މައުވާ އިންތިޒާރުކުރަމުން ދިޔައީ ސްކޫލް ނިމޭނެ ވަގުތަކަށެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައި އޭނަ ޝިއާފަށް ކުރާ އިތުބާރުގެ ބިންގަލަށް އައިސްފައިވާ ލޮޅުންތައް މަރާމާތުކުރަން ބޭނުންވެފައި ހުރިވަރުންނެވެ. އެހެނިހެން ދުވަސްދުވަހު ސްކޫލް ނިމުމާއެކު ގެއަށްދާން އަަވަސްވެގަންނަ މައުވާގެ މިޒާޖު މިއަދު މުޅިން ތަފާތެވެ. ބެލްޖެހި އިރު ވެސް އޭނަ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އިންޓަވަލްގެ ފަހުން ދިޔަ އެއްވެސް ގަޑިއަކަށް ފުރިހަމަ ސަމާލުކަމެއް ވެސް އޭނައަށް ނުދެވުނެވެ.

''ގެއަށް ނުދަނީތަ؟ ބެލްޖަހައިފިއޭ...'' ނެގިމަޑުވެފައި އިން މައުވާގެ ކޮނޑުގައި ތޫބާ ޖަހާލިއެވެ. އެއާއެކު މައުވާއަށް ކްލާސް ރޫމަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނައާއި ތޫބާގެ އިތުރުން އީލާފް ފިޔަވާ އިތުރު މީހަކު ކްލާހުގައި ނެތެވެ. އީލާފް ވެސް ދަބަސް ތައްޔާރުކޮށްލައިގެން ގޮނޑިން ތެދުވަނީއެވެ. އޭނަ މައުވާއަށް ފުން ނަޒަރެއް ދިނުމަށްފަހު ކްލާހުން ނިކުންނަން ހިނގައިގަތެވެ. އެއާއެކު މައުވާ އަތްމަތި އަވަސްކޮށްލައިގެން އީލާފްގެ ފަހަތުން ހިނގައިގެންފިއެވެ.

މައުވާއަށް އައިސްފައިވާ ބަދަލާއެކު ހައިރާންކަން ލިބިފައިވި ތޫބާ ކްލާހުން ނިކުތްއިރު މައުވާ އަވަސްއަވަހަށް ސިޑީގެ ހަރުފަތައް ގިރާކުރަނީ އެވެ.

''އިވީ...'' މައުވާގެ ފަހަތުން ދަމުން ތޫބާ ގޮވާލިއެވެ. އެހެނަސް މައުވާއަށް އަޑުއިވުނުކަމަކަށް ނުވިއެވެ. ވައިރޯޅީގެ ބާރުމިނުގައި ގޮސް ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން އީލާފާ އަރާހަމަކޮށްލިއެވެ. ސިޑީގެ ވަކި ހިސާބަކަށް ދެވުމާއެކު މައިނޭވާ ލެވިފައި ހުރި ތޫބާއަށް ޖެހުނީ މަޑުކުރާށެވެ. ފޮތްދަބަސް ވެސް ބަރުވުމާއެކު ބުރަކަށީގައި ވެސް ރިއްސައެވެ. ފުން ނޭވާތަކެއް ލަމުން މީހާ ހަމައަކަށް އަޅުވާލަމުން ތޫބާ ތިރިއަށް ފޭބިއިރު މައުވާގެ ހިލަމެއް ވެސް ނުވިއެވެ. އޭނަ ބޭރަށް ނިކުންނަމުން މަގުގެ ދެފަރާތްވެސް ހޯދާލިއެވެ. މީހުންނާއި ދުއްވާތަކެތި ގިނަ ކަމުން އޭނައަށް މައުވާ ހޯދުންވީ އުނދަގޫ ކަމަކަށެވެ.

''ކޮންތާކަށްތަ އެހާ އަވަހަށް އެދިޔައީ، ބުނެލާފަ ދިޔަނަމަ......'' ތުންއަނބުރާލަމުން ތޫބާ އޭނަގެ ފޯނުނަގައި މައުވާގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ރިންގްވެފައި ކެނޑެނީއެވެ. ތަކުރާރުކޮށް އިވެން ފެށީ ދިރާގުން އިއްވާ ވޮއިސްމެއިލްއެވެ. އެއާއެކު އެވޮއިސްމެއިލްދެކެ ވެސް ތޫބާ ރުޅިއަންނަ ގޮތް ވިއެވެ.

