުގަންނަނީ ޒުލްފާއަށް އޭނަ ކަމުނުގޮސްދާނެތީއެވެ. ހިތަށް ވިސްނައިދެމުން މައުވާ ކޮޓަރިން ނިކުތެވެ. އޭރު ވަގުތު ނުތަންވަޅުވެފައި ވާތީ މައުވާއަށް ގޮވަން ދިޔާނާ އެދިމާއަށް އާދެއެވެ.
''އަވަހަށް އާދޭ، ގަޑި ޖެހެނީއެއްނު...'' ދިޔާނާ ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެމުން ބުނެލިއެވެ. ދިޔާނާގެ ފަހަތުން ލަސްފިޔަވަޅުތަކެއްގައި ގޮސް މައުވާ ކާކޮޓަރިއަށް ވަނެވެ.
މައުވާ ފެންނައިރަށް ޒުލްފާގެ ނަޒަރު މައުވާއަށް ހުއްޓިގެން ހިނގައްޖެއެވެ. ޒުލްފާ ބަލަން އިނީ ފާޑަކަށެވެ. އިސްދަށަށް ޖަހައިގެން ހުރުމުން މައުވާގެ ސަމާލުކަމަށް އެކަމެއް ނައެވެ. މައުވާއަށް ބަލަން އިނދެ ޒުލްފާ އެއީ ކޮންކުއްޖެއްތޯ އަހާލިއެވެ. ދިޔާނާ މައުލޫމާތު ސާފުކޮށްލަދިނެވެ. އަދި މައުވާއަށް ޒުލްފާ ތައާރަފްކޮށް ދިނެވެ. ހިތްވަރުކޮށްލަމުން މައުވާ އިސްއުފުލާލިއެވެ. އެވަގުތު ޒުލްފާގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފެނުމާއެކު އެހިތުގައި ހާސްކަމުގެ ވިންދެއް ދުވެލިއެވެ. ޒުލްފާގެ މޫނުގައިވި ކުލަވަރުތައް އޭނައަށް ދޭހަނުކުރެވުމުންނެވެ.
ޝިއާފް ލޮލުގެ ހިމަކޮޅުން މައުވާއަށް ބަލަމުން ދިޔަކަން ޒުލްފާއަށް ފާހަގަ ކުރެވެން ގިނަ ވަގުތެއް ބޭނުމެއްނުވިއެވެ. އޭނަގެ ދެލޮލެކޭ ސީސީޓީވީ ކެމެރާއެކޭ އެއްފަދައެވެ. އޭނަގެ ސަމާލުކަމަށް ނާންނާނެ ކަމެއް ނޯންނާނެއެވެ. ލިބިފައިވާ ތޫނުވިސްނުމާއެކު ހިތަށް ވެރިވި ޚިޔާލަކުން އޭނަގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ޝިއާފާ މައުވާއާ ދެމެދު އެބަދަލުކުރެވޭ ސިއްރު ބެލުންތަކުގެ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟ އެސުވާލުން ޒުލްފާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. މައުވާގެ ފުރަތަމަ ފެނިލުމުން އެކުއްޖާއަށް އޭނަގެ ޝައުޤުވެރިކަން ހުއްޓުނެވެ. އެހެނަސް ނަސަބާއި ފެންވަރު އޮޅުންފިލި ހިސާބުން އެހިތުގައި ފޫހިކަން އުފެދިއްޖެއެވެ. އޭނަ ބިރުގަތީ މައުވާގެ ސިހުރުގައި ޝިއާފް ޖެހިދާނެތީއެވެ. އޭނަ އެދަނީ ޝިއާފްގެ އަންބަކަށް ހަދަން މުއްސަނދި އަންހެންކުއްޖަކަށް އަތްފުނާއަޅަމުންނެވެ. އޭނަގެ އެމަސައްކަތަށް މައުވާގެ ސަބަބުން ފެންބުރުއްސައިގެން ހިނގައިދާނެތީ އޭނަ ކަންތައްބޮޑުވިއެވެ. މައުވާއަކީ އޭނައަށް އޮތް ބޮޑު ބިރެކެވެ. ވީފުއްސަކާއެކު ތުންފަތްއަރިއަކަށް ދަމާލަމުން ލޯހަދާލިއެވެ.
*****
''އޭ ބްރޯ މަބުނި ކަންތައް ވެއްޖެތަ؟...'' ބޭރަށް ދާން ތައްޔާރުވަމުން ދިޔަ ޝިއާފް ފޯނުން މީހަކާ ވާހަކަދައްކަމުން ދިޔައެވެ.