''ދެން ވާހަކައެއް ވެސް ނުދައްކާނަން...'' ތޫބާ ހިތްހަމަނުޖެހުނީ އެކަނި ގެއަށްދާން ވުމުންނެވެ. ހަމައެއާއެކު ދިޔަ ތަނެއް ވެސް އަންގާލުމެއް ނެތި މައުވާ ގެއްލުމުންނެވެ. ގުޅުމުން ފޯނަށް ވެސް ޖަވާބު ނުދިނުމާއެކުގައެވެ. ތޫބާ އެންމެ ފަހުން ނިންމީ މައުވާ މާބޮޑަށް ވަރުބަލިވެފައި ހުރުމުން ޓެކްސީއެއްގައި ގެއަށް ދިޔައީ ކަމަށެވެ. މިއަދު ކްލާހުގައި ވެސް މައުވާ އިނީ ބޮލުގައި ރިއްސާތީ އުނދަގޫވެފަ އެވެ.

ތޫބާ ވެސް ޓެކްސީއެއް ހުއްޓުވައިގެން ގެއަށް ދާން މިސްރާބު ޖެހީ ގެއަށް ދެވުމާއެކު ހިތުގައިވާ ޝަކުވާތައް މައުވާއަށް ބަންޑުންކޮށްލުމަށް ނިޔަތް ގަނެގެންނެވެ. ކާރުގައި ހޭދަވި ވަގުތުކޮޅުގައި ވެސް އޭނަ ހިތާހިތާ ކުދިކިޔަމުން ގެންދިޔައެވެ.

*****

އީލާފާ އެކުގައި މައުވާ ގޮސް ''ސަމާރ ބްރީޒް'' ރެސްޓޯރެންޓަށް ވަނެވެ. އެއީ އެކުވެރިންނާއި ޢާއިލާއެކު މަޖާ އަދި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ރަގަޅު މާހައުލެކެވެ. ރެސްޓޯރެންޓްގައިވާ ފެހިކަންގަދަ ގަސްތަކާއި މާމެލާމެލީގެ ސަބަބުން މަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހަމައެއާއެކު ވެއިޓަރުންގެ ފަރާތުން ފޯރުކޮށްދެވޭ ފުރިހަމަ ހިނދުމަތާއެކު ރެސްޓޯރެންޓް ވެފައިވަނީ އާންމުންގެ މެދުގައި ވަރަށް ވެސް މަޤުބޫލު ތަނަކަށެވެ. ވަގުތުގެ ގޮތުން މުޅި ރެސްޓޯރެންޓް އޮތީ މެންދުރުގެ ކެއުމަށް ފުރާލާފައެވެ. އީލާފްގެ ފަހަތުން ގޮސް މައުވާ އެރީ ދެވަނަ ފަންގިފިލާއަށެވެ. އޭރުވެސް ކިތަންމެ ފަހަރަކު ހިތުގައިވާ ސުވާލުތައް ބަންޑުންކޮށްލާނަމޭ މައުވާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މީހުން ގިނަކަމުންނާއި ނުތަނަވަސްވެފައި ހުރިވަރުން އެކަން ކުރަން ވެސް އޭނަ ހުރީ ފަސްޖެހިފައެވެ.

މައުވާގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ މޭޒެއްގެ ދޮށުގައި އެކަނި އިން އަމާނީ ފެނުމާއެކުގައެވެ. ހައިރާންކަމާއެކު އޭނައަށް ބަލާލެވުނީ އީލާފްގެ މޫނަށެވެ. އެވަގުތު އީލާފް އިޝާރާތްކޮށްލީ އަމާނީ އިން މޭޒާ ދިމާއަށެވެ. އަމާނީ ވެސް އޭރު އިނީ މައުވާއަށް ބަލަަހައްޓައިގެންނެވެ.