''އާނ، އެކަން ވެއްޖެތާ ކޮންއިރެއް، މަ ބުނީމެއްނު މާލޭގަ މަގޭ ލިންކްތައް ވަރަށް ގިނަވާނެއޭ... އޭނަ އުޅެނީ ގެސްޓް ހައުސްއެއްގަ... އޭނަގެ މަންމައާއެކު އައިސް އުޅެނީ، އޭރު މަބުނި ރަނޑުގޮލާ އެއީ އޭނަގެ ޑޮކްޓަރު، ކޮންމެވެސް ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުން ދަނީ...'' ރިހާން ކިޔައިދިނެވެ.
''ކޮން ގެސްޓް ހައުސްއެއް، ރޫމް ނަންބަރު އެނގޭތަ؟...'' ޝިއާފް އަވަސްއަވަހަށް އަހާލިއެވެ. ގަމީހުގެ ގޮށްތައް އަޅުވާލަމުން އޭނަ ގަޔަށް ސެންޓް ޖަހާލިއެވެ. އަދި ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލާލިއެވެ.
''ހޫމމމމ، އެކަމަކު އޭނަގެ މަންމަ ހުރެއްޖެއްޔާ ކަޑައެއްނު، އޭރުން ބަސްޓް ވެދާނެ...'' ރިހާން ބުނެލިއެވެ. ރިހާންގެ ވާހަކައާ މެދު ޝިއާފަށް ވިސްނާލެވުނީ ދެނެވެ. ތެދެކެވެ. އޭނަ ދާއިރު އަމާނީގެ މަންމަ ހުރެއްޖެނަމަ އޭނަގެ މަޤްސަދު ހާސިލެއް ނުކުރެވޭނެއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރިހާންގެ ޚިޔާލަކަށް އޭނަ އެދުނެވެ.
''މަ ބޭނުން ކޮންމެ ގޮތެއް ހަދާފަވެސް އޭނައާ ބައްދަލުކުރަން، އެފަހަރުވެސް ހީނުކޮށް ހުއްޓާ އޭނައާ އިވީ ބައްދަލުވީ، އަހަރެން އެތާ ނެތްނަމަ ނޭގޭ ވާނެ ގޮތެއްވެސް... އަހަރެން ވަރަށް ހާސްވެފަ މިހުރީ، އަނެއްކާ އިވީ ގާތު ދޮގުވެސް ހަދައިފިން، އޭނަ އައިސް ތެދު ހާމަކޮށްފިއްޔާ ވާނީ ކިހިނެއް؟... މިރެއަށް މިކަން ނިންމާލަން އަހަރެން ބޭނުން...'' ޝިއާފް ބުންޏެވެ.
ރިހާން މޮޅު ޚިޔާލެއް ހުށަހެޅިއެވެ. ކޮންމެ ރެއެއްގެ ހަތެއްޖަހާއިރު އަމާނީ ސެޝަންތަކަށްދާ ވާހަކައާއި އެގަޑީގައި ޝިއާފްގެ ބޭނުން ފުރިހަމަ ވެދާނެ ކަމަށެވެ. އަމާނީ ނިމޭ ގަޑިއާއި، ދާ މަގުތަކަށް ދާންދެން ރިހާން ކިޔައިދިނެވެ. އަމާނީގެ ދުވަހުގެ ތާވަލްވެސް އޭނައަށް އެނގުނެވެ. ޖާސޫސަކަށް ވެސް އެހާ ގިނަ މައުލޫމާތު އެނގޭނެ ހެނެއް ހިޔެއްނުވެއެވެ. ޝިއާފް ކުޑަކޮށް ހައިރާން ވެސް ވިއެވެ. ނަމަވެސް އެހާ ގިނަ މަޢުލޫމާތު ލިބުމުން އޭނަ އުފާވެސް ވިއެވެ.
''އޭނަ ދަނީ އެކަނިތަ؟...'' ޝިއާފް އަހާލިއެވެ.
''ހޫމްމްމް، ދެރެއެއް ވެއްޖެ އެކަނި ދާތާ، ކުރިން ދަނީ ކޮންމެވެސް އަންހެންކުއްޖަކާއެކު، އެވެސް ހާދަ ރީތި މަންޖެއެކޭ، އެހެރަ ފަރިކަމެއް ވެސް ދޯ، މަ ބޭނުން އެމަންޖެގެ ނަންބަރު ހޯދަން...'' ރިހާން ބުންޏެވެ.
''ދެން ހޯދަން ވީނު، ކައޭ ތީ ކަންތައް ވާކަމަށް ހެދިގެން އުޅޭމީހާއެއްނު، މަ ހިޔެއް ނުކުރަން ކައޭ ތިހާ ފިނޑި ވެދާނެއެކޭ... އެނީވޭސް ތޭންކްސް ބްރޯ...'' ޝިއާފް ޝުކުރު އަދާކޮށްލިއެވެ. ހަޤީޤީ އެކުވެރިންނަކީ އެއީއެވެ. އެކުވެރިޔާއަށް އެހީ ބޭނުންވި ވަގުތު އެންމެ ފުރިހައަކަށް އެކަންކޮށްދީފިއެވެ. އުޖޫރައަކާ ވެސް ނުލައެވެ. މިހާރު އެކުވެރިންނަށް ދިމާވާ މުސީބާތްތަކުގައި އެހީގެ އަތެއް ފޯރުކޮށްލަދޭނީވެސް މަދު ބައެކެވެ. ގިނަ ފަހަރު އެއީ އަމިއްލަ އެދުމެއް އޮތުމުންނެވެ. ޒަމާން ބަދަލުވީވީނުން މީހުން ވަނީ ޖާހިލެވެ.
ޝިއާފް ފޯންކޯލް ކުރުކޮށްލަމުން ގަޑި ބަލާލިއެވެ. ހަތެއްޖަހަން ދިހަ މިނެޓަށް ވެއްޖެއެވެ. ޝިއާފް ދެން އަވަސް ވެގަތީ ބޭރަށް ދިއުމަށެވެ. އަމާނީގެ ސަބަބުން އޭނަގެ އުފާވެރިކަމުގެ ދުނިޔެ ބަނަކުރަމުން އައި ވިލާތަކުން ދިފާއު ވުމަށެވެ. މިރެއަށް ފަހު އަމާނީގެ ހިޔަނިވެސް މައުވާއަށް ނުފެންނާނެއެވެ. އޭނަ ހަމަޖެހުމުގެ ނޭވާއެއްވެސް ދެން ދޫކުރާނީ އެކަން ކަށަވަރުކޮށްފައެވެ.
*****
ސެޝަންތަކަށް ދާން ތައްޔާރުވެލަމުން އަމާނީ އީލާފްގެ ފޯނަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅި އިރުވެސް ޖަވާބެއް ނުލިބުނެވެ. މާޔޫސްވެފައި ހުރެ އޭނަ ކޮޓަރިން ނިކުންނަން ދިޔައީ މަންމަ ގާތު ދަނީކަމަށް ބުނެފައެވެ.
''މަންމަ ދަންތަ ދަރިފުޅާއެކު...'' އޯގާތެރި އަޑަކުން ހިންދު އަހާލިއެވެ. ސިޑިން އަރައި ފައިބަން ހަދަން ޖެހުމުން ހިންދުގެ ފައި ވަނީ ދުޅަވެފައެވެ. ނަމަވެސް އަމާނީ އެކަނި ދާން ހިތް ނުރުހޭތީ އޭނަ އެނދުން ތެދުވާން އުޅުނެވެ. އެއާއެކު އަމާނީ އެކަން މަނާ ކުރިއެވެ.
''މަންމާ ހާސްނުވެބަލަ، މިތާ ނުހަނު ކައިރީގައެއްނު ހޮސްޕިޓަލް އެހުރީ، ދެމިނެޓް ތެރޭ ދެވޭނެޔޭ...'' އަމާނީ ބުނެލިއެވެ.