''މައުވާގެ ސުވާލުތަކަށް ޖަވާބު ދޭނީ އަމާނީ...'' އިތުރު އެއްޗެއް ވެސް ނުބުނެވެނީސް އީލާފް ސިޑިން ފައިބައިގެން ދިޔައީއެވެ. އީލާފް ދިޔަ ދިމާއަށް ބަލަން ހުރެފައި މައުވާ އަމާނީއާ ކުރިމައްޗަށް ވާހެން އެނބުރިލިއެވެ. އަދި ލަސްފިޔަވަޅު ތަކެއްގައި ގޮސް މޭޒާއި އަރާހަމަކޮށްލިއެވެ. އެވަގުތު އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ. ލިބިފައިވާ ހާސްކަމެއްގެ ސަބަބުން މޫނުގައި ވެސް ދާތިކިތައް ވިދާބަބުޅަމުން ދިޔައެވެ. އަތްފައި ވެސް ވަނީ ފިނިވެފައެވެ. މައުވާ ގޮނޑި ދަމާލަމުން އިށީންނަން ވެސް ގަރުނެއް ހޭދަވިކަހަލައެވެ. އެހުރިހާ އިރު އޭނަ ބަލަމުން ދިޔައީ އަމާނީ އަށެވެ.

ވެއިޓަރު އައިސް އޯޑަރު ނަގަން ކައިރިއަށް ހުއްޓިލަމުން އަމާނީ އެދުނީ އޮރެންޖް ޖޫސްތަށްޓެއް ގެނެސްދިނުމަށެވެ. ދެން އޭނަ ބަލާލީ މައުވާ އަށެވެ. އޯޑަރު ދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. މައުވާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނަ އެއިނީ އެއްވެސް އެއްޗެއް އަރުތެރެއިން ފޮނުވާލެވޭނެ ހާލަތެއްގައެއް ނޫނެވެ.

ވެއިޓަރު އޯޑަރު ތަކުރާރުކޮށްލަމުން ދިޔައީއެވެ. ދެން މުޅި މާހައުލަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ. ވަށައިގެންވާ މާހައުލުގެ ހަލަބޮލިކަމަށް ވެސް ދެކުދިންނަށް ސަމާލުކަމެއް ނުދެވުނެވެ.

އަމާނީ ފެންފުޅިން ތަށްޓަކަށް ފެންއަޅާލަމުން މައުވާ އިން ފަޅިއަށް ކައިރިކޮށްލަދިނެވެ. އެއްފަހަރު ފެންތަށްތަށް ބަލާލަމުން އަނެއްފަަހަރު އޭނަގެ ނަޒަރު އަމާޒުވީ އަމާނީ އަށެވެ. މައުވާގެ ދެލޮލުގައިވާ ސުވާލުމާކުތައް އޭނައަށް ރަގަޅަށް ފާހަގަ ކުރެވުނެވެ. އޭނަ އިނީ ވާހަކަ ފައްޓާނެ ގޮތެއް ނުވިސްނިފައެވެ. މައުވާ އޭނައާއި ބައްދަލުކުރަން އެހާ އަވަހަށް އެއްބަސް ވުމުން ހައިރާންކަން ވެސް ލިބިފައި ވެއެވެ.

''މައުވާ...'' އަމާނީ ގޮވާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ތައްޔާރުވެލިއެވެ.

މައުވާގެ ހިތެކޭ ދިރޭރަހަފޮދެކޭ ތަފާތެއް ނެތެވެ. ހިތް މޭގައި އޮވެ ތެޅިފޮޅެމުން ދިޔަ ހިނދު ދެންމެ ދެންމެ ބޭރަށް ނިކުމެދާނެހެން ވެސް ހީވިއެވެ. އަމާނީ ބުނަން އުޅޭ ވާހަކަތަކަށް ސަމާލުވި ހިނދު ބިރުވެރިކަން ވެސް އޭނަ ވަށާލަމުން ދިޔައެވެ.

''އަހަންނަށް އެނގޭ ބުނަން މިއުޅޭ ވާހަކަތަކުން މައުވާއަށް ވަރަށް ބޮޑަށް ހާޓް ވާނެކަން، އެކަމަކު ނުބުނެ ލަސްކޮށްފިއްޔާ ފަހުން ލިބޭނެ ހިތާމަ އެއަށްވުރެ ބޮޑުވާނެ، އަހަރެން ބޭނުމެއް ނޫން އަހަންނަށް ދިމާވި ފަދަ ހިތާމަވެރި ހާދިސާއެއް އެއްވެސް އަންހެންކުއްޖަކަށް ދިމާވާން، އެފަދަ ބިރުވެރިކަމެއް ތަހައްމަލުކުރާކަށް ވެސް...'' އަމާނީ ދެއަތް ޖޯޑުކޮށްލަމުން ބުންޏެވެ.

އަމާނީ ބުނަން އުޅުނު އެއްޗެއް މައުވާއަކަށް ވިސްނައިނުގަނެވުނެވެ. ނަމަވެސް ހިތުގެ ކަނަކުން ފޮނުވަން ފެށި އިންޒާރުގެ ބާނީތަކުން އޭނަ ގަނޑުކޮށްލައިފިއެވެ. އީލާފް ބުނި ބަސްތައް ކުއްލިޔަކަށް ސިކުނޑިއަށް ޖެހިގަތީ އެތައް ހާސް ޓަނުގެ ބަރުދަނާއެކުގައެވެ. މައުވާގެ ދުނިޔޭގެ އެނބުރުމަށް ވެސް ހުއްޓުމެއް އައި ފަދައެވެ. ސިކުނޑީގެ ނާރުތަކަށް އިންތިހާއަށް ވާންވެ ފަޅައިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. އީލާފް ބުނި ވާހަކަތަކުގެ އަސްލާ ގުޅިފައިވަނީ ޝިއާފް ހެއްޔެވެ؟ އެއާއެކު ވެރިވެގެން ދިޔަ ނުބައި ޚިޔާލަކުން މައުވާއަށް ނޫނެކޭ ބުނެވުނީ ބޭއިހްތިޔާރުގައެވެ. ދެފަރާތަށް ބޯހޫރާލެވުނު ހިނދު ލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ހިނގައްޖެއެވެ. މެޔަށް އަރައިގެން ދިޔައީ ކެތްކުރަން ދަތި ތޫނު ތަދެކެވެ. ހީވި ހިތަށް އެއްފަހަރާ ދުނިތީރުތަކެއް ހަރާލެވުނު ހެންނެވެ.

''މައުވާ...'' މޭޒުމަތީގައި އޮތް މައުވާގެ އަތުގައި އަމާނީއަށް ހިފާލެވުނެވެ. އަމާނީގެ އަތުގެ އިހުސާސްކުރެވުމާއެކު މައުވާ އެއަތް ފޮޅުވާލިއެވެ. ކަރުނުން ފުރިގެން ދިޔަ ދެލޮލުން އޭނަ އަމާނީއަށް އާދޭސްކުރަމުން ދިޔައީ އޭނަގެ ހިތުގައި ވަނީ ކުށްހީތަކެއްކަން ޔަޤީންކޮށްދިނުމަށެވެ. ޝިއާފަކީ އެހާ ނުބައި މީހެއް ނޫންކަން ބުނެދިނުމަށެވެ. އެފަދަ ނުބައި ޖަރީމާއެއް ޝިއާފް ނުހިންގާނެކަމަށް ބުނެދިނުމަށެވެ. ނަމަވެސް އަމާނީ އިސްއޮބާލުމާއެކު މައުވާގެ ކޯތާފަތުން ރޮނގުދަމާލާފައި ކަރުނަތައް ފައިބައިގަތެވެ.

''މައުވާ ހީކުރާހާ ރަގަޅު މީހެއް ނޫން ޝިއާފަކީ، ހިތްހެޔޮ މީހެއްގެ ގޮތުގައި ހުއްޓަސް އެއީ ބޮޑު......! ފުރަތަމަ އޭނަ އަހަންނަށް ވެސް ލޯބީގެ ދަޅަ ދައްކާ އިތުބާރު ހޯދީ، އެމަރުހަލާ ކަނޑައްތު ކުރެވުމާއެކު ދެން އަހަންނަށް ޝިއާފްގެ ހަޤީޤީ ކުލަ ފެނިގެން ދިޔައީ، އެއީ ކިހާވަރެއްގެ ކާކުކަންވެސް އެނގުނީ... ޝިއާފް އޭނަގެ އެކުވެރިންނަށް ވާގި ދީގެން އަހަރެންގެ ޢިއްފަތްތެރިކަން ނަގާލައި އަހަރެން ބްލެކްމެއިލް ކުރީ، އެވޭނުގައި އަހަރެން މަހެއްހާ ދުވަސް ހޭދަކުރިން، ތަފާތު އެކިގޮތްގޮތުން އެމީހުން އަހަންނަށް އަނިޔާ ކުރި، އެހުރިހާ ކަމެއްގައި ވެސް އިސްކޮށްއުޅުނީ ޝިއާފް! އެންމެ މީހަކު ދެކެ ވެވުނު ލޯތްބެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން އަނދާ އަޅިއަށް ވެގެން ދިޔައީ، އަހަރެން ބޭނުމެއް ނޫން އެކަހަލަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވާން، އަހަންނަށް އެނގޭ މައުވާއަށް އަހަރެންގެ ވާހަކަތައް ޤަބޫލުކުރަން ދަތިވާނެކަން... އެކަމަކު މި ރެކޯޑިންގް އަޑު އަހާލުމުން ހުރިހާ ހަޤީޤަތެއް ހާމެވެގެން ދާނެ! މިއަދު އަހަރެންގެ މަންމަވެސް މިދުނިޔެއާ ވަކިވެގެން ގޮސްފައިވަނީ ޝިއާފްމެންގެ ސަބަބުން...''