އަމާނީ ދިޔަ ދިމާއަށް ބަލަން ހިންދު އޮތެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ހާދިސާގެ ތަފުސީލެއް މިއަދާ ޖެހެންދެން ވެސް އަމާނީ އޭނައަށް ދީފަކާ ނެތެވެ. އޭނަ ކިތަންމެ ފަހަރަކު އަމާނީއާ ސުވާލުކޮށްފިއެވެ. ނަމަވެސް އެދެވިގެންވާ ޖަވާބެއް ނުލިބުނެވެ. އެސުވާލުކުރާ އިރަށް އަމާނީ ފަށަނީ ރޯށެވެ. އެކަމާ ހުރެ އެންމެ ފަހުން ހިންދުއަށް ޖެހުނީ އެސުވާލުތައް ހިތުގައި ކަފުންކޮށް ވަޅުލާށެވެ. ފުލުހަށް ދާން އެދުމުންވެސް އަމާނީއަށް ހީވީ ބޮޑު ބިރެއް ކުރިމަތިވި ހެންނެވެ. ދަރިފުޅަށް އެހާލު ޖެއްސި މީހުނާ މެދު އެހިތުގައި ވަނީ ބަދުދުޢާއެވެ. ބަދުދުޢާ ކުރުމަކީ ދީނުގައި ހަރާމްކަމެއް ކަމުގައި ވިޔަސް އެފަދަ ނުބައި މީހުނަށް އެނޫން އެއްޗެއް ހައްޤެއް ނޫނެވެ. އުފާވެރިކަމެއް ހަމަޖެހުމެއް ވެސް މެއެވެ.
މަގުގެ ދެފަރާތް ހޯދާލަމުން އަމާނީ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހަނިގޯޅިގަނޑަކުން ލާފައި އޭނަ ހިނގަމުން ދިޔައިރު އެތާ ކަންމަތީ އޮތް ގުރޫޕަކުން ތުނބުން ފުމެ އޮއްސަންފެށި ބަސްތަކުން ގަތް ބިރެއްގެ ސަބަބުން ފަޔަށް ލެވުނުހާ ބާރަކާއެކު ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އެގޯޅިން ނިކުމެވުނު ތަނާ ފަހަތުން މީހަކު އަންނަހެން ހީވާން ފެށިއެވެ. އަތްދަބަސް ގެނެސް މޭޔާލާ ބޮނޑިކޮށްލަމުން އަމާނީ އިހުނަށް ވުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެމަގުން ބަޔަކު ވެސް ފެންނަން ނެތުމުން އޭނަ ގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނަ ބާރަށް ހިނގަން ފެށުމާއެކު ފަހަތުން އެއަންނަ މީހަކުވެސް ފިޔަވަޅުތައް އަވަސްކޮށްލިހެން ހީވިއެވެ. މުޅި މީހާ ހާސްކަމުގެ ފަރުދާތަކުން ވަށާލި ހިނދު ނިތުން ދާތިކިތައް ވިދާބަބުޅަން ފެށިއެވެ. ހިތުގައި ވަނީ ވަހުމެއް ކަން ވިސްނައިދޭން އެންމެފަހުން އޭނަ ފަސްއެނބުރި ބަލާލިއެވެ. އެއާއެކު ފެނުނު ސޫރައެއްގެ ސަބަބުން ނުފެންނަ އަތަކުން އޭނަގެ ދެފައިގައި ހިފެހެއްޓިކަހަލައެވެ. ހިނދުރީގައި ނޭވާވެސް ތާށި ވެއްޖެއެވެ. އަތުގައި އުފެދުނު މަޑުތުރުތުރުލުމާއެކު އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. ހިލައިގެ ބުދެއްހެން ގަނޑުވެފައި ހުއްޓާ ޝިއާފް އައިސް އޭނައާ އަރާހަމަކޮށްފިއެވެ.
''ޝި...ޝިއާފް...'' އާމާނީއަށް ހަމަހޭވެރިކަން ވެގެން ދިޔަ ހިނދު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނަގެ މޭގަނޑު ވަނީ އަނގަޔަށް އައިސްފައެވެ. މަގުގެ ދެފަރާތަށް އަވަސް ނަޒަރެއް ދެވުނީ ހިމާޔަތަކަށް އެދޭނެ މީހަކު ފެނޭތޯއެވެ. ނަމަވެސް ތަޤުދީރު އޭނައަށް އާދައިގެ މަތިން ދިނީ ކެއްސެެވެ. ދިރޭފުރާނައެއްގެ އަސަރުވެސް ވާކަމެއް ނޭގެއެވެ. އެއާއެކު އެހިތް ދިރޭރަހަފޮދަކަށް ވެގެން ދިޔައެވެ.