އަމާނީގެ އަޑު ކުރެހިގެން ދިޔައެވެ. އަރުބެދި އޭނައަށް އިތުރަކަށް ކުރިއަށް ނުގެންދެވުނެވެ. އަމާނީ ކަރުނަތައް ފޮހެލަމުން ފޯނުން ޕްލޭކޮށްލި އޯޑިއޯއާއެކު މައުވާގެ ދެލޯބޮޑުވެގެން ދިޔައެވެ. ކަންފަތަށް އިވެމުން ދިޔަ ބަސްތަކެކޭ ބަޑީގެ ވަޒަނެކޭ ތަފާތެއް ނުވިއެވެ. ވައިކަފާލާފައި އައިސް އެއިން ކޮންމެ ލަފުޒެއް އެހިތުގެ އެންމެ ފުންމިނަށް ހެރި ތާޒާ ޒަހަމްތައް އުފަން ކުރުވިއެވެ. ހިތުން އޮހޮން ފެނި ލޭގެ އާރުގެ ތެރެއަށް މައުވާ ގެނބިގެން ދިޔައެވެ. ނިމުމެއް ނުވާ ވޭނާއި ހިތްދަތިކަމުގެ ތެރެއަށެވެ.

އެތެރެހަށީގައި އުފެދިގެން ދިޔަ ބާރުގަދަ ނަގޫރޯޅިތަކުގެ އަސަރުން މައުވާގެ ތުންފަތް ފޫއަޅުވާލާފައި ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ދެލޯފުރި ބާރުވެގެން ގޮސްފައިވާ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައިގެން ދިޔަ ހިނދު ހިތާމައިން އޭނަ ވަނީ ކަޅިވެފައެވެ. ދެން ދުވަހަކު އެހިތަށް ޝިފާއެއް ލިބޭނެކަމެއް ނޭގެއެވެ. ކުރިމަތިން ސާފުވެގެން ދިޔަ ހަޤީޤަތާއެކު އޭނަގެ ހިތް އެފުށްމިފުށަށް ޖަހާލައިފިއެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި މައުވާ ޝިއާފާ އެކު ބިނާ ކުރަމުން ދިޔަ ހުވަފެނީ ގަނޑުވަރު ބިންގަލަށް ލޮޅުން އައިސް ފުނޑުފުނޑުވެ ބިމާ ހަމަވެއްޖެއެވެ. ލޯތްބާއި އުފަލާއެކު ފޮޅެމުން ދިޔަ ގުލްޒާރުގެ މާތައް މިލާމޯޅިވެގެން ހިނގައްޖެއެވެ. ހަނަފަސްކަމާއި ހިތްދަތިކަން ނޫން އެއްޗެއް ނުވެއެވެ. އޭނައަށް ދުވެވުނީ އަވާމެންދުރެއްގެ ފަހަތުންނެވެ. ކުލަޖެއްސުނީ ދުވަހަކު ސީދާ ވުމެއްނެތް ހުދާއި ކަޅުގެ މަންޒަރުތަކެއްގައެވެ. އެހިނިތުންވުމަށް ފިދާވި ހިނިތުންވުން ހިތި ޒަރަހަކަށް ވެގެން ހިނގައްޖެއެވެ. ކުރެވުނު އިތުބާރާއި ވެވުނު ލޯބީގައި ހުޅުހިފާ އަނދާ އަޅިއަށް ވެއްޖެއެވެ. އޭނަގެ ހަށިގަނޑުގައި ލޯބިން ޝިއާފް ބީހުނު އަތުން އެވަނީ އަންހެންކުއްޖެއްގެ ދިރިއުޅުން ނަގާލާފައެވެ. ރަހުމާއި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނެތް ހިތެއްގައި އޭނައަށް ޓަކައި ލޯބީގެ ވިންދެއް ޖަހާފާނެކަމާމެދު ހީކުރެވުން އެއީ އޭނައަށް ހެދުނު ހާދަ ބޮޑު ގޯހެކެވެ. ލޯތްބަށް ފެންބޮވައިގަނެފައި ހުރި ވަރުން ޝިއާފްގެ ހަޤީޤަތްވެސް އެނގުން އޭނައަށް މުހިންމެއް ނުވިއެވެ. ގިރިޓީކޮށްފައި ދެއްކި ދަޅައިގައި އޭނަ ވަނީ ކިތަންމެ ރަގަޅަކަށް ވެސް ބެދިފައެވެ. އިންތިހާއަށް ލޯބިވެވުނު ހިނދު މަންޒަރު މިވަނީ މުޅިން ބަދަލުވެގެން ގޮސްފައެވެ. އެކަން ދޮގު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ޝިއާފް އަމިއްލަ ދުލުން އެވަނީ އެކަމަށް އިއުތިރާފުވެފައެވެ.

ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ މަކަރާއި ހީލަތުގެ ކޮޅެއް ނެތެވެ. އޭނައަށް ލޯބި މިވެވުނީ ކާކު ދެކެ ހެއްޔެވެ؟ ޝިއާފް އެހާ ރަހުމުކުޑަ މީހަކަށް ވީ ކީއްވެގެން ހެއްޔެވެ؟

''މައުވާ ހީކުރާކަހަލަ މާތް އިންސާނެއް ނޫން އެއީ، ނޭގޭ އެމީހުންގެ ފާހިޝް އަމަލުގެ ޝިކާރައަކަށް ވެގެން ދިޔައީ ކިތައް ކުދިންނެއް ކަމެއް ވެސް... އަހަންނަށް މައުވާ ފެނުނު ފުރަތަމަ ރޭވެސް ބިރުގަތް އަހަންނަށް ދިމާވިފަދަ ގޮތެެއް މައުވާއަށް މެދުވެރިވެދާނެތީ... އެހެންވެ މައުވާއަށް މިކަންތައް ކިޔައިދޭން ޖެހުނީ...'' އަމާނީ ބުންޏެވެ.

މައުވާއަށް މޫނުގައި އަތްއަޅާލެވުނެވެ. ތުންފަތުގެ ތެރޭން ފޫއަޅުވާލި ވޭނީ ގިސްލުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ. އެހިތް ވަނީ ކުދިކުދިވެފައެވެ. އަމާނީ އަވަސްއަވަހަށް ގޮނޑިން ތެދުވެގެން އައިސް މައުވާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުރަކަށީގައި ފިރުމާލިއެވެ. އޭނަ ހިތްވަރުދެމުން ދިޔަ ކަމުގައި ވިޔަސް މައުވާގެ ހިތާމަތަކަށް ލުޔެއް ނުލިބޭނެކަން އެނގެއެވެ. ނަމަވެސް ހަޤީޤަތް މައުވާއަށް ހާމަވެގެން ދިޔުން އެއީ ވަރަށް ވެސް މުހިންމު ކަމެކެވެ. ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު ވެސް އެޅޭނީ އޭރުން ނޫން ހެއްޔެވެ؟

ރެސްޓޯރެންޓްގައި ތިބި އެންމެންގެ ނަޒަރު މައުވާއާއި އަމާނީއަށް ހުއްޓިފައި ވެއެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ މައުވާއަށް ވެގެން އުޅޭ ގޮތެއް އެނގެން ބޭނުންވެފައި ތިބެއެވެ. އެވޭނީ ގިސްލުމުގެ ފަހަތުގައިވާ ސަބަބު އޮޅުން ފިލުވަން ބޭނުންވެ ތިބެއެވެ.

އަމާނީ މައުވާއަށް ހިތްވަރު ދެމުން ދިޔަކަމުގައި ވިޔަސް އެރުއިމަކަށް ބަދަލެއް ނައެވެ.

''ކީއްވެ؟...'' މައުވާއަށް ބުނެވުނެވެ. އޭނަ މޫނުން އަތްނަގަމުން އަމާނީއަށް ބަލާލިއެވެ. ރަތްވެފައިވާ އެދެލޯ ފެނި އަމާނީ ވެސް ދެރަވިއެވެ.