އަމާނީ ދުއްވައިގަންނަން އުޅުނު ވަގުތު ޝިއާފް އަމާނީގެ އަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. އެދިޔަ ބާރުމިނުގައި ގޮސް އަމާނީ ލައްވީ ޝިއާފްގެ މޭގައެވެ. ވިހަގަދަ ސޫއްޕެއް ކަށިހެރުމުން ލިބޭ ފަދަ ވޭނަކާއެކު އޭނައަށް ތެޅިގަނެވުނެވެ. ޝިއާފްގެ އަތުގެ ތެރޭން ވީއްލިގަނެގެން ދުވެ ފިލަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ. އެހެނަސް ބާރުގަދަ ފިރިހެނެއްގެ ކުރިމަތީގައި ގަދައެއް ނުހެދުނެވެ. އަމިއްލަ ނިކަމެތިކަން އިހުސާސް ކުރެވުނު ހިނދު އަމާނީގެ ދެލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އޭނަ ހިތްވަރު އެލުވައެއް ނުލިއެވެ. އަމާނީ ޝިއާފްގެ އަތުގައި ދަތް އަޅަން އުޅުމާއެކު ހުޝިޔާރުވެ ޝިއާފް އަމާނީގެ އެމަސައްކަތަށް ހުރަސް އެޅިއެވެ.
ޝިއާފް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އަމާނީއަށް ވަރަށް ތަދު ވިއެވެ. ހީވަނީ އޭނަގެ އަތުގެ ކަށިތައްވެސް ފުނޑުފުނޑުކޮށްލަން އުޅޭހެންނެވެ. ޝިއާފް އައިސްފައި ހުރި ގަދަ ރުޅީގައި އަމާނީ ގެންގޮސް އެތާ ހުރި ފާރަކަށް ލައްކޮށްލިއެވެ. ފާރުގައި ޖެހުނުލެއް ބާރުކަމުން އަމާނީގެ ބުރަކަށްޓަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ބޮޑުވެފައިވާ ދެލޮލުން އޭނަ ޝިއާފަށް ބަލަމުން ދިޔައެވެ. ޝިއާފްގެ މޫނުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. އެއާއެކު އަމާނީގެ ފުރާނަ ވެސް ރޫރޫއަޅައިގެން ދިޔައެވެ.
''މައުވާއާ ދުރުން އުޅޭތި! އެހެންނޫނީ ކުރީ ފަހަރު ޖެއްސި ހާލަށް ވުރެ ނިކަމެތި ހާލެއް ޖައްސަން އަހަރެން ފަހެއް ވެސް ނުޖެހޭނެ! އެކަން އަމާނީއަށް ވަރަށް ރަގަޅަށް އެނގޭނެ، އަހަރެން ރުޅި އައިސްފިނަމަ ވާ ގޮތްވެސް!... އަމާނީ ބަދުނާމުކޮށްލުމަކީ އަހަންނަށް އެއްވެސް ކަމެއް ނޫން... މާ ރީއްޗެއް ނުވާނެ ހުރިހާ ވީޑިއޯއެއް ލީކުކޮށްލައިފިއްޔާ!...'' ޝިއާފް ދެދަތްޕިލަ ޖައްސާބާރުކޮށްލަމުން ބުނެލިއެވެ. އެދެލޮލުން ބުރަމުން ދިޔަ ދިލަކަނިން އަމާނީ އަނދާއަޅިއަށް ހަދާލަފާނެހެން ވެސް ހީވެއެވެ.
ބުނަން ކިތަންމެ ވާހަކައެއް ހިތުގައި ވިޔަސް ދުލަކާ ހަމައަށް ނައެވެ. ޝިއާފްގެ މޫނު ނޮޅާ ކުދިކުދި ކުރަންވެސް ބޭނުން ވިއެވެ. ނަމަވެސް ނަފުސަށް އައިސްފައިވާ ކުއްލި ސިހުމުން މީހާ ވަނީ އެއިން ހުރިހާ ކަމަކަށް ނުކުޅެދިފައެވެ. އެހެނަސް ޝިއާފަށް ނޭގި ޝިއާފާ ދެކޮޅަށް ލިބޭނެ އެންމެ ވަރުގަދަ ހެކި އަމާނީ އޭނަގެ ފޯނުގެ ޒަރިއްޔާއިން ހޯދިއެވެ. ޝިއާފްގެ ސަމާލުކަން އެކަމަށް ހުއްޓިދާނެތީ ބިރުން ވިރިވިރި ހުރި އަމާނީ ހިތާހިތާ ދުޢާކުރަމުން ދިޔައީ ޝިއާފްގެ ސަމާލުކަން އެކަމަށް ނައުމަށް އެދިއެވެ. ޝިއާފަށް ކުޑަވެސް ޝައްކެއް ވެއްޖެއްޔާ ލިބުނު ކާމިޔާބީ ޖަހައިގަންނާނެކަން އެނގޭތީއެވެ.