''ކީއްވެތަ މިހެން މިވީ؟...'' އަނެއްކާ ވެސް ގިސްލުމުގެ ތެރޭން މައުވާ އަހާލިއެވެ. މުޅި ހަޔާތުގައި ވެސް ހަމައެކަނި އިތުބާރު ކުރެވުނު ފިރިހެނަކީ ޝިއާފެވެ. ނަމަވެސް އެހިތްހެޔޮކަމާއި ލޯބީގެ ފަހަތުގައި ފޮރުވިފައިވާ ކެހިވެރިކަން ފެނި އެހިތް ރޮއްވާލައިފިއެވެ. ދެން ދުވަހަކުވެސް މީހަކަށް އިތުބާރު ކުރެވޭނެ ހެެނެއް ހިޔެއްނުވެއެވެެ. ލޯބީގެ ފޮނިމީރުކަން އިހުސާސްކޮށްދީފައި އޭނަގެ ވުޖޫދަށް ވެސް ވަރުގަދަ ތޫފާނެއް ގެނުވައިފިއެވެ.

''ބައެއްފަހަރު ލައިފްގައި ގޯސް ޑިޒިޝަންތައްވެސް ނެގޭނެ...'' އަމާނީ ބުނެލިއެވެ.

އަމާނީއަށް ބަލަން އިން މައުވާއަށް ރޮވުނީ އަމާނީ އުފުލަން ޖެހުނު ވޭނާއި ކެކުޅުން ހިތަށް ތަސައްވަރު ކުރެވުމުންނެވެ. އެހިތްދަތިކަމުގައި އަމާނީގެ މަންމަވެސް މިދުނިޔެ ދޫކޮށް ގޮސްފައިވާކަން ހަނދާން ވުމުންނެވެ. ޝިއާފް އަކީ ކުށްވެރިއެކެވެ! ދުވަހަކު މާފް ލިބުން ހައްޤު މީހެއް ނޫނެވެ!

''މައުވާ، ދެން ރުއިން ހުއްޓާލަބަ، ދިރިއުޅުމުގައި ތަފާތު އިމްތިހާނުތައް ވެސް ކުރިމަތިވާނެ، މިވެސް އެފަދަ އިމްތިހާނެއް... އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެއޭ މީހުން ބުނެ އުޅެއެއްނު، އަބަދު އެއްގޮތަކަށް ދިރިއުޅުން ވޭތެއް ނުކުރެވެވޭނެ، ކޮންމެ ދުވަހަކު ތަފާތު ކުލަތަކެއް ފެނިގެންދާނެ، މިވެސް އެފަދަ ދުވަހެއް، ހިތްވަރާއެކު ކުރިއަށް ދިއުން އޮތީ...'' އަމާނީ އެތައް ވަރަކަށް ވާހަކަ ދައްކައިގެން މައުވާ ހަމައަކަށް އެޅުނެވެ. އޭރު ޖޫސްތަށި ހިފައިގެން ވެއިޓަރު އަތުވެއްޖެއެވެ. ވަށައިގެންވި މާހައުލަށް ނަޒަރެއް ދެމުން އަމާނީ ގޮނޑީގައި އިށީނެވެ. މީހުން ސިއްރު ވާހަކަތަކެއް ދައްކަމުން ދިޔަކަން އޭނައަށް އެނގުނެވެ. މައުވާގެ ސަމާލުކަން އެކަމަށް ހުއްޓުމާއެކު އޭނަ ބޭނުންވީ މީހުން ނެތް ތަނަކަށް ދާށެވެ. ލިބުނު ވޭނުގައި އޭނަގެ ކުރީގެ ހިތްދަތި ދިރިއުޅުމަށް ދިއުމަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އޭނަގެ ހަޔާތަށް އައިސްފައިވާ ހަނަފަސްނަކަމަށް ދެން ދުވަހަކު ދިރުމެއް ނާންނާނެއެވެ. އޭނައަށް އެކަށީގެންވަނީ ކޮޓަރިއެއްގެ ހަތަރުފާރުތެރެއެވެ. މީހުންތެރެއަށް ނިކުމެ އުޅުމާ ގުޅުން ބަދަހިކުރުމަކީ ދެން އޭނައަށް ވާނެ ވަރުގެ ކަމެއް ނޫނެވެ. މީހުނަށް ދެން އިތުބާރެއް ވެސް ނުމެ ކުރެވޭނެއެވެ.

މައުވާ އަވަސްއަވަހަށް ދާން ތެދުވުމާއެކު އަމާނީ ގޮވާލިއެވެ. އެހެނަސް މައުވާއަކަށް އަޑުއިވުނުކަމަކަށް ނުވިއެވެ. އިސްއޮބާލައިގެން ހުރެ ބާރު ފިޔަވަޅުތަކެއްގައި ގޮސް ސިޑިން ފޭބިއެވެ.

''މައުވާ...'' މައުވާމެންގެ އިންތިޒާރުގައި ތިރީގައި ހުރި އީލާފަށް މައުވާ ފެންނައިރަށް ގޮވާލިއެވެ. އެއަޑު މައުވާއަށް އިވުނު ކަމަކަށް ވެސް ނުވިއެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނިކުންނަމުން ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. ކާރުބާރު ބޮޑުވެފައިވާ މަގު ފެނި މުޅި މީހާއަށް ހާސްކަން ގެނުވައިފިއެވެ. ކަރުނަ ފޮހެލަމުން ދެފަޔަށް ލެވުނުހާ ބާރަކާއެކު އޭނަ ހިނގައިގަތް ވަގުތު މަގަށް ދޭންވާ ސަމާލުކަމެއް ވެސް ނުދެވުނެވެ.

އީލާފް މައުވާއަށް ގޮވަމުން ފަހަތުން ދިޔަކަމުގައި ވިޔަސް އޭނައަށް މައުވާއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނައަށް ޖެހުނީ ބަލި ޤަބޫލުކުރާށެވެ.

*****

''ދަރިފުޅާ ކޮބާތަ މައުވާ...'' ގޭގެ މައިދޮރުން އެތެރެއަށް ވަން ތޫބާ ފެނުމާއެކު ހައިރާންކަމާއެކު ދިޔާނާ އަހާލިއެވެ. ދިޔާނާގެ ސުވާލުން ތޫބާއަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ.

''ނާދޭތަ؟...'' ތޫބާ ދެލޯބޮޑުކޮށްލިއެވެ. މައުވާ ގެއަށް ނުގޮސް ދިޔައީ ކޮންތާކަށް ހެއްޔެވެ؟

''ތޫބާއާ އެކުގައެއްނު މައުވާ އަންނަނީ...''ދިޔާނާއަށް ސޯފާއިން ތެދުވެވުނެވެ. އޭރު އޭނަގެ ދެލޮލުގައިވަނީ ކަންބޮޑުވުމެވެ. ''އަނެއްކާ މައުވާ ބަހައްޓާފަތަ ތޫބާ ތިއައީ؟...''

''ނޫނޭ މަންމާ، މިއަދު އިވީ އަހަންނަށްވުރެ ކުރިން ނިކުތީމަ ހީކުރީ ވަރުބަލިވެފަ ހުރީމަ އަވަހަށް ގެއަށްދާން ބޭނުންވެގެން ޓެކްސީއެއްގަ ދިޔައީ ކަމަށް...'' ތޫބާ ވެސް ހާސްވީ ދެނެވެ.

''މަންމަ ބުނީމެއްނު މައުވާ އެކަނިކޮށްނުލާށޭ، ތޫބާއަށް މިހާރު މަންމަ ބުނާ ގޮތަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވޭ ވިއްޔާ!...... ނޭގޭ އެފަކީރު ވީތަނެއް ވެސް، މައުވާއަށް މާލޭގަ މަގުތައް ވެސް ރަގަޅަކަށް ނޭގޭ.... '' ދިޔާނާ ހީވީ ފުލުގައި ރޯވި ހެންނެވެ. އޭނަ ތޫބާއާއި ދިމާއަށް ހަޅޭއްލަވަމުން މައުވާ ވީތަނެއް ހޯދަން އަވަސްވެގަތެވެ. މައުވާއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާހިތާ ދުޢާކުރާ ހާލުގައެވެ.

ބުމަގޮށްޖަހާލަމުން ތޫބާއާ ދިމާއަށް ހަޅޭއްލަވަމުން ދިޔާނާ، އޭނަގެ ފޯނު ނަގަން ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ފޯނުގައި ހުރެ ތޫބާ ބުނެލި އެއްޗަކުން އޭނަގެ ދެފައި ބިމުގައި ތަތްލައިފިއެވެ.

ކޮމެންޓް 0